بســم اللّـه الرّحمـن الرّحيــم.

މިނިސްޓަރ އޮފް ޑިފެންސް، އެމް.އެން.ޑީ.އެފް.ގެ ޑިފެންސް ޗީފް އަދި ޑެޕިޔުޓީ ޗީފް، އެމް.އެން.ޑީ.އެފް.ގެ އެންމެހާ އޮފިސަރުން އަދި އެންމެހާ އަސްކަރީން. السّـلام عليـكم

މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވީއްސުރެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދާ އެއްމަސައްކަތަކީ، ރާއްޖޭގެ އަސްކަރީންނަކީ، ފަންނީ އަދި ޤާބިލް ބައެއްގެ ގޮތުގައި، އެ ޢަސްކަރީންގެ އެންމެހާ ކަންކަން ރާވައި އިންތިޒާމް ކުރުމުގެ މަސައްކަތް.

މިދިޔަ 8 މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މިވަނީ، އެމް.އެން.ޑީ.އެފް.ގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނާން ފެށިފައި. އޭގެތެރޭގައި، މުޅި ފޯސް ނުވަތަ މުޅި އެމް.އެން.ޑީ.އެފް.ގެ ހުރިހާ ބާރެއް ހަތަރު ސަރަޙައްދަކަށް ބަހާލައި، އެ ހަތަރު ސަރަޙައްދުގައި މަރްކަޒްތައް ގާއިމްކުރެވި، އެ މަރްކަޒްތަކުން އެންމެހާ ކަންކަން ހިންގަމުން ގެންދާ އުސޫލު ނުވަތަ ލާ މަރްކަޒީ އުސޫލު އަޅުގަނޑުމެން މިގެންދަނީ އެމް.އެން.ޑީ.އެފް.ގައި ތަޢާރަފް ކުރަމުން. އެނގިވަޑައިގަންނަވާނެ އޭޕްރިލްމަހުގެ ތެރޭގައި ދެކުނުގެ ކޮމާންޑްވަނީ ގާއިމްކުރެވިފައި. އަޅުގަނޑަށް މިއަދު މި ލިބެނީ ވަރަށްބޮޑު އުފަލެއް. ސެންޓްރަލް ކޮމާންޑް ގާއިމްކުރުމުގެ ހަފްލާގައި އަޅުގަނޑަށް ބައިވެރިވެވޭކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުތުރުގެ ކޮމާންޑް ނޮވެމްބަރު 11 އަށް ގާއިމްކުރެވޭވަރުވާނެ.

ސަރުކާރުގެ ބޭނުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައް، ބާރުވެރިކަން މި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުން ކުރެވޭނެ އުސޫލެއްގެމަތިން ކަންކަން ކުރަމުން ގެންދިޔުން. އެ އުސޫލަކީ، ލާ މަރްކަޒީ އުސޫލުކަން އިންސާނީ ތަޖްރިބާ މިވަނީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ދައްކާފައި. ހަމައެހެންމެ، ލާ މަރްކަޒީ އުސޫލުން ކަންކަން ކުރަމުން ގެންދާއިރުގައި ބައިބައި ބެހޭނޭ އެންމެ ކުޑަ މިންވަރު ނުވަތަ ބައިބައި ބެހޭނޭ މިންވަރުގެ ތެރެއިން އެންމެ ކުޑަވެގެން ބައެއްގައި ހިމެނެންޖެހޭ މިންވަރުތައް ޚާއްޞަގޮތެއްގައި ފާހަގަވެގެންދަނީ އެމް.އެން.ޑީ.އެފް.ގެ ޓެކްނިކަލް މަސައްކަތުން. އަޅުގަނޑުމެންގެ ތެރޭގައި ލާ މަރްކަޒީ އުސޫލުން ކަންކަން ހިންގުމުގައި ބައެއް ބޭފުޅުން ވިސްނުންފުޅެއް ގެންގުޅުއްވާ ވަރަށް މަދު އަދަދަކަށްވާ ބައިބަޔަށް ލާ މަރްކަޒީ އުސޫލުން ބެހުމަށް. އަޅުގަނޑުމެންނަށް ފެންނަނީ އެއީ، ރަނގަޅު ހިންގުމުގެ އޮނިގަނޑެއް ނޫންކަން. އަދި ދުނިޔޭގެ އެހެން ތަންތަނުގައިވެސް ލާ މަރްކަޒީ ކުރާއިރުގައި އެންމެ ކުޑަމިނުން އެ މަރްކަޒެއްގައި ހިމެނެންޖެހޭ އަދަދުތަކެއް އޮވޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އެ އަދަދުތަކާއި މިދެންނެވި ފަންނީ ހަމަތަކުގެ ތެރެއިން އެމް.އެން.ޑީ.އެފް.ގެ ކަންކަން އިޞްލާޙު ކުރަމުން ގެންދިޔުމަށް.

އެމް.އެން.ޑީ.އެފް.ގެ ޚިދްމަތް ރާއްޖެއަށް ވަރަށްވެސް ބޮޑު. އަދި އަޅުގަނޑުމެންނަށް އެމް.އެން.ޑީ.އެފް.ގެ ފަރާތުން، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ލިބެމުން އަންނަ ޚިދްމަތްތައްވެސް ނުހަނު ގިނަ. ޚާއްޞަގޮތެއްގައި ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުން އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ އިޤްތިޞާދީ އެންމެހާ ކަންކަން ބިނާވެފައިވާ މައިގަނޑު ދެ ވަސީލަތް ވާއިރުގައި މަސްވެރިކަމަކީ އޭގެތެރެއިން އެއް ވަސީލަތް. މަސްކަނޑު ރައްކާތެރިކުރުމަށްޓަކާ ވީހާވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ދިފާޢީ ބާރުތައް ބަހާލެވިގެން ކުރިއަށް ގެންދިއުމުގެ އުސޫލެއް އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް.

ހަމައެހެންމެ، މިއަދު ޓޫރިޒަމްގެ ޚިދްމަތްވެސް ޞިނާޢަތުވެސް މިވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ބެހިފައި. އެ އެންމެހާ ރިޒޯޓްތަކަށް އަދި މުޅި އެ ޞިނާޢަތަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މި ސަރުކާރުގެ މި ދައުލަތުގެ ވާޖިބެއް. އަޅުގަނޑަށް ޔަގީން، އެމް.އެން.ޑީ.އެފް.އިން އެ ވާޖިބު އަދާކުރަމުން ގެންދާނީ، މީގެކުރީގައިވެސް ހަމަ އެމް.އެން.ޑީ.އެފް.އިން މި ރާއްޖޭގެ އަމަން ބެލެހެއްޓުމުގެ އެންމެހާ ކަންކަން ބަލަހައްޓަމުން ތިޔަގެންދަވާ ފުރިހަމަ މިންގަނޑުގައި ފުރިހަމަ އުސޫލުގައި.
އަޅުގަނޑު ނިންމާލުމުގެ ކުރީގައި މި މަސައްކަތް ހަރުދަނާ ގޮތުގައި އަދި ފަންނީ ގޮތުގައި ކުރިއަށް ގެންދަވާ އެމް.އެން.ޑީ.އެފް.ގެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.

______________________