بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ދުވަސްކޮޅެއްވެފައި އަޅުގަނޑަށް އަނެއްކާވެސް ތިޔަބޭފުޅުންނާ މިބައްދަލުވީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިތާ މިހާރު މަސްދުވަސްވެއްޖެ. އަޅުގަނޑުމެން ޑޮކްޓަރ ވަޙީދާއި އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު މިބައްދަލުކޮށްލީ، މިހާތަނަށް އައިއިރުގައި، ސަރުކާރާ ގުޅޭގޮތުންނާއި އަދި ހިނގަމުންދާ ބައެއް ކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންގެ ސުވާލެއް އޮތްނަމަ، ތިޔަބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ހިންގާ މަޝްރޫޢުތަކެއްވެސް އެބަހުރޭ. އޭގެތެރޭގައި، ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި މާލެއަށް ބުރަނުވެ ރައްޔިތުންނަށް ޚިދްމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުން ޚާއްޞަ. އަދި ހަމައެހެންމެ، އިޤްތިޞާދީ ކަންކަމާއި ބަޖެޓާގުޅޭ އެހެނިހެން ކަންކަން، އަޅުގަނޑުމެންގެ މިދިޔަ މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ޚާއްޞަ އަހަންމިއްޔަތުކަމަކާ އެކީގައި ބެލެމުން އެބަދޭ. އަޅުގަނޑު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، މިއަދު އަޅުގަނޑު ގިނަ ވަގުތު އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ސުވާލަށް އަޅުގަނޑުމެން ޖަވާބު އެރުވުމަށްޓަކައި.

ޢަލީ ސަވާދު – ޖަޒީރާ ޑެއިލީ:

ތިޔަބޭފުޅުންގެ ސަރުކާރުން އެބަހުރި މަސްދުވަސް ވެގެންދިޔައިރު ކުރެވިފައި ހުރި ބައެއް ކަންތައްތައް އިޢްލާނު ކުރައްވާފައި. ހަމަ އެގޮތަށް އިދިކޮޅު ބައެއް ފަރާތްތަކުން، މަސްދުވަސްވެގެން ދިޔައިރު ކުރެވުނު ޤާނޫނާ ޚިލާފު ބައެއް ކަންތައްތައް އެބަ ހާމަކުރޭ. އެގޮތުން، ސަރުކާރުން އައި.އެލް.އޯ.ގައި ސޮއިކުރުން ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް އެބަ ފާހަގަކުރޭ. އަދި ޖަލުން ދޫކުރާ ކުށްވެރިންތައް، ޕެރޯލްގެ އުޞޫލުންނޭ ދޫކުރެއްވީ ހަމަ ސަރުކާރުން ވިދާޅުވިޔަސް، ބައެއް ފަރާތްތަކުން އެއީވެސް ޤާނޫނާ ޚިލާފު ކަމެއް ކަމަށް ފާހަގަކުރޭ. އެހެންވީމާ، މިދެކަންތަކާ ގުޅޭގޮތުން ކޮބައިތޯ ސަރުކާރުގެ ވިސްނުންފުޅަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެންމެ ބޭފުޅުންވެސް ޤާނޫނުއަސާސީ ބައްލަވާލެއްވުން ރަނގަޅުވާނެ، ކަންކަމާ ގުޅޭގޮތުން. މިސާލަކަށް، އައި.އެލް.އޯ ގައި ސޮއިކުރުމާ ގުޅޭގޮތުން. ކަމެއް ތަޞްދީޤު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއަށް ރުހުން ލިބެންޖެހޭ. ކަމަކާ ގުޅޭގޮތުން ސަރުކާރުގެ އިންޓެންޝަނެއް ސަރުކާރަށް އަދި ހާމަކުރެވޭނެ. ސަރުކާރު އެދެނީ، އައި.އެލް.އޯ.ގެ މެންބަރަކަށްވުމަށް. އެއަށް އަޅުގަނޑުމެންނަށް ޢަމަލު ކުރަން ފެށޭނީ، ރައްޔިތުންގެ މަޖިލިސް، އެމައްޗަށް ބުރަވީމާ، ތަޞްދީޤު ކުރެވުނީމާ. އަޅުގަނޑުމެންގެ އިންޓެޝަނެއް، އަޅުގަނޑުމެންގެ އުންމީދެއް އަޅުގަނޑުމެން ހާމަކުރަނީ.

ޢަލީ ސަވާދު – ޖަޒީރާ ޑެއިލީ:

ތިޔަވިދާޅުވީ އައި.އެލް.އޯ.ގައި އެދުވަހު ސޮއިކުރެއްވި ނަމަވެސް، އަދިވެސް އެއަށް ޢަމަލުކުރަން ރާއްޖެއިން ނުފަށާ ކަމަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރައްޔިތުންގެ މަޖިލީހުން އެ މައްޗަށް ތަޞްދީޤު ދެއްވީމާ، ރުހުން ދެއްވީމާ، ރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން އައި.އެލް.އޯ.ގެ ހަމަތަކާ އެއްގޮތަށް އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް ގެންދެވޭނީ.

ޢަލީ ސަވާދު – ޖަޒީރާ ޑެއިލީ:

ކޮން ދުވަހަކުންކަން ވިދާޅުވެދެއްވަފާނަންތޯ މަޖިލީހުން ރުހުން ހޯދަން ހުށަހަޅުއްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނަށް މިހާރު ޓްރައިބިއުނަލެއް އެކުލަވާލުމުގެ، ލޭބަރ ޓްރައިބިއުނަލެއް އެކުލަވާލުމުގެ ކަންތަކާއި އަދި އެކަމާ ގުޅޭގޮތުން ހުރި ބައެއް ޤާނޫނީ ކުދިކުދި ކަންކަން އެބަހުރި. އެހެންވީމާ، އެކަންކަން ހަމަޖެހުނީމާ އަޅުގަނޑުމެންނަށް މަޖިލީހަށް ހުށަހެޅޭނެ. މަޖިލީހަށް ހުށަހެޅުމާ ގުޅޭގޮތުން ވިސްނާލަންޖެހޭ އެހެން ކަމެއް އެބައޮވޭ. މިހާރު މަޖިލީހުގައި ސަރުކާރުން ހުށަހަޅާފައި ހުރި ކަންތައްތައް ވަރަށްގިނަ. ދެން މަޖިލީހުގެ ސްޕީޑާއި، އަދި މަޖިލީހުގައި މިއޮތް މުއްދަތާ، މިދެކަންތަކަށް އަޅުގަނޑުމެން ބަލަންޖެހޭ. އަޅުގަނޑުމެންގެ އުޞޫލަކީ، ނުވަތަ އަޅުގަނޑުމެން މި ހާމަކުރާ ގޮތަކީ، އަޅުގަނޑުމެން ޢަމަލުކުރަން ބޭނުންވަނީ، މުވައްޒަފުންނާ ގުޅޭގޮތުން، މަސައްކަތްތެރިންނާ ގުޅޭގޮތުން އިންޓަރނޭޝަނަލް ލޭބަރ އޯގނައިޒޭޝަންގެ ހަމަތަކާ އެއްގޮތަށޭ. އެހެންވީމާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ޤާނޫނުތަންދޭ ހުރިހާ ތަނެއްގައި ޢަމަލު ކުރަމުންދާނީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އުޞޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން.

މިދުޙަތު އާދަމް – ދި ޓީ.ވީ:

އަޅުގަނޑު ދެސުވާލެއް ކޮށްލާނަން. ދެންމެ ސަވާދު ކުރެއްވި އެއްސުވާލުގެ ޖަވާބު އެއީ، އަޅުގަނޑުވެސް ބޭނުންވާ ސުވާލެއް. މިސާލަކަށް، ތިޔަބޭފުޅުން މިހާރު ޖަލުން ގެނެސް ގެއަށް ބަދަލުކުރައްވައިފި 114 ކުށްވެރިން ނޫނީ 19 އޭވެސް އެބަ ވިދާޅުވޭ ބައެއް ބޭފުޅުން. އެ ކުށްވެރިން އެއީ ކޮން އުޞޫލަކުން ކޮން ގޮތަކުން ގެންނެވި ކުށްވެރިންނެއްތޯ؟ އެއީ، މިހެން މިދެންނެވީ ބައެއް ބޭފުޅުން ވިދާޅުވަނީ، ސަވާދު އެ ވިދާޅުވިހެން ޤާނޫނާ ޚިލާފު ކަމެކޭ ތިޔަބޭފުޅުން އެކުރެއްވީ.

ދެން އަޅުގަނޑުގެ އަޞްލު ސުވާލަކީ، ކުޑަ ސަރުކާރެއް ޤާއިމު ކުރަން ނަޝީދު އޮތީ ވަޢުދުވެވަޑައިގެންފައި. ދެން އެ ވަޢުދުގެ މަތީގައި، އެހެންނަމަވެސް މިހާރު ވަރަށްގިނަ ވަޒީފާތަކެއް އަލަށް އުފެދި، މިދެންނެވީ މަތީ ސިޔާސީ މަގާމުތަކެއް އުފައްދަވައި، އެމަގާމުތަކަށް ވަރަށް ގިނަ ބޭފުޅުން ހަމަޖައްސަވާފައިވަނީ. އެއީ، ކުރީގެ ސަރުކާރަށްވުރެ ގިނަކަމަށް ބައެއް ބޭފުޅުން އެބަ ތުހުމަތު ކުރައްވާ. އެހެންނަމަވެސް، އަޅުގަނޑަށް ސީދާ އެ ޢަދަދެއް ނޭނގެ. އެހެންވީމާ، ދެއްވަފާނަންތޯ މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޢަދަދު. ނޫނީ ކުރިއަށްވުރެ ކުޑަވާނެތޯ ސަރުކާރު؟ ދެން ކުރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކިހިނެއްތޯ ތިޔަބޭފުޅުން ހެއްދެވީ؟ މިދެންނެވީ، ތީމުގެއާއި ރައީސް އޮފީހުގެ ވަރަށްގިނަ މުވައްޒަފުން ތިބި ވާހަކަ ކުރިންވެސް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސަވާދު މަޢާފް ކުރައްވައްޗޭ. ސަވާދުގެ ދެވަނަ ސުވާލެއްވެސް އޮތް އިނގޭތޯ. ދެސުވާލާ ގުޅޭގޮތުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުން އެހެން ވާހަކައެއް. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރުގައި، ލޭބަރ ޤާނޫނަށް ހަމަ އެވަގުތުއްސުރެ ފެށިގެން ޢަމަލުކުރަން ޖެހިފައި އޮތީ. އެ ޤާނޫނާ ގުޅޭގޮތުން އަހުލުވެރިވާންޖެހޭ ކިތަންމެ ކަމަކަށް އެ ދާއިރާގެ އެތައް ބަޔަކަށް އަހުލުވެރިނުވެ މިއޮތީ. އެހެންވީމާ، އަޅުގަނޑުމެންނަށް އެޤާނޫނުގައިވާ ގޮތުގެ މަތިން، ކަންކަން ހިންގަން ފުރަތަމައިނުން ދިމާވިއިރުގައި، އަޅުގަނޑުމެންނަށް ދިމާވީ ބޮޑު މައްސަލަތަކެއްގެ ތެރެއިން. އެއީ ރިޒޯޓުތަކުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ހިތްޕުޅުހަމަނުޖެހިގެން އެބޭފުޅުންގެ ޝަކުވާތަކެއްގެ އަޑު އުފުލަމުންދިޔަ މާޙައުލެއްގެ ތެރެއިން އަޅުގަނޑުމެންނަށް މި ޤާނޫނުގެ ކަންތައް އުފެދިގެން އައީ ނުވަތަ ޤާނޫނަށް ޢަމަލުކުރަންވެސް މިލިބުނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ހިނދުކޮޅެއް ނެގި އެއާ މިއާ މުޅިން ސާފުވާން. އިރާދަކުރައްވައިގެން، އަޅުގަނޑު ދަންނަވާނީ ޑޮކްޓަރ ވަޙީދުގެވެސް ވަރަށްބޮޑު މަސައްކަތާ އެކުގައި އެމައްސަލަ އަޅުގަނޑުމެންނަށް ޙައްލު ކުރެވުނީ އެއްވެސް ފަރާތަކަށް ބޮޑު ގެއްލުމެއް ނުލިބި.

ދެން އޭގެއިތުރުން، ޖަލުގެ ކަންތަކުގައި، އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރުގައި، މިކަން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އަޅުގަނޑުމެންނަށް ސާފުވެފައި އޮތް އެއްކަމަކީ، ޖަލަށް ޙުކުމްކޮށް، ޖަލަށް ނުގެންދެވި މާލޭގައި ހަސަތޭކަ އެތައް ހަސަތޭކަ ފަންސާސް، ހަތްސަތޭކަ މީހުންނާ ގާތްކުރާ ޢަދަދަކަށް ކުށްވެރިން މާލޭގައި އުޅެމުންދިޔަ. އަދި ހަމައެއާއެކީގައި ޖަލު އޮތީ ތޮއްޖެހި، އެތަނަށް އިތުރު މީހަކު ނުގެންދެވޭގޮތްވެފައި. ޖަލު ތޮއްޖެހިފައި އޮތުމުގެ ސަބަބުން، މާލޭގައި ކުށްވެރިން ޖަލަށް ނުގެންދެވިވެސް ތިބީ. އެހެންވީމާ، ހަމަ މިކަން މިހެން އޮތްއިރުގައި، މިއަޞްލު މިހެން އޮތްއިރުގައި، ދައުރެއް ބަދަލުވެގެންދާއިރުގައި، ސަރުކާރެއް ބަދަލުވެގެންދާއިރުގައި، ރާއްޖޭގެ އާދަކާދަތަކާއި އަދި ޖަލުގެ އެހެނިހެން ޘަޤާފަތްތަކުގައި ހުންނަގޮތުން، ކުށްވެރިން ވަރަށް ބޮޑަށް ދެކޭ ޖަލުން ލުޔެއް ލިބޭނެ ކަމަށް. ޤަބޫލުފުޅު ކުރައްވާ. އަދި އަޅުގަނޑު ފާހަގަކޮށް އަރުވަންވެސް ބޭނުން. އިންތިޚާބުގައި އަޅުގަނޑުމެން ވަމުން އައި ވަޢުދަކީ، ކޮންމެ ކުށްވެރިއެއްގެ ކަންކަން ވަކިވަކިން ބަލައި އަޅުގަނޑުމެންނަށް ދެވެންހުރި ލުޔެއް، އެ ކުށްވެރިއަކަށް ދޭނަމޭ. އަޅުގަނޑުމެންނެއް ޢަފޫޢާންމެއްގެ ވާހަކައެއް ނުވަތަ ޤާނޫނާ ޚިލާފު ކަމެއް ކުރުމުގެ ވާހަކައެއް އެއްވެސްއިރެއްގައެއް ނުދައްކަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި ޤާނޫނުތައް ވަރަށް ސާފުކޮށް އަބަދުވެސް އެނގޭ. ޤާނޫނުތައް އުފެދިގެންވެސް އައީ އަޅުގަނޑުމެންވެސް އެކަމުގައި ބައިވެރިވެގެން. އަދި އެކިގޮތްގޮތަށް އަޅުގަނޑުމެން އެކަމުގައި އަޑު އުފުލަމުންދިޔަ ދިޔުމުގެ ތެރެއިން. ޖަލުގެ ކަންތައްތައް ދުވަހުން ދުވަހަށް ގޯސްވަމުން ގޮސް، އެތަނުގެ ކަންކަން އަޅުގަނޑުމެންނަށް ކުއްލި ގޮތެއްގައި ޙައްލުކުރަން ޖެހުނު. އެ ޙައްލު ކުރަން ޖެހުނު ޖެހުމުގައި، އަޅުގަނޑުމެން ޢަމަލުކުރަމުން އައީ، ޤާނޫނުގެ އިމުގެ ތެރެއިން. އޭގައި އަޅުގަނޑުމެން އެއްގޮތަކަށްވެސް ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފައެއް ނުވާނެ. އަޅުގަނޑުމެންނާ ދޭތެރޭގައި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޕެރޯލް ބޯޑުގެ ހުއްދައާ ނުލައި 119 މީހުން އަޅުގަނޑުމެން މާލެ ގެނައި ކަމަށް. ތިޔަބޭފުޅުން ޤާނޫނު ނަންބަރު 2008/6 އެއީ ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1ގެ 27 ވަނަ ނަންބަރުގައި ބުނެފައިވާނެ، ޖަލުގެ ގަވާއިދުގެ 3.4 ގެ ދަށުން ޙުކުމް ތަންފީޒު ކުރަމުންްދާ މީހުން، އަލުން މުޖްތަމަޢަށް އަހުލުވެރިކުރުމަށް ރައްކާތެރި އަމާން މާޙައުލެއް ލިބިދިނުމުގެ ގޮތުން ކުރެވޭ ކަންކަން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަށް. 119 މީހުން އަޅުގަނޑުމެން ބެލީ ޕެރޯލް ބޯޑުގެ އިންޓަރވިޔުއަށް ހުޅުވާލަން އެއީ ރަނގަޅު ކަމެކޭ. ޕެރޯލް ބޯޑުގެ ހަމަތަކުގެ މަތިން މިކަން ކުރެވޭނެ އުޞޫލުތަކެއް ހޯދަން. އަޅުގަނޑު ޕެރޯލް ބޯޑުގެ އިސް ޗެއަރއާ ވާހަކަ ދެއްކިން. އެބޭފުޅާ އަރިހުގައި އަޅުގަނޑު ދެންނެވީމު، އަޅުގަނޑުމެން އެދެނީ، ކުށްވެރިން އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައި، މުޖްތަމަޢުގެ ސަލާމަތާއި އަދި ކުށްވެރިޔާގެ ޙައްޤުތަކާ، މިދެކަމަށް ރިޢާޔަތްކޮށް ނޫން ގޮތަކަށް އެއްވެސް މީހަކު މާލެ ގެންނާކަށް ނުވަތަ ޢާންމުންގެ ތެރެއަށް ދޫކޮށްލާކަން އަޅުގަނޑުމެންނެއް ނޭދެމޭ.

އެހެންވީމާ، އަޅުގަނޑުމެންނަކަށެއް ވަގުތުން ވަގުތަށް ގެނެސް، ޖަލުގޭގައި ތިބި ކުށްވެރިން ރަށުތެރެއަށް ދޫކޮށްލެވޭކަށް ނެތް. އަދި އަޅުގަނޑުމެން އެކަމެއް އެހެނެއް ނުވެސް ކުރަން. އަޅުގަނޑުމެން ފުލުސް އޮފީހުގައި އެދުނިން އަޅުގަނޑުމެން މިގެންނަ 119 މީހުން މާލޭގައި ބައިތިއްބައިގެން، އެމީހުން ބަލަހައްޓައި، އަދި ޕެރޯލް ބޯޑަށް އެމީހުންގެ އިންޓަރވިޔުކޮށް، މުޖްތަމަޢަށް އަހުލުވެރިކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް. ފުލުސް އޮފީހުން އެކަމަށް އަޅުގަނޑުމެންނަކަށް އިންކާރެއް ނުކުރޭ. ފުލުސް އޮފީހާ އަޅުގަނޑުމެންނާ ގުޅިގެން މިމަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑު ހަމަ ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް މިމައްސަލަތަކުގައި ކޮމިޝަނަރ އޮފް ޕޮލީސްއާ މިދަނީ މަޝްވަރާ ކުރަމުން، ވާހަކަ ދައްކަމުން. އަޅުގަނޑަކަށެއް ނުފެނޭ ފުލުސް އޮފީހަށް މިކަން ނުކުރެވި ހިނގައިދާނެ ކަމަކަށްވެސް. އަދި ނުކުރައްވާ ތިއްބަވާނެ ކަމަކަށްވެސް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު އެބައޮތް ފުލުސް އޮފީހުން މިކަން ބަލަހައްޓަވައިދެއްވާނެ ކަމަށް. އެއީ އެބޭފުޅުންގެ ޤާނޫނީ ވާޖިބެއް، ރާއްޖޭގެ އަމަން ބެލެހެއްޓެވުން އެއީ. ދެން އެބޭފުޅުން އެގެންދަވަނީ އެ ޤާނޫނީ ވާޖިބު ވަރަށް ރަނގަޅަށް އަދާކުރައްވަމުން. އަޅުގަނޑަށްވެސް އެނގޭ، ފުލުސްއޮފީހުގެ ތެރޭގައި ނުވަތަ މާލޭގެ އަމަން ބެލެހެއްޓުމުގައި އެބަހުރި ކުރިއްސުރެ ފަށައިގެން އެކުވަމުން އެކުވަމުން އަންނަ މައްސަލަތަކެއް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް އުންމީދު ކުރައްވާނެ، އެހެން ނަމަވެސް ދެކެވަޑައެއްނުގަންނަވާނެ މާދަމާ އަޅުގަނޑުމެންނަށް 30 އަހަރުގެ ކަންކަން ޙައްލުކޮށް ނިންމޭނެ ކަމަކަށް. މާލޭގެ މާރާމާރީއާއި، މާލޭގެ ކިތަންމެ މައްސަލަތަކެއް އެބަހުރި ވަރަށް ބޮޑަށް ހައްދުންނައްޓާ ހިސާބުގައި ހުރި. އެމައްސަލަތައް އަޅުގަނޑުމެން މިދަނީ ޙައްލު ކުރަމުން. އިރާދަކުރެއްވިއްޔާ، ފުލުސްއޮފީހާ ގުޅިގެން، ފުލުސް އޮފީހުގެ ބޭނުމާއެކީގައި މިކަންކަން ގެނެސް، ރީތި ރިވެތި ހަމައަކަށް އަޅުގަނޑުމެންނަށް ގެނެވޭނެ.

އަޅުގަނޑު ސަވާދުގެ ސުވާލުގެވެސް އަދި މިދުޙަތުގެ ފުރަތަމަ ސުވާލުގެ ޖަވާބުގައިވެސް ދަންނަވަން އޮތީ މިފަދައިން. އަޅުގަނޑުމެންނެއް ޤާނޫނަކާ ޚިލާފަކަށް ކަމެއް ކުރާކަށް ނެތީމޭ. އަޅުގަނޑުމެންގެ ބޭނުމަކީ، ޤާނޫނީ ދައުލަތެއް ހިންގުމޭ. އެހެންވީމާ، ޤާނޫނުގައިވާ ގޮތުގެ މަތިން މެނުވީ، އަޅުގަނޑުމެންނެއް ކަމެއް ނުކުރާނަން. އަޅުގަނޑު ހަމަ ތަކުރާރުކޮށް އަރުވަން ބޭނުންވާ މަޢްލޫމާތެއް އެއީ.

ދެން ހަމަ އޭގެއިތުރުން، އަޅުގަނޑުމެން އިތުރު މަސައްކަތެއް ކުރަމުން އެބަގެންދަން. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ކުރަމުން އަންނަ އެއްމަސައްކަތަކީ، ޖަލުގޭގައި ތިބި ޑްރަގްގެ ދެވީގައި ތިބި ކުދިންގެ ތެރެއިން ވީހާވެސް ގިނަ ކުދިންނަކަށް ފަރުވާ ދިނުމަށްޓަކައި ރީހެބިލިޓޭޝަނަށް ގެނައުން. އެގޮތުން ހިންމަފުށީގެ ރީހެބިލިޓޭޝަން ފުރިފައިވާތީ، އަޅުގަނޑުމެން ގޮސް ހިންމަފުށްޓާއި އެ ސަރަޙައްދު ބެލިއިރުގައި އަޅުގަނޑުމެންނަށް ފެނުނީ، ހިންމަފުށީގައި އެބަހުރި ސަތޭކައަށްވުރެ ގިނަ މީހުންނަށް ޖާގައޮތް ޔުނިސެފުން ހަދާފައި ހުރި ބޮޑު ޢިމާރާތެއް ވާ ވަދެ ފޮރުވިފައި. ހަމަ އެއްވެސް ބޭނުމެއް ނުކުރެވިފައި. ވަރަށް ހިތާމަވެރި ކަމެއް. ވަރަށްބޮޑު ޚަރަދުކޮށްގެން ހަދާފައި ހުރި ބޮޑު ޢިމާރާތެއް. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވީ، އެ ޢިމާރާތް ސާފުކޮށް، އެތަނަށް ރީހެބިލިޓޭޝަންގެ ޖާގަ ބޮޑުކުރަން. އަދި ހަމަ އޭގެއިތުރުންވެސް ގާމާދޫގައި އެބަހުރި އެހެން ތަނެއް، ރީހެބިލިޓޭޝަންގެ ޖާގަ އޮތް. ހަމަ އެތަނަށްވެސްވަނީ ވާ ވަދެ ފުރިފައި. އެހެންވީމާ، ހިންމަފުށްޓާ ޖެހިގެން މިއޮތް އަނެއް ރަށް ގާމާދޫގައި، އަޅުގަނޑުމެން ފިކުރުކުރީ މިތަންތަން ސާފުވެ ތައްޔާރުވަންދެން ވަގުތީގޮތުން ފޭދޫފިނޮޅަށް ކުށްވެރިން ގެނެސް، ފޭދޫފިނޮޅުގައި އެމީހުން ވަގުތުކޮޅެއް ހޭދަކޮށްފައި، ދެން އެއަށްފަހު ހިންމަފުށްޓަށް ގެންދިޔުމަށް. މިހާރު އެހެންވީމާ، މި މަސައްކަތް ކޮށްދިނުމުގައި، އެމް.އެން.ޑީ.އެފް. އަށާއި ފުލުހުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެބޭފުޅުން ވަރަށްބުރަ މަސައްކަތެއް ކޮށްދެއްވީ. ޚާއްޞަކޮށް އެމް.އެން.ޑީ.އެފް. އިން ކޮށްދެއްވީ. ފޭދޫފިނޮޅުގެ މި ފެސިލިޓީގެ ކަންތައްތައް ރަނގަޅު ކުރުމަށާއި، އަދި އެކަންތައްތައް ގެނެސް، ހިންމަފުށްޓަށް ބަދަލުކުރުމުގައި އެކަންކަންވެސް ރަނގަޅު ކުރުމުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދެ ފެސިލިޓީ މިހާރު އެހެރަ އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވެނީ. ފޭދޫފިނޮޅުގައި ވަގުތީގޮތުން ތިބި އެޑިކްޓުން އަޅުގަނޑުމެން ބަދަލުކުރާނީ ހިންމަފުށްޓަށް. އަދި އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި، އައްޑުއަތޮޅުގައިވެސް ފަންސާހަކަށް މީހުންގެ ޖާގަހުރި ފެސިލިޓީއެއް، ތަނެއް، ޢިމާރާތެއް އެބަހުރި. އެތަނަށްވެސް އަޅުގަނޑުމެންނަށް މުވައްޒަފުން ލެވުނީމާ، މުޅި ޖުމްލަ އަޅުގަނޑުމެން މި އުންމީދު ކުރަނީ، ހަތްސަތޭކައެއްހާ އެޑިކްޓުންނަށް ޚިދްމަތް ދެވޭނެ ޖާގަ މިވަގުތުވެސް އެބަހުއްޓޭ.

ހަމަ އޭގެއިތުރުން އަޅުގަނޑުމެން ބެލީ، ރާއްޖެއިން ބޭރުން މިކަން ކުރެވެން އޮތީ ކިހިނެއްތޯ؟ އަޅުގަނޑުމެން ބެލިއިރުގައި، ރާއްޖެއިން ބޭރުން މީހަކަށް، މަހަކަށް ނުދޭ ތިން ހަތަރު ސަތޭކަ ޑޮލަރުވެސް މި ފަރުވާ ހޯދުމަށްޓަކައި. އަޅުގަނޑުމެން މާފުށީ ޖަލަށް ކުށްވެރިއަކަށް އެބަ ޚަރަދުކުރޭ ދުވާލަކަށް އެއްހާސް ދުއިސައްތަ ރުފިޔާ، އަޅުގަނޑުމެން މިކަމާ ޙަވާލުވިއިރުގައި. ވަރަށްބޮޑު ޢަދަދެއް ޚަރަދު ކުރަމުންދަނީ. އެހެންވީމާ، އަޅުގަނޑުމެން ބެލި ބެލުމުގައި، ރާއްޖެއިން ބޭރަށް މީހުން ފޮނުވުން އެއީ، މިކަމުގައި އަޅުގަނޑުމެންނަށް ކުރަންޖެހޭ ކަމެއް. އަދި އެ ފަރުވާ ހޯދައިދިނުމުގައި އަޅުގަނޑުމެންނަށް ކުރެވެންވެސް އޮތް ކަމެއް. އަދި ދައުލަތުގެ މާލިއްޔަތަށާއި އާމްދަނީއަށްވެސް މިކަމުން ގެއްލުމެއްނުވާ ކަމެއް. އަދި އެކުވެރި ދައުލަތްތަކުން، ޚާއްޞަކޮށް، އިންޑިއާ ސަރުކާރާއި ސިލޯނު ސަރުކާރުން އަޅުގަނޑުމެންނަށް ޔަޤީންކަން އެބަދޭ، އެބޭފުޅުންނަށް އަޅުގަނޑުމެންނަށް ޖާގަ ހޯދައިދެވިދާނެ ކަމަށް. ސަތޭކައެއް، ދުއިސައްތައެއްހާ އެޑިކްޓުންނަށް ފަރުވާދިނުމަށްޓަކައި. އެހެންވީމާ، އެއީވެސް އިތުރު ޖާގަ ކަމަށް އަޅުގަނޑުމެން ދެކިގެން، އަޅުގަނޑުމެންގެ އަމާޒަކީ، މާލޭގައި މިހާރު ޙުކުމް ތަންފީޒުނުކޮށް ތިބި، ޙުކުމް ކުރެވިފައި ތިބި ހުރިހާ ކުށްވެރިން އަނބުރާ ޖަލަށް ގެންދިޔުން. އަދި ޖަލުގައި ތިބި ކުށްވެރިންގެ ތެރެއިން ވީހާވެސް ގިނަ ބައެއް ފަރުވާއަށް ބޭރުކުރުން. އަދި ފަރުވާދީގެން މުޖްތަމަޢަށް އަހުލުވެރިކޮށްގެން، މުޖްތަމަޢުގައި އުޅެވޭގޮތް ހަދައިދީގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެމީހުން މުޖްތަމަޢަށް ނެރޭނަން. މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ޑްރަގްގެ ވަބާގައި، ޑްރަގްގެ މަސްތުގައި އަވާގައި ޖެހިފައި ތިބި ވީހާވެސް ގިނަ ކުދިންނަކަށް ވީހާވެސް ބޮޑަކަށް އޯގާތެރިކަމާއެކީގައި ފަރުވާ ދިނުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑމެން އެކަން ކުރާނަން. މިހާރު އަޅުގަނޑުމެން މިދަނީ އެމަސައްކަތުގެ ތެރޭގައި. އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް އެކަމުގައި ޢަމަލުކުރެވިފައި އޮތްގޮތާމެދު އަޅުގަނޑުމެން ހިތްހަމަޖެހޭ.

މިދުޙަތު ބޭނުންވެލައްވާ އަޅުގަނޑުމެންގެ ކުޑަ ސަރުކާރާ ގުޅޭގޮތުން އެއްޗެއް ބުނެލަން. ސަރުކާރުގެ ސިޔާސީ މަގާމުތަކާ އަޅުގަނޑުމެން ޙަވާލުވިއިރުގައި، ކުރީ ސަރުކާރުގައި ފައްސަތޭކައެތައް ސިޔާސީ މަގާމުގައި ބޭފުޅުން ތިއްބެވި. އަދި ސިޔާސީ މަގާމުގެ އިތުރުން، މިނިސްޓްރީތަކުގައި އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓަރ ޖެނެރަލުންނާއި، ޑައިރެކްޓަރ ޖެނެރަލުންނާއި އަދި މިހިރަ މިހިރަ މަގާމުތައް މިއީ ސިވިލް ސަރވިސްގެ މަގާމުތައް ކަމުގައިވިޔަސްވެސް، އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ ފެށިގެން ރާއްޖޭގައި މިކަން ހިނގަމުން އައީ، ސިޔާސީ ގޮތުން މަގާމުތައް، މީހުން، މައްޗަށް ދަމުން ދަމުން ދަމުން އައީ. އައިސް އެގްޒެކެޓިވް ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައި ބައެއް މިނިސްޓްރީތަކުގައި އެބަ ތިއްބަވާ ހަތަރު ފަސް ބޭފުޅުންވެސް. އަދި އަނެއްބައި މިނިސްޓްރީތަކުގައި އެއަށްވުރެ ގިނަވެސް ވެދާނެ. ޑައިރެކްޓަރުންގެ ގޮތުގައިވެސް ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން ތިއްބަވާ. އަދި ޑައިރެކްޓަރ ޖެނެރަލުންގެ ޢަދަދުގައިވެސް ހަމަ އެހާމެ ގިނަ ބޭފުޅުން ތިއްބަވާ. އަދި ހަމައެއާއެކީގައި ބައެއް އަތޮޅުއޮފީސްތަކުގައި އިހުޒަމާނުގެ ސޫފީ މަދަރުސާއެއްގައި ތިއްބަވާކަހަލަ ބޭފުޅުން ތިއްބަވާ. އެއީ މުޢާވިނުންނާއި، މުރީދުންނާއި، މުރްޝިދުންނާއި، ޚަލީފާއިންނާއި، މިބާވަތުގެ މަގާމުތަކެއްގައި ތިއްބަވާ ބޭފުޅުންވެސް ތިއްބަވާ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ސްޕެޝަލް ޑިއުޓީ އޮފިސަރުންނާއި، މިހެންގޮސް މިބާވަތުގެ އޮނިގަނޑަކަށް ނުފެތޭ ވަރަށްގިނަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ތިއްބަވާ.

އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ، ސިވިލް ސަރވިސްގައި ޕްރޮފެޝަނަލް، ފަންނީ ބޭފުޅުން ތިއްބަވައިގެން، އެބޭފުޅުން ފަންނީ މަސައްކަތް ކުރެއްވުން. ސިޔާސީ މަގާމުތަކުގައި ސިޔާސީ ގޮތުން ވާދަކޮށްގެން، ކާމިޔާބުވާ ޕާޓީއެއްގެ ބޭފުޅުން، އެ މަގާމުތަކުގައި ތިއްބެވުން. އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކެއް ފައްސަތޭކައަކަށްވުރެ ގިނައެއްކޮށެއް މައްޗަކަށެއް ނުދާނެ. އަޅުގަނޑުމެންގެ މުޅި ސަރުކާރުގެ ޕޭ ރޯލް ނުވަތަ ޕޭ ބިލް، މިހާރުގެ ޕޭ ބިލަށްވުރެ އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓުން އަޅުގަނޑުމެންނަށް އެންމެފަހުން އައިސް ކުޑަކުރެވޭނެއޭ. އަޅުގަނޑުމެން ސަރުކާރަކުން މީހަކު ދުލެއް ނުކުރާނަން، އެބޭފުޅަކު ދުލެއް ނުކުރާނަން، އެބޭފުޅަކަށް އެންމެހާ ސަލާމަތްތައް ހޯދައިނުދީއެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރިޑަންޑަންސީއަށް ދޭންޖެހޭ، ވަގުތުން ދޭންޖެހޭ ފައިސާވެސް އަޅުގަނޑުމެން އަރުވާނަން. އަދި ހަމައެއާއެކީގައި، އެބޭފުޅަކު އެހެން ޕްރައިވެޓް ސެކްޓަރ ވަޒީފާއެއްގައި ހަރުލަންދެން، އަޅުގަނޑުމެން ބަލަމުން ގެންދާނަން.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ބޭރު މީހުންގެ ގޮތުގައި ވަޒީފާ އަދާކުރަމުން މިހާރު އެބަދޭ ލައްކައެއްހާ މީހުން. އެހެންވީމާ، ސާޅީސްހާސް މީހުން ސަރުކާރުގައި ކޮންމެހެން ތިބުމުގެ މާބޮޑު ބޭނުމެއް ނެތް. ޕްރައިވެޓް ސެކްޓަރ މިހާ ބޮޑަށް މީހުންނަށް ބޭނުންވެފައި އޮތްއިރުގައި. އަދި ސަރުކާރުގައި މަދު ޢަދަދެއްގެ މީހުން، ގިނަ މަސައްކަތް ރަނގަޅު މުސާރައަކަށް ކޮށްގެން ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވެގެންދާނެ.

އެނގިވަޑައިގަންނަވާނެ، ސިވިލް ސަރވިސްގެ ބޭފުޅަކު އަޅުގަނޑުމެންނަކަށް މަގާމަކުން ވަތްކެއްވެސް ނުކުރެވޭނެ. އެބޭފުޅަކަށް އެފަދަ ކަމެއް ކުރުމުގެ ފިކުރެއްވެސް އަޅުގަނޑުމެންގެއެއް ނެތް. އެހެންނަމަވެސް، ސިވިލް ސަރވިސް ކޮމިޝަންގެ ކިބައިން އަޅުގަނޑުމެން އެދިފައިވާނެ. އަޅުގަނޑުމެން މިއެދޭ ގޮތަށް ސަރުކާރުގެ އޮނިގަނޑު ބަދަލުކުރަން އަޅުގަނޑުމެން ބޭނުމޭ. ހިންގުމުގެ އޮނިގަނޑު ބަދަލުކުރަން އަޅުގަނޑުމެން ބޭނުމޭ. އަޅުގަނޑުމެން ނޭދެމޭ މިސާލަކަށް، މިދެންނެވިހާ ބާވަތް ބާވަތުގެ މަގާމުތަކުގައި ތިއްބަވާ އެހާގިނަ ބޭފުޅުންނެއް، އަޅުގަނޑުމެން ސަރުކާރު ހިންގާކަށް ބޭނުމެއް ނެތޭ.

ދެން އަޅުގަނޑުމެން މި ސަރުކާރު މި ހިންގަނީ އިނގޭތޯ. އަޅުގަނޑުމެން ސަރުކާރު ހިންގަން ބޭނުންނުވާހާ މަގާމަށް އަޅުގަނޑުމެން ބޭފުޅުން ބައިތިއްބައިގެން ހިންގަންޖެހޭ ކަމަށްވަނީވިއްޔާ، އަޅުގަނޑު ދަންނަވާނީ، ރައްޔިތުން އަޅުގަނޑުމެންނަށް ދީފައިވާ މެންޑޭޓާ ޚިލާފު ކަމެކޭ އެއީ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، ސިވިލް ސަރވިސްއިންވެސް މިކަން ބައްލަވާނެކަން. ސިވިލް ސަރވިސްއިން އަޅުގަނޑުމެންނަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްވެސް އަދި އެ ކޮމިޝަންގެ އެހެން ބޭފުޅުންވެސް ޔަޤީންކަން އަރުވާފައި އޮތީ، އަޅުގަނޑުމެން މި އެކުލަވާލާ އޮނިގަނޑާ އެއްގޮތަށް، އެބޭފުޅުންވެސް ކަންކަން ހިންގަވަމުން ގެންދަވާނެ ކަމާއި، އަދި އުވާލަންޖެހޭ މަގާމުތައް އުވާލައްވައި، އުފައްދަންޖެހޭ މަގާމުތައް، އެބޭފުޅުން އުފައްދަވާނެ ކަމަށް. މުޅި ޖުމްލަ އަޅުގަނޑުމެން މި ސިވިލް ސަރވިސްގެ މަގާމުތައް ބަދަލުކޮށް ނިމުނީމާ، އަޅުގަނޑު ދަންނަވާނީ، މިހާރު މިއޮތް ސަރުކާރު، މިހާރު މިއޮތް ސިވިލް ސަރވިސް އެތައް ތަނަކުން ކުޑަވެގެންދާނެއޭ. އަދި މިހާރު މިއޮތް ސަރުކާރު، އެހެންވީމާ، އެތައް ތަނަކުން ކުޑަވެގެންގޮސް މާ ބާރަށް މަސައްކަތް ކުރެވޭނެއޭ. މާ ހަލުވިކޮށް މަސައްކަތް ކުރެވޭނެއޭ. އަދި ސަރުކާރުގައި އުޅުއްވާ ޤާބިލް ބޭފުޅުންނަށް މާ އެކަށީގެންވާ ރަނގަޅު މުސާރައެއް ލިބިވަޑައިގަންނަވާނެއޭ.

މިދުޙަތު އާދަމް – ދި ޓީ.ވީ:

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ކުރީގެ ސިވިލް ސަރވިސްގައި ތިއްބެވި ބޭފުޅުން އަދިވެސް އޮފީހަށް އެބަ ނުކުމެވަޑައިގަންނަވާ. އެބޭފުޅުންނާމެދު ތިޔަބޭފުޅުން ކޮންގޮތަކަށްތޯ ޢަމަލުކުރައްވަނީ؟ އެހެން މިދެންނެވީ، ކުރިންވެސް ވިދާޅުވެއްޖެ އަދި މިހާރުވެސް ވިދާޅުވަމުން ތިޔަގެންދަވަނީ، ހަމަ އެ ވާނެވެސް ގޮތަކީ، މިހާރު ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން ސިޔާސީ މަގާމުތަކުގައި ތިއްބަވާނީ. އެހެންނަމަވެސް، އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، އެބޭފުޅުން އަދިވެސް އެބަ އޮފީހަށްވެސް ނުކުމެވަޑައިގަންނަވާ. އެބޭފުޅުންނާމެދު ތިޔަބޭފުޅުން ކޮންގޮތަކަށްތޯ ޢަމަލު ކުރެއްވީ. ނޫނީ އެބޭފުޅުން ނުކުމެވަޑައިގަންނަވަަނީ ކީއްވެގެންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅަކު ދެން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ޘަޤާފަތާއި ހަމަތަކާ ބޮޑަށް އަހުލުވެރިނުވާ ބޭފުޅުން ނުވަތަ އެނގިވަޑައިނުގަންނަވާ ބައެއް ބޭފުޅުން ފަހަރެއްގައި ހީފުޅުކުރައްވައި ތިއްބަވާފާނެ، ތިމަންނާމެންނަށް އަދިވެސް ވަޒީފާއަށް ނުކުމެވިދާނެ ކަމަށް. އެހެންނަމަވެސް، ސިވިލް ސަރވިސްގެ ބޭފުޅެއް ވެއްޖިއްޔާ، އަޅުގަނޑުމެންނަކަށް އެކަމަކާ ކުރެވޭނެ ކަމެއްވެސް ނުވެސް އޮންނާނެ. ހަމަ އެބޭފުޅުން ވަޒީފާއަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ. އަދި ސިވިލް ސަރވިސްގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން، ޙަޤީޤަތުގައި މިހާރު ވަޒީފާއަކަށް ނުކުމެވަޑައެއްނުގަންނަވާނެ. މިއޮފީހުންވާނީ ވަޒީފާއިން އިސްތިޢުފާ ދެއްވުމަށް އެބޭފުޅުންގެ ކިބައިން އަޅުގަނޑުމެން އެދިފައި. އެހެންވީމާ، އޭގެތެރެއިން ގިނަ ބޭފުޅުން، އެ ރިވެތި އަޚްލާޤު ހިފަހައްޓަވާނެ. ސިވިލް ސަރވިސްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޖެނެރަލުން ނުވަތަ އެކިއެކި ސިވިލް ސަރވިސްގެ މަގާމުގެ ގޮތުގައި، ދެން މިނިސްޓަރެއްގެ ނައިބުގެ ދަށުން އަޅުގަނޑުމެން މިބެލީ، އެއީ ސިވިލް ސަރވިސްގެ މަގާމު ކަމަށް. މިކަން މިއޮންނަނީ މިގޮތަށް. އެހެންވީމާ، އެމަގާމުތަކުގައި ތިއްބެވި ބޭފުޅުން ހަމަ ނުކުމެވަޑައިގަންނަވާނެ. އަޅުގަނޑުމެންނަށް އެކަން އެހެން ގޮތަކަށް ބަދަލުކުރެވޭނީ، އަޅުގަނޑުމެން މި އެދޭ ގޮތަށް ސަރުކާރުގެ އޮނިގަނޑު، ސިވިލް ސަރވިސްގެ އޮނިގަނޑު އެކުލަވާލަން އަޅުގަނޑުމެން މިހާރު މިވަނީ އެދިފައި. އެބޭފުޅުން އެގޮތަށް ބަދަލުކޮށްދެއްވީމާ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު މަނިކުފާނަށް ދެސުވާލަކާއި އަދި ކުޑަ ރިކްއެސްޓެއް ހުށަހަޅާލަން ޤަޞްދުކުރަން. ފުރަތަމަ ސުވާލަކީ، އަޅުގަނޑު ހަނދާންވާ ގޮތުން، ލާމަރްކަޒީ އުޞޫލުން ވެރިކަން ކުރުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ދުވަހު ވިދާޅުވި. ދައުލަތުގެ ބަންޑާރަ ނައިބު ލަފާދެއްވާފައިވަނީ، މަޖިލީހުގެ ލަފައާ އެއްގޮތަށް ކުރިއަށް ގެންދާށޭ. ދެން މިހާރު ތިޔަ ކުރިއަށް ގެންދަވަނީ، މަޖިލީހުގެ ލަފާ ލިބިވަޑައިގަންނަވައިގެންތޯ؟ އެއީ ފުރަތަމަ ސުވާލު.

ދެން ދެވަނަ ސުވާލަކީ، ބައެއް އަތޮޅުވެރިން، މިފަދަ ބޭފުޅުން އެބަ ވިދާޅުވޭ، ތިމަންނަމެން އިސްތިޢުފާއެއް ނުދޭނަމޭ. ދެން އެހެން ވެއްޖިއްޔާ، އެބޭފުޅުންނާ ދޭތެރޭ ޢަމަލު ކުރައްވަން ޤަޞްދު ކުރައްވަނީ ކިހިނެއްތޯ؟ މިއީ ދެވަނަ ސުވާލު.
ދެން އަޅުގަނޑުގެ ރިކްއެސްޓަކީ، މި ޕެރޯލަށް ބަދަލުކުރެވުނު މީހުންނާ ދޭތެރޭގައި، މަނިކުފާނު ދެންމެ ތިޔަދެއްކެވި ވާހަކަފުޅާއި ޤަޢިދީންގެ ފަރާތުން ހާމަވެފައި ހުރި ބައެއް ވާހަކަތަކަށް ބަލާއިރުގައި އެބައުޅޭ ވަރަށްބޮޑު ތަފާތުވުންތަކެއް. އެމީހުންނަށް ގަބޫލުކުރެވިފައި އޮތީ މަނިކުފާނު މިހާރު ތިޔަވިދާޅުވާ ގޮތަކަށްނޫންކަންނޭނގެ. އެއީ ފަހަރެއްގައި ވެދާނެކަންނޭނގެ، މެދުވެރިން މެދުވެރިކުރައްވައިގެން ވާހަކަފުޅު ދެއްކެވީމާ، އުފެދިގެން އުޅޭ މައްސަލައެއް ކަމަށް. އެހެންވީމާ، އަޅުގަނޑުމެންނަށް މިކަން ތަންކޮޅެއް ބޮޑަށް ސާފުވާނެ ގޮތަކަށް ވެއްޖިއްޔާ، އަބަދުވެސް މި ސަރުކާރުން ހުރިހާ ކަމެއް ވަރަށް ޓްރާންސްޕޭރަންޓްކޮށް ކޮށްދެއްވަމުން ގެންދަވާތީ، މިސާލަކަށް ހޯމްއެފެއާޒްގެ އިސްބޭފުޅުންނާއި ނޫސްވެރިންނާ އެއްކޮށް ނަމަވެސް، ޤަޢިދީންގެވެސް ބަޔަކާ ބައްދަލުކޮށް، އަޞްލު ވެގެން މިއުޅޭ ގޮތް ބަލާލުމުގެ ފުރްޞަތެއް ދެއްވަން ޚިޔާލު ކުރައްވަންތޯ؟ ސަބަބަކީ ޤަޢިދީންގެ މައްސަލައަކީ، ހުރިހާ ގޮތަކުންވެސް ވަރަށްބޮޑު މައްސަލައަކަށްވެފައި އޮތް މައްސަލައެއް. އެއީ އެކޮޅުގައި ހުރި ދަތިތައްވެސް އެހާބޮޑު. މިކޮޅުގައި ހުރި ދަތިތައްވެސް އެހާ ގިނަ. ސަރުކާރަށް މިވަގުތު ސަލާމަތްވެވެން ނެތް ހިސާބުގައި އޮތް ކަމެއް މި މައްސަލައަކީ ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅިގެން ނޫނީ. ހަމަ އެފަދައިން، ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމުގައިވެސް ދަތިތަކެއް ހުރި މައްސަލަތަކެއް. އެހެންވީމާ، މިއީ އަޅުގަނޑުގެ ރިކްއެސްޓެއް. ދެން ކުރިން މިދެންނެވީ ދެސުވާލު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން މަޢްލޫމާތެއް ބޭނުންވެވަޑައިގަންނަވަންޏާ، އެ މަޢްލޫމާތެއް ލިބޭގޮތް އަޅުގަނޑު ހަދައިދޭނަން. ދެން ސަރުކާރަކަށް ހަމަ އެއްވެސް ޙާލެއްގައެއް ސަލާމަތްނުވެވޭ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން ވަރަށް އިތުބާރާއި، ވަރަށް ހަމަޖެހުމާއި، ވަރަށް އުފަލުގައި އަޅުގަނޑުމެންގެ ޕްރޮގްރާމް މި ތަންފީޒު ކުރަމުން އަޅުގަނޑުމެން މިގެންދަނީ. އަދި ޖަލުގޭގެވެސް އެއްވެސް ކަމަކާ ޙަޤީޤަތުގައި ކަންބޮޑުވެގެނެއް އަޅުގަނޑުމެން ހަމަ އެއްގޮތަކަށްވެސް ނޫޅެން. އަޅުގަނޑުމެންނަށް ވިސްނޭ، އަޅުގަނޑުމެންނަށް އެނގޭ، ޖަލުގޭގައި ތިބޭ މީހުންނަށްވެސް ދިމާވާ ކަންތައްތަކާއި، އަދި އެރަށުގެ ރައްޔިތުންނަށް، އެ ޖަލުގޭ މީހުން މާލެ ގެނައީމާ، މާލޭގައި ދިމާވާ ކަންކަންވެސް. އަދި ގެނައުމާއި ނުގެނައުމާ މިކަންކަމުގައި މިއުޅޭ މައްސަލަތައްވެސް. ޖަލުގޭގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުވާނެ. ހަމަ އެއްގޮތަކަށްވެސް އޮޅިފައެއް ނޯންނާނެ. އަނެއްކާވެސް އަޅުގަނޑު ތަކުރާރުވެސް ކޮށްދީފާނަން. ކޮންމެ ކުށްވެރިއެއްގެ ކަންތައް ވަކިވަކިން ބަލައި، އަޅުގަނޑުމެންނަށް ދެވެންހުރި ލުޔެއް، އެކުށްވެރިއަކަށް އަޅުގަނޑު ދޭނަން. އަޅުގަނޑުމެން މި ސަރުކާރުން އަރުވާނަން. ފާހަގަކުރަން އަޅުގަނޑު މިބޭނުންވަނީ، ކުށްވެރިންނަށް ކުރެވޭ ރަނގަޅަކަށެއް ނުވާނެ، ހަމަ ގެނެސް ތަނަކަށް ދޫކޮށްލައި އުކާލީމަކާއެއް. އަޅުގަނޑުމެން ބޭނުންވަނީ، ކުށްވެރިން އިޞްލާޙުކޮށްފައި، މުޖްތަމަޢަށް އަހުލުވެރިކޮށްފައި، މުޖްތަމަޢަށް ފައިދާހުރި ބޭނުންތެރި ބައެއްގެ ގޮތުގައި ހަދާފައި މުޖްތަމަޢަށް ނެރެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުގެ އަމާޒެއް އެއީ، މިހާރު ޖަލުގައި އެތިބި ހަތްސަތޭކަ މީހުންގެ ތެރެއިން އަދި މާލޭގައިވެސް ޖަލަށް ނުގެންދެވި މިތިބި ހަތްސަތޭކަ މީހުންގެ ތެރެއިން ޑްރަގްގެ ދެވީގައި ޖެހިފައި ތިބި ކުދިން ރަނގަޅު ކުރުން. އެކަން އަޅުގަނޑު ހަމަ އަމިއްލައަށްވެސް ބަލަމުން މިގެންދަނީ. އަޅުގަނޑު ރީހެބިލިޓޭޝަން ސެންޓަރަށްވެސް ހިނގައްޖައީމު. އަދި އެމަސައްކަތްތައް ކުރަމުންދާ ބޭފުޅުންނާ އެކީގައި އަޅުގަނޑު އެހެން ތަންތަންވެސް ބަލަމުން އަޅުގަނޑު މިދަނީ. އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެކުދިން ރަނގަޅުކޮށްފައި، އަޅުގަނޑުމެންގެ މިދައުރުގެ ތެރޭގައި، ހަރުދަނާ ރައްޔިތުންނަށް ހަދާފައި، އަޅުގަނޑުމެން އެކުދިން މުޖްތަމަޢަށް އިރާދަކުރެއްވިއްޔާ ނެރޭނަން. އެއީ، މި ރާއްޖޭގެ އެންމެ ވަރުގަދަ ހަތްސަތޭކަ ނުވަތަ ހާހެއްހާ ކުދިންނަށްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ.

ދެން ތިޔަ ވިދާޅުވި ވާހަކައަކީ، ބަންޑާރަ ނައިބުގެ ލަފައާ ގުޅޭގޮތުން. ބަންޑާރަ ނައިބު ލަފާއެރުއްވީ، މިހާރު މިއޮތް ގޮތަށް އޮއްވައި، ޤާނޫނެއްނެތި ލާމަރްކަޒީގެ އުޞޫލުން ކަންކަމެއް ނުހިންގޭނެއޭ. އެކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ޖެހޭނީ ހުށަހަޅާށޭ، ލާމަރްކަޒީ އުޞޫލަކީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި އެބުނާ އުޞޫލު. އެއީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އިންތިޚާބު ކުރުން. އެއީކީ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގަންނަވާނެ ކަމެއް ނޫން. ޤާނޫނެއްނެތި ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އިންތިޚާބު ނުކުރެވޭނެކަން. އަޅުގަނޑުމެންނަކަށްވެސް އެކަމެއް ނޯޅޭ. މިވަގުތު އަޅުގަނޑުމެން ކުރަމުން މިގެންދާ ކަމަކީ، މާލޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދެވޭ ޚިދްމަތް، އެ ރައްޔިތުންނާ ގާތުގައި ދެވޭނެ އިދާރީ އޮނިގަނޑެއް އެކުލަވާލުން. މިއީ، ޙަޤީޤަތުގައި ލާމަރްކަޒީއެއް ނޫން. ޑީސެންޓްރަލައިޒޭޝަން. ޚިދްމަތް ދިނުން. ރަށުގެ ރައްޔިތުންނާ ގާތްކުރުން. މިއީކީއެއް އަޅުގަނޑުމެން ޤާނޫނުއަސާސީގައި މިބަޔާންކުރާ ލާމަރްކަޒީ އުޞޫލުން ހިންގުން އެއީ ލާމަރްކަޒީ އުޞޫލުން ހިންގުމޭ ބުނެވޭ އެންމެބޮޑު އެއްމާނައަކީ، ރަށުގެ ރައްޔިތުންނަށް، އަތޮޅުގެ ރައްޔިތުންނަށް އެމީހުންގެ ކަންކަމުގައި ވޯޓުން ބައިވެރިވެވި، މަޝްވަރާ ދެވިގެން ހިންގޭ ހިންގުން. އަޅުގަނޑު މިތަނުގައި ހުރެފައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ސްޓޭޓް މިނިސްޓަރެއް ޢައްޔަން ކުރުން އެއީ ލާމަރްކަޒީއެއް ނޫން. އެއީ ހަމަ މި ސަރުކާރުން ޢައްޔަންކުރާ ސްޓޭޓް މިނިސްޓަރެއް. އަޅުގަނޑަށް ޤާނޫނުއަސާސީ ލިބިދީފައިވާ ބާރެއް އެއީ ސަރުކާރު ހިންގުމަށްޓަކައި ސްޓޭޓް މިނިސްޓަރުން، މިނިސްޓަރުން އަދި އެހެންވެސް ބޭފުޅުން ޢައްޔަން ކުރުން. އެގޮތުގެ މަތިން ޢައްޔަން ކުރަމުން އަޅުގަނޑު މިގެންދަނީ. ޢައްޔަންކުރާއިރުގައި، ހޯމްއެފެއާޒްގެ ބައެއް ސްޓޭޓް މިނިސްޓަރުން މިތިއްބަވަނީ، ބައެއް އަތޮޅުތަކުގައި، މާލޭގައި ތިއްބެވުމުގެ ބަދަލުގައި. އަދި ހަމައެއާއެކީގައި، މިނިސްޓްރީ އޮފް ޑިފެންސާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ މިދެ ވުޒާރާ ފިޔަވައި އެހެން ހުރިހާ ވުޒާރާތަކުގެ މޭޒުތައް ލާމަރްކަޒީ ސަރަޙައްދުތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަހައްޓާނަން. އެއީ މީގެ ބޭނުމަކީ، އުތުރުގައި ކުޅުދުއްފުށީގަޔާއި، ހިތަދޫގައި ބާރަ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރުން. އެމުވައްޒަފުން ޒިންމާދާރުވާނީ ހަމަ އެމުވައްޒަފުންގެ ވުޒާރާތަކަށް. އެތާނގައި ހުންނަވާ އެޓޮލްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެއް ނޫން. އެހެންވީމާ، އެޓޮލްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް އެތާ ހުންނަވަނީ. އެހެންނަމަވެސް، އެހެން ހުރިހާ މިނިސްޓްރީއެއްގެ ޑިރެކްޓަރޭޓެއް ނުވަތަ މުވައްޒަފުން ތިއްބަވައިގެން، އެތަންތަނުން ރައްޔިތުންނަށް އެޚިދްމަތް ލިބޭނެގޮތެއް އަޅުގަނޑުމެން މި ހޯދަނީ. މިއީކީއެއް ލާމަރްކަޒީ އުޞޫލެއްވެސް ނޫން. އަދި މިއީކީ މި ރާއްޖޭގެ ޤާނޫނުތަކާއި ޢާންމު އުޞޫލުތަކާ ޚިލާފު ކަމެއްވެސް ނޫން. އަދި މިއަށްވުރެ މާބޮޑަށް މިހާރުވެސް އެނގިވަޑައިގަންނަވާނެ، މިސާލަކަށް މިހާރުވެސް އޮޑިދޯނިފަހަރުގެ ފީ، ލައިސަންސް ނެގުން އެބަދޭ އެޓޮލްސް މިނިސްޓްރީން. އެހެންނަމަވެސް، އެއީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ މަސައްކަތެއް ޤާނޫނީގޮތުން މިއަދާ ހަމައަށް އައިއިރުގައިވެސް. އެހެންވީމާ، ޙަޤީޤަތުގައި ޤާނޫނީ ފުރިހަމަ ނަޒަރިއްޔާތުގައި ބައްލަވައިފިނަމަ، އެކަން ހިނގަންޖެހޭނީކީ މުޅިއަކުން އެހެނެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިގެންނަނީ 12 މިނިސްޓްރީ ދެއަތޮޅަށް ދެ ސަރަޙައްދަށް، އެ ސަރަޙައްދުގައި އެ 12 މިނިސްޓްރީގެ މުވައްޒަފުން އަތުރާލެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާ ނިމޭއިރުގައި، އަޅުގަނޑުމެން އެކަންކޮށް، އެކަން މިހާރު މިދަނީ ފެށިގެން. ދެފަރާތަށް ދެސްޓޭޓް މިނިސްޓަރުން އެބަތިއްބެވި. ރީޖަނަލް ޑިވެލޮޕްމަންޓް އޮފީހެއް، ދެކޮޅުގައިވެސް އެބަހުރޭ. އެހެންވީމާ، އެއޮފީހަށް އަޅުގަނޑުމެން މިނިސްޓްރީތަކުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް މިހިނގަނީ. މުވައްޒަފުން މިނިސްޓްރީތަކަށް ބަދަލުކުރާއިރުގައި، އަޅުގަނޑުމެން ގެންގުޅޭނެ އުޞޫލަކީ، ކޮންމެ އުފެދޭ މުވައްޒަފަކަށް ނުވަތަ ޑިރެކްޓަރަކަށް މާލެއިން މަގާމެއް އުވެންޖެހޭނެ. އިތުރުވާކަށް ނުޖެހޭ. އަޅުގަނޑުމެން ކުޅުދުއްފުށީގައި ނުވަތަ ހިތަދޫގައި ހެލްތް ޑައިރެކްޓަރޭޓެއް ހަމަޖައްސައި، އެތަނުގައި މިސާލަކަށް ޑިރެކްޓަރ ޖެނެރަލެއް ހުންނަވާ ކަމަށްވަނީވިއްޔާ، މާލެއިން ދެ ޑިރެކްޓަރ ޖެނެރަލުން މަދުވާންޖެހޭނެ. ނުވަތަ އެ ޢަދަދަށް މުވައްޒަފުން މަދުވާންޖެހޭނެ. ނުވަތަ އެޢަދަދަށް މަގާމު މަދުވާންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން މިގެންގުޅެނީ އެ ހަމަ. އެ އުޞޫލު. އިރާދަކުރެއްވިއްޔާ މިއުޞޫލުން އަޅުގަނޑުމެންނަށް 12 މިނިސްޓްރީގެވެސް ބޭފުޅުން އެތަނަށް ހަމަޖެއްސޭނެ. ތާވަލު ނުވަތަ އޮނިގަނޑު އޮތްގޮތް، ޑޮކްޓަރ ވަޙީދުގެ ކިބައިން އަޅުގަނޑު އެދޭނަން، ތަންކޮޅެއް ބޮޑަށް ވިދާޅުވެދެއްވުމަށް.

ދެން ބަންޑާރަ ނައިބުގެ ލަފާފުޅު. މިހާރު ބަންޑާރަ ނައިބަށް ތިންފަހަރެއްގެ މަތިން އަޅުގަނޑުމެން މިވާހަކަ ދެއްކީމު. އަޅުގަނޑުމެން ހުށަހަޅާ ގޮތެއް، އެއީ ޤާނޫނީ ހަމަގޮތް ކަމަށް ބަންޑާރަ ނައިބަށް ފެނިވަޑައިނުގަންނަވަންޏާ، އަޅުގަނޑުމެން އެގޮތަކުން ފަހަތަށް ޖެހެނީ. ޖެހިފައި އެހެން ގޮތެއް އަޅުގަނޑުމެން ބަންޑާރަ ނައިބަށް ހުށަހަޅަނީ. ދެން އަނެއްކާވެސް އެގޮތްވެސް ބަންޑާރަ ނައިބު އޭގައި ދަތިތަކެއް އުޅޭނެ ކަމަށް ވިދާޅުވަންޏާ، އަނެއްކާ ހަމަ އެތަނުންވެސް ފަހަތަށް އަޅުގަނޑުމެން ޖެހެނީ. ޖެހިފައި އަނެއްކާވެސް އެހެން ގޮތެއް އަޅުގަނޑުމެން ހުށަހަޅަނީ. އެހެންވީމާ، ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތެއް ބަންޑާރަ ނައިބަށް ފެނިވަޑައިގަންނަވަންދެން، އަޅުގަނޑުމެން މިކަން މި ކުރިއަށް މިގޮތަށް މިގެންދަނީ.

މީގެކުރީގައި ސަރުކާރުގެ މި ހުރިހާ މަރްޙަލާތައް ރައްޔިތުންނަށް ސާފެއްނުވާނެ. އެހެން ނަމަވެސް، މަޢްލޫމާތު ދިނުމުގެ ބޭނުމުގައި. އަޅުގަނޑު އުންމީދު ކުރަން، ބަންޑާރަ ނައިބު ކުރިއަށް ދެއްވާފައި އޮތް ދެލަފާވެސް މިހާރު އަޅުގަނޑުމެން އަނެއްހެން ޢާންމުކޮށް ހާމަނުކުރިއެއްކަމަކު ސީދާ ލަފާގައި ބަންޑާރަ ނައިބު ވިދާޅުވެފައި މިހާރު މިއޮންނަނީ، ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނެއް އަންނަންދެން، ސަރުކާރުން އަތޮޅުތަކަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި، އެންމެ އެދެވޭގޮތުގައި އެކަންކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޤާއިމުކޮށްފައިވާ ވުޒާރާތަކުގެ ތެރެއިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ފިޔަވައި އެހެން ވުޒާރާތަކުގެ މުވައްޒަފުން ތިޔައޮފީހަށް ހުށަހަޅުއްވާ އަދި ޖަދުވަލު 1 ގައި އެވާ އޮނިގަނޑުގައި އެވާ ފަދައިން، ސަރަޙައްދީ ފެންވަރުގައި ޤާއިމު ކުރެއްވުމާމެދު ޤާނޫނީ ގޮތުން އިޢްތިރާޒު ކުރާނެ ތަނެއް ނެތް ކަމަށް ފެންނަ ކަމުގައި ދަންނަވަމެވެ.“ އެއީ އެންމެފަހުން އަޅުގަނޑުމެންނަށް ބަންޑާރަ ނައިބު ދެއްވި ލަފާ. ޑޮކްޓަރ ވަޙީދު ތިޔަބޭފުޅުންނަށް ކުޑަކުޑަކޮށް ވިދާޅުވެދެއްވާނެ، މި މައިގަނޑު އޮންނަގޮތް. ތިޔަބޭފުޅުންގެ އަތްޕުޅުގައި އޭގެ ކޮޕީއެއް މިހާރުވާނެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

السّـلام عليـكم

އާދެ! ސަރަޙައްދީ ފެންވަރުގައި ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ވީހާވެސް ރައްޔިތުންނާ ގާތުން ދިނުމަށްޓަކައި އަޅުގަނޑުމެން މިހާރު ރާވަމުން މިގެންދާ ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމަކީ، ޚިދްމަތްދޭ ހުރިހާ ވުޒާރާތަކެއްގެ އޮފިޝަލުން އެ ސަރަޙައްދީ ފެންވަރުގައި ބޭތިއްބުން. އެއީ، މިސާލަކަށް ދަންނަވަނީނަމަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނުވަތަ މިނިސްޓްރީ އޮފް ހެލްތްގެ ވެރިއެއްގެ ފެންވަރުގެ ބޭފުޅަކު ސަރަޙައްދުގައި ހުންނެވުން. ހުންނެވުމާއެކީގައި، އެ ދާއިރާއިން އެޑިޔުކޭޝަނުން ނޫނީވިއްޔާ ޞިއްޙީ ދާއިރާއިން ދޭންޖެހޭ ޚިދްމަތްތައް ދިނުން، އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން އެބޭފުޅުން އަންގަވާ ގޮތަކަށް އެކަން ކުރަމުން ގެންދިޔުން. ދެން ކުރައްވާއިރުގައި މިދެންނެވި ބޭފުޅުން އެއީ، އަޅުގަނޑުމެން މިހާރު ޚިޔާލު ކުރަމުން މިގެންދަނީ، ޑިރެކްޓަރުން، ނުވަތަ ޑިރެކްޓަރ ޖެނެރަލުން ފެންވަރުގެ ބޭފުޅުން ކޮންމެ މިނިސްޓްރީއަކުންވެސް ސަރަޙައްދަށް ކަނޑައެޅުއްވުން. އެއީ ޑިރެކްޓަރ ޖެނެރަލް ސީދާ ރިޕޯޓް ކުރައްވަމުން ގެންދަވާނީ، އެބޭފުޅެއްގެ ވުޒާރާއަށް. އެބޭފުޅާގެ ވުޒާރާގެ އިސްވެރިންނަށް. އެގޮތުން، އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވެނީ، 11 މިނިސްޓްރީއެއް އެއީ، ބަންޑާރަ ނައިބުގެ އޮފީސްވެސް ހިމެނޭގޮތުން. މިތަންތަނުގެ ބޭފުޅުން އެގޮތަށް ތިއްބަވާނެ ކަމަށް. ދެން އެބޭފުޅުންނަށް އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމަށްޓަކައި އެޓޮލްސް މިނިސްޓްރީގެ ދަށުގައި އުފެދޭ ސެކްރެޓޭރިއެޓެއް ހުންނާނެ. މިހާރު ރައީސުލްޖުމްހޫރިއްޔާ މި ކަނޑައަޅުއްވާ ސްޓޭޓް މިނިސްޓަރަކީ އެއީ އެޓޮލްސް މިނިސްޓްރީގެ ބޭފުޅެއް. އެޓޮލްސް މިނިސްޓްރީ ތަމްސީލު ކުރެއްވުމުގެ ގޮތުން، އެބޭފުޅާ އެހުންނަވަނީ. ދެން އޭނާގެ ދަށުން ސިވިލް ސަރވިސްގެ އޮނިގަނޑެއް މިއޮންނަނީ. އެއީ ޖޮއިންޓް ސެކްރެޓަރީ ފެންވަރުގެ ބޭފުޅަކު ހުންނަވާފައި، އެބޭފުޅެއްގެ ދަށުން ސިވިލް ސަރވިސްގެ ސެކްރެޓޭރިއަޓް. ސިވިލް ސަރވިސްގެ ސެކްރެޓޭރިއަޓުން ކުރިން ދެންނެވި އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނަށް ދޭންޖެހޭ އިދާރީ ސަޕޯޓް ދެއްވަމުން ގެންދަވަނީ.

މިއީ އާ މޮޑެލްއެއް ނޫން. މިހާރުވެސް ޤާނޫނުއަސާސީއާއި އަދި ހަމައެހެން އެކިއެކި މިނިސްޓްރީތަކާ ޙަވާލުކުރެވިފައިވާ މެންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެން މިހާރު މި ރާވާފައި މިއޮތީ. އެގޮތުން، އެޓޮލްސް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އެބަހިމެނޭ، އަތޮޅުގެ ފެންވަރުގައި، އަތޮޅުތަކުގައި ރާވަންޖެހޭ ކަންކަން ރޭވުމާއި، އެކަންކަން ވިލަރެސް ކުރުމާއި، މިބާވަތުގެ ތަފާތު ފަންކްޝަންތަކެއް އެބަހުރޭ. އެހެންވީމާ، ހަމަ އެޓޮލްސް މިނިސްޓްރީން މިދަންނަވާ ސްޓޭޓް މިނިސްޓަރުން މެދުވެރި ކުރައްވައިގެން، އެކުރައްވަންޖެހޭ ކަންތައްތައް، ޕްލޭނިންގ، ކޯޑިނޭޝަން، އަހަރަށް ތައްޔާރު ކުރަންޖެހޭ ޕްލޭން ތައްޔާރު ކުރެއްވުން އަދި އަތޮޅުގައި ހިންގާ ކަންތައްތައް، އެކިއެކި ދާއިރާތަކުގައި ހިނގާ ކަންކަމާބެހޭ ބެހޭގޮތުން މަޢްލޫމާތު ދެއްވުން. މިހެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި، އެޓޮލްސް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ. އެކަންކަން މިދެންނެވި ސްޓޭޓް މިނިސްޓަރުގެ މިނިސްޓަރާއި އެބޭފުޅާގެ ދަށުގައި އޮންނަ ސެކްރެޓޭރިއަޓަކުން ކުރައްވަމުން ގެންދަވާނީ. ދެން ކުރިން ދެންނެވިހެން މިއީކީ މުޅިން އާ މޮޑެލްއެއް ނޫން. މިހާރު ވިސްނާވަޑައިގެންފިއްޔާ އެނގިވަޑައިގަންނަވާނެ، މިއީ އެހެން ދާއިރާއެއްގައި، އެއީ ފޮރިން އެފެއާޒްގައި މިގޮތަށް މިހާރުވެސް އޮފީސް ހިންގަވަމުން ގެންދަވަނީ. އެނގިވަޑައިގަންނަވާނެ، ބޭރުގައި ހުންނަ އެކިއެކި މިޝަންތަކުގައި ތިއްބަވާ އެކިއެކި މިނިސްޓްރީތަކުން ފޮނުއްވާފައި ތިއްބަވާ ބޭފުޅުން. ޑިފެންސް ފަރާތުން ފޮނުއްވާފައި ތިއްބަވާ ބޭފުޅުން. ނޫނީވިއްޔާ، ޓްރޭޑުން، ޓްރޭޑް ރެޕްރެޒެންޓެޓިވްގެ ގޮތުގައި ފޮނުއްވާފައިވާ ބޭފުޅުން ތިއްބަވާނެ. އެކަމަކު އެބޭފުޅުން ރިޕޯޓް ކުރައްވާނީ، ސީދާ އެބޭފުޅުންގެ މިނިސްޓްރީއަށް.

އެހެންވީމާ، މިދެންނެވި މޮޑެލަކީ މިއީ ރާއްޖެއަކަށް އާ މޮޑެލެއް ނޫން. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައިވިއްޔާ، މި މޮޑެލްގެ ދަށުން ހަމަ މިހާރު ޤާނޫނުއަސާސީއާއި އަދި މިހާރު ހުރި ޤާނޫނުތަކާއި މެންޑޭޓްތަކާ އެއްގޮތްވާ ގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ފަށައިގަނެވިދާނެ. ދެން މީގެއިތުރުން އަޅުގަނޑުމެން ގެންނަންޖެހޭ ޑީސެންޓްރަލައިޒޭޝަން. ޑީސެންޓްރަލައިޒޭޝަންވެސް ހުންނާނެ ތަފާތު ފެންވަރު. އެހެންވީމާ، މިއަށްވުރެ ބޮޑަށް ޑެސެންޓްރަލައިޒޭޝަން އަޅުގަނޑުމެން ގެންނަ ކަމަށްވަންޏާ، އަޅުގަނޑުމެން އެބަޖެހޭ ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނެއް އުފައްދަން. ދެން އެމަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ކުރެވެމުން އެދަނީ. ދެން އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން އެޤާނޫނު ފާސްކުރެއްވުމާ ގުޅިގެން، އަދި ޖޫން ޖުލައިހާ ތާނގައި އިންތިޚާބުތައް ބޭއްވުމަށްފަހުގައި، މިއަށްވުރެ ބޮޑު ޑީސެންޓްރަލައިޒޭޝަނަކާއި ލާމަރްކަޒީ އުޞޫލުން އަޅުގަނޑުމެންނަށް ކަންތައްތައް ހިންގޭނީ. އެހާތަނާ ޖެހެންދެންވެސް މިދެންނެވި ގޮތަށް ހިންގުމުގެ ޖާގަ އޮތްކަމަށް މިހާރު އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤާނޫނީ ލަފާ ދެއްވާ ބޭފުޅުންވެސް ދެއްވާފައި މިއޮތީ. އަދި އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި މިކަމަކީ މިއީ މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ދަންނަވާލާނަން. ދިމާވާ މައްސަލައަކީ ޤާނޫނީ ގޮތުން އަތޮޅެއްގައި، ސަރަޙައްދެއްގައި ހުންނަވާ ސްޓޭޓް މިނިސްޓަރަކު ހަމައެކުގައި މިމަސައްކަތް ކުރައްވަނީ. މިސާލަކަށް، މިނިސްޓްރީ އޮފް ހެލްތްގެ ބޭފުޅެއް. ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އޮފް ހެލްތް މި ޒިންމާދާރުވަނީ، ޞިއްޙަތާ ގުޅޭގޮތުން ހިނގާ އެންމެހާ ކަންކަމުގައި. އެހެންވީމާ، މިނިސްޓަރ އޮފް ހޯމްއެފެއާޒަކަށް ޙަޤީޤަތުގައި ޒިންމާދާރެއް ނުވެވޭނެ. އެއީ، މިއޮންނަ ޢާންމު ޤާނޫނީ އުޞޫލަކީ. އެހެން ނަމަވެސް، އަޅުގަނޑުމެން ޤާނޫނުގެ ކުރު އަލިފާ ހަމައަށް މީގައި ދިޔަނަމަ، އެއީ އެނގިވަޑައިގަންނަވާނެ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓް ނުވަތަ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮންނައިރުގައި، އޮންނާނެ ހުރިހާ ކަމެއް. އެއަތޮޅާ ގުޅޭ ހުރިހާ ކަމެއްގެ ވާހަކަ. ހަމަ ހެލްތް މިނިސްޓްރީން ކުރާ ހުރިހާ ކަމެއްވެސް އެއީ އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކުރެވެންހުރި ކަންކަން ކަމަށް ޤާނޫނީގޮތުން ޖާގަދޭނެ. އެހެންވީމާ، އެޓޮލްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަމިއްލަ ހެލްތް ޑައިރެކްޓަރޭޓެއް ޙަޤީޤަތުގައި މިހާރު އެ މެންޑޭޓް އޮތްގޮތުން ބޭއްވޭނެ. އެހެން ނަމަވެސް، ބަންޑާރަ ނައިބު ވިދާޅުވީ، މީގައި ބުއްދިވެރި ގޮތަކީ، އެއީ މެންޑޭޓްތައް އެކުލަވާލުމުގައި، އޭރުގައި ދޫކޮށް މެންޑޭޓްތައް އެކުލަވާލެވެނީއޭ އަދި ނޫ ޤާނޫނުއަސާސީގެ ދަށުން ހިނގަމުން އައި ގޮތެކޭ. އަޅުގަނޑުމެން މި އާ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް މިކަން ކުރުމަށް އަޅުގަނޑުވެސް އަދި ބަންޑާރަ ނައިބުވެސް އަދި މުޅި ސަރުކާރުވެސް އެދެނީ.

އެހެންވީމާ، އަޅުގަނޑުމެން ބައެއްފަހަރަށް މިކަމުގައި މަޑުޖައްސާފައި، އަނެއްކާވެސް އިތުރަށް މުޠާލިޢާކޮށްފައި، ރިޢާޔަތްކޮށްފައި އަޅުގަނޑުމެން ކުރިއަށް މިދަނީ. މިހާރު މިހަފްތާގެ ތެރޭގައި އަޅުގަނޑުމެން މިހާރު އަނެއްކާ މިތިބީ ވަރަށް ބާރަށް. މިދިޔަ ޢީދުގެ ތެރޭގައި އަޅުގަނޑުމެންނަށް އެހާ ބާރަށް ކުރިއަށް ނުދެވުނީ، މި ދެންނެވި ޤާނޫނީ މަޝްވަރާތައް އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން އައީ. އައިސް މިދިޔަ ހޮނިހިރު ދުވަހު ގިރިފުށީގައި އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސީ ހުރިހާ މުވައްޒަފުން އެކުގައި ބައްދަލުވެ، އަޅުގަނޑުމެންނަށް ނިންމުނީ، މިހާރު ދެވަނަ އެހެން ވިސްނުމެއްގައި ގޮސް، މިވަގުތަށް މިކަން ކުރެވެން އޮތް ޤާނޫނީ ހަމައިގައި އަޅުގަނޑުމެން ކުރިއަށް ގެންދިޔުން. މިކަން ހުއްޓާލުން އެއީ، މި ސަރުކާރުން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ފަސޭހަ ގޮތުގައި ރައްޔިތުންގެ ޚިދްމަތްތައް، ރައްޔިތުންނާ ގާތުން ފޯރުކޮށްދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭނަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް

އަތޮޅުވެރިންނަށްވާނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އެބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅުދީގެން ތިއްބަވާ ބޭފުޅުން. ދެން އަނެއްހެން ޤާނޫނީ ހަމައިގައި އެބޭފުޅުންވެސް ވާހަކަ ވިދާޅުވާން ޖެހޭނީ. އެއީކީއެއް އަޅުގަނޑުމެންނަށް ފުރްޞަތު އެރުވޭނެ ކަމެއް ނޫން. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވަން އޮތް އެހެން ވާހަކައެއް އެބައޮތް. ތިޔަބޭފުޅުން މިހާރު އެއީ މީގެކުރީގައި އަދާކުރައްވަމުން ގެންދެވި ބާވަތުގެ ވަޒީފާތަކާއި ނުވަތަ މަސައްކަތާ ގުޅޭ ވަޒީފާތައް ސިވިލް ސަރވިސްއިން އެނައުންސް ކުރައްވާނެ. އެހެން ނަމަވެސް، އޭގައި ޑިރެކްޓަރެއް ކަހަލަ ބޭފުޅެއް ކަމަށްވެއްޖިއްޔާ، އަޅުގަނޑު މިއެދެނީ ފުރަތަމަ ޑިގްރީއެއް އޮތުމަށް. ދެން ތަޢްލީމީ ގޮތުން އެ ފެންވަރު ނެތިއްޖިއްޔާ، ދެން ކުރެވޭނެ ކަމެއް ނެތް. ދެން ތަޖުރިބާއަކީ ވަރަށް ބާވަތެއްގެ ކަމެއް. އަޅުގަނޑުމެން ބޭނުން އެހެން ތިއްބަވާ ބޭފުޅުންނަށް ކަނޑައެޅިގެން ވަކި ބާވަތެއްގެ މަޢްލޫމާތާއި ކަންކަން އެނގިފައި ހުރުން. އޭގެތެރޭގައި އީ މެއިލުން މަސައްކަތް ކުރެއްވުން. އެކްސެލް ޝީޓަކާ ކުޅެލަން އެނގުން. އަދި ޢާންމު ސްޓްރަކްޗަރަލް ވިސްނުމެއް ގެންގެޅެން އެނގުން. އަދި ބޭރު ޤައުމުތަކާ މުޢާމަލާތް ކުރުން. މިބާވަތުގެ ކަންކަން ކުރެވެންޖެހޭނެ. ރޭޑިޔޯ ޓެލެފޯން އޮޕަރޭޓަރެއް، މިހާރުވެސް ހަމަ ސަރުކާރުގެ ވަޒީފާއެއް އެއީ. ރޭޑިޔޯ ޓެލެފޯން އޮޕަރޭޓަރެއް. އެއީ 1940 ގައި ސަރުކާރަށް ބޭނުންވި ވަޒީފާއެއް. މިއަދު އެވަޒީފާ ސަރުކާރަށް ބޭނުންވާ ކަމަށް ދެކެން އަޅުގަނޑަށް ހަމަ ވަރަށް ދަތި. އޭގެ ސިޔާސީ ކިތަންމެ ގެއްލުމެއް އަޅުގަނޑަށް އޮތަސްވެސް، ތެދު ތެދަށް އަޅުގަނޑު ވާހަކަ ދައްކަންޏާ، އެއީ މިއަދު އަޅުގަނޑަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. މި ރާއްޖޭގައި މިހާރު ސަރުކާރުގެ އޮފީހެއްގައި، ވޯކީޓޯކީ އޮޕަރޭޓަރެއް، ވަޒީފާއެއްގެ ގޮތުގައި ހުރުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި ނުވަތަ ބޭނުންތެރި ކަމެއްގެ ގޮތުގައި.

އަޅުގަނޑަށްވެސް އެނގޭ، ބޭފުޅުން ހިތްޕުޅުހަމަނުޖެހުނީމާ ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް އެކަން ހިނގާނެ. ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް އޭގެ ގެއްލުން ލިބޭނެ. ދެން އެހެން ނަމަވެސް، އަޅުގަނޑުގެ ޒިންމާއެއް އެއީ، ހެޔޮގޮތުގައި މިކަންކަން ކުރެވޭތޯ ބެލުން. ހަމައެކަނި ސިޔާސީ ފުރްޞަތަށް ކަންކަން ނުކުރުން. އަޅުގަނޑެއް ޤައުމަށާއި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާ ކަމެއްގައި ސިޔާސީ ފުރްޞަތަށްޓަކައި ކަމެއް އިރާދަކުރެއްވިއްޔަކާއެއް ނުކުރާނަން. ދެން އަޅުގަނޑަށް ބައެއްފަހަރު އެޓޮލްސް މިނިސްޓްރީއޭ އެބަ ބުނެވޭ. އެއީ، ކުރީގެ އެޓޮލްސް މިނިސްޓްރީ މިހާރުގެ ހޯމް މިނިސްޓްރީ.

އަޙްމަދު ރިފާޢު – ދި އެފް.އެމް:

ދެންމެ ވިދާޅުވެއްޖެ. ދައުލަތަށް ގެއްލުންވާ ކަމެއް މަނިކުފާނު ނުކުރައްވާނެ ކަމަށް، ސިޔާސީ ކަމެއް ޙާޞިލު ކުރުމަށްޓަކައި. ދެން އަޅުގަނޑަށް ދާދިފަހުން ސްޓޭޓް މިނިސްޓަރުން ޢައްޔަން ކުރެއްވިއިރު ފެނިގެންދިޔައީ، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ނޮވެމްބަރު 3ގެ ޙާދިޘާގައި ޙުކުމް އިއްވާފައި ހުރި ބޭފުޅަކު ޢައްޔަން ކުރެއްވި ތަން. ވަރަށްގިނަ ޢާންމު ރައްޔިތުން އަޅުގަނޑުމެންނާވެސް ބައްދަލުވެ، ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަގެންދޭ. ދެން މިމައްސަލައިގައި މަގާމަށް ޢަބްދުﷲ ޝާހިދު ހަމަޖެއްސެވި ސަބަބު ނުވަތަ އެ ހަމަޖެއްސެވީ ކީއްވެގެންކަން އަދިވެސް ސަރުކާރުން އޮޅުންފިލުއްވައިދެއްވާފައެއްނުވޭ، ޢާންމު ރައްޔިތުން ނުތަނަވަސްވެފައި ތިއްބެވި ދަނޑިވަޅެއްގައިވެސް. އެހެންވީމާ، ވިދާޅުވެދެއްވަފާނަންތޯ އެމަގާމަށް ޢަބްދުﷲ ޝާހިދު މި ހަމަޖެއްސެވީ ކޮން އުޞޫލަކުން ބައްލަވާފައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ.

1. އަޅުގަނޑު ޢަބްދުﷲ ޝާހިދުގެ ކިބައިން އެދެނީ، ޑިޒާސްޓަރ މެނޭޖްމަންޓާއި ފަޔަރ ބްރިގޭޑްގެ ކަންތައް ބަލަހައްޓަވައިދެއްވުމަށް. ޢަބްދުﷲ ޝާހިދަކީ މި ރާއްޖޭގައި ހުންނެވި ފަޔަރ ބްރިގޭޑްގެ ކަންތަކަށް އެންމެމަތިން ތަޢްލީމު ޙާޞިލު ކުރައްވައި ޤާބިލު ބޭފުޅެއް. ފަޔަރ ބްރިގޭޑް މިވަގުތު އޮތީ ނުވަތަ އަލިފާން ނިއްވުމުގެ ކަންތަކާއި ޑިޒާސްޓަރ މެނޭޖްމަންޓް މިވަގުތު އޮތީ މިނިސްޓްރީ އޮފް ޑިފެންސްގެ ތެރޭގައި. އަޅުގަނޑުގެ އުންމީދަކީ، އެ ވަކިކޮށް މުއައްސަސާއެއްގެ ގޮތުގައި އެތަން އޮތުން. އެއީ ފުރަތަމަ ކަންތައް.

2. އަޅުގަނޑާ އެއްވަރަށް ޢަބްދުﷲ ޝާހިދުގެ މައްޗަށް އަދިވެސް ދައުލަތާ އިދިކޮޅަށް ޢަމަލުކުރި ކަމަށް ޙުކުމް އިއްވާފައެއް ނެތް. އަޅުގަނޑަށް ދިވެހި ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށް އަޅުގަނޑު ދެކި މިހުންނަނީ، އަޅުގަނޑަށް ވޯޓުދީ، އަޅުގަނޑު މިހުރީ ހޮވާފައި، އިންތިޚާބު ކޮށްފައި.
3. ޢަބްދުﷲ ޝާހިދު 14 އަހަރު ޖަލުގައި އިންނަވައިފި. އަދި އެބޭފުޅާއަށް އެބޭފުޅާގެ ޙުކުމަށް މަޢާފް ދެއްވީމާ، އެބޭފުޅާ މިނިވަނެއްގެ ގޮތުގައި އެ އުޅުއްވަނީ. އެހެންވީމާ، އަޅުގަނޑެއް ނުދެކެން. ބޭފުޅަކަށް މަޢާފް ލިބުނީމާ، ކުރީގެ ޙުކުމާ ގުޅޭގޮތުން ދައްކަން ހުރި ވާހަކަތަކެއް. ޤާނޫނީ ގޮތުން އެބަހުރޭ މަގާމުތަކަށް ހުންނަންޖެހޭ ޝަރުޠުތަކެއް. އެއިން ޝަރުޠަކާ ޚިލާފުވާ ކަމަށްވަނީވިއްޔާ، އެއީ ކުށެއް. އެއީ ގޯހެއް. އަޅުގަނޑެއް އެއިން ޝަރުޠަކާ ޚިލާފެއް ނުވަން. އޭގެއިތުރުން، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑަށް މިހާރު މިޖެހެނީ، އެހެންވީމާ މިކަން ކުރަން.

ނޮވެމްބަރު 3ގެ ކަންތައްތަކުގެ ތަޙުޤީޤުތައް ހިނގިގޮތާއި، ތުހުމަތުތައް ކުރެވުނު ގޮތާއި، އެކަންކަން ޙަޤީޤަތުގައި ހިނގާދިޔަގޮތާއި، ޢަބްދުﷲ ޝާހިދުގެ އެ ޝަރީޢަތުގެ އިންޞާފުވެރިކަމާއި، އެކަންކަމުގެ މައްޗަށް އަޅުގަނޑުމެންވެސް އެބަޖެހޭ ކޮންމެވެސް ވަރަކަށް ރިޢާޔަތް ކުރަން. އަދި އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރަކީ، ތިޔަ ވިދާޅުވާފަދަ ޙުކުމެއް އިއްވިފައި ހުރި ހަމައެކަނި ސްޓޭޓް މިނިސްޓަރަކީ ޢަބްދުﷲ ޝާހިދެއް ނޫން. ތިޔަބޭފުޅުން ބައްލަވައިފިއްޔާ، މިސާލަކަށް ކެރަފާ ނަސީމް. އެބޭފުޅާއަކީވެސް ހަމަ އެބާވަތުގެ ޙުކުމެއް، އެބޭފުޅާގެ މައްޗަށް ޙުކުމެއް އިއްވާފައި ހުންނެވި ބޭފުޅެއް. އެބޭފުޅާވެސް ޖަލުގެ ޙުކުމުގެ އެތައް ދުވަހެއް ޖަލުގައި ހޭދަކުރެއްވުމަށްފަހު، މަޢާފް ލިބުނީމާ މުޖްތަމަޢަށް ނުކުމެވަޑައިގެން މިހުންނެވީ. އެއްކުށެއްގައި ދެފަހަރަކަށް އަދަބުދިނުން އެއީ، ޤާނޫނުއަސާސީގެ އުޞޫލެއް ނޫން. އަދި ޢަބްދުﷲ ޝާހިދު ކުށެއް ކުރި ކަމަށް، އޭރުގެ ޢާންމު އުޞޫލުތަކާއި، ޢާންމު ޤާނޫނުތައް އެހެން އޮތީތީވެ، އެކުށް އެބޭފުޅާގެ މައްޗަށް ސާބިތުވާ ކަމަށް އޭރުގައި އެހެން ޙުކުމް އިއްވާފައި އޮތީ. މިހާރުގެ ޤާނޫނުއަސާސީގެ ރޫޙާއި، މިހާރުގެ ޤާނޫނުއަސާސީގެ ހަމަތަކަށް ތިޔަބޭފުޅުން ބައްލަވައިފިނަމަ، އަޅުގަނޑަކަށް ނޭނގެ އެޙުކުމް އަންނާނީ ކިހިނެއް ކަމެއްވެސް. އެހެން ނަމަވެސް، މީގައި އެ ޝަރީޢަތާ ގުޅޭގޮތަކުން އަޅުގަނޑު ވާހަކައެއް ދައްކާކަށް ނެތިން. އެހެން ނަމަވެސް، އެބޭފުޅާ އެހެރީ ޙުކުމް ތަންފީޒުކޮށް ނިމިފައި. އެބޭފުޅާއަށް އެހެރީ ޙުކުމަށް މަޢާފް ދެއްވާފައި. އަދި އަޅުގަނޑުވެސް މިހުރީ ޙުކުމް ތަންފީޒުކޮށް ނިމިފައި. އަދި އަމީން ފައިޞަލްވެސް އެ ހުންނެވީ ޙުކުމް ތަންފީޒުކޮށް ނިމިފައި. އަދި ކެރަފާ ނަސީމްވެސް އެ ހުންނެވީ ޙުކުމް ތަންފީޒުކޮށް ނިމިފައި. އަދި އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެ ތިއްބެވީ ޙުކުމް ތަންފީޒުކޮށް ނިމިފައި. ގިނަ ބޭފުޅުން. އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ، އެބޭފުޅުންގެ މައްޗަށް، ގިނަ ބޭފުޅުންނަކީ ސިޔާސީ ޙުކުމް ހުރި ބޭފުޅުން.

އެއީ މި ރާއްޖޭގެ ޙާލަތު އޮތްގޮތް. އެއީ އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ޖެހުނު އުޞޫލު. މަސައްކަތް ކުރަން ޖެހުނު ގޮތް. ވަރަށް ދެރަ ކަމެއް އެއީ. އަޅުގަނޑު އުންމީދު ކުރަން. އެންމެހާ ރައްޔިތުންނަށް ސާފުވެވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ދައުލަތަށް ގެއްލުމެއްދޭނެ ނުވަތަ ގެއްލުމެއްދޭނެ ކަމަށް އަޅުގަނޑަށް ކުޑަވެސް ޝައްކެއް ހިނގާ ބޭފުޅެއް ނުހުންނާނެ. ދައުލަތަށާއި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް ހީވާގިކަމާއެކީގައި މަސައްކަތް ކޮށްދޭނެ ކަމަށް އަޅުގަނޑަށް އިތުބާރު ހުންނަ ބޭފުޅުން އަޅުގަނޑުމެން މި ސިޔާސީ މަގާމުތަކަށް ޢައްޔަން ކުރަނީ. ޢަބްދުﷲ ޝާހިދު ދައުލަތަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީގައި ގެއްލުމެއް ނުދެއްވައި، މަސައްކަތް ކޮށްދެއްވާނެކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން. އެންމެފަހުން އަޅުގަނޑު ކުރަމުން މިއަންނަ އެއްމަސައްކަތަކީ، ދުވާފަރަށް ސުނާމީ ދުވަހުގެ ކުރީގައި ހަމަޖެހޭނެ ގޮތަކަށް އުނގޫފާރު ރައްޔިތުން ބަދަލުކުރެވޭތޯ ބެލުން. ޢަބްދުﷲ ޝާހިދު ޑިޒާސްޓަރ މެނޭޖްމަންޓާ އަޅުގަނޑު ޙަވާލުކުރީވެސް ޚާއްޞަ ގޮތެއްގައި.

އަޅުގަނޑުމެންގެ ވަޢުދެއް އެއީ. ސުނާމީގައި ގެއްލުން ލިބިފައި ތިބި މީހުންނަށް ގެދޮރު ހޯދައިދިނުން. އަޅުގަނޑުމެން އެބަޖެހޭ ޢަމަލީގޮތުން މަސައްކަތް ކުރެވޭ، ހީވާގި ވަރުގަދަ މީހުންނާ މަސައްކަތް ކުރުން. އެގޮތުން އަޅުގަނޑު ޢަބްދުﷲ ޝާހިދާ އެމަސައްކަތް ޙަވާލުކުރީ. ދެން ބައެއް ބޭފުޅުން، ބައެއް ބޭފުޅުންނާ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާނެ. އަނެއްބައި ބޭފުޅުން އެބޭފުޅުންނާ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާނެއޭ. ޢަބްދުﷲ ޝާހިދާ ހިތްހަމަޖެހޭ ވަރަށްގިނަ ބޭފުޅުން އަޅުގަނޑު ދަންނަން. ވަރަށްގިނަ ރައްޔިތުންވެސް އަޅުގަނޑު ދަންނަން. އަދި ހިތްހަމަނުޖެހޭވެސް، ހަމަ އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހޭވެސް ވަރަށް ބައިވަރު ބޭފުޅުން އުޅުއްވާނެ. އަދި ހަމަ ކޮންމެ ބޭފުޅަކާ ދޭތެރޭވެސް ހިތްހަމަޖެހޭ މީހުންނާއި ނުޖެހޭ މީހުންނާ އުޅޭނީ. ދެން ހިތްހަމަނުޖެހުނީމާ ޙުއްޖަތެއްގެ ގޮތުގައި އެކިބާވަތް ބާވަތުގެ ވާހަކަ ދެއްކިދާނެ. ދެން އެހެންނަމަވެސް، ޤާނޫނީ ހަމައެއް ކައްސާލާފައެއް ނުވާނެ. އަދި ޢާންމު އުޞޫލެއްވެސް ކައްސާލާފައެއް ނުވާނެ.

އަޅުގަނޑު ކުޑަކުޑަ އެއްޗެއް ދަންނަވާލަފާނަން. މުޙަންމަދު އަމީން ވެރިކަމުން ދުރުކުރެވުނު ދުވަހު ހުޅަނގުގޭ ޙަބީބް އޮންނެވީ ހިލިހިލާ ޖަހާފައި އެދުވަހު. ދަނޑިކޮށީގޭ މުޙަންމައިދީ ގޮވާލީ، އަޅުގަނޑުމެންގެ ޢަސްކަރީންގެ ވެރިޔާ އެއޮތީއޭ. ހަމަ އެ ޗޭނު ނައްޓާލާފައި ގެނެސް، ޙަބީބް ހުންނެވީ ޢަސްކަރީގެ ވެރިއަކަށް.

މިއީ މި ރާއްޖޭގެ ޢާންމު އުޞޫލު. މިއީ މި ރާއްޖޭގެ ޢާންމު ހަމަ. މި ރާއްޖޭގެ ޢާންމު އުޞޫލާއި، ޢާންމު ހަމައާއި، ޢާންމު އެއްވެސް ކަމެއްގެ ބައްޓަމަކުންނެއް އަޅުގަނޑުގެ އެއްވެސް ކަމެއް ނައްޓާފައެއް ނުހުންނާނެ. އަޅުގަނޑެއް އިރާދަކުރެއްވިއްޔަކާ ޤާނޫނުތަކަކާއެއް ޚިލާފެއް ނުވާނަން. ރާއްޖޭގެ ވެރިކަން ފުރޮޅިގެން އަންނަނީ، ކުރީގެ ވެރިކަމުގައި އެކި ބާވަތް ބާވަތުގެ ކަންތައްތައް ހިނގުމަށްފަހުގައި.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހާރު މިހޯދީ، މުޅިން ސާފު ތަފާތެއް. މި ސަރުކާރު އަނެއް ސަރުކާރަށް ބަދަލުވެގެންދާއިރުގައި، އަޅުގަނޑުމެންނެއް މީހުންނަކީ، ޚާއިނުންނޭ، ބާޣީންނޭ، އަނެއް ކަމެކޭ، އަނެއް ކަމެކޭ ކިޔާ، މީހުން ގެނެސް، ތަންތަނަށް އެއްކޮށް، ޗޭނު ޖަހައި، ގުދަށް ބާއްވައި، 16، 14 އަހަރު، 20 އަހަރު ޖަލުގައި ބާއްވައި، އަނިޔާކޮށް ހަދައި، އެމީހުންގެ ޤަދަރާއި އަބުރާއި ޢިއްޒަތާއި، އަނބިދަރިންނާއި ޢާއިލާ ގެއްލުވާލައެއް ނުހަދާނަން. އަޅުގަނޑުގެ މައްޗަށް ކޮންމެ ކަމެއްވެސް ކުރަން އުޅެންވީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް މީހެއްގެ މައްޗަށް ދަޢުވާކޮށް، އެމީހެއްގެ ޤަދަރާއި ޢިއްޒަތާއި އަބުރާއި، އެމީހެއްގެ އަނބިދަރިންނާއި ޢާއިލާއެއް ގެއްލުވާލައެއް ނުހަދާނަން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން. އެންމެ ބޭފުޅުންނަށްވެސް ރާއްޖޭގެ ޘަޤާފަތާއި، ރާއްޖޭގެ ވެރިކަމުގެ ޢާންމު ހަމަތަކާއި، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ޢާންމު ޤާނޫނުތައްވެސް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް. އަދި އަޅުގަނޑުގެ މައްޗަށް ރައްޔިތުން ތިޔަކުރައްވާ އިތުބާރު، އަޅުގަނޑަށް ޔަޤީން. ރައްޔިތުން އަބަދުވެސް އަދިއެއް އެ އިތުބާރު ގެއްލިދާނެ ގޮތަކަށް އަޅުގަނޑަކަށް ކަމެއް ކުރެވިފައި އޮންނާނެ ކަމަކަށް އަޅުގަނޑެއް ނުދެކެން.

އަޙްމަދު ރިފާޢު – ދި އެފް.އެމް:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ދެން މިހާރު މަނިކުފާނުގެ ވަޒީރެއް ޤާސިމް އިބްރާހީމް މަގާމުން އިސްތިޢުފާ ދެއްވައި އެވަޑައިގެންނެވީ. ކިހާތަނަކު އެ ވުޒާރާއަށް ބޭފުޅަކު ޢައްޔަން ކުރެވިދާނެތޯ؟ އަދި މިއާއެއްކޮށް ދާދި އިހަކަށްދުވަހު ރ. މަޑުއްވަރީ ރައްޔިތުންގެ ހިތްހަމަނުޖެހުމެއް އަޅުގަނޑުމެންނަށް މީޑިއާއިން ފެނިގެން ދިޔައީ. މިހާރު އެ މައްސަލައިގެ އަޕްޑޭޓް ގޮސްފައި އޮތް ހިސާބެއް ސާފުކޮށްލަދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަޙީދު މަޑުއްވަރީ ވާހަކަ ވިދާޅުވީމާ، އަޅުގަނޑު ހޯމް މިނިސްޓްރީގެ ވާހަކަ ތިޔަބޭފުޅާއަށް ސާފުކޮށްދޭނަން.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ރާޅުއެރުމުގެ ސަބަބުންނާއި، ކަނޑުގަދަވުމުގެ ސަބަބުން ރ. އަތޮޅު މަޑުއްވަރީގެ ރައްޔިތުންނަށް ވަރަށްބޮޑެތި ދަތިތަކެއް ދިމާވަމުންދާތާ ލައްކަ ދުވަސް ވެއްޖެ. ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ. މިއީކީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫން. އެރަށުގެ ގޮނޑުދޮށް ގިރުމުގެ ކަންތައް މިކަމަކީ، ވަރަށްގިނަ ދުވަސް ވަންދެން ހިނގަމުންދާ ކަމެއް. އަދި ސަރުކާރުގެ ފަރާތުން މީގެކުރިންވެސް ފިޔަވަޅު އަޅުއްވާފައި އެބަހުރި. އެހެން ނަމަވެސް، އެ ރާޅުޖަހާ ހިސާބުން، ރަށްގިރާ ހިސާބުން ބައެއް މީސްމީހުންނަށް ގޯތިދެވިފައި އެހެރީ ރަށުގައި ތަން ނެތުމުގެ ސަބަބުން. އެގޯތި ދެވިފައި ހުރި ތަންތާނގައި އަޅާފައި ހުރި ގެދޮރަށް ނުރައްކާކަން އަބަދުވެސް އެނގޭނެ. އެހެންވީމާ، ޚާއްޞަކޮށް ރަށް ގިރަމުންދާ ވަގުތެއްގައި އޭގެ ބައެއް ގޭގެއަށް ގެއްލުން ލިބޭނެކަންވެސް އެނގޭނެ. އެހެންވީމާ، އެގޮތުން މިއަހަރުވެސް މީގެކުރިންވެސް ރާޅުއެރުމުގެ ސަބަބުން، ބައެއް ގޭގެއަށް ގެއްލުން ލިބި، މީހުން އެގޭގެއިން ނުކުމެ އެހެން ދިމަދިމާއަށް ދާން ޖެހިފައި އޮތީ. އަދި ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި، އަނެއްކާވެސް އެރަށުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުން ގޮނޑުދޮށް ގިރާތީ، ބައެއް ގޭގެއަށް ގެއްލުން ލިބެމުން އެބަދޭ.

ދެން މިކަމުގައި ސަރުކާރުގެ ފަރާތުން ހަމަ ވަގުތުން ފިޔަވަޅު އަޅުއްވާފައިވަނީ. އެރަށުގައި އެ ފަޅުތެރެއިން ވެލިނަގައި، އެތަންތަނަށް ވެލި އެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ. ނަމަވެސް، އެ މަސައްކަތް ފުރަތަމަ މާ ކާމިޔާބެއް ނުވި. އެއީ ގަދަކަމުން. ދެން އެކަމަށްޓަކައި އަނެއްކާވެސް މީގެ ދެދުވަހެއް ކުރިން މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރގެ ފަރާތުން ޓީމެއް ފޮނުއްވި. ފޮނުއްވައިގެން އެތާނގައި އެ ވެލި ހަރުލާނެ ގޮތެއްވޭތޯ މަސައްކަތް ކުރަމުން މިހާރު އެގެންދަނީ. ދެން އެކަމަށްޓަކައި މިހާރުވެސް ވަރަށްބޮޑު ޚަރަދެއް ކުރެވިފައި ވަނީވެސް. އަނެއްކާ އެކަމުގެ ދާއިމީ ޙައްލެއް ފެނޭތޯ، އެކަމާވެސް މިހާރު މަޝްވަރާ ކުރައްވަމުން އެގެންދަވަނީ. ކުރިން އޮތީ އެތާނގައި ތޮށިގަނޑެއްލާފައި. 2006 ވަނަ އަހަރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ލީ ތޮށިގަނޑެއް. އޭގެ ސަބަބުން، ވަކި މާބޮޑު ޙައްލެއް އެއަކު ނުފެނުނު. އެއީ އެއްދިމާ ރަނގަޅުވެފައި، އަނެއް ދިމާއިން އެއަށްވުރެ ބޮޑަށް ގޯސްވާ ގޮތަށް ދިމާވީ.

ދެން ރާއްޖޭގެ ރަށްރަށަށް މިކުރިމަތިވަމުންދާ ކަންތައްތަކަކީ މިއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މި އަޅުގަނޑުމެން ބަލަންޖެހޭނީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި. ކުދި ޖަޒީރާތަކަށާއި، ކުދި ރަށްތަކަށް ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑަށް ހޫނުވަމުންދިޔުމާއި، މިކަންކަމުގެ ސަބަބުން އަންނަ ބަދަލުތައް އަޅުގަނޑުމެންނަށް މިހާރު ތަޞައްވުރު ކުރަން މިޖެހެނީ ހަމަ ރޭދުވާލު. މިއީ ވަރަށްވެސް ފުރިހަމަ މިސާލެއް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެތަނުގައި ތިބި ސުނާމީގެ ޙާލުގައި ޖެހިފައި ތިބި މީހުން އިއްޔެ އަޅުގަނޑުމެން ދުވާފަރަށް މިބަދަލުކުރީ. ބަދަލުކުރިތަނަށް މިހާރު މިއޮތީ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ބަދަލުކުރާހިސާބަށް ގޮސްފައި. އެރަށަކު ދެން ނެތް ގޯތިދޭނެ އިތުރު ތަނެއްވެސް.

އެހެންވީމާ، މިއީ ޙަޤީޤީ މައްސަލައަކީ. ދެން މިކަން ޙައްލު ކުރުމަށްޓަކައި އަޅުގަނޑުމެންގެ އުޞޫލެއް ނޫން ކިތަންމެ ކުޑަ ރަށެއް ނަމަވެސް، އެރަށެއްގައި ތިބި ރައްޔިތުން، ހުރިހާ އެންމެން، އެމީހުންގެ އެދުމާ ޚިލާފަށް ގޮސް އެހެން ތަނަކަށް ބަދަލުކުރުމަކީ. އަޅުގަނޑުމެން ހަމަ މަސައްކަތް ކޮށްދޭނަން. އެރަށް އެއީ ރައްކާތެރި، ޙިމާޔަތްތެރި ތަނެއް ކަމުގައި ހަދައިދިނުމަށް. އެހެންވީމާ، އެކަމަށްޓަކައި ދާއިމީ ގޮތެއްގައި ހޯދެންހުރި ކަންތައްތައް ކުރުމަށްޓަކައި މިހާރު މަސައްކަތް ކުރެވެމުން އެދަނީ. ދެން އެކަމަށް ޚަރަދުވާނެ ޢަދަދުވެސް މާލަހެއްނުވެ، އަޅުގަނޑުމެންނަށް އެނގޭނެ. އެ އެނގުނީމާ، އަޅުގަނޑުމެންނަށް އެކަމަށް ފައިސާ ހޯދައިގެން، އެ ދާއިމީ ޙައްލެއް ހޯދަން މަސައްކަތް ކުރެވޭނީ.

އަޅުގަނޑު ކުރިން ދަންނަވާފައި އޮންނާނީ، އެރަށުގެ ރައްޔިތުންގެ ތެރެއިން އަޅުގަނޑާ ބައްދަލުކުރަން މިތަނަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ދަންނަވާފައި އޮންނާނީ، އެންމެ ލަސްވެގެންވެސް އަންނަ އަހަރުގެ ކުރީކޮޅުގައި، އަޅުގަނޑުމެން އެމަސައްކަތް، ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ފަށާނަމޭ. ދެން މިހާރު އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ވަގުތީ ޙައްލެއް ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން. އެތާނގެ އެމް.ޓީ.ސީ.ސީ.ގެ ފަރާތުން އެތަން ހިއްކުމުގެ މަސައްކަތް ހަމަ މިހާރުވެސް ހިނގަމުންއެބަދޭ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ހޯމްއެފެއާޒަށް އެމަގާމަށް ބޭފުޅަކު ޢައްޔަން ކުރުން. ޤާނޫނީ ގޮތުން އެކަން އޮތްގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެ ވުޒާރާއަކާ ޙަވާލުވެ އެބަ ހުންނަވަންޖެހޭ ވަޒީރު ބޭފުޅަކު. އެހެންވީމާ، މިވަގުތު އެ ވުޒާރާ ބެލެމުންދަނީ މިއޮފީހުގެ ދަށުން. އެހެންނަމަވެސް، އެއީކީއެއް އަޅުގަނޑުމެންނަށް އެކަން ތާއަބަދަށް ދާއިމީކޮށް ބޭއްވޭނެ ގޮތެއްވެސް ނޫން. އަދި އަޅުގަނޑުމެން އެދޭ ގޮތެއްވެސް ނޫން. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް، ވީހާވެސް އަވަހަކަށް އަޅުގަނޑުމެން އެތަނަށް، އެ ވުޒާރާއަށް ބޭފުޅަކު ޢައްޔަން ކުރާނަން. އަދި ހޯމްއެފެއާޒްގެ ކަންކަން ހަމަ މިހާރުވެސް މި ހިނގާ އޮމާން، އަމާން އުޞޫލުން ކަންކަން ހިނގަމުންދާނެ.

ގަބޫލުފުޅު ކުރައްވާ. މީގެ ދެހަފްތާ ކުރީގައި ތިޔަ އެންމެ ބޭފުޅުން ހީފުޅުކުރައްވައި ތިއްބަވާނީ، ޖަލުގައި ހުޅުރޯކޮށް، އެތަން ފަޅާލައި، އެތާ ތިބި ހުރިހާ އެންމެން މާލެއަރައި، އެތަން ހަޅުތާލުވެ، ހަމައިން ނައްޓާލާނެ ކަމަށް. މިއަދު ތިޔަބޭފުޅުންނަކަށް އެ އަޑެއް އިވިވަޑައެއްނުގަންނަވާނެ. އަދި ތިޔަބޭފުޅުންގެ ހިތްތަކަށް އޭގެ ޝަކުވާތަކެއްވެސް ނުވަންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ޖަލުގެ ކަންތައްތައްވެސް ޙައްލު ކުރެވޭނެ. އަޅުގަނޑުމެން ޙައްލުކުރާނަން. އަޅުގަނޑުމެންނަށް ނޭނގޭ ކަންތައްތަކެއް ނޫން އެހެރީކީއެއް. އަޅުގަނޑުމެންނަށް އެނގޭ ކަންކަން ވަމުންދާގޮތްވެސް. އަދި ދެން ވެދާނެ ގޮތްވެސް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަކީ، މިސަރުކާރަކީ އަބަދުވެސް ހަތަރުކުޅި ކުރިއަށް ވިސްނާ ސަރުކާރެއް. އެހެންވީމާ، ދެން ވެދާނެ ގޮތާމެދުވެސް ފިކުރުކޮށްގެން އަޅުގަނޑުމެން ތިބޭނީ. އިރާދަކުރެއްވިއްޔާ، އެކަހަލަ ހަމައަކުން މި ސަރުކާރުގެ ކަމެއް ނައްޓައިގެނެއް ނުދާނެ.

ތިޔަބޭފުޅުން ބައްލަވާ ރީތިރަށުގައި ހިނގާދިޔަ ހަޅުތާލު. އަޅުގަނޑުމެން ހަމަ އެމައްސަލަވެސް ނިންމީ ވާހަކަ ދައްކައިގެން، މަޝްވަރާ ކޮށްގެން. އަޅުގަނޑުމެންނަށް އެނގޭ، މަޝްވަރާކޮށްގެން ކަންކަމުގެ މާރީތި، ރިވެތި ޙައްލު ލިބޭކަން. ފެންނަކަން. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ އެގޮތަށްދާނީ.

އިއްޔެ ނޫން އިހަށްދުވަހު ލ.އަތޮޅުގައި ބޮޑު ކޯރެއް ކޮނެ، ހަމަ ރީތިކޮށް އޮތް ދެއަވަށް ވަކިކޮށް، ޒުވާބުގައި ތިބޭތާ އެތައް ދުވަހެއްވެފައި ވަނިކޮށް، އެތަނަށް އަޅުގަނޑުމެންގެ ވަޒީރުން ވަޑައިގެން، އެބޭފުޅުންނާ ވާހަކަ ދައްކައި، އެކަންވެސް އަޅުގަނޑުމެންވާނީ ޙައްލުކޮށްފައި.

އަދި މަޑުއްވަރީގައިވެސް ރައްޔިތުންގެ ނުތަނަވަސްކަން ލިބުނީމާ، އަޅުގަނޑުމެންނަށް ކުރީގައިވެސް މިއީ ފާހަގަވެފައި އޮތް ކަމެއް. އެކަމުގައިވެސް އަޅުގަނޑުމެން އެ ރައްޔިތުންނާ ވާހަކަ ދައްކައިގެންނާއި، އެތަނުގައި ގެނެވެންހުރި ޙައްލެއް ހޯދައިގެން، އެމަސައްކަތް ޙައްލު ކުރަމުން މިދަނީ. މިވަގުތު އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، މަޑުއްވަރިއަށް ވެލި އެޅި ކަމުގައިވިޔަސްވެސް، ވެލި ފައިބައިގެންދަނީ، އެއީ އުރަފަށުން ބޭރަށް. އެހެންވީމާ، ކަމާބެހޭ މިނިސްޓްރީން އެހެން ވިސްނުމެއް އެކަމުގައި އެބަ ގެންގުޅުއްވާ. ވަގުތީ ޙައްލަކީ ކޮބައިތޯ، މިވަގުތުވެސް އެކަމަށް ހެދެން އޮތްގޮތަކީ. އަޅުގަނޑު ކައިރީގައި މިނިސްޓަރ އެބަ ވިދާޅުވޭ، ކޮންމެވެސް ބާވަތެއްގެ ދަލެއް އެތަނުގައި ބޭނުންކޮށްގެން އެ ވެލިގަނޑު ބޭރަށް ނުދާ ގޮތަކަށް ވެލިގަނޑު ވަގުތީގޮތުން ހިފެހެއްޓޭނެ މަގެއް ފެނޭތޯ އެބޭފުޅުން އެބަ ބައްލަވައޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މިކަމާގުޅޭ މިނިސްޓަރަކީ، ހަމަ ދުނިޔޭގައި ފާހަގަވާ ވެއްޔާބެހޭ މާހިރެއް. ވެލި ނެގުމާއި، ވެލި ތަންތަނަށް ގެންދިޔުމާއި، މިކަމުގައި އަސްލަމަކީ ހަމަ ދުނިޔޭގެ ފެންވަރުގެ މާހިރެއް.

އެހެންވީމާ، އަޅުގަނޑަށް ވަރަށްބޮޑު އިތުބާރު އޮވޭ. އެބޭފުޅާ މިކަމުގައި ޙައްލެއް ހޯއްދަވާނެކަން. ދެން އެބޭފުޅާ ކަންބޮޑެއްނުވޭ. އަޅުގަނޑު ކަންބޮޑެއްނުވަން. ޑޮކްޓަރ ވަޙީދު ކަންބޮޑެއްނުވޭ. މި ސަރުކާރެއް ކަންބޮޑެއްނުވޭ. އަޅުގަނޑުމެން ދެރަވޭ. އަޅުގަނޑުމެން ވަރަށް ދެރަވޭ. ރައްޔިތުންނަށް މިހުރިހާ ކަމެއް، މިއޮއްހާ ދުވަހު މިހެން ވަމުން ވަމުން އައިސް، ކޮންމެ ކަމެއް މިއޮތީ ހަމަ މަރުގެ ތުންފަތްމަތީގައި. ކޮންމެ ކަމެއް އޮތީ. ދެން އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ދާއިމީ ޙައްލު ކަންކަމަށްދޭން. އެހެންކަމުން، އެނގިވަޑައިގަންނަވާނެ، ދާއިމީ ޙައްލަކީ ވަގުތުކޮޅެއް ނަގާނެ ޙައްލެއް. އެހެންވީމާ، މިވަގުތު އަޅުގަނޑުމެންނަކަށެއް، އަޅުގަނޑުމެން އެންމެ އެދޭގޮތަކަށް ރައްޔިތުންނަކަށް ޚިދްމަތްތަކެއް ފޯރުކޮށެއްނުދެވޭ. މިދިޔަ ދިގު ޒަމާނުގައި، ކަންތައް ހިނގާފައި އޮތްގޮތުގެ ސަބަބުން، ކުއްލިއަކަށް އަޅުގަނޑުމެންނަށް މިކަންކަމަށް ދާއިމީ ޙައްލެއް ގެންނަން ދަތިވެގެން އަޅުގަނޑުމެން މިއުޅެނީ. އެހެންނަމަވެސް، މިދަންނަވާހެން އަޅުގަނޑުމެން ހަމަ ހަމަޖެހުމުގައި ތިބެ، މިކަން އިރާދަކުރެއްވިއްޔާ ކުރަމުން ކުރަމުން ގެންގޮސް، މިކަމަށްވެސް މަޑުއްވަރިއަށްވެސް، ޖަލަށްވެސް، އެހެން ހުރިހާ ކަމަކަށްވެސް ޙައްލުތައް ހޯދަމުން އަޅުގަނޑުމެން ގެންދާނަން.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

ރައީސް އެ ދެއްކެވި ވާހަކަފުޅަށް އަޅުގަނޑުވެސް ކުޑަ އެއްޗެއް އިތުރުކޮށްލާނަން. އެވިދާޅުވިހެން މި ގިނަ ކަންތައްތަކަކީ، މިއީ އިއްޔެއަކު ނޫނީ މިއަދަކު ކުއްލިއަކަށް ދިމާވި ކަންތައްތަކެއް ނޫން. އަޅުގަނޑުމެންނަށް ނޭނގެނީކީ ނޫން، އަޅުގަނޑުމެންގެ ޖަލުތައް ފުރި ބާރުވެފައި ހުރި ކަމެއް. އަޅުގަނޑުމެންނަށް ނޭނގެނީކީ ނޫން، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ގިރާކަމެއް. ނޫނީވިއްޔާ އަޅުގަނޑުމެންގެ މަސައްކަތްތެރިންނާއި މަސައްކަތްދޭ ފަރާތްތަކުގައި މައްސަލަތަކެއް ހުރިކަން. މިކަންކަން އަޅުގަނޑުމެންނަށް ނޭނގިއެއް ނޫން އަޅުގަނޑުމެން މިތިބީކީ މިހާ ދުވަސް ވަންދެން. ނަމަވެސް، މިކަންކަން ގޯސްވަމުން ގޯސްވަމުން ގޯސްވަމުން ގޮސް ބޮއްސުންލާ ހިސާބަށް ގޮސްފައި ކަންކަން މިހިރީ. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިތާ މަސްދުވަހުގެ ތެރޭގައި، މީގެތެރެއިން ވަރަށްގިނަ ކަންތައްތައް ފެންމަތިވާގޮތް މިވީ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، އެކަމުގެ އަޑީގައިވެސް ކޮންމެވެސް ކަހަލަ ޙަރަކާތްތަކެއް ހުރެގެން. އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ، އަޅުގަނޑުމެންގެ ސަރުކާރަކީ އޯގާތެރި، އިންޞާފުވެރި ސަރުކާރަކަށޭ ވާނީ. އެގޮތުން، މި ސަރުކާރު ބަދަލުވުމާ ގުޅިގެން، ކުރިންވެސް ރައީސް އެވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ސަރުކާރަކުންނެއް ވަކިބަޔަކާ ދެކޮޅަށް ކަންތައްތަކެއްކޮށް، ވަކިބަޔަކަށް އަދަބުދޭން، ވަކިބަޔަކަށް އިހާނެތި ގޮތްތަކެއް ހަދާކަށް މަސައްކަތެއް ނުކުރަމު. އޯގާތެރިކޮށް، އިންޞާފުވެރިކޮށް ބަޔަކު ކަންތައް ކުރަން އުޅުމަކީ، އެއީ އެއްވެސް ޙާލެއްގައި، އެއްވެސް ބަޔަކު ދެކިގެން ނުވާނެ، އެބަޔެއްގެ ދެރަކަމުން އެބަޔަކު ކުރާ ކަމެކޭ. އަޅުގަނޑުމެން މިބޭނުންވަނީ، އަޅުގަނޑުމެންގެ ތާރީޚުގައި ކަންތައް ވެފައި ހުރި ގޮތް، އެހެން ގޮތަކަށް ބަދަލުކުރަން.

ކުރިންވެސް ތިޔަބޭފުޅުން ވިދާޅުވެއްޖެ. ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑުމެން ކިހިނެއްހޭ ކަންތައް ކުރާނީ. އަޅުގަނޑުމެންނަށްވެސް ޤާނޫނީގޮތުން ބާރު ލިބިފައި އެބައޮތް ހަމަ ފުރަތަމަ ދުވަހުވެސް ހުރިހާ ބޭފުޅުން މަގާމުން ވަކިކޮށްފައި ގެއަށް ފޮނުވާލުން. އެހެން ނަމަވެސް، އަޅުގަނޑުމެން އެގޮތަކަށް ކަންތަކެއް ނުކުރަމު. އަޅުގަނޑުމެން އެކަންތައް ނުކުރީ، އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ، އަޅުގަނޑުމެންނަކީ އޯގާތެރިކޮށް ކަންތައް ކުރާނެ ބަޔެކޭ. އަނެއްކާ އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށްވެފައި، ކުޑަތަނަކަށްވާތީ، އަޅުގަނޑުމެން އެންމެންނަކީ އެކިގޮތްގޮތުން ލާމެހިފައި ތިބި، ރަށްޓެހިކަމުގެ ގޮތުންނާއި، ދެނެފަރިތަވުމާއި، ޢާއިލީ ގޮތުންނާއި، މިގުޅުންތައް ހުރި މީސްމީހުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އެހާ ހަރުކަށިކޮށް ޢަމަލުކުރަން ބޭނުންނުވަނީ.

އާދެ! މިހެން މިކަންތައް ކުރީމާ، ދެން ސިޔާސީ ގޮތުން މިއަދު ދިވެހިރާއްޖެ މިއޮތީ، އެނގިވަޑައިގަންނަވާނެ ފަދައިން، މުޅިން އާ މަރްޙަލާއެއްގެ ތެރޭގައި. އާ މަޞްރަޙެއްގެ ތެރޭގައި. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އޭގެ ސަބަބުން ޤައުމަށް ހަމަނުޖެހުން ގެނެވޭކަހަލަ ގޮތަކަށް ޙަރަކާތްތައް ހިންގައި، މީހުންގެ ނުރުހުމާއި މިކަހަލަ ކަންތައް ސަރުކާރާ ދޭތެރޭގައި އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ، އަޅުގަނޑަށް ހީވަނީ އެއީކީ ސިޔާސީ ގޮތުން ކުރަންވާވަރުގެ ކަންތަކެއް ނޫންހެން. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންވާނީ، ޞުލްޙަވެރިކަމާއި އެކުވެރިކަމާއެކީ މުޅި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި. ހެޔޮގޮތުގައި ކަންތައް ކުރެވޭތޯ. އެއީ، ސިޔާސީ ގޮތުން އަދި ޑިމޮކްރަސީއެއްގެ މަޤްޞަދަކީ ކޮންމެހެން ވީހާވެސް އަވަހަކަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމެއް ނޫން. ޑިމޮކްރަސީއެއްގެ ބޭނުމަކަށްވާނީ، ރައްޔިތުންނަށް ހެޔޮގޮތުގައި ކަންތައް ކުރެވޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއި އޯގާތެރިކަމާއެކީގައި ކަންތައް ކުރެވޭތޯ ބެލުން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. ހަމަ ހުރިހާ ފަރާތްތަކަކުންވެސް އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވާނަން. އަޅުގަނޑުމެން ހަމަ އޯގާތެރިކަމާއެކީ ހުރިހާ ބޭފުޅުންނާއެކީވެސް ކަންތައް ކުރަމުން ގެންދާނީ. އަދި ސަރުކާރުގެ ވަޒީފާއިން ބައެއް ބޭފުޅުން ވަކިވާން ޖެހުނު ކަމުގައިވިނަމަވެސް، އެވިދާޅުވިފަދައިން، އެބޭފުޅުންނަށް ދޭންޖެހޭ ހަމަ ދޭން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބަޖެޓާއި އެއްޗެހިން އަޅުގަނޑުމެންނަށް ތަންދިންވަރަކުން ވީހާވެސް އޯގާތެރިކޮށް ހުރިހާ ބޭފުޅުންނާ ދޭތެރޭގައިވެސް ކަންތައްކޮށް، އެބޭފުޅުންގެ ވަޒީފާތައް ޙިމާޔަތްކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

މިދުޙަތު އާދަމް – ދި ޓީ.ވީ:

އާދެ! އަޅުގަނޑުގެ އެބައޮތް ދެސުވާލެއް މިފަހަރުވެސް. އެއްސުވާލަކީ ވަރަށްގިނައިން މިހާރު ސަރުކާރުގެ އެކިދާއިރާތަކަށް ގުޅާލުމުން ވިދާޅުވަނީ، މިވެނި މިވެނި މަޝްރޫޢެއް އޮތީ ހުއްޓިފައޭ. އެއީ ސަރުކާރު ބަދަލުވެގެންނޭ. މީގެ އެއް މިސާލެއް އަޅުގަނޑު ދަންނަވާލާނަން. އެއީ، ހުޅުމާލޭގެ ފްލެޓްތަކަކީ، ކުރީގެ ސަރުކާރުން ނޮވެމްބަރުމަހު ޤުރުޢަތުލުމަށް ހަމަޖައްސަވާފައި އޮތް ތަނެއް. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ހަތްހާހަށްވުރެ ގިނަ މީހުން އެންމެ ފައްސަތޭކަ ފްލެޓަށް ކުރިމަތިލާފައިވޭ. މާލޭގެ ގޯތިގެދޮރުގެ ދަތިކަން ތިޔަބޭފުޅުންނަށް މާރަނގަޅަށް އިޙްސާސް ކުރެއްވޭނެ. މިކަން ހަމަޖެހިގެންދާނެ ދުވަހަކަށް ވަރަށްގިނަ ބޭފުޅުން އިންތިޒާރު ކުރައްވާ. މިކަން އޮތީ ކިހާ ހިސާބެއްގައިތޯ؟ މިކަން މިއޮތީ ހުއްޓިފައިތޯ؟ މި ސަރުކާރުގެވެސް ވަޢުދެއް އެއީ، މި ފްލެޓްތައް އަޅައި، ބޯހިޔާވަހިކަން މީހުންނަށް ހޯދައިދިނުން.

އަޅުގަނޑުގެ އަނެއް ސުވާލަކީ، ބައެއް ބޭފުޅުން އެބަ މާނަކުރައްވާ، ނަޝީދު ކެމްޕޭން ކުރެއްވިއިރުގައި، ކަންމަތީ ފިހާރަތަކަށް ދަރާ އޮންނަ އޮތުން، ވަކި މުއްދަތެއްގެ ތެރޭގައި ޚަލާޞްކޮށްދޭނެ ވާހަކަ ވިދާޅުވި ވިދާޅުވުން އެހެން ގޮތަކަށް މާނަ ކުރައްވާ ބޭފުޅުންވެސް އެބަ އުޅުއްވާ. އެހެންވީމާ، އޭގެ އަޞްލު ޙަޤީޤަތް މިކަން ގުޅިފައި އޮތީ ކޮންގޮތަކަށްތޯ އަޅުގަނޑުމެންނަށް ސާފުކޮށްލަދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ!

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

އާދެ! ހުޅުމާލޭގެ އާ ފްލެޓްތަކަށް ޤުރުޢަތުލުމުގެ ވާހަކަ އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު ހަމަ ދާދިފަހުން މީގެ ދެތިން ދުވަހެއްގެ ކުރިން، އެޗް.ޑީ.ސީ.ގެ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރިން. ބައްދަލުކުރިއިރުގައި އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތަކީ، ގާތްގަނޑަކަށް ތޭވީސްހާސް މީހުން ފޯމް ނަގައި، އަށްހާހެއްހާ މީހުން އެބައޮތް ފައްސަތޭކަ ފްލެޓަށް އެދިފައި. ހަތަރުސަތޭކަ އަށްޑިހަ ކޮންމެވެސް ވަރެއް ފްލެޓް ކަމަށް މުޅިން ސްޕެސިފިކްކޮށް ދަންނަވަންޏާ. ދެން އެބޭފުޅުން ވިދާޅުވެފައި އޮތްގޮތުގައި، ހަމަ ދާދި އަވަހަށް އެ ޤުރުޢަތުލުމުގެ މަސައްކަތް ކުރިއަށްދާނެ. އެކަމަކީ ސަރުކާރުގެ ފަރާތުން ހުއްޓިފައި، ހިފެހެއްޓިފައި އޮތް ކަމެއް ނޫން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެން ބޯހިޔާވަހިކަމުގެ ވަޢުދުގެ މަސައްކަތް ކުރިއަށް އެބަދެއޭ ވަރަށް ބާރަށް. އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި އެކަންޏެއް ނޫން އަޅުގަނޑުމެން ފްލެޓް ދޫކުރާ ކަމަށް އިޢްލާނު ކުރާނީ. މާލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ، ގެދޮރުގެ ދަތިކަން ވަރަށްބޮޑު ގާތްގަނޑަކަށް 16 ވަރަކަށް ރަށް ރާއްޖޭގައި އެބައޮތް. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އެއިން ކޮންމެ ރަށެއްގައިވެސް ފްލެޓް ނުވަތަ ގޭގެ އަޅާފައި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އެކަންކަން ކުރިއަށް ގެންދިޔުން. މިވަގުތު އެކަމުގެ މަސައްކަތް ހުރި ހިސާބަކީ، ބައިވަރު ފަރާތްތަކުން އެބޭފުޅުންގެ ޝައުޤުވެރިކަން ހުރިކަން އަޅުގަނޑުމެންނަށް އެބަހާމަކުރޭ. ތިމަންނާމެންނަށް ދިހަހާސް ފްލެޓް އަޅައިދެވިދާނެއޭ، ފަންސާސް އަހަރުން ފައިސާ ދައްކާ ގޮތަށް. ތިމަންނާމެންނަށް ހަތްހާސް ފްލެޓް، ފަސްހާސް ފްލެޓް އަޅައިދެވިދާނެއޭ މިތައް ދުވަހުން ފައިސާ ދައްކާ ގޮތަށް. އަޅުގަނޑުމެންނަށް ޖެހެނީ ޓެންޑަރ ކުރަން. ބަޔަކު މީހުން އަޅުގަނޑުމެން ކައިރިއަށް އައިސް އަދި ޕްރޮޕޯސަލެއް ދިނަސްވެސް، އެ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ކުއްލިއަކަށް ބަލައިގަނެވިފައި، އެގޮތަކަށް ކުރިއަކަށް ނުދެވޭނެ. އެއީ ދެފުށް ފެންނަ ރަނގަޅު ރިވެތި ޓެންޑަރުގެ އުޞޫލަކަށެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ ހައުސިންގ ޕްރޮޖެކްޓެއް ޓެންޑަރ ކުރާނީ. ދެން އެއަށް އިޖާބަދޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކާ އެކީގައި އަޅުގަނޑުމެން އެ މަސައްކަތް ކުރާނީ. އެހެންވީމާ، ގެދޮރުގެ ކަންތައް ހަމަ ބާރަށް ކުރިއަށް ދާނީ. އެކަމަށް އިރާދަކުރެއްވިއްޔާ، އެއްވެސް ހުއްޓުމެއް ނޯންނާނެ. ދެން ހުޅުމާލޭގައި ވަޙީދު އެވިދާޅުވީ، އެ ފައްސަތޭކަ ފްލެޓްގެ ވާހަކަ. ދެން އަދި ހުޅުމާލޭގެ ފައްސަތޭކަ ފްލެޓް އިރާދަކުރައްވައިގެން އެއޮތީ ރަނގަޅަށް. އެހެންނަމަވެސް، ވަރަށްގިނަ މަޝްރޫޢު ކުރީ ސަރުކާރުން ފަށްޓަވާފައި އެބަހުރި، އެކަމާ ގުޅޭ ކަރުދާސްކޮޅެއް ނޫން އެއްޗެއް ނެތްގޮތަށް. ރާއްޖޭގެ ރައްޔިތުންނަށް މިކަން ވަރަށް ސާފުވާނެ. މިއަންނަ އަހަރު ތިޔަކަން އެބަހަމަޖެހެއޭ. މިވެނި ތާރީޚެއްގައި ބަނދަރު ހަދައިދޭނަމޭ. މިވެނި ތާރީޚެއްގައި މިވެނި ކަމެއް ކޮށްދޭނަމޭ. މިހެން މީގެކުރީ ސަރުކާރުން ވިދާޅުވެފައި ހުރި ކަންތައްތައް މަދެއް ނުވާނެ. އެބޭފުޅުން އެއްޗެއްގައި ސޮއިވެސް ކުރައްވަފާނެ، ހަމަ އެއާ ގުޅޭ އެހެން އެއްވެސް ކަމެއް ނެތީސް. ދެން އަޅުގަނޑުމެން އެ ސޮޔަށް އެބަ އިޙްތިރާމް ކުރަންޖެހޭ. އެހެންނަމަވެސް، އެ އިޙްތިރާމް ކުރުމަށްޓަކައި ދެން ފަހަތް އެކީގައި އެބަ ހަމަޖައްސަންޖެހޭ. ޢާންމު ގޮތެއްގައި ބަޔަކު މީހުން ސޮއި ކުރާނީ، އަދި ޚާއްޞަކޮށް ސަރުކާރަކުން، އެކަމަކާ ގުޅޭ ކަންކަން، ކޮންމެވެސް މިންވަރަކަށް ހަމަޖެހުނީމާ. ދެން އެއްގޮތަކަށް ހަމަނުޖައްސައި ސޮއިކުރައްވާފައި ހުރި ކަންކަމުގައި އަޅުގަނޑުމެން ވަގުތުކޮޅެއް އެބަ ނަގާ، ހަމައަކަށް އެކަންކަން ގެނައުމަށް.

ކަންމަތީ ސްޓޯރު ދަރަނި. މިކަމާ ގުޅޭގޮތުން ފުރަތަމަ ދަންނަވަން އޮތް ވާހަކައަކީ، ޕެންޝަނާއި ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހުމާ، މިދެކަންތައް އެކުވީމާ، އަދި ގެދޮރަށް ކުރާ ޚަރަދު އެއީ އާމްދަނީގެ ވިހި ޕަސެންޓަށްވުރެ ބޮޑުކޮށް ކުރަންނުޖެހޭ ކަމަކަށްވީމާ، ޢާންމު ރައްޔިތުންގެ އަތުގައި ހުންނަ ފައިސާ އިތުރުވާނެ. އިރާދަކުރެއްވިއްޔާ، ކަންމަތީ ސްޓޯރަށް ނުދަރާ އުޅެވޭނެ ގޮތެއް މެދުވެރިވެގެންދާނެ.

ދެވަނައަށް ޙަޤީޤަތުގައި މިދުޙަތު ދަންނަވަން އޮތް ވާހަކައަކީ، ދެމަރްޙަލާއެއްގައި، ތިން މަރްޙަލާއެއްގައި، މިދިޔަ ރިޔާސީ އިންތިޚާބު ހިނގި. ޑިމޮކްރަސީއަށް އަހުލުވެރިވާން ބޭފުޅުން އެބަޖެހިވަޑައިގަންނަވާ އިނގޭތޯ. ކޮން މަރްޙަލާއެއްގައި، ކާކު ކޮންވާހަކައެއްތޯ ދެއްކީ. ކޮން ވާހަކައަކަށްތޯ އިޙްތިރާމް ކުރަންޖެހެނީ. އޮނަރ ކުރަންޖެހެނީ. އެއީ އަޅުގަނޑުމެން ބަލައިލަންޖެހޭ އެއްޗެއް. ފުރަތަމަ ދިޔައީ އެމް.ޑީ.ޕީ.ގެ ޕްރައިމަރީ. އަޅުގަނޑު ކަންމަތީ ސްޓޯރުގެ ދަރަނީގެ ވާހަކަ ދެއްކީ އެމް.ޑީ.ޕީ.ގެ ޕްރައިމަރީގައި. އެމް.ޑީ.ޕީ.ގެ މެންބަރުންގެ ގާތުގައި އިނގޭތޯ. އެ އިންތިޚާބު އަޅުގަނޑަށް ކާމިޔާބުވެގެން، ދެން އަޅުގަނޑު ދިޔައީ ޕާޓީގެ ސިޔާސަތު ހިފައިގެން. ފުރަތަމަ މިދިޔައީ، އަޅުގަނޑުގެ ސިޔާސަތެއް ހިފައިގެން. އެއީ، ޕާޓީގެ ތެރޭގައި. އަޅުގަނޑުގެ ސިޔާސަތުތަކުގެ ތެރޭގައި، އަޅުގަނޑު އެދިހުރި ކަމެއް އެއީ، މި ކަންމަތީ ސްޓޯރަށް ދަރާފައި އޮތް ދަރަނި ލުއިކޮށްދެވޭތޯ މަސައްކަތް ކުރުން. ދެން ޕާޓީގެ ކެންޑިޑޭޓަކަށް ދެން އަޅުގަނޑުވީ. ވީމާ، ދެން އަޅުގަނޑު ހިފައިގެން ނުކުންނަން މިޖެހެނީ، ޕާޓީގެ ސިޔާސަތު. ޕާޓީގެ ސިޔާސަތުގައި، ކަންމަތީ ސްޓޯރަށް މި ދަރަނި އެގޮތަށް ކަނޑާކަށް މުޅި ސިޔާސަތު އެކުލަވާލިއިރުގައި، އަޅުގަނޑު ކުރީގައި އެ ނިންމި ގޮތަކަށެއް ނޫން، ޕާޓީގެ ޓެކްނިކަލް ކޮމިޓީތަކުން ނިންމީ، އެ ދަރަނި ލުއިކޮށްދިނުން. ޕާޓީގެ ޓެކްނިކަލް ކޮމިޓީތަކުން ނިންމީ، އެ ދަރަނި ލުއިކޮށްދޭން އެންމެ ބުއްދިވެރި ގޮތަކަށްވާނީ، ޢާންމު ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުމާއި، މިހާރު ހުރި ބައެއް ޚަރަދު ކުޑަކޮށްދިނުމޭ.

އެހެންވީމާ، ޕާޓީގެ ސިޔާސަތާ އެއްގޮތަށް ފުރަތަމަ ބުރަށް އަޅުގަނޑު ކެމްޕޭން ކުރަމުން ގެންދިޔައީވެސް. އަދި ދެވަނަ ބުރަށް ކެމްޕޭން ކުރަމުން ގެންދިޔައީވެސް. އެނގިވަޑައިގަންނަވާނެ، މިދެބުރުގައިވެސް ކަންމަތީ ސްޓޯރުގެ ވާހަކައެއް ދެކެވިފައެއް ނޯންނާނެ. މި ފަސް ވަޢުދުގެ ވާހަކަ ދެކެވެމުން އައީ. ކަންމަތީ ސްޓޯރުގެ ވާހަކަ ދެކެވުނީ، މިދަންނަވާހެން ޕްރައިމަރީގައި. އަޅުގަނޑުގެ އެދުމެއް އެއީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތު އޮތީ، އެހެން ގޮތަކަށް އެ އެދުން ފުއްދައިދިނުމަށް. ރައްޔިތުންގެ އަތަށް އެ ދަރަނި އަދާކުރުމަށް ރުފިޔާދީގެން ހަމަ އިސްޓޯރަށް ލާރިދޭ ގޮތަކަށެއް ނޫން. ރައްޔިތުންނަށް ތަކެތީގެ ޚަރަދު ކުޑަކޮށްދީގެންނާއި، އާމްދަނީ އިތުރުކޮށްދީގެން ނުދަރާ ހުންނާނެ ގޮތެއް ހޯދުން، އަޅުގަނޑުމެންގެ އެ އަމާޒަކަށްވެފައި މިއޮތީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. އެ އެކީއެކައްޗަކަށް މިހާރު ސާފުވެވަޑައިގަންނަވާނެ ކަމަށް.

ޢަލީ ސަވާދު – ޖަޒީރާ ޑެއިލީ:

ވިދާޅުވެއްޖެ، ޖަލުން ކުށްވެރިން ދޫކުރި ކުރުމުގައި ފުލުހުންނާ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވި، އެބޭފުޅުންގެވެސް އެއްބާރުލުން ލިބޭނެ ކަމަށް. އެކަމަކު ފުލުހުން ވިދާޅުވީ އެބޭފުޅުންނާ މަޝްވަރާ ކޮށްފައިނުވާ ކަމަށް. ވިދާޅުވެދެއްވަފާނަންތޯ ސަރުކާރުން ފުލުހުންނާ މަޝްވަރާކުރީ، ޖަލުން ކުށްވެރިން ދޫކުރެއްވިފަހުންތޯ؟ މިދެންނެވީ ޢާއިލާގެ ބަންދަށް ދޫކޮށްލެއްވިފަހުންތޯ؟ އަދި އެދޫކުރި ދޫކުރުމުގައި ކިހާވަރެއްގެ ޔަޤީންކަމެއް ދެއްވަފާނަންތޯ ބޮޑެތި ކުށްތައް ކޮށްފައި ތިބި މީހުން، ބޮޑެތި ޑްރަގް ޑީލަރުން، މީހުން މަރާފައި ތިބި މީހުން، ނުވަތަ ކުޑަކުދިންނާ ބެހި ކަންތައް ކޮށްފައި ތިބި މީހުން ނުހިމެނޭނެ ކަމަށް، ކިހާވަރެއްގެ ޔަޤީންކަމެއް ދެއްވަފާނަންތޯ؟

ދެވަނަ ސުވާލެއް. މަނިކުފާނުގެ ކެމްޕޭނުގެ އެންމެފަހު ދުވަސްތަކުގައި އެބައޮތް ވިދާޅުވެފައި، ތިންސަތޭކަ މިލިއަން ޑޮލަރެއްގެ ވާހަކައެއް. އަޅުގަނޑު އެދުވަހުވެސް ސުވާލުކުރިން މިފައިސާ ނުލިބިއްޖިއްޔާމު ޕްލޭން ބީއަކީ ކޮބައިތޯއޭ. އެދުވަހު ވިދާޅުވި ޕްލޭން ބީއެއް ނެތް ކަމަށް މިފައިސާ ލިބޭނެ ކަމަށް. މިފައިސާ ލިބިއްޖެތޯ؟ އަދި ކިހިނެއްތޯ އެދުވަހު ވިދާޅުވި، ދައުލަތުގެ ބައެއް މުދާތައް ނީލަން ކިޔައިގެންވެސް ފައިސާ ހޯއްދަވާނެ ކަމަށް. ވިދާޅުވެދެއްވަފާނަންތޯ އޭގެ ތަފްޞީލެއް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ފުރަތަމަ ސުވާލަށް ޖަވާބު އަރުވާނަން ފުރަތަމަ އިނގޭތޯ. މޯލްޑިވްސް ޕޮލީސް ސަރވިސްއަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގާ އޮފީހެއް. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމެއް ކުރަން ނިންމީމާ، މޯލްޑިވްސް ޕޮލީސް ސަރވިސްއިން އެކަމެއް ކޮށްދެއްވާނެ. އެއަކު ދެގޮތެއް އޮންނަ ކަމެއް ނޫން އެއީކީއެއް. އެބޭފުޅުން އަމިއްލައަށް ކޮންޓްރެކްޓަށް ކަންތައްތައް ކުރައްވާ ބޭފުޅުންނެއް ނޫން އެއީކީއެއް. އެއީ ދިވެހިރާއްޖޭގެ މުއައްސަސާއެއް. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުގައި އޮންނަ ކަމެއް. ކޮމިޝަނަރ އޮފް ޕޮލީސްއަކީ އަޅުގަނޑު މަގާމުދީފައި ހުންނެވި ބޭފުޅެއް. އެހެންވީމާ، ކޮމިޝަނަރ އޮފް ޕޮލީސްއާ އަޅުގަނޑު އަބަދުވެސް ވާހަކަ ދައްކަން. އަޅުގަނޑަށް އިތުބާރު ކުރެވޭ ބޭފުޅަކާ އަޅުގަނޑު ކޮމިޝަނަރ އޮފް ޕޮލީސްގެ މަގާމު އަރުވާފައި އެހުރީ. އެހެންވީމާ، އަޅުގަނޑަކަށް އެކަމަކަށް ޝައްކެއްނެތް. އަދި އަބަދުވެސް އަޅުގަނޑު ދަނީ އެބޭފުޅާއާ ވާހަކަ ދައްކަމުން. އެބޭފުޅާ އަބަދުވެސް އަޅުގަނޑަށް ޔަޤީންކޮށް އަރުވަނީ، އެބޭފުޅުންނަށް ކަންކަން ޙައްލު ކުރެވޭނެ އުޞޫލުތަކަށް ގެނެސް، ޙައްލު ކުރެވޭނެ ކަމަށް. މިކުޑަ ވަގުތުކޮޅުގެ ތެރޭގައި، އަދި ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާ، އަޅުގަނޑުމެން އެންމެ އެދޭ ގޮތަށް ހިނގަން މިފެށީ އަދި ނޮވެމްބަރު 11 އިން ފެށިގެނެއްވެސް ނޫން. އަދި އޭގެވެސް ތަންކޮޅެއް ފަހުން އަޅުގަނޑުމެންނަށް، މި ސަރުކާރަށް ކޮމިޝަނަރ އޮފް ޕޮލީސްއެއް ޢައްޔަން ކުރެވުނީ. އެހެންވީމާ، އެދިޔަ ވަގުތުކޮޅެއްދިޔަ. އަޅުގަނޑުމެންގެ ސަރުކާރުން ކޮމިޝަނަރ އޮފް ޕޮލީސްއެއް ޢައްޔަން ނުކުރެވި.

މިހާރު އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑު ފުރިހަމަ އިތުބާރު ފުލުހުންނަށް އެބައޮތޭ. އަދި އަޅުގަނޑު ފުލުހުންނާ ވަރަށް ގާތުން މަސައްކަތް ކުރާނީ. އަޅުގަނޑު ފުލުސް އޮފީހަށްވެސް ދާނަން. އަދި އަޅުގަނޑު އެތަނާބެހޭ އެހެން ކަންކަންވެސް ބަލަމުން ގެންދާނަން. އަޅުގަނޑު އެންމެފަހުން ފުލުސް އޮފީހަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު. ދެން އަޅުގަނޑު ފިކުރުކޮށް ހުރީ، މިއަދުވެސް ފުލުސް އޮފީހަށް ގޮސްލާން ކަމަށް. އެހެން ނަމަވެސް، އަދި މިއަދު އަޅުގަނޑަކަށް ހިއެއްނުވޭ، ވަގުތު ހުރިގޮތަކުން ދެނެއް ފުލުސް އޮފީހަށް ދެވޭނެކަމަށް. ތިޔަބޭފުޅުން އަޅުގަނޑުމެން އެގާރަގަޑި ކޮންމެވެސް އެއްޗެއްގައި ދޫކޮށްލެއްވިނަމަ ދެވުނީސް. އެހެންނަމަވެސް، އަޅުގަނޑުވެސް ތިޔަބޭފުޅުންނާ ބައްދަލުނުވާލެއް ގިނަކަމާ އެކީގައި މިވަގުތުކޮޅު މިހެން ހޭދަކުރީ.

ތިންސަތޭކަ މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ނުލިބޭނަމަ، މިހާރު މިދިޔަ މަހު މުސާރަވެސް ތިޔަބޭފުޅުންނަށް ލިބިވަޑައެއްނުގަތީސް. ނުލިބޭނަމަ، އިންޖީނުގެއަކު ތެލެއްވެސް ނެތުނީސް. ނުލިބޭނަމަ، ޢާންމުކޮށް މިދައުލަތެއް ނުހިނގީސް. މިހާރު ސީދާ ރުފިޔާގެ ޑޮލަރުގެ ގޮތުގައި، އަޅުގަނޑުމެންނަށް މިހާރު ޕްލެޖްވެފައި އެބަހުރި ވަރަށް ބައިވަރު ޢަދަދު. ދެން މިއަދު އަޅުގަނޑުމެން ބަޖެޓުގައިވެސް މި ހިމަނަނީ، ސޮއެއް ކުރެވުނީމާ. އެހެންވީމާ، އަނގައިންވެސް ބުނަން އަޅުގަނޑުމެން އެދޭނީ، ކޮންމެވެސް ކަހަލަ ސޮޔަކާ ހަމައަށް ދިޔައީމާ.

އެހެންނަމަވެސް، ހަމަ އަޅުގަނޑު އަނެއްކާވެސް ދަންނަވަން ބޭނުންވަނީ، އެއްވެސް މައްސަލައެއް ނެތޭ. ރުފިޔާ، ޑޮލަރު އަޅުގަނޑުމެންނަށް ލިބޭނެއޭ. އަދި ލިބެޔޭ. ޑޮކްޓަރ ޝަހީދު މިއަދުވެސްވީ ޖަޕާނުގައި. އަދި އިނގިރޭސިވިލާތުން އިހަކަށްދުވަހު ޝަހީދު ވަޑައިގެންނެވީ. އަޅުގަނޑުމެން ހުރިހާ ތަނަކާ ގުޅަމުން މިދަނީ. އަޅުގަނޑު އެބަދަން މިހަފްތާގެ ތެރޭގައި، މިމަހުގެ ތެރޭގައި އިންޑިޔާއަށް. އަދި ދިޔައީމާ އެބޭފުޅުންވެސް އަޅުގަނޑުމެންނަށް ސަތޭކަ މިލިއަން ޑޮލަރު އެބަ ދެއްވާ. ޗައިނާ ބޭފުޅުންވެސް، ޗައިނާ ސަރުކާރުންވެސް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅު ޢަދަދެއްގެ ޑޮލަރު އެބަ ދެއްވާ. އަދި އިނގިރޭސިންނާއި، ޔޫރަޕިއަން ޔޫނިއަނުންވެސް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅަށް އެބަދެއްވާ. މީގެކުރީގައި ދިވެހި ސަރުކާރަށް ނުދެއްވަންވެގެން ހިފަހައްޓަވާފައި ހުރި ކިތަންމެ މަޝްރޫޢެއް ދޫކޮށްލައްވައިފި. ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު ޢަދަދަކަށް، ވަރަށްކުޑަ އިންޓްރެސްޓްގައި މިހާރު ދެއްވަން ނިންމަވައިފި.

ދެން ޙަޤީޤަތުގައި މިއީކީ އަޅުގަނޑު އެހާ އުފާވާ ކަމެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ، މި ރާއްޖޭގައި އުފެދޭ އެއްޗަކުން އަޅުގަނޑުމެންނަށް އުޅެވޭގޮތްވުން. އެކަމަކު މިހާރު މިހިނގާފައި ހުރިހާ ކަންތައްތައް މިހެން ހިނގާފައި ހުރީތީވެ، އަޅުގަނޑުމެން އެބަޖެހޭ މިވަގުތު ކޮންމެވެސް އިތުރު އެއްޗެއް ބޭނުންކުރަން. އަޅުގަނޑުމެން މި ސަރުކާރުން އެމް.އެމް.އޭ އަށް ދަރާ އެބައޮތް ވަރަށްބޮޑު ޢަދަދެއް. އެ ދަރަނި ސަރުކާރުން އެމް.އެމް.އޭ އަށް އަދާނުކުރާ ކަމަށްވަނީވިއްޔާ، ބޭންކްތަކުގައިވެސް ތާށި ހުންނާނެ. އަދި އެހެން ތަންތަނުގައިވެސް ތާށި ހުންނާނެ. އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވިއިރުގައި، ދުވާލެއްގެ މައްޗަށް ސަތާރަ މިލިއަން ރުފިޔާ، ސަރުކާރުން މުސާރައާ ނުލައި އެކިއެކި ތަންތަނަށް އެބަ ދެމުންގެންދޭ. މި ޗެކުތައް ހައްދަވަމުން އޭރު ގެންދިޔައީ، ސަރުކާރުގެ އެތަން މިތަނުން. އެކިއެކި މިނިސްޓްރީތަކުން. ދެން ހަމަ އަޅުގަނޑު މިދެކެނީ އެއީ އެކަށީގެންވާ ކޮންޓްރެކްޓްތަކާއި، ގަވާއިދުތަކާއި، ޤާނޫނުތަކާ އެއްގޮތަށޭ މި ފައިސާ ދޫކުރަމުންދާނީ. އެހެންނަމަވެސް، އަޅުގަނޑު ޢަލީ ހާޝިމާ މަޝްވަރާ ކުރުމަށްފަހު ނިންމީ، އަޅުގަނޑު އެދެނީ، ޢަލީ ހާޝިމް ހުރިހާ ޗެކް ދޫކުރައްވާށޭ. ޓްރެޜަރީން އެކަނި އިހަށް ޗެކް ދޫކުރައްވާށޭ. އަޅުގަނޑު ބޭނުންވެގެން މިއުޅެނީ، ހަމަ ސަރުކާރުގެ ފައިސާ ހިފަހައްޓާލެވޭނެ ގޮތެއް، އޭގެ ހެޔޮގޮތުގައި ޚަރަދު ކުރެވޭނެ ގޮތެއް ހޯދާށޭ. އެހެންވީމާ، ޢަލީ ހާޝިމްގެ އަތްދަށަށް ތިޔަބައި އިހަށް މިވަގުތު ގެންނަވާށޭ.

އަޅުގަނޑުމެން އެހެން ހެދީ. އެހެން ހެދީމާ އެދުވަހުއްސުރެ ފެށިގެން މިއޮތީ ތަކެތި ނުވިއްކާ. އަޅުގަނޑުމެން ސަރުކާރުގެ ހަރު މުދާ ވިއްކަން ނިންމާފައި އޮތީ. އަދިވެސް އަޅުގަނޑުމެން ޕްރައިވަޓައިޒް ކުރަން ހުރި އެއްޗެހި ޕްރައިވަޓައިޒް ކުރާނީ. ވިއްކާލަން ހުރި އެއްޗެހި ވިއްކާލާނީ. އެހެންނަމަވެސް، މިބަދަލު ގެނައީމާ، އަޅުގަނޑުމެންނަށް ވަރަށްބޮޑު ލުޔެއް ލިބިގެންދިޔައީ. އެއްކަލަ ޙަޤީޤަތުގައި ހަމަ ތިންސަތޭކަ މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް މި ގާތްގަނޑަކަށް ލިބުނީއޭ ބުނެވޭކަހަލަ ހަމައަކަށް ކަންކަން އެޅިގެންދިޔައީ، ޢަލީ ހާޝިމްގެ އަތްދަށަށް ޗެކް ފޮތްތައް ގެނެވުނީމާ.

އެހެންވީމާ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެގެން، މިގެނައި މާލީ ބަދަލުގެ ތެރޭގައި، އަޅުގަނޑުމެން މިބޭނުންވާ ކަންކަން ވެގެން ހިނގައްޖެ. އަޅުގަނޑު އޭރު ދެންނެވިން. އެއްމަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ތިންސަތޭކަ މިލިއަން ޑޮލަރު ލިބިގެންނޭ، އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް ދެވޭނީ. އިންޑިޔާ ސަރުކާރުންނާއި އަދި ޔޫރަޕްގެ ބައެއް ސަރުކާރުން އަޅުގަނޑަށް ޔަޤީންކަން ދެއްވާފައި އޮތީ، ކްރެޑިޓް ލައިން ހުޅުވިފައޭ އޮންނާނީ. ލާރި ރުފިޔާ ނެތިގެން މި ސަރުކާރަށް ގެއްލުމެއް ނުވާނެއޭ. ފައިސާގެ މައްސަލައެއްގައި އަޅުގަނޑުމެންނަށް ގެއްލުވެގެނެއް ނުދާނެއޭ. ދެން އެ ޔަޤީންކަމުގައި އަޅުގަނޑު މަސައްކަތް ކުރަމުން އައީ. އަދި މާލިއްޔަތާ ގުޅޭ ބައެއް ކަންކަން ބަދަލުކޮށްލީމާ، އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވެސް ވެއްޖެ. އެހެންވީމާ، ރުފިޔާއާ ގުޅޭގޮތަކުން ކަންބޮޑުވުމެއްވެސް ނެތް. އިރާދަކުރެއްވިއްޔާ، ހަމަ އެޢަދަދަށްވުރެ މާގިނަ ޢަދަދުގެ ފައިސާ، އަޅުގަނޑުމެންނަށް ހިލޭ އެހީގެ ގޮތުގައާއި ލޯނު އެހީގެ ގޮތުގައިވެސް ލިބެމުންދާނެ.

ޢަލީ ސަވާދު – ޖަޒީރާ ޑެއިލީ:

ބޮޑެތި ކުށްތައް ކޮށްފައި ހުރި މީހަކު ހުންނާނެތޯ؟ އެ ސުވާލުގެ ޖަވާބު ނުލިބޭތީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނުހުންނާނެ. ހޯމްއެފެއާޒްގައި އަޅުގަނޑު އެދުނިން. ކޮންމެ މީހަކާ ވަކިވަކިން ވާހަކަ ދައްކައްޗޭ. 119 މީހުންގެ ތެރެއިން ކޮންމެ މީހަކާ ވަކިވަކިން ވާހަކަ ދައްކައްޗޭ. ދައްކަވާފައި ވަކިވަކިން ބައްލަވައްޗޭ، އެއީ ކާކުތޯ، އެއީ މީނަތޯ، އެއީ އޭނަތޯ. ދެން އަޅުގަނޑަށް އެނގިގެނެއް، ދެން އަޅުގަނޑެއް ނޫން އިންޓަރވިޔު ކުރީކީއެއް. އަދި އެކަން އެހެން އޮތް ނަމަވެސް، އަޅުގަނޑު އިތުބާރު ކުރާ ބޭފުޅުން އިންޓަރވިޔު ކުރީ. އަދި އަޅުގަނޑު ވަޒީފާދީފައި ތިއްބެވި ސިޔާސީ ބޭފުޅުން، މިކަންކަމުގައި އިންޓަރވިޔުކުރައްވާވެސް ހެއްދެވީ. ވަކިވަކިން ބޭފުޅުންނާ އިންޓަރވިޔު ކުރިން. ވަކިވަކިން އަޅުގަނޑު ބެލިން. ބެލިއިރުގައި އަޅުގަނޑުމެންނަށް އެއީ އެ 119 މީހުން. އޭގެ ދެމީހުން އަނބުރާ ގެންދިޔައީ. އެއީވެސް އެކަކު ރާބޮއިގެން. އަނެކަކު އަޅުގަނޑަކަށް ނޭނގެ ކިހިނެއްވެގެން ކަމެއް. ދޯންޏަކަށް އަރައިގެން. އަނެކަކު އަނެއް ކަމެއް ކޮށްގެން. ދެން 119 މީހުންގެ ތެރެއިން ދެމީހުން ރީލަކްސް ނުވަތަ އަނބުރާ ފޮނުވަން ޖެހުން އެއީ، ވަރަށްބޮޑު ކުރިއެރުމެއް.

ދެން އަޅުގަނޑު އިއްޔެގައިވެސް މިދަންނަވާހެން ފުލުސް އޮފީހުން އަޅުގަނޑު ބަލައިލިން. ކޮމިޝަނަރ ވިދާޅުވި. ތިމަންނާމެން ބުރެއް ޖަހަމޭ. ދެން ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު ކޮމިޝަނަރަށްވެސް އެހާ ފަސޭހައެއް ނޫނޭ ބައްލަވާކަށް. ދެން އަޅުގަނޑު އޭގެއިތުރަށް، މިހާރު މާލޭ މުނިސިޕަލްޓީގެ ރައީސް އަރިހުގައިވެސް އެދިއްޖައިން. މި 119 މީހުންގެ ކަންތަކުގައި.

އަޅުގަނޑު މިދެކެނީ، އެއީ އަޅުގަނޑުމެންގެ 119 ކުދިންނޭ. އަޅުގަނޑު ބަލަހައްޓާނަމޭ. ބަލަހައްޓަން ބޭނުމޭ. އެކުދިންނަށް އެއޮތީ ފުރްޞަތެއް ދީފައޭ. އެފުރްޞަތު ނަގާލައިފިއްޔާ އަޅުގަނޑުވެސް ރުޅި އަންނާނެއޭ. ދެން އެކުދިންނަކަށްވެސް އަޅުގަނޑެއްވެސް އެހެންނެއް ބަލާކަށް (ބޭނުމެއްނޫން). އަޅުގަނޑު ބޭނުމީ މިކުދިން ރަނގަޅު ކުރަން. އަޅުގަނޑު ވަރަށް ބޮޑަށް ބަލާފައި، އަޅުގަނޑަށް ފެނުނު، އަޅުގަނޑު އިތުބާރުކުރާ ބޭފުޅުން ބައްލަވާފައި، އަޅުގަނޑުމެންނަށް ފެނުނު 119 ކުއްޖަކު ޕެރޯލްގެ އިންޓަރވިޔުތަކަށް، އެހެން ނޫނިއްޔާ ޕެރޯލްއާ ޙަވާލު ކުރުމަށް އަޅުގަނޑުމެން ގެނައީ.

ދެން އޭގައި އޮތީ އެވަގުތު ދެކަމެއް އިނގޭތޯ. އެވަގުތު ހަމަ އަޅުގަނޑުމެންނަށް މިކުދިންނާ އަޅާނުލައި އެހެންނެއް ދިގުދަންމާ ދިގުދަންމާ ދިގުދަންމާއެއް ނުބޭތިއްބޭނެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ، އެކުދިންނާ އަޅާލުން. އަދި ހަމަ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތެއް އެއީ މާލޭގެ އަމަން. އަޅުގަނޑުމެންނަކީ ކުޑައިރުއްސުރެ ފެށިގެން ވަރަށް އުފަލުގައި މިރަށުގައި ދުވެ، ގަސްގަހަށް އަރާ، ބަންދު ދުއްވާ ބޮޑެތިވި މީހުން. އެހެންވީމާ، އަޅުގަނޑުމެންވެސް މާލޭގެ މާޙައުލު ބޭނުން. އަޅުގަނޑުމެންނެއް ނޭދޭނެ، މާލޭގެ މާޙައުލު ގެއްލިގެންދާކަށް. މާރާމާރީއާއި ބޮޑެތި މާރާމާރީއާއި މިކަންކަމަކީ މިއަދު ހަމަ ގޮސް އޭނައާއި މީނައާއި މީނައާއި މީނައާ ހައްޔަރުކޮށްފައި އަޅުގަނޑުމެންނަށް ނިންމެންހުރި ކަންކަމެއް ނޫން.

އަޅުގަނޑަށް މިހާރު އެބަހުރި ގޭންގް ވައިލެންސާ ގުޅޭގޮތުން ވަރަށްގިނަ ފިކުރާއި ޚިޔާލާއި ޕްރޮގްރާމާއި ޕްރޮޖެކްޓް. އެކަންކަން ޙައްލު ކުރާނެގޮތާއި، އެކަންކަމާ އަޅުގަނޑުމެން އަޅަންވީ ފިޔަވަޅުތަކާ، އެކަންކަން އަޅުގަނޑުމެންނަށް އެބަ ސާފުވޭ. ދެން އެމީހުންނާވެސް އަޅުގަނޑުމެން ވާހަކަ ދައްކާނަން. އަދި އެމީހުންނާ ދޭތެރޭގައިވެސް އަޅުގަނޑުމެން އެކަންކަން، މާރާމާރީގެ ކަންކަން އެހެންދާކަށް، ދޫވެގެންދާކަށް އަޅުގަނޑުމެންނަކަށެއް ދޫކޮށެއް ނުލެވޭނެ. ދޫކޮށްލާކަށް ޤަޞްދެއްވެސް ނުކުރަން. އިރާދަކުރެއްވިއްޔާ، މިމާލެއަކީ އަދި މި ރާއްޖެއަކީ ހަމަ އަނެއް ދިވެހިރާއްޖެއަށް ވެގެންދާކަށް ގިނަދުވަހެއް ނުނަގާނެ. އަޅުގަނޑުމެން ހަމަ މި އުންމީދުކުރާ އުފާ ފާގަތިކަން، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން އަޅުގަނޑުމެންގެ ބޭނުމަކީ. މިއަދުވެސް ތިޔަބޭފުޅުން ބައްލަވައިފިއްޔާ، މުދަލާއި ޚިދްމަތުގެ އަގު އަޅުގަނޑުމެން ޙަވާލުވިއިރަށްވުރެ އެތައް ތަނަކުން ހެޔޮވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކާމިޔާބު ފަސް އަހަރު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނަން.

ލަޠީފް، އަޅުގަނޑުމެން މިހާރު މި ނިންމާލަން މިޖެހެނީ. އަޅުގަނޑަކަށް ދެނެއް ނެތް (ގެންދެވޭކަށް). 12 ޖަހައިފި އިނގޭތޯ. ދިހަގަޑިބައިން އެގާރަގަޑި ފަނަރައަށް ހިސާބު ޖަހާފައި އަޅުގަނޑުމެން ފެށީ.

ވަރަށް ބޮޑަށް ޝުކުރިއްޔާހުރިހާ ބޭފުޅުންނަށްވެސް. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ ލަސްތަކެއްނުވެ އަނެއްކާވެސް ބައްދަލުކުރެވޭނެ ކަމަށް. އަޅުގަނޑު އެދޭހާ ގިނައެއްކޮށް ބައްދަލެއްނުވޭ. އެހެންނަމަވެސް، މަހަކަށްވުރެ ގިނަދުވަސް ވެއްޖިއްޔާ، ތިޔަބޭފުޅުންވެސް ޝަކުވާކޮށްލެއްވުން އަޅުގަނޑަށް ފެނޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!