بســم اللّـه الرّحمـن الرّحيــم


ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސުޒްލޯންގެ ވައިސް ޗެއަރމަން ޑޮކްޓަރ ރާއޯ، އަދި ދިވެހި ރާއްޖެއަށް އިންޑިޔާ ސަރުކާރުން ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ސަފީރު މުލޭ، މިޖަލްސާއަށް ވަޑައިގެންތިއްބެވި އައްޑުއަތޮޅުގެ އަދި ފުވައްމުލަކުގެ އެންމެހާ ޢިއްޒަތްތެރި، ލޮބުވެތި ރައްޔިތުން.

السّـلام عليـكم .

އަޅުގަނޑުމެންނަށް މިއަތޮޅަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރަން ލިބޭ ކޮންމެ ފުރްޞަތަކީ އަޅުގަނޑުމެންގެ ހިތަށް، އެތައްއެތައް އިޙްސާސްތަކެއް އަންނަ ރެޔަކަށް ވެގެންދޭ. އަޅުގަނޑުމެން މިރާއްޖެއަށް ގެންނާން އެދުނު ބަދަލުތައް ގެނައުމުގައި ތިޔަބޭފުޅުންގެ މިންނަތް ހިތްވަރާއި އަޒުމް އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުން ދުވަހަކުވެސް ފޮހެވިގެން ނުދާނެކަން. އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ އެންމެ ރައްޔިތުން އަބަދުވެސް މިކަމަށްޓަކައި މިއަތޮޅުގެ ރައްޔިތުންނަށް ނުހަނު ޝުކުރުވެރިވާނެ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް އަބަދުވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް، އަޅުގަނޑުމެން އަބަދުވެސް އެވާހަކަ، މިނުކުތާ ފާހަގަކުރަން. އަޅުގަނޑުމެންގެ އެބައޮތް ވަރަށް ފުން އަޅުގަނޑުމެންގެ މިސަރުކާރުގެ އައްޑޫ ވިޝަންއެއް، ނުވަތަ ތަޞައްވަރެއް، ނުވަތަ މަންޒަރެއް. އަޅުގަނޑުމެން ކުރެހީމު، އަޅުގަނޑުމެން މަންޒަރު ކުރީމު، އަޅުގަނޑުމެން މިއެދޭ އައްޑޫ. މިސަރުކާރު މިއެދޭ އައްޑޫ އޮތުމަށް އަޅުގަނޑުމެން އެދެނީ ކިހިނެއްހޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅީމު، އަޅުގަނޑުމެންގެ ސަރުކާރެއް އުފެދިގެން، އެސަރުކާރު ހިނގަމުން އަންނައިރުގައި، އަޅުގަނޑުމެން އެސަރުކާރުން އެ އައްޑޫ ބިނާކުރުމުގައި ޢަމަލުކުރާނެ ގޮތްތަކަކީ ކޮބައިތޯ، އެ އައްޑޫ ބިނާކުރުމުގައި މަސައްކަތް ހިންގާނޭ މަގަކީ ކޮބައިތޯ، އަޅުގަނޑުމެން އިންތިޚާބުގައި ތިޔަބޭފުޅުންނަށް ހުށަހެޅިން. ޢަލީ ޝިޔާމް ފާހަގަކުރެއްވި، އެ ހުށަހެޅުމަށް ތިޔަބޭފުޅުން ރުހިވަޑައިގެން، އަޅުގަނޑުމެންނާއެކުގައި މިސަރުކާރު އުފައްދައި، މިސަރުކާރު ކާމިޔާބު ކުރުމަށް ތިއްބެވިކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން.

އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެން އަބަދުވެސް ދުށީ، ރާއްއްޖޭގެ ރައްޔިތުންނަކީ، ކޮންމެ ރައްޔިތަކީވެސް ތިމަންނާޔަކީ އަމިއްލަ ޙައްޤުތަކެއް ލިބިގެންވާ، ތިމަންނާގެ އަމިއްލަ ދެފައިމައްޗަށް ތެދުވެހުރި، ޤަދަރާއި ޢިއްޒަތް ލިބިގެންވާ، ދިވެއްސެކޭ ތިމަންނާޔަކީ، އެހެން ބުނެވޭނޭ ދިވެހިރައްޔިތެއް އުފެއްދުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒު. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެމަޤްޞަދު ޙާޞިލް ކުރުމަށްޓަކައި. އަޅުގަނޑުމެންނަށް ފެނުނީ އެކަމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ލާމަރުކަޒީއުޞޫލުން ވެރިކަންހިންގުމޭ. މާލޭގައިތިބޭ ބަޔަކު މާލޭގައި ތިބެގެން، މާލެއިން އެދޭހާގޮތަކަށް އަތޮޅުތައް ހިންގައިގެނެއް ދެން ރާއްޖޭގެ ތަރައްޤީ މިއަދު މިއޮތް ހިސާބުން އެހެން މަރްޙަލާއަކަށް އަނެއް ހަތަރުއަނގޯޅިއަށް، އަނެއް ދިވެހިރާއްޖެއަށް ގެންދެވޭނެ މަގެއް ނޯންނާނެއޭ. އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަންފެށީ، ރާއްޖެ ޕްރޮވިންސް ތަކަކަށް ބަހާލައިގެން، ރާއްޖޭގެ ވެރިކަން ރާއްޖޭގެ ރައްޔިތުންނަށް ދޫކޮށްލައިގެން، އެ އިދާރީ ރޭވުމާއި، އެ އިދާރީ ހިންގުން ރައްޔިތުންނާ ގާތުން ހިންގޭނޭ އުޞޫލެއް ހޯދުން. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެން އުފެއްދީ، ދެކުނުގެ ޕްރޮވިންސާއި އުތުރުގެ ޕްރޮވިންސްގެ ޕްރޮވިންސް އޮފީސްތައް. މިހާރު އަޅުގަނޑު ދަންނަވާނީ، ދެކުނުގައި ހަމަގައިމުވެސް އަދި އުތުރުގައިވެސް އުފެދިފައިމިވާ ޕްރޮވިންސް އޮފީހުގެ ޚިދްމަތް އެންމެ ފުރިހަމައަށް އަޅުގަނޑުމެން އެދޭ މިންވަރަށް އަދި ނުލިބުނުކަމުގައި ވިޔަސްވެސް އަޅުގަނޑު ހަމަދަންނަވާނީ، ރަނގަޅު ބީ ރިޕޯޓަކާ ހަމައަށް މިއަތޮޅުގެ ޕްރޮވިންސް އޮފީހުގެ ޚިދްމަތް، ނަޞީރާއި އަދި ސަރުކާރުން މިގެންދަނީ ދެމުންނޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ޕްރޮވިންސް އޮފީހަށް ނުހަނު ޝުކުރު ދަންނަވަން. އެއޮފީހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ދުށީ، ރާއްޖޭގެ ދިފާޢީބާރު ހަމައެކަނި މާލޭގައި މަރްކަޒުކޮށްގެން، ރާއްޖެ ދިފާޢުކުރުން އެއީ، ދަތިކަމަކަށްވާނެއޭ. އެހެންވީމާ، އަޅުގަނޑުމެން އުފެއްދީ، އައްޑުއަތޮޅުގައި ދިފާޢީ މަރްކަޒު. ޢަސްކަރީން މިތަނުގައި ބައިތިއްބާ، އަދި ސަދަން ކޮމާންޑް މިތަނުގައި ޤާއިމުކޮށް، އެކޮމާންޑަށް އަޅުގަނޑުމެން ސަރުކާރުންވާނީ މިހާރު ބާރުދީފައި. ރާއްޖޭގެ ދިފާޢީ ކަންކަން ބަލަހައްޓަމުން މިހާރު މިގެންދަނީ ވަރަށްބޮޑަށްވެސް މިސަރަޙައްދުގެ ދެކުނުގެ ސަދަން ކޮމާންޑުގެ އެހީގެ ބެލުމުގެދަށުގައި. އެއީ އެކަމަށްޓަކައިވެސް އެމް.އެން.ޑީ.އެފްގެ އެންމެހާ ބޭފުޅުންނަށް، އެންމެހާ ވެރިންނަށް އަޅުގަނޑު ނުހަނު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްކުރަމުންއައީ، މިތަނުގައި މީގެކުރީގައިވެސް ފާހަގަކުރެވުނުފަދައިން، ފުރަތަމަ އަސާސީޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ ގޮތެއް، ކޮށްދޭނޭ އުޞޫލެއް އަޅުގަނޑުމެން އެބަ ހޯދާންޖެހެއޭ. އެގޮތުން ސަރުކާރުން އުފެއްދީ، ޔުޓިލިޓީ ކުންފުނިތައް އަދި އެކުންފުނިތަކުގެ ކިބައިން ސަރުކާރުން އެދުނީ، ރަށްރަށުގެ އަސާސީ ޚިދްމަތްތައް ވިޔަފާރީގެ އުޞޫލުން ދެކޮޅުޖެހޭގޮތަކަށް ދެމުންގެންދާނޭ ރޭވުމެއް ރާވައި، އެރޭވުން ތަންފީޒު ކުރުމަށްޓަކައި.

އައްޑުއަތޮޅުގެ ޔުޓިލިޓީ ކުންފުނި މިރޭ މިޙާޞިލްކުރި ކާމިޔާބަކީ، ޙަޤީޤަތުގައި އެކުންފުނި ހިންގުމަށްޓަކައި އަދި މިއަތޮޅާއި ފުވައްމުލަކާ މިދެއަތޮޅުގެ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި، މިޕްރޮވިންސްގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އެކުންފުންޏަށް މިހާރުމިވަނީ 40 މިލިޔަން ޑޮލަރުގެ ލޯނެއް ލިބޭގޮތް މެދުވެރިވެފައި. އެއީ ތަރައްޤީގެ ލޯނެއް. ދިގުމުއްދަތުގައި ދައްކަންޖެހޭ ލޯނެއް. އެއްވެސް ޙާލެއްގައި ވިޔަފާރީގެ އުޞޫލުގައި ބޮޑު އިންޓަރެސްޓުގައި ނަގާފައިވާ ލޯނެއްނޫން. އެލޯނުގެ އެހީގައި އެ ކުންފުނި، ޔުޓިލިޓީ ކުންފުނިން ގަސްތުކުރަނީ ފުވައްމުލަކާއި އައްޑުއަތޮޅުގައި ފުރަތަމަކަމަކަށް މި ހަކަތަ، އިޢާދަކުރަނިވި ހަކަތަ، ކަރަންޓް ބޭނުންކުރެވޭނޭ އިންތިޒާމެއް ޤާއިމުކުރުން. ކަރަންޓުގެ މުހިންމުކަން އަޅުގަނޑުމެން އެކަކަށްވެސް ނޯޅޭ. ކުންފުނީގެ ޗެއަރމަން ދެންމެ ފާހަގަކޮށްދެއްވައިފި، ކަރަންޓް ނެތިއްޖިއްޔާ ނުވަތަ ކަރަންޓް ނެތި ދެން ކުރިޔަށްގެންދެވޭނޭ ތަރައްޤީގެ އެއްވެސްކަމެއް، އެއްވެސް ފިޔަވަޅެއް، ވަރަށްމަދުވާނެ، ވަރަށްދަތިވާނެ. އެހެންވީމާ، ކަރަންޓުގެ ކަންތައް ފަސޭހަކަމާއެކީގައި ހެޔޮއަގުގައި އިތުބާރާއެކީގައި ދެވޭނޭ ގޮތެއް އެބަ ހޯދަންޖެހޭ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށްވެސް ސާފުވާނެ، މިއަދު ކަރަންޓް އުފެއްދުމަށްޓަކައި، ސަދަން ޔުޓިލިޓީއިން ކޮންމެ ޔުނިޓަކަށް އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި 4 ރުފިޔާއާ ގާތަށް އެބަ ޚަރަދުވޭ. އެއިއްޔަކީއެއް ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ގަނެވޭނެ އަގެއްނޫން. އެހެންވީމާ، މިއަގު ތިރިކޮށް ބެހެއްޓުމަށްޓަކައި، މިހާރު ކަރަންޓް ދެމުން މިއަންނަ އުޞޫލު ނޫން އެހެން ގޮތަކަށް ކަރަންޓް ދިނުމުގެ މުހިންމުކަން ވަރަށް އަޅުގަނޑުމެންނަށް ފާހަގަވި. ހަމައެކަނި ކާރބަން ނިއުޓްރަލް ކުރުމެއްނޫން، މީގެ ބޭނުމަކީ. މީގެ ވަރަށް މުހިންމު ބޭނުމެއް އެއީ، އަގުހެޔޮ ގޮތުގައި ކަރަންޓް ދެވޭނެގޮތެއް ހޯދުން. މިހާރު މިތަޢާރަފްކުރެވޭ ނިޒާމު އަގުބޮޑުވަނީ، އެ ނިޒާމު ބިނާކުރުމުގައި. އެއަށްފަހު މިނިޒާމަކީ، ޑީސަލުން ކަރަންޓް ދިނުމަށްވުރެ، މާ ހެޔޮގޮތުގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދެވޭނެ ނިޒާމެއް. ކަރަންޓުގެ ޚިދްމަތަށް، އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި ހޭދަވަނީ، 32 މިލިޔަން ޑޮލަރު. މިޚިދްމަތް ދެވޭއިރުގައި މުޅި ޕްރޮވިންސްގައި ކަރަންޓުގެ ނުވަތަ މިބާވަތުގެ އަސާސީ ޚިދްމަތްތައް ދޭ ނެޓްވާރކެއް ޤާއިމުކުރެވޭނެ ވިއުގައެއް. އޭގެތެރޭގައި ހިމެނޭނީ ހަމައެކަނި ކަރަންޓެއްނޫން، އަޅުގަނޑުމެން މިއުންމީދުކުރަނީ، އެހޮޅިޔަށް އެކާނާ މިދެއަތޮޅުގެ ތެރޭގައި ދުވާ ހުރިހާ ބާވަތެއްގެ ކާނު ހިމެނޭ، އެއްކާނު ހެދުން. އެކަމަށްޓަކައި އެއިރުން އަޅުގަނޑުމެން މިދެކެނީ ފެންވެސް، އެއިރުން އަޅުގަނޑުމެން މިދެކެނީ ނަރުދަމާހޮޅިވެސް، އެއިރުން އަޅުގަނޑުމެން މިދެކެނީ ކަރަންޓް ނަރުވެސް، ފޯނުނަރުވެސް، އިންޓަރނެޓް ކޭބަލްވެސް އަދި ގޭސްހޮޅިވެސް އަދި އެނޫންވެސް އެހެން ކޮންމެ އެއްޗެއް އެކާނަށް އިތުރުކުރާން ވިޔަސްވެސް އިތުރު ކުރެވޭނޭ ނިޒާމެއް މިދެއަތޮޅުގައި ޤާއިމުކުރުމަކީ އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި ޔުޓިލިޓީ ކުންފުނީގެ އަމާޒު. އެބޭފުޅުން ފައިސާ ހޯއްދަވައިގެން ތައްޔާރުވެ، މިހާރު އެތިއްބެވީ އެމަސައްކަތް ކުރުމަށް. އަޅުގަނޑު ހަމަ ވަރަށްބޮޑަށް އުފާވޭ، އެބޭފުޅުން މި މިންވަރަށް މި މަސައްކަތް ކާމިޔާބު ކުރައްވާފައިވާތީ. އެ ކާމިޔާބުގެ ސިއްރަކީ ކޮބައިކަން ފާހަގަކުރުމުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތައް މިކަމުގައި އެހީތެރިވެދީފައިހުރި މިންވަރު އަޅުގަނޑަށް ވަރަށްސާފު. ޚާއްޞަކޮށް، ޗެއާރމަންވެސް ފާހަގަކޮށްދެއްވައިފި، ފޮރިން މިނިސްޓްރީގެ އެއްބާރުލުން މިކަމަށް ލިބިފައިވާ މިންވަރު ވަރަށްވެސް ބޮޑު. ނަސީމް އާއި އަދި ޑޮކްޓަރ ޝަހީދުގެ ބައިވެރިވުން، މިހުރިހާ މަސައްކަތެއް ހިނގަމުންދިޔައިރުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަރަށް ފުންކޮށް، ވަރަށް ފުޅާކޮށް. ޑޮކްޓަރ ޝަހީދަށާއި ފޮރިން މިނިސްޓްރީއަށް މިސަރުކާރުން ކުރާ އިތުބާރު ވަރަށްވެސް ބޮޑު. އަޅުގަނޑުމެން މިބޭނުންވާ، ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބު ކުރެވެނީ، ޚާރިޖިއްޔާގެ މަސައްކަތް ވަރަށް ފުޅާވީމާ. އަޅުގަނޑުމެންނަށް ހަމަގައިމުވެސް އަޅުގަނޑަށް ޚާރިޖީއްޔާއަށްވެސް އެވުޒާރާގެ ވަޒީރަށްވެސް ވަރަށްބޮޑު އިތުބާރެއް ކުރެވޭ. އަޅުގަނޑަށް ޔަޤީން، އައްޑުއަތޮޅުގެ ހުރިހާ ރައްޔިތުންވެސް ޑޮކްޓަރ ޝަހިދަށާއި، ޚާރިޖިއްޔާއަށް މިސަރުކާރު މިކުރާ އިތުބާރު ހުއްޓުމެއްނެތި ކުރަމުން ގެންދާނެކަން. އަދި އަޅުގަނޑު ހަމަ ވަރަށްބޮޑަށް އެދެން، ތިޔަބޭފުޅުން އެކަން ފާހަގަކޮށް ދައްކުވައިދެއްވުމަށް. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިހިންގާ މަސައްކަތްތައް ހިންގުމަށްޓަކައި ޚާރިޖިއްޔާގެ ބައިވެރިވުން ވަރަށް މުހިންމު. އެބައިވެރިވުން ނެތި އަޅުގަނޑުމެންނަކަށް މިތަނަށް މިއައްޑުއަތޮޅަށްވެސް އަދި ފުވައްމުލަކަށްވެސް މިއެދޭ، ގެންނަން އަޅުގަނޑުމެން މިނިންމާފައިމިވާ 40 މިލިޔަން ޑޮލަރު ގެނެވިދާނެކަމަކަށް އަޅުގަނޑު ކުޑަކޮށްވެސް ޤަބޫލެއް ނުކުރަން.

އަޅުގަނޑުމެންގެ ސަރުކާރަށް، މިސަރުކާރަށް ހުރަސްއެޅުން ނުވަތަ މިސަރުކާރަށް ފާޑުކިއުން އެއީ ވަރަށް މުހިންމު ކަމެއް. އެހެންނަމަވެސް، ޔުޓިލިޓީ ކުންފުނީގެ ޗެއަރމަން ފާހަގަ ކުރެއްވި ފަދައިން، ސަރުކާރަށް ހުރަސްއެޅުމަކީ، ސަރުކާރަށް ނުހިންގޭވަރަށް ދަތިކުރާން އުޅުއްވުމަކީ ބުއްދިވެރިކަމެއްނޫން. އަޅުގަނޑުމެންގެ އަމާޒު ކެއްސިގެނެއްނުދާނެ. އަޅުގަނޑުމެންގެ މަޤްޞަދެއް ނުގުޑާނެ. އަދި އަޅުގަނޑުމެން ބަޔަކު ދެކެ ރުޅިއެއްވެސް ނާންނާނެ. އަޅުގަނޑުމެންގެ މަސައްކަތް ހަމަ ކޮންމެ ދުވަހަކުއްސުރެ އަޅުގަނޑުމެން ކޮންމެ ދުވަހަކު ހެނދުނުއްސުރެ ކުރަމުންގެންދާނަން. އަޅުގަނޑުމެންގެ މަސައްކަތަށް އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނާންނާނެ. ޔުޓިލިޓީ ކުންފުނީގެ މަސައްކަތުގެ އިތުރުން، އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި އަޅުގަނޑުމެންނަށް އަދި އިޢުލާނު ކުރެވޭނެ، ޓާޓާ ކުންފުންޏާ އެކުގައި މި ޕްރޮވިންސްގައި ގެދޮރު ޢިމާރާތްކުރުމުގެ ކޮންޓްރެކްޓެއް.

އަޅުގަނޑުމެން ވަޢުދުވެފައި އޮންނާނެ، އަދި އަޅުގަނޑު ފާހަގަކުރަމުން ގެންދިޔައިން، އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށޭ އެނގިވަޑައިގަންނަވާނީ، ގެއެއް އަޅަންވެގެން އަޅުގަނޑުމެން މިއުޅޭ ޙާލު. އަލަތު ކައިވެންޏާއެކީގައި، ގެވަޅެއް ނަގައި ރުއްގަހަށް ބަދަލު ދައްކައި ނިމޭއިރުގައި، އެއީ އެހާހިސާބަށް ފޮރުވުނު ހުރިހާ ލާރި. ދެން ވަށާފާރު ރޭނުން، އެއީ އަނެއްއަހަރު އެކީގައި ދިޔައީ. ބިންގާ އަޅާލުން، ގެއެޅުން، ފާރުތައް ރޭނުން، ހިޔާކުރުން، އަނެއްރޯދައަށް އިރުމަތީބިތުގައި ސިމެންތި ޖެހުން، މިހެންގޮސް ގެއެއްއަޅާ ނިމޭއިރުގައި، އަޅުގަނޑުމެން ފާހަގަކުރަމުން އައިން، އަޅުގަނޑުމެންގެ އުމުރު މިހުންނަނީ ދެބައިވެފައޭ. ދެވަނަ ކައިވެންޏަށް ދާންވެފައޭ. އަނެއްކާ އަލުން އަނބުރާ މިހުރިހާ ކަމެއް ފަށާންޖެހިފައޭ. ވަންނާނެ ތަނެއް ނެތިގެން، ޢާއިލާ ނުގެންގުޅެވިފައޭ، އެކީގައި ނޫޅެވިފައޭ. އިރާދަކުރެއްވިއްޔާ މިއަންނަ މަހުއްސުރެ ފެށިގެން، އެދަތުރުން ތިޔަބޭފުޅުން ސަލާމަތްވާނެ. އިރާދަ ކުރެއްވިއްޔާ، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން މިޕްރޮވިންސްގައި ގެދޮރު އެންމެ ފުރަތަމަ ލިބޭ ޕްރޮވިންސަށް މިޕްރޮވިންސް ވެގެންދާނެ.

އަޅުގަނޑު ވަރަށް މަސައްކަތް ކުރަމުންއައީ، އަޅުގަނޑުމެންގެ ޓީމު އެކީގައިވެސް ޕްރައިވަޓައިޒޭޝަން ކޮމެޓީވެސް، ސަރުކާރު ހަމަ އެކީގައި މިނޮވެމްބަރު އެގާރައިގެ ކުރިޔަށް، އައްޑުއަތޮޅު އެއަރޕޯޓް ތަރައްޤީކުރުމުގެ ހުރިހާކަމެއް ބަޔަކާއެކީގައި ނިންމުމަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް ނޮވެމްބަރު އެގާރައިގެ ކުރިޔަކަށް އެކަމެއް ނުވި. އެހެންވީމާ، މާކްސް ލިބޭއިރު އެބައި ދަށްވާނެ. އަޅުގަނޑު އުންމީދުކުރަނީ، ކުރިޔަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެއަރޕޯޓުގެ ކަންތައްވެސް އަޅުގަނޑުމެންނަށް ސަލާމަތުގެ ނުވަތަ ކާމިޔާބުގެ އައްސޭރިއަކަށް ގެނެވޭނެ ކަމަށް.

އަޅުގަނޑުމެންނަށް އެއަރޕޯޓުގެ ކަންކަމުގައި ގޮތެއް ނިންމުމުގައި އަވަސްކޮށްފައި ކުރިޔަށްދާން ނުކެރުނީ. ބޮޑަށް ކަންކަމުގައި ބަލަން ބޭނުންވީ. އަދި އެބެލިބެލުމުން، އަޅުގަނޑުމެންނަށް ވަރަށްބޮޑު ކާމިޔާބީތަކެއް ޙާޞިލްވެފައިވާކަން އަޅުގަނޑަށް ޔަޤީން. އިރާދަކުރެއްވިއްޔާ، ގަމުގެ އެއަރޕޯޓް ދޫކުރެވޭއިރުގައި އެކަން ކުރެވިގެންދާނީ، އެކަން ކުރެވެންއޮތް އެންމެ ފުރިހަމަ ގޮތުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގަމަށް ދުނިޔޭގެ އެކިއެކި ތަންތަނުން މަތިންދާބޯޓު ޖެއްސޭނޭ އިންތިޒާމު، ނިޒާމު ހަމަޖައްސާނެ. އަދި ގަން މެދުވެރިކޮށް، އައްޑުއަތޮޅާއި ފުވައްމުލަކާއި، ހުވަދުއަތޮޅު މުޅި މިސަރަޙައްދުގެ ޓުއަރިޒަމް ހިނގައިގަންނާނޭ ގޮތެއް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ފަހިވެގެންދާނެ.

އައްޑުއަތޮޅުގެ އެއަރޕޯޓުގެ އިތުރުން، އައްޑުއަތޮޅުގެ ބަނދަރާ، އަދި ފުވައްމުލަކުގެ ބަނދަރާ، އަދި ފުވައްމުލަކުގެ ގިރާ ސަރަޙައްދު ސަލާމަތްކުރުމާ، އަދި މިދެއަތޮޅުގެވެސް މަގުތައް ފުރިހަމަ ގޮތުގައި ހެދުމާ، އަދި ހަމަ ދެއަތޮޅުގައިވެސް މަދިރީގެ ކިބައިން ސަލާމަތްވެވޭނެގޮތެއް ހޯދުމާ، މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ގޮތުގައި ބަލަންޖެހިފައިއޮތް ކަމެއް. އަޅުގަނޑު ހިތުން ހުރީ، މިހާރު އަޅުގަނޑުމެންނަށް މަދިރީގެ ކިބައިން ސަލާމަތްވުމުގެ ކޮންމެވެސް ރޭވުމެއް ގެންގުޅެވޭނެ ކަމަށް. އެހެންނަމަވެސް، އަދިވެސް އަޅުގަނޑަކަށް އެތަނެއް ނުފެނޭ. އަޅުގަނޑު ދަންނަވާނީ، އެއީ އަޅުގަނޑުމެންނަށް ހަމަ ރިޕޯޓުކާޑުގައި ހަމަ ވަރަށްބޮޑަށް ދަށް މާކްސް ލިބޭ، ވަރަށްދަށް މާކްސް ލިބޭ މާއްދާއެކޭ. މަދިރި އެއީ. އަޅުގަނޑުވެސް ހަމަ ފުރިހަމައަށް ޤަބޫލުކުރަން، އޭގެ އިން ޔޫ އެއް ލިބޭވަރުވެސް ވާކަމަށް.
އެހެންނަމަވެސް، އަޅުގަނޑު އެބަގެންދަން، ޖުމްލަ ވަށާޖެހިފައިވާ ގޮތުގައި ޓެސްޓް ކޮންޓްރޯލް ކުރެވޭނޭގޮތެއް ހޯދަން. އަޅުގަނޑަށް ގޯހުން އެންމެ ފުރަތަމަފަހަރު ކުއްލިއަކަށް މިތަނަށް އެކަންކުރުމަށް ފައިސާ ޚަރަދު ކުރެވުނީ. އަޅުގަނޑުމެން އެފައިސާ ޚަރަދުކުރަންވީ، ހަމަ އެހެން ކަންކަންވެސް އަޅުގަނޑުމެން މިކުރާ އުޞޫލުން. ވަރަށް ދުރަށް ރާވާފައި. އެކީއެކައްޗަކަށް އެކަމުން ސަލާމަތް ވެވޭނެގޮތް ހޯދާފައި. ދެން މީގައި މިނުކުންނަ ތަފާތަކީ، އެހެންހުރިހާ ސޫތްޕެއްވެސް މަދިރިއާ އެކީގައި މަރުވެގެންދޭ. ދެން އަޅުގަނޑުމެން އިންސާނުން އެކަނި އުޅެލެވޭގޮތަކަށް މިދުނިޔެ ބަދަލުކުރުން އަޅުގަނޑުމެންގެ ބޭނުމަކަށްވެފައި މިއޮންނަނީ. އޭރުން ފަސޭހައިން އުޅެވޭކަމަށް މިވަނީ. ދެން އެހެންނަމަވެސް، ހަމަ މަދިރީގެ ކިބައިން ސަލާމަތްވުމަށް އައްޑުއަތޮޅާއި، މުލަކާއި، އަދި ހއ، ހދ. ގެ ވެސް ބާރަށާ، ކެލައާއި ކުޅިބޮޑެތި ރަށްރަށް އަޅުގަނޑުމެންނަށް އެމަޝްރޫޢުތައް އެބަ ހިންގާންޖެހޭ. ޕަބްލިކް ހެލްތްގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން، އެއީ އަޅުގަނޑުމެން އިސްކަމެއްދޭނޭ ކަމެއް ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އެނގިވަޑައިގަންނަވާނެ، އޭޝިޔާގެ މަތިންދާބޯޓު ދުއްވަންދަސްކުރާ މަދަރުސާއެއް އައްޑުއަތޮޅުގައި ހެދުމުގެ މަސައްކަތް ޖީ.ވަން.ޖީ ކުންފުނިން މިހާރުގެންދަނީ ހިންގަމުން. އެ މަސައްކަތް ހިންގުމުގައި، މިތަނުގައި ހިންގަންޖެހޭ ވަރަށްގިނަ މަސައްކަތް މިހާރުވަނީ ފެށިފައި. އަދި އެކަމަށް ބޭނުންވާ ތަކެތިވެސް މިހާރު ވަނީ އައްޑުއަތޮޅަށް ގެނެވިފައި. އަޅުގަނޑުމެން މިއުންމީދުކުރަނީ، އެކުންފުނީގެ މަސައްކަތުގެ ތެރެއިން ފަސޭހަކަމާއެކީގައި، ކަންނެލި ބޭރުކުރެވޭނޭގޮތެއް، އައްޑުއަތޮޅު އެއަރޕޯޓުން ކަންނެލި ބޭރުކުރެވޭނޭ ގޮތެއް ހޯދުމަށް. އަޅުގަނޑުމެންނަށް ފެންނަފެނުމުގައި އައްޑުއަތޮޅު އެއަރޕޯޓުން ކަންނެލި ބޭރުކުރެވެން ފެށުނީމާ، ކަންނެލީގެ އަގާ އަދި ފުވައްމުލަކުގެ ކަންނެލީގެ މަސްވެރިކަން ކިތަންމެ ތަނަކުން ރަނގަޅުވެގެންދާނެ. އަދި ހުވަދުއަތޮޅުގެވެސް ކަންނެލީގެ މަސްވެރިކަން އެތައް ގުނައަކަށް ކުރިއަރައިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އައްޑުއަތޮޅު އެއަރޕޯޓުން ކަންނެލީގެ ވިޔަފާރި ހިންގޭނޭ އުޞޫލުތަކެއް ހަމަޖެއްސުން.

ދަތުރުފަތުރު ކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ އަޅުގަނޑުމެންގެ ވަޢުދެއް. އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަމުންގެންދާ ކަމެއް. އެކަމުގެ ތެރޭގައި މިހާރު މިވަނީ ލ.އަތޮޅާއި ތ. އަތޮޅުގައި އެމަޝްރޫޢު ފެށިފައި. އަޅުގަނޑު ކުރީދުވަހުވެސް ދެންނެވިން، އެދެއަތޮޅުގައި މިދިޔަ މަސްދުވަހުގެ ތެރޭގައި، 12700 ރައްޔިތުން ދަތުރަށް އަރާ ފައިބާ އުޅުނު. އެއީ އެ ދެއަތޮޅުގެ އާބާދީގެ ރަނގަޅު ދިހަ ޕަސެންޓް ކޮންމެ ދުވަހަކު ދަތުރަށް އަރަނީ، ދަތުރު ކުރެވިގެން ވިޔަފާރި ކުރިޔަށްދާނީ. އެކަކާ އަނެކަކާ ބައްދަލުވެގެން، މުޢާމަލާތެއް ހިންގޭނީ. ވިޔަފާރިއަކީ މުދަލާ ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ބަދަލުވުން. އަޅުގަނޑުމެންގެ މިސަރުކާރުގެ ވަރަށްބޮޑު އަމާޒެއްއެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމުން މި ޕްރޮވިންސާއި އަދި ހުވަދުއަތޮޅުގެ ރަށްތަކާއި މިބޮޑު ދެކުނު އެކީގައި ލާމެހިއޮތް ބޮޑު ސަރަޙައްދަކަށް ހެދުން. އަޅުގަނޑުމެންނަށް އެމަންޒަރު އެބަފެނޭ، އަޅުގަނޑުމެންނަށް އެކަން ވާނެކަމުގެ ޔަޤީންކަން އެބައޮތް. އެނގިވަޑައިގަންނަވާނެ، އައްޑުއަތޮޅުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ގާއިމުކުރުމުގެ ކަންކަން ހިނގަމުންދިޔައިރުގައި، ވަރަށް ރަނގަޅަށް މިއަތޮޅުގެ ބައެއް ބޭފުޅުން އެކަމާ ކަންބޮޑުވި. އެކަން ހިނގަނީ ކަމުދާގޮތަކަށް ނޫންކަމަށް ދެކިވަޑައިގެން، އެމައްސަލަ ކޮރަޕްޝަން ބޯޑަށް ފޮނުއްވެވީ. އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް. ކޮރަޕްޝަން ބޯޑުން މިހާރުވަނީ އެކަން ވަރަށް ފުރިހަމައަށް ބައްލަވާފައި. ކޮރަޕްޝަން ބޯޑުން ބެއްލެވި ބެއްލެވުމުގައި އެކަމުގައި މައްސަލައެއް ނެތްކަމަށް ވަނީ ވިދާޅުވެފައި. އަދި މަސައްކަތާއިގެން ކުރިޔަށްދިއުމަށް ކޮރަޕްޝަން ބޯޑުންވަނީ ސަރުކާރަށް އަންގާފައި.

އަޅުގަނޑުމެން ސަރުކާރުން ކުރަމުންދާ ހުރިހާ ކަމެއްވެސް، ހުރިހާ ބޭފުޅުންވެސް ބައްލަވަންޖެހޭނެ. ހުރިހާ ކަމެއްވެސް ކުރެވެންޖެހޭނީ، ދެފުށް ފެންނަގޮތަށް. އަޅުގަނޑުމެންނެއް މީހަކަށް ނޭނގޭގޮތަކަށް ސިއްރުގައި، ސިއްރިޔާތުގައި ޙީލަތްތެރި ރޭވުމަކުން އެއްވެސް އެއްޗެއް މިއަތޮޅުގެ އެއްވެސް މުއްސަނދިކަމެއްވެސް އަދި މިރާއްޖޭގެ ޒައްރެއްގެ މިންވަރުވެސް އެއްފަރާތުން އަނެއްފަރާތަށް އެއްއަތުން އަނެއްއަތަށް ބަދަލުކުރާކަށް ނޭދެން. އަޅުގަނޑުމެން ކުރާކަމެއް އަޅުގަނޑުމެން ކުރާން ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުން އެއަށް ފުރިހަމައަށް ލިބިގެން. ރައްޔިތުންނަށް އެކަމަށް ފުރިހަމައަށް ބެލިގެން.

އެހެންވީމާ، ކޮރަޕްޝަން ބޯޑުގެ ބޭނުން މިހާރަށްވުރެންވެސް ބޮޑަށް ބޭފުޅުން ހިއްޕެވުމަށް އަޅުގަނޑު އިލްތިމާސްކުރަން. އެއީ ރަނގަޅުކަމެއް. އެއްވެސް ޙާލެއްގައި އެއީ އަޅުގަނޑެއް ނުދެކެން، މިސަރުކާރާ އިދިކޮޅަށް ބަޔަކު ކުރާ ކަމެއްކަމަކަށް. އެއި ރަނގަޅަކަށް ކުރާކަމެއް. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާނީ، ކޮރަޕްޝަން ބޯޑުގެ ހަރުފަތުންވެސް އޮތީ ދަތުރުފަތުރު ކުރުމުގެ ނިޒާމު މިހާރު އަރާފައޭ. ދެން އެހެންވީމާ، އިރާދަކުރެއްވިއްޔާ އޭގެ ޢަމަލީމަސައްކަތް މިއަތޮޅުގައި ދާދިއަވަހަށް، އަދި ފުވައްމުލަކުގައި ދާދިއަވަހަށް ފެށިގެންދާނެއޭ.

އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަމުންއައީ، މިޕްރޮވިންސްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް. އޭގެތެރޭގައި ޚާއްޞަކޮށް ފުވައްމުލަކުގެ ވަށާމަގާ، އަދި ފުވައްމުލަކުގެ އެތެރޭގެ ބައެއް މަގާ، އަދި އައްޑުއަތޮޅުގެ ހިތަދޫން ފޭދުއަށް، އެތެރެއިން އޮންނަ ޒަމާންވީމަގު ރަނގަޅު ފެންވަރަކަށް ހެދުމާ، ހިތަދޫގެ މަގުތަކާ، އަދި އެހެންވެސް ރަށްރަށުގެ މަގުތައްހެދުން އެއީ، އަޅުގަނޑުމެން އަބަދުވެސް ވަރަށްބޮޑަށް ވިސްނަމުން، ރާވަމުންއައި މަސައްކަތެއް. އަޅުގަނޑަކަށް އަދިއެއް ތިޔަބޭފުޅުން އަރިހުގައި އެކަން މާދަމާ ކުރާނަމޭ ކިޔައި، ދެންނެވޭކަށެއްނެތް. އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އެބައުޅޭ، އަޅުގަނޑަށް ޔަޤީން، އެފައިސާ ސަރުކާރަށް ހޯދޭނެކަން. އެހެންނަމަވެސް، އެފައިސާ ލިބުނީމާ އަޅުގަނޑުމެން ދެން އެވާހަކަ އެމަސައްކަތުގެ ވާހަކަ ދައްކަން އެމަސައްކަތް މަޑުކޮށްގެން މިތިބީ. އަޅުގަނޑުމެން މިހާރު މިރޭ މިފާހަގަކުރަނީ ސަރުކާރަށް އެމަސައްކަތެއް ހިންގަން ފައިސާ ލިބި، ނުވަތަ އެމަސައްކަތެއް ހިންގުމަށް އިންވެސްޓަރުން ލިބި، މަސައްކަތްތައް ސީދާގޮތުގައި ހިންގެންހުރި ކަންކަމުގެ ވާހަކަ. އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ، މަގުތަކުގެ ވާހަކަ، މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދިއުމުގައި އަދި އަޅުގަނޑުމެން ކުޑަދުވަސްކޮޅެއް ނަގާނެއޭ.

ހަމައެހެންމެ، އަޅުގަނޑުމެންގެ އަމާޒެއް އެއީ، އައްޑުއަތޮޅުންނާއި ފުވައްމުލަކުން، މިސަރަޙައްދުން ކޮންމެވެސް އެއް މަދަރުސާއެއް، ބައިނަލްއަޤްވާމީ މަދަރުސާއަކަށް ހެދުން. އެމަސައްކަތް ކުރުމަށްޓަކައި ފަށައިގަތީމު. އަޅުގަނޑުމެން ފުރަތަމަ މުޙިއްބުއްދީން ސްކޫލް އިޢްލާނު ކުރީމު. އެހެންނަމަވެސް، އެވަގުތު އެކަމާގުޅިގެން، ބައެއްބޭފުޅުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ޝައްކު އުފެދިފައި އޮތީތީވެ، އެމަސައްކަތް އެއިރަކު ބާރަކަށް ނުގެންދެވުނު. އަޅުގަނޑުމެން ސަރުކާރުން ދުށީ، މީގައި އެހެންވީމާ، އެއް މަދަރުސާ ބާރަށް ގެންގޮސް ނިންމާނިއްޔޭ. އޭރުން ރައްޔިތުންނަށް މިކަން ހިނގާގޮތް ސާފުވާނެއޭ. އަދި އަޅުގަނޑަށް މިއަތޮޅުގެ ބައެއް ބޭފުޅުންގެ ކިބައިން ލިބުނު މަޢުލޫމާތަކީވެސް މާލޭގައި އެއްތަން ގެންގޮސް އެގޮތަށް ނިންމާށޭ. އޭރުން އެހެން ތަންތަނުގައި އެކަންކުރުމަށް ފަސޭހަވާނެއޭ، ފަރިތަވާނެއޭ. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިވަނީ، ޝްރީ އެޑިޔުކޭޝަނާ އެކީގައި ޣިޔާޘުއްދީން ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ގޮތުގައި ބަދަލުކުރެވިފައި. އަދި އެތަނަކީ ފުރިހަމަ ރަނގަޅު ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމެއްދޭ މަދަރުސާއަކަށް ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިގަނެވިފައި. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިއަންނަ އަހަރުގެ ތެރޭގައި އައްޑުއަތޮޅުގައި އޭގެ މަދަރުސާއެއް އުފެއްދުން. އައްޑުއަތޮޅުގައި ބައިނަލްއަޤްވާމީ މަދަރުސާއެއް އެޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއަންނަ އަހަރުގައި އެމަސައްކަތް ފުރިހަމަކުރެވޭތޯ ބަލާނަން.
އައްޑުއަތޮޅުގެ ރަށްތަކުގެތެރެއިން، އެންމެބޮޑަށް ތޮއްޖެހިފައިވާ އެއްރަށަކީ ފޭދޫ. އައްޑުއަތޮޅުގެ ފޭދޫގެ ރައްޔިތުންނަށް ޚާއްޞަކޮށް، ނަރުދަމާގެ ދަތިކަން އެއީ ދެން އިތުރަށް އަޅުގަނޑުމެންނަށް މަޑުކޮށްގެން ތިބެވެން އޮތްކަމެއްނޫން. އެހެންވީމާ، މިމަސައްކަތަށް އަޅުގަނޑުމެން ފައިސާ ހޯދުން އަވަސްކުރީ. އިރާދަކުރެއްވިއްޔާ ފޭދޫގެ ނަރުދަމާ އެއީ ކަރަންޓުގެ މަސައްކަތް ޢަމަލީ ގޮތުގައި ފެށޭއިރުގައި، އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ މަސައްކަތެއް. ފޭދޫގެ ނަރުދަމާގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަންނަ އަހަރުގެތެރޭގައި ކުރިޔަށް ގެންދެވޭނެ. އަދި މިދެއަތޮޅުގެ ފުވައްމުލަކާއި އައްޑުއަތޮޅު މިދެއަތޮޅުގެ ތެރެއިން އެންމެ ތޮއްޖެހިފައިވާ ރަށަކީވެސް ފޭދޫ. ފޭދޫގައި ގެދޮރުގެ ދަތިކަންވެސް ހަމަ އެހާމެބޮޑު. އަޅުގަނޑު އެއްވެސް ޙާލެއްގައި މިދަންނަވަނީ، ހިތަދޫގައި ގެދޮރުގެ މައްސަލަ ނުވަތަ ދަތިކަން ނެތްކަމަކަށެއްނޫން. ހިތަދޫގައި ބިން އެބައޮތް އެހެންނަމަވެސް ބިން އޮތަސްވެސް އަދި އޭގެމާނައަކީ ގެއެއް އެޅެނީކީއެއްނޫނޭ. އަޅުގަނޑު މިދެންނެވީ، ބިން އޮތީމާ ގެއެއްއަޅަން ރަނގަޅު 12 އަހަރު އެބަ ނަގައޭ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، އަދި ބިމެއް އޮތަސްވެސް ގެއެއް އަޅަން ޢާންމު ރައްޔިތުންނަށް ދަތިވާތީވެ، އެއުޞޫލުން ގެއެޅޭނޭގޮތް ހޯދުން. އަޅުގަނޑުމެނަށް މިހާރު މިއަތޮޅުގައި އެޅޭ ފުރަތަމަ 100 ގެ ސީދާ އަޅާނެ ތަނެއް ނިންމުމުގެ ކަންތައް މިއަތޮޅުގެ ރައްޔިތުން އެބަ ހިންގާންޖެހޭ.

އަޅުގަނޑު ދަންނަވާނީ ކޮންމެ ތަނެއްގައި ފެށުނެއްކަމަކު އޭގެ މާނައަކީ، އަނެއްތަނަށް އެކަން ނެތީއަކީއެއްނޫނޭ. ފަށަންވެގެން މިއުޅެނީ، ހަމަ އެންމެ ދަތި ތަނުގައޭ. އެހެންވީމާ، ބަލަންވީ އެންމެ ދަތި ތަނަކީ ކޮބައިތޯއޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ޕާޓީގެ ބޭފުޅުން މެންބަރުން އެދޭނެ، އެމީހުންގެ ފިކުރު ގިނަ ތަނެއްގައި އެމަސައްކަތް ފެށުމަށް. އެހެންނަމަވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ހަމަ އަދަބުވެރިކަމާއެކު ދަންނަވަން ބޭނުން، މިއަދު އަޅުގަނޑުމެން ވިސްނާން ޖެހޭނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ދަތީގައިއުޅޭ ބަޔަކަށް އެންމެ ކުރީގައި ރަނގަޅުގޮތެއް ހޯދައިދެވޭތޯއޭ. އެންމެ ކުލަ ރަނގަޅުބައި ހަމަ އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ފުން ވިސްނުމަކަށް ވާންޖެހޭނީ، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށް ވާންޖެހޭނީ، އެންމެ ދަތީގައިއުޅޭ ބަޔަކަށް ވީހާވެސް އަވަހަކަށް ފުރިހަމަ، ރަނގަޅު، ފަހިގޮތެއް ހޯދައިދިނުން.

އަޅުގަނޑު ނިންމާލަމުންވެސް ތިޔަބޭފުޅުންނަށް ދަންނަވަންއޮތީ، ވަރަށްބޮޑަށް ޝުކުރިއްޔާއޭ. މިދިޔަ ދެތިންދުވަހަކު މުލީއާގެއިން އަޅުގަނޑު އުޅެއްޖައިމު ހޯދާން، ކިހިނެއްބާއޭ، ރައްޔިތުން މިސަރުކާރާ ގުޅޭގޮތުން ވިސްނަނީ. ދެން އެކިއެކި ބޭފުޅުން އައިސް އަޅުގަނޑު ގާތުގައި އެކިއެކި ވާހަކަ ދައްކާ. ކުރީގައި އަޅުގަނޑަށް ރައްޔިތުންނާއެކީގައި ވާހަކަދައްކާ މިންވަރަކަށް މިހާރަކު ނުދެއްކޭ. އެހެންވީމާ، އަޅުގަނޑު ހިތުލީ، 5000 މީހުންނަށް އަޅުގަނޑުމެން ފޯނުކޮށްފައި އަހަން، ކޮބާ! ކިހިނެއްހޭ؟ އެހިއިރުގައި ހިސާބުހުރީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ބީ ރިޕޯޓު ހަމަ މިފާހަގަކުރަނީ އެހިސާބަށް ބަލާފައި. ނޮވެމްބަރު އެގާރައިގައި އިރާދަކުރެއްވިއްޔާ އެހިސާބުގެ ފުރިހަމަ ތަފްޞީލު ލިބޭނެ. މި އަޅުގަނޑުމެން ނޮވެމްބަރު އެގާރައިގައި މިހުށަހަޅާ ހިސާބާ ގުޅޭގޮތުން ކޮންމެ ވާހަކައެއް ބޭފުޅުން ދެއްކިއަކަސްވެސްހެޔޮ. އެއީ އަޅުގަނޑަށް މުލީއާގެއިން ހޯދައިދިން މަޢްލޫމާތެއް. ދެން އެމަޢްލޫމާތު ދޮގޭ، ތެދޭ، އަދި ބުނުއްވިއަސް، ނުބުނުއްވިއަސް އެއީ ސީދާ އަޅުގަނޑު ބޭނުންކުރަންވެގެން ހޯދާ މަޢްލޫމާތެއް. އެހެންވީމާ، އަޅުގަނޑު އެމަޢްލޫމާތު ހޯދާނީ ރަނގަޅަށް. އަޅުގަނޑަކަށް އެމަޢްލޫމާތު ދޮގުކޮށްބާއްވައިގެން ލިބޭނެފައިދާއެއް، ކުރާނެ މަންފާއެއް ނެތް.

އެހެންވީމާ، އަޅުގަނޑު ވަރަށް އުފަލުން އަޅުގަނޑުމެނަށް އެންމެބޮޑަށް ތާއީދު އޮތް އެއްތަނަކީ، އައްޑުއަތޮޅު. ދެން އަޅުގަނޑުމެންނަށް އެންމެބޮޑަށް ތާއީދު އޮތީ މާލެއާއި އައްޑުއަތޮޅުގައި. އަޅުގަނޑުމެންނަށް ހަމަ އެކަން ވަރަށް ސާފުކޮށް، އަޅުގަނޑުމެންގެ ހުރިހާ ސާރވޭއަކުން އެބަފެނޭ. މާލޭގެ އިތުރުން، މާލޭގައި މިސަރުކާރަށް އޮތް ތާއީދު ވަރަށްބޮޑު. މާލޭގެ އިތުރުން ހަމަ އަދިވެސް އަޅުގަނޑުމެންނަށް މިފާހަގަ ކުރެވެނި، ފެށުނީއްސުރެ ފަށައިގެންވެސް ބަދަލަކަށްއެދި މަސައްކަތްކުރި އާބާދީތަކުގައި އެބަދަލަށް އަދިވެސް ހަމަ ކުރިޔަށްދިއުމަށް އެބައެދެއޭ، މިއަތޮޅުގައިވެސް އެކަންހުރީ އެހެނޭ. ހުވަދުއަތޮޅުގައިވެސް އެކަންހުރީ އެހެނޭ، ތިލަދުންމަތީ އުތުރުބުރީގައިވެސް އެކަންހުރީ އެހެނޭ، ފާދިއްޕޮޅުގައިވެސް އަދި ނޫނު އަތޮޅުގައިވެސް އެކަންހުރީ އެހެނޭ، މިސަރުކާރަށް އާދަޔާ ޚިލާފު ތާއީދުހުރި ބައެއް ސަރަޙައްދު އެބަހުރި، އެހެންނަމަވެސް އަޅުގަނޑުމެންނަށް އުފާ ލިބޭ އެންމެބޮޑު އެއްސަބަބަކީ ހުރިހާ ތަނަކުންވެސް އަޣުލަބިއްޔަތު، ތާއީދު އަޅުގަނޑުމެންގެ ސަރުކާރަށް މިހާރު ލިބިފައިވާކަން. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެން އަދި މާފަހި، ފާގަތި މާދަމައެއް ލިބުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން. والحمد للّـه، السّـلام عليـكم .

_____________________