بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު މާޅޮހަށް މިއައީ، އަޅުގަނޑަށް މާޅޮހުގެ ކަންކަން އޮޅުންނުފިލާ އޮތީތީއެއް ނޫން. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި މިރަށަށް ކުރާންހުރި ކަންކަން ކުޑަކޮށްވެސް މަދުކަމަށް ފެންނާތީކީއެއް ނޫން. މިދިޔަ އަހަރު އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިފަހުން، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއްސުރެ ފެށިގެން މިރަށަށާއި އަދި ރާއްޖޭގެ ކިތަންމެ ރަށަކަށް ކޮށްފައި ނުކުރާނެ ވަކިކަމެއް ވަރަށް އުނދަގޫ ތަރުތީބު ކުރަން. ރައްޔިތުންނަށް ބޭނުންވަނީ، ޚާއްޞަ ގޮތެއްގައި، މުހިންމު ގޮތެއްގައި މިވެނި ކަމެކޭ، ދެންހުރި އަނެއް ކަންކަން އެއީ ފަސްކޮށްލެވޭނޭ ކަންކަން ކަމަށް ދެކި، ކަމެއް ތަރުތީބު ކުރުން ވަރަށްދަތި. ހުރިހާ ކަމެއްވެސް މިއޮތީ ވަރަށް ބޮޑަށް ބޭނުންވެފައި.

އަޅުގަނޑު ވަރަށް ކުރިއްސުރެ ދެނެހުރި ކަމެއް އެއީ، މިރަށުގެ މިސާލަކަށް، މަދަރުސާ. އެ މަދަރުސާއަކީ ވަރަށް ކުރީގައި، މީގެ ވިހި ފަންސަވީސް އަހަރު ކުރީގައި، އެތަނުގައި ޢިމާރާތް ކުރެވުނު ހޯލެއްގައި ކުދިންނަށް ކިޔަވައިދެމުން ގެންދަނީ. ކުދިންނަށް ކިޔަވައިދެމުން ގެންދެވެނީ. ރަނގަޅު ތަނެއް، ރަނގަޅު ޢިމާރާތެއް ބިނާކުރެވި، ރަނގަޅު ގޮތުގައި، ރަނގަޅު ތަރުތީބަކުން، ރަނގަޅު އިންތިޒާމަކުން އެކަން ފުރިހަމައަށް މިރަށުގައި މީގެކުރީގައި ކުރެވިފައި އޮތް ކަމަކަށް ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑަކަށް ދެންނެވޭކަށެއް ނެތް.

އަޅުގަނޑުމެން ސަރުކާރުން ފަށައިގެން އެންމެ މުހިންމު އެއްކަމަކީ، މިދިޔަ 2009 ވަނަ އަހަރުގެ ތެރޭގައި، ކޮންމެ ރަށެއްގައިވެސް އަދި ޚާއްޞަކޮށް، މަދަރުސާގައި ޢިމާރާތާއި ޖާގަ މަދު ރަށްރަށުގައި، ކޮންމެވެސް ވަރެއްގެ ޢިމާރާތެއް، ކޮންމެވެސްވަރެއްގެ ޖާގައެއް ފޯރުކޮށްދެވޭތޯ ބެލުން. އެގޮތުން މިދިޔަ އަހަރު، 2009ވަނަ އަހަރު 171 ކްލާސްރޫމް ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިނާކުރި. އަޅުގަނޑު އުފާވޭ، އެ ކްލާސްރޫމްތަކުގެ ތެރޭގައި، ކިތަންމެ މަދުން ނަމަވެސް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، މިރަށުގައިވެސް އެ ކްލާސްރޫމް، ދެކްލާސް ބިނާކުރެވުނީތީވެ. އަޅުގަނޑަށް އެނގޭ، މިރަށުގެ މަދަރުސާ ފުރިހަމައަށް ހިންގުމަށް ބޭނުންވާވަރާ ގާތްކުރާ މިންވަރެއްވެސް ނޫންކަން.

އަޅުގަނޑުމެން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނަން މިރަށުގެ މަދަރުސާ އެއްދަންފަޅިއަށް ހަދައިދިނުމަށް. އެއްދަންފަޅިއަށް ކިޔަވައިދިނުމަކީ، ރަނގަޅު ނަތީޖާ ނުކުންނަ ކަމެއް. މައިންބަފައިންނަށާއި ދަރިވަރުންނަށް ވަގުތު، ދުވަހުގެ ވަގުތު ރަނގަޅު ގޮތުގައި ބޭނުންކުރުމަށް، ހަރުދަނާ ގޮތުގައި ބޭނުންކުރުމަށް އޮތް ވަރަށް ރަނގަޅު އުޞޫލެއް. މިހާރު ބައެއް ރަށްރަށުގައި އެ އުޞޫލުން ކިޔަވައިދެމުން އެބަދޭ. އަޅުގަނޑު މި އުންމީދު ކުރަނީ، އެންމެ ލަސްވެގެންވެސް މިއަންނަ އަހަރު މިރަށުގައިވެސް އެ އުޞޫލުން ކިޔަވައިދެވޭނެ ކަމަށް. އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ، މި މާޅޮހުގައި ކުރާނެ. އަޅުގަނޑު ކެނޑިނޭޅި އިރާދަކުރެއްވިއްޔާ މި މަސައްކަތުގައި އުޅޭނަން.

މާޅޮހުގެ ބަނދަރުގެ ދަތިކަން، ލަފާފުރުމުގެ ދަތިކަން މާޅޮހަށް ކުރިމަތިވެފައި އޮންނަތާ ވަރަށް ދުވަސްވީފަހުން، އަޅުގަނޑު ހަނދާންވަނީ 2004 ވަނަ އަހަރުއޭ މިބަނދަރު ހެދުމުގެ މަސައްކަތް ފަށައިގަނެވުނީ. މިހާރު މިއޮތީ ބަނދަރު މިގޮތަށް ހަދައި ނިމިފައި. އަޅުގަނޑުގެ ސުވާލެއް އެއީ. އަޅުގަނޑު ދުށިން. އަޅުގަނޑު ދެނަހުރީމު. އަޅުގަނޑު ދަންނަން. މިރަށަށް ހަމަ މިތަނަށް ނަގާ ރާޅުގެ ބޮޑުމިން. ބޭރު ތޮށްޓެއްނެތި، މި އެއްގަމު ތޮށި ކިހާ ދުވަހަކު ސަލާމަތްކަންމަތީގައި ބެހެއްޓިދާނެބާއޭ، އެއީ، އަޅުގަނޑަށްވެސް އުފެދޭ ސުވާލެއް. އަޅުގަނޑު އިރާދަކުރެއްވިއްޔާ މާލެގޮސް ވަޒީރުންނާ މަޝްވަރާކޮށް، މިރަށުގެ ބޭރުތޮށި ކޮންމެވެސް މިންވަރަކަށް ނަމަވެސް ހެދުމުގެ މަސައްކަތްވެސް އަޅުގަނޑުމެންނަށްވީ އެންމެ އަވަހަކަށް އިރާދަކުރެއްވިއްޔާ ފަށައިދޭނަން.

ބަނދަރަކީ ހަމައެކަނި ލަފާފުރާ ތަނެއް ނޫން. ބަނދަރަކުން ކުރާ ކިތަންމެ ކަމެއްހުރޭ. އޭގެތެރޭގައި، ޚާއްޞަކޮށް، މުދާއަރުވައި ބޭލުން. ފަސިންޖަރުން އަރާ ފޭބުން. އޮޑިދޯނިފަހަރު ބަނދަރުކޮށްފައި ބޭއްވުން. ތިބުން. އަދި ހަމަ އޭގެއިތުރުން، އޮޑިފަހަރު މަރާމާތަށާއި އެހެން ކަންކަމަށް އެހެލައި ބޭލޭނެ ގޮތެއް ހަމަޖެހުން. އަޅުގަނޑު މިރަށުގައި އެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ސަރުކާރުން ހަމަ ކަނޑިނޭޅި އިރާދަކުރެއްވިއްޔާ އެކަމުގެ އަލިމަގެއް، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް ފޯރުކޮށްދެވޭނެ ކަމަށް.

މިރަށަށް ބޭނުންވާ ކިތަންމެ އެހެން ކަމެއް އެބަހުރި. ނަރުދަމައާއި ސާފު ބޯފެނަކީ މުހިންމު ކަމެއް. އެކަންކަން ރަނގަޅަށް ފުރިހަމަނުވަނީހެއް، ހެޔޮގޮތުގައި ރައްޔިތަކަށް ތަނަވަސްކަންމަތީގައި ތަރައްޤީވެ ދިޔުމަކީ، އުޅުމަކީ އުނދަގޫ ކަމެއް. އަދި ފުރިހަމަ ޞިއްޙަތެއްގައި ތިބުންވެސް އެއީ، އުނދަގޫ ކަމެއް. ފުރިހަމަ ޞިއްޙަތެއް ނުލިބޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެން ނަމަވެސް، ކުރީގައި ދެންނެވި ކަންތައްތަކާ ޚިލާފަށް، ތަފާތަށް ނަރުދަމާއާއި ފެނުގެ މަސައްކަތަކީ، އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، މިއަހަރު މިރަށުގައި ކޮށްދެވިދާނެ ކަމެއް ކަމަކަށް. އެހެން ނަމަވެސް، އަޅުގަނޑު މި އުންމީދު ކުރަނީ، މާލަސްތަކެއް އެކަމަށްވިޔަނުދީ، މިރަށުގެ ނަރުދަމައާއި ފެނުގެ އިންތިޒާމު ހަމަޖެއްސޭނެ ގޮތެއް، އަޅުގަނޑުމެން ސަރުކާރުން އަދި ޚާއްޞަކޮށް، އަޅުގަނޑު ވަޒީރުންނާ މަޝްވަރާކޮށް އެކަން ހިންގޭނެ ގޮތެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލައިދޭނަން.

މިކަންކަން މިރަށަށް ހިންގާނެ ތަރުތީބަކާއި ހިންގޭނެ ގޮތަކާއި އަދި އަންދާޒާކުރާ މުއްދަތުތަކަކާ، އެ މަޢްލޫމާތު އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް ފޮނުވައިދޭނަން. އެކަން ކުރުމަށް، މިދެންނެވި ކަންކަމަށް އިންތިޒާމެއް ރޭވުމަށް، ޕްލޭނެއް ކުރުމަށް ދުވަސްކޮޅެއް ނަގާނެ. މަހެއް ދެމަހެއްވެސް ނަގާފާނެ. އެހެން ނަމަވެސް، ލަސްނުކޮށް އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިރަށު ކަތީބަށް އަދި ޕްރޮވިންސް މިނިސްޓަރު މެދުވެރިކޮށް، ޕްރޮވިންސް މިނިސްޓަރަށް އަޅުގަނޑު ހުށަހަޅާނަން. ތިޔަބޭފުޅުންގެ ޕްރޮވިންސް މިނިސްޓަރަކީ، ހީވާގިކަންމަތީގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ މިނިސްޓަރެއްގެ ގޮތުގައި ހަމަކަށަވަރުންވެސް އަޅުގަނޑަށްވަނީ ފާހަގަވެފައި. އަޅުގަނޑު ނަޢީމްގެ ކިބައިން އެދޭނަން، މިރަށުގެ މިކަންކަމުގެ ޕްލޭން އަޅުގަނޑުމެންނަށް އެކުލަވާލެވުނު ވީއެންމެ އަވަހަކަށް، އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ މިނިސްޓަރާ މަޝްވަރާކޮށްގެން. އަދި މާލޭގެ އެކިއެކި ވުޒާރާތަކުގެ މިނިސްޓަރުންނާވެސް މަޝްވަރާކޮށްގެން.

ޕްރޮވިންސް މިނިސްޓަރަކީ މިހާރު މި ޕްރޮވިންސްގައި އަދި މިރަށުގައި ތަޢްލީމާބެހޭވެސް ހުރިހާ އިންތިޒާމުތަކެއް، އިދާރީ އެންމެހާ ކަންކަމެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް ހުންނެވި ބޭފުޅެއް. އަދި ރަށުގެ ރަށްވެހިކަމާއި، ރަށްވެހިކަމުގެ އެންމެހާ ކަންކަންވެސް ބެލެހެއްޓެވުމަށް ޒިންމާ ނަންގަވައިގެން ހުންނެވި ބޭފުޅެއް. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން ނަޢީމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް.

އަޅުގަނޑު ދެކޭގޮތުގައި މިރަށަށާއި ތިޔަބޭފުޅުންނަށް ގުޅިގެން، މިރަށުގެ ތަރައްޤީ، މިރަށުގެ ކަންކަން މިއަށްވުރެ ކިތަންމެބޮޑު ތަނެއް ރަނގަޅު ކުރެވިދާނެ. މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮށްދެވުނީ ވަރަށް ކުދިކުދި ކަންތައް ކަމަށްވެދާނެ. އަދި އެހާބޮޑަށް ފާހަގަނުވާ ބައެއް ކަންކަންކަމަށްވެސް ވެދާނެ. އެހެން ނަމަވެސް، މި ސަރުކާރުގެ ވިސްނުމުގައި، ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓުން ކުރާ ކަމެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމުގައި، ތަރައްޤީވާން މިޖެހެނީ މީހާ. ތަރައްޤީވާން މިޖެހެނީ މާޅޮހުގައިނަމަ، މާޅޮހު ރައްޔިތު މީހާ. އެމީހާގެ ތަރައްޤީ މި ހޯދާން މި ޖެހެނީ. އެމީހާގެ ތަނަވަސްކަން ލިބިދިނުމަށް، ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް މިކުރާން މިޖެހެނީ. އެތަރައްޤީ މީހަކަށް ހޯދައިދިނުމަށްޓަކައި ސަރުކާރަކުން ހިންގާންޖެހޭ މައިގަނޑު މިއޮންނަނީ ދެތިން ކަމެއް. ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުން ވަރަށް މުހިންމު ކަމެއް. އެކަމާނުލައި އަޅުގަނޑުމެންނަށް ކުރިއަކަށެއް ނުދެވޭނެ. ތަރައްޤީއެއް ނުހޯދޭނެ. ހަމައެއާއެކީގައި، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަކީވެސް އެހާމެ ބޭނުންތެރި ކަމެއް. އެހާމެ މުހިންމު ކަމެއް. މިކަންވެސް މިރަށުގައި ރަނގަޅު ޞިއްޙީ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ އިންތިޒާމުތަކެއް ހަމަޖެހިގެން ނޫނިއްޔާ އަޅުގަނޑުމެން މިދެކޭ ތަރައްޤީ، އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. ހަމަ މިދެކަމާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް މުހިންމުކޮށް ފާހަގަވެފައި އޮންނަ އަނެއް ކަމަކީ، ތަރައްޤީވުމަށްޓަކައި ވަޒީފާގެ ފުރްޞަތު، މިއިން ކޮންމެ ރަށެއްގައިވެސް އެބަ އިތުރުވާންޖެހެއޭ.

އަޅުގަނޑަށްވެސް އެނގޭ، މިރަށުގެ ވަރަށްގިނަ ޒުވާނުން ރިޒޯޓްފަހަރުގައި މަސައްކަތްކުރޭ. އަދި ހަމަ އެހާ ގިނަ ހީވާގި މިރަށު ރައްޔިތުން މަސްވެރިކަމުގައިވެސް މަސައްކަތް ކުރަމުންދޭ. އޭގެއިތުރުންވެސް، ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނޭ ގޮތްތަކެއް ހޯދައިދިނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ސަރުކާރެއްގެ ވާޖިބެއް. އަޅުގަނޑުމެން މަސައްކަތް ކުރާން މިޖެހެނީ، އެކަންކަން ޙަޤީޤަތަކަށް ހަދައިދިނުމަށް. އެކަންކަން ޙަޤީޤަތަކަށް ހެދުމަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި މިއޮތީ މިދެންނެވި ވިސްނުމުގެ މައްޗަށް. މިދެންނެވި ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރުމުގެ މައްޗަށް.
މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން މަސައްކަތްކުރި ފުރަތަމަކަމަކީ، ދޮށީ ޢުމުރުގެ މީހުންނަށް، ޢުމުރުން 65 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމުގެ މަސައްކަތް. އިރާދަކުރައްވައިގެން، އެ މަސައްކަތް މިހާރު މިވަނީ ކުރިއަށް ގެންދެވޭގޮތްވެފައި،ކާމިޔާބުވެފައި. އަޅުގަނޑު މިދެކެނީ، މިރަށުގައިވެސް އެ ޢުމުރުގެ ހުރިހާ އެންމެންނަށް، އެ ހިލޭ އެހީ، އެ ޚިދްމަތް ލިބެމުންދާ ކަމަށް.

ހަމައެއާއެކީގައި، މި ސަރުކާރުން ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ސަރުކާރަކުން ނޭދެމޭ، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާކަށް. އެކަކު ކައިރިން، އަނެކަކު ކައިރިން، ޑޮކްޓަރު ލިޔެދީފައި އޮތް ބޭސް ސިޓީ ހިފައިގެން ގޮސް، އެ ސިޓީއަށް ބޭސް ހޯދުމަށް ރެޔާދުވާލު އުޅެން ޖެހުމަކީ ވަރަށްވެސް ހިތާމަވެރި މަންޒަރެއް. އެއީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ތަނެއް ނޫން. އަޅުގަނޑުމެން ރާއްޖޭގައި ކުޑަ ތަނަވަސްކަމެއް ހުރިނަމަވެސް، މިދެންނެވި ކަންކަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. އިރާދަކުރައްވައިގެން، މިދިޔަ އަހަރު މިރަށުގެ ފަންސާސް މީހުންނަށްވުރެ ގިނަ މީހުންނަށް [މަދަނަ] މެދުވެރިކޮށް މިވަނީ ބޭސްފަރުވާގެ ކަންތައް ފޯރުކޮށްދެވިފައި. އަދި ދެންވެސް އިރާދަކުރެއްވިއްޔާ މިއަހަރުވެސް، އަދި ކުރިއަށް އޮތް ހުރިހާ އަހަރެއްގައިވެސް މިދެންނެވި ޕްރޮގްރާމްގައި ބައިވެރިވީމާ، އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްފަރުވާ، ކޮންމެ ރައްޔިތަކަށްވެސް، ކޮންމެ އަހަރަކުވެސް ކޮށްދެވޭނެ.

އަޅުގަނޑު ހަމަ ސާފުކޮށްލަން ބަލާލަން ބޭނުންވޭ. މިދިޔަ އަހަރު މާޅޮހު އެއްވެސް މީހަކަށް، ޑޮކްޓަރަކު ލިޔެދިން ބޭސް ސިޓީއަކަށް ބޭސް ނުލިބިގެން ނުވަތަ ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓަކަށް، ނެގި އެކްސްރޭއަކަށް ފައިސާ ނުދެއްކިގެން، ދަތިވެގެން އުޅުނު މީހަކުވޭބާއޭ. ވީނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި ހުރި މިންވަރުންނަމަ، އެއީ މިދިޔަ އަހަރު ސަރުކާރަށް ތޭވީސްހާސް މީހުންނަށް ބޭސްކޮށްދެވުނު. އޭގެތެރެއިން މިރަށު ފަންސާހަކަށް މީހުން ހިމެނޭ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ. އަޅުގަނޑު މިދެކެނީ، މިރަށުގައި އެއަށްވުރެ ވަކި އިތުރަށް މީހުން ބަލިވެފައި ނުވާނެ ކަމަށް. އަޅުގަނޑުމެން މިހިންގާ މަޝްރޫޢުތައް ރަނގަޅަށް ހިނގީމާ އަދި ހިނގައިގަންނަގޮތްވެ، ރަނގަޅު ބިންގަލެއްގެ މަތީގައި އެކަންކަން ޢިމާރާތް ކުރެވެން ފެށީމާ، އަޅުގަނޑުމެން މިދެކޭ އުންމީދު، އަޅުގަނޑުމެން މި މަންޒަރުކުރާ އެހެން ގޮތެއް، [އަނެއް ދިވެހިރާއްޖެ] އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ބަޔަކު ޝައްކުކުރި. ގަބޫލުނުކޮށް ތިއްބެވި. އެއްރަށާ އަނެއްރަށާ ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމަކީ، ފަސޭހައިން ކުރެވިދާނެ ކަމެއް ނޫނޭ. މިދިޔަ ދިގު މުއްދަތުގެ ތެރޭގައިވެސް ސަރުކާރުން ވަނީ އެކަމަށް ކިތަންމެ މަޝްރޫޢެއް ރާވާފައޭ. އެތައް އެތައް މިލިއަން ޑޮލަރެއް އެކަމަށްވަނީ ޚަރަދުވެފައޭ. އިންޓަރ އެޓޮލް އެކެއް ދޭއް، އެކިއެކި ނަން ނަމުން ބޯޓްފަހަރު ހޯދުނޭ. އެކިއެކި މަޝްރޫޢުތައް އެކުލަވައިލެވުނޭ. އެހެން ނަމަވެސް، އެކަން ކާމިޔާބު ނުވެފައި އެވަނީ، ސަބަބުތަކެއް އޮވެގެނޭ. އެއީކީއެއް އެހާ ފަސޭހައެއްކޮށްވާނެ ކަމެއް ނޫނޭ.

އަޅުގަނޑު އެއްވެސް އިރެއްގައި އެއިން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރަން. މިކަމަކީ ޚާއްޞަކޮށް، އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ކަމެއް. އިރާދަކުރައްވައިގެން، އަޅުގަނޑަށް މަތީ ތަޢްލީމެއް ލިބިފައި ހުރީވެސް މި ދަތުރުފަތުރުގެ ރޮނގުން. އަދި އަޅުގަނޑު ސަރުކާރުގައި މީގެކުރީގައި މިހާރު މިއަދާކުރާ ވަޒީފާ އަދާކުރަން ފެށުމުގެ ކުރީގައި، ސަރުކާރުގައި އަދާކުރި ވަޒީފާ އަދާކުރީވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި. މިހާރު މިރަށުން ފުރައިގެން އަދި މިރަށާ ޖެހިގެން މިހުރި ރަށްރަށަށް އެބަ ދަތުރުކުރެވޭ. އެއަށްވުރެންވެސް ރަނގަޅަށް އެކަން ކުރެވޭނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. މިހާރު ހިންގާން ފެށިފައި މިވަނީ ހަމައެކަނި އޭގެ އަސާސީ ފެންވަރުގައި، އަސާސީ ގޮތުގައި ދޭންޖެހޭ ޚިދްމަތް. އެއީ، އެ ކޮންޓްރެކްޓާ ޙަވާލުވާ ފަރާތުން ތިންމަސް ދުވަހުގެ ތެރޭގައި ދޭން ފަށަންޖެހޭ އަސާސީ ޚިދްމަތް. އަދި މި ކޮންޓްރެކްޓްގައި ބުނާގޮތުން، އަހަރު ދުވަހުގެ ތެރޭގައި ދޭންޖެހޭ ޚިދްމަތެއް ހުންނާނެ. ދެއަހަރު ހަމަވާއިރުގައި، އެ ދޭންޖެހޭ ޚިދްމަތެއް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދުކުރަނީ، މިކަން އަދި މިއަށްވުރެ މާބޮޑަށް ތަރައްޤީވެދާނެއޭ.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިހާރު މިރަށަށް އުކުޅަހުން މަސްވެސް ލިބޭ. ތޮއްޑޫއިން ބިލެތްވެސް ލިބޭ. އަދި މިރަށު ކަށިކެޔޮ އެހެން ރަށްރަށުންވެސް ލިބޭ. އެއްރަށުން އަނެއް ރަށަށް މުދާ ބަދަލުވީމާ، ވިޔަފާރި ކުރިއަރައިދާނެ. ތަރައްޤީ ލިބޭނީ ވިޔަފާރި ފަހިވެގެން. ވިޔަފާރި ރަނގަޅުވެގެން. އެ ރަނގަޅު ކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތަކީ ދަތުރުފަތުރު.

އަޅުގަނޑު މިރޭ މުޅިން އެހެން ޚިޔާލެއްވެސް މާޅޮހު ރައްޔިތުންނަށް ހުށަހަޅަން ބޭނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، މި މާޅޮހަކީ މިރަށު ގޮނޑުދޮށުން ނިމޭ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ދެކިއްޖެނަމަ، އަޅުގަނޑުމެން މި އުންމީދުކުރާ މަންޒަރު ޙަޤީޤަތަކަށެއް ނުވާނެ. އަދި ހިމެންދުއަކީވެސް ހިމެންދޫ ގޮނޑުދޮށާ ހިސާބުން ނިމޭ ތަނަކަށްވަންޏާވެސް މިކަމެއް ކާމިޔާބެއް ނުވާނެ. ފެރިދޫވެސް އެއީ ފެރިދޫ ގޮނޑުދޮށާ ހިސާބުން ނިމޭ ރަށެއް ގޮތުގައި އަޅުގަނޑުމެން ވިސްނައިފިއްޔަކާއެއް އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށް ނުގެނެވޭނެ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މި މިތިން ރަށް، މާޅޮސް، ހިމެންދޫ، ފެރިދޫ ތިން ރަށް އެކީގައި އެއްރަށެއްގެ ގޮތުގައި ނުވަތަ އެއްތަނެއްގެ ގޮތުގައި ވިސްނަން ފެށިއްޖެނަމަ، އަދި ކަންކަން ރާވައި ހިންގާން ފެށިއްޖެނަމަ، އޭރުން އެ އެއްކުރެވުނީ އެކަށީގެންވާ އާބާދީއެއް. ދެހާހެއްހާ މީހުން އެއްކުރެވުނީ. މިގޮތަށް މިކަން ކުރާއިރުގައި، މި ތިން ރަށުގެ ދޭތެރޭގައި ދަތުރުފަތުރު މިއަށްވުރެ މާގިނައިން ކުރެވިދާނެ. ގަޑިއަކު އެއްފަހަރުވެސް ދަތުރު ކުރެވޭގޮތަށް ބޭއްވިދާނެ. ބޭނުންވަނީ އަޅުގަނޑުމެންނަށް މިއެނގެނީ، މިއިން ކޮންމެ ރަށެއްގައި، މިރަށުގައިވެސް ހައެއްކަ ސަތޭކަ މީހުންނަށް، ޖެހިގެން އޮތް ރަށުގައިވެސް ހައެއްކަ ސަތޭކަ މީހުންނަށް. ކޮންމެ ރަށެއް ޤައުމެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ، ކުރިއަށް މިއޮތް ތިރީސް ސާޅީސް އަހަރުގައިވެސް މި ރާއްޖޭގައި ވާން އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ވާންވާނީ ހަމަ މިހާރު މިވާ މިންވަރު. މިގޮތަށް މިކަން ކޮށްގެން ދެންވެސް ވާނީ މިއަށްވުރެ ކުޑަކުޑަ ތަންކޮޅެއް ރަނގަޅު. އެހެން ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްފިނަމަ، މިއަށްވުރެ މާބޮޑުތަނުން ރަނގަޅު ހޯދިދާނެ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް މިތިން ރަށުގެ ތެރެއިން ކޮންމެވެސް އެއްރަށެއްގައި ރަނގަޅު ބޮޑު މަދަރުސާއެއް އެޅިދާނެ. ބާރައާ ހަމައަށް ކިޔެވިދާނެ. އެންމެ ރަނގަޅު ޓީޗަރުން ބޭތިއްބިދާނެ. އެހެން ރަށެއްގައި ރަނގަޅު ހޮސްޕިޓަލެއް އެޅިދާނެ. އަނެއް ރަށެއްގައި ސަރުކާރާއި އިދާރީ ކަންކަން ހިންގިދާނެ. އެހެން ރަށެއްގައި އަދި ޞިނާޢީ މަސައްކަތްތައްވެސް ކުރެވިދާނެ. މި ތިން ރަށް އެކީގައި ގުޅާލެވިދާނެ. ހިމެންދުއާ މާޅޮހާ ދެމެދު ނެތް، މާލެއާ މިސާލަކަށް ހުޅުމާލެއާ ދެމެދަށްވުރެ ވަކި ދުރުމިނެއް. ހުރިހާ ރަށެއް ގުޅުވައިގެން، އެއްރަށުގައިވާ ވަސީލަތްތައް އަނެއް ރަށަށް ބޭނުންކުރެވޭ ގޮތަށް، އެއްރަށުގެ ތަނަވަސްކަން އަނެއް ރަށަށްވެސް ފޯރާގޮތަށް. އެއްރަށުގެ ހުރިހާ އުފަލެއްވެސް އަނެއް ރަށަށްވެސް ލިބޭގޮތަށް. ރަނގަޅަށް ދަތުރު ކުރެވުމުން، ދަތުރުން ގުޅިގެން، އެއްފަސްކުރުމެއް ނޫން މިއީކީއެއް. އެކަމަކު ދަތުރުފަތުރުން އެއްފަސްކުރުން. އެއްތަނުން އަނެއް ތަނަށް ފަސޭހައިން ދެވޭގޮތަށް ކަންކަން އިންތިޒާމުކޮށްގެން އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިރާއްޖެ ބަދަލުކުރެވިދާނެ.

މީގެކުރީގައިވެސް އަޅުގަނޑު މިވާހަކަވާނީ، އަޅުގަނޑުމެންގެ ސަރުކާރު އުފެދުމުގެ ކުރީގައިވެސް ވަރަށް ތަފްޞީލުކޮށް އަބަދުމެ ދައްކާފައި. ދަތުރުކޮށްގެނޭ، އެއްތަނުން އަނެއްތަނަށް ދެވިގެނޭ، އަދި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ޚިދްމަތް ދެވޭގޮތަށް، ރައްޔިތުންގެ މެދުގައި ވިޔަފާރި ހިނގާގޮތަށް ކަންކަން ރޭވިގެނޭ އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ. އެކަން ކުރުމަށްޓަކައި މީގެކުރީގައި ރާއްޖޭގައި ގެންގުޅެފައިވާ ވިސްނުމަކީ، އެއްފަސްގަނޑަކަށް ހުރިހާ އެންމެންލުން. ލާފައި އެއްފަސްކުރުން. އެއީ، ރާއްޖޭގެ ޖަޒީރާ ޤައުމެއްގެ ސިފަ ގެއްލިދާ ކަމެއް. ރާއްޖޭގެ އަސާސާ ޚިލާފަށް ވަރަށް އުނދަގޫވާނެ، ރާއްޖެ ބައްޓަން ކުރަން. އެއްރަށުން އަނެއް ރަށަށް ނުވަތަ މިރަށް ފަޅުކޮށް، މިރަށު ރައްޔިތުން އެހެން ރަށަކަށް ގެންދިއުން، އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި ކުރެވެން އޮތް ކަމެއް ނޫން. ކޮށްގެންވާނެ ކަމެއްވެސް ނޫން. އެއާ ޚިލާފަށް މިރަށަށް ފަސޭހައިން އާދެވުން. އަދި މިރަށުން ފަސޭހައިން ދެވުން، ގޮސް ގޮއްސައި އައިސްވުން. މި އިންތިޒާމު ހަމަޖެހުނީމާވެސް އެ ނުކުންނަނީ ހަމަ އެއްނަތީޖާއެއް. ހުޅުވާލެވެނީ ދެހާސް މީހުންގެ މާރުކޭޓެއް. މިތާ އެއްތަނެއްގައި ހުންނަ ހޮސްޕިޓަލަށްވެސް ޒިޔާރަތް ކުރާނެ ރަނގަޅު ޢަދަދެއްގެ ރައްޔިތަކު އުޅޭނެ. މަދަރުސާއެއް ބޭނުންކުރާނެވެސް ރަނގަޅު ޢަދަދެއްގެ ދަރިވަރުން ތިބޭނެ. އަދި އެހެންވެސް ވިޔަފާރީގެ ޚިދްމަތްތައްވެސް، އެ ވިޔަފާރިއެއް ދެކޮޅުޖެހޭ މިންވަރަށް ހިނގާނެގޮތަށް ކަންކަން އިންތިޒާމުވެފައިވާނެ.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް އެނގޭ، ބައެއްފަހަރަށް މިބާވަތުގެ ވާހަކަތަކަކީ، މުޅިން ފަހަރުގައި ސާފުނުވާތީ ނުވަތަ ހަމަ އެއްގޮތަކަށްވެސް ގަބޫލު ނުކުރެވޭތީވެ، ޚިލާފު އުފެދޭ ވާހަކަތައް. އަޅުގަނޑު އެދެން، މިކަމާ ތިޔަބޭފުޅުން ވިސްނުމަށް. ކިހިނެއްތޯ، މިތިންރަށް އަޅުގަނޑުމެންނަށް ގުޅާލެވޭނީ؟ ކިހިނެއްތޯ މިތިން ރަށުގެ ތެރެއިން ތިން ރަށަށް، އެންމެބޮޑު ތަރައްޤީއެއް ގެނައުމަށް ކުއްލިއަކަށް ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑުބަދަލެއް ގެނެވޭނެ ގޮތްތަކަކީ ކޮބައިތޯ؟ ކޮން ރަށެއްގައި ކޮންކަމެއްތޯ؟ ކޮންމެ ބަޔަކުވެސް ދޫކުރާންޖެހޭ އެބަ މިކަމަށް. މާބޮޑަކަށް ވިސްނައިގެން ނުވާނެ، ތިމަންނާގެ ރަށަށް، ތިމަންނާގެ ރަށް އެއީ، ހުރިހާ އެއްޗެއްގެ ގޮތުގައި ދެކެވިގެނެއް މިކަމެއް ނުވާނެ. އަޅުގަނޑަކަށްވެސް ނުވާނެ، އަޅުގަނޑަކީ މާބޮޑު ގަލޮޅު މީހެއް ކަމަށް ދެކިގެން، މާލޭ މީހެއް ކަމަށް ދެކިގެން، އަޅުގަނޑުގެ ވިސްނުން، އަޅުގަނޑުގެ ދިރިއުޅުން، އަޅުގަނޑުގެ މަސައްކަތް ބިނާކޮށްފިނަމަ، އަޅުގަނޑުމެންނަކަށްވެސް ކާމިޔާބެއް ނުލިބޭނެ. ރާއްޖެއަކީ ލާމެހިފައިވާ ރާއްޖެއަކަށް އަޅުގަނޑުމެން އެބަ ހަދާންޖެހޭ. އެކަން ކުރުމަށް މިހާރު މިއޮތް ލާމަރްކަޒީ އުޞޫލުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހިންގުމުގެ އިންތިޒާމު، ހިންގުމުގެ ޤާނޫނުތައް މިއޮތީ އެކުލަވާލަންޖެހިފައި. އެ އެކުލަވާލެވޭއިރުގައި މިދެންނެވި އުޞޫލު، މިރަށްރަށް، އެއްރަށާ އަނެއްރަށާ މިހާރަށްވުރެ ބޮޑަށް ގުޅުވާލެވޭ އުޞޫލު އަދި އެއްރަށުގެ ކަންކަން އަނެއް ރަށުގައި ހުރުން އެއީ، ގަބޫލުކުރެވޭ ގޮތެއްގެ ގޮތުގައި ދެކިގެން، ތަރައްޤީގައި ވިސްނަން ފަށައިފިނަމަ، އަޅުގަނޑު ދެކޭނީ މިރަށްރަށަށް އިސާހިތަކު ބޮޑު ތަރައްޤީ، ނުހަނު ބޮޑު ބަދަލު ގެނެވިދާނެ.

މިރަށުގައި މިދިޔަ އަހަރު އޯލެވެލް ހެދި. މަދަރުސާއެއް ނެތް ނަމަވެސް، އެނަތީޖާ ނުކުތީސް. އެއީ U ލިބުން. އިމްތިޙާނެއްގައި ބައިވެރިވެއްޖިއްޔާ ފޮނުވައިދޭނެ ނަތީޖާ ޝީޓެއް. އެއީ، އިމްތިޙާނަށް ފީ ދެއްކީތީވެ. އެކަމަކަށް އިމްތިޙާނަކަށް ފީ ދައްކާކަށް މަދަރުސާއެއް ބޭނުމެއްނުވޭ. ހަމަ ދައްކާލެވިދާނެ އިމްތިޙާނަކަށް ފީ. އޭރުން ލިބޭނެ U އެއް. މަދަރުސާއެއް ހުރީމާވެސް މިލިބެނީ އެ. އެހެންވީމާ، އަޅުގަނޑަކަށް ހަމަ މީގައި މިހާރު މިގެންދާ ގޮތަށް މިކަން ގެންގޮސްގެނެއް ކާމިޔާބު ލިބޭތަނެއް ނުފެނޭ. އަޅުގަނޑުމެންގެ އަމާޒަކީ، އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ސަތޭކައަކުން ފަސްދޮޅަސް ދަރިވަރުން، ކޮންމެ ދިހަ ކުދިންނަކުން ހަކުދިންނަށް މަދުވެގެން ފަސްމާއްދާއިން C ފާހަށްވުރެން މަތިން ލިބުން. އެއީ، އުނދަގޫ ކަމެއް ނޫން. ކިރިޔާވެސް ރަނގަޅުވަރަކަށް މަދަރުސާގައި ކިޔަވާލަދީ ހަދަންޏާ C ފާހެއް ލިބޭވަރުވާނެ. އެހެން ނަމަވެސް، އަޅުގަނޑެއް ހަމަ އެއްވެސް ޙާލެއްގައި މިހާރު ތިބި ޓީޗަރުން މިކަމާ ކުށްވެރި ކުރަނީކީއެއް ނޫން. އަދި ބެލެނިވެރިން ކުށްވެރި ކުރަނީކީވެސް ނޫން. ރަނގަޅު ނަތީޖާއެއް ލިބެނީ އިމްތިޙާނު އޮންނަ ދުވަހުގެ ކުރީ ދުވަހު ނުވަތަ އޭގެ ކުރީ މަހު ނުވަތަ ހަމަ އެއަހަރު ވަކިކަމެއް ކޮށްގެނެއް ނޫން. މަންމަގެ އުނގުންސުރެ ކިޔަވަމުން އައީމަ. ފެށުނީއްސުރެ ފަށައިގެން އެކަން ކުރެވުނީމަ. ރަނގަޅަށް ކިޔެވުނީމާ ދެން އެ އަންނަ ބަދަލު، އެ ލިބޭ ފުރްޞަތުތައް، އެއިން އަހަރުމެންނަށް ތަރައްޤީއެއް މި ހޯދެނީ. މަސައްކަތްތެރި ކަމުގައިވެސް ކުރިއަރައި މިދެވެނީ، އަޅުގަނޑުމެންނަށް ތަންދޮރުފިލީމާ.

އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް އެއީ. އަޅުގަނޑު މިވާހަކަ މިގޮތަށް ނުދެއްކިޔަސްވެސް އަދި އަޅުގަނޑު ވާހަކަ ދައްކާ ގޮތުން ތިޔަބޭފުޅުންނަށް އެހެން ހީނުވިކަމުގައި ވިޔަސްވެސް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި މާޅޮހަށް ރަނގަޅު. އަޅުގަނޑުވެސް އުފާވާނެ، މިރަށަށް ރަނގަޅުވީމަ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!