بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ހިތުން އަސްލަމް މިކަމާ ގުޅޭގޮތުން ދައްކަންހުރި ގިނަ ވާހަކަތައް ދައްކަވައިފި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިހާރު ތިނަދޫގައި ދުވާލެއްގެ މައްޗަށް ހައެއްކަ ޓަނު ކުނި އުފެދޭ. ތިނަދުއަކީ ގާތްގަނޑަކަށް ހަތްހާސް، އަށްހާސް މީހުން ދިރިއުޅޭ ރަށެއް. ރާއްޖޭގައި އެބައޮތް މިބާވަތުގެ ހަތަރު ފަސް ރަށެއް. ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުނި އުފެދޭ މިންވަރު މަދެއް ނޫން. މުޅިންވެސް އަޅުގަނޑުމެންނަށް ޚާއްޞަ ގޮތެއްގައި އެންމެ ފުރަތަމައިނުން މިކަމުގައި ވިސްނުމެއް ގެންގުޅޭއިރުގައި، ކުނި ގިނައިން އުފެދޭ ތަންތަނަށް ފުންކޮށް ބަލައި، މިކަމުގައި އަޅުގަނޑުމެންނަށް ހޯދެން އޮތް ޙައްލަކީ ކޮބައިތޯ އެބަ ދެނެގަންނަންޖެހޭ. އެނގިވަޑައިގަންނަވާނެ، ދާދިފަހުން ތިނަދޫގައި ކުނީގެ ކަންތައް ވަރަށް ބޮޑަށް ތުރާއަކަށްވެގެންދިޔަ. ރަށުތެރޭގައި މެހިގިނަވެ، ރަށުތެރޭގައި ބަލިމަޑުކަން ފެތުރި، އަޅުގަނޑުމެންނަށް އޭގެ ސަބަބުން ދެން ދިމާވާ ދަތިތައް މާބޮޑުވެގެންދޭ. ޚާއްޞަކޮށް، ޞިއްޙީ ގޮތުން ދިމާވާ ކަންކަން. އަދި އަރާމުގައި ރިވެތި ގޮތުގައި ދިރިއުޅުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ދިމާވާ ކަންކަން.
މި ކުނި ނައްތާލުމުގެ މަސައްކަތް ރަނގަޅު ރޭވިފައި އޮތް އިންތިޒާމަކުން ކުރުން އެއީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ކޮންމެހެން މި ރާއްޖޭގައި ޤާއިމުކުރަންޖެހޭ ކަމެއް. މާލޭގައި ކުނި ނައްތާލުމުގެ މަސައްކަތް ވަކިގޮތަކަށް ކުރަމުން ގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ. މާލޭގެ ތަޖުރިބާތަކެއް އަޅުގަނޑުމެންނަށް މިހާރު މިވަނީ ލިބިފައި. މިހާރު ދެން މި މަސައްކަތް ކުރާއިރުގައި، އެ ތަޖުރިބާތަކުގެ އަލީގައި މަސައްކަތް ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި މުހިންމު ކަމެއް.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އަދި އިތުރަށް މިތަނުގައި ކުނި އެކިގޮތްގޮތަށް ބެހުމާއި، ކުނި ނެގުމާއި، ކުނި ހޭވުމާއި، ކުނި ނައްތާލުމާ، މިކަމާގުޅޭ ކިތަންމެ ކަމެއްގެ ރޭވުންތައް، އިންތިޒާމުތައް ހިނގައިގެންދާނެ. ގޮސް އަޅުގަނޑުމެންނަށް މިކަން ރީތިކޮށް ކުރެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ހަމަޖެހިގެންދާނެ.

އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންނަށް ފަސޭހަކަމާ އެކީގައި ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅެވޭނެ ގޮތެއް ހޯދުން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ޔުޓިލިޓީ ކުންފުނިން މަސައްކަތް ކުރާނެ، ގޭގެއަށް ގޮސް ކުނި ނަގައިގެން ގެނެސްދެން. އެހެންވީމާ، އެ ޚިދްމަތާ އެކީގައި އިރާދަކުރެއްވިއްޔާ މިމަސައްކަތް ދެމިގެންދާނީ. އެހެންވީމާ، މި ސާމާނުގެ ތެރޭގައި، އަޅުގަނޑަށް ހީވަނީ ގޭގެއަށް ކުނި ބަލާދާނެ ޓްރަކަކާ އެއްޗެހިވެސް އެބަ ހިމެނޭހެން.

ދެން އަޅުގަނޑުމެން ވިސްނަންޖެހޭނެ ހަމައެއާއެކީގައި މިރަށު މަގުތައްވެސް ހެދެން ޖެހޭނެ. އެއާއެކީގައި އެތައް ކަމެއްވާންޖެހޭނެ. އެއްކަމެއް ކޮށްފައި ދޫކޮށްލީމާ، ދެން މިފެންނަނީ އެކަމާހުރެ ދެންހުރި އަނެއް ކަންތައްތަކަށް ބޭނުންވެގެންދާ މިންވަރު މާބޮޑުތަނުން ބޮޑުވެ، އަދި ކުރި ކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވާ ތުރާ ކިތަންމެ ތަނެއް ބޮޑުވެގެންދާތަން. އެހެންވީމާ، ޖުމްލަ ގޮތެއްގައި އަޅުގަނޑު މީގައި އެންމެ ރަނގަޅު ބަހެއް ގެންގުޅުއްވަނީ ހަމަ ޑޮކްޓަރ ލުޠުފީ. ވަށާޖެހޭގޮތަށް ކޮންމެ ކަމެއްވެސް ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި ހަމަ ބުއްދިވެރި ކަމެއް. އެހެންވީމާ، އަޅުގަނޑު އަސްލަމް އަރިހުން އެދޭނީ، އަދި ޔުޓިލިޓީ ކުންފުނީގެ ކިބައިންވެސް އެދޭނީ، މިކަން ކުރަމުން ގެންދާއިރުގައި ދުރަށް ވިސްނަވާފައި، މިއަދުގެ ތާށިން ސަލާމަތްވާން އުޅުނީމާ، އަޅުގަނޑުމެންނަށް މިދިމާވަނީ މާދަމާ މާބޮޑު ތާށްޓެކޭ. މިއަދާ އުޅުން ޙަޤީޤަތުގައި އެބަޖެހޭ ދޫކޮށްލަން. މިއަދުގެ ކަންތައްތައް، މިއަދު ދިމާވެފައި މިހުރި މައްސަލަތައް، އެމައްސަލަތައް ޙައްލުކުރަންވެގެން އަޅުގަނޑުމެން އުޅެއްޖިއްޔާމު، ދެން މިވާގޮތަކީ މާދަމާ ނުވަތަ އޭގެ އަނެއްދުވަހު ދިމާވާ ކަންތައް ޙަޤީޤަތުގައި މާބޮޑުވެގެންދަނީ. އެހެންވީމާ، މިއަދުގެ މައްސަލަތަކަށް ޙައްލެއް ގެނައުމުގައި، މާދަމައަށް އަޅުގަނޑުމެން ވިސްނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް މިއީ. ކަމެއް ކުރާންވީމާ، އެކަމެއް ނޫނޭ ޙަޤީޤަތުގައި ކުރާން މިވަނީ. އެހެން ކަމެކޭ ކުރަންވަނީ. ކުރަމުން ކުރަމުން ކުރަމުން ގޮސް އަނެއް ކަންތައްވީމާ، ދެނޭ އެ ހުންނަނީ ދެމެހެއްޓެނިވި ގޮތުގައި ކަމެއްވެފައި. އަޅުގަނޑުމެންގެ މި ވިސްނުމާއި، އަޅުގަނޑުމެންގެ މި ފިކުރާއި ފަލްސަފާއާއި އަދި މިފަދަ ރޭވުމާ އެތައް ބައެއް ބީރަށްޓެހި. އެހެންވީމާ، އަޅުގަނޑުމެންނަށް ރައްދުވާ ފާޑު އިތުރު ގިނަ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެންނަކީވެސް މިކަން ނޭނގި ތިބި ބައެއްކަމަށް ހެދިގެން އުޅޭ ބައެއް ނޫން. އަދި އެގޮތަށް ދެކޭ ބައެއްވެސް ނޫން. ވީމާ، އަޅުގަނޑުމެންގެ ބޭނުމަކީ ބީރަށްޓެހިން އަހުލުވެރިކުރުން ޒަމާނީ ޚިޔާލަށް. ޒަމާނީ ފިކުރަށް. އަޅުގަނޑުމެން މިހާރު ދިރިއުޅެމުން މިދަނީ ކުރީގައި އަޅުގަނޑުމެން ދިރިއުޅުނު ރާއްޖެއަކު ނޫން. އަދި ކޮންމެ ދުވަހަކީވެސް ހަމަ ޔަޤީން އާ ދުވަހެއް. އެދުވަހު އަޅުގަނޑުމެންނާ ދިމާވާ ކަންތައްތައް، އިއްޔެ ދިމާވި ކަންތައްތަކާ ތަފާތުވާނެ. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައި މިހުރި އެއްކަމަކީ ކުނީގެ މައްސަލަ. އެމައްސަލަ އަޅުގަނޑުމެން މިއަދު ދިމާވެގެން، އެއަށް ޙައްލެއް ހޯދާއިރުގައި، އެ ޙައްލަކީ ހަމައެކަނި މިއަދުގެ ޙައްލެއްގެ ގޮތުގައި ނުވަތަ މިއަދު ދިމާވެފައި ހުރި ކަމަށް ބޭނުންވާ ޙައްލެއްގެ ގޮތުގައި ވިސްނައިގެން، އަޅުގަނޑުމެން ކަންކަން ރާވައި ހިންގުމަކީ، އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން.

އަޅުގަނޑު ހަމަ މި ކުނީގެ އިތުރުން އަނެއްކާވެސް ރޭގައިވެސް މަސްވެރިންނާ އަޅުގަނޑާ ބައްދަލުވި. އަދި މިދަތުރުގެ އެކީގައި އަޅުގަނޑުގެ ވަރަށްބޮޑު ބޭނުމަކަށްވެފައި އޮތީ، މަސްވެރިކަމާ ގުޅޭގޮތުން ވީހާވެސް ގިނަ ބަޔަކު ދައްކާ ވާހަކަ އަޑުއެހޭތޯ ބެލޭ. އެގޮތުން މިރަށުގައި އަދި މިއަތޮޅުގައި ވަރަށްބޮޑު ދައްޗެއް ދިމާވެފައި މިވަނީ. އޮޑިފަހަރަށް މަހަށްފުރޭކަށެއް ނެތް. ރަނގަޅަށް މަހެއް ނުބޭނޭ. އެންވެރިކަން ދަށްވެ ނުވަތަ މަސްވެރިކަން ދަށްވެ ނުވަތަ ތެލުގެ އަގުބޮޑުވެ، މިއިން ކޮންމެވެސް އެއްކަމެއް ދިމާވެގެން ހުރިހާ ކަމެއް މި ތިންހަމަ ނޭޅިގެން ހައްތަހާވެސް މިއުޅެނީ. އެ ތިންހަމަ އެޅުނީމާ އަޅުގަނޑުމެންނަށް ފުކެއް ނެގެނީ. މަސްވެރިކަމުގައި އަޅުގަނޑަށް މިތަނުން ބެލި ބެލުމުގައި، މިމައްސަލަތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ވިސްނުމެއް އަދި ހަމަ އެބަ ހޯދަންޖެހޭ. އެވިސްނުމަކީ ކޮބައިކަމެއް އަޅުގަނޑަކަށް ކުއްލިއަކަށްހުރެ ދަންނަވާކަށް ނޭނގެ. އެހެން ނަމަވެސް، ތިޔަބޭފުޅުންގެ ވާހަކަތަކުންނާއި، ތިޔަބޭފުޅުންނާ މިކުރެވޭ މަޝްވަރާތަކުން އަޅުގަނޑަށްވެސް އެބަ ކޮންމެވެސްވަރަކަށް އޮޅުންފިލާ. ދެން އެއާއެކީގައި ޑޮކްޓަރ ލުޠުފީވެސް އެބަ ހުންނެވި. އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ބޭފުޅުންވެސް، ޑޮކްޓަރ ޑީޑީވެސް އެބަހުންނެވި. ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންވެސް އެބަތިއްބެވި. އެހެންވީމާ، އެބޭފުޅުންނާ އެކީގައި އަޅުގަނޑުމެން މިމަޝްވަރާތައް ކުރަމުން މިދަނީ. ޑޮކްޓަރ ޑީޑީގެ ވިސްނުންފުޅާއި އަދި ޑޮކްޓަރ ޑީޑީ އެބަ ވަރަށް ފުޅާ ދާއިރާއެއްގައި މަސްވެރިންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ. ދެން ޙަޤީޤަތުގައި އަޅުގަނޑަށް މިދިމާއަށް މިޞްރާބުޖަހަން ހަމަޖެހޭ އެއްސަބަބަކީވެސް، ޑީޑީ މިކަމުގައި އެބަ ތަކުރާރުކޮށް އެބަ ވިދާޅުވޭ، އަޅުގަނޑުމެންނަށް ކަންތައްތައް މާގޯސްވުމުގެ ކުރީގައި ރަނގަޅު ފުރިހަމަ ވިސްނުމެއް ގެންނަން ޖެހޭނެއޭ. ޙަޤީޤަތުގައި މީގެ ފަސްއަހަރު ކުރީގައި އަޅުގަނޑުމެން ވިސްނާފައި އޮންނަންޖެހޭނޭ ކަޅުބިލަމަސް ރާއްޖެއިން މަދުވެދާނެ ކަމަށް. އަދި އެންވެރިކަންވެސް ރާއްޖެއިން މަދުވެދާނެ ކަމަށް. އެ މަދުވާ ދަނޑިވަޅެއްގައި ނުވަތަ މަދުވާ އިރެއްގައި އެހެން ބާވަތެއްގެ މަސްވެރިކަމަށް ބަދަލުވެގެން އަލުން އަނބުރާ އެ މަދުވި ބާވަތް އާލާކުރެވޭނެ ގޮތެއް އޮންނަންޖެހޭނޭ. އަޅުގަނޑުމެން ބަލަބަލާ ތިއްބާ ވެލާ މަދުވީމާ، ވެލާ ހިފުން ހުއްޓާލީ. ހުއްޓާލީމާ މިހާރު ބައެއް މީހުން އެބަބުނޭ ދޯންޏެއް ދުއްވޭކަށްވެސް ނެތޭ، ބުރަފަތީގައި އެ ޖެހޭވަރުން. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ކަންކަން އާލާވާކަންވެސް އަޅުގަނޑުމެން އެ ނެގުން މަދުވީމާ.

މިހާރު މިއަތޮޅުތަކުގައި ބަނދެފައި ހުރި ބޮޑެތި ދޯނިފަހަރުން ދެން ކުރެވެން އޮތް ބޭނުމަކީ ކޮން ބާވަތެއްގެ މަސްވެރިކަމަކަށްތޯ އެދޯނިފަހަރު ނެރެވެން އޮތީ. ކިހިނެއްތޯ އެދޯނިފަހަރަށް އަޅުގަނޑުމެންނަށް ހެދޭނީ. އަދި އެދޯނިފަހަރު ބޭނުންކޮށްގެން ނުވަތަ އެހެންވެސް އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް ކުރެވެންހުރި ކަމަކީ ކޮބައިތޯ އެއީ އަޅުގަނޑުމެން ހުއްޓާނުލާ އެބަ ބަލަންޖެހޭ ކަމެއް.

އަޅުގަނޑު ހުވަދުއަތޮޅު މަސްވެރިންނަށްވެސް އަދި ރާއްޖޭގެ އެންމެހާ މަސްވެރިންނަށްވެސް ޔަޤީންކަން އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންނެއް މިކަމުގައި ފަރުވާކުޑަކޮށްގެނެއް ނުތިބޭނަމޭ. ކަމެއްނުވެ އޮތް ކަމަށްވަނީވިއްޔާ އެއީކީ ހަމަގައިމުވެސް އަޅުގަނޑުމެން އެކަމާ އަޅާނުލައިގެން ނުވެ އޮތް ކަމެއް ނޫން. އަދި އަޅުގަނޑުމެންނަށް ވަކިކަމެއް ވަކިގޮތަކަށް ކުރާން ނުކެރިގެން ނުވެ އޮތް ކަމެއްވެސް ނޫން. ހަމައެކަނި ކަމެއްނުވެ އޮންނާނީ، އެކަމަކީ ކުއްލިއަކަށް ވާން އޮތް ކަމެއް ނޫންވީމާ. ކުއްލިއަކަށް ދަރިއެއްވެސް ނުލިބޭ. ކުއްލިއަކަށް ގަހެއްގައި މޭވާއެއްވެސް ނާޅާ. ވީމާ، އަޅުގަނޑުމެންނަށް ކަމެއް މިވަގުތު ނުވެ އޮންނާނީ، ހަމައެކަނި އެކަމަކީ ވަމުން ވަމުން ވަމުންގޮސް ވާގޮތަށް އޮންނަ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން ކުރާ ކަމެއް ކަމަށްވާތީވެ. އެހެންވީމާ، އެކަން ނުވެ އޮންނައިރުގައި، އޭގެ ސަބަބުން ދަތިވާ މީހުން، އެމީހުންނަށް ވަރަށް ދަތިވާނެ. އެކަން އަޅުގަނޑުމެންނަށް އެނގޭ. އެކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ. ދެން އެކަމާވެސް އަޅުގަނޑުމެން އަޅާލާނެ އިންތިޒާމެއް ޖެހޭ އެބަ ހަމަޖައްސަން. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންނަށް މިވެއްޓިފައި މިއޮތް އަޑިގަނޑުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެއްވިސްނުމެއްގައި މިކަމާ މަޝްވަރާކޮށް ވާހަކަ ދައްކައި، އަޅުގަނޑުމެންނަށް އެއްވިސްނުމަކަށް، އެއްމިޞްރާބަކަށް ދެވުނީމާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!