މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު

މުޙަންމަދު ޞާދިޤު - ޓީވީ މޯލްޑިވްސް

ކޯޕަންހޭގަން ބައްދަލުވުމަށް ތައްޔާރުވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރަމުން މިއަންނަނީ ދިވެހިރާއްޖެއަށް ރަނގަޅު ގޮތަކަށް ކޯޕަންހޭގަންގައި ކަންތައްތައް ނިމިގެންދާނެ ކަމަށް. ދެން އަޅުގަނޑު އުންމީދު ނަގައެއް ނުލަން. މީގައި މިވާން މިޖެހޭ ގޮތަކީ، މާހިރުން މިބުނަނީ މިހާރު ދުނިޔޭގެ ޖައްވުގެ ހޫނުމިން މިހުރިވަރަށްވުރެ އަދި ދެ ޑިގްރީ ކުރިއަށް މިއޮތް 50 އަހަރު މައްޗަށް ނުދާ މިންވަރަށް ޖައްވުގައި ކާބަން ބެހެއްޓޭނެ ގޮތަކަށް ކަންކަން ރޭވިއްޖިއްޔާ ރަނގަޅުވާނެއޭ. ދެ ޑިގްރީއަށްވުރެ މައްޗަށް ގޮއްސިއްޔާ ރާއްޖެފަދަ ޤައުމުތަކަށް ގެއްލުންވާނެ ވަރަށްބޮޑަށް. ދެން އޭގެއިތުރުން، މިކަމާ ގުޅިގެން ދިމާވާ ކަންކަމުން އަޅުގަނޑުމެން ސަލާމަތްކަން ހޯދުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުމަށް އިނގިރޭސި ބޮޑުވަޒީރު މިވަނީ ސަތޭކަ މިލިއަން ޕައުންޑްގެ ފަންޑެއް އެކުލަވާލަން ގޮވާލާފައި. ދެން އެ އުފެދިގެން އަންނައިރުގައި، އަޅުގަނޑުމެން ބޭނުން އޭގެ ބޮޑު ޙިއްޞާ ވެވޭނެ ގޮތަކަށް އެފަންޑުން އުފެދުން. އެހެންވީމާ، އެކަންކަމުގައި އަޅުގަނޑުމެންނަށް ހަމަ ވަރަށް އުންމީދު ކުރެވޭ ރަނގަޅަށް ކަންކަން ދާނެ ކަމަށް.

މުޙަންމަދު ޞާދިޤު - ޓީވީ މޯލްޑިވްސް

މިދަތުރުފުޅުގައި ކޮން ދާއިރާތަކަކާ ބެހޭގޮތަކުންތޯ ޝައުޤުވެރިކަން ފާޅުކުރެއްވީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނަށް މިފަހަރު ފެނުނީ މިސާލަކަށް 7 ފަރާތަކުން އެބައޮތް 6 ފަރާތަކުން އަޅުގަނޑަށް ހީވަނީ މިދަތުރުފަތުރުގެ ނިޒާމަށް ބިޑް ހުށަހަޅާފައި އިއްޔެގައި. ދެން އޭގެ ތެރޭގައި އަޅުގަނޑު މިދެކެނީ އިނގިރޭސި ކުންފުނި ވާކަން. ދެން ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުގައިވެސް އަޅުގަނޑުމެން މިއުންމީދުކުރަނީ އިނގިރޭސި ކުންފުނިތައް ވާނެ ކަމަށް. ދެން އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިއަންނަނީ ޖެނެރަލް އިލެކްޓްރިކްސް އެއީ އިނގިރޭސިވިލާތުގެ އެނަރޖީ ކުންފުންޏެއް ބޮޑު. އެބޭފުޅުން ރިނިއުބަލް އެނަރޖީ، މި އިޢާދަ ކުރަނިވި ހަކަތައިގެ ކޮންމެވެސް ކަހަލަ މަސައްކަތެއް ރާއްޖޭގައި ކުރައްވާތޯ. އަޅުގަނޑު މިއުންމީދު މިކުރަނީ މިދިމަދިމާލުން މިކަންކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމަށް.

މުޙަންމަދު ޞާދިޤު - ޓީވީ މޯލްޑިވްސް

ކޯޕަންހޭގަން ބައްމަނިކުފާނު ފުރާވަޑައިގަންނަވަމުން ވިދާޅުވި ސްވިޑްންއަށް ކުރެއްވި ދަތުރުފުޅުގައި ސްވިޑްންގެ އިސްވެރިން އެއްބާރުލުން ދެއްވާނެ ކަމަށް. އިނގިރޭސިވިލާތަށް މިކުރެއްވި ދަތުރުފުޅުގައި ކިހާވަރެއްގެ އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށް އެފަރާތުގެ ވެރިން ވިދާޅުވިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނާ އެކީގައި އެމީހުން ތިބޭނީ. އިނގިރޭސިވިލާތުގައި އެބޭފުޅުން ވާހަކަދައްކަމުން ގެންދާނީ އަޅުގަނޑުމެންނަށް އޭގެ ގެއްލުމެއް ނުވާގޮތަށް. އަޅުގަނޑުމެންނާ އެކީގައި ތިބޭނެ ކަމަށް އެބޭފުޅުން ވަރަށްބޮޑަށް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ޔަޤީންކަން އެރުވި. ޝުކުރިއްޔާ އިނގޭތޯ.

މާލޭ ރަސްމީ ފާލަން

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިދަތުރުގައި އަޅުގަނޑުމެން ތިން ހަތަރު ބާވަތެއްގެ މަސައްކަތެއް ކުރިން. ފުރަތަމަ ކަމަކަށް ކޯޕަންހޭގަންއަށް ޤައުމުތައް ދާންވާއިރަށް އަޅުގަނޑުމެންނަށް ބައެއް ޤައުމުތަކާ އެކީގައި އެކައްޗެއް ކިޔޭނެ އުޞޫލެއް ހޯދުން. ދެން ދެވަނަ ކަމަކަށް އެނގިވަޑައިގަންނަވާނެ އިނގިރޭސި ސަރުކާރުން މިއޮތީ ސަތޭކަ މިލިއަން ޕައުންޑްގެ އެޑަޕްޓޭޝަން ޕްރޮގްރާމަށް ފަންޑެއް އެކުލަވާލާ ވާހަކަ ދައްކާފައި. އަޅުގަނޑުމެން ބޭނުން އެފަންޑު އުފެދިގެން އަންނައިރުގައި ދިވެހިންނަށް އޭގައި ރަނގަޅު ގޮތަކަށް އޭގެ މަސައްކަތްތައް ހިނގަން. ދެން މިދަތުރު އަޅުގަނޑުމެން މިދިޔައީ އޮކްސްފޯޑް ޔުނިވަރސިޓީންނާއި ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަންގެ ދަޢުވަތަކަށް. ދެން އެބޭފުޅުން ހުރިހާ ކަމެއް ހަމަޖައްސަވައި ދެއްވާފައި. އޮކްސްފޯޑްގައި އަޅުގަނޑު ހަމަ އަނެއްކާވެސް މިކަމާ ގުޅިގެން އަޅުގަނޑުމެން ވާހަކަ ދެއްކިން. އިނގިރޭސި ޕާލަމެންޓްގައިވެސް އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން ވާހަކަދެއްކިން. ދެން އަޅުގަނޑުމެންނަށް ހަމަ ލަފާކުރެވެނީ އިރާދަކުރެއްވިއްޔާ ކޯޕަންހޭގަންގައި ދިވެހިރާއްޖެއަށް މީގައި ރަނގަޅު ގޮތަކަށް މިކަންކަން ހިނގައިދާނެއޭ.

އަޙްމަދު މުޙްސިން - ޖަޒީރާ ޑެއިލީ

ކޮބައިތޯ އެންމެބޮޑު ކާމިޔާބަކީ މިދަތުރުގެ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ފެންނަ ގޮތުގައި އިނގިރޭސިން މުޅިންވެސް ހަމަ އެންވަޔަރަންމަންޓާ ގުޅޭގޮތުން މޫސުމާ ގުޅޭގޮތުން އެބޭފުޅުން ދައްކަވާ ހުރިހާ ވާހަކައެއް ދައްކަވާނީ އަޅުގަނޑުމެންނާ މަޝްވަރާ ކޮށްފައި ކަމަށް އެބޭފުޅުން ސާފުބަހުން އަޅުގަނޑުމެން ގާތުގައި ވިދާޅުވި. ދެން އަޅުގަނޑުމެން ދެކެނީ އެއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް.

އަޙްމަދު މުޙްސިން - ޖަޒީރާ ޑެއިލީ

އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބުނު ކޮންމެވެސް ވަރަކަށް ވިޔަފާރިވެރިންނާ ކުންފުނިތަކާ ބައްދަލުކުރެއްވި ވާހަކަ. މިހާ އިޤްތިޞާދީ ހާލަތު ދަށް ދުވަސްވަރެއްގައި ކިހާވަރެއްގެ އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިދާނެކަމަށް ފެނޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެގޮތުން ބަލާއިރުގައި ޖެނެރަލް އިލެކްޓްރިކްސް ކިޔާ، ހަކަތަ އުފައްދާ އިނގިރޭސިންގެ ކުންފުންޏެއް. އެބޭފުޅުން މިހާރު އަޅުގަނޑު އުންމީދު މިކުރަނީ ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯއާ އެކީގައި އެއްބަސްވުމަކަށް އަންނާނެ ކަމަށް. ދެން އައިސްގެން އެބޭފުޅުން އެބާވަތަށް ހަކަތަ އުފައްދަން ފެށީމާ ވިދާޅުވޭ 75 މެގަރވޯޓުގެ ކަރަންޓު އެބޭފުޅުން އުފައްދާނަމޭ. އެގޮތަށް އުފައްދާ އެއަގުގައި ދެވެން ފެށީމާ، ކަރަންޓުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ. ދެން ހަމަ އެއާއެކީގައި ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ޓެންޑަރ އަޅުގަނޑުމެންނަށް ކާމިޔާބުކޮށް ދިޔައީ 6 ފަރާތުން އެއަށް ބިޑްކުރީ. އޭގެތެރޭގައި އިނގިރޭސިންގެ އެހީތެރިކަމާ އިނގިރޭސިން ކުންފުނި އޭގެތެރޭގައި ހިމެނޭ. ހަމައެހެންމެ، އަޅުގަނޑުމެން މިހަދާ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުގައިވެސް އިނގިރޭސިންގެ ކުންފުނިތައް ބިޑްކުރާނެ. އެހެންވީމާ އަޅުގަނޑުމެންނަށް އިނގިރޭސިވިލާތުގެ ކުންފުނިތަކާ އެކީގައި ގެންދެވޭ މަސައްކަތް ވަރަށް ބާރަށް ގެންދެވޭ. ދެން އަދި ހަމަ އޭގެ އިތުރުން، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިނގިރޭސިވިލާތުގައި ހިންގާ ވަރަށްބޮޑު ހަކަތައިގެ އަދި ފެނާއި ނަރުދަމާގެ މަސައްކަތްތަކެއް ހިންގިދާނެ ދާއިރާއެއް އީޑްން ޕްރޮޖެކްޓް. ދެން އަސްލަމް މަޑުކުރައްވައި އެހުންނެވީ އެތަނަށް ގޮސްސަ އެކަމާގުޅޭ އެންމެހާ ކަންކަން ނިންމަވާފަ ދެން އަސްލަމް މިކޮޅަށް ވަޑައިގަންނަވާނެ. ދެން އެހެންވީމާ އަޅުގަނޑު މިދެކެނީ އީޑްން ޕްރޮޖެކްޓް މެދުވެރިކޮށްގެންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަން ލިބޭނެއޭ. ދެން ނަގުދު ފައިސާއިންވެސް އަޅުގަނޑު އެދުނިން ކޮންމެވެސް ވަރަކަށް ރުފިޔާ ދެއްވާށޭ ޖެހޭނީ. އެހެންނޫނިއްޔާ ދަތިވެއޭ. ދެން އެބޭފުޅުން ވިދާޅުވީ ތިޔަކަންވެސް އެހެންވޭތޯ ބަލާނަމޭ. ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ބޮޑަށް އިނގިރޭސިވިލާތުގައި ޙަޤީޤަތުގައި އެމް.ޑީ.ޕީ.އާ ސަރުކާރާ ސަރުކާރާ ވަރަށްބޮޑު ގުޅުމެއް އޮވޭ. އެކަމު އެމް.ޑީ.ޕީ.އާ އެންމެބޮޑު ގުޅުމެއް އޮންނަނީ ކޮންޒަރވޭޓިވް ޕާޓީއާ. ދެން އަޅުގަނޑުމެންނަށް އެމަގުން ލިބޭނެ ކާމިޔާބުތައްވެސް ހަމަ ވަރަށްބޮޑުވާނެ. އިރާދަކުރެއްވިއްޔާ ބަޖެޓް ހަމަނުޖެހިގެންދާ ތަނެއްގައި އަޅުގަނޑުމެންނަށް ބަޖެޓް ހަމަޖެއްސޭނެ.