بســم اللّـه الرّحمـن الرّحيــم

ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް ސްޓާފުން، އެންމެހާ ހާޒިރީން.

السّـلام عليـكم

ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުންނާއި އަދި މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ތިޔަބޭފުޅުންނާ، އާދެ، ސިފައިންނާ އަޅުގަނޑު މުޚާޠަބު ކުރާއިރު، ބައްދަލުވާއިރު އަޅުގަނޑު މިރޭ މިހުރީ ވަރަށް އުފަލުން. އަޅުގަނޑު މިހުރީ ވަރަށް ހިތްހަމަޖެހިފައި. ކިތަންމެ ސަބަބުތަކަކަށްޓަކައި. ބައެއް ޑިމޮކްރެޓިކް ވެރިން ބުނެ އުޅޭ ހަފްތާއަކީ ވަރަށްގިނަ ދުވަހޭ. ތިންމަސް ދުވަހަކީ އަދި އެހާމެ ގިނަ ދުވަސް. މިދިޔަ ތިންމަސް ދުވަސް އަޅުގަނޑުމެން ބޭނުންކުރީ މި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިއައި ބޮޑެތި ބަދަލުތަކާއެކުގައި އެބަދަލުތަކާ އެއްގޮތަށް ހިންގަން ފެށުމުގައި އަޅަންހުރި ފިޔަވަޅުތަކާއި ގެންނަންހުރި ބަދަލުތައް ގެނައުމަށް. އެތައް ގޮތަކުން ދަންނަވަނީނަމަ، ސާބިތުކަމާއި އިތުބާރާއި ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއެކީގައި އަޅުގަނޑުމެންނަށް މި ސަރުކާރު ހިންގުމުގެ އެންމެހާ ކަންކަން ތަރުތީބަށް ހަމަވެ ހިމުންވެއްޖެ.
މިދިޔަ ތިންމަސްދުވަހުގެ ތެރޭގައި މިދެންނެވި ތަރުތީބު ހިމުންވުމުގައި ތިޔަބޭފުޅުންގެ ދައުރު ޙަޤީޤަތުގައި ތިޔަބޭފުޅުން އަމިއްލަފުޅަށް ދެކެވަޑައިގަންނަވާނެ މިންވަރަށްވުރެ މާބޮޑު. ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ތިޔަބޭފުޅުންގެ ދައުރު ވަރަށްބޮޑު. ވަރަށް މަތިވެރި. މިއަދު އަޅުގަނޑުމެން ވަގުތުގެ އަޖަލުގައި ޖެހި ތިބޭއިރު އަޅުގަނޑުމެންނަށް ފަހަރުގައި މީގެ ފުންމިނާއި މީގެ ފުޅާމިން މުޅިން ތަޞައްވުރު ނުކުރެވިދާނެ، ސިފަ ނުކުރެވިދާނެ، މަންޒަރު ނުކުރެވިދާނެ. ތާރީޚް ބަޔާންކުރާނީ ތިޔަބޭފުޅުންގެ ސީދާ ދައުރުގެ ފުންމިނަކީ ފުޅާމިނަކީ އަދި މުހިންމު ކަމަކީ ކޮބައިތޯ؟ އެހެންނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި އޮމާންކަމާއެކީގައި އިންތިޚާބުގެ ނަތީޖާ މުޅި ރާއްޖެ ގަބޫލުކޮށް އަދި އެނަތީޖާ ދެއްކި މަގަށް ރާއްޖޭގެ އެންމެހާ ކަންކަން ބަދަލުވެދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، އެމް.އެން.ޑީ.އެފް.ގެ އެންމެހާ ބޭފުޅުންގެ ދުރުވިސްނުން، ޙިކްމަތްތެރިކަން، ކެތްތެރިކަން، ޑިމޮކްރަސީގެ މަތިވެރި ރޫޙް ތިޔަބޭފުޅުން ގަބޫލު ކުރައްވައިގެން ތިއްބެވިކަން. އަދި ދިވެހިބަހުން ދަންނަވަނީނަމަ، ފަންނީ ނުވަތަ ޕްރޮފެޝަނަލް ޙަޔާތް ތިޔަބޭފުޅުން އަމިއްލަފުޅަށް އިޚްތިޔާރު ކުރެއްވިކަން.

މި ރާއްޖެއަކު މީގެކުރިއަކު މިބާވަތުގެ ކަންކަން ހިނގާފައެއްނުވޭ. މި ރާއްޖެއަކު މީގެ ކުރިއަކު ގިނަޕާޓީތައް އެކުލެވޭ ރިޔާސީ ނިޒާމެއް ނިމި އެނިޒާމުގެ ނަތީޖާ ބަޔާންކުރާގޮތަށް ވެރިކަމެއް ގާއިމުވެފައެއްވެސް ނެތް. އަޅުގަނޑު ދަންނަވާނީ އިސްލާހު ކުރެވުނު ޤާނޫނުއަސާސީގެ ރޫޙާއި އޭގެ މާއްދާތަކާ އެއްގޮތަށް ތިޔަބޭފުޅުން ހިތްތެވީތީއޭ މިރާއްޖެއަށް މިބަދަލު އައިސްފައި މިވަނީ. އަދި މި ރާއްޖެއަށް މި ބަދަލު އަންނަމުން މިދަނީ. އަޅުގަނޑު ހަމަގައިމުވެސް ދެކޭގޮތުގައި މިދެންނެވި ފުރަތަމަ ފުރޮޅުމުގައި، ތިޔަބޭފުޅުންގެ ދައުރު އެހާ ފުޅާކޮށް އޮވެފައި އެންމެ ފުރަތަމަ މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ދިމާވި ވަރަށް މުހިންމު ދެތިން ކަމެއްގައި ތިޔަބޭފުޅުން ބައިވެރިވެވަޑައިގަތީ ޙަޤީޤަތުގައި ސަރުކާރު ސަލާމަތް ކުރުމަށް. މި ސަރުކާރު ވެރިކަމުގައި އަށަގެންނެވުމަށް. އަޅުގަޑު މިދަންނަވާހެން އެއްކަލަ ތަރުތީބު ހިމުން ކުރުމަށް. ދުވާފަރަށް މީހުން ބަދަލު ކުރުމާއި، ހިންމަފުށީގައި ރީހެބިލިޓޭޝަން ގާއިމުކުރުމާއި، ފޭދޫފިނޮޅުގައި ލުއިޖަލެއް ގާއިމުކުރުން، މިތިން ކަމަކީ މިއަދު އަޅުގަނޑުމެން ތިންމަސް ދުވަސް ފަހުން ދެކޭއިރުގައި މާބޮޑެތި ކަންކަމަށް ފަހަރުގައި ނުދެކެފާނެ. އެހެންނަމަވެސް، މިދަންނަވާހެން ވެނިމިދިޔައީ ކޮންކަމެއްތޯ؟ އެތިންކަންތައް ފުރިހަމައަށް ނުވިނަމަ، ދެން ވެފައިއޮތީހީ ކިހިނެއްތޯ؟ އެސުވާލާއެކީގައި ތާރީޚީ ނަޒަރިއްޔާތުން އަޅުގަނޑުމެން އެތިންކަންތަކަށް ބެލީމާ އެތިން ކަމުގެ މުހިންމުކަން ފަހަރުގައި ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގެންފާނެ. އަޅުގަނޑު ހަމަ ކޮންމެ ކަމަކަށް ތިޔަބޭފުޅުންގެ ކިބައަކުން ނޭދެން. ސަރުކާރުން އަދި ކޮމާންޑަރ އިން ޗީފެއްގެ ހައިސިއްޔަތުންވެސް އަޅުގަނޑު އެދޭނީ ސަރުކާރަށް ވަރަށް މުހިންމު ކަންކަމުގައި. ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުންވާނެފަދަ ކަންކަމުގައި ސަރުކާރަށް އެހީވެދެއްވުމަށް. އެކަން އެގޮތަށް ރަނގަޅު މަގުގައި ނުހިނގައިފިނަމަ، ގެއްލުންވާނެ ކަންކަމުގައި އެހީވެދިނުމަށް. އެހެންވީމާ، މިދެންނެވި ތިންކަންތައް އަޅުގަނޑަށް އެހާމެ މުހިންމީ.

ހަމައެހެންމެ، ސަރުކާރު އަށަގެންނެވުމުގަޔާއި އަދި މިދަންނަވާ ތަރުތީބަށް ސަރުކާރު ހިމުން ކޮށްދިނުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ޒަމާނުއްސުރެ ފަށައިގެންވެސް ރާއްޖޭގެ ސިފައިން ކުރަމުން އައި ކަންކަން ކުރުމުގައި ތިއްބެވީ ސާބިތުކަންމަތީގައި. ޒުވާނެއް، މެދުއުމުރެއް، ދުވަސްވުމެއް ނެތް. ސިފައިންގެ ހުރިހާ ރޭންކަކުން ބައިވެރިވެވަޑައިގެން ކަންކަން ކުރިއަށް ގެންދެވީ އަޅުގަނޑު ދަންނަވާނީ ހަމަގައިމުވެސް އަޅުގަނޑު ހައިރާންވެ ޢަޖައިބުވާ އޮމާންކަމާއި ފަންނީ ނަޒަރިއްޔާތާއި ޕްރޮފެޝަނަލް ގޮތެއްގައި.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް މިކަންކަމަށް ޝުކުރު ދަންނަވާއިރުގައި ހަމަ އަނެއްކާވެސް ދަންނަވާނީ، އަޅުގަނޑަށް ތިޔަބޭފުޅުންނަށް ޝުކުރު މިވެވޭ މިންވަރު ތިޔަބޭފުޅުންނަކަށް ވަޒަނެއްނުކުރެއްވޭނެއޭ. އަދި މިރާއްޖޭގެ ރައްޔިތުންނަށްވެސް މިއަދު ކުއްލިއަކަށް އެ މިންވަރު ވަޒަން ކުރުމުގައި އުނދަގުވާނެއޭ. ހަމަ ސިއްރަކީ އެންމެ ސިއްރެއް. އަޅުގަނޑުމެން މިތިބީ ވަގުތުގެ އަޖަލުގައި ޖެހިފައި. ވަގުތު އެއީ މިވަގުތު. މިވަގުތު ވާކަން އަޅުގަނޑުމެންނަކަށް އެހާމެ މުހިންމުކޮށް ފާހަގައެއްނުވޭ. އާދައިގެ ކަންކަން ގޮތުގައި ކަންކަން ފެންނަނީ. އެކަން މުހިންމުވެދަނީ އެކަމާ ގުޅިގެން ދެން ހިނގާނެ ކަންކަމާ އެކަން ނުވިނަމަ، ދެން ކަންކަން ހިނގާނެ ގޮތްގޮތާ މިކަންކަންވެސް އަޅުގަނޑުމެންނަށް ވިސްނުނީމާ. ދެން އަޅުގަނޑުމެންނަށް މިވަގުތުގެ މުހިންމުކަން ޙަޤީޤަތުގައި މި އިޙްސާސް ކުރެވެނީ ވަގުތުފާއިތުވެ ދިޔައިމާ. ވަގުތުގެ އެއް އާދައަކީ އެއީ. ފާއިތުވުން، ފަހަތަށް ދިޔުން. އެހެންވީމާ، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ރާއްޖެ މިއަދު އެދޭ އާ ވިސްނުމަށް އެމް.އެން.ޑީ.އެފް. ވަރަށް ސާބިތުކަމާއެކީގައި ބަދަލުވެވަޑައިގެންނެވީ ހަމައެކަނި މިދަންނަވާ އިންތިޤާލީ ދުވަސްކޮޅުގެ ތެރެއަކު ނޫން. ތިޔަބޭފުޅުން މިހާރުވަނީ މި ސަރުކާރު ވަރަށް ބޮޑަށް އެދޭ އަދި އަޅުގަނޑުމެންގެ ނަޒަރުގައި ރާއްޖޭގެ ރައްޔިތުން އެހާމެ ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްގައި ކުރިއަށް ވަޑައިގެންފައި. ތިޔަބޭފުޅުން ތިޔަގެންދަވަނީ އެމަގަށް ކަންކަން ނިންމަވަމުން. އަޅުގަނޑު މި އިޝާރާތް ކުރަނީ ތިޔަބޭފުޅުން ލާ މަރުކަޒީ އުޞޫލުން ކަންކަން ހިންގެވުމަށް ނިންމަވާ ނިންމެވުމަށް. އެގޮތުން ތިޔަބޭފުޅުން މިހާރުވަނީ ސަދަން ކޮމާންޑާއި ސެންޓްރަލް ކޮމާންޑާއި އަދި ނޯދަން ކޮމާންޑް ގާއިމު ކުރައްވާފައި. ސަދަން ކޮމާންޑާ ހަވާލުވެވަޑައިގެން ހުންނަވާ އެންމެ އިސްވެރިޔަކަށް އައްޑުއަތޮޅަށް ވަޑައިގަންނަވާނީ އިބްރާހީމް ދީދީ. ނޯދަން ކޮމާންޑްގެ އެންމެ އިސްވެރިޔަކަށް އަޙްމަދު މުޙަންމަދު. އަދި ސެންޓްރަލް ކޮމާންޑްގެ އެންމެ އިސްވެރިޔަކަށް ވަޑައިގަންނަވަނީ އަޙްމަދު ޝާހިދު.

އަޅުގަނޑުގެ ނަޒަރުގައި މިރާއްޖެއަށް މިއީ، ވަރަށް މުހިންމު ކަމެއް. ޒަމާނުއްސުރެ ފަށައިގެން މާލެއަށް ހުރިހާ ބާރެއް ޖަމާވެ އެކުވެފައި މިއޮތީ. ރާއްޖޭގެ ރަށްތަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ލިބުމަށް އޭގެ ސަބަބުން މިހާރު މިއޮތީ ދަތިވެފައި. މި ރާއްޖެ ތަރައްޤީކުރަން އަޅުގަނޑުމެން ބޭނުންނަމަ، އަޅުގަނޑުމެން އަވަސްވެގަންނަން މިޖެހެނީ އަތޮޅުތައް ތަރައްޤީ ކުރުމަށް. މާލެ ތޮއްޖެއްސުމަކުން، މާލެއަށް ހުރިހާ ކަމެއް ދިޔަދޮވިކޮށްފައި ބެހެއްޓުމަކުންނެއް ނެނގޭ ފެނެއް މިހާރަކު އިތުރެއްނުވޭ.

ދެން އަޅުގަނޑުމެންނަށް އެހެން މަގަކަށް އެނބުރެވެން އޮތީ، މިއަދު އަޅުގަނޑުމެން މިތިބި ހަތަރުއަނގޮޅިން އަޅުގަނޑުމެންނަށް ނެއްޓެވެން އޮތީ، ޙަޤީޤަތުގައި އަތޮޅުތައް ތަރައްޤީ ކުރެވިގެން. މިރާއްޖެއަށް ދެން ތަރައްޤީ އަންނާނީ އޭގެ ބާރުގައި. އެ ވިސްނުމާ އެ މަސައްކަތާ އެކަންކަން އެހެން ހިނގީތީވެ މިނިސްޓަރ އޮފް ޑިފެންސަށާއި އަދި ޑިފެންސް ފޯސްގެ ޖެނެރަލް އޮފިސަރުންނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން. ޝުކުރު ދަންނަވަން.

މިރޭ އަޅުގަނޑަށް އިތުރަށް ލިބޭ އުފަލަކީ، އަޅުގަނޑު އުންމީދު ކުރަން ތިޔަބޭފުޅުންނަށް ފެބްރުއަރީ މަސް ފަށައިގަނެވުނީ އާ މުސާރައަކާ އެކުގައި ކަމަށް. މުސާރަ ބޮޑުވެފައިވާނެކަމަށް. އަޅުގަނޑެއް ނުދެކެން އެއީ، ތިޔަބޭފުޅުންނަށް ޙައްޤު މިންވަރެއް ކަމަކަށް. މުސާރައާއެކުގައި ތިޔަބޭފުޅުންނަށް އެތައް ކަމެއް ޙައްޤުކަން ހަމަގައިމުވެސް ހިތުގެއަޑިން އަޅުގަނޑު ގަބޫލުކުރަން. ބޯހިޔާވަހިކަމާ ދަރީންނަށް ކިޔަވައި ދިނުމާއި ރިވެތި ދިރިއުޅުން ހަމަޖެހި، ޑިފެންސް ފޯސްގެ މެންބަރެއްގެ ގޮތުގައި ހާސްކަމެއްނެތި އުޅުއްވެން ޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ އެއީ. މި ސަރުކާރުގެ ބޭނުމަކީ ތިޔަބޭފުޅުންނަށް އެކަންކަން ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުން. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން އެންމެ ހިނދުކޮޅެއްގައިވެސް މިކަން އަޅުގަނޑު ހުއްޓައެއް ނުލާނަމޭ. އެހެން ޤައުމެއްގެ ޑިފެންސް ފޯސްގެ މެންބަރެކޭ އެއްފަދައިން އެ ލިބެންޖެހޭ ޢިނާޔަތްތަކާއި ޚިދްމަތްތައް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ މަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 5 އަހަރުގެ ޓާރމްގެ ތެރޭގައި ތިޔަބޭފުޅުންނަށް ފުރިހަމަ ކޮށްދޭނަން.

އަޅުގަނޑު މިރޭ ހަމައެހެންމެ އެހާމެ އުފާވޭ ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން އާދެ، މަގާމުގެ ކުރިއެރުން ދިނުމުގެ ފުރުސަތެއް އަޅުގަނޑަށް ލިބިފައިވާތީ. މަގާމުގެ ކުރިއެރުން ދިނުމަށް ތިން ގޮތަކަށް އަޅުގަނޑުމެން ބެލިން. ސިފައިންގެ ތެރޭގައި އުޅުއްވާތާ ވަރަށް ޒަމާންވީ ބޭފުޅުންކޮޅެއް އެބައުޅުއްވާ. ހަމަ ވަރަށްގިނަ ދުވަސްވި އެހެންނަމަވެސް މަގާމުގެ ކުރިއެރުމެއް ލިބިވަޑައިނުގެން އެހެން ގޮތަކަށް ހަރުލާފައި ތިއްބެވި ބޭފުޅުން އެބަތިއްބެވި. ބައެއް ފަހަރަށް ހިތަށް އަރާ އެއީ ހަނދާނުން ކެހިފައި ނުވަތަ އަޅުގަނޑުމެންގެ މަންޒަރުން ކެހިފައިހެން ތިއްބެވި ބޭފުޅުންނޭ. އެހެނެއްނޫން. އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ބޭފުޅުން ކޮޅެއް އެއީ.

އަޅުގަނޑަކީ ދޭތެރެ ދޭތެރެއިން ސިފައިންގެ ކަންތައް އަބަދުވެސް ޝައުޤުވެރިކަމާއެކީގައި ބަލަމުން އަންނަ މީހެއް. އަޅުގަނޑު ދަންނަން ސިފައިންގެ ތާރީޚްވެސް. ހެންވޭރު ބޮޑުހިއްޗަށް ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައި ވަޑައިގަތީއްސުރެ ފަށައިގެން ޒަމާނުއްސުރެ ސިފައިންނަށް އަންނަމުން އައި ބަދަލުތަކާއި އަދި ސިފައިންގެ ބޭފުޅުންގެ ޙަރަކާތްތެރިކަމާ މިބާވަތުގެ ކަންކަން އިރާދަކުރައްވައިގެން އަޅުގަނޑަށްވެސް ހުރީ ވިސްނިފައި، ބައެއް ފަހަރަށް ތާރީޚީ ނަޒަރުން ނޯޓުވެސް ކުރެވިފައި. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވޭ އެބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދެވޭތީ. އޭގެތެރެއިން ބޭފުޅުން ކޮޅަކަށް މިއަދުވަނީ މަގާމުގެ ކުރިއެރުން އެރުވިފައި.

ހަމައެހެންމެ، ސިފައިންގެ ތެރޭގައި މިއަދު އެބައުޅުއްވާ ޤައުމީ ފެންވަރުގައި ނަގާކިޔާ ބޭފުޅުން ނުވަތަ ފަންނީ ގޮތުން ނަމަވެސް، ކުޅިވަރުގެ ރޮނގުން ނަމަވެސް، މަސައްކަތްތެރިކަމުގެ ރޮނގުންވެސް ފާހަގަކުރެވޭ ބޭފުޅުން. މިދަންނަވާ ބޭފުޅުންގެ ތެރެއިން އަޅުގަނޑުމެން ތިޔަބޭފުޅުންގެ އޮފިސަރުންނާއެކު ބެލިބެލުމުގައި މަގާމުގެ ކުރިއެރުން ޙައްޤު ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، މިއަދު އަޅުގަނޑުމެން އުފާވޭ އެބޭފުޅުންނަށް މަގާމުގެ ކުރިއެރުން އެރުވޭތީ.

ހަމަގައިމުވެސް ކުރިއެރުން ޙައްޤު ބަޔަކީ އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަ ކުރައްވައި އެހެންނަމަވެސް އޮފިސަރުންނަށް ނުވެ ތިއްބެވި ބޭފުޅުން. އެބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދިނުމާ ގުޅޭގޮތުން ސުވާލެއް ނެތް. އެއީ، ވާންވެފައި އޮތް ކަމެއް. މިއަދާ ހަމައަށްވެސް ލަސްވެފައި އޮތްކަމެއް. މިދެންނެވި ތިން މަގަށް ބަލައި މިއަދުވަނީ ތިޔަބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދެވިފައި. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށްވެސް މިއަދު ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާއާއި މުބާރަކްބާދީ ރައްދުކުރަން.

ތިޔަބޭފުޅުންގެ ސިޔާސީ ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ޑިފެންސްގެ ގޮތުގައި މިހާރު އެ ހުންނެވި އަމީން ފައިޞަލަކީ، އަޅުގަނޑު ހިތުން މިފޯސްގެ ގިނަ ބޭފުޅުންނަށް ބީރަށްޓެހި މޫނަކަށް ނުވާނެ. އަދި ތިޔަބޭފުޅުންގެ ޖެނެރަލް އޮފިސަރުންގެ ގޮތުގައި އެ ތިއްބެވި އޮފިސަރުންނަކީވެސް، އަޅުގަނޑުމެންނަށް ހަމަގައިމުވެސް ޔަޤީންކުރެވޭ ގޮތުގައި ތިޔަބޭފުޅުންނާ ދުރުބަޔަކަށްނުވާނެ. އަދި މި ސަރުކާރުގެ ނަޒަރުގައި އަދި ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން އަޅުގަނޑަށް ވަރަށް އިތުބާރު ހިފޭ ބޭފުޅުން.

އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ދަންނަވާނީ މިބާވަތުގެ ރޭރޭ އަޅުގަނޑުމެން ތިޔަބޭފުޅުންނާއެކު ވަގުތުތައް ހޭދަކުރަނީ އުފަލާއެކީގައޭ. މިރޭ ނޫނަސްވެސް އަޅުގަނޑު އުންމީދުކުރަން ގިނަރޭރޭ ތިޔަބޭފުޅުންނާ ބައްދަލުވާނެކަމަށް. މިހާރު އަޅުގަނޑަށް މި ހުރަސް އެޅެނީ ތިޔަބޭފުޅުންނާ ތިޔަބޭފުޅުންގެ ފަރިއްކޮޅާ ދެމެދަށް. އެހެންވީމާ، އަޅުގަނޑަށްވެސް އެނގޭ މިތަނުން އަޅުގަނޑު މިހާރު ދުރަށް ޖެހެން ވެއްޖެކަން. ބައެއް ފަހަރަށް މައިކެއް ދިމާވީމާ، މާގިނަ ވާހަކަ ދެއްކޭ ކަމަށްވެސް އެބަފެނޭ. އެހެންވީމާ، އަނެއްކާވެސް ހުރިހާ ބޭފުޅުންނަށް ވަރަށް އުފާވެރި މާދަމައަކަށް އެދެމުން ތިޔަބޭފުޅުންނާ އަޅުގަނޑު ވަކިވެލާނަން.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!