ދައުލަތުގެ މިޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ތަކަންދޫގެ ލޮބުވެތި އެކުވެރި ޢިއްޒަތްތެރި ރައްޔިތުން،

السّـلام عليـكم ،

އަޅުގަނޑުމެން ތަކަންދޫއަށް، މިމަސައްކަތުގައި މިދެންނެވީ، ދިވެހިރާއްޖޭގެ ވެރިކަން ޒަމާނުއްސުރެ ފަށައިގެން ހިނގަމުންއައިގޮތް ނޫން އެހެންގޮތަކަށް ބަދަލުކުރުމުގެ ފިކުރުގައި، ޚިޔާލުގައި ތަކަންދޫއަށް އަޅުގަނޑުމެން އެންމެ ފުރަތަމައިނުއްސުރެ ދަތުރުކުރާންފެށީ. އެއީ، އަޅުގަނޑާއެކުގައި އަޅުގަނޑުމެން މިމަސައްކަތް ހަމަފަށައިގަތީއްސުރެން ފަށައިގެން އެކުގައި ވަރަށް ހީވާގިކަމާއެކީގައި ތަކަންދޫ ދަރިއެއް، ތަކަންދޫ އަޙްމަދު އަޅުގަނޑުމެންނާ އެކުގައި ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުންއައީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް، އަޅުގަނޑުމެންނަށް މިގެނެވުނު ބަދަލުގައި ތަކަންދޫ ރައްޔިތުންގެ ޙިއްޞާ ހަމައެހާމެ ބޮޑޭ. އަދި ހަމައެއަށްވުރެ ޚާއްޞަގޮތެއްގައި އަޅުގަނޑު ދަންނަވާނަށް، ތަކަންދޫ އަޙްމަދުގެ ޙިއްޞާ އެއ އަޅުގަނޑުމެން ފާހަގަކުރަންވާނެ ޙިއްޞާއެކޭ.

ތަކަންދޫ ރައްޔިތުންނަށް ވަރަށް ކުރީއްސުރެ ފަށައިގެން، ވިސްނިފައިއޮތީ، ބަދަލެއް ރާއްޖެއަށް ބޭނުންވާކަން. ތަކންދޫ ޒުވާނުންނަށް، ތަކަންދޫ އަންހެނުންނަށް، ތަކަންދޫ މަސްވެރިންނަށް، މިކަންކަން އެއިރުގައިވެސް އަދި އޭގެ މާކުރީގައިވެސް އޮޅިފައި ނެތްކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވުނު، ރާއްޖޭގައި ހުރެޔޭ، ރަށްތަކަކާ އަދި ރަށްތަކަކާ. ބައެއް ރަށްރަށަކީ ޤަދީމީ ޒަމާނުއްސުރެ ފަށައިގެން ބަދަލަށް، ނުވަތަ ކުރިއެރުމަށް، އިޞްލާޙަށް އެދޭ ރައްޔަތުންގެ މަސައްކަތް އަދި ޖޯޝް އެހެން ރަށްރަށަށްވުރެ ބައެއްފަހަރަށް ފުޅާވެފައިހުރޭ. އަޅުގަނޑުމެންނަށް ތަކަންދޫގެ ވާހަކަތައް، ތާރީޚުގެ ފަތްފުށުން ފެންނާންއޮތް މިންވަރު ވަރަށްސާފު. އަޅުގަނޑުމެން ހިންގާ އިޞްލާޙުގެ މަސައްކަތެއްގައި ތަކަންދޫ ބައިވެރިވެގެން ނޫނީ ކާމިޔާބު ނުވާނެކަން އަޅުގަނޑު ހިތުން މިބާވަތުގެ ކަންކަމާ ގުޅޭގޮތުން ވިސްނާ ކޮންމެ މީހަކަށް ސާފުވާނެ. ހަމަގައިމުވެސް އަޅުގަނޑަކަށް އޮޅިފައެއް ނެތް. އަޅުގަނޑަށް އެނގުނު، ތަކަންދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބަދަލަށް އެދުނީމާ، އަދި އެބަދަލަށްޓަކައި މަސައްކަތް ކުރުމަށް، ހޭދަކުރުމަށް، އެއްބަސްވީމާ ދެން އަޅުގަނޑުމެންނަށް އެ ބަދަލު ކާމިޔާބު ކުރެވޭނެކަން އެއީ އަޅުގަނޑަށް އެއިރުގައި އޮޅުނު ވާހަކައެއްނޫން، އޮޅުނު ނުކުތާއެއްނޫން. އެކަން ޙަޤީޤަތަކަށް ވެގެންދިޔައީ ތަކަންދޫ ޒުވާނުންނާ އެކުގައި. ފަހުން އަޅުގަނޑަށް ފެނުނީ، ތަކަންދޫ އަންހެނުން ވަރަށް ޖޯޝުގައި މިކަމުގައި ނުކުތްކަން. މުޅި ރާއްޖެ އަޅުގަނޑުގެ ނަޒަރުގައި ތަކަންދޫ ރައްޔަތުންނަށް އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާނެ.

ތަކަންދޫ ރައްޔިތުން ބަދަލެއް ބޭނުންވެގެން، ބަދަލަކަށް އެދުނީ، ހަމައެކަނި ބަދަލަކަށްޓަކައި އެކަން ކުރުމަކަށެއްނޫން. މިރައްޔިތުންގެވެސް އުންމީދުތަކެއް އޮތް. އޭރުގައިވެސް އޮތް. މިހާރުވެސް އެބައޮތް. އަދި ހަމަ އަޅުގަނޑު ދަންނަވާނީ، މިސަރުކާރުގެ އެބައޮތޭ، ތަކަންދޫގެ އުންމީދެއް. ތަކަންދޫއަށްޓަކައި އަޅުގަނޑުމެންގެ ތަޞައްވުރެއް. ސަރުކާރު ތަކަންދުއާ ގުޅޭގޮތުން ދެކޭ ގޮތްތަކެއް. އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް ތަކަންދޫއަށް އަންނާންފެށީއްސުރެ، އަޅުގަނޑުމެން ދުށިން، މިތަނުގައި މިބަނދަރެއް ހެދޭތޯ އުޅޭތަން. މިމަސްކަތުގައި އަޅުގަނޑުމެން އަންނާން ފެށުނީއްސުރެން ފަށައިގެން. މިހާރު އެއަށްފަހު އަޅުގަނޑު ހީކުރީ ތިންއަހަރު ވެއްޖެކަމަށް. އެހެންނަމަވެސް، ތިން އަހަރެއް ނުވޭ. ދެ އަހަރުނިމި، ތިންވަނަ އަހަރަށް މި އެޅެނީ. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންނަށް މިއުޅެނީ، މިކަން ހަމަ ނިންމާ ނުލެވިގެން. ސަރުކާރުން އެކަމަށް ކުރާ ހޭދަ ކުޑައްޔަކީއެއްނޫން. ސަރުކާރުން އެކަން ނިންމާން ނޭދެނީކީ އެއްވެސްނޫން. 2007 ވަނަ އަހަރުގައި އެންމެފުރަތަމަ ކޮންޓްރެކްޓް އެކުލަވާލެވުނުއިރުގައި މަސައްކަތްގެންދާން ނިންމާފައިއޮތް ގޮތަކީ، ސަރުކާރުން މި މަސައްކަތަށް ބޭނުންވާ ގެރިގާ، ނުވަތަ ޓެޓްރާޕޮޑު އެކުންފުންޏަށް ދިނީމާ، އެކުންފުނިން އެގާ މިތާ ބަހައްޓައިގެން، އެމަސައްކަތް ނިންމާ އުޞޫލުން. މިހާރު އަޅުގަނޑުމެންނަށް ސާފުވާން އޮތީ، 2007 ވަނައަހަރު ނިމުނުއިރުވެސް އެ ކުންފުންޏަކަށް، ކޮންޓްރެކްޓަރަކަށް މީގެއިން އެންމެ ގަލެއްވެސް އެއިރުގެ ސަރުކާރުން ދީފައެއްނެތް. އެހެންވީމާ، އެކުންފުންޏަށް އެމަސައްކަތް އޮތީ ނުހިންގި އެގެންދާންވާ ބާރުމިނުގައި ކުރިޔަށް ނުގެންދެވި. އަޅުގަނޑުމެންނަށް މިއަހަރުގެ މާރޗް މަހުގެ ތެރޭގައި މިކަމުގެ ކޮޅާ މެދާ އޮޅުންފިލާ، އަޅުގަނޑުމެންނަށް މި ސަރުކާރަށް މިކަމުގައި ކަންތައް ގެންދެވޭނެގޮތެއް ހޯދި މާރޗް މަހުގެ ތެރޭގައި ބޭނުންވާ ތަކެތި އެ ކޮންޓްރެކްޓަރަށް، އެކުންފުންޏަށް ދޫކުރެވެންފެށީ. މިއަދާހަމައަށް އާދެވުނުއިރުގައި އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި ތަކެއްޗަށް ޖެހިގެނެއްނޫން، ބަނދަރު މިހާރު ނުނިމި އެވަނީ. ކުންފުންޏަށް އެމަސައްކަތް އެ ގެންދާންވާ ބާރުމިނުގައި ގެންދާން ދަތިވަނީކަމަށްވެދާނެ.

ބަނދަރެއް ނިމޭއިރުގައި އެބަނދަރެއް އޮންނާން މިޖެހެނީ، އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް. އެބަނދަރަކީ އެއްވެސް ޙާލެއްގައި މާލޭގައި ތިއްބަވާ ވަޒީރުންނަށް ނުވަތަ އަޅުގަނޑަށް ނުވަތަ އަދި އެހެން އެއްވެސް ބަޔަކަށް ހެދޭ އެއްޗެއްނޫން. އެބަނދަރަކީ މިރަށު ރައްޔިތުންނަށް، އެރަށެއްގެ ރައްޔިތުންގެ ބޭނުމަކަށް ހެދޭ ބަނދަރެއް. އެހެންވީމާ، އެބާވަތުގެ ކަންކަމުގައި މަޝްވަރާގެ އުޞޫލު އިސްކުރާން މިޖެހެނީ. އޭރުގައި އޮތްކަމަށްވަނީ، ރކ. ކޮމިޓީއެއް. އެއިރުގައިވެސް އަޅުގަނޑުމެނަށް އަޑުއިވިފައި އޮންނަނީ، އަދި ހަމަގައިމުވެސް ލޯނުނަގަން ވެގެން، ބައިނަލްއަޤވާމީ މާލީ އިދާރާތަކަށް ސަރުކާރުގެ ފަރާތުން ދާއިރުގައި މިބުނަނީ މިއީ، މިރަށުގެ ރައްޔިތުން އެދުނުގޮތޭ. މިއީ، އެމީހުން ފާސްކޮށްފައިއޮތް ކުރެހުމޭ. މިކުރެހުމަށް ބަނދަރެއް ހެދުމަށް ދިވެހި ސަރުކާރުން އެބަ ލޯނަކަށް އެދެއޭ. އެހެންބުނީމާ، އެކުރެހުމެއް އެ ބޭންކެއްގައި ފައިލުކޮށްފައި، އެލޯނު ދޭ އިދާރާއެއްގައި ބާއްވާފައި، އެކުރެހުމާ އެއްގޮތަށް ހިންގާ މަސައްކަތަކަށްދާނެ ޚަރަދަށްވާ މިންވަރަށް ދިވެހި ސަރުކާރަށް އެހީއެއް، ނުވަތަ ލޯނެއް މިލިބެނީ.

މިހާރު މަސައްކަތް ހިންގާ ވަކިހިސާބަކަށް ދިޔައިމާ، އަދި ޚާއްޞަކޮށް މަސައްކަތް ލޮލަށް ފެންނާންފެށީމާ، ރަށު ރައްޔިތުންނަށް މިއެނގެނީ މިއީ، ކިހިނެއް ކުރާންއުޅޭ ކަމެއްކަން. މިއީ އެބައިމީހުން އެދޭގޮތަކަށް ކުރާކަމެއް ނޫންކަން. ދެން އެހެންވީމާ، ރައްޔިތުން ބޭނުންވަނީ، ފައިކަށި އެއަތަށް ޖައްސާލަން، ވާއަތަށް މިހެން ހަދާލަން. ބޭރުތޮށި އެހެން ހަދާލަން. ހަމަހައްތަހާވެސް އެންމެފުރަތަމަ ދުވަހުވެސް އެކަން އޮންނާންވީގޮތް އެއީ. ދެން މިހެން ހުރިހާ ކަމެއް ނިމިފައި އޮއްވައި، ފައިކަށި އެއަތަށް ޖެއްސޭކަށެއް ނޯވޭ. ވާޓަރަށް މިހެން ހެދޭކަށެއް ނޯވޭ. ބޭރުތޮށްޓަށް އެހެން ހެދޭކަށެއްވެސް ނޯވޭ. އޭގެއިން ކޮންމެ ބަދަލެއް ވެގެންދަނީ ވަރަށްބޮޑު އުނދަގުލަކަށް. އޭގެއިން ކޮންމެ ބަދަލެއް ގެނައުމަށް ގިނަފަހަރަށް ލޯނު ދޫކޮށްފައިހުންނަ ފަރާތުން ބޯޑެއް ބައްދަލުވެގެން ނޫނީއްޔާ، އެމީހުންގެ ނިންމުންތަކަކަށް ބަދަލެއް ނުގެނެވޭ. އޭގެއިން ބޯޑެއް މިބައްދަލުވަނީ ގިނަވެގެން އަހަރަކު ތިންހަތަރުފަހަރު. އެހެންމީހުންނަކީ ރާވައިގެން މަސައްކަތްކުރާ ބަޔަކަށްވާތީވެ، އަޅުގަނޑުމެން އެކަނި ކުއްލި ކުއްލިއަށް ކަންތައްކުރަން އުޅުނަސްވެސް ދުނިޔޭގެ ބައްޓަމުން ދުނިޔޭގެ އޮޔާ، ވަޔާ ދުރުގާއެއް ނޫން، އަޅުގަނޑުމެން މިތިބީކީއެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ދެންފަހުން އެބަދަލު ގެންނާން ދަތިވަނީ. ފަހުން އެބަދަލު ގެނައުމުގައި ދަތިވާތީވެ، ފެށުނީއްސުރެ ފަށައިގެން ރައްޔިތުން ގާތުގައި ސަރުކާރުން ނޭދޭ، ނޫންނޫން މިހާރު ތިޔަ ބަދަލު ނުގެނެވޭނެއެކޭ ބުނާކަށް، ތިމަންމެން މިހެން ތިމަންނަމެންނަށް ހެދިއްޖެއޭ، ނުވަތަ ހަދައިފީމުއޭ. އޭގައި އޮތީ ސޮއި އަޅާފައޭ. ތިމަންމެން ބުނީމޭ މިއީ، ތަކަންދޫ ރައްޔިތުންގެ ފަރާތުން އެޅ ިސޮއެކޭ. އެހެންވީމ،ާ ތިމަންނަމެންނަކަށް ތިޔަކަމެއް ބަދަލެއް ނުވާނެއޭ، އެހެން ބުނުން ސަރުކާރަށް ދަތިވަނީ. ދަތިވީމާ، ސަރުކާރުން ރައްޔިތުން ގާތުގައި ދޮގެއް ހަދަނީ. އެއީ، ރައްޔިތުންނަށް ދޮގުހަދަން ފެށުނީއްސުރެ ފަށައިގެން އަޅުގަނޑަށް މިހާރު އެނގިފައިއޮތް ގޮތުގައި، ސަރުކާރަށް މީގެ ކުރީގެ ސަރުކާރަށް، ރައްޔިތުންނަށް ދޮގުހަދާން މިޖެހޭ ސަބަބަކީ. ކަމަކުން ސަލާމަތްވުމަށްޓަކައި.

މީގެ ރީތިގޮތަކަސް ރަނގަޅުގޮތަކަށް ވާންވީ، ކަންކަން ފެށުމުގެ ކުރީގައި އެކަމެއް ރައްޔިތުންނާ ހިސާބުން ފެށިގެން އަންނާންވީ. ކަރުދާހަށް ކަންކަން ނެގޭއިރުގައިވެސް އެއީ، ސީދާ ރައްޔިތުންގެ ބޭނުންތަކާ، އިޙްސާސްތަކާ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރެހޭ ކުރެހުމަކަށް ވާންވީ. އެހެންވީމާ، ދެން މަސައްކަތް އޮންނާނީ ރަނގަޅަށް. މަސައްކަތް ދާނީ ރަނގަޅަށް. އަޅުގަނޑުމެން އެދެން، މިހާރު މިކަން ގޮސްފައިއޮތް ހިސާބުންވެސް މިއަށް ބަދަލު ގެންނަން. ކިތަންމެ ދައްޗަކާ ލައިގެންވެސް އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވައިފިން، އަޅުގަނޑު މިމަސައްކަތަށް ބަދަލުގެންނަން ބަލާނަމޭ. ކުރީގައި އަޅުގަނޑަށް އެނގިފައިއޮތީ، ތިޔަބޭފުޅުން ބޭނުންވެލެއްވީ އެތެރޭ ވާޓަރަށް ބަދަލެއް ގެންނާށޭ. އެބަދަލު އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ގެނެވިއްޖެ. ދެން އަޅުގަނޑަށް މިހާރު މިއެނގެނީ މިގާ ބަހައްޓާއިރުގައި ބޭރު ތޮށި މާހަނިއްޔޭ، އެއަށްވުރެ ފުޅާވާނެގޮތަކަށް، ސަލާމަތްކަން ބޮޑު ގޮތަކަށް ބޭރުތޮށި ހަދަމާއޭ. އެ ބަދަލު ގެނެސްދޭށޭ، އަޅުގަނޑުމެން، އަޅުގަނޑަށް އެނގިގެން އެދިފައިއޮތީ، ތުރާކުނު ބަނދަރު. އުލިގަމު ބަނދަރު. ދެންހަމަ އެގޮތަށް މިތަނުގެ ބަނދަރުވެސް އެބަދަލު ގެނައިމާ، މިހާރު ރައްޔިތުން އެބައެދޭ. އެހެންވީމާ، އެކަން އެގޮތަށް ކުރުމަށް އަޅުގަނޑުމެން ފަށައިގަންނާނަން. އަޅުގަނޑު ނުދަންނަވާނަން އެއީ، އަވަހަކަށް ވާނެކަމެކޭ. އެހެންނަމަވެސް، އެކަމާއެކުގައި އެކަން ނިންމުމަކީ، އަޚުގަނޑަށްވެސް ފެންނަ ފެނުމުގައި، އަޅުގަނޑުވެސް ދެކޭގޮތުގައި ބުއްދިވެރިގޮތެއް. މި ކަމަކަށް ކަމެއް، ނަމަކަށް ކަމެއް ކޮށްލާފައި ދިއުން އެއީކީއެއް ރަނގަޅުގޮތެއްނޫން. އޭގެއިން ރައްޔިތުންނަށް ވާނެ ފައިދާއެއްވެސް ނޯންނާނެ.

މީގައި އަޅުގަނޑުމެން ލިބިގަންނާންވީ ފިލާވަޅަކީ އަޅުގަނޑުގެ ނަޒަރުގައި، ރައްޔިތުންގެ ރކ. ކޮމެޓީއެއް އޮތަސް އަދި އެހެން ކޮމެޓީއެއްއޮތަސް އިރާދަކުރެއްވިއްޔާ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮތަކާ، ރަށްތައް ހިންގާނެ ޤާނޫން އަޅުގަނޑުމެންނަށް ލިބިގެން، އެޤާނޫނާ އެއްގޮތަށް އެކުލަވާލެވޭ ކައުންސިލަކުންވެސް ކަންކަންކުރެވޭއިރުގައި ފުރިހައަށް މަޝްވަރާ ކުރެވިގެން، ދުރާލައި ވިސްނައިގެން، ރާވައިގެން ކަންކަން ކުރައްވާށޭ. ކަމެއް ލޮލަށް ފެނުނީމާ އެކަމެއް ބަދަލުކުރާން އުޅުމަކީ، ޙަޤީޤތުގައި ވަރަށް އުނދަގޫ ކަމެއް. ކުރަން ރަނގަޅުވެސް ކަމެއްނޫން. ލޮލަށް ފެނުމުގެ ކުރީގައި ހިތަށް އެނގިގެން، ސިކުނޑިއަށް ވިސްނިގެން ކަންކަން ސިފަވެގެން މިކަންކަން ރޭވެނީ. އެބާވަތުގެ ރޭވުމުން ކަންކަން ކުރީމާ، ބުއްދިވެރިން ކަންކަން ކުރާގޮތަށް ހެޔޮގޮތުގައިގޮސް ކަންކަން ނިމިފައި މިހުންނަނީ.

އަޅުގަނޑަކަށެއްނޯޅޭ، ތަކަންދޫ ރައްޔިތުންނަކީ، ބުއްދިވެރިބައެއްކަމާ ގުޅޭގޮތަކުންނެއް. އަޅުގަނޑަށް ޔަޤީން، ތަކަންދޫ ރައްޔިތުންނަކީ ބުއްދިވެރި ބައެއްކަން. އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމު ހިނގަމުންއައި ގޮތެއްގެ ސަބަބުން، ތަކަންދޫގައި ތަކަންދޫގެ މުޅި ޙަޔާތުގައި ހިންގި އެންމެ އަގުބޮޑު މަޝްރޫޢު މިއުޅެނީ. ތިންހަތަރު އަހަރަށް ދެމިގެން މިދަނީ. އަދި އޭގެއިން ބޭނުންވާ ރަނގަޅު ނަތީޖާ ނުލިބި މިދަނީ. އެހެންވީމާ، އެ އަޅުގަނޑަށް ފެންނަ ފެނުމުގައި ތަކަންދޫ ޒުވާނުން މިގެނައި ބަދަލެއް މިގެނައީ، މިބާވަތުގެ ކަންކަން މިގޮތަށް ވިޔަ ނުދިނުމަށް. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަކަށެއްނެތް، ރައްޔިތުންގެ އަޑު ނާހާ އެއްވެސްކަމެއް ކުރުމުގެ ފުރްޞަތެއް. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަގައިމުވެސް އެންމެ ދުވަހަކުވެސް އަޅުގަނޑު ވެރިކަމުގައި ހުންނާކަށް ނޭދެން، ރައްޔިތުންގެ ރުހުމާ، ރައްޔިތުންގެ އެދުމާ، އަދި ރައްޔިތުންގެ މަޝްވަރާގެމަތިން، ކަންކަން ނުކުރެވޭގޮތަކަށެއް. އެގޮތަށް އަޅުގަނޑުމެން ކަންކަން ކުރަމުން ގެންދާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބަނދަރުގެ މައްސަލަވެސް ޙައްލުކުރެވޭނެ.

އަޅުގަނޑުމެން ސަރުކާރުން ތަކަންދޫއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވިސްނަމުން އައިއިރުގައި، އަބަދުވެސް ތަކަންދޫއަށް ވިސްނިން، ތަކަންދޫގެ ފެން، ތަކަންދޫގެ ނަރުދަމާ، ތަކަންދޫގެ މަދަރުސާ، މިކަންކަމަށް. ޚާއްޞަކޮށް، ތަކަންދޫގެ މަދަރުސާއަށާއި ތަކަންދޫގެ ފެނާ ނަރުދަމައަށާ. އެނގިވަޑައިގަންނަވާނެ، ތަކަންދުއަކީ ތަންކޮޅެއް ފެންފުން ރަށެއް. ތަކަންދޫގައި މި ނަރުދަމާ އެޅުމުގެ ޑިޒައިނެއް ކުރެވެމުން ދާހިނދުގައި ބެންކާ ހަމައަށް ނުފޮނުވާ، އަދި އޭގައި ފަހުސިއްކަނުޖަހާ، ފުރަތަމަ ގަނޑުގައި އަޅާލެވޭ ރޮނގާ ހިސާބުން، މިރައްޔިތުންނާ އެކީގައި މަޝްވަރާ ކުރެވެންޖެހޭނެ. ފަހަކަށް ދެން މިވާހަކަ އިތުރު ގޮތްގޮތަށް ދައްކާކަށް، ޖާގައެއް، ފުރްޞަތެއް އޮވެގެނެއް ނުވާނެ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިސަރުކާރުން ހިންގާ ކަމެއްގައި އެކަން ހިންގާނީ، ތިޔަ ރައްޔިތުންނަށް ސީދާ ބޭނުންވާ ގޮތަށް. ދެން އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ބޭނުންވާ ބަނދަރެއްނޫން މިތާ ހަދަނީ. އަޅުގަނޑުމެން ފާޚާނާކުރާ ނަރުދަމައެއްނޫން މިތާ އަޅަނީ. އަޅުގަނޑުމެންގެ ދަރިން ފޮނުވާ މަދަރުސާއެއް ނޫން، މިތާ ހުންނަނީ. އަޅުގަނޑުމެން ބޭނުންވާގޮތަށް އެކަނި މިކަންކަން ކޮށްލައިގެން، ކަމަކަށް ކަމެއް ކޮށްލާފައި ދިއުމުގެ މާނައެއް ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށެއް ނުވިސްނޭ. އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް ތަނުގައިވެސް އަޅުގަނޑުމެންގެ މަސައްކަތް ގެންދާނީކީއެއް އެގޮތަކަށެއްނޫން. ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ފެނާ، ނަރުދަމާގެ ކަންތައް އަޅުގަނޑުމެން މިސަރުކާރުން ކުރިޔަށް ގެންދާންވެގެން ނިންމާގޮތް، ތިޔަބޭފުޅުންނަށް ސާފުވާނެ. އެއީ، ނިންމާ ގޮތެއްނޫން، ތިޔަބޭފުޅުންނަށް ހުށައަޅާގޮތް. އެއަށް ތިޔަބޭފުޅުން ފާޑު ކިޔުއްވީމާ އަދި އޭގެ ތެރެއިން، އެއީ ރަނގަޅު ވާހަކައެއްތޯ އަޑުއަހާފައި، އެއީ ރަނގަޅު ވާހަކަ ކަމަށް ސަރުކާރަށް ފެންނާންވެސް ޖެހޭނެ. އެވާހަކަތަކާ އެކުގައި އަޅުގަނޑުމެން މަސައްކަތް ގެންދާނަން.

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވަންއޮތް ވާހަކައަކީ، ކަންބޮޑުވެ ނުލައްވާށޭ. އަޅުގަނޑުމެން ކުރާން ނިންމާފައިހުރި ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މި ސަރުކާރު ދެމި މިއޮންނަނީ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. ރައްޔަތުންނަށް ޚިދްމަތް ކޮށްދިނިމަށްޓަކައި. އިރާދަކުރެއްވިއްޔާ އެ ޚިދްމަތް އަޅުގަނޑުމެން އޭގެ ފުރިހަމަގޮތުގައި ތިޔަ ރައްޔިތުންނަށް ކޮށްދެވޭތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން. އަޅުގަނޑުމެންނަށް އެބަ ހަމަ ފެނޭ، މިއަދާހަމައަށް އައިއިރުގައިވެސް ސަރުކާރުން މިނިންމީ، މިދިޔަ އެއްއަހަރު ދުވަހުގެތެރޭގައި. އެއަހަރަކީ މިރާއްޖެ ދުށް އެންމެ ތަދު، އެންމެ ދަތި އަހަރު. މަސްވެރިކަން އެހާދަށް. ޓޫރިސްޓުންނެއް ނުވެއް އާދޭ. ލިބޭ ލާރި އެހާމަދު. ސަރުކާރުގެ ދަރަނި އެހާބޮޑު. ސަރުކާރު ހިންގުމާ އަޅުގަނޑުމެނަށް ޙަވާލުވެވުނުއިރު، ކުރީގެ ޚާއްޞަކޮށް، 2005 ވަނަ އަހަރާ، 2007 ވަނަ އަހަރާ އަދި 2008 ވަނަ އަހަރުވެސް ސަރުކާރުން، އޭރުގެ ސަރުކާރުން އޮތީ ވަރަށްބޮޑެތި ޚަރަދުތަކެއް ކޮށްފައި. މިސާލަކަށް، ތަކަނދޫ ބަނދަރަށް. ކުރާންޖެހޭ ހުރިހާ ޚަރަދުހެން، އޮތީ ކޮށްފައި. އޭގެ ބިލް އެކިއެކި ފަރާތްތަކުން ފޮނުވާންޖެހޭ ބިލްތައް ހުރީ ސަރުކާރަށް ފޮނުވާފައި.

ދެން ފުރަތަމަ އެބަ އަޅުގަނޑުމެން ހަމަ ސަރުކާރު ހިންގުމާ ޙަވާލުވީމާ، އަލަށް ކަމަކާ ޙަވާލުވީމާ، ބަލަންޖެހޭ މިންވަރަށް އެބަ ބަލަންޖެހޭ. ބިލެއް ފޮނުވާފައި އޮތިއްޔާ، އެއާގުޅޭ އޯޑަރެއްއޮތްތޯ، ވައުޗަރެއް އޮތްތޯ، އެއާގުޅޭ އެހެންއެއްވެސް ކަރުދާސްކޮޅެއް އޮތްތޯ އެބަ ބަލާންޖެހޭ. މީގެއިން އެއްވެސް އެއްޗެއްނެތް. ފެންނާން ހުންނަނީ ހަމަބިލު. ދެން ފެންނާން ހުންނަނީ ހޭދަކޮށްފައިހުރި ފައިސާ، ހޭދަކޮށްފައި ހުރިތަން. އެހެންވީމާ، އަޅުގަނޑުމެންނަށް މިއެންމެހާ ކަންކަން ހަމައަކަށް ގެނައުމަށް މިދިޔައަހަރުގެ ފުރަތަމަ ހަތަރު ފަސްމަހެއް ދިޔަ. ހަބޮޅު ކަންވާރަށްވުރެ ބޮޑަށް އޮޅިފައި ދައުލަތުގެ އެންމެހާ ކަންކަން އޮތީ. އެ ސާފުކުރާން ރަނގަޅު ހަތަރު ފަސް މަސް ދުވަސް އަޅުގަނޑުމެން ނެގި. އޭގެ ކޮޅެއް މެދެއް ފެނުނީމާ، ރަނގަޅަށް މިކަމުގައި އަޞްލުގައި މިއުޅެވެން ފެށުނީވެސް. އެހެންވީމާ، އަޅުގަނޑުމެން އެދުނު އަވަސްމިނެއްގައެއް، އަޅުގަނޑުމެން އެދުނު ބާރުމިނެއްގައެއް ކަންތައްތަކެއް ކުރިޔަކަށް ނުގެންދެވުނު. ބަޔަކުމީހުން ލަފާކޮށްފައި ތިބޭނީ، ހަވާލުވަނީ. ހިނގަމުންދާ ސަރުކާރަކާ ކަމަށް. ރަނގަޅުކަމެއްގެ ތެރެއަށް އަޅުގަނޑުމެންނަށް މިވަދެވެނީ. ދެން އެހެންނަމަވެސް އޭރުގައިވެސް އަޅުގަނޑުމެންނަށް އެނގޭ، މިކަންކަން އޮންނާނީ، ދާދި މިކަހަލަ ގޮތަކަށްކަން. އެހެންވީމާ، މިކަމުން އަޅުގަނޑުމެނަށް، ނެއްޓިގަންނަން އުނދަގޫވާނެކަން. އަޅުގަނޑުމެން އަމިއްލައަށް އިތުރު އުނދަގުލެއް އަޅުގަނޑުމެންގެ މައްޗަށްގެނައީ. އެއީ، ކަންކަން ކުރަމުން ގެންދާއިރުގައި ކުރީ ސަރުކާރުގައި އެ ތިއްބެވި ބޭފުޅުން މިސަރުކާގެ ނުވަތަ ސިވިލްސާރވިސްގެ މަޤާމްތަކުން އެއްފަހަރާ ދުރުކޮށްނުލާ، އަދި ކުރީ ސަރުކާރުގެ ހުރިހާ ކޮންޓްރެކްޓްތަކަށްވެސް ދައްކަންހުރި ފައިސާއެއް އަޅުގަނޑުމެން ދައްކައި، އަދި ކުރީ ސަރުކާރުގެ އެ ވެރިންގެގޮތުގައި ތިއްބެވި އެއްވެސް ބޭފުޅެއްގެ ގައިގައި އަތްނުލައި، ހިފައި ހައްޔަރުނުކޮށް، އަނިޔާއެއްނުކޮށް، އަޅުގަނޑުމެން މި ސަރުކާރު ހިންގަން ބޭނުންވީ.

ރާއްޖޭގައި މީގެކުރީގައި ސަރުކާރެއް ބަދަލުވީމާ، ކުރީ ސަރުކާރުގައި ތިބޭ އެންމެން ގެންގޮސް ގޮޅިގޮޅިއަށްލާނެ. އަނަދަގޮނޑި ޖަހާނެ، ބިޑި އަޅުވާނެ. ޗޭނުޖަހާނެ. އެމީހުންގެ މުޅިޙަޔާތް ހަލާކުކޮށްލާނެ. އަނބިދަރީން ވިއްސި ވިހާލިކޮށްލާނެ. އިބްރާހީމް ނާޞިރުގެ ވެރިކަމަށްފަހުގައި، ރާއްޖޭގައި ކަން ހިނގައި ދިޔަގޮތް، އަޅުގަނޑަށް ޔަޤީން މިތަނުގެ ގިނަ ބޭފުޅުންނަށް ސާފުވާނެ. އަޅުގަނޑުމެން ވެރިކަމަށްއައިސް، އެންމެ ބޭފުޅެއްގެ ގައިގައިވެސް އަތްނުލަން. އަޅުގަނޑު ހަމަ ޔަޤީން، ތިޔަބޭފުޅުންނަށް ސާފުވާނެ. އިބްރާހީމްނާޞިރުގެ ވެރިކަން ނިމުނުއިރު އެ ތިއްބެވި ވަޒީރުންނާ، ވެރިންނާ، ރައީސް މައުމޫނުގެ ވެރިކަން ނިމުނުއިރު އެ ތިއްބެވި ވަޒީރުންނާ ވެރިންނާ މާބޮޑު ތަފާތެއް ނުހުންނާނެ. އަދި ރާއްޖޭގެ ޢުޤޫބާތް، ޤާނޫނު ހަމަ އޮތީ 1950 ގައި އެޤާނޫނު ހިނގިގޮތަށް، އަދިވެސް. އެއްވެސް ހުރަހެއްނެތް، ސަރުކާރަކަށް ހުރިހާ ކުރީގެވެރިން ގެންގޮސް ހިފައި ހައްޔަރު ކުރާކަށް އެއްވެސް ހުރަހެއްނެތް. ހަމަ ހައްޔަރުކޮށްފައި އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް ކަންކަން ހިންގަމުން ގެންދެވުނީސް. އަދި މިއަދުވެސް ގެންދެވޭނެ. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ހިތުގައި އަޅުގަނޑަށް ޔަޤީން، އެއީއެއްނޫނޭ ތަކަންދޫ ރައްޔިތުން ބޭނުންވި ބަދަލަކީ. އަދި ރާއްޖޭގެ ރައްޔިތުންވެސް ބޭނުންވި ބަދަލަކީ ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީއެއް ހިންގާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބި، ރައްޔިތުންނަށް ފާޑުކިޔޭނެގޮތް އޮވެ، ރައްޔިތުންނަށް ބޭނުން އެއްޗެއް ބުނަމުން ވެރިކަން ހިންގޭނެގޮތެއް ހޯދުން. އަދި ވެރިކަމަކީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޙައްޤުކަމެއް ކަމާ، ކޮންމެ ރައްޔިތަކަށްވެސް ވެރިކަމަށް އައުމަށް، ވެރިކަމާއިގެން މަސައްކަތް ކުރުމުގެ ފުރްޞަތާ އިޚްތިޔާރު ލިބިފައިއޮތްކަން ސާފުކޮށް ފެންނަމުން، ދައްކަމުން، ރައްޔަތުންގެ ހިތްތަކުގައި އެކަން ޤަބޫލުކުރެވެމުން ގެންދެވޭނެގޮތަކަށް ވެރިކަންކުރުން،

އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ދަތި، ބުރަ، އުނދަގޫ އަޅުގަނޑުމެންނަށް ކުރުމޭ. މިދިޔަ އަހަރު އަޅުގަނޑުމެންނަށް ފެނުނީ، ސަރުކާރަށް ފެނުނީ މިވަގުތު، އެވަގުތު ރާއްޖެއަށް އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެސް ގޮތަކުން ރާއްޖޭގެ ރަށްރަށުގައި ފައިސާކޮޅެއް ބެހެއްޓޭނެ ގޮތެއް ހޯދުން. ކޮންމެ މަހަކުވެސް ކޮންމެސް އެއްޗެއް، ރަށްރަށަށް ފޮނުވައިގެން، އެރަށްރަށުގައި އެ ފައިސާ ދައުރުވާނެ ގޮތެއް ހޯދުން. އަޅުގަނޑުމެންނަށް ނިންމިފައިއޮތީ، އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ކޮންމެމީހަށް ޕެންޝަނެއް ދިނުމަކީ، މި ސަރުކާރުން ކުރަން ބޭނުންވާ ކަމެކޭ. އަޅުގަނޑުމެން އެ ވަޢުދު ވީއިރުގައި، އޭރު އެވަޢުދު ވެފައި އޮންނާނީ، ސަރުކާރު ހިންގުމާ ޙަވާލުވާތާ ތިންއަހަރު ދުވަހުގެތެރޭގައި އެކަންކުރާގޮތަށް. އެހެންނަމަވެސް، އަޅުގަނޑަށް ފެނުނީ، އަޅުގަނޑުމެންނަށް ސަރުކާރަށް ފެނުނީ، ރާއްޖެއަށްވެސް ދިމާވެފައިއޮތް ބޮޑުތަދާ. އަދި މުޅިދުނިޔެއަށް ދިމާވެފައި އޮތް ބޮޑުތަދާ އެކުގައި، ސަރުކާރުން ދެވެންއޮތް އެއްޗެއް ރައްޔިތުންގެ ޖީބަށް އެވަގުތު ދިނުން މާމުހިންމުކަމަށް، ދެން އެހެންހުރި ބައެއް ކޮންކްރީޓްގެ މަސައްކަތް ހިންގުމަށްވުރެ، މިރަށަށްވެސް އަޅުގަނޑަށް ލަފާކުރެވޭގޮތަގައި 50 ހަކަށް މީހުންނަށް ކޮންމެމަހަކު 2000 ރުފިޔާ ލިބޭތާ މިހާރު އަހަރެއް ވެދާނެ. އެހެންވީމާ، އެފައިސާ ރަށުގައި ދައުރުވާނެ. އެހެންވީމާ، އޭގެ ސަބަބުން ރަށު ރައްޔިތުންނަށް، ހުރިހާ ރައްޔިތުންނަށްވެސް ކޮންމެސް ލުޔެއް ލިބިފައިވާނެ.

އަޅުގަނޑުމެން މިހާރު އަލަށް ސަރުކާރުން ހުށަހަޅާފައިމިވާ ބަޖެޓުގައިވެސް 1.3 ބިލިޔަން ރުފިޔާ ކަނޑައަޅާފައި އޮންނާނީ، ސީދާ ސަބްސިޑީގެ ގޮތުގައި ރައްޔިތުމީހާއަށް އެއްޗެއް ދިނުމަށް. އެއް އުޞޫލަކީ، އެއްގޮތަކުން ކަންކުރަމުންއައި ގޮތަކީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ސަރުކާރުން ފައިސާދިނުން. ދީފައި ތަކެތީގެއަގު ނުވަތަ ކަރަންޓުގެއަގު ނުވަތަ އެހެންވެސް އެއްޗެއްގެ އަގު ދަށްކޮށްފައި ބެހެއްޓުން. ސަރުކާރަށް ފެނުނީ އެއީ، އެންމެ އިންސާފުވެރިގޮތް ނޫންކަމަށް. ކުންފުނިތަކަށް ސަރުކާރުން ފައިސާ ދިނީމާ، އެއިރުން އެންމެ ނިކަމެތި މީހާއަށްވެސް އަދި ތަނަވަސް މީހާއަށްވެސް މި ސަރުކާރުން ދެވޭއެއްޗެއް މިދެވެނީ އެއް ހަމައެއްގައޭ. އެއް މިނެއްގައޭ. އެގޮތަށް އެކަން ނުގެންދިއުމަށްޓަކާ މިސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ، ނިކަމެތި ފަޤީރު މީހާއަށް ސަރުކާރުން ސީދާގޮތުގައި އެއްޗެއް ދިނުން.

އަޅުގަނޑުމެންނަށް ސާފުވަނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ ހަހާސް މީހުންނަކީ، ފަޤީރުން. މަހެއްގެ މައްޗަށް 600 ރުފިޔާ ނުލިބޭ މީހުން. އަޅުގަނޑަށް ޔަޤީން، ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިލައްވާނެ، މަހެއްގެމައްޗަށް 600 ރުފިޔާ ލިބިގެން، ކައިބޮއި އުޅެ، އަންނައުނުގަނެ، ދަރިންނަށް ކިޔަވައިދީ، ބޭހަށް ފަރުވާ ހޯދައި، ބޯހިޔާވަހިކަމެއް ހޯދަން، އުޅެވޭނެ ހަމައެއްގޮތެއްވެސް ނޯންނާނެ. އެހެންވީމާ، ސަރުކާރުގެ އަމާޒަކީ، މި ނިކަމެތީންނަށް ސީދާގޮތުގައި ކޮންމެވެސް އެއްޗެއް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުން. "މަދަނަ"އިގެ ނަމުގައި ނުވަތަ ހެލްތް އިންޝުއަރެންސްގެ އުޞޫލުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނޭ އިންތިޒާމެއް، ނިޒާމެއް މިދިޔައަހަރުގެ މެދެއްހާ ތަނުގައި ސަރުކާރުން ފަށައިގަތް، މިހާރު އެ ޕްރޮގްރާމްގައި ބައިވެރިވެ، 50 ހާސް ރައްޔިތުން އެބަތިބި. މި 50 ހާސް މީހުނަށް ކޮންމެ އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ސަރުކާރުން ކޮށްދޭނެ. އެ އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރުމަށް ރައްޔިތުމީހާ ދައްކާން މިޖެހެނީ މަހެއްގެމައްޗަށް 82 ރުފިޔާ. އެ 82 ރުފިޔާ ނުދެއްކޭ މީހާގެ 82 ރުފިޔާ ސަރުކާރުން ދައްކައިދޭނެ. ސަރުކާރުން އެދެނީ، ވީހާވެސް ގިނަ ރައްޔިތުންނެއް މިދަންނަވާ ހިލޭ ބޭސްފަރުވާ ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެލެއްވުން. އޭރުން ބޭސް ސިޓީއަށް ސަލާންޖަހާކަށެއް ނުޖެހޭނެ. އޭރުން ބަލިވާ ކޮންމެފަހަރަކު އެއްކޮށްފައި ފޮރުވާފައިހުރި ހުރިހާ ފައިސާ ހޭދަކޮށް، ތިމާ ނިކަމެތިވެ، ބިކަޙާލުގައި ޖެހޭކަށެއް ނުޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް މިހާރު ދަނީ ކުރިޔަށް. އެކަން މިހާރުދަނީ ހިނގަމުން. ތިޔަބޭފުޅުންނަށް އޭގެ ފައިދާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ބައެއްބޭފުޅުންނަށް މިހާރު އޭގެ ކޮންމެވެސްވަރެއްގެ އިޙްސާސެއް، ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފައިވާނެ. އަދި ކުރިޔަށް އޮތްތަނުގައި ތިޔަބޭފުޅުންނަށް އެޕްރޮގްރާމްގައި ބައިވެރިވެލައްވައިގެން، ބޮޑު ފައިދާ ލިބޭނޭކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުމެން ބޭނުން، ކަރަންޓުބިލް ނުދެއްކޭ ޢާއިލާތކަށް ކަރަންޓުބިލް ދެއްކުމުގައި ސަރުކާރުން އެހީތެރިވެދޭން. ސަރުކާރުން ބޭނުން، މިރަށަށް ފެންދެވުނީމާ، ފެންބިލް ނުދެއްކޭ މީހުންގެ ފެންބިލުގައިވެސް އެހީތެރިވެދިނުމަށް. ސަރުކާރުން ބޭނުންވަނީ ސީދާ ރައްޔިތުމީހާއަށް އެހީތެރިވެދިނުން. ސަރުކާރުން އެދެނީކީއެއް ކުންފުނިތަކަށް އެހީތެރިވާކަށެއްނޫން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަސައްކަތްތައް އަޅުގަނޑުމެން މިއެދޭ، މަސައްކަތްތައް އަޅުގަނޑުމެން މިއުންމީދުކުރާ ގޮތަށް ކުރިޔައްގެންދެވޭނެ ކަމާގުޅޭގޮތުން މިއަދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން. އަޅުގަނޑު މިއަދު މިހުރީ މީގެކުރީގައި އަޅުގަނޑު ތަކަންދޫއަށް އައި ދުވަހަށްވުރެ މާބޮޑު އުންމީދެއްގައި، މާބޮޑު އިތުބާރެއްގައި. ސަރުކާރަށް ހޯދޭ އެބަ ގޮތްތައް، އެކިއެކި ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ. ސަރުކާރުގެ ބަޖެޓުގެ ބުރަ އޭގައި ނުހިމަނާ. ސަރުކާރަށް އެބަ ހޯދޭ، އަޅުގަނޑުމެން އަމިއްލަ ވިޔަފާރިވެރިންނާ، އަމިއްލަ ފަރާތްތަކާ އެކުގައި ގުޅިގެން، ހިންގާ މަޝްރޫޢުތައް ހިންގީމާ ސަރުކާރަށްވެސް ލުއިކޮށް، މިކަންކަން ކުރެވޭނޭ އުޞޫލުތައް ސަރުކާރަށް އެބަހޯދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިދެންނެވި އުޞޫލުތަކުގައި ގޮސް ކާމިޔާބު ލިބޭނެ.

އަޅުގަނޑުގެ އުންމީދަކި، އަޅުގަނޑުގެ ދުޢާއަކީ، މި ތަކަންދޫއަށް މިއަދަށްވުރެން އަދި މާ ފާގަތި މާދަމައެއް ލިބުން. އެކަމަށްޓަކައި އަޅުގަނޑުމެން ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢު އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެމަސްދުވަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ. އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މިއަތޮޅުގެ ހުރިހާރަށެއް ގުޅާލުން. ތަކަންދޫ މީހުންނަށްވެސް ކޮންމެދުވަހަކުމެ ދިއްދޫއަށްވެސް، އިހަވަންދޫއަށްވެސް. ހޯރަފުށްޓަށްވެސް އަދި ކެލަޔަށް، ބާރަށަށްވެސް، ކުޅުދުއްފުށްޓަކަސް ހަނިމާދޫއަކަސް އަދި ފޮނަދޫއަކަސް ކޮންމެދުވަހަކުމެ ދެވި، ހަމައެދުވަހުމެ އެނބުރި އާދެވޭނޭ ދަތުރުފަތުރުކުމުގެ ނިޒާމެއް ޤާއިމުކުރެވުނީމާ ތަކަންދޫއަކީ ހަމައެކަނި މިރަށުގެ ގޮނޑުދޮށާ ހިސާބުން ނިމޭ ތަނަކަށެއް އޭރުން ނުވާނެ. ތަކަންދޫގެ ރައްޔިތުންނަށް އެއޮތީ ހަމަ ދަތުރުކުރެވޭ ހުރިހާ ހިސާބެއް އެމީހުންގެ ތަރައްޤީއަށް ޚިދްމަތް ހޯދުމަށް، އެމީހުންގެ ތަރައްޤީއަށް ޚިދްމަތް ވިއްކުމަށް އޮތްހާ ޖާގަ.

އެހެންވީމާ، އަޅުގަނޑުދެކެނީ، އަޅުގަނޑު އުންމީދުކުރަނީ، ދާދި އަވަހަށް ވިޔަފާރީގެ ފުރްޞަތުތައްވެސް މިދަންނަވާ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފަހިވެގެން ދާނެއޭ. ވަޒީފާގެ ފުރްޞަތުތައްވެސް، ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރެއިން ފަހިވެގެންދާނެއޭ. ބޭސްފަރުވާއާއި އަދި ތަޢްލީމުގެ ޚިދްމަތްވެސް އަތްފޯރާ ހިސާބުގައި އެ ރައްޔިތަކު ބޭނުންވާ މިންވަރަކަށް ލިބެން ހުންނާނެއޭ. މާރަންދޫ ރައްޔަތުންނަށްވެސް މިރަށު މަދަރުސާގައި ކުދިން ކިޔަވަން ބައިތިއްބައިގެން ހަމަ އަނެއްދުވަހު މާރަންދޫއަށް ގެންދެވޭނެގޮތްވެސް އިރާދަކުރެއްވިއްޔާވާނެ. އަދި ހަމަ ދިއްދޫ ރައްޔިތުންނަށްވެސް ތަކަންދޫއަށް ކޮންމެދުވަހަކުއައިސް ކަމެއްކުރާން ބޭނުމިއްޔާ ހަމައެކަން ކޮށްފައި، ދިއްދޫ މީހުންނަށްވެސް އަނބުރާ ދިއްދޫއަށް ދެވޭނެއޭ. އަޅުގަނޑު އުންމީދުކުރަން، މާލޭ މީހުންނަށްވެސް ފަސޭހަކަމާއެކީގައި ތަކަންދޫއަށް އައިސް ހަމަ އުޅެ، ފަސޭހަކަމާއެކީގައި ތަކަންދޫން މާލެ ދެވޭނެ ގޮތްގޮތް އެދަތުރު ހަމަޖެހުނީމާ އެތައްބަޔަކު އެތައްތަނަކަށް އެތައް ކަމަކު ދާންފަށާނެއޭ. ވިޔަފާރި ހިނގައިގަންނާނެއޭ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ، ހަޤީޤީ ތަރައްޤީ ލިބިގެން ދާނެއޭ.

އަޅުގަނޑުގެ ދުޢާއަކީ، ތަކަންދޫއަށް ފާގަތި މުސްތަޤްބަލެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

وَالْحمد للـه. الســّلام عليــكم. ވަރަށްބޮޑަށް ޝުކްރިއްޔާ!