بســم اللّـه الرّحمـن الرّحيــم

ހަމަ ދާދި ދެންމެއަކު އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ދިވެހި ޤައުމު ރަމްޒުކޮށްދޭ ދިވެހި ދިދަ، ޤައުމުގެ މިނިވަންކަން އެތައް ޒަމާނެއް، ރަނގަޅު 18 އަހަރު ވަންދެން ގެއްލި ގޮސްފައިވުމަށްފަހު، ޕޯޗްގީޒުންގެ އަޅުވެތިކަމުން މި ރާއްޖެ ސަލާމަތް ކުރެވުނީ މިދުވަހު. މިއީ، އަޅުގަނޑުމެންގެ ޤައުމީ ދުވަސް. އަޅުގަނޑުމެން މިދުވަހާ ގުޅޭގޮތުން ފިކުރުކޮށް ބުއްދި ހިންގާއިރު، އަޅުގަނޑުމެންނަށް ފާހަގަކުރުން ލާޒިމް، ހަމަކަށަވަރުންވެސް ދެކަމެއް އެބަ ފާހަގަވޭ. މި ޤައުމާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާ ވިސްނުމާއި، އަދި މި ދުވަހާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާ ވިސްނުން.

މި ދުވަހަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އަޅުގަނޑު ދެންމެ ހަމަ މި ފާހަގަކުރި ފަދައިން، މިދުވަހަކީ މީގެ 427 އަހަރު ކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެ ގޮސްފައިވާ 18 ދިގު އަހަރު ވުމަށްފަހު، އަލުން އަނބުރާ ރާއްޖޭގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް، ދިވެހިންނަށް ލިބުނު ދުވަސް. މިދުވަހަކީ އުތީމު ބޮޑުތަކުރުފާނު ރާއްޖެ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައި ހަނގުރާމަކޮށް، މާލޭގައި އޮތް ޕޯޗްގީޒުންގެ ވެރިކަމުގެ މައްޗަށް ކާމިޔާބު ހޯދި ދުވަސް. މިއަދަކީ އަނދިރި އަނދިރިން މަރާލެވުނު ދުވަސް. 1 ރަބީޢުލްއައްވަލް 981 ވަނަ އަހަރު ހިޖްރީ ގޮތުން. އެއީ، މީލާދީ ގޮތުން 1573 ވަނަ އަހަރު. މި ރާއްޖޭގެ މިނިވަންކަން ގެއްލި ގޮސްފައި ވަނިކޮށް، އަލުން އަނބުރާ އަޅުގަނޑުމެންނަށް ލިބުނީ މި ދުވަހު.

އަޅުގަނޑު މިދުވަހާ ގުޅޭގޮތުން އިތުރު ވާހަކައެއް ދެއްކުމުގެ ކުރީގައި، މިދުވަސް ފާހަގަކުރުމުގައި އެއީ، ޤައުމީ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ މިކުރަނީ، މިޤައުމު އަޅުގަނޑުމެން ފާހަގަކުރުމަށްޓަކައި. ޤައުމަކީ ކޮބައިކަމާއި، މިޤައުމުގެ މުހިންމުކަމާއި، ޤައުމު ދެމިއޮތުމަށް ކޮންމެހެން ކުރާންޖެހޭ ކަންކަމާއި، އަދި މީގެއިތުރުންވެސް ދިވެހި ޤައުމިއްޔަތާ ގުޅޭގޮތުން އަޅުގަނޑުމެން ކަންކަން ފާހަގަކޮށް، ހަނދާން ކުރުމަށް ޤާނޫނުއަސާސީ ކަނޑައަޅާ ދުވަހަކީ ޤައުމީ ދުވަސް.

ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެމުން އަންނަތާ ކިތަންމެ ޒަމާނެއްވެއްޖެ. މިދެންނެވި 981 ވަނަ އަހަރު ހިޖްރައިން، ދުވަހުގެ ކުރީގައިވެސް އަދި އޭގެ މާކުރީގައިވެސް މިރާއްޖެއަކީ ޤައުމެއް. އަޅުގަނޑުމެންގެ ތެރެއިން އައްޑޫން ގޮސް ތިލަދުންމައްޗަށް، މި ސަރަޙައްދުގައި ދިރިމިއުޅޭ އެންމެހާ ރައްޔިތުން، އެންމެހާ މީހުން، އެމީހުން އެންމެން ނިސްބަތްވަނީ އެއް ވެރިކަމެއްގެ ދަށަށް. އެއްޤައުމެއްގެ ތެރޭގައި ކަމަށް ދެކި މިއަދާ ހަމައަށް މިޤައުމު މިއޮތީ ވާސިލުވެފައި. އަޅުގަނޑުމެން މިއަދު ހިންގާނެ އެއް ފިކުރަކީ، މިދުވަހާ ހަމައަށް މި ރާއްޖެ ވާސިލުވުމުގައި ކަންކަން ހިނގާދިޔައީ ކިހިނެއްތޯއާމެދު ބުއްދި ހިންގުމާއި، އަދި ކުރިއަށް މިއޮތް ތަނުގައި ދެން ރާއްޖެ ކުރިއަށްދާނީ ކިހިނެއްތޯއާމެދު އަޅުގަނޑުމެން ހިންގާ ފިކުރު ހިންގުން. އަޅުގަނޑުމެންގެ ރާއްޖެ މިއަދާ ހަމައަށް، އަޅުގަނޑުމެންނާ ހަމައަށް، އަޅުގަނޑުމެންގެ ކާބަފައިން ފޯރުކޮށްދީފައި މިވަނީ، އެނގިވަޑައިގަންނަވާނެ، ކިތަންމެ ހަނގުރާމައަކާއި، ކިތަންމެ ކިތަންމެ ޙާދިޘާތަކެއް، މި ފަސްގަނޑުގައި ހިނގުމަށްފަހުގައި.

އަޅުގަނޑުމެން މިޤައުމުގައި ޙަޤީޤަތުގައި އަލަށް ދެން ހިނގާނެ ވަކިކަމެއް އެބައޮތް ކަމަށް ދެކެން އުނދަގޫ. މިއީ ޒަމާންވީ ރާއްޖެއެއް. މިތަނުގައި މީހުން ދިރިއުޅެމުން އަންނަތާ ގިނަދުވަސްތަކެއް ވެފައިވާ ޤައުމެއް. ތާރީޚީ ދިރާސާތައް މިހާރު ފާހަގަކުރެވެނީ، ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަތާ ދެހާހަށްވުރެ އަހަރު ފުރިހަމައަށް ވެއްޖެކަން. މި ދިގު އަހަރުތަކުގެ ތެރޭގައި، އެކިފަހަރުމަތިން ރާއްޖޭގެ ވެރިކަން އެކިގޮތްގޮތަށް ދިވެހިންގެ އަތްމަތިން ބީވެގޮސްފައި އެބަހުރި.

އަދި ހަމަ އެއާއެކު އަޅުގަނޑުމެން އެބަ ފާހަގަކުރަންޖެހޭ. މި ރާއްޖެ އުފެދިފައި މިއޮތީ، މި ރާއްޖެ މިއީ ރާއްޖެއެއް ކަމަށް، ޤައުމެއް ކަމަށް އަޅުގަނޑުމެން މިދެކެނީ ކީއްވެގެންތޯ؟ ރާއްޖެއަކީ ރާއްޖެއަކަށްވަނީ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި، މި ރާއްޖޭގެ ވާހަކަ އެއީ، ރާއްޖޭގެ ވާހަކައެއްގެ ގޮތުގައި އަޅުގަނޑު މިދެންނެވި އައްޑޫން ތިލަދުންމައްޗަށް އެ އޮތްހާ ޖަޒީރާތަކުގައި އެއްވާހަކައެއް އެއީ، ރާއްޖޭގެ ވާހަކައިގެ ގޮތުގައި ޒަމާނުއްސުރެ ފަށައިގެން ދެކެވެމުން އަންނާތީ. އަޅުގަނޑުމެންނަށް މިފަހުން އެވާހަކައަކީ، ބޮޑުތަކުރުފާނު ވާހަކައިގެ ގޮތުގައި އިވެމުން އައި. އަދި އޭގެކުރީގައި އެނގިވަޑައިގަންނަވާނެ، އެ ވާހަކައަކީ ބުރާރު ވާހަކަ. އެ ވާހަކައަކީ ދިވެހިރާއްޖޭގެ ވާހަކަ. ދިވެހި ޤައުމުގެ ވާހަކަ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިދެންނެވި ބުރާރު ވާހަކަ، އޭގެކުރީގައި ކިޔާ އުޅެނީ ރައިވަރެއްގެ ގޮތުގައި. މި ވާހަކަ ކިޔަމުން އައީ ރާއްޖޭގެ ހުރިހާ ރައްޔިތުންމެ އެއް އަޑަކުން. މައިގަނޑު އޭގެ ސަރަޙަތައް އެއްގޮތެއްގައި ހިފަހައްޓަމުން. ރާއްޖެ، ޤައުމަކަށްވެފައި މިއޮތީ މިދެންނެވި ވާހަކައިގެ އަލީގައި. މިދެންނެވި ވާހަކައިގެ ބާރުގައި. ދިވެހިރާއްޖޭގެ ވާހަކަ، ދިވެހިން ކިޔަމުން އަންނަތާ ކިތަންމެ ދުވަހެއްވީތީވެ. އެ ކިޔަމުން އަންނަ ވާހަކަ، އެ ރަމްޒުކޮށްދެނީ ދިވެހި ޤައުމުކަން ދިވެހި ހުރިހާ ރައްޔިތުންނަށް އަބަދުމެ އެނގޭ. މިދެންނެވި ވާހަކައިގެ ބަޠަލަކީ ހަމަކަށަވަރުންވެސް އުތީމު ބޮޑުތަކުރުފާނު. އެ ވާހަކައިގެ އެންމެ މުހިންމު އެއް ހިސާބަށް، އެންމެ މުހިންމު އެއް ޙާދިޘާ ހިނގި ހިނދަށް، އެ ބަޠަލް ދިވެހިރާއްޖެ ގެނެސްދިނީ. އެދުވަހު އަޅުގަނޑުމެން މި ޤައުމީ ދުވަހުގެ ގޮތުގައި މި ފާހަގަ މިކުރަނީ.

ބޮޑުތަކުރުފާނު، ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތް ކުރުމަށް ކިތަންމެ ޒަމާނަކު ކިތަންމެ ޙަރަކާތެއް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައާއި، އަދި މި ސަރަޙައްދުގެ އެކިއެކި ކަންކޮޅުތަކުގައި ހިންގުމަށްފަހުގައި ދަންވަރު ތިނެއް ޖެހިއިރު، ރަބީޢުލްއައްވަލް މަހުން 1 ވަނަ ދުވަހު، މި މާލޭގައި ވެރިކަން ކުރަމުން ގެންދިޔަ ޕޯޗްގީޒް ގެރިސަންގެ މިލިޓްރީ ވެރިއަކަށްހުރި އަނދިރި އަނދިރިން، އަޅުގަނޑުމެން ދިވެހިން ދަންނަ ގޮތުގައި. މިހާރު އަޅުގަނޑުމެންނަށް އެ މިކިޔާ އަނދިރި އަނދިރިންނާ ކިރިޔާވެސް އެއްގޮތްވާ އަޞްލު ޙަޤީޤީ މީހެއްގެ ނަން މިވަނީ ކޮންމެވެސްވަރަކަށް ނަމަވެސް އެނގިފައި. އޭނާ މި މާލޭގައި ވެރިކަން ކުރަމުން ދަނިކޮށް، އޭނާގެ ވެރިކަން ނިމުމަކަށް ގެނައީ އެންމެފަހުން އޭނާ ގަޔަށް ބަޑިޖަހައި އޭނާ މަރާލައިގެން. އަޅުގަނޑުމެންނަށް އެނގޭ، ބޮޑުތަކުރުފާނު އޭނާ މަރާލުމަށް ބޭނުންކުރެއްވި ބަޑި މިހާރުވެސް ދާރުލްއާޘާރުގައި އެބައޮތް. އަދި މާކުރިއްސުރެ ފަށައިގެންވެސް އެ ބަޑީގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި މިއައީ ދެކެވެމުން.

ތަކުރުފާނު މި ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރުމަށްފަހުގައި، ދިވެހި ޤައުމު އަނެއްކާވެސް އިހުހުރި ގޮތުގައި ބިނާކުރެވެން ފެށުނު. އެހެން ނަމަވެސް، ހަމަކަށަވަރުންވެސް މިޤައުމު މާނަކުރުމުގައި، މިޤައުމަކީ ކޮބައިތޯ ދެނެގަތުމުގައި، އެ ތަކުރުފާނު އެ ހޯއްދެވި ކާމިޔާބުގެ ކުރީގައި ހިނގާދިޔަ 18 އަހަރުގެ މުއްދަތުގެ ޙާދިޘާތައް. އަދި އެ 18 އަހަރުގެ ކުރީގައިވެސް ޕޯޗްގީޒުން ރާއްޖޭގައި ހިންގިހާ ކަންކަން ހިންގުމުގެ ސަބަބުން މި ރާއްޖެއަކީ ކޮން ޤައުމެއްގެ ގޮތުގައި، ކިހިނެއް ސިފަވާ ޤައުމެއްގެ ގޮތުގައި ބައްޓަންވުމަށް ކިތަންމެ ގޮތަކުން ހުރީ ބާރުއެޅިފައި. އެހެންވީމާ، އެ ތަކުރުފާނު އަލުން އަނބުރާ ރާއްޖެ ބިނާކުރުމުގެ މަސައްކަތް ފަށްޓަވައި، ރާއްޖެ ބިނާކުރައްވަމުން ގެންދަވާފައިވަނީ، މިދެންނެވި 18 އަހަރުގެ ނުވަތަ އެއަށްވުރެވެސް ދިގު ތާރީޚެއްގެ ތަޖްރިބާއާއި، އެދުވަސްތަކުގައި ވެފައިދިޔަގޮތްތަކާއި، ދިމާވި ކަންކަމާއި، ހިނގި ޙާދިޘާތަކުގެ މައްޗަށްވެސް ބިނާވެ ހުންނަވައިގެން.

އެ ތަކުރުފާނަށްފަހު އަނެއްކާވެސް ރާއްޖެ މިނިވަންކަންމަތީގައި ދިވެހިންގެ ޤައުމެއްގެ ގޮތުގައި ދެމެމުން އައި. ކުޑަދުވަސްކޮޅަކު މަލަބާރީންނާއި އަދި އެއަށްފަހު ހޮޅީންގެ އަތްދަށަށް ރާއްޖެދިޔަ. އަދި ހަމަ އެހެންމެ، 1887 ވަނަ އަހަރު އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށްވެސް ރާއްޖެދިޔަ. އެހެން ނަމަވެސް، މި ސަރަޙައްދުގައިވާ އެހެން ހުރިހާ ޤައުމަކާ ޚިލާފަށް މިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚު އެންމެ ދިގު ޤައުމު. މި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ މެދުގައި އޮތް ދިވެހިންގެ ޤައުމު. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ރާއްޖެއާ ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުމެންނަށް މިއަދު ލަފާކުރެވޭ ކަންކަމާ ގުޅޭގޮތުން ވިސްނާން އޮތް ދުވަހަކީވެސް މިދުވަސް. އަޅުގަނޑުމެންނަށް މިހާރު ސައެންސް މިފެންނަނީ ވަރަށް ސާފުކޮށް. ދުނިޔެ މިއަންނަނީ ހޫނުވަމުން. އޭގެ ސަބަބުން ރާއްޖެއަށް ބަދަލުތަކެއް ނައިސްނުދާނެކަން ކަށަވަރު. އެހެން ނަމަވެސް، މިހެން އަންނަ ބަދަލަކުން އެހެން ދިމާވާ ޙާދިޘާއަކުން މި ރާއްޖެ ނެތިގޮސްފާނެ ކަމަށް ދެކެން ވަރަށްދަތި. މިދިޔަ 2000 އަހަރުވެސް ރާއްޖޭގައި ފާގަތިކަމާ އެކީގައި ދިވެހިން ދިރިއުޅެމުން އައި.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި އަޅުގަނޑުގެ ދުޢާއަކީ ކުރިއަށް މިއޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ރޯޝަނީ އުޖާލާ މުސްތަޤްބަލެއް ފެނުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. السّـلام عليـكم

____________________________________