بســم اللّـه الرّحمـن الرّحيــم

السّـلام عليـكم،


މިއަދަކީ ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. އަދި ޑެފް އެސޯސިއޭޝަންގެ ފަރާތުން މިދުވަސް ފާހަގަކުރުމަށް، ނުވަތަ މި ޑިކްޝަނަރީ، ރަދީފް ނެރުމަށް، އަޅުގަނޑު ގާތުގައި ދުވަހަކީ ކޮބައިތޯ އެހުމުން، އަޅުގަނޑު އެކިއެކި ބަހަނާއާއެކުވެސް މިދުވަހު ލަސްކުރީ މިއީ، ދިވެހިރާއްޖޭގައި ބޭއްވި އެންމެ ފުރަތަމައަށް ގިނަ ޕާޓީ ވާދަކުރި، ރިޔާސީ އިންތިޚާބު ބޭއްވުނުތާ އެއް އަހަރުވީދުވަސް.

އަޅުގަނޑުގެ ނަޒަރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިދޭ، ފާޅުކުރެވޭނޭ ވަސީލަތް ދަރިވަރުންނަށް، ޢާންމުންނަށް، ރައްޔިތުންނަށް ނުލިބޭނަމަ. އަޅުގަނޑަށް އެނގުނު ގޮތުގައި، އަދި އަޅުގަނޑަށް ވިސްނުނު ގޮތުގައި މި ރާއްޖޭގެ ރައީސެއްގެ ގޮތުގައި އަޅުގަނޑު ހުންނަ އެންމެބޮޑު އަދި އަޅުގަނޑަށް ހުރުމަށް ދިމާވި އެންމެބޮޑު އެއްސަބަބަކީ، ޙަޤީޤަތުގައި އެހެން ހުރިހާ ކަމަކަށްވުރެ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއީ ހަމައެކަނި އަޅުގަނޑުގެ ވާހަކައަކުން އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު މައިކް ކައިރީގައި ވާހަކަދައްކަމުން އައިގޮތް.

އަޅުގަނޑު ހިތަށްއަރަނީ، މިއުފާވެރި މުނަސަބާ އަޅުގަނޑަށް މިގޮތަށް ދިމާވިކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކޭ. އަޅުގަނޑު ދަންނަވާނަން، މިއެސޯސިއޭޝަންގެ ތެރެއަށް، ނުވަތަ މިއެސޯސިއޭޝަންގެ މަސައްކަތުގެ ތެރެއަށް އަޅުގަނޑަށް މިހާބޮޑަށް ވަންނާން ދިމާވި އެއްސަބަބަކީ، ހަމައެކަނި ފުރަތަމައަށް، އަޅުގަނޑުގެ ޢާއިލާގެ ތެރޭގައި އަޅުގަނޑުގެ ކޮއްކޮއެއްވެސް އަދި އަޅުގަނޑުގެ ބޭބެއެއްވެސް ހުރޭ، އަޑުއެހުމުން މަޙްރޫމްވެފައިވާ، އަޑު އިވުމުން މަޙްރޫމްވެފައިވާ ދެކުދިން. އެހެންވީމާ، އަޅުގަނޑަށް އެކަން ވަރަށްގާތުން އިޙްސާސްކުރެވޭ. އަދި މީގެ އިތުރުން، މިދިޔަ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، އަޅުގަނޑާއެކުގައި ކެމްޕޭނުގައި މި ޑެފް އެސޯސިއޭޝަނުގެ ބޭފުޅުން ވަރަށްބޮޑަށް ޙަރަކާތްތެރިވެ، ބައިވެރިވެވަޑައިގެންނެވި. އެބޭފުޅާ އަޅުގަނޑަށް މިއަދުވެސް ފެންނާން އެބައިން. އަޅުގަނޑާއެކުގައި އަޅުގަނޑުމެންގެ ރިޔާސީ ކެމްޕޭނުގައި އެބޭފުޅާ ބައިވެރިވެވަޑައިގަންނަވައިގެން ކުރިއަށް ވަޑައިގެންނެވިއިރުގައި، މިމަސައްކަތުގައި އަޅުގަނޑު މަސައްކަތްކުރާނެގޮތް ނުވަތަ ސަރުކާރުން އެހީތެރިވެދޭނެ މިންވަރާއި ދަރަޖަ އެބޭފުޅުން އޭރުއްސުރެން ފަށައިގެން، ސާފުކުރަން ބޭނުންވި. އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން، އަޅުގަނޑަށްވީ އެންމެ ފުރިހަމަ މިނަކަށް އަޅުގަނޑަށް ވީ އެންމެރަނގަޅަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކަމުގައި ބައިވެރިވާނަމޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު އަޅުގަނޑަށް ފާހަގަ ވެފައިއޮތީ، 2008 ވަނަ އަހަރުން ފެށިގެން މި މަސައްކަތް، ޚާއްޞަކޮށް ގޯޕާލް ކްރިޝްނާގެ މަސައްކަތް ހިނގަމުންއައި. ހިނގަމުންއައިސް އެމަސައްކަތް ސީދާ ކާމިޔާބުގެ އައްސޭރިއަކަށް ގެންދިއުމުގައި އެކި ބާވަތްބާވަތުގެ ހުއްޓުންތަކާ، ދަތިތަކާ، ހުރަސްތައް ދިމާވަމުން އައިސްފައި އޮތްކަން، ވީކަން އަޅުގަނޑަށް ސާފުވެގެންދިޔަ. ޚާއްޞަކޮށް އެސޯސިއޭޝަންގެ ފަރާތުން އަޅުގަނޑާ ބައްދަލުކޮށް، އަޅުގަނޑުމެންނަށް މަޝްވަރާކުރާން ލިބުނު ފުރްޞަތުތަކާ ވިދިގެން، އަޅުގަނޑުމެންނަށް މި މަސައްކަތް ބާރަށް ހިންގުމުގައި ސަރުކާރަށް ވެދެވެން ހުރި ހުރިހާ އެހީއެއް ވެދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރިން. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު މި ރަދީފް ނެރޭވޭކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ވަރަށްބޮޑު ހިތްހަމަޖެހުމެއް.

ބަހުރުވައަކީ، މުޢާމަލާތް ކުރުމަކީ، އެކަކާ އަނެކަކާ ވާހަކަ ދައްކާ އުޅުމަކީ އިންސާނީ ތަރައްޤީއަށް، އަދި ޤައުމެއްގެ ތަރައްޤީއަށްވެސް އެންމެ މުހިންމު ގޮތުގައި، އެންމެ ބޭނުންތެރި ވަސީލަތް. އަޅުގަނޑުމެންނަށް އެކަކާ އަނެކަކު ވާހަކަދައްކައި މުޢާމަލާތްކޮށް ނޫޅެވޭކަމަށް ވަނީވިއްޔާ، އަޅުގަނޑުމެންނަށް އެ މުޖްތަމަޢެއް ރަނގަޅު ގޮތުގައި ހިންގަން ދަތިވާނެ. އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި، ކިތަންމެ ރައްޔިތުންނެއް، މިދެންނެވި ޤާނޫނުއަސާސީވެސް އަދި ޢާންމު އުޞޫލުތަކާ، ޢާންމު މިނިވަންކަން އެރައްޔިތުންނަށް ޙައްޤުވީކަމުގައި ވިޔަސްވެސް ސާފުގޮތުގައި ނުލިބޭ. އަޅުގަނޑު މިގޮތުގެ އެންމެބޮޑު ބޭނުމެއްކަމުގައި ދެކެނީ، ދަރިވަރުންނަށް މަދަރުސާގައިވެސް މުޢާމަލާތްކޮށް އުޅުމުގެ، ވާހަކަދައްކާ އުޅުމުގެ ފުރްޞަތު ލިބުމާ އަދި ގޭތެރޭގައިވެސް މިފޮތުގެ ބޭނުންކޮށްގެން، މިކަމުގައި ކުރިޔަށް ދެވޭނޭ ގޮތެއް ދަރިވަރުންނަށް ލިބޭނޭ ކަމުގެ އުންމީދު.

އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަފެނުމުގައި މިފޮތުން މަޢްލޫމާތު ލިބިގަންނަންވީ، ނުވަތަ ބޭނުންކުރަންވީ، ހަމައެކަނި އަޑުއިވުމުން މަޙްރޫމް ވެފައިވާ ދަރިވަރުންނެއްނޫން. ހަމައެހެންމެ، އެހާމެބޮޑަށް އެހެން ކްލާސްތަކުގައި ކިޔަވަމުންދާ އެހެން ދަރިވަރުންނަށްވެސް އެއީ، އަޑުއިވޭ ދަރިވަރުންވެސް މިބަހުރުވަ ދަސްކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމުކަމެއް. އަޅުގަނޑު ޑޮކްޓަރ ލުޠުފީ އަރިހުންވެސް އެދެމުން މިއަންނަނީ، ކޮންމެވެސް މިންވަރަކަށްވެސް ކޮންމެވެސް މަދަރުސާއެއް، ތަނެއްގައިނަމަވެސް، ހަމަ ދިވެއްސާ، އިނގިރޭސިއާ ކިޔަވައިދޭ އުޞޫލުން މިބަހުރުވަ ކިޔަވައި ދިނުމަށް ކުޑަހިނދުކޮޅެއް، ވަގުތުކޮޅެއް ދެއްވުމަށް. އަޅުގަނޑު އުންމީދުކުރަން، އަލަށް މިއެކުލަވާލެވޭ މުޤައްރަރުގައި އަޅުގަނޑުމެން އަލަށް، ޓައިމްޓޭބަލް މި އަންނަ އަހަރު ފަށާއިރުގައި ހުރިހާ ދަރިވަރުންނަށްވެސް، ވަކިދަރިވަރެއް އިސްތިސްނާނުކޮށް، ހުރިހާ ލޮބުވެތި ދަރިވަރުންނަށްވެސް ސައިން ލޭންގްއޭޖް ކިޔަވައިދޭން ވަގުތުކޮޅެއް މަދަރުސާތަކުގައި ހުސްކޮށްދެއްވާނެކަމަށް. އެއީ، އަޅުގަނޑު ވަރަށްބޭނުން ކަމެއް.

ހަމައެހެންމެ، އަޅުގަނޑުމެން އުންމީދުކުރަން، މި ރަދީފް މެދުވެރިކޮށް، ވީހާވެސްގިނަ މައިންބަފައިންނަށް އަދި މި އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންގެ ގާތްތިމާގެ މީހުންނަށްވެސް، ރަޙްމަތްތެރިންނަށްވެސް މި ރަދީފް ދަސްކޮށްދިނުމާ، އަދި މި ބަހުރުވައިން މުޢާމަލާތުކުރުމަށް، އެ ހުނަރު އެ ރައްޔިތުންނަށް ހޯދައިދިނުމަށް. އަޅުގަނޑުމެން ބޭނުން، އުޞޫލެއްގެގޮތުން، ވާރކްޝޮޕް، ސެމިނާރ އަދި ހަމަ ކްލާސްރޫމްތަކުގެ ޒަރީޢާއިން ނަމަވެސް، ވީހާވެސް ގިނަ ރައްޔިތުންނަކަށް މި 700 ބަސް އުނގަންނައިދީ، ދަސްކޮށްދޭނެ ގޮތެއްވުން. އަޅުގަނޑުމެންގެ މަދަރުސާގެ ކްލާސްތަކުގައި އެހެން ބަސްތައްވެސް އެބަ ކިޔަވާ. އަޅުގަނޑަށް ޔަޤީން، މިސާލަކަށް ޢަރަބިބަސްވެސް ކިޔަވައިދޭ، ރާއްޖޭގައި ޢަރަބިބަހުން ވާހަކަދައްކާ މީހުންނަށްވުރެ ހަމަ މަދެއްނުވާނެ، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންނެއް. ނުވަތަ ރާއްޖޭގައި ފަރަންސޭސިބަހުން، ޖަރުމަނުބަހުން ވާހަކަދައްކާ މީހުންނަށްވުރެ މަދެއް ނުވާނެ، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންގެ އަދަދެއް.

އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް ވީހާވެސް ގިނަ ބަޔަކަށް ޢާންމުގޮތެއްގައި މިބަހުރުވައިން ވާހަކަދެއްކެވޭނެ ދުވަހެއް ދެކުމަށް. އަޅުގަނޑުމެންގެ ތެރޭގައި މިބަހުރުވައިން ޢާންމުކޮށް ވާހަކަދައްކާ އުޅޭތަން ފެނުމަކީ އަޅުގަނޑުމެންގެ މި ސަރުކާރުގެ އުންމީދެއް. މި ސަރުކާރަށް ލިބޭނެ އުފަލެއް. އެހެންވީމާ، އެޑިޔުކޭޝަން މިނިސްޓަރ ލުޠުފީ އެބަ ވިދާޅުވޭ، މިގޮތަށް މިކަން ހަމަޖައްސައިދިނުމަށް އެޑިޔުކޭޝަނުން މަސައްކަތްކޮށްދެއްވާނެކަމަށް. އަޅުގަނޑު ދަންނަވާނީ، އެއީ އަޅުގަނޑު ޢާންމުކޮށް ސްޓޭޖެއްގެ ކުރިމަތީގައި މިވާ ރައްޔިތުންނަށް ވީ ވަޢުދުތައް ފަދައިން، ވީ ވަޢުދެއްކަމުގައި ނުވިޔަސްވެސް އަޅުގަނޑުމެންގެ ކެމްޕޭނުގައި، އަޅުގަނޑުމެންގެ ރިޔާސީ ކެމްޕޭނުގައި ބައިވެރިވެލެއްވި، އަޑުއެހުމުން މަޙްރޫމްވެފައިވާ ޖަމްޢިއްޔާގެ ބޭފުޅުންނަށް، މި ސަރުކާރުން ވެފައިވާ ވަޢުދެއްކަން. އެވަޢުދު އަޅުގަނޑުމެން ފުއްދައިދޭން ބޭނުންވާނެ.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އަބަދުވެސް ހާމަކުރަން، މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައޭ، ބޭނުމަކަށްޓަކައޭ. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށޭ. އަޅުގަނޑު ވަރަށްބޮޑަށް މިކަމަށް މަސައްކަތްކޮށްދޭނަން. މިހާރު ޗާޕުވެފައިމިވަނީ 1000 ފޮތް. އަހަރުދުވަހުގެތެރޭގައި އަޅުގަނޑުމެންނަށް 1000 ރައްޔިތުންނަށް، އެއީ އަޑުއިވޭ 1000 މީހުންނަށް މިފޮތުގައިމިވާ 700 ބަސް ނުވަތަ މިބަހުރުވައިން ވާހަކަ ދެއްކުމުގެ ހުނަރު ހޯދައިދިނުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން ބޭނުން. އިރާދަކުރެއްވިއްޔާ ސަރުކާރުން އެމަގަށް މަސައްކަތްކުރާނަން.

އަޅުގަނޑަށް ހަމަ މިކަމުގައި، އަޅުގަނޑަށް ބަލާލެވުނު ހިސާބުން އަޅުގަނޑަށްވެސް އެންމެ ފުރަތަމައިނުންވެސް ވަރަށްބޮޑު ގޮތެއްގައި، ގޯޕާލް ކްރިޝްނާ ފެށި މަސައްކަތް ފާހަގަވި. އަދި އެބޭފުޅާގެ މައިންބަފައިން، ރާއްޖޭގައި ކުރައްވަމުންގެންދަވާ މަސައްކަތްވެސް އަޅުގަނޑުމެންނަށް ވަރަށް އުފަލާއެކުގައި ބަލައިގަނެވުނު، އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެހެންވީމާ، އަޅުގަނޑު އެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިއަދު އެކޮށްދެއްވާފައިވާ، ބުރަ، ބޮޑު މަސައްކަތަށް ޝުކުރު ދަންނަވަން.

ނުކުޅެދޭ ކުދިންނަކީ ކޮބައިތޯ؟ މިސުވާލު އެހުމުގަޔާ، އަދި މީގެ ޖަވާބެއް ހޯދުމުގައި އަޅުގަނޑުމެން މިހާރު އަހަރެއް ވެދަނީ. އެއީ، މިސަރުކާރުން. އަޅުގަނޑު ސަރުކާރު ހިންގުމާ، މިސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވީ ހިނދު، ހައްތަހާވެސް އުފެދިފައިއޮތް ސުވާލަކީ ކޮންބައެއްބާއޭ؟ ކިހިނެއްތޯ ކަނޑައަޅާނީ، ކާކަށްތޯ ނުފެންނަނީ؟ ކޮން ކުއްޖަކަށްތޯ އަޑު ނުއިވެނީ؟ މިކަންކަން ބަލައި ހޯދުމަށް. އަޅުގަނޑު ދާދި އިހަކަށްދުވަހަކު ރާއްޖެތެރޭގެ ރަށަކަށް ދިޔަތަނާ، އަޅުގަނޑު ގާތުގައި ރައްޔިތަކު، ތިމަންނާމެންނަށް މި ނުކުޅެދޭތީވެ ލިބެންޖެހޭނެ ފައިސާއެއް ލިބޭނެކަމަށް ސަރުކާރުން ވަޢުދުވެފައި އެބައޮތޭ، އެފައިސާ ނުލިބެނީ ކީއްވެގެންތޯ ސުވާލުކުރީމާ އަޅުގަނޑަށް ދަންނަވަންޖެހުނީ، އަޅުގަނޑުމެން މިއުޅެނީ ނުކުޅެދޭ މީހުންނަކީ ކޮބައިތޯ ހޯދަހަރޭ. ދެން ބުނީމާ، އެ ބޭފުޅާ އަޅުގަނޑު ގާތުގައި ބުނީ، ދެން ރަނގަޅުތާއޭ، ތިމަންނާއަކީ ނުކުޅެދޭ މީހާ ކަމަށްވެފައި ތިޔަބޭފުޅާއަކީ ކުޅެދޭ މީހެއްކަމަށް ބުނާކަން. ބެއްލެވީމަކާ ތިބޭފުޅާއަކަށްވެސް ނުފެނޭތޯއޭ، ކާކުތޯ ކުޅެދެނީ، ކާކުތޯ ނުކުޅެދެނީ. ދެން އަޅުގަނޑަށްވެސް ހީވަނީ އެއީކީއެއް، އދ.ގެ އެކިއެކި ކްރައިޓީރިއާތަކަކުން އަޅުގަނޑުމެންނަށް އަރާނުގަނެވިގެން، މިނިސްޓްރީއޮފް ހެލްތް އެންޑް ފެމިލީގައި އުޅޭތާ ހަމަ މިވީހަމަ ސާފު އަހަރެއް. ކޮބައިތޯ ނުކުޅެދޭ މީހަކީ އޮޅުން ފިލުވަންވެގެން. އެކަމާގުޅޭ ޕްރޮޖެކްޓާ، ރިޕޯޓް އަޅުގަނޑު ބަލާލިއިރުގައި އެބަހުރި ރާއްޖޭގައި ނުކުޅެދޭ މީހުންގެ އަދަދާ އެއްވަރަށް. އަދި އެކަމަށް ކޮށްފައިހުރި ޚަރަދުވެސް ޙަޤީޤަތުގައި ހަމަ މިހާރު އެބަ ގާތްކުރޭ، މިކަމުން އަޅުގަނޑުމެން އަރައިގަތުމަށް ހިނގާވަރަށް.

އަޅުގަނޑު އަނެއްކާވެސް ހުރިހާބޭފުޅުންގެ ކިބައިންއެދެން، އަދި އަޅުގަނޑުވެސް އެކަމުގައި ބޮޑަށް އަޅާލާނަން، ބަލާނަން. ނުކުޅެދޭމީހުންނަކީ، ރައްޔިތުންނަކީ ކޮބައިތޯ ސާފުކުރުމުގައި. ދެން އަޅުގަނޑުމެން މިކުޅެދިގެންކަމަށް މިބުނާމީހުން ކުޅެދިގެންތިބުން އެއީ ބުއްދިވެރިކަމަކަށް ވެދާނެއޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފާހަގަވޭ، އެކަމަށް އަޅުގަނޑުމެން ބަޖެޓްކޮށްފައިހުރިފައިސާ ދޫކުރަން ފެށޭނެ. އަޅުގަނޑު ހަމަ ދަންނަވަން މިއުޅެނީ، އަޅުގަނޑުމެން މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓާއެކުގައި އެއަށް ބަޖެޓެއްކުރީމޭ، އެހެންނަމަވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެން އެދުނު މިންވަރަށް އެ ބަޖެޓެއް ދުލެއް ނުކުރެވުނޭ، އެމަސައްކަތެއް ނުހިންގުނޭ. މިއަންނައަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމަސައްކަތް މިއަށްވުރެ މާރަނގަޅަށް މާބާރަށް ހިންގޭނެ.

އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން މިހާރުމިވަނީ، ޖަމާލުއްދީން ސްކޫލްގައި ގްރޭޑް 8 އުފެއްދިފައި. މިއަންނައަހަރު 9، 10 އަކާ ހަމައަށް އިރާދަކުރެއްވިއްޔާ ކިޔަވާދެވޭނެ. ދެން އެއަށްފަހު 11 އާއި 12 އަދި ޔުނިވަރސިޓީ ތަޢްލިމާހަމައަށް ޚިދްމަތްދެވޭނެގޮތް ހަމަޖެއްސުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެ ރޭވުންތަކުގައި އަޅުގަނޑުމެން ކުރިޔަށްމިދަނީ. އަޅުގަނޑަށް ޔަޤީން، ޑޮކްޓަރ ލުޠުފީގެ މޭސްތިރި ކަމުގައި މިކަން އެގޮތުގައި ކުރިޔަށްދާނެ. މިހިނދު، މިއަދު ޖަމާލުއްދީން ސްކޫލުން މިމަސައްކަތަށް މިދެއްވާ އަހަންމިއްޔަތުކަމާ، ބަހައްޓަވާ ފަރުވާ އަޅުގަނޑުމެން އެންމެންނަށްވެސް މާބޮޑޭ، މާގުޅޭ. އެނގިވަޑައިގަންނަވާނެ، ޑޮކްޓަރ ލުޠުފީއަކީ، ޖަމާލުއްދީން ސްކޫލް ފެށްޓެވިއިރުގައި ޑެޕިއުޓީ ޕްރިންސިޕަލް. އަދި އަޅުގަނޑު ހަނދާންވަނީ ޝިފާވެސް ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި އުޅުއްވި. އަޅުގަނޑުމެންނަށް ފުރަތަމަ އިސްކޫލްގައި މިމަސައްކަތް ފަށައިގަނެވުނުއިރުގައި، ރާއްޖޭގައި މި ސްކޫލްގައި މިމަސައްކަތް ފަށައިގަނެވުނުއިރުގައި އަޅުގަނޑު ހަނދާންވަނީ އޭރު ޝިފާއޭ، މިސްކޫލްގައި ހުންނަނީ ދެން އަޅުގަނޑު ހަނދާންވާގޮތް އެއީ. އަޅުގަނޑުމެންނަށް 90 ގެ ތެރޭގައި ޖަމާލުއްދީން ސްކޫލްގައި މިމަސައްކަތް ފަށައިގަނެވުނީ. މިއަދާހަމައަށް އާދެވުނުއިރުގައި އިސްކޫލްގެ މަސައްކަތް މިއޮތީ ވަރަށްބޮޑަށް ތަރައްޤީވެފައި. މިހާރުގެ ޕްރިންސިޕަލް މިމަސައްކަތް ކުރިޔަށް ގެންދެވުމުގައި މެދުނުކެނޑި އެކުރައްވާ މަސައްކަތްތައް ސަރުކާރުން ފާހަގަކުރަން. އަޅުގަނޑުމެން އެބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑުގެ އުންމީދަކި، އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގެ ވީހާވެސް ގިނައިން ރައްޔިތުންނަށް މިރަދީފްގެ ބޭނުންހިފޭނެގޮތްވުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ޢާންމު ދިރިއުޅުމުގައިވެސް ރައްޔިތުންނަށް އެނގުން، ރައްޔިތުންނަށް ސާފުވުން، ތިމަންނާއަށް ވާހަކަދެއްކޭތީވެ، އަޑުއިވޭތީވެ، ދެން ތިމަންނާއަކީ އެންމެ މޮޅުމީހާއޭ، މާމޮޅުމީހެކޭހިތާ ނޫޅެ، އެހެން މީސްމިހުންގެވެސް ބުއްދިއަށާއި، އެހެން މީސްމީހުންގެވެސް އިޙްސާސްތަކަށާއި، އެހެންމީސްމީހުންގެ ދިރިއުޅުމުގެ ޙަޔާތުގެ ކަންތައްތަކަށް ވިސްނުންތެރިކަމާއެކުގައި އިޙްތިރާމާއެކުގައި ބޯލަނބަމުން، ބަލަމުން އަޅުގަނޑުމެންގެ ދިރިއުޅުން ކުރިޔަށްގެންދާނެކަމަށް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންކަހަލަ މީހެއްނޫނިއްޔާ، އަޅުގަނޑު ސީދާ ހުންނަގޮތަށް ހުރިމީހާނޫން މީހަކާ އެކުގައި ނޫޅެވޭނެކަމުގެ ވިސްނުން އެންމެ ކުޑައިރުއްސުރެ ފަށައިގެން އަޅުގަނޑުމެން ދޫކޮށްލަންޖެހޭ. އަޅުގަނޑުމެންނަށް އެވިސްނުމުގެ ތެރެއަކު ބޮޑެއް ނުވެވޭނެ. އަޅުގަނޑުމެން މިއެދޭ، ހަމަގައިމުވެސް އަޅުގަނޑުމެން މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެ އެއީ، އެހާ އަމިއްލައެދުމުން ފުރިފާއޮތް ދިވެހިރާއްޖެއަކަށް ނުވާނެ. އަޅުގަނޑުމެން ދެކެން މިއެދެނީ، އެހެން ދިވެހިރާއްޖެއެއް. އެއީ، އެކަކާ އަނެކަކާ އަޅާލާ ދިވެހިރާއްޖެއެއް. އެކެއްގެ ކިބައިގައިހުރި އުނިކަމެއް އަނެކުންގެ ކިބައިގައިހުރި ފުރިހަމަކަމަކުން ފުއްދަމުންގެންދާ ހަމަހަމަ މުޖްތަމަޢުއެއް ބިނާކުރެވޭނޭ ދިވެހިރާއްޖެއެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، السّـلام عليـكم.