بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ހަތަރުސަތޭކަ އަހަރު ކުރީގައި މިދުވަހު، މިހާރު ކަލާފާނު ޝަހީދުވެދާނެ. މާލެ، އޭރު އަދި ރޯ ކޮށެއް ނުލާ. ކަލާފާނު މާލެއިން ފުރާވަޑައިގެންނެވީމާ، ކަލާފާނު ފަހާ ދުޝްމަނުން އައިސް، ކަލާފާނު ޝަހީދުކޮށްލެވުނީ ކަނޑުމަތީގައި. އެއަށްފަހު، ކަލާފާނު ފަސްދާނު ލެވުނީ މިރަށުގައި، ހަންޏާމީދޫގައި. އެހާދިސާއަށްފަހު ދެން މިއައި ހަތަރުސަތޭކަ އަހަރުވެސް، ދާދި ފަހަކާ ޖެހެންދެން، ދިވެހިރާއްޖޭގެ ވެރީންނަށް އަދި ޚާއްޞަކޮށް ދިވެހި ރައްޔިތުންނަށް، ހަންޏާމީދޫއާއި، ކަލާފާނު ޒިޔާރަތް އޮތީ ވަރަށްޚާއްޞަ ގޮތަކަށް ފާހަގަވެފައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެއަށްފަހުގައި ދެން އައި ހުރިހާ ރަސްކަލެއްވެސް، މާޖެހިގޭމަނިއްޕުޅު ޙަސަން ނޫރައްދީންގެ ރަސްކަމާ ޖެހެންދެންވެސް، ރާއްޖޭގައި ރަސްކަލަކު ރަސްކަމުގައި ވެޑުވުމުގެ އެންމެހާ ރަސްމިއްޔާތުތައް ހަމަވަނީ، ހަތްކޮޅު ގެނެސް ކަލާފާނު ޒިޔާރަތުގައިވެސް ބެހެއްޓުނީމާ. އެހެންވީމާ، 1609ވަނަ މީލާދީ އަހަރުއްސުރެ ފެށިގެން މިއައި 2009ވަނަ އަހަރާ ދެމެދު ހިނގާދިޔަ ވަރަށްގިނަ ރަސްރަސްކަލުންގެ ހަނދާން ކަލާފާނު ޒިޔާރަތުގައި ހިމެނިގެންވޭ، އެކުލެވިގެންވޭ. އަޅުގަނޑުމެން ރާއްޖޭގެ ތާރީޚަށް ބަލާލައިފިނަމަ، ކަލާފާނުގެ ރައިވަރު، އަދި ޚާއްޞަކޮށް އަރިއަތޮޅު އަރުމާޒު، މިހުރިހާ ދިވެހި ޘަޤާފީ އަދި ތާރީޚީ ކަންކަން، އެއްގޮތަކުން ނުވަތަ އަނެއް ގޮތަކުން އައިސް ހުއްޓިފައި މިހުންނަނީ ހަންޏާމީދޫގައި، ކަލާފާނު ޒިޔާރަތާ ހަމާގައި.

ދިވެހި ވެރިކަން އުތީމު ދަރިފަސްކޮޅަށްފަހު، ތިން ދަރިފަސްކޮޅަށް ބަދަލުވެގެން އައިއިރުގައިވެސް ކުރީގެ ރަސްރަސްކަލުންނާ ގުޅޭގޮތުން އަޅުގަނޑުމެން ކަންކުރާ ގޮތަކަށް މާބޮޑު ބަދަލެއް އައިސްފައެއްނެތް. ކަލާފާނަށް ދިވެހިވެރިން ދެއްވަމުން ގެންދެވި ޤަދަރާއި ޢިއްޒަތް، އެވެރިންގެ ފަތްކޮޅުތަކުންނާއި، ބޯގަތަކުންނާއި، އެވެރިންގެ އެކިއެކި ލިޔުންތަކުން ވަރަށް ސާފު. ކަލާފާނުގެ ހަނދާން އަޅުގަނޑުމެންނަށް ނެތެން ފެށުނީ ވަރަށް ފަހުން. އަޅުގަނޑު ދަންނަވާނީ ހަމަ މިވޭތުވެދިޔަ ސާޅީހަކަށް ފަންސާހަކަށް އަހަރުތެރޭގައޭ. އޭގެ ކުރީގައި ކަލާފާނުގެ ހަނދާނަކީ އަދި ޚާއްޞަކޮށް، ކަލާފާނު ޒިޔާރަތުގެ ހަނދާނަކީ ދިވެހިރާއްޖޭގައި ފަނޑުވެފައި އޮތް ހަނދާނެއް ނޫން. ދިވެހިން ފާހަގަނުކުރާ ދުވަހެއްވެސްނޫން. އަދި ފާހަގަނުކުރާ ހާދިސާއެއްވެސްނޫން.

ރަސްކަލަކު ޝަހީދުވުމަކީ އަޅުގަނޑުހިތުން، ކޮންމެބައެއްގެ ތެރޭގައިވެސް މުހިންމުކަމެއްގެ ގޮތުގައި ވެގެންދާނެ ކަމެއް. ކަލާފާނު ޝަހީދުވިގޮތާ، އެއަށްފަހުގައި މާލެ، އަންދާލި އަންދާލުމާ، އަދި އެއަށްފަހުގައި ރާއްޖޭގެ ވެރިކަން ވަކި ރަސްކަލެއްގެ ކިބައިގައި ހަރުނުލައިގޮސް، މާފިލާފުށީގައި އެއްރަސްކަން، އަދި މާލޭގައި އަނެއް ރަސްކަން އުފެދި، ރާއްޖޭގައި ދެރަސްކަން ހިނގާދިޔަ ދުވަސްވަރެއްވެސް ދިޔައީ ކަލާފާނު ޝަހީދުވުމާ ގުޅިގެން. އަޅުގަނޑުމެންނަށް މިވާހަކަތައް މިއަދާ ހަމައަށްވެސް ސާފުބަހުން މުޠާލިޢާކުރެވި، ދިރާސާ ކުރެވި އަޅުގަނޑުމެން އެންމެންނާ ހިސާބަށް މުޅިން ފޯރާފައި ނެތިދާނެ. އެހެންނަމަވެސް، ދެންމެ މުޙަންމަދުވެސް ފާހަގަކުރިފަދައިން، ކަލާފާނުގެ ރަސްކަމުގައި ރާއްޖޭގައި އުރިފައިހުރި ފަރަންސޭސި ނަވެއްގެ މީހަކު ހުރި، ފްރެންސިސް ޑިލަރވަރ ޕިރާޑް. ޕިރާޑްގެ ލިޔުންތައް އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް ލިބިފައި އެބަހުރި. އަޅުގަނޑުމެންނަށް އެންމެ ފުރަތަމައިނުން، އެލިޔުންތައް ފާހަގަވެފައި ހުންނާނީ، މީރުބަހުރުގޭ މުޙަންމަދު އިސްމާޢީލް ދީދީގެ"ޕިރާޑްގެ ގަލަމުން ދިވެހިރާއްޖެ" ގެ ނަމުގައި.

މުޙަންމަދު އިސްމާޢީލްދީދީ އެލިޔުންތައް ދިވެހި ބަހަށް ގެނެސް ދެއްވި. ދިވެހިންގެ ތެރެއަށް ޢާންމު ކޮށްދެއްވި. އަދި އެއިރުގައި ކަލާފާނާ ގުޅޭގޮތުން ދެން ދެކެވިފައި ހުރި ހުރިހާ ވާހަކައެއްވެސް ދެކެވޭން ފެށުނު. ޕިރާޑުވެސް އަދި އެހެން ބޭފުޅުންވެސް ކަލާފާނާ ގުޅިގެން ފާހަގަކުރައްވާ، އެންމެ ފާހަގަވާ އެއް މަޢުލޫމާތަކީ، ނުކުތާއަކީ އަޅުގަނޑަށް މިތަނުން އެބަފެނޭ، އަޅުގަނޑަށްވުރެ މާ ފުންކޮށް ކަލާފާނުގެ އެކިއެކި ކަންކަމަށް ދިރާސާ ކުރައްވާފައި ތިއްބެވި ބޭފުޅުން. ޚާއްޞަކޮށް ކަލާފާނުގެ ކައިވެނިތަކާ ގުޅޭގޮތުން. އަޅުގަނޑު ކޮންމެހެން ކަލާފާނުގެ ކައިވެނިތައް ހިނގާދިޔަގޮތުގެ ވާހަކަ ތަފްސީލުކޮށް އަރުވާކަށް ނެތީމު. އެހެންނަމަވެސް، އެއީ ދިވެހިރާއްޖޭގެ ތާރީޚު ލިޔާ ބޭފުޅުންގެ ތެރޭގައި ބަހުސް އުފެދިފައި އަދި ޖޯޝާ އެކުގައި ޚިޔާލުފާޅު ކުރެވެމުންދާ އެއް މައުޟޫޢު.

އަޅުގަނޑަށް ފެންނަފެނުމުގައި ޤައުމެއް ބިނާކުރުމުގައި، ޤައުމެއް ތަރައްޤީ ކުރުމުގައި، ޤައުމިއްޔަތެއް އެކުލަވާލުމުގައި، އެޤައުމެއްގެ، އެބައެއްގެ މާޒީ ދެނެގަތުން އަދި އެޤައުމެއްގައި އެބައެއްގެ ތެރޭގައި ހިނގާފައިހުރި މުހިންމު ކަންކަން ފުރިހަމައަށް ފާހަގަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެއްކަން. މިއަދު މި ވާގޮތް މިވަނީ އިއްޔެގައި ވީ ގޮތުގެ މައްޗަށް ބިނާވެ އޮވެގެންކަން. އަޅުގަނޑުމެންނަކަށް ނުކުރެވޭނެ އާކަމެއް. އަޅުގަނޑުމެން އެއަށްވުރެ މާ ނިކަމެތި، މާކުޑަ. މިފަސްކަނޑުގައި ދިރިއުޅެ ހިނގައްޖެ، މާގިނަ މީހުން. މިފަސްކަނޑުގައި މާގިނަ ކަންތައްވެއްޖެ އަޅުގަނޑުމެން ކުރާ ކަންތައް ދެންވެސް ވާނީ ހަމަ ކުރީގައި ހިނގާފައި ހުރި ކަންތައްތަކުގެ ތެރެއިން ހިނގާ ކުޑަކުޑަ ކަމަކަށް. މިއަދު މިއީއެއް ނޫން ހަމައެކަނި ދުވަހަކީ. މިއަދަކީ ޙަޤީޤަތުގައި އެންމެ ނިކަމެތި ދުވަސް. މިއަދު އަބަދުވެސް އޮންނާނީ މިއަދުގެ އަޖަލުގައި. އިއްޔެ އެއޮތީ ވެ ނިމިފައި. އަޅުގަނޑުމެންނަށް އިއްޔެ ވެފައި އޮތް ގޮތް ސާފު. އެހެންވީމާ، އަޅުގަނޑުހަމަ ދަންނަވާނީ، މިއަދުގެ މުހިންމުކަން ނުވަތަ ޒަމާނުގެ މުހިންމުކަން ދައުރެއްގެ ހިނގަހިނގާ ހުރި ދައުރެއްގެ މުހިންމުކަން މާކުޑައޭ، މާފަނޑޭ، ހިނގާދިޔަ ހުރިހާ ކަންތައްތަކާ އަޅުގަނޑުމެން އަޅައި ބަލައިފިނަމަ. އަޅުގަނޑުމެންނަށް މިރާއްޖެ ބިނާކުރުމުގައި އަޅުގަނޑުގެ ނަޒަރުގައި ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ، ޙަޤީޤަތުގައި މިރާއްޖޭގެ ޘަޤާފަތެއް، އަދި މިރާއްޖެއަކީ ކޮބައިކަން، ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި މުޅި ދުނިޔޭގެ ރައްޔިތުންނަށްވެސް އެނގޭނޭފަދަ ގޮތަކަށް ކަންކަން ބިނާކުރުން.

އަޅުގަނޑުމެން މިހުޅުވެނީ މުޅި ދުނިޔެއަށް. އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ، އަޅުގަނޑުމެންނަކަށެއް ނެތޭ، ތިމަންނާއަކީ ހަންޏާމީދޫ މީހެކޭ އަޅުގަނޑުމެންނަކަށެއް ނެތޭ، ހަންޏާމީދޫ ގޮނޑުދޮށާ ހިސާބު އަޅުގަނޑުމެންގެ ވިސްނުން ބަހައްޓައިގެން އަޅުގަނޑުމެންގެ ޙަޔާތް ރޯޝަނީ ގޮތުގައި ބިނާކުރެވޭކަށް. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހެއޭ ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދަން. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހެއޭ، މިއަށްވުރެ މާފުޅާކޮށް ހުޅުވެން. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހެއޭ، އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައިކަން. މިތާތިބެ، އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ސަބަބުން، އެހެން ޤައުމުތަކަށާއި އެހެން ރައްޔިތުންނަށްވަނީ ކިހިނެއްތޯ އަދި އެހެންރައްޔިތުން އެކަންކަމާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ، މިއަދު މާމުހިންމު، އިއްޔެއަށްވުރެން ދެނެގަންނަން. އަޅުގަނޑުމެންނަށް އެކަންކަން ހަނދާނުގައި ބަހައްޓަންޖެހޭ މިންވަރު ކުރިއަށްވުރެ މިއަދު މިވަނީ މާބަޑަށް ފުޅާވެފައި، މުހިންމުވެފައި.

އަޅުގަނޑުމެން ޒަމާނުންސުރެއް ފަށައިގެން، މިޒިޔާރަތާ ގުޅިގެން ހިންގަމުންއައި ކަންތައްތަކުގެ ތެރޭގައި ހިނގާ އެއްކަމެއްއެއީ، އެކިއެކި ކަންކޮޅުތަކުން މިޒިޔާރަތަށް އެކިއެކި ބޭނުމުގައި ރާއްޖޭގެ އެކިއެކި ރައްޔިތުން ފަތުރުވެރިކަމުގައި ނުވަތަ ދަތުރުވަރުގައި މިތަނަށް އައުން. އަޅުގަނޑު ދެންމެވެސް ދަންނަވައިފީމު، މުޢީނުއްދީން ރަދުންގެ އަރިއަތޮޅު އަރުމާޒު އެންމެ ފުރަތަމައައިސް ހުއްޓުނީ ހަންޏާމީދޫގައި. ގިނަ އަރުމާޒު ގިނަ ދަތުރު އޭރުގައި ފުރަތަމަ އައިސް ހުއްޓޭ އެއްތަން މިއީ ހަންޏާމީދޫ. މިރަށަށް މައުލޫދު ކިޔަންވެސް، މިޒިޔާރަތަށް ބަރަކާތަށްވެސް، މިޒިޔާރަތަށް އަދި ހެޔޮ ހޯދަންވެސް، ކާމިޔާބު ހޯދަންވެސް އެކިއެކި ބަލިން ސަލާމަތް ވުމަށްވެސް ދިވެހިންގެ ހިތްތަކުގައި އެއިރުގައި އެވާހަކަތައް ގަބޫލުކުރެވިފައިވާ އޮތީތީވެ، އަބަދުވެސް ޒިޔާރަތް ކުރަމުންއައި. އަޅުގަނޑުމެން މިއަދު މިކަން ކުރާން މިއެދެނީ އެނަމޫނާއަކު، ނުވަތަ އެވިސްނުމަކު ނޫން. އަޅުގަނޑުމެން މިކަންހިންގަނީ ޘަޤާފީ ކަމެއްގެ ގޮތުގައި. ރާއްޖޭގެ ތަރިކަ އަޅުގަނޑުމެން ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުގައި. ހަމަ ޒަމާނުއްސުރެއް ފަށައިގެން ހަޤީޤަތުގައި ކަލާފާނު ޒިޔާރަތް ބަލަހައްޓައިފައި އޮތީ، މިއަދު އަޅުގަނޑުމެން މިބުނާ، ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕެއްގެ ތެރޭގައި. އެއަށް އޭރުކިޔަނީ ބޯގައޭ. ހަމަ ކުރާކަމަކީ އެއްކަމެއް. މިވެނިތަނެއް ބެލެހެއްޓުމަށް، މިވެނިކަމެއް ކުރުމަށް، އެވެނި މިވެނި މީހަކަށް، މިވެނި މުދާ، މިވެނި ރަށްރަށް، މިވެނި ރުއް ގަސް ތިމަން ދީފީމޭ ކިޔާ، ރަދުން ދެއްވާ ފަތްކޮޅެއް އޮންނަނީ. ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕެއްގައިވެސް އަޅުގަނޑުމެން ހަމަ މިއެދެނީ ހަމަ އެކަންތައް ކުރުމަށް. މިވެނި މިވެނި، މިވެނި އެވެނި ކަމެއް، މިވެނި ތަނެއްގައި ގެއެޅުމަށް، ނަރުދަމާ ހެދުމަށް، ބަނދަރެއް ހެދުމަށް، އޭގެ ބަދަލުގައި އެވެނި މިވެނި ތަނަކުން، މިވެނި އެވެނި އެއްޗެއް ސަރުކާރުން ދޭނަމޭ. މިއަދު އެއަށް ކިޔަނީ ކޮންސެޝަނެކޭ. ކުރީގާ އޭރު ކިޔާ އުޅުނީ ބޯގައެކޭ. އަޅުގަނޑަށް މިފަތްކޮޅު ތަކުންވެސް ހަމަ ފެނުނު، ލިބުނު އެންމެ މުހިންމު އެއް މަޢުލޫމާތަކީ އާކަމެއް ކުރެވެން ނެތްކަން. ހައްތަހާ ކޮއްފައިހުރި ކަންކަން، ކުރީގައި ކޮށްފައިހުރި ގޮތް އަޅުގަނޑުމެން ބަލާހޯދައިގެން، އެއިރުގައި އެކަން ކާމިޔާބު ވެފައިވާއޮތް މިންވަރާ، އަދި ނާކާމިޔާބުވީ މިންވަރުވެސް ދެނެގަނެގެން، ދެން އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވޭނީ ކިހިނެއްތޯ ބަލައި، އެމަގުން އަޅުގަނޑުމެން ކުރިޔަށްދާންވީ.

މިމަސައްކަތުން އަޅުގަނޑުމެނަށް، މިރާއްޖެއަށް އަދި ހަންޏާމީދޫއަށްވެސް ޠަލާލް ވަރަށް ފުރިމައަށް ކިޔައިދެއްވައިފި، ހަންޏާމީދޫއަށް މީގެއިން ލިބޭނެ މާލީމަންފާއާއި ފައިދާ. ޔަގީން، އަޅުގަނޑަށް އެކަން ޔަގީން. މިތަނުގައި އަޅުގަނޑުމެން މިއެދޭގޮތަށް މިކަން ބިނާކުރެވިއްޖެނަމަ، މިރަށު ރައްޔިތުންނަށް ފައިދާވާނެ. އެހެންނަމަވެސް، ހަމަ އަޅުގަނޑު އަނެއްކާވެސް ފާހަގަކުރާން ބޭނުންވަނީ، މިއީ ދިވެހިރައްޖެއޭ، މިއީ ހަމައެކަނި ހަންޏާމީދޫއެއް ނޫނޭ، އަދި އެއޮއް މާލެއަކީވެސް ދިވެހިރާއްޖެއޭ، އެއީހަމައެކަނި މާލެއެއްނޫނޭ. މިތަނަކަށް އެކަންޏެއްނޫނޭ، ވަކިއެއްޗަކުން، ވަކިތަނަކުން ފައިދާވާންވީ، މުޅިރާއްޖެއަށޭ. މިޒިޔާރަތް، މިހަނދާން، މިމަރުކަޒު މިތަނުގައި ގާއިމުވީމާ، އޭގެސަބަބުން އަޅުގަނޑުގެ ނަޒަރުގައި މުޅިރާއްޖެއަށް ފައިދާވާނެ. އަޅުގަނޑުމެންނަށް މިމަރުކަޒުގައި، މިޒިޔާރަތުގައި މިފަހަރު އެބަ ދައްކާލެވޭ ހަތް ފަތްކޮޅެއް. އެހަތް ފަތްކޮޅަކީ ވަރަށްދިގު ދަތުރެއްކޮށް، އަލުން އަނބުރާ ހަންޏާމީދޫއަށް އަންނަ ހަތް ފަތްކޮޅު. އޭގެ ތެރެއިން އެއްފަތްކޮޅަކީ، 400 އަހަރު ވެފައިވާ ފަތްކޮޅެއް. އާންމު އުޞޫލެއްގެގޮތުން، ފަތްކޮޅެއް ނުވަތަ ލޯމާފާނެއް މިދެވެނީ މިސްކިތަކަށް، ޒިޔާރަތަކަށް ނުވަތަ ކޮންމެވެސް ތަނަކަށް. އޭގައި ލިޔެފައި މިއޮންނަނީ، މިވެނި މިވެނި އެވެނި މުދަލެއް، މިވެނި އެވެނި މުއްސަނދިކަމެއް، ތަނެއް، ރުކެއް، ގަހެއް، އެވެނި މިވެނި، މީހަކަށް ތިމަން ދީފީމޭ، މިހެން މިވިދާޅުވަނީ ރަދުން. އެއަމުރު، އެއިޢުލާން، އެޤާނޫނު، ފަތްކޮޅެއްގައި ލިޔެވިފައި އޮންނަނީ. އެއަމުރު ބެހެއްޓިފައި ނުވަތަ ރައްކާކުރެވިފައި ނުވަތަ ދެއްކެން، ނުވަތަ ފެންނާން ހުންނަނީ އެތަނެއް، އެއަމުރެއް ނިސްބަތްވާ ސީދާތަނުގައި.

ރަސްރަސްކަލުން ރަސްކަން ބަދަލުވީމާ، އެފަތްކޮޅެއް ހިންގުމާ، ބެލެހެއްޓުމާ ހަވާލުވެ، އެއިރެއްގައި ތިއްބަވާ ބަޔަކު އެފަތްކޮޅަކައިގެން ރަދުން އަރިހަށްގޮސް، އަނެއްކާ އަލުން އަނބުރާ، އާރަދުންގެ ސިއްކަ ފަތްކޮޅުގައި ޖައްސަވަނީ. ބައެއްފަހަރަށް ރަސްކަން ބަދަލުވީމާ، ކުރީގައި އެލިބުނު ތަކެތި ދެނެއްނުލިބޭ. މާ މަދުވެގެންވެސް ދޭ. ބައެއްފަހަރަށް މާގިނަވެގެންވެސްދޭ ފުރަތަމަ ކަލާފާނު ޒިޔާރަތަށް އޮތް މިންވަރާ، ކަނޑައެޅިފައި ހުރި ތަކެތި ވަރަށްވެސް ގިނަ. ހަނިމާދޫއާ ހިސާބުންގޮސް، ތ. އަތޮޅު އެކިއެކި ރަށްރަށުގެ މުދާވެސްހުރީ ހަމަ ހަންޏާމީދޫ ޒިޔާރަތަށް ބޭނުންކުރާގޮތަށް ހަމަޖެހިފައި. އަދި މިފަތްކޮޅުތަކުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށްއެނގޭ، މިހަންޏާމީދޫ ޒިޔާރަތާ ގުޅިގެން، މިއަތޮޅުގައި ހުރީ ކޮންކޮން ރަށްރަށެއްތޯ އަދި މިއަތޮޅުން ބޭރުގައިވެސް ހުރީ ކޮންކޮން ރަށްރަށެއްތޯ. ހަމަގައިމުވެސް އަޅުގަނޑަށް އެންމެބޮޑަށް ފާހަގަވި އެއްކަމަކީ، މިފަތްކޮޅު ފުރަތަމަ ފަތްކޮޅު ލިޔެވުނު އިރުގައި، ދިވެހިރާއްޖެއަކު ރަސްކަލެއް ނެތްކަން. އެހެންވީމާ، އެފަތްކޮޅުވެސް ރަސްކަލެއްގެ ވާހަކައެއް ނުމެދައްކާ. ފަތްކޮޅު ރައްދެއްނުވޭ އެއްވެސް ފަރާތަކަށް. އެންމެފަހުން ކަލާފާނުގެ އަނބިކަނބަލުންގެ އަމިއްލަ މުދަލުން މިޒިޔާރަތުގެ ވަރަށްގިނަ ކަންތައް ހަމަޖެއްސި ވާހަކަ، އެފަތްކޮޅުގައި ވަރަށް ސާފު. ދެން މިފަތްކޮޅަށްފަހު ޖެހިގެން ދެން އަންނަ ފަތްކޮޅު ތަކުގައިވެސް ހަމަ އެމަޢުލޫމާތު އެވާހަކަ ދެމިގެން އައި.

ކަލާފާނު ޒިޔާރަތާގުޅޭ ހުރިހާ ފަތްކޮޅު ބަލައިލުމުން، ދިވެހިރާއްޖޭގައި ވެރިކަން ހިންގާގޮތް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އޮޅުންފިލާ. ވެރިން އަމުރު ހިންގާމަގާ، ތަކެތި ބަލަހައްޓާ ގޮތާ، ލިޔެކިޔުން ގެންގުޅޭ ގެންގުޅުމާ، ޢާންމު އުޞޫލުތަކާ ޢާންމު އަމުރުތައް ނެރެ ހަދާ މިންވަރާ، ދެން އެހެން ބަސްތަކަކުން ދަންނަވަނީނަމަ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ދިވެހިރާއްޖޭގެ ޘަޤާފީ ފުރިހަމަތާރީޚެއް، އަޅުގަނޑަށް ހަމަގައިމުވެސް އެފަތްކޮޅުތަކުން ފެނުނު. އަޅުގަނޑު ހުރިހާ ތާރީޚުގެ ދަރިވަރުން ނޫނަސްވެސް ރާއްޖެއާ ގުޅޭގޮތުން ނުވަތަ އެއްވެސް ކަމަކާ ގުޅޭގޮތުން ކަމެއް އޮޅުންފިލުވާލަން ބޭނުންނަމަ، މިއިން ފަތްކޮޅެއް ކިޔާލުމަކީ ބުއްދިވެރި ކަމެކޭ އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެންނަށް އާދަޔާޚިލާފު މަޢުލޫމާތު ފަތްކޮޅުތަކުން ލިބޭ. މިފަތްކޮޅުތައް އަޅުގަނޑުމެންނާ ހިސާބަށް ރައްދުވެފައި މިހުރީ ފުރަތަމަ 1950ގެ އަހަރުތަކުގައި. އޭރުގައި ހުރި އެކިއެކި ވަރުވާއަށް، ބޯގައަށް، ވަގުފަށް، ދެވިފައި ހުރި ބިންބިމާ، ރުއްގަހާ، ރަށްރަށާ، މިކަންކަން އެއް ހަމައަށް ތަރުތީބު ކުރުމުގެ ބޭނުމުގައި ވަރަށްގިނަ ފަތްކޮޅުތައް އޭރުގެ ދާޚިލިއްޔާއަށް ގެނެވުނު.

އަޅުގަނޑުގެ އޮފީހުން އަޅުގަނޑު މިހާރު މިމަސައްކަތްކުރާ ރައީސް އޮފީހުގައި އަޅުގަނޑަށް ފެންނާން އެބަހުރި. އޭރުގައި ދާޚިލިއްޔާގައި ޞ.ސ ރަޝީދު އެވުޒާރާގައި މިނިސްޓަރަކަށް ހުންނަވަނީ. ވަޒީރަކަށް. އަދި އަރިހުގައި އުޅުއްވީ ނ.ތ. ޙަސަން ދީދީ. އެދެބޭފުޅުން ހުރިހާ ފަތްކޮޅުތައް އެއްކުރައްވައި، ގެނެސް ވަރަށް ތަރުތީބުން އެފަތްކޮޅުތަކުގެ ނަމާ މިހުރިހާ މަޢްލޫމާތެއް ލިޔުމަށްފަހު، ކޮންމެއަކަސް ވަޒީރުލްއައުޤާފް (ވަޒީރުލްއަޢުޒަމް އޮފީހަށް) އޮފީހަށް ފަތްކޮޅުތައް އައި. ދެން އެއަށްފަހު އެފަތްކޮޅުތަކާ ގުޅޭގޮތުން ދެން ފެނިފައި އޮންނަ ނޯޓަކީ، 1981ވަނަ އަހަރު ޢަބްދުﷲ ޖަމީލް ދިވެހިތާރީޚާއި، ބަހާ އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީފުޅެއްގައި އެފަތްކޮޅުތަކުގެ ވާހަކަ ލިޔުއްވާފައި ވަނިކޮށް. އެންމެފަހުން އައިސް ފަތްކޮޅުތަކުގެ ހުރިހާ ވާހަކައެއް ނިމި، ފަތްކޮޅުތައް ފޮށިގަނޑަކަށްލެވި، ބަންދުވެފައި އެހުރީ 1984ވަނަ އަހަރުއޭ އަޅުގަނޑަށް ގަބޫލުކުރެވެނީ.

1984ން 2009 ވަނަ އަހަރާ ހަމައަށް އެފަތްކޮޅުތައް ފޮށިގަނޑެއްގައި ރައީސް އޮފީހުގައި ހުރި. އަޅުގަނޑު ހިތުން ކުރީ ރައީސް އޮފީސް ތަޅާލެވި، މުލީއާގެއަށް ރައީސް އޮފީސް ބަދަލުކުރެވި، އަނެއްކާ އަލުން އަނބުރާ މިތަނަށް ރައީސް އޮފީސް ގެނެވުނު އިރުގައިވެސް ހަމަ އެފޮށިގަނޑު އެއްތަނުން އަނެއްތަނަށް ބަދަލުވެފައި އެހުރީ. އަޅުގަނޑުވެސް ބަލާލިން، އަށްޑިހައިގެތެރޭގެ ފޮށްޓެއް. އެހެންވީމާ، އަޅުގަނޑު ހަމަ ބޮޑަށް ޔަޤީންކުރަނީ ހަމައެފޮށިގަނޑޭ އެހުރީ. އަޅުގަނޑުމެންނަށް އެފަތްކޮޅުތައް ފެނުނު އިރުގައި ވަރަށް ދެރަހާލުގައި އެތަކެތިހުރީ. ވީރާނާވެ، ހަލާކުވާން ގާތްވެފައި. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް އޭގެތެރެއިން ވަރަށްގިނަ އަދަދެއްގެ ފަތްކޮޅު މިވަނީ ސަލާމަތް ކުރެވިފައި. އަދި މިހާރުވެސް އެބަހުރި ވަރަށްގިނަ އެފަތްކޮޅުތައް އިތުރަށް މަސައްކަތް ކޮށް، ސަލާމަތްކޮށް އާންމުންނަށް އެފަތްކޮޅުތައް ފެންނާނެ ގޮތަކަށް ހަދަން ޖެހިފައިހުރި ކިތަންމެ ފަތްކޮޅެއް.

އަޅުގަނޑު ހަމަ ތަކުރާރުކޮށް، ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ބޭނުންވަނީ، ގަބޫލުފުޅު ކުރައްވާށޭ، ޤައުމެއް ބިނާވަނީ ތަރައްޤީއަކީ، ހަމައެކަނި ބޮޑުހިލަ ޖެއްސި ބަނދަރެއް ނޫނޭ. ނަރުދަމާގެ ނިޒާމެއްވެސް ނޫނޭ. ބޮޑު އެއްގަމު ތޮށްޓެއްވެސް ނޫނޭ. އަހަރެމެންގެ ރަށުގައި ގައިނަކޮލޮޖިސްޓެއް ހުރުންވެސް އެކަންޏެއްނޫނޭ. އަދި އެގާރަ ބާރައަށް ކިޔަވާދިނުމެއްވެސް އެކަންޏެއްނޫނޭ. ޤައުމެއް ބިނާކުރެވޭނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާޒީ، އަޅުގަނޑުމެންގެ ތަރިކަ ރައްކާކުރެވިގެން. އަޅުގަނޑުމެންނަކީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް އެނގިގެން. އަޅުގަނޑުމެންގެ ފަހަތުގައި އަޅުގަނޑުމެންނަށްވުރެ ފުރިހަމައަށް އަދި މާފުރިހަމައަށް ކަންކަން ހިންގާފައިތިބި ވެރިންނާއި ރައްޔިތުން ތިބިކަން އަޅުގަނޑުމެންގެ ހިތްތަކުގައި ރަނގަޅަށް ގަބޫލުކުރެވިގެން. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، އޭގެ ކުރީގައި ހުރި ހުރިހާ ޢިމާރާތެއް ތަޅާލައި، އޭގެ ކުރީގައި ވެރިކަން ކުރި ހުރިހާ ބައެއްގެ ބަދުނާމާ، އަދި އެހުރިހާ އެންމެންނަށް ފުރައްސާރަކޮށް، މުޅި ރާއްޖޭގައި އިޢުލާނު ކުރުމަކުންނެއް، އަޅުގަނޑުމެން މިއެދޭ ރިވެތި ވެރިކަމެއް، ހެޔޮވެރިކަމެއް ރާއްޖޭގައި ޤާއިމެއް ނުކުރެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފަހި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. الســّلام عليــكم.