بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދު ނޫހުން – ޢަބްދުއްލަޠީފް އާދަމް
މަނިކުފާނުގެ ދަތުރުފުޅާ ބެހޭގޮތުން އެއްވެސް ތަފްސީލެއް ދެއްވިދާނެތޯ؟ އުންމީދާ، ނާއުންމީދާ، ހުރިއްޔާ ހުރި އެއްޗެއް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ލާމަރްކަޒީ އުޞޫލުން ގާއިމުކުރެވޭ މަރްކަޒުތަކުގެ ތެރެއިން، ކޮޅުމަޑުލާއި ހައްދުންމަތީގެ މަރުކަޒު ގާއިމުކުރުމާ ގުޅޭގޮތުން އެދެއަތޮޅުގެ ހުރިހާ ޕާޓީތަކުގެ މެންބަރުންނާ، ރަށްކުރިއަރުވާ ކޮމިޓީތަކުގެ މެންބަރުންނާ، އަދި ރަށުކައުންސިލް، އަޅުގަނޑުމެން އައްޔަނު ކޮށްފައިވާ ކައުންސިލަރުންނާ، ކަތީބުންނާ، ސިވިލް ސަރވިސްގެ އިސްމެންބަރުންނާ އެކީގައި މަޝްވަރާކޮށްހަދާފައި. ދެން އަޅުގަނޑު މިއައީ އެއާއެކީގައި އަތޮޅުތެރޭގެ ޢާންމު ރައްޔިތުންނާވެސް ބައްދަލުވެ، ވާހަކަދައްކާ ހަދާފައި. ދެން އަޅުގަނޑަށް ފެންނަނީ ވަރަށް އުފާވެރި ގޮތަކަށް. ރައްޔިތުން މިތިބީ މިސަރުކާރާ އެކީގައި މިކަމުގައި ވަރަށް ބާރަށް ކުރިއަށްދާން ތައްޔާރަށް.
ދެން އަޅުގަނޑަށް އަޅައިގަތް އެންމެ ބޮޑު އެއްކަމަކީ، ޝަރީޢަތުގެ ކަންކަމާ ރައްޔިތުން އެބަ ވަރަށްބޮޑަށް ކަންބޮޑުވޭ. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މެޖިސްޓްރޭޓުން ޗުއްޓީ ނަންގަވައިގެން ތިއްބަވާތީވެ، އެކަމުގެ ދަތިކަން އަންނާތީ އެވާހަކަ. ދެން މިހެން ގޮސް ޝަރީޢަތް ކުރުމާ ގުޅޭގޮތުން ވަރަށް ބޮޑެތި ދަތިތަކެއް އެބަވޭ. ދެން އަޅުގަނޑު އުންމީދު ކުރަން އެކަންކަމާ ގުޅޭގޮތުން، ކަމާބެހޭ މުއައްސަސާތަކުން ކަންކަމަށް ފިޔަވަޅު އަޅަމުންގެންދާނެކަމަށް. އެހެންނޫނިއްޔާ ދެން އެބަހުރި އިނގޭތޯ، ހުރިހާ ތަނެއްގައިވެސް ސަރުކާރާ ގުޅޭ މައްސަލަތައް. އޭގެތެރޭގައި އެބޭފުޅުންގެ ނަރުދަމާއާ، ފެނާ، ކަރަންޓާ، މަގާ، ގެދޮރާ، މަދަރުސަޔާ، ހެލްތް ސެންޓަރާ، ކުނި ނައްތާލުމާ، ބިން މަދުވުމާ، ބިން ގިނަވުމާ، މިހުރިހާ ކަންކަންވެސް އެބަހުރި. ދެން އަޅުގަނޑުމެން ހަމަ މިދަނީ ފަހަރަކު ކަމެއްގައި، ފަހަރަކު ކަމެއްގައި ހިފައިގެން، އެކަމެއް މަޑުމަޑުން ނިއުޅުވަމުން، އޮޅުންފިލުވަމުން، ރައްޔިތުންނަށް އޭގެ ލުއި ހޯދައިދެމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ ހަމަ މިއަދަށްވުރެ މާފަހި މާދަމައެއް، އަޅުގަނޑުމެން އެންމެންނަށްވެސް ހޯދައިދޭނަމޭ.

މިއަދު ނޫހުން – ޢަބްދުއްލަޠީފް އާދަމް

އަޅުގަނޑު ހަމަ އެންމެ ސުވާލެއް އިނގޭތޯ. ކުޑަކުޑަ އެންމެ ސުވާލެއް. އެއީ ހައްދުންމައްޗާ ކޮޅުމަޑުލަށް ވަޑައިގެންފަ ތިވަޑައިގަތީ. އެހެންވީމާ، ތ. އަތޮޅު، ކޮޅުމަޑުލަކީ، މާލެއާ ސަރަޙައްދުގެ ގޮތުން މާދުރުގައެއްނޫން، އެކަމަކު އެންމެ ދުރުގައިއޮތް އަތޮޅުކަމަށް އެއަތޮޅުތަކުގެ މީހުން ފާހަގަކުރާ އަތޮޅެއް. އަދި ދަތުރުފަތުރުގެ މައްސަލައިގައި އެމީހުންނަކީ ވަރަށްބޮޑު ތަކުލީފްތަކެއް އުފުލަމުންދާ ބައެއް. އެހެންވީމާ، މަނިކުފާނު މިހާރު ތިޔަގެންދަވަނީ، އަޅުގަނޑުމެންނަށްޓަކައި، ވާހަކައަކީ ޤައުމަށްޓަކައި، ޓްރާންސްޕޯޓު ނިޒާމެއް ރާއްވަވައި ދެއްވަމުން. އެރޭވުމުގެ ކުރިންވެސް އެމީހުންނަށް އެއްވެސް ކަހަލަ މަގެއް ފެންނާނެ ކަހަލަ ގޮތެއް ވެދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މީގައި އަޅުގަނޑުވެސް ވަރަށް ބޭނުން ކުއްލިއަކަށް އެމީހުންނަށް މަގެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައިދެވޭތޯ ބެލުން. އެހެންނަމަވެސް، ވަކިތަރުތީބަކުން އިންތިޒާމަކުން މިކަން ކުރަމުންދާއިރުގައި އެދޭތެރެއަށް ހުރަސް އެޅޭގޮތަށް އެއްވެސް އިންތިޒާމެއް ރޭވުން އެއީ ބުއްދިވެރި ކަމެއް ގޮތުގައެއް ނުފެނޭ. މިހާރު މިސާލަކަށް ލ. އަތޮޅުގައި މިވަގުތު އެބައޮތް 4 ބަސް. ޔުނިސެފުން ސްކޫލްތަކަށް ދެއްވާފަ އޮތް ދެބަހާ އަދި އެމްޓީސީސީން ހިންގަވަމުންގެންދަވާ ދެބަސް. މީގެން ދެބަހަކުންކުރެ އެއްބަހެއްވެސް ޙަޤީޤަތުގަ ރަނގަޅަށް ޔުނިސެފުން ދެއްވާފަ އޮތް ދެބަސް ހިންގަވަމުން ގެންދަވަނީ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަނުން. އަނެއް ދެބަސް އެމްޓިސީސީން. އެމްޓީސީސީގެ ބަހުގެ އަގު ވަރަށްބޮޑުތަން ބޮޑު. ދެން އެހެންވީމާ، އަޅުގަނޑުމެންނަށް އެވެސް އެއީ މިވަގުތު އެހަތަރު ބަސް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ކުއްލިއަކަށް ކޮންމެވެސް ޙައްލެއް، އިންތިޒާމެއް ގެނެވިދާނެ. އެކަމަކު އަޅުގަނޑުމެންނަށް، މިދިގުމުއްދަތުގެ މަސައްކަތަށް އެކަމުގެ ހުރަހެއް އަންނާނެ، އޮޅުމެއް އަރާފާނެ. އެހެންވީމާ، އަޅުގަނޑު ދެން ހަމަ ރައްޔިތުންގެ ކިބައިން އެދެނީ، މިކަންކަން ރޭވުމަށް ބޭނުންވާ މަދު ދުވަސްކޮޅު ދެއްވާށޭ.

ވަރަށްބޮޑަށް ޝުކުރިއްޔާ!