بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުމެންނަށް ސުނާމީ ކާރިސާއަށްފަހު ދިމާވި ކަންތައްތަކުން އަރައިގަތުމަށްޓަކައި ނުވަތަ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބަޔަކަށް ވަރަށް ބިކަހާލު ޖެހުނު ހާދިސާއަކަށްފަހުގައި އެ ރައްޔިތުންނަށް އަލުން އަނބުރާ އެ ރައްޔިތުންގެ ވަޒަނަށް، ރަށަށް، ދިޔުމުގެ މަސައްކަތް ދިގުދެމިގެން މިދިޔައީ ވަރަށް ގިނަ ދުވަހަށް.

މިހާތަނަށްއައިރުގައި ވަރަށްގިނަ ރައްޔިތުންނެއް އަލުން އަނބުރާ އެ ރައްޔިތުންގެ ވަޒަނަށް ބަދަލު ކުރެވިއްޖެ. އާ ހިޔާވަހިކަން ލިބިއްޖެ. އެކަން އެހެން ފުރިހަމަގޮތުގައި ނިންމާލެވިފައިވަނީ އަދި އެކަން ހިނގަމުން އައި ހިނދުވެސް އަދި އެ ހާދިސާ އެންމެ ފުރަތަމަ ދިމާވި ދުވަހު، ދިވެހި ސިފައިންގެ އެހީތެރިކަން ލިބިފައިހުރީ ނުހަނު މަތިވެރި ދަރަޖައަކަށް. ރައްޔިތުން އަބަދުވެސް އެކަމާއި މިކަންކަމާ ސިފައިންނަށް ޝުކުރުވެރިވޭ. ޚާއްޞަ ގޮތެއްގައި ވިލުފުށީ ރައްޔިތުންގެ ނަމުގައި އަޅުގަނޑު ތިޔަ އެންމެ ބޭކަލުންނަށް އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން ބޭނުން.

އަޅުގަނޑުމެންނަށް ވިލުފުށީ ރައްޔިތުންނާއެކުގައި މި މަސައްކަތްކޮށް މި ނިމުނީ، ތިޔަބޭފުޅުންގެ އެހީތެރިކަން ނުހަނު ހީވާގިކަމާއި ކެރުމާއި ތައްޔާރާއެކީގައި ދެއްވަމުން ގެންދެވީތީ. އަޅުގަނޑަށް ޔަގީން ކުރިއަށްއޮތް ތަނުގައިވެސް، އަޅުގަނޑުމެންނަށް ދިމާވާ މިބާވަތުގެ ކަންކަމުގައި ތިޔަ ސިފައިންގެ ބޭކަލުންގެ އެހީތެރިކަން ރައްޔިތުންނަށް ލިބޭނެކަމާމެދު ކުޑަވެސް ޝައްކެއްނެތް.

އަޅުގަނޑު މިވަގުތު ނިންމާލުމުގެކުރިން ފާހަގަކޮށްލަން ބޭނުން، އަދިވެސް ސުނާމީ ކާރިސާއަށްފަހު ހާލުގައި ޖެހުނު ވަރަށް ގިނަ ރައްޔިތުން ތިބީ ދާއިމީ ބޯހިޔާވަހިކަމެއް ނުލިބި. ޚާއްޞަކޮށް ކޮޅުފުށީގައި އަދި މިވަނީ ގެތައް އަޅާން ނުފެށިފައި. ސަރުކާރުން މިދަނީ އެ މަސައްކަތްތައް ހިންގަމުން. އަޅުގަނޑުމެންނަށް ލަސްތަކެއްނުވެ ކޮޅުފުށީގެ ގެތައް، ކޮޅުފުށީގެ ހުރިހާ މައްސަލަތަކެއް ހައްލުވުމަށްފަހުގައި ގެތައް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ. އެ މަސައްކަތް ހިންގުމުގައިވެސް އަދި އެކަމުގައި ބޭނުންވާ ކޮންމެކަމެއްގައި އަދި އެނޫންވެސް ބޭނުންވާ ކޮންމެކަމެއްގައިވެސް ތިޔަބޭފުޅުން ތައްޔާރާއެކީގައި ތިޔަ ދެއްވާ އެހީތެރިކަން ދެއްވާކަމީ، ސަރުކާރަށްވެސް ދައުލަތަށްވެސް ރައްޔިތުންނާ ފުރިހަމަގޮތުގައި އަޅާލަމުންދާކަމުގެ އެންމެބޮޑު އެއް ހެކި. އަނެއްކާވެސް ނިންމާލުމުގެ ކުރިން އަޅުގަނޑު ތިޔަ ހުރިހާ ބޭކަލުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

والحمد للّـه، والسّـلام عليـكم

______________________