بســم اللّـه الرّحمـن الرّحيــم
މިނިސްޓަރ އޮފް ހޯމްއެފެއާޒް، އޮނަރަބްލް މުޙަންމަދު ޝިހާބު. މި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ތިލްމީޒާ. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން. މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. السّـلام عليـكم

އަޅުގަނޑަށް އުފާވެރިކަންލިބޭ ހަމަގައިމުވެސް ކުޑަފަރީ ސްކޫލްގައި ދިވެހި ޓީޗަރެއް އެބަހުރި. ދިވެހި ޓީޗަރުން ނެތިގެން އަޅުގަނޑަށް ވަރަށްގިނަ ތަންތަނުން ވަރަށް ގިނަފަހަރަށް ޝަކުވާ އެބަލިބޭ. އެހެންނަމަވެސް މިއަދު އަޅުގަނޑަށް ހަމަގައިމުވެސް ކަށަވަރު ކުޑަފަރީގައި ދިވެހި ޓީޗަރެއް އެބަހުންނެވި. ނ.އަތޮޅުގެ ކައުންސިލަރެއްގެ ގޮތުގައި މިހާރު އެ ހުންނެވި، މުޙަންމަދު ފަހީމް ޤާސިމަކީ، ކުޑަފަރީ ސްކޫލްގެ ފުރަތަމަ ހެޑްމާސްޓަރ. އަޅުގަނޑު ކުޑަފަރީ ސްކޫލަށް އެކަންޏެއްނޫން، ވަޑައިގެންތިއްބެވި ހުރިހާ ބޭފުޅުންނަށް އަދި މިކަން ލާ މަރްކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ހިންގުން ހިންގުމަށްޓަކައި އެހީތެރިވެވަޑައިގަންނަވާ އަދި އެކަމުގެ ވިސްނުމުގަޔާއި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.

ޑިމޮކްރަސީއެއް ގާއިމްކުރުމަށްޓަކާ ޑިމޮކްރަސީ އުސޫލުތަކުގެ މައިގަނޑު އުސޫލުތައް އަޅުގަނޑުމެން ޤާއިމްކުރަންޖެހޭނެ. ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ކަންކަން ނިންމަމުން ގެންދިޔުމަކީ، ޑިމޮކްރަސީއެއްގެ، ހެޔޮވެރިކަމެއްގެ ވަރަށްބޮޑު އަސާސެއް. އެކަން ހިންގުމަށްޓަކައި ފުރަތަމަ ޤާނޫނުއަސާސީއަށް އަޅުގަނޑުމެން ގެންނަންޖެހުނު ބަދަލުތައް، މާތްރަސްކަލާނގެ އިރާދަފުޅުން މިހާރު މިވަނީ އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައި. އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީގެ 8 ވަނަ ބާބު ވަރަށް ސާފު. އެބާބުގައި ބަޔާންކުރަނީ، ރާއްޖޭގެ އަތޮޅުތައް، އިދާރީ ދާއިރާތައް، ލާ މަރްކަޒީ އުސޫލުން ހިންގާނެ ގޮތްތަކާއި، އުސޫލުތަކާއި ހަމަތައް. އެގޮތްގޮތަށް އެކަންކަން ހިންގުމަށްޓަކައި ޤާނޫނުތަކެއް، ޤާނޫނެއް، އަޅުގަނޑުމެން އެބަ ލިބިގަންނަންޖެހޭ. އެ ބަޔާންކުރެވޭ ޤާނޫނުތައް ފާސްކުރެވޭ ޤާނޫނުތަކަކީ، ފުރަތަމަ ފާސްކުރެވުނު އަސާސްއާ ފުށުއަރާ ޤާނޫނުތަކަކަށްވެސް ވެގެނެއްނުވާނެ. އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިވާ މަސައްކަތަކީ މިދެންނެވި ޤާނޫނުތައް އެކުލަވާލުމުގެ މަސައްކަތް.
ޤާނޫނުތައް އެކުލަވާލުމުގެ ކުރީގައި އަޅުގަނޑުމެން ޕްރޮވިންސްގެ އުސޫލުން އަދި ލާ މަރްކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމަށް އަނެއްކާވެސް ޤާނޫނުއަސާސީ އޮތީ ވެރިކަމުގެ މައްޗަށް މަޖުބޫރުކޮށްފައި. ޤާނޫނުއަސާސީ ވަރަށްސާފު. ޢާންމު ޤާނޫނެއް ނެތުމުގެ ސަބަބުން އެ ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދޭ ޙައްޤެއް ފޯރުކޮށް ނުދިނުމަކީ، އުޒުރެއް ނޫންކަން އެ ޤާނޫނުއަސާސީން ވަރަށް ޞަރީޙަބަހުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ބުނެދޭ.

ޤާނޫނޭއްނެތޭ ބުނެ ލާމަރްކަޒީ އުސޫލުން ނުހިންގާ ތިބެވޭކަށެއް އަޅުގަނޑުމެންނަކަށްނެތް. އެކަން އެހެންކޮށްފިނަމަ، ޤާނޫނުއަސާސީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭ ވަރަށްބޮޑު ޙައްޤެއް، އަޅުގަނޑުމެންނަށް އެ ރައްޔިތުންނަށް ފޯރުކޮށްނުދެވުނީ. އެހެންވީމާ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ސަރުކާރުން މަސައްކަތް ކުރަމުންއައީ، އަތޮޅުތައް ލާ މަރްކަޒީ އުސޫލުން ހިންގުމަށް. އަޅުގަނޑަށް މިއަދު ކެރިހުރެ ދަންނަވަން ކެރިދާނެ، އެންމެ އަތޮޅު ކައުންސިލަކަށްވެސް އަޅުގަނޑު ގުޅާފައި، އެވެނި ކަމެއް މިވެނި ގޮތަކަށް ކުރުމަށް، މިވެނި މީހަކަށް އެވެނި މީހަކަށް އެވެނި ގޮތެއް ހެދުމަށް ނުހެދުމަށް، މިވެނި ރުކެއް، މިވެނި ގަހެއް، މިވެނި ގެއެއް، މިވެނި ގޮނޑެއް، މިވެނި އެވެނި މީހަކަށް ދިނުމަށް ނުދިނުމަށް އަޅުގަނޑެއް ނޯންނާނެ ދުވަހަކުވެސް މިދިޔަ އަށްމަސް ދުވަހުގެ ތެރޭގައި އެއިން ބޭފުޅަކު އަރިހުގައި ދަންނަވާފައެއް. ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑެއް އަދި މާލޭގައި ހިނގާ ވެރިކަމަކުން މާލޭގައި ހުންނަ ރައީސަށް ތިޔަބޭފުޅުންގެ ރުއްގަހާ ފަޅުފަޅާ ހާހަލާ ރަށްރަށާ ގަސްކަރައާއި ގޮނޑުދޮށާ އަދި އެހެންވެސް މުއްސަނދިކަމާ ބެހުމަކީ، އަޅުގަނޑުގެ ނަޒަރުގައި ލާ މަރްކަޒީ އުސޫލުން ކަންތައްތައް ކުރުމަށް އެޅޭ ވަރަށްބޮޑު ހުރަހަކަށް ވެގެންދާނެ.

މިހާރު އަޅުގަނޑުމެން ލާމަރްކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އެކުލަވާލާފައިވާ ބިލް، އެބިލް މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. އެބިލާ ގުޅޭގޮތުން ބައެއް ބާވަތުގެ ސުވާލުތައް ބައެއް މެންބަރުންގެ ހިތުގައި އެބަ އުފެދޭ. އުފެދޭ ސުވާލުތައް ބެހިފައި ހުންނަނީ މެންބަރުން ގުޅިފައިވާ ޕާޓީތަކާ. އެހެންވީމާ، އަޅުގަނޑަށް ވަރަށްދަތި ގަބޫލުކުރަން އެއީ، ޙަޤީޤަތުގައި އުސޫލެއްގެ ގޮތުން ވަކި އަތޮޅެއްގެ މެންބަރުންނަށް އެކަން އެގޮތަށް ފެނިގެން އުފެދޭ ސުވާލުތަކެއްކަމަށް.

އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އަޣްލަބިއްޔަތު ރައްޔިތުން އެދެނީ ލާ މަރްކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުންކަމަށް. އަޅުގަނޑަށް ޝައްކެއް ނުއުފެދޭ، އެ ރައްޔިތުންގެ ބޭނުންތަކާ އެ ރައްޔިތުންގެ އިޙްސާސްތައް. ވަރަށް މަދުވާނެ ސީދާސީދާ އަޅުގަނޑާ ބައްދަލުނުވާ ރައްޔިތެއް. ވަރަށް މަދުވާނެ، ނުވެސްވާނެ، އަޅުގަނޑުނުދާ ރަށެއް. އަދި މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޚާއްޞަގޮތެއްގައި އަޅުގަނޑުމެންނަށް މިކަމާ ގުޅޭގޮތުން މަޝްވަރާ ނުކުރެވޭ ވަކިބައެއް ތިބިކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން މި އުސޫލުން މިކަން ކުރުމަށް ހިންގުމަށް ބިލެއް އެކުލަވާލާ ހަމަތަކެއް ކަނޑައަޅާފައިމިވަނީ އަޅުގަނޑުމެންގެ ނަޒަރުގައި ރައްޔިތުންނާ ވަރަށްބޮޑަށް މަޝްވަރާކޮށްފައި. ރައްޔިތުން އެގޮތަށް އެދޭތީ. އަޅުގަނޑު ހަމަ މި މައުޟޫޢުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ކިބައިން އެދެނީ، މިކަމުގައި ތިޔަބޭފުޅުން ސަރުކާރާ ގުޅިވަޑައިގަންނަވައިގެން، ސަރުކާރާއެކީގައި މަޝްވަރާގެ އުސޫލު އިސްކުރައްވައިގެން، އަޅުގަނޑުމެން މި ބިލްގައިވާ މައިގަނޑު އުސޫލުތައް ހިފަހައްޓައި ޤާނޫނެއްގެ ގޮތުގައި ފާސްކޮށްދިނުމަށް އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާށޭ.

އަޅުގަނޑު ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކިބައިން އެދެނީ އެބޭފުޅުންގެ ވަކީލުންގެ ގޮތުގައި އެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައި ތިއްބެވި މެންބަރުންނާ ގުޅުއްވާށޭ، ތިޔަ ރައްޔިތުން އެދޭގޮތަކަށް ނޫންގޮތަކަށް އަޅުގަނޑަށް ޔަޤީނޭ މަޖިލީހުގައި މެންބަރުން ހަރަކާތްތެރިވެވަޑައެއް ނުގަންނަވާނެ. ރައްޔިތުންގެ އަތްމަތީގައި އޮތީ. އަޅުގަނޑުމެންނަށް އަލުން އަނބުރާ އިހުހުރިގޮތަށްވެސް ދެވިދާނެ. އަޅުގަނޑުމެންނަށް ލާ މަރްކަޒީ އުސޫލު ދޫކުރުމަށް އަދި ޤާނޫނުއަސާސީގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެ މާއްދާ ފަނޑުކޮށް ފެންކޮށް، އެ މާއްދާގައި އެ ބާރުގައި އެވާ ވާހަކަތައް މުޅިން އެހެން މޭރުމަކުން މާނަކޮށްގެން ލާ މަރްކަޒީ އުސޫލު ޢަމަލީ ގޮތުގައި އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްކޮށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު، ޘަޤާފަތް، ތާރީޚް މާޒީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ. އަޅުގަނޑު ދަންނަވާލާނަން، ނޫ ޤާނޫނުއަސާސީގެ ދަށުން ޤާނޫނުއަސާސީގައި އަޅުގަނޑު ހަނދާންވާގޮތުގައި 16 ވަނަ މާއްދާ. އެ މާއްދާގައި ވަރަށް ސާފުބަހުން ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކާ ޤާނޫނީވަކީލުންގެ އެހީ ލިބުމަކީ ކޮންމެ ރައްޔިތެއްގެވެސް ޙައްޤއއްކަމަށް ލިޔެފައި އޮތް. އެ ޤާނޫނުއަސާސީ ވުޖޫދުގައި އޮތްހާ ދުވަހަކު އަޅުގަނޑުމެންގެ ތެރެއިން ކާކަށްތޯ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދާދިމިދާކަށް ދުވަހަކާ ޖެހެންދެންވެސް ލިބުނީ.

ޤާނޫނުއަސާސީގައި ލިޔެފައި ހުންނަ ތަކެތި އެއަށް ހުރްމަތްތެރިކޮށް ހިތުން އެއީ، ވެރިކަމުގައި ތިބޭ ބަޔަކުވެސް ޤާނޫނީ ދައުލަތެއް ޤާއިމްކުރުމަށްޓަކާ އެދެންޏާ އެދޭ މިންވަރަކުންވާކަމެއް. ވީމާ، ދަންނަވާ ވާހަކައަކީ، ޤާނޫނުއަސާސީގައި ލާ މަރްކަޒީ އުސޫލު އެބައޮތޭ ކަނޑައަޅާފައި. އެހެންނަމަވެސް މިހިނދު ރައްޔިތުންގެ މަޖިލީހުން އެ އުސޫލަށް ކަންކުރުމަށް އިންކާރު ކުރައްވަނީނަމަ، އަދި ހަމަ އެ އުސޫލުގެ ނަމުގައި ކުރީގައިއޮތް އެއީ، ހަމަ ރަނގަޅުގޮތް ކަމުގައި ވިދާޅުވަމުން ގެންދެވިދާނެ. އެވެސް ޤާނޫނުއަސާސީ ބަޔާންކުރާ ގޮތްކަމަށް އަޅުގަނޑުމެންނަށް މާނަކުރަމުން ގެންދެވިދާނެ. ޤާނޫނުއަސާސީގެ މާނަކުރުމަކީ، ނުވަތަ ޤާނޫނުއަސާސީގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށްދިނުމަކީ އަޅުގަނޑުވެސް ގަބޫލުކުރަން ޝަރީޢަތުގެ މަރްޙަލާގެ ކަމެއްކަން. ޤާނޫނުއަސާސީ މާނަކުރުން އެއީ، ޝަރީޢަތުން އުއްތަމަފަނޑިޔާރު އޭގެ އެންމެފަހު މަރްޙަލާގައި ކުރަންވާން އޮތްކަމެއް. ބައެއް ބޭފުޅުންގެ ސުވާލަކީ، ޤާނޫނުއަސާސީގައިވަނީ އަތޮޅު ކައުންސިލްތައް އުފައްދާ ވާހަކައޭ. އެއަކުނުވެއޭ ޕްރޮވިންސެއްގެ ވާހަކައެއް. ޤާނޫނުއަސާސީގައި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ބަޔާން ނުކުރާހާ ހިނދަކު އެކަމެއް ކުރުމަކީ ޞައްޙަކަމެކޭ.

ޕްރޮވިންސް އޮފީސް ނުވަތަ ޕްރޮވިންސް ނުހަދާށޭ ބުނެ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކު ކަނޑައެޅިގެން ބަޔާންކޮށްފައެއްނެތް. އަޅުގަނޑުމެން ޕްރޮވިންސެއް މިހަދަނީ، މިހާރު މިހުރި ބައެއް އިދާރީ ދާއިރާ އެއްކުރުމަށް. ޤާނޫނުއަސާސީގައިވަނީ އަތޮޅުކައުންސިލާއި ރަށު ކައުންސިލްތައް އުފައްދަންވާނެއޭ. ޖަދުވަލުގައި ދެން ބަޔާންކުރަނީ އިދާރީ ދާއިރާތައް. އަތޮޅު ކައުންސިލަކީ، އަތޮޅަކީ ކޮބައިކަން އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ސާފު. ފާދިއްޕޮޅު އެއީ އަތޮޅެއް. އެހެންނަމަވެސް، އަރިއަތޮޅުވެސް އެއީ އަތޮޅެއް. އަރިއަތޮޅުގެ ދެބުރީ އެއީ ދެ އަތޮޅެއްނޫން. އެއީ ދެ އިދާރީ ދާއިރާ. އަތޮޅެކޭ އަޅުގަނޑުމެން ދިވެހިބަހުން ހަމަގައިމުވެސް މި ބުނަނީ އަދި މުޅި ދުނިޔެއަށްވެސް އެ ބަސް ލިބިފައި މި އޮންނަނީ ދިވެހިން އެއަށް ކިޔާގޮތުގެ މައްޗަށް ބިނާކޮށް. އިނގިރޭސިބަހަށް ދިވެހި ބަހުން ފޯރާފައިވާ މަދު ބަސްތަކުގެ ތެރޭގެ އެއްބަސް އަތޮޅު އެއީ. ދިވެހިންގެ ތެރޭގައި އަތޮޅެކޭ މި ބުނެވެނީ ޤުދްރަތީ ވަކިގޮތަކަށް އުފެދިފައި ހުންނަ ތަނަކަށް. ގޮއިދު އަތޮޅުވެސް އެއީ އަތޮޅެއް ނޫން. އިހަވައްދިޕޮޅުވެސް އެއީ އަތޮޅެއް. އަދި ބޮޑުތިލަދުންމަތިވެސް އެއީ އަތޮޅެއް. އަޅުގަނޑުމެން ތިން އިދާރީ ދާއިރާ އެއްކުރީމާ އެއީ އަތޮޅު ކައުންސިލެއްކަމަށް ނުވަތަ ޕްރޮވިންސް ސަރަހައްދެއްކަމަށް ބުނާ ބުނުން އެއީ، އަޅުގަނޑުގެ ނަޒަރުގައި އަދި އަޅުގަނޑަށް ޔަގީން ވަރަށްގިނަ ބޭފުޅުންނަށް ހިތްހެޔޮކަމާއެކު ޤާނޫނުއަސާސީ ބައްލަވައިފިއްޔާ، ޖަދަލުކުރުމެއްނެތި ޤާނޫނުއަސާސީ ބައްލަވައިފިއްޔާ އެއީކީއެއް އެ އަސާސާ ފުށުއަރާކަމެއް ނޫންކަން ވަރަށްބޮޑަށް ސާފުވާނެ.

މިގޮތަށް މިކަން ކުރަންޖެހޭ ކިތަންމެ ސަބަބެއް އެބަހުރި. ލާމަރްކަޒީ އުސޫލުން ހިންގުމަށް އިދާރީ ދާއިރާއެއް އެއީ މާ ކުޑަމިންވަރެއް. ރާއްޖޭގައި ވިހި އިދާރީ ނުވަތަ ވިހި ސަރަހައްދީ ސަރުކާރު އުފައްދައިގެން ހިންގާނެ އިޤްތިޞާދީ މާލީ ތަނަވަސްކަމެއް، ފުއްދުންތެރިކަމެއް އަޅުގަނޑުމެންގެ ކިބަޔަކު މިރާއްޖެއަކު ނެތް. ފެލިދުއަތޮޅުފަދަ ކުޑަ އަތޮޅެއްގައި ވަރަށް އުނދަގޫވާނެ ލާ މަރްކަޒީ އުސޫލުން އިދާރީ ދާއިރާއެއް ހިންގުމަށް. ދުނިޔޭގައި އިދާރީ ދާއިރާއެއް ޢާންމުގޮތެއްގައި އެންމެ ކުޑަމިނުން ހެދި ހިންގިފައި މި ހުންނަނީ ތިރީސް ސާޅީސްހާސް މީހުން އެ ސަރަޙައްދީ ސަރުކާރަކަށް ނިސްބަތްވީމާ. އޭގެ ކުޑަމިނުން އިޤްތިޞާދެއް އެކުލަވައެއް ނުލެވޭނެ. އޭގެ ކުޑަމިނުން އެޑްމިނިސްޓްރޭޓިވް ޔުނިޓެއްގެ ގޮތުގައި އެ މިންވަރު ދެކެން މިއޮތީ މާކުޑަވެފައި.

އެހެންވީމާ، އަޅުގަނޑުމެން ވިސްނީ، ބައެއް އިދާރީ ދާއިރާތައް ފުރަތަމަ ހއ، ހދ، ށ. އެ ތިން އިދާރީ ދާއިރާ އެއްކޮށް އެއީ އަތޮޅު ކައުންސިލެއް އުފެދޭ މިންވަރުކަމަށް ދުށުން އެއީ ހަމަ 8 ވަނަ ބާބުގެ ރޫހާ ޚިލާފްވާކަމެއްނޫނޭ. އެ ރޫޙްގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެއޭ. ހަމައެފަދައިން ނ، ރ، ބ، ޅ، މި ހަތަރު އަތޮޅު، ހަތަރު އިދާރީ ދާއިރާ އެއްކޮށް އެއީ، އަތޮޅު ކައުންސިލެއްކަމަށް ދެކުން ނުވަތަ ޕްރޮވިންސް ކައުންސިލެއްކަމަށް ދެކުން އެއީ، ޤާނޫނުއަސާސީގެ އަށްވަނަ ބާބާ ޚިލާފްވާކަމެއް ނޫނޭ.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ކިބައިން އެދެން މިކަމުގައި ތިޔަބޭފުޅުން ޚިޔާލު ތަފާތުވެވަޑައިނުގަންނަވާށޭ. ނިކަން ވިސްނަވާށޭ، މިޤައުމަށް ވިސްނަވާށޭ، މި ރާއްޖޭގެ އިޤްތިޞާދަށާއި މިރާއްޖެއަށް ލިބޭ އާމްދަނީއާއި މި ރާއްޖޭގެ މީހުންގެ އަދަދާ މިބާވަތުގެ ބައެއް ޙަޤީޤީ ކަންކަމަށް ބައެއްފަހަރުވެސް ވިސްނަވާ ލެއްވުމަކީ، ސިޔާސީ ބޭފުޅުންގެ ގޮތުގައި ތިއްބަވާއިރުވެސް މުޅިއަކުންނެއް ގޯސްކަމެއްނޫނޭ. ބައެއްފަހަރުފަހަރު ނަމަވެސް އަސްލަށް ކޮންމެވެސް ވަރަކަށް ވިސްނާލުމަކީ، އަޅުގަނޑުގެ ނަޒަރުގައި ހަމަ ރަނގަޅު ބުއްދިވެރި ކަމަކަށްވާނެއޭ.

އަޅުގަނޑު ހަމަ ވަރަށް އެއްބަސް، އަޅުގަނޑު ވަރަށް ޔަގީން، އަޅުގަނޑުގެ ހިތަކު އަދި އަޅުގަނޑަށް އެއްވެސް މައްސަލައެއް އުފެދޭކަމެއްނޫން އެއީ، މަޖިލީހުގައި ހޫނު ބަހުސް ދެފަރާތުން ކުރައްވަމުން ގެންދެވުމަކީ. އެއީ، ހަމަ ރަނގަޅުކަމެއް. އެހެންނަމަވެސް، ބައެއް ކަންކަން އެބަ ހުރެއޭ، ކްރޮސް ބެންޗްގައި، ނުވަތަ ވަކިޕާޓީ ރޫޙުގައި އެކަން ނުކޮށް، އަޅުގަނޑުމެންގެ ޤައުމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތަކާމެދު ގުޅޭގޮތުން ވިސްނާފައި ކުރަން ހުންނަ ކަންކަން. މި ޤާނޫނު އެކުލަވާލުމަކީ، އަޅުގަނޑުގެ ނަޒަރުގައި އެބާވަތުގެ ކަމެއް. އަޅުގަނޑުވެސް ހަމަ ވާދަވެރި ސިޔާސީ ލީޑަރުންނާ މަޖިލީހުގެ މެންބަރުންނާއެކުގައި ވާހަކަ ދައްކަން ސަރުކާރުން މިތިބީ ތައްޔާރަށް. ޚާއްޞަކޮށް އެބޭފުޅުން އެ އެދިވަޑައިގަންނަވާ ބައެއް ކަންކަމާ ގުޅޭގޮތުން މިސާލަކަށް ޕްރޮވިންސް މިނިސްޓަރ އެއީ، ކޮންބޭފުޅަކު، ކޮންތަނަކުން، ކޮންގޮތަކަށް ކަނޑައެޅޭ ޢައްޔަން ކުރެވޭ ބޭފުޅެއްތޯ ނިންމުމުގައި އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނަށް ވީ މިންވަރަކުން ދޫދޭން. އަޅުގަނޑުގެ ނަޒަރުގައި އުފެދޭ އަތޮޅު ކައުންސިލުން ޕްރޮވިންސް މިނިސްޓަރަށް ރުހުން ދެއްވުމަކީ، ނުކުރާންވީ ކަމެއްނޫން. އަދި ޕްރޮވިންސް، އަތޮޅު ކައުންސިލުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ޕްރޮވިންސް މިނިސްޓަރަކު ވަކިކުރުން ކުރެވޭގޮތަށް އޮތުންވެސް އެއީ، އަޅުގަނޑު ނަޒަރުގައި ރައްޔިތުންނާއި ވަޒީރުންނާއި ވެރިންނާ ގާތްވުމުގައި ބާރުއަޅާނެ ކަމެއްކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑުމެންނަށް މިނޫނަސްވެސް ކިތަންމެ ގޮތަކަށް މީގެ ސިޔާސީ އޮނިގަނޑުތައް ރޭވިދާނެ. ރާވާއިރުގައި ކޮންމެ ހާލެއްގައިވެސް އަޅުގަނޑު ހަމައެކަނި ހިފަހައްޓަން ބޭނުންވަނީ، އަޅުގަނޑު ހަނދުމަކޮށް އަރުވަން ބޭނުންވަނީ އެންމެ ނުކުތާއެއް. އެއީ، ޑިވޮލިއުޝަންގެ ޔުނިޓް ނުވަތަ ލާ މަރްކަޒީ ކުރާ މިންވަރު އެއީ، ތިރީސްހާހަށްވުރެ މަދުވެގެނުވާނެއޭ. އެއީ، ސިޔާސީ ވާހަކައެއް ނޫނޭ. މިއީ ޓެކްނިކަލް ވާހަކައެކޭ. ހަމަކޮންމެ ގޮތެއްވިޔަސްވެސް ފުރޮޅެއްހެން ވަށްކޮށް އިން އެއްޗަކަށްވީމާ ނޫނިއްޔަކާއެއް އެ އަޅުވައިގެން ނުއެއް ދުއްވޭނެއޭ. ހަތަރެސްކަނަށް މަޖިލީހުން އެދިގެންވެސް ފުރޮޅެއް ހަދައިގެން އެނބުރެން އުނދަގޫވާނެއޭ. އެބާވަތުގެ ކަމެކޭ އަޅުގަނޑު މިދަންނަވަނީ މިއީ. އެހެންވީމާ، ކޮންމެވެސް ކޮންމެވެސް ހަތަރެސްކަނަށް މި ފުރޮޅު ނުހައްދަވައްޗޭ. ވަށާ ޖެހެންދެން. ހުރިހާ ސިޔާސީ ބަޙުޘް ހަމަ ވަރަށް ރަނގަޅު. ހަމަ ކިޔުއްވާނެ ހުރިހާ އެއްޗެއް އަޅުގަނޑު ހަމަ ވަރަށް އަޑުއަހާހިތްވެސްވޭ. ހަމަ ވަރަށް ރަނގަޅު އެހެންނަމަވެސް، ލާ ވަށާ ޖެހެންޖެހޭނެ މިކަން. ފޫބެދެން ޖެހޭނެ. ފެން ހިފެހެއްޓެން ޖެހޭނެ. އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި މި ހުންނަ ޓެކްނިކަލް ކަންކަން އެއީ، ޓެކްނިކަލް ކަންކަން ގޮތުގައި ދެކިގެން، އެ ކަންކަން އެގޮތަށް ހިފެހެއްޓޭތޯ މަސައްކަތް ކުރަންޖެހޭނެ.

އަޅުގަނޑު މި ބިލާ ގުޅޭގޮތުން، ޚާއްޞަކޮށް ރައްޔިތުންނަށް ފާހަގަކޮށްލަން އެބަ ބޭނުންވޭ އުފެދޭ އަތޮޅު ކައުންސިލްގެ މުއްސަނދިކަން. ފެށުނީއްސުރެ ފަށައިގެންވެސް ތިޔަބޭފުޅުން ދައްކަވަމުންއައި ހުރިހާ ވާހަކައެއް އަޅުގަނޑަށް ގައިމުވެސް އަޑުއިވެމުން އައި ހުރިހާ ވާހަކައެއް މި ބިލުގައިވާނެ. އަތޮޅުގެ މުއްސަނދިކަން، އެއީ އަތޮޅުގެ ރައްޔިތުންގެ އެއްޗެކޭ. ރަށްރަށް އެއީ ކައުންސިލުން އަތޮޅު ކައުންސިލުން ނިންމާގޮތަކަށް ދޫކުރެވޭ ކަންކަމޭ. ބިލުގައި ވިޔަފާރީގެ އުސޫލުތަކާއި ކައުންސިލަށް ލިބިގެންވާ ބާރުތައް ވަރަށް ސާފު. އޭގައި ތިޔަބޭފުޅުންނަށް މާއްދާތައް ބައްލަވާލެއްވީމާ، އަޅުގަނޑު އުންމީދުކުރަން މިތާ ތިއްބެވި ހުރިހާ ބޭފުޅުންވެސް މި ބިލް ކިޔުއްވާފައި ވާނެކަމަށް. އަދި އެއަށްވުރެ ބޮޑަށް އުންމީދުކުރަން މަޖިލީހުގެ މެންބަރުން ބިލް ކިޔުއްވާފައިވާނެކަމަށް. އަދި ކޮންމެގޮތެއްވިޔަސް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން އެބަޖެހޭ މި ބިލް ރަނގަޅަށް ބަލާލަން. މި ބިލް ރަނގަޅަށް ބައްލަވާލެއްވީމާ، ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، މީގައި އެބަ އަމިއްލައަށް ކައުންސިލްތަކަށް ދަރަންޏަށް ޒިންމާވެވޭ. ތަކެތި މިލްކުކުރެވޭ. އެތަކެތިން ވިޔަފާރި ކުރެވޭ. އެ ވިޔަފާރީގެ ފައިދާއާއި ނަފާ ރައްޔިތުންނަށް ފޯރުކޮށްދެވޭ. މާލޭގައި ހުރެގެން ކުރާންވީ ހުރިހާކަމެއް ނިމުނީ ޙަޤީޤަތުގައި މި އުސޫލުން އަޅުގަނޑުމެންނަށް ކަންތައް ކުރެވުނީމާ. އަޅުގަނޑުމެންގެ ރަށުގައި ގައިނީއެއް ނެތް. އެ ވާހަކައެއް އިރާދަކުރެއްވިއްޔަކާއެއް މިއަކުންނެއް ނާންނާނެ. އިރާދަކުރެއްވިއްޔާ ކައުންސިލަށް ނިންމޭނެ. އަދި އަތޮޅުގެ މުއްސަނދިކަމުގެ ބައެއް ކައުންސިލްގެ އާމްދަނީގެ ގޮތުގައި ކައުންސިލްގެ ރިޒަރވްގައި ބެހެއްޓޭނެ. ބޭންކު ކައުންސިލަށް އުފެއްދޭނެ. ކައުންސިލަށް އަމިއްލައަށް ވިޔަފާރި ކުރެވޭނެ. އެހެންވީމާ، މިއީ ކުޑަ ސަރުކާރެއް. ބައެއް ފަހަރަށް ބައެއް ބޭފުޅުންނަށް ޔުނިޓްރީ ދައުލަތެއްގެ ތެރޭގައި މި މިންވަރު ބޭއްވޭނެތޯ އެބަ ސުވާލުކުރޭ. އާދެ، ޔުނިޓްރީ ދައުލަތެއްގެ ތެރޭގައި މި މިންވަރު ބޭއްވޭނެ. ޔުނިޓްރީ ދައުލަތުގެ ތެރޭގައި ނުބޭއްވޭ މިންވަރުވެސް މިއޮތީ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގެން.

މި ދައުލަތަކީ ޔުނިޓްރީ ދައުލަތެއް. އެކަމަކާއެއް އަޅުގަނޑުމެން އެއްވެސް މީހަކު ޝައްކުކުރަނީކީއެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން މި ދައުލަތް ހިންގާއިރުގައި މި ދައުލަތުން ރައްޔިތުންނަށް އެންމެ ހެޔޮގޮތުގައި މި ދައުލަތުގެ މުއްސަނދިކަން، ތަނަވަސްކަން، ފޯރުކޮށްދެވޭނީ ކޮންގޮތަކަށްތޯ، އަޅުގަނޑުމެންނަށް ވިސްނޭ ވިސްނުން ޤާނޫނުގެ ސިފައިގައި މަޖިލީހަށް ހުށަހެޅުމަކީ، ސަރުކާރުގެ ވާޖިބެއް. ވެރިންގެ ވާޖިބެއް. އަޅުގަނޑު، އިރާދަކުރެއްވިއްޔާ މިދަނީ އެކަން ކުރަމުން. އަޅުގަނޑު ޔަގީންކުރަން، އަޅުގަނޑުމެންނަށް މަޖިލީހުން މިކަމުގެ އަޣްލަބިއްޔަތު ހޯދޭނެ. މި ޕްރޮވިންސްގެވެސް އަދި އެހެން ޕްރޮވިންސްތަކުގެވެސް ރައްޔިތުން މިކަމާ އުޅުއްވީމާ ނޫނީ، އަޅުގަނޑުމެންނަކަށެއް މިކަން މުޅިއަކުންނެއް ކާމިޔާބުވެގެންނެއް ނުދާނެ.

ޕްރޮވިންސެއް އެކުލެވިގެން މިވަނީ ނުވަތަ އަތޮޅު ކައުންސިލެއް އެކުވެގެން މިވަނީ، ކޮންމެ އިދާރީ ދާއިރާއަކުން އެ ޕްރޮވިންސެއްގައި ހިމެނޭ ކޮންމެ އިދާރީ ދާއިރާއަކުން ތިން މެންބަރުން އިންތިޚާބު ކޮށްގެން އެ އުފެދޭ މެންބަރުންގެ މައްޗަށް. އެހެންވީމާ، ނ، ރ، ބ، ޅ، ގައި ހަތަރެއް ބާރަ ކައުންސިލަރުން އަތޮޅު ކައުންސިލުގައި ތިއްބަވާނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އެ ބާރަ ކައުންސިލަރުންގެ ރުހުން އޮވެގެންނޭ ސްޓޭޓް މިނިސްޓަރު، އަޅުގަނޑަށް ޔަގީން ތިލްމީޒާ އެ ރުހުން ހޯއްދަވާނެކަން. އެ ބާރައާ ޖެހިގެން އޮތް ބާރައާ. އެ ރުހުން އޮވެގެންނޭ ހަމަ ސްޓޭޓް މިނިސްޓަރު ހުންނެވުން އެއީ، އެކަމާ އަޅުގަނޑުމެން އިންކާރު ކުރާނެކަމެއް ނޫނޭ. ކޮންމެހެނެއް ރައީސުލްޖުމްހޫރިއްޔާގެ ބާރު އެކަނި ސްޓޭޓް މިނިސްޓަރުގެ މައްޗަށް އޮންނާކަށެއް ނުޖެހޭ. ރައްޔިތުންނާއި އެ މިނިސްޓަރާ ގުޅޭ ގުޅުވުމަކީ، އަޅުގަނޑުގެ ނަޒަރުގައިވެސް ނެތްކަމެއްނޫން. ވާދަވެރި ސިޔާސީ ޖަމާޢަތްތަކުން، ޕާޓީތަކުން މި ނުކުތާ ފާހަގަކުރައްވައި، އެއަށް އަޅުގަނޑުމެން ދީލާލަން އަޅުގަނޑު އެދެން. އަޅުގަނޑުމެންގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސާ އަދި އެހެން މެންބަރުންގެ ކިބައިން އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި އެދެން، ޑީ.އާރު.ޕީ. މެންބަރުންނާ ވާހަކަ ދައްކަވައިގެން މިކަމުގައި އަޅުގަނޑުމެން ދޫކުރަންހުރި މިންވަރުން ބޮޑުކަން ފާހަގަކުރައްވައިގެން، މި އިތުރު ބަޙުޘަކަށް ނުހައްދަވައި މޭޒުދޮށުގައި އަޅުގަނޑުމެން މިކަން ނިންމާފައި ވޯޓަށްދާން މި ބިލް ތައްޔާރުކޮށްދެއްވުމަށް.

ކައުންސިލްތަކަށް ކުރިމަތިލާނީ ޕާޓީތަކުގެ ކެންޑިޑޭޓުން. ދެން މިފަހަރުވެސް ނޭނގެ ކޮންމެވެސް މިންވަރަކަށް އަމިއްލަ ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވާނެކަމެއް. ދެން އަޅުގަނޑަށް މިހާރު އެކަން މިވަނީ ވަރަށްބޮޑު ޢަޖައިބަކަށް. އަމިއްލަ މެންބަރުންގެ ގްރޫޕެއް މިހާރު އުފެދިއްޖެ. ފުރަތަމަ ފަށައިގެންއިރުވެސް ސިޔާސީ ޕާޓީއަކީ އެއީ. މަޖިލީހުގައި އޮންނަ ގްރޫޕެއް. މިހާރު އަމިއްލަ މެންބަރުންގެ ގްރޫޕަކީ އާ ޕާޓީއެއް. އެހެންވީމާ، ޕާޓީގެ ނިޒާމުން ނޫންގޮތަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އެކަނި މެންބަރެއްގެ ގޮތުގައި އިނުން އެއީ، ބުއްދިވެރި ކަމެއް ނޫންކަން އަޅުގަނޑު ހިތުން މިހާރު އަމިއްލަ މެންބަރުންގެ ގޮތުގައި އިންތިޚާބްވެފައި ތިއްބެވި މެންބަރުންނަށްވެސް ވަރަށްބޮޑަށް ސާފުވާނެ. ބައެއް ރަށްރަށުގެ ރައްޔިތުން ބައެއް ފަހަރަށް ހިތުއަޅާއުޅޭ، މި ދެބައިކުރެން އެއްބަޔަކާވެސް ގާތްނުވިއްޔާއޭ ރަނގަޅުވާނީ. ބުއްދިވެރިކަމަކަށްވެސް ވެދާނެ. އެކަމަކު އަޅުގަނޑު ދަންނަވަންއޮތް ވާހަކައަކީ، މަޖިލީހުގައިވެސް އެހީތެރިކަން ބޭނުންވާނެ. ޅ.އަތޮޅު ހިންނަވަރުގެ ޢިއްޒަތްތެރި މެންބަރު މިސާލަކަށް. އެބޭފުޅާއަކީ އެކަނި އިންނަވާ މެންބަރެއްނޫން. އެބޭފުޅާއާ ގުޅިފައި އެބައޮތް ހަމަ ޖެހިގެން އެ އިންނަވާ މައްޗަންގޮޅީ މެންބަރާވެސް. ވަރަށް ގާތްކޮށް. ހުރިހާ މެންބަރުން މިތިބީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އެ ފިކުރުގެ ރޫޙުގައި ގުޅާލެވިފައި. އެއީ ސިޔާސީ ޕާޓީގެ ބޭނުމަކީ. އޭރަށް ކަންކަމާ އަޅުގަނޑުމެން ވާހަކަ ދައްކަން ދާއިރުގައިވެސް އަދި ދިފާޢުކުރާއިރުގައިވެސް، ހަމަލަދޭއިރުގައިވެސް، ގުޅިގެން ތިބެ އަޅުގަނޑުމެންނަށް ރަނގަޅުނޫން ހަމަލައެއް ދެވޭނީ. އަދި ފުރިހަމަގޮތުގައި ރަނގަޅަށް ގުޅިގެން ތިބީމާ ދިފާޢުވެސް އަޅުގަނޑުމެންނަށް ކުރެވޭނީ.

އަޅުގަނޑު އެހާކަންބޮޑެއްނުވޭ، އަޅުގަނޑުމެން ސަރުކާރަށް މަޖިލީހުގެ މާބޮޑު އަޣްލަބިއްޔަތެއް ނެތުނީތީވެ. ޙަޤީޤަތުގައި މިހާރު ދެން ދެންނެވިދާނެ އެވާހަކަ. ކުޑަކޮށް އުފާވެސްވޭ. އަޅުގަނޑު އަތަށްވެސް އެންމެހާ ބާރުތައް ލިބުން އެއީކީއެއް ބުއްދިވެރިކަމަކަށެއް ނުވާނެ. މަޖިލީހަށް ބަލާނުލައި ހިތުހުރިގޮތަކަށް ކަންކަން ކުރެވޭގޮތަށް އިންތިޒާމްތައް ރޭވިފައި އޮތުން އެއީކީއެއް އަޅުގަނޑަށް ހަމަ ޔަގީން ވެރިކަން ކުރަން ވަރަށް އުނދަގޫ ކަމަކަށްވާނެކަން. ހިތުހުރިހާ ގޮތަކަށް ވެރިކަން ކުރެވޭގޮތަށް އޮންނަންޏާ އެއީ، ވަރަށް އުނދަގުލުގައި އަޅުގަނޑުގެ މިދިޔަ އަށްމަސް ދުވަހުގެ ތަޖްރިބާގައި އަޅުގަނޑަށް ދެންނެވޭނީ އެއީ ވަރަށް އުނދަގޫގޮތެކޭ ވެރިކަންކުރަން. ހަމަ ސީދާ ތިމާ ބޭނުންހާ ގޮތަކަށް އެކަންކުރަމުން ގެންދެވުނީމާ. ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް މުހިންމު ހުރިހާގޮތަކަށް ވެރިކަން ކުރުމަށްޓަކައި.

އަންނާންއޮތް ކައުންސިލްތަކުގެ އިންތިޚާބުގައި ޕާޓީތަކުން ކެންޑިޑޭޓުން ނުކުންނަވާ، ރަށު ކައުންސިލްތަކަށްވެސް، އަތޮޅު ކައުންސިލްތަކަށްވެސް. އަޅުގަނޑު އެދެނީ، ޕާޓީތަކުންވެސް ކެންޑިޑޭޓުން ކަނޑައެޅުމުގައި ޑިމޮކްރެޓިކް އުސޫލުތައް ގެންގުޅުން. ހަމަ ތިމަންނާއާއި ތިމަންނާގެ ކޮއްކޮއާއި ތިމަންނާގެ ގާތްމީހުން އެއީ މިވެނި ރަށު ކައުންސިލަކަށް ތިމަންނާގެ ޕާޓީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓުންނޭ. އެހެން ބުނުއްވީމާ، ދެން ބައެއްފަހަރަށް ތަންކޮޅެއް ނިކަމެތިކޮށް ހުންނަ ޕާޓީތަކަށް އިތުރުގޮތެއްނެތި އެބޭފުޅުން ނެރެވޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެއިން މިލިބެންޖެހޭ ރަނގަޅު ނަތީޖާ މި އޮންނަނީ ނުލިބިފައި. ޕާޓީތަކަށްވެސް އެއިން ލިބެނީ ވަރަށްބޮޑު ގެއްލުމެއް. ބައެއްފަހަރަށް ދާއިރާއެއްގެ، ކޮންސްޓިޓުއެންސީއެއްގެ ރައްޔިތުން ވަރަށް ނުރުހޭ މީހަކުވެސް ވަކިޕާޓީއެއްގެ ކެންޑިޑޭޓުގެ ގޮތުގައި ނެރެވިފައިހުރޭ. އެންމެފަހުން އާޚިރުގައި އިންތިޚާބުގައި ހަމަ ސުން ވޯޓު އެބަލިބޭ. އަޅުގަނޑުމެންނަށް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެފަހަރަކަށް ދިމާވި ދެ ކެންޑިޑޭޓަކަށް ހަމަސީދާ ސުންވޯޓު ލިބިވަޑައިގެން. މީގައި އަޅުގަނޑުގެ ލަފައަކީ އަޅުގަނޑުގެ އުންމީދަކީ، ޕާޓީތައް ވާދަވެރިގޮތުގައި ވާދަކުރައްވައިގެން ރަނގަޅު ކެންޑިޑޭޓުން ހޯއްދަވައިގެން އަތޮޅު ކައުންސިލަށްވެސް އެ ކެންޑިޑޭޓުން ނެރުއްވާށޭ. އަތޮޅުތަކުގައި ރަށްރަށުގައި ރަށު ކައުންސިލްތަކަށްވެސް ރަށްރަށުގައި ތިއްބަވާށޭ. އަޅުގަނޑުމެންގެ ޕާޓީތަކުގައި މާލޭގައި އަދި ނަގާކިޔަން ތިއްބެވިއެއްކަމަކު އަޅުގަނޑުމެންނަކަށް ފުރިހަމަގޮތުގައި ވެރިކަމެއް ނުކުރެވޭނެއޭ. މާލޭގައި ތިއްބަވާނެކަމެއްވެސްނެތް. ރަށްރަށަށްއައިސް ކައުންސިލަރުންގެ ގޮތުގައި ކުރިމަތިލައްވަންވީ. ރައްޔިތުންގެ މަޖިލީހުގެ ހައިބަތަށްވުރެ އަތޮޅު ކައުންސިލެއްގެ ހައިބަތު ހަމަގައިމުވެސް މަސައްކަތް ކުޑައެއްނުވާނެ. މުއްސަނދިކަން ދެރައެއް ނުވާނެ. އެކުރައްވާ މަސައްކަތުގެ ސަބަބުން ފައިދާ ލިބޭ، އަސަރުކުރާ ރައްޔިތުންގެ އަދަދުވެސް މަދެއްނުވާނެ.

އަޅުގަނޑު އުންމީދުކުރަން ވީހާވެސް ގިނަ، ކަމަށް އެކަށީގެންވާ ކެންޑިޑޭޓުން ރަށުކައުންސިލްގެ އިންތިޚާބުތަކަށްވެސް އަދި އަތޮޅު ކައުންސިލްގެ އިންތިޚާބުތަކަށްވެސް ނުކުންނަވާނެކަން. މި މަގާމުގައި އަޅުގަނޑު ނެތްނަމަ މިފަހަރު އަޅުގަނޑު އަތޮޅު ކައުންސިލަރަކަށް އިންތިޚާބުގައި ބައިވެރިވީމުސް. ހަމަ އެއްވެސް ޝައްކެއްނެތް. އެއްވެސް ޝައްކެއްނެތް، މި ޤާނޫނުއަސާސީގައި އަޅުގަނޑު ކުރިމަތިލީކީއެއް ރައްޔިތުންގެ މަޖިލީހަކަށެއް ނޫން. ކޮންމެވެސް ތަނަކުން އަތޮޅެއްގެ ރައްޔިތުންނާ ވާހަކަ ދައްކައިގެން އަތޮޅު ކައުންސިލަކަށް އިންތިޚާބުވޭތޯ އަޅުގަނޑު ބެލީމުސް. ވާދަވެރި ސިޔާސީ ރޫޙާއި ގްރާސް ރޫޓް، ސިޔާސީ ހަރަކާތްތައް، ޑިމޮކްރެޓިކް ޕޮލިޓިކަލް ސިޔާސީ ހަރަކާތް ގެނައުމަށް މިއަށްވުރެ ރަނގަޅު މަސްރަޙެއްނެތް. މިއަށްވުރެ ފުރިހަމަ ވަގުތެއްވެސްނެތް. މިއަށްވުރެ ފާހަގަވާނެ މަސައްކަތެއް އަދި ނަތީޖާ ނެރެވޭނެ މަސައްކަތެއް ކުރެވޭނެ ދަނޑިވަޅެއްވެސްނެތް. އަޅުގަނޑު އަބަދުވެސް ދަންނަވަން ޤައުމެއްގައި ހަޔާތުގައި އަންނާނެއޭ ދަނޑިވަޅުތަކެއް، ހިނދުކޮޅުތަކެއް. އެ ޤައުމު އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެދާނެ.

މިއަދު އަޅުގަނޑުމެން ތަޖްރިބާ ކުރަމުން މިދަނީ މިދެންނެވި ބާވަތުގެ ހިނދުކޮޅެއް. ޤައުމެއްގެ ހަޔާތުގައި ހިނދުކޮޅަކީ ސިކުންތެއް ނޫން. މި ހިނދުކޮޅު ދެމިގެން އެބަދޭ. އެހެންނަމަވެސް، މި ދަނޑިވަޅަކީ، މި ޤައުމު މިހާރު މިއޮތް ހާލަތުން އަނެއް ހާލަތަށް ހަމަ ބަދަލުވެގެންދާ ދަނޑިވަޅެއް. މި ދަނޑިވަޅުގައި އަތޮޅު ކައުންސިލްތަކުގެ އިންތިޚާބު މީގެކުރީގައި، އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެއްފަހަރަކު އަތޮޅުވެރިން އިންތިޚާބު ކުރެވި، އެ އިންތިޚާބުގައި އަޅުގަނޑަށް ހީވަނީ، މިއީ ހަމަ ވަރަށް ރަނގަޅުތަނެއްހެން މިވާހަކަ ދައްކާލަން. އެ އިންތިޚާބުގައި އަތޮޅުތަކުގެ މެދުގައި، ރަށްރަށުގެ މެދުގައި ޖޯޝްގަދަވެގެންގޮސް ބައެއްފަހަރަށް މީހުންނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެސް އެބަހުރި. ހިންނަވަރާއި ނައިފަރަކީ، އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި އެ އިންތިޚާބުގައި ވަރަށް ހޫނުކޮށް ވާދަކުރި ދެ ރަށް. އަޅުގަނޑުމެންނަށް އެ ވާދަވެރިކަން ރަނގަޅު އިންތަކެއްގެ ތެރޭގައި، ފައިދާހުރި ގޮތުގައި މިއަދު ނެރެވޭނެ.

މިއަދު އަޅުގަނޑުމެންގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް. ވަރަށް ހޭލުންތެރި ބައެއް. މި ރާއްޖެ ފިޔަވައި ވަރަށްމަދު ޤައުމެއް މިހާ އޮމާންކަމާއެކީގައި ސީދާ ޢާއިލީ ވެރިކަމުން ނުވަތަ ފިއުޑެލިސްޓިކް ސޮސައިޓީއަކުން ވެރިކަމަކުން، ރޫލަލިސްޓިކް ޑިމޮކްރަސީއަށް ބަދަލުވެގެންދިޔަ، މަދުވާނެ. އަޅުގަނޑު ވަރަށް ހޯދައިފިން. އެންމެގާތް ކުރާ އެއްތަނަކީ ސޭޝެލްސް. އެތަނުގައިވެސް އަދި އެހެން ރަށްރަށުގައިވެސް މިކަމެއް މިގޮތަކަށް ވެއެއް ނުދޭ. މިކަން މިގޮތަށް މި ރާއްޖޭގައި ވަމުން މިދަނީ މިރާއްޖޭގެ ރައްޔިތުންގެ ތޫނުފިލިކަމުން، ވިސްނުންތެރިކަމުން، ޙިކްމަތްތެރިކަމުން، ހިތްވަރުގަދަ ކަމުން، ބުއްދިވެރިކަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް މި ރާއްޖޭގައި މި ނަތީޖާ މި ނެރެވެނީ. ދެން މީގައި ބޭއިންސާފު ވަރަށްބޮޑު. ބައިނަލްއަޤްވާމީ މުޅިދުނިޔެ ފާހަގަކުރަނީ އަޅުގަނޑު. އެބޭފުޅުން ހީކުރައްވަނީ އަޅުގަނޑު ކުރާ ކަމެކޭ. ރަނގަޅަށް އައިސް ބައްލަވާލެއްވީމާ އެނގޭނެ ތިބޭފުޅުންކަން އެކަން ކުރައްވަނީ. އަޅުގަނޑުމެންނަށް ޑިމޮކްރަސީއަށް މިހާފަސޭހައިން ޤައުމެއް ބަދަލުކުރެވޭކަމަށް އެކިއެކި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ދެކޭ. އެހެންވީމާ، ދެންހުރި ޤައުމުތައް ބަދަލުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ލަފައަކީ ކޮބައިހޭ. އެ ސުވާލު އަޅުގަނޑުމެންނަށް އަންނާނެ. ދެން އަޅުގަނޑުމެން ވިސްނާލަންޖެހޭނީ އެއީ ބައެއް ޤައުމުތަކުގެ ދާޚިލީ ކަންކަމާ މި ޤައުމުން ބެހުން. އެހެންވީމާ، އަޅުގަނޑުމެންނަށް މާ ބާރަށް އެބާވަތުގެ ވާހަކަ އަބަދުއަބަދުމެ ނުދެއްކެނީ. ބަރުމާގެ ވާހަކަ ދައްކާލާ ކޮންމެ ފަހަރަކު، އެއީ، އަދި ދާޚިލިއްޔަތާ ބެހުނުކަމަށްވިޔަސްވެސް ބަރުމާގެ ހުދުމުޚްތާރު ވެރިން އަބަދުވެސް އަޅުގަނޑުމެން ކުށްވެރިކުރަމު.

މި މަސައްކަތް މިގޮތަށް ތައްޔާރު ކުރުމުގައި ވަރަށްގިނަ ބޭފުޅުންގެ ޝުކުރުގެ ލިސްޓް ތިލްމީޒާ ކިޔައިދެއްވައިފި. ވަޒީރުންނާ އެހެނިހެން ބޭފުޅުންވެސް. ތެދުފުޅެއް، ހަމަވަރަށްގިނަ ރަށްރަށުގެ ރައްޔިތުން ވަރަށްބޮޑަށް މިކަމަށްއެދި ތިއްބަވާތީވެ، މިކަންކަން އަޅުގަނޑުމެންނަށް މިގޮތަށް މި ކުރެވެނީ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިއޮތް ގޮތުގައި މިސާލަކަށް ރ. އަތޮޅުގެ ވިއްސަކަށް ކުދިން މިދިޔަ ހަފްތާ ބަންދުގައި މިތަނަށް އައިސް މަސައްކަތް ކޮށްލަދިން. ނ. އަތޮޅުގެ ފަސް ހަ ކުދިން. އަދި ބ.އަތޮޅުން މިތައް ކުދިން. ޅ.އަތޮޅު މިތައް ކުދިން. މިހެންއައިސް ހިލޭސާބަހަށް މަސައްކަތްކޮށް މިތަނުގައި މި އޮތީ މި އޮފީސް ޢަމަލީގޮތުން ގާއިމްކުރެވިފައި. ކަންވެދިޔަ ގޮތަކީ، އަޅުގަނޑުމެންގެ ބޯހަރުކަމުން އަދި ނުވަތަ ބަދަލުކުރެވުނުއިރުގައި ލާ މަރްކަޒީ އުސޫލުން ތަންތަން ހަދާކަށް ބަޖެޓެއް ފުރިހަމައަކަށް އިމާރާތްތަކަކަށް މިއަހަރު އަޅުގަނޑުމެން ބަޖެޓެއް ނުކުރަން. ދެން މި ސަރުކާރަކީ ލިޔެވިފައި އޮންނަ އެއްޗެއްގެ މައްޗަށް ވަރަށް ބޮޑަށް ބިނާވެގެން ހިންގޭ ސަރުކާރެއްވީމާ، ދެން ހަމައެއްގޮތަކަށްވެސް ނުފެނުނު އެތަނަށް ދޭނެ މިލިއަނެއްހާ ރުފިޔާ ހޯދޭނެގޮތެއް. ދިޔަ އެއްޗެއް ދެއްވީ ރައްޔިތުން. ރައްޔިތުންގެ މަސައްކަތުން އެކަން އަޅުގަނޑުމެންނަށް ކޮށްނިންމުނީ. އެހެންވީމާ، ހަމަ އަޅުގަނޑު ވަރަށް ފަށްފަށުން މި ރަށްރަށުގެ ރާއްޖޭގެ ރައްޔިތުންނަށް މި މަސައްކަތް އަދި މި ނޫންވެސް މި ސަރުކާރުން މި ގެންނަ އާދަޔާ ޚިލާފު ވިސްނުންތަކުގައި އެއީ ރަނގަޅުގޮތް ކަމުގައި ވަހުމްވެގެން ނުކުންނަވާ، ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ވަރަށްބޮޑަށް ޝުކުރުވެރިވަން. ޝުކުރިއްޔާ.

އަޅުގަނޑުމެންނަށް މި ނިޒާމް ޤާއިމްކުރުމުގައި ދެން ހަމަ މިއާއެކީގައި އެކުވާންޖެހޭ އެހެންކަމެއް އެބައޮތް. އެއީ، ދަތުރުފަތުރުގެ ނިޒާމް ތަޢާރަފްކުރުން. ލާމެހިފައިވާ ދިވެހިރާއްޖެ. އަޅުގަނޑުމެންނަށް ލާ މަރްކަޒީ އުސޫލުން ރަނގަޅަށް ހިންގުމަށްޓަކައި، ރަށުބަންދުގައި ތިބެގެނެއް އެކަމެއް ނުކުރެވޭނެ. އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި ރައްޔިތުންނަށް ދަތުރުކުރެވެންޖެހޭނެ. މި ދަތުރުތައް ހިންގުމަށްޓަކައި ސަރުކާރުން ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިޢްލާނުގެ ފަހުން އައިސް، އެއް މަރްޙަލާއަކަށްފަހު އަނެއް މަރްޙަލާއަކަށްފަހު މިއަދު ހުއްޓިއޮތް ހިސާބަކީ، ސަރުކާރަށް މިހާރުވަނީ މިކަންކުރުމަށް އެދޭ ފަސްބައެއް ފާހަގަކުރެވިފައި. ހަމަ ވަރަށްގާތުން، ކަމަށް އެކަށީގެންވާ ފަސް ބައެއް. އެ ފަސްބައި މުޅިރާއްޖޭގައި އެކަން ކުރުމަށް އެބައެދޭ. އޭގެތެރެއިން ކަމަށް އެކަށީގެންވާ ރަނގަޅު ބައެއް ހޯދުމުގެ މަސައްކަތް ސަރުކާރުން އެބަދޭ ކުރަމުން. އެ މަސައްކަތް ކުރާއިރުގައި އޮޑިޓަރ ޖެނެރަލްގެ ބަޔާނުގައި ރަތްއަކުރުން އަޅުގަނޑުގެ ނަން ލިޔެވިފައި އޮންނަ ގޮތަކަށް ނުވަތަ އަޅުގަނޑުގެ އޮފީހުގެ މީހެއްގެ ނަން ލިޔެފައި އޮންނަ ގޮތަކަށް އެ މަސައްކަތް ކުރާކަށް އަޅުގަނޑެއް ނޭދެން. ބައެއް ބޭފުޅުން ވިދާޅުވާނެ ލަހޭ. ލަސްވިޔަސްވެސް ފަސްވިޔަސްވެސް ދެނެއް އަޅުގަނޑުމެންނަކަށެއް ނުވާނެ. ސީދާ ދެފުށް ފެންނަ ސާފުގޮތުގައި މިކަން ކުރެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މިކަން ކުރަން ޖެހޭނީ. ބިޑްތަކުން މިހާރު މިވަނީ، ފަރާތްތަކެއް ހޯދިފައި. އިރާދަކުރެއްވިއްޔާ އޭގެތެރެއިން ހަމަގައިމުވެސް ބައެއް ފަރާތްތަކަށް ސާފު ގޮތުގައި ކާމިޔާބުކުރައްވާފައި އިތުރު ވާހަކައެއް އަޅުގަނޑުމެންނަށް ދެއްކެން ނުވާވަރަށް ފާހަގަވެފައިވާ ފަރާތްތަކަށް ކޮންޓްރެކްޓް އަރުވާނަން. އިރާދަކުރެއްވިއްޔާ އޯގަސްޓްމަހު 7 އެއީ، ތާވަލު ކޮށްފައި އޮތްދުވަހަކީ. އެ ދުވަހު އެ ކޮންޓްރެކް އެރުވޭނެ. އެރުވުނީމާ އެ ކޮންޓްރެކްޓް ބުނާގޮތުން އެއްމަސް ދުވަހުގެ ތެރޭގައި އާދައިގެ ޚިދްމަތެއް ފަށައިގަންނަންޖެހޭ. އެއީ، ފުރަތަމަ ފަށައިގަންނަ ޚިދްމަތް. ދެން އެބޭފުޅުންގެ ހުށަހެޅުމުގައި މިހާރު ހުންނާނެ ފާހަގަވެފައި، ތިންމަސްފަހުން މިތައް ބޯޓު ބަދަލު ކުރާނަމޭ. ހަމަސްފަހުން މިތައް ފެރީ ޓަރމިނަލަށް މިވެނި މިވެނި ބަދަލު ގެންނަނާނަމޭ. އަށްމަސް ފަހުން ގެސްޓްހައުސްއަށް މިވެނިގޮތެއްވާނެއޭ. މުޅިއެކީގައިގޮސް އަޅުގަނޑުމެން މިއެދޭ ސީދާ ނިޒާމް ވިހަން ދެއަހަރު ނަގާނެ. އެހެންނަމަވެސް، ފުރަތަމަ މަހުގެ ތެރޭގައި ޚިދްމަތް ދޭން ފެށޭނެ. އެހެންވީމާ، އަޅުގަނޑު މި އުންމީދުކުރަނީ، އިރާދަކުރެއްވިއްޔާ ރޯދައިގެ ފަހަށް މި ދަތުރުތައް ގިނަތަންތަނުގައި ކުރެވޭނެކަމަށް. އެހެންވީމާ، އަޅުގަނޑުމެންނަށް ލާ މަރްކަޒީ ނިޒާމް ހިންގޭނެ. ލާމެހިފައިވާ ދިވެހިރާއްޖެ އެއީ ޙަޤީޤަތަކަށް އަޅުގަނޑުމެންނަށް ހެދޭނެ.

އަޅުގަނޑުމެންނަށް ނިސްބަތްކޮށް، އަޅުގަނޑުކައިރީ ވަރަށްގިނަ ފަހަރު އަހާ ކޮންއިރަކުން ހެއްޔޭ ތިމަންނަމެންގެ ރަށުގައި ނަރުދަމާގެ ނިޒާމް ހެދޭނީ. ރައީސް ވިދާޅުވިއޭ، މިވެނި ތާރީޚެކޭ، މިވެނި ދުވަހެކޭ. އަޅުގަނޑު އަބަދުވެސް އެބަ ބުނަން ތިޔަހެން ނުއައްސަވާށޭ. ތާރީޚާއި ދުވަހާ އެ އެއްޗިހީގެ މައްޗަށް އަޅުގަނޑުމެން ކޮމިޓް ކުރުވަން ނޫޅުއްވާށޭ. މި ހިނގަނީ ތަރުތީބުން ހިނގާ ކަންތައްތަކޭ. އެކަންކަން އައިސް ހިނގާ ނިމުނީމާ އެކަމާގުޅޭ ކަންތައް އޮންނާނީ ވެފައި. އެއީ، އެކަމަށް ނަގާނެ ދުވަހަކީ. އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ، ކަމެއް ކުރާންވީމާ، ޙަޤީޤަތުގައި ކުރާން ފަށަން މިޖެހެނީ އެކަމެއްނޫން. އެހެންކަމެއް. އެ އަނެއްކަންތައް ކުރަމުން ކުރަމުން ކުރަމުންއައިސް އަޅުގަނޑުމެން އެދޭކަންތައްވީމާ، ދެން އެދޭކަންތައް ވެފައި އެ ހުންނަނީ މިކިޔާ ދެމެހެއްޓެނިވި ގޮތުގައި. އުސޫލެއްގެގޮތުން ކަމެއްވަނީ އޭރުން. އަބަދަށް ދެމިދެމި ހިނގަ ހިނގާ ހުންނަގޮތަށް ކަމެއްވަނީ އޭރުން. އަޅުގަނޑުމެން ނަރުދަމާވެސް އަޅާނަން. އަޅުގަނޑުމެން ފުލެޓްވެސް އަޅާނަން. ހަމަ މި ފަސްއަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަޢުދުވެފައި މިވާ ދިހަހާސް ފްލެޓް މި ރާއްޖޭގައި މި ސަރުކާރުން އިރާދަކުރެއްވިއްޔާ އަޅާނަން.

މި ޕްރޮވިންސްގައި އަޅާ ފްލެޓް މަދެއްނުވާނެ. ފެލިވަރުގައިވެސް އަޅާނެ. ނައިފަރުގައިވެސް އަޅާނެ. ހިންނަވަރުގައިވެސް އަޅާނެ. ކުރެއްދޫ، އޮޅުވެލިފުށީގައިވެސް އަޅާނެ. އަދި ހަމަ މިއަތޮޅުގެ އިތުރުން، ނ. އަތޮޅު މަނަދޫގައި، މިލަދޫގައި، ނ. އަތޮޅުގެ އެންމެހާ ރަށްރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފްލެޓް އަޅާނަން. ރ. ގައިވެސް ބ. ގައިވެސް، އަޅުގަނޑުމެން މުޅި މިރާއްޖޭގައި އިރާދަކުރެއްވިއްޔާ ހަމަ ފްލެޓް އަޅާނަން.

އަޅުގަނޑު ވަރަށް އުފާވޭ، ހަޖޫއަށް އަޅުގަނޑަށް ފްލެޓް ދޮންބެ ކިޔާތީވެ. އަޅުގަނޑުގެ ނަޒަރުގައި އެއަށްވުރެ ރަނގަޅުގޮތެއް ނުލިބުނު. އަޅުގަނޑުމެންގެ ވަޢުދެއް އެއީ، އަޅުގަނޑަށް ކިޔާ ހަޖޫއަކަށް ހެދުނީމާ، އެއަށްވުރެ ރަނގަޅު ޕަބްލިސިޓީއެއް އަޅުގަނޑަކަށް ނުވިސްނޭ. އެއަށްވުރެ ރަނގަޅު ޕަބްލިސިޓީއެއް، އަޅުގަނޑަކަށެއް ނުވިސްނޭ. ހަމަގައިމުވެސް އަޅުގަނޑުމެންގެ ވަޢުދު އެއޮތީ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި. އަޅުގަނޑުގެ ނަން އިރާދަކުރައްވައިގެން އެގޮތަށް އެބަދަލުކުރީ. އެއަށްވުރެ ރަނގަޅުގޮތެއް އަޅުގަނޑުމެންނަކަށެއް ނުފެންނާނެ. އެއީ، އަޅުގަނޑު ވާދަވެރި ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމެއް. ޚާއްޞަކޮށް ތޮއްޑޫގެ ޢިއްޒަތްތެރި މެންބަރަށް އަޅުގަނޑު އެކަމާ ވަރަށްބޮޑަށް ޝުކުރުވެރިވަން.

އަޅުގަނޑުމެންނަށް މި ޕްރޮވިންސާއެކީގައި އެބަހުޅުވޭ މިތަނުގައި ބައިނަލްއަޤްވާމީ ބަނދަރެއް. އެއީ، މިހާރުވެސް މި ބަނަދަރަށް، ފެލިވަރު ބަނދަރަށް، ބޭރު ބޯޓުފަހަރު ގާތްކުރެވޭ. އެހެންވީމާ، ދާދި ފަސޭހައިން އަޅުގަނޑުމެންނަށް ކުރެވެންއޮތްކަމެއް. އަދި މި ފެލިވަރު ބަނދަރަކީ، މި ފާދިއްޕޮޅު މި ބިތަކީ، ވަރަށްމަޑު، ޤުދްރަތީގޮތުން ބަނދަރުގެ ސިފަ ލިބޭ ބިތެއް. މިތަނުގައި ބަނދަރެއް އޮތުމަކީ، އަނެއްކާވެސް ޓެކްނިކަލީ، ފަންނީގޮތުން މާހިރުން ބަލާފައި އެކަމާ ޝައްކުކުރާނެކަމެއްނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން މިއަދު މި ބަނދަރުގެ މަސައްކަތް އަޅުގަނޑުމެންނަށް ހުޅުވާލެވިއްޖެ. ބަނދަރު ވަކިކޮށް، އެ ބަނދަރަކީ، ކޯޕަރޭޝަންގެ ގޮތުގައި ކަނޑައެޅިއްޖެ. ދެން އަޅުގަނޑުމެން އެބަޖެހޭ އެ ބަނދަރު ރަނގަޅުގޮތުގައި، ބަނދަރެއްގެ ގޮތުގައި ހިންގަން.

އަޅުގަނޑު ހަމަ ނިންމާލުމުގެކުރީގައި އަޅުގަނޑަށްވެސް އެނގޭ ދިގުވެއްޖެކަން. ނިންމާލުމުގެ ކުރީގައި ޝަހީދުންގެ ދުވަހާ ގުޅޭގޮތުން އެއްޗެއް ދަންނަވާލާނަން. މިއީ، ރާއްޖޭގެ އުތުރުގައި ވެރިކަންކުރި އަތޮޅެއް. މާފިލާފުށީ ރަސްކަން. ސާމިޔާ ފާށަނާގެ ރަސްކަން. މިއީ، ކަލާފާނު ޝަހީދުވިތާ ހަތަރުސަތޭކަ އަހަރު ވީއަހަރު. ހަތަރުސަތޭކަ އަހަރު މިއަދަށް މިވަނީ. އަޅުގަނޑަށްވެސް އެނގޭ، ޝަހީދުންގެ ދުވަސް މި ފާހަގަވަނީ، ޢަލިރަސްގެފާނާ ގުޅިގެންކަން. ޢަލިރަސްގެފާނަށްފަހު ރާއްޖެއަށް ދެން މިއައީ، އުތީމު ދަރިކޮޅުކަން. އެ ދަރިކޮޅު ޙަޤީޤަތުގައި ނައިފަރުން، ފަހުންފަހުންއައިސް ގުޅިފައިއޮތީ މާފިލާފުށްޓާކަން. ކަލާފާނު އެއީ، ބޮޑުތަކުރުފާނުގެ ދޮށީ އަދި ހަމަ ހުންނެވި ހަމައެކަނި ފިރިހެން ބޭފުޅެކޭ. ކަލާފާނު 1609 ވަނަ އަހަރު އަޅުގަނޑު މިތަނުގައި ޝައްވާލް މަހޭ އަޅުގަނޑު ހަނދާންވަނީ. އަޅުގަނޑު މިމައުޟޫޢު ނަގަންވެސް ޖެހުނީ ފަހީމް މި މައުޟޫޢު ނެންގެވީމާ އިނގޭތޯ. ކަލާފާނު ޝަހީދުވީ 1609 ވަނަ އަހަރު، މަލަބާރީން 14 ގުރާބާއެކު ރާއްޖެއާ ތޮޅެން އަންނާން ފެށީމާ، ޙަސަން ތާޖުއްދީންގެ ތާރީޚުގައި ލިޔުއްވަނީ، އަބޫބަކުރު ފަނޑިޔާރު މަނިކުފާނު ލަފާއެރުވީއޭ، އަވަހަށް ވަޑައިގަންނަވާށޭ އަރިއަތޮޅަށް. މި މާލެއަށް މާވަރުގަދަކޮންނޭ މާ ބާރަށޭ އެ އަންނަނީ.

ކޮންމެއަކަސް ކަލާފާނު، ކަޅުތުއްކަލާއާއެކު ޝަހީދުވީ ކަނޑުމަތީގައި. ކަޅުތުއްކަލާ ނެގުނީ ޢަލި ތަކުރުފާނުގެ ގޮތުގައި. ކަޅުތުއްކަލާ ނަގައިގެން މަލަބާރިން ފުރައިގެންދިޔައީ، ކަލާފާނު ޝަހީދުވެގެންއައިސް ހަންޏާމީދޫގައި، އަރިއަތޮޅުގައި ކަލާފާނުގެ ޒިޔާރަތް ހެދުނީ. އެ ޒިޔާރަތް ބަލަހައްޓަމުން ދިޔައީ ފާށަނާ ކިލެގެފާނުގެ ތުއްކާނާ. އެއީ، މާފިލާފުށީގެ ފާށަނާ ކިލެގެފާނުގެ ތުއްކާނާ. އެ ހަންޏާމީދޫ ޒިޔާރަތުގެ ބޯގަޔަށް ލެއްވުނު ގިނަ ތަކެތި ލައްވާފައިހުރީ މިއަތޮޅުގެ މުދަލުގައި ނުވަތަ މިއަތޮޅުގެ މީހުންގެ ރައްޔިތުންގެ މުދަލުގައި މިއަދު މިއަހަރު މިއީ، ކަލާފާނު ޝަހީދުވިތާ 400 އަހަރުވީ އަހަރު. ކަލާފާނު ޝަހީދުވުމަށްފަހު ދެންދިޔަ ހަމަ ރަނގަޅު 250 އަހަރު، ރާއްޖޭގެ ވެރިކަން ޙަޤީޤަތުގައި ހުއްޓިފައި ހުރީ ކަލާފާނު ޒިޔާރަތަށް ތަސްބީޙަ ކިޔުމުގައި، ޞަލަވާތް ކިޔެވުމުގައި، ކޮންމެ އަހަރަކު.

އަޅުގަނޑުމެންނަށް މިހާރު ގެއްލިފައިވަނީ، ކަލާފާނު ރައިވަރު. އަޅުގަނޑުމެންނަށް އެ ރައިވަރުން އެނގޭ މިންވަރަކީ، އަޅުގަނޑު ރައިވަރު ކިޔާދޭކަށް ނޫޅެން. ބޮޑުފެންވަޅުގޭ ސީދީ، އަޅުގަނޑު ހަނދާންވަނީ ވިޔަފާރި ޚަބަރުގެ ކޮންމެވެސް އަދަދެއްގައި އެ ރައިވަރުން ތަންކޮޅެއް ލިޔުއްވާފައިއޮވޭ. އެއީ، އަޅުގަނޑަށް ހީވަނީ، ސީދިބޭ އޭރު ރައިވަރުގެ ހަމަތައް ބައްލަވަމުން ގެންދެވިއިރުގައި މިހާރު އެ ރައިވަރު ލިޔުއްވީ ކާކުކަމެއްވެސް އެނގޭކަށްނެތް. އެހެންނަމަވެސް، މީސްމީހުން، ހަރުމީހުން، ދޮށީމީހުން، މި ރާއްޖޭގައި ކަލާފާނުގެ ރައިވަރުގެ ވާހަކަ އަބަދުވެސް އަބަދުވެސް ދެކެވެމުން އާދޭ. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ކަލާފާނު ރައިވަރުން ލިބިފައިއޮތީ ކުޑަމިންވަރެއް. ދެން އަޅުގަނޑުމެން ދެކެނީ ކުޑަފަރީ ސްކޫލުން އަނެއްބައި ފުރިހަމަ ކޮށްދެއްވާނެކަމަށް.

އަޅުގަނޑު އެންމެފަހުން ހަންޏާމީދޫއަށް ދިޔައީ އިންތިޚާބަށްފަހު. ދިޔައިރުގައި މިހާރުވެސް ހަންޏާމީދޫ މިސްކިތުގައި އެބަހުރި ހަ ހަތްކޮޅު. ހަންޏާމީދޫ ޒިޔާރަތަށް، ހަންޏާމީދޫއަށް ރާއްޖޭގެ ރަސްކަމުގައި ވަޑުވާ ކޮންމެ ރަދުންނެއްގެ އިސްތަށިފުޅުމައްޗަށް ނެނގޭ ހަތްކޮޅު ގެންގޮސް މި ބަހައްޓަނީ، ކަލާފާނު ޒިޔާރަތުގައި، ހަންޏާމީދޫގައި. ހަ ރަދުންގެ ހަތްކޮޅު ހަންޏާމީދޫގައި އެބަހުރި. ކުރީގެ ވެރިންނާއި ކުރީގެ ރައީސުންނާ ގުޅޭގޮތުން އެއަށްވުރެ ފުރިހަމައަކަށް މިރާއްޖޭގައި އަޅުގަނޑު ނުދެކެން ޢަމަލުކޮށްފައި އޮތްތަނެއް. ދެން ބައެއް ފަހަރަށް ޤަތުލުވެސް ކުރޭ. އެހެންނަމަވެސް، ކަލާފާނާ ގުޅިގެން، އަދި އެއަށްފަހު މިކަންކަން ވަމުން މިއައީ ވަރަށް ފުރިހަމައަށް. ކޮންމެ ރަދުންނެއް ރަސްކަމަށް އިސްވީމާ އިސްތަށިފުޅުމައްޗަށް ނެނގޭ ހަތްކޮޅު ގެންގޮސް ބެހެއްޓެނީ ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގައި.

އޭގެފަހުން، ރަސްރަސްކަލުން އަޅުގަނޑަށް ޔަގީން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަރިއަތޮޅު އަރުމާޒު. އެއީ، ފުރިހަމައަށް އަޅުގަނޑުމެންނަށް ފެންނާންއޮތް ރައިވަރެއް. އަރިއަތޮޅު އަރުމާޒަކީވެސް ހަންޏާމީދޫ ޒިޔާރަތަށް މުޢީނުއްދީން ރަދުން ކުރެއްވި ދަތުރުފުޅުގެ ވާހަކަ. އަޅުގަނޑުމެންނަށް މި 400 އަހަރު ޝަހީދުންގެ ދުވަސް ފާހަގަކުރާ ދުވަހު، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު މިއަދު މިއައީ، ކަލާފާނު ސްކޫލަށް 20 އަހަރުވެގެން ހެނދުނު އެ މުނާސަބަތުގައި ބައިވެރިވެފައި. އަޅުގަނޑުމެންނަށް މިއަދާހަމައަށް އައިއިރު ކުޑަކުޑަކޮށް، ކުޑަކުޑަކޮށެއްނޫން ވަރަށްބޮޑަށް ފަނޑުވެ ހަނދާން ނެތިފައިވާ ޝަހީދުވި ރަދުންނެއް އެއީ. އެރަދުންގެ ހަނދާން މި ޕްރޮވިންސްގައި މި ރަށުގައި ހުރެ ކުރުން އެއީ، އަޅުގަނޑު ހިތުން ވަރަށް ހަމަ ކަމަށް އެކަށީގެންވާކަމެއް. އެހެންވީމާ، އަޅުގަނޑު އެވާހަކަ ދަންނަވާލީ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަށާއި، އަދި އެ މިނިސްޓަރުގެ އަރިހުގައި މަސައްކަތްކުރައްވާ ނައިބުންނާއި، އަތޮޅުތަކުގެ ކައުންސިލަރުންނާއި، އެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި މިއަދު، އަޅުގަނޑު ފިކުރުކޮށް މިހުރީ، ނ.އަތޮޅު ކައުންސިލަރެއްގެ ގޮތުގައި މިހާތަނަށް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި، މުޙަންމަދު ފަހީމް ޤާސިމް އަރިހުގައި އެދެން، އެބޭފުޅާ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރެއްގެ ނައިބެއްގެ މަގާމުގައި މަސައްކަތް ކޮށްދެއްވުމަށް. ދެން އަޅުގަނޑު ފަހުން އެބޭފުޅާއަށް އެވާހަކަ ދައްކާނަން.

އަނެއްކާވެސް ހަމަ މި އުފާވެރި ދުވަހުގެ އެންމެހާ ތަހުނިޔާތައް އެންމެ ބޭކަލުންނަށް، އެންމެ ބޭފުޅުންނަށް، އަޅުގަނޑު އަރިސް ކުރަން. މި ޕްރޮވިންސްގެ ނ، ރ، ބ، ޅ، ރާއްޖޭގެ އަޅުގަނޑު ދަންނަވާނީ، މެދު ރާއްޖެތެރެ ހަމައެކީގައި މި އޮތީ މިތާނގައޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެދެނީ މިއަދަށްވުރެ އަދި މާފަގަތި މާދަމައެއް. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ، السّـلام عليـكم
_____________________