بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ހިމެންދުއަކީ އަޅުގަނޑަށް އެހާ އާރަށެއް ނޫން. އެހެން ނަމަވެސް، މިފަހަކަށްއައިސް ހިމެންދުއަށް ނާންނަތާ ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑަށް މިއަދު މިރަށަށް އައުމުގެ ނަޞީބު ލިބުނީތީ އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑަށް ހިމެންދޫގެ ވަރަށްގިނަ ކަންކަން ވަރަށް ގާތުން އަދި ވަރަށް ތަފްޞީލާ އެކުގައި ބަލާލާނެ ފުރްޞަތު ލިބިއްޖެ. އަޅުގަނޑު މިދަތުރުގައި، މިރަށަށް އައުމުގެ ކުރީގައި، ހިމެންދުއާ ގުޅޭގޮތުން އަޅުގަނޑުމެންނަށް އެއްކުރެވެންހުރި، ހޯދެންހުރި އެންމެހާ މަޢްލޫމާތު ހޯދައި، އަޅުގަނޑު އެކަންކަން އޮޅުންފިލުވިން. އަޅުގަނޑަށްވެސް ހަމަ ޔަޤީން، ހިމެންދޫ ރައްޔިތުންނަށް، ހިމެންދޫގެ ވަރަށްގިނަ ބަޔަކަށް އެންމެ ކަންބޮޑުވާ އެއްކަމަކީ، މިރަށުގެ ކިތަންމެ ޢާއިލާއެއްގެ އިސް ފިރިހެނުން ޖަލުގައި ހައްޔަރު ކުރެވިފައިވާތީވެ އެކަމުގެ ހިތާމަ. އެކަމުގެ ދަތި. އެކަމުން ރަށުގެ ތަރައްޤީއަށްވެސް އަދި އެކިއެކި ޢާއިލާތަކަށްވެސް އުފުލަން ޖެހިފައިވާ ބުރައާއި ވޭން. އަޅުގަނޑު މިތަނުގައި ތިޔަބޭފުޅުންނަށް ހަމަ ދަންނަވާހިތް އެބައޮތް. އަޅުގަނޑަށް ވީ މިންވަރަކުން، ދެން މިހާރު އަޅުގަނޑަށް ދެންނެވޭކަށް ނެތް، އަޅުގަނޑަށް ވީމިންވަރަކުންނޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެ ޖަލުގައި އެތިބި ހިމެންދޫގެ ކުދިންނަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑު އެހީތެރިވެދޭނަން.

ޤާނޫނީގޮތުން އަޅުގަނޑަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް، އަދަބު ލުއިކޮށްދިނުމާއި މަޢާފްކޮށްދިނުމުގެ ބާރު، ޤާނޫނުގައިވާ ގޮތުގެ މަތިން އެކަން ކުރުން. ޤާނޫނުގައިވާ ގޮތުގެ މަތިން އެކަން އަޅުގަނޑު ކުރާއިރު، އަޅުގަނޑު ވަރަށް ސާފުކޮށް ޖަލު ދަންނަން. އަދި ޖަލުގައި އުޅޭއިރުގައި ކަންކަން ހުންނާނެގޮތާއި، އޭގެ ވޭނާއި ބުރައާއި، އޭގެ ހިތާމަ އަޅުގަނޑަށް އިޙްސާސް ކުރެވޭ. އަދި ޖަލުގައި މީހަކު ހުންނައިރުގައި، އެމީހާއާ ގުޅިފައިވާ ޢާއިލާ ދިރިއުޅެމުން އަންނާނެގޮތްވެސް އެއީ، އަޅުގަނޑަށް ވަރަށް ގާތުން އިޙްސާސް ކުރެވިފައިވާ ދިރިއުޅުމެއް. އަޅުގަނޑު މިއަދު އަޅުގަނޑާ މިރަށުން ކުއްޖަކާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެކުއްޖާއަށް ތިން ހަތަރު އަހަރުވާނީ. އޭނާ އަޅުގަނޑު ގާތުގައި ބުނި، އޭނާގެ ބައްޕަ ހުންނަނީ ޖަލުގައޭ.

އަޅުގަނޑުމެންނަކަށް، ސަރުކާރަކަށް ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ފަސޭހައެއް ނޫން، މިދެންނެވި ބާވަތުގެ ވާހަކަތައް އަޑުއަހައިގެން ހުންނާކަށް. އެހެންނަމަވެސް، އަޅުގަނޑު ހިމެންދޫ ރައްޔިތުންނަށް ޚާއްޞަކޮށް ދަންނަވާލަން ބޭނުން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ފަރުދަކަށް މަޢާފު ދޭއިރުގައިވެސް، ވަރަށްގިނަ ކަންކަމަށް އެބަ ބަލަންޖެހެއޭ. ހިމެންދޫގައި އެކަހެރިވެ، ވަކިވެ، ވަކިން ޖަމާޢަތް ހަދައިގެން ބަޔަކު އުޅެމުން ގެންދާ ކަމަށް އަދި އުޅެމުން ގެންދާތީ، އެކަން ދުވަހުން ދުވަހަށް ގޯސްވަމުން އައިސް، މިކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެ، އެންމެފަހުން ނުކުތް ނަތީޖާއަކީ އެތައް ބަޔަކަށް، ބޭއިންޞާފުން އެތައް ބަޔަކަށް އަނިޔާ ލިބުމާއި އަދި އެ އިންޞާފު އެ ގެންދެވި ގޮތަކަށް ގެންގޮސްގެންވެސް އެތައް ބަޔަކަށް އަދަބު ދިނުން.

އަޅުގަނޑަށް ފަސޭހައެއް ނޫން، އަޅުގަނޑު މިކުރާ ކަމުގެ ސަބަބުން ހިމެންދޫ ޒުވާނުން ޖަލުން ދޫކޮށްލެވި ނުވަތަ މަޢާފްދެވި ނުވަތަ އަދަބު ލުއިކޮށްދެވި، މިއިން ކަމެއް ކުރުމުގެ ސަބަބުން އިތުރު ގޯހެއް ނުކުމެއްޖެނަމަ، އެއީ، އަޅުގަނޑުގެ އިހުމާލުންވާ ގޯހަކަށް ނޫނިއްޔާ ނުވާނެ. އަޅުގަނޑު މިކަން ކުރާން ހުރީ. އަޅުގަނޑު މިކަމާ ވިސްނާން ޖެހިފައި މިވަނީ. ވަކިން ޖަމާޢަތް ހަދައިގެން، ވަކިން އުޅުމަކީ، އަދި އެ ފިކުރަކީ، އެ ފަލްސަފާއަކީ، އަޅުގަނޑުމެން އެންމެންގެ ތެރޭގައި، އެންމެންނަށް ގަބޫލުކުރެވޭ ފިކުރެއް ނޫން. ގަބޫލުކުރެވޭ ފަލްސަފާއެއް ނޫން. އެ ފިކުރު، އެ ފަލްސަފާ ކުރިއަށް އެރުވުމަށް ގަދައަޅައި ވަކިން އަނެއްކާ މަސައްކަތް ކުރަނީނަމަ، އަޅުގަނޑުމެންނަށް ދިމާވެދާނެ ނުރައްކާތައް ބައިވަރު. އެ ނުރައްކާތަކުން އަޅުގަނޑުމެންނަށް ސަލާމަތްކަން ލިބެންޖެހޭނެ. އަޅުގަނޑުމެންނަށް އެނުރައްކާތަކުން އެއްކިބާވެވެންޖެހޭނެ.

އަޅުގަނޑު ހިމެންދޫ ކައުންސިލަރުގެ ކިބައިން އެދިއްޖައިން. ވީހާވެސް އަވަހަކަށް މާފުށީ ޖަލަށް ދުރުވެ، ހައްޔަރުގައި ބަންދުގައި ތިބި ކުދިންނާ އަލުން އަނބުރާ ވާހަކަ ދެއްކުމަށް. އަދި އަޅުގަނޑުމެންގެ އޮފީހުން، ރައީސް އޮފީހުންވެސް އަޅުގަނޑު އެކަމަށް ދެބޭފުޅަކު ކަނޑައަޅާނަން. އަޅުގަނޑު، އިބްރާހީމް ޙުސައިން ޒަކީއާއި ޙަސަން ޢަފީފް އަރިހުން އެދޭނަން، ހިމެންދޫ ކައުންސިލަރާ އެކުގައި ޖަލަށްގޮސް، އެކުދިންނާ ވާހަކަ ދައްކައި ހެދުމަށް. އަދި އޭގެއިތުރުން އަޅުގަނޑު މިހާރުވާނީ ފުލުހުންނާ މިކަމާ މަޝްވަރާކޮށް، ފުލުހުން މިކަމުގައި ދެކޭގޮތްތައް އޮޅުންފިލުވާފައި. ފުލުހުންގެ ނަޒަރުގައި މިއީ ވަރަށް ބޮޑަށް ބަލަންޖެހޭ ކަމެއް. އަޅުގަނޑު ފުލުހުން ދައްކާ ވާހަކަ އަޑުއަހާނަން. އަޅުގަނޑު ފުލުހުންނަށް އިތުބާރު ކުރަން. އެ ފުލުހުން އެ ހޯދާ މަޢްލޫމާތަކީ، ޢާންމުކޮށް އަޅުގަނޑުމެން އެކަކު އަނެކަކާ ވާހަކަ ދައްކާލައިގެން ލިބޭ މަޢްލޫމާތަށްވުރެ އަދި މާ ފުން މަޢްލޫމާތެއް. މިއަދުގެ ފުލުހުންނަކީ، އިއްޔެގެ ފުލުހުންނެއް ނޫން. އެގޮތަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު ދެކެނީ، ފުލުހުންނަކީ މި ރާއްޖޭގެ ޢާންމު ފަރުދުންނަށާއި އަދި ތަރައްޤީއަށް މަސައްކަތްކޮށްދޭ ވަރަށް ރަނގަޅު މުއައްސަސާއެއްގެ ގޮތުގައި.

އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން އޮތް ވާހަކައަކީ އަދި އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު ޒިންމާއެކޭ މިއީ. އެހެން ނަމަވެސް، އަޅުގަނޑު މިއަދު މިރަށަށް މިއައީ، އަޅުގަނޑު މިކަން ކުރަން ޤަޞްދުކޮށްފައި ހުރީތީވެ. ތިޔަބޭފުޅުންނާ މިވާހަކަ ދައްކަން އަޅުގަނޑު ނިންމާފައި އޮތީތީވެ. އަޅުގަނޑުގެ ހަމަ އެދުމަކީ، މިބާވަތުގެ ކަމެއް ދެން މިރަށުގައިވެސް އަދި ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައިވެސް ވިޔަނުދިނުމަށް ހިމެންދޫ ޒުވާނުންވެސް، ހިމެންދޫ ރައްޔިތުންވެސް މަސައްކަތް ކޮށްދިނުން.

ހިމެންދޫ ރައްޔިތުންނާއި ޒުވާނުންގެ ހީވާގިކަމާއި މަސައްކަތްތެރިކަމަކީ މިރަށުން މިއަދު ހިނގާލިޔަސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނާންހުރި ކަމެއް. އެތަން މިތަނުގައި ލޮނުމަސް އެޅުމާއި، އެއްބަޔަކު އިއްސަށް ދިޔުމާއި، އަނެއްބަޔަކު ސޫފި ނެގުމާއި، އަނެއްބަޔަކު ވަޑާން ކުރުމާއި، އެކިއެކި ބާވަތުގެ މަސައްކަތް ހަމަ ވަރަށް ބާރަށް މިރަށު ރައްޔިތުން ކުރަމުން އެބަދޭ. ރާއްޖެއަށް ލިބޭ އާމްދަނީ ލިބެނީ އެގޮތަށް ބާރަށް ވަރުގަދައަށް މަސައްކަތް ކުރީމާ. ހީވާގިކަމާއެކީގައި ދިރިއުޅުމެއް ބިނާކުރަންވެގެން ވަރުގަދައަށް އުޅުނީމާ. އެ އުޅޭ އުޅުމުން ޤައުމެއް ބިނާވެ މިދަނީ.

އަޅުގަނޑު ހިމެންދޫގެ މަދަރުސާވެސް ބަލައިލިން. އަޅުގަނޑަށް ފެނޭ، އެހެން ހުރިހާ މަދަރުސާއަކަށްވުރެ، އަޅުގަނޑު މިއައީ މިދެދުވަހުގެ ތެރޭގައި މިއީ 5 ވަނަ މަދަރުސާ މި ބެލީ. ހިމެންދޫގެ ދަރިވަރުން އޯ ލެވެލްގައި ހޯދާފައި ހުރި ނަތީޖާ މާރަނގަޅު. މާޅޮސް، ފެރިދޫ، މަތިވެރި، ބޮޑުފޮޅުދުއަށް ބަލާއިރުގައިވެސް މިތަނުގެ ދަރިވަރުން ހޯދާފައި ހުރި ނަތީޖާ މާބޮޑުތަނުން ރަނގަޅު. ޚާއްޞަކޮށް، އެއްދަރިވަރަކު އެބަހުރި ހަމަ ވިދާލާ ބާވަތުގެ ނަތީޖާއެއް ހޯދާފައި. ދެން ނަތީޖާ ރަނގަޅެކޭ ޖުމްލަކޮށް އަޅުގަނޑު ނުދަންނަވާނަން. ރަނގަޅީ އެހެން ތަންތަނަށްވުރެ ތަންފުކެއް ރަނގަޅީ. ކުރާންހުރި މަސައްކަތް މަދެއް ނޫން. އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކޮށްގެން ނޫނިއްޔަކާއެއް އަޅުގަނޑުމެން މިބޭނުންވާ ނަތީޖާއެއް އަޅުގަނޑުމެންނަކަށެއް ނުނެރެވޭނެ.

އަދި ހަމަ އަޅުގަނޑު ދަންނަވަން ބޭނުން. ހެލްތް ސެންޓަރުގައިވެސް ޙާލަތު ހުރީ މިދެންނެވި ގޮތަށް. އެތަނުގައިވެސް އިތުރަށް ތަރައްޤީ ކުރާން ހުރި ކަންކަން ބައިވަރު. އެކަންކަން ނުކޮށެއް މިރަށު ރައްޔިތުންނަކަށެއް ރަނގަޅު ޞިއްޙީ ޚިދްމަތެއް، ފަރުވާއެއް ނުލިބޭނެ. ތަޢްލީމާއި ޞިއްޙަތު ނެތިއްޖެނަމަ، ތަރައްޤީއަށް އެ އެޅުނީ ވަރަށްބޮޑު ހުރަހެއް. ތަރައްޤީވެދިއުމަށް ކޮންމެހެން ބޭނުންވާ ދެ ވަސީލަތް. މިދެކަން ބާރަށް ކުރިއެރުވުމުގެ މުހިންމުކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަޒަން ކުރެވެން ޖެހޭނެ.

އަޅުގަނޑު ބަލާލި ބަލާލުމުގައި، އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި، މީގެކުރީގައި އަޅުގަނޑުމެން ކަން ކުރަމުން އައި އުޞޫލުން ހަމަ އަނެއްކާވެސް، ދެން އެއަށްވުރެ ރަނގަޅަށް، އެގޮތަށް ކުރަމުން ގެންދިޔަސްވެސް، އެގޮތަށް ކުރަމުން ގެންގޮއްސިއްޔާ، އަދި އެއަށްވުރެ ރަނގަޅަށް ކުރިނަމަވެސް، ހަމަ ނުކުންނާނީ ކުރީގައި ނުކުތް ނަތީޖާއަށްވުރެ ކުޑަތަންކޮޅެއް ރަނގަޅު ނަތީޖާއެއް. އަޅުގަނޑުމެން ގެންނާންވެގެން މިއުޅެނީ ބޮޑު ބަދަލެއް. ވަރަށް ރަނގަޅު ނަތީޖާއެއް. ކުޑަކުޑަ ބަދަލެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް ވިސްނޭގޮތުގައި، ބުއްދިވެރި ގޮތަކަށްވާނީ ބޮޑު ގޮތަކަށް ކަންކުރާގޮތް ބަދަލުކޮށްލުން. މިބަދަލުގެ ތެރެއިން އަޅުގަނޑުމެން ބޭނުންވާ ނަތީޖާ އަޅުގަނޑުމެންނަށް ލިބޭނީ. ކޮންމެ މަދަރުސާއެއްގައިވެސް ޓީޗަރުންވެސް، މައިންބަފައިންވެސް، ދަރިވަރުންވެސް ހަމަ އެދެނީ އެއްބާވަތެއްގެ ކަންކަމަށް. ކޮންމެ ހެލްތް ސެންޓަރަކުންވެސް އެދެނީ އެއްބާވަތެއްގެ ކަންކަމަށް. ދެކްލާސްރޫމް މަދުވަނީ. ކޮމްޕިއުޓަރ ލެބް މަދުވަނީ. އިންޓަރނެޓް ނެތި، ލެބޯރެޓަރީއެއް ނެތި، ވޯޑުގައި ދެ އެނދަށްވުރެ އިތުރަށް ބޭނުންވަނީ، ހުންނަން ޖެހެނީ. ލެބޯރެޓަރީ ޓެސްޓް ހެދެން ނެތީ. މިހެންގޮސް މިބާވަތުގެ، އެއްބާވަތެއްގެ މައްސަލަތަކެއް ހުރިހާ ބޭފުޅުންވެސް މިފާހަގަ މިކުރަނީ.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑު އެއްބަސްވަން، އެކަންކަން ރަނގަޅުވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. އެހެންނަމަވެސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންނަށް މިހާރު ލިބިފައި މިހުރި މިންވަރުން އަޅުގަނޑުމެންނަށް ގެނެވެން ހުރި ބަދަލެއްވެސް އޮންނާނެއޭ. ކުރެވެން ހުރި ކަންތައްތަކެއްވެސް ހުންނާނެއޭ ލިބި މިހުރި މިންވަރުން. އެ މިންވަރުން އަޅުގަނޑުމެންނަށް ކަމެއް އަނބުރާލެވިއްޖެނަމަ، އަޅުގަނޑުގެ ނަޒަރުގައި އެއީ ހަރުދަނާ ކަމެއް އެކުރެވުނީ. ބޮޑު ބަދަލެއް އެގެނެވުނީ. ތަރައްޤީއަށް އޭރުން މަގުފަހިވެގެންދާ މިންވަރު، އަޅުގަނޑަށް ފެންނަ ފެނުމުގައި ކިތަންމެ ތަނަކުން އިތުރުވެގެންދޭ. އެހެންވީމާ، އަޅުގަނޑު ޙަޤީޤަތުގައި މިއެދެނީ، ބޮޑު ބަދަލެއް ގެންނަވާށޭ. މުޅިން އެހެން ވިސްނުމަކަށްދަމާ ހިނގާށޭ. މިރަށުގައި އެބައޮވޭ ލައްކަ ގިނަ އުޅަނދު، ދޯނިފަހަރު. އަޅުގަނޑަށް ހަނދާންވަނީ ތިރީހަކަށް ދޯނި މިރަށުގައި އެބަވެއޭ. މިރަށަކު ނެތް ބަނދަރެއް. މިރަށަކު ނެތް، އެދޯނިފަހަރު ސަލާމަތްކަންމަތީގައި ބެލެހެއްޓޭނެ ގޮތެއް. އަދި މިރަށުގައި އުނދަގޫ، ފަސޭހައިން އަރާ ފައިބަން އުޅެން.

އަޅުގަނޑުމެން މިއަތޮޅަށް ކުޑަކޮށް ނަޒަރު ހިންގާލައިފިނަމަ، އުކުޅަހާއި މަތިވެރީ ގިނަ މަސްވެރިންނަކީ ބޮޑު ކަންނެއްޔަށްދާ މީހުން. މިރަށުގައި އަދި އެހެން ބާވަތެއްގެ މަސްވެރިކަމެއް، މަސައްކަތްތެރިކަމެއް މިހިނގަނީ. އެއީ ލޮނުމަހުގެ، ފަރުމަސް ލޮނުއެޅުމާއި، އިއްސާއި، ހުއިފިލަނޑާ ނެގުމާ މިބާވަތުގެ ކަންތައްތައް. މިކަންތައް އަޅުގަނޑުމެންނަށް ސަރުކާރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯދެންޖެހޭނެ. އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަގުތައް ހޯދާނަމޭ. ހިމެންދޫ ރައްޔިތުން އެކަހެރިވީމާ، އެއްކިބާވެދިޔައީމާ އަޅުގަނޑުމެން އެންމެންނަށްވެސް ފެންނަނީ އެދިޔަތަން. އެވީގޮތް. އެކަމު ސަބަބަށް އަޅުގަނޑުމެން ވިސްނާލަންޖެހޭނެ. ކިހިނެއްވެގެންތޯ ހިމެންދުއަށް މިހުރިހާ ގޮތެއްވެގެން މިދިޔައީ.

އަޅުގަނޑު މި ފަސްރަށަށް އައިއިރުގައި އަޅުގަނޑަކަށް ހަމަ ނުވިސްނުނު ކިހިނެއްވެގެން ކަމެއް ހިމެންދުއާ ސަރުކާރުން މިހާ އަޅާލުން ކުޑަކޮށް ބާއްވާފައި މިއޮތީ ނުވަތަ ބޭއްވިފައި މިއޮތީ. އޭގެ ނަތީޖާ އެކިގޮތްގޮތަށް ފެންނާނެ. އަޅުގަނޑުމެން ވިސްނަންވީ އެ ނަތީޖާ އެގޮތަށް ނުދެއްކުމަށް ނުވަތަ އެބާވަތުގެ ނަތީޖާއެއް ލިބިނުދިނުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ. އިޤްތިޞާދީ ތަރައްޤީ، ތަނަވަސްކަން. އުޅެވޭނެ ގޮތެއް ހޯދުން. މަސައްކަތްތެރިކަން އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދުން. މަދަރުސާ ރަނގަޅު ކުރުން. އަދި ހެލްތް ސެންޓަރުވެސް ރަނގަޅު ކުރުން. ދަތުރުފަތުރުވެސް ރަނގަޅު ކުރުން. ވިޔަފާރިވެސް ފުޅާކުރުން.

އަޅުގަނޑު މިއަދު ހިމެންދޫން ފުރައިގެން މިދަނީ އުންމީދަކާއެކުގައި. އަޅުގަނޑަށް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ރައީސް ވަޑައިގަތީމާ، އެބޭފުޅުންނަށް އުންމީދެއް ލިބޭ ވާހަކަ ނުވަތަ އެ އުންމީދެއްގެ ވާހަކައޭ އަޅުގަނޑު ދައްކާނީ. އެކަމަކު ޙަޤީޤަތުގައި އަޅުގަނޑު އަންނަނީ އަޅުގަނޑުގެ އުންމީދަށްޓަކައިވެސްމެ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑަށް އަދި މި ސަރުކާރަށް ތިޔަބޭފުޅުންނާ އެކީގައި މަސައްކަތްކޮށްގެން، އަޅުގަނޑުމެން އެންމެންގެ ތަރައްޤީ ހޯދުން. އަޅުގަނޑުމެން އެންމެންނަށް ރަނގަޅު ގޮތް ލިބޭތޯ މަސައްކަތް ކުރުން.

އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާނީ، އަޅުގަނޑަށް މިއަދު މާތްރަސްކަލާނގެ އިރާދަފުޅުން ލިބިދީފައިވާ އިޚްތިޔާރާއި، ޤާނޫނުއަސާސީއާއި ޤާނޫނުތައް އަޅުގަނޑަށް ބާރުދީފައިވާ މިންވަރުން ހިމެންދޫ ޒުވާނުންގެ ތެރެއިން އެތައް ބަޔަކު ހައްޔަރުވެފައި ތިބީތީވެ، އެކުދިންގެ އަދަބަށް ލުޔެއް ގެނެސްދިނުމަށް އަޅުގަނޑު ނިންމައިފީމޭ. އެކަން އަޅުގަނޑު ކުރާނީ، އަޅުގަނޑަށް ފެންނަ ތަރުތީބަކުން. އަދި އަޅުގަނޑު އެކަމާ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން.

އެނގިވަޑައިގަންނަވާނެ، މިހާރު އެ ކުށްވެރިންނަށް ލުއިދިނުމާ ގުޅޭގޮތުން ޤާނޫނެއް އެބައޮތް. އެ ޤާނޫނުގެ ހަމަތަކުން ނޫނިއްޔާ އަޅުގަނޑު އެކަން ކޮށްގެނެއް ނުވާނެ. އަޅުގަނޑު މިކަން ކުރާނީ ޤާނޫނުގެ ހަމަތަކުން. އަޅުގަނޑު މިކަން ކުރާއިރުވެސް އަޅުގަނޑު އަނެއްކާވެސް ހަމަ އަޅުގަނޑުގެ ގާތް ކިތަންމެ ބައެއް ހިމެންދޫގައި އުޅޭ. ރައްޓެހި ކިތަންމެ ބައެއް ހިމެންދޫގައި އުޅޭ. އަޅުގަނޑު އެންމެހާ ރަޙްމަތްތެރިންގެ ކިބައިން އެދެން. މިކަމުގައި ނުބައި މަގަކަށް ގޮއްސިނަމަ، އަޅުގަނޑުގެ މުޅި ޢުމުރަށް އަޅުގަނޑު ހިތާމަކުރަންޖެހޭވަރު ކަންކަމާ އަޅުގަނޑަށް ދިމާވެދާނެއޭ. އަދި އަޅުގަނޑަށް ހިތާމަކުރަން ޖެހުން އެއީކީއެއް އެހާ މުހިންމު ކަމަކަށް ނުވާނެ، ނުވެދާނެ. އެހެން ނަމަވެސް، މިޤައުމަށް ދެރަގޮތެއް ދިމާވާ ކަމެއް ދިމާވެއްޖެނަމަ، އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށްބޮޑު ދެރައަކަށްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم