بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުން މެދުވެރިކޮށް، ރައްޔިތުންނާ މިބައްދަލު ކޮށްލީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރު އުފެދިފައި މިއޮތީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެންގެ ވަޢުދުތައް ނުފުއްދޭނަމަ، ނުވަތަ އެމަގަށް އަޅުގަނޑުމެންނަށް ކަންތައްތައް ނުހިންގޭނަމަ، އަޅުގަނޑުމެންނަށް މި ސަރުކާރު ހިންގުމަށް ރައްޔިތުން ދީފައިވާ އިތުބާރު އަޅުގަނޑުމެންނަށް ގެއްލިދާކަން އަޅުގަނޑުމެން ހިތުގެ އަޑިން އަބަދުވެސް ގަބޫލުކުރަން.

އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ އެއް ވަޢުދަކީ، ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުންނާ ވީހާވެސް ގާތުންނޭ. ޑިމޮކްރަސީގެ އުޞޫލުންނޭ. ޚާއްޞަ ގޮތެއްގައި، ލާމަރްކަޒީގެ އުޞޫލުންނޭ. އަޅުގަނޑުމެން ސަރަޙައްދީ، ޕްރޮވެންޝަނަލް އުޞޫލަކުން ކަންކަން ހިންގުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން އެކުލަވާލީ، ރާއްޖެ ހަތް ބަޔަކަށް ބަހާލެވި، އެ ހަތް ބައިގެ ތެރޭގައި، ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތަކާއި، އިދާރީ ކަންކަން ހިންގުމަށްޓަކައި.

މިހާރު ކަންކަން ހިނގާ އުޞޫލަށް ބައްލަވައިފިނަމަ، އަޅުގަނޑުމެންނަށް ފެންނަނީ، މިސާލަކަށް، ރަށެއްގެ ބަނދަރެއް ހަދަން ޖެހުނީ ނުވަތަ ނަރުދަމާ ހަދަން ޖެހުނީ ނުވަތަ މަގެއް ހަދަން ޖެހުނީ. އެ މަސައްކަތް މިހާރު މިއޮތް އުޞޫލުން ހިނގާނަމަ، ހިނގާ ގޮތަކީ ފުރަތަމަ މާލޭގައި ތިއްބަވާ ބޭފުޅުންނަށް، އެފަދަ ކަމެއް ކުރަންވެއްޖެކަމުގެ ޚިޔާލު ނުވަތަ ވިސްނުން މި އަންނަން ޖެހެނީ. އެއަށްފަހު، ސަރުކާރުގެ އެކަމަކާބެހޭ މިނިސްޓްރީއަކުން ރިޕޯޓެއް، ޕްރޮޖެކްޓެއް އެކަމަކަށް އެކުލަވާލަންޖެހެނީ. މިސާލަކަށް، ބަނދަރަކަށްވާނަމަ، ބަނދަރަކާ ގުޅޭ ޕްރޮޖެކްޓެއް. މަގަކަށްވާނަމަ މަގަކާ ގުޅޭ ޕްރޮޖެކްޓެއް. ނަރުދަމާއަކަށްވާނަމަ ނަރުދަމާއަކާ ގުޅޭ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓް އެކުލަވާލުމަށްފަހުގައި، އެ ޕްރޮޖެކްޓަށް ފައިސާ ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މަސައްކަތް ފަށްޓަވަނީ. އެކިއެކި އެހީދޭ ޖަމާޢަތްތަކާއި އަދި ލޯނު ނެގެންހުރި ގޮތްގޮތާއި، މިކަންކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބައްލަވަމުން ގެންދަވާ. ހަމައެއާއެކީގައި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސްއިންވެސް މިމަސައްކަތް ބައްލަވާ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ނުވަތަ ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްއަށް ޕްރޮޖެކްޓަކަށް ފައިސާއެއް ލިބޭނެ މަގު ފަހިވީމާ، އެމަސައްކަތެއް ދެން ޓްރެޜަރީއާ ޙަވާލުވަނީ. މިނިސްޓްރީ އޮފް ފިނޭންސާ. ފިނޭންސުން އެކަމެއް ކުރުމަށް ބަޖެޓުގައި ކަނޑައެޅެނީ. ވަރަށްދިގު މަގަކުން މެނުވީ އެއްވެސް ކަމެއް ޙަޤީޤަތުގައި ރައްޔިތުންނަށް ފޯރާކަށެއް ނެތް.

އެހެންވީމާ، އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ، އަޅުގަނޑުމެން ސަރުކާރެއް ހިންގާއިރުގައި، ބަނދަރެއް، މަގެއް، ނަރުދަމާއެއް ނުވަތަ އެނޫންވެސް އެހެން ކަމެއް އަތޮޅެއްގެ ރަށެއްގައި ކުރަން ވެއްޖެނަމަ، އެ އަތޮޅަކާ ހިސާބުން އެކަމެއް ހިނގަން ޖެހޭނެއޭ. މިދަންނަވާ ވާހަކައަކީ، ޕްރޮޖެކްޓް، ނަރުދަމާއެއް ހަދަން ވެއްޖެކަން ނިންމަން ޖެހޭނީ، އެ ސަރަޙައްދެއްގެ ބަޔެކޭ. އެއަށް ޕްރޮޖެކްޓް ހައްދަވަން ޖެހޭނީވެސް އެ ސަރަޙައްދަކުންނޭ. އެ ޕްރޮޖެކްޓަށް ފަންޑިންގ ހޯދުމަށް މަސައްކަތް ކުރުމުގައި އިސް ރޯލެއް، ދައުރެއް، އަދާކުރަން ޖެހޭނީވެސް އެ ސަރަޙައްދަކުންނޭ. ފައިސާ ލިބުނީމާ، ބަޖެޓުގައި ހިމަނައި އެކަން ކުރިއަށް ގެންދަންވީއޭ.

އެހެންވީމާ، ކަންކަން ކުރުމުގެ ސީދާ ބާރު، އަތޮޅުތަކަށް ދޫކޮށްލުން އަޅުގަނޑުމެންގެ ބޭނުމަކީ. އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލެވިފައި އޮތީ މި މަގަށް. އަޅުގަނޑަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި އޮތީ، ޤާނޫނީ ގޮތުން މިކަން ކުރެވޭނަމަ، މިކަން ކުރިއަށް ގެންދިޔުމަށް. ޤާނޫނީ ގޮތުން މިކަން ކުރުމަށް އަޅުގަނޑުމެން ބަލާއިރުގައި، އަޅުގަނޑަށް ލަފާ ލިބިފައި އޮތީ، މަޖިލީހުގެ ރުހުމެއް ނެތި މިކަން މިވަގުތު ކުރުން އެއީ ޤާނޫނީ ގޮތުން އެންމެ ހެޔޮ ގޮތް ނޫންކަން. ރަނގަޅު ގޮތަކަށްވާނީ، މަޖިލީހުގެ ރުހުމާ އެކީގައި މިކަން ކޮށް ކުރިއަށް ގެންދިޔުންކަން.

އެހެންވީމާ، އަޅުގަނޑުމެން ލާމަރްކަޒީ އުޞޫލުން ހިންގުމަށް މި ނިންމި ފުރަތަމަ ދެ ސަރަޙައްދަކީ އުތުރާއި ދެކުނު. އުތުރުގެ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅު. ދެކުނުން އައްޑުއަތޮޅާއި ފުވައްމުލަކު. މި ދެސަރަޙައްދުގައި ލާމަރްކަޒީ އުޞޫލުން ހިންގަން ފެށުމަށް އަދި އެހެން ސަރަޙައްދުތަކުގައިވެސް ލާމަރްކަޒީ އުޞޫލުން ކަންކަން ކުރުމަށް އަޅުގަނޑުމެންނަށް އެބަޖެހޭ މަޖިލީހުގެ ރުހުމެއް ސީދާ އެކަމަށް ހޯދަން. ޚާއްޞަ ގޮތެއްގައި، އެކަން މިހެން މިވަނީ، އަލަށް އަޅުގަނޑުމެން ޢަމަލު ކުރަން ފެށުނު އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި، އިންތިޤާލީ މަރްޙަލާގައި އަތޮޅުތަކާއި ކައުންސިލްތައް، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އިންތިޚާބުކޮށް ނިމި، މިކަންކަން ފުރިހަމަވަންދެން، އަޅުގަނޑުމެން ކަން ކުރާނެ ގޮތެއް ހޯދަންޖެހޭކަމުން.

ލާމަރްކަޒީ އުޞޫލުން ހިންގުމަށް އަދި ޤާނޫނެއް ނެތް. ޤާނޫނެއް ނެތް ތަނެއްގައި، އަޅުގަނޑުމެން މި އުޞޫލުން މިކަން ކުރުމަށްޓަކައި އަޅުގަނޑުމެން މި ދެކެނީ، ހެޔޮގޮތަކީ ރަނގަޅު ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން، އެބޭފުޅުންގެ ރުހުން މިމަގަށް އޮތްތޯ އަޅުގަނޑުމެން ބެލުން. އަޅުގަނޑުމެން ބެލި ބެލުމުގައި، މަޖިލީހަށް ސަރުކާރަށް ހުށަހެޅެން އެބައޮތް ބިލެއްވެސް. ޤަރާރެއްވެސް. މައްސަލައެއްވެސް. އަދި ކުއްލި މައްސަލައެއްވެސް. މައްސަލައެއް ހުށަހަޅައި، އެމައްސަލައަކަށް މަޖިލީހުގެ ރުހުން ލިބުނީމާ، އަޅުގަނޑުމެންނަށް އިތުބާރާއެކީގައި، ޤާނޫނީ ދައުލަތެއް ހިންގާއިރުގައި، އަޅުގަނޑުމެންނަށް އޮންނަންޖެހޭނެ އިތުބާރާއެކީގައި އަޅުގަނޑުމެންނަށް މިކަން ފަހިކަމާއެކީގައި ކުރިއަށް ގެންދެވޭނެ. އަޅުގަނޑަށް ޔަޤީން، މި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެދެނީ، ލާމަރްކަޒީ އުޞޫލުން ރަށްރަށުގެ، އަތޮޅުތަކުގެ ތަރައްޤީ، އެބޭފުޅުންނަށް އެކަމުގައި ޙިއްޞާއެއް އޮވެގެން، އެބޭފުޅުންނަށް އަތޮޅުތަކުގެ ބޭފުޅުންނަށް އެކަންކަމުގައި ބައިވެރިވެވިގެން އަދި އެކަންކަމަކީ އެބޭފުޅުންގެ ގާތުގައި ނިންމޭ ކަންކަމަށްވެގެން ކަންކަން ކުރިއަށްދިޔުމަކީ، މި ރާއްޖޭގެ ތަރައްޤީއާއި، މި ރާއްޖޭގެ އިދާރީ ހިންގުމަށްވެސް އޮތް އެންމެފަހި އެންމެ ރަނގަޅު ގޮތަކީ.

ޚާއްޞަ ގޮތެއްގައި، އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރު ކުރާނީ، އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެންގެ ސިޔާސަތު މިއޮތީ ސަރަޙައްދީ އުޞޫލުން ހިންގާގޮތަށް. އަޅުގަނޑުމެންނަކަށެއް ނެތް، އަތޮޅުވެރިން ޢައްޔަން ކުރެވޭކަށެއް. ޤާނޫނުއަސާސީގައި އަތޮޅުވެރިން ޢައްޔަންކުރާ ވާހަކައެއް، އެ ރޫޙަކު ނެތް. އަތޮޅު ކައުންސިލަރާއި ރަށު ކައުންސިލަރު އިންތިޚާބު ކުރާ ވާހަކަ، ޤާނޫނުއަސާސީގައި އޮތީ. އެހެންވީމާ، އަނެއްކާ އިންތިޚާބު ކުރަން އޮތް ކަމެއް އޮއްވައި، އަޅުގަނޑުމެންނަށް ކުއްލިއަކަށް އަތޮޅުވެރިން ޢައްޔަންކޮށްފައި ކުރިއަށް ގެންދިޔުމަކީ، މި ގާނޫނުއަސާސީގެ ރޫޙު ކަމަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެން މިމަސައްކަތް ފަށާއިރުގައި، އަޅުގަނޑުމެން ފަށަން މިއެދެނީ، ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް. އަޅުގަނޑުމެން މަޖިލީހުގެ ކިބައިން އެދުމަށް މި ޤަޞްދު ކުރަނީ، އަތޮޅު ކައުންސިލަރާއި ނުވަތަ ލާމަރްކަޒީ އުޞޫލުން ހިންގާ ޤާނޫނު ފާސްވެ، އެކަމާ ގުޅޭ އިންތިޚާބުތައް ނިމެންދެން، އަޅުގަނޑުމެންނަށް ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމުގެ ރުހުން މަޖިލީހުން މި ސަރުކާރަށް ދެއްވުމަށް. މީގެ އެންމެބޮޑު އެއް އަނެއް ބޭނުމަކީ، ފުރިހަމައަށް ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި، އެކަމަށް އަތޮޅުތައްވެސް އަޅުގަނޑުމެން އެބަޖެހޭ ތައްޔާރު ކުރަން. އަދި އަތޮޅުތަކުގެ އިންތިޚާބުތަކަށްވެސް އަތޮޅުތައް އަޅުގަނޑުމެން އެބަޖެހޭ ތައްޔާރު ކުރަން.

އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ކުރިއަށް މިއޮތް ހަމަސްދުވަހުގެ ތެރޭގައި، ހަމަސްދުވަހަކީ، ސަރަޙައްދީ ހިންގުމަށް ބައްލަވައިފިނަމަ، މި ހަމަސްދުވަހަކީ އެކަމަށް އޮތް އިންތިޤާލީ ހަމަސްދުވަސް. އެނގިވަޑައިގަންނަވާނެ، އިންތިޤާލީ މަރްޙަލާއިން މި ނެއްޓިފައި މިވަގުތު މިވަނީ ރިޔާސަތު. ރައީސުލްޖުމްހޫރިއްޔާ. އަޅުގަނޑު އިންތިޚާބުވެފައި މިއޮތީ މިހާރު އިންތިޤާލީ މަރްޙަލާއިން ނެއްޓި ޢަމަލުކުރާ ގޮތަށް. ޤާނޫނުއަސާސީގައި ހުރި މާއްދާތަކަށް، އިންތިޤާލީ މަރްޙަލާއިން ބޭރުގައިވާ މާއްދާތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށް، އެ މަގަށް ނޫން ގޮތަކަށް އަޅުގަނޑުމެން ސަރުކާރު ހިންގާކަން އަޅުގަނޑުމެން ނޭދެން. ޒިންމާދާރު ގޮތެއްވެސް ނޫން އެއީ. އަޅުގަނޑުމެން މި އުންމީދުކުރާ ޤާނޫނީ ދައުލަތް ހިންގެން އޮތް ގޮތެއްވެސް ނޫން އެއީކީއެއް. އަދި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކަންކަން ކުރިއަށް ގެންދަން، އަޅުގަނޑުމެން މި އެދޭ ބާރު ސްޕީޑްގައި، ތަރައްޤީގެ މަޝްރޫޢުތައް ހިންގެން އޮތް އުޞޫލެއްވެސް ނޫން އެއީ.

އެހެންވީމާ، އަޅުގަނޑު މަޖިލީހުގެ މެންބަރުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު މިއެދެނީ، ލާމަރްކަޒީ އުޞޫލާ ގުޅޭގޮތުން އަޅުގަނޑުމެން މިހުށަހަޅާ ހުށަހެޅުން، އެބޭފުޅުން މުޠާލިޢާއެއް ކުރެއްވުމަށްފަހުގައި، އެބޭފުޅުން އަޅުގަނޑުމެންނަށް ގޮތެއް ދައްކަވައިދެއްވާށޭ މި އުޞޫލުން މިކަން ކުރެވެން އޮތް. އަޅުގަނޑުމެން ކުރަން އެދޭގޮތް، އެބޭފުޅުންނަށް އަޅުގަނޑުމެން ހުށަހަޅާނަން. އަޅުގަނޑުމެންނެއް އެއްގޮތަކަށްވެސް ނޭދެން. އެއީ އެންމެފަހު ގޮތް ކަމަކަށް ނުވަތަ ހަމައެކަނި އަޅުގަނޑުމެން ބޭނުންވާ ގޮތް ކަމަށް. އަޅުގަނޑުމެން އަބަދުވެސް މިތިބީ މަޖިލީހާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް. އަޅުގަނޑުމެންގެ މުހިންމު ކަންކަން އަޅުގަނޑުމެން ނިންމަމުން ގެންދާނީ، މަޖިލީހުގެ ރުހުން، އެމައްޗަށް ލިބޭ ގޮތެއްގެ މައްޗަށް.
އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަބޭފުޅުންގެ ސުވާލަށް ފުރްޞަތު ހުޅުވާލުމުގެ ކުރީގައި، އަޅުގަނޑު، ޑޮކްޓަރ ވަޙީދު އެއްޗެއް ވިދާޅުވުމަށާއި، އަދި އިބްރާހީމް ޙުސައިން ޒަކީ އެއްޗެއް ވިދާޅުވުމަށް ފުރްޞަތު އަރުވާނަން.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

بســم اللّـه الرّحمـن الرّحيــم

އާދެ! މި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން މަސައްކަތްކުރިއިރުގައި، ރައްޔިތުންނަށް އަބަދުވެސް ދަންނަވަމުންދިޔައީ، ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށް، ޑިމޮކްރެޓިކް އުޞޫލުތަކުން ވެރިކަން ކުރާނެ ވާހަކަ. އަދި އަޅުގަނޑުމެން ދަންނަވަމުންދިޔަ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ހަތް ސަރަޙައްދެއްގައި ލާމަރްކަޒީ އުޞޫލުން ތަރައްޤީގެ މަޝްރޫޢުތައް ރާވައިގެން ހިންގާނެ ވާހަކަ ދަންނަވަމުން ގެންދިޔައީމު. އެހެންވީމާ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި މިހާރުއްސުރެ އަޅުގަނޑުމެން އެބަޖެހޭ އޮނިގަނޑެއް ރާވައި، އެކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ވިސްނަން. އެގޮތުން، ލާމަރްކަޒީ އުޞޫލުން ވެރިކަން ހިންގުމުގެ ޤާނޫނެއް ހެދި، ގަވާއިދުތައް ހެދެންދެންވެސް، އަޅުގަނޑުމެން ދަންނަވާފައިވާ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރުމަށްޓަކައި، އެކަންކަން ހިންގުމަށްޓަކައި، އަޅުގަނޑުމެން އެބަޖެހޭ ގޮތްތަކެއް ރާވަން.

އެގޮތުން، މީގެކުރިން ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ، އުތުރުގަޔާއި ދެކުނުގައި ދެ ސަރަޙައްދެއް ޤާއިމުކޮށް، އެތަންތަން އަޅުގަނޑުމެން ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި ފަށައިގަންނަ ވާހަކަ. އެހެންވީމާ، އެގޮތުން ދެންމެ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވިފަދައިން، އަޅުގަނޑުމެން އެކަމަށްޓަކައި ރާވަންޖެހޭ ރޭވުންތައް ރާވަމުން މިގެންދަނީ. މިދެންނެވި ގޮތަށް ހަމަޖެހިގެންދާއިރުގައި، ކޮންމެ ސަރަޙައްދެއްގައިވެސް ޕްރޮވިންޝަލް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ތިއްބަވާނެ. އެބޭފުޅުންގެ ދަށުން އެކިއެކި ސެކްޓަރތައް، އެކިއެކި ދާއިރާތައް ހިންގަވާނެ ބޭފުޅުން ތިއްބަވާނެ. ކޮންމެ ޒޯނެއްގައިވެސް ހަތަރު ދާއިރާއެއްގައި އަޅުގަނޑުމެން އެ ރޭވުން ހިންގަން ޤަޞްދު ކުރަނީ.

އެގޮތުން، މިސާލަކަށް ދަންނަވަނީނަމަ، އެކިއެކި އިޖްތިމާޢީ ޚިދްމަތްތައް ހިންގުމަށްޓަކައި، އެކަންކަން ކޯޑިނޭޓްކޮށް ހެދުމަށްޓަކައި ޔުނިޓެއް ހުންނާނެ، ޕްރޮވިންޝަލް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުގައި. އެ ޔުނިޓުގެ ދަށުން އެޒޯނެއްގައި ހިނގާ ތަޢްލީމީ، ޞިއްޙީ މިފަދަ އިޖްތިމާޢީ ޚިދްމަތްތައް ހިނގަމުންދާނީ. އަދި އަޅުގަނޑުމެންގެ މަޤްޞަދަކީ، މަރްކަޒީ ގޮތުން މިހާރު އުފެދިފައިވާ އެކިއެކި މިނިސްޓްރީތަކުގައި މިހާރު ހިންގަން ޙަވާލުވެފައިވާ ބައެއް ކަންކަން، މިސާލަކަށް ދަންނަވަނީނަމަ، ސްކޫލްތައް ހިންގުން، ސްކޫލްތަކުގެ ފެންވަރު ބެލުން، އެތަން އިންސްޕެކްޓް ކުރުން، މިހެން ކުރަންޖެހޭ ކަންތައްތައް އެއީ، މާލޭގައި ހުންނަ ވުޒާރާއަކުން ކުރުމުގެ ބަދަލުގައި، އެ ވުޒާރާގެ ބެލުމުގެ ދަށުގައި ތިބޭ ބަޔަކު ސަރަޙައްދުގައި ތިބެގެން އެކަން ކުރާ ގޮތަކަށް. މިދެންނެވި ގޮތަށް ދުނިޔޭގެ އެހެން ތަންތާނގައިވެސް ލާމަރްކަޒީ އުޞޫލުން ވެރިކަން ކުރަމުން ގެންދަނީ. ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން ގެންދަނީ. ރައްޔިތުންނާ ވީހާވެސް ގާތްގޮތެއްގައި ރައްޔިތުންނާ ކައިރިން އެމީހުންނަށް ދެވޭ ޚިދްމަތްތައް ބެލި، އެކަންކަން ރޭވި، އަދި ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ބައިވެރިވުން އެކަންކަން ހިންގުމުގައި އޮތުން.

އެހެންވީމާ، މި އުޞޫލުން އަޅުގަނޑުމެން މިކަން ކުރެވޭތޯ މި މަސައްކަތް ކުރަނީ. ދެން މިކަން މިހާރު އަޅުގަނޑުމެންނަށް ހިންގެން އަންނަނީ، ޤާނޫނަކާއި ގަވާއިދުތައް ހެދެންދެންވެސް ރައްޔިތުންގެ މަޖިލީހުގެ އިޒުނައަކާއެކީގައި. އެއީ، މިހާރު ހަމަޖެހިފައިވާގޮތާ ތަފާތު ގޮތަކަށް އަޅުގަނޑުމެން މިކަން ކުރަން ބޭނުންވާތީ. ތަފާތު ގޮތަކީ، އެއީ ރައްޔިތުން އެދޭގޮތް ކަމުގައި އަޅުގަނޑުމެން ދެކެނީ. އެއީ، މިދެންނެވި ގޮތަށް މެނިފެސްޓޯގައި އަޅުގަނޑުމެން ލިޔެ، އަދި މެނިފެސްޓޯ އަޅުގަނޑުމެންނަށް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގެ ސަބަބުން، އަޅުގަނޑުމެން މިއަދު އިންތިޚާބުވެގެން މިމަގާމުތަކާ ޙަވާލުވެފައި މިތިބީ.

އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދަކީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން މިހުށަހަޅާ ކަންތައް ހުށަހެޅުމަށްފަހުގައި، ވިސްނާވަޑައިގެން އަޅުގަނޑުމެންނަށް މިކަމާއިގެން ކުރިއަށް ދެވޭނެ ގޮތެއް ހޯއްދަވައިދެއްވައި، އެކަމަށް އަޅުގަނޑުމެންނަށް ބޭނުންވާ އެބޭފުޅުންގެ ލަފައާއި އިޒުނަ އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑު ޔަޤީން ކުރަން، އެޢިއްޒަތްތެރި މެންބަރުންގެ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ލިބިގެން، މިކަމާއިގެން ވަރަށް ހަލުވިކަމާއެކީ އަޅުގަނޑުމެންނަށް ކުރިއަށް ދެވުމުގެ ފުރްޞަތު ދާދި އަވަހަށް ލިބޭނެ ކަމަށް.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ:

بســم اللّـه الرّحمـن الرّحيــم

އާދެ! ދެންމެގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ދެއްކެވި ވާހަކަފުޅުތައް އަޅުގަނޑު ތަކުރާރު ކުރާކަށް ނެތިން. އަޅުގަނޑު ހަމައެކަނި ދަންނަވާލަން، ފާހަގަކޮށްލަން ބޭނުންވަނީ، މިއަންނަނީ އަސާސީ ބަދަލެކޭ. ކުރިން ޙަޤީޤަތުގައި އަތޮޅުތަކުގައި ރަށްރަށުގައި ރައްޔިތުންގެ މުސްތަޤްބަލް ބައްޓަން ކުރައްވަމުން ގެންދެވީ، މާލޭގައި ތިއްބަވާ ބޭފުޅުން. ޙަޤީޤަތުގައި މިއަދު މިވާން އުޅޭ ގޮތަކީ، އަޅުގަނޑުމެން މި ކުރަމުންގެންދާ މަސައްކަތަކީ، މި ސަރުކާރު ޙަޤީޤަތުގައި ކާމިޔާބު ކުރީ، އަޅުގަނޑުމެންގެ މެނިފެސްޓޯ ރައްޔިތުން ގަބޫލުކުރާތީ. ގަބޫލުކޮށްގެން ވޯޓުލާފައި މިއޮތީ. އެ މެނިފެސްޓޯގައި ވަރަށް ރަނގަޅަށް މިބައި އެބައޮތް ތަފްޞީލުކޮށް ބަޔާންކޮށްފައި. ލާމަރްކަޒީ އުޞޫލުން މި ސަރުކާރުން ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް. ޙަޤީޤަތުގައި ރައްޔިތުންގެ ވެރިކަމެއް އެއްވެސް ޤައުމެއްގައި ގެންދެވޭނީ، މިދެންނެވި އުޞޫލުން އެބައެއްގެ މުސްތަޤްބަލް، އެބަޔަކު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން އެބަޔަކަށް ލިބިގެން.

އެހެންވީމާ، އަޅުގަނޑު މިކަން ފާހަގަކޮށްލަން. ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކާމިޔާބު ތަރައްޤީއެއް ހޯދާފައި ހުރި ކޮންމެ ޤައުމެއްގައިވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްސިފައަކީ، ލާމަރްކަޒީ އުޞޫލުން ތަރައްޤީގެ ކަންތައް، އިދާރީ ކަންތައްތައް ބައްޓަންވެގެން ގޮސްފައި ހުރި ޤައުމުތައް. އެހެންވީމާ، މިއީ އަޅުގަނޑު ފާހަގަކުރާ ކަމެއް. އެކަމަކު ސަރުކާރުން މިފަށްޓަވާ މި މުހިންމު މަސައްކަތްޕުޅުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އިތުބާރާއި، އެބޭފުޅުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން އޮވެގެން މިކަން ކުރިއަށް ގެންގޮއްސިއްޔާ، މުޅި ޤައުމު މިކަމަށް ބައްޓަންވެގެންދާނެ ކަމަށް ނުވަތަ އަމާޒުވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޙަފްސީ ޢަބްދުﷲ - ޓެލެވިޜަން މޯލްޑިވްސް:

ކިހާތަނެއްގައިތޯ ރައްޔިތުންގެ މަޖިލީހުގެ އިޒުނައަށް އެދި ހުށަހަޅުއްވާނީ. ދެން އަދި ހަމައެއާއެކީގައި، ރައްޔިތުންގެ މަޖިލީހުގެ އިޒުނައަށް މިހާރު ތިޔަ އެދިވަޑައިގަންނަވަނީ، ހަމައެކަނި އުތުރާއި ދެކުނުގެ ޒޯން މި އުޞޫލުން ހިންގަވަންތޯ؟ އެހެންކަމަށްވާނަމަ، މި މުއްދަތުގެ ތެރޭގައި އެހެން އަތޮޅުތައް ކިހިނެއްތޯ؟ ކޮން އުޞޫލަކުންތޯ ކުރިއަށްދާނީ؟ އަތޮޅުވެރިން ތިއްބަވައިގެންތޯ؟ މިހާރު އަތޮޅުވެރިން ޢައްޔަން ނުކުރައްވައި މަޑުކުރައްވަނީ ހަމަ މި އުޞޫލުން އެހެން އަތޮޅުތައްވެސް ހިންގަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަޅުގަނޑުމެން ހަމަ މި އުޞޫލުން ހުރިހާ އަތޮޅުތައްވެސް ހިންގަން އަޅުގަނޑުމެން ބޭނުމީ. އެއްވެސް ޙާލެއްގައި އުތުރާއި ދެކުނު އެކަންޏެއް ނޫން. އަޅުގަނޑުމެން ފުރަތަމަ އަޖުމަ ބަލާލުމަށްޓަކައި، އަންދާޒާ ކޮށްލުމަށްޓަކައި، މި ދެސަރަޙައްދުގެ އިދާރީ މަސައްކަތްތައް އެތެރޭގައި އަޅުގަނޑުމެން ހިންގަން ފެށީ. އަޅުގަނޑުމެންނަށް މިހާރު އިތުބާރު އެބައޮތް. ހަތް ސަރަޙައްދުވެސް އަޅުގަނޑުމެންނަށް ހިންގަން ފެށޭނެ. އަޅުގަނޑުމެންނަށް އެ ހަތް ސަރަޙައްދަށް އެކީގައި މަޖިލީހުގެ އިޒުނައަށް އަޅުގަނޑުމެން މި އެދެނީ. އިރާދަކުރެއްވިއްޔާ، ހަމަ މާދަމާ އެކަން ކުރެވޭތޯ އަޅުގަނޑުމެންގެ އަމާޒަކީ. މަޖިލީހަށް މާދަމާ މި މައްސަލަ ގެންދެވޭތޯ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ޑޮކްޓަރ ވަޙީދު ފާހަގަކުރެއްވި ޕްރޮވިންޝަލް މިނިސްޓަރުން ތިއްބަވާނެ ކަމަށް ކޮންމެ ސަރަޙައްދެއްގައިވެސް، އެދާއިރާތައް ހިންގުމަށްޓަކައި. އަޅުގަނޑުގެ ސުވާލަކީ، ޕްރޮވިންޝަލް މިނިސްޓަރުންގެ މަތިން އަދި އަޅުގަނޑަށް ހީވަނީ ސްޓޭޓް މިނިސްޓަރުން ތިއްބަވާ ވާހަކަ، ކުރީ ދުވަހުގެ ނިއުސް ކޮންފަރެންސްގައި ވިދާޅުވި. ކޮބައިތޯ ސްޓޭޓް މިނިސްޓަރުންގެ ދައުރަކީ؟ އެއީ ބޭރު ތަންތާނގައި އޮންނަ ގޮތަށް ގަވަރނަރތޯ؟ އެއީ އެއްސުވާލު.

ރައީސް ނަޝީދަށް އަޅުގަނޑު ދަންނަވާލަން އޮތް ސުވާލަކީ، ޑޮކްޓަރ ވަޙީދުވެސް ފާހަގަކުރެއްވި، ތަންތަނުގެ ޚިދްމަތްތައް، އެތަންތަނުން ލިބޭގޮތަށޭ. މިސާލަކަށް، ސްކޫލެއް ވެއްޖިއްޔާ، އެސްކޫލްގެ ފެންވަރު ބެލުމާއި އެކަންތައްތައް. ކިހިނެއްތޯ؟ އެހިސާބުތަކުގައި އެބަހުރިތޯ އެވަރުގެ ހިއުމަން ރިސޯސް، ތިޔަބޭފުޅުން ކަންތައްތައް ކުރައްވާއިރުގައި. މިސާލަކަށް، ތަޢްލީމީ ދާއިރާގެ ފެންވަރު ބެލުމާއި ސުޕަވައިޒް ކުރައްވާނެ ބޭފުޅުން އެބަތިއްބެވިތޯ؟ އެހެން ދާއިރާތައް ބަލާ ކަމަށްވަންޏާ، އިމިގްރޭޝަން، އައި.ޑީ ކާޑު. މިކަހަލަ ވަރަށްގިނަ ކަންތައްތައް ސީދާ އެ ސަރަޙައްދަކުން ލިބެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކޮބައިތޯ ހިއުމަން ރިސޯސް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ ގޮތަކީ ޤާއިމު ކުރައްވަން.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

އާދެ! މި ޚިޔާލުތަކާއި މި އޮނިގަނޑުތައް އަޅުގަނޑުމެން މިހާރު ބައްޓަން ކުރަމުން އަދި މިގެންދަނީ. ދެން މިމަގާމުގައި ހުންނަވާ ބޭފުޅަކަށް ކިޔާނެ ނަމަކާ ބެހޭގޮތުން އަޅުގަނޑުމެން ޚިޔާލު ކުރަމުންދާއިރުގައި، އަޅުގަނޑުމެން ވިސްނަމުން ގެންދިޔައިން ސްޓޭޓް މިނިސްޓަރުން ކިޔުމަށްވެސް. ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު ބޮޑަށް ވިސްނެނީ، ކުރިންވެސް އަޅުގަނޑުމެންނަށް ތަޢާރުފުވެފައި އޮތް ޕްރޮވިންޝަލް އެފެއާޒް. އެހެންވީމާ، އެ ވިސްނުމުގެ ދަށުން ސްޓޭޓް މިނިސްޓަރުންގެ ބަދަލުގައި، ޕްރޮވިންޝަލް މިނިސްޓަރުން ކިޔުން ރަނގަޅު ކަމަށް އަޅުގަނޑުމެން މިހާރު ވިސްނަމުން މިގެންދަނީ. ދެން ކޮންމެއަކަސް މިއީކީ މުޅިން އަދި ފައިނަލައިޒްވެފައި ހުރި މުޅިން ނިމިފައި ހުރި ނަންތަކެއް ނޫން. އަޅުގަނޑު ދެންނެވިހެން އަޅުގަނޑުމެން މިއުޅެނީ، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެވެސް ލަފާފުޅަކަށް މިކަމުގައިވެސް އަހަން. ދެން މި ނަން އަދި މިނޫން ގޮތަކަށްވެސް ބަދަލުވެދާނެ. އެހެން ނަމަވެސް، މިވަގުތު އަޅުގަނޑުމެންނަށް ބޮޑަށް ބުރަވެވޭގޮތް މިދެންނެވީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންގެ ކެޕޭސިޓީ މިތަނުގައި އެބަހުރިތޯ؟ އަޅުގަނޑުމެން މިބަލަނީ މާލެއިން އިތުރު ތަނެއް ހަދަނީކީއެއް ނޫން. އަޅުގަނޑުމެން މާލެއިން މިގެންދަންވެގެން އަޅުގަނޑުމެން މި އުންމީދު ކުރަނީ، ކޮންމެ ސަރަޙައްދަކަށް މަދުވެގެން ފަސްދޮޅަހަކަށް މަގާމު. އެއީ، ހަމަ މާލޭގައި މިވަގުތު މިސާލަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ހއ. ހދ. ށ. އާ ގުޅޭގޮތުން މަސައްކަތް ކުރައްވާ ބޭފުޅުން ވަޑައިގަންނަވަންވީ އެސަރަޙައްދަށް. އަދި މިނިސްޓްރީ އޮފް ހެލްތްގެވެސް. މިހެންގޮސް އަޅުގަނޑުމެންގެ 14 މިނިސްޓްރީގައިވެސް. އެ ސަރަޙައްދުތަކާ ގުޅޭ މަސައްކަތްތައް ވަކިކޮށްލާފައި، އެ ސަރަޙައްދުތަކަށް ގެންދިޔުން އަޅުގަނޑުމެންގެ އަމާޒަކީ.

ދެން އެހެން ދާއިރުގައި މުވައްޒަފުންނަށް ދޭންޖެހޭ ޢިނާޔަތާއި، ފަސޭހަކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުވައްޒަފުންނަށް ރައްދުކޮށްދޭނަން. އަޅުގަނޑުމެންގެ މިނިސްޓްރީތަކުން މިހާރުދަނީ އެމުވައްޒަފުންތައް ފާހަގަކުރަމުން. އަޅުގަނޑުމެންނަށް މިހާރު މިވަނީ ހަމަކަށަވަރުންވެސް އުތުރަށާއި ދެކުނަށްވާވަރަށް މުވައްޒަފުން ފާހަގަކުރެވިފައި. އަދި އެމުވައްޒަފުން އެސަރަޙައްދުތަކަށް ހަމަ މާދަމާވެސް ދެވޭގޮތަށް ކަންކަން ހަމަޖެހިފައި ހުރީ. އުތުރުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރ އަސްލަމާއި އަދި އިކޮނޮމިކއ ޑިވެލޮޕްމަންޓް މިނިސްޓަރ ރަޝީދާއި އަދި ދެކުނުގައި ހެލްތް މިނިސްޓަރ އާމިނަތު ޖަމީލާއި، އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ލުޠުފީއާ، އެބޭފުޅުން އިއްޔޭއްސުރެ މިދެސަރަޙައްދުގައި މަސައްކަތް ކުރައްވަމުން އެގެންދަވަނީ. އަޅުގަނޑުމެންނަށް މި ދެސަރަޙައްދުގައި މިސާލަކަށް ބަލާއިރުގައި، ޢިމާރާތްވެސް ފުރިހަމައަށް އެބަހުރި. ހަމަ މިކޮޅުން އަޅުގަނޑުމެންނަށް މާދަމާވެސް މީހުން ގެންގޮސް އެތަނުގައި މަސައްކަތް ފެށޭގޮތަށް މިވަނީ.

ގަބޫލުފުޅު ކުރައްވާ. ބައިނަލްއަޤްވާމީ ފަރާތްތަކުގެވެސް ވަރަށްބޮޑު ޝައުޤުވެރިކަމެއް ހުރީ، ސަރަޙައްދީ ގޮތަށް ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމަށް. އަދި އެގޮތަށް އަޅުގަނޑުމެން އެ އުޞޫލުން ހިންގާ ކަންކަމަށް އެބޭފުޅުންގެ އެހީތެރިކަންވެސް ބޮޑުވާނެކަމުގެ ޔަޤީންކަން އެބޭފުޅުންވެސް އަޅުގަނޑުމެންނަށް އެބަދެއްވަމުން ގެންދަވާ. ޙަމްދޫން ތިޔަކުރެއްވި ސުވާލުގެ ކުރު ޖަވާބަކީ، އަޅުގަނޑުމެން ދެކޭގޮތުގައި، މި ރާއްޖޭގައި އެ ކެޕޭސިޓީ، އެފެންވަރު، އެބާވަތުގެ ބޭފުޅުން އެބަތިއްބެވި.

މާލެއިން އަޅުގަނޑުމެން މިދަންނަވާހެން ފަސްދޮޅަހަކަށް ވަޒީފާ ކޮންމެ ސަރަޙައްދަކަށް ބަދަލުކުރާއިރު، އަދި އޭގެއިތުރުންވެސް އެސަރަޙައްދުތަކުގައިވެސް އަޅުގަނޑުމެން އިތުރު ވަޒީފާއަށް ގޮވާނަން. ދެން އަޅުގަނޑުމެން މިދެކެނީ، އެޑްމިނިސްޓްރޭޝަން، އަޅުގަނޑުމެންގެ ސަރުކާރުގެ އިދާރީ ހިންގުން، މުޅި ރާއްޖެއަށް ރަނގަޅު ގޮތެއްގައި ފެތުރި ބެހިގެންދާނެ އުޞޫލެއް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އެއްވެސް އަތޮޅެއްގެ ރައްޔިތަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. މިސާލަކަށް، އެވެނި އަތޮޅަކާއި މިވެނި އަތޮޅަކާ ގުޅިފައި، އެ އަތޮޅެއްގެ އިދާރީ ހިންގުން މަރްކަޒުވެފައި ހުންނަނީ މިވެނި ރަށެއްގައި ކަމަށްވާތީ. ހުރިހާ ރަށެއް، ހުރިހާ އަތޮޅެއް ހަމަ އެއްމިނެއްގައި، އެއްމިންވަރަކަށް މިކަމުގައި ބައިވެރިވާނެ. ބައިވެރި ކުރެވޭނެ. އަދި އެއްވެސް އަތޮޅެއްގެ އެއްވެސް ބައެއްގެ، އެއްވެސް ރަށެއްގެ ވަކި ބޮޑު ބަރުދަނެއް، އަނެއް ރަށަކަށްވުރެ، އަނެއް އަތޮޅަކަށްވުރެ ބޮޑެއް ނުވާނެ. ހަމަހަމަ އުޞޫލަކުން، ހަމަހަމަ ގޮތަކުން ވަޒީފާތައްވެސް އެތުރިގެންދާނީ. މަގާމުތައްވެސް އެތުރިގެންދާނީ. އަދި ހިންގުންވެސް އެތުރިގެންދާނީ.


އަޙްމަދު މުޙްސިން – ޖަޒީރާ ޑެއިލީ:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އެއްސުވާލަކީ ދެންމެ ޙަމްދޫން ކުރެއްވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބާ ގުޅިގެން. އެ ސުވާލަކީ ވިދާޅުވެއްޖެ ފަސްދޮޅަހަކަށް މަގާމުވަރު ކޮންމެ އަތޮޅަކަށް ދާނެކަމަށް. އުފެދޭ ސުވާލަކީ، އެއްވެސްވަރަކަށް އިސްކަން ދެއްވާނަންތޯ އެ ސަރަޙައްދެއްގެ ބަޔަކަށް ނޫނީ އެއަތޮޅެއް ނޫނީ އެރަށެއްގެ ބަޔަކަށް އެމަގާމުތައް އެހިސާބުން ލިބޭނެގޮތެއް ހައްދަވަން. އެއްވެސްވަރަކަށް އިސްކަން ދެއްވާނަންތޯ؟

އަނެއް ސުވާލަކީ، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، އިތުރު ބަޖެޓެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ކަމަށް އިއްޔެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައި. ބަޖެޓް ހުށަހަޅުއްވާއިރުގައި، ރާއްޖެތެރޭގައި ނޫނީ އަތޮޅުތެރޭގައި، އަތޮޅުތަކުން މި ބަޖެޓަށް ކިހާވަރަކަށް ލަފާދެއްވާނަންތޯއޭ. އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ކަންތައްތައް، އޭގައި ހިމެނުމަށް ކިހާވަރެއްގެ ސަމާލުކަމެއް ތިޔަބޭފުޅުން ދެއްވާނަންތޯ؟ އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އަތޮޅުތެރޭގައި ކުރައްވަން އެ ބަޖެޓުން އެންމެބޮޑު އިސްކަމެއް ތިޔަބޭފުޅުން ދެއްވާނީ ކޮންކޮން ކަންތައްތަކަކަށްތޯ؟ ކޮންކޮން ކަންތައްތަކެއް ކުރައްވަންތޯ އެންމެބޮޑު އިސްކަމެއް ދެއްވާނީ؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ސަރަޙައްދުތަކުގައި ޤާއިމުކުރަން ބޭނުންވަނީ، ޑެލިވަރ ކުރެވޭނެ ކަންކަން ކުރެވޭނެ މުވައްޒަފުން. މުވައްޒަފުންގެ ރަށާއި އަތޮޅާއި ޤަބީލާއާއި ޢާއިލާއަށްވުރެ ބޮޑަށް ސީދާ ކަންކަން ކުރެވޭނެ މުވައްޒަފުންނަށް. ހަމަކަށަވަރު އޭގެތެރޭގައި ވަކިއަތޮޅެއްގެ ވަކިތަނެއްގައި ވަޒީފާ އަދާކުރުމަށް ސަރުކާރު މުވައްޒަފަކު އެދިވަޑައިގަންނަވާ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެން އެގޮތަށް އެކަން ހަމަޖައްސައިދޭނަން. އަޅުގަނޑުމެންވެސް އެދެނީ، އެ ސަރަޙައްދެއްގައި އެ ސަރަޙައްދަކަށް ނިސްބަތްވާ ސަރުކާރުގެ މުވައްޒަފުން ވަޒީފާ އަދާކުރުން. އަޅުގަނޑުމެންނަށް މި ސަޕްލިމެންޓަރީ ބަޖެޓް، އެހެން ނޫނިއްޔާ ތިންމަސްދުވަހުގެ ފަހުން ހުށަހަޅާ ބަޖެޓް ހުށަހެޅޭނީ، ސަރަޙައްދީ އުޞޫލުން މިއަދު މިކަން ކުރެވިގެން. އޭރުން އަޅުގަނޑުމެންނަށް އެނގޭނީ، އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިތޯ. އެބޭފުޅުން ބަޖެޓުގައި ހިމަނުއްވަން ބޭނުންފުޅުވަނީ ކޮންކޮން ކަންތައްތަކެއްތޯ؟ އަދި އެބޭފުޅުންނަށް އެބަޖެޓުގެ މަޝްރޫޢުތައް އެކުލަވާލައި، ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢުތައް އެކުލަވާލައި، އެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގެ ކަންތައްތައްވެސް ބާރަށް ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުމެންނަށް މިހާރު މަޢްލޫމާތު ލިބިފައިވާ ގޮތުން، މި ސަރަޙައްދުތަކުގައި އަޅުގަނޑުމެން މި ޤާއިމު ކުރަން މި ބޭނުންވާ މިސާލަކަށް ޕްރޮވިންޝަނަލް މިނިސްޓަރަކަށްވިޔަސް. ދެން ޕްރޮވިންޝަން މިނިސްޓަރ. އެބޭފުޅުން ތިއްބެވީ ވަރަށް ބޮޑަށް ތައްޔާރަށް. ހަމަ މާދަމާވެސް އެކިއެކި ސަރަޙައްދުތަކުގައި އެބޭފުޅުން އަޅުގަނޑުމެންނަށް އެބަ އިޝާރާތް ކުރައްވާ ތިމަންނާމެންނަށް އެބައޮތޭ ނަރުދަމާތައްވެސް ހެދޭނެ މަޝްރޫޢުތައް ރޭވެން. މަގުތައްވެސް ހެދޭނެ މަޝްރޫޢުތައް ރޭވެން. ބަނދަރުތައްވެސް ހެދޭނެ މަޝްރޫޢުތައް ރޭވެން. ގެދޮރު ޢިމާރާތް ކުރެވޭނެ މަޝްރޫޢުތަކާއި، ދަތުރުފަތުރު ކުރެވޭނެ މަޝްރޫޢުތަކާއި، ބޭސްފަރުވާއާއި ޞިއްޙީ ޚިދްމަތާއި، މިކަންކަން ފުރިހަމަކުރެވޭނެ މަޝްރޫޢުތައް ރޭވެން. ހޮސްޕިޓަލްތައް މިސާލަކަށް ބޭރުބަޔަކާ އެކީގައި ޖޮއިންޓް ވެންޗަރއެއްގެ އުޞޫލުން ކުރިއަށް ގެންދާ ކަމަށްވަނީ ކަމުގައިވިޔަސްވެސް، އެއީ އެ ސަރަޙައްދަކުން އިސްނަގައިގެން، އެބޭފުޅުން އެކިއެކި ބޭފުޅުންނާ މުޢާމަލާތް ކުރައްވައިގެން އޭގެ އެންމެފަހު މަރްޙަލާއަށް ގެނެސްދެއްވާނީ. ސަރުކާރުން ހުރިހާ އެންމެން އެކުގައި ވަޒީރުންގެ މަޖިލީހުން އަޅުގަނޑުމެން މިކަން ކުރަމުން ގެންދާނީ. އެހެންވީމާ، މުޙްސިން ތިޔަކުރެއްވި ސުވާލުގެ ސީދާ ޖަވާބަކީ ބަޖެޓުގައި ރަށްރަށުގެ ކަންކަން އަޅުގަނޑުމެންނަށް ހިމެނެން އަންނަނީ، ފުރިހަމަ ގޮތުގައި ހިމެނެން އަންނަނީ، މިއަދު މިވަގުތު މި ސަރަޙައްދީ އުޞޫލުން އަޅުގަނޑުމެންނަށް ހިންގަން ފެށިގެންނޭ.


ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުގެ ސުވާލަކީ މިހާރު ތިޔަބޭފުޅުން ދެ ސަރަޙައްދަށް ނުވަތަ ހަތް ސަރަޙައްދަށް ޕްރޮވިންޝަލް މިނިސްޓަރސް ނުވަތަ އެނޫންވެސް ނަމެއްގައި މިނިސްޓަރުން ފޮނުއްވާފައި، ދެން ހައެއްކަ މަސް ދުވަހުގެ ތެރޭގައި އެބައާދޭ ޕްރޮވިންޝަލް އިލެކްޝަން ދޮއެއްތޯ. ކައުންސިލްތަކުގެ. ދެން ވަރަށްގިނަފަހަރު އަޅުގަނޑުމެންނަށް ހަމަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައި ހުރި ކަންތައްތައް މިއީ. މިހެން ތިއްބަވާ މިނިސްޓަރުން، އެ ކައުންސިލްތަކަށް ކުރިމަތިލައްވައިގެން، އިންތިޚާބުވެވަޑައިގަތުން. އެހެންވީމާ، މިކަން ތިޔަބޭފުޅުން ނަންގަވާފައި އޮތީ ކިހިނެއްތޯ؟ މިހާރު ތިޔަފޮނުއްވާ މިނިސްޓަރުންނަށްވެސް ހަމަ އެ ކައުންސިލްތަކުގައި ވާދަ ކުރައްވައިގެން، މިނިސްޓަރުންނަށް ވަޑައިގެންނެވުމުގެ ފުރްޞަތު އޮންނަ ގޮތަކަށްތޯ ތިޔަފޮނުއްވަނީ. އެހެންކަމަށްވާނަމަ، އެކަން ކިހިނެއްތޯ ތިޔަބައްލަވަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން މިދެކެނީ، އިންތިޚާބެއްގައި ރައްޔިތުން ނިންމާނީ، ރައްޔިތުންގެ ފަރާތުން ތަމްސީލު ކުރާނީ ކޮންބައެއްތޯ؟ ޤާނޫނުތަންދޭ ނުވަތަ ޤާނޫނީގޮތުން ޝަރުޠު ހަމަވާ ކޮންމެ ބޭފުޅަކަށް އިންތިޚާބަށް ކުރިމަތިލެއްވޭނެ. ވަޒީރުންނަކަށް ސިޔާސީ އެހެން މަގާމު އަދާކުރެވޭ ކަމަށް ޤާނޫނުއަސާސީ ޖާގަ ލިބި، އެކަންކަން އެހެން އޮތްކަމަށްވަނީވިއްޔާ، ހުރަހެއް ނެތް. ހުރިހާ ބޭފުޅުންނަށްވެސް ރައްޔިތުންގެ ވޯޓާ އެކީގައި، ކަންކަމަށް ކުރިމަތިލައްވައި ކުރިއަށް ގެންދެވޭނެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

އާދެ! މިސުވާލާ ގުޅޭގޮތުން އަޅުގަނޑަށް ވިސްނޭގޮތުގައި، ވަޒީރު ކަމުގެ މަގާމުގައި ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައިގެން، އެކަމަށް މަސައްކަތް ކުރެއްވުމުގެ ޖާގައެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް މިހާރު އެނގިފައި އޮންނަ ގޮތުގައި، ސިޔާސީ މަގާމުތަކުން ވަކިވެވަޑައިގެން، އެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ.

އަޙްމަދު ރިފާޢު – ދި އެފް.އެމް

އިއްޔެ ރައްޔިތުންގެ މަޖިލީހަށް މިހާރު މިވަނީ 2009 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ސަރުކާރުން ހުށަހަޅުއްވާފައި. ދެން އިއްޔެ ބައެއް މެންބަރުން ވާހަކަފުޅު ދެއްކެވިއިރު ފާހަގަކުރެއްވި، ތިޔަބޭފުޅުން ހިންގަވަން ޤަޞްދުކުރައްވާ ލާމަރްކަޒީ އުޞޫލަށް މިހިނގާ ޚަރަދުގެ ތަފްޞީލު ބަޖެޓުގައި ޖައްސަވާފައި ނެތް ކަމަށް. ނުވަތަ އެ ތަފްޞީލުތައް ހާމަކޮށް ފެންނަން ނެތް ކަމަށް. ވިދާޅުވެދެއްވަފާނަންތޯ މިހާރު ތިޔަހިންގަވަން ގަޞްދުކުރާ ޕައިލޮޓް ޕްރޮޖެކްޓް ނަމަވެސް، އެކަމަށްދާނެ ޚަރަދަކީ ކޮބައިކަން. އެއްވެސް ވަރަކަށް އެކަހަލަ ފިގަރއެއް އެބައޮތްތޯ މިހާރު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެހެން އެބައޮތް. މޯބަލައިޒް ކުރުމަށް ނުވަތަ ބަދަލުކުރުމަށް ހިނގާ ޚަރަދު އަޅުގަނޑުމެން އަތުން ދާނީ. އިތުރު ކަމެއް ކުރަން އަޅުގަނޑުމެން އުޅެނީކީއެއް ނޫން. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހއ. ހދ. ށ. އަށް، ވަކި ސަރަޙައްދަކަށް މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ތެރޭގައި މާލޭގައި ކުރާ ޚަރަދު، މާލޭގައި ކުރުން ހުއްޓާލާފައި އެތަނުގައި ކުރާށޭ. އަޅުގަނޑުމެންނެއް އިތުރު ބޮޑު ޚަރަދުތަކެއް ކުރާކަށް ނޫން އަޅުގަނޑުމެން މިއުޅެނީ. ޙަޤީޤަތުގައި ޚަރަދު ކުޑަކުރަން. އެހެންވީމާ، އަޅުގަނޑުމެން މިވަގުތު ހަމައެކަނި ބޭނުންވަނީ، އެއްގޮތަކުން ދަންނަވަންޏާ، މޯބަލައިޒް ކުރުމަށް ބޭނުންވާ ޚަރަދު. އެއީ، އަޅުގަނޑުމެން މިއަންދާޒާ ކޮށްގެން މިތިބީ، ކޮންމެ ސަރަޙައްދަކަށް ވިހި މިލިއަން ރުފިޔާ ކަމަށް.

ފާޠިމަތު އަޒްދާ – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ، މިހާރު މިކަމަށްޓަކައި އެކުލަވާލައްވާފައި އެބަވޭ ޓެކްނިކަލް ކޮމިޓީއެއް. އެކޮމިޓީން އަޅުގަނޑުމެންނަށް މަޢްލޫމާތު ދެއްވާފައި މިވަނީ، އެބޭފުޅުން އެކުލަވާލައްވާފައިވާ ޑްރާފްޓް އެޓަރނީޖެނެރަލްގެ ލަފައަކަށް މިހާރު ފޮނުއްވާފައިވާ ކަމަށް. އަޅުގަނޑުގެ ސުވާލަކީ، މިހާރު ލަފާ ލިބިވަޑައިގެންނެވީތޯ؟ ދެން ކޮންކަހަލަ ލަފައެއްތޯ ތިޔަބޭފުޅުން ހޯއްދަވަނީ.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ލަފާ މިހާރު ލިބުނީ. އަޅުގަނޑުމެންނަށް ލިބުނު ލަފައަކީ، މަޖިލީހުގެ ރުހުމާ އެކީގައި މިކަން ކުރުން އެއީ، އެންމެ ހެޔޮގޮތް ކަމަށް އެޓަރނީޖެނެރަލަށް ފެނިވަޑައިގަންނަވާ ކަމަށް. އެހެންވީމާ، އަޅުގަނޑު މި މަޖިލީހުގެ ލަފައަކަށް މިއެދެން ޖެހެނީ. މަޖިލީހުގެ ރުހުމަށް އަޅުގަނޑުމެން މިއެދެން ޖެހެނީ.


މަރިޔަމް ދާނިޝް ނަޝީދު – ދި ޓީ.ވީ:

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ސިވިލް ސަރވިސްގައިވެސް ބެލެވޭ ޑީ.އާރު.ޕީ.އަށް ނިސްބަތްވާ މީހުންކަން ގިނައީ. ދެން އެމް.ޑީ.ޕީ. އިންވެސް ކުރީގައިވެސް މިހާރުވެސް އަބަދުވެސް އުފުލަމުން އަންނަ ޝަކުވާއެއް މިއީ. ދެން އެހެންވީމާ، މިހެންވުމުން ޑީ.އާރު.ޕީ.އަށް ނިސްބަތްވާ މީހުން މިތަންތަނުގައި ގިނަވުމުން، މިހުރިހާ ކަމެއް ކުރުމަށް އެއްވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރައްވަންތޯ؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން އަޅުގަނޑު ނުކުރަން. ޑީ.އާރު.ޕީ ބޭފުޅުންވެސް ހަމަ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ބޭފުޅުން ތިއްބަވާނީ. ދެން އޭގައި އަޅުގަނޑަކަށް ހަމަ އެއްވެސް ދައްޗެއް، ހަމަ އެއްގޮތަކަށްވެސް އަދި މިހާތަނަށްވެސް ފާހަގަކޮށްލަން އަޅުގަނޑު އެބަ ޖެހޭމެ ހަމަ ނުވާނެ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދައްޗެއް ނުވާނެ. ޑިމޮކްރަސީގެ ރީތި އުޞޫލުން އަޣްލަބިއްޔަތުން މަސައްކަތް ހިނގަމުންދާނީ. އެހެންވީމާ، އެކަމުގެ ދައްޗެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.

އަޙްމަދު މުޙްސިން – ޖަޒީރާ ޑެއިލީ:

މާފު ކުރައްވާތި. އަޅުގަނޑު ކުރި ސުވާލުގެ ޖަވާބު އަޅުގަނޑަށް ފުރިހަމައަށް ލިބުނުހެން ހީނުވާތީ ތަކުރާރުކޮށްލަން. އަޅުގަނޑުގެ ސުވާލުގެ ބައެއް މިއީ ބަޖެޓުގެ ދަތިކަން މިހާރު އޮތްއިރުގައި، ތިޔަބޭފުޅުން އަތޮޅުތަކުން ކޮން ކަންތައްތައްތަކަކަށްތޯ އެންމެ ބޮޑަށް އިސްކަން ދެއްވާނީ އަތޮޅުތަކުން އެކުރާ. މިސާލަކަށް، ތަޢްލީމުތޯ. ނޫނިއްޔާ ޓްރާންސްޕޯޓްތޯ. ނަރުދަމާތޯ. ކޮން ކަންތައްތަކަށްތޯ މި ބަޖެޓުގެ ދަތިކަން އުޅޭއިރުގައި، އަތޮޅުތަކުން އެދޭ ކަންތައްތަކުގެ ތެރެއިން އިސްކަން ދެއްވާނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ދެންނެވީ އިސްކަންދޭނީ، އަތޮޅުތަކުގެ ބޭފުޅުން އިސްކަންދެއްވާ ކަންކަމަށޭ. ހަމަ އެޖަވާބު އަޅުގަނޑު އެރުވިން. އަޅުގަނޑުމެންނެއް ނޫނޭ އިސްކަންދޭނީކީ. އަތޮޅުތަކުން ލާމަރްކަޒީ އުޞޫލުން އެބޭފުޅުން ނިންމަވާނެއޭ އެބޭފުޅުންނަށް އެންމެ މުހިންމީ ކޮންކޮން ކަންތައްތަކެއްތޯ.
ދެން ދެވަނަ ނުކުތާއަކަށް އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވަނީ، ލާމަރްކަޒީ އުޞޫލުން މިގޮތަށް ހިންގަން ފެށީމާ ބަޖެޓުގެ ދަތިކަންވެސް ޙަޤީޤަތުގައި ފިލައިދާނެ. އެއީ، އެބޭފުޅުންނަށް ދެގުނައަށް މަސައްކަތް ކުރެއްވޭނެ. މިހާރު ޙަޤީޤަތުގައި އަތޮޅަކާ ގުޅޭ މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެން މިދަނީ. އެއީ، އެހެން ނޫނިއްޔާ މާލޭގައި މަޑުމަޑުން ކޮށްލަ ކޮށްލަ ކޮށްލާ އޮންނަ މަސައްކަތެއް. އޭގެ ބަދަލުގައި ހަމަ ސީދާ އެތާ ހުންނަވާ ބޭފުޅަކު، ސީދާ ކޮންމެ ދުވަހަކުވެސް އެމަސައްކަތް ފެނިވަޑައިގަންނަވަމުންދާ ބޭފުޅަކު އެ ޕްރޮޖެކްޓްވެސް އެކުލަވާލައްވަނީ. އަދި އެ ޕްރޮޖެކްޓަށް އެ މަޝްރޫޢަކަށް ފައިސާ ހޯއްދެވުމާއި އެކަންކަންވެސް އެބޭފުޅަކު އެ ކުރިއަށް ގެންދަވަނީ. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ބަޖެޓުގެ ދަތިކަން ފިލުވުމަށްވެސް މިއޭ ޙަޤީޤަތުގައި އޮތް ޙައްލަކީ.

ތިޔަބޭފުޅުން ބައްލަވައިފިއްޔާ، އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް. ވާރލްޑް ބޭންކުން ފައިސާދީގެން ފެށްޓެވި ޕްރޮޖެކްޓެއް. އެއީވެސް، ޙަޤީޤަތުގައި ވާރލްޑް ބޭންކުން ފައިސާ ދެއްވީ ސަރަޙައްދީ ތަރައްޤީގެ ގޮތުގައި. ލޯކަލް ގަވަރންމަންޓެއް ހިންގުމާއި، ސަރަޙައްދީ ގޮތުން އެކަން ކުރުވުމަށް. އެހެންވީމާ، ލިބޭ ފައިސާވެސް އަދި ލިބޭ އެހީވެސް މާބޮޑަށް ފަހިވެގެންދޭ ސަރަޙައްދީ އުޞޫލުން ހިންގަން ފެށީމާ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މުޙްސިންގެ ސުވާލުގެ ދެޖަވާބަކީ:

1. ރައްޔިތުންނޭ ނިންމާނީ އިސްކަންދޭނީ ކޮން ކަމެއްތޯ.
2. ރައްޔިތުން ނިންމައި، ރައްޔިތުން އެކަމާ ޢަމަލީގޮތުން ބާރަށް އުޅެން ފެށީމާ ބަޖެޓުގެ ދަތިކަންވެސް އެބޭފުޅުންނަށް ފިލައިދާނެއޭ.


އަޙްމަދު ޙަމްދޫން – ހަވީރު

އާދެ! އަޅުގަނޑުގެ ސުވާލަކީ، ލާމަރްކަޒީ އުޞޫލު ހިންގަން ފެށްޓުމުން، މައި ސަރުކާރާ ކޮންކަހަލަ ގުޅުމެއްތޯ އޮންނާނީ ވިދާޅުވެދެއްވަފާނަންތޯ؟

ދެވަނަ ސުވާލަކީ ދެންމެ ވިދާޅުވި ޕްރޮވިންޝަނަލް ކަންތައްތަކުގައި ތިއްބަވާ މިނިސްޓަރުންނަށް މި ހަމަސްފަހުން އަންނަ އިންތިޚާބަށް ކުރިމަތިލެއްވޭނެއޭ. ހިތަށްއަރާ އެއްވެސްކަހަލަ ނުފޫޒެއް އޭރުން އިންތިޚާބަށް ފޯރުވުމަށް އެގޮތަށް މިނިސްޓަރުންނަށް ތިއްބެވި ބޭފުޅުންނަށް ލިބިވަޑައިގެންފާނެތޯ. ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވަނީ ކޮންގޮތެއްތޯ. ނުފޫޒެއް ފޯރުއްވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ތިޔަބޭފުޅުން.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނޫން. ވަޙީދު ދެންމެ އެކަން އެވާހަކަ ފުރިހަމަކޮށްލަދެއްވައިފި. ޤާނޫނުގައި މިއޮންނަނީ، އެބޭފުޅުން އިންތިޚާބަށް ކުރިމަތިލެއްވުމުގެ ކަންތައް ކުރައްވާއިރުގައި، އެފަދަ ސިޔާސީ މަގާމެއްގައި ނުހުންނެވޭނެ ކަމަށް. އަޅުގަނޑަށް ހީވަނީ ޤާނޫނު އެކަން ރަނގަޅަށް ސަލާމަތްކަން ގެނެސްދޭހެން. އެހެންވީމާ، އަޅުގަނޑުމެން އޭގައި އުޞޫލުތަކެއް ނުގެންގުޅޭ. ޤާނޫނުގައި އެކަން ކަނޑައެޅޭ ގޮތެއްގެ މަތިން އަޅުގަނޑުމެން ކަން ކުރަމުން ގެންދިޔައީމާ، އަޅުގަނޑު ދަންނަވާނީ ރަނގަޅުވާނެއޭ.

ދެން މާލެއާއި އެހެން ނޫނިއްޔާ މައި ސަރުކާރާ މި ސަރަޙައްދީ ޑިޕާޓްމަންޓްތަކާ އޮންނާނީ ކޮން ގުޅުމެއްތޯ. އަޅުގަނޑުމެން މިހާރު އެކުލަވާލާފައިމިވާ އޮނިގަނޑުގައި މިވަނީ، ސޯޝަލް ސަރވިސަސް، އިޖްތިމާޢީ ކަންކަމަށް ޑިޕާޓްމަންޓެއް. ޕްލޭން ކުރުމާއި އެޑްމިނިސްޓްރޭޝަނާ އަދި ބަޖެޓާ ގުޅޭ ކަންކަމަށް ޑިޕާޓްމަންޓެއް. ޢުމްރާނީ ކަންކަމަށް ނުވަތަ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓަށް ޑިޕާޓްމަންޓެއް. އަދި އިޤްތިޞާދީ ތަރައްޤީއަށް ނުވަތަ އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޑިޕާޓްމަންޓެއް. މީގެތެރެއިން، ސޯޝަލް ސަރވިސަސް ޑިޕާޓްމަންޓް، އެތަނާ ގުޅިފައި އޮންނާނީ، ހެލްތް، އެޑިޔުކޭޝަން، އެންވަޔަރަންމަންޓް. ޕްލޭނިންގ، އެޑްމިނިސްޓްރޭޝަން، ބަޖެޓް، އެބައި ގުޅިފައި އޮންނާނީ، ބަނދަރު ހެދުމާއި އެކަންކަމުގެ ޕްލޭނިންގ. އެއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް. އަދި ބަޖެޓް. އަދި ކެޕޭސިޓީ ޑިވެލޮޕްމަންޓް. ދެން މަޝްރޫޢުތައް ރޭވުން. މަޝްރޫޢުތައް ހިނގާގޮތް ބެލުން. އަދި އޭގެ އެކިއެކި ރިޕޯޓުތައް ހާމަކުރަމުން ގެންދިޔުން. އިންފްރާސްޓްރަކްޗަރ ނުވަތަ ޢުމްރާނީ ކަންކަމަށް މިއޮތީ ބަނދަރާއި މަގާ މިތަންތަން ހެދުން. ނަރުދަމާއާއި ފެނާ މިކަންކަން ކުރުން. ދެން އެހެންވެސް އެކިއެކި މިބާވަތުގެ ކަންކަން. އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތެރޭގައި، ޓްރޭޑް ލައިސަންސް ދިނުން. ކުދި ވިޔަފާރިތައް ތަރައްޤީ ކުރުން. ދަތުރުފަތުރުގެ ކަންތައް. ކަރަންޓާއި ފެން.

އެހެންވީމާ، މިވެގެންމިދާ ގޮތަކީ، އަޅުގަނޑުމެންގެ 14 މިނިސްޓްރީ އެއްކޮށްލަނީ ހަތަރުބަޔަށްވާ ގޮތަށް. ބަހާލެވެނީ އެ ހަތަރު ބަޔަކަށް. އެއްކޮށްލެވެނީ. ކޮންޒޮލިޑޭޓް ކުރެވެނީ ހަތަރު ބަޔަށް، އަތޮޅުތަކަށްދާއިރުގައި. އެހެންވީމާ، ކޮންމެ ޑިޕާޓްމަންޓެއްވެސް ޒިންމާދާރުވާނީ ނުވަތަ މުޢާމަލާތްކޮށް ހަދާނީ، މައި ސަރުކާރު، މާލޭގައި ހުންނަ ކަމާގުޅޭ މިނިސްޓްރީއާ. މުޅި ތަން ހިންގުން ޕްރޮވިންޝަނަލް މިނިސްޓަރެއްގެ ދަށުގައި މިއޮތީ.


ޤުފްތާޤު އަޖީލް – އާފަތިސް ނޫސް:

ދެންމެއަކުވެސް ނަޝީދު ވިދާޅުވީމެއް ނޫންތޯ. މީހުން ބޭނުންވާ ގޮތަށޭ ކަންތައްތައް ވެގެންދަނީ. އެހެންވީމާ، ތިޔަބޭފުޅުން ލާމަރްކަޒީ އުޞޫލުން ކަންތައްތައް ކުރައްވާއިރު، ކިހާވަރެއްގެ އަހަންމިއްޔަތު ކަމެއް ދެއްވާނަންތޯ، މީހުން ބޭނުންވާ ގޮތަށް، ބޭފުޅުންގެ ޚިޔާލު ހޯއްދަވައިގެން ކަންތައް ކުރެއްވުމަށް. މިސާލަކަށް، ރަށެއްގެ ބަނދަރު ހަދާއިރު ދެބަޔަކު ބޭނުންވެދާނެ ދެގޮތަކަށް. އެކަހަލަ ދަނޑިވަޅެއް އައިސްފިނަމަ، ތިޔަބޭފުޅުން ކިހިނެއްތޯ ކަންތައް ކުރައްވާނީ؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ޕްރޮވިންޝަނަލް މިނިސްޓަރަށް ލަފާ އެރުވުމަށްޓަކައި ޕްރޮވިންޝަނަލް ކައުންސިލެއް ނުވަތަ ޕްރޮވިންޝަނަލް ކޮމިޓީއެއް އެބަ އެކުލަވާލަން. އެއީ، މިހާރުގެ އަތޮޅު ކޮމިޓީތައް އައިސް ހުއްޓިފައި މިވަގުތު އޮންނާނެތަން. އަދި ރަށު ކޮމިޓީތައްވެސް ގުޅިފައި އޮންނާނީ އެތަނާ. އެހެންވީމާ، އެބޭފުޅުންނަކީ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، ފުލްޓައިމް މަސައްކަތްކުރާ ކޮމިޓީއަކަށްވާންޖެހޭނެއޭ. އަބަދު އެމަސައްކަތް ކުރަމުން ގެންދާ. ހަމަ ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ ކޮމިޓީއަކަށްވާން ޖެހޭނީ. އެބޭފުޅުންގެ ޒިންމާއަކަށްވާނީ، މި ޕްރޮވިންޝަނަލް މިނިސްޓަރާއި އެ ސަރަޙައްދުގައިވާ ރައްޔިތުންނާ ގުޅުވާލަދިނުން. ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުންގެ އެދުންތައް މި ސަރަޙައްދީ ޕްރޮވިންޝަނަލް ހިންގުމުގެ ތެރެއަށް ގެނެސްދިނުން. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ކުރަން ބޭނުންވަނީ، ރައްޔިތުން އެކަމެއް ކުރުމަށް އެދޭގޮތަށް. ކަމެއްގައެއް އަޅުގަނޑުމެން ބޭނުން ގޮތެއް ނެތް.

ފާޠިމަތު ޒައިނާ – ވީ.ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ މަޖިލީހުން މިކަން ފާސްވެގެން ގާތްގަނޑަކަށް ކިހާ ދުވަހެއްގެ ތެރޭގައި މަސައްކަތް ފެށިދާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މަޖިލީހުން ފާސްވާ ދުވަހުގެ އަނެއް ދުވަހު ނުވަތަ މަޖިލީހުން މެންދުރެއްގައި ފާސްވެއްޖިއްޔާ، އެދުވަހު ހަވީރު އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ތައްޔާރަށް. އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް މިކަމަށް ބޭނުންވެފައި.

ދެން ހަމަ އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ، އަޅުގަނޑުމެންނާ އެކީގައި މިވަގުތުކޮޅު ހޭދަކޮށްލެއްވީތީވެ. އަޅުގަނޑުމެން ތިޔަބޭފުޅުން މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދޭން މި އެދެނީ، އޮޅުންފިލުވައިދޭން މި އެދެނީ، އަޅުގަނޑުމެން މިތިބީ މިކަން ކުރާށޭ. ދެން އަޅުގަނޑު ހަމަ ވަރަށްބޮޑު ޔަޤީންކަމާއެކީގައި، މަޖިލީހުގެ ރުހުން މިކަމަށް ލިބޭނެ ކަމުގެ އެއްވެސް ޝައްކެއް އަޅުގަނޑުމެންނަކަށެއް ނެތް. މަޖިލީހުގެ މެންބަރުންނަކީ، އަތޮޅުތައް ތަމްސީލު ކުރައްވާ ބޭފުޅުން. އަޅުގަނޑު މިހާތަނަށް މަޝްވަރާކުރި މަޖިލީހުގެ މެންބަރުންވެސް މިކަމަކާ އިންކާރެއް ނުކުރައްވާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ވަކި ޕާޓީއެއް މިކަމުގައެއް ނެތް. ހުރިހާ ޕާޓީއެއްވެސް އެކުވެގެން މި ސަރަޙައްދީ ތަރައްޤީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭ ގޮތަށް އަޅުގަނޑުމެންނަށް މިހާރު މިއޮތީ.

الحمـد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!