ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

السّـلام عليـكم

އަޅުގަނޑުމެން މިއަދު މިބައްދަލުކޮށްލީ، ތިޔަބޭފުޅުން މެދުވެރިކޮށް އަޅުގަނޑުމެން ރައްޔިތުންނަށް އަންގާލަދޭން ބޭނުންވާ ބައެއް ޚާއްޞަ ކަންކަން ހުރީތީ. އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލިސް ދެންމެ ބައްދަލުވެ، އެމަޖިލީހުގައި މިއަދު މަޝްވަރާ ކުރެވުނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް، ސަރަޙައްދުތައް ހިންގުމާ ގުޅޭގޮތުން. އެގޮތުން، އަޅުގަނޑުމެންނަށް މި މަޝްވަރާ ކޮށް ނިންމުނީ އުތުރާއި ދެކުނުގައި މިހާރު އަޅުގަނޑުމެންނަށް އެމަސައްކަތް ފަށައިގަނެވެން އެބައޮތްކަމަށް. އުތުރުގެ ސަރަޙައްދަކީ ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅު. ދެކުނުގެ ސަރަޙައްދަކީ އައްޑު އަތޮޅާއި ފުވައްމުލަކު. އެ ދެ ސަރަޙައްދު ހިންގުމަށް މިވަގުތު އަޅުގަނޑުމެން މިކަނޑައަޅަނީ ދެ ސްޓޭޓް މިނިސްޓަރުން. އެ ދެ ސަރަޙައްދުގެ އެންމެހާ ކަންކަން ހިނގަމުން އަންނާނީ، މި ދެ ސްޓޭޓް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން. އެ ސްޓޭޓް މިނިސްޓަރުންނަށް މަޝްވަރާ ދެއްވުމަށްޓަކައި މިވަގުތު، އަޅުގަނޑުމެން މިއެކުލަވާލަނީ ސަރަޙައްދީ ކައުންސިލެއް. އަޅުގަނޑުމެން މިހާރު މިމަޝްވަރާކުރެވެމުން މިދަނީ އެ ކައުންސިލަކީ، އެސަރަޙައްދެއްގައި ހިމެނޭ ރ.ކ ކޮމެޓީގެ މެންބަރުންގެ ތެރެއިން، އެމެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، ހޮވާލެވޭ ކައުންސިލެއް ކަމަށް ހަދަން. އެ ކައުންސިލުގެ މެންބަރުންގެ އަދަދު އަޅުގަނޑުމެން ކަނޑައަޅައި އަދި ދަންނަވާނަން.

އެކައުންސިލުގެ ލަފަޔާއެކީގައި، ސްޓޭޓް މިނިސްޓަރު ހިންގަވާއިރުގައި، އެ މިނިސްޓަރަށް އެހީތެރިވުމަށް، އެމިނިސްޓަރަށް ކަންކަން ހިންގައިދިނުމަށްޓަކައި ހަތަރު ޑިޕާޓްމަންޓެއް މަސައްކަތް ކުރަމުންދާނެ. އޭގެތެރޭގައި މިސާލަކަށް، ސަރވިސަސް ކަންތައްތައް، ޚިދުމަތްތައް ދިނުމަށް އެއް ޑިޕާޓްމަންޓް. އަދި އިންފްރާސްޓްރަކްޗަރ ނުވަތަ ޕީ.އެސް.އައި.ޕީ ޕްރޮގްރާމުގައި ހިމެނޭ ކަންކަން ހިންގުމަށްޓަކައި އަދި ބަޖެޓާއި އެޑްމިނިސްޓްރޭޝަންގެ ކަންކަން ހިންގުމަށްޓަކައި ޑިޕާޓްމަންޓެއް. އަދި އިޤްތިޞާދީ ތަރައްޤީގެ ކަންކަން، އެއީ، ޓްރޭޑާއި، ވިޔަފާރިއާއި، މިބާވަތުގެ ކަންކަން ހިންގުމަށްޓަކައި ޑިޕާޓްމަންޓެއް. އަޅުގަނޑުމެންނަށް ސީދާ މިހާރު ކަނޑައެޅިފައިހުރި ޑިޕާޓްމަންޓްތަކުގެ އަދަދާއި، އޭގެ ސީދާ ނަންތަކާއި، އެކަންކަމުގެ ތަފްޞީލު ޕްރެސް އޮފީހުން ތިޔަބޭފުޅުންނަށް އަރުވާނެ.

މިކަމުގައި އަޅުގަނޑު ފާހަގަކޮށްލަން މިބޭނުންވަނީ، ޤާނޫނުއަސާސީގެ އިންތިޤާލީ މަރުޙަލާ ނިމުމަށްފަހު، ނުވަތަ އިންތިޤާލީ މަރުޙަލާގެ ތެރޭގައި، ލާ މަރުކަޒީ އުސޫލުން ރަށްރަށް ހިންގުމުގެ، އަތޮޅުތައް ހިންގުމުގެ ބާބު، އެއީ އަށްވަނަ ބާބު. އެ ބާބުގައި ބަޔާންކުރާ ސަރަޙައްދީ ނުވަތަ ލޯކަލް ގަވަރންމަންޓުގެ ޤާނޫނެއް އެބަބޭނުންވޭ. އެ ޤާނޫގެ ދަށުން، މި ސަރަޙައްދުތައް ހިންގުމަށް، ފުރިހަމަ އިންތިޚާބުތައް ބާއްވަންޖެހޭ. އެއީ، އެއިންތިޚާބުތައް ކާމިޔާބުކުރާ ފަރާތްތަކާ، އެސަރަޙައްދުތައް އޮމާންކަމާއެކީގައި ހިންގުން ހަވާލުކުރުމަށްޓަކައި.

މިކަމުގައި ބަންޑާރަނާއިބުގެ ލަފާފުޅު އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިންދުވަހެއްގެ ތެރޭގައި ލިބޭނެ. އެއާއެކުގައި އަޅުގަނޑުމެން މިދުށީ، މިއުސޫލުން އަޅުގަނޑުމެން މިހާރު ހިންގަން ފެށުމުން ފަހުން، މި ލާމަރުކަޒީ އުސޫލުގެ ޤާނޫނު އައިސް ހިނގާން ފެށުމުން ފަސޭހަވެގެންދާނެކަމަށް. އަޅުގަނޑުމެން ތަންފީޒީ ދަރަޖައިގައި މިކަންކަން ދެކޭއިރު ނުވަތަ ބައްލަވަންވީ، މިސާލަކަށް، ކުޅުދުއްފުށީގެ ނަރުދަމާ، ނުވަތަ ދިއްދޫގެ ކޮންމެވެސް ކަމެއް ނުވަތަ އިހަވަންދޫގެ ކޮންމެވެސް ކަމެއް ނުވަތަ އެސަރަޙައްދުގެ ކޮންމެވެސް ކަމެއް، ސިޔާސަތު އެކުލަވާލުމާ ހިސާބުން ފެށިގެން އައިސް، ތަންފީޒުކޮށް ނިމެންދެން އެސަރަޙައްދުތަކުން އެކަންކަން ހިނގަމުން ދާނެކަމަށް. ޓެންޑަރަށް އިޢްލާންކުރުންވެސް، ކަންކަން ހިންގުންވެސް، ފައިސާ ދިނުންވެސް، އަދި އިމާރާތް ކުރެވޭ ތަންތަނާއި، ބަނދަރު ފަދަ ތަންތަން ބަލަހައްޓާ އެމަރާމާތުތައް ހިންގުންވެސް މިގޮތަށް ދާނެކަމަށް. އަޅުގަނޑުމެން މި އުންމީދުކުރަނީ އަޅުގަނޑުމެން މިދެކޭ ލާމަރުކަޒީ އުސޫލުން، މިރާއްޖޭގެ ކަންކަން ވީހާވެސް އަވަހަކަށް ހިންގަން ފެށޭތޯ. މިގޮތަށް ހިންގަން ފަށައިގަންނައިރު މިހާރު މިތިއްބަވާ އަތޮޅުވެރިން ތިއްބަވާނީ، މިދަންނަވާ ސްޓޭޓް މިނިސްޓަރުންގެ ދަށުގައި.

އުސޫލެއްގެ ގޮތުން ބަލާއިރު ހަމައެކަނި ވެގެން މިދިޔަ ގޮތަކީ، ކުރީގައި މާލޭގައި ހިންގަމުންއައި، ނޯދަން ރީޖަނަލް އޮފީހާއި ސަދަން ރީޖަނަލް އޮފީސް، ސަރަޙައްދުތަކަށް ބަދަލުވެގެންދިޔުން. އެހެންވީމާ، އިރާދަކުރެއްވިޔާ ފުރަތަމަ ދުވަހުއްސުރެން ފެށިގެން އަތޮޅުތައް ހިނގަމުން އަންނާނީ ލާމަރުކަޒީ އުސޫލުން. އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު އެރުވުމުގެ ކުރީގައި، ހޯމް މިނިސްޓަރު އޮނަރަބްލް ޤާސިމް އިބްރާހީމާއި، އަދި އަޅުގަނޑުގެ ނާއިބުރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު އެއްޗެއް ވިދާޅުވާން ފުރުޞަތެއް އަރުވާނަން.

ނާއިބުރައީސް ޑޮކްޓަރ މުޙަންމަދު ވަޙިދު ޙަސަން މަނިކު

السّـلام عليـكم

އާދެ، އަޅުގަނޑު ދެކޭގޮތުގައި ލާމަރުކަޒީ އުސޫލުން ވެރިކަމުގެ ކަންތައްތައް ރޭވުމުގައި، މިއެޅެނީ ވަރަށް މުހިންމު ފިޔަވަޅެއް. މި މަސައްކަތުގެ ނަތިޖާއެއްގެ ގޮތުން، މިހާރު އެކިއެކި މިނިސްޓްރީތަކުގެ މަސައްކަތުގެ ގޮތުގައި ހުރި މަސައްކަތްތައް މަރުކަޒީ ތަންތަނަށް ބައިކޮށްލެވި، އެސަރަޙައްދަކާ ގުޅޭ މަސައްކަތްތައް އެސަރަޙައްދަކަށް ބައިކޮށްލެވި، އަދި ހަމައެހެންމެ އެ މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށްވެސް، އެސަރަޙައްދެއްގައި މަސައްކަތްކުރެވޭނެ ގޮތަށް އިންތިޒާމުވެގެން މިދަނީ. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެން އުންމީދު ކުރަނީ، ތަރައްޤީގެ އެކިއެކި ދާއިރާތަކުގައި، މިސާލަކަށް ދަންނަވަނީނަމަ، ޞިއްޙަތު ނޫނީ ތަޢުލީމު، މިދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން، އެސަރަޙައްދެއްގައި މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅުން، މިހާރުއްސުރެ އެކަމާ ވިސްނާވަޑައިގެން، އެދާއިރާއެއްގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނާ މަޝްވަރާ ކުރައްވައި އެކަމުގައި އިސްނަންގަވައިގެން މަސައްކަތް ކުރެއްވުން. އިސްނަންގަވައިގެން އެސަރަޙައްދަށް ވަޑައިގަތުމަށްޓަކައި ޚިޔާލުކުރެއްވުން.

މީގެ ބޭނުމަކީ އެއްގޮތަކަށްވެސް ސަރުކާރު ބޮޑުކުރުމެއްނޫން. އެންމެ ފުރަތަމަވެސް، އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކުޑަ ސަރުކާރަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ. އޭގެ އިތުރުން، ރައްޔިތުންނާބެހޭ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތްގޮތެއްގައި ކައިރިން، އެޚިދުމަތްތައް ލިބޭނޭގޮތެއް ރޭވުން އެއީ އަޅުގަނޑުމެންގެ މަޤުޞަދު. އެހެންވީމާ، އަޅުގަނޑުމެން އުންމީދުކުރަނީ މިހާރު މިދެންނެވި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން، ޚާއްޞަކޮށް އެސަރަޙައްދުތަކަށް ނިސްބަތްވާ ބޭފުޅުން އެސަރަޙައްދުތަކުގައި މަސައްކަތްކުރެއްވުމަށް ވަޑައިގަތުމަށްޓަކައި ވިސްނާވަޑައިގަންނަވަމުން ގެންދަވާނެކަމަށް. އަޅުގަނޑުމެންގެ އުންމީދަކީ، ފުރަތަމަ މިއުފެދޭ ދެސަރަޙައްދުގެ ތަޖުރިބާ ޕައިލެޓް ވެވެމުންދާއިރުގައި، އެއިން އަޅުގަނޑުމެންނަށް ދަސްވާ ފިލާވަޅުތަކުން، ކުރިއަށްއޮތްތަނުގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގައި ވެރިކަންކުރުމުގެ މަސައްކަތް މާބޮޑަށްވެސް ފަހިވެގެން ދާނެކަމަށް. والسّـلام عليـكم.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޤާސިމް އިބްރާހީމް

السّـلام عليـكم

އާދެ، މިއަދަކީ، އަޅުގަނޑު ދަންނަވާލާނީ ވަރަށް އުފާވެރި ދުވަހެއްކަމަށް. އާދެ، މި އަލަށް އުފެދުނު ސަރުކާރުގެ، މުޙަންމަދު ނަޝީދުގެ، އާދެ، އެމް.ޑީ.ޕީން، އިއްތިޙާދުން، ވަޠަން އެދޭގޮތަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންގެ ފުރަތަމަ ފިޔަވަޅު ހޯމް މިނިސްޓްރީގެ ދަށުން އެޅިގެންދާ ދުވަސް. އަޅުގަނޑު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް، މުޙަންމަދު ނަޝީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ނާއިބުރައީސް މިޝުކުރުގައި އަޅުގަނޑު ޝާމިލުކުރަން.

އާދެ، ދެންމެ ކެބިނެޓް ބާއްވައިގެން އެމަނިކުފާނު ނިންމެވި ކަންތައްތަކުގެ ވާހަކަ ވަރަށް ތަފްޞީލީގޮތެއްގައި ވިދާޅުވެ ދެއްވައިފި. އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނެތީމު. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މެންޑޭޓުގެ ތެރޭގައި މިހާރު އެޓޮލްސް މިނިސްޓްރީގެ މަސައްކަތް ހިމެނިފައިވާ ކަމަށް. އެއާއެކީގައި، އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ކަނޑައަޅުއްވައި ބަޔާންވެގެންވޭ، އެކަންތައްތައް ކުރައްވަން ހަމަޖައްސަވާފައިވާގޮތް. ހަމައެހެންމެ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓުގެ ތެރެއަށް އެޓޯލްސް މިނިސްޓްރީ ޑައިލިއުޓްވެގެން، ވަދެގެން މިއަންނައިރު، ކަންތައްތައް ކުރަން ހަމަޖައްސަވާފައިވާގޮތަށް ދެންމެ ރައީސް އެވިދާޅުވި ދެ ސަރަޙައްދު ހަމަ ވަގުތުން ފަށައިގަތުމަށް އަޅުގަނޑުމެންވާނީ ބަޔާންކޮށްފައި. އެކަން ރައްޔިތުންގެ މަޖިލީހަށްވާނީ ހުށަހެޅިފައި. އަދި އެހުށަހެޅުން ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ގަބޫލުކުރައްވާފައި. އެއްމަސްދުވަހުގެ ތެރޭގައި އެ ރިވިޝަނަކަށް ނުވަތަ ފައިނަލް ޖަވާބު އަޅުގަނޑުމެންނަށް ދެއްވުމަށް މިހާރުން މިހާރަށް މަސައްކަތް ކުރިއަށް އެބަގެންދަވާ. އެގޮތުން، މިނިސްޓްރީތަކުގެ މެންޑޭޓު ހަމަޖެހިފަމިވަނީ.

ދެންމެއަކު ރައީސް އެފާހަގަކުރެއްވި މެންޑޭޓުގެ ނުވަތަ ޤާނޫނީގޮތުން އެޓަރނީޖެނެރަލްގެ ލަފާފުޅު ހޯއްދަވާކަމަށް އެވިދާޅުވި ވިދާޅުވުމަކީ، ހަމަ ރަނގަޅު ވާހަކައަކަށް ވެގެންދާނެ. އަޅުގަނޑުމެން ބަލައިލާންޖެހޭނީ، އެކަމަނާ އާދެ! އެޓަރނީޖެނެރަލްގެ ލަފާފުޅުގައި އޮތީ ކޮންއެއްޗެއްތޯ. އެކަމަނާ ވިދާޅުވެލެއްވި މާދަމާ ބާރަޖެހުމުގެ ކުރިން، ނުވަތަ ދޭއްޖެހުމުގެ ކުރިން ލަފާފުޅު ދެއްވާނެކަމަށް.

އަޅުގަނޑުމެން ބަލައިލި ބަލައިލުމުން، މިހާރު އިޞްލާޙު ކުރެވެމުން ދިޔަ ޤާނޫނުއަސާސީގެ އަށްވަނަ ބާބުގައި ވަރަށް ޞަރީޙަކޮށް ބަޔާންކޮށްދީފައިވަނީ ނުވަތަ އެކުލަވާލެވިފައިވަނީ މިދެންނެވި ގޮތަށް ލޯކަލް ގަވަރންމަންޓްގެ އުސޫލުން ކަންތައްތައް ކުރެވޭނެ މަގުތަނަވަސްކޮށްދިނުމަށް. އެ މަގުފަހިކޮށްދިނުމަށް.

މިއަދު ކެބިނެޓުން އެނިންމެވި ނިންމެވުމަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ނިންމެވުމެކޭ. އެގޮތުން، ހއ.އާއި، ހދ. އަދި ށ. އެކުލެވިގެންދާ ގޮތަށް، އަދި ސ.އަތޮޅާއި ފުވައްމުލަށް އެކުލެވިގެންދާގޮތަށް، މިދެރީޖަންގައިވަނީ ޢިމާރާތްވެސް ކުރެވި މީގެ ކުރީގައި މަރުކަޒު ޤާއިމުކުރެވިފައި. އެވިދާޅުވިގޮތަށް ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވައިގެން މަސައްކަތް ކުރުމުގެ ވަސީލަތް މިދެންނެވީ އިންފްރާސްޓްރަކްޗަރގެ މައިގަނޑު ބައިތައް އެހުރީ ހަމަޖެހިފައި.

އެހެންވީމާ، އަތޮޅުވެރިން އެތިއްބެވިގޮތަށް ތިއްބަވައިގެން، ރަށުގެ ވެރިންވެސް ތިއްބެވިގޮތަށް ތިއްބަވައިގެން މިހާރު ހޮވިފައިވާ އަތޮޅު ކޮމިޓީތަކާއި އަދި ރަށު ކޮމިޓީތަކުގެ މެންބަރުންވެސް ތިއްބަވައިގެން، އެވިދާޅުވިގޮތަށް އެކަންތައްތައް ސްޓްރަކްޗަރ ކުރެވިގެން ދިޔައިމާ ޙަޤީގަތުގައި ލޯކަލް ގަވަރންމަންޓްގެ ޤާނޫނު ނިމިގެން އަންނައިރު އަޅުގަނޑުމެންނަށް އެ ފައުންޑޭޝަން މިހުރީ ވަރަށް ރަނގަޅަށް ތައްޔާރުކުރެވިފައި. އެހެންވީމާ، އެކަމަށްޓަކައި މިވަގުތު އަޅުގަނޑުމެން ފަށައިގަނެގެން މަސައްކަތް ގެންދިޔުމަކީ ވަރަށް މުހިންމުކަމެއް. އޭރުން ދެން އެހެން އަތޮޅުތަކާ ހޯމް މިނިސްޓްރީގެ މެންޑޭޓުގައި ވާގޮތުން ދެމަސްދުވަހުގެ ތެރޭގައި ނުވަތަ ތިންމަހެއްހާ ދުވަހުގެ ތެރޭގައި އެހެން ދާއިރާތަކަށްވެސް މިދެންނެވިގޮތަށް ބަހާލަން ގަސްދުކުރާވާހަކަ އަޅުގަނޑުމެންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި.

އަޅުގަނޑު ޔަޤީންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންވެސް ޤާނޫނުއަސާސީން ނިންމަވާފައިވާ ރޫޙަށް ރިޢާޔަތް ކުރައްވައިގެން މާލަސްތަކެއްނުވެ އެކަން ނިންމަވައިދެއްވާނެ ކަމަށް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. މިއަދު ރާއްޖެތެރޭގެ ތަރައްޤީއަށް އަދި ރާއްޖޭގެ، ޤައުމުގެ ތަރައްޤީއަށް މިއެޅުނު ފުރަތަމަ މުހިންމު ފިޔަވަޅަކީ ކާމިޔާބު ފިޔަވަޅެއްކަމުގައި ވެގެންދާނެކަމަށް ވަރަށް ޔަޤީންކަމާއެކު އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑުމެންގެ ދުޢާއަކީ މާތްﷲ މިޤައުމަށް ބަރަކާތްތެރިކަމާއި ރަނގަޅުގޮތްތައް މިންވަރުކުރެއްވުން. އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެންގެ ހިންގުމުގެ ދާއިރާއަށް މިއަންނަ ހެޔޮ ބަދަލުތަކުގައި މާތް ﷲ ބަރަކާތްލެއްވުން. والسّـلام عليـكم.

ރައީސުލްޖުމްހޫރިއްޔާ

އާދެ! ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ފުރުޞަތު އަރުވާނަން.

ސުވާލު 1: ހާމަނޫހުން އިބްރާހީމް ވަޙީދު

ވިދާޅުވެއްޖެ، ދެ ސްޓޭޓު މިނިސްޓަރުގެ ބެލުމުގެ ދަށުން ދެސަރަޙައްދެއްގައި މަސައްކަތް ކުރިއަށްދާނެކަމަށް. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ޢައްޔަންކުރައްވާނެ ބޭފުޅުންގެ ނަންތައް މިހާރު އެއްވެސް ވަރަކަށް ތިޔަބޭފުޅުންނަށް ހަމަޖެއްސެވިއްޖެތޯ؟

ރައީސުލްޖުމްހޫރިއްޔާ

ނޫން.

ސުވާލު 2: ދި.އެފް.އެމް. އިން އަޙްމަދު ރިފާޢު

އަޅުގަނޑުގެ ސުވާލަކީ، ތިޔަބޭފުޅުން މިހާރު ދެރީޖަނެއްގައި ކައުންސިލް އުފެއްދެވުމަށް ތިޔަ ވިސްނަވަނީ. އެއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން. މި ރާއްޖޭގެ ރަށްތަށް އެބަހުރި، މިސާލަކަށް އައްޑުއަތޮޅަށް ބަލާފިއްޔާ ހުރިހާ ރަށެއް ގާތްގަނޑަކަށް ގުޅާލެވިފައި މިހާރު މިއޮތީ. ދެން ރާއްޖޭގެ ވ.އަތޮޅު ކަހަލަ ތަންތަންވިއްޔާ، ކުދިކުދި އާބާދީ އެހެންނަމަވެސް ވަކިވަކި ރަށްތަކެއް މިއޮތީ. ތިޔަބޭފުޅުން ކައުންސިލް އުފައްދަވާއިރު މިކަހަލަ އާބާދީތަކަށް ބައްލަވައިގެން ވަކި ރަށްތަކަކަށް ކައުންސިލް އުފައްދަވާނީތޯ، ނޫނީ އައްޑޫކަހަލަ ތަންތާގައި މުޅި އަތޮޅަށް ނިސްބަތްވާހެން ވަކިން ކައުންސިލް އުފައްދާނީތޯ؟ މިކަންކުރައްވަން ވިސްނުންފުޅު ހުރީ ކޮން އުސޫލަކުންތޯ ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވީ، ހަތް ސަރަޙައްދަކަށް ބަހާލައިގެން އަޅުގަނޑުމެންގެ ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން. އަޅުގަނޑުމެން ތަންފީޒުކުރަމުން ގެންދާނީވެސް އަޅުގަނޑުމެން ކަންކަން ކުރުމަށް ވަޢުދުވީގޮތަށް ހަތް ސަރަޙައްދަކަށް ބަހާލައިގެން.

ސުވާލު 3: ޓީވީއެމް އިން ޢަލީ ރިޟުވާން

މިއަދު ކެބިނެޓުން ނިންމެވި ނިންމެވުމާ ގުޅިގެން، ކިހާތާކުތޯ މީގެ ޢަމަލީ މަސައްކަތްތައް ފައްޓަވާނީ؟

ރައީސުލްޖުމްހޫރިއްޔާ

އިރާދަކުރެއްވިއްޔާ މާދަމާ.

ސުވާލު 4: ޓީވީއެމް އިން ޢަލީ ރިޟުވާން

އިންތިޙާބު ބޭއްވުމުގެ ކަންތައް އޮތީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އާދެ، މިހާރު ޤާނޫނު އަސާސީ ބަޔާންކުރާ ލޯކަލް ގަވަރންމަންޓުގެ އިންތިޚާބު އެބަ އަންނަންޖެހޭ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެއިންތިޚާބަށް އެމުޖުތަމަޢުތައް ތައްޔާރުކުރުމުގެ މަސައްކަތް. އިންތިޤާލީ މަރުޙަލާ ބަޔާންކުރާގޮތުން، ސަރަޙައްދީ ނުވަތަ އަތޮޅު ކައުންސިލުތަކާ، ރަށު ކައުންސިލުތަކާ، މުނިސިޕަލް ކައުންސިލުތައް އިންތިޚާބުކޮށް، ޖުލައިމަހުގެ ކުރީގައި އެބަ ނިންމަންޖެހޭ. އެހެންވީމާ، އިންތިޚާބުގެ ކުރިން މަސައްކަތް ބައްޓަން ކުރުމަށްޓަކައި އަޅުގަނޑުމެން ފުރަތަމަ މިއެކުލަވާލަނީ ކައުންސިލެއް. ސްޓޭޓު މިނިސްޓަރަށް ލަފަޔާ އިރުޝާދު ދިނުމަށް އޮންނަ ކައުންސިލެއް. އެކައުންސިލް އަޅުގަނޑުމެން މިއެކުލަވާލަނީ، އެސަރަޙައްދެއްގައި މިހާރު ހިމެނޭ ރ.ކ. ކޮމެޓީގެ މެންބަރުންގެ މެދުގައި، ބޭއްވޭ އިންތިޚާބެއްގެ ތެރެއިން، އެކައުންސިލް އެކުލަވައިލުމަށް.

މިހާރު މިސާލަކަށް، ބައްލަވާ! މިއިން ކޮންމެ ސަރަޙައްދެއް ނެންގެވިނަމަވެސް، އައްޑު އަތޮޅުގައިވެއްޖިއްޔާ 6ރަށް، ފުވައްމުލަކުގައި އެބައޮތް 8 ރަށް. އެހެންވީމާ އެއީ، އެ ސަރަޙައްދުގައި ހިމެނޭ ހުރިހާ ރ.ކ. މެންބަރުން އެއްކޮށްލީމާ އަޅުގަނޑަށް މިތާ ހުރެފައި ސީދާ ޢަދަދު ދަންނަވާކަށްނޭނގެ. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ ދުއިސައްތައެއްހާ ބޭފުޅުން ތިއްބަވާނެހެން. އޭގެތެރެއިން، އާބާދީގެ ކޮންމެވެސް ނިސްބަތަކަށް ކައުންސިލް މެންބަރުން ތިބޭ އުޞޫލަކުން މި ރ.ކ. މެންބަރުންގެ ތެރެއިން، އަޅުގަނޑުމެން އެމެމްބަރުންގެ މެދުގައި އިންތިޚާބެއް ބާއްވާފައި، އެމެންބަރުންގެ ތެރެއިން މިފަހަރު މިކައުންސިލެއް ނަގަން އަޅުގަނޑުމެން މިނިންމަނީ. އަޅުގަނޑުމެންގެ މަޤުސަދަކީ، އެންމެފަހުން މިކަން އޮންނާނެގޮތަށް ފަހިކޮށްދިނުމަށްޓަކައި، މިހާރުންމިހާރަށް ކުރެވެންހުރި މަސައްކަތެއް އަޅުގަނޑުމެން ކުރުން. ތަރައްޤީގެ ކިތަންމެ މަޝްރޫޢެއް ހިންގާން އެބައޮތް. މާދަމާވެސް އަޅުގަނޑުމެން ކަމެއްކުރާއިރުގައި މާލޭގައި އަޅުގަނޑުމެން ތިބެގެން، ރަށްރަށުގެ، އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫތައް ހިންގަން ވަރަށް އުދަނގޫ. އަބަދުވެސް އެބޭފުޅުންނާ ދުރުން ކަންކަން ނިންމީމާ، އެބޭފުޅުން ހިތްހަމަޖެހޭގޮތަކަށް ކަންކަމެއް ނުހުރޭ. ރަށެއްގެ ބަނދަރަށް ބައްލަވައިލެއްވިޔަސްވެސް، ރަށުގެ ރައްޔިތުން މާނޭދެވޭ ގޮތަކަށް ބަނދަރު ހެދިފައި އޮންނަނީ. އަދި ފާލަމަކަށްވިޔަސްވެސް، މަދަރުސާއަކަށްވިޔަސްވެސް، ހެލްތު ޕޯސްޓަކަށްވިޔަސްވެސް ކަންކަން ކުރެވިފައި މިއޮންނަނީ ސީދާ ރައްޔިތުން އަދި އެކަމުގައި ވިސްނަވާފައި އޮންނަ ގޮތަކަށެއްނޫން.
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާނީ ކަންކަން ކުރުމުގައި ރައްޔިތުންގެ ލަފަޔާއި، ރައްޔިތުންގެ އިރުޝާދާއި، ރައްޔިތުންގެ މަޝްވަރާޔާ އެކީގައި އެކަންކަން ކުރުން. އެސަބަބަށްޓަކައި އަޅުގަނޑުމެން، މިހާރުންމިހާރަށްވެސް މިމަސައްކަތް ފަށައިގަތުމަށް މިނިންމީ. ދެން މިހެން އަޅުގަނޑު ދަންނަވާއިރުގައި، އަޅުގަނޑު މާދަމާ 2:30 ވަންދެން އެބަ މަޑުކުރަންޖެހޭ. ބަންޑާރަނައިބުގެ އެންމެފަހުގެ ލަފާފުޅު އަޅުގަނޑުމެންނަށް ބަންޑާރަނައިބު އަރުވަންދެން. ބަންޑާރަނައިބުގެ ފަހުގެ މަޝްވަރާ އަޅުގަނޑުމެން ބޭނުންވާނެ. ދެން ތިޔަބޭފުޅުން ބައްލަވައިލެއްވީމާވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއީ މާ ބޮޑު ޤާނޫނީ މައްސަލައެއް އުފެދޭނެ ކަމެއްނޫންކަން. އަދި އެއްވެސް ޤާނޫނީ މައްސަލައެއް އުފެދޭނޭ ކަމެއްނޫންކަން.

ސުވާލު 5: އާފަތިސް ނޫހުން އަޙްމަދު ޖަދުވާން

އަޅުގަނޑުގެ ސުވާލަކީ، ނިމިގެންދިޔަ ސަރުކާރުގައި ރާއްވަވާފައިވޭ ވަރަށްގިނަ މަޝްރޫތަކެއް. އަދި ހިންގަވަން ފައްޓަވާފައިވެސްވޭ ވަރަށް ގިނަ މަޝްރޫތަކެއް. ދެން ތިޔަބޭފުޅުން ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގަވަން ނިންމާފައިވާއިރު، އެމަޝްރޫތަކަށް ވެގެންދާނީ ކިހިނެއްތޯ؟ އެމަޝްރޫތަކަށް އެއްވެސްވަރެއްގެ ބަދަލުތަކެއް ގެންނަވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ

މިހާރު ފައްޓަވާފައިވާ މަޝްރޫތައް، މަސައްކަތްތައް، އެމަސައްކަތްތައް ހުއްޓާލުމުން އަޅުގަނޑުމެންގެ ނަޒަރުގައި މުޅިއަކުން ފައިދާއެއްނުވާނެ. އަދި ކިތަންމެ ހަމަނުޖެހޭ ގޮތަކަށް ފެއްޓެވިފައިހުރި މަސައްކަތެއްކަމުގައި ވިޔަސްވެސް. އެހެންނަމަވެސް މިކަންކަމުގައިވެސް، އަޅުގަނޑުމެން ބަލާނީ އެސަރަޙައްދެއްގެ ރައްޔިތުން ބޭނުންވާގޮތާއި އެދޭގޮތް. ހަމަ އެއާއި އެކީގައި، އަޅުގަނޑުމެންގެ އަތުގައި ފައިސާހުރި މިންވަރު. މިވަގުތު އަޅުގަނޑުމެންގެ މާލީ ޙާލަތު ވަރަށްދެރަ. އަޅުގަނޑުމެންނަށް އަދި ފައިސާ ހޯދަންޖެހޭ ކިތަންމެ ކަންކަމެއް އެބަހުރި. އެހެންވީމާ، އެކަންކަމާ ގުޅޭގޮތުންވެސް ރިޢާޔަތްކުރާންޖެހޭނެ. ކޮންކަމެއްތޯ މިވަގުތުން މިވަގުތަށް ނިންމެންއޮތީ. ކޮންކަމެއްތޯ ފަށަންޖެހިފައިއޮތީ. ކޮންކަމެއްތޯ ފަށާފައި ހުރި ކަންތައްތަކުގެ ތެރެއިން، މަޑުޖައްސާލަން ޖެހިފައިއޮތީ. މީ އަޅުގަނޑުމެން، ސަރަޙައްދީ ތަރައްޤީގެ އޮފީސްތަކުގެ ތެރެއިން މިނަމުން، ވަޒަންކުރަމުންގެންދާނެ ކަންކަން.

ސުވާލު 6: ޖަޒީރާ ނޫހުން ޢަލީ ސަވާދު

ކައުންސިލަށް ރ.ކ. ކޮމެޓީގެ ތެރެއިން މެންބަރުން އިންތިޚާބުކުރުމަށްފަހު، ކޮބައިތޯ ރ.ކ.ކޮމެޓީގެ ދައުރަކީ؟

ރައީސުލްޖުމްހޫރިއްޔާ

ހަމަ ރަށު ދަރަޖައިގައި މަސައްކަތް ކުރަމުން ގެންދިޔުން. މިހާރު މި ސަރަޙައްދީ ދަރަޖައަށްވެސް މިގެންނަނީ ރަށު ކައުންސިލުތަކުގެ މެންބަރުންގެ މެދުގައި ނެގޭ އިންތިޚާބަކުން. ސާފުވެވަޑައިގެންފި ދޮއެއްތޯ! ރ.ކ. އޮންނާނެ ރަށުގައި. މިސާލަކަށް، ފޭދޫގެ މަސައްކަތް ހިންގާނީ ފޭދޫ ރ.ކ. ކޮމިޓީ. އަޅުގަނޑުމެން މިހުށަހަޅާގޮތަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ރ.ކ. ކޮމިޓީ އެއްކޮށްލާފައި، އެބޭފުޅުންގެ މެދުގައި ކޯކަސްއެއް އުފައްދާފައި، އެބޭފުޅުންގެ މެދުގައި ވޯޓެއްނަގާނީއޭ، މިސަރަޙައްދީ ކައުންސިލަށް ވަގުތީ މެންބަރުން ހޯދުމަށްޓަކައި.

ސުވާލު 7: ޖަޒީރާ ނޫހުން ޢަލީ ސަވާދު

ކީއްވެގެންތޯ އަތޮޅު ކުރިއަރުވާ ކޮމިޓީ މީގެތެރޭގައި ނުހިމެނެނީ؟

ރައީސުލްޖުމްހޫރިއްޔާ

އަތޮޅުކުރިއަރުވާ ކޮމިޓީ ހަމަ އަތޮޅު ކުރިއަރުވަން އޮންނާނެ އިނގޭތޯ. އަތޮޅު ކުރިއަރުވާ ކޮމިޓީ އަތޮޅު ދަރަޖައިގައި މަސައްކަތްކުރުމަށް އޮންނާނެ. އަތޮޅު ކުރިއަރުވާ ކޮމިޓީއަށް މެންބަރުން އިންތިޚާބުވުމެއް އަދިވެސްނެތް. އެނގިވަޑައިގަންނަވާނެ ކިރިޔާވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ ވޯޓަކާއެކީގައި މިހާތަނަށް ރަށްރަށުގެ ދަރަޖައިގައި ލިބިފައިހުރި މުއައްސަސާތަކަކީ ރކ. ކޮމިޓީތައް. އަތޮޅު ކުރިއަރުވާ ކޮމިޓީތައް މިއެކުލެވިގެންވަނީ ޢައްޔަންކުރާ ވަރަށް ގިނަ ބޭފުޅުންތަކެއް ހިމެނިގެން. އޭގެތެރޭގައި ކަތީބުންނާ އަދި އެހެންވެސް ޢައްޔަންކުރާ ބޭފުޅުން ހިމެނިގެން. އަޅުގަނޑުމެން މިބެލީ، އެންމެ ބޮޑަށް އިންތިޚާބުވެފައި ތިބި ބޭފުޅުން ތިބީ ކޮންތަނެއްގައިތޯ. އަދި ހަމަ އެއާއެކީގައި މިބެލީ ކޮންމެ ރަށެއްގެ ކަންކަންވެސް، އެ ސަރަޙައްދީ ތަރައްޤީގެ ތެރޭގައި، އެކައުންސިލުގައި ތަމްސީލުކުރެވޭނޭ ގޮތެއް.


ސުވާލު 8: ހާމަ ނޫހުން އިބްރާހިމް ވަޙީދު

އަޅުގަނޑު މިސުވާލު އަމާޒުކޮށްލާނީ ހޯމް މިނިސްޓަރަށް. ވަރަށް ބޮޑަށް ޝުކުރުވެރިވާނަން ޖަވާބު ދެއްވައިފިއްޔާ. މިހާރު މި އަތޮޅުވެރިން މާލެ ގެންނަވައިގެން މަސައްކަތްތަކެއް ކުރައްވާކަމަށް އެބަ ޚަބަރުލިބޭ. އެހެންކަމުން އަތޮޅު ފެންވަރުގައި މިހިންގާ މަޝްރޫތަކަށް އެއްވެސް ވަރެއްގެ ހީނަރުކަމެއް އަތުވެދާނެތޯ؟ އަދި އަތޮޅުވެރިން އިންތިޚާބު ކުރުމުގެ މަސައްކަތެއް އެއްވެސްވަރަކަށް ކުރިއަށްއޮތް ތަނުގައި ފެނިގެން ހިނގައިދާނެތޯ؟

ހޯމް މިނިސްޓަރ: ޤާސިމް އިބްރާހީމް

އާދެ، އަތޮޅުވެރިންނަކީ، އެނގިވަޑައިގަންނަވާނެ، ސިޔާސީ މަޤާމުތަކެއްގައި ތިއްބެވި ބޭފުޅުން. އެހެންވީމާ، އުސޫލެއްގެ ގޮތުން ހުރިހާ އަތޮޅު ތަކެއްގައިވެސް އަތޮޅުވެރިން ނުވަތަ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަލްޓިޕާޓީ ޑިމޮކްރަސީއަކަށް މިގޮތަށް ބަދަލުވެގެން ދިޔައީމާ، އެކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވެންވާނެ. އަދި އެކަން ޤަބޫލުވެސް ކުރައްވާ. އެހެންވީމާ، އެގޮތުން އެގެންނަވަނީ. އިންތިޚާބު ކުރުމުގެ ކަންތައް އަންނާނީ ދެންމެއަކު އެވިދާޅުވި ޤާނޫނާ ހަމައަށްގޮސް، ރައީސް ފާހަގަ ކުރެއްވި ޤާނޫނާ ހަމައަށްގޮސް އެކަން ނިމިގެންދާއިރު، އެމަރުޙަލާ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެދީފައި އެބައޮތް. އެހެންވީމާ، އެހިސާބަށް ދިޔައިމާ ރައްޔިތުންގެ މަޖިލީހުން އެކަން ނިމިގެން އަންނަ ގޮތަކުން އަޅުގަނޑުމެންނަށް އެކަން ނިންމާލެވޭނީ. ޝުކުރިއްޔާ


ސުވާލު 9: މިނިވަން ނިއުސް ވެބްސައިޓުން ޒަހީނާ ރަޝީދު

އަޅުގަނޑުގެ ސުވާލަކީ، ސަރަޙައްދީ ކޮމިޓީތަކުން ކުރައްވާނީ ކޮންކަހަލަ މަސައްކަތެއްތޯ؟ މިދެންނެވީ، ކޮންކަހަލަ ސަރވިސަސްތަކެއްތޯ، މެޑިކަލް ސަރވިސަސްތޯ، ނުވަތަ ޓްރާންސްޕޯޓް ސަރވިސަސްތޯ؟ ތަފްޞީލު ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން މި އުންމީދުކުރަނީ، ހުރިހާ މަސައްކަތެއްވެސް އެބޭފުޅުންނޭ ކުރައްވާނީ. އެ ބައެއް މިނިސްޓަރުންގެ ސުވާލަކީ ޕޮލިސީއްސުރެ ފެށިގެންގޮސް އިމްޕްލިމެންޓޭޝަނާ ހަމައަށްތޯ ނުވަތަ ޕޮލިސީ ރާއްވަވާނީ އެހެންބައެއްތޯ ޕޮލިސީއްސުރެ އިމްޕްލިމެންޓޭޝަނާ އެކީގައިތޯ، ތިކުރެއްވި ސުވާލުގެ ޖަވާބުގައި، އަޅުގަނޑަށް ހީވަނީ މިސާލަކާއެކީގައި ކުރިއަށް ދިޔައިމާ ރަނގަޅުވާނެހެން. ނަރުދަމާއެއް ރަށެއްގައި މިހަދަނީ. އެނަރުދަމާއަށް އެބަޖެހޭ ފަންޑު ހޯދަން، ޓެކްނިކަލް ޑްރޯވިންގްސްއާ ބެހޭ ކަންކަން ކުރަން، ބިޑުކުރަން، މަރާމާތުކުރަން.

މިހާރު މީގެތެރެއިން، އަޅުގަނޑުމެން މި އުންމީދުކުރަނީ ޕްރޮޖެކްޓަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ސްޓޭޓު މިނިސްޓަރަށް ކުރެއްވޭނޭ. ޓެކްނިކަލް ޑުރޯވިންގްސްއާ އެބާވަތުގެ ކަންކަން ތައްޔާރުކޮށް ހެދުމުގައިވެސް، ކޮންމެ ސަރަޙައްދެއްގައި ހުރޭ އެކަމުގެ ޑިޕާޓްމަންޓެއް. އިންފްރާސްޓްރަކްޗަރ މިސާލަކަށް އެބަހުރޭ ޑިޕާޓްމަންޓެއް. އެޑިޕާޓްމަންޓްތައް ގުޅިފައި ހުންނާނީ މާލޭގައި ހުންނަ ލައިން މިނިސްޓްރީއާ. މިދަންނަވަނީ އެކަމާގުޅޭ މާލޭގައި ހުންނަ އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާ. އެތަނުގައި ހުންނަ ހެލްތު ޑިޕާޓްމަންޓް ގުޅިފައި ހުންނާނެ، މިތަނުގައި ހުންނަ ހެލްތް މިނިސްޓްރީއާ. ދެން އެހެންވީމާ، ފައިސާ ހޯދުންވެސް، ޓެކްނިކަލީ އެކަންކުރާނެގޮތް ނިންމުންވެސް، އެއަށް ބިޑުކުރުންވެސް، އެއަށް ޓެންޑަރ ކުރުންވެސް، އަދި ޓެންޑަރ އެވޯޑްކުރުންވެސް، އަދި އެމަސައްކަތް ހިންގުންވެސް، އެމަސައްކަތް މޮނިޓަރ ކުރުންވެސް، މަސައްކަތް ނިމި މަސައްކަތާ ހަވާލުވުންވެސް. އަދި ނަރުދަމާ ބޭނުންކުރުންވެސް. އަދި އެނަރުދަމާ މަރާމާތު ކުރަމުން ގެންދިޔުންވެސް. އެހެންވީމާ، އަޅުގަނޑު މި އުންމީދުކުރަނީ ޙަޤީޤީ މާނައިގައި ލާމަރުކަޒީ ކަންތައް ނުވަތަ ރަށްރަށުގެ، އަތޮޅުތަކުގެ، ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ ވެރިކަން އެމީހުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްދުކޮށްދޭނަމޭ. ދިވެހި ވެރިކަން އަލުން އަބުރާ ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްދުކޮށްދޭނަމޭ.

ސުވާލު 10: މިނިވަން ނިއުސް ވެބްސައިޓުން ޒަހީނާ ރަޝީދު

ވަކިކަހަލަ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ދުވަސްތަކުގައި އެބައޮތްތޯ؟ މިސާލަކަށް، އެމް.ޑީ.ޕީގެ ބައެއް ބޭފުޅުން ވިދާޅުވި ދެސަރަޙައްދެއްގައި އިންޓަރނޭޝަނަލް ހޮސްޕިޓަލުތަކެއް އަޅާ ވާހަކަ. އެކަހަލަ ބޮޑެތި މަޝްރޫތަކެއް އެބަހިމެނޭތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން ބޭނުން އިންޓަރނޭޝަނަލް ހޮސްޕިޓަލެއްވެސް. އަޅުގަނޑުމެން ބޭނުން އިންޓަރނޭޝަނަލް ސުކޫލެއްވެސް. އަޅުގަނޑުމެން ބޭނުން އެސަރަޙައްދުގެ ޓްރާންސްޕޯޓް ސިސްޓަމްވެސް. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންގެ މެނިފެސްޓޯ އެކީގައި އެސަރަޙައްދަށް، އެވަޢުދުތައް ފުއްދައި ދިނުމަށް. ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަބަދުވެސް ބަލަމުން ގެންދާނެ އެމަސައްކަތްތައް ބާރަށް އެތަންތަނުގައި ހިނގާތޯ. މީގައި މިއައި އެންމެބޮޑު ބަދަލަކީ ދަންނަވަންތޯ، މާލޭގައި މިކަންކަން ކުރުމަށްވުރެ ހަމަ ސީދާ އެހިސާބުގައި އެކަންކަން ކުރެވޭނެ ފުރުޞަތު ހުޅުވާލުން. ދެން މިހާރު މާލޭގައި އެކިއެކި މިނިސްޓްރީތަކުގައި މިބާވަތުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް އަޅުގަނޑުމެން ފުރުޞަތު އަރުވާނަން، އެސަރަޙައްދަކަށް ބަދަލުވެވަޑައިގަތުމަށް. ގެދޮރާ، އަނބިދަރިންނާ، މުނިފޫހިފިލުވުމާ، ހުރިހާކަމަކާއެކީގައި. ދެން ބައެއްބޭފުޅުންނަށް މިސާލަކަށް ވަޑައިގެންނެވެން ނެތްކަމަށްވަނީވިއްޔާ އަޅުގަނޑުމެން އެސަރަޙައްދުތަކުގައި އެވަޒީފާތަކަށް އިޢުލާން ކުރާނަން. ދެން ހަމަ އެގޮތުން އަޅުގަނޑު ވަރަށް ބޮޑަށް މުވައްޒަފުންނަށް އެދޭނަން އެތަނަށް ބަދަލުވެ ވަޑައިގަތުމަށް. އަދި ސަރުކާރުން އެބޭފުޅުންނަށް ކޮށްދެވެން ހުރި ހުރިހާކަމެއް އަޅުގަނޑުމެންގެ މާލީ ޙާލަތާ، އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން، އެބޭފުޅުންނަށް އަޅުގަނޑުމެންނަށް ދެވެންހުރި ހުރިހާ ޢިނާޔަތެއް އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން އަރުވާނަން. އިރާދަކުރެއްވިއްޔާ ހުރިހާބޭފުޅުންވެސް ބަދަލުވާނެ.
ދެން އަޅުގަނޑުމެން، މި އުންމީދު ކުރަނީ މާލޭގައި މަސައްކަތްކުރާ، މިއިން ކޮންމެ ސަރަޙައްދަކަށް މަދުވެގެން، ވިއްސަކަށް ތިރީހަކަށް ޢާއިލާ ނުވަތަ ވިއްސަކަށް ތިރީހަކަށް ބޭފުޅުން، އެތަންތަނަށް ބަދަލުވެގެން ދާނެކަމަށް. ދެން އެއާއެކީގައި މިޢާއިލާތައްވެސް އެސަރަޙައްދުތަކަށް ބަދަލުވެގެންދާނެކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަނެއްކާވެސް އަޅުގަނޑު ތަކުރާރުކުރަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ ހިނގަމުންދާނީ ރައްޔިތުންނަށް މަޢުލޫމާތު އަރުވަމުންނޭ. އަޅުގަނޑަށް އެބަފެނޭ ޒަހީނާ ކުޑަ އެއްޗެއް ވިދާޅުވާން ބޭނުންވެލައްވާކަން.

ސުވާލު 11: މިނިވަން ނިއުސް ވެބްސައިޓުން ޒަހީނާ ރަޝީދު

ވިދާޅުވެއްޖެ، މަޖިލީހުގެ ކްލިއަރެންސެއް ބޭނުންވާ ވާހަކަ. މަޖިލީހަށް ހުށަހެޅިވާހަކަ. ދެން އަޅުގަނޑުގެ ސުވާލަކީ، މިހާރު ވަރަށް ގިނަ ލީގަލް އެކްސްޕާޓުން އެބަބުނޭ ރާއްޖޭގައި މިއޮތް ނިޒާމުގައި ޕާލަމެންޓުގެ ބާރު ވަރަށް ބޮޑު ވާހަކަ. ތިޔަބޭފުޅުން ތަރައްޤީގެ ކަންތައް އިމްޕްލިމެންޓް ކުރަމުންދާއިރު ޗެލެންޖަކަށް ނުވަތަ އުނދަގޫވާ ކަމަކަށްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެންނަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރިބައެއް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ހިތުގެ އަޑިން ބަރުލަމާނީ ނިޒާމު ޤަބުލުކުރާ ބައެއް. އަޅުގަނޑުމެން އަބަދުވެސް އެދެނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާޔާ، ރައްޔިތުންގެ މަޖިލީހުގެ ލަފާ. ދެން އަޅުގަނޑުމެން އެހެނަސް ނޭދެން މަޖިލީހުގެ މަސައްކަތް ލަސްވެގެންދާނެކަމަކަށް. ބިލަކަށް ބޭނުންވާ އެމެންޑްމަންޓް، ޤާނޫނަކަށް ބޭނުންވާ ބަދަލެއް، އެއީ ހަމަ ރޫޓިންގކޮށް ހިނގަމުންދާ ކަންކަން. އެބޭފުޅުން ކަންބޮޑުވާ ކަންކަމުގައި، އެބޭފުޅުންގެ ބަހުޘް ގިނަވާނެ. ނުވަތަ އެބޭފުޅުން ކަންބޮޑުނުވާ ކަންކަމުގައި، މިހާރު ޤާނޫނުއަސާސީ މިއޮތީ ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވެ، ޖަލްސާގައި ބައިވެރިވެ، ވޯޓުދެއްވާ ބޭފުޅުންގެ އަޣްލަބިއްޔަތުން ކަންކަން ނިމެމުން ދާނެގޮތަށް. އެހެންވީމާ، އަޅުގަނޑު މިއުންމީދުކުރަނީ ރައްޔިތުންގެ މަޖިލިސް އަބަދު ހިނގަމުން ދާނެކަމަށް. އެއީ އެހެން ތަންތަނުގައިވެސް އެމަޖިލިސް އޮންނަގޮތަށް. އެމަޖިލީހުގެ މަސައްކަތް ހަމަ ކޮންމެ ދުވަހަކުވެސް، އެއީ ހެނދުނު 9 ން ފެށިގެން އައިސް ހަވީރު 5 އަށް ހިނގަމުންދާނެކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑު މިހިސާބުން ނިންމާލާނަން. އަނެއްކާވެސް އަޅުގަނޑު ހަމަ ދަންނަވަންއޮތް ވާހަކައަކީ، މަޝްވަރާއާއި ރައްޔިތުންގެ މަޖިލީހުގެ އިރުޝާދު އެއީ އަޅުގަނޑުމެން ބޭނުންވާކަމެކޭ. އަޅުގަނޑުމެންނަށް ރަނގަޅަށް ކަމެއް ކުރެވޭނީ، އެބޭފުޅުންގެ މަޝްވަރާ އަޅުގަނޑުމެންނަށް ލިބުނީމާ. މަޖިލީހުގެ ބަހުޘަށްފަހު އަޅުގަނޑުމެންނަށް ކަންކަން ސާފުވެގެންދަނީ. އަޅުގަނޑު ދެކޭގޮތުގައި އެންމެފަހުން ސަރުކާރުގެ އޮނިގަނޑު ނުވަތަ ސަރުކާރު އުފެއްދުމުގައި، މަޖިލީހުގައި ހިނގާދިޔަ ބަހުޘް އެއީ، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބުނު ވަރަށް އަގުހުރި ބަހުޘްތަކެއް. އަޅުގަނޑުމެން އެދެނީ، މަޖިލީހުގެ އެބާވަތުގެ ގިނަގުނަ ބަހުޘް ކުރިއަށް ގެންގޮސް، އަޅުގަނޑުމެން މިނިސްޓަރުންނަށް ލަފަޔާ މަގުދެއްކުމުގައި، ހަމަ މިއަދާ އެއްވަރަށް އަބަދުވެސް އެހީ ލިބެމުންދާނެކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑަށް މިދުވަސްކޮޅު ތަންކޮޅެއް ގިނައިން ތިޔަބޭފުޅުން މެދުވެރިކޮށް ރައްޔިތުންނަށް މަޢުލޫމާތު އަންގައިދޭން ޖެހިދާނެ. އެހެން ނޫނިއްޔާ އުސޫލެއްގެ ގޮތުން އެއޮންނަ ދުވަހެއްގައި އެކަންކުރަމުން ގެނަދާނަން. މިވަގުތު އަޅުގަނޑުމެންގެ މަސައްކަތްތައް އަވަސްކުރަން ބޭނުންވާތީއާ، އަޅުގަނޑުމެން ކަނޑައަޅާފައި މިހުރި މަރުރޮނގުތަކަށް، ޑެޑްލައިންތަކަށް ކަންކަން ނިންމުމަށްޓަކައި، ހަމަގައިމުވެސް މިއޮފީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް، އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!