بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެންގެ މިދަތުރަކީ، ދެންމެ އަސްލަމް ޚުލާޞާކޮށްލަދެއްވި ފަދައިން، ސަރުކާރުގެ ސިޔާސަތު ވީހާވެސް ބޮޑު މިންވަރަކަށް ތިޔަބޭފުޅުންނަށް، ލ. އަތޮޅުގެ ރައްޔިތުންނަށް އޮޅުންފިލުވައިދެވޭތޯ އަޅުގަނޑުމެން ތިޔަބޭފުޅުންނާ ބައްދަލުވެލާ ވެލުމެއް. މިސަރުކާރުގެ ބޭނުމަކީ، މިސަރުކާރު ދެމިއޮތުމުގެ އޮތީ ހަމައެކަނި އެންމެ ސަބަބެއް. އަޅުގަނޑުމެންގެއޮތީ އެންމެ މަޤްޞަދެއް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުން. އަދި އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ވީ އެންމެ ފުރިހަމައަކަށް ފުއްދުމަށް، އަޅުގަނޑުމެންނަށް ވީ އެންމެ ފުރިހަމައަކަށް މަސައްކަތްކުރުން. އެމަސައްކަތް ކުރިޔަށް ގެންދެވެންއޮތީ، ގެންދެވޭނީ އޭގެ ރަނގަޅުގޮތުގައި ނަތީޖާ ހޯދުމަށްޓަކައި ކުރިޔަށްގެންދާ މަސައްކަތެއްގެގޮތުގައި ގެންގޮސްގެން. އެކަންއެހެން ވާންއޮތީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންނާއެކީގައި މިމަސައްކަތްތައް ކުރިޔަށްގެންދެވޭނެ ގޮތްތަކެއް ހޯދިގެން.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު އަޅުގަނޑުމެން ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީއަކީ، ވަރަށްގިނަ ތަފާތު އެތައްކަމެއް މީގެކުރީގައި ވެރިކަން ހިނގާގޮތާ ތަފާތަށް ކުރުމަށް، ވެރިކަމުގެ ފަރާތަށްވެސް އަދި ރައްޔިތުންނަށްވެސް ލާޒިމުކުރާ ޤާނޫނުއަސާސީއެއް. އެ ޤާނޫނުއަސާސީގައި ރައްޔިތުންގެމަޖީލީހުގެ ދައުރު ވަރަށް ފުޅާ. އަޅުގަނޑުމެންނަށް މި މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމާ މަޖިލީހުގެ މެންބަރުންގެ އެހީތެރިކަން ލިބިގެން ނޫނިއްޔާ އަޅުގަނޑުމެން ސަރުކާރު މި އުންމީދުކުރާ މަސައްކަތްތައް އޭގެ ފުރިހަމަގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން އަބަދުވެސް ދަތިވާނެ. ޚާއްޞަކޮށް އަޅުގަނޑު މިވާހަކަ މިއަތޮޅުގައި ފާހަގަކުރަން ޖެހެނީ، ސަރުކާރާއެކުގައި މަސައްކަތްކޮށްދޭނޭ މަޖިލީހުގެ މެންބަރެއް މިއަތޮޅުގައި ސަރުކާރުން ކިތަންމެހާވެސް ބޮޑަށް ބޭނުންވާތީވެ.

އަޅުގަނޑުމެން މިހިންގާ މަސައްކަތްތަކުގެތެރޭގައި ޚާއްޞަގޮތެއްގައި، މައިގަނޑުގޮތެއްގައި 5 ކަމެއް ފާހަގަކުރަން. 5 ވަޢުދެއް އަޅުގަނޑުމެން އޮންނާނީ ރައްޔިތުންނަށްވެފައި. މި ސަރުކާރުގެ މަޤްޞަދަކީ، މި ސަރުކާރުގެ ބޭނުމަކީ މިފަސްކަމެއް ވީހާވެސް ރަނގަޅަކަށް ފުރަތަމަ ނަޒަރުގައި ފުރިހަމަކޮށްދެވޭތޯ ބެލުން. ސަރުކާރުން ދެކޭގޮތުގައި އެފަސްކަންތައް ފުރިހަމަވީމާ، އޭގެ ވަށައިގެންނާއި އެއާއެކުގައި ތަރައްޤީގެ އެތައްކަމެއް ކިތަންމެގޮތަކަށް ބަދަލުވެގެން މާ ރަނގަޅު ނަތީޖާތަކެއް ނުކުމެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން ބޮޑަށް މިދެންނެވީ 5 ވަޢުދަށް، އެއީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމާއި، ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ސަލާން ޖެހުމެއްނެތި، ބޭސް ސިޓީއަށް ސަލާން ނުޖަހައި، ޞިއްޙީ ޚިދްމަތް ލިބޭނޭ ގޮތެއް ހަމަޖެހުމާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފަސޭހަގޮތެއްގައި ލިބޭނެގޮތެއް ހަމަޖައްސައި ދިނުމާއި، ތަކެތީގެ އަގު ހެޔޮކޮށްފައި ބެހެއްޓުމާއި، އަދި ޑްރަގުން ދިވެހި ޒުވާނުން، ޒުވާން ޖީލު ސަލާމަތްވާނެ ގޮތްތަކެއް ހޯދުން. ރާއްޖެއަށް ޑްރަގަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވޭނޭ ގޮތަކަށް ސަރުކާރު ހިންގުމާއި ސަރުކާރުގެ ސިޔާސަތު ރޭވުން.

ހަމައެއާއެކީގައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ނުވަތަ މުހިންމު އަމާޒުތަކުގެ ތެރޭގައި އިތުރު ކިތަންމެކަމެއް އެބަހުރި. ތަޢްލީމީ ނިޒާމު ހަރުދަނާކުރުމުގައި އެއްދަންފަޅިއަށް ކިޔަވައިދޭ، ވަށައިޖެހިފައިވާ ތަޢްލީމެއް މަދަރުސާތަކުގައި ދިނުން. ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓާތަކަކީ ރަނގަޅަށް ޚިދްމަތްދޭ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ ތަންތަނުގެގޮތުގައި ހަދައި، އެތަންތަން ރަނގަޅަށް ހިނގާނޭ އުޞޫލުތަކެއް ޤާއިމުކޮށް، އެ އުޞޫލުތަކުން އެތަންތަން ހިންގުން. އަޅުގަނޑުމެން ޚާއްޞަގޮތެއްގައި މިއަތޮޅަށް ބަލާއިރުގައި، ކުރުމަށް އުންމީދުކުރާ، ނުވަތަ ކުރުމަށް ރާވާ އަދި ހިންގަމުންގެންދާ ކިތަންމެކަމެއް އެބަހުރި. އަޅުގަނޑު ކަންތައްތައް ވަކިތަރުތީބަކުން ނޫން، ތިޔަބޭފުޅުންނަށް ފާހަގަކޮށްދެވޭތޯ މިބަލަނީ. އެހެންނަމަވެސް، ބައެއް ކަންކަމުގެ ވާހަކަ ޚާއްޞަކޮށް ދަންނަވާލުމަކީ މިދުވަހު މުނާސިބު އަދި މިފުރްޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުންކަމަށް އަޅުގަނޑުދެކެން.

ސަރުކާރުން ރައްޔިތުންނަށް ބޭސްފަރުވާ ލުއިގޮތުގައި، ހެޔޮގޮތުގައި އިތުބާރާއެކީގައި ލިބިލިބި ހުންނާނޭ ގޮތަކަށް ރޭވުމަށްޓަކައި، ސަރުކާރުންވަނީ މަޝްރޫޢެއް އެކުލަވާލާފައި. އެއީ މިހާރު މިކިޔާ އިންޝުއަރެންސްގެ އެހީގެ ޕްރޮގްރާމް ނުވަތަ މަދަނަ ޕްރޮގްރާމް. މިމަޝްރޫޢުގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް، އެމަޝްރޫޢުގައި ބައިވެރިވާ ކޮންމެ ރައްޔިތަކަށްވެސް ކޮންމެއަހަރަކު އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ ބޭސް ސަރުކާރުން ކޮށްދޭނެ. އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެންމެބޮޑުކޮށް މިނެގެނީ އަހަރަކަށް 2000 ރުފިޔާ ނުވަތަ މަހަކަށް 83 ރުފިޔާ. އެއީ އެންމެބޮޑުކޮށް ނެގޭ މިންވަރު. މަހަކަށް އަށްޑިހަ ތިންރުފިޔާ ދެއްކުން ދަތި އެއްލައްކަ ހަ ހާސް ހަތަރުސަތޭކަ ތެއްތިރީސް މީހުން މިރާއްޖޭގައި ތިބެދާނެކަމަށް ސަރުކާރުން އަންދާޒާކުރޭ. ސަރުކާރު ދެކޭގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅައެއްބަޔަކީ، މަޢްލޫމާތުލިބިފައިހުރި ގޮތުގައި ނިކަމެތި ފަޤީރުން. އެމީހުންނަކީ އެމީހުންނަށް މަހެއްގެމައްޗަށް ހަސަތޭކަރުފިޔާ ނުލިބޭ މީހުން. ސަރުކާރުގެ އަމާޒަކީ، އެފަދަ މީހުންގެ އާމްދަނީ ނުވަތަ އެފަދަ މީހުންނަށް އެންމެ ކުޑަމިނުން މަހަކު ބާރަސަތޭކަ ރުފިޔާއަށް ގެންދެވޭނޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން އެންމެފުޅާ ގޮތެއްގައި ހިންގާ އެއް މަޝްރޫޢަކީ މިދަންނަވާ ބޭސްފަރުވާގެ، މަދަނައިގެ ޕްރޮގްރާމް. އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިހާރު އެޕްރޮގްރާމުގައި ބައިވެރިވުމުގެ ފޯމުތައް ވާނީ ތިޔަބޭފުޅުންނަށް ލިބިފައި. ނުވަތަ މިހާރު މިދަނީ އެ ބެހުމުގެ، ފޯރުކޮށްދިނުމުގެ މަގުމަތިގައި. އެފޯމުތައް ތިޔަބޭފުޅުންނަށް ލިބުމުން، ފޯމު ފުރުއްވީމާ، ޕްރޮގްރާމުގައި ތިޔަބޭފުޅުންނަށް ބައިވެރިވެލެއްވޭނެ. އެ ބައިވެރިވުމުން އެޕްރޮގްރާމުގެ ދަށުން އެމަޝްރޫޢުގެ ދަށުން ބޭސްފަރުވާގެ ކަންތައް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. ސަރުކާރުގެ އުންމީދަކީ ލަސްތަކެއްނުވެ މިއަހަރުގެތެރޭގައި ހަމަ އެމަޝްރޫޢުގެތެރޭގައި އެ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުކޮށްވެސް ރާއްޖެއިންބޭރުން ބޭސްފަރުވާ ހޯދަންޖެހޭ ފަހަރުފަހަރުވެސް އެޕްރޮގްރާމުގައި އެމަޝްރޫޢުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެ ޚިދްމަތްވެސް ލިބޭނެގޮތަކަށް އެމަޝްރޫޢު ބައްޓަން ކޮށްގެން ގެންދިއުން. އަޅުގަނޑު މިދެކެނީ މިހާރު ދާދިއަވަހަށް މިޕްރޮވިންސްގައި އުފެދޭ ހެލްތް، ޞިއްޙަތާގުޅޭ ގޮތުން ޚިދްމަތްދޭ ޑެސްކް ނުވަތަ މޭޒު ބެހެއްޓޭނެ. އެމޭޒުގެ ޚިދްމަތްތައް ދެވެންފަށާނެ. ފެށީމާ ތިޔަބޭފުޅުންނަށް އެޕްރޮގްރާމުގައި، އެމަޝްރޫޢުގައި ބައިވެރިވުމުގެމަގު ކިތަންމެތަނަކުން ފަހިވެގެންދާނެ.

ލާމަރުކަޒީ އުޞޫލުން ހިންގުމަކީ މިސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އެންމެ މުހިންމު އެއް އަމާޒު. އެކަން އެހެން ކުރުމަށްޓަކައި ސަރުކާރުން މިވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި. އެއީ ރަށްރަށާއި އަތޮޅު ކައުންސިލްތަކުގެ އިންތިޚާބުތައް ބޭއްވުމުގެ ޤާނޫނެއް އެކުލަވާލުމަށްޓަކައި. އެޤާނޫނު އެކުލަވާލެވުނީމާ، ސަރުކާރަށް ހެޔޮގޮތުގައި، ރަނގަޅުގޮތުގައި ލާމަރުކަޒީ އުޞޫލު ހިންގެން ފަށާނެ. މިހާރު ސަރުކާރުން މަސައްކަތްކުރަމުން މިދަނީ ވަރަށްދަތީގައި މިޕްރޮވިންސް އޮފީސްތަކުގައި ކޮންމެ މިނިސްޓަރީއެއްގެ ޑެސްކެއް މޭޒެއް ބަހައްޓައިގެން އެމިނިސްޓްރީއަކުން ޚިދްމަތް، ޕްރޮވިންސް އޮފީހުން ދިނުމުގެ އުޞޫލެއްގެ ތެރެއިން. އެހެންވީމާ، އަދި މިކަން އެންމެ ފުރިހަމަގޮތަކު ނުހިނގާ. މިތަނުގައިހުންނަ މިތަނުގެ ކައުންސިލެއްގެ ތެރެއިން، އެއީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލެއްގެ ބާރުވެރިކަމުގެ ތެރެއިން، މިސަރަޙައްދުގެ، މިޕްރޮވިންސްގެ ކަންކަން ހިންގޭނޭގޮތެއް، ހިންގޭނޭ އުޞޫލެއް ރޭވުނީމާނޫނިއްޔާ އަޅުގަނޑުމެންނެއް ނުދެކެން، ފުރިހަމަގޮތުގައި، ހެޔޮގޮތުގައި އެއްވެސް ޚިދްމަތެއް ރައްޔިތުންނާ ގާތުން ދެވޭނެގޮތަކަށް ރޭވިދާނެ ކަމަކަށް. އެހެންނަމަވެސް، މިހާރު މިހުރި ދަތިތަކުގެ ތެރެއިންވެސް ސަރުކާރުން މިގެންދަނީ މަސައްކަތް ކުރިޔަށް. ކުރިޔަށް މިއޮތް ހަފްތާއެއްގެތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ކުރަންޖެހޭ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީއިން، އެއީ އޮޑިދޯނިފަހަރު ރަޖިސްޓަރީކުރުމާއި، ލައިސަންސް ނެގުމާއި، އެއްގަމުގައިދުއްވާ އެއްޗެތީގެފީ ނެގުމާ، މިބާވަތުގެ ގޮސް ދަތުރުފަތުރާ ގުޅޭ ހުރިހާ ޚިދްމަތެއް މިޕްރޮވިންސުން، މިއަތޮޅުން ލިބެން ހުންނާނެ، މާލެ އެކަމަށް އިރާދަކުރެއްވިއްޔާ ދާކަށެއްނުޖެހޭނެ.

އަޅުގަނޑުމެނަށް މިދަތުރުފަތުރު ކުރުމުގެ މަސައްކަތްތައް މިކޮޅަށް ބަދަލުކުރެވިދާނެ، އަދި ހަމަ އެހެންމެ، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް، އެމިނިސްޓްރީގެދަށުން ހިންގާ ހުރިހާ މަޝްރޫޢުތައް ބެލެހެއްޓުންވެސް މިތަނުގެ ޕްރޮވިންސް އޮފިހަށް ބަދަލުކޮށް، ލާމަރުކަޒީއުޞޫލުން މިކަން ހިންގުމުގެ މަސައްކަތް ކުރިޔަށްގެންދެވިދާނެ، ފަށައިގަނެވިދާނެ. އެހެންނަމަވެސް، ހަމަ ފާހަގަކުރަންއޮތީ، ތިޔަބޭފުޅުންގެ މެންބަރުން ލާމަރުކަޒީ އުޞޫލުގެ ބިލަށް ވޯޓު ނުދެއްވާކަމަށް ވަނީވިއްޔާ އަޅުގަނޑުމެންނަށް މިމަސައްކަތްކުރަން ދަތިވާނެ. މިގޮތަށް މިކަން ކުރިޔަކަށް ނުގެންދެވޭނެ. އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ވަކީލުންނާ ވާހަކަ ދައްކަވާނެކަމަށް، އަދި ވަކީލުންގެ ކިބައިން ތިޔަބޭފުޅުންނަށް ފަހިވާގޮތަށް، ވަކި ޕާޓީއެއް މިއަކުނެތް، ރައްޔިތުންނަށް ރަނގަނޅު ގޮތަކަށް ބަށްޓަންވެގެންދާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިކޮށްދިނުމަށް ރައްޔިތުން، ތިޔަބޭފުޅުން ބާރުއަޅާދެއްވާނެކަމަށް. އަޅާނުދެއްވާކަމަށް ވަނީވިއްޔާ އަޅުގަނޑުމެންނަކަށެއް މިކަންކަމެއް ނުކޮށްދެވޭނެ، ނުވާނެ.

ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބޭނުންތެރިކަން މުހިންމުވަނީ ކިތަންމެ ސަބަބަކަށްޓަކައި. މިއަތޮޅަކީ މުއްސަނދި އަތޮޅެއް. ރާއްޖޭގައިވާ މުއްސަނދި އަތޮޅުތަކުގެތެރެއިންވެސް މުއްސަނދި އަތޮޅެއް. މިއަތޮޅުގެ މުއްސަނދިކަމާއި، މިއަތޮޅުގެ އެންމެހާ ވަސީލަތްތައް މިއަތޮޅަށް، އަދި މިޕްރޮވިންސަށް ފަހިވާގޮތަށް، ފައިދާވާގޮތަށް ސިޔާސަތުތައް ރާވަމުން ކުރިޔަށްގެންދެވޭނީ، ލާމަރުކަޒީ އުޞޫލުން ކަންކަންހިނގާ ބިލު ފާސްވީމާ. އެ ބިލުގައިވާނެ، މިއަތޮޅުގެ ބިމުން ލިބޭފައިދާ ، ބިމުން ލިބޭފައިސާ އެއީ އަތޮޅަށް ވަންނަންޖެހޭނެ އެއްޗެއްކަމަށް. އެހެންވީމާ، މިހާރުވެސް އެބަގެންދެވޭ މިއަތޮޅުގެ ހުރި ބައެއްބިން އަމިއްލަ ކުރުންވެސް، މިސާލަކަށް. އޭގެތެރެއިން ވަންނަ ފައިސާއަށްވެސް އަތޮޅުގައި ހިފެހެއްޓޭނީ، ރައްޔިތުންނަށް އޭގެފައިދާއެއްއޮތްގޮތަށް ކުރިޔަށްގެންދެވޭނީ، ލާމަރުކަޒީ އުޞޫލުގެ ބިލް ފާސްވެގެން. ހަމައެހެންމެ ރިޒޯޓުތަކުން ލިބޭއެއްޗެއްވެސް އަދި އެހެންވެސް ބިންބިމުން ލިބޭއެއްޗެއް، އަތޮޅުގެ ހޭދައަށް ވަކިކުރެވޭނީ، ބެހެއްޓޭނީ، އެއުޞޫލު ޤާނޫނީގޮތުން ފާސްވެގެން. ވާދަވެރި ސިޔާސީ ޕާޓީތަކާ އަޅުގަނޑުމެންނާ އެބިލުގައި ޚިޔާލުތަފާތުވާ އެއްކަމެއް އޮންނަނީ. އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި އެދެން މިސާލަކަށް، އަޅުގަނޑަށް ލަފާ މިކުރެވެނީ، އުޞޫލެއްގެ ގޮތުން އަޅުގަނޑުމެން މިބުނަނީ އަތޮޅަކީ، ވަކި ސަރަޙައްދެއްގެގޮތުގައި ހިންގަން މާކުޑަ ޔުނިޓެކޭ މާކުޑަ ބައެކޭ. އެންމެ އަތޮޅަކަށް އެކަނި ކުޑަ ސަރުކާރެއް އޮވެގެނެއް، 21 އަތޮޅަށް އެކަން އެހެން ކޮށްގެން ހިންގުމަކީ މިރާއްޖެއަށް ވާނެކަމެއްނޫނޭ، ދަތިކަމެކޭ.

އަޅުގަނޑުމެން މިބޭނުންވެގެން މިއުޅެނީ، އަތޮޅޭ، މިބުނާބަހުގެ މާނަ އެއީ، ޕްރޮވިންސޭ ބުނާ ބަހުގެ މާނައާ އެއްހަމަކޮށް. މި އަތޮޅުކައުންސިލް މިޕްރޮވިންސްގެ އަތޮޅު ކައުންސިލް ހިމެނިގެން އޮންނާނީ ލ. އަތޮޅުގެ ތިންދާއިރާއާއި، ތ.އަތޮޅު ތިން ދާއިރާ ހިމެނޭގޮތަށް. ނުވަތަ ލ.ގެ އިދާރީ ދާއިރާތަކާއި، ތ.ގެ އިދާރީ ދާއިރާއާ ހިމެނޭގޮތަށް، ކޮންމެ ޕްރޮވިންސަކުން، އަތޮޅަކުން ތިންމެންބަރުން ހިމެނިގެންއައިސް، ދެއަތޮޅު އެކީގައި ހިމެނޭގޮތަށް އަތޮޅުކައުންސިލެއް އެކުލަވާލުން. މީގެއިން ނުކުންނާނެ ވަކިތަފާތެއް، ނުކުންނާނެ ވަކި އުނިކަމެއް އަޅުގަނޑުމެންނަކަށެއް ނުވިސްނޭ. ޤާނޫނަކާއެއް އެކަމަކާއެއް ތަފާތެއް އޮތީކީއެއްނޫން. ޚިލާފެއް އޮތީކީއެއްނޫން. އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑުމެންނަށް އެބަދަލު ގެނެވޭނެކަމަށް، އެ ޤާނޫނު ފާސްވާނެކަމަށް. ތިޔަބޭފުޅުންވެސް ޔަޤީންކޮށް ތިއްބަވާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަމެއްކުރަން ނުކުތީމާ އެކަމެއް އަޅުގަނޑުމެން ކުރާނެ. ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރަން އަޅުގަނޑުމެން ބޭނުންވާއިރު އެކަމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ މިންވަރު ބޮޑުވެގެންދާނީ. މިމަސައްކަތުގައި ތިޔަބޭފުޅުންވެސް ބައިވެރިވެލެއްވީމާ އަޅުގަނޑުމެންނަށް އެމަސައްކަތް ފަހިވެގެން ފަސޭހަވެގެންދާނެ.

ސަރުކާރުގެ އަނެއް ސިޔާސަތަކީ، ބޯހިޔާވަހިކަމުގެ ސިޔާސަތު. އެ ސިޔާސަތުވެސް ޢަމަލީގޮތުން ފެށުން. މިއަތޮޅުގައި މިވަގުތު އަޅުގަނޑުމެންނަށް ފެށޭގޮތަށް އިރާދަކުރައްވައިގެން އެބައޮތް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި ސަރުކާރުން އިތުރަށް، ސުނާމީގެ ގެތަކުގެއިތުރަށް އެބައޮތް 27 ގެއެއް އެޅިފައި، ޢިމާރާތްކުރެވިފައި. ސަރުކާރުން މިހާރު ގަސްދުކުރަނީ އެ 27 ގެ ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން، އެއީ 15 އަހަރުން ފައިސާދައްކާ އުޞޫލުން އެގެތައް ރައްޔިތުންނަށް ލިބޭނޭގޮތް ހަމަޖެއްސުން. މިއުޞޫލުން ހަމަޖެހިގެންދާއިރުގައި މަހެއްގެމައްޗަށް ދައްކަންޖެހޭ އަދަދަކީ ޢާއިލާއެއްގެ އާމްދަނީގެ ސަތޭކައަކުން 20 ރުފިޔާއަށްވުރެ ބޮޑު އަދަދަކަށްވަންޏާ، ދެން އެވާ އަދަދު ފޫބައްދާ ދިނުމުގައި ސަރުކާރުގެ ހިލޭ އެހީ ލިބޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ މަޝްރޫޢު މިތަނުގައި، މިރަށުގައި، މިއަތޮޅުގައި ކުރިޔަށް މިއޮތް ދެހަފްތާއެއްހާދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. މިތަނުން ގެ ތިޔަ ބޭފުޅުންނަށް ލިބެންހުންނާނެ. ގެއެއްގެ ކުއްޔަކީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ނުވަތަ ދިގުމުއްދަތުން 15 އަހަރު ދުވަހުން ގެއެއް ދައްކާ ޚަލާޞްކުރާއިރުގައި ތިޔަބޭފުޅުން ދައްކަވަންޖެހޭނީ އަޅުގަނޑަށް މިހީވަނީ ގިނަވެގެން ދެހާސްފައްސަތޭކަ، ދެހާހެއްހާރުފިޔާ ހެން. އޭގެތެރެއިން، އެއަދަދަކީ އާމްދަނީ މަދު ގެއަކުން ދައްކަންޖެހޭ އަދަދެއްކަމަށް ވަނީވިއްޔާ އެ ނުބެދޭ ބައި، ނުވަތަ ނުވާ މިންވަރު ފުއްދައިދިނުމަށް ސަރުކާރުގެ ހިލޭއެހީއެއް ލިބިގެންދާނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ މަޝްރޫޢު މިއަތޮޅުގައި މިއަންނަ ހަފްތާގެތެރޭގައި ފަށައިގަނެވޭނެ.

ހަމައެއާއެކީގައި، އިތުރަށް މިއަތޮޅުގައި އެބަ ސަރުކާރުން މިޕްރޮވިންސްގައި އެބަ 1000 ގެ އަޅަން. އެއީ މިއަތޮޅުގައި 500 ގެއާ އަދި ތ. އަތޮޅުގައި 500 ގެ. މި 1000ގެ އެޅުމުގެ އެގްރިމެންޓާ އޭގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތް، ޕްރައިވަޓައިޒޭޝަން ކޮމިޓީން މިހާރު އެދަނީ ކުރަމުން. އަޅުގަނޑުހިތުން އަޅުގަނޑަށްފަހު އެބޭފުޅުންގެ ތަފްޞީލު މަޢްލޫމާތު ދެއްވާއިރުގައި އެކަންގޮސްފައިއޮތް ހިސާބު ސާފުކޮށްދޭނެ. އެކަން ހިނގުމުގައި ދެންވާންވީ ގޮތްވެސް ސާފުވެގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑުމެންނަށް އެ މައި މަޝްރޫޢު ފެށުމުގެ ކުރީގައިވެސް މިއަތޮޅުގައި މިއޮތީ މިމަސައްކަތް ފެށޭގޮތަށް. މިއަތޮޅުގެ ބައެއް އިންފްރާސްޓްރަކްޗަރ ނުވަތަ ބައެއް ޢުމްރާނީ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާއާއި، ބަނދަރާއި، މަގު ހެދުން އެއީ، އަޅުގަނޑުމެންގެ އަމާޒެއް. އަޅުގަނޑުމެން ޚާއްޞަ ކަމެއްދީގެން މަސައްކަތްކުރަމުންގެންދާކަމެއް. އޭގެތެރޭގައި މިވަގުތު އަޅުގަނޑަށް ހަމަ އުފަލާއެކީގައި ދަންނަވަންއޮތީ، ގަމުގެ ތުނޑީއަވަށު ނަރުދަމާގެ ފައިސާއާ ހުރިހާކަމެއް މިހާރުހުރީ ހަމަޖެހިފައޭ. އެ ނަރުދަމާގެ ޑިޒައިންކުރުން ނުވަތަ ކުރެހުން ވިލަރެސް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ. އެމަސައްކަތް ނިމުނީމާ ބީލަމަށްލާފައި އެމަސައްކަތް ކުރުމަށް ކޮންޓްރެކްޓު ކުރާނެ ފަރާތެއް ހޯދޭނެ. އެހެންވީމާ، މިމަސައްކަތްތައް ނިމުނީމާ ތިޔަބޭފުޅުންނަށް ތުނޑީއަވަށު ޢަމަލީ މަސައްކަތް ކުރަންފަށާތަން ފެނިގެންދާނެ. އޭރަށް އިރާދަކުރެއްވިއްޔާ ގަމުގެ ހުރިހާ ތަނެއްގައި މި ޚިދްމަތްދެވޭނެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިއޮތީ ގަމުގައި މިހާރު އެބަހުރި ތިޔަބޭފުޅުންނަށް 200 ޓަނުގެ ފެން ޕްލާންޓެއް. އެ ފެންޕްލާންޓުގެ ފެން ރަށުތެރެއަށް ލިބޭނެގޮތެއް ހަމަޖެއްސުންވެސް އެއީ ބޭނުންތެރިކަމެއް. ސަރުކާރުން އެކަމަށް ވިސްނައިގެން، އެކަމުގެ މަޝްރޫޢެއްވެސް މިހާރު މިދަނީ އެކުލަވާލައިގެން ކުރިޔަށް. އިރާދަކުރެއްވިއްޔާ އެކަމުގައިވެސް ތިޔަބޭފުޅުންނަށް ޢަމަލީ މަސައްކަތް ފެނިގެންދާނެ.

މިއަތޮޅުގައި އަޅުގަނޑުމެން އެންމެ ބާރަށް ހިންގަމުން އަންނަ އެއް މަސައްކަތަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމު. އެނގިވަޑައިގަންނަވާނެ، މިހާރު އެކަން އެދަނީ ކުރިޔަށް. ސަރުކާރުން އަމިއްލަ ކުންފުންޏަކާ އެމަސައްކަތް ހަވާލުކޮށްގެން، އެކުންފުނިން ގަދައަޅައި އެބަ މަސައްކަތް ކުރަމުންދޭ. އަޅުގަނޑުމެންނަށްވެސް އެނގޭ، އެންމެންނަށްވެސް އެނގޭ މިއީ ހަމަ ފަށައިގަންނަ ފެށުމެއްކަން. މިހާރު ހިންގަމުން އެދަނީ ހަމައެކަނި އޮނިގަނޑެއްގައި ހިމެނޭ، ވަރަށް އަސާސީ ޚިދްމަތެއް. އެ ޚިދްމަތް ވިޔަފާރީގެ ގޮތަކުންނެއް އަދި ދެކޮޅެއް ނުޖެހޭނެ ކުންފުންޏަށްދާނީ ވަރަށްބޮޑު ގެއްލުންވަމުން. ސަރުކާރުން ކުންފުންޏަށް އެހީތެރިވެދޭނެ އެއޮތް އުޞޫލެއްގެ ތެރެއިން. އެހެންނަމަވެސް މީގެ ބޮޑު އަމާޒަކީ، މުހިންމު ބޭނުމަކީ ވީހާވެސް އަވަހަށް އެކުންފުންޏަށް ފައިދަވާނޭ އެހެންމަގުތައް ހޯދައިދިނުން.

މިޕްރޮގްރާމުގެ މަޝްރޫޢު ރޭވިފައި އޮތްގޮތުން، ކުންފުންޏަށް ފައިދާ ހޯދުމަށްޓަކައި ކުންފުނިންޖެހޭ އަތޮޅުގެތެރޭގައި ގެސްޓް ހައުސްއާ ފެރީ ޓާރމިނަލް ތަކެއް އަޅަން. އެތަންތަނުގައި ވިޔަފާރި ހިންގީމާ ދަތުރުފަތުރުކުރުމުގެ ނިޒާމަށް މަދުވާ މިންވަރު ފޫބެދިގެންދާނެކަމަށް ސަރުކާރުން ދެކެން. އެވިސްނުމުގައި އެ ސިޔާސަތުގައި އެކުލަވާލާފައިއޮތް މަޝްރޫޢެއް މަޝްރޫޢަކީ. އަޅުގަނޑު މިދެކެނީ އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، އެމަސައްކަތްތައްވެސް އެކުންފުންޏަށް ހިންގަން ފެށްޓޭނެކަމަށް. ކުރިޔަށް ގެންދެވޭނެކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދަތުރުފަތުރު ކުރަން ފެށުނީމާ އޭގެސަބަބުން ލުއިވެގެންދާނެ ކިތަންމެކަމެއް އެބަހުރި. ޚާއްޞަގޮތެއްގައި އަޅުގަނޑުމެން މިހާރު މިއަދު މަސައްކަތް ކުރަމުން މިދާ އެއްކަމަކީ، ގަމު ހޮސްޕިޓާ އެއީ، ރަނގަޅު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް، އަދި އެ ހޮސްޕިޓާ އިޝްތިހާރު ކުރުން. އިސްތިހާރު ކުރުމޭ މިދަންނަވަނީ، މިހާރު ގާދޫ މީހަކަށްވެސް އަދި ތިމަރަފުށީ މީހަކަށްވެސް އަދި ބުރުނީ މީހަކަށްވެސް ގަމު ހޮސްޕިޓަލަށް އެޕޮއިންޓްމެންޓެއް ހަދައިގެން، ވަކިގަޑިއަކަށް އައުމަށް ދަތުރަކަށްއެރޭނެ، ދަތުރެއްދެވޭނެ. އެހެންވީމާ، އަންނައިރުގައި ޑޮކްޓަރުމީހާ ނެތިގެން އެދުވަހު ހުރިހާކަމެއް ބޭކާރުވެގެން އަނބުރާ ދާކަށްނުޖެހޭނެ އިރާދަކުރެއްވިއްޔަކާއެއް. މިހާރު ގަޑިތައް އެނގޭނެ، ޑޮކްޓަރ އިންނަވާ ގަޑިތައްވެސް އެނގޭނެ. އަދި ޑޮކްޓަރާ އެޕޮއިންޓްމެންޓެއް ހަދައިގެން، އެޑޮކްޓަރާ ބައްދަލުވާނެ ގޮތަކަށް މާބަނޑު މީހާއަށްވެސް ބަލިމީހާއަށްވެސް ފަސޭހަކަމާއެކީގައި ދަތުރުކޮށްފައި އާދެވޭނޭ އިންތިޒާމެއް ރޭވުމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެކަންތައްތައް މިހާރުމިވަނީ ގާތްގަނޑަކަށް ނިމިފައި.

ހަމައެހެންމެ، އަޅުގަނޑުމެންނަށް އެބަފެނޭ، އެއްތަނެއްގައި އެއްރަށެއްގައި ބައިވަރު ވަސީލަތްތައްހުރެ، އެހެންނަމަވެސް ކޮންމެވެސް އެއްކަމެއް ނުވަތަ އަނެއްކަމެއް މަދުވީމާ، މުޅިޖުމްލަ އުފެންދުންތެރިކަމެއް ނުނެރެވޭނެ. ދަތުރުފަތުރުކުރުމުގެ ނިޒާމެއް އެކުލަވާލުމުގެ ބޭނުމަކީ އެއީ، ޖުމްލަ އުފެއްދުމެއް ތަރައްޤީއެއް ނެރުމަށްޓަކައި އެއްތަނެއްގައި މަދު އެއްޗެތި އަނެއްތަނަކަށް ގެންގޮސްދިނުން. މަދުތަނަކަށް ގިނަތަނަކަށް ގެނައުން. އެ ބެހުން ބެހުން އަޅުގަނޑަށް ހަމަ ވަރަށް ރަނގަޅަށް ފެނޭ، ތ.އަތޮޅުގެ ވަރަށްގިނަ މީހުންނަކީ، ފަންވިޔާ މީހުން. އަދި ރާއްޖޭގައި ފަނުގެ އަގަކީ ވަރަށްބޮޑު އެއްޗެއް. ރިޒޯޓުތަކަށް ފަން ނުލިބިގެން އެމީހުން މިހާރު ރާއްޖެއިންބޭރުން ފަން އެތެރެކުރަން ފަށާން އެއުޅެނީ. މިއަތޮޅަކީ ވަރަށް ބައިވަރު ފަން ބިމަށް ވެއްޓޭ އަތޮޅެއް. އެތަކެތި ތ.އަތޮޅަށް ގެންދެވޭނެ ގޮތަކާ، ގެންދާނެ މީހަކާ އެ ވިޔަފާރި ހިންގާނެ ބަޔަކު އުފެދުނީމާ، އެއިން ނުކުންނާނެ އިޤްތިޞާދީ ޙަރަކާތް، އެއީ ތަރައްޤީއަކީ. އެޙަރަކާތުން އެ ލިބޭ އާމްދަނީއާއި އެއިން އެލިބޭ މުއްސަނދި ކަމާއި، އެއިން އެލިބޭ ތަނަވަސްކަން، އެއީ ޙަޤީޤީ ކުރިއެރުމަކީ.

އަޅުގަނޑަށް އެނގިފައި އޮތީ، ވޭމަންޑޫގައި އެބަތިބި ބިސްއަޅާ 200 ކުކުޅު. އެހެންނަމަވެސް، ތިމަރަފުށްޓަކު ނެތް، ކުކުޅު ބިހެއް. އަދިހަމަ ގަމަކުވެސްނެތް ތިޔަހެނެއް، ކުކުޅުބިހެއް. އެ ބިސް މިތަނަށް ބަދަލުކުރެވޭގޮތްވީމާ، އަޅުގަނޑުމެންނަށް އޭރުން އެލިބެނީ، އޭރުން އެކުރެވެނީ ވިޔަފާރި. އޭރުން އެވަނީ ތަރައްޤީ. އެއްތަނުގައި ހުރި އެއްޗެއް އަނެއްތަނަށްގެނެސް ވިއްކީމާ ވިޔަފާރިކުރީމާ ދެން ރައްޔިތަކު ކުރިއަރާ މިދަނީ. ހަމައެގޮތަށްމެ، ޞިއްޙީ ޚިދްމަތް ލިބިގަތުމަށްވެސް އަދި ތަޢްލީމީ ފުރްޞަތުތައް ހޯދުމަށްވެސް އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ދަތުރުކުރެވޭނެ ގޮތެއްނެތި އެކަންވާނޭ ހަމައެއްވެސްގޮތެއް ނޯންނާނެ.

ޤައުމުތައް ތަރައްޤީވެދިޔައީ ދަތުރުފަތުރުކުރުމުގެ ނިޒާމު ތަރައްޤީކުރި ޤައުމުތަކުގައި ބާރަށް. ޔޫރަޕްގެ ޤައުމުތަކަށް ތިޔަބޭފުޅުން ބައްލަވާލެއްވި ނަމަވެސް އެވެރިން ތަރައްޤީވެދިޔައީ، ރަށުގައި މުޅި ސަހަރުގައި ރޭލް ދަގަނޑުއަޅައިގެން އެ ދަގަނޑުތައް މަތީގައި ރޭލް ދުއްވީތީ. އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތީ ވަރަށް ރަނގަޅުގޮތެއް. މަގު ހަދާކަށް ނުވެއްޖެހޭ. މާކަނޑު މިއޮތީ. އެކަނޑުގައި އަޅުގަނޑުމެން ރަނގަޅު އިތުބާރުހުރި އޮޑިފަހަރުގައި ދުއްވީމާ ރަނގަޅުވާނެ. އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރުގައިވެސް މިއަތޮޅުގައި އެބައޮތް ބޮޑުމަގެއް، އެމަގު ތާރުއަޅާ ހެދުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ކުރަން ފަށާނެކަމެއް. އެމަގުން ފަސޭހަކަމާއެކީގައި ދަތުރުކުރެވޭގޮތްވީމާ މިއަތޮޅުގެ ތަރައްޤީ އަދި މާބޮޑަށް ކުރިއަރައިގެންދާނެ. އަޅުގަނޑު މިއަދު ފޮނަދޫއިން މިތަނަށް އައީ އެމަގުން އެބަހުގައި. މިހާރު ބޮޑުބަހެއް ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް ރަނގަޅު. ރަނގަޅަށް ގަވާއިދުން އަވަސްއަވަހަށް ދުވާގޮތަކަށް އޮވެއްޖިއްޔާ، ޤަވާއިދުން ދުވާގޮތަށް އޮވެއްޖިއްޔާ ދެން އެހެންމީހުންގެ ދިރިއުޅުންވެސް ގަވާއިދަކަށް އެޅުވޭގޮތްވާނެ.

ވަޒީފާގެ ފުރްޞަތު މިހާރު ކޮންމެވެސްވަރަކަށް މަދުކަމަށްވެދާނެ. އެހެންނަމަވެސް އަޅުގަނޑު ވަރަށްގިނަ ޒުވާނުންގާތުވެސް އަދި އެހެންމީސްމީހުންގާތުވެސް އެބައަހަން، އެނގޭހެއްޔޭ، ފޮނަދޫގައި ޖޮބްސެންޓަރެއް ހަދާފައި. ވަޒީފާއެއްނެތި، ދަންނަވަންތޯ ފިރިމީހާވެސް ގޭގައި އިންނަން ފަށައިފިއްޔާ އެތަނަށް ފޮނުވަންޖެހޭނެ، އެ ޖޮބްސެންޓަރަށް. އެވަޒީފާދޭ ސެންޓަރަށް ނުވަތަ ފޯނުކޮށްފައިވެސް އަހަންޖެހޭނެ، އެތަނުގައި ވަޒީފާއެއް އެބަ އޮތްތޯ. މިއަތޮޅުގައި ކޮންތަނެއްގައިތޯ ވަޒީފާ ހުރީ. އަތޮޅުގެ ކޮންމެތާކު ވަޒީފާހުރިކަމުގައި ވިޔަސްވެސް، ލިބެންއޮތްކަމުގައި ވިޔަސްވެސް މިހާރު އެތަނަކަށް ދެވޭނެ. އެ ދެވޭނެމަގު، ދަތުރުކޮށްފައި އެތަންތަނަށްގޮސް ވަޒީފާއަދާ ކުރެވޭނެ.

ދުނިޔޭގައި ވަރަށްމަދުވާނެ، ޤައުމެއް. ގެއިން ނުކުންނަތަނުން މަސައްކަތްކުރާތަން ހުންނަ. ގެއިން ނުކުންނަތަނުން ހޮސްޕިޓާ ހުންނަ. ގެއިން ނުކުންނަތަނުން ރަށުއޮފީސް ހުންނަ، ނުވަތަ ކޯޓު ހުންނަ، އެއީ ދަތުރެއް ކޮށްގެން، ޚިދްމަތާ ހިސާބަށް ދެވޭނީ. އޭރުން ރަނގަޅު ޚިދްމަތްދިނުން ސަރުކާރަށްވެސް ގާބިލްވެގެންވެސްވަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރޭގައި ވަރަށްމުހިންމު ތަރައްޤީގެ ފިޔަވަޅުތަކެއް އެޅުމުގެ އުންމީދުތަކެއް އެބަ ކުރެވޭ.


ސަރުކާރުގެ އަބަދުވެސް އަމާޒެއް އެއީ، އުމުރުން ދުވަސްވީ މީހުންނަށް އެމީހުންގެ އުމުރުގެ ފަހުދުވަސްތައް ރިވެތިގޮތުގައި އުފަލުގައި ހޭދަކުރެވޭނެގޮތަކަށް އެމީހުންގެ ދިރިއުޅުން ރާވާދިނުން، އެމީހުންނަށް ކަންކަން ފަހިކޮށް ދެވޭތޯ ބެލުން. އެގޮތުން މި ސަރުކާރުން އުމުރުން 65 އަހަރުގެ ކޮންމެމީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދެމުން މިއަންނަނީ. މިހާރު ދުވަސްތަކެއްވެއްޖެ. ދެން އަޅުގަނޑު މިއުންމީދުކުރަނީ އޭގެ ސަބަބުން، ހަމައެކަނި އުމުރުން ދުވަސްވީ މީހާޔަކަށް ނޫނޭ ލުއި ލިބުނީކީއެއް. އަދި އޭނާގެ ދަރިންނަށްވެސް ލުޔެއް ލިބުނޭ. އޭނާގެ ކާފަދަރިންނަށް، މާމަ ދަރިންނަށްވެސް ލުޔެއް ލިބިގެން ދިޔައޭ. ދަރިން މައިންބަފައިންނަށް ކުރަންޖެހޭ ޚަރަދުވެސް ކުޑަވެގެންދާނެއޭ. އަދި ކާފަދަރިންނަށް، މާމަ ދަރިންނަށް ހަދިޔާއެއް ދެވޭގޮތްވުމަކީވެސް އުމުރުން ދުވަސްވީ މީހަކަށް ލިބޭނެ ވަރަށްބޮޑު އުފަލެއްކަމަށް އަޅުގަނޑު ހަމަގައިމުވެސް ދެކެން. އަދި ގާތްތިމާގެ މީހުންކައިރިއަށް ދެވި ފަސޭހައިން ބޭސްފަރުވާކުރެވި، މިކަންކަން ހަމަޖެހިގެން ދެން ދުނިޔޭގައި ބާކީއޮތްބައި ޞާލިޙު ގޮތުގައި ރިވެތިގޮތުގައި އުޅެވޭނެގޮތެއް ހޯދައިދިނުން އެއީ، އަޅުގަނޑުމެންގެ އަމާޒެއް. އަޅުގަނޑުމެންގެ އުންމީދަކީ އެކަން އަޅުގަނޑުމެންނަށް ކުރެވޭކަން. ދެން އަދި ބައެއް ބޭފުޅުން ގަބޫލު ނުކުރެއްވި ކަމުގައިވިޔަސްވެސް އަޅުގަނޑަށް އެނގޭއެއްޗަކީ، އަޅުގަނޑު ދަންނަން އުމުރުން ދުވަސްވީ އެތައްބައެއް. އެހެންވީމާ، އަޅުގަނޑަށް އެނގޭ، އެމީހުންނަށް އޭގެއިން ލުޔެއް، އޭގެއިން ފަސޭހައެއް ވެގެންދާކަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމަސައްކަތް އެގޮތަށް ކުރިޔަށް ގެންދާނަން.

ހަމައެގޮތަށް، ނިކަމެތި މައިންނާއި، އެކަނިވެރި މައިންނާއި ނުކުޅެދޭ މީހުންނާ އެހީތެރިވެދިނުން. އަޅުގަނޑު އެކަނިވެރިމައިންނޭ މިދަންނަވަނީ، އެކަނިވެރި މައިންނާ އަޅާނުލެވުނީމާ، އަޅުގަނޑުމެންނަށް ގެއްލިދަނީ ހަމައެކަނީ އެކަނިވެރި މައިމީހާއެއްނޫން. ގެއްލިދަނީ އެ މައިމީހާގެ ދަރިންވެސް. އެހެންވީމާ، އަންނަންއޮތް ޖީލުވެސް ގެއްލިދަނީ. ރާއްޖެއަކީ ވަރި އެންމެ ބޮޑު އެންމެގިނަ އެއްޤައުމު. އެހެންވީމާ، ކައިވެނި ރޫޅިގެން ދަރިންނަށް ގެއްލުންލިބުންވެސް އެންމެ ބޮޑުވެފައި އޮންނަނީ. ހަމަ މި ރާއްޖޭގެ ވަރަށްބޮޑު މައްސަލައެއް. އެ މައްސަލަތައް ޙައްލުކުރަން އެކިއެކި މަޝްރޫޢުތަކާ އެކިއެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ މިބާވަތުގެ ކަންކަން ހިންގެން. އެހެންނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި ޖީބަށް ފައިސާއެއް ލެވޭގޮތް ވެއްޖިއްޔާ ދެން އެހެންކަންކަންވެސް ހިންގޭނެ ގޮތެއްވެދާނެ. ޕްރޮގްރާމެއް ހިންގިދާނެ، ތަނެއް އެޅިދާނެ، ބޮޑު އިމާރާތެއްވެސް އެޅިދާނެ. ބޮޑުސިންގާހާ ޚަރަދުތަކެއް ކޮންކްރީޓަށާއި، ސިމެންތިއަށާއި ދަގަނޑަށް ކުރެވިދާނެ. އެހެންނަމަވެސް ސީދާ މީހާއަށް އެއްޗެއް ދެވުނީމާ ދެން ނުކުންނަ ނަތީޖާ އަޅުގަނޑުގެ ނަޒަރުގައި މާތަފާތު. ކޮންކްރީޓަށް ނުވަތަ ދަގަނޑަށް ނުވަތަ ޢިމާރާތް ކުރުމަށް ޚަރަދުކުރުމަށްވުރެ، އިންސާނުންނަށް، މީހާޔަށް ޚަރަދުކުރެވުނީމާ އަޅުގަނޑުގެ ނަޒަރުގައި އެތައްތަނެއް ކުރިއަރައިދޭ. މާފަސޭހަ ތަރައްޤީ ގެންނަން. އަދި މާފަސޭހަ އެމީހާއަށްވެސް ގޮތެއްހޯދަން. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދު މިކުރަނީ އެއީ ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ކަމެއްކަމަށް. އަދި ކިތަންމެ ޒުވާނުންނަކަށް، ކިތަންމެ ކުޑަކުދިންނަކަށް އޭގެ ސަބަބުން ރަނގަޅުގޮތް ހޯދޭނެ ކަމަށް. ކޮންމެގޮތެއް ވިޔަސްވެސް ޟަޢީފް ކުއްޖާގެ އެއްވެސް ހަމަ ކުޑަވެސް ކުށެއްނެތް. އޭނާ އެއްވެސް ކަމެއްގައިކުރި އެއްވެސް ކުށެއް، އޭނާކުރި އެއްވެސް ކަމެއްނެތް. ހުރިހާ އަނިޔާއެއް، ހުރިހާ ބޭއިންސާފެއް ރައްދުވަނީ އެކުއްޖާއަށް. އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދެއް އެއީ، އަޅުގަނޑުމެންގެ މަޤްޞަދެއް، އަމާޒެއް އެއީ އެކުއްޖާ ސަލާމަތްކުރުން، އެކުއްޖާ އެއީ، މުޖްތަމަޢުގެ ހަރުދަނާ މީހަކަށް، ކުއްޖަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތްކުރުން.

ތިޔަބޭފުޅުންނަށް ފާހަގަވެފައިއޮންނާނެ، ވާނެ މިހާރު މިއަތޮޅުގައި ބާރުގަދަ ޑްރަގް މަދުވާނެ، ރާއްޖެއަށް ޑްރަގް އެތެރެކުރެވޭ މިންވަރު އަޅުގަނޑުމެން މިދަނީ ވަރަށްބޮޑަށް މަދުކުރުމަށް ވަރަށް ގަދައަޅާ މަސައްކަތްކުރަމުން. އޭގެ ނަތީޖާވެސް އެބަފެނޭ. އަޅުގަނޑު އެކަމަށްޓަކައި ފުލުހުންނަށް ވަރަށް ޝުކުރުދަންނަވަން. ޚާއްޞަކޮށް ފުލުހުންގެ ޑްރަގްކޮންޓްރޯލް ޔުނިޓުގެ ބޭފުޅުން އެކުރައްވާ މަސައްކަތަށް އަޅުގަނޑުހަމަ ސާބަސްދެން.

ޖުމްލަގޮތެއްގައި އަޅުގަނޑުމެން ބޭނުންވަނީ އެހެން ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ބުނީ އެއީ، "އަނެއް ދިވެހިރާއްޖެ"އޭ. އަޅުގަނޑަށް އަބަދުވެސް އެ ރާއްޖެފެނޭ. އެމަންޒަރު ދެކޭ. އަޅުގަނޑު އުންމިދުކުރަނީ، ތިޔަބޭފުޅުންނަށް އެމަންޒަރު އެއީ ޙަޤިޤަތަކަށްވާނެކަމަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް އިތުބާރު އެބައޮތް މިރާއްޖޭގެ ރައްޔިތުންނާއެކިގައި މިރާއްޖެ އަނބުރާލެވިދާނެކަން. އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެކަމެއް. މިރާއްޖޭގެ ރައްޔިތުންނަކީ ގަދައަޅާ މަސައްކަތްކުރާ ބައެއް. ހިތްވަރުގަދަ ބައެއް. އިޚްލާޞްތެރި ބައެއް. ހީވާގި ބައެއް.

އަޅުގަނޑުގެ ދުޢާއަކީ މިއަދަށްވުރެން އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށްވެސް ލިބުން.

وَالحَمْـدُ لِلّـهِ، السّـلام عليـكم .

________________________