بســم اللّـه الرّحمـن الرّحيــم

ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް. މިނިސްޓަރ އޮފް އެޑިޔުކޭޝަން. އަދި އެ މިނިސްޓްރީގެ އެންމެހާ އިސް އޮފިޝަލުން. އަދި ކަލާފާނުގެ ހުރިހާ ދަރިވަރުން.

السّـلام عليـكم

މިއަދު، މިއީ ތިޔަކުދިންގެ މަދަރުސާއަށް ވިހި އަހަރުފުރޭ ދުވަސް. ކަލާފާނު ސްކޫލަށް ވިހިއަހަރު ފުރޭ ދުވަސް. އަދި ހަމައެހެންމެ، އެކަމާ ގުޅިގެން ތިޔަކުދިންނަށް އަޑުއިވިފައިވާނެ، މިއަދު މިއީ ޝަހީދުންގެ ދުވަސްވެސްމެ.
ކަލާފާނަކީ، ރާއްޖޭގެ ޝަހީދުވި ރަސްރަސްކަލުންގެ ތެރެއިން ވަރަށް ރަންއަކުރަކުން ފަވާލެވޭ ރަސްކަލެއް. ތިޔަބޭފުޅުންގެ ތިޔަކުދިންގެ މަދަރުސާގެ ނަން ނިސްބަތްވެފައިމިވަނީ ރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން ޝަހީދުވި ރަސްރަސްކަލުންގެ ލިސްޓްގައި ހިމެނޭ ވަރަށްވެސް ކުލަގަދަ ރަސްކަލެއްގެ ނަންފުޅުގެ މައްޗަށް. ކަލާފާނަކީ، ބޮޑުތަކުރުފާނު ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން މިނިވަންކޮށްދެއްވި ބޮޑުތަކުރުފާނު، އެ ތަކުރުފާނުގެ ދޮށީ ފިރިހެން ދަރިކަލުން. ކަލާފާނު ރަސްކަމުގައި ދުވަސްތަކެއްވުމަށްފަހުގައި މަލާބާރީންނާ ހަނގުރާމަކޮށް ކަލާފާނު ޝަހީދުވީ. ކަލާފާނު ރަދުން މާލޭގައި ހުންނަވަނިކޮށް، މާލެއަށް އަންނަ ފެށީ ސާދަ އޮޑީގައި ހަނގުރާމައަށްއައި ބަޔަކު. އެބައިމީހުން މާލެ އަންނަން ފެށީމާ، ކަލާފާނު ރަދުންނަށް ވިސްނިވަޑައިގަތީ އަދި އެ ރަދުންގެ ބޮޑުންނާ މަޝްވަރާކޮށްފައި އެންމެ ރަނގަޅުގޮތަކަށްވާނީ، މާލެއަށް ހުރިހާ ދުޝްމަނުން އަރައިގަތުމުގެ ބަދަލުގައި އެރަދުން މާލެއިން ބޭރަށް ކޮންމެވެސް އެހެން ގޮތަކަށް ދިއުމަށްކަމަށް. ކަލާފާނާއި ކަލާފާނުގެ ކޮއްކޯފުޅު ކަޅުތުއްކަލާއާ ދެބޭފުޅުން އޮޑިއެއްގައި ފުރީ. ފުރައިގެން ވަކިހިސާބަކަށް ދެވުނު. ވަޑައިގެންނެވުނީ ވަކިހިސާބަކަށް. ދުޝްމަނުން އައިސް ކަލާފާނާ ދިމާއަށް އެއްލި ލޮންސިއަކުން އެރަދުންގެ ކަރުގައި ޖެހި އެ ރަދުން ޝަހީދުވީ. ކަލާފާނު ރަދުން ޝަހީދުވުމަށްފަހުގައި ދެން އެ ރަދުންގެ ހަށިގަނޑު ގެންގޮސް ވަޅުލެވުނީ، އަރިއަތޮޅު ހަންޏާމީދޫ ކިޔާ ރަށެއްގައި. އ.ދ އަތޮޅު ހަންޏާމީދޫ ކިޔާ ރަށެއްގައި. އެރަށުގައި އެރަދުން ވަޅުލުމަށްފަހުގައި އެ ރަދުންގެ ނަންފުޅަށް ޒިޔާރަތެއް އެޅުނު. އަދި މިއަދާ ހަމައަށްވެސް އެ ޒިޔާރަތް އެބަހުރި. އަދި މިއަދުވެސް އެ ޒިޔާރަތުގެ ކަންތައް ބެލެހެއްޓެމުންދޭ.

ކަލާފާނު ޝަހީދުވުމަށްފަހުގައި، ކަލާފާނުގެ ނަންފުޅުގެ މައްޗަށް އަދި ކަލާފާނު ޒިޔާރަތުގެ މައްޗަށް ރާއްޖޭގެ ވެރިން ވަރަށްބޮޑު އިޙްތިރާމެއް، ވަރަށްބޮޑު ޤަދަރެއް ކުރަމުން އައި. ހަމައެކަނި ކަލާފާނު މަރުވި ނުވަތަ ޝަހީދުވި ދުވަސްކޮޅަކު އެކަންޏެއްނޫން. އެއަށްފަހު، މިދިޔަ ދުއިސައްތަ ތިންސަތޭކަ އަހަރު ދިވެހި ހުރިހާ ވެރިންވެސް އަބަދުވެސް ކަލާފާނު ޒިޔާރަތަށް ވަރަށްބޮޑަށް އިޙްތިރާމްކޮށް ކަލާފާނުގެ ނަންފުޅު މައްޗަށް ވަރަށްބޮޑަށް ޤަދަރުވެރިވޭ. ކަލާފާނު ޒިޔާރަތް އަޅުގަނޑު އެންމެފަހުން ދުށްއިރު ހަތްރަދުންގެ ހަތްކޮޅު އެ ޒިޔާރަތުގައި ބަހައްޓާފައިވޭ. އެއީ، ރަސްރަސްކަލުން ރަސްކަމަށް އިސްވީމާ ބޮލުގައި، އިސްތަށިފުޅުމަތީގައި ނެގޭ ހަތްކޮޅު ގެންގޮސް ބެހެއްޓިފައިހުރީ ކަލާފާނު ޒިޔާރަތުގައި. ކަލާފާނަކީ ވަރަށް މަތިވެރި ދަރަޖައެއް ރާއްޖޭގެ ރަސްރަސްކަލުން ދެއްވާފައިވާ ރަދުންނެއް. ކަލާފާނުގެ ނަމުގައި ވަރަށްރީތި ރައިވަރެއް އޮވޭ. ވަރަށް އިހުޒަމާނުގައި ހަދާފައި އޮންނަ ރައިވަރެއް. ކަލާފާނު ރައިވަރު. އަޅުގަނޑުމެންނަށް މިހާރު އެ ރައިވަރު ވީތަނެއް ނޭނގެ. އެރައިވަރު ވަނީ ގެއްލިފައި. އެ ރައިވަރުގެ ތެރެއިން މިހާރު ފެންނާންއޮތީ މީގެ ސާޅީހަކަށް ފަންސާހަކަށް އަހަރުގެ ކުރީގައި ދެއްގޮބޮޅިގޭ ސީދީ ލިޔުއްވާފައިއޮތް އެ ރައިވަރުގެ ކުޑަކުޑަ ތަންކޮޅެއް. އެރައިވަރުގައި އަޅުގަނޑު ހިތުން ކަލާފާނު ޝަހީދުވިގޮތާ އަދި އެއަށްފަހު ރާއްޖޭގައި ކަންހިނގާދިޔަ ބައެއް ގޮތްތަކުގެ ވާހަކަ ލިޔެވިފައި އޮންނާނެ.

ކަލާފާނުގެ ޒިޔާރަތަށް ޞަލަވާތް ކިޔެވުމަށްޓަކައި، ކަލާފާނު ޝަހީދުވުމަށްފަހު އެކިއެކި ރަސްރަސްކަލުން ވަޑައިގަންނަވާ. އެންމެބޮޑަށް، އެންމެ ރަސްމިއްޔާތުގައި އެންމެފަހުން ވަޑައިގެންނެވި އެއްރަސްކަލަކީ، މުޢިއްދީން ރަދުން. އެއީ، ސަތާރަސަތޭކައިގައި. ކަލާފާނު ޝަހީދުވީ މީގެ ހަތަރުސަތޭކަ އަހަރުކުރިން. ތޭރަސަތޭކަ ނުވަވަނަ އަހަރު މިދުވަހު. ކަލާފާނު ޝަހީދުވެފައިވަނީ މީގެ ހަތަރުސަތޭކަ އަހަރު ކުރީގައި. ކަލާފާނު ޝަހީދުވުމަށްފަހު ކޮންމެ އަހަރަކުވެސް އެއިރަކު ހުންނަވާ ރަސްކަލަކު، ކަލާފާނުގެ ޒިޔާރަތަށް ޞަލަވާތް ކިޔެވުމަށްޓަކާ މާލެއިން ދަތުރެއްގައި ފޮނުވާ. މީގެތެރެއިން އެންމެ މަޝްހޫރު އެއް ދަތުރަކީ، އަރިއަތޮޅު އަރުމާޒް ކިޔާ ދަތުރެއް. އެއީ، މާލެއިން ވަރަށްގިނަ އޮޑިފަހަރުގައި ރަދުންނާއެކުގައި ހަންޏާމީދޫއަށްގޮސް އެ ޒިޔާރަތުގައި ޞަލަވާތް ކިޔެވުމަށް ކުރެވުނު ދަތުރެއް.

ތިޔަކުދިންގެ މަދަރުސާ ނިސްބަތްވެފައި ބިނާވެފައި މިވަނީ، ވަރަށްގަދަފަދަ ދިވެހި ޝަޚްސިއްޔަތެއްގެ މައްޗަށް. އަދި ވަރަށްގިނަ ދިވެހިންގެ ހިތް، އެ ހާދިސާއަކަށް ހުއްޓުނު ހާދިސާއަކާ ގުޅިފައިވާ ރަދުންގެ ނަންފުޅުގެ މައްޗަށް.

އަޅުގަނޑު، މާގިނައިރު ތިޔަކުދިން މިތާ ބައިތިއްބާކަށް އަޅުގަނޑުގެ ވާހަކަ އެހާ ދިގެއް ނުކުރާނަން. އަޅުގަނޑުގެ ނަސޭހަތަކީ، އަޅުގަނޑުގެ ދުޢާއަކީވެސް، ތިޔަ ހުރިހާ ކުދިންވެސް ހިތްވަރު ކުރާށޭ. ކަންކަމުގައި ނާކާމިޔާބުވީކަމަށް ދޫކޮށް ނުލާނެކަމަށް. ނާކާމިޔާބުވީމާވެސް، ފުރަތަމަ ފަހަރުން ކާމިޔާބު ނުވިނަމަވެސް އަނެއްކާވެސް ހިތްވަރާއެކީގައި މަސައްކަތްކުރާނެކަމަށް. ދެގޮތެއް ނުވެ އެކުރަން ނިންމާ ކަންކަމުގައި އެއް ޢަޒުމެއްގައި، އެއް މިސްރާބެއްގައި އަބަދުވެސް ހުރިހާ ކުދިންވެސް ތިބޭނެކަމަށް. މޮޅުވުމަކީ ބައެއްފަހަރު ވާކަމެއް. އެއީ، އަބަދުވާކަމެއްނޫން. ގިނަފަހަރު މޮޅުވެސް ވެދާނެ. ބައެއްފަހަރު ދަށްވެސް ވެދާނެ. އަދި ބައެއްފަހަރު މޮޅުވާ ކުދިން އަނެއްބައި ފަހަރުފަހަރު ދަށްވެދާނެ. ކުރީގައި ދަށްވި ކުއްޖަކު ފަހުންމޮޅުވެސް ވެދާނެ. މޮޅުވުމަކީ ހަމަ ކޮންމެ ކުއްޖަކަށްވެސް ކުރެވޭނެކަމެއް. ހަމައެކަނި ބޭނުންވަނީ ހިތްވަރު. އަދި ގަވާއިދުން ތަރުތީބުން ކަންކަންކުރުން. އަބަދުވެސް އެކުރާ ކަމެއް އެކުރާ ގަވާއިދަކުން ކޮށްކޮށް ތިބުން.

އަޅުގަނޑަށް ޔަގީން، ކަލާފާނު ސްކޫލްގެ އެންމެހާ ދަރިވަރުންގެވެސް އުންމީދަކަށްވާނީ ތިޔަކުދިން މޮޅުވެގެން އެހެން މަދަރުސާތަކަށް ދިޔުން. ތިޔަކުދިންނަށް މި ދަތުރުގައި މި މަސައްކަތުގައި އެހީތެރިވެ ދިނުމުގައި އެންމެ ކުރީސަފުގައި ތިބޭނީ ތިޔަކުދިންގެ ޓީޗަރުން، ޕްރިންސިޕަލުން، ސްކޫލްގެ ވެރިން، އަދި ސްކޫލް ހިންގާ އެންމެހާ މުވައްޒަފުން. ޓީޗަރުންނާއި ސްކޫލްގެ ވެރިންނާ މުވައްޒަފުންނާއެކުގައި ތިޔަކުދިންނަށް އިތުރުއިތުރު ކާމިޔާބުތަކަށް ވާޞިލުވެވޭނެކަން، ދެވޭނެކަން އަޅުގަނޑަށް ހަމަ ޔަގީން.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ކުދިންނަށްވެސް މިއަދަށްވުރެ އަދި ފާގަތި ފަހި މާދަމައެއް ދެއްވުން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.