بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިދަންނަވާލީ، މާލޭ މުނިސިޕަލްޓީގެ ރައީސްކަމުގެ މަގާމު އާދަމް މަނިކު ގަބޫލު ކުރައްވަން ވިދާޅުވުމުން، އެމަގާމް އާދަމް މަނިކާ އަޅުގަނޑު ހަވާލުކުރުމަށްޓަކައި. ސަރުކާރުން އެދެނީ މާލޭގެ މަގުތަކާ، މާލޭގެ ސާފުތާހިރުކަމާ، މާލޭގެ އަމަންޢާންމާ، މާލޭގެ ރައްޔިތުންގެ ދިރިއުޅުމާ، މާލޭގެ ގެދޮރާ އަދި މިނޫންވެސް ރިވެތި ރަނގަޅު ދިރިއުޅުމެއް، ރައްޔިތުންނަށް އުޅެވޭނެ މާޙައުލެއް މާލޭގައި އުފައްދައިދީ، މާލޭގެ އެންމެހާ ކަންކަން، ޤާނޫނާއި ޤާނޫނުއަސާސީއާ އަދި ޢާންމު ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްދެއްވުމަށް. އެކަމަށް އާދަމް މަނިކު އެއްބަސްވެވަޑައިގެން، އެކަމާ ހަވާލުވެވަޑައިގެންނެވީތީވެ، ސަރުކާރުގެ ފަރާތުން އާދަމް މަނިކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެހެންމެ، މުޙަންމަދު ނަޞީރާއި، ޢަލީ މުޙަންމަދު އަރިހުން އަޅުގަނޑު މިއެދެނީ، ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމާ، އަދި ސްޓޭޓް މިނިސްޓަރެއްގެ ނާއިބުގެ މަގާމު އަދާކޮށްދެއްވުމަށް. ހޯމްއެފެއާޒްގެ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވުމަށާއި، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއާއި، އެތަންތަނުގެ ކަންކަން ވިލަރެސްކުރުމާއި، ކުރިއަށްގެންދިއުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާ، އަދި އެނޫންވެސް ރާއްޖޭގެ ރައްޔިތުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދީފައިވާ ޙައްޤުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރިވެތި ދިރިއުޅުމެއް އުޅުމަށް ސަރުކާރުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށްޓަކައި އެހީތެރިވެދެއްވުމަށް އެއްބަސްވެވަޑައިގަތީތީވެ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.