بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ހަމަ އެންމެ ފުރަތަމައިނުންވެސް ހަތަރު ބޭފުޅުންނަށްވެސް މަރްޙަބާ ދަންނަވަން ބޭނުން. އެއާއެކުގައި، ޚާއްޞަކޮށް ސަފީރުންގެ އަރިހު އަޅުގަނޑު ދަންނަވާލަން ބޭނުން. ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން. ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު މިދަނީ ވަރަށް ބޮޑަށް ގުޅެމުން. ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްސް، ބޭރުގެ ވިޔަފާރި ގެނައުން އެއީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. މިދަންނަވާ ބާވަތުގެ މަސައްކަތް ހިނގަމުންދާއިރުގައި، އެނގިވަޑައިގަންނަވާނެ، ޚާރިޖީ ކަންކަން އެކަމުގައި ވަރަށް ބޮޑަށް ހިމެނިގެން އެބަދޭ. މި ޚާރިޖީ ކަންކަން ރާއްޖެއަށާއި އަދި އަންނަން އޮތް ރާއްޖޭގެ ޖީލުތަކަށް ފައިދާހުރި ގޮތެއްގައި ހަމަޖައްސަމުން ބަލަހައްޓަމުން ގެންދިޔުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެންމެބޮޑު އަމާޒު.

އަޅުގަނޑުގެ ނަޒަރުގައި، ބޭރުގެ އިންވެސްޓްމަންޓްސް ރާއްޖެއަށް އައުމުން، އޭގެ ސަބަބުން ޚާރިޖީ ސިޔާސަތު ފުޅާކުރުމުގެ ފުރްޞަތުތަކެއް ލިބިގެންދޭ. ރާއްޖެއާ ގުޅުން ބަދަހިވެފައިވާ ޤައުމުތަކުގެ ވިޔަފާރިތައް، ރާއްޖޭގައި ހިނގާން ފެށުމުން، އެޤައުމުތަކާ ގުޅިގެން އަދި އެޤައުމުތަކާއެކު ހިންގަންޖެހޭ ޚާރިޖީ ކަންކަން ހިންގުމުގައި، ރާއްޖެއަށް ލިބޭ ފައިދާތަކެއް އޭގައި ހިމެނޭ. އެޤައުމުތަކުގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާތީވެ، އެޤައުމުތަކުގެ ސަރުކާރުތަކުންވެސް ދިވެހިރާއްޖޭގެ ސަރުކާރާވެސް އަދި ދިވެހިންނާ ގުޅޭގޮތުން ބަހައްޓަންޖެހޭ ޚާއްޞަ ގޮތްތަކެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން. އެހެންވީމާ، މި ސަރުކާރުން ކަނޑައަޅާ ސަފީރުންގެ ކިބައިން ވަރަށް ބޮޑަށް އެދޭ އެއް އެދުމަކީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިންގޭނޭ ގޮތްތައް، ބޭރުގެ ޤައުމުތަކާއި ބޭރުގެ ވިޔަފާރިތައް މެދުވެރިވެގެން ކުރެވޭނެ ގޮތްގޮތް، ހަމަތައް، އުޞޫލުތައް ރާއްޖެއަށް ތަޢާރުފު ކޮށްދެއްވުން.

އަޅުގަނޑަށް ޔަޤީން. ދެބޭފުޅުންވެސް މި މަސައްކަތް ނިހާޔަތަށް ކުރިއަށް ގެންދަވާނެ ކަމަށް. އަދި އަޅުގަނޑުމެންނަށް ކާމިޔާބު ހޯއްދަވައިދެއްވާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!
އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރުގެ އަރިހުން އަޅުގަނޑު އެދެނީ، ރާއްޖޭގައި ކާބޯތަކެތި އުފައްދައި، ދިވެހިންނަށް ދިވެހިން އިމްޕޯޓް ކުރަމުން އަންނަ ކާބޯތަކެތީގެ ޢަދަދު މަދުކޮށް، އެ ތަކެތި ރާއްޖޭގައި ބޮޑަށް އުފައްދައި ކުރިއެރުވޭނެ ގޮތްތައް ހޯއްދަވައިދެއްވުމަށް. އަޅުގަނޑު ޝާފިޢާ އަރިހުން އެދެނީ، މި މަސައްކަތް ސަރުކާރަށް އަދި ރައްޔިތުންނަށް، ޤާނޫނާއި ޤާނޫނުއަސާސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްދެއްވުމަށް. އަޅުގަނޑު ވަރަށްބޮޑު ޔަޤީންކަމާއެކީގައި، މިމަސައްކަތް ކޮށްދެއްވުމަށް ޝާފިޢާ އަރިހުން މި އެދެނީ.

އަޅުގަނޑުމެންގެ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، 10 އަހަރު ދުވަހުގެ ތެރޭގައި، މި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ޤައުމަށްވުން. ޝަފީޤު އަރިހުން އަޅުގަނޑުމެން އެދެނީ، އެކަން ކުރުމަށްޓަކައި ސަރުކާރަށް ސައެންސާއި ޓެކްނޯލޮޖީގެ ރޮނގުން އެކިއެކި ބާވަތުގެ މަޢްލޫމާތާއި، ތަޙުލީލުތަކާއި އަދި އަޅުގަނޑުމެން މިކަމާ ގުޅިގެން ވާހަކަ ދައްކަންޖެހޭ ބައިނަލްއަޤްވާމީ ފަރާތްތަކާ މުޢާމަލާތްތައް ހިންގުމާއި، މި އަމާޒު ޙަޤީޤަތަކަށް ހަދައިދިނުން. ސަރުކާރުން ދެކެނީ، މިއީ އަޅުގަނޑުމެންނަށް ޙާޞިލު ކުރެވޭނެ އަމާޒެއް ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވަރަށްބޮޑު އުންމީދާ އެކީގައި މިހުރީ، މި ރާއްޖޭގެ ކަންކަން މިދަންނަވާ އުޞޫލުން އަޅުގަނޑުމެންނަށް ތަރުތީބު ކުރެވުނީމާ، ރާއްޖޭގެ ކަރަންޓާއި ނުވަތަ ތެޔޮ އަންދާ އެންދުން، ކުރިއަށް މިއޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، މުޅިން ނެތި ދުއްވާލެވިދާނެކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑު ހަތަރު ބޭފުޅުންގެ ކިބައިންވެސް ޤާނޫނާއި ޤާނޫނުއަސާސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، މަސައްކަތްޕުޅުތައް ކުރިއަށް ގެންދެވުމަށް އިޚްލާޞްތެރިކަމާއެކު އެދެން.
ވަރަށް ބޮޑަށް ޝުކުރިއްޔާ!