بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ އަޅުގަނޑުމެންގެ އިނގިރޭސިވިލާތު ދަތުރު ނިންމާލުމަށްފަހު، ދަތުރާ ގުޅޭގޮތުންނާ އަދިވެސް ތިޔަބޭފުޅުން އެހެންވެސް ސުވާލު އައްސަވަން ބޭނުންނަމަ އަޅުގަނޑު ޖަވާބު އެރުވުމަށްޓަކައި.

އެނގިވަޑައިގަންނަވާނެ، އިނގިރޭސިވިލާތަށް އަޅުގަނޑުމެން މިކުރި ދަތުރަކީ، އިނގިރޭސި ރާނީގެ ދަޢުވަތަކަށް އަޅުގަނޑުމެން ކުރި ދަތުރެއް. އެހެންކަމާއެކީގައި، މުޅި ދަތުރުގެ އެންމެ މުހިންމު އެއް ބައްދަލުވުމަކަށް ވެގެންދިޔައީ، ރާނީއާއެކު ވެވުނު ބައްދަލުވުން. ވިންޑްސަރކާސްލްގައި އަޅުގަނޑަށް ރާނީ އެރުވީ ކެއުމެއް. ހަމައެއާއެކީގައި، އެރޭ އެތަނުގައި މަޑުކުރުމާއި އަނެއްދުވަހުވެސް އަޅުގަނޑަށް އިނގިރޭސި ރޯޔަލް ފެމިލީގެ ނުވަތަ ޝާހީ ޚާންދާނުގެ ވަރަށްގިނަ ބޭފުޅުންނާ ވާހަކަދައްކާ ދިވެހިރާއްޖެއާ ގުޅޭގޮތުން މަޝްވަރާކޮށް ހެދުނު. އަދި ހަމަ އޭގެއިތުރުން، އިނގިރޭސި ބޮޑުވަޒީރު ގޯޑްން ބްރައުނާ އަދި ފޮރިން އޮފީހުގެ އެހެންވެސް ބައެއް މިނިސްޓަރުންނާއި، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލާ އަދި އިނގިރޭސިވިލާތުގެ ވަރަށްގިނަ އަދަދެއްގެ ކުންފުނިތަކުގެ ވަރަށްމަތީ ފެންވަރުތަކުގެ ބޭފުޅުންނާ އަޅުގަނޑުމެންނާ ބައްދަލުވުމުގެ ނަޞީބު މިފަހަރު ލިބުނު.

އަޅުގަނޑު ދެކެނީ، މިދަތުރަކީ ދިވެހިރާއްޖެއަށް އިންވެސްޓްމަންޓާއި، ދިވެހިރާއްޖެއަށް ވިޔަފާރިއާއި، ދިވެހިރާއްޖެއަށް ފައިސާއާއި ތަރައްޤީގެ މަޝްރޫޢުތައް މަގުފަހިކުރުމަށް އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފުރުސަތެއް. ވަރަށްބޮޑު ކާމިޔާބެއް. އެހެންވީމާ، އަޅުގަނޑު މިދަތުރު ނިންމާފައި މާލެއައިސް އަޅުގަނޑު މިހުރީ ވަރަށް އުފަލުން. އަޅުގަނޑަށް ޔަޤީން މިދަތުރުގެ ސަބަބުން، ރާއްޖެއަށް ކިތަންމެ ފައިދާތަކެއް ވެގެންދާނެކަން. ކަންތައްތަކެއް މަގުފަހިވެގެންދާނެކަން.

ދެން ތިޔަބޭފުޅުންގެ ސުވާލަށް އަޅުގަނޑު ދޫކޮށްލާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، އިނގިރޭސިވިލާތަށް ރައީސް ތިޔަކުރެއްވި ދަތުރުފުޅުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވިތަން. ކޮންގޮތަކަށްތޯ ކިހާވަރެއްގެ ކާމިޔާބު ބައްދަލުވުމެއްތޯ؟ ކިހާ އިންވެސްޓަރުންނެއް ކޮންކަހަލަ ދާއިރާތަކަކަށްތޯ އެބޭފުޅުން ޝައުޤުވެރިވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތަކުގައި؟

ދެން އިނގިރޭސިވިލާތު ދަތުރުފުޅާ ނުގުޅޭ ސުވާލެއް. މަނިކުފާނު އެކޮޅުގައި ހުންނަވަނިކޮށް، އެޓަރނީ ޖެނެރަލް ދެލަފާފުޅެއް އެރުއްވި. ހޯމް މިނިސްޓަރުގެ މަގާމަށް ވީއެންމެ އަވަހަކަށް ބޭފުޅަކު ޢައްޔަން ކުރުމަށާއި އަދި ކުރިއަށްއޮތް އިންތިޚާބަށް ސަރުކާރުގެ ބައެއް ކައުންސިލަރުންނާއި އެފެންވަރުގެ ސިޔާސީ ބައެއް ބޭފުޅުން ނުފޫޒު ފޯރުވާކަމަށާއި، އެކަން ހުއްޓާލެއްވުމަށް ގޮވާލައްވައި، ރައީސަށް ލަފާއެއް އެރުއްވި ދެސިޓީފުޅެއް ފޮނުއްވި. ކޮންގޮތަކަށްތޯ މަނިކުފާނު މިދެލަފަޔާ ދޭތެރޭ ދެކެވަޑައިގަންނަވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ، ޝުކުރިއްޔާ! އިނގޭތޯ. އިންވެސްޓްމަންޓް ނުވަތަ ރާއްޖެއަށް ވިޔަފާރީގެ ކަންކަމުގައި ޝައުޤުވެރިވާ ވަރަށްގިނަ ފަރާތްތަކާ އަޅުގަނޑުމެން ބައްދަލުކުރިން. އެބޭފުޅުން ޝައުޤުވެރިވަނީ، މީގެކުރީގައި އިންވެސްޓްކޮށްފައި ހުރީ ބޮޑަށް ޓޫރިޒަމަށް. އެހެންނަމަވެސް، ދަތުރުފަތުރު ކުރުމުގެ ނިޒާމާއި ގެދޮރު އެޅުމާއި އަދި ހަކަތަ، ރިނިޔުބަލް އެނަރޖީ، އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ އެކިކަންކަމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއްހުރި. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ އެކަންކަން ދާދި އަވަހަށް މަގުފަހިވެގެންދާނެއޭ.

އަޅުގަނޑުމެންނަށް މިފަހަރު އެތަނުގައި ތިބެ، ބަޔަކާ އެކީގައި އެއްބަސްވުމެއްގައި ސޮއިކުރެވޭކަށެއް ނެތް. އެކަން އެހެން އޮތީ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް މިހިންގަނީ ވަކި ތަރުތީބަކުން. ފުރަތަމަ މިޖެހެނީ ޝައުޤުވެރިކަން ހާމަކުރަން. އެއަށްފަހު، އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، ޕްރޮޖެކްޓެއް ނުވަތަ ޕްރޮޕޯސަލެއް ހުށަހަޅަން މިޖެހެނީ. ދެން އެޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކާއެކީގައި ސަރުކާރުން ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްދާނީ.

އަޅުގަނޑުމެންނަށް މިފަހަރު އިނގިރޭސިވިލާތުގެ އެންމެ ބޮޑެތި ކުންފުނިތައް މިކަމުގައި ޝައުޤުވެރިވާ ކުންފުނިތައް ދިމާވި އަދި އެބޭފުޅުންނާ ވާހަކަ ދެކެވުނު. އެބޭފުޅުން ތިއްބެވީ މިކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް. އެބޭފުޅުންގެ ޝައުޤުވެރިކަން އެބޭފުޅުން އެވަނީ ހާމަކޮށްފައި. ދެން ހަމަ މިޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން އެހިނގާ ތަރުތީބުން އެކަން ހިނގަމުންދާނީ. ޙަމްދޫނާއި އަޅުގަނޑާއި އަޅުގަނޑުމެންނަށް އެންމެ ރަނގަޅު މީހާ ކަމަށް ފެނުނަސްވެސް އަޅުގަނޑުމެންނަކަށެއް ނޯވޭ އެބަޔަކާއެކީގައި ހަމަ ވަގުތުން ވަގުތަށް ކޮންޓްރެކްޓެއްގައި ސޮއިކޮށް ވިޔަފާރި ފެށޭކަށް. މިހިންގާ އުޞޫލުތައް ދެފުށް ފެންނަ ގޮތަށް ރިވެތި ގޮތުގައި ކޮރަޕްޝަން ނުހިމެނޭ ގޮތަށް ހިނގާ ތަރުތީބުތައް އެބަ ހިނގާންޖެހޭ. އެހެންވީމާ، އެކަމުގައި އެނަގާ ދުވަހާ ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުންދާނީ.

ދެން ދެވަނަ ސުވާލަކަށް ޙަމްދޫން ކުރެއްވީ ދިޔާނާ އަޅުގަނޑަށް އަރުވާފައި އޮތް ލަފާގެ ވާހަކަ. އޭގެ ތެރެއިން ފުރަތަމަ ހޯމް މިނިސްޓަރަކު ނެތުން. ހަމަ ވަރަށްބޮޑު ތެދުފުޅެއް އިނގޭތޯ. ހޯމް މިނިސްޓަރަކު ހަމަޖެއްސުމަކީ، ވީހާވެސް އަވަހަކަށް އަޅުގަނޑު ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް، ދިޔާނާއަށްވެސް އެނގިވަޑައިގަންނަވާނެ ޙަމްދޫނަށްވެސް އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. މާދަމާ ރައްޔިތުންގެ މަޖިލިސް މިދަނީ އިންތިޚާބަށް. ވަޒީރެއްގެ ވަޒީރުކަން ޞައްޙަވެގެން އަންނަނީ މަޖިލީހުގެ ރުހުން އެވަޒީރަކަށް ލިބިވަޑައިގަތީމަ. މިހާރު މިއޮތީ ކުރީގެ ޤާނޫނު އަސާސީގެ ދަށުން އެކުލަވާލެވިފައި އޮތް ވަޒީރުންގެ މަޖިލސް. ފުރަތަމަ އަޅުގަނޑުމެން ހުވާކޮށް އެކުލަވާލެވުނު މަޖިލިސް އެކުލަވާލަން އެބަޖެހޭ. ވަޒީރުންނެތި ސަރުކާރު ހިންގޭކަށް ނެތް.

އެހެންނަމަވެސް، މިހާރު ވީހާވެސް އިންސާފުވެރި ގޮތަކަށް ރައްޔިތުންނަށް ފުރުސަތު ފުޅާކޮށްދީގެން އެއީ އަލަށް ހޮވޭ ރައްޔިތުންގެ މަޖިލީހަށް އެ ހޯމްމިނިސްޓަރުގެ ޞައްޙަކަން ހޯމް މިނިސްޓަރުގެ އިތުބާރު އޮތްކަން ހާމަކުރުމުގެ ފުރުސަތު ދިނުން އަޅުގަނޑުމެންނަށް ފެންނަނީ ބުއްދިވެރި ކަމަށް. މިވަގުތު ހޯމް މިނިސްޓްރީގެ އެންމެހާ މަސައްކަތްތައް ހިންގަވަމުން އެގެންދަވަނީ މިނިސްޓަރ އޮފް ޑިފެންސް އަމީން ފައިޞަލް. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ހޯމް މިނިސްޓްރީގައި އަޅުގަނޑު ޢައްޔަނުކޮށްފައި ތިބޭނެ 7 ސްޓޭޓް މިނިސްޓަރުން. މަދެއް ނުވާނެ އިނގޭތޯ. ކުރީގެ އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ހުރިހާ މަސައްކަތްތައް މި7 ސްޓޭޓް މިނިސްޓަރުން މެދުވެރިވެގެން ހިނގާނެ. އެހެންވީމާ އޭގައި ދެން ޤާނޫނީ އިމަކުންނެއް އަޅުގަނޑަކަށް ނުފެނޭ ބޭރުވާތަނެއް. ރަނގަޅު ގޮތަކީ ވަޒީރަކު ޢައްޔަނު ކުރުން ކަމުގައިވާއިރު އެންމެ ރަނގަޅު ގޮތަކީ، އަޅުގަނޑުގެ ނަޒަރުގައި ހަމަ މި އާ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް އެކަން ކުރުން. ދެވަނައަށް ދިޔާނާ ވިދާޅުވެފައި އޮތް ވާހަކައިގައި އެބޭފުޅާގެ އަމިއްލަ މަޞްލަޙަތު އޭގައި ހިމެނޭ ކަމަށް އަޅުގަނޑަށްވެސް ފެންނާތީވެ އަޅުގަނޑަށް އެކަމާ ފުންކޮށް ވިސްނާލަން ނޭނގިފައި އަދި މިހުރީ.

އިބްރާހީމް މުޙަންމަދު – މިނިވަން ނިއުސް ވެބްސައިޓް:

އަޅުގަނޑުވެސް ކޮށްލަން ބޭނުންވަނީ ހަމަ އެ ސިޓީއާ ގުޅުންހުރި ސުވާލުތަކެއް. އެގޮތުން ފުރަތަމަ ސުވާލަކީ، ދިޔާނާ ސަޢީދުގެ ސިޓީ ޕަބްލިކަށް ޢާންމު ކުރުން މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯއޭ؟

ދެން ދެވަނަ ސުވާލެއްގެ ގޮތުން މަނިކުފާނު ރާއްޖޭގައި ނޫޅުއްވަނިކޮށް މިސިޓީތައް ޢާންމު ކުރުން މިއީ، ސިޔާސީ މަޤްޞަދެއް އެކުލެވޭ ކަމެއް ކަމަށް މަނިކުފާނަށް ފެނިވަޑައިގަންނަވާތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން އެއީ އެބޭފުޅާގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް. އަޅުގަނޑު ތިޔަކަމާ އެއްޗެއް ދަންނަވާކަށް ނެތިން.

އިބްރާހީމް މުޙަންމަދު – މިނިވަން ނިއުސް ވެބްސައިޓް:

ގުޅުން ހުރި އަދި އިތުރު ސުވާލެއް. ތިޔަ ވިދާޅުވީ ދިޔާނާ ސަޢީދުގެ އަމިއްލަ މަޞްލަޙަތު ހިމެނޭކަމަށް ދެވަނަ ސިޓީގައި ތިޔަބޭފުޅާއަށް ފާހަގަކުރެވޭކަމަށް. އުފެދޭ ސުވާލަކީ، ހަމަ މިފަދަ ޕޮއިންޓްތަކެއް އެބައޮތް އިނގޭތޯ ދިވެހި ޤައުމީ ޕާޓީގެ ފަރާތުން މަނިކުފާނަށް ތަންކޮޅެއް ކުރިން ހުށަހަޅާފައި. މަނިކުފާނު ގަބޫލުކުރައްވަންތޯ މަނިކުފާނު ޢައްޔަނު ކުރައްވާފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އެއްވެސް ކަހަލަ ނުފޫޒެއް ހިމެނިވަޑައިގަންނަވާނެކަމަށް. އަދި އެފަދަ ނުފޫޒެއް އޮވެއްޖެކަމަށްވާނަމަ މަނިކުފާނު ކޮންގޮތަކަށްތޯއޭ ޢަމަލު ކުރައްވާނީ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު އިނގޭތޯ އެއްއަތަކުން މިވާގޮތަކީ، ޝަކުވާ މި އަންނަނީ ސަރުކާރުގެ ޕްރޮގްރާމްތައް ނުހިންގިގެން، ސިވިލް ސަރވިސްއާ ގުޅޭގޮތުން. އަނެއް އަތަކުން ޝަކުވާ މި އަންނަނީ ސިވިލް ސަރވަންޓުންނަށް ދަތިވާކަމަށް. މިހާރު ސަރުކާރުން ޝަކުވާ މިކުރަނީ ސަރުކާރަށް ދަތިވާ ކަމަށް. ސިވިލް ސަރވެންޓުން މިހާރު ޝަކުވާ މިކުރަނީ، ސަރުކާރު މުވައްޒަފުން މިޝަކުވާ ކުރަނީ ސިޔާސީ ބޭފުޅުންނާހުރެ އެބޭފުޅުންނަށް ދަތިވާކަން. ދެން މިދެކަންވެސް ކޮންމެވެސް ވަރަކަށް ހިނގާނެ. އަޅުގަނޑުމެން އޭގެތެރެއިން މެދު ރޮނގަކުން ވީހާވެސް ރަނގަޅު ގޮތަކަށް އަޅުގަނޑުމެންނަށް ދެވުނީމާ ރަނގަޅުވާނެ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ގަބޫލުފުޅު ކުރައްވާ އެބައި އަދި އެބޭފުޅުންނަށް މާރަނގަޅަށް ސާފުވެވަޑައިގަންނަވާނެ. މިރާއްޖޭގައި މީގެކުރީގައި ސަރުކާރުގެ މުވައްޒަފުން މެދުވެރިކޮށް ހިންގަމުން ގެންދިޔަ ނާޖާއިޒު ސިޔާސީ އެކިއެކި ކަންތައްތައް، ކުރީގައި ހިންގި ދަރަޖައާ ގާތް މިންވަރަކަށްވެސް ނުހިނގާނެ. އަޅުގަނޑުމެން ޑިމޮކްރަސީއަށް ބަދަލުވީ އިނގޭތޯ. ބަދަލުވިޔަސްވެސް ހަމަ މިތިބީ ކުރީގައި ހުރި ކަށްޓާ މަހާ ލޭ. އަޅުގަނޑުމެންނަށް މިރާއްޖެ ފުރިހަމައަށް ބަދަލުވުމަށް ވަގުތު ނަގާނެ. އަޅުގަނޑަކަށެއް ނުއެއް އެނގޭ، އަޅުގަނޑެއް ނުދަންނަވާނަން ބޭފުޅަކު މިސާލަކަށް ކައުންސިލަރަކު ނުވަތަ އެހެން ސިޔާސީ މަގާމެއްގައި ހުންނަވާ ވަޒީރު ބޭފުޅަކު، ބޭނުންވެވަޑައިގަންނަވާ ބޭފުޅަކު ހޮވުމަށް އެބޭފުޅާ އެހެން ބޭފުޅެއްގެ ކައިރީ ވާހަކަ ދައްކަވާފައި އޮވެދާނެ. އެއީކީއެއް ނުހިނގާ ކަމެއް ކަމަކަށް ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެ. އެހެންނަމަވެސް ޢާންމު އުޞޫލުތަކާ ޑިމޮކްރަސީގެ ހަމަތަކަކުން ބޭރުން އެއްވެސް ކަމެއް ހިނގާފައި އޮތް ކަމަކަށް ހަމަ އަޅުގަނޑެއް ނުދެކޭނަން.

މިހާރު މިސާލަކަށް ބައެއް ބޭފުޅުން ބައެއް ވަޒީރު ބޭފުޅުންގެ ފިރިކަލުން ކުރިމަތިލައްވާ. އަނެއްބައި ބޭފުޅުންގެ ގާތް ތިމާގެ ބޭފުޅުންވެސް އެބަ ކުރިމަތިލައްވާ. އަނެއް މީހެއްގެ އެހެން މީހެއްވެސް އެބަ ކުރިމަތިލައްވާ. އަދި މިއީ ޕާޓީތަކުގެ އިތުރުން. އެހެންވީމާ، މިއިން ކަމެއް މިހެން ހިނގަމުންދާއިރުގައި ބޭފުޅަކަށް އެއްޗެއް ވިދާޅުވެދެވިދާނެނޫންތޯ ކަމަކާ ގުޅޭގޮތުން.

އިބްރާހީމް މުޙަންމަދު – މިނިވަން ނިއުސް ވެބްސައިޓް:

ކޯލިޝަންގެ ކުރިމަގާމެދު ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ، މި ސިޓީތައް ޢާންމު ކުރުމަށްފަހު؟

ރައީސް މުޙަންމަދު ނަޝީދު:

ކޯލިޝަން އޮތީ ވަރަށް ވަރުގަދަކޮށް، އިނގޭތޯ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު ދެންނެވީ ކުރިން ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައި ބަންޑާރަނައިބުގެ ކޮން އަމިއްލަ މަޞްލަޙަތުތަކެއް އޮތްކަމަށްތޯ މަނިކުފާނު ގަބޫލުފުޅު ކުރައްވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

ޙަމްދޫނަށް ހީވަނީ ކިހިނެއްތޯ؟

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑަށް ވަކި އެއްޗެއް (ދަންނަވާކަށްނެތިން) ސީދާ ރައީސް ދެކެވަޑައިގަންނަވާގޮތް އަޅުގަނޑު ބޭނުންވަނީ. ކޮންކަހަލަ މަޞްލަޙަތު ތަކެއްތޯ އޮތީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ދެންނެވިން، ބައެއް ބޭފުޅުންގެ ފިރިކަލުން ކުރިމަތިލައްވާކަމަށް. އަނެއްބައި ބޭފުޅުންގެ ހަމަ ވަރަށް ގާތް ބޭފުޅުންވެސް ކުރިމަތިލައްވާ. އެހެންދާތަނެއްގައި މަގުފަހިކޮށްލުމަށްޓަކައި ބައެއް ބާވަތުގެ ސިޔާސީ ކަންކަން އިއްތިޙާދު ތެރޭގެ ބައެއް ވަޒީރުން ދެން އަޅުގަނޑު ކުރީގައިވެސް ދެންނެވިން ކުޑަކޮށް ލާނެއް ކަންތައް އެބޭފުޅުން ކުރައްވާނެއޭ. ދެން އެއީކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއްނޫނޭ. މީގައި ބަލަންވީ ޑިމޮކްރަސީއަށް ނުވަތަ ޤާނޫނީ ރޫޙަށް އެބަ ބުރުލެއް އަރާތޯ. ނާރާ. ދެން އޭގެ ބޭރުން އެބޭފުޅުންގެ މަޞްލަޙަތަށްޓަކައި ބޭނުންފުޅުތަކަށްޓަކައި މިހެންބައެއް ބާވަތުގެ ވާހަކަ އެހެން ދައްކަވާލެއްވިޔަކަސްވެސް އަޅުގަނޑުމެން އަދި އެކަމާ މާބޮޑަށް ކަންބޮޑުވާކަށްނުވާނެ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ހޯމް މިނިސްޓަރުގެ މައްސަލައިގައި ވިދާޅުވީ، މިހާރަށްވުރެ ފުޅާ މަޖިލީހަކުން އެކަމަށް އިތުބާރު ހޯއްދެވުމޭ ރައީސަށް އެންމެ ރަނގަޅު ގޮތަކީ، ދެކެވަޑައިގަންނަވާ ގޮތަކީ. ދެން އަޅުގަނޑު ހިތަށް އަރާ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލް، މިއީ، މުޅިޤައުމަށް ބޮޑު ބަދަލެއް އަންނަ ބިލެއް. މިފަދަ ބިލަކަށް ކީއްވެތޯ އެފަދަ ފުޅާ މަޖިލީހަކަށް ވިސްނާވަޑައިނުގަތީ؟

ރައީސް މުޙަންމަދު ނަޝީދު:

ވަރަށް ރަނގަޅު، ޙަމްދޫން އިނގޭތޯ! އަޅުގަނޑު ބެލީ ޤާނޫނުއަސާސީގައި އެބައޮވޭ ލޯކަލް ގަވަރންމަންޓް އިންތިޚާބު ބާއްވަންޖެހޭ ތާރީޚެއް. އެހެންވީމާ، އަޅުގަނޑަކަށް ލަފައެއްވެސް ނުކުރެވޭ މިމަޖިލީހަކުން އެއަށް ވޯޓު ނެގޭވަރުވާނެ ކަމަކަށް އިނގޭތޯ. އަޅުގަނޑުމެންނަށް މިހާރު އެހުށަނޭޅި އޮވެއްޖެއްޔާ ފަހުން އައިސް މީގެ ޤާނޫނީ މަސްއޫލިއްޔަތު އޮންނާނީ އަޅުގަނޑަށް. އެހެންވީމާ، އަޅުގަނޑުގެ ވާޖިބު އަޅުގަނޑު އަދާކުރަންޖެހޭ. އެގޮތުން އަޅުގަނޑުވެސް އެންމެ އެދޭގޮތަކީ ފުޅާ މަޖިލީހަށް އެބިލް ދިއުން.

ހާމަނޫސް އިބްރާހީމް ވަޙީދު:

މަނިކުފާނު ވިދާޅުވެއްޖެ، ތަންކޮޅެއް ފުޅާ މަޖިލީހަކުން ނަން ފާސްކުރުމަށް މިހާރު ވިސްނުންފުޅު ގެންގުޅުއްވަނީ ކަމަށް. އެހެންވީމާ، މަނިކުފާނު އެ މަގާމަށް އިސްކުރައްވާނެ ބޭފުޅެއް މިހާތަނަށް މަނިކުފާނަށް އިޚްތިޔާރު ކުރެއްވިފައިވޭތޯ އެއީ، ކޮންޕާޓީއެއްގެ ބޭފުޅެއްކަން ވިދާޅުވެދެއްވިދާނެތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ނޫން، އަޅުގަނޑު ހޯމް މިނިސްޓަރަކަށް ވަކި ބޭފުޅަކު ނެތިގެނެއް މައްސަލައެއް އަޅުގަނޑަށް އުފެދިގެން ނުވެއް އުޅެން. ހޯމް މިނިސްޓަރަކަށް ސީދާ ބޭފުޅަކު ޙަޤީޤަތުގައި ނެތިގެނެއްވެސްނޫޅެން. މިދަންނަވާހެން، 7 ބޭފުޅުން އެބަތިއްބެވި. ފުރަތަމަ ކަމަކަށް. ދެން އަދި ވަގުތީގޮތުން ބަލަހައްޓަވާނެ ބޭފުޅަކުވެސް އެބަހުންނެވި. އެހެންވީމާ، އަޅުގަނޑަކަށް ތިޔަމައްސަލައެއް ނުނުކުމޭ.

އިބްރާހީމް ޒަކީ ސަން އެފް އެމް:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވާފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވޭ އެބަވޭ އިނގޭތޯ.

ރައީސް މުޙަންމަދު ނަޝީދު:

ނުބައި ބަހެކޭ ތިޔަ ބޭނުންކުރެއްވީ. ނުފޫޒެކޭ އަޅުގަނޑު ނުދަންނަވަން. ބެހޭނަމޭ.

އިބްރާހީމް ޒަކީ ސަން އެފް އެމް:

މަނިކުފާނު ގަބޫލުކުރައްވަންތޯ މަނިކުފާނު ޢައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ދާއިރާތަކުގެ ބޭފުޅުން އިންތިޚާބަށް ނުފޫޒު ފޯރުއްވުމަށް މަސައްކަތް ކުރައްވާ ކަމަށް.

ރައީސް މުޙަންމަދު ނަޝީދު:

މިހާރު އަޅުގަނޑުމެން އެބަ، ތީގައި މުޅި ޖުމްލަކޮށް ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި އަޅުގަނޑުމެންގެ ވިސްނުމާއި، ސުވާލާއި، އުފެދޭންޖެހޭ ސުވާލާއި، ވިސްނުމުގެ ރޮނގާއި ފަލްސަފާތަކަށް އެބަ ވިސްނާލަންޖެހޭ އިނގޭތޯ. މިހާރު ހިނގަމުން މިދަނީ އެމް.ޑީ.ޕީ އެކުލެވޭ އިއްތިޙާދެއްގެ ވެރިކަމެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓުން، އަޅުގަނޑުމެންގެ ކައުންސިލަރުން ސިޔާސީ މަގާމުތަކަށް އަޅުގަނޑުމެން ޢައްޔަން ކޮށްފައި މި ތިބެނީ. މިހާރު މި ހިނގަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމް.ޑީ.ޕީގެ ފަރާތުން، އެމް.ޑީ.ޕީ އިއްތިޙާދުގެ ފަރާތުން ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމުގެ މަސައްކަތެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެ ހެޔޮގޮތުގައި މިކަން ކުރުމަށް އަޅުގަނޑުމެންނަށް ފެންނަ، ޤާނޫނީ އިމުގެ ތެރޭގައި ކުރެވެން ހުރި ކަންކަން އަޅުގަނޑުމެން ކުރާނަން. އެއްގޮތަކަށްވެސް ކަންބޮޑުވެލައްވާނެ ކަމެއްނެތް، އެނޫންކަމެއް. އަދި ސިވިލް ސަރވިސްގެ ބޭފުޅަކަށް މާރަނގަޅަށް އެނގިވަޑައިގަންނަވާނެ ނޫންތޯ މިހާރު ކަންތައްހުރި ގޮތް. އަޅުގަނޑުމެންގެ މީހަކު އެވެނި އެއްޗެއް، މިވެނި އެއްޗެއް ބުންޏެއް ކަމަކު އަދި އެހެން ހަދަން މިހެން ހަދަން ވިދާޅުވިއެއް ކަމަކު ސިވިލްސަރވިސްގެ ބޭފުޅުންނަށްވެސް ސިވިލްސަރވިސްއާބެހޭ ޤާނޫނު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.

އަޅުގަނޑަށް މީގައި މިފެންނަނީ އެތަނެއް ނޫން. އަޅުގަނޑަށް މިފެންނަނީ ސިވިލް ސަރވިސްގައި ތިއްބެވި އަދި އެމް.ޑީ.ޕީ.އަށް ރަނގަޅަށް ތާއީދު ނުކުރައްވާ އެހެން ސިޔާސީ ޕާޓީތަކަށް ތާއީދު ކުރައްވާ ބޭބޭފުޅުން، އަޅުގަނޑުމެންގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ނުދެއްވާތަން. އެ ސިޔާސީގޮތުން އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެން ކުރަންހުރި މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ނުދެއްވާތަން. ދެން އެކަން އަޅުގަނޑަށް އެންމެ ކަންބޮޑުވަނީ އެއީ، އަޅުގަނޑުމެންނަކީ ވަކިމުއްދަތެއްގެ ތެރޭގައި ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ރައްޔިތުންނަށް ކޮށްދިނުމަށް ވަޢުދުވެ ތިބި ބައެއް. އަޅުގަނޑުމެން ޖެހޭނެ އެކަންކަން ކޮށްދިނުމަށް މަސައްކަތް ކުރަން.

މިއުސަމް ޢައްބާސް ޖަޒީރާ:

މަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި، ބޭރުގެ ބައެއް ނޫސްތަކުން މަޢްލޫމާތު ދެއްވާފައި އެބަހުރި. އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހިރާއްޖޭގެ ސްޓޭޓް މީޑިއާއަށް އިންވެސްޓްކުރާނެ ފަރާތެއް ހޯއްދެވުމޭ. އެހެންވީމާ، މިކަން ކިހާވަރަކަށް ކާމިޔާބު ކުރެވުނުތޯއޭ؟ ކިތައް ޕާޓީން މިކަމާ އިންޓްރެސްޓް، ނޫނީ ޝައުޤުވެރިކަން ފާޅުކޮށްފައިވޭތޯއޭ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު އަޅުގަނޑުމެންގެ ހަމަ މިޕްރޮގްރާމްގެ ތެރޭގައި ހިމެނޭ އެއްކަމެއް އެއީ. މިހާރު މިވާގޮތަކީ އިނގޭތޯ ސްޓޭޓް މީޑިއާގެ އިންފްރާސްޓްރަކްޗަރ ހަރުމުދާ، ސާމާނު، އެ ސާމާނު އަޅުގަނޑުމެން މިއުޅެނީ ޕްރައިވަޓައިޒް ކުރަން. އޭގެ އެޑިޓޯރިއަލް އެހަމަ ހިނގަންޖެހޭނީ ޞައްޙަ ރަނގަޅު ނިއުސް އެޑިޓޯރިއަލްއެއްގެ ގޮތުގައި. ސަރުކާރަށްވެސް ޖެހިގެނެއް ނުވާނެ. ވަކިފަރާތަކަށް ބުރަވެގެނެއް ނުވާނެ. އަޅުގަނޑުމެން ޕްރައިވަޓައިޒް ކުރަންވެގެން މިއުޅެނީ އެތަކެތި، އޭގެ ވިޔަފާރި. އޭގެ ވިޔަފާރިއާ އޭގެ ޚަބަރު ފޯރުކޮށްދިނުމާ އެއީ ތަފާތު ދެކަމެއް. އެހެންވީމާ، އަޅުގަނޑުމެން އިނގިރޭސިވިލާތުން ކުރާ އެއްކަމަކީ، ސީދާ މިމޮޑެލް، މިކަން ހިނގާނެ ގޮތް ފުރިހަމަކުރުން. އަޅުގަނޑުމެން މިބޭނުންވާ ގޮތްވެސް އެނގުން.

ދެން ތިޔަކުރެއްވި ސުވާލުގެ ޖަވާބުގައި (ދަންނަވަން އޮތީ،) މިހާތަނަށް އެބައޮތް 8 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައި.

ޢަބްދުއްލަޠީފް – ރާއްޖެ ނިއުސް އޮން ލައިން:

އަޅުގަނޑުގެ ސުވާލު ކުޑަކޮށް ދެބަޔަކަށް ބަހާލާނަން އިނގޭތޯ. ފުރަތަމަ ސުވާލަކީ، ކުރިން ރާނީގެ ދަޢުވަތަކަށް ވަޑައިގެންނެވި އަޅުގަނޑުމެންގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަށްފަހު އަޅުގަނޑުމެންނަށް އިވިގެންދިޔަ ބޮޑު ސޮލީބެއް ގެންނެވި ވާހަކަ. އެކަހަލަ އެއްޗެއް މަނިކުފާނު ގެންނެވިންތޯ؟ ގެންނެވި ކަމަށްވަންޏާ، ކުރިއްސުރެ އަޅުގަނޑުމެންނަށް އެކަމުގެ މަޢްލޫމާތު ދެއްވުން އެދެމޭ!

ދެން ދެވަނަ ކަމަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ގޮނޑިއަކަށް އަޅުގަނޑުމެން ކުރިމަތިލީ ވާހަކަ އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރުވަނީ އިޢްލާނު ކުރައްވާފައި. އެހެންނަމަވެސް، އިންސާނީ ޙައްޤުތައް މާނަކުރުމުގައި ދިވެހި ރައްޔިތުން މާނަ ކުރާގޮތް ކުޑަކޮށް ތަފާތު. އެއީ 30 އަހަރު ވަންދެން ގެއްލިގެން ގޮސްފައި އޮތް އަޅުގަނޑުމެންގެ ވަރަށްބޮޑެތި ޙައްޤުތަކެއް އެބަވޭ. އެޙައްޤުތައް ލިބިދިނުން އެއީ، އެންމެ ބޮޑެތި އިންސާނީ ޙައްޤުތައް ކަމަށް ރައްޔިތުން ދެކެމުންދަނީ. އެހެންކަމަށްވާއިރު، މަނިކުފާނު ރާއްޖޭގައި ވަޑައިގެންނެތީސް އަނެއްކާވެސް ހިނގާފައިއޮތް ވާހަކައެއް ދަންނަވާލަންޖެހެނީ. އެއީ، ރައްޔިތުންގެ ލޯލާރިއަކަށްވެސް ކުރީގެ ރައީސް ޚިޔާނާތްތެރިވެވަޑައިގެންފައި، ނުވާނެކަމަށް ވިދާޅުވީ. ދެން އޭރަކު ލޯ ލާރިއެއް ނުހުންނާނެ މި ސަރުކާރަކު އިނގޭތޯ. އެއީ، ވަރަށް ކުރީގައި ގެންގުޅުނު އެއްޗަކަށްވާތީ ލޯ ލާރިއެއް ނުހުންނާނެ. އެހެންނަމަވެސް، ދިވެހި ރުފިޔާއަށް ޚިޔާނާތްތެރިވެވަޑައިގެންފައި، ނޫނީ އިހުމާލުވެވަޑައިގެންފައި ނެތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގޫވޭ، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުން. މިކަންތައްތައް މިހެން ހުރިއިރުގައި އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޙަޤީޤަތުގައި ގެއްލިގެން މިއުޅޭ އަޅުގަނޑުމެންގެ ޙައްޤުތައް ހޯއްދަވައި ދެއްވުމަށް މަނިކުފާނުގެ ސަރުކާރުން މިހާތަނަށް ކުރައްވާފައިވަނީ ކޮންމަސައްކަތްތަކެއްތޯ؟ ކިހާތަނެއްގައިތޯ މިކަމުގެ ޢަމަލީ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާނީ؟ އެއީ، އަޅުގަނޑުގެ މައިގަނޑު ސުވާލަކީ.

ރައީސް މުޙަންމަދު ނަޝީދު:

ވަރަށްބޮޑު ތެދުފުޅެއް އިނގޭތޯ. އަޅުގަނޑަށްވެސް ވަރަށް ދަތިވަމުން އަންނަ ކަމެއް ތީ ދެން. ހައްތަހާވެސް ތިޔަކަމުގެ ތެރޭގައި ކުރީ ސަރުކާރުގެ އެކިއެކި ބޭފުޅުންގެ ކަންކަން އަޅުގަނޑުމެން ފަތިފުށާ ފަތްފުށް އަޅުގަނޑުމެން ބަލަންޖެހި، ތަޙްޤީޤު ކުރަންޖެހި އެކަންކަމުގެ ތެރެއަށް އަޅުގަނޑުމެން ވެއްޓިގަންނަން ޖެހޭތީވެ އުނދަގުލެއް، މި ނުކުންނަނީ އިނގޭތޯ، ހައްތަހާވެސް ހަމަ އެއީ. އަޅުގަނޑުމެން މަސައްކަތް މިކުރާ ކަމަކީ، އެހެންނަމަވެސް، ލަޠީފު ތިޔަ ބުނުއްވީ ހަމަ ވަރަށްބޮޑު ތެދުފުޅެއް. އެބޭފުޅުން އަމިއްލަފުޅަށް އެބަވިދާޅުވޭ، ތިމަންނާމެން ޝަރީޢަތަށްދާނަމޭ. އެހެންވީމާ، އެގޮތް އަޅުގަނޑަށް ހީވަނީ މާރަނގަޅުހެން. ދެން އަޅުގަނޑުމެންވެސް އޭގައި އޮޑިޓަރޖެނެރަލްގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިއްޖެނަމަ، ހަމަ ލިބޭތަނުން އަޅުގަނޑުމެން އެރިޕޯޓް ފުލުސް އޮފީހަށް ފޮނުވަން. މިހާރު އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީފަހުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް އެކަންޏެއްނޫން، އަޅުގަނޑުގެ މޭޒުމައްޗަށް ވައްކަމެއްގެ ޚިޔާނާތެއްގެ، ތުހުމަތެއް، ހެއްކެއްގެ ވާހަކަ ކިރިޔާވެސް އަތުވެއްޖިއްޔާ އަޅުގަނޑު އެވާހަކައެއް، އެމައްސަލައެއް ފޮނުވަނީ ފުލުސް އޮފީހަށް. ދެން ފުލުސް އޮފީހުން އެމައްސަލައެއް ބަލާފައި، ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީޢަތަށް ފޮނުއްވާނެ. އެހެންވީމާ، ދެން އަޅުގަނޑުގެ މޭޒުމައްޗަށް އެބާވަތުގެ އެއްވެސް އެއްޗެއް އަތުވެއްޖެއްޔާ ހަމަ ޔަޤީނުންވެސް އަޅުގަނޑު އެމައްސަލައެއް ފުލުސް އޮފީހަށް ފޮނުވާނަން.

އާދެ، ދެން ސޮލީބުގެ މައްސަލަ ދޮއެއްތޯ! އިނގިރޭސި ދައުލަތުން އަރުވާ ލަޤަބުތަކެއް ހުރޭ އިނގޭތޯ، "ނައިޓް ކޮމާންޑަރ އޮފް ސެންޓް ޖޯޖް އެންޑް ސެންޓް" (ކޭ.ސީ.އެމް.ޖީ)ގެ ލަޤަބަކީވެސް އޭގެ ތެރެއިން އެއް ލަޤަބެއް. ދެން އަޅުގަނޑު މިއައީކީއެއް އޭގެ ލަޤަބެއް ހިފައިގެނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ދެންނެވިން އިނގިރޭސި ރާނީ އަރިހުގައި އަޅުގަނޑުމެން ވަރަށް އެދެމޭ ކަމަނާފާނަށް ލަޤަބެއް އަރުވަން. ދެން އަޅުގަނޑު މިހިތަށް އެރީ އަޅުގަނޑުމެންނަށޭ ހައްތަހާވެސް މީގެކުރީގައި މިލަޤަބު އަރުވަނީ. ދެން މިހާރުވެސް އެބޭފުޅުން އެދިވަޑައިގަންނަވާ އެކަން. އެކަމު އަޅުގަނޑު އެދުނީ އަޅުގަނޑުމެން އެކަމަނާއަށް ލަޤަބެއް އަރުވަން. ދެން އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންގެ ހަމަ ވަރަށްބޮޑު ޤަދަރަކާ ލޯތްބެއް އަދި ދުނިޔޭގެ ކޮމަންވެލްތްގެ ހުރިހާ ޤައުމެއްގެވެސް ރައްޔިތުން. އަޅުގަނޑު ހަމަޢަޖައިބުވި އިނގޭތޯ! ރާނީއަށް ހަނދުމަފުޅުގައި 72ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދުމަފުޅު ހުރި މިންވަރު. ވިދާޅުވި ތިމަންނާ މިތަނަށް އައިރުގައި، ރާއްޖެ އައިއިރުގައި، ކޮންމެވެސް ރަށެއްގެ ބަޔަކު މަސްވެރިންތަކެއް ބެހިގެން އުޅޭ ޚަބަރެއް އިވިގެން ތިމަންނާގެ މަނަވަރުގެ ލޯންޗް ފޮނުވީމޭ، އެމީހުން ކޮބައިބާވައޭ؟ އެމީހުން ސަލާމަތްވެގެން އައިވާހަކަ ތިމަން އަޑުއެހީމޭ، މިހާރު އެމީހުން ކޮބައިބާވައޭ؟ ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑު އޮޅުންފިލާތޯ ބަލާނަމޭ، އެމީހުން ކޮބައިތޯ.

ދެން ވިދާޅުވީ، އެބޭފުޅާ، ރާނީ އަމީނިއްޔާ ސްކޫލަށް ވަޑައިގެންނެވިއިރުގައި އަމީނިއްޔާ ސްކޫލުން ދަރިވަރަކު ރާނީއަށް ވާހަކައެއް ކިޔައިދިނޭ ކޮޅަށް ތެދުވެގެން. އަޅެ އެކުއްޖާ ކޮބައިބާވައޭ. ދެން އަޅުގަނޑު ދެންނެވިން، އެކުއްޖާގެ ޚަބަރުވެސް އަޅުގަނޑު އޮޅުންފިލުވާނަމޭ. ދެން ޙަޤީޤަތުގައި ހަމަ މާބޮޑަށް އެނގިވަޑައިގަންނަވަނީ. ކަންކަން ހިނގާފައިހުރި ގޮތާ، ދެން އަޅުގަނޑަށް ރާނީގެ ލައިބްރަރީ ދެއްކެވި. އެއީ، ވިންޑްސަރކާސްލް ލައިބްރަރީ. އެތަނުގައި ހުރި ދިވެހިރާއްޖެއާ ގުޅޭގޮތުން ހުރި ހުރިހާ އެއްޗެއް. ތާރީޚީ ވަރަށްގިނަ މަޢްލޫމާތު އިނގޭތޯ. ދެން އަޅުގަނޑު ދިޔުމުގެ ކުރީގައިވެސް ދަންނަވާފައި އޮންނާނީ ރާއްޖޭގައި ހުރި ޒަމާންވީ ލިޔުންތައް އެބަ ގެއްލިދެޔޭ، ވީރާނާވެ އެބަދެޔޭ، އަޅުގަނޑުމެން އަތަކު ނެތޭ އެ ރައްކާތެރިކުރުމާ އެލިޔުންތައް ސަލާމަތްކުރުމާއި މިކަމުގެ ހުނަރުވެރިކަމާއި ޢިލްމާއި އެކަމަށް ބޭނުންވާ ކަންކަމެއް. ދެން ރާނީ ވިދާޅުވި އެކަން އެބޭފުޅުން ކޮށްދެއްވާނަމޭ. ދެން އެހެންވީމާ، އަޅުގަނޑު ވަރަށް ހިތްހަމަޖެހުނު، ދިވެހިރާއްޖެއާ ގުޅޭވެސް އެހާގިނަ މަޢްލޫމާތު އެކަމަނާއަށް އެނގިވަޑައިގެން ހުންނެވީތީވެ. އަޅުގަނޑު ދެންނެވިން، ދިވެހިން ކަމަނާއަށް ވަރަށްބޮޑަށް އިޙްތިރާމްކުރާ ކަމަށާއި، ކޮމަންވެލްތްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އެކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ބަލައިގަންނަކަމާ އެކަމުގެ ތަޢުރީފް. ހަމަ ޢަޖައިބުވި އަޅުގަނޑު އެބޭފުޅާގެ ހަނދުމަފުޅަށް.

އިބްރާހީމް ވަޙީދު ހާމަ ނޫސް:

އާދެ، މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރީގައިވެސް އަދި އޭގެ ފަހުގައިވެސް ވިދާޅުވި، އެކިކަންކަމުގައި ރައީސް މައުމޫންގެ ލަފާފުޅު ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ލަފާފުޅު ހޯއްދަވާނެކަމަށް. މިހާތަނަށް އެއްވެސް ކަމެއްގައި ލަފާފުޅު ހޯއްދަވާފައިވާނަމަ އެއީ ކޮންކަމެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ، އަދި މިއުޅެނީ އެހިސާބަށް ނުދެވިގެން. އަޅުގަނޑަށް އަޅުގަނޑުގެ އަތުން ނެއްޓިދާވަރު އަދި އަޅުގަނޑަށް އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހާ އަޅުގަނޑުމެންގެ ލަފާދާރުންގެ ދުރަށް ލަފަޔަކަށް ދާންޖެހޭ ބާވަތުގެ ކަމަކަށް އަދި ދިމައެއްނުވޭ. އެހެންނަމަވެސް، ރައީސް މައުމޫން އިސްވެ ލަފައެއް އެރުވި، އަޅުގަނޑަށް އެއްކަމެއްގައި އިނގޭތޯ! އެއީ، ޚުޠުބާ ކިޔުމުގައި ޢާންމުކޮށް އެހެން ދޫކޮށްފައި އޮންނަ އޮތުމުގައި ކުޑަކޮށް ބަލާލަންޖެހޭނެ ކަމަށް ވިދާޅުވެ، އެރުވި ލަފައެއް. އަޅުގަނޑުހިތުން ކުރިއަށް އޮތްތަނުގައި ހަމަ އެމަސައްކަތް މައުމޫނާއެކު އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ.

ދެން އަޅުގަނޑު މިދެކެނީ އިންތިޚާބު ނިމުނީމާ ދެން އެބޭފުޅާއަށްވެސް ތަންކޮޅެއް ފަސޭހަފުޅުވާނެ އޭރަށް. އަޅުގަނޑު މިއުންމީދު ކުރަނީ ޑީ.އާރު.ޕީ.ގެ ލީޑަރެއްގެ ގޮތުގައެއްވެސް ނޫނޭ، އޭރަށް ހުންނަވާނީކީއެއް. އޭރަށްވެސް އަޅުގަނޑުމެންނަށް ފަސޭހަވާނެ. ދެން ތަންކޮޅެއް ރިޓަޔަރ ނުވަތަ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެހެން ބޭފުޅުންވެސް މަސައްކަތް ކުރައްވާ ގޮތަށް މަސައްކަތް ކުރައްވަން ފެށްޓެވީމާ އަޅުގަނޑުމެންނަށް ފަސޭހަވާނެ.

ޖަޢުފަރު ރަޝީދު– މިއަދު ނޫސް:

އަޅުގަނޑުގެ ސުވާލަކީ، ބަންޑާރަނައިބު ލަފާ ދެއްވިއިރުގައި އެބައޮތް ޑިފެންސް މިނިސްޓަރ، ހޯމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އެހާ ގިނަ ދުވަހު ހުންނެވުމަކީ، ޤާނޫނީ ގޮތުން މައްސަލައެއް އުފެދިދާނެ ކަމެކޭ. ރައީސް ގަބޫލުކުރައްވަންތޯ އެއީ، ޤާނޫނީގޮތުން މައްސަލައެއް އުފެދިދާނެ ކަމެއްކަމަށް؟
ރައީސް މުޙަންމަދު ނަޝީދު:

މިހާރު ޤާނޫނީގޮތުން މައްސަލައެއް ނުކުންނަ ކަމެއް ވެއްޖިއްޔާ އެހާގިނަ ދުވަހާ، މިހާ ގިނަދުވަހާ އެދޭތެރެއެއް ނާންނާނެ ދޮއެއްތޯ. ފުރަތަމަ ދުވަހުންވެސް އޮންނާނީ އެމައްސަލަ ނުކުމެފައި.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

ދެވަނަ ސުވާލަކީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސްވަނީ ނިންމަވާފައި. އެގޮތުން ސަރުކާރުގެ އެހެން އިދާރާތަކެކޭ އެއްފަދައިން، ރައީސްގެ އަމިއްލަ ދަތުރުފުޅުތައް މަދުކުރައްވަން ޚިޔާލު ކުރައްވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ނޫން، ނޫން ނުކުރަން. އަޅުގަނޑު ކުރީދުވަހުވެސް ދަންނަވާފައި އޮންނާނެ، އަޅުގަނޑެއް ނުކުރަމޭ. އަޅުގަނޑު މިކުރަނީ މިރާއްޖެއަށް އަޅުގަނޑުމެންގެ މަސައްކަތްތައް ހިންގުމަށް ކުރަން ބޭނުންވާ ދަތުރުތައް. އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ނުދާ ރަށެއް އޮވެގެނެއް ނޫން މިދަނީކީއެއް. 18 ގަޑިއިރު މިދަތުރުގައިވެސް އަޅުގަނޑަށް މަސައްކަތް ކުރަންޖެހުނު. އެހެންވީމާ، ކޮންމެހެން އަޅުގަނޑު ފަސޭހަކަމެއް ކުރަން އުޅެނީކީއެއްނޫން.

ޖަޢުފަރު ރަޝީދު– މިއަދު ނޫސް:

އެއްވެސް ދަތުރުފުޅެއް ކެންސަލެއްވެސް ނުކުރައްވާނަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން ދާންޖެހޭ ދަތުރުތައް. އެއްވެސް ދަތުރުފުޅެކޭ ތިޔަވިދާޅުވީ ކިތައް ދަތުރު ކަމަށްތޯ އެނގިވަޑައިގެންފައި އޮތީ ލިބިފައި، ކުރަން ޖެހިފައި. މާދަމާވެސް އެބައޮތް ދަތުރެއް ކުރަން ބަޔަކު މީހުން އެދިފައި، އިނގޭތޯ. އެކަމަކު އަޅުގަނޑެއް ނުކުރަން. ދެން އަޅުގަނޑު ދާން އެބައޮތް ޓިޔުރިނަށް ދަތުރެއް. އަޅުގަނޑަށް ހީވަނީ ދާނަންހެން. މަކާއޯއަށް ކުރާ ދަތުރު އަޅުގަނޑަށް ހީވަނީ ކުރާނަންހެން. ދެން އަޅުގަނޑުގެ ޕާޓީ ދަތުރެއް ކޮންޒަރވޭޓިވް ޕާޓީގެ ކޮންވެންޝަނަށް އެނުއަލް ކޮންވެންޝަނަށް މެންޗެސްޓަރއަށް ކުރާ ދަތުރު އަޅުގަނޑަށް ހީވަނީ ކުރާނަންހެން. އަދި ސްވިޑްންއަށް ދަތުރެއް އެބަކުރަންޖެހޭ. ރިނިޔުބަލް އެނަރޖީއާއި، ކިޔޯޓޯ ޕްރޮޓޮކޯލްއާ ސްޓޮކްހަމްއާ މިކަންތައްތަކާ ގުޅޭގޮތުން ދިވެހިރާއްޖެ، ދުނިޔޭގެ އެކިއެކި ޖަލްސާއާއި އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުގައި ރަނގަޅު ހިސާބެއްގައި ދިވެހިރާއްޖެ ގެނެސް ހަރުކުރެވެންދެން އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑަށް ވަރަށް ޔަޤީން އެކަން ކުރެވޭނެކަމަށް. ދެން ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، ފޮރިން ޕޮލިސީއަކީ، ޚާރިޖީ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ އެކަމުގައި ވަރަށްބޮޑަށް ޒިންމާވެ، ޝާމިލްވާންޖެހޭ ސިޔާސަތެއް، ޤާނޫނުއަސާސީ ބުނާގޮތުން.

އަޙްމަދު ޝާރިފް - ދި އެފް.އެމް:

މަނިކުފާނު އެމްނެސްޓީ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައި ވިދާޅުވެފައި އެބަވޭ، މަނިކުފާނު މަގާމާ ހަވާލުވިފަހުން ޖަލުގައި އަނިޔާކޮށްގެން މަޢްލޫމާތު ލިބިފައިވަނީ ދެމީހަކަށް ކަމަށް. އެއީ ކޮން ދެމީހެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުވާނީ އެދެމައްސަލަ ބަލައިދިނުމަށް ފޮނުވާފައި، އިނގޭތޯ. އެއީ، އަޅުގަނޑަކަށެއް ނޭނގޭނެތާ ދޮއެއްތޯ މިވެނި މީހަކަށް އަނިޔާކުރީއޭ އަދި ބުނާކަށް.

އަޙްމަދު ޝާރިފް - ދި އެފް.އެމް:

އަދި އެއްސުވާލު. މަނިކުފާނުގެ ބަސްމަގު ހުންނަގޮތުން ގިނަ ނޫސްތަކާއި އަދި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން އެބަދޭ. މަނިކުފާނު މިކަމާ ދޭތެރޭ ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

ދަންނަވަންތޯ، 30 ދިގު އަހަރުގެ އެއްތައްގަނޑަކަށް އެޅިފައިހުރި ބަސްމަގު އެހެން ހުއްޓާ، ދެން ތިޔަވިދާޅުވާހެން އަޅުގަނޑު ވާހަކަދައްކަނީ އެހެން ގޮތަކަށް. އަދި ތިޔަބޭފުޅާވެސް ވާހަކަފުޅު ދައްކަވާނީ އެހެން ގޮތަކަށް. ކޮންމެ މީހަކީވެސް އަމިއްލަ މީހެއް. އެހެންވީމާ، އެއަށް ކުޑަކޮށް ފަރިތަވާންޖެހޭނެ. ދުވަސްކޮޅެއް ވެލީމާ ފަރިތަވަމުން އަންނާނެ. މިހާރު އަދި ކުއްލި ޙައިރާންކަމެއްގައި ތިޔަހެން ތިއްބެވިއެއް ކަމަކު. އަދި އަޅުގަނޑު ދަންނަވަންތޯ ވާހަކައެއް. ދިވެހިބަސް އަޅުގަނޑުމެން ރަނގަޅަށް ބޭނުންކުރަން ފެށުނީމާ ރައްޔިތުންނަށް ދެވޭ މެސެޖުވެސް ރަނގަޅުވާނެ. އަޅުގަނޑު ނުދެކެން އަޅުގަނޑުގެ ބަސްމަގު އެހެން ގޮތަކަށް ބަދަލު ކުރަންޖެހޭނެ ކަމަކަށް.

ޢަބްދުﷲ މުޙަންމަދު – ދި ޓީވީ:

މަނިކުފާނު ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން، މުލީއާގޭގައި ދެއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވެފައިވޭ، ތިން ދުވަހޭ ދަތުރުގައި ހޭދަވާނީ. ދެން ދަތުރަށް ޚަރަދުވާނެ ކަމަށް އެއްލައްކަ ޑޮލަރު ލަފާކުރައްވާފައިވަނީ. ދެން ތިން ދުވަހަށްވުރެ އިތުރުވެއްޖެ. ފަސް ދުވަސްވެއްޖެ. ކިހާވަރެއް ޚަރަދުވީތޯ އަދި އިތުރަށް މިދަތުރުން ފައިސާގެ ގޮތުން ބަލާނަމަ ކިހާވަރެއް ލިބިގެންދިޔަތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ! ފައިސާގެ ގޮތުން ބަލާނަމަ، އަޅުގަނޑު އެއަދަދު ނުބުނާންވެގެން މިހުންނަނީ އިނގޭތޯ. ވަރަށް ބައިވަރު. މުޅި ޓްރާންސްޕޯޓް ސިސްޓަމް އެކީގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިދަތުރުން ކާމިޔާބުވީ. އަޅުގަނޑުމެން މިދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބޭނުންވާ ފުރިހަމަ އިންވެސްޓަރެއް އިރާދަކުރައްވައިގެން މިދަތުރުން އަޅުގަނޑުމެންނަށް ލިބޭނެ. ދެން މާލޭގެ ބަނދަރު ތޮއްޖެހިފައި އޮތީމާ އެބަނދަރު އަޅުގަނޑުމެން ބަދަލުކުރުން، ގުޅީފަޅާ ތިލަފަޅާ ދެމެދަށް ބަދަލު ކުރުމުގެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިދަތުރުން ފުރިހަމަވެގެންދާނެ. ދެން ވަރަށްގިނަ ހަކަތަ ކުންފުނި، އެނަރޖީ ކުންފުނިތަކާ އަޅުގަނޑުމެންނަށް ވާހަކަ ދެކެވުނު. އެހެންވީމާ، އެބޭފުޅުން އެކުންފުނިތަކުން ރާއްޖެއަށް އިންވެސްޓްކުރުން މަގުފަހިވެގެންދާނެ. ދެން ޓޫރިޒަމްގެ ދާއިރާގެ ވަރަށްގިނަ ބޭފުޅުންނާ އަޅުގަނޑުމެންނަށް ވާހަކަ ދެކެވުނު. ދެން ޖުމްލަ ގޮތެއްގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުން އެއީ، ބީ.ބީ.ސީ.ގަޔާއި އިނގިރޭސި ނޫސްތަކުގަޔާއި އަދި އެހެންވެސް ނޫސްތަކުގައި އަބަދުވެސް.

އެނގިވަޑައިގަންނަވާތޯ، މިސާލަކަށް އިނގިރޭސި ނޫހެއްގައި ތިން އިންޗި ތިން އިންޗި އިސްތިހާރެއް އެއީ، އަޅުގަނޑުގެ މީގެ ދެދަތުރުގެ ޚަރަދު. ދެލައްކަ ޑޮލަރަށްވުރެ މިކޮޅަކުންނެއް އޭގެ އިޝްތިހާރެއް ސަންޑޭ ޓައިމްސްގައި ނުޖެހޭ. އަޅުގަނޑު އެތަނަށް ގޮސް އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު އަދި އިންޗި ނުގުނާ މިހިރީ އިނގޭތޯ ގާތްގަނޑަކަށް އަޅުގަނޑު ބުނާނީ ފަންސާހަކަށް ފޫޓުގެ ކޮލަމް ދެލި، އަޅުގަނޑުގެ ދަތުރުން އިނގިރޭސި ނޫސްތަކުގައި ހުންނާނީ އަރާފައޭ. އެހެންވީމާ، ދިވެހިރާއްޖެ އިސްތިހާރު ކުރުން އެއީ، އަޅުގަނޑުގެ ވާޖިބެއް އަދި އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ރާއްޖޭގެ ހުރިހާ އެންމެންވެސް ކުރުން މުހިންމު ކަމެއް. ދެން ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންވެސް އެބައެދޭ ހަމަ ތަކުރާރުކޮށް މިކަން މިގޮތަށް ކުރުމަށް. ދެން ތިން ހަތަރު ދުވަހެކޭ އަޅުގަނޑު ދެންނެވިން. އާދެ. އެއްދުވަސް އިތުރުވެގެން ދިޔައީ. އޭރުވެސް އޮތީ ހަމަ މިގޮތަށް އެއްދުވަސް އިތުރުވާ ގޮތަށް. ދެން އަޅުގަނޑު ތިން ހަތަރު ދުވަހޭ މިދަންނަވަނީ އެއީ، ފަސް ހަދުވަސް އެހެންނޫނިއްޔާ ދޮޅަހަކަށް ދުވަސް އެމޭރުމުން. އެބޭފުޅާ ވިދާޅުވިއެއްނޫންތޯ، އަޅުގަނޑުގެ ބަސްމަގުގެ ވާހަކަ. އެކަމާ އެގުޅެނީ އެހެންނޫންތޯ. މަސްމަހާމެހި، ގަސްގަހާގެހި، ކަލެކްޓިވް ނައުން ހުރޭ އިނގޭތޯ ދިވެހިބަހުން ކިޔާ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެންނަށް ބައެއްފަހަރު އެއްޗެހި ބުނެވެނީ. ދެން ސީދާ ތަފްޞީލު ޚަރަދު ލައްކައެއްހާ ޑޮލަރަށްވުރެ މައްޗަށްވެސް ހިނގައިދާނެ. ދެން އެކަމަކު އަޅުގަނޑު މިބަލަނީ އިރާދަކުރެއްވިއްޔާ އެ ރޭންޖުގައޭ އެ ޢަދަދުގައޭ އުޅޭނީ. ދެން ދެލައްކައެއްހާ ޑޮލަރު ދިޔަޔަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑު ދެކެނީ އެއީ، ހަމަ ރަނގަޅަށް ކުރެވުނު ޚަރަދެއް ކަމަށް. އަޅުގަނޑު ނޫޅެން މި ފޮރުވާކަށް ނުވެސް ފޮރުވާނަން.

އިބްރާހީމް މުޙަންމަދު - މިނިވަން ނިއުސް ވެބްސައިޓް:

ހަމަ އެސުވާލު ތަކުރާރު ކޮށްލާނަން. ސުވާލަކީ، ކިތައް ޕައުންޑްތޯ މި ދަތުރަށް ޚަރަދުވީ އަދި ކިތައް ބޭފުޅުންތޯ މިދަތުރުގައި ބައިވެރިވެވަޑައިގަތީ.

ރައީސް މުޙަންމަދު ނަޝީދު:

ހަމަ އެ ޖަވާބު ތަކުރާރު ކޮށްލާނަން.

އިބްރާހީމް މުޙަންމަދު - މިނިވަން ނިއުސް ވެބްސައިޓް:

ކިތައް ބޭފުޅުންތޯ ބައިވެރިވެވަޑައިގެންނެވީ؟

ރައީސް މުޙަންމަދު ނަޝީދު:

ހަމަ އެ ޖަވާބު ތަކުރާރު ކޮށްލާނަން.

އިބްރާހީމް މުޙަންމަދު - މިނިވަން ނިއުސް ވެބްސައިޓް:

ކިތައް ބޭފުޅުންތޯ ބައިވެރިވެވަޑައިގަތީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ސީދާ އޭގެ ޖަވާބެއް ނޭނގެ. އަޅުގަނޑަށް ހީވަނީ ވިއްސަކަށް ބޭފުޅުންހެން. އަދި ކުރީގައި އަޅުގަނޑަށް ޖަވާބު ދިނީމެއްނޫންތޯ. ހަމަ އެއްސުވާލެއް ތަކުރާރުކުރައްވައިފިއްޔާ ހަމަ އެ ޖަވާބު ތަކުރާރު ކުރާނަން.

އަޙްމަދު ޝާރިފް - ދި އެފް އެމް:

އެމްޑީޕީގެ ސިޔާސަތު މިއީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުން. މަނިކުފާނު ސ. ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި، މިޑް ޓަރމް އިލެކްޝަނެއްގެ ވާހަކަ. މިއީ ރައްޔިތުންނަށް ވި ވަޢުދެއްކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ މި ވަޢުދު ފުއްދަވާނަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ބޭފުޅުންނޭ. ސ.ހިތަދޫގައި އަޅުގަނޑު ދެންނެވިން، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ދެނެގަތުމަށް އިންތިޚާބުތައް ބޭނުންވެއޭ. އެހެންނޫންތޯ. ހަނދުމަފުޅު އެބަހުރިތޯ އަޅުގަނޑު ބުނި އެއްޗެއް؟

އަޙްމަދު ޝާރިފް ދި އެފް އެމް:

މަނިކުފާނު ވިދާޅުވި ދައުރުގެ މެދުތެރެއިންނޭ.

ރައީސް މުޙަންމަދު ނަޝީދު:

ނޫން ނޫން ނޫން.

އަޙްމަދު ޝާރިފް ދި އެފް އެމް:

މަނިކުފާނު ވިދާޅުވީ "ޚާއްޞަކޮށް އައްޑު އަތޮޅުގެ ރައްޔިތުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ދައުރުގެ މެދުން އަދި ރިޔާސީ އިންތިޚާބެއް ފޯރުކޮށްދޭނަމޭ. އަޅުގަނޑު ނުވާނަމޭ ތިޔަބޭފުޅުން އުންމީދުކުރާ ސިޔާސީ ބޭފުޅުންގެ ވެރިކަމުގެ އުންމީދަށް ހުރަސް އަޅާ މީހަކަށް.

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ދެންނެވިން ސިޔާސީ މަސްރަޙު ދެނެގަތުމަށް އަޅުގަނޑުމެން ބޭނުމޭ އެބަ އިންތިޚާބު ބާއްވަން. އަދި ތިޔަހެން ދެންމެ އަޅުގަނޑު ދެންނެވިއިރުގައި އަޅުގަނޑަށް ދިމާވާ އަނެއް މައްސަލައަކީ، އަޅުގަނޑަކަށެއް ނުވިސްނޭ އިންތިޚާބަކަށް ގޮވޭކަށް. އެއީ، އިލެކްޝަންސް ކޮމިޝަނަރ ކުރައްވާ ކަމެއް. ދެން މީގައި ވަރަށް ބައިވަރު މައްސަލަތަކެއް އެބަ ނުކުމޭ. އެހެންވީމާ، އަޅުގަނޑުމެން މިހާރު ބަލަންވީ، ސިޔާސީ މަސްރަޙު ދެނެގަތުމަށްޓަކައި، ބަލަންވީ އައްޑުއަތޮޅުގައި، މިސާލަކަށް ހިތަދޫގައި، އަޅުގަނޑުމެންގެ ޕާޓީއަށް ނުވަތަ އަޅުގަނޑުމެންގެ ވިސްނުމަށް ނުލިބެނީ ކިތައް ވޯޓުތޯ ކިތައް ގޮޑިތޯ. އެކަން ގޯސްކޮށް ދާކަމަށް ވަނީވިއްޔާ އޭގެ މާނައަކީ، އަޅުގަނޑުމެން އެބަ ބޭނުންވެޔޭ ހަމަ އަލުން އަނބުރާ ސިޔާސީ މަސްރަޙު ދެނެގަންނަން. މި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި އަދި ލޯކަލް އިންތިޚާބާ، އެ ދެ އިންތިޚާބު ނިމުނީމާ އަޅުގަނޑުމެންނަށް އެނގޭނެ. މިދެންނެވީ އަތޮޅު ކައުންސިލްގެ އިންތިޚާބާ، މި ދެ އިންތިޚާބު ނިމުނީމާ އަޅުގަނޑުމެންނަށް އެނގޭނެ، އަޅުގަނޑުމެންގެ ކަންތައް، އަޅުގަނޑުމެންގެ މި ސިޔާސީ މަސްރަޙު އެތުރިފައި އޮތް ގޮތް. ދެން އޭގެ މައްޗަށް ބަލާފައި އިންތިޚާބުތަކާ ދިމާއަށް އަޅުގަނޑުމެން މިޞްރާބު ޖަހަން ޖެހޭނީ. ދެން އަދި ކޮންމެ ގޮތެއް ވިޔަސްވެސް އެނގިވަޑައިގަންނަވާނެ، އިންތިޚާބަކަށް ގޮވެން އޮންނާނީކީ އަޅުގަނޑަކަށެއް ނޫން. ފޯރުކޮށްދޭނަމޭ. އަޅުގަނޑަށް ފޯރުކޮށްދެވޭ އިންތިޚާބުތައް އަޅުގަނޑު މި ފޯރުކޮށްދެނީ.

ޢަބްދުﷲ ސަޢީދު އެ ސަންދާނު:

ސިވިލް ސަރވިސްއިން ރައްޔިތުން ރުޅިއެރުވުމުގެ އެކިއެކި ތަފާތު ޙަރަކާތްތައް ހިނގަމުންދަނީ. ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރަމުންދަނީ. ދެން ހަމަ އިސްކޮށް ތިއްބެވި ބޭފުޅުން ހަމަ އެކަންތައްތައް ހަމަ އަށަގަނެ އެކަން ކުރިޔަށް އެބަގެންދޭ. ދެން އަދި ހަމަ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކެމްޕޭނުވެސް ކުރަމުންދަނީ. ބައެއް ވެރިން ކުރިމަތިލައިގެން އޮފީސްތަކުގައި ތިބެގެން ކެމްޕެއިން ކުރަމުންދަނީ. ދެން މިގޮތަށް މިހެން ހިނގަމުންދާއިރު، މަނިފާނު ގަބޫލުފުޅުކުރައްވަންތޯ މިހެން އޮތް ތަނެއްގައި ހެޔޮ ވެރިކަމެއް ކުރެވިދާނެކަމަށް.

ރައީސް މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑު މި ބަލަނީ، އަޅުގަނޑަށްވެސް އެނގޭ ސިވިލް ސަރވިސްގެ ބޭފުޅުން ހަމަ ތިއްބަވައިގެން އެކިއެކި ކެންޑިޑޭޓުންނަށް ޝަކުވާ އަންނަލެއް ވަރަށް ގިނަ އިނގޭތޯ. ދެން އެކިއެކި ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވާ ޝަކުވާތައްވެސް އެބަ އާދޭ. ދެން ހަމައެއާއެކީގައި ބަންޑާރަނައިބުވެސް ޝަކުވާ ކުރައްވަނީ. މިސާލަކަށް ގއ. އަތޮޅުގައި، ނޫން ވަކި އަތޮޅެއް އެބޭފުޅާ ފާހަގައެއް ނުކުރައްވާ. ބަންޑާރަނައިބު އެ ވިދާޅުވަނީ އަތޮޅުތަކުގައި ސިޔާސީ މުވައްޒަފުން ކެމްޕެއިން ކޮށްދެއްވަނީއޭ. ދެން އެހެން ދެފަރާތުން އެބަ އާދޭ އިނގޭތޯ ސަޢީދު. ދެން އަޅުގަނޑުމެންނަށް ހަމަ މިދަންނަވާހެން މީގެ މެދެއް ހޯދައިގެން އެ މެދުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިނގާނަން. ދެން ހެޔޮ ވެރިކަމެއް ޤާއިމުކުރުމަކީ، ޑިމޮކްރަސީއެއް އަށަގެންނެވުމަކީ ފަސޭހަކަމަކަށްނުވާނެ. އަޅުގަނޑު އެއްވެސް އިރެއްގައި ނުދެކެން އެއީ ފަސޭހަ ކަމެއްކަމަކަށް. އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.

ފާޠިމަތު ޝާނީޒާ- ވީ.ޓީ.ވީ:

މަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ހައުސިންގ މިނިސްޓަރ އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވި. ދެން މަނިކުފާނުގެ ސަރުކާރުގެ އެއް އަމާޒެއް ދޮގެއްތޯ މިއީ، މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރެއްވުމަކީ. އެގޮތުން އިނިގިރޭސިވިލާތުގެ އެކި ފަރާތްތަކުން މި ހައުސިންގގެ ކަންތައްތަކަށް އެއްވެސް ވަރަކަށް އެހީތެރިކަން ދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ. މިއީ، މިހާރު އަޅުގަނޑުމެންގެ ހައުސިންގ، ގެދޮރު ޢިމާރާތްކުރުމުގެ ޕްރޮގްރާމަކީ، އެއްހާސް ފްލެޓް އަޅަން ނަގާ ބަޔަކަށް އަޅުގަނޑުމެން މިދެނީ ސަތޭކަ ލަގްޒަރީވިލާ އެޅުމުގެ ފުރުސަތު. އެހެންވީމާ، އެ ފުރުސަތު ވަރަށް ބޮޑަށް ބޭނުން ވަރަށް ގިނަ މީހުން އެބަތިބި. ހަމަ އޭގެތެރެއިން އަނެއްކާވެސް އިތުރު ބައެއް މިކަމުގެ ތެރެއަށް، އިނގިރޭސިވިލާތުންވެސް އިތުރު ބައެއް މިކަމުގެ ތެރެއަށް ވެންނެވި. ރާނީ އަޅުގަނޑަށް އިންޓްރޮޑިއުސް ކޮށްދެއްވި ފަރިއްކޮޅުގައި ބާކްލީ ބްރަދަރސް. އެއީ، ރިޓްޒް ހޮޓަލާ، ދެން އިންޓަރ ކޮންޓިނެންޓަލްގައިވެސް އަޅުގަނޑަށް ހީވަނީ އެބޭފުޅުންގެ އަތުގައިހެން ބޮޑު ޙިއްޞާ އޮންނަނީ. ދެން ޕްރޮޕަޓީގެ އިނގިރޭސިވިލާތުގެ އެންމެ ބޮޑުކޮށް އުޅުއްވާ ބޭފުޅުންނަކީ އެއީ. ދެން އަޅުގަނޑަށް ޔަޤީން އެކަން ކުރާނެ މީހުން މިހާރު ނެތިގެނެއް ނޫން މިއުޅެނީ. ދެން މީހުން ހަމަ ނެތިއްޖިއްޔާ އެބޭފުޅުން ބައިވެރިވަޑައިގަންނަވާނެ.

ފާޠިމަތު ޝާނީޒާ- ވީ.ޓީ.ވީ:

ފައިސާގެ ގޮތުން އެއްވެސް ވަރަކަށް އެހީތެރިކަމެއް ދެއްވާނެތޯ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު މިކަން ހިނގަން މިއަންނަނީ ފައިސާއިންނޭ އިނގޭތޯ. އަޅުގަނޑުމެން ރާވަމުން މިގެންދާ ރޭވުމަކީ މިދަންނަވާހެން މިކަން ވުމަށް. ފައިސާ ނޫންތޯ އެއީ، ރާއްޖޭގައި ލަގްޒަރީވިލާ އަޅާނެ ސަތޭކަ ބިން ދިނީމަ. އެ ސަތޭކަ ބިން ވެގެންދޭ ސަތޭކަ މިލިއަން ޑޮލަރަށް. ސަތޭކަ ލަގްޒަރީވިލާ އަޅާފައި ވިއްކޭނެ ކަމަށް އަޅުގަނޑުމެން މި ލަފާ މިކުރަނީ އަންދާޒާ ކުރޭ ތިންސަތޭކަ މިލިއަން ޑޮލަރަށް. އެހެންވީމާ، ސަތޭކަ މިލިއަން ޑޮލަރަށް އަދި ހުރިހާ ފްލެޓް އެޅިޔަސްވެސް. އަޅުގަނޑުމެންނަށް މީގެ ފައިސާގެ ހިސާބުތައް ދެކޮޅު ޖެހޭކަމަށް ފެންނަނީ.

ފާޠިމަތު ޝާނީޒާ- ވީ.ޓީ.ވީ:

ދެން ދަތުރުފުޅާ ގުޅޭ ސުވާލެއް ނޫން. އެހެންނަމަވެސް، މަނިކުފާނު ރާއްޖޭގައި ނެތީސް، އިބްރާހީމް އިސްމާޢީލް ސޯޝަލް ލިބަރަލް ޕާޓީގެ، އެބޭފުޅާ އިލްތިމާސް ކުރައްވާފައި އެބައޮތް ރައީސުލްޖުމްހޫރިއްޔާއަށް ތިންބާރު އެއްނުކުރައްވާށޭ، މިހާރުވެސް މިވަނީ ދެބާރު އެއްވެފައޭ. މިކަމާ ދޭތެރޭ މަނިކުފާނު ގަބޫލުކުރައްވަނީ ކިހިނެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު އަބަދުވެސް އިބްރާ ވިދާޅުވާ އެއްޗިއްސަށް ވަރަށް ބޮޑަށް ބަލަން އިނގޭތޯ. އަޅުގަނޑެއް ނުދެކެން އިބްރާ ހަމަ އެހެން ހުންނަވާފައި އަޅުގަނޑަށް ހަމަ އެއްޗެއް ވިދާޅުވާ ކަށެއް ނޫން ވިދާޅުވަނީ. އިބްރާ ކަމަކާ ކަންބޮޑުވެލައްވާތީ އެހެން އެ ވިދާޅުވަނީ. އެހެންވީމާ، އަޅުގަނޑު ބަލާނަން. އަޅުގަނޑަށްވެސް އެނގޭ މި ބާރުތަކާ މިކަންކަން ވަކި ކުރުންކަން އަޅުގަނޑުމެންނަށް ދިމާވެފައި އޮތް އުނދަގޫ ކަންތައްތަކަކީ. އެހެންނަމަވެސް، މިހާރަކު އަޅުގަނޑެއް ޝަރީޢަތަކާ ބެހިފައެއް ނޯންނާނެކަން އިބްރާއަށްވެސް ހަމަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި ރައްޔިތުންގެ މަޖިލިހުގެ ކަމަކާވެސް އަޅުގަނޑެއް ބެހިފައެއް ނޯންނާނެކަން ހަމަ އިބްރާހީމް އިސްމާޢީލަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ދެން އަނެއްހެން އަނެއްކާވެސް އެބޭފުޅާވެސް، އިންތިޚާބަށް ކުރިމަތިލައްވައިގެން ދާ ދުވަސްވަރެއްގައި ބައެއް ބާވަތުގެ ވާހަކަ ދައްކަވާލަން ޖެހޭނެނޫންތޯ. ދައްކަވާލެއްވުން ރަނގަޅުވާނެ.
ފާޠިމަތު މައިޝާ- ދި ޓީވީ:

މިހާރުގެ ސަރުކާރަށް ފާޑު ކިޔުންތައް ރައްދުވާއިރު ހުއްޓުވުމަށް ބާރެއް ނާޅުއްވާނެކަމަށް އިނގިރޭސިވިލާތުގައި ކިޔަވަން އުޅޭ ދަރިވަރުންނާއި އަދި އެތާ ދިރިއުޅުއްވާ ބޭފުޅުންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން މަނިކުފާނުވަނީ ވިދާޅުވެފައި. ދެން މިކަމުގައި އެބައޮތްތޯ އެއްވެސް މަޤްޞަދެއް، އެބޭފުޅުން ގާތު މިހެން ވިދާޅުވުމުގެ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު މި ހިތަށްއެރީ ކިޔަވާ ކުދިން ވީމާ އަދި ބޮޑަށް އަޅުގަނޑު ދެންނެވިން ފާޑުކިޔުން އެކަންޏެއް ނޫނޭ، ސަރުކާރަށް ފުރައްސާރަކުރުމާއި ހަޖޫޖެހުންވެސް ހަމަ ކުރިޔަށް ގެންދަވަންވިއްޔޭ. ދެން އެއްވެސް އިރެއްގައި އަޅުގަނޑަކަށް މާ ބޮޑު ގަބޫލުކުރެވުނު ވާހަކައެއް ނޫން އެއީ، ބިނާކުރަނިވި ފާޑުކިޔުން. އަޅުގަނޑު ދެކެނީ އެހެން ކިޔައިގެން އެދައްކާ ވާހަކައަކީ، ހަމަ ފާޑު ކިޔަ ނުދިނުމަށް ދައްކާ ވާހަކައޭ. މިހާރު މިސާލަކަށް ޙަމްދޫންގެ ހަވީރު ނޫހުގައި އިއްޔެގައި ލިޔުއްވާފައި އޮތް ވާހަކަ. ކާކުތޯ ދެކޭނީ އެއީ އެއްވެސް އަނެއްހެން މާ ބޮޑު ބިނާކުރަނިވި ވާހަކައެއްކަމަށް. އެހެންނަމަވެސް، ހަމަ ރަނގަޅު ވާހަކައެއް ނޫންތޯ ލިޔެލަން.

ފާޠިމަތު މައިޝާ- ދި ޓީވީ:

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމުގައި މަނިކުފާނު ވިދާޅުވި، ރާއްޖެ ދޫކޮށް އެންމެފަހުން ދާނެ ފަރާތަކަށްވާނީ މަނިކުފާނޭ. އެހެންވީމާ، ގަބޫލުފުޅުކުރައްވަންތޯ އަޅުގަނޑުމެންނަށް ރާއްޖެ ދޫކޮށްފައި ދާން ޖެހިދާނެކަމަށް؟

ރައީސް މުޙަންމަދު ނަޝީދު:

އޭގައި ދެންދާކަށް ބޭނުމެއް ނުވާނެތާ ދޮއެއްތޯ. އަދި އަޅުގަނޑު އަލްޖަޒީރާގައި ދެންނެވިން ނުދާނަމޭ. އެންމެ ފަހުން ދާނެ ވާހަކައެއްވެސް ނޫން. ނުދާނަމޭ އަޅުގަނޑު ދެންނެވީ. އެހެންވީމާ، ނުވެސް ދާނަން. ދެން އެކަން އެހެން ކުރަން ޖެހިދާނެތޯ ނޫންތޯ، ތަޤްދީރު ކުރެހި ޕްލޭނެއް ދޮގެއްތޯ ޕްލޭނަކީ. ދެން އެންމެ ފަހުން އައިސް އާޚިރުގައި ކަންވެދާނެ ގޮތެއް، އަޅުގަނޑުމެންނަށް އެހެން ސީދާ ސާފުކޮށް (ނޭނގެ). މީގެ ސައިންސާ ގުޅޭގޮތުން އެކި ބޭފުޅުން އެކި ގޮތަށް ވާހަކަ ދައްކަވަމުން (ގެންދަވަނީ). އެހެންނަމަވެސް، މިހާރު މިހަރުލަނީ އެއްގޮތަކަށް އިނގޭތޯ. ދެން އަޅުގަނޑުގެ ނަޒަރުގައި ދާކަށް ނުޖެހޭނެ. އަޅުގަނޑުގެ ނަޒަރުގައި ދުނިޔޭގެ ރައްޔިތުންގެ ވިސްނުމަށް ބަދަލު އަންނާނެ، އައިސްގެން ދުނިޔެ ސަލާމަތްކުރުމަށް ދުނިޔޭގެ ރައްޔިތުން ނުކުންނާނެ، އެ ޙާލަތަށް އެ ވަރަށް، އެ ރައްޔިތުންނަށް ކަށަވަރުވީމާ. މިސާލަކަށް އިނގޭތޯ ޑޭވިޑް ކެމެރޫން އިނގިރޭސި ކޮންޒަވެޓިވް ޕާޓީގެ ލީޑަރު. އިނިގިރޭސި ކޮންޒަވެޓިވް ޕާޓީގެ މެނިފެސްޓޯގެ އެންމެ މައިގަނޑު އެކައްޗަކަށް އެންވަޔަރަންމަންޓް، ތިމާވެށި، ހައްދަވައިގެން ނެރުއްވައިފި. މާގިނަ ދުވަސްތަކެއް ނުވެ، ލޭބަރ ޕާޓީވެސް އެވާހަކަ ދައްކަވަން ފައްޓަވައިފި. ދެން މިހާރު ވަރަށް ބޮޑަށް އެބަ ދައްކަވާ. ދެން އެހެންވީމާ، ދެން މިހާރު ކުރިޔަށް މިއޮތް، އިނގިރޭސިވިލާތުގެ އިންތިޚާބުގައި ނުކުންނާނެ އެއްބޮޑު އެއް މައުޟޫޢަކީ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ތިމާވެށި. އެންވަޔަރަންމަންޓް، ތިމާވެށްޓާއި އިޤްތިޞާދާ، މިދެކަންތަކާބެހޭގޮތުން މައިގަނޑު ގޮތެއްގައި އިންތިޚާބުގެ ބޮޑު ވޯޓު ހޯދުމަށް ހުރިހާ ޕާޓީތަކުންވެސް ވާހަކަ ދައްކަވާނީ. އެހެންވީމާ، އެހެން ދާއިރުގައި ދުނިޔެ ހަލާކުވިޔަ ނުދީ ހިފެހެއްޓުމަށް، ބޭއްވުމަށް، އަޅުގަނޑުގެ ނަޒަރުގައި ދުނިޔޭގެ ރައްޔިތުން ނުކުންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަކަށް ރާއްޖެ ދޫކޮށް ދާކަށެއް ނުޖެހޭނެ.

ފާޠިމަތު މައިޝާ-ދި ޓީވީ:

އަޅުގަނޑު އަދި ސުވާލެއް ކޮށްލާނަން. ނުގުޅޭ ސުވާލެއް. މަނިކުފާނު ވިދާޅުވެފައިވޭ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވާނެ ވާހަކަ. ކިހާވަރަކަށް އެ މަސައްކަތް ކުރައްވަމުން ގެންދަވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ކެމްޕެއިން އެއް ސްޕީޗް އަޅުގަނޑަށް އަދި ދެވުނީ. އެއީ، ދެން ޕާޓީ ސްޕީޗެއް އިނގޭތޯ ކެމްޕެއިނަށް. އެއްދުވަހު އަޅުގަނޑަށް ނުކުމެވުނީ. ނުކުމެވުނުއިރު އަޅުގަނޑު ނުކުތިން އަންހެން ގޮނޑިއަކަށާއި ފިރިހެން ގޮނޑިއަކަށް. އެއީ، މައްޗަންގޮޅި މާރިޔާ ދީދީގެ ގޮޑިއަށާއި، މައްޗަންގޮޅި ދެގޮނޑި އަންހެން ގޮނޑިއަކަށް އަޅުގަނޑު ނުކުތީ. ދެން ހަމަ އަޅުގަނޑު މަސައްކަތް ކޮށްދޭނަން. އިރާދަކުރެއްވިއްޔާ އަންހެން ބޭފުޅުންނަށް އާދެވޭނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ދެން ހަމަ އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑުމެންގެ ޕާޓީގައި ގޮނޑި ކާމިޔާބުކުރާނޭ ހަތަރު އަންހެން ބޭފުޅުން އެބަތިއްބެވި.

ޢަލީ ރިޟްވާން- ޓީ.ވީ.އެމް:

ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުން އެއީ، ސަރުކާރުން އިޢުލާނުކުރި މަޝްރޫޢުތަކުގެ ތެރެއިން ބޮޑު މަޝްރޫޢެއް. ދެން އެކަންތައްތަކާ ގުޅޭގޮތުން އެޑްވައިޒަރީ ކައުންސިލެއް މި ކޮންފަރެންސްގައިވަނީ އިފްތިތާހު ކުރައްވާފައި. ފަނަރަ ބޭފުޅުންނޭ އަޅުގަނޑު ހަނދާންވަނީ. ރާއްޖޭގައި އެކަމާ ގުޅުންހުރި. އެދުވަހު އަޅުގަނޑު ސުވާލު ދެންނެވިން. މަނިކުފާނު ވިދާޅުވި ރާއްޖެއިން ބޭރުން ސައިންޓިސްޓުންތަކެއް ހަމަޖައްސަވާ ވާހަކަ. އަޅުގަނޑު ސުވާލު ދެންނެވިން ކޮން ބޭފުޅުންނެއްތޯ. ވިދާޅުވި މި ދަތުރުފުޅަށްފަހު އެބޭފުޅުން ޢިއުލާނު ކުރައްވާނަމޭ. ކޮން ބޭފުޅުންނެއްތޯ ސައިންޓިސްޓުގެ ގޮތުގައި މި ހަމަޖެއްސެވީ؟
ރައީސް މުޙަންމަދު ނަޝީދު:

ކޮމަންވެލްތް ބައްދަލުވުމުގައި ލެކްޗަރގެ ކުރީގައި އަޅުގަނޑުމެން އުޅުނީ އެކަން ކުރަން އިނގޭތޯ. އެބޭފުޅުންގެ ނަންލިސްޓު އަޅުގަނޑު އަތަކު ނެތް. ކޮމަންވެލްތް ބައްދަލުވުމުގެ ކުރީގައި އަޅުގަނޑުމެން އުޅުނީ އެކަން ކުރަން. ގިނަވެގެން މިއުޅެނީ އިނގޭތޯ. އެހާ ބައިވަރު ބައެއް އަޅުގަނޑުމެންނަށް އޭގައި ހިމެނޭކަށެއް ނެތް. އެހެންވީމާ، އެންމެ އެކަށީގެންވާ މީހުންކޮޅަށް އެ ލިސްޓު އަޅުގަނޑުމެން ތިރިކޮށްލާނަން. އުސޫލެއްގެ ގޮތުން އެކަން ކުރިކަން އަޅުގަނޑުމެން އިޢުލާނު ކުރިން. ނަންތައް އަދި އަޅުގަނޑުމެން އިޢުލާނު ނުކުރަން. މާކް ލެނެންސްއަށްތޯ ތިޔަ ބައްލަވަނީ. ކޮން ނަމަކަށްތޯ ތިޔަ ބައްލަވަނީ. ނަންތައް އަޅުގަނޑުމެން އަދި އިޢުލާނެއް ނުކުރަން. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންނަށް އެކަމުގައި ޑރ. ވަޙީދު އެބަ މަސައްކަތް ކުރައްވާ. ހަފްތާއެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ހަމަޖެހިގެންދާނެ. މާފުކުރައްވާ އިނގޭތޯ.

އަހްމަދު ޙަމްދޫން - ހަވީރު:

ގުޅޭ ދެ ސުވާލެއް އެބައޮތް. ދެންމެ ކުރި ސުވާލުތަކާ ގުޅިގެން. ސ ހިތަދޫގައި ދެއްކެވި ވާހަކަފުޅުގައި، ރައީސްއަކަށް ގޮވައެއް ނުލެވޭނެއޭ އިންތިޚާބަކަށް ދައުރެއްގެ މެދުތެރެއިންވެސް އަދި އެހެން އިންތިޚާބަކަށްވެސް. އޭރުގައި އެހެން ވިދާޅުވިއިރު، މިހާރުގެ ޤާނޫނުއަސާސީ ނޫންތޯ އޭރުގައި އޮތީވެސް. އެހެންވީމާ، އޭރު އެހެން ވިދާޅުވިއިރު އެނގިވަޑައިނުގަންނަވާތޯ ރައީސްއަށް ގޮވާ ނުލެއްވޭނެކަން، އިލެކްޝަންސްއަށްކަން ގޮވާލެއްވޭނީ. އެވަރު ވިސްނައިވަޑައިނުގަންނަވަންތޯއޭ.

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ދަންނަވާފާނަން ވީގޮތް އިނގޭތޯ. ޤައުމީ ޕާޓީން ޙަސަން ސަޢީދު ވަރަށް ބޮޑަށް ޕްރެޝަރ ކުރައްވަމުން ވަޑައިގެންނެވީ ތިމަންނާއަށް މިކަން ކުރެވޭނެ ގޮތަކަށް މިކަން ފަހިކޮށްދިނުމަށް. ދެން އަޅުގަނޑަކީ އެއްވެސް އިރެއްގައި ވެރިކަމުގެ މާބޮޑު ފިކުރެއްގައި އުޅުނު މީހެއް ނޫން، އަދި މިހާރުވެސް އެކަމުގައެއް ނޫން މިއުޅެނީ. އަޅުގަނޑު މިއީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމާއި، ޑިމޮކްރަސީ އަށަގެންނެވުމާ މި ބާވަތުގެ މައްސަލަތަކެއް. އެނގިވަޑައިގަންނަވާނެ، ޙަސަން ސަޢީދު ކުރީގައި ވިދާޅުވި، އެބޭފުޅާ ޑީ.އާރު.ޕީ.އިން ވަކިވެވަޑައިގަތީ މައުމޫން ކުރިމަތިލައްވާ ވާހަކަ ވިދާޅުވީމައޭ. ދެން ވިދާޅުވީ އެއްވެސް ޝަރުޠަކާ ނުލާ އަޅުގަނޑުމެންނަށް ތާއީދު ކުރައްވާނަމޭ. ދެން ފަހުން އައްޑުއަތޮޅަށް ދިޔައިރުގައި ހަމަ ވިދާޅުވި، ކޮންމެހެންވެސް ބޭނުމޭ މި ވާހަކަ ކޮންމެވެސް ބޭނުމަކު ދަންނަވަން. ދެން މިއީ، މީގެ ޙަޤީޤަތަކީ އިނގޭތޯ.

އަޙްމަދު ޙަމްދޫން - ހަވީރު:

އެހެންވީމާ، ޙަސަން ސަޢީދަށް ފައިދާވާނެ ގޮތަށް މަނިކުފާނު އެވާހަކަ ބިނާކުރެއްވީއޭތޯ ތިޔަ ވިދާޅުވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ، އާދެ، އާދެ

އަޙްމަދު ޙަމްދޫން - ހަވީރު:

އެކަމަކު ޤާނޫނީ ގޮތުން އެކަން ކުރެއްވިދާނެތޯ އެކަމަށް ވިސްނައިވަޑައިނުގަންނަވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ޙަސަނަށް ނޫންތޯ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެކަމުގެ ޤާނޫނީ ހަމަތައް.

އަހްމަދު ޙަމްދޫން - ހަވީރު:

އާދެ. މަނިކުފާނު އެކޮޅުގައި ހުންނެވިއިރުގައި އަޑު އިވިގެންދިޔަ ކޮސޯވޯ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަކަން. ޤައުމީ ސަލާމަތާބެހޭ ކޮމިޓީން އެކަންތައް ހުއްޓައި، މަނިކުފާނުގެ އެއްބާރުލެއްވުން ލިބިވަޑައިނުގަތުމުން އެކަން ހުއްޓާލަން ނިންމެވި ވާހަކަ. ދެން އެބޭފުޅުން ވިދާޅުވާ އެއްކަމެއް މަނިކުފާނުގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ވަގުތީ ހޯމް މިނިސްޓަރ ކޮމިޓީއަށް ވަޑައިގަތީމާ އެ މަނިކުފާނަށް ދެންނެވީމޭ، މަނިކުފާނަށް ދަންނަވައިދޭށޭ ދެކަމެއް ސާފުކުރައްވަން އެބޭފުޅުން ބޭނުންފުޅުވެއޭ. ހަމަ އެދުވަހު ވިދާޅުވިއޭ މިއަދުން މިއަދަށް ތިމަންނަ ދަންނަވާނަމޭ. އަދި އޭގެފަހުން، މަޖިލިހުގެ ރައީސް ފޯނުކުރައްވާފައި އައްސަވާލެއްވީމާވެސް ވިދާޅުވިޔޭ ތިމަންނަ މިހާރު ދަންނަވައިފީމޭ ރައީސުލްޖުމްހޫރިއްޔާއަށް އަދި ރައީސްގެ އެކަމާ ބެހޭ އިސްބޭފުޅުންނަށްވެސް، ކަމާބެހޭ ބޭފުޅުންނަށް. އަމީން ފައިޞަލް ވިދާޅުވިކަމަށް ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީން އިއްޔެ ބުނެފައި އެބައޮތް. މަނިކުފާނަށް މީގެ އެއްވެސް ކަމެއް މަނިކުފާނުގެ ޑިފެންސް މިނިސްޓަރުގެ ފަރާތްޕުޅުން އެނގިވަޑައިގެންފައިތޯ އޮތީ؟ މީގެ އެއްވެސް ކަމެއް ސާފުކުރަން ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ބޭނުންފުޅުވިކަމަށް؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ. އެނގިފައި އޮތީ އިނގޭތޯ. އަމީން ވިދާޅުވި. ދެން އަޅުގަނޑު ހިތަށް އެރީ، ދެން ކެނެރީގޭ ނަޝީދެއް ނޫން ދާން އެބުނަނީކީއެއް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ދާން މިވަނީ. ދާއިރުގައި އަޅުގަނޑު ހިތަށް އެރީ އޭގައި ކޮންމެވެސް ވަރެއްގެ ޕްރޮޓޮކޯލެއް، އެބޭފުޅުން ލިޔުމަކުން އެއްޗަކުން އަޅުގަނޑުމެންނަށް އަންގަވާލަން ޖެހޭނެއޭ. އަޅުގަނޑު މިހިރީ ވަރަށް ދާހިތުން. އަޅުގަނޑު މިހިރީ ވަރަށް ވަރަށް ދާހިތުން. ރައްޔިތުންގެ މަޖިލިހަށް އަޅުގަނޑު ދާހިތްވާނެ އަބަދުވެސް، އެބޭފުޅުން ދަންނަވާލި ކޮންމެއިރެއްގައި އަޅުގަނޑު ހުންނާނީ ދާން ތައްޔާރަށް. ދެން ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރު އަޅުގަނޑަށް ހަމަ މިއަދުވެސް ސިޓީއެއް ފޮނުއްވާލައްވަނިކޮށް އަޅުގަނޑު ހުންނާނީ ހަމަ އެބޭފުޅާ ވިދާޅުވި ގަޑީގައި އެތަނުގައި.

ދެން އެނގިވަޑައިގަންނަވާނެ ދޮގެއްތޯ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގޮސް އޭނާ މިތަނަށް ގެންނަހަރޭ، މީނާ މިތަނަށް ދަހަރޭ، އެހެން އަދި އެކަމެއް އަޅުގަނޑަކަށް ހިއެއްނުވޭ އެއީ އަދި އަލަށް އަޅުގަނޑުމެންގެ ދާއިމީ ކޮމިޓީތައް ރައްޔިތުންގެ މަޖިލިހުގައި ހިނގަންވެސް މި ފަށަނީ. އެހެންވީމާ، ދާއިމީ ކޮމިޓީތައް އަށަގަނެގެންދާއިރުގައި އެ ކޮމިޓީތަކަށް ޕްރިސިޑެންޓެއް ނުވަތަ ކަންކުރާ ގޮތުގެ ތަރުތީބުތަކެއްވެސް އަޅުގަނޑުމެން ފޯރުކޮށްދެމުން މިދަނީ. އެހެންވީމާ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވުމަށް ހާޒިރުވާންޖެހޭ ޖެހުން އެއީ، ޤާނޫނުއަސާސީގެ ހަމަތަކެއް އޮންނަ ކަމެއް. އުސޫލުތަކެއް ގޮތްތަކެއް އޮންނަ ކަމެއް.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ ދެން ޔާމީން އަރިހުގައިވެސް ދަންނަވާލަން އޮތީ ހަމަ އެވާހަކަ އިނގޭތޯ. މިސާލަކަށް ޔާމީން އައްސަވަން އެ އުޅުއްވާ ވާހަކައަކީ ކޮބައިބާވައޭ؟ ޑރ. ޝަހީދު އެބާވަތުގެ ކަމެއް ކުރައްވާފައިވާކަމަށް އަޅުގަނޑަށް ހިއެއްނުވޭ. އަޅުގަނޑަށް އެނގިގެނެއް ޝަހީދު އަޅުގަނޑަކަށެއް ލަފާކުރެވިފައެއް ނެތް ޝަހީދު އެބާވަތުގެ ކަމެއް އެއްވެސް ތަނެއްގައި އެހެން ހައްދަވައި، އެކަހަލަ ރިޝްވަތެއް ނަންގަވައި، އެބާވަތުގެ ކަމެއް ކުރައްވާފައި އޮވެދާނެކަމަކަށް. ދެން އަޅުގަނޑަކަށް ފާހަގަކުރެވިފައެއްވެސް ނެތް. އަދި ޚާއްޞަކޮށް ކޮސޯވޯ މައްސަލަ އިނގޭތޯ. އެއީ، އެންމެ ފުރަތަމައިނުންވެސް އަޅުގަނޑުމެން މިއޮތީ ކޮސޯވޯ ގަބޫލުކުރުމަށް ނިންމާފައި. ދެން އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ މީގައި އަޅުގަނޑު އެބަ ޖެހެއޭ އެކިއެކި ފަރާތްތަކާ މަޝްވަރާކޮށް ވާހަކަ ދައްކާ ހަދާލަން.

ދެން އަޅުގަނޑަކަށް ހަމަ ލަފައެއް ނުކުރެވޭ. ދެން ނޭނގެ އިތުރު ހެކި ލިބިއްޖިއްޔާ، ހެއްކާ ޤަރީނާ އަޅުގަނޑުމެންގެ ކުރިމައްޗަށް އަތުވެއްޖިއްޔާ، އެއީ، އަޅުގަނޑަށް ނޭނގި ހުރެދާނެ ބަޔަކު މީހުން، އެވެނިކަމެއް މިވެނިކަމެއް ކޮށްފައި އިނގޭތޯ. އަޅުގަނޑަށް ނޭނގި ހުރެދާނެ. ދެން އަޅުގަނޑު ކައިރީގައި އަހައިގެން އޮޅުންފިލަން އޮތް މަޢުލޫމާތަކީ އަޅުގަނޑަށް އެނގޭ މަޢުލޫމާތެއް ވެއްޖިއްޔާ އަޅުގަނޑު އެ މަޢުލޫމާތެއް އަރުވާނަން. އަޅުގަނޑު ޝަހީދު އަރިހަކު ތަނަކަށެއް ދަތުރެއް ނުކުރަން. އަޅުގަނޑަކަށެއް ނުއެއް އެނގޭ. އެހެންވީމާ، އެ ޖެހޭނީ، މަޢުލޫމާތު ލިބިވަޑައިގެންވާނަމަ ޔާމީންވެސް އިނގޭތޯ، ޤައުމީ ސަލާމަތާބެހޭ ކޮމިޓީންވެސް އެ މަޢުލޫމާތެއް ހާމަކުރައްވަންވީ. ހަމަ އަވަހަށް ހާމަކުރައްވަންވީ. އަޅުގަނޑަށް އެނގިހުރި މަޢުލޫމާތު އަޅުގަނޑު އެހެރީ ހާމަކޮށްފައި. އަޅުގަނޑަށް ހަމަ އެ މައްސަލަ ދިމާވާއިރަށް އަޅުގަނޑު އެ މައްސަލަ ފުލުސް އޮފީހަށް ފޮނުވިން. އަޅުގަނޑަށް އެ މައްސަލަ ބަލާދިނުމަށް އެދި. އެހެންވީމާ، އަޅުގަނޑަށް އެނގޭ މަޢުލޫމާތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ސިއްރުކޮށްފައެއް ނުބަހައްޓާނަން.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް

އިއްޔެ ތ. މަޑިފުށީގައި ސަރުކާރުގެ އިސް ބޭފުޅުންކޮޅެއް ތިއްބަވަނިކޮށް ވަޅިއަކުން މީހަކު ޙަމަލާދޭން މަސައްކަތްކޮށްފައި އެބަވޭ. ދެން މިކަމާމެދު ސަރުކާރުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވޭ. މި ކަންތައް ސަރުކާރު ސަމާލުކަމަށް ކިހާވަރަކަށް އައިސްފައިވޭތޯ އަދި ރައީސް މިކަން ތުހުމަތު ކުރައްވަނީ ނުވަތަ ސިފަކުރައްވަނީ ކިހިނެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑެއް ތުހުމަތެއް ނުކުރަން. ވަރަށް ދެރަކަމެއް އިނގޭތޯ. ހަމަލާ ދީގެން ނުވާނެ އެއްވެސް ބޭފުޅަކު. ހަތިޔާރު، އެއްވެސް އެއްޗަކުން ހަމަލާއެއް ދެއްވައިގެން ނުވާނެ. އެއީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އަޅާނުލާ ތިބޭނެ ކަމެއް ނޫން. އެކަމުގެ ޤާނޫނީ ތަޙުޤީގުވެސް ހިނގާނެ. ޤާނޫނީ ފިޔަވަޅުވެސް އެޅޭނެ. އެހެންވީމާ، އަޅުގަނޑުމެން ބަލާނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި. އެހެނެއް ނޫން، ބަސް ރައްދުކުރުން ނުވަތަ ޕްލެކާޑެއް، ޕޯސްޓަރެއް، ބެނާއެއް ނެގުން މިއީގައި ޑިމޮކްރަސީގެ ރިވެތި ގޮތްތަކަށް ކަންކަން ކުރުން. ވަޅި ހިފައިގެން އައިސް އެހެނެއް ނޫޅެވޭނެ އިނގޭތޯ. އެހެން އަމަން ގެއްލޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ތެރޭގެ މަޞްލަޙަތު އެގޮތަށް ނަގައެއް ލާކަށް ސަރުކާރަކުން ފުރުސަތެއް ނުދޭނެ. އަޅުގަނޑުމެން އެކަމުގައި އެންމެ ބޮޑު، ހަމަ އެޅެން އޮތް އެންމެ ބޮޑު، ހަމަ އެންމެ ރަނގަޅަކަށް އެކަން ބަލައި، އެކަމުގައި އޮތް ޤާނޫނީ ހަމަތަކަކުން އަޅުގަނޑުމެންނަށް އެކަން ކުރިޔަށް ގެންދެވޭނެ.

ޢަލީ ރިޟްވާން - ޓީ.ވީ.އެމް:

ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލުކުރުމަށް ދިވެހި ސަރުކާރުން ނިންމެވުމާ ގުޅިގެން، ސަރބިޔާގެ ފަރާތުން ދިވެހި ސަރުކާރަށް އެއްވެސް ކަހަލަ ނުފޫޒެއް އައިތޯ؟

ދެން ސުވާލުގެ ދެވަނަ ބަޔަކީ ސަރބިޔާ ސަރުކާރާ ދިވެހި ސަރުކާރާ އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ސަރބިޔާ ސަރުކާރާ ދިވެހި ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮވޭ. ސަރބިޔާ ސަރުކާރުގެ ވެރިންނަކީ އަޅުގަނޑުމެން ހަމަ ދަނެ ފަރިތަވެސް ބޭފުޅުން. ސަރބިޔާ ސަރުކާރަށް އަޅުގަނޑު އޮޅުންފިލުވައިދިނިން، އަދި އަޅުގަނޑުމެން ކޮސޮވޯ ގަބޫލުކުރާނެކަމަށް އަޅުގަނޑު ދެންނެވިން އެންމެ ފުރަތަމަ ދުވަހުވެސް. އަޅުގަނޑުމެން ކެމްޕެއިނުގެ ތެރޭގައިވެސް އަޅުގަނޑު ދެންނެވިން މިއީ، އަޅުގަނޑުމެން ކުރާނެ ކަމެކޭ. ކޮސޯވޯ އަޅުގަނޑުމެން ގަބޫލުކުރާނެއޭ. އެހެންވީމާ، މާކުރިއްސުރެ ފަށައިގެން އަޅުގަނޑު ދަންނަވާފައި އޮންނާނީ މިކަން އަޅުގަނޑުމެން ކުރާނަމޭ. ކޮސޯވޯ ގަބޫލު ކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެކޭ. ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މެނިފެސްޓޯ އެކުލަވާލަމުން އައިއިރުގައި ޚާރިޖީ ސިޔާސަތުވެސް އެކުލަވާލަމުން އައީ. ކޮސޯވޯ ގަބޫލުކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް. މި ހިސާބުގައި އޮތް އިސްލާމް ޤައުމެއްނޫންތޯ އެއީ.

ޢަލީ ރިޟްވާން – ޓީވީ.އެމް:

އެއްވެސް ނުފޫޒެއް އައިތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ނޫން ނޫން، އަޅުގަނޑުމެންނަކަށް އެއްވެސް ކަހަލަ ނުފޫޒެއް ނާދޭ. ކޮސޮވޯއިންތޯ؟ ސަރބިއާއިން؟ ނޫން. ނޫން. ސަރބިޔާއިން ކިހިނެއްތޯ އަޅުގަނޑުމެންނަށް ކޮންމެހެން ނުފޫޒެއް ފޯރުކުރަންވީވެސް އަދި ފޯރުކުރެވޭނެ މަގެއްވެސް ނެތް.

ޢަބްދުﷲ މުޙަންމަދު – ދި ޓީވީ:

އަޅުގަނޑު މި ސުވާލުގެ ޖަވާބު ބޭނުންވަނީ ވަރަށް ތިލަކޮށް ވަރަށް ސާފު ޢިބާރާތަކުން އިނގޭތޯ. މިޑް ޓަރމް އިލެކްޝަނުގެ ވާހަކައަކީ، ހަމަ އަޅުގަނޑު ތަންކޮޅެއް އާދައިގެ ބަހުރުވަޔަކުން މި ދަންނަވަނީ ޙަސަން ސަޢީދު ރުއްސަންވެގެން މަނިކުފާނު ދެއްކެވި ވާހަކަ އެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ޙަސަން ސަޢީދު ބާރު އަޅުއްވައިގެން ދެއްކި ވާހަކައެއް އެއީ.

އިބްރާހީމް މުޙަންމަދު - މިނިވަން ނިއުސް ވެބްސައިޓް:

މަނިކުފާނަށް ބަޔަކު ބާރު އަޅުއްވައިގެން ނޫނީ ޕްރެޝަރ ކޮށްފިއްޔާ ޤާނޫނާއި ގަވާއިދާ ޚިލާފު ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ނުދެކެމޭ އިނގޭތޯ އެވެސް ޤާނޫނާ ޚިލާފު ވާހަކައެއް ކަމަކަށް. އަދި ޤާނޫނާ ޚިލާފު އުސޫލެއްގެ ވާހަކަދެކެވޭކަމަކަށްވެސް. އިންތިޚާބެއްގެ ވާހަކައެއް ދެއްކުމަކީ، އެއްވެސް ޙާލެއްގައި ޤާނޫނާ ޚިލާފު ވާހަކައެއް ނޫން. އަދި ޤާނޫނާ ޚިލާފު އުސޫލެއްގެ ވާހަކައެއްވެސް ނޫން. ދެން މިހާރު މީގައި މިވާގޮތަކީ އިއްތިޙާދެއް އެކުލަވާލެވެނީ، އެހެންނޫންތޯ. ކޮންމެ ކޮންމެ މީހެއް ނޫން މި މީހާއަކީ. މި އެކުލަވާލެވެނީ ތިމަންމެން އެންމެން އެކީގައި އެއް އުސޫލަކަށް ކަންތައްތަކެއް ކުރަން ނިންމަނީއޭ. އެހެންވީމާ، އެ ބާވަތުގެ ކަމެއް ނިންމާއިރުގައި، އެކަމުގެ ތެރޭގައި ހިމެނޭ އެކިއެކި ފަރާތްތަކުގެ ވިސްނުން މިކަމުގެ ތެރޭގައި އެކުލަވާލަންޖެހޭނެ. ހިމަނަންޖެހޭނެ.

ޢަބްދުﷲ ސަޢީދު އެ ސަންދާނު:

އަޅުގަނޑުގެ ސުވާލު މި އަމާޒުކޮށްލަނީ މަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތީ މި ނިމިގެންދިޔަ ސަރުކާރުގެ އެކިއެކި ޚިޔާނާތްތެރިންނާ އަދި އެނޫންވެސް މީހުން މެރުމާ، މި ބާވަތުގެ ކަންކަން ބަލާ އިނގިރޭސިވިލާތުގެ ފަރާތަކާ މަޝްވަރާ ކުރެއްވިކަމަށް. ދެން މި ބައްދަލުވުމުގެ ނަތީޖާ ކިހިނެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ބަޔަކާ މަޝްވަރާ ކުރިން އިނގޭތޯ. ދެން އެ މަޝްވަރާގެ އަލީގައި، މީގައި މި ވާގޮތަކީ އަދި އަޅުގަނޑު ކިތަންމެ ވަރަކަށް މާޒީ ހަނދާން ނައްތާލުމަށް ރައްޔިތުންގެ ކިބައިން އެދުނެއް ކަމަކު އެކަމެއް ނުވޭ، އެހާ ފަސޭހައެއްކޮށް. އެއީ ފަސޭހަ ކަމަކަށެއް ނުވޭ. އެކަން ޖެހޭނީ އަޅުގަނޑުމެން ގެންގޮސް ހަމަ ކޮންމެވެސް ކަހަލަ ނިންމުމަކަށް ގެންނަންކަމަށް އެބޭފުޅުންވެސް ލަފާ އަރުވަނީ. އެހެންވީމާ، އެބޭފުޅުންގެ މަޝްވަރާއާއި ލަފަޔާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގެ ކޮންމެވެސް ކަހަލަ ނިންމުމަކަށް ގެންދެވޭނެ.

ޢަބްދުއްލަޠީފް އާދަމް - ރާއްޖެ ނިއުސް އޮން ލައިން:

މަނިކުފާނު އިނގިރޭސިވިލާތުގެ ނޫސްތަކަށް ދެއްވި ބަޔާންތަކާ ގުޅިގެން ވަރަށް ގިނަ ނޫސްތަކުން މިހާރު ފެންނަމުން އެބަދޭ ދިވެހިރާއްޖޭގެ ހޮޓާތައް، ފަތުރުވެރިކަން ހިނގަމުންދާ ރިޒޯޓުތައް މިދެންނެވީ ކުލި ކުޑަ ކުރުމުގެ ވާހަކަ. ތިން ތަރި ހޮޓާތައް ގިނަ ކުރަންވެއްޖެ ވާހަކަ. ފަތުރުވެރިންގެ އަތުން ކުރިން ޚަރަދުކުރިވަރަށް ފައިސާ ޚަރަދުކުރެވެން ނެތް ވާހަކަ. ދެން މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު އިޓަލީއަށް ފުރާވަޑައިގަންނަވަމުން ދެއްވި ތަޤުރީރުގައިވެސް ވިދާޅުވި، ސަރުކާރުން މިހާރު ނަގަމުންދާ ޓެކްސްތައް ވަރަށް ބޮޑެތި ވާހަކައާއި އެއަށް ކޮންމެވެސް ބަދަލުތަކެއް ގެންނަވާނެ ވާހަކަ. އެހެންވީމާ، މިހާރު މި ހުރިހާ ކަމެއް ގުޅިގެން ދާއިރުގައި އަޅުގަނޑުމެންނަށް މިކަމުގެ ޢަމަލީ ކަމެއް، ނުވަތަ ޓެކްސްތަކަށް ބަދަލެއް އައުން ފެނިގެންދާނީ ކިހާ ތަނެއްގައިތޯ. ސަރުކާރުގެ މިހާރު ހުރީ ކޮން ވިސްނުންފުޅެއްތޯ މިކަމުގައި.

ރައީސް މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ. މިހާރު މިވާ ގޮތަކީ އިނގޭތޯ އަޅުގަނޑުމެންނަކަށެއް ނެތް މިހާރު ހުރި ކުލިތައް ޙަޤީޤަތުގައި އެއާ ކުޅެވޭކަށް. އެއީ، އެގްރީމެންޓެއް ކޮށްފައި ކުރީގައި އޮތް އެއްބަސްވުމެއްގެ ތެރޭގައި އައިސް އޮންނަ ކުއްޔެއް އެއީ. ކުލީގައި އަޅުގަނޑުމެންނަށް ގޮތެއް ހެދެން އަންނާނީ، އެގްރިމެންޓް އަލުން އަނބުރާ ކުރާއިރުގައި ނުވަތަ އެގްރިމެންޓް އަލުން ކުރާއިރުގައި. އެހެންވީމާ، މިހާރުން މިހާރަށް އެކަމުގައި ކުރެވޭނެ ކަމެއް ނެތް. ދެން އަޅުގަނޑުމެން އޮންނާނެ ރައްޔިތުންގެ މަޖިލިހަށް ދެ ބިލު ހުށަހަޅާފައި. އެއީ، މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައި އޮތް ބިލަކާއި އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުން. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް ވަރަށް މުހިންމު. އެ ޤާނޫނު ނެތި އަޅުގަނޑުމެންނަށް ކުލި، މިހާރު ކުލި އަޅުގަނޑުމެން ކުޑަ ކޮށްފިއްޔާ އެތަނަށް ގިނަ މީހުން އައިސްގެން ލިބޭ ފައިދާ ބޮޑުވާނެކަމަށް މިއުންމީދު ކުރަނީ، ކުންފުނިތަކުގެ. އެހެންވީމާ އެ ބޮޑުވާ ފައިދާއިން ސަރުކާރަށް އަޅުގަނޑުމެން ޓެކްސްއެއް ނަގަން ބޭނުން. އެހެންވީމާ، މިކަންއެކީގައި ހަމަޖެހިގެން އައިމާ އަޅުގަނޑުމެންނަށް މިކަން ދެކޮޅު ޖެހިގެންދާނީ.

ޖަޢުފަރު ރަޝީދު - މިއަދު ނޫސް:

ރައީސް، ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިންވެސް ކޮންމެވެސް ވަރަކަށް، ވަރަށް ބޮޑަށް ވާހަކަ ދެކެވުނު އިނގިރޭސިވިލާތާ ރައީސާ އޮންނަ ގުޅުމެއްގެ މައްޗަށް ނޫނީ އެމްޑީޕީ އާ އޮންނަ ގުޅުމެއްގެ މައްޗަށް. އެކަމަށް އިޝާރާތްކޮށް ގިނަ މީހުން ދީނީ ކަންކަމާ އަޅުވާ މިކީ. ސުވާލަކީ ލަންޑަނަށް މި ކުރެއްވި ދަތުރުފުޅުގައި އެހެން ދީނެއް ރާއްޖެއަށް ގެނައުމަށް ނޫނީ އެކަހަލަ ކުލަވަރެއް ޖެއްސުމަށް އެއްވެސް ކަހަލަ ޕްރެޝަރެއް، އެއްވެސް މީޓިންއެއްގައި އެއްވެސް ބޭފުޅެއްގެ ފަރާތުން އައިސްފައިވޭތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ބައިނަލްއަޤްވާމީ ދުނިޔޭގައި، ކޮންމެ ތަނެއްގައި ބައްދަލުވުމެއް ބޭއްވިޔަސްވެސް އަބަދުވެސް ބޭފުޅަކު ސުވާލުކުރައްވާނެ، ރާއްޖޭގައި ދީނުގެ މިނިވަންކަން، ބޭނުން ދީނަކަށް އުޅުމަށް އެ ނެތް ވާހަކަ. ދެން އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަވަން މިއީ ދިވެހިރާއްޖެއޭ. މި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެއޭ. އެ ނިމުނީ. އަބަދުވެސް ކޮންމެ ތަނަކުންވެސް ކޮންމެވެސް އެކަކު، ނޫސްވެރިޔަކު އެވާހަކަ ބުނެލާ އަބަދުވެސް. ދެން އެއީ، އެބޭފުޅުން ދެކޭ އެއީ، އިންސާނީ ޙައްޤެއްގެ ގޮތުގައި. ދެން ޕްރެޝަރެއް އެކަމުގައި ސަރުކާރުގެ ދާއިރާއެއްގައި ނުވަތަ އެއްވެސް ކަހަލަ ޖަލްސާއެއްގައި އެހެނެއް އެކަމެއް ފާހަގަވެފައެއްނެތް.

އަޙްމަދު ޙަމްދޫން - ހަވީރު:

އަޅުގަނޑު ދެއްކި ވާހަކައަކާ ގުޅިގެން، މަނިކުފާނު ވިދާޅުވި ދަތުރުފުޅުތައް ކުރައްވާނަމޭ. ދެން ރާއްޖެއިން ބޭރަށް މިދެންނެވީ ޚަރަދުތައް ކުޑަކުރެއްވުމުގެ ވާހަކަ ދައްކަވާތީ، ދަތުރުފުޅުތައް މަނިކުފާނު ކުރައްވާ ވާހަކަ މިދެކެވެނީ އިޤްތިޞާދީ ގޮތުން ޤައުމު އޮތް ޙާލަތުންކަންނޭނގެ. މަނިކުފާނު، ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅެއް ކުރައްވަންޏާމުން އެހެން ޢާންމު ސަރުކާރުގެ އިސްވެރިއަކަށްވުރެ ތަންކޮޅެއް ޚަރަދު ބޮޑުވެގެން ދާތަން. އެއްލައްކަ ޑޮލަރޭ ވިދާޅުވީ. ތަންކޮޅެއް ޚަރަދު ބޮޑުވެގެން ދާތަން ފެނޭ. އަޅުގަނޑުވެސް ގަބޫލުކުރަން ރާއްޖެ އިޝްތިހާރުވެގެން ދާނެކަމަށް. އެހެންނަމަވެސް، މި ވަގުތަށް ޚަރަދު ކުޑަކުރެއްވުމުގެ ބޭނުންފުޅުގައި އެއްވެސް ވަރަކަށް ވިސްނުން ގެންގުޅުއްވަންތޯއޭ ދަތުރުފުޅުތައް މަދުކުރެއްވުމަށް. މިދެންނެވީ އިޓަލީއަށްވެސް ދަތުރުފުޅެއް ކުރެއްވި، އިންޑިޔާއަށް ދަތުރުފުޅެއް ކުރެއްވި، ފަނަރަ އެމް.އޯ.ޔޫ. ގައި ސޮއިކުރެއްވި. ކޮބައިތޯ އަޅުގަނޑު ހިތަށް އަރާ އެމް.އޯ.ޔޫ ތަކުން އަޅުގަނޑުމެންނަށް ލިބުނު ފައިދާ. އެބަ ފެނޭތޯ. އޭރުގައި ވަރަށް ވާހަކަ ދެކެވުނު. ކިހާވަރަކަށްތޯ މިކަންތައް ގޮސްފައި އޮތީ؟

ރައީސް މުޙަންމަދު ނަޝީދު:

ޙަމްދޫނަށް ފާހަގަވޭތޯ ކަމެއް ކުރާ ގޮތް. އަޅުގަނޑުމެން މިސާލަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް، ޝައުޤުވެރިކަން ހާމަކުރުން. ޝައުޤުވެރިކަން ހާމަކުރުމަށް އެދެނީ ޢިއުލާނު ކުރަނީ. ކުރީމާ ދެން މި ސޮއި ކުރަނީ ޝައުޤުވެރިކަން އޮތް ކަމުގެ މެމޮރެމްޑަމެއްގައި. ދެން އެބޭފުޅުންނަށް އަޅުގަނޑުމެން މި ފޮނުވަން ޖެހެނީ މަޢުލޫމާތު. މިސާލަކަށް ހޮސްޕިޓަލް. އަޅުގަނޑުމެން މި ބުނަނީ އައި.ޖީ.އެމް.އެޗް ހިންގާނެ ޝައުޤުވެރި ބައެއް ހޯދުމަށް ދިވެހި ސަރުކާރުން އެދެމޭ. އެހެން ބުނީމާ، އިންޑިޔާ ބަޔަކު އައިސް ސޮއި ކުރަނީ މެމޮރެމްޑަމެއްގައި ތިމަންނާމެން ޝައުޤުވެރިވާކަން. ދެން ސަރުކާރުން ފޮނުވަން މި ޖެހެނީ އެމީހުންނަށް ސަރުކާރުން ބޭނުންވަނީ މިވެނި މިވެނި މިވެނި ގޮތަކަށް މިކަން ކުރަހަރޭ. ދެން އެ މައްޗަށް ބިނާކޮށް އެ މީހުން ފޮނުވަން ޖެހެނީ ޕްރޮޖެކްޓް.

ޙަމްދޫން ސީދާ ގަބޫލުކުރައްވައިގެން ތިޔަ ސުވާލު ކުރެއްވިނަމަ، އަޅުގަނޑު ވަރަށް ހަމަ ހިތްހަމަ ޖެހޭނެ. އެކަމަކު އަޅުގަނޑަށް މި ހިތަށް އަރަނީ ޙަމްދޫނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއޭ މިކަން ހިނގާ ގޮތް. ދެން ފަހަރެއްގައި ޢާންމުންނަށް ތަފްޞީލުކޮށްދިނުމުގެ ބޭނުމުގައި ސުވާލުކުރެއްވީކަމަށް ވެދާނެ. ދެން އަޅުގަނޑުމެން ހޯދަން މިޖެހެނީ ރިކުއެސްޓް ފޯ ޕްރޮޕޯސަލް. އެ ޕްރޮޕޯސަލްގެ މައްޗަށް ބައިވަރު މީހުންތަކެއް މި ޕްރޮޕޯސަލް ހުށަހެޅީމާ އޭގެތެރެއިން ކޮންމެވެސް އެއްބަޔަކާ އެކީގައި ކޮންޓްރެކްޓް ކުރަނީ. ޙަމްދޫނަށް ހަމަ ނުލާހިކު ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކޮންޓްރެކްޓް ކުރާ ތާރީޚްވެސް، އިންވެސްޓް މޯލްޑިވްސް ސައިޓް ބެލީމާ. މިކަން ހިނގާ ގޮތްވެސް. އެއީ އިންޑިޔާގެ މެމޮރެންޑަމް.

ދެން ރައީސުލްޖުމްހޫރިއްޔާ ދިޔައިމާ އިނގޭތޯ ހަމަ އެއްޗެއް ލިބޭ ގޮތް ވަނީ އަދިވެސް. އަޅުގަނޑުމެން ހަމަ މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރު އެބަ އަޅުގަނޑު ކުރަން ޖެހޭ. އެއީ، ހަމަ ފައިސާ ހޯދުމަށްޓަކައި، އެހީއެއްނޫން އަޅުގަނޑުމެން މިހޯދަނީ. ވިޔަފާރީގެ ފުރުސަތު ބޭނުންވަނީ. އެހީ ހޯދުނީމާ އަޅުގަނޑަކަށް ހިއެއްނުވޭ މިކަން ރަނގަޅަށް ހިނގާނެހެނެއް. އަޅުގަނޑުމެން އެހީ ހޯދަން އުޅުނީމަކާ. ވިޔަފާރީގެ ފުރުސަތު އަޅުގަނޑުމެން މި ހޯދަނީ. އެހެންވީމާ އެކަން ކުރުމަށްޓަކައި އަޅުގަނޑު ތަންތަނަށް ގޮސްގެން ވިޔަފާރީގެ ފުރުސަތު ދިވެހިރާއްޖެއަށް ފަހިވެގެން އަންނަނީ. ދެން އެކަމަށްޓަކައި، ހަމަ ހަވީރު ނޫހަށް ވަރަށް ރަނގަޅަށް އެގިލައްވާނެ ކުރަން ޖެހޭ ކަންތައް އަޅުގަނޑުމެން ކުރަން ޖެހޭނެކަން. އެކަން ކުރުން ހުއްޓާލުމަކީ އެއީ، އިޤްތިޞާދަށް ދެވޭ ގެއްލުމެއް.

ރައީސް މުޙަންމަދު ނަޝީދު:

އެއް ބޭފުޅެއް. އެ ސުވާލު ނިންމާފައި އަޅުގަނޑު ނިންމާލާނަން. އަޅުގަނޑުވެސް ވަރަށް ބޮޑަށް އަދި އަޅުގަނޑު ނިދިވެސް ބޭނުންވާނެ.

މިއުސަމް ޢައްބާސް – ޖަޒީރާ:

އެމްޑިޕީގެ ރިޔާސީ ކެމްޕެއިންގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދިޔަ ބޭންކު ރައްޔިތުންނަށް ހުޅުވާލާނެ ވާހަކަ. އެހެންނަމަވެސް، މިއަދާ ހިސާބަށް ދިޔައިރުގައި އަދި އޭގެ މާ ބޮޑު ޢަމަލީ ފިޔަވަޅުތަކެއް ނޭޅި މިވަނީ. އެހެންވީމާ، ކިހާ ހިސާބެއްގައިތޯ ބޭންކުން އަޅުގަނޑުމެންނަށް ފައިދާތަކެއް، ޢާންމު ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނީ؟

ރައީސް މުޙަންމަދު ނަޝީދު:

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ވަރދިނަސް އިތުރުކުރުމަށް އަޅުގަނޑު މިފަހަރުވެސް ތިން ބޭންކަށް އަދި އިތުރު ކްރެޑިޓް، ބޭންކް އޮފް މޯލްޑިވްސްއަށް ގެނައުމަށް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނުތައް ދޫކުރަން ފެށުމަށް މިފަހަރުވެސް އަޅުގަނޑުމެން ތިން ހަތަރު ބަޔަކާ ވާހަކަ ދެއްކިން. ދެން އެހުރިހާ ބޭފުޅުންވެސް އެކަމަށް ޝައުޤުވެރިކަން އެބަހުރި. އެމަސައްކަތްތައް އިރާދަކުރެއްވިއްޔާ ދަނީ ކުރިޔަށް. އަޅުގަނޑު މިހާރު ބޭންކުގައި އެދިފައި އޮންނާނީ ބޭންކުން އެކިއެކި ކަސްޓަމަރުން ދެން އެނގިވަޑައިގަންނަވާނެ، ދެންއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި އޮންނާނެ ބޭންކުން އެކިއެކި ބޭބޭފުޅުން ނަންގަވާފައި ހުރި އަދަދާއި، މިންވަރާއި އެ ފައިސާތައް ހުރިގޮތާ. ބޭންކްގައި ސަރުކާރުން އެދިފައި އޮންނާނެ ބޭންކުން އެފައިސާ އަނބުރާ ހޯއްދަވާށޭ. ދެން އަޅުގަނޑު ފުލުސް އޮފީހުގައިވެސް އެދިފައި އޮންނާނީ، އެފައިސާ ބޭންކަށް އަނބުރާ ހޯދައިދިނުމަށް އެހީތެރިވެދޭށޭ. ބޭންކަށް ފައިސާ އެހެން މީހުންނަށް ދެވޭނީ ބޭންކަށް ލިބެންހުރި ފައިސާ ބޭންކަށް ލިބުނީމާ. އެހެންވެގެން މިހާބޮޑު ދައްޗެއްވެގެން މިއުޅެނީ. މާގިނަ އަދަދުގެ ފައިސާ ބޭންކުންވަނީ ވަރަށް މަދު މީސްކޮޅަކަށް ދޫކޮށްފައި، މިދިޔަ ދައުރު ނިމުނުތާ ކައިރީގައި. ދެން އެކަން އަޅުގަނޑުމެން ފޫބެއްދުމަށްޓަކައި ބޭންކަށް ޖެހޭނީ އެފައިސާ އަލުން އަނބުރާ ހަމަ ގެންނަން. ގެނެސްފައި އެފައިސާ އަލުން އަނބުރާ ދޫކުރަން ފެށޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއުންމީދު ކުރަނީ، ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި ބޭންކުގެ ލިކްއިޑިޓީ ނުވަތަ ބޭންކުގައި ލެންޑް ކުރަން މި ލޯންދޭ މިންވަރު އަނެއްކާވެސް ތަންކޮޅެއް ހަލުވި ވެގެންދާނެ ކަމަށް. ކުރިޔަށް މިއޮތް ދެމަހެއް ތިންމަހެއް އަދި ހަމަ ދާނީ އަޅުގަނޑު ދެކޭގޮތުގައި މިގޮތަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހަމަ އުންމީދު ކުރަނީ ތިޔަބޭފުޅުންގެ ހުރިހާ ސުވާލަކަށްވެސް އަޅުގަނޑަށްވީ އެންމެ ސާފެއްކޮށް އެންމެ ރަނގަޅަކަށް ޖަވާބުދެވޭތޯ އަޅުގަނޑު ބަލަމުން މިދަނީ. ކުރިޔަށް އޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ މިކަން މިގޮތަށް ކުރާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އަޅުގަނޑުގެ ބޭނުމަކީވެސް، ހަމަ ތިޔަބޭފުޅުން މެދުވެރިކޮށް ރައްޔިތުންނަށް ސާފު މަޢްލޫމާތު ފޯރުކޮށްދިނުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ. والحمد للّـه. السّـلام عليـكم