السّـلام عليـكم

އަޅުގަނޑުމެން މިރޭ އެބައޮތް، މިގޮތުން އޮތް ފުރިހަމަ ޖަލްސާއެއް. އެހެންނަމަވެސް، މިއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިލިޔުންތައް އެކިގޮތްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރުމަށްފަހު، އެންމެފަހުންއައިސް ވަރަށްދިގު ދަތުރަކަށްފަހު، މިލިޔުންތައް އަނެއްކާ އަލުންއަނބުރާ ރައީސްއޮފީހުގައި ހުއްޓިފައިހުރީ 83 ވަނަ އަހަރު. ދެން 83 ވަނައަހަރު ފޮށިގަނޑެއްގައި ބަންދުކުރެވި އެ ހުއްޓިފައި ހުރިގޮތަށް ވަނިކޮށް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ، އޮފީހުގެ ހުރި ބައެއްތަކެއްޗާ ގުޅޭގޮތުން މަޢުލޫމާތު ހޯދަމުން ދިޔައިރުގައި މި ލިޔުން ފޮށިގަނޑު ފެނުނީ.

ޢާންމުގޮތެއްގައި އެނގިވަޑައިގަންނަވާނެ، ފަތްކޮޅެއް ހުންނަނީ ހަރުކުރެވިފައި، އެފަތްކޮޅެއް ނިސްބަތްވާ މިސްކިތެއް، ނުވަތަ ރަށެއް، ނުވަތަ ތަނެއްގައި. އަދި ލޯމާފާނަކަށްވިޔަސް އަދި އެހެން ބާވަތެއްގެ ބޯގަޔަކަށް، ވަގުފަކަށްވިޔަސްވެސް ހަރުކުރެވިފައި ނުވަތަ ބެހެއްޓިފައިހުންނަނީ އެތަނެއްގައި. ރަސްކަލުން މާލޭގައި ރަސްކަން ބަދަލުވީމާ، އެފަތްކޮޅެއްގެ، އެ ލޯމާފާނެއްގެ ނާޒިރު މާލެ އަންނަނީ، އަލުން އަނބުރާ އާ ރަދުންގެ ސިއްކަ ފަތްކޮޅުގައި ޖެހުމަށްޓަކައި. އެހެން ސިއްކަ ޖެހުނީމާ އެފަތްކޮޅުގައި އެއޮތް އަމުރުތަކާ ހުރިހާ އެންގުމެއް، އަލުން އަނބުރާ އާ ރަދުން އެޞައްޙަ ކުރެއްވީ. ދެން އެހެންވީމާ އަނެއްކާވެސް އަލުންއަނބުރާ ގެނެސް ފަތްކޮޅު ބެހެއްޓިފައި ހުންނާނީ ހަމަ އެ ރައްދުވާ، ނިސްބަތްވާ ތަނެއްގައި.

މިހެން މިކަން ހިނގަމުން އައިސް، އަޅުގަނޑު 1922 ވަނައަހަރުއޭ، އަޅުގަނޑުމެންނަށް ލިބެންހުރި މަޢްލޫމާތުން ފުރަތަމަ، ޙުސައިން ޞަލާޙުއްދީން މާލޭގެ ހުރިހާ ވަޤުފް ފަތްކޮޅެއް، މާލޭގެ ހުރިހާ ބިމެއްގެ ވަޤުފް މިނުނީ. އެދުވަސްވަރު ވެގެންދިޔައީ، 1922ގައި ރާއްޖެއަށް ވަޑައިގެންނެވި ސިލޯނުގައި ހުންނަ އާކިއޮލޮޖިކަލް ސަރވޭ ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނަވާ، އެޗް.ސީ.ޕީ ބެލް ކިޔާ ބޭފުޅެއް. އެބޭފުޅާ ރާއްޖެ ވަޑައިގަންނަވާ، އެބޭފުޅާ ރާއްޖޭގެ ބައެއްތަންތަނަށް ދަތުރުކުރެއްވި. އެދުވަސްވަރު އެބޭފުޅާގެ އެދިވަޑައިގަތުމުގެމަތިން، ބައެއް އަތޮޅުތަކުގެ ބައެއް މިސްކިތްތަކުގެ ބައެއް ފަތްކޮޅުތައް މާލެ ގެނެވުނު. ދެން އެ ބެއްލެވުމަށްފަހުގައި އޭރުގައި ހުރިހާ ފަތްކޮޅެއް އަނބުރާ ރައްދުކުރެވުނު ކަމެއް، މުޅިޔަކުން ސާފެއްނޫން.

އެއަށްފަހުގައި ވަރަށްފަހުން އައިސް، މުޙަންމަދު އަމީންގެ ވެރިކަމުގައި ވަޤުފް ކޮމިޓީއެއް އުފެދި، އެ ވަޤުފް ކޮމިޓީއަށް ވަޤުފްތައް އެއްހަމަ ކުރުމުގެގޮތުން ހުރިހާ ފަތްކޮޅެއް ގެނެވުނު. ދެން އެއަށްފަހުގައި އެފަތްކޮޅުތަކާގުޅޭ މަޢްލޫމާތު މާލޭގައި ބެހެއްޓުނު. ދެން އައިސް، 1950 ގައި އަނެއްކާވެސް، ފަންސާހުގެ ފަހުކޮޅުގައި އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި އަނެއްކާވެސް ހުރިހާ ފަތްކޮޅެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ގެނައުމުގެ މަސައްކަތެއް މާލޭގައި ކުރެވުނު. ދެން އެއިރުގައި ވަރަށްގިނަ ފަތްކޮޅުތައް މާލެ ގެނެވުނު. މާލެގެނެސް އެ ފަތްކޮޅުތައް ބެލުމަށްފަހުގައި، އޭގައި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދީފައިވާ ބިމާ، ބޯގައާ، މިބާވަތުގެ ހުރިހާ އެއްޗެއް އަލުން އަނބުރާ ތަރުތީބުކޮށް ހަމައަކަށް އެޅުވުމަށްފަހު، އިބްރާހީމް ނާޞިރު ކަންކަން އެގޮތަށް ގެންދެވި.

ދެން އެއަށްފަހު، އަޅުގަނޑުހިތުން، ދާޚިލިއްޔާގަޔާ އަދި ވަޒީރުލްއަޢުޒަމް އޮފީހުގައި މިފަތްކޮޅުތައް ހުންނަމުން އައިސް، 1981ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ، ކުރީގެރައީސް ފަތްކޮޅުތައް އަނެއްކާވެސް ބައްލަވަން ބޭނުންވެލެއްވީ. އެއިރުގައި އެބެއްލެވި ބެއްލެވުމަކީ ކޮންކަމަކާ ގުޅިގެން ވަކި ޚާއްޞަކޮށް ދަންނަވާކަށްނޭނގެ، އެހެންނަމަވެސް އެންމެފަހު ނޯޓަކަށް އަޅުގަނޑު އަޅާގަތް ނޯޓަކީ، 84ގައި ލިޔުއްވާފައި މިއޮންނަނީ، މަލިކާގުޅޭގޮތުން ހަމައެކަނި އެނގެންއޮތް މަޢްލޫމާތަކީ މަލިކު އައްޑޫއާ ގުޅޭގޮތުންއޮތް ފަތްކޮޅެއްގެ ވާހަކައޭ. ދެން އެހިސާބުން އެވާހަކަތައް ނިމިފައި މިހުރީ. ދެން މިފަތްކޮޅުތައް ފޮށިގަނޑެއްގައި ބަންދުވެފައި މިހުރީ. އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް އެއީ، އަލުން އަނބުރާ ހަންޏާމީދޫއަށް ތިޔަބޭފުޅުންގެ ފަތްކޮޅު ފޯރުކޮށްދިނުން، ރައްދުކޮށްދިނުން. އަޅުގަނޑުމެން އުންމީދުކުރަނީ، އަޅުގަނޑުމެން ދެކެނީ، މިތަނުގައި މިކަމާގުޅޭ ކޮންމެވެސްވަރެއްގެ މަރުކަޒެއްހެދި، މިތަނަށް އެކިކަންކޮޅު ތަކުން މީހުންނަށް މިފަތްކޮޅުބަލަން އާދެވޭނޭ އުޞޫލުތަކެއް ހަމަޖެހޭނެކަމަށް.

އަޅުގަނޑު ފާހަގަކޮށްލަންބޭނުން، މިއީކީ އެއްވެސް ޙާލެއްގައި ދީނީގޮތުން ފާހަގަކުރެވޭ ކަމެއްނޫން. މިއީ ސަޤާފީކަމެއް. އެއްވެސް ޙާލެއްގައި ކޮންމެހެނެއް ސަރުކާރަކުން ޒިޔާރަތް އެރުވުމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނަނީކީއެއްނޫން. އަޅުގަނޑުމެން މިޤަދަރެއް، ޢިއްޒަތެއް އެރުވޭތޯ ބަލަންވެގެން މިއުޅެނީ، އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުން މިހާރުވެސްވަނީ ކުރީގެ ރައީސުންނާ ގުޅޭ ބިލެއްވެސް ފާސްވެފައި. ކުރީގެ ވެރިންނާ ގުޅޭގޮތުން އަޅުގަނޑުމެން ކަންތައްތައް ބަހައްޓާންވީ ގޮތްތަކެއް އެބަހުރި. ކަލާފާނަކީ، ފާހަގަކުރެވޭ ވެރިއެއް، ޝަހީދުވެދިޔައީ. ކަލާފާނު ޝަހިދުވުމަށްފަހުގައި ހަމަގައިމުވެސް އަޅުގަނޑަށް ފެންނަފެނުމުގައި ދެން އައި 400 އަހަރު މާލޭގައި ވެރިކަންކުރާ ވެރިން ވަރަށްބޮޑަށް ހަންޏާމީދޫއަށް ބަރޯސާވެފައިހުރީ. ވަރަށްމަދު ވެރިއެއް ނޫނިއްޔާ ވަރަށް މަދު ރަސްކަލެއް ނޫނިއްޔާ އަޅުގަނޑުގާތުގައި، އެއްފަހަރަކު ހަންޏާމީދޫ ކަތީބު ބުނުއްވި، 7 ރަދުންގެ ހަތްކޮޅު މި ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގައި ހުންނާނެއޭ. ރަދުންގެ ހަތްކޮޅު ރަސްކަމަށް ރަދުން އިސްކުރުމަށްފަހުގައި ގެނެސް މިތަނުގައި ބަހައްޓާކަމަށްވަނީ. ދެން އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުމެން މިކަންކަމަކީ ބަލަންޖެހޭނެ ކަންކަމޭ. އަދި އަޅުގަނޑުމެން އެކަންކަމަށް ޝައުޤުވެރިވެ، އަޅުގަނޑުމެންގެ ތާރީޚާ އަޅުގަނޑުމެންގެ ސަޤާފަތް އަޅުގަނޑުމެން ދެނެގަންނަންޖެހޭނެއޭ.

މިއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު މިކަމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން، ޚާއްޞަކޮށް އާމިނަތު ޝަރީފް ރައީސް އޮފީހުގައި މިފަތްކޮޅުތައް ހޯދުމުގަޔާއި، ތަރުތީބު ކުރުމުގައި ވަރަށްބުރަ މަސައްކަތެއް ކޮށްދެއްވި. ދެން އަޅުގަނޑު ނަން ކިޔަން ކޮންމެހެން ފަށާކަށެއް ނޫން، އެހެންނަމަވެސް، އަޙްމަދު ނަޞީރު އަދި ޤައުމީ މަރްކަޒުގެ ޠަލާ އާ އަދި ކިތަންމެ ބޭފުޅުންނެއް، އަޅުގަނޑު ޚާއްޞަކޮށް ފަހުން އައިސް، މިކަން ހަމަ ސީދާ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ބައްލަވައިގަނެގެން ކުރައްވަމުންގެންދެވީ ނަސިމާ މުޙަންމަދު ކަލެގެފާނު. އަޅުގަނޑު ނަސީމާއަށް، މިކަންކޮށް މިހާފުރިހަމައަށް ނިންމާދެއްވީތީވެ، ނިހާޔަތަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ހިވަނީ ބޭ އިންސާފަކަށްހެން ވާނީ، އަޅުގަނޑުގެ ކޮއްކޮ ނާޒިމަށްވެސް ޝުކުރު ނުދެންނެވިއްޔާ ނާޒިމުވެސް މިކަމުގައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދީފައިވަނީ. އަޅުގަނޑަށް ދެން ކިތަންމެބައެއް މިކަމުގައި މަސައްކަތްކޮށްފައިވާކަން ވަރަށް ބޮޑަށް ސާފު. އެހެންވީމާ، ހުރިހާބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

_________________________