بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ޙަޤީޤަތުގައި ދައްކަން ހުރި ވާހަކައިގެ ގިނަ ވާހަކަތައް، ދެންމެ އިސްކަންދަރު ސްކޫލްގެ ދަރިވަރަކު އެ ދެއްކެވީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖެ، އަންނަން އޮތް ޖީލުތަކަށް ސަލާމަތްކަންމަތީގައި ރައްދުކޮށްދިނުމަށް ކުރެވެންހުރި މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތައް ކުރަމުން ގެންދާނެ ރަނގަޅު ޕްރޮގްރާމެއް މިއަދު ރޭވެންޖެހޭނެ. އަޅުގަނޑުމެންގެ ވާޖިބެއް އެއީ، މި ރާއްޖެ، އަންނާން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް، މިރާއްޖޭގެ ޤުދްރަތީ ރީތިކަމާއި އަދި މި ރާއްޖޭގެ ޤުދްރަތީ ވަސީލަތްތައްވެސް ކުރިއަށް އޮތް މުސްތަޤްބަލުގައިވާ ދިވެހި ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަކަށް މި ރާއްޖެ އަޅުގަނޑުމެން މިއަދު ބޭނުންކުރަމުން ގެންދިޔުމަކީ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު މީހުން ދެބަސްވާނެ ވާހަކައެއް ނޫން.

އަދިވެސް އަޅުގަނޑުމެންނަށް ބައެއްފަހަރަށް އެބަ ހިތަށްއަރާ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ނަމަވެސް އެބަ ހިތަށްއަރާ. މިއޮއްހާ ދުވަހުވެސް މި ރާއްޖެ އޮތީއޭ. މިއޮއްހާ ދުވަހުވެސް މިހުރިހާ ކަމެއް ހަމަ މިހެންވޭވެ ހިނގައިގޮސްފައޭ މިވަނީ. އެހެންވީމާ، މިއަދު ވަކި ކީއްވެގެންހެއްޔޭ މާބޮޑު ތަފާތެއް އައިސްގެން، މި ރާއްޖެ ނެތިދާ ނުވަތަ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖެ ބޭނުން ނުކުރެވޭނެ ކަހަލަ ޙާލަތެއް މެދުވެރިވާންވީ ސަބަބަކީ ކޮބައިހެއްޔޭ؟ މިއޮއް ހުރިހާ ދުވަހުވެސް ކަންވީގޮތަށް ދެންވެސް އޮތް ތަނުގައި ކަންވާނެއޭ.

ޙަޤީޤަތުގައި ދުނިޔޭގައި އިންސާނާ ދިރިއުޅެން ފެށީއްސުރެ ފަށައިގެން، މިދިޔަ ހުރިހާ ޒަމާނުގައި އިންސާނާ މިއަންނަނީ މިދުނިޔޭގެ ބޭނުން ވަރަށް ބޮޑަށް ކުރަމުން. ކޮންމެ ދުވަހަކު ކުޑަކުޑަ ތަންކޮޅެއް، ކޮންމެ ދުވަހަކު ކުޑަކުޑަ ތަންކޮޅެއް މިދުނިޔެއިން އިންސާނުން އަންނަނީ ބޭނުންކުރަމުން. އެ ވެދާނެ ގޮނޑުދޮށަކުން ވެލިނެގުން ކަމަށްވެސް. އެ ވެދާނެ އެހެން ނޫނިއްޔާ ތަނަކުން ކޯލް ނުވަތަ އެހެންވެސް މަޢުދަނެއް ނެގުން ކަމަށްވެސް. އަދި އެ މަޢުދަނެއް ބޭނުންކުރުން ކަމަށްވެސް. ދުނިޔެ މިދިޔަ ދުނިޔޭގެ ދިގު ތާރީޚުގައި، ޚާއްޞަކޮށް، ދުނިޔޭގައި އިންސާނާ އުޅެފައިވާ ދިގު ތާރީޚުގައި، އިންސާނާ މިވަނީ ދުނިޔެއަށް ވަރަށްގިނަ ކަންތައްތައް ކޮށްފައި. އަޅުގަނޑަށް ޔަޤީން، އެންމެންމެންވެސް ގަބޫލުކުރާނެ. އެންމެ ބޭފުޅުން ގަބޫލުފުޅު ކުރައްވާނެ. އަންނާނެކަން ހިނދުކޮޅެއް، އަންނާނެކަން ވަގުތެއް، އިރެއް، ކޮންމެ އެއްޗެއްވެސް ނެތިދާނެ، ހަލާކުވާނެ، ހުސްވާނެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބައެއް ސައިންޓިސްޓުންނަށް، ވަރަށްގިނަ ސައިންޓިސްޓުންނަށް ގަބޫލު މިކުރެވެނީ، އަޅުގަނޑުމެންގެ ދުނިޔޭގައި މިދަންނަވާ ދުވަސް އެބަ ގާތްވެއޭ. ދުނިޔެ ޢާންމުކޮށް އޮންނަ ހަމަ ހަމައިން ނެއްޓި މުޅިން އެހެން ގޮތަކަށް ދުނިޔެ ބަދަލުވެދާނެ ކަމުގެ އެކިއެކި ނިޝާން މިހާރު ފެންނަން ފަށައިފި ކަމަށް ވަރަށްގިނަ ސައިންޓިސްޓުން އެބަ ވާހަކަ ދައްކައި ވަކާލާތުކުރޭ. އަޅުގަނޑުމެން މިވާހަކަތައް ގަބޫލުނުކޮށް، އަޅުގަނޑުމެން އެއީ ހެޔޮ ވާހަކަތަކެއް ނޫން ކަމަށް ދެކި، މިއަދާއި މާދަމާ އަދި ކުރިއަށް މިއޮތް ދިހަ ފަނަރަ ވިއްސަކަށް އަހަރުވެސް، ތިރީހަކަށް އަހަރުވެސް ފަހަރުގައި އުޅެމުން ގެންދެވިދާނެ.

އަޅުގަނޑުގެ ހިތުގައި އަޅުގަނޑަށް ފާހަގަވެފައިވާ ގޮތުގައި، ގަބޫލުނުކޮށް ދެން ކުރިއަށްދާ ކޮންމެ ދުވަހަކީ، ޙަޤީޤަތުގައި މި ރާއްޖެވެސް ސަލާމަތް ކުރުމަށް ނުވަތަ ދުނިޔޭގެ ކަންކަންވެސް މިއަށްވުރެ ރަނގަޅު ގޮތުގައި ގެންދިއުމަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް އެޅޭ ހުރަހެއް. އަޅުގަނޑުމެން އެންމެންވެސް އަޅުގަނޑުމެންނަށް މިކުރެވޭ ކަންތައް، އަޅުގަނޑުމެން ރާއްޖޭގައި މިކުރެވޭ ކަންކަންވެސް އަޅުގަނޑުމެން އަމިއްލައަށް މިއަދު ވަޒަންކޮށްލަންވެއްޖެ. މިދިޔަ ދިގު ދުވަސްތަކުގައި އަދި ޚާއްޞަކޮށް، ރާއްޖޭގެ ޙަޔާތުގައި، މިފަހަކަށް އައި ސަތޭކަވަރަކަށް އަހަރުގައި ރާއްޖޭގެ އެކިއެކި ރަށްރަށަށް ވަރަށްގިނަ ބަދަލު އަތުވެއްޖެ. ބައެއްފަހަރަށް މީގެ ގިނަ ބަދަލު މިހުރީ، އިންސާނުން، ދިވެހިން އެރަށްރަށަށް ގެނެސްފައި.

އަޅުގަނޑުމެން މި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށް މިހާރު ބަލައިލާއިރުގައި، ހަމަ ކޮންމެ މީހަކަށްވެސް، ކޮންމެ ބޭފުޅަކަށްވެސް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވެލި ނުވަތަ ރަށްރަށް ކޮނެ، ފަޅުތައް ކޮނެ ހަދާފައިވާ މިންވަރު. މިކަންކަން ނުކޮށް އަޅުގަނޑުމެންނަށް އުޅެވޭކަށެއްވެސް ނެތް. ރަށްރަށް ތަރައްޤީ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރޭ. އެހެން ނަމަވެސް، އެކަންކަން ކުރާއިރުގައިވެސް އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅަށް ބަލައިލެވެން އެބައޮތް، ކޮބައިތޯ އެންމެ ހެޔޮ ގޮތުގައި ކަންކަން ކުރެވެންހުރި މަގަކީ. ފަޅު ކޮންނާން އެބަޖެހޭ. އެކަން ކަށަވަރު. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަން ހިނގާނެ. އަދި ފަޅު ހިއްކާންވެސް އެބަޖެހޭ. އެކަން ކަށަވަރު. ކުރިއަށް އޮތް ތަނުގައި އެކަންވެސް ހިނގާނެ.

އެހެން ނަމަވެސް، މިބާވަތުގެ ހުރިހާ ކަމެއް ކުރާއިރުގައިވެސް، ބަނދަރު ހަދާއިރުގައިވެސް އަދި ރަށް ގިރުން ހުއްޓުވުމަށްޓަކައި ޖަހާ ތޮށިލާއިރުގައިވެސް، މިއިން ހުރިހާ ކަމެއް ކުރާއިރުގައިވެސް މިހާރު އެކަންކަން ކުރަމުން މިއަންނަ ގޮތް ނޫން އެހެން ގޮތަކަށް އެކަންކަން ކުރީމާ، ދެން ނުކުންނާނެ ނަތީޖާއާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހޭނެ. މިއަދު އަޅުގަނޑުމެންނަށް އެބަހުރި އެ ވަސީލަތްތައް ލިބިފައި. އަޅުގަނޑުމެންނަށް ބެލެންޖެހޭނެ، މިއަށްވުރެ ރަނގަޅަށް އަޅުގަނޑުމެންނަށް މި ރާއްޖޭގެ ރަށްތައް ބެލެހެއްޓެން އޮތް މަގަކީ ކޮބައިތޯ؟ އެކަމުގައި ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އަދި ހަމަ އެހެންމެ، ރާއްޖޭގެ އެންމެ ރައްޔިތުން، ޚާއްޞަކޮށް، ކުޑަކުދިން ކުރާންހުރި ކަންތައްތަކެއްވެސް އެބަހުރި. އަޅުގަނޑުމެންގެ ފަރުތައް، ފަޅުތައް ސަލާމަތްކުރުން. އެކަން ކުރުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުން. އަޅުގަނޑު ހިތަށްއަރާ ވަރަށްގިނަ ފަހަރު. ބަގީޗާއެއް އޮތީއޭ ފިނިފެންމާ އިންދާފައި. އޮއްވާ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާވައޭ، އެ ބަގީޗާ ހަމަ ގޮސް ހަލާކުކޮށް ގަސްތައް އުފުރައި، ދުއްވާލާނީ ބެލުމެއްނެތި. ހަމަ އެހެން އޮންނަނީ އެއާ އެއްބާވަތެއްގެ ފަރެއް. އެކަމަކު މި ބަގީޗާ އޮންނަނީ ކަނޑު އަޑީގައި. އެ ބަގީޗާގެ ރީތިކަން، އެ ބަގީޗާގެ ޒީނަތްތެރިކަން، އަދި އެ ބަގީޗާގެ މުހިންމުކަން ހަމަގައިމުވެސް ފިނިފެންމާ ބަގީޗާއަކަށްވުރެ ކުޑައެއް ނޫން. ބައެއްފަހަރަށް އަޅުގަނޑުމެންނަށް މިވާގޮތަކީ، ޙިމާޔަތް ކުރެވެނީ، ހިފެހެއްޓެނީ، ފޮރުވެނީ، އެ އެއްޗަކަށް ނަމެއްވެސް ކިޔިގެން. އެ އެއްޗެއްގެ އަގުވެސް ވަޒަން ކުރެވިގެން. އަދި އެ އެއްޗެއްގެ ބޭނުންތެރިކަންވެސް ވިސްނިގެން. އޭގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް ވިސްނުނީމާ، ޙިމާޔަތް ކުރުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ވިސްނެނީ.

އެހެންވީމާ، ފަރުތަކަށް ނަން ދިނުން، މުރަކައަށް ނަން ދިނުން، އަޅުގަނޑަށް ހީވަނީ އެއީ، ޙިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއްހެން. މިވެނި ތަނެކޭ، މިވެނި ގޮތަކަށް އޮތް ތަނެކޭ އަޅުގަނޑުމެން ރައްކާތެރި ކުރަން މިއުޅެނީ. މިނަން ދިނުމުގައި، އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް ބައިވެރިވެވިދާނެ. އަޅުގަނޑު ވަރަށް އުފާވޭ، ދާދިފަހުން ރާއްޖެއިން ބޭރު މަދަރުސާއެއްގެ ދަރިވަރުންވަނީ ރާއްޖޭގެ ފަރަކަށް ނަންދީފައި.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖެ، އަންނާން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށްޓަކައި ކުރާންހުރި ކިތަންމެ ކަމެއް އެބަހުރި. އެންމެބޮޑު އެއް މަސައްކަތަކީ، ބައިނަލްއަޤްވާމީ މާޙައުލުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ކުރާންހުރި މަސައްކަތް. އެހެން ބޮޑެތި ޤައުމުތައް، އަދި އެހެން ބޮޑެތި ބޮޑެތި އިޤްތިޞާދުތައް، ތިމާވެށްޓަށް ހޭލުންތެރިކޮށް، އެ އިޤްތިޞާދުތަކާއި އެ ޤައުމުތަކުގެ ވެރިންނާއި ރައްޔިތުން، އަޅުގަނޑުމެންގެ ޙާލަތަށް ނަޒަރު ހުއްޓުވޭނެ މަގުތައް ހޯދުން. އެއީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ ރަށްތައް ސަލާމަތް ކުރުމަށް ހަދަންޖެހޭ، ކުރަންޖެހޭ މަސައްކަތް ކުރުމުގެ ފައިސާ ހޯދުންވެސް އެއީ، ސަރުކާރުން ކުރަން ޖެހިފައިވާ ކަމެއް. އެކަންކަމަށް ސަރުކާރުން ރާވާ ރޭވުމަކާއި، ގެންގުޅޭ ވިސްނުމެއް އޮންނާން އެބަޖެހޭ. އަޅުގަނޑުމެންނަށް މި ތިމާވެށީގެ ދުވަހެއްގައި، މިދެންނެވި ބައެއް ކަންކަމަށް ނަޒަރު ހިންގާލައި، ނުވަތަ ވިސްނުން ހުއްޓުވައި، އެކަންކަމުގެ ބުއްދި ގެންގުޅުމަކީ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން އެންމެންނަށްވެސް ފައިދާހުރި ނުވަތަ އަޅުގަނޑުމެންގެ ހިތްތައް ހުޅުވާލަދޭ ކަމަކަށްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފެހި އަދި މާ މުއްސަނދި އަދި މާ ތަނަވަސް ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ލިބުން.

والسّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!

______________________