بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް ކުރެންދޫއަށް އާދެވޭ ކޮންމެފަހަރަކީ، ހަމަ އުފާވެރި ވަގުތުތަކެއް އަޅުގަނޑަށް ލިބޭ ފަހަރުތަކެއް. އަޅުގަނޑުމެން ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރާއްޖޭގެ ރައްޔިތުންނަށް މީގެ ޒަމާންތަކުގެ ކުރީގައި ރައްޔިތުންގެ މައްޗަށް ވެރިކަންކުރަމުންއައި ގޮތާ، ތަފާތުގޮތަކަށް ވެރިކަން ހިންގުމުގެ ފިކުރު އުފެދިގެންއައީވެސް އަޅުގަނޑު ދަންނަވާނީ އަދި އެމަގަށް އަޅުގަނޑުމެންނަށް ބާރުއެޅުމުގައި ކުރެންދޫގެ ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރިވުން ރާއްޖޭގެ ވަރަށްގިނަ ރަށްތަކާ ޚިލާފަށް ވަރަށް ވަރުގަދަކޮށް، ވަރަށް ޖޯޝާއެކީގައި ވަރަށް ކުލަގަދަކޮށް، މިދިޔަ ތިން ހަތަރު އަހަރުދުވަހުގެ ތެރޭގައި ފެނިގެންދިޔައޭ. އެއީ، ރާއްޖޭގެ ތާރީޚު ދުވަހަކުވެސް ހަނދާންނެތިގެންދާނެ ކަމެއްނޫން.

އަޅުގަނޑުމެން މިރާއްޖޭގެ ވެރިކަން މިހާރު މި ހިންގާ އުޞޫލުން ހިންގާއިރުގައި، ދިމާވާ ކިތަންމެ ދައްޗެއް ހުރޭ. އެ ދަތިތަކުން އަރައިގަތުމަށް ޢަމަލުކުރަންވީގޮތާ ގުޅޭގޮތުން އަޅުގަނޑަށް މަޝްވަރާއާއި ލަފާވެސް ކިތަންމެގޮތަކަށް ލިބޭ. އަޅުގަނޑުމެންގެ އަބަދުވެސް އުންމީދަކަށްވެފައި އޮތީ، އަޅުގަނޑުމެން އަބަދުވެސް ދެކެމުންއައި ހުވަފެނަކީ، ރާއްޖޭގައި ސުލްހަވެރިގޮތުގައި، ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގައިގެން، ވާދަވެރި ސިޔާސީ ޙަރަކާތް ހިންގައިގެން، ރަނގަޅު ގޮތުގައި، ރައްޔިތުންނަށް ފައިދާކުރާ ގޮތުގައި ހިންގޭނޭ ވެރިކަމެއް ހިންގުން. މިބާވަތަށް ވެރިކަންކުރަން އެއީ ފަސޭހަކަމަކަށްނުވޭ. އަދި ޚާއްޞަގޮތެއްގައި ވަރަށްދިގު ޒަމާންތަކެއް ވަންދެން، އެހެން ބައްޓަމެއްގައި ވެރިކަންކޮށްފައި ވަނިކޮށް، ކުއްލިއަކަށް އަނބުރާލައި، ހަމަ އަޅުގަނޑުމެން އެދޭ ގޮތަށް ވެރިކަން ބަދަލުކޮށްލުމަކީ، ހަމަގައިމުވެސް މިދިޔަ އެއްއަހަރު ދުވަހުގެތެރޭގައި އަޅުގަނޑަށް ލިބުނު ތަޖުރިބާގައި މާފަސޭހަކަމަކަށް ނުވޭ.

ކޮންމެ ކަމެއްމެ ހުންނަނީ އެހެން އެތައްކަމަކާ ގުޅިފައި. އެއްކަމެއް ކުރަމުން ކުރަމުން ގޮސް އެކަމެއްގެ ނަތީޖާ ހޯދަންވެގެން އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި، އެނގި ފާހަގަވެގެންދަނީ، އެކަން އަދި ގުޅިފައި އޮންނަނީ އެހެންވެސް ކިތަންމެކަމަކާއޭ. ކަންތައްތައް ކުރުމަށް އަޅުގަނޑުމެން އެންމެންވެސް އެދެނީ. އަޅުގަނޑުމެން އެންމެންވެސް އެދެނީ، އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުވުމަށް. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުމަށް. އަޅުގަނޑުމެންގެ ފުއްދުންތެރިކަން އިތުރުވުމަށް. އަޅުގަނޑުމެން އެންމެންވެސް އެދެނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ރަނގަޅު މާދަމައެއް ލިބުން.

މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރުގައި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ރައްޔިތުންގެ ހިތްތަކުގައި ރަނގަޅަކީ ކޮބައިތޯ، ތަރައްޤީއަކީ ކޮބައިތޯ، ރައްޔިތުން ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ، މިކަންކަން މިހުންނަނީ، ސިފަ ކުރެވިފައި. އަޅުގަނޑުމެންނަށް ބަސްތަކެއް މިދިޔަ 30 އަހަރު ދުވަހުގެތެރޭގައި ލިބިފައި އެބަހުރި. ކޮބައިތޯ ތަރައްޤީއަކީ މިނާ. އަޅުގަނޑުމެންނަށް މިދެކެވެނީ، ޢުމްރާނީ ތަރައްޤީ. އެ ތަރައްޤީއަކީ ވަރަށް ބައިވަރު ޢިމާރާތް އެޅުން. ނުވަތަ ވަރަށް ބޮޑެތި ތަންތަންހެދުން. އަޅުގަނޑުމެންނަށް މިދެކެވެނީ ތަރައްޤީއަކީ، ބޮޑެތި ހިންގާ މަސައްކަތް ތަކެކޭ. މިތަނުގައިވެސް މިސާލަކަށް، ތަރައްޤީގެގޮތުގައި އަޅުގަނޑުމެންނަށް މިހާތަނަށް ނިމިފައި މިހުރީ ވަރަށްރަނގަޅު ގޮތަކަށް ހެދިފައިހުންނަ ވަށާފާރެއް ރޭނުން ނުވަތަ އެއަށްވުރެވެސް ވަރުގަދައަށް ހެދިފައި ހުންނަ އެހެންވެސް އެހެން ކޮންކްރީޓުން، ދަގަޑުން ހަދާއެއްޗެއް ހެދިފައިހުރުން. އެއީ ތަރައްޤީއެއް ނޫންކަމަށް، އަޅުގަނޑުވެސް ކޮންމެހެން ވަކާލާތުކުރާކަށެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލަކީ، ކިހިނެއްހެއްޔޭ ރައްޔިތަކު ކުރިއަރުވާނީ. ތެދުފުޅެއް، ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތަކެއް ހުރޭ. ބަނދަރެއް ބޭނުންވޭ، ނަރުދަމާ ބޭނުންވޭ، އަދި އެނޫންވެސް އެހެން މިބާވަތުގެ ހަދަންޖެހޭ ކަންކަން، ކުރަންޖެހޭ ކަންކަން ބޭނުންވޭ.

އެހެންނަމަވެސް، ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް އަޅުގަނޑުމެންގެ ނަޒަރުގައި އެންމެބޮޑަށް ބޭނުންވާ އެކައްޗަކީ، ރަނގަޅު ތަޢްލީމީ ބިންގަލެއް. ދަރިންނަށް ރަނގަޅަށް ކިޔަވައިދެވޭނެގޮތެއް ހޯދުން. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މަދަރުސާތައް އެބަހުރި. އެކަމަކާ އެއްވެސް ޚިލާފެއްނެތް، ޝައްކެއްވެސް ނެތް. އެހެންނަމަވެސް އެއިން މަދަރުސާތަކުގައި، އަދި އެމަދަރުސާތަކަށް ސަރުކާރުން ނުހަނު ޚަރަދުވެސް ކުރޭ. ބޮޑެތި ޚަރަދުކުރޭ. އެހެން ޤައުމުތަކާ އަޅައި ބަލައިފިނަމަ، ބޮލެއްގެ މައްޗަށް މިސާލަކަށް، މިރަށުގައި ކުރާ ޚަރަދު މެލޭޝިޔާގެ ރަނގަޅު މަދަރުސާއެއްގައިވެސް ކުރާނެ.
އެހެންނަމަވެސް، އަޅުގަނޑުމެންގެ ދަރިވަރު މަދަރުސާ ނިމޭއިރުގައި މި ނިންމާލަނީ ފާސްނުވެ، ނުވަތަ އެންމެ އެދެވޭ ބޭނުން ނަތީޖާ ނުނެރެ.

މިރަށުގެ މަދަރުސާގެ ބަޖެޓަށް ބަލައިލައިފިނަމަ، ތިޔަބޭފުޅުން ބައްލަވައިފިނަމަ ފާހަގަވާނެ، އެއީ ވަރަށްބޮޑު އަދަދެއްކަން. ދެން އުފެދޭ ސުވާލަކީ، އެ ރުފިޔާ ޚަރަދުވަނީ ކޮންކަމެއް ކުރާންބާވައޭ؟ މަދަރުސާއެއްގެ ބޭނުމަކީ ހަމަގައިމުވެސް ދަރިވަރުންނަށް އެއްޗެއް އޮޅުންފިލުވައިދިނުން. އަދި އިމްތިޙާނުތަކުން ދަރިވަރުން ފާސްވެ، ކުރިޔަށްދިއުން. އެ މަސައްކަތް އެއީ، މަދަރުސާގެ ސީދާ މަސައްކަތް. ދެން މިހުންނާނީ އެކަމަށް އެހީތެރިވެދިނުމަށްޓަކައި ހުންނަ މަސައްކަތް. އެއީ ފޮޅާ ސާފު ކުރިޔަސް، މަދަރުސާ ވަށައިގެން ބެލެހެއްޓިޔަސް، އަދި އެހެން އެހެން އެބާވަތުގެ އިދާރީކަންކަން ހިންގިޔަސްވެސް އެއީއަކީއެއްނޫން، މަދަރުސާއެއްގެ މައިގަނޑު ބޭނުމަކީ. މަދަރުސާއެއްގެ މައިގަނޑު ބޭނުމަކީ ރަނގަޅަށް ކިޔަވައިދިނުން. އެހެންވީމާ، މަދަރުސާޔަކުން ކުރާ މައިގަނޑު ޚަރަދަކަށްވެސް ވާންޖެހޭނީ ކިޔަވައިދިނުމަށް، ސީދާ ޓީޗަރުންނަށް ކުރާ ޚަރަދު.

އަޅުގަނޑުމެން މީގެ އަހަރެއްހާ ދުވަސް ކުރީގައި ނުވަތަ މީގެ ނުވަވަރަކަށް މަސް ކުރީގައި އަޅުގަނޑު ހަނދާންވަނީ މިދިޔަ ޖަނަވަރީ މަހުއޭ، މިރަށަށް އަޅުގަނޑުމެން އައިއިރުގައި އެއިރު ތިޔަބޭފުޅުން ފާހަގަކުރެއްވި އެންމެބޮޑު އެއް މައްސަލައަކަށް ފާހަގަކުރެއްވީ މަދަރުސާގެ މައްސަލަ. ދެން ތިޔަބޭފުޅުންނަށް ލަފާކުރެވިފައިއޮތީ، މަދަރުސާގެ މައްސަލަ ގޯސްވެގެން މިއުޅެނީ އެތަނުގައިހުރި އެކެއް، ނުވަތަ ދޭއް މީހަކު، އޭނަ މީނަގެ ސަބަބުންކަމަށް. އަޅުގަނޑުމެން ބެލިއިރުގައި ވިސްނިއިރުގައި އަދި މީހަކު ތަނެއްގައި ހުއްޓާ އޭނާ އެތަނުން ދުރުކޮށްގެން ވަކިކަމެއް ރަނގަޅުވާނެ ކަމަކަށް ލަފައެއްނުވި. އެހެންވީމާ، އަޅުގަނޑުމެން އަނެއްކާވެސް ވަރަށްފުންކޮށް މިކަމުގައި މަޝްވަރާކުރަން ފެށީ، ކިހިނެއް ހަދައިގެންތޯ މަދަރުސާތައް ރަނގަޅުވާނީ. ހަމައެކަނި ކުރެންދޫ މަދަރުސާއެއްނޫން. ކޮންމެ ރަށެއްގެވެސް މިބުނަނީ ހެޑްމާސްޓަރު ނުވަތަ ސުޕަވައިޒަރެއް ނުވަތަ ބައެއްފަހަރަށް ސެކްރެޓެރީއެއް ނުވަތަ މަސައްކަތު މީހެއްގެ ސަބަބުން ހަމަމުޅި މަދަރުސާވެސް ނުހިނގާކަމަށް މުޅި ރަށެއްގެ ރައްޔިތުން އެކީ ދެކި އެގޮތަށް ޤަބޫލުކުރެފައި ތިބެދާނެ. އަޅުގަނޑުމެންނަށް ވިސްނުނީ، މަދަރުސާތައްހިންގުން އެބަ ޙަވާލުކުރާންޖެހެއޭ އެރަށެއްގެ ރައްޔިތުންނާ. މާލޭގައިތިބެގެން އެމަދަރުސާއެއް ހިންގަން މިނިސްޓްރީއަކުން އުޅޭ އުޅުމުގައި ބަރޯސާކުރާން މިޖެހެނީ، މަދަރުސާގައި ތިބޭ މުވައްޒަފުންގެ މައްޗަށް. އެހެންވީމާ، މުވައްޒަފުންގެ އަޑު ނޫން އަޑެއް މިނިސްޓްރީތަކަކަށް އޭރުން ނީވޭނެ. ފެނުނީ ކޮންމެ މަދަރުސާއަކަށްވެސް ކުރިޔަށްވުރެބޮޑަށް ޙަރަކާތްތެރިވާން ބޯޑެއް އުފައްދައިގެން، އެ ބޯޑުގެ ބެލުމުގެ ދަށުން ހިންގަން ފެށިއްޖެނަމަ، މިހާރަށްވުރެ ރަނގަޅަށް މަދަރުސާ ހިނގައިދާނެކަމަށް. ދެން އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުދެކޭނީ، މިހާރު ކުރެންދޫ މަދަރުސާގައި ބޯޑެއް އެކުލަވާލެވިފައި މިވަނީ. އެބޯޑުން ނިންމޭނެ، މަދަރުސާއަށް ގެންނާނީ ކިހާފެންވަރެއްގެ، ކޮންބާވަތެއްގެ، ކޮންކަހަލަ ޓީޗަރުންނެއްތޯ އެ ބޯޑުން ނިންމޭނެ، މަދަރުސާގެ އެންމެހާކަންކަން ކުރިޔަށްގެންދާނެގޮތް. އަޅުގަނޑެއް ހަމަގައިމުވެސް ނުދެކެން، މަދަރުސާ ނުހިނގަނީ، ފައިސާ ނެތިގެންކަމަކަށް. މިތަނުގެ މަދަރުސާއަށް އަހަރެއްގެ މައްޗަށް 12 މިލިޔަނެއްހާ ރުފިޔާ އެބަ ޚަރަދުކުރެވޭ. އެއީ، މަހެއްގެމައްޗަށް 1 މިލިޔަން ރުފިޔާ. އެހެންވީމާ، އެއީކީއެއް 400 ކުދިންނަށް ކިޔަވައިދޭކަށް މަދުއަދަދެއްގެ ރުފިޔާއެއްނޫން. 400 ކުދިންނަށް ވަކިން ބަހާލާފައި އެކުދިން މެލޭޝިޔާއަށް ފޮނުވީމާވެސް އެހާކަށްހާވަރަށް ޚަރަދުވާނީ މަހެއްގެމައްޗަށްވެސް. އެހެންވީމާ، މިފައިސާ ރަނގަޅަށް ޚަރަދުކުރެވޭނެގޮތެއް، އެއަށްވުރެ ރަނގަޅަށް ނަތީޖާ، އެކުރާ ޚަރަދަކުން ނެރެވެން ޖެހޭނެ. އެ ނަތީޖާ ނެރުމަށްޓަކައި ވިސްނަންޖެހޭވިސްނުން، ކުރަންޖެހޭ މަޝްވަރާ ރަށުގެ ދަރަޖައިގައިވެސް އަދި އެހެން ތަންތަނުން ހެޔޮލަފާ އެހެން މީސްމީހުންނާ ވާހަކަދައްކައިގެންވެސް ލިބެންޖެހޭނެ ހޯދެންޖެހޭނެ. އަޅުގަނޑު މިދެކެނީ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ މަދަރުސާ ރަނގަޅު ކުރުމުގެ ހުރިހާ ފުރުޞަތެއްވެސް ޙަޤީޤަތުގައިއޮތީ. އަޅުގަނޑެއް ނުދެކެން، ހަމަ މާދަމާ މިތަނުން ތިޔަބޭފުޅުން ބޭނުންވެގެން އަޅުގަނޑުމެން ޓީޗަރަކު ގެނެސްގެން ނުވަތަ ޑެސްކުތަކެއް ޖަހައިގެން ނުވަތަ ބޮޑު ވަށާފާރެއް ރާނައިގެން ނުވަތަ އެނޫން އެހެން އެއްވެސްކަމެއްކޮށްގެން، ދާއިމީގޮތަކަށް މަދަރުސާ ރަނގަޅު ވެދާނެކަމަކަށް. އެހެން ރަނގަޅުވެދާނެކަމަށް އަޅުގަނޑުމެންނަށް ހަމަ ފެންނަނީ، މަދަރުސާގެ މުޅިޖުމްލަ ހިންގުން ރައްޔިތުންނަށް، ރައްޔިތުންގެ ބޯޑަކަށް ދޫކޮށްލައިގެން، އެ ރައްޔިތުން އެދޭގޮތަކަށް ރަނގަޅު ނަތީޖާ ނެރުމަށް ބާރު އަޅައިގެން، މަޝްވަރާގެ އުޞޫލުން ހިންގީމައޭ، މަދަރުސާ ރަނގަޅުވާނީ.

ސަރުކާރުން ޙަޤީޤަތުގައި ދެން މިމަދަރުސާއަށް ކޮށްދެވޭންހުރި ކަންތައްތައް ވަރަށްމަދު. އަނެއްކާވެސް ފައިސާއަށް އެކަންކުރެވިދާނެ. އެހެންނަމަވެސް، މިހާރު އެބަ ސާފު އަޅުގަނޑަށް ހަމަގައިމުވެސް ރާއްޖޭގެ ވަރަށްގިނަ މަދަރުސާތައް އަޅުގަނޑު ވަކިވަކިން ބަލާއިރުގައި ފައިސާ މަދުވެގެނެއްނޫން މަދަރުސާއެއްގެ ފެންވަރު ހަމައެކަނި ގޯސްވެފައި މި ހުންނަނީ. ހިންގުންތެރިކަމާއި ރޭވުންތެރިކަމާއި އެފައިސާ އަމާޒުކުރަގޮތާ މިހެންގޮސް މިބާވަތުގެ އިދާރީ އެތައްކަމަކާ ގުޅިފައިހުރޭ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އެ މަދަރުސާގެ ބޯޑު މެދުވެރިކޮށްގެން މިހާރަށްވުރެ ރަނގަޅަށް އެ މަދަރުސާ ހިންގޭނެގޮތެއް ހޯދުން.
އަޅުގަނޑުމެންނަށް ހަމަ އޭގެއިތުރަށް ފެނުނުގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ވަރަށް އުނދަގޫ ދަތިތަކަކާ ކުރިމަތިލާންޖެހޭ ދެތިންކަމެއް އެއީ، ބޭސްފަރުވާ އެއްކަމަކީ. އަނެއްކަމަކީ، މައިންބަފައިން ބެލެހެއްޓުން. ބޭސްފަރުވާގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެންނަށް މިހާރު މިވަނީ "މަދަނާ" އެ އިންޝުއަރެންސްގެ ނިޒާމް ޤާއިމު ކުރެވިފައި. ތިޔަބޭފުޅުން ބަލި އަދި ބައްޔަކާ މިވަގުތު ކުރިމަތިނުލީ ކަމުގައި ވިޔަސްވެސް އެޕްރޮގްރާމްގައި ވީހާވެސް ގިނަ ރައްޔިތުންނެއް ބައިވެރިވެފައި ތިބުމަކީ އެ ޕްރޮގްރާމް ހިންގުމަށް އެޅޭ ބާރަކަށްވެގެންދާނެ. އޭގައި ބައިވެރިވެފައިހުރި މީހަކު ބައްޔެއްވީމާ ދެނެއް އިތުރަކަށެއް އެހެންބައެއް ކައިރިއަކަށް، އެހެންމީހެއް ކައިރިއަކަށް މިހާރުވެސް ދާކަށް ނުޖެހޭނެ. އޭގެ އެހީތެރިކަމާއެކީގައި ބޭސްފަރުވާ ކުރެވޭނެ. އެހެންވީމާ އަޅުގަނޑު ވަރަށްބޮޑަށް އެދެން، ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލުމުގެގޮތުން، ހުއްޓާލުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލާފައި މިވާ މަދަނައިގެ ޕްރޮގްރާމްގައި ވީހާވެސް ގިނަ ރައްޔިތުންނެއް ބައިވެރިވުމަކީ އަޅުގަނޑުގެ ނަޒަރުގައި ރަނގަޅުކަމެއް. ސަރުކާރުން ނިކަމެތިންނަށް، އަދި އެއީ އާމްދަނީ މަދުން ލިބޭ ޢާއިލާތަކަށް އެހީތެރިވެދޭނެ. އެގޮތުން ހަމަ އެއަށް ބޭނުންވާ 2000 ރުފިޔާ އެކުގައިވެސް ބައެއް ޢާއިލާތަކަށް ދައްކައިދޭނެ. މަހެއްގެ މައްޗަށް ޙަޤީޤަތުގައި އެއްލައްކަ ރުފިޔާގެ ބޭސް އަހަރަކަށް ކުރުމަށްޓަކައި، މަހެއްގެ މައްޗަށް ދައްކާން މިޖެހެނީ 82 ރުފިޔާ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ 82 ރުފިޔާ ދެއްކުމަށް ދަތިވާ، އެއްލައްކަ ހަހާސްމީހުން ރާއްޖޭގައި ތިބިކަމަށް އަޅުގަނޑުމެން ހިސާބު ޖަހަން. އެހެންވީމާ، އެމީހުންނަށް ސަރުކާރުން އެ 82 ރުފިޔާ ދައްކައިދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ. އާމްދަނި ލިބޭ މީހުންނާ އާދެ، ތަނަވަސްކަންހުރި ރައްޔިތުން އެ ޕްރޮގްރާމުގައި އެ 82 ރުފިޔާ ދެއްވައިގެން، ބައިވެރިވެލެއްވުމަކީ ވަރަށް ވަރަށް ބޭނުންތެރިކަމެއް. ބައްޔެއްވީމާ މި އެނގެނީ ދެން ވާގޮތް. ބައްޔެއްވީމާ، ދެން އަޅުގަނޑުމެން އެބައްޔަށް ފަރުވާއެއް ހޯދަން ބޭނުންވާ ރުފިޔާ ހޯދަން ހިނގައިގަތީމާ ދެން ވަރަށްބޮޑަށް ޙާލުގެތެރެއަށް މިވެށްޓެނީ. އެހެންވީމާ، ކުރިޔާލައި ވިސްނައި، މިހާރުން މިހާރަށްވެސް އެ ޕްރޮގްރާމުގައި އަދި ޚާއްޞަކޮށް ކުރެންދޫ ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ، ބާރީއާ ގުޅުއްވީމާ އެކަން ނިމޭނެ. އޭގައި ބައިވެރިވެވޭނެ. އެ ހިންގުމުގައިވެސް ހަމަ ތިޔަބޭފުޅުންގެ ރައްޔިތުން، ތިޔަބޭފުޅުންގެ ބޭފުޅުން އެ އުޅުއްވަނީ. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އެދެން، މިދެންނެވި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިންވެސް އަޅުގަނޑު އެދެން. މެންބަރުން ވަރަށްގިނައިން ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވާކަމަށް އަބަދުވެސް މެންބަރުން ވަކާލާތު ކުރައްވާނެ. އެބޭފުޅުންނަށް އެ ލިބިލައްވާ ހުރިހާ ރުފިޔާއެއްހެންވެސް ހަމަ ރައްޔިތުންނަށް ބޭސްފަރުވާއަށް ޚަރަދުކުރަންޖެހޭކަމަށް. އޭގެބަދަލުގައި ހަމަ އަޅުގަނޑުގެ އިރްޝާދަކީ، މަހެއްގެމައްޗަށް 82 ރުފިޔާ އަބަދުއަބަދު ޚަރަދުކުރެއްވުން މާރަނގަޅޭ، ބޮޑު ބައްޔެއް ދިމާވާ ދުވަހު ހަދާނެގޮތެއް ނެތިގެން އަތުގައި އެއްޗެއް ނެތިގެން އުޅެންޖެހުމަށްވުރެ.

ބޭސްފަރުވާގެ އިތުރުން، އަޅުގަނޑުމެން މަސައްކަތްކުރީ އުމުރުންދޮށީ މީހުންނަށް، ރައްޔިތުންނަށް އެހީތެރިވެ ދެވޭނޭގޮތެއް ހޯދުމަށް. މިސާލަކަށް މިރަށުގައި އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި 100 މީހުން އެބައުޅޭ، އުމުރުން 65 އަހަރުންމަތީގެ. އިރާދަކުރައްވައިގެން ހަމަ މިދިޔައަހަރުގެ ވަރަށްކުރީކޮޅު ސަރުކާރަށް މިވަނީ އެ ޕެންޝަން 2000 ރުފިޔާގެ ޕެންޝަން، ދޮށީ މީހުންނަށް ދެވެން ފަށާފައި. އެ ދެވެމުން މިގެންދަނީ. މި އަންނައަހަރުވެސް އަދި ކުރިޔަށްއޮތް ހުރިހާއަހަރަކުވެސް އިރާދަކުރެއްވިއްޔާ އުމުރުން 65 އަހަރުންމަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް ސަރުކާރުން އެ ޕެންޝަން ދެއްވާނެ. އޭގައި އަޅުގަނޑު ހަމަ މިހާރު ދެތިންކަމެއް ފާހަގަކޮށްލަން ބޭނުންވޭ. ޕެންޝަންދިނުމުގެ އެންމެބޮޑު އެއްބޭނުމަކީ، އެއް ބޭނުމަކީ، ސީދާ ބޭނުމަކީ ދޮށީ އުމުރު މީހާއަށް ރިވެތިގޮތުގައި އުމުރުގެ ފަހުދުވަސްކޮޅު އުޅެވޭނެގޮތެއް ތަނަވަސްކޮށްދެވޭތޯބެލުން. އަޅުގަނޑުމެންގެ ނަޒަރުގައި ރާއްޖެއަށް ލިބިފައިމިވާ ތަރައްޤީއެއް، ލިބިފައިމިވާ ކުރިއެރުމެއް ލިބިފައިމިވާ އެއް ސަބަބަކީ، މިއަދުގެ ދޮށީ އުމުރުގެ މީހުން އިއްޔެ ވަރަށްގިނަ މަސައްކަތް ކުރީތީ. އެހެންވީމާ، ޕެންޝަން ޙައްޤުވަނީ، ކޮން ބަޔަކަށްތޯ ބަލާއިރުގައި އަޅުގަނޑުމެނެއް ނުދެކެން، އެއީ ހަމައެކަނީ ސަރުކާރުގެ އޮފީސްތަކުގައި ތިއްބަވާ ބޭފުޅުންނަށް ޙައްޤުވާންވީ އެއްޗެއްކަމަކަށް. އެމަގުން ވިސްނައި، ޕެންޝަން ދޭން ފެށުނީ. އަދި އޭގެ އިތުރުން، ޕެންޝަންދީގެން ސަރުކާރުގެ ވަރަށްބޮޑަށް އަމާޒެއް އެއީ، ޒުވާނުންނަށް ލުޔެއް އޭގެ ސަބަބުން ލިބުން. މައިންބަފައިންނަށް ހަމަ ކޮންމެ ޒުވާނަކުވެސް ކޮންމެތަނެއްގައި މަސައްކަތްކުރާ، ގައިވަރުޖެހޭ ކޮންމެމީހަކުވެސް ބޭނުންވާނެ، ލިބޭއެއްޗަކުން މައިންބަފައިންނަށް އެހީތެރިވާން. އެހެންނަމަވެސް، މި ސަރުކާރުންވެސް އެހީތެރިވާ ކުދިންނަށް އެހީވުމުގެގޮތުން މައިންބަފައިންނަށް އެ ދެވޭއެއްޗެއްދެނީ.

ދެން އަޅުގަނޑު ހަމަ އެއާ ވިދިގެން ޒުވާނުންގެ ގާތުގައި، އަދި މައިންބަފައިންގެ ގާތުގައިވެސް ބުނަން ބޭނުންވަނީ، އެއްގޮތަކަށްވެސް އެފައިސާ ދަރިންނަށް ނުދެއްވައްޗޭ. ހަމަ އެއްގޮތަކަށްވެސް ދެއްވާނެކަމެއްނެތް. ހަމަ އެއްވެސް ސަބަބެއްނެތް ތިމަންނާއަށް ލިބޭ ފައިސާ އަދި ރައްކާކޮށްފައި ގިނަކޮށްފައިވެސް ދަރިންނަށް ދިނުމެއް. ހަމައެކަނި އޭގެ ބޭނުމަކީ، ހަމަ ޢުމުރުން ދޮށީ މީހާގެ ޢުމުރުގެ ފަހުކޮޅު ރީތިގޮތުގައި އުފަލުގައި ދިރިއުޅެވޭނެގޮތެއް ހޯދައިދިނުން. ދަރިފުޅުވެސް އެ އުމުރަށް އައިމާ، ދައުލަތުން ހަމަ އެފައިސާ ދޭނެ. މިހާރަކު އެފައިސާގައި އަތްލާކަށް އެއްވެސް ޒުވާނަކު، އެއްވެސް ދަރިޔަކު އުޅޭނެކަމެއްނެތް. އަދި އެއްވެސް މައިންބަފަޔަކު އެފައިސާ ދަރިންނަށް ދޭންވެސް އުޅުއްވާނެކަމެއްނެތް. އެއީއެއްނޫން ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ.

ޒުވާނުންނަށް ފުރްޞަތުތައް މަދު. އަޅުގަނޑުވެސް ހަމަ އެކަންވެސް ޤަބޫލުކުރަން. ވަޒީފާގެ ފުރްޞަތުވެސް މަދު. އަދި އެހެންނޫނަސްވެސް، އެހެންނަމަވެސް ޒުވާނުންނަށް ކުރެވޭނެ، އުމުރުން ދުވަސްވީ މީހަކަށްވުރެ އަވަހަށް ރަނގަޅަށް މަސައްކަތް. އެހެންވީމާ، އެމަސައްކަތްތައް ޒުވާނުން ކުރަން ފުރްޞަތު އޮތްއިރު އަދި ހަނިކޮށްނަމަވެސް ފުރްޞަތުއޮތްއިރު މައިބަފައިންނަށް އެލިބޭއެއްޗެއް ހޯދުމަށް އުޅުމަކީވެސް ހަމަ ހުތުރުކަމެއް. ލަދުވެތިކަމެއް. އަޅުގަނޑުދެކެން، އެބާވަތުގެ ކަމެއްގެތެރޭގައި އެއްވެސް ޒުވާނަކު ޚާއްޞަކޮށް ކުރެންދޫގައި ނޫޅޭނެކަމަށް.

އަޅުގަނޑުމެންގެ ކިތަންމެކިތަންމެ އުންމީދެއްހުރޭ. އަޅުގަނޑުމެންގެ ކިތަންމެކިތަންމެ ބޭނުމެއް އެބަހުރޭ. އަޅުގަނޑެއް ހަނދާނެއްވެސް ނުނެތޭ، އަޅުގަނޑެއް ނޭނގިއެއްވެސްނޫން ހުންނަނީ، ކުރެންދުއަށް ބޭނުންވަނީ ކޮންކަމެއްތޯ ވަރަށް ސާފު އަޅުގަނޑަށް. ތިބޭފުޅުންގެ ބަނދަރާ، ތިޔަބޭފުޅުންގެ ނަރުދަމަޔާ، ތިޔަބޭފުޅުންގެ ކުޅިވަރުކުޅޭ ތަންތަނާ، މަދަރުސަޔާ، ހެލްތްސެންޓަރާ، މިކަންކަމަކީ އެއްވެސް ޙާލެއްގައި ހަމަގައިމުވެސް އަޅުގަނޑަކަށް އޭގެ އަލިފުން ޔާޔަށް ނޭނގޭ އެއްވެސްކަމެއް، ގާތްގަނޑަކަށް ހަމަ ނުހުންނާނެއޭ ދަންނަވަން އަޅުގަނޑު ބޭނުންވޭ.

އަޅުގަނޑުގެ ނަޒަރުގައި މިކަންކަން އަޅުގަނޑުމެންނަށް ބަދަލުކުރެވެން، ދެމެހެއްޓެނިވި ގޮތުގައި ބަދަލުކޮށް ކުރިއަރުވަން ބޭނުންވާ އަދިވެސް ހަމަ ބިންގާތަކެއް އެބަހުރޭ. އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަގައިމުވެސް ދެކެނީ، ދަތުރުފަތުރު ފަސޭހައިން ކުރެވޭނެ ގޮތްވުން. މިހާރު ލ. އަތޮޅުގަޔާ ތ. އަތޮޅުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުކުރެވި އޭގެ މަސައްކަތް އެބަ ކުރިޔަށްދޭ. އެހެންވީމާ، ތިމަރަފުށިން ފުރައިގެން ކޮންމެދުވަހަކު 30 މީހުން އެބަދޭ އެތާކައިރި ރަށްރަށަށް. އަދި މުޅި ޖުމްލަކޮށް ބަލާއިރުގައި ރެޔަކާ ދުވާލަކަށް 300 މީހުން ނުވަތަ އެ ދެއަތޮޅުގެ އާބާދީގެ ރަނގަޅު 10 ޕަސެންޓު އެބަ ދަތުރަށް އަރާ. އެއްތަނުން އަނެއްތަނަށްދޭ. މީގެ ބޭނުމަކީ، ރަށުގައި ހުރެގެން ވަޒީފާގެ ފުރްޞަތު ފަހިވުން. ހެނދުނު ތަނަކަށް ވަޒީފާއަށް ގޮސްފައި އަދި އަލުން އަނބުރާ އިރުއޮއްސުނީމާ އައިސް، އަނބިދަރިންނާއެކީގައި ދިރިއުޅުން ކުރިޔަށް ގެންދެވެނޭ ގޮތެއް ހޯދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަތޮޅުގައި ޅ. އަތޮޅުގައިވެސް ދަތުރުފަތުރުކުރުމުގެ ނިޒާމު ލަސްތަކެއްނުވެ ފެށޭނެ. އެހެންނަމަވެސް، އެހެން އަތޮޅުތަކަށްވުރެ ފަހަތުގައި ލަހުގައި ޅ. އަތޮޅުގައި އެކަންފެށުން މިއޮތީ. ދެން އަޅުގަނޑަށް ހީވަނީ އެއީވެސް ނަޞީބެއްގެގޮތުގައި ހަމަދެކުން ރަނގަޅުހެން. ތ. އަތޮޅުގައު ލ. އަތޮޅުގައި މިމަސައްކަތް ފަށައިގަތީމާ އޭގެއިން ދިމާވާ ދަތިތަކާ އެކަން ރަނގަޅަށް ހިނގުމަށް އަދި އިތުރަށް ބޭނުންވާ ކަންކަން އަޅުގަނދޑުމެންނަށް އެބައެނގޭ. ދެނެގަނެވޭ. ދެން ކުރާކަމެއް ކުރާއިރުގައި މިކުރެވެނީ ކުރީގައި އެ ލިބުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް. އެހެންވީމާ، ދެވަނައަށްކުރާކަންތައް އެބަ ރަނގަޅަށް ކުރެވޭ. އަޅުގަނޑު ދެކޭނީ، އަޅުގަނޑުމެންނަށް ލަސްތަކެއްނުވެ، މިއަތޮޅުގައި މިދަތުރުފަތުރުގެ ކަންތައް ފެށުން އެއީ، މުހިންމުކަމެއް. ފެށުނީމާ ތިޔަބޭފުޅުންނަށް އޭގެ ފައިދާ ވެގެންދާނެ. އަދި ޚާއްޞަކޮށް މިއަތޮޅުގައި ވަޒީފާ އަދާކުރާނެ ތަންތަން، ޞިނާޢީ ތަންތަންވެސް އަދި އެނޫން މިބާވަތުގެ މަސައްކަތްވެސް އެބަހުރި ބައިވަރު. އެހެންވީމާ، ފަސޭހަކަމާއެކީގައިގޮސް މަސައްކަތްކޮށް ކުރެވެންޖެހޭނެ.

ސަރުކާރުން މިދުވަސްވަރު މިގެންދަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ، ދައުލަތުގެ ބަޖެޓް ހުށަހަޅައިގެން އެބަޖެޓާގުޅޭގޮތުން ބަޙުޘްކުރަމުން. އަޅުގަނޑުމެން މިހާރު މި ސަރުކާރުން ހުށަހަޅާފައިއޮތް ބަޖެޓަކީ، މީގެކުރީގައި ހުށަހަޅާ ބަޖެޓްތަކާ ވަރަށްތަފާތު ބަޖެޓެއް. އެ ކުރީގައި އެ ހުށަހަޅާފައި އޮތް ބައްޓަމެއްގައެއްވެސް ނޫން އެއޮތީކީއެއް، އެގޮތަކަށް ނޫން އަތުރާލެވިފައި ހުރީކީއެއްވެސް މުޅިން އެހެން ވިސްނުމެއްގައި ބަޖެޓެއް ހުށަހަޅާފައި މިވަނީ. ސަރުކާރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ، މުދަލާއި ޚިދްމަތުގެ އަގު ހެޔޮކުރުން. އެކަން ބަޖެޓުންކުރަން ކިހިނެއްތޯ ބޭފުޅުން ސުވާލުކުރައްވަފާނެ. ތަކެތީގެއަގު ބަޖެޓުމެދުވެރިކޮށް ތިރިކުރެވޭނީ ކިހިނެއްތޯ. 2008 ވަނައަހަރު ތަކެތީގެއަގު އުފުލެމުން އައީ 12 ޕަސެންޓުގައި . އެއީ، މާނައީ މިއަދު 100 ރުފިޔާއަށް ހުރިއެއްޗެއް 2007 ވަނައަހަރު 100 ރުފިޔާއަށް ހުރިއެއްޗެއް 2008 ވަނަ އަހަރުހުރީ 112 ރުފިޔާއަށޭ. 2009 ވަނަ އަހަރު ނިމުނުއިރުގައި ތަކެތީގެ އަގު މައްޗަށްދާ މިންވަރު މައްޗަށްދަނީ އަދިވެސް. ދަށަކަށް ނުދޭ މައްޗަށްދަނީ. މައްޗަށްދާ މިންވަރު އެހެންނަމަވެސް، ހުރީ 4 ޕަސެންޓަށް ދަށަށް ގޮސްފައި. އެހެންވީމާ 2007ވަނަ އަހަރު 100 ރުފިޔާއަށް ހުރިއެއްޗެއް މިހާރު މި ލިބެނީ 12 އާއި 4 އަކާ އެއަށް އެއްކޮށް 12 ރުފިޔާއަކާ 4 ރުފިޔާއަކާ އެއަށް އެއްކޮށްގެން. އަޅުގަނޑުމެންގެ އަމާޒަކީ އަގު ދަށަށް ގެނައުން. އަގުތައް މިހާރަށްވުރެ ދަށްވުން. ޖީބަށް ލިބޭ ފައިސާގެ ހަމަ އަދަދު، އޭގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިހުއްޓާ ތަކެތީގެއަގު ދަށަށް ދިޔައިމާ އެއީ އާމްދަނީ އިތުރުވީ. ދިރިއުޅުން ތަނަވަސްވާންފެށީ.

އަޅުގަނޑުމެން މިބޭނުންވަނީ، މިދަންނަވާގޮތަށް މި މާލިއްޔަތު އަނބުރާލެވޭތޯ މަސައްކަތް ކުރުން. ސަރުކާރު މުވައްޒަފުންނަށް މުސާރަ ބޮޑުކުރީމާ، އެއީ 32000 މީހުންނަށް ވަރަށް ރަނގަޅުވީ. އެމީހުންގެ މުސާރަ 15 ޕަސެންޓުން 20 ޕަސެންޓުން ބޮޑުވީ. އެހެންނަމަވެސް، މިވާއެއްޗަކީ މި އިޤްތިޞާދީ ކަންކަމުގައި، މާލީކަންކަމުގައި ރުފިޔާގެއަދަދު ހަމަ ގިނަވިވަރަކަށް ދެން އެއާގުޅޭ އެއްޗެހީގެ އަދަދު އިތުރުނުވާތީވެ، ހައްތަހާ އެއްޗެހިދަނީ އަގު މައްޗަށް. އެހާ ބައިވަރު ރުފިޔާ ހުރީމާ. އެ ރުފިޔާކޮޅުވެސް މިހުރީ 32 ހާސް މީހުންގެ އަތުގައި. އެހެންވީމާ، އެމީހުންނަކަށް އަދިއެއް ތަކެތީގެއަގު އުފުލިގެން ދިޔަސްވެސް އެއަކުންނެއް މާބޮޑު އަސަރެއްވެސް ނުކުރި. މުސާރަ ބޮޑެއްނުވި، ރާއްޖޭގެ ދެންއޮތްހާ ރައްޔިތުންނަކަށް. ދެން އަނެއް ތިންލައްކަ މީހުންނަކަށް މުސާރަ ބޮޑެއްނުވި. އަދި މުސާރައާ ގުޅޭ އެއްވެސްކަމެއް ނުހިނގާ. އެމީހުންނަށްވީ ސަރުކާރު މުވައްޒަފުންނަށް މުސާރަބޮޑުވީތީވެ، ދެން އޮތްހާ ރައްޔިތުންނަށް ވީ ގެއްލުން. އެއީ، މުސާރަ ބޮޑުވެގެން، ފައިސާ އިތުރުވީތީވެ، އިންފްލޭޝަން ނުވަތަ މުދަލާއި ޚިދްމަތުގެއަގު މައްޗަށް ދިޔައީ. މައްޗަށް ދިޔައިމާ ދެން ހުރިހާ ރައްޔިތުންނަށްވީ ގެއްލުން.

އަޅުގަނޑުމެންގެ އަމާޒަކީ، ސަރުކާރުގެ އަމާޒަކީ، ވީހާވެސް ގިނަ ބަޔަކަށް ފައިދާ ހޯދާ ދެވޭނެގޮތަކީ ކޮބައިތޯ. ސަރުކާރު މުވައްޒަފުންގެ މުސާރަ 15 ޕަސެންޓުން މިހާރުވަނީ ކުޑަކުރެވިފައި. އަދި މިއަހަރު ތެރޭގައި ސަރުކާރު މުވައްޒަފުންގެ އަދަދު މަދުކުރުމަކީވެސް ސަރުކާރުގެ އަމާޒެއް. މިފަހަރުގެ ބަޖެޓުގައި ޕެންޝަންގެ ފައިސާގެ އިތުރުން 1.2 ބިލިއަން ރުފިޔާ ހިމަނާފައި ހުންނާނެ، ނިކަމެތި ނުވަތަ އާމްދަނީ މަދު ޢާއިލާތަކަށް. ކަރަންޓަށްވެސް، ފެނަށްވެސް، ތަޢްލީމަށްވެސް ބޯހިޔާވަހިކަމަށްވެސް ބޭސްފަރުވާއަށްވެސް ދެވެން. އަދި ޕެންޝަންގެ އުޞޫލުން ނުވަތަ ސަބްސިޑީގެ އުޞޫލުން އެދެވޭނެ އިންތިޒާމުތަކެއްގެ ތެރެއިން އެފައިސާ ދޫކުރުމަށް.

އަޅުގަނޑުމެންނަށް ފެނުނުގޮތުގައި ސަރުކާރު މުވައަޒަފުންގެއަދަދު ކުޑަކޮށްގެން އެ ލިބޭފައިސާ އެއް ރައްޔިތުންގެ ތެރެއިން އަޅުގަނޑު މިދަންނަވާ އެއްލައްކަ ހަހާސް ރައްޔިތުންނަށް އެމީހުންނަށް ޖުމްލަގޮތެއްގައި މަހެއްގެ މައްޗަށް މިޖެހެނީ 600 ރުފިޔާ. 600 ރުފިޔާއަކީ މީހަކަށް މަހެއްގެމައްޗަށް ލިބިގެނެއް ދިރިއުޅެވޭނެ މިންވަރެއްނޫން. އަޅުގަނޑުމެންގެ އަމާޒަކީ، އެ 600 ރުފިޔާގެ މިންވަރު މަދުވެގެން 1200 ރުފިޔާއަށް މައްޗަށް ޖެއްސޭތޯ ބެލުން. އެ މަސައްކަތްކުރުމަށްޓަކައި މިދަންނަވާހެން "މަދަނާ" ޕްރޮގްރާމުގެ ދަށުން ބޭސްފަރުވާ ތަންކޮޅެއް ލުއިގޮތަކަށް ކުރެވެންޖެހޭނެ. އަދި ފޮތް ލިސްޓުވެސް ހިލޭ ލިބެންޖެހޭނެ. އަދި ކަރަންޓުބިލް ދެއްކުމުގައި ދަތިވާ ޢާއިލާތަކަށް ނުވަތަ ފޯން ބިލް، ފެން ބިލްދެއްކުމުގައި ދަތިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުންވެސް އެއީ، މިދަންނަވާ ސީދާ ސަބްސިޑީން ކޮށްދެވޭނެކަމެއް.

މީގެކުރީގައި މާލޭގައިވެއްޖިއްޔާ ސަރުކާރުން ގެންދިޔައީ، މިސާލަކަށް ސްޓެލްކޯއަށް ފައިސާދެމުން. އަދި މިރަށުގައިވެސް ނުވަތަ އެހެން އިންޖީނުގެތަކަށްވެސް ސަރުކާރުން ދިޔައީ ފައިސާ ދެމުން. އިންޖީނުގެތަކަށް ފައިސާ ދިނީމާ އެބަދޭންޖެހޭ 700 މިލިޔަންރުފިޔާ ސްޓެލްކޯއަށް. 600 މިލިޔަން، 700 މިލިޔަން އެއީ އަހަރެއްގެ މައްޗަށް ހަމަ ޢާންމުކޮށް ސްޓެލްކޯއަށް ދޭންޖެހޭ މިންވަރެއް. އޭރުން މިވާގޮތަކީ، އަޅުގަނޑުގެ ކަރަންޓުބިލުވެސް އޭގެއިން ބައެއްވެސް އެއްކަލަ 700 މިލިޔަން ރުފިޔާއިން ދައްކައިދެނީ. ސްޓެލްކޯ ދެކޮޅު ނުޖެހުނީމާ އެދެކޮޅުޖެއްސުމަށް މިރުފިޔާ ދެނީ. އަޅުގަނޑުމެންވިސްނީ އޭގެބަދަލުގައި މާރަނގަޅުވާނެއޭ، ކަރަންޓު ކުޑަތަންކޮޅެއް އަގުމައްޗަށް ޖައްސައި ސްޓެލްކޯ ދެކޮޅުޖެހޭ ވިޔަފާރިއަކަށް ހެދިއްޔާ. ދެން އެ 600 މިލިޔަން ރުފިޔާ އޮންނާނެއޭ. އެ އަޅުގަނޑުމެންނަށް ދަތި ޢާއިލާތަކަށް ދެވިދާނެ. ވަކިވަކިން. ކުންފުންޏަށް ދިނުމުގެ ބަދަލުގައި ސީދާ ރައްޔިތު މީހާއަށް. އެހެންވީމާ، މިހާރުގެ ބަޖެޓުގައި އަދި މިހާރުގެ ސަރުކާރުގެ ސިޔާސަތަށް އައި ބަދަލަކީ މިދެންނެވީ. ކުންފުނިތައް ސަބްސިޑައިޒް ކުރުމުގެ ބަދަލުގައި ސިދާ ރައްޔިތުމީހާއަށް އެހީތެރިވުން. ދެން މީގައި ނުކުންނާނެ ދަތިތައްވެސް ހުންނާނެ. ކާކަށްތޯ އެހީތެރިވާންޖެހެނީ، ކާކަށްތޯ ނުލިބެނީ، ކިހާވަރެއްތޯ ލިބެނީ. މިމައްސަލަތައް ނުކުމެގެން އަންނާނެ މިއަހަރުތެރޭ. މިދިޔައަހަރު ފުރަތަމަ 6 މަސް 7 މަސް ދިޔައިރުގައިވެސް އުޅެނީ، ކާކަށްތޯ 65 އަހަރުވެފައިހުރީ ނޭނގިގެން. އެހެންވީމާ، އަދިވެސް ހަމަ މުޅިއަކުން ސާފެއްނުވޭ ކާކަށްތޯ 65 އަހަރުވެފައި ހުރީކީ. އެހެންވީމާ މިއަހަރުތެރޭގައި ހަމަ ވަރަށްބޮޑު އިތުރުމައްސަލަތައް އަޅުގަނޑުމެންނަށް ފެނިގެންދާނެ. މިދަންނަވާގޮތަށް ކާކުތޯ ނިކަމެތީ، ކޮންޢާއިލާއަކަށްތޯ ތަނަވަސްކަންހުރީ. ކިހާވަރެއްތޯ ލިބެނީ، މިމަޢްލޫމާތުތަޢް ސަރުކާރުން އޮޅުން ފިލުވާނެ. އަދި އޮޅުންފިލުވާފައި އެއްޗެއްދޭން ފެނުނީމާ އެކަމާގުޅޭވެސް އެތައްއެތައްކަމެއް ނުކުމެގެންދާނެ.

މިދެންނެވީ ކަންކަމުގެ އިތުރުން، އަޅުގަނޑުމެންނަށް ހަމަ ޢާންމުކޮށް މި ހިންގާ ޢުމްރާނީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހިންގާނެ. ދެން އަޅުގަނޑަށް އެބައެނގޭ، އަޅުގަނޑުމެން އޭރުގައި، މިދިޔަ މީގެ ތިންހަތަރު ފަސް ހަމަހެއް ކުރީގައި އުންމީދު ކުރިން، ކުރެންދޫ ބަނދަރު ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް ހެދޭނެކަމަކަށް. އެއީ އަދިވެސް ހަމަ އަޅުގަނޑުގެ އަމާޒު. އަޅުގަނޑަކަށް ނުފެނުނު އެއިއްޔަކީއެއް އެހާ ފަސޭހައިން އަޅުގަނޑުމެންނަށް ކުރެވެންއޮތް ކަމެއްކަމަކަށް. އަދި ފައިސާ ހޯދުނަސްވެސް އެކަމާގުޅޭ ކިތަންމެކަމެއް ހިންގާންވެސް އެބަޖެހޭ. އެހެންވީމާ، އެ ހުރިހާކަމެއް ހިންގާ ނިމިގެން އަދިވެސް އަޅުގަނޑު މިދެކެނި އަޅުގަނޑުމެންނަށް ލަސްތަކެއްނުވެ، މިރަށުގެ ބަނދަރު އަޅުގަނޑުމެންނަށް ހެދޭނެ. އެއީ، އަޅުގަނޑުމެންގެ ބަޖެޓުގައިވެސް އޮތްކަމެއް. އަދި ކުރަން ނިންމާފައިވެސް އޮތްކަމެއް. އެހެންވީމާ، އެމަސައްކަތް އެއްވެސް ޙާލެއްގައި ދޫކޮށްލީކީއެއްނޫންއަޅުގަނޑުމެން. އަޅުގަނޑުމެން އެ މަސައްކަތްކުރާނަން. އެހެންނަމަވެސް، ހަމަ މިދަންނަވާ ބާވަތުގެ، އަޅުގަނޑުމެންގެ ސިކުނޑީގައި އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެންނަށް ދެކެވޭ ގޮތުގައި ތަރައްޤީއަކީ ކޮބައިކަން، މިނެފައިހުރި މިނުންތައް ދޫކޮށްލައި، ތަރައްޤީއަކީ ޙަޤީޤަތުގައި ކޮބައިތޯ މިކަމާ އަޅުގަނޑުމެން ވިސްނުމަކީ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް މުހިންމުކަމެއް. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުކުރެވޭނީ ކިހިނެއްތޯ މަސައްކްތަކޮށްގެން، ފައިސާ ހޯދައިގެން އަޅުގަނޑުމެންނަށް ތަރައްޤީވެވޭނީ. މަސައްކަތްކޮށްގެން، ފައިސާ ހޯދައިގެން ތަރައްޤީ ވެވޭނީ. އެހެންވީމާ، އެމަސައްކަތްވެސް އަޅުގަނޑުމެން އެބަކުރަންޖެހޭ. އަދި ބައެއްފަހަރަށް ކުރާ މަސައްކަތުން ލިބޭ މިންވަރުވެސް ވަރަށްކުޑަ. ދެން އެހެންނަމަވެސް އެއްވެސްއެއްޗެއް ނުލިބުމަށްވުރެ، ކޮންމެވެސް އެއްޗެއް ލިބުމަކީ ރަނގަޅުގޮތެއްކަމަށްދެކި، ކޮންމެ މަސައްކަތެއްވެސް އެއީ، ގޯސް މަސައްކަތެއް ނޫންކަމަށް ދެކި، އެންމެންވެސް މަސައްކަތަށް ނުކުތުމަކީ، އަޅުގަނޑުގެ ނަޒަރުގައި ކޮންމެހެން ބޭނުންތެރިކަމެއް. ހެނދުނު އިރުއެރީމާ މަސައްކަތުގައި ތިބެންޖެހޭނީ. މަސައްކަތް ހުއްޓާލަން ޖެހޭނީ އިރުއޮއްސުނީމާ.

އެހެންވީމާ، އަޅުގަނޑުގެ ހަމަ ވަރަށްބޮޑު އުންމީދެއް، އަޅުގަނޑު ދެކެން، އަޅުގަނޑަށް އެނގޭ އަޅުގަނޑު އޮފީހުގައި ހުރި ލިޔުންތަކެއް އަޅުގަނޑު އިހަކަށްދުވަހަކު ބަލަމުންދިޔައިރުގައި އެބައޮތް، 1970ގެ ވަރަށް ކުރީކޮޅު އަޅުގަނޑަށް ހީވަނީ، ކުރެންދޫ މިއީ ރާއްޖޭގައި އެންމެގިނައިން ފިޔާ ހައްދައިގެން، ކުރެންދޫ އަބޫބަކުރު ކަލޭފާނަށް އަޅުގަނޑު ހަނދާންވަނީ އިނާމުދެއްވުމަށް ވުޒާރާއެއްގެ ވެރިޔަކު ރައީސުލްޖުމްހޫރިއްޔާއަށް އޭރުގައި ހުންނެވި، ލިޔުއްވާފައި މި އޮންނަނީ، މިއިނާމުދިނުން ތިމަންނާއަށް ފެނެއޭ، ދެން އަޅުގަނޑު އެއާވިދިގެން ހިތަށްއެރި އަޅުގަނޑު ސީދާ ހަނދާން އެބަހުރި ކިހާކިލޯ ފިޔައެއްކަމެއް އެއަހަރު ހައްދާފައި އޮތީ. އެހެންނަމަވެސް، ރާއްޖެއިން އެންމެގިނައިން އެއްރަށަކުންހެއްދި ރަށަކަށް މިރަށްވޭ. މިރަށުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ. އަޅުގަނޑަށް އެނގޭ ރަށް ކުޑަކަންވެސް، އަޅުގަނޑަށް އެނގެ ބިންކޮޅުވެސް މަދުކަންވެސް، މިބާވަތުގެ ކަމެއްކުރަން އުނގަގޫވެސްކަން. އެހެންނަމަވެސް، މިހާރު އެބަ އެގްރިކަލްޗަރު މިނިސްޓްރީއިން ހަމަވެސްޖައްސާދޭ، ކައިރި ރަށްރަށުގައި ދަނޑުވެރިކަންކުރަން ބިމާ، މިކަހަލަކަންކަން އިންތިޒާމުތައް ހަމަޖެއްސޭނެގޮތްގޮތް އެބަހުރޭ. އަޅުގަނޑަށް ހީވަނީ އެގްރިކަލްޗަރ މިނިސްޓްރީއާ ވާހަކަދައްކައިގެން އެއީވެސް ނުކުރެވޭނެކަމެއް ނޫންހެން.

އެހެންވީމާ، އަޅުގަނޑުމެންގެ ތަރައްޤީއަށް އަދި ޚާއްޞަކޮށް ހަމަ ކުރެންދޫ ރައްޔިތުން، ކުރެންދޫގެ ތަރައްޤީއަށް މިހާރަށްވުރެ ބާރަށް އަދި މިހާރަށްވުރެ ޖޯޝުގައި މަސައްކަތްކުރީމާ އަޅުގަނޑުމެންނަށް ކުރިއަރައިދެވޭނީ. އަޅުގަނޑަށް ރޭގައި ދިމާވި ރާއްޖޭގެ ވަރަށް ހަމަވަރުގަދަ މަސައްކަތްތެރިއެއް. އޭނާވެސް އަޅުގަނޑުގާތުގައި ބުނާ ވާހަކައަކީ ޖޯޝެއްނެތޭ ސަރުކާރަކު. ނުކުމެ ހެސްކިޔާފައި މަސައްކަތްކޮށްގެން ކުރިޔަށްދާން އެ ޖޯޝެއްނެތޭ. ދެން މީގެކުރީގައި އެ ހެދިހެން ވެލިފުނި ޖެހުމާއި، ވެލިނެގުމާ ދެން އެހެންގޮސް މާލޭގައި ވަރަށް ބާރަށް ލަވަޖަހާފައި ބޮނޑިބަތް ކައްކާފައި ނުކުމެ، މާލެ ހިއްކުމާ، މިބާވަތުގެ ކަންތައްތަކެއްކުރި. ދެން އެ ޖޯޝް ކޮންމެހެން ބޭނުމެއްނުވޭ. އަޅުގަނޑުމެން ބޭނުންވަނީ ވިސްނާފައި ބަލާފައި ކުރަންވާ ކަންތައްތައް ކުރުމުގެ، ކޮންކަމެއްތޯ ކުރާންއޮތީ އޮޅުންފިލުވާފައި ސީދާ އެކަންކުރުމުގެ ޖޯޝް ބޭނުންވަނީ. ނުކުމެ ދުއްވައިގަތުމުގެ ޖޯޝެއްވެސް ނޫން. ތެޅިފޮޅިގަތުމުގެ ޖޯޝެއްވެސްނޫން. ހަމަ އެއިރެއްގައި ކުރަންވީކަމެއް ކުރަންވީ މިންވަރަކަށް ކުރުމުގެ ޖޯޝް އަޅުގަނޑުމެން ބޭނުންވަނީ. ދެން އަޅުގަނޑު ދެންނެވިހެން، ފަށަމުންވެސް ދެންނެވިހެން، ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގައިވެސް ހަމަ ކުރެންދޫގެ ދައުރު ވަރަށް ފުޅާ.

މިދަންނަވާ ތަރައްޤީގެ ޖޯޝް ނެރުމުގައިވެސް އަޅުގަނޑަށް ޔަޤީން، މިރަށް މިއީ މިސާލަކަށް ބެލިދާނެ. އެ ޖޯޝަކީ ހަމަ މިދަންނަވާހެން، ދާ ހިއްލުމެއްވެސް ނޫން. ހަމަ ވަރަށް ވިސްނައިގެން ބަލައިގެން އެމީހަކު ކުރަންވީކަމެއް ތަރުތީބުން ޤަވާޢިދުން ތަކުރާރުކޮށް ކޮންމެދުވަހަކު ކޮންމެދުވަހަކު ކޮށްކޮށް ތިބުން. ނަތީޖާ އިރާދަކުރެއްވިއްޔާ އޭރުން ނުކުންނާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

وَالحْمْـدُ لِلّـهِ، السّـلام عليـكم.