بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ފެރިދުއަށް އައުމުގެ ކުރީގައި، މިރަށާ ގުޅޭގޮތުން ބައެއް މަޢްލޫމާތު ހޯދުމުގައި، އޮޅުންފިލުވުމުގައި ދެތިން ދުވަހެއް ހޭދަކުރިން. ފެރިދުއަކީ މީގެކުރީގައިވެސް އަޅުގަނޑުމެންނާ މާ ބީރައްޓެހި ރަށެއް ކަމަށް އަޅުގަނޑު ދަންނަވަނީކީއެއް ނޫން. އެހެން ނަމަވެސް، މިހާރު ރަށުގެ ބައެއް ކަންކަމާ ގުޅޭގޮތުން ބައެއް މަޢްލޫމާތު އަދި އިތުރަށް ސާފުކޮށްލުމުގެ ނިޔަތުގައި އަޅުގަނޑު ރަށުގެ އެކިއެކި ކަންކަން ހޯދުމަށް މަސައްކަތް ކުރިން. އަޅުގަނޑަށް ފެނުނު ތިޔަބޭފުޅުން ކަންބޮޑުވާ ކިތަންމެ ކަމެއް މިރަށުގައި މިހާރު އެބަހުރިކަން. އަދި އަޅުގަނޑަށް އެނގުނު، ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީ މިހާރު މިދާ މަގަށްވުރެ ބާރުކޮށް ގެންދިއުމަށްޓަކައި ކުރަންޖެހޭ، ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރިކަން.

އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް ފައިބައިގެން އައީ ބަނދަރުން. އަޅުގަނޑުމެންނަށް ސަރުކާރުން މިއޮތީ، ކުރީ ސަރުކާރުން މިއޮތީ ހަމަ ވަރަށް ރަނގަޅު ބަނދަރެއް ފެރިދޫ ރައްޔިތުންނަށް ހައްދަވައިދެއްވާފައި. މި ބަނދަރު ހެދުމުގެ ތެރޭގައި ނުވަތަ މި ބަނދަރު ހަދާފައި އޮތް ގޮތުގެ ސަބަބުން ބަނދަރު ބެލެހެއްޓުމަށް ބައެއް ބާވަތުގެ ދަތިތަކާ އެބަ ދިމާވޭ. އެކަމާ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާނެ. މިއަދު އެހެންވީމާ، މަސައްކަތް ކުރަންވީ މިބަނދަރު މިހާރު މިއޮތް ގޮތުން ދެން މިބަނދަރު ރަނގަޅު ކުރުމަށް ކުރާންހުރި ކަންތައްތަކަކީ ކޮބައިތޯ ދެނެގަނެ، ދެން އަނެއްކާވެސް ވަގުތީ ޙައްލެއް މިއަށް ނުގެނެސް، ދާއިމީ ރަނގަޅެއް ބަނދަރަށް ގެނެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑަށް އެބަ ފެނޭ، ބަނދަރުގެ ނެރު ބެދެމުންދާތަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ވަށާ އެނބުރޭ ވެލިގަނޑު، ހުރަސް ތޮށްޓަކުން ނުވަތަ ހުރަހަކުން ހުރަސްވެއްޖެނަމަ، އެ ވެލި ފައިބައިގެން ކަނޑަށްދާކަމާއި އަދި އެ އެނބުރޭ ވެލިގަނޑު އެނބުރުނަނުދީ ހިފެހެއްޓޭނީވެސް ކިތަންމެ ކިތަންމެ އެތައް ގޮތެއް ހަދައިގެންކަން. އަޅުގަނޑުމެންނަށް މި ލިބިހުރި މަޢްލޫމާތާއި، އަޅުގަނޑުމެންނަށް އެނގޭ އެއްޗެއްގެ އަލީގައި އަދި އަޅުގަނޑުމެންގެ ރަށްރަށުގެ ތަޖްރިބާ ބޮޑު، ދުވަސްވީ އެތައް މީހުންނަކާއި އަދި އަބަދުވެސް މިރަށުގެ މާޙައުލާއި، ރަށުގެ ޤުދްރަތީ އެންމެހާ ކަންކަން އެނގެމުން ބަލަމުން އަންނަ ހުރިހާ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރީމާ އަޅުގަނޑަށް ޔަޤީން، ސަރުކާރަށް ބަނދަރަށް ރަނގަޅު ޙައްލެއް ހޯދައިދެވޭނެ. އަޅުގަނޑު މަސައްކަތް ކުރާނަން، ތިޔަބޭފުޅުންގެ ބަނދަރުގެ ރެލީކޮޅު އެތަނުން ނަގައި ބަނދަރު ފުންކުރެވޭނެ ގޮތެއް ހޯދުމަށް.

ހަމައެހެންމެ އަޅުގަނޑަށް އެނގިފައި އޮތީ މިތަނުގެ އިންޖީނުގޭގެ، މިހާރުހުރި އިންޖީނުގެ އެ ހުރީ އާ އިންޖީނުގެއަށް ބަދަލުކުރާގޮތަށް. އާ އިންޖީނުގެ އެހެރީ، އެ ޢިމާރާތް އެހެރީ ވަރަށް ރަނގަޅަށް ހެދިފައި. މިހާރު މިތާ ހުރި މި އިންޖީނުތައް އެއީ، އެ ޢިމާރާތާ ނުބައްދަލުކަން ހަމަ ބަލާލި ކޮންމެ މީހަކަށްވެސް ވަރަށް ސާފުކޮށް ފެންނާނެ. އާ އިންޖީނުގެއަށް އާ ގޮތެއް، އާ އިންޖީނެއް ހޯދުމަކީ މުހިންމު ކަމެއް. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ބޯފެނާއި ނަރުދަމައާއި ކަރަންޓް ދިނުމުގެ ސިޔާސަތަކީ، ޔުޓިލިޓީ ކުންފުނިތަކަށް ނުވަތަ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފެނާއި ނަރުދަމައާއި ކަރަންޓްގެ ޚިދްމަތްދޭ ސަރުކާރު ޙިއްޞާވާ ކުންފުނިތަކެއް މެދުވެރިކޮށްގެން އެކަން ކުރުން. އެގޮތުން މިސަރަޙައްދުގެ ކުންފުންޏަކީ މާލޭގެ ކަރަންޓްދޭ ސްޓެލްކޯ. ބޮޑު އިންޖީނުގެ. އެހެންވީމާ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ސްޓެލްކޯއިން މި އިންޖީނުގެއާ ޙަވާލުވާނެ. އަދި ސްޓެލްކޯއިން އިންޖީނުގެ ހިންގަން ފަށާނެ. ދެން ހިންގަން ފަށާއިރުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި އޭރުން ދެން އަނެއްހެން ބަލާއިރުގައި ރައްޔިތުންގެ ވަރަށްބޮޑު ބޮލުގައި ރިހުމަކުން ސަލާމަތްވީ. އެއީ ދެން އެތަނަށްލަނީ ކޮން އިންޖީނެއްތޯ، ކޯއްޗެއްތޯ، އެ އެއްޗެއް ނޫން އަޅުގަނޑުމެން ބަލަން ތިބެންޖެހޭނީ. ކަނޑައެޅިގެން އަބަދުވެސް ކަރަންޓް ލިބޭނެ. ސްޓެލްކޯއަކީ އެމަސައްކަތް މާލޭގައި ކުރާތާ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެއް. އެއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ނަޞީބެއް މި ސަރަޙައްދަށް އެފަދަ ތަޖްރިބާ ބޮޑު ކުންފުންޏަކުން ކުރާ ގޮތަކަށް އެކަން ހަމަޖެހުން. ދެން އެހެން ނަމަވެސް، އަލަށް ފަށައިގަނެވުނު ކުންފުނިތައްވެސް ވަރަށް ރަނގަޅަށް، މިސާލަކަށް ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގައި ވަރަށް ރަނގަޅަށް ކަރަންޓް ދެމުން މި އާ ކުންފުނިތައް އެބަގެންދޭ.

މިދިޔަ ރޯދަމަހު އަޅުގަނޑު އެދުނިން އެ ކުންފުނިތަކުގެ ކިބައިން، މި ފެނާއި ނަރުދަމައާއި ކަރަންޓްދޭ ކުންފުނިތަކުގެ ކިބައިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ކަރަންޓް ގޮއްސައި ރޯދަމަހު ހުންނާކަށް އަޅުގަނޑުމެންނެއް ނޭދެމޭ ގިނައިރުތަކެއްވާންދެނެއް. ސަރުކާރުން އަޅުގަނޑު ހަމަ ބަލަމުން ގެންދިޔައިން ރޯދަމަހު ކަރަންޓް ދިޔައީ ކޮންކޮން ރަށްރަށެއްގައިތޯ. ޔުޓިލިޓީ ކުންފުނިތަކާ ޙަވާލުކޮށްފައި ހުރި އެއްވެސް އިންޖީނުގެއަކުންނެއް ކަރަންޓެއް ނުދޭ. އެފަދަ އެއްވެސް ރަށަކުން ކަރަންޓް ގޮސްފައެއްނުވޭ. އަމިއްލައަށް ހިންގާންވެގެން، މި އިންޖީނުގެތައް ހިންގާންވެގެން ރަށްރަށުގައި މަސައްކަތް ކުރާތާ މިހާރު ވިހި ތިރީސް އަހަރު ވެއްޖެ. ވަރަށް ކުޑަކުޑަ ގޮތަކަށް ރަށްރަށުގެ ރައްޔިތުން ފަށައިގަތް ކަމެއް، ބޮޑުވަމުން ބޮޑުވަމުން އައިސް މިހާރު މިހުރީ ޙަޤީޤަތުގައި ކުންފުންޏެއްގެ ސިފަ އެއަށް ނުޖައްސައި، ވިޔަފާރީގެ އުޞޫލުތައް އޭގެތެރެއަށް ނުގެނެސް، އަވަހަށް ހިންގުމުގެ ހަމަތަކާ އެކީގައި ނޫނިއްޔާ މި އިންޖީނުގެތައް ނުހިންގޭ ވަރަށް ބޮޑެތިވެފައި. އަޅުގަނޑަށް އެނގޭ، ބައެއް ބޭފުޅުން ނޭދޭކަން، އިންޖީނުގެ ޔުޓިލިޓީ ކުންފުނިތަކާ ޙަވާލުކުރަން، އެއީ ރަށު ރ.ކ ކޮމިޓީ ނުވަތަ ރަށުގެ ކޮންމެވެސް ޖަމްޢިއްޔާގެ ނުވަތަ ރަށުގެ ރައްޔިތުންގެ އިންޖީނުގެތައް ކަމަށްވެގެން، އެހެން ހަދާ ކުންފުންޏަކާ ޙަވާލުނުކުރުމުގެ ވިސްނުމެއް ގެންގުޅެވޭ.

އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ އެންމެންގެވެސް އެއްއަމާޒަކަށްވާންވާނީ، ވާޖިބަކަށްވާންވާނީ، ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. ކޮންގޮތަކުންތޯ އެންމެ ރަނގަޅަށް ޚިދްމަތެއް ފޯރުކޮށްދެވެން އޮތީ ބަލައި، އެގޮތެއް ފަހިކޮށްދެވޭތޯ، އެހަމައަކުން އެކަން ކޮށްދެވޭތޯ. ސަރުކާރަށް ވިސްނޭ ވިސްނުމުގައި، ކުދިކުދި ޖަމާޢަތްތަކުން އިންޖީނުގެތައް ހިންގާން އުޅުމަކީ ވަރަށްދަތި ކަމެއް. ޙަޤީޤަތުގައި ގިނަފަހަރަށް ނުވެސް ހިންގޭ. އަބަދުވެސް ސަރުކާރުގެ ކޮންމެވެސް ހިލޭ އެހީއެއް ކޮންމެވެސް ތަނަކުން ހޯދާން އެބަޖެހޭ. އެހެންވީމާ، ސަރުކާރުންވެސް އެތައް މިތަނަށް އެކިއެކި އެއްޗިހިދީދީ ތިބެނީ. މިސާލަކަށް މިދިޔަ އަހަރު އިންޖީނުގެތަކަށް ސަރުކާރުން ޚަރަދުކުރި 60 މިލިއަން ރުފިޔާއަށްވުރެ ގިނައިން. 2008 ވަނަ އަހަރު. 2009 ވަނަ އަހަރު އަޅުގަނޑުމެން ނިންމީ މިގޮތަކަށް ނޫނޭ އަޅުގަނޑުމެން މިކަން ކުރާނީ. އެކުރާ ޚަރަދެއް އަޅުގަނޑުމެންދޭނީ ސީދާ މީހާއަށޭ. އިންޖީނުގެއަކަށް ނޫނޭ. އިންޖީނުގެތައް ކައިރީގައި ބުނާނީއޭ ވިޔަފާރީގެ އުޞޫލުން އެމީހުން އިންޖީނުގެ ހިންގާށޭ. ކަރަންޓްގެ ބިލް ދައްކާން ދަތިވާ ސީދާ ރައްޔިތު މީހާއަށް ހިލޭ އެހީއެއް އަޅުގަނޑުމެން ދޭނީއޭ އެދަތިވާ މިންވަރަކަށް. މާލޭގެ ކަރަންޓް ބިލް މިހާރު އެހުރީ ބޮޑުވެފައި. ބޮޑުވީމާ ސަރުކާރުން މިދެނީ ކަރަންޓް ބިލް ދެއްކުމަށް ދަތިވާ މީހުންނަށް، އެއީ މާލޭގެ އަށާރަހާސް ހަސަތޭކަ ކަރަންޓް މީޓަރު މިހުންނަނީ. ހުންނައިރުގައި އޭގެތެރެއިން މިވަގުތު ސަރުކާރަށް މިފާހަގަވަނީ، އަޅުގަނޑުމެންނަށް މި ސީދާ ޢަދަދު އެނގޭނީ، އަޅުގަނޑު ހިތުން އަދި ދެތިން މަހެއްވީމާ. އެހެން ނަމަވެސް، މިހާރު މިފާހަގަވަނީ އަށާރަހާސް ހަސަތޭކަ ކަރަންޓް މީޓަރުގެ ތެރެއިން މަދުވެގެން އެގާރަހާސް ކަރަންޓް މީޓަރަށް ސަރުކާރުން ހިލޭ އެހީ ދޭންޖެހޭނެއޭ. އެހެންވީމާ، އެ ހިލޭ އެހީ ދޭނީ ސީދާ މީހާއަށް. ޢާއިލާއަށް. އިންޖީނުގެ އެއީ ހަމަ ވިޔަފާރީގެ އުޞޫލުން އެމީހުންނަށް ދެކޮޅުޖެހޭ ގޮތަކަށް އެކަން ހިންގީމާ ރަނގަޅުވާނެ. އަޅުގަނޑުމެން މި ސަބްސިޑީ ދޭންވެގެން މިއުޅޭ އުޞޫލަކީ މިއީ. މިގޮތަށް ދިނީމާ ކުންފުނިތައް ރަނގަޅަށް ހިނގާނެ. ކުންފުނި ރަނގަޅަށް ނުހިނގަނީހެއް، އެ އިންތިޒާމެއް ރަނގަޅަށް ނުހިނގަނީހެއް، ކަމެއް ރަނގަޅަށް، ބަރާބަރަށް އެފިޝަންޓްކޮށް އަޅުގަނޑުމެން މިބޭނުންވާ ނަތީޖާ އެކަމަކުން ނެރެވެން އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އަދި އެއީ، އިންސާނީ ތަޖްރިބާ ދުނިޔޭގައި ދައްކާފައި ހުރި ގޮތެއްވެސް ނޫން.

އަޅުގަނޑަށް ހަމަ އެނގިފައި އޮތީ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ ބައެއް ބޭފުޅުން މިދެބަސްވުމުގެ ތެރޭގައި، ސަރުކާރާ ގުޅިގެން މިކަން ހިންގާނީތޯ ނުވަތަ މި ސަރުކާރާ ނުގުޅި އެކަންކަމުން ފޭވެ ތިބެ ސަރުކާރުގެ ކަންކަމުގައި ބައިވެރިނުވެ ތިބުމުގައި، އެއްކައިރިވެލައިގެން ތިބުމުގެ ފިކުރެއްގައި ތިބޭނީތޯ؟ މިފިކުރުގެ ތެރޭގައި އަޅުގަނޑަށް އެނގޭ، މިރަށުގެ ބައެއް ބައެއް ބޭފުޅުންނަށް އެބަ ތިބެވޭކަން. އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން ސަރުކާރު ހިންގަނީ ވަކި ޕާޓީއަކަށް ނޫނޭ. ވަކިބަޔަކަށް ނޫނޭ. ރާއްޖޭގެ ރައްޔިތުންނަށޭ. އަޅުގަނޑެއް ކަންބޮޑެއްނުވާނެ، އަޅުގަނޑުދެކެ ބަޔަކު މީހުން އަދި ރުޅިއައިސް، ބައެއް ބާވަތުގެ އެއްޗިހި ބުނެ ހަދާލިޔަސް. އަޅުގަނޑުމެން މިކަމާ ކުރިމަތިލާ މިތިބީ މިކަންކަން އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭތީ. އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެ. އަޅުގަނޑުމެންނެއް ކަންބޮޑެއް ނުވާނެ. އަޅުގަނޑުމެން ހާހެއް ނުވާނެ. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ މަސައްކަތް ހަމަ މަޑުމަޑުން ރަނގަޅަށް ކުރަމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނަން. އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށްވެސް، ފެރިދޫ ހުރިހާ ރައްޔިތުންނަށްވެސް މިކަމުގެ ޔަޤީންކަން އަރުވަން ބޭނުން.

އަޅުގަނޑު ފެރިދުއަށް އައިސް ފެރިދޫގެ މަދަރުސާއަށް ދިޔައިން. އަދި މަދަރުސާއަށް ދިޔުމުގެ ކުރީގައިވެސް އަޅުގަނޑު އެމަދަރުސާއާ ގުޅޭގޮތުން ބައެއް މަޢްލޫމާތު އޮޅުންފިލުވާލިން. ޙަޤީޤަތުގައި މިއަތޮޅުގެ އެންމެ ރަނގަޅު ނަތީޖާއެއް އަޅުގަނޑަށް ހީވަނީ އަދި އަޅުގަނޑަކަށް އެހެން ނަމަވެސް، ރަސްދުއާއި އުކުޅަހާއި ތޮއްޑޫގެ ނަތީޖާއެއް ނޭނގެ. އަޅުގަނޑު މިބަލާލެވުނު ފަސް ރަށުގެ ތެރެއިން، ހަތަރު ރަށުގެ ތެރެއިން ފެރިދޫގެ ނަތީޖާ ތަންފުކެއް ރަނގަޅު. ތަންފުކެއް ރަނގަޅޭ އަޅުގަނޑު ދަންނަވާނީ އިނގޭތޯ. މާބޮޑުތަނަކުން ރަނގަޅު ވާހަކައެއް ނޫން. އެއްގޮތަކަށްވެސް ބޮޑުތަނަކުން ރަނގަޅު ވާހަކައެއް ނޫން. އެހެން ރަށްރަށާ އަޅާބަލާފައި ކުޑަތަންކޮޅެއް ރަނގަޅޭ. މިހާރުވެސް މި މަދަރުސާތަކުން މިނުކުންނަ ގިނަ ކުދިންނަށް މިލިބެނީ U ފާސް. ދެކުދިން މިރަށުންވެސް ފާސްވީ އިތުރަށް ކިޔެވޭ މިންވަރަށް އިނގޭތޯ. ފާސްވުމަކީ C ފާހަށްވުރެ މަތިން ލިބުން. ދެން އަޅުގަނޑު ހަމަ ކުރީ ރޭ މާޅޮހުގައިވެސް އަޅުގަނޑު ބުނިން، މަދަރުސާއެއް ނުބަހައްޓަންވީ ނޫންތޯއޭ؟ އިމްތިޙާނުގައި ބައިވެރިވީމާ U ފާހެއް ލިބޭނެ މަދަރުސާއެއް ހުއްޓަސް ނެތަސް. ހަމަ ހުސް U ފާސްހުރީ. އެހެންވީމާ، މަދަރުސާއެއް ހުއްޓަސް ނެތަސް U ފާހެއް އަންނާނެ. އަޅުގަނޑުމެން އެބަޖެހޭ މިމަދަރުސާތައް ހިންގުން މިއަށްވުރެ މާ ވަރުގަދަ ކުރަން. މާ ހަރުދަނާ ކުރަން. ބޮޑު ބަދަލެއް އަޅުގަނޑުމެން އެބަ ގެންނަންޖެހޭ މަދަރުސާތަކަށް. މި ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުކުރެވޭނެ. އަޅުގަނޑުމެން ކުޑަކޮށްވެސް ގަބޫލެއް ނުކުރަން، ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓުން ކުރާ ކަމެއް ކަމަކަށް. އެއްގަމު ތޮށްޓެއް ނޫން. ފައިކަށްޓެއް ނޫން ހަމައެކަނި ތަރައްޤީއަކީ. އަދި ވަށާ ފާރެއް ރޭނުމެއްވެސް ނޫން. ތަރައްޤީއަކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ސީދާ ފެރިދޫގެ ތަރައްޤީއަކީ ފެރިދޫ ރައްޔިތު މީހާއަށް ލިބޭ އެއްޗަކަށްވާންޖެހޭނީ. އެމީހާގެ ތަރައްޤީ އެއީ. އެމީހާ ކުރިއަރައި ދިއުން އެއީ. އެމީހާ ކުރިއަރައި ދެވޭނީ އޭނާއަށް ތަނެއްދޮރެއް އޮޅުންފިލައިގެން. ތަޢްލީމެއް ލިބިގެން.

މަދަރުސާގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭއިރުގައި، އެ 10 ނިމެންދެން ރަނގަޅަށް ކިޔެވި ރަނގަޅު ނަތީޖާއެއް ލިބޭނެ ގޮތަކަށް ތަޢްލީމީ ކަންކަން ރޭވުމަކީ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ވަރަށް މުހިންމު ކަމެއް. އެހެންވީމާ، މިދިޔަ އަހަރު އަޅުގަނޑު ވަރަށް މަސައްކަތް ކުރިން މިރަށުގައި އިތުރު ދެކްލާސްރޫމް ހެދޭތޯ. އިރާދަކުރައްވައިގެން އެކަން މިހާރު މިވަނީވެފައި. ދެން އޭގެ ސަބަބުންވެސް ކޮންމެވެސްވަރެއްގެ ލުއިކަމެއް ހުރި ޢިމާރާތަށް ލިބޭނެ. ތަނަވަސްކަމެއް ޢިމާރާތަށް ލިބޭނެ. ދެން އެހެން ނަމަވެސް، އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް މުޅިއަކުން އަޅުގަނޑު ގަބޫލުކުރާހިތެއް ނެތް، ކަމެއް ނުވެގެން މިއުޅެނީ ތަނެއް ނެތިގެން ކަމަކަށް. ކަންތައްތައް ހަމަ ހިންގޭނެ ދަތީގައިވެސް. ހުރި މިންވަރަކުން ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރުމުގެ ފިކުރު އެބަ އަޅުގަނޑުމެން ގެންގުޅެންޖެހޭ. ހުރި މިންވަރަކުން. އަޅުގަނޑުމެން އަތުގައި މިހުރި މިންވަރަކީ އެންމެ އެކަށީގެންވާ މިންވަރެއް ނޫން. ދެން އެހެން ނަމަވެސް، މިހުރި މިންވަރަކުން އަޅުގަނޑުމެންނަށް ނެރެވެން ހުރި ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެން ނެރެވޭތޯ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ.

ހެލްތް ސެންޓަރަށްވެސް އަޅުގަނޑު ދިޔައިން. އަދި އެތަނާ ގުޅޭގޮތުންވެސް އަޅުގަނޑު މަޢްލޫމާތު ހޯދިން. ފަސްހާހެއްހާ ފަހަރު އެ ސެންޓަރަށް 2009 ވަނަ އަހަރު މީހުން ގޮސްފައި އެބަހުރި. ދެން އަޅުގަނޑަކަށް މުޅިއަކުން ނޭނގެ، އޭގެތެރެއިން ކިތައް މީހުން ކަމެއް ހަމަ އެތަނަށް ވަދެފައި ނުކުމެގެން ރަސްދުއަށް ދިޔައީ ނުވަތަ މާލެ ދިޔައީ. އެއީ ދެން އަޅުގަނޑު ހީކުރީ އެޑްމިޓް ކުރާ މީހުން ހަމަގައިމުވެސް ބޭތިއްބިފައޭ ހުންނާނީ. އެހެން ނަމަވެސް، އެޑްމިޓް ކޮށްފައި އޮއްވާވެސް ހަމަ އަނެއްކާ މާލެއަށް ނުވަތަ ރަސްދުއަށް ގޮސްފައި ހުރި ކަމަށްވަނީ. އަޅުގަނޑުމެން ބަލަން މިއުޅޭ އެއްކަމަކީ މިތަނުން ދެވެނީ ކޮން ޚިދްމަތެއްތޯއޭ؟ ހަމަ އެތަނަށް ވަދެފައި ނުކުމެފައި ރާސްކިޔާފައި ރަސްދުއަށްދާން ޖެހެންޏާ އަދި ނުވަތަ މާލެއަށްދާން ޖެހެންޏާ އެތަން ހުރުމުގެ އެހާބޮޑު ބޭނުމެއް ނެތްތާ. އެހެންވީމާ، މިތަނުން ދެވޭ ރަނގަޅު ޚިދްމަތެއް އަޅުގަނޑުމެން އެބަ ދޭންޖެހޭ. ދެން އެކަމަށް ބޭނުންވޭ ބައިވަރު ކަންކަން ރަނގަޅު ކުރަން. އަޅުގަނޑަށް ފާހަގަވޭ، އަޅުގަނޑަށްވެސް އެނގޭ، ލެބޯރެޓަރީގެ ޚިދްމަތް އެބަ އެކަމަށް ބޭނުންވާކަން. ލެބޯރެޓަރީގެ ޚިދްމަތް ނުލިބޭތީވެ، ރަސްދުއަށްދާ މީހުން ވަރަށްގިނަ. ދެން ލެބޯރެޓަރީގެ ޚިދްމަތް މިސާލަކަށް ދެވުނީމާ، ދެން ރަސްދުއަށް ދާންޖެހޭނީ މަދުބައެއް. އެއީ، އެކްސްރޭ ނަގަންޖެހޭ މީހުން ނުވަތަ މިތަނުން ނުވާ ކަންތައްތައް ކުރަންހުރި މީހުން. މިކަން އެހެން ގޮތަކަށް އެނބުރުމަށްވެސް އަޅުގަނޑުމެން ގެންގުޅެން ވިސްނުމެއް. ސަރުކާރުން އެބަ ގެންގުޅޭ ސިޔާސަތެއް. ކިހިނެއްތޯ މިރަށުގައި ލެބޯރެޓަރީއެއް ހެދެން އޮތީ. އަޅުގަނޑުމެން މިގެންގުޅޭ ސިޔާސަތުތަކަކީ މީގެކުރިއާ ތަފާތު ކަމެއްވީމާ، ބައެއް ބޭފުޅުން އެކަމާ އަދި ފަރިތަނުވާތީވެ، އަޅުގަނޑުމެންނަށް މަޢްލޫމާތު ރަނގަޅަށް ނުދެވޭކަންވެސް އަޅުގަނޑަށް އެބަ ސާފުވޭ. އަޅުގަނޑަށް އެކަން އެބަ އެނގޭ.

އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުމެން އެބައޮތް [މަދަނަ] ކިޔާ ހެލްތް އިންޝުއަރެންސް ނުވަތަ ހެލްތްގެ ޞިއްޙީ ޚިދްމަތްދޭ ބައެއް. މިދިޔަ އަހަރު މިރަށުގެ 53 މީހުން އަޅުގަނޑު ހަނދާންވަނީ، އެ ޚިދްމަތް ބޭނުންކުރި. އެމީހުންނަށް ހުރިހާ ކަމެއް އެ ޚިދްމަތުގެ ތެރެއިންލާފައި ފަހިވެގެންދިޔަ. އެއްވެސް ތަނަކަށް ގޮސް ލާރި ދައްކަން ނުޖެހޭގޮތަށް. [މަދަނަ] އިން ލާރި ދައްކާ ގޮތަށް. މި [މަދަނަ] އަށް ދައްކަން މިޖެހެނީ ދެހާސް ރުފިޔާ. އާމްދަނީ މަދު މީހުންނަށް ވެއްޖިއްޔާ ސަރުކާރުން އެމީހުންނަށް ދައްކައިދޭނެ، އެމީހުންނަށް ނުދެއްކޭވަރެއް. އަހަރަކަށް ދެހާސް ރުފިޔާ ދެއްކީމާ، އެއްލައްކަ ރުފިޔާގެ ބޭސް މިކުރެވެނީ. އަޅުގަނޑު ދައްކަން މިއުޅޭ ވާހަކައަކީ، މިސާލަކަށް މިރަށުގެ ހުރިހާ އެންމެން މި [މަދަނަ] ޕްރޮގްރާމްގައި ބައިވެރިވީ ނުވަތަ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވީ. ބައިވެރިވެފައި މިރަށުގެ ހެލްތް ސެންޓަރުގައި މިބުނަނީ، އެމީހުން ފައިސާ ނަގަން ފަށާށޭ އަންނަ މީހަކު އަތުން. އަންނަ ކޮންމެ މީހަކު އަތުން ފަންސާސް ރުފިޔާ، މިވެނި ކަމަކަށް އަނެއް ކަމަކަށް ނަގާށޭ. މީހާ އަތަކުން ނޫނޭ ނެގެނީ. މިފައިސާ ދައްކާނީ މަދަނައިން. މިފައިސާ ދައްކާނީ މަދަނައިން. އެހެން ނަމަވެސް، އޭރުން ހެލްތް ސެންޓަރުގައި އިތުރު ފައިސާ ހުންނާނެ. އެމީހުންނަށް ހަމަ މިއަހަރުވެސް ލެބޯރެޓަރީއެއް ހެދޭނެ. އެމީހުންގެ އާމްދަނީއެއް އެމީހުންނަށް އުފެއްދޭނެ. އެމީހުންނަށް މިއަހަރުވެސް ލެބޯރެޓަރީއެއް ހެދޭނެ. އެމީހުންނަށް މިއަހަރުވެސް އެތަނަށް ޑޮކްޓަރުންވެސް ގެނެވޭނެ. އަޅުގަނޑު ދެންމެ ހަމަ ކުއްލި ހިސާބެއް ޖަހާލިއިރުގައި، ބަލާލިއިރުގައި އެތަނަށް ވަދޭ އަހަރަކަށް ފަސްހާސް މީހުން. އެއީ ފަސްހާސް ވަކިވަކި މީހުންނަށް ނުވެދާނެ. ފަސްހާސްފަހަރު. އެހެންވީމާ، އެތަނުން ޚިދްމަތްތަކަށް ފީއެއް ނެގުން ހަމަ ރަނގަޅު. އެހެން ނަމަވެސް، އެ ފީ ދައްކަން ރައްޔިތު މީހާއަށް ބުރަ ބޮޑުވެގެނެއް ނުވާނެ. ނުވާނެ އެމީހާ މަދަނައިގައި ބައިވެރިވެފައި އޮތީމާ.

އަނެއްކާވެސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން ސަރުކާރުގައި އެބައޮތޭ، ސަރުކާރުން މިކަމަށް ކަނޑައަޅައި މިސާލަކަށް މަދަނައިގައި އެބަހުރި ރުފިޔާ. އެ ރުފިޔާ މި ޚަރަދު ކުރާން މިއުޅެނީ ހަމައެކަނި ބޭސްފަރުވާ ކުރުމަށް. ހޮސްޕިޓަލް އެޅުމަކަށެއް ނޫން. ލެބޯރެޓަރީ ހެދުމަކަށެއް ނޫން. އެހެންވީމާ، ލެބޯރެޓަރީ ހެދުމާއި، ހޮސްޕިޓަލް ހެދުމާ ސަރުކާރުން މި ހެލްތް ސެންޓަރު ހިންގުމަށް މި އޮތް ބަޖެޓް ހަމަ އޮންނާނެ. އެބަޖެޓް ދެމުން ގެންދާނެ. އެ ގެންދިއުމުގެ ތެރޭގައިވެސް އޭގެއިތުރުން، މި ހެލްތް ސެންޓަރަށް އެބައޮތޭ އަޅުގަނޑުމެންނަށް ވިސްނޭ ވިސްނުމުގައި، އިތުރު އާމްދަނީއެއް ހޯދައިގެން ޚިދްމަތް އިތުރަށް ފުޅާކުރުން.

އަޅުގަނޑު އަދި ހަމަ އިތުރު އެހެން ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި ފެރިދުއަކީ، ފެރިދޫ ގޮނޑުދޮށުން ނިމޭ ތަނެއް ކަމަށް ވިސްނައިފިއްޔާ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުހޯދޭނެ. އަޅުގަނޑު އެބަޖެހޭ، މިސާލަކަށް މިތަނުގައި މިއޮންނަނީ ފެރިދުއާއި މާޅޮހާއި ހިމެންދުއާ މި ތިން ރަށް ޖެހިޖެހިގެން މިއޮންނަނީ. އެއްރަށް އަނެއް ރަށް ދޭތެރޭގައި ބައިގަޑިއިރުގެ ދަތުރުވެސް ނެތް. އަޅުގަނޑުމެންނަށް ދިވެހި ސަރުކާރަށް ކުރިއަށް މިއޮތް ފަންސާސް އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެން ހިތްއެދޭ ޚިދްމަތެއް، މިހުރިހާ ރަށަކަށް، އަޅުގަނޑުމެން ހިތްއެދޭ މިންވަރަކަށް ނުދެވޭނެ. ކޮންމެ ދުއިސައްތަ ރަށަކުން ކޮންމެ ރަށެއްގައި ހޮސްޕިޓަލެއް ނުހެދޭނެ. ދުއިސައްތަ ރަށަކުން ކޮންމެ ރަށެއްގައި ރަނގަޅު މަދަރުސާއެއްވެސް ނުހެދޭނެ. ބައެއް ރަށްރަށުގައި ހެދޭނީ. އަޅުގަނޑުމެންނަށް މިތިން ރަށް މިސާލަކަށް ބަހާލެވުނީ، އެއްރަށެއްގައި ވަރަށް ރަނގަޅު ހޮސްޕިޓަލެއް އަޅަން. އަނެއް ރަށެއްގައި ވަރަށް ރަނގަޅު މަދަރުސާއެއް އަޅަން. އަނެއް ރަށެއްގައި ސަރުކާރު ހިންގަން. އެއީ، ރަށުއޮފީހާއި މިކަންކަން ހިންގަން. ދެން މިތިން ރަށް ދޭތެރޭގައި ކޮންމެ ބައިގަޑިއަކުން ބައިގަޑިއަކުން ދުވާ ފެރީ ބާއްވަން. އަދި ލޯންޗްވެސް ބޭއްވިދާނެ. ބާރަށް ދެވޭގޮތްވެސް ހެދިދާނެ. ފަނަރަ މިނިޓަކީ، ދިހަ މިނިޓަކީ އަދި ބައިގަޑިއިރަކީވެސް އެއްތަނުން މީހަކު ވަޒީފާއަށްދާކަށް ގިނައިރުތަކެއް ނޫން. ދުނިޔޭގައި މަދުވާނެ، ދިވެހިރާއްޖެ މިހުންނަ ގޮތަށް ގެއިން ނުކުންނައިރު ރަށުއޮފީހަށް ތިމާ އަމިއްލައަށް ވަދެވޭގޮތަށް ހުންނަ. އެހެން ނޫނިއްޔާ އެތަނެއްގެ ސަރުކާރަށް، އެހެން ނޫނިއްޔާ އެތަނެއްގެ ހޮސްޕިޓަލަށް، އެތަނެއްގެ މަދަރުސާއަށް އެބަ އެއްތަނުން އަނެއް ތަނަށް އެބަދާންޖެހޭ. ހާހެއްހާ މީހުން ނުވަތަ ހައެއްކަ ސަތޭކަ މީހުންނަކީ، އިޤްތިޞާދެއް ހިންގަން ރަނގަޅު ޢަދަދެއް ނޫން. މި ތިން ރަށް ގުޅުވާލެވިއްޖިއްޔާ، އަޅުގަނޑު މިދަންނަވާހެން ދަތުރުފަތުރުން ގުޅިއްޖިއްޔާ، އެއީ، އިޤްތިޞާދެއް ހިންގަން އެކަށީގެންވާ ޢަދަދެއް ލިބެން ފަށަނީ ދެހާސް މީހުން. ވިޔަފާރިވެސް ރަނގަޅުވާނެ. ފެރިދޫ މީހުންގެ ފިހާރަތަކުން ވިޔަފާރި ކުރާނީ އޭރުން ހަމައެކަނި ފެރިދޫ މީހުންނެއް ނޫން. މާޅޮހު މީހުންވެސް، ހިމެންދޫ މީހުންވެސް ކުރާނެ. ހަމައެގޮތަށް އޮތީ ހިމެންދުއަށްވެސް، މާޅޮހަށްވެސް. އަޅުގަނޑު މިއެދެނީ، އަޅުގަނޑު މިހުށަހަޅަނީ، މި ތިން ރަށް އެކުވެގެން ތިން ރަށަށް ވާހަކަ ދެކެވިގެން، އެއްރަށެއްގައި މިވެނި ކަމެއް، އަނެއް ރަށެއްގައި އެވެނި ކަމެއް، އަނެއް ރަށެއްގައި އަނެއް ކަމެއް ތަރައްޤީ ކުރަން ނިންމިއްޖިއްޔާ، ތިން ރަށަށްވެސް ވަރަށްބޮޑު ކުރިއެރުން ވަރަށް ބާރަށް ލިބޭނެއޭ. އަދި މިދަތުރުފަތުރުގެ ކަންތައް އެހެންވީމާ އެގޮތަށް ހަމަޖެއްސުމަކީވެސް އުނދަގޫ ކަމަކަށް ނުވާނެ.

އަޅުގަނޑުމެން ހަމަ ޒަމާނުއްސުރެ ފަށައިގެން ކަން ކުރަމުން އަންނަގޮތަށް ކަންތައްތައް ކޮށްލަ ކޮށްލަ ތިބޭ ކަމަށްވަނީވިއްޔާ، އަދިވެސް ހަމަ ނުކުންނާނީ ޒަމާނުއްސުރެ ފަށައިގެން ނުކުންނަމުން އައި ނަތީޖާ. އެ ނަތީޖާއަށް އަޅުގަނޑުމެންނަށް ބަދަލެއް ގެނެވޭނީ، އަޅުގަނޑުމެން ކަން ކުރަމުން އައި ގޮތަށް ހަމަ ބޮޑު ބަދަލެއް ގެނެސްގެން. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އެބަދަލަށް ތައްޔާރަށް ތިބިކަމަށް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި އުފާވެރި މާދައައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم