بسـم اللَّه الرّحـمٰـن الـرّحيـم


ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް.

السّلام عليكم

މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ޤާނޫނުއަސާސީ ލާޒިމު ކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން ހުށަހެޅުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މި މަޖިލީހަށް މި ސަރުކާރުން ހުށަހެޅި ފުރަތަމަ ރިޔާސީ ބަޔާން އަޅުގަނޑު ހުށަހެޅިއިރު، މި ސަރުކާރު އޮތީ ވަރަށް ޅަފަތުގައި. ފަހަރުގައި އެދުވަހު ބައެއް ބޭފުޅުން ހީފުޅުކުރައްވައި ތިއްބަވައިފާނެ، މި ސަރުކާރަށް، ސަރުކާރުގެ ޤާނޫނީ މުއްދަތަށް ދެމިނުއޮވެވިދާނެ ކަމަށް. އެހެންނަމަވެސް، ތަޤްދީރު ދިމާކޮށްފައި މިވަނީ، ތަދުބީރު ކުރެހި ޕްލޭނަށް.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން އެންމެން އެކުގައި ބިނާކޮށްފައިމިވާ ވާދަވެރި ސިޔާސީ ނިޒާމް، މި ރާއްޖޭގައި ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންމެ އެންމެ އެދޭނެގޮތް.

މި ނިޒާމުގެ ޠަބީޢަތުން ބޭރުން މިވެރިކަމަށް ލޮޅުމެއްގެނެސް، ލާހިކު ނޫން ބަދަލަކަށް އުންމީދު ކުރަނީނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން ޢަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަކަށް ނޫން. ވާދަވެރި ފަރާތްތަކަށްވެސްމެ. އަދި ހަމަ އަޅުގަނޑަށްވެސްމެ. އަޅުގަނޑު ނުދެކެން، މިއީ އަޅުގަނޑުމެން އެކަކުވެސް ކަންވުމަށް އެދޭނެގޮތް ކަމަކަށް. ބުއްދިވެރި ގޮތަކީ، އެފަދަ ޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ޤައުމީ ތަރަހަތައް ބިނާކުރުން.

އިންތިޚާބު މިއޮތީ 2013 ގައި. އެހާތަނަށް ހުރިހާ ޕާޓީތަކުން ތައްޔާރުވުމުގެ މުހިންމުކަން ކުޑަކަމަށް ދަންނަވަނީއެއް ނޫން. އެހެން ނަމަވެސް، ތައްޔާރުވުމަށްޓަކައި މިއަދު ކުރާން އޮތް ކަމަކީ، ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރުން ކަމަށް ދެކިއްޖެނަމަ، އެފަދަ ކަންކަމުގެ ދިފާޢުގައި ސަރުކާރާއި އަދި ކިތަންމެ ޕާޓީއެއް ނުކުންނާނީ ޖޯޝާއެކު. އެ ޖޯޝުގައި މުޑިނެގޭއިރު، ގެއްލުން ލިބޭނީ ހަމައެކަނި ވަކި ފަރުދުންނަކަށް ނޫން. މުޅި ސިޔާސީ ނިޒާމަށް. މިގެއްލުމަކީ އަޅުގަނޑުމެން އެކަކުވެސް އެދޭނެ ގެއްލުމެއް ނޫން. އެހެންކަމުން، މި ޢިއްޒަތްތެރި މަޖިލީހުގެ އެއްބާރުލެއްވުން މި ރާއްޖެއަށް ބޭނުންވާލެއް ބޮޑުކަން އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހަށް މިއަދު ފާހަގަކޮށްލަން ބޭނުން.

ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ހަތަރު ފަސް ސިޔާސީ ޕާޓީގެ އިސްވެރިން މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ. އެބޭފުޅުންގެ ހެޔޮ ވިސްނުންފުޅާއި މަޝްވަރާއާއި ބައިވެރިވެވަޑައިގަތުން ސާފު ސާދާ ގޮތުގައި ދައުލަތުގެ ކަންކަމުގެ އެންމެ ކުރީ ސަފުގައި ޙިއްޞާކޮށްދެއްވާނެކަމާމެދަކު އަޅުގަނޑު ދެބަހެއްނުވާނަން.

ޢިއްޒަތްތެރި ރައީސް:

މިދެންނެވި ސިޔާސީ އެކުވެރިކަން ޙާޞިލު ކުރުމަށްޓަކައި މި ސަރުކާރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. މިކަމުގައި އަޅުގަނޑުމެންގެ ފަރާތުން ބޭނުންފުޅުވާ އެއްބާރުލުމެއްވާނަމަ، އެ އެއްބާރުލުންދީ އަދި އެއްކައިރިވާންޖެހޭ ކަމެއްވާނަމަ، މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރުމަށްޓަކައި އިރާދަފުޅާއެކު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަރުވަން.

ޢިއްޒަތްތެރި ރައީސް:

މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚިދްމަތްތައް ފޯރުކޮށްދީ ޖަވާބުދާރީވުމަށް މި ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމުގައި. އައު ސަރުކާރަށް އަހަރަކާއި ހަތަރުމަސް ހަމަވަމުންދާއިރު، މިކަމުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

2008 ވަނަ އަހަރުގެ ޑިސެމްބަރުމަހު، 16ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ބަޖެޓް ހުށަހެޅުނުއިރު، 2009 ވަނަ އަހަރު ޑެފިސިޓްވާނެ ކަމަށް ލަފާކުރެވިފައި އޮތީ 5.7 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، މާޗްމަހު މެދުރާސްތާ ބަޖެޓް ހުށަހެޅުނުއިރު، ޑެފިސިޓް 2.2 ބިލިއަން ރުފިޔާއަށްވަނީ ދަށްކުރެވިފައި. ނަމަވެސް، 2009 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ހީނަރުކަމުގެ އަސަރު ރާއްޖެއަށް ފޯރައި، އެކަމުގެ ސަބަބުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ އާމްދަނީ 10.2 ބިލިއަން ރުފިޔާއިން އަހަރު ނިމުނުއިރު ވަނީ 6.2 ބިލިއަން ރުފިޔާއަށް ދަށްވެފައި. އެހެން ނަމަވެސް، 2009 ވަނަ އަހަރު ނިމުނުއިރު، ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތާއެކު އަހަރު ނިންމާލެވުނީ، 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކު.

2009 ވަނަ އަހަރު ބޭރުގެ މާލީ އިދާރާތަކަށާއި، ބޭންކުތަކަށް ދަރާފައިވާ ސަރުކާރުގެ ޖުމްލަ ދަރަނި މިހުރީ، 553.8 މިލިއަން ޑޮލަރުގައި. އެއީ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީގެ ނިސްބަތުން 37.6 ޕަސެންޓް. 2009 ވަނަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި އޮތީ، 5.41 ބިލިއަން ރުފިޔާ.

2008 ވަނަ އަހަރު ސަރުކާރުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި ލަފާކުރެވިފައި އޮތީ 8.7 ބިލިއަން ރުފިޔާ. 2009 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓުގައި ރިކަރެންޓް ޚަރަދުގެ ގޮތުގައި ލަފާކުރެވިފައި އޮތީ 8.6 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، 2009 ވަނަ އަހަރު ނިމުނުއިރު، އެ ޢަދަދުވަނީ 7.9 ބިލިއަން ރުފިޔާގައި. ސަރުކާރުގެ ޚަރަދު މިވަނީ ވަރަށްބޮޑުތަނުން ދަށްކުރެވިފައި. މިހިނގާ 2010 ވަނަ އަހަރަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ، 8.3 ބިލިއަން ރުފިޔާ. އެނގިވަޑައިގަންނަވާނެ، މި ޢިއްޒަތްތެރި މަޖިލީހުން އެ ޢަދަދުގެ ގޮތުގައި ލަފާދެއްވާފައިވަނީ، 9.1 ބިލިއަން ރުފިޔާ.

ޢިއްޒަތްތެރި ރައީސް:

މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ، މި ރާއްޖެއަށް މެދުވެރިވެފައިމިވާ ޑޮލަރުގެ ދަތިކަމަށް ޙައްލުތައް ހޯދުމަށް އަޅުގަނޑުމެން، މި ސަރުކާރުން އިރާދަފުޅާއެކު ކެނޑިނޭޅި މަސައްކަތް ކުރާނެކަން.

އުފަލާއެކު މިއަދު އަޅުގަނޑު ދަންނަވާލަން، މިކަމުގައި ފާއިތުވި އަހަރު ސަރުކާރަށްވަނީ މުހިންމު ފިޔަވަޅުތަކެއް އެޅިފައި. މިގޮތުން، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ހޯދައި، އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދެއްވަމުން ގެންދަވާ ލަފާ، ސަރުކާރުންވަނީ އޭގެ ފުރިހަމަ މާނައިގައި ބަލައިގަނެ، ތަންފީޒު ކުރަން ފަށާފައި. މިކަމުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ވަނީ ފެންނާން ފަށާފައި. ޑޮލަރުގެ އަގު މަތިވަމުންދާ ނިސްބަތް މިހާރުވަނީ ހުއްޓުމަކަށް ގެނެވިފައި. ހަމައެއާއެކު، މިއަހަރުގެ މެދެއްހާ ތަނުގައި ޑޮލަރުގެ ދަތިކަންފިލައި، ހަމައަގަށް ގެނެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރަން.

ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު މިދަންނަވާލި، މާލީ އިދާރާތަކުން ދެއްވާ ލަފާ، ސަރުކާރުން ބަލައިގަތުމުގެ މުހިންމު އެއްބައި ގުޅިފައިވަނީ، ސަރުކާރު މުވައްޒަފުންގެ މުސާރައިގެ ޖުމްލަ ޚަރަދު ކުޑަކުރުމާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކުރެވެންހުރި މަސައްކަތްތައްވެސް ކުރުމަށް. ޤައުމަށް ދިމާވެފައިވާ މާލީ ޚާއްޞަ ޙާލަތުން މިންޖުވުމަށްޓަކައި ސަރުކާރުން ކަނޑައެޅި ސިޔާސަތުތައް މިހާރުވަނީ ޢާންމު ކުރެވިފައި. އެކިފަހަރުމަތިން ސިވިލް ސަރވިސް ކޮމިޝަނަށްވެސް މިކަންވަނީ އޮޅުންފިލުވައިދެވިފައި. ޤައުމަށް ދިމާވާ މިފަދަ ޚާއްޞަ ކަންކަމުގައި ޤައުމީ ނަޒަރަކުން ވިސްނާލުމަކީ، ފަރުދީ ޒިންމާއެއް، އެކަމުގައިވެސް އޮންނަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ސަރުކާރުގެ މުވައްޒަފުންނާއި ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ މުވައްޒަފުން، މުސާރައަށް ގެނެވުނު ބަދަލު، ކެތްތެރިކަމާއެކު ބަލައިގަންނަވަމުން ގެންދަވާކަން މި ފުރުޞަތުގައި އަޅުގަނޑު މިފާހަގަކުރަނީ އުފަލާއެކު. އެބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ރާއްޖެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ޚާއްޞަ ޙާލަތުން މިންޖުވުމަށްޓަކައި ސަރުކާރުން ކަނޑައެޅި ސިޔާސަތުތައް، ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރައްވައި، މަޑުމައިތިރިކަމާއެކު ތަންފީޒުކޮށްދެއްވުމަށް އަޅުގަނޑު ނުހަނު އިލްތިމާސް ކުރަން. ސަރުކާރުގެ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮބަދަލުތައް ގެނައުމަށްޓަކައި އިރާދަފުޅާއެކު، ވަރަށްބުރަ މަސައްކަތްތަކެއް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގައި މި ޢިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު ކަށަވަރުކޮށް ދަންނަވަން.

މި ރާއްޖޭގައި ދައުލަތުގެ އާމްދަނީ ހަމަޖެއްސުމަށްޓަކައި ނެގެމުން އަންނަ ޓެކްސް، ގިނަފަހަރަށް ނެގިފައި މި ހުންނަނީ، ނުސީދާކޮށް ނުވަތަ އިންޑައިރެކްޓް ޓެކްސްގެ ގޮތުގައި. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ހަމަތަކުގައި ހިންގާ ފުރިހަމަ މާލިއްޔަތަކާއި އަދި އިޤްތިޞާދެއް ހިންގާން މިވަނީ ދަތިވެފައި. މި ނުކުތާއަކީ މި ޢިއްޒަތްތެރި މަޖިލިސްވެސް ތަކުރާރުކޮށް ފާހަގަކުރަމުން އަންނަ ނުކުތާއެއް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޓެކްސްގެ ނިޒާމް އިޞްލާޙު ކުރުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުންވާނީ މުހިންމު ދެބިލެއް މި މަޖިލީހަށް ހުށަހަޅާފައި. އެއީ، ޓެކްސްގެ ނިޒާމާގުޅޭ އިދާރީ ކަންކަން ހިންގުމަށްޓަކައި އެކުލަވާލެވުނު ބިލަކާއި، އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމަށް ހުށަހެޅުނު ބިލެއް. މި ދެ ބިލްވެސް، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި، މި މަޖިލީހުން ނިންމަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މި ދެންނެވި ދެ ބިލުގެ އިތުރުން، ފަތުރުވެރިކަމުން ނެގޭ ޓެކްސް އިޞްލާޙު ކުރުމަށްޓަކައި "ޓޫރިސްޓް ޚިދްމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް" މިހާރުވަނީ މި މަޖިލީހަށް ހުށަހެޅިފައި. އަދި "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 99/2 އަށް ގެނެވޭ އިޞްލާޙުގެ ބިލް މި މަޖިލީހަށް ހުށަހެޅޭނެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި ދޭ ޚިދްމަތާއި ވިއްކާ ތަކެތީގެ އަގުން ނެގޭ ޓެކްސް، މިހާރު މި ހުށަހަޅާ ގޮތަށް ނެގެން ފެށުމާ އެކުގައި، މިހާރު މި ނެގޭ ރަށުކުލީގެ ގޮތުގައި ނެގޭ ފައިސާ ނެގޭ ގޮތަށް އަދި ނެގޭ މިންވަރަށް ބަދަލު އަންނާނެ. އަދި މިހާރު ރަށްރަށް ކުއްޔަށް ދޫކުރެވޭ މުއްދަތަށް ބަދަލު އަންނާނެ.

ސަރުކާރުން މި ހުށަހަޅާ މައިގަނޑު ބަދަލުތައް ހުށަހަޅާފައި އެވަނީ، ކަމާގުޅޭ އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފާ ހޯދުމަށްފަހުގައި. ސަރުކާރުން ދެކެނީ، މި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ޞިނާޢަތަށް ނުހަނު ހެޔޮ ބަދަލު އަންނާނެ ކަމަށް.

ޢިއްޒަތްތެރި ރައީސް:

މި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ފައިސާގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ކުރެވިގެން، ލޯން ދޫކުރާނެ ޚާއްޞަ ބޭންކެއް ޤާއިމުކުރުމުގެ ބިޒްނަސް ޕްލޭންގެ މައްޗަށް ބިނާކޮށް، 2010ގެ މެދުތެރޭގައި މިފަދަ ބޭންކެއް ޤާއިމުކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ފެށިފައި. ހަމައެއާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން 18.8 މިލިއަން ރުފިޔާގެ ފަންޑަކުން ލުއި ލޯނު ދޫކުރުމުގެ މަޝްރޫޢު، އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ހިންގަވާފައި. އަޅުގަނޑު ވަރަށް އުފާކުރަން، މި ދެންނެވި ސްކީމްގެ ދަށުން ލޯން ޙައްޤުވާ ފަރާތްތަކުގެ ތެރޭގައި ސައްތައަކުން 41 ޙިއްޞާ ކުރަނީ އަންހެނުން ކަމަށްވާތީ. އިތުރު ލޯން ސްކީމަކުން، 2009 ވަނަ އަހަރަށްވުރެ އިތުރު ލޯންތައް، އަދި 2010 ވަނަ އަހަރު ދޫކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްވަވާފައި.

އިންވެސްޓްމެންޓާއި ވިޔަފާރި ފުޅާކޮށް، އެކްސްޕޯޓު ކުރުމަށް ފަހިވާފަދަ ވިޔަފާރީގެ މާޙައުލެއް އުފެއްދުމުގެ ގޮތުން، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ގިނަގުނަ މަސައްކަތްތަކެއް މިދަނީ ކުރެވެމުން. 2009 ވަނަ އަހަރުގެ ތެރޭގައި، ބޭރުގެ ޖުމްލަ 18 އިންވެސްޓްމަންޓަށް ހުއްދަ ދެވި، މީގެތެރެއިން 11 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކުރެވިފައިވޭ. 2009 ވަނަ އަހަރުގައި ރަޖިސްޓަރީ ކުރެވުނު ފޮރިން އިންވެސްޓްމަންޓް ވެލިއުގެ ޖުމްލަ އަދަދަކީ، 22 މިލިއަން ޔޫ.އެސް ޑޮލަރު.

ޢިއްޒަތްތެރި ރައީސް.

2009 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު ތަރައްޤީ ކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، އިތުބާރު ކުރެވޭ ސްކޫލް އިންޑިކޭޓަރސް ތައްޔާރުކޮށް، ސްކޫލްތަކުގެ ފެންވަރު ވަޒަން ކުރާނެ އައު އުޞޫލެއްވަނީ އެކުލަވާލެވިފައި. 101 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭން ވަނީ ފެށިފައި. އަދި 1817 ޓީޗަރުންނަށް ފަންނީ ހުނަރު ދެވި ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި. ސްކޫލްތަކުގައި ބޯޑުތައް އުފައްދައި، ރައްޔިތުންގެ ސީދާ ޙިއްޞާ އޮވެގެން ސްކޫލްތައް ހިންގަންވަނީ ފަށާފައި. ތަޢުލީމުގެ ފެންވަރު މަތިކުރުމަށް 2009 ގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ގްރޭޑް 10 ނިމިގެން ނުކުންނަ ދަރިވަރުން 5 މާއްދާއިން ފާސްވާ މިންވަރު، އޯ ލެވެލްގެ 5 މާއްދާއިން ފާސްވާ މިންވަރު، ބައިވެރިވި ކުދިންގެ 27 އިންސައްތައިން 32 އިންސައްތައަށް މިހާރުވަނީ މަތިކުރެވިފައި.

2010 ވަނަ އަހަރުގެ އެންމެބޮޑު އަމާޒަކީ ސްކޫލް ނިންމާފައި ނުކުންނަ ކުދިން 5 މާއްދާއިން ފާސްވާ މިންވަރު މިދެންނެވި 32 އިންސައްތައިން 41 އިންސައްތައަށް މަތިކުރުމާއި، މިހާތަނަށް ގިނަ ޢަދަދަކަށް ދަރިވަރުންނަށް ލިބެމުންދިޔަ U ގްރޭޑްތައް 5 އިންސައްތައަށް މަދުކުރުމަށް ސަރުކާރުން މިއަހަރުގެ ތެރޭގައި މަސައްކަތް ކުރާނެ. އަދި ދަރިވަރުންގެ އާބާދީ ބޮޑު ސްކޫލްތައް، އެއްދަންފަޅިއަށް ބަދަލުކުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސަރުކާރުން ކުރިއަށްދާނެ.

މާލީ ސަބަބުތަކާ ގުޅިގެން ކޯސް ފުރިހަމަ ކުރުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ލޯނު ލިބިދެވޭ އުޞޫލަކާއި، އަމިއްލަ ގޮތުން ކިޔަވާ ދަރިވަރުންނަށް، އެކޮމޮޑޭޝަން އެލަވަންސް ލޯނުގެ ގޮތުގައި ދެވޭ އެހީތެރިކަމުގައި، މައިގަނޑު ތިން ލޯނު ސްކީމެއް ސަރުކާރުންވަނީ މިދިޔަ އަހަރު ހިންގާފައި.

ޢިއްޒަތްތެރި ރައީސް:

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމުގެ ގޮތުން، މަދަނައިގެ ޚިދްމަތް އެތައް ގޮތަކުން ފުޅާކޮށް، ސަރުކާރު މުވައްޒަފުންގެ އިތުރުން ކޮންމެ ރައްޔިތުމީހަކަށްވެސް މި ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި. މީގެތެރެއިން، ފުއްދުންތެރިކަން ކުޑަ މީހުން، މި ސްކީމްގައި ބައިވެރިކުރުވަނީ ސީދާ ސަރުކާރުގެ އެހީ ދީގެން. މީގެއިތުރުން، ރާއްޖެއިން ލިބެން ނުހުންނަ ޚާއްޞަ ފަރުވާތައް ލިބުމުގެ މަގު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި، މަދަނަ ޕްލަސް ތަޢާރުފުކޮށް، ސްރީލަންކާއާއި އިންޑިޔާއިން ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ދިވެހިންނަށް ވަނީ ތަނަވަސްކޮށްދީފައި. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނަށް، މިހާރު ކޮންމެވެސް އިންޝުއަރެންސް ސްކީމަކުން ބޭސްފަރުވާގެ ޚަރަދުވަނީ ހަމަޖެއްސިފައި.

2009 ވަނަ އަހަރުގެ ތެރޭގައި، މަދަނައިގެ ޚިދްމަތް ވަނީ 29000 އަށްވުރެ ގިނަ މީހުންނަށް ދެވިފައި. އެއީ، އެއަހަރު ކޮށްދެވުނު 78 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޭސްފަރުވާ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޚިދްމަތްތައް ފުޅާކޮށް، އެތަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، އިންޑިޔާގެ އެޕޯލޯ ގްރޫޕާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި. މި އެއްބަސްވުމުގެ ދަށުން، އެ ހޮސްޕިޓަލަށް އިތުރު 20 މިލިއަން ޑޮލަރާ ހަމައަށް އިންވެސްޓް ކުރުމަށްވަނީ އެއްބަސްވެފައި. މި އިންވެސްޓްމަންޓްގެ ތެރޭގައި، ހޮސްޕިޓަލްގެ ޢުމްރާނީ ކަންކަމާއި، މެޝިނަރީއާއި އަދި ކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުން ހިމެނޭ.

ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި ކާރިސާތަކާއި ޞިއްޙީ އިމަރޖެންސީތަކުގައި ޙަރަކާތްތެރިވުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހި ރެޑް ކްރެސެންޓް ވަނީ ޤާނޫނީ ގޮތުން އުފެދިފައި.

އަބޫދާބީގެ ޚަލީފާ ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން، ރާއްޖޭގެ 38 ރަށެއްގެ ހެލްތް ސެންޓަރު، މަތީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ތެރޭގައި ފެށޭނެ. މިމަސައްކަތާ އެކުގައި ރާއްޖޭގެ ވަރަށްގިނަ ރަށެއްގެ ހެލްތް ސެންޓަރުތައް، މިހާރު މިހުރި ހޮސްޕިޓަލްތަކަށްވުރެ ފެންވަރު ރަނގަޅު ވެގެންދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ފަހުންވެސް އެތަންތަނަށް ކިޔާނީ ހަމަ ހެލްތް ސެންޓަރު. އެތަންތަނަށް ކިޔަން ޤަޞްދުކޮށްފައިވަނީ، ހަމަ ކުރީގައިވެސް އަޅުގަނޑުމެން އެތަންތަނަށް ކިޔާ ނަން، ހެލްތް ސެންޓަރު.

މިއަހަރުގެ ތެރޭގައި މާލެއާއި އަދި ހުރިހާ ޕްރޮވިންސްތަކެއްގައި، ހެލްތް ސަރވިސް ކޯޕަރޭޝަންތައް އުފައްދައި، އިތުރު ހޮސްޕިޓަލްތައް، އަމިއްލަ ފަރާތްތަކާ ސަރުކާރު ބައިވެރިވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ޕީ.ޕީ.ޕީ.ގެ އުސޫލުން އަމިއްލަ ފަރާތްތަކުން ހިންގުމަށް ފުރުޞަތު ހުޅުވާލެވޭނެ.

އަދި ޞިއްޙީ ވުޒާރާގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި، ޕްރޮވިންސްތަކުގެ ހެލްތް އެންޑް ފެމިލީ ޑައިރެކްޓަރޭޓްތައް އުފައްދައި، މި ޕްރޮވިންސް އޮފީސްތަކާ އެމިނިސްޓްރީއާއެކު އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ.

ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޞިއްޙީ ޚިދްމަތްތައް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށްޓަކައި، ހެލްތް އިންޝުއަރެންސާބެހޭ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ އިތުރުން، ޢާންމު ޞިއްޙަތާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ހަދަންޖެހޭ ތަފާތު ޤާނޫނުތައް އެކުލަވާލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށްވަނީ ކަނޑައެޅިފައި.

ޢިއްޒަތްތެރި ރައީސް:

ހައްޔަރު ކުރެވި، ތަޙުޤީޤު ކުރެވި، ޝަރީޢަތުގެ މަރްޙަލާއަށްދާން ތިބި މީހުންނާ ދަޢުވާ ނުކުރެވި، އިންޞާފު ލިބުން ލަސްވަމުންދާ ކަންތައްތަކަކީ، މި ސަރުކާރުން މިންނެތް މަސައްކަތްކޮށްގެން، އިރާދަކުރެއްވިއްޔާ ހަމަ މަގަށް އަޅުވައިދޭނެ ކަންތައްތައް ކަމުގައި އަޅުގަނޑު މިދިޔަ އަހަރު ވާނީ ދަންނަވާފައި. މިގޮތުން، މިދިޔަ އަހަރު، ޙުކުމް އިއްވި، ޙުކުމް ކުރެވުނު މީހުންގެ އަދަދު ވަނީ 2008 ވަނަ އަހަރާ އަޅާބަލާއިރު 69.7 އިންސައްތަ އިތުރުވެފައި. ދަޢުވާ ކުރަން ފޮނުވުނު މައްސަލަތަކުގައި ހިމެނޭ މީހުންގެ ޢަދަދުވަނީ 88.2 އިންސައްތަ އިތުރުވެފައި.

ޢިއްޒަތްތެރި ރައީސް:

މަސްތުވާތަކެއްޗަށް ހުޅުވުނު ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުންވަނީ ވަރަށް އެދެވޭ ނަތީޖާތަކެއް ޙާޞިލު ކުރެވިފައި. މިގޮތުން، އަލަށް މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރު ކުރެވުނު މީހުންގެ ޢަދަދު، 2008 އާ އަޅާބަލާއިރު 2009 ވަނަ އަހަރުވަނީ 41.14 ޕަސެންޓް ދަށްވެފައި.

ދިވެހި އެތަކެއް ޢާއިލާތަކުން އެކަމެއްގެ ހިތިކަމާ ހިތާމަތައް ތަޙައްމަލް ކުރަމުންދާ މި ބޮޑު ވަބާއިން ދިވެހިން މިންޖު ކުރުމަށް، އެކިބާވަތުގެ ބާރުގަދަ ޑްރަގްސް އިސްތިޢުމާލު ކުރުމަށް އެހިފާ ވަރުގަދަ ދެވިން ޒުވާން ޖީލުތައް ސަލާމަތްކުރުމަށް، އިހުނަށްވުރެ ވަރުގަދަ ގިނަ މަސައްކަތްތަކެއް މިއަހަރުވެސް ކުރުންމަތީ، މި ސަރުކާރު އިރާދަފުޅާއެކީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އަރުވަން.

ޢިއްޒަތްތެރި ރައީސް:

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް، މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގައި މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ ފަސް ވަޢުދުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދު. މިގޮތުން، ރާއްޖޭގައި ދިހަހާސް ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމުގެ މަޝްރޫޢެއް އެކުލަވާލައި، މީގެތެރެއިން ހަތްހާސް ހައުސިންގ ޔުނިޓް، 7 ޕްރޮވިންސްގައި ޢިމާރާތް ކުރުމަށް، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު 2008 ވަނަ އަހަރުގެ ތެރޭގައި ކަނޑައެޅުނު.

ރާއްޖޭގެ ކޮންމެ ޕްރޮވިންސެއްގައި 1000 ގެ ޢިމާރާތް ކުރުމަށް ކަނޑައެޅިފައިވާ މިޕްރޮޖެކްޓް ހިންގުމަށް، މާލެއާއި އަތޮޅުތަކުން ކިތަންމެ ރަށެއް ވަނީ ކަނޑައެޅިފައި. އަދި މި މަޝްރޫޢު ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށްޓަކައި 18 މާޗް 2009 ގައި ހުޅުވާލުމާ ގުޅިގެން، މިދިޔަ އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ 3 ކުންފުންޏަކުންވަނީ ސަރުކާރާއެކު މަޝްވަރާ ފަށާފައި. އެއީ، އިންޑިޔާގެ ދެކުންފުންޏާއި ތައިލަންޑް ކުންފުންޏެއް. މި ތިން ކުންފުނި މެދުވެރިކޮށް، 4000 ހައުސިންގ ޔުނިޓް ބިނާކުރެވޭނެ. މީގެތެރެއިން، މިއަހަރު ތެރޭގައި 800 ހައުސިންގ ޔުނިޓް ޢިމާރާތް ކުރެވޭނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ލަފާކުރަން.

ސުނާމީގައި ގެއްލުންވެފައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި ހިންގޭ ޕްރޮގްރާމްތަކުގެ ދަށުން، ތ.ވިލުފުށީގައި 309 ގެ ޢިމާރާތްކޮށް ނިމި، މީހުން ބަދަލުވެ، އެރަށުގައި މީހުން ދިރިއުޅެން ވަނީ ފަށާފައި. ލ.ގަމުގައި 240 ގެ ވަނީ ޢިމާރާތްކޮށް ނިމިފައި. މ.ކޮޅުފުށީގައި ޢިމާރާތް ކުރެވޭ ގެތަކުގެ ޓެންޑަރ މަސައްކަތް މިހާރުދަނީ ކުރެވެމުން. ތ. މަޑިފުށީގައި ގެދޮރު ޢިމާރާތް ކުރުމަށް ކަނޑައެޅި މަސައްކަތްވަނީ ފަށާފައި. ލ.މާބައިދޫގައި 45 ގޭގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، މިހާރުދަނީ ކުރެވެމުން. ގއ. ވިލިނގިލި، ނިލަންދޫ، މާމެންދޫ، ދާންދޫގައި 298 ގޭގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން.

ރީލޮކޭޝަން ޕްރޮގްރާމްގެ ދަށުން، ނޮޅިވަރަމްފަރުގައި 134 ގޭގެ މަސައްކަތުގެ ސައްތައަކުން 78 ވަނީ ނިމިފައި. އަދި 47 ގޭގެ މަސައްކަތް ދަނީ ކުރިއަށް. ދ. ރިނބުދޫން ބަދަލުވި މީހުންނަށް، ކ.ތުލުސްދޫގައި ޢިމާރާތް ކުރެވޭ 59 ގޭގެ މަސައްކަތް މިހާރުވަނީ ނިމިފައި. ގއ.ގެމަނަފުށީގައި 27 ގޭގެ މަސައްކަތް މިހާރު ދަނީ ނިމެމުން.

ޢިއްޒަތްތެރި ރައީސް:

ދިވެހިރާއްޖޭގައި އިލެކްޓްރިކް ކަރަންޓް އުފެއްދުމަށް ހޭދަވާ ޚަރަދު ކުޑަކުރުމަށާއި، އިންޖީނުގެތަކަށް ލިބޭ އާމްދަނީއަކުން އެތަންތަން ހިންގުމަށް ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައި. މިގޮތުން މިދިޔަ އަހަރު ސްޓެލްކޯ ވަނީ ވިޔަފާރީގެ އުސޫލުން ހިންގާ ކުންފުންޏަކަށް ބަދަލުކޮށްފައި. ވިޔަފާރި އުސޫލުން މައި އިންޖީނުގެ ހިންގަން ފެށުމުން ދިރިއުޅުމުގެ ފެންވަރަށް ބަދަލު އައިސް، ކުރިއަށްވުރެ ދަތިޙާލުގައި އުޅެން ޖެހިދާނެ ފަރާތްތަކަށް ސަރުކާރުން މިދަނީ ހިލޭ އެހީދެމުން. ސީދާ އެހީ އެފަރާތްތަކަށް ދަނީ ފޯރުކޮށްދެވެމުން.

މުސްތަޤްބަލުގައި ކަރަންޓުގެ އަގު ޢާންމު ފަރުދުންނަށް ކުޑަކޮށްދިނުމުގެ ގޮތުން އެހެނިހެން މަޝްރޫޢުތައް ދަނީ ރޭވެމުން. މިގޮތުން 75 މެގަވޮޓްގެ ވިންޑް އެނަރޖީ މަޝްރޫޢެއް ޤާއިމް ކުރުމަށް، ސްޓެލްކޯއިން މިދިޔަ ނޮވެމްބަރުމަހު ބޭރުގެ ކުންފުންޏަކާއެކު ސޮއިކޮށް ސާރވޭގެ މަސައްކަތްތައް ވަނީ ފެށިފައި. އަދި ހަމަ އަޕަރ ސައުތު ޔުޓިލިޓީސްއިން ދެ އިންވެސްޓަރަކާއެކު އަޖުމަ ބެލުމުގެ މަސައްކަތްތަކެއް މިހާރު ކުރިއަށް އެބަގެންދޭ. ސަދަން ޔުޓިލިޓީސް ލިމިޓެޑުން އިންޑިޔާގެ ސުޒްލޯން ކުންފުންޏާއެކު، 25 މެގަވޮޓްގެ ވިންޑް އެނަރޖީ މަޝްރޫޢެއް ފެށުމަށް މިދިޔަ ނޮވެމްބަރުމަހު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށް އަދި މައިކްރޯ ސައިޓިންގގެ މަސައްކަތް މިހާރުވަނީ ފަށާފައި. މި ދެމަޝްރޫޢުގެ އިތުރުންވެސް، މިއަހަރުގެ ތެރޭގައި ކަރަންޓް އުފެއްދުމުގެ މިފަދަ އިތުރު މަޝްރޫޢެއް ހިންގިދާނެ ކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ލަފާކުރެވޭ.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރައްޔިތުންނަށް ފެނާއި، ނަރުދަމާއާއި، ބަނދަރާއި، ފުރިހަމަ ކަރަންޓާއި އަދި މަގުތައް ހެދުންފަދަ އަސާސީ ޚިދުމަތްތައް ބޭނުންވެފައިވާ ކަމަށާއި، މި ޚިދުމަތްތައް ދެމެހެއްޓެނިވި ލުއިގޮތެއްގައި ވިޔަފާރީގެ އުސޫލުން ފޯރުކޮށްދޭނެކަމަށް، އަޅުގަނޑު ވާނީ މިދިޔަ އަހަރު ދަންނަވާފައި.

ނަރުދަމާ ނިޒާމު، އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން 13 ރަށެއްގައިވަނީ ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިފައި. މި 13 ރަށުގެ ތެރެއިން 6 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިފައިވަނީ ނޮވެމްބަރު 2008ގެ ފަހުން. 11 ރަށެއްގައި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ހިނގަމުން. ދެރަށެއްގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބިޑް ކުރުމުގެ މަރްޙަލާ ވަނީ ފެށިފައި.

27 ރަށުގެ ޑިޒައިން މަސައްކަތް ނިމި، ނަރުދަމާ ޤާއިމުކުރަން ބިޑް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ އިޢްލާނު ކުރެވިފައި. 10 ރަށުގެ ޑިޒައިން އެންޑް ބިލްޑް ނަރުދަމާ ނިޒާމާއި އަދި 10 ރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ އިޢްލާނު ކުރެވިފައި. އަދި ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި ބޯފެނުގެ ޚިދްމަތް ދިނުމަށް އެމް.ޑަބްލިޔޫ.އެސް.ސީ. އާ ވަނީ ޙަވާލުކުރެވިފައި.

2009 ވަނަ އަހަރު 20 ރަށުގެ ބަނދަރުގެ މަސައްކަތްވަނީ ނިމިފައި. 22 ރަށުގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުން. އަދި 4 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ވަނީ ސޮއި ކުރެވިފައި. މީގެއިތުރުން، ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ދެރަށް ކަމަށްވާ މ.މަޑުއްވަރީއާއި ނާލާފުށީގެ އަތިރިމަތި ވަނީ ވެލިން މުއްސަނދި ކުރެވި ވަރުގަދަކުރެވިފައި.

ރާއްޖޭގެ ރައްޔިތުން އުންމީދު ކުރަމުން އަންނަ ހާސްކަމެއް ނެތް ދިރިއުޅުން ބިނާވެގެންވަނީ، އެނގިވަޑައިގަންނަވާނެ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ސަރަޙައްދުތައް ހިންގުމުގެ އެންމެހާ ކަންކަން ފުރިހަމަވެގެން ކަމުގައި މި ޢިއްޒަތްތެރި މަޖިލިހާ މުޚާޠަބުކޮށް، މިދިޔަ އަހަރު އަޅުގަނޑު ދަންނަވާފައިވާނެ. މިއަދު އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަނީ، މި އަމާޒުތައް ޙާޞިލު ކުރުމަށް، ފާއިތުވި އަހަރު ސަރުކާރުން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި.

ލާމަރްކަޒީ އުސޫލުން ސަރުކާރު ހިންގުން ބައްޓަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އުވާލައި، އެމިނިސްޓްރީއިން ކުރަމުން އައި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަން ބަދަލުކޮށްފައި. އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ބަދަލު ކުރެވުނު މަސައްކަތްތައް ވަނީ ރާއްޖޭގެ 7 ސަރަޙައްދަށް ކަނޑައެޅި ސްޓޭޓް މިނިސްޓަރުންގެ ބެއްލެވުމުގެ ދަށަށް ބަހާލެވިފައި.

ޕްރޮވިންސް އޮފީސްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ މަގާމު، އެބޭފުޅަކު ހުންނެވި ޕްރޮވިންސަކާ ގުޅޭގޮތަށް މިއަހަރު ޖަނަވަރީމަހު ވަނީ ހަމަޖައްސާފައި.
އެމް.އެން.ޑީ.އެފް.ގެ ތަފާތު 3 ސަރަޙައްދެއް ކަނޑައަޅައި، އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ސިފައިން، އެ ސަރަޙައްދުތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރުމުގެ މަސައްކަތްވަނީ ފާއިތުވި އަހަރު ކުރެވިފައި.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޕްރޮވިންސް އޮފީސްތަކާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް މަސައްކަތްތައް، އެއްބަސްވެވޭ އުޞޫލުން ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުންނާ ހަވާލުކުރުމަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި ޕްރޮވިންސްތަކުގެ ސްޓޭޓް މިނިސްޓަރުންނާ ދެމެދު މިއަހަރުގެ ޖަނަވަރީމަހުވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައި.

މި ރާއްޖޭގެ 7 ޕްރޮވިންސްގައި ޔުޓިލިޓީސް ބޯޑުތައް މިހާރުވަނީ އުފައްދާފައި. ޝަރީޢަތުގެ މަރްޙަލާ އަވަސް ކުރުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެސްކުތައް ރާއްޖެތެރޭގައި ޤާއިމްކުރެވިފައިވޭ. މިގޮތުން ސ. ހިތަދޫގައި، ހދ. ކުޅުދުއްފުށީގައި، ގދ. ތިނަދޫގައި، ގއ. ވިލިނގިލީގައި އަދި ފުވައްމުލަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތް މިހާރުވަނީ ފެށިފައި.

ފާއިތުވީ އަހަރު މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުނު "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު"، ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު ބައެއް އިޞްލާޙް ހިމެނުމަށްފަހު، މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން އަލުން ހުށަހަޅާނެ ވާހަކަ މި ދަންނަވާލަނީ، ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ހެޔޮ ވިސްނެވުމާއި ތާއީދަށް އެދި އަޅުގަނޑު އިލްތިމާސްކުރާ ހާލުގައި.

ކުރިންވެސް ދަންނަވާލި ފަދައިން، މި ޢިއްޒަތްތެރި މަޖިލީހުގެ އެއްބާރުލެއްވުން ސަރުކާރަށް މިވަނީ، ދިވެހި ދައުލަތަށް މިވަނީ، މި މުޅި އުންމަތަށް މިވަނީ ނުހަނު ބޭނުންވެފައި. ސަރުކާރުން އެދެނީ، ހުރިހާ ސިޔާސީ ޕާޓީއަކާ އެކުގައި ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ކަންކަން ޙައްލު ކުރުމުގެ އުޞޫލު އިސްކުރުން. މިވަގުތު އަޅުގަނޑުމެންނަށް މި ރާއްޖޭގައި މިއޮތީ ވަރަށްގިނަ ކަންތައްތަކެއް ކުރާން ފަށަން ޖެހިފައި. ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، އެތަކެއް މަޝްރޫޢުތަކެއް މިއޮތީ ފެށްޓޭގޮތަށް. މި ޢިއްޒަތްތެރި މަޖިލީހުގައި ތިއްބެވި ތަފާތު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ މެދުގައި ކަންކަމާމެދު ވާހަކަ ދެކެވި ޙައްލު ކުރެވޭނެ އޮނިގަނޑެއް އެކުލަވާލެވިއްޖެނަމަ، އެއީ ރައްޔިތުންނަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، މި ޢިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު އެދެނީ، ޚިޔާލުފުޅު ތަފާތުވެވަޑައިގަންނަވާ މެންބަރުން ސަރުކާރާ ވާހަކަފުޅު ދައްކަވައިގެން، މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކަށް، އެބޭފުޅުންނަށްވެސް އޭގައި ފެނިވަޑައިގަންނަވާ ކަންތައްތަކެއް ހިމަނުއްވައިގެންވިޔަސް، އަވަހަށް ނިންމެވޭތޯ މަސައްކަތް ކޮށްދެއްވުން.

ޢިއްޒަތްތެރި ރައީސް:

އެނގިވަޑައިގަންނަވާނެ ފަދައިން، މި ރާއްޖޭގެ ނާޒުކު ތިމާވެށި ސަލާމަތް ކުރުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މި ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން މުރަކަ ފަރުތަކާއި، ފީނުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކާއި، ޙިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި، މިކަމާ ގުޅޭ ގިނަ ބައްދަލުވުންތަކެއް ވަނީ ބޭއްވިފައި. ސަރުކާރުގެ އެކި ދާއިރާތަކުން ހިންގޭ ޕްރޮޖެކްޓްތަކުގައި، މިކަންކަން ހިމެނުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ވަނީ ވާހަކަ ދެކެވިފައި.

ޢިއްޒަތްތެރި ރައީސް:

އަލަށްހެދޭ ރިޒޯޓްތަކަށް ބޭނުންވާނެ މީހުންގެ ފޯކާސްޓް ޕްރޮޖެކްޝަން ހަދައި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުވެގެން ނުކުންނަ މީހުންނަށް، މިދާއިރާގައި މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ބަލައި، ޙައްލު ކުރުމަށް ކުރެވޭނެ ކަންތައްތައް ވަނީ ދިރާސާ ކުރެވިފައި. އަދި ޓޫރިޒަމް ޓްރޭނިންގ ފެސިލިޓީތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށް، މިމަސައްކަތްތައް މިދިޔަ އަހަރު ކުރިއަށް ގެންދެވުނު. އަދި މިކަންކަމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ، ދެމެހެއްޓެނިވި ގޮތަކަށް ފުޅާވަމުންދާ އަދި އިޤްތިޞާދީ ފައިދާ ޢާންމުންނަށް ހަމަހަމަކޮށް ޙިއްޞާވާނޭ ގޮތަކަށް މަގުފަހިވެފައިވާ އިންޑަސްޓްރީއަކަށް ހެދުމުގެ ގޮތުން ތަފާތު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވިފައިވޭ.

ޢިއްޒަތްތެރި ރައީސް:

މި ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިވަނީ ކުރީގެ މިންވަރަށް އިޢާދަވާން ފަށާފައި. ޓޫރިސްޓުން އަންނަ އަދަދުތައް އިތުރުވާން ފަށާފައި. އެހެން އެއްވެސް އަހަރެއްގެ ޖަނަވަރީ މަހެއްގައި ރާއްޖެއަށް ޓޫރިސްޓުން ނާންނަވަރަށްވުރެ ގިނަ އަދަދަކަށް މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޓޫރިސްޓުން އައި. މިއީ ވަރަށް ރަނގަޅު ފާލެއް. މިއަހަރު ޓޫރިޒަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމުގެ ރަމްޒެއް.

ރާއްޖޭގެ ތިންވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގައި 2012 ވަނަ އަހަރާ ހަމައަށް 36,659 އެނދު ތަރައްޤީ ކުރުމަށްވަނީ ރޭވިފައި. މި ރޭވުން ކާމިޔާބު ކުރުމުގައި، ރާއްޖޭގައި ހަމައެކަނި އެއްގިންތިއެއްގެ ކޮޓަރި ލިބެން ހުރުމުގެ ބަދަލުގައި، ރާއްޖޭގައި ހެޔޮ އަގުގެ ޗުއްޓީއެއް ހޭދަކުރެވޭނެ މަގު ފަހިކުރަން އެބަޖެހޭ. ރާއްޖޭގެ ޓޫރިޒަމްގައި މިޑް މާރކެޓެއް އުފެއްދުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ. މިއަހަރު ޓޫރިޒަމްގެ ދާއިރާއިން ޓެކްސް ނެގެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށްޓަކައި، މި ޢިއްޒަތްތެރި މަޖިލީހަށް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރުންވާނީ ދެބިލެއް ހުށަހަޅާފައި.

ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ޚިދްމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، މިއަހަރުގެ ތެރޭގައި ކިތަންމެ އިތުރު މަސައްކަތްތަކެއް ހިނގާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. އެނގިވަޑައިގަންނަވާނެ ފަދައިން، ހަނިމާދޫގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ބިނާކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏާއެކު ސަރުކާރުން މިހާރު ވަނީ އެމް.އޯ.ޔޫ.އެއްގައި ސޮއިކޮށްފައި.

އައްޑުއަތޮޅު ގަމުގެ އެއަރޕޯޓަށް އިންވެސްޓްކޮށް، ބޮޑުކޮށް، ޚިދްމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކާމެދު ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް، އިންވެސްޓް މޯލްޑިވްސް އިން ވަނީ މިހާރު އިޢުލާނު ކުރެވިފައި. މި މަޝްރޫޢަށް 30 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކުރެވޭ. މިހާތަނަށް ބޭރު ޤައުމުތަކުގެ ތިންފަރާތަކާއެކު ސަރުކާރުން މިކަމާމެދު މިގެންދަނީ ވާހަކަ ދައްކަމުން.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް 250 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަދުނުވާ އަދަދަކަށް އިންވެސްޓްކޮށްގެން އެތަން ތަރައްޤީކޮށް، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ސަރުކާރާ ބައިވެރިވާނެ ތަޖުރިބާކާރު ޙިއްޞާދާރެއް ހޯދުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީއާއި ދިވެހި ސަރުކާރުން ވަނީ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައި.އެފް.ސީ އެއީ، މުޢާމަލާތްތަކާބެހޭ ލަފާދޭނެ އިދާރާގެ ގޮތުގައި މިހާރު ހަމަޖައްސާފައި. އައި.އެފް.ސީ. އިން ހުށަހެޅި ތަފާތު މުޢާމަލާތުގެ އޮނިގަނޑު ބެލުމަށްފަހުގައި، ސަރުކާރުން މިހާރުވަނީ މިކަމަށް ޝަރުޠު ހަމަވާ ބައިނަލްއަޤްވާމީ ހަ ފަރާތެއް ކަނޑައަޅާފައި. މި ހަ ފަރާތުގެ ތެރޭގައި، އިންޑިޔާ، ކެނެޑާ، ތުރުކީ، ސްވިޓްޒަރލޭންޑް އަދި ފްރާންސްގެ ކުންފުނިތައް ހިމެނޭ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދްމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ބައިވެރިއަކު ހަމަޖެހިގެން، އެމަސައްކަތް ފެށިގެންދާނެ.

ޢިއްޒަތްތެރި ރައީސް:

މަސްވެރިކަން އިތުރަށް ފުޅާކޮށް، މުއްސަނދި ކުރުމުގެ ގޮތުންނާއި، މަސްވެރިންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރާނެގޮތް ދަސްކޮށްދިނުމުގެ ގޮތުން، ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓެއް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. މީގެއިތުރުން، ކަޅުބިލަމަހުގެ ޞިނާޢަތު އިތުރު އިންވެސްޓަރުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައި.

މެރިކަލްޗަރ ނުވަތަ ކަނޑުން އުފެދޭ ދިރުމުގެ ބާވަތްތައް އުފައްދާން ފެށުމުގެ ޞިނާޢަތު ތަރައްޤީ ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. އިރާދަފުޅާއެކު، މިއަހަރުގެ ތެރޭގައި މިކަމާބެހޭ ދެމަޝްރޫޢެއް ހިންގާން ފެށޭނެ.

މަސްވެރިކަން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ލޯން އެހީ ދިނުމުގެ މަސައްކަތްތައްވެސް ފާއިތުވި އަހަރު ކުރިއަށް ގެންދެވިފައިވޭ. މިއާއެކު އީ.ޔޫ.އަށް ބޭރުކުރާ މަހުގައި ހުންނަން ޖެހޭ ސްޓޭންޑަޑްތައް ޤާއިމް ކުރުމުގެ މަސައްކަތްތައްވެސް ވަނީ ކުރެވިފައި.

މިއަދު އަޅުގަނޑު ދިވެހި މަސްވެރިންނަށް މިކުރާ އިލްތިމާސަކީ، އާގޮތަކަށް މަސްވެރިކަމަށް ނުކުތުމުގެ އިލްތިމާސް. އިއްޔެ މެންދުރު ބަނދެ، މާ ސިންގާ ކަނޑަށް ބޭލި ބޮޑެތި ދޯނިފަހަރުތައް މިހާރުގެ ދޮށީގެ މަސްވެރިކަމަށް ނުފެތޭތީ، ދޯނިފަހަރު ފަޅުގައި އަޅަން ޖެހުމަކީ ނުހަނު ގެއްލުން ބޮޑު ޙާލަތެއް. އަޅުގަނޑުމެންނަށް އިވެމުންދާ އަޑަކީ، މިދޯނިފަހަރު ދޮށީގެ މަސްވެރިކަމަށް ނުކުމެ، މުޅި ދުވަހު ތެޔޮ އަންދައިގެން ބާނާ މަހުން ޚަރަދު ދެކޮޅުނުޖެހޭ ވާހަކަ. އެހެންކަމުން، ޚަރަދު ދެކޮޅުޖެހޭ މަސްވެރިކަމަކަށް މިޞްރާބު ޖެހުމަކީ، އަޅުގަނޑު މިދަންނަވާ އާ ވިސްނުން. ގިނަ އޮޑިފަހަރު ބޭނުންކޮށްގެން ކުރެވޭ ލޭނު މަސްވެރިކަން ފަދަ މަސްވެރިކަމެއްގައި، މިދޯނިތަކުގެ ބޭނުން މާ ރަނގަޅަށް ކުރެވިދާނެ ކަމަށް، ކަމާބެހޭ މާހިރުން އަޅުގަނޑަށް ލަފާދޭ. މިފަދަ ބަދަލަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ. އަޅުގަނޑު މަސްވެރިންގެ ފަރާތުން މި އެދެނީ، އަލުން އަނބުރާ މަހަށް ފުރާށޭ.

އެނގިވަޑައިގަންނަވާނެ، ދުވަސްތަކެއް ވަންދެން ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދުގެ 75 މޭލު ބޭރުގައި، ބޭރުގެ ބޯޓުފަހަރަށް ލޭނު އެޅުމުގެ ހުއްދަތަކެއް، ދިވެހި ސަރުކާރުންވަނީ ދީފައި. މިދިޔަ އަހަރުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާ އެކުގައި އެފަދަ ހުއްދަ އިތުރަށް ނުދިނުމަށް ނިންމުނު ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ރާއްޖޭގެ މަސްކަނޑުތަކުގައި، ބޭރުގެ ބޯޓުފަހަރު މަސްވެރިކަމެއް ނުކުރާނެ. ރާއްޖޭގެ މަސްކަނޑުތަކުގެ މި ދެންނެވި ސަރަޙައްދުގައި، ދެން މަސްވެރިކަން ކުރާނީ، ރާއްޖޭގެ ބޮޑެތި ދޯނިފަހަރު.

ޢިއްޒަތްތެރި ރައީސް:

މި ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީ ކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ފާއިތުވި އަހަރުވަނީ ކުރެވިފައި. މީގެތެރޭގައި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ތަމްރީނުދޭ ސެންޓަރުތައް ޤާއިމުކުރުމާއި، އަދި މިހާރު ހުރި ސެންޓަރުތައް ތަރައްޤީކޮށް ހިންގުން އަދި ފަޅުރަށްރަށް ދިގުމުއްދަތަށް ކުއްޔަށް ދިނުން ފާހަގަކޮށްލެވޭ.

އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ދަނޑުވެރިންނަށް ލުއި ލޯނު ދޫކުރުމަށްޓަކައި، ފާއިތުވީ އަހަރު ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނު. ލޯނު ދޫކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއި އެގްރިކަލްޗަރ މިނިސްޓްރީއާ ދެމެދު ޤާއިމު ކުރެވޭ އެއްބަސްވުމަކީ، އޭގެ ފަހި ނަތީޖާ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދަނޑުވެރިންނަށް ލިބިގެންދާނެ ކަމެއް.

ޢިއްޒަތްތެރި ރައީސް:

2009 ވަނަ އަހަރު ޒުވާނުންނަށް ހިންގުނު ޙަރަކާތްތަކުގައި، ގިނަ ޢަދަދެއްގެ ޒުވާނުން ވޮލަންޓިއަރުންގެ ގޮތުގައި ޙަރަކާތްތެރިވިކަން ފާހަގަކުރެވޭ. އެއާއެކު ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ރާވައި އިރާދަކުރެއްވިއްޔާ، މިއަހަރު އެ އޮނިގަނޑަށް ޢަމަލުކުރަން ފެށޭނެ.

ޒުވާނުން ކުރިއެރުވުމަށްޓަކައި، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ސިސްޓަމް އިތުރަށް ހަރުދަނާ ކުރެވި، އެ ސިސްޓަމްގެ ދަށުން ގިނަ ޢަދަދެއްގެ ތަމްރީނުތައް ހިންގިފައިވޭ. މިއީ ބޭކާރު ގޮތުގައި ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މާޔޫސްވެ، މަގު ގެއްލޭ ޒުވާނުން މުޖްތަމަޢަށް އަހުލުވެރި ކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫޢެއް.

އައި.އެލް.އޯގެ މައިގަނޑު ކޮންވެންޝަންގައި ސޮއިކުރުމުގެ ގޮތުން ސަރުކާރާއި ވަޒީފާދޭ މީހުންނާއި މަސައްކަތްކުރާ މީހުންގެ މެދުގައި، މި މުޢާހަދާތަކާމެދު ހޭލުންތެރިކުރުވައި، އަދި މަސައްކަތްކުރާ މީހުންނާއި މަސައްކަތްކުރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި އައި.އެލް.އޯ.ގެ އެހީގައި ސަރުކާރުން މިގެންދަނީ މަސައްކަތްތަކެއް ކުރަމުން.

ޢިއްޒަތްތެރި ރައީސް:

ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި 2010 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ދަށުން ސްޕޯޓްސް ސެންޓަރުތައް ޑީސެންޓްރަލައިޒް ކުރެވޭނެ. 2012 އިގެ ކުރިން މޫދު ކުޅިވަރުތަކުގެ ފެސްޓިވަލެއް މި ރާއްޖޭގައި ބޭއްވުމަށްޓަކައި، އެކަމުގެ ތައްޔާރީތައް މިހާރު ރޭވެމުން އެބަދޭ. އަދި މީގެއިތުރަށް ރާއްޖޭގައި ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ހިންގޭނެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން އެއްދަންފަޅިއަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް "ސްޕޯޓްސް ފޯރ އޯލް" ގެ ދަށުން ކޮންމެ ދަރިވަރަކަށްވެސް ކުޅިވަރު ކުޅުމުގެ ފުރުޞަތު، މިއަހަރުގެ ކުރީކޮޅުގައި ތަނަވަސްކޮށްދެވޭނެ. އަދި ޤައުމީ ކުޅިވަރުގެ ސިޔާސަތެއް ވަނީ އެކުލަވާލެވި، ނޭޝަނަލް ސްޕޯޓްސް ކައުންސިލް އުފައްދައި، ޕްރޮވިންސް ލެވެލްގައި ޤައުމީ ކުޅިވަރުގެ އޮނިގަނޑެއްވަނީ އެކުލަވާލެވިފައި.

ޢިއްޒަތްތެރި ރައީސް:

2009 ޑިސެމްބަރ 29 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން، ޖެންޑަރ ތަފާތުތައް ބޮޑު ދާއިރާތަކުގައި ހަމަހަމަކަމަށް ވާސިލުވުމަށްޓަކައި "ޓެމްޕަރަރީ ސްޕެޝަލް މެޝަރސް" ތަޢާރުފްކޮށް، މިކަމަށްވަނީ ޢަމަލު ކުރަން ފަށާފައި. މީގެ އަމާޒަކީ ޖިންސީ ތަފާތު ކުރުންތަކުން ލިބޭ ގެއްލުންތައް ދިވެހި އާދަކާދައިގެ ތެރެއިން ދަށްކޮށް ނައްތާލުން.

އަދި މިއަހަރުގެ ޖަނަވަރީމަހު "ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ" މިނަމުގައި ފޯރަމެއް، ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި، ޕްރޮވިންސް އޮފީސްތަކުން ބައިވެރިވެގެން ވަނީ ބާއްވާފައި. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބިލުގައި ހިމެނި، މިބައްދަލުވުމުގެ ހުށަހެޅުންތައް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން.

ޢިއްޒަތްތެރި ރައީސް:

ނިކަމެތިވެފައިވާ ޢާއިލާތަކާއި، ދުވަސްވީ މީހުންގެ ޙަޔާތުގެ ބުރަތަކާއި ފަރަޤުތައް ކުޑަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ފާސްކުރެވި، ޢުމުރުން ދުވަސްވީ މީހުންނަށް، އަސާސީ ޕެންޝަނާއި ވަޒީފާ އަދާކުރާ މީހުން ބައިވެރިވާ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ތަޢާރުފު ކުރެވި، އޭގެ ޢަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް ބިނާކޮށް، ޖެންޑަރ މެއިންސްޓްރީމް ކުރުމަށް ހަރުދަނާ އޮނިގަނޑެއް އެކުލަވާލެވި، މި އޮނިގަނޑު މިހާރުވަނީ ފާސްކުރެވިފައި. އަދި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައި.

މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި މީހުންނަށް ދެވޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ބޭރުގެ ފަންނީ އެހީތެރިކަމާއެކު، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުގެ ތެރޭގައި ހިންގާނެ. އަދި އާބާދީގެ ނާޒުކު ގިންތިތަކަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ބޭނުންވާ މުހިންމު ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، ކުޑަކުދިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޑޮމެސްޓިކް ވަޔަލަންސް ބިލު، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާނަން. އަދި ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމުގެ ގޮތުން، މިއަހަރުގެ ޖަނަވަރީމަހު ބޭއްވުނު ޤައުމީ ފޯރަމުން ލިބުނު ހުށަހެޅުންތަކާ އެއްގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޤާނޫނީ ހައިސިއްޔަތެއް ހޯދައިދިނުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބިލުގައި މި އިޞްލާޙުތައް ޝާމިލް ކުރެވޭނެ.

ޢިއްޒަތްތެރި ރައީސް:

ފުއްދުންތެރިކަން ނެތް ރައްޔިތުމީހާއަށް ދައުލަތުގެ އެހީ ސީދާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ބައެއް ސަބްސިޑީ މިހާރު ވަނީ ދޭންފަށާފައި. އަދި އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ދިނުމަށް މި ސަރުކާރުން ނިންމި، ދައުލަތުގެ އެހީ ދިނުންވަނީ ފަށާފައި. ސަރުކާރުގެ އިސްރާފު ކުޑަކުރުމުގެ ގޮތުން، ތަފާތު ދާއިރާތަކުން ދެމުން އައި އެހީތައް އެއްތަނަކުން، ހުރިހާ ރައްޔިތުންނަށްވެސް އެއް އުސޫލަކުން ދިނުމަށްޓަކައި، އަދި ވެލްފެއަރގެ އެހީ، ވަކި ޕްރޮގްރާމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ދައުލަތުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، އެއް އިދާރާއަކުން ފޯރުކޮށްދޭނެގޮތް މިހާރުވަނީ ހަމަޖައްސާފައި.

ރައްޔިތުންގެ ތެރެއިން ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި އެހީ ފޯރުކޮށްދިނުމަށްޓަކައި، ސޯޝަލް ސެކިއުރިޓީ ފަންޑެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފަށްޓާނަން. މި ސަރުކާރުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި، ހެޔޮވެރިކަމާއި އޯގާތެރިކަން، ދިވެހި އެންމެހާ ރައްޔިތުންނަށްވެސް އުފާވެރިކަން ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކުޑަތަންކޮޅެއްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން.

ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވުމުގެ ވަޢުދު ޙާޞިލުކުރުމަށް މައިގަނޑު ސިޔާސަތެއް ކަނޑައެޅިފައިވޭ. މި ސިޔާސަތުގެ ދަށުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޚިދުމަތް ދިނުމަށްވަނީ އެކި ފަރާތްތަކާ ހަވާލުކުރެވިފައި. އަދި ދަތުރުފަތުރުގެ ޚިދްމަތް ދިނުމަށް ހަވާލުވެފައިވާ ފަރާތްތަކުން އެމަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ.

ޢިއްޒަތްތެރި ރައީސް:

މިރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރުކޮށް، ބޭރުގެ އެހީ ލިބޭ މިންވަރު ބޮޑުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ވަރަށް އެދެވޭ ނަތީޖާތަކެއް ދަނީ ފެންނަމުން. ފާއިތުވި ދެތިންމަސް ދުވަހުގެ ތެރޭގައި، 16 ވަރަކަށް މިލިއަން ޑޮލަރުގެ ސީދާ ހިލޭއެހީ މިރާއްޖެއަށް ވަނީ ލިބިފައި. މީގެތެރޭގައި ޔޫރަޕްގެ އިއްތިހާދުން ދެއްވާ 10 މިލިއަން ޑޮލަރާއި، އަބޫދާބީ ޚަލީފާ ފައުންޑޭޝަނުން ދެއްވާ 5.8 މިލިއަން ޑޮލަރު ހިމެނޭ.

ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން، ފާއިތުވި އަހަރުގެ ތެރޭގައި ރިޕަބްލިކް އޮފް އުރުގުއޭ، ޓްރިނިޑަޑް އެންޑް ޓޮބޭގޯ، މޮންޓެނީގްރޯ، އަދި ރިޕަބްލިކް އޮފް ކޮސޯވޯއާއެކު ރާއްޖެއިން ވަނީ ސިޔާސީ ގުޅުން ޤާއިމުކޮށްފައި. ރާއްޖެއާ އެކުވެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ފާއިތުވި އަހަރުގެ ތެރޭގައި އަޅުގަނޑު ވާނީ އިންޑިޔާ، ސްރީލަންކާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، ސްވިޑްން، ޔޫ.އޭ.އީ، ޤަޠަރު އަދި ބަޙުރައިނަށް ދަތުރުކޮށްފައި. ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ކޮންސިއުލަރ ޚިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައި. އަދި މީގެއިތުރުން، އ.ދ.ގެ ޢާންމު ބައްދަލުވުމާއި، ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި އަދި ކޯޕަންހޭގަންގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައްދަލުވުމުގައި ދިވެހިރާއްޖެވަނީ ތަމްސީލުކޮށްފައި. އެނގިވަޑައިގަންނަވާނެ ފަދައިން، ކޯޕަންހޭގަންގައި ދިވެހި ވަފްދު ވެގެންދިޔައީ، ވަރަށް އިސް ދައުރެއް އަދާކުރި ވަފްދެއްގެ ގޮތުގައި.

އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރަކަށް ރާއްޖެ އަދި ވެފައިނުވި ކަމުގައިވިޔަސް، މި ކައުންސިލްގައި ރާއްޖޭގެ ޙަރަކާތްތައް ވަނީ ވަރުގަދަ ކުރެވިފައި. އަދި އެކައުންސިލްގެ މެންބަރަކަށްވުމަށް ދިވެހިރާއްޖެ މިހާރުވަނީ ކުރިމަތިލާފައި.

ޢިއްޒަތްތެރި ރައީސް:

ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި، ދިގު މުއްދަތަކަށް ޚިދްމަތް ކޮށްފައިވާ ފަރާތްތަކުން އެކުރާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އާ ނިޒާމެއްގެ ދަށުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުދޭން މިދިޔަ އަހަރު ފެށުނު.

އިނާމާބެހޭ ކަންތައްތައް ގެންދެވީ ތަފާތު ދާއިރާތަކުގެ ބޭފުޅުން ހިމަނައިގެން އުފެއްދި ވަރަށް މިނިވަން ކޮމިޓީއަކުން.

ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދްމަތުގެ އަގު، ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަންކުރާ ގޮތަށް ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ބާއްވާ ބައެއް ޖަލްސާތަކާއި، ބައެއް ބައްދަލުވުންތަކާއި އެކިއެކި މުބާރާތްތަކުގެ ޝަރަފުވެރި މެހްމާނަކަށް ވެވަޑައިގަތުމުގެ ފުރްޞަތު، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައި.

ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު މިދަންނަވާލި ވާހަކަތަކުގެ އަލީގައި، ދިވެހިރާއްޖެ ޑިމޮކްރަސީގެ މަރްޙަލާތައް ކަޑައްތު ކުރަމުންދާއިރު، އަޅުގަނޑުމެންގެ ކުރިމަތިން ފެންނަ މަންޒަރުތައް ވަރަށް ސާފު. ވަރަށް އުޖާލާ. ރައްޔިތުންގެ ހިތްތަކަށް ލިބިފައިވާ އަދި ލިބެމުންދާ ހިތްހަމަޖެހުން ބޮޑު. ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން ހޯދައިދިނުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކުގެ ސަބަބުން، އިރާދަކުރެއްވިއްޔާ މިއަހަރު ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ގެނެސްދެވޭނެ. އިތުރު ފަސޭހަތައް ހޯދައިދެވޭނެ.

ފަށަމުންވެސް އަޅުގަނޑު ދަންނަވާލާފައިވާނޭ ފަދައިން، މި ޢިއްޒަތްތެރި މަޖިލީހާ މުޚާޠަބުކޮށް މިދެންނެވުނު ވާހަކަތަކުގެ މައިގަނޑު، އަޅުގަނޑު އަމާޒު ކުރާނެ ނާރެހަކީ، ސަރުކާރުގެ މިހުރިހާ މަސައްކަތްތައް އެއީ އަޅުގަނޑުމެން އެންމެންގެ، ދިވެހި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކެނޑިނޭޅި ކުރެވޭ ކަންކަން ކަމުގައިވާކަން. އެހެންކަމުން، ހަމަ އެ ރޫޙުގައި މި މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންވެސް ސިޔާސީ ހަލަބޮލިކަމާއި، ޚިޔާލު ތަފާތުވުންތައް ތަޙައްމަލް ކުރެއްވުމުގައި، ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގެ ރޫޙު ކުރިއަށް ނެރުއްވުމަށް އަޅުގަނޑު އަނެއްކާވެސް އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ މުޖްތަމަޢުގެ އެކިފަންތީގައި ހިމެނޭ ބައެއް ލޮބުވެތި ރައްޔިތުންގެ ތެރެއިން ހަރުކަށި ކަމުގައި ދެކެވޭ ގޮތްތައް މަޑުމައިތިރި ކުރައްވައި، މުޅި ޤައުމުގެ އެންމެހާ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، އެކުވެރިވުން އިސްކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

މި ރާއްޖެއަށް ރާއްޖޭގެ ރައްޔިތުންނަށް އަބަދަށްޓަކައި ހެޔޮގޮތްތައް މާތްﷲ މިންވަރު ކުރައްވާށި! ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ދެއްވުމަށް އަޅުގަނޑު އެދެން.

والحمد للّـه، ވަރަށް ބޮޑަށް ޝުކުރިއްޔާ!