بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ދެންމެ ތިޔަ ކުރެއްވި ސުވާލުގެ ސީދާ ޖަވާބަކީ، މިކަން ހިނގާދިޔަ ގޮތަކީ، ފިންލަންޑްގެ ބޮޑުވަޒީރު އަޅުގަނޑު ގާތުން ސާފުކުރެއްވީ ކޮންކަމެއްތޯއޭ އެބޭފުޅުންނަށް ކޮށްދެވޭނީ، އަޅުގަނޑުމެން މި ކަރބަން ނިއުޓްރަލްވުމަށް ކުރާ މަސައްކަތުގައި. ދެން އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅޭ، ކޮންމެވެސް މިބާވަތުގެ ކަމެއް ކޮށްދެއްވިއްޔާ. ދެން އެހެން އަޅުގަނޑު ދަންނަވާފައި އޮއްވައި، އަޅުގަނޑު އެވާހަކަ އެބޭފުޅާ އަރިހު ދެންނެވީ، އަޅުގަނޑު އ.ދ.ގެ ޖަލްސާއަށްދިޔަ ދަތުރުގައި އެބޭފުޅާއާ ދިމާވެގެން. ދެން އޭގެފަހުން އަނެއްކާ ދިމާވެއްޖެ ކޯޕަންހޭގަނުން. ދިމާވިއިރުގައި ދެން ފިންލަންޑްގެ ބޮޑުވަޒީރު އޮތީ އަޅުގަނޑަށް ފިންލަންޑަށް ދިއުމަށް ދަޢުވަތެއް ދެއްވާފައި. ދެން އަޅުގަނޑުމެން ރާވައިގެން ތިބީ ކޯޕަންހޭގަނަށްފަހު ފިންލަންޑަށް އަޅުގަނޑު ދާން. ދެން އެކަމަކު ކަންދިމާކުރި ގޮތަކީ، ކޯޕަންހޭގަންގެ ޖަލްސާ އެއް ރެއަށް ދެދުވަހަށް ދިގުދެމިގެންދިޔައީ. ދިޔައީމާ އަޅުގަނޑުމެން ދެމީހުންވެސް އެރަށުގައި ތިބެންޖެހުނީ، ފިންލަންޑަށްނުދެވި. ދެން ފިންލަންޑް ސަރުކާރުން މިއަށް ޚަރަދު ކުރައްވަނީ.

ދެން މިހާރު މި ވިންވިންޑް ކުންފުންޏަކީ ފިންލަންޑް ކުންފުންޏެއް. ފިންލަންޑް ސަރުކާރުގެ ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އޮވެގެން އިންޑިޔާއިން ހަދާފައި އޮންނަ ކުންފުންޏެއް. އެހެންވީމާ، މިއަށް އަޅުގަނޑަށް ޔަޤީންކަން އަރުވާފައި އޮތީ، ފިންލަންޑް ސަރުކާރުން، އެބޭފުޅުން މިކަމަށް ޚަރަދުކޮށްދެއްވާނެ ކަމަށް. ދެން ފަހުން އަޅުގަނޑު ފިންލަންޑް އެމްބެސެޑަރާވެސް ވާހަކަ ދައްކައިފީމު. އަދި ތިޔަބޭފުޅުންނާވެސް އަޅުގަނޑު ވާހަކަ ދައްކައިފީމު. ދެން އެހެންވީމާ، އަޅުގަނޑު ދެކިގެން މިހުރީ މިއީ އަޅުގަނޑުމެންނަށް ލިބިފައި އޮތްކަހަލަ ކަމެކޭ. ފިންލަންޑް ސަރުކާރުން އަޅުގަނޑު ގާތުގައި ވަޢުދުވެފައި އޮތީ ނުވަތަ ވިދާޅުވެފައި އޮތީ ފަންސަވީސް މެގަވޮޓްގެ ކަރަންޓް އެބޭފުޅުން އުފައްދައިދޭނަމޭ. ދެން އެބޭފުޅުން ވިދާޅެއްނުވޭ އެއްރަށާ އަނެއްރަށާ ގުޅައިދޭނަމެކޭ. ދެން އަޅުގަނޑުމެން މިހާރު، އަޅުގަނޑުމެން އިތުރަށް ބުނެގެން މިއުޅޭ ކަމެއް މިއީ ގުޅައިގެން މިކަން ކުރުން. އެހެންވީމާ، އެ ގުޅަން އެ އަރާވަރު އިތުރުވެގެން މިދަނީ. އަޅުގަނޑަށް ހީވަނީ ދިހަ ފަނަރަ މިލިއަން ޑޮލަރު އެކަމާހުރެ އިތުރުވެގެން އެބަދޭހެން. އެހެންވީމާ، އަޅުގަނޑު ދަންނަވަންޖެހެނީ، މިސާލަކަށް މިކަން މިއޮތީ ހަމަޖެހިފައޭ، 25 މެގަވޮޓްގެ ކަރަންޓް އުފައްދަން. ދެން އޭގެ ނަރު އަޅާނެ ގޮތަކަށް އަޅުގަނޑު އަނެއްކާވެސް ހެލްސިންކީއަށް ގޮއްސައި އެބޭފުޅާއާވެސް ވާހަކަ ދައްކާނަން. ދެން އަދި އަޅުގަނޑަށް ޖަރުމަނަށްވެސް ދަތުރެއް އެބަލިބޭ. އެހެންވީމާ، އެބޭފުޅުންވެސް އަޅުގަނޑަށް ދޭނެ.

އަޅުގަނޑުމެން މިފައިސާ ހޯދަން ހެދިގޮތަކީ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެފައި އަޅުގަނޑުމެން ނިންމީ، އަޅުގަނޑުމެން ޚާރިޖީ ސިޔާސަތު ބިނާކުރާނީ، ބައްޓަންކުރާނީ ކިހިނެއްތޯ. ދިވެހިރާއްޖެ އަޅުގަނޑުމެން ގެންގޮސް ބަހައްޓާނީ ދުނިޔޭގެ މާޙައުލުގައި، ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެ ކޮންތާކުތޯ. ދިވެހިރާއްޖެއަކީ ކިހިނެއް ދުނިޔެއަށް ފެންނަ ޤައުމެއްގެ ގޮތުގައިތޯ އަޅުގަނޑުމެން ދުނިޔެއަށް ދިވެހިރާއްޖެ ދައްކާނީ. އަދި ދުނިޔެއަށް ދިވެހިރާއްޖެ އަންގައިދޭނީ ކިހިނެއްތޯ.

އަޅުގަނޑުމެންނަށް ވަރަށް ބައިވަރު މަސައްކަތް ފަށައިގަނެވިއްޖެ. ފުރަތަމަ ކަމަކަށް، ޚުދު މުޚްތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވެއްޖެ. އެކަމާ ގުޅިގެން ދުނިޔޭގެ ޤައުމުތައް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ޝައުޤުވެރިވާން ފަށައިފި. ދެން އިރާދަކުރައްވައިގެން، ދުނިޔޭގެ ބައިވަރު ވެރިންނަށް ލިބޭ ވަރަށްބޮޑު އެހެން ބާވަތެއްގެ އުފަލަކަށްވޭ އަޅުގަނޑު ޅަކަމުން. ދެން އެބޭފުޅުން ތިބޭނީ އަޅުގަނޑުގެ ކާފަ ޢުމުރުގައި. އެހެން ނޫނިއްޔާ އެކަހަލަ ޢުމުރެއްގައި. އަޅުގަނޑުވެފައި މިހުންނަނީ ދުނިޔޭގެ އެންމެ ޅަ ވެރިއަކަށް. އެހެންވީމާ، އެބޭފުޅުން ވަރަށް ގާތްކޮށް ބަހައްޓަވައި ވާހަކަ ދައްކަވާ. އަދި އަޅުގަނޑު ބުނާ ކަންތައް، އަނެއްހެން ދަރިއަކު ބުނީމަ ކޮށްދޭ ކަހަލަ އުޞޫލަކުން ކޮށްދޭކަހަލަ ގޮތެއްހުރޭ. ދެން އެހެންވީމާ އަޅުގަނޑުވެސް އޭގައި އަޚްލާޤެއް ބަހައްޓައިގެން މާގިނައިން އެއްޗެހި ނުކިޔާ، މިކަންކަން ކުރަމުން ގެންދިޔައީމާ އަޅުގަނޑަށް ހީވަނީ ރަނގަޅުވާނެހެން.

އަޅުގަނޑުމެންނަށް މިކަން ހަމަޖެހިފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެ. އެކަމަކު އަޅުގަނޑު ވަރަށް ބޭނުން ތިނަދުއަށް މިކަން ކުރަން. އަޅުގަނޑަށް މިކަން ހަމަޖެހިފައި އޮއްވައި، އެންމެ ފުރަތަމައިނުން މި ކަރަންޓްގެ އެންމެބޮޑު ބޭނުން ހުރިތަނަށް ނުކޮށް ތިނަދުއަށް ކުރަނީ ކީއްވެގެންތޯ މީހުން ސުވާލުކުރަން ފަށާނެތީވެ، އަޅުގަނޑު މަޑުކޮށްގެން ހުރީ އެހެން ތަނެއްގައި މިކަހަލަ ކަމެއް ފެށެންދެން މިކަން ބާއްވައިގެން. ދެން އަޅުގަނޑު ބޭނުންގޮތަށް އިރާދަކުރެއްވިއްޔާ މިކަން ކުރެވޭގޮތްވީމާ. ތިނަދުއޭ އަޅުގަނޑު މިދެންނެވީ ހުވަދުއަތޮޅުގެ ހިސާބަށް އިނގޭތޯ. ދެން އަޅުގަނޑު އެހާބޮޑަށް މި ރަށްރަށް ފާހަގަކޮށްގެނެއް ނޫޅެން. އަޅުގަނޑަށް ތިނަދޫވެސް، މަޑަވެލިވެސް، ހޯނޑެއްދޫވެސް، ފިޔޯރީވެސް ހަމަ ހުރިހާ ރަށެއް ކިޔައިގެން އަޅުގަނޑު މިކިޔަނީ. އެހެންވީމާ، މިތަނުގައި މިމަސައްކަތް ހިންގޭގޮތް އަޅުގަނޑަށް ހަމަޖެހުނީމާ ދެން އަޅުގަނޑުމެން ހިންގަން މިއައީ.

ދެން އަސްލަމް ވިދާޅެއްނުވޭ އަދިވެސް ޓާޓާއާ އެގްރީމެންޓްގައި ސޮއިކުރާ ދުވަހެއް. އަޅުގަނޑު އަނެއްކާވެސް އަސްލަމް އަރިހު އަހަން ބޭނުން، ކޮން ދުވަހަކުތޯ ސޮއިކުރައްވަނީ؟ އެއީ އަޅުގަނޑަށް ހީވަނީ އަސްލަމަށް އެނގިވަޑައިގަންނަވާހެން. ހަމަ ބޯހަރުކަމުން ވިދާޅުނުވަނީހެން. ދެން އަސްލަމް މަސައްކަތް ކުރައްވާގޮތާ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އެކަމަކު އަޅުގަނޑަށް ވަރަށް އުނދަގޫވި. ބާރަށް އެބޭފުޅާ ކުރައްވަނީ. ވަރަށް ރަނގަޅަށް ކުރައްވަނީ. އެކަމަކު ވަރަށްގިނައިރު ނަގާ. އެކަމަކު އަޅުގަނޑަށް މިހާރު ޔަޤީންވޭ، އެއްއަހަރު ކޮށްފައި، އަސްލަމް އެކުރައްވާ ގޮތަށް ކުރެއްވީމާ، އަޅުގަނޑުމެން ދެމީހުންވެސް ސަލާމަތްވާކަން. އެހެންނޫނީ އަޅުގަނޑުމެން ދެމީހުންނަކީ ވަގުންގެ ގޮތުގައި ނިމި ހިނގައިދާނެ. އަޅުގަނޑު ބޭނުންހާ ގޮތަށް މިކަން ކުރަން ފެށިނަމަ، އަޅުގަނޑު އައިސް އަޅުގަނޑު އަވަހަށް މިރަށުގައި ބާރަށް އުދަލި ހިފައިގެން ހުންނަ މީހެއް ކައިރީގައި އަޅުގަނޑު ބުނާނަން، އަވަހަށް ކޮބާ ސިމެންތި ގަށާފައި އަޅަން ފަށަންވީ ނޫންހޭ. ދެން އޭގެ ބަދަލުގައި އަޅުގަނޑުމެން މިހާރު އެހެން ކަންތައްތައް ނުކޮށް، އަޅުގަނޑުމެން ކަން ކުރަމުން މިއަންނަ ގޮތަކީ، ރާވައިގެން ތަރުތީބަކުން މިކަން ކުރަމުން އައުން. ދެން އަންނައިރު އަޅުގަނޑުމެންނާ ދިމާއަށް އެއްޗިހިކިޔާ މީހުންވެސް އުޅޭ އިނގޭތޯ. އެއީކީއެއް ހަމަގައިމުވެސް އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. ދެން އަޅުގަނޑަކަށް އެކަމަކާ ކުޑަވެސް މައްސަލައެއް ނެތް. މިރަށުންވެސް އަޅުގަނޑުމެންނާ ދިމާއަށް އަޅުގަނޑުމެންނާ ގުޅޭގޮތުން މީހުން އެއްޗިހި ބުނާނެ. ދެން އަޅުގަނޑުމެން އެދެނީވެސް އެ އެއްޗިހިތައް ބުނަމުން ދިއުމަށް. އަދި އަޅުގަނޑުމެން ނޭދެން، އެގޮތަށް އެއްޗެއް ބުނާ ކޮންމެ ފަހަރަކު އެބަޔަކާ އަޅުގަނޑުމެން މައްސަލަޖެހިގަންނާކަށް. އަޅުގަނޑުމެންނަކަށް އެއީކީއެއް ހަމަ އެއްވެސް މައްސަލައެއް ނޫން.

އަޅުގަނޑު ހަމަ ވަރަށް ރަނގަޅަށް ހަނދާންހުރޭ، ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް ފެންނަމުން އައީ، މީހެއްގެ ޙަޔާތުގައި އަލަތު ކައިވެންޏާ އެކީގައި ރިޒޯޓަކަށްގޮސް މަސައްކަތް ކޮށްގެން ތިން ހަތަރު އަހަރުވީމާ، ލިބޭ ލާރިކޮޅުން ގެވަޅެއް ނަގާފައި، ރުއްގަހަށް ބަދަލު ދިނީމާ، އެދިޔައީ އެއްލައްކަ ރުފިޔާއާ އެއްއަހަރު. ދެން އަނެއް އަހަރު ފަހަރެއްގައި ގާކޮޅެއް އަޅާލެވިދާނެ. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. އަނެއް އަހަރު ރާނާލެވިދާނެ. ދެން އަންނަ ރޯދައަށް ހަމަ މަތިވަޑާންގަނޑު ނިންމާލެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. މިހެންގޮސް ގެއެއް އަޅާ ނިމޭއިރުގައި މިހުންނަނީ ހަތްއަހަރު، އަށްއަހަރު، ދިހައަހަރު ގޮސްފައި. އަދި އޭގެއިތުރަށް ގެއެއް އަޅާ ނިމޭއިރުގައި، އެގޭގެ އަގު މިހުންނަނީ ދެބިލިއަން ރުފިޔާއާ ހަމައަށް އަރާފައި. އެހެންވީމާ، އަޅުގަނޑުމެން ވިސްނީ، މި ރާއްޖޭގައި ވަރަށް މުހިންމު ކަމެކޭ، މި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ބޯހިޔާވަހިކަމުގައިވެސް ޓާޓާއާ ވާހަކަ ދައްކަމުން އަންނަތާ ވަރަށްގިނަ ދުވަސްވެއްޖެ. ދެން އަސްލަމް އެބުނުއްވާހެން، އަޅުގަނޑުމެން އެކަން އޮންނަންވީ ގޮތްގޮތް ވަކިގޮތަކަށް ހިމުންވަންދެން ވަރަށްގިނަ ދުވަހު އެކަމުގައި އެކިއެކި ފަރާތްތަކާ އެކީގައި މަޝްވަރާ ކުރެވޭ. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މާދަމާ ޓާޓާ މީހުން އެބައާދޭ އަނެއްކާވެސް މިރަށަށް. ދެން އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، އެމީހުންނަކީ އެތަނުގެ މެނޭޖްމަންޓް ފެންވަރުގެ މީހުން. ބޭފުޅުން މިވަޑައިގަންނަވަނީ. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ދެން އެހެންވީމާ މިކަން ސޮއިކުރުމަކާ ހަމައަށް ދާންޖެހޭނެ. ދެން މިހާރު މިހިރީ އެކަމާގުޅޭ ރުފިޔާވެސް ހަމަޖެހިފައި. ހުރިހާ ކަމެއްވެސް ހަމަޖެހިފައި. އަޅުގަނޑުމެންނަށް ސޮއިކޮށްފައި އެކަން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ބޭނުން، މާލޭގައި މިކަން ކުރަން ފެށުމުގެ ކުރީގައި މިކޮޅުގައި އެކަން ކުރަން ފަށަން. އެހެން ނޫނިއްޔާ އަޅުގަނޑުމެން މިދައްކާ ވާހަކަވެސް އަދި މުޅިއަކުން ދެކޮޅެއްނުޖެހޭ. އަޅުގަނޑުމެން ބޭނުންވީ ތިނަދޫގައާއި އަދި ކުޅުދުއްފުށީގައިވެސް، ހިތަދޫގައިވެސް، ފުވައްމުލަކުގައިވެސް، ޚާއްޞަކޮށް، ބޮޑެތި ރަށްރަށުގައި އަވަހަށް ދިނުން. އެކަމަކު އަޅުގަނޑުމެން ހަމަ އެއާއެކީގައި ކޮލަމާފުށީގައި 80 ގެ އެޅޭތޯ އެބަ ބަލަން. އަދި ވިލިނގިލީގައިވެސް އަޅުގަނޑުމެން އެބަ އަޅަން މަސައްކަތް ކުރަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންވެސް ދާދި އަވަހަކަށް ފަށައިގަންނާނަން. އަދި އަޅުގަނޑުމެންނަށް ދާންދޫގައިވެސް މިކަން ކުރެވޭނެ. ގައްދޫގައިވެސް މިކަން ކުރެވޭނެ. އަދި ހަމަ ފަރެސް މާތޮޑާގައިވެސް އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. ދެން އަޅުގަނޑުމެންނަކަށް މިހާރަކު ނުފެނޭ، މިއީކީއެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ކަމެއް ކަމަކަށް. ދެން އަޅުގަނޑު އެންމެ އުފާވާ އެއް ނަން އެއީ "ފްލެޓް ދޮންބެ". އެހެންވީމާ، އަޅުގަނޑު ހަމަ މިހާރު އެދެނީ، އެ ނަން އަޅުގަނޑަށް ބޮޑަށް ލިބެން. ލިބިގެން އޭގެދަށުން އަޅުގަނޑަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. ދެން އަޅުގަނޑު މިދެކެނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިކުރަން އުޅޭ މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވޭނެއޭ.

އަޅުގަނޑު ދެންމެ މަދަރުސާއަށް ގޮއްސަ މިއައީ. 2008 ވަނަ އަހަރު މަދަރުސާގެ ބައިވެރިވި ކުދިންގެ ތެރެއިން ކޮންމެ 18 ޕަސެންޓް ކުދިން ފަސް މާއްދާއިން ފާސްވި. މިއަހަރު 38 ޕަސެންޓް ކުދިން ފަސް މާއްދާއިން ފާސްވި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އަމާޒަކީ، ސަރުކާރުގެ އަމާޒަކީ 60 ޕަސެންޓް ކުދިން ފާސްވުން. އެހެންވީމާ، ތިނަދޫގައިވެސް ހިންގަން ހުރި މަސައްކަތް އަދިވެސް ވަރަށް ބައިވަރު.

ދެން މުޅި މިދިޔަ އަހަރު އެކީގައި އަޅުގަނޑުމެންގެ ވަރަށްބޮޑު މައްސަލަތަކެއް ހުއްޓިފައި ހުރީ، މިތަނުގެ ޑެޕިއުޓީ ހެޑްމާސްޓަރާ ގުޅޭގޮތުން. ދެން އަޅުގަނޑު ލަދުގަނޭ އަޞްލުގައި މިކަމާ. މީހެއްގެ ވާހަކަ އެހާގިނައިން ދައްކަންޖެހޭތީވެ. ދެން އަޅުގަނޑަށް ހަމަ ރަނގަޅީ އެކަން. އެހެން ނަމަވެސް، ތިޔަބޭފުޅުންނަށް ފެންނަނީ އެމީހާއާ ބައިވަރު ކަންތައްތައް ގުޅިފައޭ އޮތީ. އެހެންވީމާ، އެކަން އެބަވާންޖެހެއޭ. ދެން މިއަދުވެސް އަޅުގަނޑު އެވާހަކައިގެ އެމަޝްވަރާ ކުރެވިފައި މިއައީ. އަޅުގަނޑަކަށެއް ނެތް ސާފު ސާދާކޮށް ދެންނެވޭކަށް، މާދަމާ އަޅުގަނޑު އެކަނި އޭނަ ވަކިކުރާނަމެކޭއެއް. އެއީ، ސިވިލް ސަރވިސްއިން ކުރާ ކަމެއް. އަޅުގަނޑަށްވެސް އެނގޭ، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި ބާރު އެބަހުރިކަން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އެކަކުވެސް ނޭދޭނެ، ރައީސުލްޖުމްހޫރިއްޔާ އެބާރުތައް، ކުރީގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރަމުން ގެންދިޔަގޮތަށް ބޭނުންކުރަމުން ގެންދާކަށް. އަޅުގަނޑު ހަމަ އެކެއް ނަގައި އެއްލައިލައިފިއްޔާ، ދެން އަޅުގަނޑު ފަރިތަވާން ފަށާނެ އެކަމަށް. ފަރިތަވާން ފެށީމާ އަޅުގަނޑު ހަނދާންނެތިދާނެ. ދެން އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށްވެސް އަނިޔާކުރަން ފަށާނެ. ހަމަ އަޅުގަނޑު އައިސް އެންމެފަހުން ހުއްޓާލާނީ އެތައްބަޔަކު މަރާލާފައި. އެއީކީއެއް ވަކިމީހެއް ވެގެނެއް ނޫން ކޮންމެހެނެއް މިގޮތަށް ކަންކަންވެ މިދަނީއެއް. ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުގެ ބާރު ވީހާވެސް ބޭނުންނުކޮށް، މުއައްސަސާތަކުގެ ބާރު ނުވަތަ މުއައްސަސާތައް މެދުވެރިކޮށްގެން ކަންކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ތައްޔާރުވާން.

އަޅުގަނޑުގެ، ރައީސުލްޖުމްހޫރިއްޔާގެ ބާރު، ދިވެހި ދައުލަތުގެ އެންމެމަތީ ވެރިޔާގެ ބާރު އެބަހުރި. އެއީ ހަމަ ކުރީގައި ހުރި އެއްވެސް ޤާނޫނަކަށް ބަދަލެއްނާދޭ. ޢާންމު ޤާނޫނުތައް، ޤާނޫނުލްޢުޤޫބާތުވެސް ހަމަ އޮތްގޮތަށް އޮތީ. ހަމަ އެއީ މިދެންނެވިހެން ފުރަތަމަ 1950 ގައި އެ ހެދުނު ޤާނޫނުލްޢުޤޫބާތުވެސް ހަމަ އެ އޮތްގޮތަށް އެބައޮތް. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދު ކަންކަން ކުރާއިރުގައި، މި މުއައްސަސާތައް ބޭނުންނުކޮށް، އަޅުގަނޑުމެން ހިތު ހުރިހާ ގޮތަކަށް ކަންތައްތައް ކުރަން ފަށައިފިއްޔާ، އަޅުގަނޑުމެން މި އުންމީދުކުރާ ބާވަތުގެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ވަގުތީ އުފަލެއް ލިބިދާނެ، ގޮސް މީހަކާ ދިމާއަށް އެއްޗެއް ބުނެލަން. ކޮބާ! ރަނގަޅު ތަނެއްގައި ޖެހިއްޖެ ނޫންހޭ. އެކަމަކު އަޅުގަނޑަކަށް ހިއެއްނުވޭ އެއީ ހެނެއް އަޅުގަނޑުމެން މި އަމާޒުކުރާ ގޮތަކީ. އަޅުގަނޑު ދަންނަން ހަމަ ތިޔަ ހުރިހާ ބޭފުޅުންވެސް. ވަރަށް ރަނގަޅަށް ދަންނަން. އަޅުގަނޑަށް އެނގޭ، ތިޔަ ހުރިހާ ބޭފުޅުންގެ އުންމީދުތައްވެސް ހަމަ ވަރަށް ވަރަށް ފުންކޮށް ވަރަށް ފުޅާކޮށް.

އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން ހަމަ ކެނޑިނޭޅި މިކަމަށް މަސައްކަތް ކުރާނަމޭ. އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުމަށް. އަޅުގަނޑުމެންގެ އުންމީދުތަކެއް އެބަހުރި. އަޅުގަނޑުމެން މި އުންމީދުކުރާ ބާވަތުގެ ދައުލަތެއް، ޤައުމެއް ބިނާކުރަން. ޤާއިމު ކުރަން. އެއަށް އަޅުގަނޑުމެން ކިޔަނީ "އަނެއް ދިވެހިރާއްޖެ"އޭ. އަނެއް ދިވެހިރާއްޖެއަކީ މިވަގުތު ވަރަށް އަޅުގަނޑުމެން ހިތްނޭދޭ ތަނަކަށްވެދާނެ. އެއީ، ބާރު ބޭނުން ނުކުރާތީ. އެހެން ނަމަވެސް، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ހަމަ ވަރަށް އުފާވެރި ތަނަކަށް އިރާދަކުރެއްވިއްޔާ އެތަންވާނެއޭ.

އަދި އަޅުގަނޑު ހަމަ އެންމެ އުފާވާނީ، އަޅުގަނޑު މިދެކޭގޮތުގައި، އަސްލަމް ވިދާޅުވެއްޖެ ތާރީޚެއް ނުދެކެމޭ. ދެން އަސްލަމް އެހެން ވިދާޅެއްނުވޭ. ދެން އެހެން ނަމަވެސް، އެއީ އަސްލަމްގެ މައިގަނޑު ވާހަކައަކީ. އެހެން ނަމަވެސް، އަޅުގަނޑު މި އުންމީދު ކުރަނީ ހަމަ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ މިތަނުގައި ފްލެޓްވެސް އެޅޭނެއޭ. ދެން އަސްލަމް ދެންމެ އަޅުގަނޑުމެންނަކަށް ކިޔައެއްނުދެއްވި މަގު ހެދުމުގެ ވާހަކައެއް އިނގޭތޯ. އަޅުގަނޑުމެން ބޭނުން، ތިނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން. މާލޭގައި އެ ތާރު އަޅާފައި، އެ ފެންވަރަށް ހަދަން. އެހެންވީމާ، އަޅުގަނޑުމެން އެކަމުގެ ޕްރޮޖެކްޓެއްވެސް އެބަ ކުރިއަށް ގެންދެވޭ. ދެން އެކަމަކު މިއަދު މިތަނުގައި އަޅުގަނޑުމެންނަށް މިދެވުނީ ލާރި ހޯދި، އެކަން ކުރެވޭނެ ގޮތަށް ކަންތައްތައް ހަމަޖެހި، އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައް. ދެން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ތިނަދޫ ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން.

މި އުންމީދެއް ރާއްޖޭގެ ރައްޔިތުންނަކަށް ނުލިބުނީސް، ތިޔަބޭފުޅުންނަށް މިވިސްނުން، މީގެ ތިން ހަތަރު އަހަރެއް ކުރީގައި ނައިނަމަކައެއް. އެކަމާ ގުޅިގެން އަޅުގަނޑުމެންނަށް މިވާ ކަންތައްތައް ވާން ފަށަނީ. އެހެންވީމާ، ދެން އަޅުގަނޑު ހަމަ އެއާ އެކީގައި އެދެން، އެހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށް، ކުޅުދުއްފުށްޓަށްވެސް އަދި ތިނަދުއަށްވެސް، ހިތަދުއަށްވެސް އަދި ބޮޑެތި އެހެން ރަށްރަށަށްވެސް އަޅުގަނޑުމެންނަށް ހަމަ މިކަންކަން އިރާދަކުރެއްވިއްޔާ ހުރިހާ ތަނެއްގައި ކުރަމުން ދާނަން. ދެން އަޅުގަނޑުމެންނާ އެކުގައި މިކަންކަން ކުރަން ރައްޔިތުން ތިބިއްޔާ، އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭލެއް ފަސޭހަވާނެ. ދެން އަޅުގަނޑުމެންނަށް ހުރަސްއަޅައި، އަޅުގަނޑުމެންނަށް ނުކުރެވޭގޮތް ހައްދަވަން ފަށައިފިއްޔާވެސް އަޅުގަނޑުމެން ރުޅިއެއް ނާންނާނަން. އަޅުގަނޑެއް ހަމަގައިމުވެސް ރުޅިއެއް ނާންނާނަން. އަޅުގަނޑު މިރަށަށްވެސް އަންނާނެ. މޫދަށް އެރިލަންވެސް އަންނާނެ. އެކަމަކު އަޅުގަނޑުމެންނެއް ރުޅިއެއް ނާންނާނެ ތިޔަބޭފުޅުންދެކެއެއް. އެކަމަކު އަޅުގަނޑުމެންނަށް ކަމެއް ބާރަށް ގެންދެވޭނީ، ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ގޮތެއް ތިޔަބޭފުޅުން ދެއްކެވިއްޔާ.

ލާމަރްކަޒީ ކޮށްގެން ޕްރޮވިންސްތައް ހެދީވެސް އަޅުގަނޑުމެން ހަމަ އެ ބޭނުމުގައި. އަޅުގަނޑުމެން މިތަނުގައި ޕްރޮވިންސް މިނިސްޓަރު ބަހައްޓައިގެން، އެ މިނިސްޓަރެއްގެ ދަށުން ހުރިހާ ކަމެއް ކުރަންވެގެންވެސް މި އުންމީދު ކުރަނީ އެ ބޭނުމުގައި. އަޅުގަނޑު ނުދަންނަވަން، އެކަމުގައިވެސް ހުރިހާ ކަމެއް އެންމެ ރަނގަޅަށް އޮތް ކަމަކަށް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ ކަންކަން މިދަނީ އަޅުގަނޑުމެން އެދޭގޮތަށް އެމަގަށް ދިއުމަށްޓަކައި. ޕްރޮވިންސް މިނިސްޓަރުގެ ބާރެއް، އެބޭފުޅާއަށް އެމަގާމަށް ހޯދައިދެވޭނީ، ރައްޔިތުންގެ މަޖިލީހުން އެގޮތަށް ޤާނޫނެއްވެސް ފާސްކޮށްދެއްވީމާ. ދެން ތިނަދޫ ރައްޔިތުންނާ ގުޅޭގޮތުން މިކަމުގައި ވާހަކަ ރައްޔިތުންގެ މަޖލީހުގައި ބުނެ، އަޅުގަނޑަކަށް ވާހަކަ ދެއްކޭކަށްނެތް. ތިޔަބޭފުޅުންގެ ދެމެންބަރުންނަކީވެސް އަޅުގަނޑުމެންގެ ދެމެންބަރުން. އެހެންވީމާ، އަޅުގަނޑުމެންނަކަށް މިރަށުގައިހުރެ، ކުޅުދުއްފުށީގައި ހުރެ މިވާހަކަ ބުނާގޮތަކަށެއް މިސާލަކަށް ބުނެވޭކަށެއް ނެތް.

އަޅުގަނޑު އަނެއްކާވެސް ހަމަ ދަންނަވަން ބޭނުންވަނީ، ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ދެން އަޅުގަނޑު އަދި ނިންމާލުމުގެ ކުރީގައި، އަޅުގަނޑު ވަރަށް ބޮޑަށް މިދިޔަ އަހަރު މަސައްކަތް ކުރިން، މިރަށުން ކޮންމެވެސްވަރަކަށް ނަމަވެސް، ބާރުގަދަ ޑްރަގް މަދުކުރެވޭތޯ. ވަކިން މިރަށުން ހަމަ މަދުކުރެވޭތޯ. ދަށްކޮށްވެސް މަދުކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރިން. އަދި ކުރަމުން ހަމަ މިހާރުވެސް ދަނީ. ދެން އަޅުގަނޑަށް އެނގޭކަމަށް އަޅުގަނޑު ދެކިގެން މިހުންނަނީ، މިރަށުގައި ބޯ ޢަދަދު މިހާރު. އަދި އަޅުގަނޑަށް އެނގޭ ކަމަށް ދެކިގެން މިހުންނަނީ ދެން އަޅުގަނޑުމެންނަށް އަދިވެސް އެކަން މަދުކުރެވިދާނެ ކަމަށް. ދެން އަޅުގަނޑު މިދެކެނީ މިފަހަރު މިދިޔަ އަހަރަށްވުރެ އެތައް އެތައް ތަނެއް މަދުވާނެ. ހަމަ އަޅުގަނޑު ދެކި މިހުންނަނީ މިހާރު މަދުވާނެއޭ. މަދުވާންޖެހޭނެ. ދެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް އެބައި މަދުވަމުންދާނެ.

ދެން އަޅުގަނޑު ހަމަ މިދެކެނީ، މިރަށުގެ ގާތްގަނޑަކަށް މިރަށުން ދެހާހެއްހާ މީހުން މިދިޔަ އަހަރު މަދަނައިން ހިލޭ ބޭސްފަރުވާ ލިބިއްޖެ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އަމާޒު ކޮށްގެން، އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވާ ކަމެއް. އަދި މިރަށުގެ ހަތްސަތޭކައެއްހާ، ފަސްދޮޅަސް ފަސްއަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދެމުން ގެންދެވިއްޖެ. އެއީވެސް އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. އަދި ކުރިއަށް އޮތް ތަނުގައި ކުރަމުން ގެންދަން ބޭނުންވާ ކަމެއް. އަޅުގަނޑުމެން ބޭނުން، އެކަނިވެރި މައިންނަށްވެސް ކޮންމެވެސް އެއްޗެއްދޭން.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން އަދި ނިންމާލުމުގެ ކުރީގައި، މިޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނި ހިންގަވައިދެއްވާ ސަޢީދު ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްދެއްވަމުން އެވަޑައިގަންނަވަނީ. ވަރަށް ރަނގަޅަށް އެކަން އެބަ ކޮށްދެއްވާ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، ސަޢީދާ އެކުގައި، އަދި އެކުންފުނިތަކާ އެކީގައި އެ ހިންގާ މަޝްވަރާތައް ހިންގައިގެން، އަޅުގަނޑުމެންނަށް ގޮސް، މިކަމުގައި ރަނގަޅު ގޮތެއް ހޯދޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

____________________________________