بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިއައީ އިންޑިއާގެ ބޮޑުވަޒީރު އަޅުގަނޑުމެންނަށް ދެއްވި ދަޢުވަތަކަށް އިންޑިއާއަށް ގޮސް، އެ ދަތުރު ނިންމުމަށްފަހުގައި. މިދަތުރުގައި އަޅުގަނޑުމެންނަށް އިންޑިއާ ސަރުކާރާއެކު ބައެއް ރަސްމީ ވާހަކަތައް ދެއްކުމުގެ އިތުރުން، އިންޑިއާ ބޮޑުވަޒީރުގެ ދަޢުވަތަކަށް ބޭއްވުނު މޫސުމާ ގުޅޭ، މޫސުމަށް އަންނަ ބަދަލާ ގުޅޭ ބައްދަލުވުމުގެ ޗީފްގެސްޓްކަން އަޅުގަނޑުމެންނަށް ކޮށްދިނުމުގެ ޝަރަފް، އިންޑިއާ ބޮޑުވަޒީރު ދެއްވީތީވެ، އަޅުގަނޑުމެން އެ ފުރްޞަތުގެ ބޭނުން ހިފިން. އަދި ހަމަ އޭގެއިތުރަށް އެނގިވަޑައިގަންނަވާނެ، އިންޑިއާއާއި އިންޑިއާގެ އެކިއެކި ކުންފުނިތަކާއި، ރާއްޖޭގައި އެކިއެކި ގޮތްގޮތުން ކުންފުނިތަކުން ރާއްޖޭގައި އެކިއެކި ގޮތްގޮތުން ހިންގަންއުޅޭ މަސައްކަތްތަކާ ގުޅޭގޮތުން އިތުރު ތަފްޞީލުތަކާއެކު އަޅުގަނޑުމެންނަށް މަޝްވަރާތައް ކުރެވުނު. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންނަށް މިފަހަރު ކާމިޔާބު ކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ހަނިމާދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓަކަށް އެތަން ބަދަލުކުރުމުގައި، ޖީ.އެމް.އާރާ އެކުގައި އަޅުގަނޑުމެންނަށް އެއްބަސްވުމަކާ ހަމައަށް އާދެވުނު. އަދި ހަމަ އެއާއެކީގައި، އައްޑުއަތޮޅުގައި ކަރަންޓްގެ ޚިދްމަތް މިހާރު މިދެވޭ އުޞޫލު ނޫން އެހެން ގޮތަކަށް، އެއީ، ރިނިއުބަލް އެނަރޖީ ނުވަތަ އިޢާދަކުރެވި ހަކަތައިން އައްޑުއަތޮޅަށް ކަރަންޓް ދިނުމުގެ މަޝްރޫޢަކާ ގުޅޭގޮތުންވެސް ވަރަށް ފުރިހަމަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވުނު އިންޑިއާ ކުންފުންޏަކާއެކީ.
ޝުޒްލޯން. އެހެން ނަމަވެސް، އަޅުގަނޑުމެން އަދި އިތުރަށް އައްޑުއަތޮޅުގެ ޔުޓިލިޓީ ކުންފުންޏާ މިކަމުގެ މަޝްވަރާތައް އެބަ ބާއްވަންޖެހޭ. އަދި އޭގެއިތުރުންވެސް އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ފުންކޮށް ވާހަކަ ދެކެވުނު. ޚާއްޞަ ގޮތެއްގައި ޣިޔާޘުއްދީން ސްކޫލް ހިންގުމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތާ އެކީގައި އެންމެފަހުން އައިސް ނިންމޭ ގޮތާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ވަކިގޮތެއް ނިންމުނު. އެ ނިންމުމުގައި މިވަނީ މިހާރު އެމަދަރުސާގައި ކިޔަވަމުންދާ ކުދިންނަކަށް ފީއެއް ނެގުމެއް ނޯންނާނެ. ދެން އެމަދަރުސާއަށް އިތުރަށް ވަންނަ ކުދިން އަތުން ނެގޭނީ ދެހާސް ރުފިޔާ.
އެއީ ވަރަށް ރަނގަޅު މަދަރުސާއެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން އަމާޒު މިކުރަނީ. އަދި އެމަދަރުސާއަށް ވަންނަ ކުދިންގެ ތެރެއިން އެކަށީގެންވާ ނަތީޖާއާ އެކީގައި ވަނުމަށް އެދޭ ކުދިންނަށް، މާލީ ތަނަވަސްކަން ނެތް ކުދިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ސަރުކާރުގެ ސިޔާސަތެއް. އިރާދަކުރެއްވިއްޔާ، މިހަފްތާގެ ތެރޭގައި ޣިޔާޘުއްދީން ސްކޫލްގެ ކަންތައް ނިންމައި، އެ ސްކޫލްގެ ހިންގުން މިދަންނަވާ ކުންފުންޏާ ޙަވާލު ކުރުމުގެ އެގްރީމަންޓްގައި ސަރުކާރުން ސޮއިކުރާނެ.

އެނގިވަޑައިގަންނަވާނެ، މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނީ ޕްރައިވަޓައިޒޭޝަންގެ ބިލާ ގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރަމުން. ބަޙުޘް ކުރައްވަމުން. އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް އެބިލް މަޖިލީހަށް ހުށަހެޅުމާ އެކުގައި ފާހަގަކުރިން. އެއީ މުހިންމު ބޭނުންތެރި ބިލެކޭ. ސަރުކާރުން ވާނީ އެބިލްގައިވާ މައިގަނޑު ސިފަތައް އެކުލަވާލައިގެން، ޕްރައިވަޓައިޒޭޝަން ހިންގާނެ ގޮތެއްގެ ގަވާއިދެއް އެކުލަވާލާފައި. އެ ގަވާއިދު ބެލެނިވެރި ކުރެވިފައިވާނީ، މާލިއްޔަތު ޤާނޫނުގައި. އެހެންވީމާ، އެބިލާ ގުޅިގެން އަޅުގަނޑުމެންނަށް އަދި މިގަވާއިދާ ގުޅިގެން އަޅުގަނޑުމެންނަށް ބޭރު ޤައުމުތަކާ އެކުގައި މިހިންގާ މަޝްވަރާތަކާއި އަދި ކުރެވޭ މުޢާމަލާތްތައް ކުރުމުގައި، ކިތަންމެ ތަނެއް ފަސޭހަވެގެން، ވަކި ހަމައެއްގައި އެކަންކަން ކުރެވޭނެ އުޞޫލު ފަހިވެގެން ހިނގައްޖެ. ޖުމްލަ ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރަނީ، ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ދުނިޔޭގައި ކޮން ހިސާބެއްގައިތޯ؟ ކޮން ތަނެއްގައިތޯ؟ އަޅުގަނޑުމެންނަށް ރާއްޖެ ހަރުކުރެވޭނީ. ރާއްޖެއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ދުނިޔެ ދެކެންވީ ކޮން ގޮތަކަށްތޯ؟ މިމަސައްކަތް އެބަ އަޅުގަނޑުމެންނަށް އަބަދުވެސް ޖުމްލަ ގޮތެއްގައި ކުރިއަށް ގެންދެވޭ. އިންޑިއާގެ ވަރަށްގިނަ މީޑިއާ އެކިއެކި ފަރާތްތަކުން، ނޫސްވެރިން އަޅުގަނޑުމެންނާ ސުވާލުކޮށް އަދި އިންޓަރވިއުކޮށް، އެ އިންޓަރވިއުތައް ޝާއިޢުކޮށް، އެ އިންޓަރވިއުތައް ޓީ.ވީ އާއި ރޭޑިއޯގެ ޒަރީޢާއިން، މީގެކުރީގައި އަޅުގަނޑު ހިތުން ދުވަހަކުވެސް އެކަން ނުހިނގާ ދަރަޖައަކަށް ކުރެވުނު. އަދި އަޅުގަނޑުމެން ހައިދްރައާބާދުގައި އެއްރޭ މަޑުކުރިން. އެއީ ޖީ.އެމް.އާރު ގްރޫޕްގެ ފަރާތުން އަޅުގަނޑުމެންނަށް ދެއްވާފައި އޮތް ދަޢްވަތެއްގައި. އެ މަޑުކުރި ކުރުމުގައި ވަރަށްބޮޑު އުފަލެއް ލިބުނު. އެއީ އެނގިވަޑައިގަންނަވާނެ، މަޝްހޫރު ލަވަކިޔުންތެރިޔާ ރަޙްމާންގެ ޝޯއެއްގެ ޝަރަފްވެރި މެހްމާނުކަން އަދާކޮށްދިނުމަށް އެބޭފުޅުން އެދިފައިވާތީ، އަޅުގަނޑުމެންނަށް އުފަލާ އެކުގައި އެކަންވެސް ކުރެވުނު. އެހެންވީމާ، ރޭގައި އަޅުގަނޑުމެންނަށް ވަރަށް އުފަލާ އެކުގައި އެ ޝޯ ބަލާލުމުގެ ފުރްޞަތު ލިބުނު. އަޅުގަނޑުމެންގެ ވަފްދުގެ ހުރިހާ ބޭފުޅުންވެސް ރޭގައި އެ ޝޯ ބަލަމުން ގެންދިޔައީ، އަޅުގަނޑު ދަންނަވާނީ ހަމަ މިޔުޒިކުގެ ހުރިހާ ޖޯޝަކާ އެކުގައޭ.

އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރްޞަތު އަރުވާނަން. މާގިނައިރު އަޅުގަނޑުމެންނަކަށް މިވަގުތު ކުރެވޭކަށެއް ނެތް. އެނގިވަޑައިގަންނަވާނެ، އިރުކޮޅަކުން އަޅުގަނޑުމެންނަށް ނަމާދު ވަގުތާ ކުރިމަތިވާނެ.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

ކުރީފަހަރުވެސް އިންޑިއާއަށް ވަޑައިގެންފައި މިކޮޅަށް އެނބުރި ވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވެދެއްވި ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް، އިޤްތިޞާދީ ގޮތުން ދަތުރުފުޅުން ލިބިވަޑައިގެންނެވި ކާމިޔާބީތައް. އެހެންވީމާ، މިދަތުރުފުޅުގައި އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދަށް ކޮންކަހަލަ ކުރިއެރުންތަކެއް ނޫނީ ކޮންކަހަލަ ބަދަލުތަކެއް އަންނާނެ ކަންތައްތަކެއް ފެނިގެން ހިނގައިދާނެތޯ؟ މިދަތުރުފުޅުގެ ސަބަބުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެއީ އާދެ! ތެދުފުޅެއް. ކުރީފަހަރު އަޅުގަނޑުމެންނަށް އިންޑިއާ ސަރުކާރުން ސަތޭކަ މިލިއަން ޑޮލަރުގެ އެހީއެއް. އޭގެތެރެއިން ފަންސާސް މިލިއަން ޑޮލަރު، ހިލޭ އެހީއާއި، ފަންސާސް މިލިއަން ޑޮލަރު، ލުއި ލޯނުގެ ގޮތުގައި ވަނީ ދެއްވާފައި. މިފަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ، އިންޑިއާ ސަރުކާރުން ނުވަތަ ސްޓޭޓް ބޭންކުން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ސްޓޭޓް ބޭންކުން ދިވެހި ސަރުކާރުގެ ނުވަތަ ޓްރެޜަރީ ބޮންޑް ގަތުމުގެ މަގު ފުރިހަމަކުރުން. އަޅުގަނޑުމެންނަށް މިހާރު އެނގިފައި އޮތް ގޮތުގައި، ސްޓޭޓް ބޭންކުގެ ބޯޑަށް އެމައްސަލަ ހުށަހެޅި، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި، އެކަންވެސް ހަމަ އަޅުގަނޑުމެން މިއެދޭ ގޮތަށް ހަމަޖެހިގެންދާނެ. އޭރުން އިންޑިއާ ސްޓޭޓް ބޭންކުން މިހާރު ތައްޔާރަށް އެތިއްބެވީ، މަދުވެގެން ސަތޭކަ މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑް ބައްލަވައިގަތުމަށް. އެހެންވީމާ، އެކަމާ ގުޅިގެން އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ޑޮލަރުގެ ދަތިކަމަށް އައިސްފައިމިވާ އުނދަގުލަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިގެންދާނޭ. ދެން ހަމަ މިދެންނެވިހެން ހަނިމާދޫގައި އެއަރޕޯޓް އެޅުމާއި، އަދި އައްޑުއަތޮޅުގައި ކަރަންޓްގެ ކަންތައް ފުރިހަމަ ކުރުމަށާއި އަދި ހެޔޮގޮތުގައި އެއީ ކަރބަން ނިއުޓްރަލް ގޮތުގައި އެކަން ކުރުމަށް އަޅުގަނޑުމެންނަށް މިފަހަރު ފަހިވެގެން ދިޔައީމާ، އޭގެންވެސް އިޤްތިޞާދީ އެތައް ކުރިއެރުމެއްދާނެ. ލިބިގެން އަންނާނެ.

ޣިޔާޘުއްދީން ސްކޫލްގައި މިލިބޭ ފުރްޞަތަކީވެސް އަޅުގަނޑުމެންގެ ނަޒަރުގައި ހަމަ ވަރަށް މުހިންމު ފުރްޞަތެއް. އެ އަޅުގަނޑުމެން އެކަމާއިގެން އިތުރަށް ކުރިއަށް ގެންދެވޭނެ.

އަދި އަޅުގަނޑުމެން މިއައީ މިފަހަރު [މަދަނަ“ ޕްރޮގްރާމާ ގުޅިގެން، އިންޑިއާގެ އެކިއެކި ހޮސްޕިޓަލްތަކުން އެ ޕްރޮގްރާމަށް ލިބިދޭނެ އެހީތެރިކަމާ ގުޅޭގޮތުންވެސް ގިނަގުނަ މަޝްވަރާތަކެއް ކޮށްފައި. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް، މި އަޅުގަނޑުމެން މިކުރާ ހުރިހާ ދަތުރެއްގައިވެސް އެންމެ މައިގަނޑު އަމާޒަކީ، އޭގެން ލިބޭނެ އިޤްތިޞާދީ، ދިވެހިރާއްޖެއަށް ލިބޭނެ އިޤްތިޞާދީ ފުރްޞަތުތައް ފުޅާކުރުން. އިރާދަކުރައްވައިގެން މިފަހަރުވެސް އަޅުގަނޑުމެންނަށް އެކަން އެބަ ކާމިޔާބު ކުރެވޭ.

އިބްރާހީމް ޒަކީ – ސަން އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، ކޮންމެވެސް ނޫސްވެރިއަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ޚަބަރު އެބަ ފަތުރާ. އިންޑިއާގެ މުމްބާއީއަށް ދިން ޓެރަރިސްޓް ޙަމަލާގައި ދިވެހިންގެ އަތެއްވާކަމަށް. ވިދާޅުވިންތޯ އެހެން؟ އަނެއްކާ ވިދާޅުވެއްޖިއްޔާމު ކޮންކަމަކަށް ނިސްބަތް ކުރައްވައި ވިދާޅުވި އެއްޗެއްތޯ؟ އަދި ހަމަ އެ އިންޓަރވިޔުގައި ވިދާޅުވިކަމަށް ޚަބަރު ފެތުރޭ. މި ރާއްޖޭގައި ތިބި ދީނީ ޙައްދުފަހަނައަޅާފައިވާ މީހުންނަށް އަލްޤައިދާގެ އެހީތެރިކަމެއް ނުވަތަ ތަމްރީނުތަކެއް ލިބޭކަހަލަ ވާހަކައެއްވެސް. އެއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟ ދެން އެންމެފަހު ސުވާލެއްގެ ގޮތުން ދަންނަވާލާނަން. މަނިކުފާނުގެ ދަތުރުފުޅަށް ކިހާވަރެއްގެ ޚަރަދެއްވިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެންމެ ތިކުރެއްވި ސުވާލު ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށް ސާފެއްނުވި. ބައެއް ނޫސްވެރިން އެބަ ދައްކަވާ ކަމަށް. ބައެއް ނޫސްތަކުގައި ލިޔުއްވާ ކަމަށް. ބައެއް ބާވަތުގެ އެއްޗެހި ވިދާޅުވާ ކަމަށް. ބައެއް ބަސްތަކެއް ހުރިކަމަށް. ވަރަށް ފަސޭހަވާނެ ކޮން ނޫހެއްގައި. އަޅުގަނޑު ދަންނަވައިފިން. ގާތްގަނޑަކަށް މިވަގުތު އިންޑިއާގައި ނެރޭ ސަތޭކަ އެތައް ނޫހެއްގައި އަޅުގަނޑުމެން އިންޑިއާއަށް ކުރި ދަތުރުގެ ވާހަކަތައް ޝާއިޢުކޮށްފައި އެބައޮތް. ދެން ހަމަ އަޅުގަނޑު ވަރަށްގިނަ ނޫސްތަކަށް އިންޓަރވިއު ދީފައިވާނެ. އެހެންވީމާ، ތި ވިދާޅުވާ ސީދާ ނޫހަކީ ކޮބައިތޯއާއި، އަޅުގަނޑު ސީދާ ބުނެފައިވަނީ ކޮން ވާހަކައެއްތޯ؟ އެއެއް އެނގުނީމާ އަޅުގަނޑަށް ވަރަށް ފަސޭހަވާނެ، ތިވިދާޅުވި ސުވާލަށް ޖަވާބު އަރުވަން. ދެން އަޅުގަނޑުމެންނަށް ދެންމެ އަޅުގަނޑު ފައިބަމުން މަޢްޞޫމް އަރިހުގައި ކޮބާ ކިހާވަރެއްތޯ ދިޔައީ. ދެން މަޢްޞޫމް ވިދާޅުވީ މިހާތަނަށް ހަހާސް ރުފިޔާއޭ. ހަހާސް ޑޮލަރޭ އިނގޭތޯ. ދެން އަޅުގަނޑަށް ހީވަނީ އެއަށްވުރެ ތަންކޮޅެއް ބޮޑުވާނެހެން. ދެން އަޅުގަނޑުމެންނަށް އިންޑިއާ މިދަތުރު މިކުރެވުނީ ހަމަ މުޅިންވެސް އަޅުގަނޑުމެންނަށް އެ ދަޢްވަތު އެރުވި، ރަސްމީ ދަޢްވަތެއް އަޅުގަނޑުމެންނަށް ލިބުނީ. އެހެންވީމާ، އެ ދަޢްވަތު ގަބޫލުކޮށްގެން އަޅުގަނޑުމެން ދިޔައީ. ދެން ޙަޤީޤަތުގައި މިއަރާ ޑޮލަރާއި، މިބާވަތުގެ މަޢްލޫމާތު ހޯދަން މިޖެހެނީ، މަޢްލޫމާތު ދިނުމާއި، މަޢްލޫމާތު އޮޅުންފިލުވުމުގެ ހަމަތަކުގެ ތެރެއިން މިޖެހެނީ ރައްޔިތުންގެ މަޖިލީހަށް އެބާވަތުގެ މަޢްލޫމާތު އަޅުގަނޑުމެން އަރުވަން. ހައްތަހާވެސް މިވާނެގޮތަކީ އަޅުގަނޑު ތަކުރާރުކޮށް އެބަ ދަންނަވަން. ކިހިނެއްތޯއޭ މިހާރުވެސް ބޮކި ދިއްލާފައި ހުއްޓައި، އަދި އަޅުގަނޑުމެން ދަތުރުގައި މިއުޅެނީ. މިދަތުރުގެ އަގު އަޅުގަނޑުމެންނަށް ހިސާބެއް ނުކުރެވޭނެ ނޫންތޯ. ގިނަފަހަރަށް އަޅުގަނޑުމެންނަށް އެއްޗެއް ހިސާބުކޮށް ނިންމެނީ، އެކަމެއްކޮށް ފުރިހަމައަށް ނިމުނީމާ، އެކަމަކަށްދިޔަ އަގެއް ޚަރަދެއް އެނގޭނީ. ދެން އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުން. އަޅުގަނޑުމެނެއް ޚަރަދު ބޮޑުވާ ގޮތަކަށް، ބޭނުން ނެތް ގޮތަކަށް މި ސަރުކާރަކުންނެއް ހަމަ އެއްކަމެއްވެސް ނުކުރާނަން. އެއްގޮތަކަށްވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވާނެކަން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ޚަރަދާ ގުޅޭގޮތުން ބަލާ މިންވަރު. އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުން މިކަމާ ކަންބޮޑުވެލައްވަންވީ ހަމަ އެއްވެސް ސަބަބެއް، ހަމަ އެއްވެސް ކަމެއް ނޯންނާނެ.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

މަނިކުފާނުގެ ދަތުރުފުޅުގައި އިންޑިއާގެ ސިޔާސީ އެކިއެކި ފަރާތްތަކާވެސް ބައްދަލުކުރައްވާފައިވޭ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް އިންޑިއާފަދަ ޤައުމަކުން ސިޔާސީ ފަރާތްތަކުން، ސަރުކާރުން އެޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކޮންކަހަލަ އެއްބާރުލުންތަކެއް ދެއްވާނެކަމުގެ ޔަޤީންކަން މިދަތުރުފުޅުން ލިބިވަޑައިގެންނެވިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ހަމަ ހިތަށްއަރަނީ، މިވެދާނެ އަޅުގަނޑުވެސް ކުރީގައި އަދާކޮށްފައި އޮތް ވަޒީފާގެ ސަބަބުންވާ ގޮތެއް ކަމަށް. އަޅުގަނޑުނަމަ، ކުރީގައި ކުރި ސުވާލުގައިވެސް ބުނާނީ އިންޑިއަން ކްރޮނިކަލްގައި، ޖޯތީ މަލްހޯތުރާ، މިސާލަކަށް، ލިޔުއްވާފައި އެބައޮތޭ. [ދިވެހިރާއްޖޭގެ ރައީސް ވިދާޅުވިއޭ، މިހެން މިހެން މިހެންނޭ، އެކަމާ ކީކޭތޯއޭ ވިދާޅުވަނީ؟“ ދެން ބައެއް ސިޔާސީ ބޭފުޅުން ކައިރީގައި އަޅުގަނޑު ދައްކާފައި ހުރި ބައެއް ވާހަކަތަކާ ގުޅޭގޮތުން އެހެން ސުވާލު ކުރެއްވީމާ، ހަމަ މީގައި ކުޑަކޮށް ފެންވެގެންދަނީ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން ޢާންމުކޮށް ހަމަ އުޞޫލެއްގެ ގޮތުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަޅުގަނޑުމެންނަށް ބައްދަލުވާ ކޮންމެ ފަހަރަކުވެސް މިދަނީ ވާހަކަ ދައްކަމުން. ޝަރީޢަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅުގަނޑުމެން އެދޭ ވާހަކަ ހަމަ އަބަދުވެސް އަޅުގަނޑުމެން ހުރިހާ ފަރާތެއްގައިވެސް މިއަންނަނީ ބުނަމުން. އަދި ސަރުކާރު ހިންގުން ހަރުދަނާ ކުރުންވެސް. ސަރުކާރުގެ ރޭވުން ހަރުދަނާ ކުރުންވެސް. އަޅުގަނޑުމެންގެ ވިސްނުން ރަނގަޅު ކުރުމަށްވެސް. އަޅުގަނޑުމެން ކަންކަމާ ގުޅޭގޮތުން މިގެންގުޅޭ އުޞޫލުތައް، ވަކި ބައްޓަމެއްގައި ހިފެހެއްޓުމާއި، މިބާވަތުގެ ކަންކަން ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ އެ ހަމަ ހުރިހާ ފަރާތެއްގައިވެސް އެހީތެރިކަން ބޭނުންވާ ވާހަކަ ދަންނަވަމުން. އެހެންވީމާ، އަޅުގަނޑު ހަމަ އެދޭނަން، ނޫސްވެރިންގެ ކިބައިން އިނގޭތޯ. ދެންވެސް އަޅުގަނޑާ ސުވާލު ކުރައްވާއިރުގައި، އަޅުގަނޑަކީ އިއްޔެގައި ހަމަ ތިޔަބޭފުޅުންގެ މީހެއް. އެހެންވީމާ، މިއަދު އަޅުގަނޑު މިތާ ހުއްޓި ހުންނައިރު އަޅުގަނޑު ހަމަ އެދޭނެ، ތިބޭފުޅުން މޮޅަށް މިކަން ކުރެއްވުމަށް. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާ އެކުގައި އެދެން. މިކަން ފުރިހަމައަށް ކޮށްދެއްވުމަށް. އަޅުގަނޑުމެންގެ މައްސަލައެއް ނުނުކުންނާނެ އިނގޭތޯ ހަމަ ކޮންމެފަދަ ސުވާލެއް ކުރެއްވިޔަސް ވެސް. އެހެން ނަމަވެސް، ހަމަ ރަނގަޅަށް މިކަން ކޮށްލެވިއްޖިއްޔާ އަޅުގަނޑުމެން އެންމެންނަށްވެސް ކިތަންމެ ތަނެއް ރަނގަޅުވާނެ.

ޢަބްދުﷲ ޙަސީން - ދި ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، ދުނިޔޭގެ ބައެއް މީޑިއާތަކުގައި ސައިންސްވެރިންނާ ޙަވާލާދީ ވާހަކަތަކެއް ފެތުރިފައި އެބަހުރި. ރައީސް ނަޝީދު ތިމާވެށްޓާ ބެހޭގޮތުން ދައްކަވާ ވާހަކަފުޅުތަކަކީ، އެއީ މަޝްހޫރުކަން ހޯއްދެވުމަށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް. ދެން ދެވަނަ ސުވާލަކީ ހަނިމާދޫ އެއަރޕޯޓްގެ އިތުރު ތަފްޞީލެއް އަދި ލިބިވަޑައިގެންފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެ ނޫސްތަކުން އިޝާރާތް ކުރޭތޯ ލިބޭ މަޝްހޫރު ކަމުގެ މިންވަރު. އަޅުގަނޑުގެ ހަމަ ވަރަށްބޮޑު ތެދުފުޅެއް. ރާއްޖެއަށް ވަރަށްބޮޑު މަޝްހޫރު ކަމެއް ލިބެމުން އަންނަނީ. ދެން އޭގެތެރޭގައި، އަޅުގަނޑު ނުހިމެނިއެއް ނުދާނެ. މިވަގުތު ކަން ދިމާކުރި ގޮތުން ދިވެހިރާއްޖެ ތަމްސީލު ކުރަން ހުރީ އަޅުގަނޑު. އެހެންވީމާ، އެލިބޭ މަޝްހޫރު ކަމެއްގެ ތެރޭގައި އަޅުގަނޑަށް އޭގެ ބައެއް ނޭޅިއެއްވެސްނުދޭ. ދެން އެއީ ނާޖާއިޒު ފައިދާއަކަށްވެސް ވެދާނެ ތިބޭފުޅުން ދެކިވަޑައިގަންނަވާފައި. ދެން އަޅުގަނޑަށް ހީވަނީ އެހެން ނަމަވެސް، މިކަންކަން އުޞޫލަކުން ހަމައަކުން ބައްލަވައިފިއްޔާ، އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖެ ޕޮޒިޝަން ކުރަން. ހަރުކުރަން. ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެ އެކުލެވެނީ، ދިވެހިރާއްޖެ ހިމެނިގެންވަނީ ކޮން ގިންތިއެއްގައި، ކޮން ފަންތިއެއްގައި، ކޮންތާކުތޯއޭ. އެގޮތަށް އަޅުގަނޑުމެންނަށް ޕޮޒިޝަން ކުރެވުނީމާ، ދެން ޓުއަރިޒަމަށް ކުރަންޖެހޭ އިޝްތިހާރު ކުރުމުގައިވެސް ވަރަށް ކުޑަކުޑަ ކަމެއް ކުރަން ޖެހޭނީ. ދެން އިންވެސްޓްމަންޓް އިތުރަށް ރާއްޖެއަށް ގެނައުމަށްވެސް ކުރަންޖެހޭ ކަމެއްގައިވެސް ވަރަށް ކުޑަކުޑަ ކަމެއް ކުރަންޖެހޭނީ. އަދި ބޭންކަކާ ވާހަކަ ދައްކަން ޖެހުނަސްވެސް. އަދި ގާތްތިމާގެ ނުވަތަ އެހެން ތަނެއްގެ ރަށްޓެއްސެއްގެ ކައިރީގައި ކަމަކު ބުނަން ޖެހުނަސްވެސް ދެން ކުރަންޖެހޭނީ ވަރަށްކުޑަ ކަމެއް. ޚާރިޖީ ސިޔާސަތެއް އަޅުގަނޑަށް އެނގޭގޮތުގައި ހިންގާއިރުގައި، އެންމެ ފުރަތަމަ ކުރަން މިޖެހޭ ކަމަކީ ޕޮޒިޝަން ކުރުން. މީގެކުރީގައި ރާއްޖެ ޕޮޒިޝަން ވެފަކާއެއް ނެތް އެއްވެސް ތަނެއްގައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މިފަށައިގެން މިޖެހެނީ ދިވެހިރާއްޖެއަކީ މިވެނި ކަމަކާ ގުޅޭގޮތުން މިވެނި ވާހަކައެއް ދައްކައި، މިވެނި މަޢްލޫމާތެއްދޭ، ނުވަތަ މިވެނި ފިކުރެއް، މިވެނި ވިސްނުމެއް ގެންގުޅޭ ޤައުމެކޭ. އެހެން ބުނެވޭގޮތަށް ދިވެހިރާއްޖެ އެބަ ހަރުކުރަންޖެހޭ. ދެން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އެކަން ވަރަށް ރަނގަޅަށް އެބަ ކުރެވެއޭ. ތިވިދާޅުވާހެން ދެން އަޅުގަނޑަށް އެބަ އޭގައި މަޝްހޫރު ކަމެއް ލިބޭ. ހަމަ ތިވިދާޅުވީ ވަރަށް ރަނގަޅަށް. މިއަދު އެން.ޑީ.ޓީ.ވީ އިންވެސް ބައިގަޑިއިރުގެ ޕްރޮގްރާމަކާއި، ސާޅީސް ފަސް މިނިޓްގެ ޓީ.ވީ ޕްރޮގްރާމެއް އަޅުގަނޑާ ގުޅޭގޮތުން ދެއްކި. ދިވެހިރާއްޖެއާ ގުޅޭގޮތުން. އަދި އިންޑިއާގެ [ސަންޑޭ ޓައިމްސް“ގެ ކަވަރުގައިވެސް އަޅުގަނޑާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެއާ ގުޅޭގޮތުން ވަރަށްދިގު އިންޓަރވިއުއެއް ޖަހާފައި އޮތް. އަދި އޭގެއިތުރުން ޑެކެއިން ހެރަލްޑްވެސް. އަޅުގަނޑު މިއަދު ބަލައިލި ހުރިހާ ނޫހެއްގައިވެސް ހުރި. ސީ.އެން.އެން.ގައިވެސް ހުރި. ހަމަ ތި ވިދާޅުވަނީ ވަރަށް ރަނގަޅު ވާހަކައެއް. ވަރަށްބޮޑު މަޝްހޫރުކަމެއް އެބަލިބޭ. އަޅުގަނޑުމެންނާ އެކިޤައުމުތަކުގެ ބޮޑުވަޒީރުންނާއި ވަޒީރުންނާ ދިމާވާއިރުގައިވެސް ހަމަ ވަރަށް ބޮޑަށް ރާއްޖެއާ ގުޅޭގޮތުން މަޢްލޫމާތު އޮންނަނީ އެނގިފައި. ދެން ޚާއްޞަކޮށް އިނގޭތޯ. ކަނޑުއަޑީގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމާ ގުޅޭގޮތުން އެވާހަކަ ނާހާ ކްރޮޅި ޑްރައިވަރެއްވެސް މިވަގުތު އިންޑިއާއަކުން ވެސް ހަމަ ދިމައެއްނުވޭ. ދެން އަޅުގަނޑުމެންނަށް ހަމަ ތަނަކުން ވެއިޓަރެއް ދިމާވިޔަސްވެސް، އަދި ބޮޑުވަޒީރާ ދިމާވީމާވެސް، ބޮޑުވަޒީރުގެ އަނބިކަނބަލުންނާ ދިމާވީމާވެސް، ބޮޑުވަޒީރުގެ ބޭފުޅުންނާ ދިމާވީމާވެސް، ސޯނިއާ ގާނދީއާ އަޅުގަނޑުމެންނާ ދިމާވީމާވެސް ހަމަ އެންމެ ފުރަތަމައިނުން، އަދި ކުރޮޅި ޑްރައިވަރަކާ ދިމާވީމާވެސް، ރަޙްމާނުވެސް އެންމެ ފުރަތަމަ ދެއްކެވީ ހަމަ އެވާހަކަ. ދެން އަޅުގަނޑަށް އަޅުގަނޑު ހިތަށްއަރާ ދެން ތިވިދާޅުވާހެން ވަރަށްބޮޑު މަޝްހޫރު ކަމެކޭ މިލިބެނީ. ތަޤްދީރު އަޅުގަނޑު ދަންނަވާނީ، ހަމަ މިވަގުތު ދިމާކޮށްފައި އޮތްގޮތޭ އެއީ ދެން. އެހެންވީމާ، އެކަންދާނީ ކުރިއަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!