بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް. ރާއްޖޭގެ އުއްތަމަ ފަނޑިޔާރު. ވަޒީރުންގެ މަޖިލީހުގެ މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ފަނޑިޔާރުން. މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން. މި ޖަލްސާ، މި ޙަފްލާ، ދުރާއި ގާތުން އަޑުއައްސަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި ފުރަތަމަފަހަރަށް ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވި، އެ އިންތިޚާބުގެ ނަތީޖާ ބަޔާންކުރި ގޮތަށް ވެރިކަން ހިންގުމުގެ ބާރު އެކުލަވާލެވުނުތާ މިއަދަށް މިހާރު އަހަރެއްވެ ނިމުނީ. އަޅުގަނޑުމެންގެ ތެރޭގައި ފުރަތަމަފަހަރަށް މިދެންނެވި އުޞޫލުގައި ވެރިކަމެއް އެކުލަވާލެވި، އެގޮތުގައި އެ ވެރިކަން ހިންގަމުން އަންނަތާ މިހާރު އަހަރެއްވެގެން، އަޅުގަނޑުމެން އެކަމާ ގުޅޭގޮތުން މިރޭ މިފާހަގަކުރާ ޢީދަކީ، އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ފާހަގަކުރެއްވި ފަދައިން، ހަމަ އެހެންމެ އުއްތަމަ ފަނޑިޔާރުވެސް ފާހަގަކުރެއްވި ފަދައިން، މި ރާއްޖޭގެ ޙަޔާތުގައި މުހިންމު ދުވަހެކޭ. އަދި އަޅުގަނޑުމެން މިވަގުތު މިކަމާ ގުޅޭގޮތުން، ކަންކަމާ ގުޅޭގޮތުން ފުންކޮށް ވިސްނާންވެފައި އޮތް، ފިކުރު ހިންގާންވެފައި އޮތް ކަންތައްތަކޭ، ދުވަހެކޭ.

އަޅުގަނޑު ތަމްސީލުކުރަނީ ވެރިކަން ހިންގުމުގެ ބާރު. ޤާނޫނުއަސާސީ މިވަނީ އެ އަސާސްގައި ދައުލަތް ހިންގުން މައިގަނޑު ތިންބަޔަކަށް ބަހާލެވި، އަދި އެ މައިގަނޑު ތިންބައިގެ ބޭނުންތެރިކަމާ އެކީގައި ދައުލަތް ހިންގާންވީ އުޞޫލެއް ކަނޑައަޅާފައި. އޭގެތެރެއިން ވެރިކަން ހިންގުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާ ހިންގާ ބާރެއް. ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގައި ދައުލަތުގެ އެންމެމަތީ ބާރުވެސްމެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރާން މިޖެހެނީ ޤާނޫނުގައިވާ ގޮތުގެ މަތިން. ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރާންވީ ގޮތާ ގުޅޭގޮތުން އެއްވެސް އޮޅުމެއް ނެތް. އެކަން ރައީސުލްޖުމްހޫރިއްޔާ ކުރަމުން ގެންދާން މިވަނީ، ޤާނޫނުގައި އޮތް ގޮތުގެ މަތިން. ޤާނޫނުގައި ރައީސުލްޖުމްހޫރިއްޔާ އެކަން ކުރުމަށް ޤާނޫނުއަސާސީގެ މާއްދާތަކުގައި އަދި އިތުރަށް ސާފުކޮށްދީފައި އޮތީ، އެކަން ކުރާންވީ ސިޔާސަތުތަކެއް ކަނޑައަޅައިގެންނޭ. އެ ސިޔާސަތުތައް ހިންގަމުން ގެންދާންވީ ޤާނޫނުގެ ފަތްފުށްތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ. އެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ކަން ހިންގާނޭ ގޮތް، ޤާނޫނުއަސާސީގައި އަކުރުން އަކުރަށް ލިޔެވިފައި ނެތް ނަމަވެސް، އަޅުގަނޑުމެންނަށް މަޖުބޫރު، ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމުކުރަނީނަމަ، އެފަދަ ނިޒާމެއް އަޅުގަނޑުމެން ގެންގުޅޭން އެދެނީނަމަ، މިދެންނެވި ސިޔާސަތު ކަނޑައެޅުމުގައިވެސް ވަކި ޚާއްޞަ އުޞޫލުތަކެއް، ހަމަތަކެއް އެބަ ގެންގުޅެންޖެހޭ. ރިޔާސީ އިންތިޚާބެއް އައުމުގެ ކުރީގައި، ރައްޔިތުންގެ ކިބައިން އެބަ އޮޅުންފިލާންޖެހޭ، ރައްޔިތުން އެދެނީ ކޮންކަމެއްތޯ؟ ރައްޔިތުން ބޭނުންވަނީ ކޮންގޮތަކަށް ވެރިކަން ހިންގާންތޯ؟ ރައްޔިތުންގެ އިޙްސާސާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ކެކުޅުންތައް ކަނޑައެޅިގެން ސާފުވެގެން ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިގެން، އެ މައްޗަށް އިތުބާރު ލިބިގެން ވެރިކަން ހިންގުން މިއީ، ޤާނޫނުއަސާސީގައި ކަނޑައަޅާފައިމިވާ އުޞޫލަކީ. އަދި އެ ވެރިކަން އެ ސިޔާސަތުގެ ދަށުން ހިންގާއިރުގައި، ދައުލަތުގެ އެންމެހާ މުއައްސަސާތައް މި ޤާނޫނުއަސާސީއަށް ލެންބުމާއި، އަދި މި ޤާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ބާރުވެސް ނުވަތަ ޒިންމާވެސް މި އެޅިފައި މިވަނީ ވެރިކަން ހިންގުމުގެ ބާރުގެ ކިބައިގައި. ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި.

މިހާރުގެ ސަރުކާރުން މިދެންނެވި އުޞޫލުން ވެރިކަން ހިންގުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުމަށް މިދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، މި ސަރުކާރުން ނުވަތަ މި ސަރުކާރު ރަމްޒުކުރާ ސިޔާސީ ޕާޓީ، އެމް.ޑީ.ޕީ އިން މިވަނީ 2006 ވަނަ އަހަރުއްސުރެ ދޮރުން ދޮރަށް ހިނގައި، އެތަންމިތާ ޖަލްސާ ބާއްވައި، ރާއްޖޭގެ ކަންކޮޅުތަކުގެ އެކިއެކި ފުރައިގެ އެކިއެކި އެކިއެކި ގިންތީގެ މީހުންނާ ވާހަކަ ދެކެވި، ރައްޔިތުންގެ އަޑުއަހައި، މި ޕާޓީގެ މެނިފެސްޓޯއެއް އެކުލަވާލެވި، އަދި އެ މެނިފެސްޓޯ، ރައްޔިތުންނަށް ހުށަހަޅައި، އެއަށް ރައްޔިތުން ތާއީދުކޮށް، އެ މެނިފެސްޓޯ ހިންގުމަށްޓަކައި ސަރުކާރެއް މިވަނީ އެކުލަވާލެވިފައި.
މިއަދު އަޅުގަނޑުމެން މިތަނުގައި މިހުޅުވި ފޮތަކީ، [ޤައުމީ ތަރައްޤީގެ އޮނިގަނޑު“ ނުވަތަ އެ މެނިފެސްޓޯގައި އެވާ ވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރުން ކަންކުރާނެ ގޮތް ސާފު ސާދާކޮށް އޮޅުންފިލުވައިދީފައިވާ ލިޔުން. އެ އޮނިގަނޑުގައި މިވަނީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، ސަރުކާރުން ޢަމަލު ކުރަމުން ގެންދާނެ ގޮތުގެ ތަފްޞީލު. އެހެން ބަސްތަކުން ދަންނަވަނީނަމަ، އަޅުގަނޑުމެން މިހާރު މިހުށަހަޅަނީ، މި ފޮތުގައި ނުވަތަ މި އޮނިގަނޑުގައި މިވާ ގޮތަށް ކަންކަން ހިންގީމާ، އަޅުގަނޑުމެން ވެފައިމިވާ ވަޢުދުތައް ފުދޭނޭ ބުނާ ހަމައެއް، އިންތިޒާމެއް. އޭގައި އެވާ ކަންކަން، އޭގައި އެވާ ގޮތަށް، އޭގައި އެވާ ތަރުތީބުން ކުރީމާ، އޭގައި އެވާ އެކަންކަން، އޭގައި އެބުނާ މީސްމީހުންނަށް ވެގެންދާނެ ސާފު ސާދާ ފޮތެއް. ސާފު ސާދާ ގޮތެއް. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ހިންގާ ތަޞައްވުރު. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި އަޅުގަނޑުމެން ޢަމަލު ކުރަމުން ގެންދާނެ ގޮތްތައް.

އަޅުގަނޑުމެންނަށް ވެރިކަން ހިންގުމުގެ ބާރު ލިބިދީފައި މިވަނީ، އަޅުގަނޑުގެ ނަޒަރުގައި ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. މިވަގުތު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ފަދައިން، ވަރަށްބޮޑު މަސްއޫލިއްޔަތެއް އުފުލާން ޖެހިފައި މިވަނީ. ރާއްޖޭގައި އަލަށް ޑިމޮކްރަސީއެއް ތަޢާރުފު ކުރެވި، އެ ޑިމޮކްރަސީ މި ރާއްޖޭގައި އަށަގެންނެވުމުގެ މަސައްކަތް ހިންގުމުގައި، ވެރިކަން ހިންގާ ފަރާތުގެ މަސްއޫލިއްޔަތު ކުޑައެއް ނޫން. އަޅުގަނޑަށްވެސް އެނގޭ، މީގެ މަސްއޫލިއްޔަތަކީ ނުވަތަ މިކަންކަމަކީ ހަމައެކަނި ވަކި ފަރުދަކަށް، ވަކި މީހަކަށް، ވަކި މުއައްސަސާއަކަށް ހިންގޭން އޮތް ކަމެއް ނޫން. އަޅުގަނޑުމެން އެންމެން އެކަމުގައި އުޅުނީމާ ނޫނީ، އަޅުގަނޑުމެންނަށް ކާމިޔާބުވާން އޮތް ކަމެއް ނޫން.

ހަމައެހެންމެ، އަޅުގަނޑު ފާހަގަކުރަން ބޭނުން. މިހެން ދަންނަވާ މަސްއޫލިއްޔަތުން އެއްކިބާވެވެން އޮތް ކަމެއްވެސް ނޫން. މި މަސްއޫލިއްޔަތަކީ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެހެންވީމާ، އަޅުގަނޑު އެކަން ކުރާން ނިންމާފައި އޮތް ކަމެއް. ރާއްޖޭގައި ޑިމޮކްރަސީއެއް ޤާއިމު ކުރުމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް ލިބިފައި ނުވަތަ އަޅުގަނޑުމެންނަށް އަދާކުރަން ޖެހިފައި މިވަނީ އެކަމަށް އަޅުގަނޑުމެން އިސްވެ ނުކުމެ، އެކަން އަޅުގަނޑުމެން ކުރާން އެދޭ ކަމަށް ރައްޔިތުންނަށް ފާހަގަކޮށްދީ، ރައްޔިތުންނަށް އެ ވަޢުދުވީތީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އެއީ މި ސަރުކާރުގެ ވަރަށްބޮޑު މަސްއޫލިއްޔަތެކޭ. ރާއްޖޭގައި ދެމެހެއްޓެނިވި، ގިނަދުވަހަށް ދެމިގެންދާނެ އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރިންނަށް އެއިން ފައިދާކުރާނެ ވެރިކަމުގެ ނިޒާމެއް އަށަގެންނެވުމަކީ މިއަދު އަޅުގަނޑުމެންގެ ވާޖިބެކޭ. އަޅުގަނޑުމެން މިއަދު އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރާނީ، ކުރަމުން މިގެންދާ ވެރިކަން، ޙަޤީޤަތުގައި ކުރަމުން މިގެންދަނީ ހަމައެކަނި މިއަދު މި ރާއްޖޭގައި ދިރިދުނިޔޭގައި ތިބި މީހުންގެ މައްޗަށް އެކަންޏެއް ނޫނޭ. އަންނާން އޮތް ޖީލުތަކަށޭ. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންގެ ޑިމޮކްރަސީއަށްޓަކައި. އެ ދަރީންނާއި ދަރީންގެ ދަރީންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން އުފައްދައި ޤާއިމުކުރާންޖެހޭ ވެރިކަމެކޭ.

އަޅުގަނޑުގެ ދުޢާއަކީ މިއަދަށްވުރެ އަދި މާ ފެހި ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. السّـلام عليـكم