بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ޙިކްމަތްތެރި، ވިސްނުންތެރި، ކެތްތެރި، ހީވާގި މަސްވެރިން. ދިވެހިރާއްޖޭގެ، ދިވެހި ދައުލަތުގެ މަސްވެރިކަމާގުޅޭ ވަޒީރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އިހަވަންދޫގެ އެންމެހާ އެކުވެރި ރައްޔިތުން އަދި ދުރާއި ގާތުން މިޖަލްސާ ބައްލަވަމުން ގެންދަވާ އެންމެހާ ދިވެހި ރައްޔިތުން.

السّـلام عليـكم

ވޭތުވެމިދިޔަ އަހަރަކީ ރާއްޖޭގެ މަސްވެރިކަމަށްވެސް އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް މިއިން ޒަމާނަކު ނާންނަ ފަދަ ބޮޑު ތަދެއްގެ އަހަރެއް. މަސްވެރިން ބާނާ މަސް، އަހަރުން އަހަރަށް މަދުވަމުން އަންނަތާ މިހާރު މިވަނީ ހަތަރު ފަސް އަހަރު. މިދިޔަ އަހަރު ޚާއްޞަ ގޮތެއްގައި ވެގެންދިޔައީ، މިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ އަހަރަކަށް. މަސްވެރިކަމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތެއް ކަމަށްވާ ތެލުގެ އަގު، ދުނިޔޭގެ ބާޒާރުގައި 2008ވަނަ އަހަރު އަރައިގެން ދިޔައީ، ދުވަހަކުވެސް ދުނިޔެ ނުދެކޭ މިންވަރަށް. އޭގެ އަސަރު ދިވެހި މަސްވެރިންނަށް، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރީ ނުހަނު ބޮޑަށް. އަޅުގަނޑުމެންނަށް އެ ވަޅުގަނޑުން އަރައިގަތުމަށް މިއަދު މިވަނީ ނުހަނު ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައި. އަޅުގަނޑު ރާއްޖޭގެ މަސްވެރިންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުގެ ވިސްނުމެއް އެބައޮތް. މި ސަރުކާރުގެ ރޭވުމެއް އެބައޮތް. އަޅުގަނޑުމެންނަށް މިދެންނެވި ފުން ވަޅުގަނޑުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ. އަޅުގަނޑުމެންނަށް ކަނޑުގެ ރޯދިން އަނެއްކާވެސް އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތު ކުރަމުން އިރާދަކުރެއްވިއްޔާ ގެންދެވޭނެ.

ރާއްޖޭގައި ކަނޑުން ލިބޭ ރޯދިން ދިވެހި ރައްޔިތުން ދިރިއުޅެމުން އަންނަތާ މި ރާއްޖެއަށް ވީހާ ޒަމާނެއްވެއްޖެ. އެ ދިގު ޒަމާނުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތާއި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު، އެކިގޮތްގޮތަށް އެކިދުވަސްވަރު ބަދަލުވަމުން ހިނގައްޖެ. 1960ގެ ދުވަސްވަރުއްސުރެ ފެށިގެން ބަދަލުވަމުން އައީ، އަޅުގަނޑުމެން މިއަދު މިދެކޭ އިންޑަސްޓްރިއަލް މަސްވެރިކަމަށް ނުވަތަ ޞިނާޢީ މަސްވެރިކަމަށް. މިއަދު އަޅުގަނޑުމެންނަށް ފެންނަ ބޮޑެތި އޮޑިފަހަރަކީ އެހެން ޤައުމެއްގައިނަމަ ފެކްޓަރީއެއްގެ ގޮތުގައި ދެކޭނޭ ތަކެތި. އެހާމެ ބޮޑު، އެހާމެ ގިނަ މީހުން އޭގައި މަސައްކަތް ކުރާންޖެހޭ. އެހާމެ ބޮޑެތި ޚަރަދު އެ މަސައްކަތަށް ހޭދަކުރާންޖެހޭ.

ދޯނިފަހަރު ބޮޑުވެގެން ދިޔުމުން ރާއްޖޭގައި މަހަށް ފުރުން ދެކޮޅުޖެހޭ ހަރަކާތަކަށް މިވަނީ ވަރަށްގިނަ އަދަދެއްގެ މަސް ބޭނީމާ. ދޯނިފަހަރުގެ ތެޔޮ އަންދާ މިންވަރު ބޮޑުވުމާ ގުޅިގެން އެތައް ގުނައަކުން، އެތައް ތަނަކުން އިތުރުވެގެން ހިނގައްޖެ. އަދި ހަމައެހެންމެ، އެދޯނިތަކާގުޅޭ، އެދޯނިފަހަރާގުޅޭ އެންމެހާ ޚަރަދުވެސް އިތުރުވެގެން ހިނގައްޖެ. މިއަދު ދެކޮޅުޖެހޭ ގޮތަކަށް މަހަށް ފުރެން އަންނަނީ ގިނަ މަސްވެރިން ބުނާގޮތުގައި ހަތަރު ފަސް ޓަނު މަސް ބޭނޭ ކަމަށްވަންޏާ. އެ އަދަދަށް މަސްވެރިކަން ނެތިއްޔާ އަޅުގަނޑުމެން މަހަށް ނުފުރަނީ. ދެން ދިމާވާ ނަތީޖާއަކީ، ފެންނަ މަންޒަރަކީ، މަހަށްދާ ދުވަހުގެ އަދަދު ދުވަހުން ދުވަހަށް ދަށްވަމުންދާތަން. މަހަށް މިފުރަނީ މިދަންނަވާހެން ވަރަށްގިނަ މަސް ބޭނޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް ލިބުނީމާ. އެހެންނޫނިއްޔާ މަހަށް ފުރައިގެން އެދުވަހުގެ ޚަރަދު މަސްވެރިޔާއަށް، އޮޑިވެރިޔާއަށް ދެކޮޅު ޖެއްސޭކަން ނޯވޭ. އެހެންވީމާ، މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ތަފާސް ހިސާބުން ފެންނަމުން އައީ، އަޅުގަނޑުމެން ރާއްޖޭގައި ދޯނިފަހަރު މަހަށްފުރާ އަދަދު އަހަރަކުން އަހަރެއް ދަށްވަމުން އަންނަ ތަން. އަޅުގަނޑުމެންނަށް މަސްވެރިކަމުގައި ދިމާވެފައިހުރި މައްސަލަތައް ނުހަނު ގިނަ. މަސްވެރިކަމާ ގުޅޭގޮތުން އެއިން ފައިދާއެއް ހޯދުމަށް ކުރަންޖެހޭ ޚަރަދު އެހާމެ ބޮޑުވެއްޖެ. ބޮޑުވީމާ ދެން އެ މަހުން ނެރެންޖެހޭ ފައިދާ މިހާރަށްވުރެ ރަނގަޅު ކޮށްގެން ނޫނީއްޔާ އަޅުގަނޑުމެންނަށް މަސްވެރިކަމުގައި ދެކޮޅުޖެހޭތަނެއް ނުގެނެވޭނެ.

ކަނޑުމަސް މަދުވަމުންދާކަމަށް އަޅުގަނޑުމެންނަށް އެކިއެކި ގޮތްގޮތުން އަޑުއިވެމުންއާދޭ. ބައެއް ބޭފުޅުން އަޅުގަނޑަށް މަޢްލޫމާތު އަރުވާ، މަދުވަމުން އަންނަނީ ބައެއް ބާވަތުގެ މަހޭ. އަނެއްބާވަތުގެ މަސް މަދުވަމުން އަންނަ ކަމަކަށް ކޮންމެހެނެއް ފާހަގައެއް ނުކުރެވެއޭ. އަޅުގަނޑުމެން މި ޒަމާނުއްސުރެ ފަށައިގެން މަސްބާނަމުން އައިގޮތަށް ނުވަތަ މިހާރު މަސްވެރިކަން ކުރަމުން މިއަންނަ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފަށައިގެން ކަނޑުން މި ހޯދަމުން އައި ރޯދި، އޭގެ ނަފާ އަޅުގަނޑުމެންނަށް ލިބުން، ހޯދުން، ލިބިގަތުން ދަތިވާނެ. މާކަނޑަށް ނުކުމެ ބާނާ މަސްކޮޅު މަދުވީމާ، އޭގެން ލިބޭ އާމްދަނީ އެތައް ތަނަކުން އެބަ ދަށްވޭ. އެ އާމްދަނީ ދަށްވާ މިންވަރު ފޫބެއްދުމަށް ކަނޑުން އެހެން ވަސީލަތްތައް ހޯދުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެންނާ މިއަދު ކުރިމަތިވެފައިވާ އެންމެ މުހިންމު އެއް އަމާޒު. ކަޅުބިލަމަހުގެ މަސްވެރިކަމުން މަސްވެރިކަން ދަށްވެ، އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އެހެން ބާވަތް ބާވަތުގެ މަސްވެރިކަމާ ގުޅޭ ނުވަތަ ކަނޑާގުޅޭ ވިޔަފާރި ކުރިއެރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖޭގެ ޤުދްރަތީ މުއްސަދިކަން މިއަށްވުރެ ފުރިހަމައަށް ބޭނުންކުރެވިދާނެ ކަމާގުޅޭ ގޮތުން އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންނަށް އެކި ބާވަތް ބާވަތުގެ ކަނޑުގެ އުފެއްދުންތައް އުފެއްދޭން އެބަހުރި. އެކުއަރކަލްޗަރގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަމިވާ ކަނޑުގެ މުއްސަނދިކަން އިތުރަށް ތަރައްޤީކޮށް އެ މުއްސަނދިކަމުގެ ފައިދާ އިތުރަށް އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންނަށް ވާޖިބުވެފައިވާ ކަމެއް. މިއަދު އަޅުގަނޑުމެންނަށް އެމަގަށް ވިސްނަން މަޖުބޫރުވެފައިވާ ކަމެއް.

އަޅުގަނޑު އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ މަސްވެރިކަން ތަރައްޤީ ކުރުމުގައި ދެން ހަމައެކަނި ކަނޑުގެ މަސްވެރިކަން ތަރައްޤީ ކުރަން މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަކަށް ދެކޮޅެއް ޖެއްސޭނެ ކަމަކަށް މިހާރު އަޅުގަނޑުމެންނަކަށް ނުފެނެއޭ. އަޅުގަނޑުމެން އެބަޖެހޭ، ކަނޑުން އެހެން ބާވަތް ބާވަތުގެ ފައިދާ ނަގަން. އެ ފައިދާ ހޯދުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓާއި، އެފައިދާ ހޯދުމަށްޓަކައި ބޭނުންވާ މަޢްލޫމާތާއި، އެމަސައްކަތްތައް ފަށައިގަންނަން ބޭނުންވާ ރޭވުންތައް އަޅުގަނޑުމެން ރާވައިގެން ކުރިއަށް ގެންދަން އެބަޖެހޭ.

މިރޭވުންތައް އަޅުގަނޑުމެން ރާވާއިރުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މައްޗަށް ބަރޯސާކޮށްގެން މިކަންކަން ވެދާނެ ކަމަކަށް އަޅުގަނޑުމެންނެއް ފުރިހަމައަކަށް ޤަބޫލެއް ނުކުރަން. ސަރުކާރު ޙިއްސާވާ ގިނަ ކުންފުނިތައްވަނީ ވަރަށްބޮޑަށް ދަރަނިވެރިވެފައި. ސަރުކާރު ޙިއްސާވާ މަސްވެރިކަމުގެ ކުންފުނިތައްވެސް ހުރީ ވަރަށްބޮޑަށް ދަރަނިވެރިވެފައި. އެކުންފުނިތަކަށް އެކުންފުނިތަކުގެ ދަރަނިން އަރައިގަނެވި އަލުން އަނބުރާ ވިޔަފާރިއަށް ނުކުތުމަށް އެތައްގުނަ ކިތަންމެ ބަދަލެއް އެކުންފުނިތަކުގެ ހިންގުމަށް އެބަ ގެންނަން ޖެހޭ. އެބަދަލުތައް ހިތްވަރާއެކީގައި ގެނެސްގެން މެނުވީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކަކަށްވެސް މިހާރު މިއޮތް އިޤްތިޞާދީ ވަޅުގަނޑުން އަރައެއްނުގަނެވޭނެ. އަޅުގަނޑު ދަންނަވާނީ ސަރުކާރު ޙިއްޞާވާ ކުންފުނިތައް އެކަންޏެއް ނޫނޭ، އަމިއްލަ ކުންފުނިތައްވެސް ޚާއްޞަކޮށް މަސްވެރިކަމާގުޅޭ އަމިއްލަ ކުންފުނިތަކަށްވެސް ހިންދަމާލެވި ވިޔަފާރީގައި ރަނގަޅަށް ޙަރަކާތްތެރިވެވޭނީ، އެކުންފުނިތަކުގެވެސް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެން. އެކުންފުނިތައްވެސް ފައިދާވާ މަގަށް އެނބުރިގެން. އަޅުގަނޑު ޔަޤީންކުރަނީ ވިޔަފާރީގެ ފުރުސަތު ސަރުކާރުން ހުޅުވާލުމުން އެކުންފުނިތަކަށްވެސް އަމިއްލަ ކުންފުނިތަކަށްވެސް މިދަންނަވާ އާ ވިސްނުމުގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ލިބިގެންދާނެއޭ.

ސަރުކާރުގެ ވާޖިބެއް އެއީ، ރާއްޖޭގެ މުއްސަނދިކަމުން ލިބޭ ފައިދާ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން. އެފައިދާ ނެގުމަށްޓަކައި ހަވާލުކުރާނީ ވަކި ސަރުކާރު ކުންފުންޏެކޭ ބުނެ ހަމައެކަނި އެކުންފުނީގެ މައްޗަށް ބަރޯސާވެތިބެ، ރާއްޖޭގެ ރައްޔިތުންނަށް ކަނޑުގެ ރޯދިން ފައިދާ ނުލިބޭކަމަށް ވަނީވިއްޔާ އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުގެ ވާޖިބު އަދާނުކުރެވުނީ. ސަރުކާރުން ގަސްދުކުރަނީ މަސްވެރިކަމަށް އަދި ޚާއްޞަކޮށް އެކުއަރކަލްޗަރގެ މަސްވެރިކަމަށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖެ ހުޅުވާލުމަށް. ބޭރުގެ ޓެކްނޯލޮޖީ ރާއްޖެއަށް ގެނެވޭނެ މަގުތައް ފަހިކުރަން. މިގޮތުން، ސަރުކާރުން ގަސްދުކުރަނީ މިއަންނަ އަހަރު ޑިސެމްބަރ 10ވަނަ ދުވަހު މިރާއްޖޭގައި ބައިނަލްއަޤްވާމީ ސީފުޑް އެގްޒިބިޝަނެއް ބޭއްވުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ.

އަޅުގަނޑުމެން އެންމެންނަށްވެސް މިއަދާ ހަމައަށް އާދެވުނިއިރު ވަރަށް ސާފުކޮށް އެނގެމުން އައީ، އަޅުގަނޑުމެންގެ ކުޅިތަކާ އަޅުގަނޑުމެންގެ ހާ ތަކާ އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުން މިއަދު މިނަގާ ފައިދާއަށްވުރެ ބޮޑު ފައިދާއެއް އަޅުގަނޑުމެންނަށް ނެގިދާނެކަން. ދުނިޔޭގެ އެތައް މިތަނުގައި މިމަސައްކަތް އަދި މިދެންނެވި ޤުދްރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ރައްޔިތުންނާއި ޤައުމުތައް އަންނަނީ ފައިދާ ހޯދަމުން. އަޅުގަނޑުމެންނަށް އެތަޖުރިބާގައި ފިލާވަޅު ނުހޯދޭންވީ އެއްވެސް ސަބަބެއް ނެތް. ދިވެހިރާއްޖެއަކީ ކުޅަދާނަ ރައްޔިތެއް އުޅޭ ޤައުމެއް. ރާއްޖޭގެ ރައްޔިތުން އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވެގަންނާން އަވަސްވެފައި ފަރިތަ. މަސްވެރިކަމުގެ އެކިއެކި ގޮތްތަކަށް ދިވެހި މަސްވެރިން ބަދަލުވެގަތީ ވަރަށް ބާރަށް. އަޅުގަނޑު ދެކޭގޮތުގައި މިހާރު މިވާންޖެހޭ ބަދަލު، މިގެންނާންޖެހޭ ބަދަލު ދިވެހި މަސްވެރިން ހަމަ އެހާމެ ހީވާގިކަމާއެކީ ގެންނާނެ.

ސަރުކާރަކުން ކަޅުބިލަމަހުގެ މަސްވެރިކަމަށް އަހަންމިއްޔަތުކަން ދިނުން ކުޑަ ޒައްރެއްގެ މިންވަރަކަށްވެސް މަދެއް ނުކުރާނެ. ކުޑައެއް ނުކުރާނެ. ސަރުކާރަށް ވިސްނޭ، ކަޅުބިލަމަހުގެ މަސްވެރިކަމުގެ ކެޔޮޅުންނަށް ދިމާވެފައިހުރި ދަތިތައް. ޚާއްޞަ ގޮތެއްގައި ދެންމެ ވަރަށް ޞަރީޙަ ޢިބާރާތުން ކެޔޮޅަކު މިތަނުގައި ފާހަގަކޮށްދެއްވައިފި. އެއީ، އެކެޔޮޅުގެ އުންމީދަކީ. ކެޔޮޅަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރުގެވެސް އުންމީދު. އަޅުގަނޑުމެންގެ އަމާޒަކީ، އެކެޔޮޅު މީހާގެ އަމާޒު. އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އެކެޔޮޅުމީހާ އެބުނި ކަންކަން ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކުރުމަށްޓަކައި. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ އެ ފާހަގަކުރި ހުރިހާ ނުކުތާއެއް އިހަވަންދޫއަށް އެކަންޏެއްނޫން، އަޅުގަނޑުމެންނަށް ވީ މިންވަރަކުން ރާއްޖޭގެ ގިނަ ރަށްތަކަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުޖައްސާ ނުލާނަން. އަޅުގަނޑު ޚާއްޞަކޮށް އިހަވަންދޫ ރައްޔިތުންނަށް އެތަޞައްވުރު އެއީ ޙަޤީޤަތަކަށް ހަދާދިނުމަށް މި ސަރުކާރު ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވަން.

އަޅުގަނޑުމެންނަށް ސާފު، މަސްވެރިންނަށް ދިމާވެފައި ހުރި ދަތިތަކުގެ ތެރޭގައި ލޯނުގެ ދަތިކަން އެއީ، ވަރަށްބޮޑު ދައްޗެއްގެ ގޮތުގައި ކުރިމަތިވޭ. ރަނގަޅު މަސްވެރި ރަށެއްގައި މިހާރުވެސް ބަންނަމުން ގެންދާނެ ހަތަރު ފަސް އޮޑި. އިހަވަންދޫ ފަދަ ރަށެއްގައި އެއަދަދު ދިހަވަރަކަށް އޮޑިއަށްވެސް އަރާފައި ހުރެދާނެ. ޚާއްޞަކޮށް ސުނާމީއަށްފަހުގައި ވަރަށްގިނަ މަސްވެރިން އުންމީދުކޮށް ނިންމި ދޯނިފަހަރު ބަދަލުކުރަން. އާދޯނި ފަހަރައިގެން އަނެއްކާވެސް ފަށައިގަންނަން. އެމަސައްކަތްތައް ފަށައިގަނެ އެދޯނިފަހަރު ބަނުމުގެ މަސައްކަތުގައި އޮޑިވެރިންވެސް އަދި އެންމެހާ ރައްޔިތުން އުންމީދުގައި ވަނިކޮށް ދުނިޔެއާއި ދިމާވި އިޤްތިޞާދީ ހީނަރުކަން.
އެހީނަރު ކަމުގައި އަޅުގަނޑުމެން ފަށާފައިމިވާ ހުރިހާ މަސައްކަތްތައް ހުއްޓިގެންދިޔަތަން ފެނުނީ. މިރަށުގައިވެސް އަދި ހުވަދުއަތޮޅުގެ މަސްވެރިންނަށްވެސް އެހެންނޫނީ މެދުރާއްޖެތެރޭގެ މަސްވެރިންނަށްވެސް ދިމާވެގެން އުޅޭ އެންމެބޮޑު އެއް މައްސަލައަކީ، އެ މަސްވެރިން ބަންނަން ފަށާފައިވާ ދޯނިފަހަރު ބަދެނިމި އެދޯނިފަހަރު ބޭލޭގޮތް ނުވުން. އަދި މަރާމާތަށް އެރުވި ދޯނިފަހަރުވެސް މަރާމާތު ކޮށްގެން ބޭލޭގޮތް ނުވުން. މިމަސައްކަތްތަކަށް ބޭނުންވާ ލޯނުފައިސާ ލިބޭނޭ މަގު ފަހިވެފައި ނެތުން.

ބޭންކްތަކަށް ދިމާވި މައްސަލަތަކުގައި ހުރީ ހަމައެކަނި ބައިނަލްއަޤްވާމީ އިޤްތިޞާދީ ދަތިކަމުގެ މައްސަލައެއް ނޫން. ރާއްޖޭގައި ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސުން ވަރަށް މަދު ބަޔަކަށް ވަރަށްގިނަ އަދަދެއްގެ ފައިސާ، ލޯނުގެ ގޮތުގައި ދެއްވީތީވެ އަދި އެފައިސާ ހަމައަށް ބޭންކަށް އަނބުރާ ނުލިބޭތީވެ ބޭންކްގެ ވިޔަފާރިއަށް މިވަނީ ހުއްޓުން އައިސްފައި. ދޯނިފަހަރު ބަންނަ މީހާއަށް އޭނާއަށް ދޭންވާ ލޯނު ބޭންކަށް މި އޮންނަނީ ނުދެވިފައި. އެއީ، ހަމައެކަނި އޭނާގެ ވިޔަފާރި ނުވަތަ ދޯންޏެއް ބަނުމުގެ ވިޔަފާރި އެއީ، ދެކޮޅު ނުޖެހޭ ވިޔަފާރިއެއްގެ ގޮތުގައި ބޭންކް ދެކޭތީއެއްނޫން. އެއީ، ބޭންކްގައި އެ ވިޔަފާރިއަށް ދޭނެ ފައިސާ ނެތުނީ، އެހެން ވިޔަފާރިއަކަށް ނެގި ފައިސާ އެމީހާ ނަގާފައި އަލުން އަނބުރާ ބޭންކަށް ނުދެއްކީމާ. ބޭންކަށް އެފައިސާ ބާރަށް ހޯދަން ނޫޅެވުނީތީވެ. ރާއްޖޭގެ ޤާނޫނުތަކާއި ރާއްޖޭގެ ޢާންމު އުޞޫލުތަކާއި އަދި އަޅުގަނޑުމެންނަށް ދިމާވެފައިމިވާ އެތައް އެތައް ކަމެއްގެ ސަބަބުން އެފައިސާ އަނބުރާ ބޭންކަށް ނުގެނެވުނީމަ. އެތައްއެތައް ބިލިޔަން ރުފިޔާއެއް ބޭންކަށް ނުވަދެ ހުރީތީވެ އެހުރިހާ ބިލިޔަން ރުފިޔާ މަސްވެރިންގެ އަތްމައްޗަށް ބެހިގެން ނުދިޔައިމާ އެކަމާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމާ އަދި ރާއްޖޭގެ ވިޔަފާރިއަށް މިއޮތީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފައި. ސަރުކާރުން މިދަނީ ބޭންކްގެ ޙާލަތު ރަނގަޅު ކުރަން ހުރި ފިޔަވަޅުތައް އަޅަމުން. ސަރުކާރަކަށް މާދަމާ ބޭންކްގެ އެންމެހާ ކަންކަން ރަނގަޅު ކޮށްދެވޭނެ ކަމަކަށް ދެންނެވޭކަށެއް ނެތް. އެހެންނަމަވެސް ލަސްތަކެއްނުވެ ސަރުކާރުން މިގެންދަނީ މަސްވެރިންގެ ލޯނުތައް ޚާއްޞަ ގޮތެއްގައި ބަލާ، އެލޯނުތަކަށް ލުޔެއް ހޯދޭނެގޮތެއް ހަމަޖައްސަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަން ފުރިހަމަވެގެންދާނެ. މަސްވެރިންގެ ލޯނުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުންހިންގަންޖެހޭ މަސައްކަތްތައް އެހާމެ ދަށް. ސަރުކާރަށް އާމްދަނީއެއްގެ ގޮތުގައި ލިބެނީ ހަތް ބިލިޔަން ރުފިޔާ. އޭގެ ތެރެއިން ފަސް ބިލިޔަން ރުފިޔާ ޚަރަދު ކުރަމުން މިދަނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށް. އެއީ އޮނަތިރީސް ހާސް މީހުންނަށް. މިރާއްޖޭގައި އުޅޭ ތިންލައްކަ ސާޅީސް ހާސް މީހުން. އެއަދަދަށް ހަމައެކަނި އެހާ މަދު މީސްކޮޅަކަށް ޚަރަދު ކުރަމުން ގެންގޮސް ދެން މަސްވެރިންގެ ކަންތައްތަކަށް ބާކީ ކޮށްލާނެ ރުފިޔާއެއް ނުވަތަ އެހެންވެސް އިޤްތިޞާދީ މަސައްކަތްތަކަށް ބާކީ ކޮށްލާނެ ރުފިޔާއެއް ނެތްގޮތަކަށް މިސަރުކާރުގެ ސިޔާސަތެއް އަޅުގަނޑެއް ހުރެގެނެއް ނުގެންދާނަން.

އަޅުގަނޑުމެންނާ ނުރުހި ކިތަންމެ ވާހަކައެއް ކިތަންމެ ބޭފުޅުންނެއް ދައްކަވާފާނެ. މަސްވެރިންނަށް މައިކް ލިބޭނީ ވަރަށްމަދު ފަހަރެއްގައި. އެހެންވީމާ މަސްވެރިންގެ އަޑު ވަރަށް މަޑުވެދާނެ. އެހެނ ެހެން ބޭފުޅުންނަށް އަބަދުއަބަދު މައިކް، އަބަދު އަބަދު ޓީވީ ކެމެރާ ދިއްވެފައި ހުންނާތީވެ ބައެއް ސިޔާސީ ބޭފުޅުންނަށްވެސް އޮޅުންއަރާފާނެ. ޙަޤީޤީ ތާއީދާއި ޙަޤީޤީ ސިޔާސީ ބާރު އޮތީ ކޮންތާކުތޯ. މަސްވެރިންގެ އަތުގައި. އަޅުގަނޑުމެން މަސްވެރިންނަށް އެހީތެރިވެ ނުދީ، އެހެން ބަޔަކަށް އެހީތެރިވެދޭކަށެއް ކޮންމެހެނެއް ނޫޅޭނަން. މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް އަޅުގަނޑުމެންގެ އިޤްތިޞާދު ބައްޓަން ކުރަމުން ގެންދިއުން. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ވާރލްޑް ބޭންކުން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އަދި ދުނިޔޭގެ މާލީ އެހެން އިދާރާތަކުން އަޅުގަނޑުމެން މި ސަރުކާރަށް އަނެއްކާވެސް ދިގުމުއްދަތަށް ލޯނު ނަގާނަން. ލޯނު ނުނަގާ އަޅުގަނޑުމެންނަށް ފަރުޖެއްސޭކަށެއް ނެތް. އަޅުގަނޑުމެން ބޭނުން، އެލޯނު ނަގައިގެން މަސްވެރިންގެ ލޯނުތައް ސަލާމަތް ކޮށްދިނުމަށް. މަސްވެރިންގެ ލޯނުތައް ފޫބައްދައިދިނުމަށް. އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ސަރުކާރުން އެކަންތައްތައް ކޮށްދޭނަން.

ރާއްޖޭގައި ބާނާ މަސް މަހުގެ، ކަނޑު މަހުގެ ވަރަށް ބޮޑު ބައެއް އަދިވެސް ހަމަ ރޮލާ ބޭރުކުރަނީ. ރޮލާ މަސް ބޭރުކުރީމާ މަސް ޓަނަކަށް ގިނަވެގެން ލިބިފައި މިހުންނަނީ ހަތްހާސް، އަށްހާސް ޑޮލަރު. ހަތްސަތޭކަ އަށްސަތޭކަ ޑޮލަރު. މަސް ދަޅަށް ލާފައި ބޭރުކުރީމާ، ދެހާސް ފައްސަތޭކަ، ތިންހާސް ޑޮލަރު ޓަނަކަށް އެބަޖެހޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ގިނަ ބައިވަރު މަސް އަދިވެސް މި ބޭރު ކުރަނީ ރޮލާ. މަސް ބަންދު ކުރުމަށްޓަކައި އަޅުގަނޑުމެން އުފައްދާފައި މިއޮތީ ވަރަށް ބޮޑެތި ކާރުޚާނާ ތަކެއް. ފެލިވަރުން ފަންސާސްޓަނު މަސް، ދުވާލެއްގެ މައްޗަށް ބަންދު ކުރެވޭގޮތަށް އޮތްއިރު، އެތަނުން މަދު ދުވަހެއްގައި ނޫނީ ދިހަ ފަނަރަ ޓަނަށްވުރެ ގިނައިން ބަންދުކޮށްފައެއް ނުހުރޭ. އަނެއް ހުރިހާ ބައެއް މިއޮތީ އިސްރާފަށް. މިއަދު އެބަހުރި މާކުޑަކޮށް މާމަދު އަދަދަކަށް ބަންދުކުރެވޭ ޕްލާންޓް، ފެކްޓަރީ. އަދި އެ ޕްލާންޓްތަކަކީ އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ މަސައްކަތްތަކަކަށް ވާ ބާވަތުގެ ޕްލާންޓް މުޅި ދުނިޔޭގައިވެސް އެބަހުރި. އެންމެބޮޑު ޕްލާންޓް އެއީ، އެންމެ މޮޅު ފެކްޓަރީކަމަށް ދެކެވުނީ މާކުރީ ދުވަހެއްގައި. އެންމެބޮޑު ފެކްޓަރީ ހުންނަ ޤައުމު އެއީ، އެންމެމޮޅު ޤައުމެއް ކަމަށް ދެކެވުނީ ހޭބުއްދިއެއްގައި ކަމަކަށް އަޅުގަނޑެއް ހަމަގައިމުވެސް ނުދެކޭނަން. އެންމެ މޮޅު ޤައުމަކީ އެންމެ ބާރަށް މަތިންދާބޯޓު ދުއްވާ ޤައުމު ކަމަށް ދެކި ނުވަތަ އެންމެ މޮޅު ވިޔަފާރިވެރިޔާއަކީ، އެންމެ ބޮޑުކޮށް އޮޑި އޮންނަ މީހާއޭ ނުވަތަ އެންމެ ބޮޑުކޮށް މިވެނި ކަމެއް އޮންނަ މީހާއޭ އެހެން ދެކި އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތު ކުރަމުން، ރާވަމުން އަޅުގަނޑުމެން ގެންދާކަށެއް ނުވާނެ. ހަމަގައިމުވެސް މި ސަރުކާރުގެ ސިޔާސަތެއް މިދެންނެވި މަގަކުންނެއް ނުގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ގިނަ ބައިވަރު މަސްބަންދު ކުރާ ކުދިކުދި ތަންތަން ހެދޭތޯ މަސައްކަތް ކުރުން.

މިދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުން އެސިޔާސަތަށް މަސައްކަތް ގެންދެވޭތޯ މަސައްކަތް ކުރިން. އެކަން އެއްގޮތަކަށްވެސް ކާމިޔާބު ނުވާކަމަށް އެންމެ ފުރަތަމަ އެއްބަސްވާނީ އަޅުގަނޑު. އަޅުގަނޑުމެންނަކަށެއް އެ ގެންދާންވީ މިންވަރަކަށް މަސައްކަތެއް ނުގެންދެވުނު. އޭގެން ހޯދާންވީ ނަތީޖާތަކެއް އަޅުގަނޑުމެންނަކަށެއް ނުހޯދުނު. އަނެއްކާވެސް އަޅުގަނޑުމެން މިފަށަނީ އަނެއް އަހަރު. މިދިޔަ އަހަރަށްވުރެ ބާރަށް މިމަސައްކަތުގައި އަޅުގަނޑުމެން މިއަހަރު އުޅޭނެ. އަދި އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރަށްވުރެ މާހޫނުކޮށް ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމަސައްކަތުގައި މިއަހަރު އުޅޭނެއޭ. އެއްއަހަރު އަޅުގަނޑުމެން ދޫކޮށްލައިފީމު. މިމަސައްކަތް ވަކި ބައްޓަމަކަށް ގެންދިއުމަށް. ވަކި ފިކުރަކަށް އެޅުވުމަށް. ވަކި ގޮތަކަށް ބަދަލުވުމަށް. އެތައް އެތައް ބަޔަކަށް ފުރުސަތު ދީގެން. އެހެންނަމަވެސް، ހަމަގައިމުވެސް އަޅުގަނޑަކަށެއް ނުފެނުނު، ބާރަށް ގެންގޮސް އަޅުގަނޑުމެންގެ އަމާޒާ ދިމާއަށް މަސްވެރިކަން ގެންގޮސް، އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު، މީގެ ތެރެއަށް ގެނެސް މަސްވެރިންގެ ދަތިން މަސްވެރިން ސަލާމަތް ކުރެވުނުތަނެއް. މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ. މަސްވެރިންގެ ދުވަސް އަޅުގަނޑުމެން މިއަންނަ އަހަރު ފާހަގަކުރާއިރުގައި އަޅުގަނޑުމެން ތިބޭނީ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު އުންމީދުކުރާ ގޮތުގައި މިއަށްވުރެ މާ އުންމީދީ ހުއްޓުމެއްގައި ހުއްޓި. އަޅުގަނޑުމެންގެ މަސްވެރިން ދަރަނިވެރިވަމުން ދުވަހެއް ދުވަހަކަށް މިދާ މަންޒަރު މިދާ ތަން ބަލަހައްޓައިގެން ސަރުކާރަކަށް ނުތިބެވޭނެ. ސަރުކާރުންޖެހޭނީ އެއަށް ޙައްލެއް ހޯދަން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެޙައްލު ހޯދައިދޭނަން.

މިދިޔަ އަހަރު ދުވަހުގެ ތެރޭގައި އަދި އޭގެ ކުރީގައިވެސް ރާއްޖޭގައި އުފައްދާ ހިކި ކަނޑުމަސް ބޭރު ކުރަމުން މިއަންނަނީ ސިލޯނަށް. އެ މަސް ސިލޯނުން މިހާރު އެބަ ބޭރުކުރޭ އެހެން ތަންތަނަށް، ހަމައެކަނި ކުޑަކުޑަ އިތުރު ގޮތެއް ހަދާފައި. އެމީހުން އޭގެން އެބަނަގާ ރާއްޖޭގެ މަސްވެރިން ނަގާ ފައިދާއަށްވުރެ މާބޮޑު ފައިދާއެއް. އަޅުގަނޑުމެންނަށް އެމަހަށް ހެދޭނެ ގޮތްގޮތް ހުންނާނެ. އަޅުގަނޑުމެންނަށް އެމަހަށް އިތުރު ފައިދާ ނެގޭނެ މަގުތައް ހޯދެން ޖެހޭނެ. މިއަންނަ އަހަރުގެ ސަރުކާރުގެ އެއް އަމާޒަކީ، އިތުރަށް މަސް ޕްރޮސެސް ކޮށްގެން ނުވަތަ މަހުން އުފެއްދޭ އިތުރު އުފެއްދުންތައް އުފައްދައިގެން އަދި އިތުރު ފައިސާ ހޯދަން މަސައްކަތް ކުރުން. ހަމައެހެންމެ، އަޅުގަނޑުމެން ފާހަގަކުރަން ބޭނުން، ހިކިކަނޑުމަސް ބޭރު ކުރުމުގެ އިންތިޒާމު މިހާރު މިއޮންނަ ގޮތް އަދި ހިކިކަނޑުމަސް ބޭރުކުރާއިރުގައި އޭގެ އެކްސްޕޯޓަރުން އެކުޅޭ ދައުރާއި އަދި މަސްވެރިޔާ އެވާ ތާއްޓާ. އެދޭތެރޭގައި މިހިނގާ މައްސަލަތައް ދެނެގަތުމަކީ، އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުގެ ވާޖިބެއް.

އަޅުގަނޑު ދަންނަމު، ކިތަންމެ އާދައިގެ އޮޑިވެރިންނެއް، ހަތްލައްކަ އަށްލައްކަ ރުފިޔާ ދަރަންޏަށް އެކްސްޕޯޓްކުރާ މީހުންނަށް ދީގެން ތިބޭ. އަޅުގަނޑު ދަންނަމު، ކިތަންމެ ތޮއްޑޫ ދަނޑުވެރިންނެއ، ހަތްލައްކަ އަށްލައްކަ ރުފިޔާ ރިޒޯޓު އޯނަރުންނަށް ކްރެޑިޓަށް ދީގެން ތިބޭތަން. މިތަން މަސްވެރިންނަށް ގެނެވިދާނެ. މަސްވެރިންނާއި ދަނޑިވެރިންގެ ފައިސާގައި ރާއްޖޭގެ ރިޒޯޓުތައްވެސް ބިނާކުރެވިދާނެ. އެހެންނަމަވެސް، ދަތިވީމާ މަސްވެރިންނަކަށްވެސް އެކްރެޑިޓް ދީގެނެއް ނުތިބެވޭނެ. މަސް އެކްސްޕޯޓް ކުރާ ނުވަތަ ކޮންމެ ދޯންޏެއް މާލެއަށް މުދާ އުފުލާ، މަސްވެރި ކޮންމެ ރަށެއްގެ ކޮންމެ އޮޑިވެރިއެއް ހުންނާނީ އެކްސްޕޯޓަރަކަށް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިލިއަން ދެމިލިއަނުން ކްރެޑިޓް ދީގެން. އެފައިސާ އެމީހުންނަށް މިއަދު އަނބުރާ ހޯދަންވަނީ ދަތިވެފައި. އެފައިސާ އަނބުރާ ހޯދުން، އެހެންނަމަވެސް މި މަސްވެރިންނަށް މިވަނީ މުހިންމު ކަމަކަށް ވެފައި.

އަޅުގަނޑުމެންނަކަށެއް ނެތް ސަރުކާރަކަށެއް ނެތް އަތްއުރާލައިގެން ތިބެވޭކަށެއް. މަސްވެރި ޢާއިލާތަކަށް އެވަމުންދާގޮތް އަޅުގަނޑުމެންނަށް ރަނގަޅަށް އެނގިތިބެ އެކަމާ އަޅުގަނޑުމެން ކަމެއް ނުކޮށް ތިބެވޭކަށެއް އަޅުގަނޑުމެންނަކަށެއް ނެތް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިކިކަނޑުމަހުގެ އެކްސްޕޯޓް ހިނގަމުންދާ އުޞޫލުތަކާއި އޭގެން އާދައިގެ މަސްވެރިޔާއަށް ލިބޭ ގެއްލުމާ ނުވަތަ ލިބޭ ފައިދާ ރަނގަޅަށް ސަރުކާރަށް ދެނެގަނެވޭނޭ ގޮތެއް ހޯދައި، އޭގެން ސަރުކާރަށް ގެނެވެން ހުރި ބަދަލެއް ބަލައި، ރައްޔިތު މީހާއަށް މަސްވެރިމީހާއަށް ރަނގަޅަށް ހޯދެން ހުރި ހުރިހާ ތަނަކުން އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެ ރަނގަޅު މަސްވެރިމީހާއަށް ހޯދައިދެވޭނެ.

އަޅުގަނޑު ދެންނެވިހެން މިދިޔަ އަހަރު މިދިޔައީ މަސްވެރިކަން ވަރަށް ދަށް އަހަރެއްގެ ގޮތުގައި. އެހެންނަމަވެސް އިރާދަކުރައްވައިގެން މިހާރު މިއަހަރު މަސްވެރިކަން އެބަ ރަނގަޅުވޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި މަސްވެރިކަން ރަނގަޅުވުމަށް، ރަނގަޅުވީ ދުވަސްވަރާ ދިމާކޮށް އެހެންނޫނިއްޔާ، ސަރުކާރަށް އެބައޮތް ދެތިން ކަމެއް ކުރެވެން. އެއްކަމަކީ ރާއްޖޭގެ މަސްކަނޑުތައް ބަލަހައްޓާ މިންވަރު. މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޯސްޓްގާޑުންވަނީ ތިން މަސްއޮޑިއެއް ހިފަހައްޓާފައި. މިހާރު އިރާދަކުރެއްވިއްޔާ އަދި އެމް.އެން.ޑީ.އެފް.އަށް ލިބިފައިވާ އިތުރު ވަސީލަތްތަކާއެކީގައި އަދި އެކިއެކި ސަރަޙައްދީ މަރުކަޒުތައް ޤާއިމުކޮށްގެން މަސްވެރި ސަރަޙައްދު ނުވަތަ ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ އެތައްތަނަކުން މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ މި ސަރުކާރުން ވަރަށް އިސްކަން ދީފައި އޮތް ކަމެއް، މަސް ކަނޑުތައް ހިމާޔަތް ކުރުން. މަސް ކަނޑުތައް ބެލެހެއްޓުން. އެމް.އެން.ޑީ.އެފް.އިން މަސްކަނޑުތައް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރާން ފެށިފަހުން މަސްބާނާ އަދަދު އިތުރުވަމުން އަންނަ ކަމަށް ހަމަގައިމުވެސް ހިސާބުތަކުން ދައްކާ. އެކަމުގައި ގުޅުމެއް ވާކަމަށް އަޅުގަނޑަށް ލަފާކުރެވޭ.

ވަރަށްގިނަ ދުވަސްތަކެއް ވަންދެން އެތައް މިތާނގައި ހުރި އޮއިވާލި ކަނދުފަތިތައް ކިތަންމެ ދުވަހަކު ހުރުމަށްފަހު، އެކަނދުފަތިތައް އަނެއްކާ އަލުން އާކުރެވުނީވެސް މީގެ ހަތަރު ފަސް މަހެއް ކުރީގައި. އެކަން އެހެންވުމަށްފަހު މަސްވެރިކަން ރަނގަޅުވާން ފަށަނީ. މިދެކަމުގައިވެސް ގުޅުމެއް އޮވެދާނެ ކަމަށް ކިތަންމެ ބަޔަކު އަޅުގަނޑު ގާތުގައި އެބަބުނޭ. މަސްވެރިކަން އަންނަނީ ރަނގަޅުވަމުން. ރަނގަޅުވަމުން އަންނަ ސަބަބު އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. އެއީ، އެކަންކަން އަބަދުވެސް ކޮށްކޮށް ތިބުމަށްޓަކައި. މަސްވެރިކަން އަބަދުވެސް ރަނގަޅަށް ބެހެއްޓުމަށްޓަކައި.

އަޅުގަނޑު އުންމީދު ކުރަނީ މިއަހަރުގެ އިރުވައި މޫސުމުގެ މަސްވެރިކަންވެސް މިދިޔަ އަހަރަށްވުރެ ރަނގަޅުވާނެ ކަމަށް. އަޅުގަނޑު ޔަޤީން ކުރަނީ އަޅުގަނޑުމެންނަށް މަސްވެރިކަމުން ލިބޭ ރޯދި މީގެކުރީގެ ޒަމާންތަކުގައިވެސް ދިވެހިންނަށް އޭގެން އެލިބުނު ފައިދާ ލިބިލިބި އެ ހުންނާނޭ އުޞޫލުގައި ހުންނާނެ ގޮތަކަށް ކަންތައްތައް ކުރިއަށްގެންދެވޭނެކަމަށް. އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފެހި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، السّـلام عليـكم