بســم اللّـه الرّحمـن الرّحيــم

ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން!

السّـلام عليـكم

އަޅުގަނޑުމެން މި ސަރުކާރު އެކުލަވާލުމަށް، ރާއްޖޭގެ ރަށްރަށަށް ދަތުރުކުރަމުން ގެންދިޔައިރުގައި، ރާއްޖޭގެ ރަށްތަކުގެ އެކި ކަންކޮޅުތަކުގައި ޚާއްޞަކޮށް ހޮޅުއަށިތަކުގައި، ޢުމުރުން ދުވަސްވެފައި ތިއްބެވި ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން، މާޔޫސްކަންމަތީގައި ގެއްލި ނިމިދާ މަންޒަރެއް ބަލަބަލާ ތިއްބަވާކަހަލަ ގޮތަކަށް، ވަރަށް ގިނައިން އަޅުގަނޑުމެންނާ ދިމާވަމުންދިޔަ. އަޅުގަނޑަށް އެ މަންޒަރު އެންމެ ގިނައިން ފެނި ދިޔައީ، ޚާއްޞަ ގޮތެއްގައި މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި. އެއަށްފަހު، އަޅުގަނޑުމެންގެ ސިޔާސަތުތައް، މި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަމުން އަޅުގަނޑުމެން އައިއިރުގައި، އިންތިޚާބަށް އަޅުގަނޑުމެން ނުކުތީ، ސަރުކާރުގެ ސިޔާސަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ރައްޔިތުންގެ އަޣްލަބިއްޔަތެއް ލިބިއްޖެނަމަ، އެ ސަރުކާރު ހިންގާއިރުގައި، ކަން ކުރާނެ ގޮތުގެ ތަޞައްވުރެއް ނުވަތަ މެނިފެސްޓޯއަކާ އެކުގައި.

މިދެންނެވި ތަޞައްވުރުގައި، މިދެންނެވި މަންޒަރުގައި ނުވަތަ މިދެންނެވި ސިޔާސަތުގައި އެންމެ ފާހަގަވާ ގޮތެއްގައި އަޅުގަނޑުމެންނަށް ހިމެނިފައިވާ އެއް ސިޔާސަތަކީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް، އެ ރައްޔިތުންނަށް އެރުވުން. އޭރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތީ، ރާއްޖޭގައި ޢުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ 18,000 ރައްޔިތުން ދިރިއުޅެމުން ގެންދާކަމަށް. މީގައި އަޅުގަނޑުމެންނަށް އެ ޕެންޝަން އެރުވުމަށް ހިސާބުތައް ބަލައި، އަދި މީސްމީހުންގެ މަޢްލޫމާތު އޮޅުންފިލުވުމުން، ޞައްޙަކަމާއެކުގައި ޕެންޝަން ޙައްޤުވާ ކަމަށް ބެލެވެނީ، 14,000 ރައްޔިތުންނަށް. އިރާދަކުރައްވައިގެން، މިއަދު ސަރުކާރުން މިދަނީ މިދެންނެވި ޢުމުރުން ދުވަސްވީ ފަސްދޮޅަސް ފަސް އަހަރުން މަތީގެ 14,000 ރައްޔިތުންނަށް، ކޮންމެ ބޭފުޅަކަށްވެސް ކޮންމެ މަހަކު ދެހާސްރުފިޔާގެ ޕެންޝަނެއް އަރުވަމުން. އަޅުގަނޑުމެން މި ސަރުކާރުން ވަރަށް ހިތްހަމަޖެހޭ އަދި އުފާވާ ކަމެއް މިއީ.

އަޅުގަނޑުމެންގެ ނަޒަރުގައި، ޤައުމެއް، ޤައުމަކަށްވަނީ އަދި މުޖްތަމަޢެއް ކުރިއަރައި މިދަނީ، އެ މުޖްތަމަޢުގެ ދޮށީ ޢުމުރުގެ މީހުންނާ އަޅާލެވުނީމާ. އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ ތަރައްޤީއެއް އަދި ލިބިފައިވާ ކުރިއެރުމެއް ލިބިފައި މިވަނީ، ޙަޤީޤަތުގައި މީގެ މާޒީގައި މިއަދުގެ އިއްޔެގައި ދިރިއުޅުއްވި އެތައް ބޭފުޅުންނެއް، ކިތަންމެ މަސައްކަތެއް ކިތަންމެ ގޮތަކަށް ކުރެއްވީމާ. މިއަދު ޢުމުރުން ދޮށީ، ދުވަސްވެފައި ތިއްބެވި ބޭފުޅުން، އިއްޔެގައި ނުވަތަ މާޒީގެ ދުވަސްތަކުގައި މަހަށް ފުރުއްވީތީވެ، ރިޒޯޓް އެޅުއްވީތީވެ، ގާ ނެންގެވީތީވެ، ރޭނީތީވެ، ވަޑާން ކުރީތީވެ، ފޫޅުމައިންގެ ގޮތުގައި އުޅުއްވީތީވެ، އަދި މިހެންގޮސް އެދުރު ދައިތައިންގެ ގޮތުގައި، ރާ އަރައި، މަސް ކައްކައި އެކި ބާވަތް ބާވަތުގެ މަސައްކަތްތައް، އެ ރައްޔިތުން ކުރީތީވެ، އަޅުގަނޑުމެންނަށް މިއަދު މި ހުއްޓުމަށް އައިސް މިތިބެވެނީ. އެހެންވީމާ، އަޅުގަނޑުމެންގެ ނަޒަރުގައި، ކޮން ބަޔަކަށްތޯ މި ރާއްޖޭގައި ޕެންޝަނެއް ޙައްޤީ. އެ ސުވާލު ކުރެވޭއިރުގައި މި ސަރުކާރަކަށް ނުފެނުނު، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މޭޒުތައްދޮށުގައި ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ބަލައިގަންނަން ތިއްބަވާ ބޭފުޅުންނަށް އެކަނި ކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްވެސް ޕެންޝަނެއް އެރުވުމަށް.

އަޅުގަނޑު ދެކެނީ އަދި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ، މިއަދު މިދެންނެވި 14,000 ރައްޔިތުން އެކަށީގެންވާ އުފަލުގައި އެބަ އުޅުއްވާ. އަދި ކޮންމެ މަހަކުމެ ލިބޭ ދެހާސް ރުފިޔާ ރަނގަޅު ގޮތުގައި ޚަރަދު ކުރައްވަމުން އެބަގެންދަވާ. އެއީ، ކާފަ ދަރިންނަށް، މާމަ ދަރިންނަށް މެޓާ ގަތުމާއި، އަދި އެނޫންވެސް އެބޭފުޅުން ހިތްހަމަޖެހޭ އެކިއެކި ކަންކަމުގައި އެފައިސާ ޚަރަދު ކުރައްވަމުން ގެންދަވާތަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑު ގޭދޮށު ޢުމުރުން ދުވަސްވީ އަންހެނަކު އަޅުގަނޑަށް އިހަކަށް ދުވަހަކު ފޮނުވާފައި އޮތް ކުޑަކުޑަ ހަދިޔާއެއް. އެއީ، އެފައިސާ އޭނާއަށް ލިބޭތީވެ، އެކަމުގެ އުފަލުގައި. ދެން އަޅުގަނޑު އެގެއަށް ގޮސް ބަލައިލިއިރުގައި، ހަމަ ހުރިހާ ކުދިންނަށް އެފައިސާ ބަހައި ހުސް ކުރައްވައިފި. ހުރިހާ ކުދިންނަކީވެސް އާމްދަނީ ލިބިގެން ހަމަ ރަނގަޅު ދިރިއުޅުން އުޅެމުން އަންނަ ކުދިން. ޙަޤީޤަތުގައި އެކުދިން އެމީހުންގެ މަންމައަށް، އެކުދިންގެ މަންމައަށް ޚަރަދު ކުރަމުން ގެންދަނީ. އެހެން ނަމަވެސް، އަޅުގަނޑަށްވެސް ވިސްނޭ. މަންމައަށް އެފައިސާ އަލުން އަނބުރާ ނުވަތަ ކޮންމެވެސް އެއްޗެއް ދަރިންނަށް ދެވޭގޮތްވީމާ، އެލިބޭ އުފާ ލިބޭނެ، އެ ދޭ ބޭފުޅަކަށް.

އަޅުގަނޑުމެން ވަރަށް ބޮޑަށް ދެކެން، މަންފާ ސެންޓަރުން މިހިންގާ މަސައްކަތްތަކަކީ، މިޤައުމަށް ވަރަށް ބޭނުންތެރި މަސައްކަތްތަކެއް ކަމަށް. އަޅުގަނޑަށްވެސް އެނގޭ އަދި އަޅުގަނޑުމެން ގަބޫލުވެސް ކުރަން، ހުރިހާ މައިންބަފައިންނަކީ އެންމެ ރަނގަޅަށް ދަރިން ބޮޑެތިކޮށްފައި ތިބި މައިންބަފައިންނެއް ނޫން. ބައެއް ބޭފުޅުންނަކީ އަދި ބައެއް މައިންބަފައިންނަކީ ވަރަށް އުނދަގޫ އަދި ހިތާމަވެރި ދިރިއުޅުން ދަރިންނަށް ކުރިމަތިކޮށްފައި ތިބި މައިންބަފައިން. އެހެންނަމަވެސް، އަޅުގަނޑު އެކުދިންގެ ކިބައިން އެދެނީ، ވަރަށް އިޚްލާޞްތެރިކަމާއި އަދި އާދޭހާއެކު މިއަދު އެވާހަކަ ނުވަތަ އެ މަންޒަރުތައް ނުވަތަ އެ ހަނދާންތައް އާކޮށްގެން، ވަކި ދެން ވާންއޮތް ރަނގަޅެއް ނެތޭ. ދެން ހަމަ ކުރެވެން އޮތް ކަމަކީ، އަނެއްކާވެސް ހިތްވަރާއެކުގައި އެ ދުވަސްތަކާއި އެ މާޒީ ހަނދާން ނައްތާލައި، ކުރިއަށް މިއޮތް ތަނުގައި، މައިންބަފައިންނާއެކީގައި އުޅެވޭނެ ގޮތެއް ހޯދުމޭ.

މީގެ ދެތިން ދުވަސް ކުރީގައި، މަގުމައްޗަށް ވެއްޓިފައި އޮތް މީހެއް. އޭނާގެ ބެލެނިވެރިއެއް ހޯދިއިރުގައި، އެ ބެލެނިވެރިޔާ އޭނާއާ އަޅާލާކަށް ބޭނުމެއްނުވި. ދެން އަޅުގަނޑުވެސް ވަކިން ޚާއްޞަކޮށް ކީއްވެގެންތޯ ބެލިއިރުގައި، އެއީ، އެ ބެލެނިވެރިޔާއަށް ދަރިފުޅާ ދޭތެރޭގައި އެދުވަހު ކަންކުރެވިފައި އޮތީ އަދި މީގެކުރީގައި ކަންކުރެވިފައި އޮތީ މާ ރަނގަޅަކަށެއް ނޫން. ޚާއްޞަކޮށް، މިދަންނަވާ ބަދުނަޞީބުގައި މިއަދު އުޅުއްވާ ދުވަސްވީ މީހުންނަށް، ދައުލަތުގެ ފަރާތުން، ސަރުކާރުން، އަޅާލުމަކީ މުހިންމު ކަމެއް ކަމުގައި މި ސަރުކާރުން ދެކެނީ. ދަރިންނަށް ހުރިހާ މައިންބަފައިންނާއި ހުރިހާ ދަރިންނަށް މައިންބަފައިންނާ އަޅާލުމުގެ ވިސްނުން ނުވަތަ އެ ބުއްދި ނުގެނެވިދާނެ. އެންމެބޮޑު އެއް ސަބަބަކަށް ވެފައި އޮންނާނީ، އެ މައިންބަފައިން، ދަރިންނާ ދޭތެރޭގައި ކަން ކޮށްފައި އޮތް ގޮތް، ނުވަތަ ކުރެވިފައި އޮތް ގޮތް އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް ނުވެ އޮވެދާނެ. އެހެންނަމަވެސް، ދައުލަތުން ސަރުކާރުން ހުރިހާ ދުވަސްވީ މީހުންނާ އަޅާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މުހިންމު ކަމެއް ކަމަށް މި ސަރުކާރު ދެކޭ. 65 އަހަރުން މަތީގެ ދޮށީ ޢުމުރުގެ ރައްޔިތުންނަށް ޕެންޝަނެއް އެރުވުމަކީ، މިދެންނެވި މަސައްކަތުގެ ފެށުން. އިރާދަކުރެއްވިއްޔާ، މިފަދަ އަމިއްލަ ޖަމާޢަތްތަކުން ހިންގަމުން ގެންދާ މަސައްކަތްތަކަށް މި ސަރުކާރުން އެހީތެރިވެދެވޭނެ. އަދި ޢުމުރުން ދުވަސްވީ މީހުންނަށް އަޅުގަނޑުމެންނަށް އަޅާލެވޭނެ.

މާލެ ތޮއްޖެހެމުން މިއަންނަ އައުމުގައި، އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށް މިއަންނަނީ ބިން މަދުވަމުން ނުވަތަ ބިމުގެ ޖާގަ ހުސްވަމުން. މިހެން އަންނަ އައުމުގައިވެސް، އެންމެބޮޑު ބޭއިންޞާފެއް ނުވަތަ އެންމެބޮޑު ހިތާމައަކާ ކުރިމަތިލާންޖެހޭ އެއްބަޔަކީ، ދޮށީ ޢުމުރުގެ މީހުން. މާލެއިން އަޅުގަނޑުމެން އެބަ ޖާގަ ހޯދަންޖެހޭ. އެބަ ހަދަންޖެހޭ. ރާއްޖޭގެ އިދާރީ ހިންގުން، ލާމަރްކަޒީ ކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ، މާލޭގައި ޖާގަ އުފެއްދުން. އަދި މާލޭގެ ދޮށީ ޢުމުރުގެ މީހުންނަށް، މާލޭގެ މަގުތަކުގައާއި، މާލޭގެ ޢިމާރާތްތަކުގައި އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާއި ދައުލަތުގެވެސް އެހެން ތަންތަނުގައި، އެ ޢިމާރާތްތައް، އެ ފެސިލިޓީޒް ދޮށީ ޢުމުރުގެ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ކަންކަން ތަރުތީބު ކުރުމަކީ، އަޅުގަނޑުމެންގެ ނަޒަރުގައި މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ބިނާކުރާ ޢިމާރާތެއް އަދި ހަދާ މަގެއްވެސް، ހަދާ ފާޚާނާއެއްވެސް، އަޅާ މިސްކިތެއްވެސް މިދެންނެވި ހުރިހާ ކަމަކަށް ނުބަލައި ނާޅާނަން. އަޅުގަނޑުމެންނަށްވީ މިންވަރަކުން އިރާދަކުރެއްވިއްޔާ، ދޮށީ ޢުމުރުގެ މީހުންނާ އަޅުގަނޑުމެން އަޅާލަމުން ގެންދާނަން.

އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން، އަޅުގަނޑުމެންގެ ޒުވާންކަމުގެ ޖޯޝްގައި އަޅުގަނޑުމެން ދުވަސްތައް ގުނަމުންދާއިރުގައި، މާޒީގެ މަތިން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަށް އަބަދުވެސް އެނގެންޖެހޭނެ. މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެއްކަން. މިއަދު މިވާ ކޮންމެ ގޮތެއް މިވަނީ އިއްޔެއާހުރެ. މާޒީގައި ކަން ހިނގާދިޔަ ގޮތުގެ މައްޗަށް ބިނާނުވެ، ހަމަ އެއްކަމެއްވެސް ނުހިނގާ. ސަބަބު މެދުވެރިވަނީ ކަމެއް ހިނގުމަށް. އެ ސަބަބުތައް ގުޅިފައި އޮންނަނީ އަބަދުވެސް މާޒީއާ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ރާއްޖޭގެ ދޮށީ ޢުމުރުގެ ހުރިހާ ރައްޔިތުންނަށްވެސް މިއަދަށްވުރެ އަދި މާ ފާގަތި، އުފާވެރި މާދަމައެއް ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ.

______________________