بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

”ޔުނެސްކޯ އެވޯޑް އޮފް އެކްސަލަންސް ފޮރ ހޭންޑީ ކްރާފްޓް 2008“ މި އެވޯޑް މިއަހަރު ލިބިވަޑައިގަންނަވާ އެއްބޭފުޅަކީ މައިޒާން އާދަމް މަނިކު. އެނގިވަޑައިގަންނަވާނެ، އާދަމް މަނިކުގެ ހޭންޑީ ކްރާފްޓް މަސައްކަތް. އެބޭފުޅާ އެމަސައްކަތް ހިންގަވަމުން ގެންދަވާތާ މިހާރު ދުވަސްތަކެއް ވެއްޖެ. މާލޭގަޔާއި އަދި އެއަށްފަހު ވިލިނގިލީގަޔާއި އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅުގަނޑުމެންގެ އެކިއެކި މަސައްކަތްތެރިކަން, ޚާއްޞަކޮށް، ލިޔެލާ ޖެހުމާއި އަތްކަން ކުރުމާއި، މިބާވަތުގެ ތަކެތި ތައްޔާރު ކުރުމާއި، އެމަސައްކަތްތެރިކަން އެބޭފުޅާ ތަރައްޤީ ކުރައްވަމުން، އެކަން ކުރައްވަމުން ގެންދަވާތާ މިހާރު މިވަނީ ދުވަސްކޮޅެއްވެފައި. މިއަދު މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ދިވެހިރާއްޖެއަށް ލިބޭ ޝަރަފެއް. އާދަމް މަނިކަށް މިކަމުގައި ޔުނެސްކޯއިން އެބޭފުޅާގެ މަސައްކަތް ފާހަގަކުރެއްވުން. މިއެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދަށް އަމާޒުކޮށް މައިގަނޑު ހަތް ދާއިރާއަކަށް ޔުނެސްކޯއިންދޭ އެވޯޑެއް.

އެހެންވީމާ، އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ، މިއުފާވެރި ޙަފްލާގައި ތިޔަބޭފުޅުން ބައިވެރިކުރުމަށްޓަކައި. ދެން އެއަށްފަހު، ބައެއް ބާވަތުގެ ސުވާލު ތިޔަބޭފުޅުން ކޮށްލައްވަން އޮތިއްޔާ އަދި އެކަމަށްވެސް ފުރްޞަތު އެރުވުމަށްޓަކައި. ކުޑައެއްޗެއް ދަންނަވާލުމުގެ ފުރްޞަތު އަޅުގަނޑު ލަސްނުކޮށް އާދަމް މަނިކަށް އަރުވާނަން. ދެން އެއަށްފަހު، ތިޔަބޭފުޅުން އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މިކަމާ ގުޅޭ ކުޑަކުޑަ ވީޑިއޯއެއް ބައްލަވާލައްވާނެ.

ޝުކުރިއްޔާ!