بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުމިވީ ދުވަސްކޮޅެއްވެފައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދަތުރެއްކޮށްފައި މިއައީ. އަދި އައިއިރުގައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރު، ރާއްޖޭގައި ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ސަރުކާރު ހިނގަމުން އަންނަތާ 100 ދުވަސްވެއްޖެ. އެ ސަރުކާރުގެ މިދިޔަ 100 ދުވަހުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް ބަލާލުމަކީ، މިވަގުތު އަޅުގަނޑު ދެކޭގޮތުގައި މުނާސިބު ކަމެއް. އަދި ކުރަން ރަނގަޅުވެސް ކަމެއް.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އަޅުގަނޑުމެންގެ ސަރުކާރުގެ މުއްދަތުގައި ކަންތައްތައް ކުރަމުން ގެންދާނެ ގޮތުގެ ހުށަހެޅުމެއް، އަޅުގަނޑުމެންގެ މެނިފެސްޓޯގައިވާނެ. އެ މެނިފެސްޓޯގައިވާނެ ކުރު މުއްދަތުގައި އަޅުގަނޑުމެން ކުރާނެ ކަންތައްތަކާއި، މެދު މުއްދަތެއްގައާއި އަދި ދިގު މުއްދަތުގައި އަޅުގަނޑުމެން ކުރާނެ ކަންތައްތައް ވަކިން ފާހަގަކޮށްފައި. އެ ތާވަލަށް ބަލާއިރުގައި، އަޅުގަނޑުމެން މިއުޅެނީ ވަރަށް ބޮޑަށް ކުރީގައި. ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ ނަޒަރުގައި، މި ސަރުކާރުގެ 100 ދުވަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، 432 މީހުން ސިޔާސީ ކަންކަމުގައި ކަމަށް ބުނެ، ހިފާ ހައްޔަރުކޮށް އަނިޔާ ކުރެވުނު. 1978 ވަނަ އަހަރު ހިފާ ހައްޔަރުކޮށް ވަރަށް ބޮޑެތި އަނިޔާތައް އެތައް ބަޔަކަށް ދެވުނު. ނިމިދިޔަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ހިނގާދިޔަ ފާހަގަކުރެވޭ އެންމެބޮޑު އެއްކަމަކީ، އަލުން އަނބުރާ އަނދަގޮނޑި ހަދަން ވަޑާންގެތަކަށް، މާލޭ ވަޑާންގެތަކަށް ދެވުނުކަން.

އަޅުގަނޑު މިދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި، މަދުވެގެން ހަފްތާއަކު ތިންފަހަރު ފުލުސް އޮފީހާ ގުޅައި، ސިޔާސީ އެއްވެސް ކަމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ވަރަށް ކައިރިން ބަލަމުން ގެންދިޔައިން. އަދި އެނގިވަޑައިގަންނަވާނެ، މިދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި، ނިމިދިޔަ ސަރުކާރުގެ ބޭފުޅުންގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުން އިންޞާފު ހޯދުމަށް، ތަޙުޤީޤުތައް ހުޅުވާލުމަށް އަދި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް މެދުނުކެނޑި ސަރުކާރަށް ސިޓީ ލިޔަމުން ގެންދިޔަ. އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އެކިއެކި ޖަމާޢަތްތަކުންނާއި އަމިއްލަ ފަރުދުން ފާޅުގައި ތަންތަނުގައި މިވާހަކަތައް ދައްކަމުން އެބައާދޭ. ޚިޔާނާތްތެރިވެފައިވާ މިންވަރާއި، ރައްޔިތުންނަށް އަނިޔާ ލިބިފައިވާ މިންވަރާއި، އިންޞާފުން މި ރާއްޖޭގެ ކަންކަން ކައްސާލައިގެން ގޮސްފައިވާ މިންވަރު، ރައްޔިތުން މިދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި ފާހަގަކޮށްފައި ހުރީ، އަޅުގަނޑު ދަންނަވާނީ، ހަމަ އަޅުގަނޑަށް މިކަންކަން މިހެން ހިފަހައްޓައިގެން ހުންނަން ދަތިވާ މިންވަރަށޭ. އެހެންނަމަވެސް، އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރު ކުރަން ބޭނުން. ޑިމޮކްރަސީ އެއީ ވަރަށް މުހިންމު ވަރަށް ބޭނުންތެރި ޙަރަކާތެކޭ، ފިކުރެކޭ، ފަލްސަފާއެކޭ. ޑިމޮކްރަސީ މެދުވެރިކޮށް، އަޅުގަނޑުމެންނަށް ފުރިހަމަ އިންޞާފެއް ހޯދުމަކީ މާ ގާތް ކަމެކޭ. ޝަރީޢަތުގެ ނިޒާމާއި، ތަޙުޤީޤާއި، ތަޙުލީލާ މިދަންނަވާ ބާވަތުގެ ކަންކަމުގެ ތެރެއިން އަޅުގަނޑުމެން އިންޞާފު ހޯދާއިރުގައި، ހަމަގައިމުވެސް ނިމިދިޔަ ސަރުކާރުގައި އުޅުއްވި ވަރަށްގިނަ ބޭފުޅުންނަށް ނުހަނު ބޮޑު އަދަބުތައް ލިބިގެންދާނެ. އެއީ، އެއްވެސް ޙާލެއްގައި އަޅުގަނޑު އެދޭގޮތެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި މި ސަރުކާރުގެ އެންމެބޮޑު ކާމިޔާބަކީ، އަޅުގަނޑުމެންނަށް މިކަންކަން ޑިމޮކްރެޓިކް އުޞޫލެއްގައި ނިމިދިޔަ ސަރުކާރުގެ ބޭފުޅުންގެ މައްޗަށް އަނިޔާވެރި ނުވަތަ ހަރުކަށި އެއްވެސް ކަމެއް ނުހިންގައި، އަޅުގަނޑުމެންނަށް ސަރުކާރު މިއަދާ ހަމައަށް ގެނެވުން.

ހަމައެހެންމެ އަޅުގަނޑު ވަރަށް އުފާވޭ، ސަތޭކަ ދުވަސް ފާހަގަކުރެވުނީ، އަޅުގަނޑު ހަމަ އެންމެ ބޭނުން ގޮތަށް. އެއީ، ވާދަވެރި ސިޔާސީ ޕާޓީއަކުން ގިނަވަގުތު ފާޑުކިޔުމުގައި އެދުވަސް ހޭދަކުރިކަން. އަޅުގަނޑު ބޭނުންނުވީ، އަޅުގަނޑުމެން ސަރުކާރުން އަޅުގަނޑުމެން ކުރި ކަންތައްތައް ބާރުމިނުގައި އަވަހަށް ބުނަމުން ދިޔުމުގެ ބަދަލުގައި، އަޅުގަނޑުމެން ޖާގަދޭން ބޭނުންވީ، ވާދަވެރި ޕާޓީތަކަށް އަޅުގަނޑުމެންނަށް ފާޑުކިޔުމަށް. އަޅުގަނޑު ވަރަށް އުފާވި، އެ ޕާޓީތަކުން ހަރުދަނާގޮތުގައި އަޅުގަނޑުމެންނަށް ފާޑުކިޔަމުން ގެންދާތީވެ. އަދި އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ފާޑުކިޔުމަކީވެސް ހަރުދަނާ ފާޑުކިޔުމެއް. އެހެންވީމާ، ވާދަވެރި ސިޔާސީ ޕާޓީތަކަށް އަޅުގަނޑު ނިހާޔަތަށް މިކަމަށް ޝުކުރުވެރިވަން. ޚާއްޞަކޮށް، ޑޮކްޓަރ ޙަސަން ސަޢީދަށާއި، ޢުމަރު ނަޞީރަށް. އަދި ޑީ.އާރު.ޕީ.ގެ ފަރާތުން ދެން އަޅުގަނޑުމެންނަށް މާބޮޑަށް ސާފުނުވެ މިވަނީ ކޮން ބޭފުޅެއް ކަމެއް އިސްކޮށް ވާހަކަ ދައްކަވަނީ. ކޮންމެއަކަސް މި ސަތޭކަ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ކާމިޔާބާއެކީގައި އެބޭބޭފުޅުންނަށް އަޅުގަނޑު ނުހަނު މަރްޙަބާ ދަންނަވަން.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި އުންމީދު ކުރާ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް މާ ސާފުކޮށް ފެންނަމުން އެބަދެއޭ. އަޅުގަނޑުމެންވީ ވަޢުދުތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުއްދޭނެއޭ. އަޅުގަނޑުމެން އެ ވަޢުދުތައް ފުއްދުމަށް ކަނޑައަޅާފައިވާ މިންވަރު ނުވަތަ ދުވަސްތަކުގެ ކުރީގައިވެސް އަޅުގަނޑުމެންނަށް ވަރަށްގިނަ ކަންތައްތައް ކުރެވެމުން އެބަގެންދެވޭ. މިސާލަކަށް، މިފަހަރު އަޅުގަނޑުމެން އިޓަލީއަށް ކުރި ދަތުރުގައި، އިޓަލީގެ ލާޒިއޯ ރީޖަން ނުވަތަ ޕްރޮވިންސްގެ މިނިސްޓަރުންނާއި އަދި މިލާން ލޮމްބާޑި ޕްރޮވިންސްގެ މިނިސްޓަރުންނާއި އަދި އެރަށުގެ ޓްރޭޑް މިނިސްޓަރާއި، ފޮރިން އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުންނާއި، ޓޫރިޒަމް މިނިސްޓަރުންނާ އަޅުގަނޑުމެންނަށް މަޝްވަރާކޮށް ވާހަކަ ދެކެވުނު. އެބޭފުޅުން ރާއްޖެއަށް އިންވެސްޓް ކުރެއްވުމަށް ވަރަށް ބޮޑަށް ތައްޔާރަށް ތިއްބެވީ. އިޓަލީ ރައްޔިތުން، އިޓަލީ ވިޔަފާރިވެރިން، ޚާއްޞަކޮށް މިކަމުގައި ޝައުޤުވެރިކަމެއް ބަހައްޓަވާނެ. އެއީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިހާރުވެސް ރާއްޖޭގައި ހުރި އިޓަލީ އިންވެސްޓްމަންޓްސް ވަރަށްގިނަވާނެ. އަދި އެ ވިޔަފާރިތަކުން އިޓަލީ ރައްޔިތުންނަށް، އިޓަލީ ވިޔަފާރިވެރިންނަށް ލިބިފައިވާ ފައިދާވެސް ވަރަށްބޮޑުވާނެ.

ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންނަށް ޔުނިވަރސިޓީއެއް އެބަ ޤާއިމު ކުރެވޭ. ބިކޯކާ ޔުނިވަރސިޓީގެ ދިވެހިރާއްޖޭގައި ހުންނަ އައުޓް ޕޯސްޓެއްގެ ގޮތުގައި. އަޅުގަނޑުމެން މިހާރު މި ވިސްނަމުން މިދަނީ، ފ.މަގޫދޫގައި، އެތަނުގައި ހުރި ކުރީގެ އަތޮޅުއޮފީސް ހުރި ޢިމާރާތް ބޭނުންކޮށްގެން، އެތަނުގައި މިދަންނަވާ އައުޓް ޕޯސްޓް ޤާއިމުކުރަން. ޚާއްޞަކޮށް މެރިން ބައޮލޮޖީ ކިޔަވައިދިނުން. އެ ޕްރޮގްރާމްގެ ދަށުން ރިސާރޗް ހިންގުމާއި އަދި އޭގެއިތުރަށް އިޓަލީ ބިކޯކާ ޔުނިވަރސިޓީގެ ފުރަތަމަ އަހަރުގެ ކިޔެވުމުގެ ބައެއް، މަގޫދުއަށް ބަދަލުކޮށް، މަގޫދޫގައި އެ ތަޢްލީމު ދެވޭގޮތަށް އެކަންކަން ހަމަޖެހިގެންދާނެ.

ދެން އޭގެއިތުރަށް، މިދަތުރުގައި ކުރެވުނު މަސައްކަތްތައް، މިނިސްޓަރ ރަޝީދާއި އަދި ސްޓޭޓް މިނިސްޓަރ ޢާދިލް، ތިޔަބޭފުޅުންނަށް ހާމަކޮށްދެއްވާނެ. އަޅުގަނޑު ހަމަ މިހެން ދެތިން ވާހަކައެއް ދަންނަވާފައި، އަޅުގަނޑަށް އެބަޖެހޭ ކުޑައިރުކޮޅަކަށް އެއްކިބާވެލަން. ރަށުގައިވެސް ނުހުރުމާއެކުގައި. އެހެންނަމަވެސް، ތިޔަބޭފުޅުންގެ ދެތިން ސުވާލަކަށް އަޅުގަނޑު ޖަވާބު އަރުވާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު ހަވީރުން ޙަމްދޫން. އަޅުގަނޑު ފުރަތަމަ ސުވާލަށް ދިޔުމުގެ ކުރިން، މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހަށް މަރްޙަބާ ދަންނަވަން. އަދި އޭގެފަހުން އަޅުގަނޑުގެ ދެސުވާލެއް މިއޮތީ. އެއްސުވާލަކީ، މަނިކުފާނު އިޓަލީއަށް ވަޑައިގަތުމުގެ ކުރިން ބޭއްވެވި ނޫސް ކޮންފަރެންސްގައި ވިދާޅުވި، އަމާޒަކީ 5000 ޓޫރިސްޓުން ގެންނެވުމޭ. ސުވާލަކީ، މަނިކުފާނުގެ މިދަތުރުފުޅުން އެކަން ކިހާވަރަކަށްތޯ ޙާޞިލުވެގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޔަޤީން. އިރާދަކުރެއްވިއްޔާ ޔަޤީން. އިރާދަކުރެއްވިއްޔާ ހަމަ ޔަޤީން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

މިއަހަރުގެ ތެރޭގައި އަންނާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އިރާދަކުރެއްވިއްޔާ ހަމަ ޔަޤީން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެވަނަ ސުވާލަކީ، ސަތޭކަ ދުވަހުގެ ތެރޭގައި، ވަރަށްގިނަ ވަޢުދުތަކެއް މަނިކުފާނު މިވަނީ ސަރުކާރުން ވެވަޑައިގެންފައި. އަޅުގަނޑުމެންނަށް ވަރަށްގިނަ ރަށްރަށުން އެކަންތައް ފެނިގެން ހިނގައްޖެ. ލިންކްރޯޑް އަދި ފްލެޓްތައް އަދި ބަނދަރު ހެދުން، މިކަންތައްތައް. އެހެންނަމަވެސް، ނާއިބު ރައީސް އެންމެފަހުން ދެއްވި ނޫސް ކޮންފަރެންސްގައި އަޅުގަނޑު ސުވާލު ދަންނަވާލިން. އިޤްތިޞާދު އަޅުގަނޑުމެންނަކަށް އެވަރަކަށް ޖާގައެއް ނުދޭކަންނޭނގެ. ދުނިޔޭގެ އަދި ރާއްޖޭގެ އިޤްތިޞާދު ވަރަށް ބަނަކަމެއްގެ ތެރެއަށް މިދަނީ. އެހެންވީމާ، މިފަދަ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި އިޢްލާނު ކުރައްވާފައި ފެށްޓެވޭނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަން މަނިކުފާނަށް އެބައޮތްތޯ؟ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ފާޅުގައި މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުއްވުމަށް ކުރައްވާ ކަމެކޭ އެއީ. ހަމަ ވުޖޫދަށް އަންނާނެ ކަންތައްތަކެއް ނޫނޭ. އެހެންވީމާ، މަނިކުފާނު ކޮބައިތޯ މީގައި ދެކެވަޑައިގަންނަވާ ގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ބޭފުޅުންނަށް އިޤްތިޞާދީ ކަންކަން ފިލާވަޑައިގަންނަވަން ބައެއް ފަހަރަށް އުނދަގޫވާކަން އަޅުގަނޑަށްވެސް ފާހަގަކުރެވޭ. އިޤްތިޞާދީ ހީނަރުކަމެއް ދުނިޔެއަށް އައިމާ، ނުވަތަ މިދަންނަވާ އިކޮނޮމިކް ކްރަންޗެއް ދުނިޔެއަށް އައީމާ މަދުވެގެންދާނީ ކޮންސަމްޕްޝަން. ޚަރަދުކުރާވަރު އިނގޭތޯ. އިންވެސްޓްމަންޓްސްދާނީ ގިނަވެގެން. މިއީ އިންވެސްޓްމަންޓްސްއަށް އެންމެ ރަނގަޅު ވަގުތު. މީގެކުރީގައި ދަގަނޑު ޓަނެއް ހުރި އަގަށްވުރެ މިއަދު ދަގަނޑު ޓަނެއް ހުރި އަގު ދެގުނައަށްވުރެ ހެޔޮ. މީގެކުރީގައި ސިމެންތި ޓަނެއް ހުރި އަގަށްވުރެ، މިއަދު ސިމެންތި ޓަނެއް ދެގުނައަށްވުރެ އަގުހެޔޮ. އަޅުގަނޑުމެން އެންމެ ބޭނުންވެގެން މިއުޅޭ ސަބްމެރިން ކޭބަލް، އެއީ އަޅުގަނޑުމެން މި އިލެކްޓްރިކްސިޓީ ގްރިޑެއް، ނެޓްވާރކެއް އެޅުމަށް ބޭނުންވާ ކޭބަލް. އެ ކޭބަލްގެ އަގު 1.4 މިލިއަން ޑޮލަރަށް ކިލޯ މީޓަރެއް އެޅޭނެ ކަމަށް ހުރި އެއްޗެއް މިހާރު ފަސްލައްކަ ޑޮލަރަށް ކިލޯމީޓަރެއް އެޅޭ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އިޤްތިޞާދީ މާހިރުންގެ ލަފައާއި އިރުޝާދުގެ ދަށުން މަޝްވަރާވެސް ކުރަމުން އަޅުގަނޑުމެންވެސް މިއަދު މި ސަރުކާރުގެ ކަންކަން ހިންގަމުން މިގެންދަނީ. ޚާއްޞަކޮށް، ދުނިޔޭގެ ވަރަށް ފުންނާބު އުސް އިޤްތިޞާދީ މާހިރުން އިނގޭތޯ. ތިޔަބޭފުޅުން ތަންކޮޅެއް ކުރީގައި އަޅުގަނޑުމެންނާ ހިތްނުރުހިގެން އުޅުއްވި ރޮތްސްޗައިލްޑްގެ ވާހަކަ އަޅުގަނޑުމެން ކުޑަކޮށް ބުނީމާ. އަދި އާރނަސްޓް އެންޑް ޔަންގްގެ ވާހަކަ ބުނީމާ. ދެން މިބޭބޭފުޅުންގެ މަޝްވަރާއާއި އިރުޝާދާ އެކީގައި، ލަފައާ އެކީގައި އަޅުގަނޑުމެން މިދަނީ.

ބަޖެޓަކުން ނުކުރެވޭނެ އިނގޭތޯ. ވަރަށްބޮޑު ތެދުފުޅެއް. އަދި ޙަޤީޤަތުގައި މިދިޔަ ސަރުކާރު ވެއްޓުނީ ބަޖެޓުން މި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑުތައް ބިނާކުރުމުގެ މަސައްކަތް ބަޖެޓުން ކުރުމަށް ސަރުކާރުން މަސައްކަތް ކުރެއްވީތީވެ. ބޮޑު ބަޖެޓު، ހަނދުމަފުޅު ހުންނާނެ، ފަސް ބިލިއަން ރުފިޔާގެ ބަޖެޓު އޮވެފައި، ކުއްލިއަކަށް އަޅުގަނޑުމެންގެ ބަޖެޓު ބޮޑުވެގެންދިޔައީ، ބާރަ ބިލިޔަން ރުފިޔާއަށް. އެ ބޮޑު ބަޖެޓެއް އަޅުގަނޑުމެންނަކަށް މި ރާއްޖެއަކު ސަރުކާރަކުންނެއް ކުރިއަކަށް ނުގެންދެވޭނެ. އާމްދަނީއެއް ނުލިބޭނެ. ދަރަނި ބޮޑުވެގެންދާނީ.

އެހެންވީމާ، އަޅުގަނޑުމެން މި ކޯޕަރޭޓް އުޞޫލުން މިކަން ކުރަނީ. އަޅުގަނޑުމެން އިންވެސްޓް ކުރުމަށް މި އެދެނީ، ލާޒިއޯގެ މުނިސިޕަލް ކައުންސިލްގައި، މުނިސިޕަލް ސަރވިސަސްއަށް އިންވެސްޓްކުރާ ކުންފުނި ކައިރީގައި މިބުނަނީ، އަންނަހަރޭ. ރާއްޖެ އައިސް ރާއްޖޭގައި އިންވެސްޓް ކުރާށޭ. ތިޔަބޭފުޅުން އަމިއްލަފުޅަށް ބައްލަވާށޭ، ރާއްޖޭގައި އިންވެސްޓް ކުރެއްވީމާ، ރިޓަރން ހުންނާނެގޮތެއް. އަޅުގަނޑުމެންނަށް އެނގޭ ރިޓަރން ރަނގަޅުވާނެކަން. އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ ރިޓަރން ރަނގަޅުވާނެކަން. އެހެންވީމާ، އެބޭފުޅުން އެ ތިއްބެވީ، އިންވެސްޓް ކުރައްވަން ތައްޔާރަށް. އަޅުގަނޑުމެން މިއަދާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނޯޓިސް ނެރެފައި ހުރި ކަންކަމުގެ ތެރެއިން އެންމެ ރަނގަޅު އަޅުގަނޑުމެންނަށް ސިފަ ނުކުރެވިގެން އުޅުނު ޓްރާންސްޕޯޓްގެ ނިޒާމް، އެއަށްވެސް ޝައުޤުވެރިކަން ހާމަކުރި. މިހާތަނަށް ހާމަކޮށްފައި އެބައޮތް 8 ފަރާތަކުން. އަދި މިފަހަރު އަޅުގަނޑުމެން އިޓަލީއަށްދިޔަ ދަތުރުގައި، އަނެއްކާ އިޓަލީ 3 ކުންފުނިން އެކަމަށް ހަމަ ވަރަށް ބޮޑަށް ބޭނުންވި. އިނގިރޭސިވިލާތުގެ ކުންފުންޏެއް، އިނގިރޭސިވިލާތުން މިލާނަށް އައި ސެމިނާރގައި ބައިވެރިވާން. ހަމަ މިކަމަށް އިންވެސްޓް ކުރުމަށް ތައްޔާރަށް އޮތް.

ދެން ވަރަށް ރަނގަޅު، ވާދަވެރި ފަރާތްތަކުން ތިޔަހެން ވިދާޅުވަމުން ގެންދެވުން އެއީ، އަޅުގަނޑުމެންނަށް އާޚިރަތުގައި ރަނގަޅަކަށްވާނީ. އެއީ، އަޅުގަނޑުމެން އެކަން ކުރީމާ، އެއީ ދެން ވަރަށް ބޮޑަށް ޖެހޭނީ އަނގައިގައި ރަހަލައިގެންދާ ކަމަކަށް. އެހެންވީމާ، ތިޔަ ވިދާޅުވާހެން ހަމަ ތިޔަ ލައިންގައި ނުވަތަ ތިޔަ ގެންދަވާ މަގުގައި ތިޔަ ވާހަކަ ބެހެއްޓެވުން އެއީ، ޑިމޮކްރަސީއަށް ރަނގަޅު ކަމެއް. އަދި އަޅުގަނޑުމެންވެސް، އަޅުގަނޑު ހަމަގައިމުވެސް ބޭނުން ކަމެއް.

އަޅުގަނޑު އަބަދުވެސް ހުންނަންޖެހޭނީ ހަމަ ދެފައިމަތީގައި. އަޅުގަނޑުމެންގެ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ލިއްބައިދިނުމަށް މަސައްކަތް ކޮށްކޮށް. އަޅުގަނޑަކަށް އެއްވެސް ޙާލެއްގައި ޝައްކެއްނެތް. އިރާދަކުރެއްވިއްޔާ، ހަމަ ނަރުދަމާތައް އަޅުގަނޑުމެންނަށް މިއަހަރު ދުވަހުގެ ތެރޭގައި ހެދޭނެ. އަދި ދެން ދެތިން ރަށެއްގެ ނަރުދަމާ، ތާރީޚާ އެކީގައިވެސް، އެކުންފުންޏާ އެކީގައިވެސް ބުނެލެވެން އިރާދަކުރައްވައިގެން މިވަގުތު އެބައޮތް. އަޅުގަނޑުމެން މިއުޅެނީ ވިސްނުމަށް ބަދަލެއް ގެނެސްގެން. ތިޔަބޭފުޅުން ތިޔަކުރެއްވި ސުވާލު ތިޔަ ކުރެއްވީ، ބޯދާވެރިކަމުގެ ވިސްނުމުގެ ތެރޭގައި. އެއީ، ބަޖެޓުން މި މަސައްކަތް ކުރެވޭތޯ. އަޅުގަނޑުމެންނަށް ޖާހިލިއްޔަ ޒަމާން ދޫކޮށް، ތަހުޒީބުގެ ތެރެއަށް ނުކުމެވުނީމާ، އެބަ ވިސްނޭ، މިކަންކަން ކުރެވޭނެ ކިތަންމެ ގޮތެއް. އޭގެތެރޭގައި، ޚާއްޞަކޮށް، ވިޔަފާރި ފުޅާކޮށް ބޭނުންކޮށްގެން، ޕްރައިވެޓް ސެކްޓަރ ބޭނުންކޮށްގެން، މިކަންކަން ކުރެވެން އެބަހުރި. އެހެންވީމާ، އަޅުގަނޑު ހަމަ އެއްވެސް ޙާލެއްގައި، ޝައްކެއްނުކުރަން. އަދި މިފަހަރު އަޅުގަނޑު އިޓަލީއަށް މިކުރި ދަތުރުގެ ސަބަބުން، މާބޮޑު ޔަޤީންކަމެއްގައި އަޅުގަނޑުމެން މިތިބީ. ހަމަ އަޅުގަނޑުމެން މިދަންނަވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކޮށްދެވޭނެ.

މި ރާއްޖޭގައި މިހާރުން މިހާރަށް ރައްޔިތުންނަށް އެބަ ބޭނުންވޭ، މަދުވެގެން 500 މިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗަރއެއް. އެއީ، ފެނާއި ނަރުދަމާއާއި ކަރަންޓްގެ އިންވެސްޓްމަންޓެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ އިންވެސްޓްމަންޓް ރާއްޖެއަށް ގެންނާނަން. އަޅުގަނޑުގެ ނަޒަރުގައި އެއީ ގެނެވިދާނެ އެއްޗެއް.

އަޙްމަދު މުޙްސިން – ޖަޒީރާ ޑެއިލީ

މަނިކުފާނުގެ ސަރުކާރުގެ ސަތޭކަ ދުވަހަށް އަޅުގަނޑުވެސް މަރްޙަބާ ކިޔަން. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ފަށްޓަވަމުން ވިދާޅުވެއްޖެ. ތިމަންނައަށް ލިބުނު އެންމެބޮޑު ކާމިޔާބަކީ، ސިޔާސީ ކުށްވެރިންގެ ގޮތުގައި މީހުން ހައްޔަރު ނުކުރުމޭ. އަޅުގަނޑުގެ ހިތަށްއަރާ ސުވާލަކީ، އެހާ ގިނަ ބަޔަކު އިންޞާފު ހޯދަން މަނިކުފާނަށް ސިޓީ ލިޔަމުންދާއިރު، އަދި އިންޞާފުވެރި ނޫނިއްޔާ މުސްތަޤިއްލު ކޮމިޝަންތަކުން ބައެއް ފަރާތްތަކުގެ ރިޕޯޓުތައް ނެރެމުންދާއިރުގައި، ރާއްޖެއަށް ބޭނުންވާ ލާރި މިވަގުތު ލިބެން ނެތްއިރުގައި، އެއެއްޗެހި ހޯދަން މަނިކުފާނު ކިހާވަރަކަށް މަސައްކަތް ކުރައްވާނަންތޯ؟ އެ ޚިޔާނާތްތައް ވެފައި ހުރި މީހުންގެ އަތުން މުދާ ވިއްކައިގެން ނަމަވެސް، އެފައިސާ ހޯދަން ކޮންކޮން މަސައްކަތްތަކެއްތޯ ތިޔަބޭފުޅުން ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މުޙްސިން އަޅުގަނޑަށްވެސް އެނގޭ އިނގޭތޯ. ހަމަ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވޭ. ކިހިނެއްތޯ؟ މީގައި ބޭފުޅަކު ހިފާ ހައްޔަރު ކުރުން އެއީ، ހަމަ ވަރަށް ހިތަށް ތަދުވާނެ ކަމެއް އިނގޭތޯ. އޭގެ ސަބަބުން، ޑިމޮކްރެޓިކް ޕްރޮސެސްއަށް މާބޮޑަށް ބުރޫއަރާނެ އިނގޭތޯ. އެހެން ބުރޫއަރަން ފަށައިފިއްޔާ، އަޅުގަނޑުމެންނަށް ބޭރު އިންވެސްޓްމަންޓެއްވެސް ނުގެނެވޭނެ. ކޮންޓިނިއުޓީއާ އެކީގައި އަޅުގަނޑުމެންނަށް ގެންދެވޭނެ ކަމުގެ ކޮންފިޑެންސް ގެއްލެން ފަށައިފީވިއްޔާ. ދެން އެހެން ނަމަވެސް، މިސާލަކަށް ބޭންކް އޮފް މޯލްޑިވްސަށް ފައިސާ ދައްކަވަން ތިއްބެވި ބޭފުޅުން ނުވަތަ ކަނޑައެޅިގެން ސަރުކާރުން ފައިސާ ނަންގަވާފައި އެހެން ދައްކަވަން ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ އެފައިސާ ދައްކަވަންޖެހޭނެ. ދެން އެކަމަކަށް އަޅުގަނޑުމެންނަކަށް ދުލެއް ނުދެވޭނެ.
ދެން އެހެން ނަމަވެސް، މިސާލަކަށް، އަޅުގަނޑުގެ ބުރަކަށީގައި ޖެހި މީހާއަށް، އެމީހާއަށް އަޅުގަނޑު ހަމަ އެދެނީ ދުލެއްދޭން އިނގޭތޯ. އަޅުގަނޑު ބޭނުމެއް ނޫން އޭނާ ފަހާ އަޅުގަނޑުމެންދާކަށް. އެކަން އެހެން ކޮށްގެން އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށްބޮޑު ގެއްލުމެކޭ އޭރަށް އަޅުގަނޑުމެންނަށް ލިބޭނީ.

އެހެންވީމާ، ދެން ހަމައަކަށް އަންނަންޖެހޭ ކަންކަން އެބަހުރޭ. އެހެން ނޫސްވެރިންވެސް ކަންބޮޑުވާ ކަންކަން. ދެން ކޮންމެވެސް ވަރަކަށް ތަޙުޤީޤެއްވެސް އެބަ ހިނގަންޖެހޭ. އެ އަދި އަޅުގަނޑުމެންނަށް އެބަ އޮޅުންވެސްފިލަންޖެހޭ. ކިހިނެއްތޯ؟ 30 އަހަރުގެ ކަންކަން މިދިޔައީ. ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް ލިބުނު ފައިސާއާއި، ނުވަތަ މި ރާއްޖޭގެ ޙާލަތާއި، މި ރާއްޖޭގެ ރައްޔިތުންނާ ގުޅޭގޮތުންނާ މިކަންތައްތައް ހިނގާ މިދިޔައީ.

އެނގިވަޑައިގަންނަވާނެ، ހަމަ އަޅުގަނޑުމެން ވަރަށް އިތުބާރާ އެކީގައި ވެރިކަމުގައި މިތިބެނީ. އަޅުގަނޑުމެންނަށް މިހެން މިތިބެވެނީ، ރައްޔިތުން އަޅުގަނޑުމެންނަށް ތާއީދުދޭތީ. އެހެން ނޫންނަމަ، އަޅުގަނޑުމެންނަކަށެއް، މުޅި މާލެ، އެހެންޏާވިއްޔާ، ބޯދާވެރިކަމުގައި، ޖާހިލިއްޔަ ޒަމާނުގައި ވެރިން މާލެ ދޫކޮށް ނުދާނެ އިނގޭތޯ، ހުރިހާ އެންމެން އެކުގައެއް. ދެން އެކަމަކު ވަރަށްބޮޑު އިތުބާރެއްގައި އަޅުގަނޑުމެން މިތިބެނީ. ޑިމޮކްރަސީ މަސައްކަތް ކުރަންޏާ ވެރިކަންވެސް އޮންނަންޖެހޭނެ. ޑިމޮކްރަސީން މަސައްކަތް ނުކޮށް ވެރިކަން އޮތުމުގެ މާނައެއް ނެތޭ.

އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ މުޙްސިނަށްވެސް، ޑިމޮކްރަސީ މަސައްކަތް ކުރުމުގައި ނޫސްވެރިކަމާއި އެދައުރު ފުޅާކޮށްގެން ގެންދާތީ. ދެން މުޙްސިންގެ ސުވާލުގެ ޖަވާބުގައި، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އުނދަގޫ ކަމެއްގެ ވާހަކައޭ މުޙްސިން ތިޔަ އިޝާރާތް ކުރައްވަނީ. އެހެންނަމަވެސް، އަޅުގަނޑަށްވެސް އެބަ ވިސްނެއޭ މީގައި ޝަކުވާތަކެއް ހުރިކަން ނުވަތަ ޙައްޤުތަކެއް ގެއްލިފައިވާ ރައްޔިތަކު އެބަވާކަން. އެބޭފުޅުންނަށް އިންޞާފެއް ހޯދައިދެވެން ޖެހޭނެއޭ. އެ އިންޞާފު ހޯދެން އޮތީ، ޝަރީޢަތުގެ މަޖިލީހުންތޯ؟ ނުވަތަ ޑިމޮކްރެޓިކް ޕްރޮސެސްއިންތޯ؟ އެ ސުވާލުގައި އަޅުގަނޑުމެން މިތިބީ. ދެން އިރާދަކުރެއްވިއްޔާ ހަމަ ވީ އެންމެ އިންޞާފުވެރި ހަމަ ގޮތެއްގައި އަޅުގަނޑު މިކަން ކުރެވޭތޯ ބަލާނަން.

މަރިޔަމް ޝަނީޒާ – ވީ.ޓީ.ވީ

އަޅުގަނޑު ވީ.ޓީ.ވީ އިން އިނގޭތޯ. އަޅުގަނޑުގެ ސުވާލަކީ، ބޭރުގެ ފަރާތަކުން، އިޓަލީންވެސް ތިޔަ ހާމަކުރެއްވީ، ވަރަށްގިނަ ފަރާތްތަކުން އިންވެސްޓް ކުރަން ރާއްޖޭގައި ޝައުޤުވެރިކަން ހުރި ކަމަށް. އެފަދަ ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރާއިރު، ރާއްޖޭގައި އެބޭފުޅުންނަށް އިތުބާރު ހިފޭވަރުގެ ޤާނޫނެއް އެބައޮތްތޯ އިންވެސްޓް ކުރުމަށް. ދެން ޤާނޫނެއް ނެތްނަމަ، މިފަދަ ޤާނޫނެއް ހެދުމުގެ މަސައްކަތް ކިހާ ހިސާބެއްގައިތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ޤާނޫނުތަކަށް ބަލާއިރުގައި ޤާނޫނު އެބަހުރި އިނގޭތޯ. ކަންކަން ނުވެގެން މިއުޅެނީ ޤާނޫނު ނެތިގެނެއް ނޫން. ދެން އަޅުގަނޑުމެން މިހާރު މިގެންނަނީ ޔޫރަޕްގެ އިޓަލީގެ ލީގަލް ފަރމެއް، ޤާނޫނީ ކުންފުންޏެއް. އެއީ ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ލަފާއެރުވުމަށާއި، އަދި މިތަނުގައި ޤާނޫނީގޮތުން ކުންފުންޏެއްގެ ގޮތުގައި އެމަސައްކަތް ކުރުމަށް. ދެން މަޢްލޫމާތު ބޭނުންވަނީ. އިޓަލީގެ ވަރަށްގިނަ އިންވެސްޓަރުންނަކީ، ރާއްޖެއަށް ފަރިތަ ބައެއް. ދެން އަޅުގަނޑު ހަމަ ކޮންމެ ބައްދަލުވުމެއްގައިވެސް، ވަރަށް ސާފުކޮށް އެބައަރުވަން. މި ސަރުކާރަކުން އެއްވެސް މީހަކަށް ރިޝްވަތެއް ދޭކަށް ނުޖެހޭނެއޭ. ނާޖާއިޒު ފައިދާއެއް ނެގުމެއް ނޯންނާނެއޭ. ހަމަ އެކަން ނުކޮށް، ތިޔަބޭފުޅުންގެ އިންވެސްޓްމަންޓްސް މިރާއްޖޭގައި ކުރިއަށް ގެންދަވާށޭ. ރިޝްވަތެއް ދެވިއްޖިއްޔާ، އެހިސާބުން ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅެނީއޭ. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ، ދެން ރަނގަޅަށް ކަމެއް ކުރިއަށް ގެންދަން. އެހެންވީމާ، ރިޝްވަތެއް ދެއްވައިގެން ނުވާނެއޭ، ބޭރުން އިންވެސްޓް ކުރަން ރާއްޖެއަށް ވަޑައިގަންނަވާ އެއްވެސް ކުންފުންޏަކުން. އެކަން އެހެން ކޮށްފިއްޔާ، އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން، ތިޔަބޭފުޅުންގެ ރަށުގައިވެސް އަޅުގަނޑު ދަޢުވާ ކުރާނަމޭ. ތިޔަބޭފުޅުންނާވެސް ކުރާނަމޭ. މިކޮޅުންވެސް ކުރާނަމޭ. އެއީ، އެބޭފުޅުންވެސް ދެއްވައިގެން ނުވާނެ. އަޅުގަނޑުމެންގެ ބޭފުޅުން ހިފައިގެންވެސް ނުވާނެ. އެބާވަތުގެ ކަމެއް ހިންގައިފިއްޔާ، މި ސަރުކާރަކުން އެއްގޮތަކަށްވެސް ދޫކުރުމެއް ނޯންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމުގައި ހަމަ އަޅުގަނޑު ވަރަށް ބޮޑަށް ހިފަހައްޓާނަން.

ދެން އަޅުގަނޑު ދަންނަވާލާނަން އެހެން ވާހަކައެއް އިނގޭތޯ. މިދިޔަ ސަރުކާރުގެ ތިންވަނަ ދުވަހު، އަޅުގަނޑު ހަނދާންވަނީ. އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ޅިޔަން ބޭފުޅުންނަށް މަތީ މަގާމުތައް އެރުވުނު އިނގޭތޯ. ދެން އެއްބަފާ އެއްބަނޑު ހުރިހާ ބޭފުޅުންނަށްވެސް މަތީ މަގާމުތައް އެރުވުނު. ޙަޤީޤަތުގައި ދިވެހި ވެރިކަން ތަޣައްޔަރުވެ ގޮސް، ކިލަނބުވެ ގޮސް، ރައްޔިތުންނަށް ވެރިކަން ބަދަލުކުރަން ކޮންމެ ޙާލަތެއްގައިވެސް ނުކުމެ ބަދަލުކުރުމުގެ ވިސްނުމުގެތެރެއަށް ރައްޔިތުން ހިމުންވެގެންދިޔައީ، މިދެންނެވި ޢަމަލުތަކާހުރެ.
1. އަނިޔާވެރިކަން ބޮޑުވެގެން ދިޔުން.
2. ގާތްތިމާގެ މީހުންނަށް ވެރިކަމުގެ ހުރިހާ އާރަކާއި ބާރު ބަހާލެވިގެންދިޔުން.
އެހެންވީމާ، އެދެކަންތައްވެސް މިދިޔަ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ވަރަށް ބާރަށް ހިނގައިގަނެގެންދިޔަ. ދެން އަޅުގަނޑު އަނެއްހެން އެހާ ބޮޑަކަށް ވެރިކަމާ ގުޅޭގޮތުން ޑީ.އާރު.ޕީ ވިދާޅުވާ އެއްޗަކަށް މާބޮޑަށް ބަލައިގެނެއް ނޫން. އަޅުގަނޑަށް އަދި ސާފުނުވެގެން މިއުޅެނީ، އެބޭފުޅުން ވެރިކަން ސިފަކުރައްވަނީ ކޮންގޮތަކަށްތޯ. އެހެނެއް އަޅުގަނޑު އެހާ ބޮޑަށް އެބޭފުޅުންނާ އެހެން ގުޅުމެއް ބަލައިގެނެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެންނަން އެބަހުރި އިނގޭތޯ. ގޯސްކޮށް، ވެރިކަން ކިލަނބުކޮށްލެވޭތޯ ނުވަތަ ތަޣައްޔަރުވެ، ނުސާފުވެ، އަޅުގަނޑުމެންގެ ރައްޔިތުންގެ އިޙްސާސްތަކާ ދުރަށް ވެރިކަންދިޔަ ސަބަބުތައް. އެކަންކަން ބަލައިގެން، މިނައިގެން، ހޯދައިގެން، އަޅުގަނޑުމެން ވިސްނައިގެން، މި ވެރިކަން ރަނގަޅަށް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހެޔޮވެރިކަމެއް މި ރާއްޖޭގައި ދުވަހަކު ކުރެވުނިއްޔާ، އިރާދަކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެންނަށް ކުރެވޭނެ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު މަނިކުފާނަށް ދަންނަވާލަން އޮތް ސުވާލަކީ، މިހާރު ފުރަތަމަ ސަތޭކަ ދުވަސް ފުރިގެން މިމަހު 19ވަނަ ދުވަހު މިތަނުގައި ބޭއްވުނު ބައްދަލުވުމުގައި، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެދެއްވި ވަރަށް ތަފްޞީލުކޮށް، އަޅުގަނޑުމެން އެހެން މާޙައުލަކަށް، މިދެންނެވީ ރާއްޖެ މިހާރު އޮތް ދަރަޖަ ފިޔަވައި އެހެން ދަރަޖައަކަށްދާން ދުނިޔެއަށް އިޢްލާނުކޮށްފައި އޮތީމާ، ލިބެންހުރި އެހީތަކަށް ހުރަސްތަކެއް އެޅެމުންދާ ވާހަކަ. ދެން ރައްޔިތުން ތިބީކީއެއް ކުރިން ތިބި މާޙައުލުން ނޫނީ ތިބި ދަރަޖައިން އެހެން ދަރަޖައަކަށް ބަދަލުވެވޭފަދަ ޙާލަތެއްގައި ނޫންނަމަވެސް، ސަރުކާރުން އެގޮތަށް އިޢްލާން ކުރައްވާފައިވާތީ، އަޅުގަނޑުމެން އައީ ކޮންމެވެސް ވަރަކަށް ކަންބޮޑުވަމުން. އަންނަމުން ދަނިކޮށް، މީގެ ދެތިން ދުވަސް ކުރިން ޗައިނާގެ މަޝްހޫރު އެމީހުންގެ ޒިންގހުއާ ނޫސް އޭޖެންސީން ހާމަކޮށްފައި އެބައޮތް. ދިވެހިރާއްޖޭގެ ސަރުކާރަށް މަރްޙަބާކިޔާ ކަމަށް ރައްޔިތުންނަށް. ސަބަބަކީ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ އަކީ މާމަތީ އެއްޗަކަށްވާތީ. ދެކުނު އޭޝިޔާގައި އެންމެ މައްޗަށް އުފުލިފައިވާ އެއްޗަކަށްވާތީ، މަރްޙަބާ ކިޔާ ކަމަށާއި، އެކަން އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރ އަމީން ފައިޞަލަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ދެންނެވި ކަމަށް. އެހެންވީމާ، ދުނިޔޭގައި އަޅުގަނޑުމެންނަށް އެހީވާންތިބި ޤައުމުތަކުން އަޅުގަނޑުމެންނަށް މިފަދަ މަރްޙަބާއެއް ކިޔަމުން މިދަނީ، އަޅުގަނޑުމެންގެ ޤައުމުގައި އެންމެ ނިކަމެތިކަމާއެއްކޮށް ކުޑަކަކޫ ޖަހައިގެން ލޫދޭ ހިސާބުގައި ރައްޔިތުން ތިބިއިރު ކަމަށްވާތީ، މިކަން ނައްތާލުމަށް ނުވަތަ މިކަން ޙައްލުކޮށްދެއްވުމަށް މަނިކުފާނު ކޮންކަހަލަ މަސައްކަތްތަކެއްތޯ ރާއްވަވާފައި ހުރީ ނޫނީ ވިސްނުންފުޅުގައި ހުރީ؟ އެއެއް ވިދާޅުވެދެއްވަފާނަންތޯ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށްގިނައިން ވާގޮތެއް އިނގޭތޯ. އިލޮށިކޮޅު ފޭއްސެނީ ކަދުރު ކާންވެގެން. އެކަމަކު ލޮލަށް ހެރެނީ. އަޅުގަނޑުމެންނަށް ދޭތެރެއަކުން ބައެއްފަހަރަށް ވިސްނާނުލައި ޙިކްމަތްތެރިކަމެއްނެތި ކަންކަން ކުރެވުނީމާ، ދެން އަޅުގަނޑު މިދެންނެވި ބަހަށް އަދި ތަންކޮޅެއް ހުތުރު ބަހަކުން ބުނާ އެއްޗެއްވެސް އޮވޭ. ފައިން އެރިފައި ހުރުން. ދެން އަޅުގަނޑުމެން ވަރަށް ވިސްނައިގެން، މިކަން ކުރިއަށް ގެންދިޔައްޔާ ނޫނިއްޔާ، އަޅުގަނޑުމެންނަށް ހަމަ ތިބެވޭނީ، ތިޔަބާވަތުގެ ކަންކަމުގެ ތެރެއަށް ގޮސް އަރާނެ ގެ ހުސްވެ، އަޅުގަނޑުމެންނަށް ސައިވެފައި ތިބެވޭނީ.

މިހާރު ފުރަތަމަ މިދިޔަ 30 އަހަރު ސެންސަސް ބޯހިމެނުމުގައި، ގަސްދުގައި އޮޅުވާލަމުން ގެންދިޔަ 30 އަހަރު. ގުނުމުގައި ގަސްދުގައި އޮޅުވާލުން އެއީ، މި ބޯދާވެރިކަމުގައި ކޮންމެހެންވެސް ކުރައްވާ ކަމެއް. ވޯޓު ގުނުއްވިޔަސްވެސް، ބޯހިމެނިޔަސްވެސް، މީހުންގެ ޢަދަދު ގުނިޔަސްވެސް، ރުއްގަސް ފޯދޭވަރު ގުނިޔަސްވެސް، މީހުން މަސްތުރަވާވަރު ގުނިޔަސްވެސް، މަސްބާނާވަރު ގުނިޔަސްވެސް، އެ ކޮންމެ އެއްޗެއް ގުނިޔަސްވެސް، އެ ގުނުމުގައި އޮޅުވާލުން އެއީ، ހަމަ ކަނޑައެޅިގެން ކުރައްވަންޖެހޭ ކަމެއް. ރާއްޖޭގެ އާބާދީގެ ޢަދަދު މިސާލަކަށް. އިލެކްޝަންސް ކޮމިޝަނުން އެއަދަދު އިހަކަށްދުވަހަކު ނެރުއްވީމާ، ވޯޓަށްގޮވާ މީހުންގެ ޢަދަދު އެބަދޭ ފަނަރަހާހުން އިތުރަށް ސެންސަސްގެ ޢަދަދަށްވުރެ، ބޯހިމެނުމުގެ ޢަދަދަށްވުރެ. އެހެންވީމާ، މުޅި އާބާދީގެ ޢަދަދެއްވެސް އަޅުގަނޑުމެންނަކަށެއް ނޭނގެ. އަދި ދެން އާމްދަނީއާއި މިބާވަތުގެ ކަންކަން ހަމަ އެއްގޮތަކަށް ނޭނގޭނެ އިނގޭތޯ. ކިތައް މީހުންތޯ 65 އަހަރުން މަތީ. އަށާރަހާސް މީހުން ކަމަށް ބެލީ. ދެން އެކަމަކު އަދި ނުފެނިގެން މިއުޅެނީ އެހާވަރު. އަށާރަހާސް މީހުން ކަމަށް ސެންސަސްއިން ބުނަނީ. އެކަމަކު މިޢަދަދު މަދު. އެހެންވީމާ، އޭގެ މާނައަކީ، އަޅުގަނޑަށް ހީވަނީ ލައިފް އެކްސްޕެކްޓެންސީ އާއި އިންފަންޓް މޯޓަލިޓީ އާ މިހުރިހާ އެއްޗަކާވެސް ގުޅުން މިއޮންނަނީ، ޑިމޮގްރަފީ، އާބާދީ ކުރިއަރަމުން އައިގޮތާ. މިކަންކަމުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރާފައި މިއޮތީ.

ދެން މިފަހަރު ޤަޠަރުގެ އަމީރު އަރިހުގައި އަޅުގަނޑަށް މަޢާފަށްވެސް އެދެން ޖެހުނު. އެއީ އެބޭފުޅާވެސް ކަންބޮޑުވުން ހާމަކުރެއްވި. މީގެކުރީގައި ދެވިފައި ހުރި ބައެއް އެހީ އެންމެ ހެޔޮގޮތުގައި ބޭނުންކުރެވިފައި ނުވާތީއާއި، އަދި ބައެއް ބާވަތުގެ އެހީތަކާ ގުޅޭގޮތުން މާބޮޑަށް ސާފުނުވާތީވެ، އަޅުގަނޑަށް އެބޭފުޅާ ކިބައިން މަޢާފަށް އެދެން ޖެހުނު. ދެން އެހެންނަމަވެސް، އަޅުގަނޑުމެން ދެންނެވިން، އާ ފެށުމަކުން ފަށްޓަވައިދެއްވާށޭ. މިހާރު ރާއްޖޭގެ ރައްޔިތުން އެދޭ ވެރިކަމެކޭ، ރާއްޖޭގައި ހިނގަމުން އެއަންނަނީ. ރައްޔިތުންގެ ރުހުމާ އެކީގައޭ ވެރިކަން އުފެދިފައި އޮތީ. ދެން ވިދާޅުވި. ހުރިހާ ކަމެއްވެސް އަލުން އަނބުރާ ބައްލަވައިދެއްވާނަމޭ. އަދި އެހީ އިތުރަށްވުމުގައިވެސް އެބޭފުޅާ އަޅުގަނޑުމެންނާ އެކީގައި ހުންނެވި ކަމަށް. ދެން ޚާއްޞަކޮށް، ވެދިޔަ ހުރިހާ ކަމެއް ބަލައިދިނުމަށް، ވަލީ ޢަހުދު އެދިވަޑައިގެންނެވި ފޮރިން މިނިސްޓަރުގެ އަރިހުން ހަމަ އެތާ އިންނަވާފައި ވަގުތުން ވަގުތަށް. އެހެންވީމާ، މިދަންނަވާހެން އަޅުގަނޑުމެންނަށް ގޯސްކޮށް މިދިޔަ 30 އަހަރު އެބަހުރި ވަރަށްގިނަ ކަންތައްތައް ނުހަމައިގައި ކުރެވިފައި. ހުރީމާ އޭގެ ސަބަބުން ލިބޭ ގެއްލުން އަޅުގަނޑުމެންނަށް މިއަދު މިހާރު މިވަމުން މިދަނީ.

ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، 200، 300، 500 މިލިއަން ރުފިޔާ އާމްދަނީއަށްވުރެ އިތުރަށް އަޅުގަނޑުމެން ބޭނުންކޮށްފީމޭ. އެހުރިހާ ޕްރޮޖެކްޓަކީވެސް މިދިޔަ އަހަރު ފަށާފައި ހުރި ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން ދޭންޖެހޭ ފައިސާ. އެ ފައިސާ ދިނުން އަޅުގަނޑުމެންނަށް ހުއްޓާލެވޭކަށެއް ނެތް. އެއީ ޢާންމު ރައްޔިތުންނަށް، އެއީ ޢާންމު ކުންފުނިތަކަށް ދޭންޖެހޭ ފައިސާ. އެހެންވީމާ، އެ ފައިސާ ދިނުމުގައި، އަޅުގަނޑުމެންނަށް ތާށިކަމެއް އެބައާދޭ. ދެން އަޅުގަނޑުމެން ބޭނުމެއްނުވޭ، ހުރި ހުރިހާ ލާރިއެއް އެއްތަނަކަށްލާކަށް. އަދި އަޅުގަނޑުމެން ނުދެކެން، ލާރިއަކީ ފެނާ އެއްބާވަތުގެ އެއްޗެއް ކަމަކަށް. އެޅީމާ، ހުރިހާ ދިމާއަކަށް މިހެން ދުވެފައި ގޮސް ފެތުރިގަންނަ ކަމަކަށްވެސް. އެހެންވީމާ، އަޅުގަނޑުމެން ތަންތަނަށް ލާރި ދައްކާނީވެސް ބަލައިގެން. އިރާދަކުރެއްވިއްޔާ، ވަރަށްބޮޑު އިތުބާރާއެކީގައި ވަރަށްބޮޑު އުންމީދެއް އެބައޮތް. އިޤްތިޞާދު އޮތީ ރަނގަޅަށް. އިޤްތިޞާދުގައި މައިގަނޑުތައް ހުރީ ރަނގަޅަށް. އަޅުގަނޑުމެންނަކަށް އެއްވަލަކަށް ހަދާފައި، ރަނގަޅަށް ތަންކޮޅެއް ބާރުކޮށްލެވުނީމާ، މިކަންކަން ރަނގަޅަށްދާނެ. މިދިޔަ ތިންމަސްދުވަސް އަޅުގަނޑުގެ ނަޒަރުގައި ދިޔައީ ވަރަށް ރަނގަޅަށް. ފުރަތަމަމަހު 200 މިލިއަން ރުފިޔާ އިތުރަށްދިޔައީ. ދެވަނަ މަހު 200 އެއް ހަމައެއްނުވި. ތިންވަނަމަހު 170. އެހެންވީމާ، އަޅުގަނޑު ހިސާބު ޖަހައިގެން މިއުޅެނީ، ހަމަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ޚަރަދާއި އާމްދަނީ އެއްވަރު ކުރެވޭނެއޭ. ދެން ޕީ.އެސް.އައި.ޕީ ޕްރޮގްރާމް، ކޯޕަރޭޓް އުޞޫލުން ހިންގޭނެއޭ. ހިންގުނީމާ އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންނަށް ބާކީ އޮންނާނެ.

ޢަބްދުﷲ މުޙަންމަދު – ދި ޓީ.ވީ

އަޅުގަނޑުވެސް ހަމަ މަނިކުފާނަށް މަރްޙަބާ ދަންނަވަން ސަތޭކަ ދުވަހަށް. ދެން މަނިކުފާނު ވެރިކަމަށް މިވަޑައިގެންނެވީ، މައިގަނޑު ފަސް ވަޢުދެއް ވެވަޑައިގެންފައި. މި މައިގަނޑު ފަސް ވަޢުދުގައިވާ ކަންތައްތައް، މިވޭތުވެދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް ޙާޞިލު ކުރެވިއްޖެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މާބޮޑަށް އިނގޭތޯ. މިސާލަކަށް ޓްރާންސްޕޯޓް ކުރީގައި. ހައުސިންގވެސް ކުރީގައި. އަޅުގަނޑުމެންގެ ޓޭބަލަށްވުރެ ކުރީގައި ހުރިހާ ވަޢުދެއްވެސް ހުރީ. ތަކެތީގެ އަގު ތިރިކުރުން. އެ އަދި އަޅުގަނޑަށް މާރަނގަޅަށް ފެނޭ. ދެން ޑޮލަރު އެބަ ދަތިވޭ. ޑޮލަރު ދަތިވަނީކީއެއް ނޫން. ރުފިޔާ ގިނަވަނީ. ރުފިޔާ އިތުރަށް ޗާޕް ކޮށްގެން ގެނައިމާ، ޑޮލަރު މަދުވާނެތާ. އެހެންވެއްޖިއްޔާ އަދި ކޮންމެވެސް ވަރަކަށް ބައެއް ބޭފުޅުން ޝައްކު ކުރައްވާ، މާރުކޭޓުގައި ހުރި ޑޮލަރު ބައެއް ބޭފުޅުން ބާޒާރަށް ނުނެރުއްވައި ވަކިން ގެންގުޅުއްވާ ކަމަށްވެސް. ދެން އެހެންނަމަވެސް، އެއީކީވެސް އަނެއްހެން މާބޮޑު މައްސަލައެއް ނޫން. އިރާދަކުރެއްވިއްޔާ ދިހަރުފިޔާއަށް ހެދީމާ، ގޭގައި ބަހައްޓާފައި ހުރި ޑޮލަރަށް އަޅުގަނޑަށް ހީވަނީ މާރަނގަޅު އަގެއް ނުލިބިހެން މިފަހަރު ދާނީ. އެހެންވީމާ، އެބޭފުޅުންވެސް ހޯދައިގެން ގެނެސް ހިފާ ހައްޔަރުކޮށްގެން އެ ޑޮލަރު އަތުލާކަށް ނޫން. ޤާނޫނާ ޚިލާފު ކަމެއް އެކުރައްވަނީ. އެހެންނަމަވެސް، ދެން އަޅުގަނޑުމެންނެއް އެގޮތަކަށް ޤާނޫނީ ފިޔަވަޅު އަޅައިގެން ގޮސް އެކަން ޙައްލުކުރާކަށް ނުދެކެން.

އަޅުގަނޑުމެންނަށް ސީދާ ޓާގެޓްގައި ހުރި ކަމަކީ، ދިރިއުޅުމުގެ އަގު. ބޯހިޔާވަހިކަން މާބޮޑަށް ކުރީގައި އުޅެނީ. އަޅުގަނޑުމެން ބުނިން ފަންސަވީސްހާސް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަމޭ. އަޅުގަނޑުމެންނަށް މިހާރު އެބައޮތް، ދިހަހާސް ފްލެޓް މިއަހަރުގެ ތެރޭގައި އަޅަން ފެށެން. މިފަހަރު އިޓަލީން ކުންފުންޏަކުން ބޭނުންވި އެއްހާސް ފްލެޓް އަމިއްލައަށް އަޅަން. ހަމަ ޗައިނާއިން ދެ ކުންފުނިން ބޭނުންވޭ ދިހަހާސް އެކީގައި އަޅަން. އިންޑިޔާއިންވެސް ދެ ކުންފުނިން ބޭނުންވޭ ދިހަހާސް އެކީގައި އަޅަން. ކޮރެޔާ ކުންފުންޏެއް އެބަހުރި. ވަރަށްގިނަ ކުންފުނިތަކުން އެކަމަށްވެސް ޝައުޤުވެރިކަން ހާމަކޮށްފައި ހުރީ. އަދި އަޅުގަނޑުމެން ބަލައިގެން އެންމެ އެކަށީގެންވާ ރަނގަޅު ބަޔަކަށް މިކަން ގެންދިޔުމުގެ ޓެންޑަރެއް، ޕްރޮސެސްއެއް، ދެފުށް ފެންނަ ރަނގަޅު ހަމަތަކުގެ ތެރެއިން މިކަން ހިނގަމުންދާނީ.

މައިގަނޑު ފަސް ވަޢުދުގެ ތެރޭގައި، އަދި ހިމެނޭނެ އެހެން ވަޢުދުތައް އިނގޭތޯ. ފަސް ވަޢުދު އޮވެފައި، ފަސް ވަޢުދުގެ ތެރޭގައި ހިމެނޭނެ އެހެން ވަޢުދުތައް. އެއީ މިސާލަކަށް، 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނެއް. ހެލްތް އިންޝުއަރެންސް ދިނުން. މަދަރުސާތަކުގެ ތަޢްލީމު. އޯ ލެވެލުން ފާސްވާ ޢަދަދުގެ ޓާގެޓެއްވެސް އަޅުގަނޑުމެންގެ އެބައޮތް. އެހެންވީމާ، އެ ޓާގެޓަށް އެކަން ކުރުމަށް ޓީޗަރުން އެބަ އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ. މާޗް، އޭޕްރިލް ހިސާބަށް ޓީޗަރުން އަޅުގަނޑުމެންނަށް ލިބޭނީ. ދެން އޭގެ އިތުރަށް މިސާލަކަށް، ބިކޯކާ ޔުނިވަރސިޓީން އައުޓް ޕޯސްޓެއް، މަގޫދޫގައި ޤާއިމް ކުރެވުނީމާ، މިހާރު އެތަނުގައި އޭރުން ހުޅުވާލެވޭނެ، ވިހި ޖާގައިގެ ކްލާހެއް، ފުރަތަމަ ޑިގްރީއަށް މެރިން ބައޮލޮޖީ ކިޔަވާ. އޭގެތެރެއިން ދިހަ ޖާގަ މިލާނުން އިޓަލީން ފުރައިދޭނެ. އެއީ، އިޓަލީ ކުދިން. އެހެންވީމާ، އޭގެތެރެއިން އަނެއް ދިހަ ޖާގަ، އަޅުގަނޑުމެން އަމިއްލައަށް ފުރުމަށް އަޅުގަނޑުމެން ބަލާނީ. ފީ ނަގާނެ އިނގޭތޯ މި ޔުނިވަރސިޓީގައި. އެކަމަކު ދުނިޔެއަށް މަޝްހޫރު ރަނގަޅު ސެޓްފިކެޓެއް ލިބޭ، ރަނގަޅު ޔުނިވަރސިޓީއަކަށް ވެގެންދާނެ. ރިސަރޗްވެސް ރަނގަޅުވާނެ.

އެހެންވީމާ، އެއާއެކީގައި އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަމަގައިމުވެސް މަގޫދޫ، ނިލަންދޫ، ބިލެތްދޫ، މީދޫ، ބަނޑިދޫ، ރިނބުދޫ އެހެރީ އަތްފޯރާ ހިސާބުގައި ނޫންތޯ. އެތަންތަނުގެ މަދަރުސާތަކަށް މިކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން ދެވޭނެ. ދެން އަޅުގަނޑުމެން އަދި ފާހަގަކޮށްފައި މިއޮތީ ދިޔަމިގިލީގައި އޭ. ލެވެލް އަށް އާޓްސް ކިޔަވައިދިނުން. އެ ޕްރޮގްރާމްވެސް އެބަ ހިނގާ.

ދެން އަޅުގަނޑުމެން ފާހަގަކޮށްފައި ހުރި އިޓަލީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް. ރާއްޖެ ވަޑައިގެން ދެފަހަރު އަޑިއަށް ފީނާވަޑައިގެންފައިވާ ބޭފުޅެއް. ދެން ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބޭފުޅާގެ ހުރޭ. މި ރާއްޖެއާއި ރާއްޖޭގެ ސަރުކާރު ޑިމޮކްރެޓިކް އުޞޫލުގައި އޮވެފައި، ދެން ކަންކަން ކުރަން ގެންދަންޏާ ގެންދިޔުމަށް. ބަރްލަސްކޯނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ކަންކަން ފަހިކޮށްދެއްވާފައި ހުރީ ސިޓީއަކުން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އިރާދަކުރެއްވިއްޔާ ވަޢުދުތައް ރަނގަޅަށް ފުދެމުންދެއޭ. އަޅުގަނޑުމެން މިތިބި ޓާގެޓްގައި.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އިތުރު ތަފްޞީލު ދެއްވާނެ ރަޝީދާއި ޢާދިލް. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް މާގިނަ ވަގުތު ނެގިއްޖެހެން. އަޅުގަނޑުމެން ރައްޔިތުންނަށް ހަމަ ޔަޤީންކަން އަރުވަން ބޭނުންވަނީ، އެމް.ޑީ.ޕީ.ގެ ވަޢުދުތައް އިރާދަކުރެއްވިއްޔާ އެމް.ޑީ.ޕީ.އިން ފުއްދައިދޭނެއޭ. އަދި އެމް.ޑީ.ޕީ ވަޢުދުތައް ވަމުންދަނީ، ހަމަ މަޖިލީހުގެ އިންތިޚާބަށް ވަރަށް ބޮޑަށް ވިސްނާފައޭ. އެއީ އޭގެ ބޭނުމަކީވެސް އިނގޭތޯ. މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއަކުން ނުވިސްނަންޏާ، ދެން ކޮންކަމަކާތޯ ޕާޓީއަކުން ވިސްނާނީ. އެއަށްވުރެ ބޮޑު ކަމެއް ޕާޓީއަކަށެއް ނޯންނާނެ. އެއީ އެބޭފުޅާ ބޭނުންފުޅުވެވަޑައިގަންނަވާނެ، އަޅުގަނޑުމެން ރައްޔިތުންނަށް ރަނގަޅަށް ސަރުކާރު ހިންގައިދިނުން. ރައްޔިތުން ބޭނުންވާ ކަހަލަ ސަރުކާރެއް. ޚިދްމަތްތައް ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވަރަށް ކަންބޮޑުވާނެ، ހޮސްޕިޓަލްގައި ޚިދްމަތް ގޯސްވީމާ. އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވަރަށް ކަންބޮޑުވާނެ ދަތުރުފަތުރުގެ ނިޒާމު ނެތިއްޖިއްޔާ. އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކަންބޮޑުވާނެ، މަސްތުވާތަކެތީގެ ޝިކާރައަކަށް ޒުވާނުންވެ އަދިވެސް ތިބޭކަމަށްވަންޏާ.

އެހެންވީމާ، އަޅުގަނޑުމެންނަށް މަޖިލީހުގެ އިންތިޚާބެއްފަދަ ކަމަކަށް ނުވިސްނައި، ސިޔާސީ ޙަރަކާތެއް، ސަރުކާރެއް ނުހިންގޭނެ. ކުރިމަތީގައި މިއޮތީ، މި ރާއްޖޭގައި އޮތް އެންމެ މުހިންމު ކަންތައް. އަދި ހަމަ ލޯކަލް ގަވަރންމަންޓެއްގެ އިންތިޚާބެއް އޮތަސް، އަދި ބައި އިލެކްޝަނެއްގެ އިންތިޚާބެއް އޮތަސް، އަދި ޕީ.ޓީ.އޭ ޕޭރަންޓް ޓީޗަރސް އެސޯސިއޭޝަންގެ އިންތިޚާބެއް އޮތަސް، މި ސަރުކާރުން ވިސްނާނެ. ރައްޔިތުން ޚިޔާލުފާޅުކުރާ ކޮންމެ ހިނދެއްގައި، ރައްޔިތުންގެ އިޙްސާސްތައް ހާމަވެގެންދާ ކޮންމެ ހިނދެއްގައި، އަޅުގަނޑުމެން، މި ސަރުކާރުން ވަރަށް ބޮޑަށް އެކަންކަމާ ވިސްނާނެ.

ނިންމާލުމުގެ ކުރީގައިވެސް އަނެއްކާވެސް އަޅުގަނޑު ހަމަ ޔަޤީންކަން އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މާދަން ވެގެންދާނީ، މިއަދަށްވުރެ އަދި މާ ފާގަތި ފަހި ދުވަހަކަށޭ.

والسّـلام عليـكم