بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު އަޑުއަހަންއިންއިރުގަޔާއި އަދި މިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ކޮށްފައި ހުރި މަޝްވަރާތަކާއެކު ފާހަގަވާ ބައެއް ކަންކަމުގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. ވަޙީދު އެބުނުއްވި ކަންނެލީގެ މަސްވެރިކަން މި ސަރަޙައްދުގައި ބޮޑު ދެކުނުގައި ކުރެވޭނީ ކިހިނެއްތޯ؟ އުތުރުގައި އެކުރާ ގޮތަށް އެކަން ކުރެވިދާނެތޯ؟ އުތުރުން މިކަން ކުރުމާއި މިކޮޅުން މިކަން ކުރުމާ، ކިހިނެއްތޯ ހެދޭނީ؟ އަޅުގަނޑުމެން ބެލި ބެލުމުގައި، މިހާރު މިހުންނަނީ ކަނޑުއޮތްގިރީގައި ހުންނަ ބަންދުކުރާ އެއް ފެކްޓްރީ. ޕެކިންގ ޕްލާންޓެއް މިހުންނަނީ ކަނޑުއޮތްގިރީގައި. ދެން ކަނޑުއޮތްގިރިއަށް އެމަސް ގެންނަން އެބަޖެހޭ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ކޮންމެވެސް ވަގުތެއްގެ ތެރޭގައި އެކަން ނުކޮށްފިއްޔާ، މިއީ މާ ޞައްޙަ އެއްޗަކަށް ވެގެނެއްނުދޭ. ދެން އޭގެ ޙައްލަކީ ކޮބައިތޯ ވިސްނިއިރުގައި، އަޅުގަނޑުމެންނަށް، އަޅުގަނޑަށް މަޢްލޫމާތު ލިބި، އަދި މީސްމީހުން ކައިރީ އަހައި އޮޅުންފިލުވައިގެން އަދި ދިރާސާކޮށް ހަދައިގެން މިއެނގުނު އެއްޗަކީ އައްޑުއަތޮޅު ހިތަދޫގައި އެބަހުރެއޭ ޕެކިންގ ޕްލާންޓެއް. މިހާރުވެސް އެ ކަނޑުއޮތްގިރީގައި ހުންނަ ބާވަތުގެ ފެކްޓްރީއެއް ހިތަދޫގައި އެބަހުރޭ. އިޓަލީ މީހަކު ތަންކޮޅެއް ކުރީގައި އަޅާފައި ހުރި ތަނެއް ބަންދުކުރެވިފައި. ދެން އެތަން ހިނގައިގަތުން ވަރަށް މުހިންމު. އެތަން ހިނގައިގަންނަން މިއަންނަނީ އެތަނަށް މަސް ލިބިގެން. އަދި އެމަސް އެމީހުންނަށް އެހެން ތަނަކަށް ބޭރުކުރެވިގެން. ދެން އެކަމާ ގުޅިގެން ސަރުކާރުން ވާހަކަ ދެއްކީ މަތިންދާބޯޓަކާ، އެއީ ކާގޯ މަތިންދާބޯޓަކާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އުންމީދު މިކުރަނީ، އަޅުގަނޑު ވިސްނަމުން އައީ ޑިސެމްބަރަށް އެކަން ކުރެވޭތޯ. އެކަމަކު އަޅުގަނޑަށް މިހާރަކު ޑިސެމްބަރަކަށެއް ހަމަގައިމުވެސް އެކަމެއްނުވި. އެއީ މިދެންނެވި ފެކްޓްރީ މިހާރު ގެންގުޅޭ މީހާ އަތުން އެހެން މީހެއްގެ އަތަށް އޭނާ އެބަ އެތަން ވިއްކަންޖެހޭ. އެތަން ވިއްކުމުގައި ދެން ޝަރީޢަތުން އެތައް ކަމެއް ނިމި، އަޅުގަނޑު ގާތުގައި ޑީޑީ ދެންމެ ވިދާޅުވި، އެ ފެކްޓްރީގެ ކަންތައް މިހާރު ނިމިފައޭ އޮތީ. ފެކްޓްރީގެ ކަންތައް ހަމަ ނިމޭއިރަށް، މަތިންދާބޯޓުގެ ކަންތައް އޮތީ ނިމިފައި. އޭރަށް އެ މަތިންދާބޯޓުން މާލެއަށާއި، ކޮޅުނބަށާ މަސް އުފުލޭނެ. އުފުލުނީމަ، އަޅުގަނޑު މި އުންމީދު ކުރަނީ، އެހެންވީމާ ކުރިއަށް އޮތް ތަނުގައި ހުވަދުއަތޮޅާ، މި ބޮޑު ދެކުނުގެ ހަތަރު އަތޮޅަށް، ތިން އަތޮޅަށް މިމަސައްކަތް ބާރަށް ހިންގޭނެ ގޮތެއްވާނެ ކަމަށް.

އަޅުގަނޑުގެ ހިތެއް ނުބުނޭ، މިފްކޯއަކަށް އެބާވަތުގެ އެއްވެސް ކަމެއް ޙަޤީޤަތުގައި ކޮށްދެވޭނެ ކަހަލަ ގޮތަކަށް މިފްކޯ އޮތްހެނެއް. ހަމަ އެއްގޮތަކަށްވެސް އެއީކީއެއް އަޅުގަނޑަކަށް ނުވެސް ކެރޭނެ މިފްކޯ ގާތުގައި ކަމެއް ކުރަން ބުނާކަށްވެސް. އެއަށްވުރެން މާރަނގަޅުވާނެ، އަޅުގަނޑުމެން މި ޕްރޮވިންސް އޮފީހަށް ލާރިކޮޅެއްދީގެން އެމީހުން ލައްވާ ކުރުވިޔަސްވެސް. މިފްކޯއަށް އެކަމެއް ކުރެވެން އޮތް ކަމަކަށް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ލަފައެއް ނުކުރެވޭ. އެހެންވީމާ، މިހާރު މިހިންގާ މަސައްކަތް އަޅުގަނޑު މި އުންމީދު ކުރަނީ، ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި އެކަން ފުރިހަމަވާންޖެހޭނެ ކަމަށް. ދެން ވީމާ އަޅުގަނޑު މިދެކެނީ، ކަންނެލީގެ މަސްވެރިކަމަށް މި ބޮޑު ދެކުނަށް ދެވޭނެ ކަމަށް. ދެވުނީމާ އިރާދަކުރެއްވިއްޔާ، އެކަން ރަނގަޅުވެގެން ހިނގައިދާނެ ކަމަށް.

މަސްވެރިކަން ދަށްވޭ އެބަ ހަމަ ޖުމްލަ ގޮތެއްގައިވެސް. އެއީ، އިންޑިޔާ ކަނޑުގައި ކަޅުބިލަމަސްވެސް އަދި އެހެން ބާވަތުގެ މަސްވެސް ހުރި މިންވަރު ދަށްވެއްޖެ. އަދި މަސްވެރިކަމާ ގުޅޭ އެހެން ދެން ބޭނުންވާ ކަންކަންވެސް މިހުރި މިންވަރު ދަށްވެއްޖެ. އެންވެރިކަންވެސް ދަށްވެއްޖެ. ކޮންމެ ކަނޑުގެ ރޯއްޖަކީވެސް އަދި ކޮންމެ ޤުދްރަތީ ނިޢުމަތަކީވެސް ނިމުމެއްނެތި ހުރި އެއްޗެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ. އަޅުގަނޑުމެންނަށް އެނގޭ، މީގެކުރީގައި އަޅުގަނޑުމެން ރާއްޖޭގައި މަސް ބާނަނީ، ހަމަ ރަށުގެ ގަސްކަރަ އެނގޭ ހިސާބުގައި ތިބެގެން، ގިނަ ރަށްރަށުގައި މަސް ބާނަމުން އަންނަނީ. ދެން މިހެންގޮސް މަސްވެރިކަން ޚާއްޞަކޮށް، މިދިޔަ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެއްޖެ. ބޮޑެތި ދޯނިފަހަރުގެ ޕްރޮޑަކްޝަން، މި މަސް ބޭނޭ ޢަދަދު ވަރަށްބޮޑުތަނުން އިތުރުވެއްޖެ. އެއާ ބައްދަލުވާވަރަށް އެންދަމަން ޖެހިއްޖެ. އެ އެން ދެމިގޮތާއި، އެން ދަމަމުން އައިގޮތާއި، އެކަމާ ގުޅިގެން އެމަށްމިވީ ގޮތާ، ދެން އަޅުގަނޑަށްވުރެ ބޮޑަށް ހަމަ ކޮލަމާފުށީ މަސްވެރިންނަށާއި ތިނަދޫ މަސްވެރިންނަށް މިވާހަކަތައް އެނގޭނީ. ދެން އެހެންވީމާ، މިކަން ކުރަމުން އައި ގޮތުގެ ސަބަބުންނާއި އަދި ހަމަ މުޅި ދުނިޔޭގައިވެސް މިކަން ކުރަމުން އައި ގޮތުގެ ސަބަބުން މަސްވެރިކަން ދަށްވެއްޖެ.

ދެން އަޅުގަނޑަށް މަޢްލޫމާތު އަނެއްކާ އެހެން ގޮތަކަށްވެސް އެބަ ބައެއް ބޭފުޅުން ދެއްވާ. އެއީ ދުނިޔޭގެ މޫސުމަށް ބަދަލު އައިސްގެން މަސްވެރިކަން ބަދަލުވެއްޖެއޭ. މަސް އެބަހުއްޓޭ ކަނޑުގައި އަޑީގައި. ޖީ.ޕީ.އެސް. އިންނާއި އެކިއެކި ގޮތްގޮތަށް ބެލީމާ، މަސްހުރިކަން އެބަ އެނގޭ. އެކަމަކު މަސް ތިލަނުވަނީ. މަސް ތިލަނުވަނީ ލޮނުގަނޑު ފިނިނުވަނީއޭ ކުރީގައި އެ ހުރިވަރަށް. އެހެންވީމާ، މަސްތިލަނުވާތީވެ، ރަނގަޅަށް އެންވެސް ބޭނުންވާވަރުވެސް މާގިނަވެސްވަނީ. އެހެންވީމާ، މިކަހަލަ މޫސުމަށް އަންނަ ބަދަލެއްގެ ކަމެއްވެސް އެބައުޅޭ. މަސް އަޑީގައި ހުރިއްޔޭ، މަސް މައްޗަށް ނާންނަނިއްޔޭ. އެހެންވީމާ، މަސްވެރިކަން ދަށްވެގެން އުޅެނީއޭ.

ދެން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، ކަޅުބިލަމަހުގެ މަސްވެރިކަން ދަށްވެއްޖެކަން. މިހާރު މި ކޮލަމާފުށިން އެބަބުނޭ، ތިމަންނާމެންނަށް ކިހިނެއްހޭ ހަދާނީ؟ މިހާރު މިތިބަ މީހުނަށް. ދެން އަޅުގަނޑުވެސް ހަމަ ބޭނުން. އަޅުގަނޑު މި ހިތަށް އަރަނީ، އަޅުގަނޑުމެންނަށް ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، އަދި ކޮށި ދަނޑުވެސް ގެއްލިދާނެއޭ، ހުރިހާ އެއްޗެއް އެއްފަހަރާ ވައްދަން އުޅެން ހަދައިގެން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެބަ މަސައްކަތްކުރަން. މިހާރު ތިބި މީހުންނަށް ހެދެން އޮތްގޮތަކީ، ނަގާފައި ހުރި ދޯނިފަހަރުގެ ލޯނު، އެއިން ކޮންމެވެސް ބައެއްގައި މާފެއް ދިނުން ނުވަތަ އެއާ ގުޅޭގޮތުން ކޮންމެވެސް މަސައްކަތެއް ހިންގުން. ދެން އަޅުގަނޑު ޑީޑީއާ މަޝްވަރާ ކުރަމުން މިދަނީ، ޢަލީ ހާޝިމާވެސް. އަޅުގަނޑުމެންނަށް ކޮންތާކުންތޯ އެ ލާރި ނެގޭނީ.

އަޅުގަނޑަށް އެ ލާރި ނެގެން އޮތީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން ތަންކޮޅެއް ދަށްކޮށްލައިގެން. އެތަނުން އަޅުގަނޑު ނަގާނަން އެލާރި އިނގޭތޯ. އެތަނުން ނަގައިގެން އަޅުގަނޑު މިއުޅެނީ އެފައިސާ. އެފައިސާ ތިޔަބޭފުޅުންނަށްދޭނަން. އަޅުގަނޑާ ދިމާއަށް ދެން މިކަމާ ބައިވަރު އެއްޗިހި އެބަބުނޭ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން ފަނަރަ ޕަސެންޓް ނެގީމާ، އަށްސަތޭކަ މިލިއަން ރުފިޔާ އެބަލިބޭ. އެއީ، ބައްތިރީސް ހާސް މީހުންނަށް. ދެން ރާއްޖޭގައި އޮތްހާ މީހުންނަށް، މަސްވެރިންނަށް މިކަމުން ސަލާމަތްކޮށްދޭން ބޭނުންނުވެއޭ ހަތްދިހަ މިލިއަން ރުފިޔާވެސް. ދެން މީގައި އިންޞާފެއް އަޅުގަނޑަކަށެއް ނުފެނުނު. އެހެންވީމާ، ކޮންމެފަދަ އެއްޗެކޭ އަޅުގަނޑާ ދިމާއަށް ގޮތްވެއްކަމަކުވެސް އެލާރި އިރާދަކުރެއްވިއްޔާ އެތަނުން ނަގާފައި، ހަމަ މަސްވެރިންނަށް އެލާރިދޭނަން. އެހެންވީމާ، އެކަން އަޅުގަނޑުމެން އެބަ ކުރަންޖެހޭ. އެކަން އަޅުގަނޑުމެން ނުކޮށެއް އަޅުގަނޑުމެންނަކަށެއް، މީގައި ދިމާވެގެން މިއުޅޭ ގޮތަކީ، ސަރުކާރު މުވައްޒަފުންގެ ދެބައިކުޅަ އެއްބަޔަކީ ޙަޤީޤަތުގައި މާލޭގައި ތިބި ބައެއް. ދެން އެމީހުންގެ އަޑު އެހާމެ ގަދަ. ދެން އެހެންވީމާ، އަބަދުވެސް ހުރިހާ ސަރުކާރަކުންވެސް އަޑުގަދަވީމާ، ވަރުގަދަވީމާ ފަހަތަށްޖެހޭގޮތްވަނީ. ދެން އެކަމަކު އެހެންވީމާ އަޅުގަނޑު މިރަށަށް އަންނަނީ. އަޅުގަނޑުގެ އަމިއްލަ ހިތުގައި އެނގޭ، އެނޫން ތަނެއްވެސް އެބައޮތްކަން. އެހެން ބަޔަކުވެސް އެބައުޅޭކަން. އެހެންވީމާ، އަޅުގަނޑުގެ ހިތަކު، އަޅުގަނޑު ދެރަވޭ، މީހަކަށް ލިބެމުންދާ އެއްޗެއް ކިތަންމެ ކުޑަތަންކޮޅަކުންވެސް ތިރިކުރަން ޖެހޭތީ. އެކަމަކު މިގޮތްގޮތަށް ބަހައިގެން ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށެއް ނެތް މިކަން ކުރެވޭކަށް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ދާދި އަވަހަށް މި މަސްވެރިންނަށް ތާށިވެފައި ތިބި ލޯނުތަކާ ގުޅޭގޮތުން އަދި ދޯނިފަހަރާ ގުޅޭގޮތުން އަޅުގަނޑުމެން މިއަންނަނީ ގޮތެއް ނިންމަމުން. ދެން އެހެން ދެންނެވިއެއް ކަމަކު، މި ވިޔަފާރީގެ އުޞޫލުން ލޯނު ނަގާފައި، އެ ލޯނު ހިފައިގެން ބެންކޮކަށްދިޔަ މީހާގެ ލޯނު ކިހިނެއްތޯ އަޅުގަނޑު ޚަލާޞްކޮށްދޭނީ. ދޯންޏަކަށް ޚަރަދުކުރި މީހާގެ ލޯނު އަޅުގަނޑު ޚަލާޞްކޮށްދޭން ބޭނުން. އެލާރި ނަގައިގެން ބެންކޮކަށްދިޔަ މީހާގެ ލޯނު ޚަލާޞްކޮށްދޭކަށް ބޭނުމެއް ނޫން. އަދި ޢަމުދުން އެހެން މީހަކަށް މިހާރު ދީދީ ހުރި ރުފިޔާއެއް ނަގާފައި، ދެނެއް އަޅުގަނޑަކަށްވެސް ނުދެވޭނެ އެފައިސާއެއް ބެންކޮކަށްދާކަށް. އެހެންވީމާ، އަޅުގަނޑުމެން އެބަ ރަނގަޅަށް ސާފުކޮށް ސާދާކޮށް އޮޅުންފިލަންޖެހޭ، ކިހިނެއް ކާކަށްތޯ ވެފައި މިހުރީ. ވެފައިހުރި މީހުންގެ ތެރެއިން، އެމީހުންނަށް ހެދޭނީ ކިހިނެއްތޯ؟

ދެން މިހާރު އަޅުގަނޑުމެން މިބުނަނީ ދޯނިތައް ބޮޑެތިވެގެން، މިކަން ނުވެގެނޭ މިއުޅެނީ. ހަމަ މީގެ ތިން ހަތަރު އަހަރެއް ކުރީގައި މަސްވެރިންގެ ދުވަހުގައި، ހުރިހާ އެންމެން ކިޔަމުންދިޔައީ ބޮޑު ދޯނި ގަނެގެން، ގިނަދުވަހު ބޭރުގައި އުޅެވުނީމާ މާބޮޑަށް ރަނގަޅުވާނޭ. ދެން އަޅުގަނޑުމެންނަކަށް އޭރުގައި ހަމަ ނޭނގެ، މިކަން ހުސްވާނެ ކަމެއް. ތެލުގެ އަގަށް ބަދަލު އަންނާނެ ކަމެއް. މިކަންކަން ކިހިނެއް ކިހިނެއްކަމެއްވާނީ. އެހެންވީމާ، ޙަޤީޤަތުގައި މިއަދު ދިމާވެގެން އުޅޭ ދައްޗެއް ފިލުވަން ނޫޅެންވީ. މިއަންނަ އަހަރު، މާދަން ނޫން އަނެއް ދުވަހު ދިމާވެދާނެ ދައްޗެއް އޮޅުންފިލައިގެން، އެ ދައްޗަކަށް އަމާޒު ކުރެވޭތޯ މި ބުއްދިވެރި ގޮތަކީ މިކަމުގައި އުޅުން. ދެން އެކަން ކުރެވޭތޯ އަޅުގަނޑުމެން މިއުޅެނީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މިހާރު ތިބި މީހުންނަށް އަޅުގަނޑުމެންނަށް ހެދެން އޮތްގޮތަކީ، އެ ދިމާވެފައި ހުރި ލޯނުގެ ދަތިތަކުން އެމީހުންނަށް އެރޭތޯ ބެލުން. އަދި ދެން ބޮޑެތި ދޯނިފަހަރު ކުޑަކުރެވޭނެ ގޮތެއް ހޯދޭތޯ ބެލުން. މިހާރު ހުރި ބޮޑެތި ދޯނިފަހަރުގެ ތެޔޮ ހޭދަކުރާ މިންވަރުވެސް އެނޫން ގޮތަކަށް ބަދަލުކުރެވޭތޯ ބެލުން.

މީގެއިތުރުން، އަޅުގަނޑަށް ވަރަށްގިނަ ފަރާތްތަކުން އެބަ ލަފާދޭ، ރާއްޖޭގައި އޮތް މަސްވެރިކަމަކީ ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިކަމެއް ނޫނޭ. ދިވެހިން ކަޅުބިލަމަހަށް ނުކުމެގަތްތާ އަދި ނުވޭ ތިންސަތޭކަ އަހަރު. ތިނަދޫ މީހުން ކަޅުބިލަމަހަށް ނުކުތްތާ. ރޮނދު އަޅައިގެން އުޅުނު ބައެއް އަޅުގަނޑުމެންނަކީ. ފަރުން ފަރު ހިލައިގެން އުޅުނު ބައެއް އަޅުގަނޑުމެންނަކީ. ރާއްޖޭގެ ފަރުތަކުގައާއި، ފަޅުތަކުގައާއި އުފެއްދޭ ދިރުމާއި، އުފެދި ހުންނަ ދިރުމާއި، އޭގެ މުއްސަނދިކަމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށް މުޅި ދުނިޔޭގެ އެންމެންވެސް، މިތަން ދުށް ކޮންމެ މީހަކުވެސް ބުނޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ފާނައިގެ މަސްވެރިކަންވެސް، ހުއިފިލަނޑާވެސް، އިހިވެސް އަދި އިތާމުތްވެސް، މިހެންގޮސް މިބާވަތުގެ އެބަހުރި ކިތަންމެ ބައިވަރު މަސައްކަތެއް، ހަމަ ވަރަށް ބާރަށް ތަރައްޤީކޮށްގެން ކުރިއަށް ގެންދެވޭނެ. މިއީ މުޅި ދުނިޔޭގައި އޮތް އެންމެބޮޑު އަތޮޅު. ހުވަދުއަތޮޅަކީ. މިއަތޮޅުގެ މުއްސަނދި ކަމުގެ ވާހަކަ، ޤުދްރަތީ މުއްސަނދި ކަމުގެ ވާހަކަ، މީހުން ދައްކާ ހުސްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިދެންނެވި ދިމާލުގެ މަސްވެރިކަމަށް އެނބުރެން. އެހެން ބާވަތެއްގެ ކަނޑުގެ ރޯދި އަޅުގަނޑުމެން ހޯދަން އަޅުގަނޑުމެން އެބަ އެނބުރިގަންނަންޖެހޭ. އެހެންވީމާ، މިއަދު އަޅުގަނޑުމެން ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިކަން ސަލާމަތްކުރާކަށް ނޫން ވިސްނަންވީކީއެއް. އެކަން ކުރަމުން، ހަމަ އެއާއެކީގައި ހަމަ ބޮޑުކަންނެލީގެ މަސްވެރިކަން މިއަތޮޅުތަކަށް ހޯދޭތޯވެސް މަސައްކަތް ކުރަން އެބަޖެހޭ. ހަމަ އެއާއެކީގައި އެން އުފައްދަން މަސައްކަތް ކުރަންވެސް އެބަޖެހޭ އަދި ފަރު މަސްވެރިކަންވެސް އެބަ އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭ. ފަރުމަސްވެރިކަމޭ މިދެންނެވީ، އިހި ނެގުން. ހުއިފިލަނޑާ ހެއްދުން. ފާނަ ހެއްދުން. މިބާވަތުގެ މުޅި ދުނިޔޭގައި ނުލާހިކު ރަނގަޅު، މީގެ އަގުހުރި މަސްވެރިކަން މިސަރަޙައްދުން އަޅުގަނޑުމެންނަށް އުފެއްދެން އެބަހުރި. ހޯދެން އެބަހުރި. އެހެންވީމާ، އެދިމާއަށް ދިއުންވެސް އެއީ އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް.

ހަމައެއާއެކީގައި މި މަސްވެރިކަން ތަރައްޤީ ކުރުމަށްވެސް އައްޑުއަތޮޅުގައި އެއޮތް އެއަރޕޯޓް އެއީ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް އެބަ ހަދާންޖެހޭ. އެ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށް އަޅުގަނޑުމެންނަށް މިހާރު ދެން އުންމީދު މިކުރަނީ، އެއްބަޔަކު އެބަ ބުނޭ، ތިމަންމެން އަތަށްދޭތާ މިތައް ދުވަހުގެ ތެރޭގައި ހަދާނަމޭ. ދެން އެހެން ބުނާއިރަށް، އަނެއްބަޔަކު އެބަބުނޭ، ރާއްޖޭގައި ހުރި އެއަރޕޯޓްތައް ބޭރު މީސްމީހުން އަތަށްދީގެން ނުވާނެއޭ. ދެން އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އަތުގައި ރާއްޖެއަކު ނެތްކަން ކުއްލިއަކަށް މިހާ ބައިވަރު މަސައްކަތް ކުރާނެ ޑޮލަރެއް. އެހެންވީމާ، ކޮންމެވެސް ބަޔަކާ މިކަންކަން ޙަވާލުކޮށްގެން ނޫނިއްޔަކާއެއް. އައްޑުއަތޮޅު އެއަރޕޯޓް، ރަނގަޅު އެއަރޕޯޓަކަށް ހަދަން އެބަ ތިރީސް މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ. އަޅުގަނޑުމެން ސަރުކާރު ދަރާފައި އޮތް މިންވަރުން ދެނެއް ނެތް އިތުރަކަށެއް ސަރުކާރަކަށް ދަރަނިވެވޭކަށް. ބޭރުން ލޯނު ނެގޭކަށެއް ޙަޤީޤަތުގައި ނެތް. އެހެންވީމާ، މިހާރު ދެން ހަމަ ހަދަން ޖެހޭނެ ގޮތަކީ، އެއްބައި މީނައަށްދޭނަމޭ، މިތަނުގައި މިވެނިކަމެއް ކުރާށޭ. އެކަހަލަ ކޮންމެވެސް ވިޔަފާރީގެ އުޞޫލަކުން މިކަން ކުރުން ނޫން ގޮތެއް ޙަޤީޤަތުގައި ދެން ނެތް.

ގިނަ ބޭފުޅުން، ގިނަ ސަރުކާރުތައް އެދޭނީ، ސަރުކާރުން ކަންކަން ކުރަން. ކުރިވަރަކަށް ސަރުކާރު ވަރުގަދަވާނޭ. ސަރުކާރު ބާރު ބޮޑުވާނެ. ސަރުކާރަށް ނުކުރެވިގެން މިއުޅޭ އެންމެބޮޑު އެއްސަބަބަކީ، ސަރުކާރަށް ދެން އިތުރަށް ދަރަންޏަށް ލާރި ނެގެން ނެތްކަން. އިމްޕޯޓްކުރާ ޢަދަދު ދަށްވޭ، މަސްވެރިކަން ދަށްވި ވަރަކަށް. އެހެންވީމާ، ޑިއުޓީ މަދުވޭ. ޓޫރިޒަމް ދަށްވިވަރަކަށްވެސް ޑިއުޓީ މަދުވޭ. ސަރުކާރަށް ލިބޭ އާމްދަނީ އެބަ ދަށްވޭ. އެހެންވީމާ، ސަރުކާރަށް ލިބޭ އާމްދަނީ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މިކަންތައްތައް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ބާރަށް ކޮށްގެން ނޫނިއްޔަކާއެއް އަޅުގަނޑުމެން މިބޭނުންވާ ދިމާއަށް، ބޭނުންވާ އަމާޒަކަށް މަސްވެރިކަމުގައި އަޅުގަނޑުމެންނަކަށެއް ނުދެވޭނެހެން. އެހެންވީމާ، އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިޔާސަތަކީ ފަރުމަހުގެ މަސްވެރިކަން. ފަރުމަހޭ އަޅުގަނޑު މިދަންނަވަނީ، އެކްއަރކަލްޗަރއޭ މިކިޔާ އެކި ބާވަތްބާވަތުގެ މަސްވެރިކަން. އެ މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި މީހުންނަށް ލޯނު، ވިޔަފާރިވެރިންނަށް އެމަސައްކަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ލޯނު ހޯދައިދިނުމާއި، އެކަމާބެހޭ މަޢްލޫމާތު ދިނުމާ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި، ކުރިއަށް މިއޮތް ދެތިންމަހެއްގެ ތެރޭގައި މިދެންނެވި ލޯނުތައް އަޅުގަނޑުމެންނަށް ދޭން ފެށޭނެ. ދެން އޭގެތެރޭގައި، ޚާއްޞަކޮށް ސަރުކާރުގެ މުވައްޒަފަކު ސަރުކާރު ދޫކޮށްލާން ބޭނުންވަންޏާ، މިލޯނު ބޮޑަށްދޭން އަޅުގަނޑު ބޭނުން. މިދެކެނީ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ހުނަރުވެސް ރަނގަޅޭ، ޢިލްމުވެސް ބޮޑު، ތަންދޮރުވެސް އެނގިފައި ހުންނަލެއް ގިނަ. އެހެންވީމާ، އެފަރާތްތަކަށް ކޮންމެވެސް އެއްޗެއްދީގެން އަދި މިއަތޮޅަށް އަޅުގަނޑު އައިސް މިހުރީ ހަމަ ޙަޤީޤަތުގައިވެސް މި ދިވެހިރާއްޖޭގެ އިންޖީނަކީ މިއީ ކަމަށްވާތީވެ. ރާއްޖެ ވެއްޓޭ ކޮންމެ ފަހަރަކު އަރައިގަންނަނީ ހުވަދޫ މަހުން. ހަމަ ކޮންމެ ފަހަރަކު ރާއްޖެ ވެއްޓޭނެ. އިރުއިރުކޮޅާ ވެއްޓޭނެ އިޤްތިޞާދު ދަށްވެގެން. މިފަހަރު ރާއްޖެ ވެއްޓުނީމާ އަރައިނުގަނެވިގެން މިއުޅެނީ، އެއާއެކީގައި ހުވަދޫ މަސްވެސް ވެއްޓިގެން އުޅޭތީ. އެހެންވީމާ، ވަރަށްބޮޑު.

ބައްލަވާ މިދިޔަ އަޅުގަނޑުމެންގެ އަތުގައި ހިސާބު ހުންނާނެ އަށާރަސަތޭކައިއްސުރެ ފެށިގެން. ރާއްޖޭގެ ތަފާސް ހިސާބު. އަދި ޚާއްޞަކޮށް، މަސްވެރިކަން ވިޔަފާރި ކުރި ހިސާބު. ހުވަދުއަތޮޅުން މަސް ބޭރުކުރިވަރު އަށާރަސަތޭކަ އަށްޑިހަ ހަތަކުއްސުރެ ފެށިގެން މިއަދާ ހަމައަށް ފެންނާން އެބަހުރި. އެއިން ވަރަށް ސާފުކޮށް އެނގޭނެ، ރާއްޖޭގެ އިޤްތިޞާދު ދަށަށްދާ ކޮންމެ ފަހަރަކު އަލުން އަނބުރާ އިޤްތިޞާދު ނަގާފައި ހުންނާނީ ހުވަދޫ މަސްވެރިކަމުން. އެހެންވީމާ، މިވަގުތު މިފަހަރު އަޅުގަނޑުމެންނަށް ޓޫރިޒަމް ދަށްވީމާވެސް ހުވަދޫ މަސްވެރިކަންވެސް އެކަމާ ގުޅޭ. ހަމަ އެއާއެކީގައި ދަށްވީ. ދެން ދަށްވީމާ، އެދިމާވެގެން އުޅޭ ދަތި އިންތިހާއަށް ބޮޑުވެގެން ޙަޤީޤަތުގައި މިއުޅެނީ.

އަޅުގަނޑު ގޮސް މިއަދު ވަނިން ތިނަދޫ ބައެއް ގޭގެއަށް. އަޅުގަނޑަކަށްވެސް ނުފެނޭ، ގޭގޭގެ ސުފުރާ މާރަނގަޅަށް ހުއްޓަކާއެއް. އަދި މިރަށަކީ އެހެން ނަމަވެސް މިއީ ހަމަ ތަނަވަސް ރަށެއް. އަދި އެއަށްވުރެ މާލޭގެ ގޭގޭގެވެސް ނިކަމެތިކަން ހަމަ ވަރަށްބޮޑު. އަދި ރާއްޖޭގެ އެތަން މިތަނުގައިވެސް ހަމަ ނިކަމެތިކަން ވަރަށްބޮޑު. އަޅުގަނޑުމެންނަށް މިކަންކަމުން އަރައިގަނެވޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުވެސް އަޅުގަނޑުމެންނަށް އެނގޭ، ކޮންފަދަ ކަމަކާކަން މި ޙަވާލުވަނީވެސް. މިކަން އޮތީވެސް މިހެންކަން. އަދި މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ކަމުގެ އިތުބާރުވެސް، ޔަޤީންކަންވެސް އޮތީމަ އަޅުގަނޑުމެން މިކަމުގައި މިއުޅެނީ. އަޅުގަނޑަށް އެއްވެސް ޙާލެއްގައި ޝައްކެއްނެތް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން ކުރެވޭނެ. މިދަންނަވާ މައިގަނޑު ކަންކަން.

ދެން އަޅުގަނޑުމެން ވިސްނީ މިހާރު އެއޮތް މަސްގަތުމުގެ ހުއްދަ މިލިބެނީ، މަސް ބޭރުކުރުމުގެ ހުއްދަ މިލިބެނީ ހަތަރު ފަރާތަށް. އަޅުގަނޑުމެން ފިކުރުކުރީ، އެ ހުއްދަ ދޫކޮށްލައިފިއްޔާ މަހުގެ އަގު ރަނގަޅުވެދާނެއޭ. އެއީ އެއްބަޔަކަށްވުރެ އަނެއް ބަޔަކު ގިނައިން މަސް ގަންނަން އުޅޭނެއޭ. އެހެންވީމާ، މަހުގެ އަގު އެއާ ގުޅިގެން ރަނގަޅުވާނެއޭ. އަހަރެއް ނަގައިފި، މިކޮންޓްރެކްޓަށް ބަދަލެއް ގެންނަން. ދެން އަޅުގަނޑުމެން މި އުންމީދު މިކުރަނީ، މަސްވެރިކަން ރަނގަޅުވާއިރެއްގައި ބޭރު ބޯޓްފަހަރު އަންނާނެއޭ، އައިސް މަސް ގަންނަން ފަށާނެއޭ. މަސްވެރިކަން ރަނގަޅިއްޔާ. ދެން މަސްވެރިކަން ގޯހަސްވެސް ބޭރު ބޯޓްފަހަރު އައުން އެކަށީގެންވޭ. އެއީ މުޅި ހުރިހާ ގޯސް ތަނެއްގެ ތެރެއިންވެސް އެންމެ ރަނގަޅުވާނީ އަބަދުވެސް އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ. ދެން މަސް ނުބޭނިވަރަކަށް މަހުގެ އަގުވެސް ރަނގަޅުވާނެ. އެހެންވީމާ، ޖުމްލަކޮށްދެކޭއިރުގައި އަގާ، މިދެކަންތައް ބައިނަލްއަޤްވާމީ މާރުކޭޓާ އަޅުގަނޑުމެންނާ ރީތިކޮށް ގުޅޭގޮތް ވެއްޖިއްޔާ މަހުގެ އަގު ރަނގަޅުވާނެ. އެހެންވީމާ، މިއިން މަސް މަދުވިޔަސްވެސް، ޖުމްލަ ކަންތައް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ރަނގަޅުކޮށް ނުކުމެވޭނެހެން. އެހެންވީމާ، އަޅުގަނޑު ދެން ކަންބޮޑުވޭ. އަޅުގަނޑު ވިސްނަންޖެހޭ. އަޅުގަނޑުމެން އެންމެންވެސް ވިސްނަންޖެހޭ. އެކަމަކު އެއްވެސް ޙާލެއްގައި އަޅުގަނޑުމެން އުންމީދު ނަގާލާކަށް ހަމަ ކުޑަކޮށްވެސްނުވޭ. ޚާއްޞަކޮށް، މިއަތޮޅުގެ ރައްޔިތުން.

ދެން ދަނޑުވެރިކަން. ދަނޑުވެރިކަމަކީ މިއަތޮޅުގައި އަނެއްކާވެސް ހަމަ މިއަތޮޅު ރައްޔިތުން ވަރަށް ވަރުގަދަކޮށް ކޮށް އުޅުނު ކަމެއް. އެކި ބާވަތް ބާވަތުގެ ދަނޑުވެރިކަމުގެ އެކި ބާވަތް ބާވަތުގެ ކާއެއްޗެތި އުފައްދައިގެން ރާއްޖޭގައިވެސް ވިއްކުން. އަދި މިހާރުވެސް މިތަނުގައިވެސް އަޅުގަނޑަކަށެއް ނޭނގެ ނެތްކަމެއް، ކޮޅުނބުން ގޯލަށް މެޓާ ވިއްކަމުން ހިނގާފައި ތިބި ތިނަދޫ މީހުން. ހުވަދޫ މީހުން. ކޮޅުނބުއްސުރެ ފެށިގެން ގޯލަށް. އެއީ، އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް ސަތޭކަ މޭލު. ހިނގާފައި މެޓާ ވިއްކަމުން، ކޮޅުނބުން ފަށައިގެން ބޮލި ހަލުވާއާއި މެޓައާ ވިއްކަމުން އެބަދޭ ކެންޑީއާ ހަމައަށް ހިނގާފައި. ގޮއްސަ ދެން ދާއިރުގައި ހުންނާނީ އެއަށް ހަމަ ވަރަށް ރަނގަޅަށް ފައިސާ ލިބިފައި. މިހާރުވެސް ހުންނާނެ. ކޮޅުނބުގައި ހުންނާނެ. އަދި ގޯލަށްދާ މަގުމަތީގައިވެސް ހުންނާނެ ބައެއް ފިހާރަ ފިހާރަ. ހަމަ ވަންނައިރަށް މިވެނި މީހެއްގެ ވާހަކަ އަހާނެ. ހަމަ ވަންނައިރަށް ހީވާނީ އަޅުގަނޑުމެން ގެއާ ޖެހިގެން އުޅޭ މީހެއްގެ ވާހަކަ އަހާހެން. އެ ހަމަ ވަންނައިރަށް އެވެނި މީހެއްގެ ވާހަކަ އަހާނެ. އަޅުގަނޑުމެންނަށް އެމަސައްކަތްތަކުގެ ތެރެއަށް ހަމަ ރަނގަޅަށް ގެންދެވިދާނެ، ވަދެވިދާނެ. އަޅުގަނޑުމެން ބަލަބަލާތިއްބާ ހަމަ ސިލޯނު މީހުން ފާޑެއްގެ މެޓައެއްވެސް ހަދައިފި. އެމީހުން "ކެންޑޯޒް" ކިޔާފައި، އެ މެޓާ ކުޑަ ރަންވަރަންކޮޅަކަށް ލައިގެން ބައިވަރު ވިއްކައިފި. އެކަމަކު ސިލޯނަކަށް ލާހިކެއް ނޫން، ސިލޯނު މީހުން އަޅުގަނޑުމެންގެ ހިކި ކަނޑުމަހާއި، އަޅުގަނޑުމެންގެ ބޮނޑިހަލުވާއާއި، އަޅުގަނޑުމެންގެ މެޓައާ، އެތަނުން ފިލުވައިލެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އަދި ހަމަ މާދަމާވެސް އަޅުގަނޑުމެންނަށް އެކަންތަކުގެ ތެރެއަށް ހަމަ އަޅުގަނޑުމެންނަށް ދެވިދާނެ.

ދެން މީގައި އަޅުގަނޑުމެން ދާންއުޅޭއިރުގައި، އެކަން ކުރާނީ އަޅުގަނޑު ހިތަށްއަރާ ގޮތަކަށެއް އެކަމެއް ނުވާނެ. އަޅުގަނޑު އެދޭހާ ގޮތަކަށްވެސް އެކަމެއް ނުވާނެ. މިބޭފުޅުން ހުންނާނެ ހަމަ ތަރުތީބުތަކެއް ރާވާފައި އެކަން ކުރަން. ދެން ޑޮކްޓަރ ޑީޑީވެސް އެވިދާޅުވަނީ. ޑޮކްޓަރ ޝާފިޢާވެސް އެވިދާޅުވަނީ، އެބޭފުޅުން ހަމަ އެބަ ބޭނުންވެއޭ މީހުންނަށް މި މަޢްލޫމާތުދޭން. ގަހެއް އިންދާނެގޮތް. ސޯޅަސަތޭކަ މީހުންނަށް ގަސް އިންދަން ދަސްކޮށްދެވުނީމާ، ދެން ދެވަނަ ކަމަކަށް އަޅުގަނޑު މިދެކެނީ، އެއިން ކޮންމެ މީހަކަށް ގަހެއްދެވޭތޯ ބެލުން. އިންދާނެ ގަހެއް ނުވަތަ ވިއްސަކަށް ތިރީހަކަށްހާސް ރުފިޔާ ދެވިއްޖިއްޔާ ދެން ގަހެއް އިންދަފާނެ. ދެން އެގަހަކުން އަޅާ މޭވާއެއްގެ ބޭނުން، އެ އެންމެންނަށް ކުރެވޭނެގޮތެއް، އެއްތަނުން އަނެއް ތަނަށް އެ އުފުލޭނެ ގޮތެއް ހެދެން އޮތީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކާ ގުޅުވައިގެން.

އަޅުގަނޑު އިހަކަށްދުވަހު މިއައީ އަރިއަތޮޅު މާޅޮސް، ހިމެންދޫ، ފެރިދޫ، ބޮޑުފޮޅުދުއާއި މަތިވެރިއާ މި ފަސް ރަށަށް ގޮއްސަ. އެތަނުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރިތާ އެއްމަސްދުވަސްވެއްޖެ. އޭރުން މިހާރު ތޮއްޑޫގެ ބިލެތް، މާޅޮހުގައި އަބަދުވެސް ހުރޭ. އުކުޅަހު މަސް އަބަދުވެސް ހުރޭ ހިމެންދޫގައި. މި އެއްތަނުން އަނެއް ތަނަށް ހަމަ ބައިވަރު މުދާ އެބަ ބަދަލުވޭ. އެއަތޮޅު އަދި ތ. އަތޮޅުވެސް، ލ. އަތޮޅުވެސް، ގޮސް ބައްލަވައިފިއްޔާ މިހާރު ހަމަ ވަރަށް ސާފުކޮށް މިކަން ފާހަގަވާނެ. އެތަންތަނުގައި އެބަ ވަރަށް ރަނގަޅަށް ވިޔަފާރިވެސް އެބަ ހިނގާ. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް، ދެން އަޅުގަނޑު އުންމީދުކޮށްގެން މިހުންނަނީ މިއަންނަ މަހު ހުވަދުއަތޮޅުގައި ފެށޭނެއޭ ދަތުރުކުރުމުގެ ނިޒާމު. ފެށުނީމާ އެއާއެކީގައި މި ދަނޑުވެރިކަންވެސް ހިނގައިގަންނާނެއޭ.

ދެން ދެންމެ ބޭފުޅަކު ބުނުއްވައިފި، ބިން ނުލިބޭ ވާހަކަ. ރަށްރަށް ނުލިބޭ ވާހަކަ. އަޅުގަނޑުމެން އެހެނެއް ނުބާއްވާނަން އެކަމެއް. މިރަށްތައް އަޅުގަނޑުމެން ދޫކޮށްލާނަން. އަޅުގަނޑުމެން ބަލަހައްޓައިގެން މިތިބެނީ، ކޮންކަމަކަށް ކޮން ރަށެއްތޯ ދޫކުރާނީ. ކިތައްރަށް، މިވެނި ކަމަކަށް ކިތައް ރަށްތޯ. ޓުއަރިޒަމްގެ ބޭނުމަށް މިއަތޮޅުން ކިތައް ރަށްތޯ؟ މަސްވެރިކަމަށް ކިތައް ފަޅުތޯ. ކިތައް ރަށްތޯ. ދަނޑުވެރިކަމަށް ކިތައް ރަށްތޯ. އަދި ހަމަ މީހުން މޫދަށްއެރެން ބާއްވަން ކިތައް ރަށްތޯ. އަދި ހަމަ ހުސްކޮށް ބާއްވަންވެސް ކިހާ ރަށެއްތޯ. މީގެ މިކިޔާ ބިން ބޭނުން ކުރުމުގެ ޕްލޭނެއް، ލޭންޑް ޔޫސް ޕްލޭނެއް އެބަ ހެދެންޖެހޭ. އަޅުގަނޑުމެންގެ ބިމާބެހޭ ބޭފުޅަކީ އަސްލަމް. އަޅުގަނޑުމެންނަށް ފުރަތަމަ އެބަޖެހޭ މީގެ ރަށްރަށުގެ، މުޅި ރާއްޖޭގެ އެންމެ 16 ރަށުގެ ކުރެހުން އޮތީ. މިހާރު އަޅުގަނޑުމެން މިތާނގައި ދިރިއުޅޭތާ ދެހާސް އަހަރުވެއްޖެ. ވީއިރުގައި 16 ރަށުގައި މިއޮތީ ކުރެހުން. ރަށެއް އޮންނަ ގޮތުގެ ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއް ހެދޭވަރުގެ ކުރެހުމެއް މި އޮތީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިހުރިހާ އެއްޗެއް އަނެއްކާ އަލުން އަނބުރާ ހަދަން. އަޅުގަނޑު ހެޔޮ މީހަކަށް، ކަންކުރެވޭ މީހަކަށް، ރަނގަޅު މީހަކަށްވާންވެގެން، އަޅުގަނޑުމެން އަތުގައި ހުރި އެއްޗަކީ މި ރަށްތައް. އެތަންތަން އަޅުގަނޑުމެން ދޫކޮށްލާއިރުގައި، އަޅުގަނޑުމެން އެބަޖެހޭ ހަމަ މުޅި ޖުމްލަ ބޮޑު ވިސްނުމެއް ގެންގުޅެން.

ހުވަދުއަތޮޅު އެންމެ ބޭފުޅުންވެސް ގަބޫލުކުރައްވަން ޖެހޭނެ، އަޞްލުގައި ހަމަ މިއަތޮޅަކީ އައްޑުއަތޮޅާވެސް އަދި ފުވައްމުލަކާވެސް ގުޅިފައި އޮތް އަތޮޅެއް. މިދެންނެވި ދެއަތޮޅަކު ނެތް، މިއަތޮޅުގައި ހުރި މުއްސަނދި ކަމެއް. ދެން މި ތިންއަތޮޅު ދޭތެރޭ މެދަށް މިއޮތީ ބޮޑު ހުވަދޫ ކަނޑު ވަދެފައި. އެހެންވީމާ، އެދެއަތޮޅެއް މަސައްކަތެއް ނުކުރާނެ، މިއަތޮޅާ ނުލައެއް. އެހެންވީމާ، އޭގެވެސް މާބޮޑަކަށް އަޅުގަނޑުމެންނަކަށް އައްޑުއަތޮޅު މީހުން ވަތްކެއްކޮށެއްނުލެވޭނެ. އަޅުގަނޑަށް ވަރަށްދެރަ ކަމެއް މިހާރު. ހަމަ އެބަފެނޭ އެތަން ވަރަށް ގިނައިން. ހުވަދުއަތޮޅުގެ މުއްސަނދިކަމުގެ ބޭނުން ފުވައްމުލަކަށާއި އައްޑުއަތޮޅަށް ކުރެވެންޖެހޭނެ. ނުކުރެވޭ ގޮތަކަށް އަޅުގަނޑުމެން ރާވައިގެން ނުވާނެ. ރާވައިފިއްޔާ އެއީ ހަމަ ބޮޑު ބޮޑު ސިންގާ ގޯހެއް ހިނގައިގެންދާނެ. ދެން ހުވަދޫ ކަނޑުން އުތުރުވީމާ އަނެއްކާވެސް ރަށްރަށް އެބަހުރި އެކޮޅުގައި. އެކަމަކު ހުވަދުއަތޮޅުގައި މިއޮތީ މި ރާއްޖޭގެ ބޮޑު މުއްސަނދިކަން. އެހެންވީމާ، މިމުއްސަނިދކަން އަޅުގަނޑުމެން އެންމެންނަށް ބޭނުންކުރެވޭނެ.

ދެން އަޅުގަނޑު މާޔޫސްވާގޮތެއްނުވޭ. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިގެންނަން މި ފިކުރުކުރާ ބަދަލުތަކާއި އަދި އަޅުގަނޑުމެން ހަދަން މިއުޅޭ ގޮތްގޮތް އަޅުގަނޑުމެންނަށް ހެދޭނެ. ދެން ވަޙީދު އެ ބުނުއްވީ ކަންނެލި މިކޮޅުން ގަނެވޭގޮތް އޮތްތޯ އަދިވެސް. އަޅުގަނޑު މާލެގޮސް އަނެއްކާވެސް ބަލާނަން. މިހާރު އަޅުގަނޑުމެން ހިންގަން މި އުޅޭ ގޮތް ނޫން އެހެން ގޮތެއްގެ ވާހަކަ ވަޙީދު ތިޔަ ބުނުއްވީ. އެހެންވީމާ، މިހާރު އަޅުގަނޑުގެ ވާޖިބެއް އެއީ އެގޮތް ބެލުން އަނެއްކާ. އަދި އަޅުގަނޑަށް ހުރިހާ ބޭފުޅުން އަޅުގަނޑުމެން އެއްވެގެން ގަނޑެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ފެނިފައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތަކަށް މިގެންދެވޭތޯ މިއުޅެނީ. މިބުނަނީ ތިރީސް ޓަނު އެބަ ބޭރުކުރެއޭ މާލެއިން ދުވާލަކަށް ހުޅުލޭ އެއަރޕޯޓުގައި. ގަން އެއަރޕޯޓް ރަނގަޅު ކުރެވިއްޖިއްޔާ، ހަމަ އެތަނުންވެސް ތިރީސް ޓަނު ބޭރުކުރެވޭނެއޭ. އެހެންވީމާ، ހަމަ އަޅުގަނޑުމެންނަށް ކަންނެލީގެ ވިޔަފާރި ދެގުނަ ކުރެވުނީ.

ދެން ކުރީ ދުވަހު އައި މާރސް އެންޑް ސްޕެންސަރ. އެއީ ބިގް ފިޝް. އެމީހުންގެ މަސް ގަންނަނީ އިނގިރޭސި ކުންފުންޏެއް. މާރސް ސްޕެންސަރ ކިޔާ ބައެއް. އެކުންފުނީގެ ޗެއަރމަން ކުރީ ދުވަހު ވަޑައިގެންނެވި އަޅުގަނޑާ ބައްދަލުކުރަން. ދެން އަޅުގަނޑު އެބޭފުޅާ އަރިހުގައި ދެންނެވިން، އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ދަތިތައް. މަހުގެ އަގުގެ ވާހަކަ ދައްކަންވެގެން އެބޭފުޅާ އުޅުނީ. ދެން އަޅުގަނޑު ދަންނަވައިފިން، ދެން މިކަހަލަ ވާހަކައެއް ނުދައްކައްޗޭ މިރަށަށް އައިސް. މިހާރު ވަރަށް ބޮޑަށް، މިހާރުވެސް ގޯސްވެގެނޭ މިއުޅެނީ. އެހެންވީމާ، ދެން ތިޔަ ވާހަކަ އަނެއްހެން އެހެން ދައްކަވާނެ ކަމެއްނެތޭ. ދެން އެބޭފުޅުންގެ ކާރުޚާނާއެއް އެބަހުރި ސީޝޭލްސްގައި. ދެން އެބޭފުޅުންނަށް އަޅުގަނޑުމެންނަށް ރަނގަޅަށް މަސައްކަތް ކުރެވިއްޖިއްޔާ. އަޅުގަނޑު އެހެންވެގެން ކުރީދުވަހު ޕްރިންސް އެންޑްރޫ އައްޑުއަތޮޅަށް ގެންދިޔައީ. އެންޑްރޫއަކީ އިނގިރޭސިވިލާތުގެ ޓްރޭޑް ރެޕްރެޒެންޓެޓިވް. ނުވަތަ އެމްބެސެޑަރ. ވިޔަފާރިއާ ގުޅޭ ސަފީރެއް އެއީ. ދެން އެބޭފުޅާ ގުޅުއްވީމާ މާރސް އެންޑް ސްޕެންސަރ އެއަންނަނީ.

އަޅުގަނޑުމެން ފުރަތަމަ އުޅުނީ، ފެލިވަރުގެ ކާރުޚާނާގެ ހަތަރު ލައިނުން، އެއްލައިން އައްޑުއަތޮޅަށް ނުވަތަ ހުވަދުއަތޮޅަށް ބަދަލުކުރަން. ބަދަލުކޮށްގެން އެކަން ކުރީމާ ކިހިނެއްތޯވާނީ. ދެން މިހާރު އަޅުގަނޑުމެންނަކަށް މިފްކޯގެ އެއްވެސް ކަމެއްގައި އަތްލައި އުޅުން އެއީ ބުއްދިވެރި ކަމަކަށެއްނުވޭ. އޭގައި އަޅުގަނޑުމެންނަކަށް ނުވެސް އެނގޭ އޭގައި ދެންވާނެ ގޮތެއްވެސް އަތްލައިގެންވެސް. އެހެންވީމާ، މިފްކޯގެ ކަންތައް މިފްކޯއިން ދެން އަޅުގަނޑުމެން ބަލަހައްޓަމުން ގެންދަންޖެހޭނެ. އަޅުގަނޑުމެން ކުރާ ކަމެއް އަނެއްކާ އަލިފުން ފަށައިގެން ޔާއާ ހަމައަށް ކުރުން އަޅުގަނޑަށް ހީވަނީ މާބުއްދިވެރިހެން.

ދެން އަޅުގަނޑުވެސް ގަބޫލުކުރަން. މިސާލަކަށް، ތިނަދޫގައި ދަނޑުވެރިކަން ކުރެވޭކަށެއް ދެން މިހާރަކު ނެތް ކަމަށް. އަޅުގަނޑުމެނަށް އެންމެނަށްވެސް އެނގޭ، އެކަހަލަ ދަނޑުވެރިކަމެއް ތިނަދޫގައި ކުރެވޭކަށް ނެތްކަން. އެކަމަކު ހަމަ އަޅުގަނޑު އަދިވެސް މައްސާގު ފަތް ކަނީ. އަޅުގަނޑު ގޭ ބެލްކަނީގައި، ދެން މިހާރު ބެލްކަންޏަކު ނޫން، އިންދާފައި ހުންނަ ގަހަކުން. އެހެންވީމާ، މިހާރު އެބަހުރި އެކިގޮތްގޮތަށް ދަނޑުވެރިކަން ހިންގެންވެސް.

ދެން އަޅުގަނޑުމެންނަށް ލިބިފައި ހުރި މުއްސަނދިކަން އެބަހުރި ބައިވަރު އިނގޭތޯ މިދެންނެވިހެން. މިސާލަކަށް، ޑޮކްޓަރ ޑީޑީއާއި ޝާފިޢާ. ޝާފިޢާއަކީވެސް މިކަން އިންތިހާއަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. އަޅުގަނޑުމެންނަށް ޝާފިޢާއާ އެކުގައި، އަޅުގަނޑުމެންނަށް ވީ އެހީތެރިކަމެއް އެމިނިސްޓްރީއަށް ދިނީމަ. ޑީޑީ އެހުންނަވަނީ ހަމަ ރެޔާދުވާލު މަސައްކަތް ކުރަން ތައްޔާރަށް. އެހެންވީމާ، އަޅުގަނޑުމެންނަށް، އަޅުގަނޑަށްވީ އެހީތެރިކަމެއް އަޅުގަނޑު ޑީޑީއަށް އަރުވާނަން. އަޅުގަނޑުމެންނަށްވީ މިންވަރަކުން މިކަމުގައި އަޅުގަނޑުމެން ބާރުއަޅަމުންދާނަން. އަދި ހަމަ އެއާއެކީގައި އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންވެސް ޖެހޭނެ. އިންކާރުކުރަންވެސް ޖެހޭނެކަން، މީހުން އިދިކޮޅުވެސްވާންޖެހޭނެކަން، އަދި އަޅުގަނޑުމެން ކިޔާހާ ކަންތައް، ކުރާހާ ކަންތައް އެއީ، އެންމެ ރަނގަޅަށް ކުރެވޭ ކަމަކަށްވެސް ނުވާނެ. އެކަމަށްވެސް ބަދަލުވެސް ގެންނާންޖެހޭނެ. ދެން ހަމަ ހުރިހާ ކަމަކުންވެސް އަޅުގަނޑަށް ފެންނަނީ ރޯޝަނީ އުޖާލާ މަންޒަރެއް އިނގޭތޯ. އަޅުގަނޑަކަށެއް ނުފެނޭ އެހާ ނިކަމެތިކޮށެއް އަޅުގަނޑެއް ނުދެކެން. ކޮންމެ ފަންސާސް، ފަސްދޮޅަސް އަހަރަކުން އެއްފަހަރު މިރަށް ފަޅުކުރޭ. އަނެއްކާ ހަމަ އަޅުގަނޑުމެން ނުކުމެ ބަލައިލާއިރު، މުޅި ރާއްޖޭގައި އޮންނަ އެންމެބޮޑު ރަށަށް މިރަށް ބަދަލުވޭ. އެހެންވީމަކާއެއް މިރަށެއް މަރައެއްނުލެވޭނެ. މިއަތޮޅެއް. އެއީކީއެއް އަޅުގަނޑުމެން އެއްވެސް ބައެއްގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫން. ޤުދްރަތީ ރޭވުން އަޅުގަނޑަށް ހީވަނީ އެއަށްވުރެ ވަރުގަދަހެން. އަޅުގަނޑުމެންނަށް ކުޑަކުޑަކޮށް އެރޭވުން އެނގިލީމާ، އަޅުގަނޑުމެންނަށް ކިރިޔާވެސް ކުޑަމިންވަރެއް ލިބުނީމާ އަޅުގަނޑުމެންނަށް އެކަން ކުރިއަށް ގެންދެވޭނެ.

ވަޙީދު އެބަ އެދިލައްވާ ކުޑަކުޑަ އެއްޗެއް ބުނުއްވަން. އަވަހަށް ވަޙީދު ބުނުއްވީމާ އަޅުގަނޑު ނިންމާލާނީ.

ވަޙީދު:

ކާޑެއްދޫގެ ވާހަކަ އަޅުގަނޑު އޮންނާނެ ދަންނަވާލާފައި. އަދި އޭގެ ޖަވާބު ނުލިބޭ. ދެން ދަނޑުވެރިކަމާ ބެހޭގޮތުން އަޅުގަނޑު އަދިވެސް އެއްޗެއް، ކުޑަކުޑަ އެއްޗެއް ދަންނަވާލަން، ވަގުތު ކުޑަނަމަވެސް. ދެން މިއަތޮޅަށް ބަލާއިރުގައި މިއަތޮޅު ހޯނޑެއްދޫގައި ދަނޑުވެރިކަން ކުރާ ރަށެއް. އަނެއްކާ ގައްދުއަކީ ހަމަ އެފެންވަރުގައި. އަދި ވާދޫ. އެހެންވީމާ، ދެން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދޭ އެދުމެއް. އެބޭފުޅުންނަށް އެކަން ކުރެވޭނެ ގޮތް. ވިދާޅުވެއްޖެ ހަމަ ލޯނުގެ ވާހަކަ. ދެން މި ތިނަދުއަކީ އަނެއްގޮތުން ބަލާއިރުގައި ދަނޑުވެރިކަން މިހާރު ކުރާ ރަށެއް ނޫނޭ. ކާޑެއްދޫ ދިޔުމުގެ ސަބަބުން، ކާޑޭއްދޫގައި އަޅުގަނޑު މަސައްކަތް ކުރަމުން އައީ. އެހެން ނަމަވެސް، ކާޑެއްދޫ އެއަރޕޯޓް ހެދުމުގެ ސަބަބުން އެކަން އަޅުގަނޑުމެންގެ އަތުން ގެއްލިފައި. ދެން އެހެންވީމާ، މިރަށްރަށުގައި ހަމަ އެބަހުރި ދަނޑުވެރިކަން ހަމަ ރަނގަޅަށް ކުރެވޭނެ ގޮތްތައް. ވަސީލަތްތައްވެސް އެބަހުރި. ވަސީލަތްތައް ނެތީ ވާހަކައަކީ. ދަނޑުވެރިކަން ކުރާނެ ބިން އެބައޮތޭ އޭގެ މާނައަކީ. އެހެންވީމާ، އެބޭފުޅުންނަށް އޭގެ ވާހަކައަކީ އެކަން ހަމަ ރަނގަޅު ގޮތަކަށް އެ ކުރެވޭގޮތް ހެދުނީމާ، ދެން ދަތުރުފަތުރުން ގުޅިގެން ދިޔައީމާ، ދެން އަޅުގަނޑުމެންނަށް އެއޮތީ އެކަން ހަމަ ބަރާބަރަށް ކުރެވިފައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ހަމަ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިފައިސާ އަޅުގަނޑުމެން ހޯދާފައި، އެފައިސާދޭނަން ލޯނުގެ ގޮތުގައި. ބޭންކް އޮފް މޯލްޑިވްސް ނަމަވެސް، ކޮންމެވެސް ބޭންކެއް މެދުވެރިކޮށްގެން. އެކަން އެބަ އަޅުގަނޑުމެންނަށް ހިންގޭ. އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި އެކަން ހިންގޭނެ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ.

ސުވާލު:

އަޅުގަނޑުމެންނަށް ކުރު ކޯސް، ދަނޑުވެރިކަމާބެހޭ ކުރު ކޯސްތައް ލިބޭނެގޮތް ވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ދަނޑުވެރިކަން ފުދޭވަރަކަށް ތަރައްޤީވެގެން ހިނގައިދާނެ. ދެން ދެވަނަ ކަމަކަށް އަޅުގަނޑު މިއޮތީ ކާޑެއްދޫގެ މި ބިންތައް ލިބޭނެ ގޮތަކަށް އަދިވެސް ވިސްނާވަޑައިގެން ބައްލަވައިދެއްވައިފިއްޔާ ރަނގަޅުވާނެ ކަމަށް ފެންނާތީވެ، އެހެންވީމާ އެއެދުން.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝާފިޢާ ބުނުއްވައިފި ކުދި ކޯސްތައް މިއަތޮޅުގައި ހިންގޭނެއޭ. ހިންގަން ފެށޭނޭ. އަޅުގަނޑަށް ހީވަނީ ޑީޑީ އާއި ޝާފިޢާ މިނިސްޓްރީން އޮތީ ރާއްވަވާފައިހެން އެކަން ހިންގުމަށް. ދެން ކާޑެއްދޫގެ ކަންތައް ހަމަ ގުޅިފައި ހުރީ ދޫންޏާ ކަމަށްވަނީ އިނގޭތޯ. އަޅުގަނޑުމެން ހީކުރާ ގޮތެއް ނޫން ކަންކަމުން ވަނީކީއެއް. އަޅުގަނޑަކަށެއް ނުކެރޭނެ ކާޑެއްދުއަށް މަޙްމޫދު ރާޒީ އަރިހުގައި ދަންނަވާކަށް، އެތަނުގައި މިވެނި ކަމެއް ކުރަން ހުއްދަދޭށޭ އެއަރޕޯޓް އޮއްވައި. އަޅުގަނޑުމެންދޭ ހުއްދައަކުން ގޮސް މަތިންދާބޯޓަކަށް އޭގެ އިރުވައިހުދެއް ވަދެ، އެކަން ހިނގީމާ ދެން ނޯންނާނެ އެއަރޕޯޓެއްވެސް. އެހެންވީމާ، އަޅުގަނޑުމެންނަށް އެރަށުގައި ކުރެވޭނީ އެކަންތައް. އަޅުގަނޑަކަށް ނުފެނޭ އެރަށުގެ އެހެން ވާހަކައެއް ދައްކަން އުޅޭކަށް. މިހާރު އެއޮތީ އެރަށުގައި އެކަން ކޮށްފައި. ދެން އަޅުގަނޑުމެން އެހެން ތަންތަން ބަލަންވީ. އެރަށުގައި މިހާރު އެހެރީ އެއަރޕޯޓެއް އަޅާފައި. ދެން އަޅުގަނޑުމެން އެރަށުގައި އެއަރޕޯޓް ނަގާފައި، ދެން އެހެން ކަމެއް ކުރަންޏާ ކުރާންވީ. އެކަމަކު މިހާރު އެހެން ބުނެ ބުނެ އޮއްވައި، އަދި އަޅުގަނޑަށް ހީވަނީ ބައިނަލްއަޤްވާމީ ކޮންމެވެސް މުޢާހަދާއެއްގައި އަޅުގަނޑުމެން ސޮއިކޮށްފައި އޮންނަނީ، އެއަރޕޯޓެއްގެ ސަރަޙައްދުގެ، އެއަރޕޯޓެއް އަޅާފައި އޮންނަ ތަނެއްގެ މިހާ ސަރަޙައްދުގެ ތެރޭގައި، ދެން އެހެން ބާވަތެއްގެ މަސައްކަތްތައް ކުރުމާއި އެކަހަލަ ކަންކަމާ ގުޅޭގޮތުން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެމަގަށް ދާން ހަމަ ދަތިވާނެހެން.

ދެން އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިހާރު ތަކުރާރުހެން މިކުރަނީ. އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފަލަކަށް އަދި ވަރަށްބޮޑު ތަޖްރިބާއަކަށް ސަރުކާރަށްވޭ ތިޔަބޭފުޅުންނާ ބައްދަލުވީމާ. އަދި ތިޔަބޭފުޅުންނާ އެކީގައި ވާހަކަ ދައްކައި، ކަންކަމާ މަޝްވަރާ ކުރެވުނީމާ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމަ އަޅުގަނޑު ދަންނަވަން ބޭނުން. ތިނަދޫގައި އަޅުގަނޑުމެން ހަމަ މިތިބެނީ، މުޅި ހުވަދުއާ ދިމާއަށް ބަލަހައްޓައިގެނޭ. ހުވަދޫ އެކަންޏެއް ނޫނޭ. ފުވައްމުލަކާއި އައްޑުއާ ދިމާއަށްވެސް ބަލަހައްޓައިގެނޭ. އެހެންވީމާ، މިއީ ދެން އަޅުގަނޑުމެން ބައެއް ބޭފުޅުން މިހާރު އެބަ ފާހަގަކުރޭ، އަޅުގަނޑު ކީއްވެހެއްޔޭ، އެހެންޏާވިއްޔާ ހަދާހެން އެހެން ރަށްރަށަށް ނުދިޔައީ. ދެން އަޅުގަނޑު ބޭނުން މިފަހަރު ތަންކޮޅެއް ގިނައިރު މިތަނުގައި މަޑުކޮށްލަން. ތަންކޮޅެއް ރަނގަޅަށް އެއްޗެއް އޮޅުންފިލާތޯ ބެލުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!
____________________________________