بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި އޮތް މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައްދަލުވުމުގައި ބައިވެރިވުމަށްފަހު އަޅުގަނޑު މިއައީ. ދެން މިވަގުތުކޮޅު ހޭދަކޮށްލަން ބޭނުމީ، ތިޔަބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢްލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، އަޅުގަނޑަށް އެނގިހުރި މިންވަރަކުން މަޢްލޫމާތު އަރުވަން.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އެއްވެސް ބަޔަކު ހީކުރި މިންވަރަށް، އަޅުގަނޑުމެން ބޭނުންވި މިންވަރަކަށް މިކަމުގައި ކާމިޔާބެއް ނުލިބުނު. ޤައުމުތަކަކަށް އެއްބަސްވުމަކަށް ނާދެވުނު. އެހެން ނަމަވެސް، މިއީ ވަރަށް ރަނގަޅު ފެށުމެއްގެ ގޮތުގައި ހުރިހާ ޤައުމުތަކުންވެސް ދެކޭ. އަދި މިގޮތަށް މިކަން ނުކުރެވުނުނަމަ، މުޅި ހުރިހާ ކަމެއް ނާކާމިޔާބުވެގެންގޮސް ޤައުމުތަކުގެ މެދުގައި ވަރަށްބޮޑު ޚިލާފު އުފެދުމުގެ ބިރުވެރިކަން އޮތް ފައްތަރެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ. އެހެންވީމާ، ދިވެހިރާއްޖެ ދުށީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ކޮންމެވެސް ބާވަތެއްގެ އެއްބަސްވުމެއް އެތަނުން ނެރުމަކީ މުހިންމު ކަމެއް ކަމަށް. ދެން ރާއްޖޭގެ ފަރާތުން އެމަސައްކަތް ހިންގައި، އިރާދަކުރައްވައިގެން މުޅި ދުނިޔެއަށްވެސް އަޅުގަނޑު ދެކެނީ، އެކާމިޔާބު ލިބިފައިވާކަމަށް.

އެހެންވީމާ، ތިޔަބޭފުޅުންގެ ސުވާލަށް އަޅުގަނޑު ޖަވާބު ދިނުމުގައި ވިއްސަކަށް މިނިޓް ހޭދަކުރާނަން.

ޢާއިޝާ ރީމާ – ޓެލެވިޜަން މޯލްޑިވްސް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކަށް އޮތީ މަނިކުފާނު ތިހާ ދިގު ދަތުރުފުޅެއް ކުރައްވާފައި މާލެ ވަޑައިގެން، ދެން ދިވެހިންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކޮބައިތޯއާއި، ދެން މިބައްދަލުވުމުގެ ތެރޭގައި 190 އަށްވުރެ ގިނަ ޤައުމުގެ ލީޑަރުންނާ ބައްދަލުވެފައި ހުންނާނީ. ދެން އެހެންވީމާ، އެހިސާބުން ދެން އެ ލީޑަރުންގެ ޕަރސަނަލް ފީލިންގްސް ކިހިނެއްތޯ އޮންނަނީ އެންވަޔަރަންމަންޓް ޗޭންޖާ ބެހޭގޮތުން. ދެން މިބައްދަލުވުމުގައި ކުރިއަށް ދެން މިއެއްބަސްވުމާ ހިސާބުން ދެން މަސައްކަތް ރޭވިފައިވާ ގޮތް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ގިނަ ވެރިން އަޅުގަނޑަށް ފެނުނު ގޮތުގައި ހަމަ ދެކޭ މިކަމުގައި ކޮންމެވެސް ބާވަތެއް މިކަމުގައި އެއްބަސްވުމަކަށް ޤައުމުތަކުގެ ވެރިން އައުމަކީ މުހިންމު ކަމެއް ކަމަށް. އެހެން ނަމަވެސް، އެގޮތަށް އަދި ޤައުމުތަކުގެ ބައެއް އަމިއްލަ ކަންތައްތައް ހުރިގޮތުން، މުޅިން އަޅުގަނޑުމެން މިއެދޭ މިންވަރުގެ އެއްބަސްވުމަކަށް ނާދެވުނީ. ނާދެވުނު ކަމުގައިވިޔަސް، ޚާއްޞަ ގޮތެއްގައި، އެންމެ ބޮޑަށް މިކަމުގައި އަސަރު ކުރާނެ ޤައުމުތަކަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ދިނުމުގައި، އެކަމުގައި އިރާދަކުރައްވައިގެން ޤައުމުތަކަށް އެއްބަސްވުމަކަށް އައި. އެއީ، ފައިސާ ދިނުމަށް އެއްބަސްވާ ޤައުމުތައް އެއްބަސްވެފައި ތިބީތީވެ. އެހެންވީމާ، އެގޮތުން ބަލާއިރުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖޭގައި މި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންކަމުގައި ރާއްޖޭގެ ފަރާތުން ހިންގާނެ މަސައްކަތްތައް ހިންގުމަށާއި، މިކަންކަމަށް އެއްބަސްވުމަކަށް އާދެވިފައި މިވަނީ. ޤައުމުތަކުން އެއްބަސްވެފައި މިވަނީ، 2010 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދުގައި 30 ބިލިއަން ޑޮލަރުގެ އެހީ ޤައުމުތަކަށް ދިނުމަށް. އެއީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިނުމަށް. އަދި އޭގެފަހުން 2013 ވަނަ އަހަރުއްސުރެ ފެށިގެން އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ ޤައުމުތަކަށް ފޯރުކޮށްދިނުމަށް، ތަރައްޤީވެފައިވާ ޤައުމުތަކުން މިވަނީ އެއްބަސްވެފައި. އެހެންވީމާ، އަޅުގަނޑު ދެކެނީ އެއީ ރަނގަޅު ފާލެއް ކަމަށް. އަދި އެއީ ކޮންމެހެން މިވަގުތަށް ބޭނުންތެރި ކަމެއް ކަމަށް.

އަޅުގަނޑު ދެކެނީ، އެކަންތައްތައް އެހެން ކުރުމާ އެކީގައި، ހަމަ ޖައްވަށް ފޮނުވާ ދުން ފޮނުވާ މިންވަރު ދަށްކުރުން. އެކަމަށްވެސް އަދި ޤައުމުތަކުން ވަރަށް ބޮޑަށް އެބަ އެއްބަސްވާންޖެހޭ. މިހާރު އެއްބަސްވެވިފައިމިއޮތީ މުޅިޖުމްލަ މައިގަނޑު ބައެއް ކަންކަމަށް. އެއީ ދުނިޔޭގެ ހޫނުމިން ދެ ޑިގްރީއަށްވުރެ މައްޗަށް ނުގެންދިޔުމަށް ޤައުމުތަކުން އެއްބަސްވެފައި އެބަވޭ. ދެން ހަމަ އެއާއެކީގައި 1.5 ޑިގްރީއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ، 2014 ވަނަ އަހަރުގައި ނެރޭ އައި.ޕީ.ސީ.ސީ، އިންޓަރ ގަވަރންމަންޓަލް ޕެނަލް ފޮރ ކްލައިމެޓް ޗޭންޖް. އަޅުގަނޑަށް ހީވަނީ ސައިންޓިސްޓުންގެ ޕެނަލެއް، އެބޭފުޅުންގެ ލަފައާއި އިރުޝާދުގެ މަތިން 2015 ގައި 1.5 ޑިގްރީއާ ގުޅޭގޮތުން ގޮތެއް ނިންމާނީ. އަޅުގަނޑުމެން އެދެމުން އައީ، 1.5 ޑިގްރީއަށްވުރެ ބޮޑަށް ދުނިޔެ ހޫނުވެއްޖެނަމަ، ސައިންޓިސްޓުން ބުނަނީ، އޭރުން ދިވެހިރާއްޖެ ފަދަ ފެނުން މަތީގައިނުވާ އެހާ އުސް ނޫން ޤައުމުތަކަށް ގެއްލުން ލިބޭނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، މި އެއްބަސްވުމަކީ ރަނގަޅު އެއްބަސްވުމެކޭ. މިއީ ރަނގަޅު ފެށުމެކޭ. މި އެއްބަސްވުމައިގެން ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނޭ. ދެން ކުރިއަށް އޮތް ތަނުގައި އޮތީ، ފުރަތަމަ ކަމަކަށް މިއޮތީ މިއެއްބަސްވުމުގައި ހުރިހާ ފަރާތްތަކުން އޭގައި ސޮއި އެޅުން. ދެން މިހާރު އެމަސައްކަތް އެދަނީ ހިނގަމުން. އެއްބަސްވުމާ އެންމެ އިދިކޮޅު ހެދި ޤައުމުތައްވެސް ސޮއި އަޅަން އަޅުގަނޑު ކައިރީގައި އަޅާނެކަމަށް ވެރިން ވިދާޅުވި.

ދެން ހަމަ އެއާއެކީގައި، ޖަނަވަރީ 31 ގެ ކުރީގައި ދުންއަރުވާ މިންވަރު ކުޑަކުރާނެ ދަރަޖަ، މިންވަރު ޖަނަވަރީ 31 ގައި ޤައުމުތަކުން ފޮނުވައިދޭނެ ކަމަށާއި، ދެން އެއަށްފަހު، ޖުލައިމަހުގައި ޖަރުމަނުގައި އަދި ބައްދަލުވުމެއް ބާއްވަން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވާފައި، ނޮވެމްބަރު މަހުގައި މެކްސިކޯގައި އަނެއްކާވެސް ވެރިންގެ ބައްދަލުވުމެއް ބާއްވާފައި ފުރިހަމަ އެއްބަސްވުމެއް ނިންމޭނެ ކަމަށް. ދެން މީގެކުރީގައި މިކަމުގައި ވާހަކަ ދައްކަމުން ގެންދިޔަ ގޮތަކީ، 193 ޤައުމާ އެކީގައި ވާހަކަ ދައްކަމުން މިގެންދިޔައީ. އެ 193 ޤައުމުގެ މަންދޫބުން ދެއަހަރުވެއްޖެ ވާހަކަ ދައްކާތާ. ދެން އެ ބައްޓަމަށް އަތުރާލެވިފައި އޮންނަ ކަމެއްގެ ތެރެއިން ފުރިހަމަ އެއްބަސްވުމެއް ނެރެވުމަކީ ވަރަށް ދަތިކަމެއް، ކައިރި މުއްދަތެއްގައި. ހަމަގައިމުވެސް ދިވެހިރާއްޖެ ދެކޭގޮތުގައި. މިސާލަކަށް، ރާއްޖެ ދެކެނީ އެއީ ވިޔަފާރިއާބެހޭ އެއްބަސްވުމެއް ވެވޭތޯ. ޑަބްލިޔޫ.ޓީ.އޯ. އެއްބަސްވުން ވެވޭތޯ ވަރަށްގިނަ ދުވަސްވެއްޖެ ޤައުމުތަކުގެ މެދުގައި ހަމަ އެބާވަތުގެ މަޝްވަރާތައް ބާއްވަމުން ގެންދާތާ. އެހެންނަމަވެސް، އެއްބަސްވުމަކަށް ނާދެވޭ. ދެން އަޅުގަނޑުމެންނަށް އެނގިފައި މިއޮތީ، ސައިންސް މިބުނަނީ 7 އަހަރު ދުވަހޭ ޙަޤީޤަތުގައި ގޮތެއް ނިންމަން ދުނިޔެއަށް އޮތީ. 7 އަހަރު ތެރޭގައި ކޮންމެވެސް ގޮތެއް ނުނިންމިއްޖިއްޔާ، މޫސުމާ ގުޅޭ ކަންކަން އެބަ ހަމައިން ނައްޓާ ހިސާބަށް ހިނގައިދާނެއޭ. މިބުނާ ތަރާދުން ނައްޓާލުން. އެހެންނޫނީ ޓިޕިންގ ޕޮއިންޓަކަށް ދިއުން. އެކަން އެހެން ހިނގައިފިނަމަ، ދެން ވަރަށް ދަތިވާނޭ އަލުން އަނބުރާ ކަންކަން އިހުހުރި ފާލަށް ރުޖޫޢަ ކުރަން. އެހެންވީމާ، މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ގޮތްތަކެއް ނިންމަން. އެހެންވީމާ، އޭގެ މުހިންމުކަން ބޮޑުވީމާ، ދެން ނިންމުނީ ޚާއްޞަކޮށް، އެތަނުގެ ރިޔާސަތު ބަލަހައްޓަމުން ގެންދެވި ޑެންމާކްގެ ޕްރައިމް މިނިސްޓަރާ އެކީގައި މަސައްކަތް ކުރާނެ 25 ޤައުމެއް ނެގި. ދެން އެ 25 ޤައުމުގެ ތެރޭގައި ދެން އެކަން ހިންގައިދިނުމަށް އަޅުގަނޑު ގާތުން ޑެންމާކުގެ ބޮޑުވަޒީރު އެދުނީމާ، ދިވެހިރާއްޖެއިން އަޅުގަނޑުމެންނަށްވީ މިންވަރަކުން އެކަން ހިންގައިދިނިން. ދެން 25 ޤައުމުގެ ތެރޭގައި، ގާތްގަނޑަކަށް 8 ގަޑިއިރު ވަންދެން ވާހަކަ ދެއްކިއިރުގައި ވިސްނުނީ އަދި މި 25 ޤައުމުގެ ތެރޭގައި އެއްބަސްވުމެއް ގެނައުމުގެ ކުރީގައި، 6 ޤައުމުގެ ތެރޭގައި އެއްބަސްވުމެއް ގެނައުން މުހިންމޭ. އެއީ، އެމެރިކާއާއި، ޗައިނާއާއި، ބްރެޒީލާއި، އިންޑިއާ އާއި، ސައުތު އެފްރިކާ އާއި، ޔޫރަޕިއަން ޔޫނިއަނާ، 7 ޤައުމު ދޮގެއްތޯ. މި 7 ޤައުމުގެ ތެރޭގައި މި ވަކި އެއްބަސްވުމެއް އަދި ގެންގުޅުން މުހިންމޭ. އެހެންވީމާ، 8 ގަޑިއިރުގައި ވާހަކަ ދައްކާފައި ކާމިޔާބު ނުވީމާ، ކާމިޔާބު ނުވާންފެށީމާ ދެން ވަކިން އެ 8 ޤައުމުގެ މެދުގައި އެއްބަސްވުމެއް ގެނެވުނީ. ދެން އެ އެއްބަސްވުން 25 ޤައުމުގެ ތެރެއަށް ގެނެސް، އަނެއްކާ ގާތްގަނޑަކަށް 8 ގަޑިއިރުވި، އަނެއްކާވެސް މި 25 ޤައުމުގެ ތެރޭގައި އެ އެއްބަސްވުމަށް އެއްބަސްވާން. ދެން އެއަށްފަހު، 193 ޤައުމުގެ ތެރެއަށް އެ ގެނެސް، ދެން އޭގެ އަނެއް ދުވަސް، އަނެއްކާ އަނެއް 10 ގަޑިއިރުވަރު މަޝްވަރާ ކުރުމަށްފަހު، ގޮތެއް މި ނިމިގެން މިއައީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ހުރިހާ ޤައުމަކާ، ހުރިހާ ޤައުމަކާ ވަކިވަކިން ވަކިވަކިން އެއްފަހަރާ ވާހަކަ ދައްކައިގެން މިބާވަތުގެ ކަމެއް ނިންމިދާނެކަމަށް ދެކިގެން ހިންގާ ބާވަތުގެ މަޝްވަރާއެއް ނޫނޭ ހަމަގައިމުވެސް ދިވެހިރާއްޖެ ދެކޭގޮތުގައި. އެހެންވީމާ، މިކަން ކުރެވޭނެ ގޮތެއްކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވުނު ގޮތެއްގެ މަޝްވަރާ އަޅުގަނޑު ދެމުން ގެންދިޔައިން. ދެން އިރާދަކުރައްވައިގެން އެ މައްޗަށް ބުރަވެ، އެގޮތަށް ބައްދަލުވުން ބަދަލުކޮށްގެން މިމަގަށް ގެންދެވުނީ. ދެން އޮސްޓްރޭލިއާ ބޮޑުވަޒީރާއި، އިނގިރޭސި ބޮޑުވަޒީރާއި، ދެން ހަމަ އެއާއެކީގައި ގްރެނާޑާ ބޮޑުވަޒީރާއި، އަދި މެކްސިކޯ ރައީސާއި، އިތިއޮޕިއާ ރައީސާ. އަޅުގަނޑަށް ފާހަގަވިގޮތުގައި ވަރަށް އެކަށީގެންވާ ދައުރެއް ކުޅުނު ބޭފުޅުން ޑެންމާކުގެ ބޮޑުވަޒީރު ޚާއްޞަކޮށް. ޤައުމުތަކެއް ފާހަގަވި ވަރަށް މުހިންމު ދައުރެއް ކުޅުނު. އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް މި އެއްބަސްވުމެއް ނެރެވިފައި މިއޮތީ. އެއްވެސް އެއްބަސްވުމެއް ނުނެރެވުނުނަމަ، އ.ދ.އާ ގުޅޭގޮތުންވެސް ސުވާލު އުފެދުނީސް. ދެން ހަމަ އަނެއްހެން ބަލާއިރުގައި، ޔޫރަޕްގެ ބައެއް ޤައުމުތައް ތިބި، އެތަނުން އެއްބަސްވުމެއް ނުނެރެވިއްޖެނަމަ، އެބޭފުޅުންނަށް އެނބުރި ރަށަށް ވަޑައިގެން، ސަރުކާރު ހިފެހެއްޓުމާ ދޭތެރޭގައި ޝައްކު އުފެދޭ. ޚާއްޞަކޮށް، ޑެންމާކް، ފްރާންސް، ޖަރމަނީ، އިނގިރޭސިވިލާތް މިޤައުމުތަކަކަށް މިތަނަކުން ނެތް ކޮންމެވެސް ބާވަތެއްގެ އެއްބަސްވުމެއް ނުހޯދައި، އެބޭފުޅުންގެ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވޭކަށް. ދެން އެއްބަސްވުން ހޯދުމަށް ދަތިވެގެން ދިޔައީ، ގިނައިން ދުން ދޫކުރާ ނުވަތަ ދުން ގިނައިން ޖައްވަށް ދޫކުރާ ޤައުމުތައް، މައިގަނޑު ދެޤައުމު މުޅިން މިކަމުގައި އެއްބަސްވުމަކަށް ނާދެވިގެން. އެމެރިކާއާއި ޗައިނާ އެއީ. އެހެންވީމާ، އެކަމުގެ ތާށީގައި އަޅުގަނޑުމެން ގިނައިރުވަމުން ދިޔައީ.

އިބްރާހީމް ވަޙީދު – ހާމަ ނޫސް:

މިއެއްބަސްވުމުގެ ސަބަބުން ރާއްޖެ ދެމިއޮތުމާމެދު ކިހިނެއްތޯއޭ މިހާރު ވިސްނުންފުޅު ހުރީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑުމެންނަށް ފުރަތަމަ ކަމަކަށް މިބުނާ މޫސުމް ބަދަލުވީމާ ދިމާވާނެ ކަންކަމަށް އެޑަޕްޓްވުމަށް ނުވަތަ ހޭނުމަށް، އެކަންކަމަށް ހޭނުމަށްޓަކައި ކުރަންޖެހޭ ހޭދަ މިހާރު ކުރެވޭގޮތަށް އިރާދަކުރައްވައިގެން މިއޮތީ. އެހެންވީމާ، މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ރަނގަޅެއް. ރާއްޖެއަކަށް މިކަން ދޫކޮށްލާފައެއް ދެވޭކަށެއް ނެތް. ރާއްޖެއަށް މުހިންމު ކަމެއް މިއީ މިތަނުން އެއްބަސްވުމެއް ހޯދަން. އެހެންވީމާ، އަޅުގަނޑު މިހާރު މިދެކެނީ ވަރަށް އުންމީދީކޮށް.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

އަޅުގަނޑުގެ އަޞްލު ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖެ، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ވަކިން ވަލްނަރަބްލް ކަންޓްރީޒްތަކަށް ތިރީހަކަށް ބިލިއަން ޑޮލަރު ލިބޭ ވާހަކައެއް. މިހާރު މީގެތެރެއިން އަޅުގަނޑުމެންނަށް ލިބޭ ޙިއްޞާއިން އަޅުގަނޑުމެންނަށް މިހާރު އެއްކަލަ ހަލާކުވެފައި މިހިރަ ފަރުތަކާއި، ތިމާވެށީގެ މައްސަލަތައް ކުރިމަތިވެފައި މިހިރަ ރަށްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްލަދެވޭވަރުގެ ޢަދަދެއް އަޅުގަނޑުމެންނަށް ލިބޭނެތޯ؟ ދެން ކިހިނެއްތޯ އެކަން މަނިކުފާނު ދެކެވަޑައިގަންނަވަނީ؟ ދެން މިސުވާލު އަޅުގަނޑު ކުރާއިރުގައި، އަޅުގަނޑު ހަމަ މަނިކުފާނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ތިބީ ރާއްޖޭގައި. މަނިކުފާނު ހުންނެވީ އެކޮޅުގައި. އެހެން ނަމަވެސް، މީގައި އެލްގޯގެ ސްޓޭޓްމަންޓްސްތަކާއި ދެން އަދިވެސް އެކިބޭފުޅުން އަޅުގަނޑުމެންނަށް، ޚާއްޞަކޮށް، މިސްޓަރ ސޯރޯސް ދެއްވި ސްޓޭޓްމަންޓްގައި ހަމަ މަނިކުފާނަށް ނިސްބަތްކޮށްފައި، ރާއްޖޭގެ ރައީސް ނަޝީދު 10 މިލިއަން ޑޮލަރު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ހުށަހަޅުއްވަމުން ގެންދެވި ނަމަވެސް، އެއަކުން ނުފުދޭނޭ، 100 ބިލިއަނަށް މި އިތުރުކުރަން ޖެހޭނެއޭ ވިދާޅުވެ ދެއްވާފައިހުރި ވަރަށްގިނަ ސްޓޭޓްމަންޓްސްތައް އަޅުގަނޑުމެންނަށް ލިބެމުންދިޔަ. އެހެންވީމާ، ދިވެހިރާއްޖެއިން އަދާކުރި ދައުރަށް މިފަހަރު ބައިނަލްއަޤްވާމީ ތާއީދު އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ލިބިގެން ހިނގައްޖެހެން. ދެން އެވާހަކަތައް އަޅުގަނޑުމެންގެ މީޑިއާގައި ރޭގައި ހާމަކޮށްފައިވާތީ، އެކަން ކުރުކޮށްލަމުން، އެކަމަކު އަޅުގަނޑު ކުޑަކުޑަ އިތުރު ސުވާލެއް ދަންނަވާލާނަން. އެއީ، އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މަޢްލޫމާތު ލިބުނު އެމެރިކާގެ ރައީސް މަނިކުފާނަށް ރޭގަނޑު ދަންވަރު ކޮންމެވެސްވަރެއްގެ ފޯންކޯލެއް ކުރެއްވިކަން. ދެން އެއަށް ކޮންމެވެސް ވަރެއްގެ ފޮޓޯވެސް ކޮންމެވެސް ވަރަކަށް ލިބުނުކަންނޭނގެ އަޅުގަނޑުމެންނަށް. އެހެންވީމާ، މިއީ ކޮންކަހަލަ ކޯލެއްތޯ؟ ކިހިނެއްދިޔަ ކަމެއްތޯ؟ ކޮންމެވެސް ވަރަކަށް ވިދާޅުވެވެން އޮތް ކަމަށްވަންޏާ ވިދާޅުވެދެއްވިއްޔާ ވަރަށް ރަނގަޅު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ހިތަކަށްނާރާ ދެން އެހެން ތަފްޞީލުކޮށް ވަކިން ތިބެ އަޅުގަނޑުމެން ހުރިހާ ވާހަކައެއް ދެއްކީ. ދެން އެބޭފުޅުން ވަރަށް ބޮޑަށް އެދެމުން އައީ މިކަން ސަލާމަތްކޮށްދިނުމަށް. އެތަނުން އެއްބަސްވުމެއް ނެރެދިނުމަށް. ދެން އަޅުގަނޑަށްވީ ކަމެއް ކޮށްދިނުމަށް. ދެން ކަން ދިމާކުރިގޮތުން އަޅުގަނޑުމެންނަށް އެކަން ކުރެވޭކަހަލަ ގޮތަކަށް ތިބީ. އެހެންވީމާ، އެބޭފުޅުންނަށް އަޅުގަނޑުމެންގެ މައްޗަށް ބަރޯސާ ކުރަންޖެހުނު ވަގުތެއް އައީ އެ ދެން. ދުނިޔޭގެ ޙަޔާތުގައިވެސް އަންނާނެ އެކަހަލަ ހިނދުކޮޅުތަކެއް. އަޅުގަނޑުމެންނަށްވެސް އެއީ، އެއް ޙާލަތުން އަނެއް ޙާލަތަށް ދުނިޔެ ބަދަލުވާންވެގެން މިދަނީ. ދިޔަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އެގޮތަށް ފައްކާވެފައި އެތަނުގައި ތިބީތީވެ، އެކަން އެހެން އެގޮތަށްވީ. އެއީ ދެން އަޅުގަނޑު ކޮންމެހެނެއް އަޅުގަނޑުވީމާ، އެކަމެއް އެހެންވީކަމަށް ދަންނަވަނީކީއެއް ނޫން. ދިވެހިރާއްޖެއަށް ލިބުނު ރަނގަޅު ފުރްޞަތެއް. ދެން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތީތީވެ ކޮށްދިނީ. ދެން މިވާގޮތަކީ އިނގޭތޯ. ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދެމެދުގައި މިއޮންނަނީ ވަރަށް ބޮޑަށް ޝައްކާއި ވަހުމުން ފުރިފައި. ދެން އެދޭތެރެ މެދުގައި ކޮންމެވެސް ބަޔަކު މަސައްކަތް ކޮށްދިނީމާ ނޫނިއްޔަކާއެއް މި ދެބައިމީހުންނަށް މި ވާހަކަ ދެކެވޭގޮތެއްނުވޭ. ދެން އެހެންވީމާ، މާބޮޑަށް ކުއްލި ކުއްލިއަށް ބޭފުޅުންވެސް ދެން ރުޅިގަދަވުމާއި ދެން އެކަހަލަ ކަންތައް ދިމާވަނީ. ދެން ދިމާވީމާ ކަންކަން ޚަރާބުވެގެންދަނީ އަނެއްކާވެސް. ކިތަންމެ އިރަކުން ފަށައިގެން ކަމެއް ރަނގަޅު ކޮށްކޮށް އޮއްވައި އަނެއްކާ ކޮންމެވެސް ބޭފުޅަކު، ކޮންމެ ރައީސަކު ވިދާޅުވާ އެއްޗަކުން އަނެއް ބޭފުޅަކު މާބޮޑަށް ކޯފާވެދާނެ. ދެން އަނެއްކާވެސް އެހެންވީމާ ހަމަ ފަށަން ޖެހެނީ. ދެން އިރާދަކުރައްވައިގެން، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއަށް ލިބިފައި އެބަހުރި ތަޖުރިބާތަކެއް. މިބާވަތުގެ ކަންކަން ގެންގޮސް ކޮޅުގައި ޖައްސާނެ ތަޖުރިބާތަކެއް. ދެން އެހެންވީމާ، އަޅުގަނޑަށް އެކަންކަމުގެ ތެރޭގައި ރާއްޖޭގައި އެވަގުތު އުޅެވިފައި ހުރީތީވެ، އެބާވަތުގެ ތަޖުރިބާއެއް ނުވަތަ ފަރިތަކަމެއް ހުރީ. މިދަންނަވާހެން އެއްކަލަ އަޅުގަނޑު ދަންނަވާހެން ހަމަ ހަތަރު ކުޅި ކުރިއަށް ވިސްނައިގެން ނޫނިއްޔާ ކަމެއް ނުކުރާން ތިބެފައި ކުރީމާ ރަނގަޅުވަނީ. ދެން ބައެއްފަހަރަށް ވަރަށް ބޮޑެތި ޤައުމުތަކުގެ ބޭފުޅުންވެސް އެބަ ހަމަ ވަރަށް ބޮޑެތި ޅަ އެއްޗެހި އަޅުއްވާ. އެހެންވީމާ، ދެން ރަނގަޅަށް އަޅުގަނޑުމެންނަށް ތަޤްދީރު ދިމާކުރީ އިނގޭތޯ. ތަޤްދީރު ކުރެހި ޕްލޭނެއް އަޅުގަނޑު ދެކޭގޮތުގައި ހަމަ. ދެން އަޅުގަނޑަށް ހަމަ ޔަޤީން އިނގޭތޯ. އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭ މިންވަރަށް އަޅުގަނޑުމެންނަށް ފައިސާ ލިބޭނެ. މިހާރު އެހެން ދަންނަވާއިރުގައި އަޅުގަނޑުމެންނަށް މިދަންނަވާހެން ލިބޭ ފައިސާއިން ޚަރަދު ކުރެވެނީ ވަރަށްމަދު ޢަދަދެއް. މިދިޔަ ފަސް ހައަހަރަށް، އަށްއަހަރަށް ބައްލަވާލައްވައިފިއްޔާ ބަޖެޓުގައި ޖަހާ ޢަދަދުގެ 25 ޕަސެންޓްވެސް ހޭދަކުރެވިފައި ނުހުރޭ. ދެން އެހެންވީމާ، އަޅުގަނޑުމެންނަށް ހޭދަކުރެވޭ މިންވަރަށް ފައިސާ އިރާދަކުރެއްވިއްޔާ ލިބޭނެ. އެއީ ދެން އަޅުގަނޑުމެންނަށް ހޭދަކުރެވޭ މިންވަރު އިތުރުކުރަންވީ. ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް ބާރަށް މަސައްކަތް ކޮށްގެން، ޕްރޮޖެކްޓްތައް ހިންގޭނެގޮތް ބަލައިގެން، އެކަންކަން ބާރަށް ގެންދަވަންވީ. މަޖިލީހުންވެސް މިކަމުގައި ބޮޑަށް އެހީތެރިވެދެއްވަންވީ މި މަސައްކަތްތައް ބާރަށް ހިންގޭނެ ގޮތެއް ބައްލަވަން. ދެން މަސައްކަތް ހުއްޓުވުމަށް ދިމާކުރައްވައިފިއްޔާ ދަތިވާނެ. އެހެން ނޫނިއްޔާ ބާރަށް އަޅުގަނޑުމެންނަށް ގެންދެވޭނެ. ދެން އަޅުގަނޑު ދަންނަވާނީ، މިހާރު އިރާދަކުރެއްވިއްޔާ ފައިސާގެ ދަތިކަމެއް ނާންނާނޭ. ތޮށްޓެއްލާން ޖެހިގެން ނުވަތަ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރަންވެގެން، ބަނދަރެއް ހަދަންވެގެން ފައިސާގެ ދަތިކަމެއް އައިސްގެނެއް އިރާދަކުރެއްވިއްޔާ އެއިން ކަމެއް ހުއްޓިފައެއް ނުބެހެއްޓިދާނެ. އަޅުގަނޑަށް ވަރަށް ރަނގަޅަށް މިހާރު ހަމަ އިތުބާރާ އެކީގައި ދެންނެވިދާނެ، ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމައާއި ކަރަންޓާ، އަދި ހުރިހާ ރަށެއްގެ ތޮށިލެވޭ ގޮތަށޭ މިހާރު މިއޮތީ. ހަމައެކަނި ކޮންއިރަކުންތޯ އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ. އެއީ އަޅުގަނޑުމެންނަށް މަސައްކަތް ހިންގުނުހާ ބާރަކަށް.

ޒީނާ ޒާހިރު – ވީ.ޓީ.ވީ:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މަނިކުފާނު މިދަތުރުފުޅުގައި ވަރަށް ފުރިހަމަ ދައުރެއް އަދާކުރެއްވިކަން އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ފަޚްރުވެރިކަމާއެކު އެވާހަކަ މި ދައްކަމުން މިދަނީ. އެހެންވުމުގެ ސަބަބުން، މިއެއްބަސްވުމަކާ ހަމައަށް، ކޮންމެވެސްވަރެއްގެ އެއްބަސްވުމަކާ ހަމައަށް އައިސްފައި އޮތްއިރުގައި ދިވެހިރާއްޖެއަށް މައިގަނޑު ގޮތެއްގައި ކޮން ފައިދާތަކެއްތޯ ލިބިގެންދިޔައީ؟ އަދި ހަމައެއާއެކު، މިދަތުރުފުޅަށް ދިވެހިސަރުކާރުން ކިހާވަރެއްތޯ ޚަރަދު ކުރެއްވީ؟ އަދި ދިވެހި ސަރުކާރަށް މިދަތުރުފުޅުން ކިހާ މިންވަރެއްގެ އެހީއެއް ލިބިގެންދިޔަތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޚަރަދު ހިނގި ޢަދަދެއް އަޅުގަނޑަކަށެއް ނޭނގެ. ދެން އަޅުގަނޑަށް ލަފާކުރެވިފައި އޮތްގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން މިވަގުތަށް އަޅުގަނޑު މަޢްޞޫމް އަރިހު އަހާލަން ޖެހޭނީ ޚަރަދުގެ ވާހަކަ އިނގޭތޯ. ހޮޓަލާއި ހުރުމާއި ދަތުރާ، ބަޔަކު މީހުން، އެކިއެކި ޤައުމުތަކުން އަޅުގަނޑުމެންނަށް ދިނީ. ދެން އެހެންވީމާ، ދެން އަޅުގަނޑު ނުދެކެން މިކަމަކަށް އަނެއްހެން އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބާ އަޅާ ބައްދަލުވާ ގާތަށްވެސް ޚަރަދެއް ނުވެސް ކުރެވޭނެ. އެބާވަތުގެ ޚަރަދެއް. މިސާލަކަށް، އަޅުގަނޑުމެން ޓުއަރިޒަމް ޕްރޮމޯޝަނަށް އިޝްތިހާރަށް އެއްމިލިއަން ޑޮލަރު ޚަރަދުކުރަން. އަޅުގަނޑަށް ޔަޤީން. މިދިޔަ ތިން ހަފްތާއެއްހާ ދުވަހުގައި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ދިވެހިރާއްޖޭގެ ވާހަކައާއި، ދިވެހިރާއްޖެ އެޤައުމުތަކުގެ ޓީ.ވީ ތަކުންނާއި ނޫހުންނާ، އެތަންތަނުން ދެއްކި ދަރަޖައާއި މިންވަރަށް ދައްކަންވެއްޖިއްޔާ ބިލިއަނުން ޑޮލަރު ޚަރަދު ކޮށްގެންވެސް އެކަމެއް ނުވާނެ އަޅުގަނޑުމެންނަކަށް. އެހެންވީމާ، ދެން އޭގެއިތުރުން، ވަރަށް މުހިންމު 25 ޤައުމެއްގެ ވެރިންނާ، ޚާއްޞަކޮށް، ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމަކުން ގުޅިފައި. ޚާއްޞަކޮށް، މިސާލަކަށް ބްރެޒިލްގެ ރައީސް ލޫލާ އާއި، ސައުތު އެފްރިކާގެ ރައީސް ޒޫމާއާ. ބޮޑެތިކޮށް މިތިބީ ތަރައްޤީވަމުން އަންނަ ޤައުމުތަކާވެސް އަދި ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކާވެސް. އެ ދަނޑިވަޅެއް އައީ ދިވެހިރާއްޖޭގެ އެހީތެރިކަމަށް އެމީހުން ބޭނުންވާންޖެހޭ. ދެން އެހެންވީމާ، އެބޭފުޅުން އަޅުގަނޑުމެންނާ ވަރަށް ބޮޑަށް އަޅާލައިގެން އުޅުއްވީ. ދެން އަޅުގަނޑުމެންވެސް ވީ މިންވަރަކުން އެބޭފުޅުންނާ އަޅާލައިގެން އުޅުނީ. ދެން އަޅުގަނޑު ދެކޭނީ އެއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ރަނގަޅު ފުރްޞަތެކޭ. ވަރަށްބޮޑު ކާމިޔާބެކޭ. ދެން އެކަމާ ގުޅިގެން އަޅުގަނޑުމެން ކުރަންޖެހޭ ކަންކަމަށް އަޅުގަނޑުމެންނަށް އެހީތެރިކަންވެސް ލިބެމުންދާނެކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑު މިދެންނެވިހެން ސީދާ ކަރުދާހުގައި ޖަހާފައި މިއޮތީ އަހަރަކު 10 ބިލިއަން ޑޮލަރު. އެއީ ދެން އަޅުގަނޑު ކުރީގައި އެ ހިސާބުތައް ކިޔާލަދިނީމެއްނޫންތޯ. ދެން އަދި އެހިސާބުތައް ހުންނާނެ އެ ކޮންވެންޝަންގައި، އެކޯޑްގައި ލިޔެފައި. އެހެންވީމާ، އަޅުގަނޑަށް ފެނޭ، ތިޔަބޭފުޅުން އެ ބައްލަވާލައްވަން. އޭގައި ލިޔެފައި އޮތީ ކޯއްޗެއްތޯވެސް. ދެން އޭގައި ހުންނާނެ އެ ޢަދަދުތައް ޖަހާފައި. ދެން އެކަމަކު އޭގެއިތުރުން މިސާލަކަށް ވަރލްޑް ބޭންކްގެ ޕްރެޒިޑެންޓްވެސް ހަމަ ގޮސް އެންމެފަހު ވަގުތާ ޖެހެންދެންވެސް، ހަމަ ބައެއްފަހަރު ހިތަށްއަރާ މިބޭފުޅާގެ ފޯނު ދެން ނަގައިގެން ކަމަކުވެސްނުދާނޭ. ދެން ކޮންމެވެސް އެއްކަމެކޭ ކުރެވޭނީ. ދެން އެބޭފުޅާވެސް ހަމަ އިރުއިރުކޮޅާ ގުޅުއްވާ. ދެން ކިހިނެއްތޯވާނީ. ދެން ކިހިނެއްތޯވާނީ. އެހެންވީމާ، ވަރަށްގިނަ ބޭފުޅުން ތިއްބެވީ އަޅުގަނޑުމެންގެ މައްޗަށް ބަރޯސާވެގެން. ދެން އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންވެސް ކަމެއް ދަމެއް ބޭނުންވީމާ ދެންނެވީމާ އެކަމެއްވާލެއް ފަސޭހަވެގެންދާނެހެން. އެހެންޏާވިއްޔާ، މިހާރު ވެއްޖިއްޔާ އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ، މިތަންތަނުގައި މިތިބޭ އޭގެ ވަރަށް އަނެއްހެން މިދަންނަވާ މުއައްސަސާތަކުގެ އެންމެމަތީ ވެރިންނަކާއެއް ނޫން. މިސާލަކަށް، އ.ދ.ގެ ވެރިންނަށް ބެލިޔަސްވެސް، އަޅުގަނޑުމެންނަށް ބައްދަލުވެ މިވަނީ އޭގެ ވަރަށް އެހެން ދަރަޖައެއްގެ ބޭފުޅުން. އަޞްލު ބޭފުޅުންނާ އަދި އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެއާ މިދިމާވީ. އެހެންވީމާ، ދެން މިސާލަކަށް، ވަރލްޑް ބޭންކްގެ ޕްރެޒިޑެންޓް ވިދާޅުވި، އަޅުގަނޑުމެން ދިވެހިރާއްޖެ އެބޭފުޅުން ވަރަށް އެދެމޭ، އެހެން ކުދި ޤައުމުތަކުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް. ދެން އެބޭފުޅާ ވަރަށް ބޮޑަށް އަޅުގަނޑުމެން މިފަހަރު ހުށަހަޅާފައި އޮތް. މިހާރު ވީގޮތަކީ މިކަމެއް ފެށުނީމާ، އެބޭފުޅުން ވަރަށް ބޮޑަށް ބަލަން ޖެހުނީ އަޅުގަނޑުމެންނާ ގުޅޭގޮތުން. ދެން ވަރލްޑް ބޭންކް ބޭފުޅުން ބައްލަވާނީ ބަޖެޓަށް ނޫންތޯ. ދެން އެބޭފުޅާ ވަރަށް ތަޢުރީފު ކުރެއްވި، ބަޖެޓް އެހާ ރަނގަޅަށް އަޅުގަނޑުމެންނަށް ހެދިފައި އޮތީމާވެސް. ދެން އަޅުގަނޑުމެން ކިބައިން ވަރަށް ބޮޑަށް އެދުނު، އެހެން ކުދި ޤައުމުތަކުގެ އިޤްތިޞާދު ރަނގަޅު ކުރުމުގައި ދިވެހިރާއްޖޭގެ ލަފައާއި އިރުޝާދު އެއީ މިހާރު ބޭނުންތެރި ކަމެއް ކަމަށް އެބޭފުޅުން ދެކެމޭ. އެހެންވީމާ، ރާއްޖެއަށް އަޅުގަނޑު ދަންނަވާނީ ވަރަށްބޮޑު ކާމިޔާބުތަކެކޭ މިލިބުނީ، އަދި ދިވެހިންނަށް އެހެން ތަންތަނުގައި މަސައްކަތް ކުރުމަށާއި، އެހެން ބޮޑެތި ވަޒީފާތަކަށް ދިއުމަށް، ޚާއްޞަކޮށް އ.ދ.ގަޔާއި މިބާވަތުގެ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަދި ތަރައްޤީގެ އިދާރާތަކުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފުރްޞަތެކޭ އަޅުގަނޑު ދަންނަވާނީ.

ލުބްނާ ޙުސައިން – ސަން އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ، ބައިނަލްއަޤްވާމީ މީޑިއާއަށް ބަލާއިރުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވެގެން ހިނގައްޖެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ލީޑަރުންވެސް ވަރަށްބޮޑު ޕްރެޝަރެއްގައިކަން ތިއްބެވީ. ޑީލްއެއް ހަމަ އެއްބަސްވުމަކަށް އައުމަށް. މަނިކުފާނުގެ ވާހަކަފުޅުންވެސް ދޭހަވެގެން ހިނގައްޖެ ވަރަށް ބޮޑަށް ބަރޯސާވެގެންކަން ތިއްބެވީ، ލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް. ދެން މި ދެލިކޮޕީ މޭޒަށް ހުށަހެޅިގެންދިޔައިރު ވަރަށްގިނަ ޤައުމުތަކުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުން އަދި ޚާއްޞަ ގޮތެއްގައި މޫސުމީގޮތުން ނުރައްކާވެފައިތިބި ވަލްނަރަބްލް ކަންޓްރީޒްތަކުން މިއާ ދެކޮޅު ހެދިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެކަމަކުވެސް އެއްބަސްވުމަކަށް އައުމަކީ ލާޒިމް ކަމަކަށްވާތީ، އެއްބަސްވުމެއް ފާސްކުރެވިގެން މިދިޔައީ. މި އެއްބަސްވުމަށް މަނިކުފާނު ޚުދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވަންތޯ މިހާރު މީތި އައިސްފައި މިއޮތްގޮތުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ދަންނަވާނީ ވަރަށްގިނަ ޤައުމުތަކެއް ނޫން އިނގޭތޯ. ބޮލީވިއާ، ވެނެޒުއޭލާ، ކިއުބާ، ނިކަރާގުއާ، ސޫދާން، ސަޢޫދީ ޢަރަބިއްޔާ، ތުވާލޫ. ދެން އަޅުގަނޑު ވަރަށް ދެރަވި. ތުވާލޫ މީގެތެރޭގައި ވެއްޓިގެންދިޔައީމަ އިނގޭތޯ. ދެން އަޅުގަނޑު ތުވާލޫ ބޮޑުވަޒީރާ ގުޅިން. ގުޅައިގެން ބެލިއިރުގައި، އެތަނުގައި ވަޑައިގެން އިންނެވީ ތުވާލޫ ބޭފުޅެއް ނޫން. ދެން އެ ޕްލިނަރީގައި ބައިވެރިވެވަޑައިގެން އިންނެވީކީއެއް. ދެން އެހެންވީމާ، ދެން ފަހުން ތުވާލޫ ބޮޑުވަޒީރު އެކަން ރަނގަޅު ކުރެއްވީ. ދެން ކިއުބާގެ ފޮރިން މިނިސްޓަރު ފަހުން ފަތިސްވެގެން އައިއިރުގައި އިންނެވީ. ހެނދުނުވެގެން ދިޔައިރު ކިއުބާގެ ފޮރިން މިނިސްޓަރު ވަޑައިގެން އިންނެވި. ދެން އަޅުގަނޑު ވަރަށް ބޮޑަށް ކިއުބާ ފޮރިން މިނިސްޓަރު އަރިހުގައި ވަރަށް ވަރަށް އާދޭހާއެކު ދެންނެވިން. [މިއީ އަޅުގަނޑުމެންނޭ، ދިވެހިރާއްޖެއޭ. މިއީކީއެއް ތަރައްޤީވެފައި އޮތް ޤައުމެއް ނޫނޭ. އަޅުގަނޑުމެން އެދޭ ކަމެއްގެ ވާހަކައޭ އަޅުގަނޑުމެން މިދައްކަނީ. މިކަމާ އިދިކޮޅު ނުހައްދަވާށޭ.“ ދެން އިރާދަކުރައްވައިގެން، ކިއުބާގެ ފޮރިން މިނިސްޓަރު އަޅުގަނޑާ އެއްބަސްވެވަޑައިގަންނަވައިގެން ވަޑައިގަންނަވައިފި އެތަނުން. ދެން ހުންނެވީ ނިކަރާގުއާގެ ރައީސް. ދެން އެބޭފުޅާއަށްވެސް އަޅުގަނޑު ވަރަށް އާދޭހާއެކު ދެންނެވިން. ވަކިވަކިން އަދި އަޅުގަނޑު ދެންނެވިން [ތިހެން ނުހައްދަވާށޭ] އެހެންވީމާ، އަޅުގަނޑުމެންނަށް ވެނެޒުއޭލާ ނޫން، ދެން އަޅުގަނޑަށް ހީވަނީ ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާ މީހުން އެދުނީމާ އެއްކައިރިވެލައިފިހެން. ވެނެޒުއޭލާ ނޫން. ދެން ސޫދާނަކާ އަޅުގަނޑު ދުށް ގޮތުގައި ވާހަކަ ދެއްކޭކަށްވެސް ނެތް. އެތާނގައި އިނީ އެސިސްޓެންޓް ރައީސެއް ވަޑައިގެން އިންނެވީވެސް. ދެން އަޅުގަނޑުމެންނަކަށް ދެން ސޫދާނާ ވާހަކަ ދެއްކޭކަށެއް ނެތް. ދެން އަޅުގަނޑު ދޫކޮށްލީ ސޫދާން. ދެން ވެނެޒުއޭލާ ބޭފުޅާ ހަމަ އެއްގޮތަކަށްވެސް އަޅުގަނޑާ ވާހަކަ ނުދެއްކެވި. ހަމަ އެއްގޮތަކަށްވެސް ނުދެއްކެވި އެބޭފުޅާ. ދެން އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެހާގިނަ ތަރައްޤީވަމުން އަންނަ ޤައުމުތަކެއް މިކަމާ އިދިކޮޅު ހެދީކީއެއް ނޫނޭ. 6 ޤައުމެއް، ގާތްގަނޑަކަށް މިކަމުގައި އެ ޕްލިނަރީގައި މައްސަލަ ޖައްސަމުން ގެންދެވީ. ދެން އެކަމަކު ފަހުން އައިސް އަޅުގަނޑުމެންނަށް، ދެން އޭގައި އެބޭފުޅުންނަށް އޮޅުމެއް އަރައިގެން އ.ދ.ގެ ހިންގާ ގަވާއިދު ކަމަށް ވިދާޅުވެ ވާހަކަތަކެއް ދައްކަވަމުން ގެންދެވި. ދެން އަޅުގަނޑު ދެން ހިތަށްއެރި ވަކިހިސާބަކުން މި ހިންގާ ގަވާއިދު އަޅެ ބަލައިލުން ބުއްދިވެރިއޭ. ބަލައިލިއިރު އެބޭފުޅުން އެތަނުގައި ފާހަގަކުރަމުން ގެންދިޔަގޮތަކަށެއް ނޫން އ.ދ.ގެ ހިންގާ ގަވާއިދު އޮތީކީއެއް. ދެން އެހެންވީމާ، އެ ނަސީބަކުން އެ ހިންގާ ގަވާއިދާ އެއްގޮތަށް ހިންގައިދިނުމަށް އަޅުގަނޑުމެން ދެން އޭރުގައި ފަހުން ހިތަށްއެރީ، މިވަގުތު ރަނގަޅުވާނީ ޑެންމާކްގެ ބޮޑުވަޒީރު ރިޔާސަތުން ފައިބާވަޑައިގަންނަވާފައި، ބާބެޑޯސް ބޮޑުވަޒީރު ރިޔާސަތަށް ވަޑައިގެންނެވިއްޔާއޭ. ދެން ބާބެޑޯސް ބޮޑުވަޒީރު ރިޔާސަތަށް ވަޑައިގަންނަވައި އިންނަވައިގެން، ބާބެޑޯސް ބޮޑުވަޒީރެއް ނޫން އިނގޭތޯ. ބާބެޑޯސްގެ ޗީފް ނިގޯޝިއޭޓަރ އެއީ. އެބޭފުޅާއަކީ އ.ދ.ގެވެސް އިސްބޭފުޅެއް. ދެން އެބޭފުޅާ ބާބެޑޯސްގެ ޑެލިގޭޓެއް އެއީ އިނގޭތޯ. އެބޭފުޅާ އިންނަވާފައި ދެން އެބޭފުޅާއާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާ ދެބޭފުޅުންނާ އެކީގައި މަޝްވަރާ ކޮށްގެން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައިވެސް ދެން އަޅުގަނޑު ދަންނަވައިފިން. މި އަޣްލަބިއްޔަތާއި އިއްތިފާޤާ މިކަންކަމުގެ މާނަ، އ.ދ.ގައި މާނަކުރައްވަމުން އައި ގޮތަކާ ގުޅޭގޮތުން މީގައި މިއޮތީ. ދެން އެހެންވެގެން ދެން އަދި އ.ދ.ގައި ކަމެއް ބަލައިގަންނަނީ ކިހިނެއްތޯއާއި، ނުވަތަ ދޫކޮށްލެވެނީ ކިހިނެއްތޯއާއި، މިބާވަތުގެ ކަންތައްތަކެއްވެސް ހުރީ. ދެން އިރާދަކުރައްވައިގެން އެ ޤާނޫނީ މައްސަލަތަކެއް އޭގެތެރެއަށް ނުކުންނަން ފެށީމާ ފަސޭހަވީ ޚާއްޞަ ގޮތެއްގައި. ދެން އެހެންވީމާ، އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ގޮތެއް ނިންމުނީ. ތިޔަބޭފުޅާ އެއްސެވި ސުވާލަކީ އަޅުގަނޑު އެ ނިންމުނުގޮތާ ގުޅޭގޮތުން ހިތްހަމަޖެހޭތޯ. އަޅުގަނޑު ހިތްހަމަޖެހޭ. އަޅުގަނޑު ދެކެނީ އެތަނުން އެރޭ އަޅުގަނޑުމެންނަށް އެއްބަސްވުމެއް ނުލިބުނުނަމަ، ވަރަށްގިނަ ކަންކަން ޚަރާބުވީސްކަން. މުޅި މިމަސައްކަތް އަލުން އަނބުރާ ފަށަން ޖެހުން. ޤައުމުތަކުގެ މެދުގައި، ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ ރައްޔިތުންނަށް ސާފުވެގެންދާނީ، އެހެންނޫނިއްޔާ އެނގެމުން އަންނާނީ، ޤައުމުތަކުގެ މެދުގައި މިކަމާ އެއްވެސްކަހަލަ އެއްބަސްވުމެއް ވެވޭކަށް ނެތޭ. ދެން އ.ދ.ގެ ބޭނުންތެރިކަންވެސް ކުޑަވެގެން ދިޔައީސް. ދުވަހަކުވެސް ދުނިޔޭގައި 193 ވެރިން އެއްތަނަކަށް އެއްވެ ކަމެއް ނިންމޭތޯ އުޅެފައެއް ނެތް. ދެން އުޅުނުފަހަރު އެހާ ބޮޑު ނާކާމިޔާބެއް ވެގެންދާން ޖެހުނުނަމަ، އަޅުގަނޑު ހިތަށްއަރަނީ އ.ދ.އާ ގުޅޭގޮތުން އޭރުން ކޮންބާވަތެއްގެ ނިންމުމެއްބާވައޭ އެ ނިންމެނީ. ދެން އެހެންވީމާ، އަޅުގަނޑުމެން ހަމަ އެންމެފަހު ވަގުތާ ޖެހެންދެންވެސް ހަމަ މަސައްކަތް ކުރަމުން ގެންދިޔައީ. ދެން މިދަންނަވާހެން އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް ކާމިޔާބުވީ.

ނަޒީރު – އެ ސަންދާން:

އާދެ! އަޅުގަނޑުގެ ސުވާލަކީ، ކޯޕަންހޭގަން ސަމިޓް ނިންމުމަށްފަހު، ރައީސް ނަޝީދު ވަރަށްގިނަ ލީޑަރުންނާއި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވި ދޮގެއްތޯ. އާދެ! އެބައްދަލުކުރެއްވުންތަކުގައި ދެކެވުނީ މައިގަނޑު ގޮތެއްގައި ކޮން ވާހަކަތަކެއްތޯ؟ ދެން ރާއްޖެއަށް އެބައްދަލުވުންތަކުން ލިބުނީ ކޮންކަހަލަ އެހީތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހީވަނީ ދެންމެ ދެއްކި ވާހަކަތަކުން ތިޔަވާހަކަތައް ސާފުވެފައިހެން އޮންނާނީ.

ހައިދަރު ޢަލީ – ދި އެފް.އެމް:

އަޅުގަނޑު އެންމެ ފުރަތަމަ މަނިކުފާނު ތިޔަކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ދި އެފް.އެމް.ގެ ނަމުގައި ޚާއްޞަކޮށް، ދި އެފް.އެމް.ގެ ނިއުސް ޓީމްގެ ނަމުގައި ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އެއްސުވާލަކީ ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތައް ހަމައަކަށް އެޅުވުމުގެ ކިހާބޮޑު ޔަޤީންކަމެއް މި ސަމިޓުން ލިބިގެންދިޔަތޯ. ދެން މި ކުރިއަށް އޮތް 3 އަހަރަށް ކަނޑައެޅިފައިމިވާ 30 ބިލިއަން ޑޮލަރުން ރާއްޖެއަށް ކިތައް ޕަސެންޓް. ދެން 100 ބިލިއަން ޑޮލަރެއްގެ ވާހަކަވެސް ވިދާޅުވެއްޖެ. އެއީ ކިހާ މުއްދަތަކަށް ހިންގާނެ ފަންޑެއްތޯ؟ ދެން މިދެފަންޑަށްވެސް ޗައިނާއާއި އެމެރިކާގެ ކިހާބޮޑު ޙިއްޞާއެއް އޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޗައިނާގެ އެއްވެސް ޙިއްޞާއެއް ނެތް. ފަންޑަށް ލާރިދޭން މިހާރު މިއޮތް 30 ބިލިއަން ދެނީ ޔޫރަޕިއަން ޔޫނިއަން، އަޅުގަނޑު ހަނދާންވަނީ ޔޫރަޕިއަން ޔޫނިއަނުން ދެނީ 10 ބިލިއަން. ޖަޕާނުން މިދެނީ 11.3 ބިލިއަން. ޖަޕާނުން އެކަނި. އެމެރިކާއިން ދެނީ 3 ބިލިއަން. އެހެންވީމާ، މީގައި އަނެއްހެން އަދި އަޅުގަނޑުމެންނަށް ރަނގަޅު ގޮތަކަށް ޢަމަލުކުރާތަން އެބަ ބަލަން ބޭނުންވޭ އެމެރިކާ މީހުން މިކަމާ ގުޅޭގޮތުން. ދެން އަޅުގަނޑު ތަކުރާރުކޮށް އެބަ ބުނަމުން، އެމެރިކާ ރައީސް އަރިހުގައިވެސް. އަދި އެމެރިކާ ސަރުކާރުގެ އެހެން ބޭފުޅުންގެ ކިބައިންވެސް އެބަ އެދެން. މިއަށްވުރެ ހަރުދަނާ ގޮތެއްގައި އެބޭފުޅުން މިމައްސަލަ ނަންގަވައިގެންނޭ އަދި ދުނިޔެއަށް މީގެ ކާމިޔާބެއް ލިބެން އަންނާނީ. ދެން އަނެއްހެން މިފައިސާ ދޫކުރާގޮތް އެއްބަސްވާ ކުޑަ ގްރޫޕެއް އެކުލަވާލެވޭނެ. ދެން އަޅުގަނޑަށް ހީވަނީ އެއީ ދިވެހިރާއްޖެ އޭގެތެރޭގައި ހިމެނޭނެހެން. ދެން އެހެންވީމާ، ދެން މީގައި ދެރަކަމަކީ އަޅުގަނޑުމެން އަތުގައި އެއްޗެއް ބަހައްޓަންދޭއިރުގައި އަޅުގަނޑުމެންނަކަށް އެއިން ބޮޑުބައެއް ނަގާކަށް ނުވާނެތާ. އެހެންވީމާ، އެހެންނަމަވެސް، ދެން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް މަދެއް ނުވާނެ. އެކަމަކު އަޅުގަނޑުމެން އަތުގައި ބެހެއްޓިގެން މި ދޫކުރެވެމުންދާނީ. އަޅުގަނޑުމެން މިކަން ބަލަހައްޓަން އިރާދަކުރެއްވިއްޔާ ތިބޭނީ. ދެން އަޅުގަނޑުމެންނަށް މިކަމުގެ އަޞްލުގައި ޙަޤީޤަތުގައި އެންމެބޮޑު އަސަރެއްވެސް ކުރަނީ. އަދި އެހެންވީމާ، އަޅުގަނޑުމެންނަށް މިކަން ބަލަހައްޓަމުން ގެންދެވޭނެ. ދެން އުޞޫލެއްގެ ގޮތުން މިދެކެނީ، ޖަޒީރާ ޤައުމުތަކަށް ޚާއްޞަ ކުރަން އެބަޖެހޭ، މީގެތެރެއިން މަދުވެގެން 10 ޕަސެންޓް. އެއީ ހަމައެކަނި ޖަޒީރާ ޤައުމުތަކަށް. ދެން އެހެން ޤައުމުތަކަށްވެސް ހުންނާނެ. މިދެންނެވި 30 ބިލިއަނަކީ ސީދާ ހިލޭ އެހީ އިނގޭތޯ. ދުނިޔޭގައި ދުވަހަކުވެސް ނެތް މިހާ ބައިވަރު ސީދާ ހިލޭ އެހީއަށް، ތަރައްޤީވެފައި އޮތް ޤައުމުތައް އެއްބަސްވެފައެއް. ހިލޭ އެހީއަށް. ލޯނެއްވެސް ނޫން. އެކަހަލަ އެއްވެސް ކަމެއް ނޫން. ހަމަ ސީދާ ހިލޭ އެހީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަދި އޭގެއިތުރަށް ލޯނާއި، އަދި އޭގެއިތުރަށް އެކިއެކި ބާވަތުގެ މި ކަރބަން ޓްރޭޑިންގގެ ތެރެއިން އަންނަ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ލިބޭ ފައިދާވެސް ހަމަ ވަރަށްބޮޑުވާނެ.

އަހަރަކަށް މިހާރު މިބެލީ 2013 އިން ފެށިގެން. ވެގެންމިދިޔަ ގޮތަކީ މިހާރުން މިހާރަށް އެބަޖެހޭ ފައިސާ ދޫކުރަން ފަށަން. އެހެންވީމާ، މިހާރު ދެވެން އޮތް އެންމެބޮޑު ޢަދަދަކީ ކޮބައިތޯ. ދެން އެ 100 ބިލިއަން ދޭން، 100 ބިލިއަން 2013 ގެ ފަހުން އަހަރަކު 100 ބިލިއަން ދީގެނޭ މިބައި ހަމަކުރެވޭނީ ދެން.

މިހާރު އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދު އާވެއްޖެ. އެންމެބޮޑު އެއްސަބަބަކީ، ދުނިޔޭގެ ޖައްވު ހޫނުވާ މިންވަރު މިވެނި ވަރެއްގައޭ ބަހައްޓަން ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން އެއްބަސްވެއްޖެ. ދެން އެއްބަސްވާން މިޖެހެނީ، އެކަން އެގޮތަށް ބެހެއްޓުމަށް ކަންކުރާނީ ކިހިނެއްތޯ؟ އަދި ކިރިޔާ އަޅުގަނޑުމެންނަށް މި މައިގަނޑެއްގައި އެއްބަސްވެވުނީ. ދެން އޮތީ އޭގެ ތަފްޞީލަށް ދިޔުން. މިހާރު ޖަނަވަރީ 1 ގައި ބަލައިލާއިރުގައި، ޤައުމުތަކުގެ ބައެއް ތަފްޞީލު ފެންނަން ހުންނާނެ. އެހެންވީމާ، ދެން ދިވެހިރާއްޖެއިން މިކަމުގައި ކުރަންހުރި މަސައްކަތް ވަރަށްބޮޑު. އަޅުގަނޑުމެން އެބަޖެހޭ، ޖަނަވަރީ 1 އަންނަންވާއިރަށް ޤައުމުތަކަކުން އެ ޢަދަދުތައް ހޯދައިގެން، އެމީހުން އ.ދ. އަށް އެސިޓީތައް އެމީހުން ލައްވާ ފޮނުވަން. އެކަމާވެސް ހަމަ އަޅުގަނޑަށް ހީވަނީ ވަކިވަކިން ތިޔަބޭފުޅުންނަށް އެޤައުމުތަކުގެ ވެރިންނަށް ގުޅައިގެން، ކޮބާ އެ ސިޓީ ލިޔުއްވައިފީމުތޯ އަހައިގެންކަންނޭނގެ އެކަންވެސް ވާނީ. ދެން އަނެއްހެން އެބޭފުޅުންވެސް ކޮންމެހެން މާބާރަށް ލިޔާހިތްވާ ސިޓީއެއް ނޫން އެއީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ޖެހޭނީ ހަމަ ބާރުއަޅަން. ދެން ކުރިއަށް މިއޮތް ދެހަފްތާއެއްގެ ތެރޭގައި އަޅުގަނޑު އެސިޓީތައް ލިޔެ، ފޯނުތައް ކުރާނަން. ކޮށްގެން އިރާދަކުރެއްވިއްޔާ، ޖަނަވަރީގައި ދެން އަޅުގަނޑުމެންނަށް އިނގޭނެ، ޖަނަވަރީ 31 ވާއިރުގައި ކޮން މިންވަރަކަށްތޯ މިކަން އޮތީ.



JJ Robinson from Minivan News

Sorry the questions already been asked. But the international media is describing this summit as some what less than successful with nothing legally binding and the 2 degree limit already established before hand. Is that fair to say or were you disappointed with the outcome?

President Mohamed Nasheed

By and large, that’s not far off the point. But we have to understand that this Accord has many features, many very promising features. It has features where by it can migrate to become a legally binging agreement. It also has features of being able to adopt 1.5 degrees as the threshold. It also has a feature of its ability to bring in bigger emitting countries and finally thrash out the details. This is a framework understanding, it is a framework Accord. Basically its success was, (a) it agreed that, countries agreed that they should not act in a manner where by world temperatures would rise more than 2 degrees. It also established funding mechanisms, it formulated funding amounts and therefore, these funds will be made available for adaptation. So in that sense, its quite promising for small countries like the Maldives where adaptation funds are required right now - both in costal engineering and food security and health. So for us, this is very necessary and we can’t say no to these funds.

JJ Robinson from Minivan News

30 million, I believe allocated in the short term to small countries and developing nations. In your view, is the Maldives likely to see any of it?

President Mohamed Nasheed

Bulk of it. Well the understanding, initially, when I met Prime Minister Gordon Brown and Rasmussen in Port of Spain, during the Commonwealth summit, Commonwealth summit came out with this funding idea of how it should be done. By and large, this was Gordon Brown’s idea, that there should be a fast-track mechanism for quick funding. We were with the understanding that 10% of it should go to island nations. So the bulk of it. There are other countries facing desertification and reforestation problems, countries with droughts, countries such as Bangladesh and whole lot of Sub-Sahara countries which have all sorts of problems, so it has to be given to all these countries. At least, we should with this money be able to understand how adaptation should process. It might not have all the funds for actual work. But in case of Maldives we are very clear about what is required, but there are other countries where they really need to have a development framework. We have a resilient program, as well. So the other countries need to do this work. During the course of last year, Disaster Management Centre has come up with our disaster management program; we have also come up with our development framework. So other countries need to come up with these documents, with these methods. So this money would go a long way in doing that. And also would go a long way for instance in the case of Maldives. We should be able to handle much of the immediate requirements, that is, in my mind, 30 islands in the Maldives - for water, sanitation and costal engineering. So, yes, we will have a fair amount.

އާސިޔަތު ސަޢީދު – ހަވީރު ނޫސް:

މަނިކުފާނު ސަމިޓުގައި ކުރެއްވި މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތަހުނިޔާއާއި ޝުކުރު ދަންނަވަން. ވަރަށްގިނަ ކަންތައްތަކެއް އޮޅުންފިލުއްވައިދެއްވައިފި. އެހެންނަމަވެސް، އަޅުގަނޑު އަހާލާހިތްވޭ، އެކޯޑްގައި އުޞޫލެއްގެ ގޮތުން އެބަ އެއްބަސްވޭ، ޤައުމުތަކުން ކަރބަން ދަށްކުރަން ކަނޑައަޅާ ޓަރގެޓްތައް ޙާޞިލުކުރޭތޯ ބަލާނެ ނިޒާމެއް ނޫނީ މޮނިޓަރިންގ ސިސްޓަމެއް ޤާއިމު ކުރުމުގެ ވާހަކަ. މަނިކުފާނު އެކަހަލަ މެކޭނިޒަމަކާ ދޭތެރޭ ކޮބައިތޯ އުންމީދަކީ؟ އެއީ ކުރެވިދާނެ ކަމެއްތޯ؟ ކިހާ ކާމިޔާބުކަމާއެއްކޮށްތޯ ކުރެވެނީ؟ ދެން ދެވަނަ ސުވާލަކަށް ލައިޓަރ ނޯޓެއްގައި ދަންނަވާލާހިތްވޭ، ބީ.ބީ.ސީ.ގެ ގްރޭޓަސްޓް ޑިބޭޓަކީ ކޮންކަހަލަ އެކްސްޕީރިއަންސެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ސުވާލަށް އަޅުގަނޑު ދާނަން އިނގޭތޯ. ވެރިފިކޭޝަން މޮނިޓަރިންގ، އެކަންތަކުގައި މިދިމާވާ މައްސަލައަކީ، ބޮޑެތި ޤައުމުތައް ބޭނުމެއްނުވޭ، އެހެން ޤައުމުތަކުން އެހެންނޫނިއްޔާ އެހެން އެއްވެސް ބަޔެއް އައިސް އެޤައުމުތަކުގެ ފޮތްތައް ބަލާކަށް. ކިހާވަރަކަށްތޯ މިވެނިކަމެއް ކުރަނީ، އެވެނިކަމެއް ކުރަނީ. އެކަމަށް އެއްބަސްވާން ވަރަށް އުނދަގޫ. ދެން އ.ދ.އިން އެކަން ކުރަންވެސް. މިހާރު މިސާލަކަށް، ހަމަ އަޅުގަނޑުމެންނަށް އެބަ ފެނޭ ދޮގެއްތޯ. ނިއުކްލިއަރ އެނަރޖީގެ ނިއުކްލިއަރ މައްސަލައިގައި ޤައުމުތަކަށް ގޮސް ބަލަން ދިޔައީމާ މިވާ ގޮތްގޮތް. ޗައިނާއާއި އިންޑިއާއި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނާ ދިމާވެގެން މިއުޅެނީ މިމައްސަލަ. ދެން އަޅުގަނޑުވެސް ހަމަ ވަރަށް އިޙްތިރާމާއެކު އެބަ ދަންނަވަން. އަޅުގަނޑުމެންނަށް ފޮތްތައް ދައްކާލަފާނަންހެއްޔޭ؟ ދެން އަޅުގަނޑުމެން ތިޔަފޮތްތައް ބަލައިގެން ކުރާނެ ކަމެއް ނޯންނާނެ ނޫންހެއްޔޭ؟ ދެން އެންމެފަހުން އެއްބަސްވެވުނު މެކޭނިޒަމަކީ އެބައެއްގެ އަމިއްލަ މަޖިލީހަށް، ޕާލިމެންޓަށް. ދެން ބައެއް ތަންތަނުގައި ނުހުރޭ ޕާލަމެންޓެއް. އެހެން ނަމަވެސް، އެބައެއްގެ އަމިއްލަ މަޖިލީހަކަށް އެހިސާބު ހުށަހަޅާ ގޮތަށް. އެހުށަހަޅާ ހިސާބަކީ ޢާންމުކޮށް އިޢްލާނުކުރާ ހިސާބަކަށްވުން. ދެން އެހެންވީމާ، އެމަގުން ގޮސްގެން މި ވެރިފިކޭޝަން މައްސަލައަށް އަޅުގަނޑަށް ހީވަނީ ޙައްލެއް އަޅުގަނޑުމެންނަށް ގެނެވުނުހެން. ދެން ފަހަރުގައި ވެދާނެ، ބޮޑެތި ޤައުމުތަކުން، ޔޫރަޕްގެ ޤައުމުތަކުން ނުވަތަ އެމެރިކާ އަޞްލު ހީކުރައްވައިގެން ތިއްބެވީ އެއަށްވުރެ އެހެން ގޮތަކަށް އެކަންކަން ކުރައްވަން ކަމަށް. ދެން އެހެންނަމަވެސް، ޗައިނާވެސް، އިންޑިއާވެސް އެބަ އެއްބަސްވެލައްވާ. ތިމަންނާމެންގެ އަމިއްލަ ޕާލަމެންޓަށް. އެބޭފުޅުންގެ ދިމާވަނީ ސޮވެރިންގޓީ އިސްތިޤްލާލުގެ މައްސަލައެއް. އެހެންވީމާ، އެކަމުން ރައްކާތެރިވެވޭނެ ގޮތެއް ކަމަށް އަޅުގަނޑުމެންނަށް އެބަ ވިސްނޭ. އެބޭފުޅުން އަމިއްލައަށް އެބޭފުޅުން އެއްބަސްވެފައި އޮތް ގޮތަކަށް އެކަންކޮށް، އެބޭފުޅުންގެ އަމިއްލަ ޕާލަމެންޓަށް އެކަން ހުށަހަޅައި، ދެން އެ ޕާލަމެންޓުން އެކަމެއް އިޢްލާނު ކުރީމާ، އ.ދ.އަށްވެސް އެކަމެއް އެނގޭގޮތަށް. އެހެންވީމާ، ވެރިފިކޭޝަންގައި އަޅުގަނޑުގެ ނަޒަރުގައި ޙަޤީޤަތުގައި މައްސަލައެއްނުޖެހޭ. ދެން ވިދާޅުވީވެސް ދެން ހަމަ މުހިންމު ވާހަކައެއް. ކީކޭތޯ ވިދާޅުވީ؟

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އ.ދ. އަށް އޭގެ ނިޒާމެއް އުފެއްދޭނެހެން. އަޅުގަނޑަށް ހީވަނީ އެއީކީއެއް ނުވާނެވަރު ކަމެއް ނޫންހެން. ދެން އަޅުގަނޑު ދަންނަވައިފިން ދޮގެއްތޯ. މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއަށް ވަރަށްބޮޑެތި ތަޖުރިބާތަކެއް ލިބިފައޭ އޮތީ. ޚާއްޞަކޮށް، އެބާވަތުގެ ޑިބޭޓާއި ދެން އެކަހަލަ ކަންތައްތަކުގެ ތެރޭގައި. ދެން އެހެންވީމާ، އެ ހޯލް ބޮޑު އިނގޭތޯ ތަންކޮޅެއް. އެނޫން އަނެއްހެން ހަމަ އިތުރު އެހެން އެއްވެސް ކަމެއް ނެތް. އެ ހޯލް ބޮޑުވުން އޭގައި އޮތްކަމަކީ. ދެން އޮތް ކަމަކީ ނުނިދާ ހުރިކަން. ދެން އެހެން ބަލާއިރުވެސް އެއީވެސް އަނެއްހެން ކެމްޕޭނެއްގައި އުޅޭއިރުގައި ހަމަ ވަރަށްގިނަ ފަހަރަށް އެކަންވާގޮތް. ދެން އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑު ކުރީގައި ރިޔާސީ އިންތިޚާބުގެ ޑިބޭޓަށް ދިޔައިރުވެސް ހަމަ ބަލިވެ އޮވެ ދިޔައީ. އެއީ އަޅުގަނޑު ދަތުރުކޮށްކޮށްފައި ހޮޑުލެވިލެވިފައި ބަލިވެ އޮވެ ދިޔައީ. ދެން އެހެންވީމާ ހަމަ މާބޮޑު ތަފާތެއް އެދުވަހަކުވެސް ނެތް ހަމަ. ދެރޭ ވަންދެން ހޭލާ ހުރެފައި ދިޔައީ. ދެން އެހެން ނޫނިއްޔަކާއެއް މާބޮޑު މައްސަލައެއް ނެތް. އަޅުގަނޑަށް ހީވަނީ ރަނގަޅަށްހެން ދިޔައީ.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

_______________________