بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އެމް.އެން.ޑީ.އެފް.ގެ ފޯސަސްގެ ޗީފް އަދި ޑެޕިއުޓީ ޗީފް، ޖެނެރަލް އޮފިސަރުން، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުން. އަދި އެންމެހާ ރޭންކުގެ އެންމެހާ ބޭފުޅުން. މިރޭ މި ޙަފްލާ ދުރުންނާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން ރާއްޖޭގައި، އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ އެނގިވަޑައިގަންނަވާނެ، މިއަދުގެ ދުނިޔޭގެ އެތައް ޙަޤީޤަތެއްގެ ތެރޭގައި. އަޅުގަނޑުމެންގެ މީސްކޮޅު ކިތަންމެ މަދު ކަމުގައިވިޔަސް، އަޅުގަނޑުމެންގެ މާލީ ޙާލަތު އަދި އިޤްތިޞާދީ ފުއްދުންތެރިކަން، އެހެން ޤައުމުތަކާ އަޅާބަލައި، އެ ހަމައިގައި ނެތް ކަމުގައިވީ ނަމަވެސް، އަޅުގަނޑު މިރޭ ވަރަށް ފަޚްރުވެރިކަމާއެކުގައި ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިރޭ މިހާރު އެތިއްބެވި ސްޕެޝަލް ފޯސަސްގެ ބޭފުޅުންނަކީ، ދުނިޔޭގެ އެހެން ތަނަކުންވެސް ހަމަ ލިބިވަޑައިގަންނަވާނެ ފެންވަރުގެ ބޭފުޅުންނޭ. އެބޭފުޅުންނަކީ، ކަމަށް ބޭނުންވާ އެންމެހާ ތަމްރީނުތައް އެންމެ ފުރިހަމައަށް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން. އެބޭފުޅުންނަކީ، އެބޭފުޅުންނަށް ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނީ ގޮތުންނާއި އަދި އެނޫންވެސް ގޮތަކުން ދިމާވެދާނެ އެއްވެސް ކަމަކަށް ކުޑަކޮށްވެސް ޖެހިލުންވެވަޑައިގަންނަވާނެ ބޭފުޅުންނެއް ނޫން. އެބޭފުޅުންނަކީ، އަޅުގަނޑުމެން ދިފާޢު ކުރުމަށްޓަކައި، އެންމެކުރީ ސަފުގައި ތިއްބަވާނެ ބޭފުޅުން. އެބޭފުޅުންނަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމިއްޔަތާއި އަދި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި، އެންމެކުރީ ސަފުގައި ތިއްބަވާ ބޭފުޅުން. އަޅުގަނޑު އެ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިރޭ ޝުކުރު ދަންނަވަން ބޭނުން.
އަޅުގަނޑު މިރޭ މިތާ ގިނަ ވާހަކަތަކެއް ދައްކައި، އަދި ތިޔަބޭފުޅުންނާ އަދި ބަޑިބޭހުގެ ކުޅިވަރާ ދެމެދުގެ ހުރަހަކަށްވާކަށް ބޭނުމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުން.
ޚާއްޞަކޮށް، ދެނުކުތާއެއް.

މި ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބަދަލުތަކެއް، މި ރާއްޖޭގެ ރައްޔިތުން މިހާރު މިދަނީ ތަޖުރިބާ ކުރަމުން. އެ ބަދަލުތައް އޮމާންކަމާއި ޞުލްޙަވެރިކަމާއެކީގައި އަޅުގަނޑުމެންނަށް ލިބުމުގައި، އަޅުގަނޑުމެންނަށް އެންމެ މަތިވެރި ޚިދްމަތެއް ކޮށްދިން އެއްބަޔަކީ، އެއް މުއައްސަސާއަކީ، ދިވެހިރާއްޖޭގެ ސިފައިން. އަޅުގަނޑުމެން މިއަދު މި ފަޚްރުވެރިވާ ޑިމޮކްރަސީގެ އުޞޫލުތައް އަޅުގަނޑުމެންގެ ރާއްޖެއަށް ތަޢާރުފުވެފައި މިވަނީ، ސިފައިން، އެބޭފުޅުންގެ ވާޖިބު ވަރަށް ފުރިހަމައަށް މިސާލެއްގެ ގޮތުގައި ދައްކަވަމުން، އަދާކުރައްވަމުން ގެންދެވީތީ. ހަމައެކަނި ވޯޓުލީ ދުވަހަކު ނޫން. ހަމައެކަނި ވެރިކަން ބަދަލުވެގެންދިޔަ ދުވަހަކު ނޫން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކުރިއަށް ގެންދިޔަ އިޞްލާޙީ އެޖެންޑާގައި، އިޞްލާޙީ މަސައްކަތުގެ ތެރޭގައި، ސިފައިން ބަހައްޓަވަމުން ގެންދެވި މަތިވެރި އަޚްލާޤާއި، އެބޭފުޅުންގެ އުޞޫލުތަކާއި ސިފަތައް، ހަމަކަށަވަރުންވެސް އަޅުގަނޑުމެންނަށް ފަހިކޮށްދިނީ، މި ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމަށް.

ރާއްޖޭގެ ޑިމޮކްރެޓިކް އާ ޙަޔާތް ފެށިގެންދާއިރުގައި، އެ ޙަޔާތް އެގޮތަށް ފަށައިދިނުމުގައި ސިފައިން ކުޅެދީފައިވާ ދައުރު އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނެތިގެނެއް ނުދާނެ. އެކަމަށްޓަކައި މުޅި މި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި މިރޭ އަޅުގަނޑު ވަރަށް އުފަލާއެކުގައި، ސިފައިންނަށް ނުހަނު ޝުކުރުވެރިވަން.

އަޅުގަނޑު ދެންނެވީމު، އަޅުގަނޑު މިތާ މިރޭ ގިނައިރުތަކެއް ކުރާކަށް ނެތީމުއޭ. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ، އަޅުގަނޑުމެންގެ ރާއްޖޭގެ ސަލާމަތްކަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންނަށް ހުނަރުތަކެއް އެބަ ލިބެންޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި، ވަކި ޚާއްޞަ ބަޔަކު، ދުނިޔޭގެ ފެންވަރުގައި އެހުނަރުތައް ލިބިގަނެ، ފަންނީ ގޮތެއްގައި އެ ހުނަރުތައް ބޭނުންކުރަމުން އެބަ ގެންދަންޖެހޭ.

އެނގިވަޑައިގަންނަވާނެ، ދާދިފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވަރަށްވެސް ބޮޑު ސިހުން ލިބުނު ބޮމްބޭގެ ހޮޓަލަކަށް ޓެރަރިސްޓުންގެ ބަޔަކު ދިން ޙަމަލާއެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، ޓޫރިޒަމްގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެއެއް. މިރޭ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ބޭފުޅުން އަދި ރާއްޖޭގެ ޒީނަތްތެރިކަމާއި ރީތިކަން ތަޖުރިބާ ކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ޔޫރަޕާއި ދުނިޔޭގެ އެންމެހާ ތަންތަނުގެ ރައްޔިތުންންގެ ހިތަށް ލުއިކަމެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ، އަޅުގަނޑުމެން މިތިބީ ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރަށްކަން އެނގޭތީވެ، އެ މަޢްލޫމާތަށްޓަކައި އޭގެސަބަބުން ރިޒޯޓު ހިންގާ ފަރާތްތަކުގެ ހިތަށް ލިބިގެންދާނެ ލުއިކަން. އަދި އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިގަނޑު އަސާސްތައް ސަލާމަތްކޮށްދިނުމަށްޓަކައި ސިފައިންނާއި އެމް.އެން.ޑީ.އެފް ތައްޔާރުވެ ތިބި މިންވަރު އަޅުގަނޑަށް ޔަޤީން، މިއަދު މި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބަލައިގަންނާނެކަން، ދެނެގަންނާނެކަން.

އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް އަނެއްކާވެސް ސްޕެޝަލް ފޯސަސްއަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު މި ތިއްބެވީ، މި ރާއްޖޭގައި ތިއްބެވި އެންމެ ހުޝިޔާރު ބޭފުޅުން. އަޅުގަނޑު ތިޔަބޭފުޅުންނަށް، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޔަޤީންކަން އަރުވަން. މިއަދުގެ މި ރާއްޖޭގެ ވެރިންނަކީ، އެންމެ ފިޔަވަޅެއްވެސް ފަހަތަށްޖެހޭނެ ބައެއް ނޫނޭ. ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެން މި ރާއްޖޭގެ ރައްޔިތުންނާއެކުގައި ސަލާމަތްކަންމަތީގައި އިރާދަކުރެއްވިއްޔާ، މިއަދަށްވުރެ ފާގަތި ދުވަހަކަށް ދިޔުމަށް ތައްޔާރަށް ތިބިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! والحمد للّـه.