بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ތިޔަ ތިންބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން ތިޔަ ތިން ބޭފުޅުންނަށްވަނީ މަޖިލީހުގެ މެންބަރުން ރުހުން ދެއްވާފައި. ޤާނޫނުއަސާސީއާއި، ރާއްޖޭގެ ޢާންމު އުޞޫލުތަކާއި އަދި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށް އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދޭ. އެ ސަބަބަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މިކަން ކޮށްދިނުމަށް މިއެދެނީ.

އަޅުގަނޑު ވަކިވަކިން ދަންނަވާނަން. ޚާއްޞަކޮށް، މުޙަންމަދު ޝިހާބް. ހޯމްއެފެއާޒްގެ މަސައްކަތް ބަލަހައްޓަވައިދެއްވުމަށް މިއެދެނީ، މިހާރުގެ ޤާނޫނުއަސާސީ ލާޒިމް އެބަކުރޭ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި އަދި ވެރިކަމުގެ އެންމެހާ ކަންކަން އެމަގުން ގެންދިޔުމަށް. އެހެންވީމާ، ހޯމްއެފެއާޒްގެ މަސްއޫލިއްޔަތު މިއަދު މިވަނީ މި އިތުރު މަސްއޫލިއްޔަތާ ވަރަށް ބޮޑަށް ގުޅިފައި. އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު. ޤާނޫނާއި ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް މިކަން ކުރައްވަމުން ގެންދަވާނެ ކަމަށް.

ބަންޑާރަނައިބުގެ ދައުރު އަޅުގަނޑުމެން އެއްވެސް ބޭފުޅަކަށް އޮޅިފައެއް ނުވޭ. އަނެއްކާވެސް ހަމަ ދަންނަވަން އޮތީ، ޚާއްޞަކޮށް މިއަދު އަޅުގަނޑުމެންގެ މިއަދުގެ މާޙައުލުގައި، އާ ޤާނޫނުއަސާސީ ތަންފީޒު ވަމުންދާއިރުގައި، ޤާނޫނުއަސާސީގެ އެކިއެކި ސިފަތައް ދަމަހައްޓައި، ކުރިއަރުވައި ހެދުން އެއީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. އެކަން އަދާކުރުމުގައި، ސުޢޫދުގެ އެހީތެރިކަން މި ސަރުކާރަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެކަމީ ަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.

މަޙްމޫދު ރާޒީގެ ކިބައިން އަޅުގަނޑުމެން އެދެނީ، ސަރުކާރަށް އެންމެ ރަނގަޅު ގޮތެއްގައި، އޭވިއޭޝަންގެ ދާއިރާ ތަރައްޤީކޮށް ކުރިއަށް ގެންގޮސްދެއްވުމަށް. އަދި ހަމަ އޭގެއިތުރުން، ސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެއް ނުވަތަ ވަރަށް އަހަންމިއްޔަތުކަންދޭ ސިޔާސަތެއް، މި ޢާންމު ވިޔަފާރިއާ އެކީގައި ޙިއްޞާވާގޮތަށް ސަރުކާރުގެ ތެރޭގައި ވިޔަފާރީގެ އުޞޫލުން ހިންގެން ހުރި ކަންކަން ފާހަގަކޮށް، އެކަންކަން ވިޔަފާރީގެ އުޞޫލުން ހިންގުމަށް މަސައްކަތް ކޮށްދެއްވުން. އަޅުގަނޑު މަޙްމޫދު ރާޒީގެ ކިބައިން އެކަމަށް އިޚްލާޞްތެރިކަމާއެކު އެދެން. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދޭ، އެކަން ތިޔަބޭފުޅުންނަށް ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް އެކަން ކޮށްދެއްވާނެ ކަމަށް.

ބާރީގެ ކިބައިން އަޅުގަނޑު މިއެދެނީ، ރާއްޖޭގެ ހޮސްޕިޓަލްތަކާއި އަދި ހެލްތް ދާއިރާގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއަރުވައި ހެދުމުގައި، ހެލްތް މިނިސްޓަރަށް އެހީތެރިވެވަޑައިގެން، އެބޭފުޅާއާ އެކުގައި އެކަންކަން ތަރައްޤީކޮށް ކުރިއަށް ގެންގޮސްދެއްވުން.

އާދެ! ހުރިހާ ބޭފުޅުންނަށްވެސް އަނެއްކާވެސް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން.