بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚުގައި ހަމަކަށަވަރުންވެސް ފަވާލެވޭނެ ދުވަހެއް. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު މިރާއްޖޭގައި ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވުމަށްފަހު ވެރިކަން ދޫކުރައްވައި އެބޭފުޅާ ވަޑައިގެންނެވި ގޮތާއި، އަދި މިދިޔަ ދިގު 30 އަހަރު އެބޭފުޅާއަށް ކަންތައްތައް ދިމާވެފައިވާ ހިތާމަވެރި ގޮތާއި، އެބޭފުޅާގެ ޢާއިލާއާއި އަނބިދަރިން ވިއްސިވިހާލިވެ ގޮސް، އަމިއްލަފުޅު ޙަޔާތް ހިތާމަވެރި ހިތި ގޮތުގައި މިދިޔަ ދިގު ދުވަސްވަރު ހޭދަކުރައްވަންޖެހިފައިވާކަމީ، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި ހަމަކަށަވަރުންވެސް ޖެހިފައިވާ ވަރަށްބޮޑު ލައްގަނޑެއް. އަޅުގަނޑުމެންނަށް ހެޔޮ ވެރިކަން ކުރުމަށް ލިބޭ ފުރުސަތުތަކުގައި ފިތުނަޔާއި ނަފްރަތާއި ހަސަދައިގެ ބުރަހެލިކަމުގައި ބަދަލުހިފުމުގެ އެއްވެސް ރޫޙެއްގައި އަޅުގަނޑުމެން ކަންކަން ކުރަނީނަމަ، އަޅުގަނޑުމެންގެ ރާއްޖެއަށް އަޅުގަނޑުމެން މިއުންމީދުކުރާ އުފާވެރި ދިރިއުޅުން އަދި ޑިމޮކްރަސީގެ ރިވެތި ނަމޫނާއާއި މިސާލުތައް ލިބިގަތުމަށް އުނދަގޫވާނެ.

ކިތަންމެ ގޮތަކުން ދެކޭއިރު، މިއަދަކީ ދިވެހިރާއްޖޭގެ ޤަދީމީ ވެރިކަމުގެ ފާޑު ނިމިދާ ދުވަސް. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ މިރާއްޖޭގެ އެންމެފަހުގެ ކިލެގެއޭ ދެންނެވިދާނެ. އަޅުގަނޑުމެންނަށް އެކިލެގެއާއެކު އިރާދަކުރެއްވިއްޔާ މިނިންމެނީ މިރާއްޖެއަށް އަޅުގަނޑުމެން މިއުންމީދުކުރާ އާވެރިކަމުގެ އުސޫލު ގެނައުމުގެ ކުރީގައި އޮތް ޒަމާންވީ ޤަދީމީ ދިވެހި ވެރިކަމުގެ ފާޑު.
އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެބޭފުޅާ އަޅުގަނޑުމެންގެ ޤައުމަށް މި ދިވެހިރާއްޖެއަށް ނުހަނު ގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައި އެބަހުރި. އަދި ހަމައެހެންމެ އެބޭފުޅާގެ ދިގު ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކިތަންމެ ބަޔަކަށް ނިކަމެތިކަމާ ހިތާމަޔާ ހިތްދަތިކަން ލިއްބައިދީފައިވޭ.

އެހެންނަމަވެސް، ހެޔޮވެރިކަން ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތުތަކުގައި އެފުރުސަތުގެ ބޭނުން ނުހިފައިފިނަމަ އެތައް ޒަމާނެއް ވަންދެން އޭގެ ހިތި ތަޖުރިބާ، މުޅި ރައްޔިތު އެކީ އެބަކުރަންޖެހޭ. 1978ވަނަ އަހަރު އިބްރާހީމް ނާޞިރު ވެރިކަން ދޫކޮށްލެއްވިއިރު، ހެޔޮ ވެރިކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނު. އެފުރުސަތު އަޅުގަނޑުމެންނަށް ގެއްލި ދިޔައީ އަޅުގަނޑު ދަންނަވާނީ ހަސަދަވެރިކަމާއި ފިތުނަޔާއި ނަފްރަތުގެ ނުރަނގަޅު އާދަތައް އަޅުގަނޑުމެންނަށް ކުރިއަށް ނެރެވުނީތީ.

އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން މިއަދު އަޅުގަނޑުމެންނަށް ލިބިފައިމިވާ ހެޔޮ ވެރިކަން ކުރުމުގެ ފުރުސަތުގެ ބޭނުންހިފައި އަޅުގަނޑުމެންނަށް އާއުންމީދަކާއެކު އެހެން ގޮތަކަށް އުޅެން ފެށުމުގެ ނިޔަތް ގަނެވި އެގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަށް ގެންދެވޭނެކަމަށް. ސުމުއްވުލްޢަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް ސުވަރުގޭގެ ނިޢްމަތް ދެއްވުމަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. އަދި އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަމަށް އެދި ދުޢާ ދަންނަވަން.

الحمـد لِلّـه ވަރަށްބޮޑަށް ޝުކުރިއްޔާ.