بســم اللّـه الرّحمـن الرّحيــم

ފާޠިމަތު ޢަލީ ޞާލިޙު – ޓެލެވިޜަން މޯލްޑިވްސް:

މަނިކުފާނު އިޓަލީއަށް ތިޔަކުރައްވާ ދަތުރުފުޅުގެ އެންމެ މައިގަނޑު އެއްބޭނުންފުޅަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ބޭނުމަކީ ރާއްޖެއަށް އިންވެސްޓްމަންޓްސް ނުވަތަ ވިޔަފާރިތައް ތަޢާރުފު ކުރުން. ހަމަ އަޅުގަނޑުމެން އިންޑިޔާއަށް މިކުރި ދަތުރު ފަދައިން، މީގެކުރީގައި އަދި ކޮޅުނބަށްވެސް ކުރި ދަތުރާ ހަމަ އެއްފަދައިން، އިޓަލީގެ ޔޫރަޕްގެ އެކިއެކި ވިޔަފާރިވެރިންނާ މަޝްވަރާކޮށް ވާހަކަ ދައްކައި، ރާއްޖޭގައި އިތުރަށް އެބޭފުޅުންނަށް ވިޔަފާރި ކުރެވެންހުރި މަގުތައް ފަހިކޮށްދީ، ރާއްޖޭގެ އިންވެސްޓްމަންޓްސް ގެނައުމަށް މަސައްކަތް ކުރުން އެއީ، އަޅުގަނޑުމެންގެ އެންމެބޮޑު މަޤްޞަދަކީ. ދެން ހަމަ އެއާއެކީގައި އެނގިވަޑައިގަންނަވާނެ، ޓޫރިޒަމް މިހާރު މިދަނީ ދުނިޔެއަށް ދިމާވެފައި އޮތް އިޤްތިޞާދީ ހީނަރުކަމުގެ މަތީގައި ޓޫރިޒަމަށް އެބަ ވަރަށްބޮޑު ލޮޅުންތަކެއް އަރާ. އެހެންވީމާ، އަޅުގަނޑުމެން ބޭނުން ވީހާވެސް ބޮޑަކަށް ސަރުކާރުން އެކަމާ އަޅާލުމެއް ބަހައްޓައިގެން، އިޓަލީގެ ޓުއަރ އޮޕަރޭޓަރުންނާ ވާހަކަ ދައްކައިގެން، އިތުރަށް މީހުން ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވައިހެދުން.

ފާޠިމަތު ޢަލީ ޞާލިޙު – ޓެލެވިޜަން މޯލްޑިވްސް:

އާދެ! މިދަތުރުފުޅުގައި ރާއްޖެއަށް ލިބިގެންދާނެ ފައިދާތަކެއް ކަމަށް މަނިކުފާނު ގަބޫލުފުޅު ކުރައްވަނީ ކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ޕްރޮގްރާމް، ނުވަތަ އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ އިންވެސްޓްމަންޓްސް ރާއްޖެއަށް ގެނައުން. ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ބަނދަރާއި، މަދަރުސާތަކާއި، ހޮސްޕިޓަލްތަކާއި، ރަށްރަށުގެ މަގާއި، ދަތުރުފަތުރާއި، މިކަންކަމާ ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ހިންގޭނެ މަގުފަހިކުރުން އަޅުގަނޑުމެންގެ ބޭނުމަކީ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ މަސައްކަތަކީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

މިދަތުރުފުޅާ ގުޅިގެން މަނިކުފާނު އަޅުގަނޑުމެންނަށް ދެއްވި ބަސްދީގަތުމެއްގައި މިލާން ފެއަރއަކީ މިފަހަރު އިރާދަކުރެއްވިއްޔާ ރާއްޖޭގެ ފެއަރއަކަށް ހައްދަވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ، ވަރަށް ބޮޑެތި އުންމީދުތަކެއް ދެއްވި. އެހެންވީމާ، އެ އުންމީދުތައް ޙާޞިލު ކުރެއްވުމުގައި ކިހާވަރެއްގެ ކާމިޔާބީއެއް ލިބިވަޑައިގެންނެވި ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ އެއީ 19 ގައި ފެއަރ ފެށޭ ދޮއެއްތޯ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑުމެންނަށް ފެއަރގައި ވަރަށް ރަނގަޅު ފުރްޞަތުތަކެއް ހުޅުވާލެވިފައިވަނީ. އަޅުގަނޑުމެން މިދެކެނީ، ރާއްޖެ މިފަހަރު މީގެކުރީގައި ތަމްސީލުނުވާ މިންވަރަށް، އެ ފެއަރގައި ތަމްސީލުވެގެންދާނެކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!