ގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުން މިއަންނައިރުގައި، ޚާރިޖީ ސިޔާސަތު، އަޅުގަނޑުމެން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެ މިހާރު އަދާކުރަމުންދާ ދައުރު މިދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުން. ކުރިއަށް މިއޮތް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތު، ނައިބު ރިޔާސަތުގެ ގޮތުގައި ބެލެހެއްޓުންވެސް މިފަހަރު މިއޮތީ ދިވެހިރާއްޖެއަށް. އަދި ކޯޕަންހޭގަންގައި މިއޮތް މޫސުމަށް އަންނަ ބަދަލާ ގުޅޭ ސަމިޓުގެވެސް ވަރަށް އިސް ދައުރެއް ދިވެހިރާއްޖެއިން އެބަ ކުޅެންޖެހޭ. މިހެންގޮސް ރާއްޖެއިން ބައިނަލްއަޤްވާމީ މަސްރަޙުގައި އަދާކުރަން ޖެހިފައިވާ ދައުރު މިހާރު ކުރިއަށްވުރެ މިހާރު ބޮޑު. މި ސަބަބުތައް މިހެން ހުރުމާ އެކީގައި، ބައެއް ބާވަތުގެ މުހިންމު ތަޤްރީރުތައް ނުވަތަ މުހިންމު ޖަލްސާތައް ބޭއްވޭ ތަންތަނުގައި ރާއްޖެ އެބަ ތަމްސީލުވާންޖެހޭ. މިފަހަރު އަޅުގަނޑުމެން މިދަނީ، އޮކްސްފޯޑް ޔުނިވަރސިޓީގައި އޮންނަ ބައްދަލުވުމަކަށް. އެއީ، އެނގިވަޑައިގަންނަވާނެ، އެމެރިކާގެ ކުރީގެ ރިޔާސީ ކެންޑިޑޭޓެއް އަލްގޯ، އެބޭފުޅާ ގެންގުޅުއްވާ ފޯރަމަކުން ބާއްވަވާ ބައްދަލުވުމެއް. އެއީ، އިޤްތިޞާދާއި، މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން މަޝްވަރާ ކުރުން. ހަމައެހެންމެ، އިނގިރޭސި ޕާލަމެންޓްގައި ދިވެހިރާއްޖެއަށް އެބައޮތް ފުރްޞަތެއް. އެޕާލަމެންޓް މެންބަރުންނަށް މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން މަޢްލޫމާތު ދިނުން. މައިގަނޑު ގޮތެއްގައި މިދެބައްދަލުވުން ހިނގާނީ.
އޭގެއިތުރުން، ހަމަ މިހާރުވެސް ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާ ވާހަކަ ދެއްކުން އޮންނާނެ. އެނގިވަޑައިގަންނަވާނެ، އެންމެފަހުން އިނގިރޭސިވިލާތަށް އަޅުގަނޑުމެން ކުރި ދަތުރާ ގުޅިގެން، ބްރިޓިޝް އެއަރވޭޒްގެ ފަރާތުން ބްރިޓިޝް އެއަރވޭޒް މިއަންނަ އޮކްޓޯބަރު މަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް އޮންނަ ގޮތަށް، ޝެޑިއުލް ދަތުރު އޮންނަ ގޮތަށް އިރާދަކުރައްވައިގެން މިހާރު މިވަނީ ހަމަޖެހިފައި. އެހެންވީމާ، މިކަންކަމާ ގުޅޭގޮތުންވެސް އަދި އިތުރަށް އަޅުގަނޑުމެންނަށް ލިބެންހުރި ފުރްޞަތުތަކާ ގުޅޭގޮތުންވެސް މިދަތުރުގައި އަޅުގަނޑުމެންނަށް ވާހަކަ ދެކެވޭނެ. މީގައި ސަރުކާރުގެ ދައުލަތުގެ ވަޒީރުން ވަޑައިގެންނެވުންވެސް ވަރަށް މުހިންމު. ހަމައެއާއެކީގައި، ބޮޑު ބަދަލެއް އާދޭ، އެއްވެސް ސަރުކާރެއްގެ އެންމެ މަތީ ވެރިޔާ، ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް، އެކިއެކި ފަރާތްތަކާ މަޝްވަރާކޮށް ހެދުން. އެހެންވީމާ، މިކަންކަން އަޅުގަނޑުގެ މިދަތުރުގެ މައިގަނޑަކީ.



އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

މަނިކުފާނު އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި، ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމުގައި، އިނގިރޭސިވިލާތުން އެހީ ލިބޭނެ ކަމަށް ވިދާޅުވެފައިވޭ. މިދަތުރުފުޅުގައި އެކަމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ، އެ ޓެންޑަރިންގ ޕްރޮސެސް މިހާރު މިދަނީ ހިނގަމުން. އޭގައި ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި ފުރަތަމަ އިޢްލާނު ކުރެވުނީ. އެއަށްފަހު އެފަރާތްތަކަށް އަޅުގަނޑުމެންނަށް ފޮނުވުނީ، އެމީހުން ފޮނުވާނެ ބިޑެއް. ފޮނުވަންވީ ގޮތުގެ އެއީ ރިކްއެސްޓް ފޮރ ޕްރޮޕޯސަލެއް. ދެން މިހާރު އަޅުގަނޑު ހަނދާންވާ ގޮތުގައި، ޖުލައި މަހު 7 ގައި ޓްރާންސްޕޯޓްގެ އެ ޕްރޮޕޯސަލް ހަމަވޭ. މި ހަމަވީމާ ދެން އެކަމަށް ޝައުޤުވެރިކަން ފާހަގަކޮށްފައި ހުރި ފަރާތްތައް، އެ ބިޑް ކުރާ ފަރާތްތައް، އަޅުގަނޑުމެންނަށް އެނގޭނެ. ދެން އެފަރާތްތަކުގެ ތެރޭގައި ބައެއްފަހަރަށް ބޮޑެތި ކުންފުނިތައް، މި ބިޑިންގ ޕްރޮސެސްގައި ބައިވެރިވުމަކަށް ނޭދޭ. އެހެން ނަމަވެސް، މިފަހަރު މި ޓްރާންސްޕޯޓަށް އަޅުގަނޑުމެން މި ލަފާ މިކުރަނީ، މަދުވެގެން ތިން ފަރާތެއް ބިޑް ކުރާނެ ކަމަށް، ދަތުރުފަތުރުގެ ނިޒާމަށް. ދެން އެކުރާއިރުގައި، ބޮޑެތި ކުންފުނިތަކުން ޙަޤީޤަތުގައި ކުރަނީ ކޮންޑިޝަނަލް ބިޑިންގއެއް، އެމީހުން އިތުރަށް އެކަމާ ވާހަކަ ދައްކައިގެން ކަންކަން ހިމުންކޮށްގެންދާނެ. އެހެންވީމާ، އިނގިރޭސިވިލާތުގެ ބޮޑު ކުންފުންޏެއް އެބަ ޝައުޤުވެރިވޭ އެކަމަށް. އެހެން ނަމަވެސް، މި ބިޑިންގ ޕްރޮސެސްއިން އަޅުގަނޑުމެންނަށް ބަޔަކު ކަނޑައެޅިއްޖިއްޔާ، ދެން އެކުންފުނި އަދި ބޮޑުކަމުގައިވިޔަސްވެސް، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ، އެކުންފުނި ނަގަން. އަޅުގަނޑުމެން އެބޭފުޅުންނަށް ދެންނެވިން، މި ބިޑިންގ ޕްރޮސެސްގައި އެބޭފުޅުންވެސް ބައިވެރިވޭ. އެހެން ނަމަވެސް، އެބޭފުޅުން ބިޑިންގ ޕްރޮސެސްގައި ބައިވެރިވާއިރުގައި، މި ކޮންޑިޝަނަލް ބިޑިންގއެއްގައި އެބޭފުޅުން އުޅުއްވަނީ. އެންމެފަހުން އައިސް އެކަމުން ޙަޤީޤަތުގައި އެންމެ ރަނގަޅު ގޮތްތަކެއް ސަރުކާރަށް ލިބެނީ އެބާވަތުގެ ބޮޑެތި ކުންފުނިތަކުން ކަމަށް އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވެނީ. އެހެންވީމާ، އެވާހަކަތައް ދެކެވޭނެ މިފަހަރުވެސް. އަޅުގަނޑު އެބައޮތް ޕްރިންސް އެންޑްރޫއާ ބައްދަލުކުރުން. އެނގިވަޑައިގަންނަވާނެ، ޕްރިންސް އެންޑްރޫއަކީ އިނގިރޭސިވިލާތުގެ ފޮރިން އިންވެސްޓްމަންޓާއި ޓްރޭޑާ ގުޅޭ ރޯޔަލް އެމްބެސެޑަރެއް. އެހެންވީމާ، އެބައްދަލުވުމުގައި އަދި އިތުރަށް އަޅުގަނޑުމެންނަށް މިވާހަކަ ދެކެވޭނެ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

މަނިކުފާނުގެ މިދަތުރުފުޅާ ގުޅިގެން، އަޅުގަނޑުމެން ދެކަމެއް އެބަ ފާހަގަކޮށްލަންޖެހޭ. މިސާލަކަށް، ޚާރިޖީ ގޮތުން ބަލާއިރުގައި ޔޫ.އެން.ގެ ގޮނޑިތަކަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ދުވަސްވަރެއް. ދެން ޛާޚިލީ ކަންތައްތަކަށް ބަލާއިރުގައި އަޅުގަނޑުމެންގެ ރިޔާސީ ކޮމިޝަނަށް ބޭރުގެ އިންޓެލިޖެންސް އެހީ ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ވަގުތެއްކަން ފާހަގަކުރެވޭ. އެހެންވީމާ، މިދެކަންތަކާ ދޭތެރޭގައި މަނިކުފާނު ކިހާވަރެއްގެ ސަމާލުކަމެއް ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އިނގިރޭސިވިލާތުގެ ސީރިއަސް ފްރޯޑް އޮފީހުގައި އަޅުގަނޑުމެން އެދިފައިވާނެ، މި އިންވެސްޓިގޭޝަން ހިނގަމުންދާކަން. އަޅުގަނޑުމެން މިހާރު ފުލުސް އޮފީހުގެ އެކަންކަން ހިންގުމުގައި އަޅުގަނޑު އެބަގެންގުޅެން ބްލޫ ޕްރިންޓެއް. ނުވަތަ ސްޓެންސިލެއް. އެއީ، އެނގިވަޑައިގަންނަވާނެ، މި ދާދި ފަހަކުން އަޅުގަނޑުމެންނަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ސްކޮޓްލަންޑް ޔާޑުން ބޭފުޅަކު ވަޑައިގެން، އަޅުގަނޑަށް އޮތީ ރިޕޯޓެއް ދެއްވާފައި. ދެން މައިގަނޑު ގޮތެއްގައި ހުރީ ތިންބާވަތެއްގެ އިންވެސްޓިގޭޝަން އެންމެ މުހިންމު ގޮތެއްގައި ފާހަގަވާ. އެއީ ޑްރަގްގެ ވިޔަފާރިއާއި، ކުޑަކުދިންގެ މައްސަލަތަކާއި، އަދި ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެފައިވާ މައްސަލަތައް. އެހެންވީމާ، މި ތިންބާވަތުގެ މައްސަލަތައްވެސް އިންވެސްޓިގޭޓް ކުރުމަށް ޒަމާނީ ޢިލްމާއި ޒަމާނީ ގޮތްތައް ހޯދުން އެއީ، އަޅުގަނޑުމެން ބޭނުން ކަމެއް. އަދި އެކަމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިދަތުރުގައިވެސް އެކަމުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ.

ޢަބްދުއްއްލަޠީފް އާދަމް – މިއަދު ނޫސް:

ޔޫ.އެން ކަންތައް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޔޫ.އެން. ގެ ގޮނޑިއަށް އަޅުގަނޑުމެން ވާދަކުރަމުން މިދަނީ އިނގޭތޯ. އެއީ، ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑިއަށް އަޅުގަނޑުމެން ވާދަކުރަމުން މިދަނީ، އޭޝިއާގެ ތިން ޤައުމަކާ އެކީގައި. އަޅުގަނޑުމެންގެ އެއްކަލަ ލޮބީ ރަނގަޅުވާނެ. އަޅުގަނޑުމެން ޤައުމުތަކާ ރަނގަޅަށް ވާހަކަ ދައްކާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަން ކާމިޔާބުވާނެ. ކުރީގައި ސްވިޑްންއަށް ދިޔަ ދަތުރުން ސްވިޑްން ސަރުކާރުން އަޅުގަނޑުމެންނަށް މިކަން ކޮށްދިނުމަށް، އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ވިދާޅުވި. ދެން ހަމަ އެއާއެކީގައި އަޅުގަނޑު އިނގިރޭސި ސަރުކާރުގެ ކިބައިވެސް އެދޭނަން. އަޅުގަނޑުމެންނަށް ލަފާކުރެވެނީ، ދެން މީގައި ތައިލެންޑާއި މެލޭޝިޔާވެސް އެބަވޭ. އިނގިރޭސި ސަރުކާރުން އަޅުގަނޑުމެން އެދޭނަން، އަޅުގަނޑުމެންނަށް މިކަން ކޮށްދެއްވުމަށް. އަޅުގަނޑު އުންމީދު ކުރާނީ، އެބޭފުޅުން އަޅުގަނޑުމެންނަށް މިކަން ކޮށްދެއްވާނެ ކަމަށް.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު ދެސުވާލެއް. ފަހަރުގައި ދަތުރާ ތަންކޮޅެއް ދުރަށް ހިނގައިދާނެ. ފުރަތަމަ ސުވާލަކީ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކޮންކަހަލަ ތަފާތުތަކެއްތޯ އަންނާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެންނެވިން، ކުރީފަހަރުގެ ދަތުރުން ”ބީ“ އެއް އަޅުގަނޑުމެންނަށް ގެނެވުނީ އިނގޭތޯ. ދެން މިހާރު ގޯޑްން ބްރައުންވަނީ ސަތޭކަ ބިލިއަން ޑޮލަރުގެ އެޑަޕްޓޭޝަން ޕްރޮގްރާމެއް ނުވަތަ މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން ދިމާވާ ކަންތައްތައް ޙައްލު ކުރުމަށްޓަކައި ފަންޑެއް އުފައްދަވާ ވާހަކަ ވިދާޅުވެފައި. ދެން އަޅުގަނޑުމެން ބޭނުން، އެކަން ހިނގާ ގޮތުގެ ތެރެއަށް އެއީ، ހިންގަން ފެށުމުގެ ކުރީގައި، އެ ފަންޑް އެކުލަވާލެވޭގޮތާއި، އަދި އެއިން ފައިސާދެވޭގޮތާ، މިކަންކަމުގެ ތެރެއަށް އަޅުގަނޑުމެންނަށްވީ އެންމެ ބޮޑު މިނަކަށް ބައިވެރިވާން. އޭރުން އަޅުގަނޑުމެންނަށް މިއިން ރަނގަޅު ނަފާއެއް ލިބިގެންދާނީ. ދެން ހަމަ އޭގެއިތުރުން، އިންވެސްޓްމަންޓް އަދި ޓޫރިސްޓުން ރާއްޖެ އައުމަށް، މިކަންކަމަށް އަޅުގަނޑުމެން ބާރުއަޅަން ބޭނުން. އެނގިވަޑައިގަންނަވާނެ، މިހާރު ވަރަށްގިނަ ޗޭނުތައް ރާއްޖެއަށް އެބައާދޭ. ހިލްޓަން އާއި، ވެސްޓަން އާއި، ބަނިއަން ޓްރީވެސް. ދެން މިކަހަލަ ބައިވަރު ފޯރ ސީޒަންސްއާ. މިކަހަލަ ބައިވަރު ޗޭނު އެބަހުރި. ރާއްޖެ އާދޭ އެބަ. ދުނިޔެއަށް މަޝްހޫރު ހޮޓާ ޗޭނުތައް. އޭގެ ބޭފުޅުންނާ ވާހަކަ ދައްކާ ހެދުން މުހިންމު. އަޅުގަނޑަށް ޚަބަރެއް ލިބިފައި އޮތީ، ހެރެތެރެއަށް ދެން އަޅުގަނޑުމެން އެބަ ވަރަށް ބޮޑަށް މަސައްކަތް ކުރަން ބޭނުން. އައްޑުއަތޮޅަށް ޗާޓަރު ފްލައިޓް ގެނައުމަށާއި، އަދި ހެރެތެރެ ރަނގަޅަށް، އަވަހަށް ވީހާވެސް ބާރަށް ހިންގާން ފެށުމަށް. ހެރެތެރެ ހުއްޓިފައި އޮއްވާ ކުޑަ ދައްޗެއްވަނީ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މިކަން ވަރަށް ބާރަށް ހިންގޭނެ. އަޅުގަނޑުމެންނަށް އިނގިރޭސިވިލާތުގެ ތޯމަސް ކުކް ބޮޑު ޓުއަރ އޮޕަރޭޓަރުން. އެއީ އެންމެބޮޑު. އެބޭފުޅުންގެ އިޝާރާތެއްވެސްވެފައި ވަނީ އެބޭފުޅުން ޝައުޤުވެރިވާ ކަމަށް.


އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެން އަޅުގަނޑު ދެވަނަ ސުވާލަކަށް ދަންނަވާލަން އޮތީ، ކުރީގެ ސަރުކާރުގެ ވަޒީރެއް ކަމަށްވާ ޢަބްދުﷲ ޔާމީން ރިޔާސީ ކޮމިޝަނުން އެންގުމުން ޙާޒިރުވެވަޑައިނުގެންނެވި. އެކަމާ މަނިކުފާނު ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟ އެންމެފަހުން ފުލުސް އޮފީހުން އެންގެވީމާ، އެމަނިކުފާނު ވަޑައިގެންފި. އެހެން ނަމަވެސް، މަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޙާޒިރުވެވަޑައިގަންނަވާކަށް ޔާމީން ބޭނުންފުޅެއްނުވި. ދެން ކޮންގޮތަކަށްތޯ މަނިކުފާނު ވިސްނުންފުޅު ގެންގުޅުއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޔާމީން ދެން އެހެން ހައްދަވާތީ އަޅުގަނޑު އެހާ ހިތްހަމައެއްނުޖެހޭ. ދެން ޔާމީންގެ ކިބައިން އަޅުގަނޑު ދެން އެދެނީ އެހެން ނަހައްދަވާށޭ. ހަމަ ވަޑައިގެން، އެއޮތް އެއްޗެއް އޮތް ގޮތަކަށް ވިދާޅުވީމާ ނިމުނީއޭ. އެކަމަކުން ކޮންމެހެންނެއް އެއްކިބާވެވަޑައިގަންނަވާނެ ކަމެއްނެތޭ. އަޅުގަނޑަށް ހަމަ ޔާމީނަށް އެރުވޭނެ ލަފައަކީ، ވަޑައިގެން، އެ އޮތް އެއްޗެއް އޮތް ގޮތަކަށް ވިދާޅުވެދެއްވާށޭ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެން ޤާނޫނީ މައްސަލައެއް އޮތް ކަމަށް ވިދާޅުވި.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަކަށް ހިއެއްނުވޭ ދެން ޤާނޫނުއަސާސީ ވަރަށް ސާފު. ހަމަ ވަރަށް ބޮޑަށް ސާފު. މިސާލަކަށް އެވިދާޅުވަނީ، އެކަމާ ގުޅޭ ޤާނޫނެއް ހެދިފައެއްނެތޭ. ޤާނޫނުއަސާސީގައިވާނެ، ޤާނޫނެއްގެ ދަށުން ކުރަންޖެހޭ ކަންތައްތައް. ޤާނޫނުއަސާސީގައި ބުނެފައި އޮންނާނެ ޤާނޫނުގައިވާ ގޮތުގެ މަތިން މިވެނި މިވެނި މިވެނި މިވެނި މިވެނި ކަންތައްތަކެއް ކުރެވޭނެއޭ. އެހެން ނޫނިއްޔާ ހުންނާނީ ހަމަ ސީދާ އަސާސީ ފަންޑަމެންޓަލް ޙައްޤު ނުވަތަ ޒިންމާތައް. އޭގައި ނުބުނާނެ ޤާނޫނުގައިވާ ގޮތުގެ މަތިންނޭ ބުނެފައެއް. ދެން އެނގިވަޑައިގަންނަވާނެ، އެއްވެސް ކޯޓެއް ހަދަންވެސް ޤާނޫނެއް ނެތްކަން. ދެން އޭގެ މާނައަކީ ކޯޓެއް ނެތުންތޯ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ހިއެއްނުވޭ، އެއީކީއެއް ޤާނޫނު މާނަކުރާ ގޮތެއްހެނެއްވެސް. އަދި ޤާނޫނީގޮތުން ކަންކަމާ ގުޅޭގޮތުން ދެކޭގޮތެއްހެންނެއްވެސް. ދެން މިކަމުގައިވާގޮތަކީ އިނގޭތޯ ކޮންމެ ބޭފުޅަކުވެސް މާބޮޑު ޤާނޫނީ ބޭފުޅަކަށްވެވަޑައިގަންނަވަނީ. ދެން ވެވަޑައިގަންނަވާއިރުގައި، ރާއްޖޭގެ ޘަޤާފަތް، މިދިޔަ ދިގު ޒަމާނުގައި އޮތީކީއެއް ޤާނޫނީ ދައުލަތެއް ހިންގުމުގައެއް ނޫން. އަދި ގިނަ ބޭފުޅުންނަށް އުޅުއްވެވުނީވެސް އެ ޘަޤާފަތުގެ ތެރޭގައި. ދެން ޤާނޫނުއަސާސީ ހެއްދެވުމުގައި އުޅުއްވި ބޭފުޅުންކޮޅެއް އެބަ އުޅުއްވާ. ދެން އެބޭފުޅުންވެސް ވަރަށް ބޮޑަށް ދެކިވަޑައިގެން މިތިއްބަވަނީ، އެބޭފުޅުންނަކީ ޤާނޫނީ މާހިރުން ކަމުގައި. ދެން އެކަމަކު އަޅުގަނޑަށް ފެންނަނީ ތަންކޮޅެއް ހަމަ ވިސްނުމެއްގައި ކަންކަން ވިސްނުމަށް.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ވަރަށް ކުރުކުރުކޮށް އެއްޗެއް ދަންނަވާލާނަން އިނގޭތޯ. އިއްޔެއަށްފަހު ލިބުނު ފުރަތަމަ ފުރްޞަތުވީމާ، މަނިކުފާނު އަރިހުގައި ދަންނަވާލަންޖެހޭ، އިއްޔެ ފުލުހުން ހޯދި ކާމިޔާބީއަށް އަޅުގަނޑު މަނިކުފާނަށް މަރްޙަބާ ދަންނަވަން. މަނިކުފާނުގެ އެއްވެސް ބަސްފުޅެއް މިކަމުގައި އަޅުގަނޑުމެންނަށް އިވިގެން ނުދާތީ، ކޮންމެވެސް ބަސްފުޅެއް ވިދާޅުވެދެއްވަފާނަންތޯ؟ ރައްޔިތުން ވަރަށް ބޭނުންވާނެކަންނޭނގެ މިބަސްފުޅު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ދެން ވަރަށް ހިތްހަމަޖެހޭ. އެހެން ނަމަވެސް އަދި އެއީ އަޅުގަނޑު ދެކެނީ ކުޑަ މިންވަރެއް ކަމަށް. މާބޮޑު މަސައްކަތް ކުރަން އެބަޖެހޭ. މާބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ އިނގޭތޯ. ސަރވޭލިއަންސްގެ މަސައްކަތްވެސް އަދި ހޯދުމުގެ މަސައްކަތްވެސް. ވިސްނުމުގެ މަސައްކަތްވެސް. އެކަންވާގޮތާ ގުޅޭގޮތުން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅަށް ދެނެގަނެ، ކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން. ދެން އަޅުގަނޑަށް ފެންނަނީ ބޮޑެތި ކުށްވެރިން މިކަމުގެ ވިޔަފާރީގައި ބައިވެރިވާ މީހުން. އެމީހުން ހޯދައި، އެމީހުންގެ ވިޔަފާރިއަށް ހުއްޓުމެއް ގެނައުން. ދެން މިކަހަލަ ކަންތައްތައް ހިނގަމުންދާއިރުގައިވެސް ހަމަ އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ، ކޮންމެ މީހަކަށްވެސް ކުށުގެ ތުހުމަތުން ބަރީއަވުމުގެ ޙައްޤު އޮންނާނެކަން. ޤާނޫނީ ވަކީލުންގެ އެހީ ހޯދޭނެކަން. އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެވޭނެކަން. އަދި އެއްވެސް މީހަކަށް ލާއިންސާނީ އަދަބެއްވެސް ނުދެވޭނެ. އެހެންވީމާ، ވަރަށް ރަނގަޅަށް ފުލުހުންނަށް މިކަން ކުރެވުނީމާ، މިޒަމާނުގައި އަޅުގަނޑުމެންގެ މި ޤާނޫނުއަސާސީ މިއޮތްގޮތަށް އަދި އަޅުގަނޑުމެން މިއެދޭ ހެޔޮވެރިކަމުގެ އުޞޫލަށް ކަންކަން ޝަރީޢަތަށްވެސް ސާބިތު ކުރެވޭނީ. އެހެންވީމާ، އެމަގަށް މިދަނީ. އަޅުގަނޑު ހިތްހަމަޖެހޭ މިމަސައްކަތް ހިންގުނުގޮތާ ގުޅޭގޮތުން. ދެން އަޅުގަނޑު ހަމަ ފުލުހުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން ބޭނުން. އަޅުގަނޑު ހަމަ އެވަގުތު ޖިނާހާވެސް ގުޅިން. ގުޅައި ޖިނާހަށްވެސް މަރްޙަބާ ދެންނެވިން. އަދި މުނީރަށްވެސް އަދި ފަސީޙަށްވެސް. މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި އަދި އޭގެ ދަށުން ޙަރަކާތްތެރިވި އެތައް ބޭފުޅުންނެއްވެސް. ދެން ވަރަށް ބުރަ މަސައްކަތްތަކެއް އެބޭފުޅުން އެކުރައްވަނީ. އަޅުގަނޑު ވަރަށް ބޮޑަށް އެބޭފުޅުންނަށް ތަޢުރީފު ކުރަން. ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ހަމަ ދުވަހުން ދުވަހަށް ފުލުހުންގެ މަސައްކަތްތައް މިދަނީ ރަނގަޅުވަމުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!