السّـلام عليـكم

އަޅުގަނޑު މައިގަނޑު ދެތިންކަމެއް ފާހަގަކޮށްލަން ބޭނުން. ދުނިޔެ މިދަނީ ބަދަލުވަމުން. އަޅުގަނޑު ދެކޭހިތްވާ ގޮތަކީ އަދި ދެކޭނެވެސް ގޮތަކީ، އިންސާނާ މިބާވަތުގެ ފިލްމުންނާއި އަދި އިތުރު ހޭލުންތެރިކަމާއި އިތުރު ގޮތްގޮތް ހޯދާނެއޭ އެ ހާލަތަށް އަޅުގަނޑުމެން ނުދާނެ. އެކަން ކުރުމަށް ދުނިޔެ ބަދަލުވާނެއޭ. ދުނިޔެ އެބަދަލު ގެނައުމަށް ހަމަ މީގެކުރީގައިވެސް އިންސާނުން ކޮށްފައިހުރި ބާވަތުގެ ކަންކަން މިހާރު މިކުރާ ދަރަޖައަށްވުރެ ބޮޑަށް ކުރާނެއޭ.

އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑަށް ލަފާކުރެވެނީ މުޅި ދުނިޔެ ކުރިއަށް މިއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ސީދާ ޙަރަކާތަށްދާނެއޭ. އަޅުގަނޑުމެން ހީކޮށްގެންނުވާނެ އަޅުގަނޑުމެންގެ ފިކުރޭ ދުނިޔޭގައި ހުރީ. މިއަދު ޔޫރަޕްގެ ނޫނީ ތަރައްޤީވެފައިވާ ޤައުމުތަކުގެ އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަކީ، އަޅުގަނޑުމެން ޢާންމުކޮށް މި ވިސްނާ ވިސްނުން ވިސްނާ މީހުންނަކަށްނުވާނެއޭ. އެމީހުން ދުނިޔެ ބަދަލުކޮށްލާނެއޭ. އެޙަރާކަތަށް އެމީހުން ދާނެއޭ. އަޅުގަނޑުމެން ހަމަ ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި އިންޤިލާބުތައް، ފިކުރަށް، ވިސްނުމަށް، ކަންކަން ކުރާ ގޮތަށް ދުނިޔޭގެ ރައްޔިތުން ގެންނާނެއޭ. ގެންނައިރުގައި އަޅުގަނޑުމެންނަށް ވާނެގޮތެއްވެސް ހަމަ އޭގެތެރޭގައި ވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން މިކަމާ ކުރިޔަށް ވިސްނާލާފައި އޮވެއްޖެނަމަ، އަޅުގަނޑު ދެކޭނީ އަޅުގަނޑުމެންނަށް ކިތަންމެ ކަމެއް ރަނގަޅަށް ކުރެވިދާނެއޭ.

އަޅުގަނޑަށް ހަމަ މިކަމުގައި ފެންނަނީ ކޮންމެހެން އަޅުގަނޑުމެންނަށް ދުނިޔެ ސަލާމަތެއް ނުކުރެވޭނެ. އަދި މިކަމާ ގުޅިގެން މާބޮޑު ކަމެއްވެސް އަޅުގަނޑުމެންނަކަށް ކޮންމެހެން ކުރެވޭނެ ކަމަކަށެއްނޫން. އެހެންނަމަވެސް، އަޅުގަނޑަށް ލަފާކުރެވެނީ އަޅުގަނޑުމެންނަށް އެހެންމީހުން ލަދުގަންނަ ބާވަތުގެ ކަންކަން ކުރެވިދާނެއޭ. ޑިސެމްބަރ މަހު ކޯޕަންހޭގަންގައި އޮންނާނެ ބައްދަލުވުމެއް. ކާރބަން ނިއުޓްރަލިޓީއަށް ދިޔުމާ އެކަމާ ގުޅުން ހުންނާނެ. އަދި އަޅުގަނޑަށް ހަމަ ލަފާކުރެވެނީ ދަތުރުކުރާމީހާވެސް ޢާންމު ރައްޔިތުމީހާވެސް މިކާރބަން އާ ގުޅިގެން ހިންގާ މުޢާމަލާތް، ހިންގާ ވިޔަފާރި ގިނަވާނެއޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މީގައި ގެއްލުމެއް ނުލިބޭނެ ގޮތަކަށް ތިބެވޭނީ، އަޅުގަނޑުމެންނަކީ އެންމެ ފުރަތަމައިނުންވެސް އެކަން ކުރާ ބައެއްގެ ގޮތުގައި ފާހަގަވެ، އަޅުގަނޑުމެންގެ ރާއްޖެއަށް މިސާލަކަށް އައުން އެއީ ލިބޭ ފައިދާއެއްގެ ގޮތުގައި، ކާބަން ޓްރޭޑިންގގައި ލިބޭ ފައިދާއެއްގެ ގޮތުގައި ވެވޭނެ ގޮތަކަށް އަޅުގަނޑުމެންނަށް ތިބެވިއްޖިއްޔާ އަޅުގަނޑު ދެކޭނީ އެ އިތުރު ކުރިއެރުން ނުވަތަ ކުރިއަށްއެޅޭ ފިޔަވަޅު އަޅުގަނޑުމެންނަށް އެޅިދާނެއޭ.

އަޅުގަނޑުމެން ހަމަ ވިސްނަންޖެހޭނެ ތަރައްޤީވެފައިވާ ޤައުމުތަކުގެ މީހާ މިހާރު ވިސްނަމުން އަންނާނީ އެހެން ގޮތަކަށްކަން. ހަމަ އަޅުގަނޑުމެން ދެކެންޖެހޭނެ މިހާރު އެމީހާ ނުކުމެ ދުނިޔެ ބަދަލުކޮށްލާނެކަން. އަޅުގަނޑުމެން ހިތަށް އަރައިގެން ނުވާނެ އެއީ ދެން ވާނެ ކަމެއްނޫނޭ. އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން އަޅުގަނޑުމެންނަށް ދާދި މިދާކަށްދުވަހު ފެނިގެންދިޔަ މިރާއްޖެވެސް ބަދަލުވާނެކަން. ކިތަންމެ ޒަމާނެއް ވަންދެން އަޅުގަނޑުމެން ދެކިގެން ތިބި އެތައް ކަމެއް، އެތައް ގޮތެއް މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި މިދިޔައީ ބަދަލުވެގެން.

އަޅުގަނޑަށް ހީވަނީ މިއާއެކީގައި ދުނިޔެ ހަމަ ބަދަލުވާނެހެން. އަޅުގަނޑުމެން އެބަދަލުގެ ތެރެއަށްދާއިރުގައި އަޅުގަނޑުމެން ތިބެން ޖެހޭނީ އެބަދަލަށް ތައްޔާރުވެ. ތައްޔާރުވެ ތިބުމަކީ އަޅުގަނޑުމެން އޭގެ ކުރީގައި ތިބުން. އެބަދަލު ރަމްޒުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަވެގެން ދިޔުން. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ އަޅުގަނޑުމެންނަށް ދުނިޔެ ސަލާމަތް ކުރުމަށް މާބޮޑު ކަމެއް ކުރެވިދާނެ ކަމަކަށެއްނޫން. އެހެންނަމަވެސް، ދުނިޔޭގެ ވިސްނުން ހިނގާ މަގު، ހިނގާ ގޮތް އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. އެކަމާ އަޅުގަނޑުމެންނާ ގުޅުން ބަހައްޓަންޖެހޭނެ. ވަރަށްބޮޑަށް ޝުކުރިއްޔާ މިރޭ މިތަނަށް ވަޑައިގެންނެވި ކަމަށްޓަކައި.

ދެން އަޅުގަނޑުމެންނާ މިކަމާ ގުޅުން އޮންނަނީ މުޙަންމަދު ޒުހައިރު ދެންމެ ފަށްޓަވަމުން ފާހަގަކުރެއްވި ފަދައިން ފިލްމު ނެރޭއިރުގައި އަޅުގަނޑުގެ ކުޑަކުޑަ އިންޓަރވިއުއެއް އެބައޮވޭ. އަޅުގަނޑުމެން ރާއްޖޭގައި ކާރބަން ނިއުޓްރަލް އިންވެސްޓްމަންޓްސްއަށް ދިޔުން އެއީ، އަޅުގަނޑުމެން ހިތްވަރު ކުރާނެ ކަމެއް. އަޅުގަނޑުމެން އެގޮތަށް އެކަންވޭތޯ މަސައްކަތް ކުރާނެ ކަމެއް. އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެން ރާއްޖެއަށް ބޭނުންވާ މައިގަނޑު އިންފްރާސްޓްރަކްޗަރ ބިނާކުރުމުގައި މިމަގުން އަޅުގަނޑުމެންނަށް ކުރިއަށްދެވޭކަމަށް. ދާން މަސައްކަތް ކޮށްފިނަމަ އަވަސްވެސްވާނެއޭ އަދި ފައިދާވެސް ބޮޑުވާނެއޭ، ފަސޭހަވެސްވާނެއޭ.

އަޅުގަނޑުމެންނަށް ލަފާކުރެވެނީ ކުރިއަށްއޮތްތަނުގައި ޓޫރިސްޓުންވެސް އަންނާނީ ކާރބަން ނިއުޓްރަލް ރިޒޯޓަށްކަމަށް. އަޅުގަނޑުމެންނަށް ފެންނަނީ ކުރިއަށްއޮތްތަނުގައި މީހުން، މަހުގެ ގޮތުގައި ކާނީވެސް ކާރބަން ނިއުޓްރަލް ދޯނިފަހަރުގައި، ބޯޓުފަހަރުގައި ބާނާ މަސް. މިބަދަލު ދުނިޔޭގެ ރައްޔިތުމީހާ ގެންނާނެ. އަޅުގަނޑަށް ލަފައެއް ނުކުރެވޭ ހަލާކުވަންދެން އަޅުގަނޑުމެން ތިބޭނެ ކަމަކަށް. އަޅުގަނޑަކަށް ހަމަ ލަފައެއް ނުކުރެވޭ. މިރާއްޖޭގައި ތިބި މީހުންކޮޅާ އަދި އަޅުގަނޑުމެން ބާވަތުގެ ވަރަށްގިނަ ބަޔަކު މަލާމާތްކޮށް ހަމަ ތިބެދާނެ. ހަމަ އަޅުގަނޑުވެސް ހުރެދާނެ އެގޮތަށް. ހަމަ މިކަމުގައި ކިތަންމެ ހަޖޫއެއްވެސް އަޅުގަނޑުވެސް ޖަހައިފާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ އަބަދުވެސް ވިސްނަންޖެހޭނެ ޔޫރަޕްމީހާ ބަދަލުވެއްޖެކަން. އެމީހާއަށް ވިސްނިއްޖެކަން. އެމީހާއަށް އެނގިއްޖެކަން. އެމީހާގެ ޙަރަކާތް ދެން އޮންނާނީ އެމަޢްލޫމާތުގެ މައްޗަށް ބިނާވެފައިކަން.

އެހެންވީމާ، ދުނިޔޭގައި މިކަން ދެކޭގޮތް އަޅުގަނޑުމެންނަށް ފާހަގވެފައި އޮތީތީވެ ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެން ހަމަ މިރޭ ޙިއްޞާކޮށްލަން ބޭނުންވީ. ވަރަށްބޮޑަށް ޝުކުރިއްޔާ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން މިމަގަށް ހުރިހާ ބޭފުޅުންގެ ވިސްނެވުންވެސް އަދިކަންކަމާ ޚިޔާލު ކުރައްވާއިރުގައިވެސް މިކަންކަން ފިކުރުގައި ބަހައްޓަވާނެކަން. އަޅުގަނޑުމެންނަށް ފެންނަނީ މިއީ، ވަރަށްބޮޑު ފުރުސަތެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ފެންނަނީ ރާއްޖެއަށް ކަރަންޓާއި ފެނާއި ނަރުދަމާއަށް އިންވެސްޓްމަންޓްސް އަޅުގަނޑުމެން ހޯދާއިރުގައި މިމަގުން އަޅުގަނޑުމެން ވިސްނީމާ، އެކަންކުރުމަށް ފަސޭހަވެގެންދެޔޭ. އަޅުގަނޑުމެން ދެކެނީ ކާރބަން ނިއުޓްރަލް ރިޒޯޓަށް އަންނާނެ މީހުން ގިނަވާނެކަމަށް. އެހެންވީމާ، އަޅުގަނޑުމެން މިއިން ނަގަން ބޭނުންވަނީ ޕޮޒިޓިވް މެސެޖެއް.

ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ ބައްލަވަން ތިއްބަވާށޭ ސީދާ ޙަރަކާތަށް ދުނިޔެދާނެއޭ. ދެން އެދާއިރުގައި 1960ގެ އަހަރުތަކުގައި އަޅުގަނޑުމެން ދުށް މިންވަރަށްވުރެ ބޮޑަށް އަޅުގަނޑަށް ލަފާކުރެވެނީ ދާނެކަމަށް. އެހެންވީމާ، އެއަށް އަޅުގަނޑުމެން ބަލަން ތިބެންވީ. އެކަމުގެ ކުރީގައި އަޅުގަނޑުމެންނަށް ތިބެވިއްޖިއްޔާ އަޅުގަނޑުމެންނަކީ މިކަމުގައި ހަމަ ހަކުޅި ކުރިއަށް ވިސްނާފައި ތިބި ބައެއްގެ ގޮތުގައި ތިބެވޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!