بســم اللّـه الرّحمـن الرّحيــم

ޙަމްދާއި ޝުކުރު ހުރީ ގަދަކީރިތިވަންތަ މާތްﷲ އަށް. އަޅުގަނޑުމެން ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާ ކުރަނީ، އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް.
މިއަދު އަޅުގަނޑުމެން ދެކަމެއް އެބަ ފާހަގަކުރަން. އެއްކަމަކީ، މިސްކިތްތައް މަރާމާތުކޮށް ބިނާކޮށް މަރާމާތު ކުރުމުގެ ފަންޑެއް ހުޅުވުން. އަނެއްކަމަކީ، ފިޤްހް އެކަޑަމީއެއް އިފްތިތާޙު ކުރުން. މި ދެކަން އަޅުގަނޑުމެން މިކުރަނީ، އަޅުގަނޑުމެންގެ ޤައުމީ ދުވަހު. އަޅުގަނޑު، މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިދުވަހުގެ އުފާވެރިކަމާއި މުބާރަކްބާދީ ރައްދުކުރަން ބޭނުން.

ޤައުމީ ދުވަހަކީ، ޙަޤީޤަތުގައި ރާއްޖޭގެ މިސްކިތް ބިނާކުރުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ދުވަހެއް. ބޮޑުތަކުރުފާނުގެ މިސްކިތް، ނުވަތަ ބިހުރޯޒު މިސްކިތް ބިނާކުރެވިގެން އައީ، ޙަޤީޤަތުގައި މިދުވަހު. އެމިސްކިތް، ބިހުރޯޒުކަމަނާ މިސްކިތް ނުވަތަ ބޮޑުތަކުރުފާނު މިސްކިތް މިދުވަހު ބިނާކުރެވިގެންދިޔައީ، ބޯގައެއްގެ ދަށުން. ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕްގެ ތެރެއިން. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ އަސާސީ ޚިދްމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މި ސަރުކާރުގެ ސިޔާސަތަކީ، މިދަންނަވާހެން ވިޔަފާރިވެރިން، އެކަމުގައި ޙިއްޞާވާ އުޞޫލުން އެކަން ކުރުން. ބޯގައެއްދީގެން މިސްކިތް ބިނާކުރުމަކީ، މިދެންނެވި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގައި މިސްކިތެއް ބިނާކުރުން. ޒަމާނުއްސުރެ ފަށައިގެން މިއަދާ ހަމައަށް، މި ރާއްޖޭގައި މިސްކިތް ބިނާކުރެވެމުން އައީ، ބޯގައެއް، ވަޤްފް ބިމެއް އޮވެގެން. އެ މިސްކިތް ބިނާކުރުމަށް ޚަރަދު ކުރެވެނީ ނުވަތަ ފައިސާ ހޯދެނީ، މިދަންނަވާހެން އެކަމާ ގުޅޭ އެހެން ވިޔަފާރިއެއް، އެހެން ކަމެއް އޮވެގެން.

މި ފުރްޞަތު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހުޅުއްވާލަދެއްވިކަމަށްޓަކައި، މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒަށް އަޅުގަނޑު ޝުކުރު ދަންނަވާއިރުގައި، މިކަން މިގޮތަށް ފުރިހަމަވެގެން އައީ ކިހިނެއްވެގެންތޯ، އެކަމުގެ ޚާއްޞަ ޝުކުރެއް ވަކިފަރާތަކަށް ދަންނަވަންޏާ، ޢަދާލަތު ޕާޓީގެ ރައީސް ޙުސައިން ރަޝީދަށްވުރެ ވަކި ޙައްޤު ފަރާތެއް އަޅުގަނޑަކަށް ނުފެނޭ. މި މަގަށް ސިޔާސަތުތައް ބައްޓަން ކުރުމަށާއި، އަޅުގަނޑުމެންގެ ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލަށް ކުރާ ވެރިކަމެއް ޤާއިމު ކުރުމުގައި، ދީނީ މަގު، ތަރުބިއްޔަތު އަޅުގަނޑުމެންނަށް ދައްކަވައިދެއްވީ، އަދި އަޅުގަނޑުމެންނަށް މިމަސައްކަތުގައި، އެމަގުން އެންމެބޮޑަށް އެހީތެރިވެދެއްވި ފަރާތަކީ، ހަމަކަށަވަރުންވެސް ޙުސައިން ރަޝީދު. އަޅުގަނޑު މިއަދު ޝައިޚު ޙުސައިން ރަޝީދަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާލަން ބޭނުން.

މިސްކިތްތައް ބިނާކުރުމުގައި، މިދަންނަވާ އުޞޫލުން، މިހާރު ސަރުކާރުން މިކަން ހިންގުމަށް ނިންމާފައިމިވާ އުޞޫލުން އަޅުގަނޑުމެން ކުރިއަށް ގެންދިޔައީމާ، އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން މި ބޭނުންވާ މަދު ފައިސާކޮޅު، ފަސްދޮޅަސް ހަމިލިއަން ރުފިޔާ، ނުވަތަ ޑޮލަރުން ކިޔައިފިނަމަ، އަދި ފަސް މިލިއަން ޑޮލަރުވެސް ނުވާ ޢަދަދެއް، އެ ޢަދަދުގެ ރުފިޔާ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން މި ސަރުކާރަށް، ރާއްޖޭގެ ރައްޔިތުންނަށް، މި މަސައްކަތް ކުރުމަށް ހަމަ ކޮށްދޭނެ. އެއީ، އަޅުގަނޑު އެއްވެސް ޙާލެއްގައި ޝައްކު ކުރާ ކަމެއް ނޫން.

މި ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން މިކަން ހިނގަމުންއައީވެސް މިގޮތަށް. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް މިކަން ފުރިހަމަ ގޮތުގައި ހިންގޭނީވެސް މިމަގުން. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން ނޫނިއްޔާ، އިންފްރާސްޓްރަކްޗަރ ނުވަތަ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ. އެއްވެސް ސަރުކާރަކުން އެ ސަރުކާރެއްގެ ބަޖެޓުން އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް އަދި ކުރެވިދާނެ ކަމަކަށް ނުވާނެ. އެހެންވީމާ، މިމަސައްކަތް މިގޮތަށް ފެށުމަކީ، އަޅުގަނޑުގެ ނަޒަރުގައި މިއަދު ކޮންމެހެން އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ކަމެއް. މިކަމަށްޓަކައި އިސްލަމިކް އެފެއާޒް މިނިސްޓްރީއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ރާއްޖޭގައި މިދެންނެވި އުޞޫލުން ބޯގައަށް ނުވަތަ ވަޤްފް ބިމެއް މެދުވެރިކޮށްގެން، މިސްކިތް ބިނާކުރެވެމުންދިޔައިރުގައި، ވަރަށްގިނަ ޢަދަދެއްގެ މިސްކިތް ރާއްޖޭގައި ހުރި. އަޅުގަނޑު ހަމަގައިމުވެސް އުޅެމުން އައި ހިސާބުގައި، އަޅުގަނޑުމެންނަށް އަތްފޯރާ ހިސާބުގައި، ފަސްމިނިޓް ދުރުގައި، ހަތަރު ފަސް މިސްކިތް ހުރި. އެ މިސްކިތްތައް، ގަލޮޅު ބާ މިސްކިތް ނުވަތަ ގޮނޑިކޮއި މިސްކިތް، ބިހުރޯޒު ކަމަނާ މިސްކިތް، ކަލާފާނު މިސްކިތް، ފާރު ރީތި މިސްކިތް، މިއިން ކޮންމެ މިސްކިތަކީ، އަޅުގަނޑު މިދެންނެވީ، ކުޑައިރުއްސުރެ ފަށައިގެން އަޅުގަނޑަށް އަތްފޯރާފަށުގައި ހުރި މިސްކިތްތައް. އަޅުގަނޑުމެން އަރަމުން އައި މިސްކިތްތައް. މިހުރިހާ މިސްކިތަކީވެސް، މިދަންނަވާހެން ބޯގައަށް ނުވަތަ ޢާންމު ރައްޔިތުންގެ ފައިސާގައި ބިނާކުރެވިފައި ހުރި މިސްކިތްތައް. އަދި އެ މިސްކިތްތައް މަރާމާތު ކުރަމުން ބެލެހެއްޓެމުން ގެންދިޔައީވެސް، ހަމަ މިދަންނަވާ އުޞޫލުން ވަޤްފް ބިމާއި ބޯގައަށް ލިބިފައި ހުންނަ ތަކެތިން އެ މިސްކިތްތައް ބަލަހައްޓާ އުޞޫލުން.

ތިމަންނާގެ ހެޔޮކަމުންނޭ މިސްކިތްތައްވެސް ބިނާވެގެންދާނީ، ސަރުކާރުގެ ދީލަތި އެހީގައޭ މިސްކިތެއްވެސް ހުޅުވޭނީ، ނަމާދު ކުރުމުގެ ފުރްޞަތުވެސް އޮތީ، މި ވިސްނުމަށް ސަރުކާރެއް އެނބުރިގެން ދިޔައީމާ، މިސްކިތްތައް ބިނާކުރުމުގައި ދެން އުނދަގޫތަކެއް ދިމާވީ. އެންމެފަހުން އައިސް ހުރިހާ މިސްކިތެއް ސަރުކާރުން ބިނާކުރަން ޖެހުމުން، ސަރުކާރަށް އެއީ ނުވާވަރުގެ ބުރައަކަށްވެގެންދިޔަ. އެހެން ދިޔުމުން، މި ސަރުކާރު ބަދަލުވުމުގައި، ދިމާވި ކަންކަން ޙަޤީޤަތުގައި ދިމާވީ. ސަރުކާރަށް ނުއުފުލެވޭވަރުގެ ބުރަ، އެކިއެކި ކަންކަމުގައި ސަރުކާރުން ސީދާ ކޮންޓްރޯލް ގެންގުޅުއްވުމަށްޓަކައި އުފުއްލެވުމުގެ ފިކުރު ގެންގުޅުއްވަމުން ގެންދެވީ. އެހެންވީމާ، އަޅުގަނޑު މިއަދު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުމެންގެ ސިޔާސަތަކީ، ރައްޔިތުން ބައިވެރިކޮށްގެން ކޮންމެ ކަމެއްވެސް ކުރިއަށް ގެންދިޔުން. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް އެ ފުރްޞަތު މި ހުޅުވާލެވެނީ.

މިއަދު އަޅުގަނޑުމެން ކުރާ ދެވަނަ ކަމަކީ، ފިޤްހް އެކަޑަމީއެއް ހުޅުވުން. މިއީވެސް ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ބޭނުންވަމުން އަދި މިދަންނަވާ އެކަޑަމީގެ މަސައްކަތް ނުވަތަ ބޭނުންތެރިކަން އެކިގޮތްގޮތަށް ކުރެވެމުން އައި ކަމެއް. އެންމެ ކުރީ ޒަމާނުގައި، ރާއްޖޭގެ ލޯމާފާނުތަކުގައިވެސް އަދި ފަތްކޮޅުތަކުގައިވެސް، ރާދަވަޅީގައިވެސް އެންމެހާ ވާހަކަތައް ފަށާފައި ހުންނާނީ، ކީރިތި ރަސޫލާގެ ސިޔަރަތުން. ދެން އޭރުގައި ތިއްބެވި ދަންނަ ބޭކަލުންނަށް ސާފުވެފައި އޮތް މިންވަރަކަށް، އެކަންތައްތައް ކުރައްވަމުން އެބޭފުޅުން ވަޑައިގެންނެވީ.

ރާއްޖޭގެ ބައެއް ދަންނަ ބޭކަލުންނަކީ، މުޅި ދުނިޔެއަށް ޚާއްޞަކޮށް، އެތެރެވަރިއަށް ވަރަށް މަޝްހޫރު ދަންނަ ބޭކަލުން. ޝައިޚު މުޙަންމަދު ޖަމާލުއްދީން، ވާދޫ ދަންނަ ކަލޭގެފާނަކީ، މި އެތެރެވަރިއަށް އޭރުގައި މަޝްހޫރުވެގެން ދިޔަ ދަންނަ ބޭކަލެއް. ރާއްޖޭގެ ދަންނަ ބޭކަލުން، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ޢިލްމަށް އެދި ދަތުރުކޮށް ހަދާފައި ހުރޭ. އެކިތަންތަނުގައި ކިތަންމެ ޒަމާނެއް ވަންދެން އުޅުއްވައި، ޢިލްމު ލިބިވަޑައިގަންނަވައިގެން ރާއްޖެ ވަޑައިގަންނަވާ.

އަޅުގަނޑު ދާދި އިހަކަށް ދުވަހު މިއައީ ޤަޠަރުގައި މަޑުކޮށްފައި. އަޅުގަނޑު ދިޔައީމު، ޤަޠަރުގައި ހުރި އިސްލާމީ ދާރުލްއާޘާރަކަށް. ވަރަށް ރީތި ވަރަށްބޮޑު ޢިމާރާތެއް. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު ދަންނަވަން. މާލޭ ރާއްޖޭގެ ގެއެއްގެ އެއްފޮތްފޮށީގައި އިސްލާމްދީނާ ގުޅޭ ފޮތް، އެހާ ދުވަސްވީ ފޮތް ހަމަގައިމުވެސް ހުންނާނެ. އަޅުގަނޑު ދެކެފިން ކިތަންމެ ފޮތް ފޮށްޓެއް. އެތައް ސަތޭކަ އަހަރެއްގެ އިސްލާމީ ދިރާސާއާއި، ޢިލްމީ ބަޙުޘްތަކާއ ލިޔުންތައް ހުރި. މި ރާއްޖޭގެ ރައްޔިތުންނަކީ، މި ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަކީ، ވަރަށް ފުރިހަމަ ގޮތުގައި، ދީނީ ކަންކަން މުޠާލިޢާކޮށް ބަޙުޘް ކުރަމުން އައި ބައެއް.

އަޅުގަނޑު މިތާ ދަންނަވާކަށް ނުޖެހޭނެ. އެކިދުވަސްވަރު އެކިގޮތަށް، ރާއްޖޭގެ ރައްޔިތުންނަށް ދީނީ ކަންކަން މާ އަހުލުވެރިވަމުން ނުވަތަ ޝައުޤުވެރިވަމުން އައިސް، މި ރާއްޖެ އިސްލާމްދީނަށް ބަދަލުވެފައިވާއިރުގައި، ތަބްރީޒުގެފާނުވިޔަސް، އަބުލްބަރަކާތުލް ބަރްބަރީއަށްވިޔަސް، އެއީ ސޫފީ ދަންނަ ބޭކަލެއް. ފަހުން އައިސް އަޅުގަނޑުމެންނަށް ސައްޔިދު ރަސްގެފާނުގެ ނަމުގައި ރާއްޖޭގެ ރަސްކަން ކުރެއްވީ ޤާދިރީ ސޫފީއެއް. އެކިއެކި ދުވަސްވަރު އެކިއެކި ގޮތްގޮތަށް ދީނީ އޮއިވަރު ނުވަތަ ދީނީ ކަންކަމާ ގުޅޭގޮތުން ބަޙުޘްތައް ހިނގާފައި ހުރޭ. އެއްވެސް ޙާލެއްގައި، އަޅުގަނޑުމެންނަކަށް މިއަދަކު އާ ކަމެއް ދިމާވެގެނެއް ނޫޅޭ. މި ސަރުކާރުވެސް، އަޅުގަނޑުމެންވެސް ކަންކަމާ ހާސްނުވަނީ އެހެންވެގެން. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވިސްނޭތީވެ، މުޅިން އަލަށް މާބޮޑު އާކަމެއް ރާއްޖެއަކު ނުވާކަން. މިއީ، ވަރަށް ދޮށީ ވަރަށް ޒަމާންވީ ރާއްޖެއެއްކަން. މި ރާއްޖޭގައި އަޅުގަނޑުމެންނަކީ، ވަރަށް ކުޑަކުޑަ ހިނދުކޮޅަކަށް ތިބި ވަރަށް މަދު ވަރަށް އާދައިގެ ބައެއްކަން. މި ރާއްޖޭގެ ދިގު ތާރީޚުގެ ތެރޭގައި އަޅުގަނޑުމެން މިއީ ޙަޤީޤަތުގައި އެއްވެސް ބައެއް ނޫން. އަދި އަޅުގަނޑުމެންނަށް މި ރާއްޖޭގެ ދިގު ތާރީޚަށްވެސް އަދި މި ރާއްޖެއަށްވެސް ގެނެވޭނެ މާބޮޑު ލޮޅުމެއްވެސް ނޯންނާނެ.

ޤައުމެއް ބިނާވެދަނީ، ވަރުގަދަ ޤައުމަކަށް، އެޤައުމުވަނީ މިހެންވެގެން. އެޤައުމުގެ ތާރީޚީ އަދި ޘަޤާފީ ކަންކަން، އެތައް ސަތޭކަ އަހަރަށް ދެމިގެންދާތީވެ. މިއަދު އަޅުގަނޑުމެން ކުރާ ކަމެއް ނުވަތަ އަދި 30 އަހަރު ވަންދެން ބަޔަކު މީހުން ކުރި ކަމެއްވެސް އެއީ މާ އައުލާކަންބޮޑު ނުވަތަ އަށަގަންނަ ކަމަކަށް ވެގެނެއް ނުދޭ. މިހެން މިކަން މިވަނީ، އަޅުގަނޑުމެންގެ އިސްލާމީ ޘަޤާފަތާއި އަޅުގަނޑުމެންގެ ރާއްޖޭގެ ދިގު ތާރީޚުގެ ސަބަބުން. އަށްސަތޭކަ އަހަރުގެ ލިޔެވިފައި އޮތް ތާރީޚު އޮތް އިސްލާމީ ޤައުމެއް ދުނިޔޭގައި ވަރަށް މަދުވާނެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ ފިޔަވައި ހަމަ ދުނިޔޭގައި މަދުވާނެ، މިހާ ދިގު އިސްލާމީ ތާރީޚެއް ޙަޤީޤަތުގައި ލިޔެވިފައި އޮތް. ރާއްޖެ އިސްލާމްވީ ފަހުން އަޅުގަނޑުމެންނަށް ލިބިފައި މިއޮތް މަޢްލޫމާތު، ރާއްޖޭގައި ފެންނަން މިހުރި މަޢްލޫމާތަށް އަދި ޚާއްޞަކޮށް އަޅުގަނޑުމެން ބަލައިފިއްޔާ، މި ރާއްޖެއާ އެއްވަރަށް ދީނީ ޢިލްމުގައި އެކިބާވަތްބާވަތުގެ މުޠާލިޢާ ކުރެވިފައި ހުރި ޤައުމުތައް، މި ދުނިޔެއަކު ވަކި ގިނައެއް ނުވާނެ.

ޤުރްއާން ދިވެހިބަހަށް ތަރުޖަމާވެއްޖެ. އަޅުގަނޑު ހަނދާންވަނީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ޢަލީ މަލިމް މަނިކުފާނު އެއީ، މަލިމް މަނިއްޕުޅު މުޙަންމައިދީގެ ކާފާފުޅުހެން ޤުރްއާން ދިވެހިބަހަށް ފުރަތަމަ ތަރުޖަމާ ކުރެއްވީ. އަދި ޤުރްއާނާ އެކީގައި އިންޖީލުގެ ބައެއް ބައިބައިވެސް އެބޭފުޅާ ތަރުޖަމާ ކުރެއްވި. މަލިކު މީހުން ވަރަށްފަހާ ޖެހެންދެންވެސް އެ ޤުރްއާން ބޭނުންކުރަމުން އައި. އަދި ޚާއްޞަކޮށް، ރާއްޖޭގެ ބޯޓުފަހަރުގައި، އުތުރުގައި އޮޑިފަހަރުގައި މިދަންނަވާ ޢަލީ މަލިމް މަނިކުފާނުގެ ޤުރްއާން ތަރުޖަމާ ބޭނުންކުރެވެމުން އައި. އަޅުގަނޑަށް އަޑު އިވިފައި އޮތްގޮތުގައި، މެޑްރާސް ޕްރެޒިޑެންސީގެ އާކައިވްސްގައި ޢަލީ މަލިމް މަނިކުފާނުގެ ޤުރްއާން ތަރުޖަމާއަކާއި، އަދި އިންޖީލުގެ ތަރުޖަމާއެއް ބޭއްވިފައި އޮވޭ.

ޢަލީ މަލިމް މަނިކުފާނުގެ ޤުރްއާން ތަރުޖަމާގެ ކުރީގައިވެސް މިދަންނަވާހެން ރާދަވަޅި ފަށާއިރުގައިވެސް، އޭގައިވެސް އޮންނާނީ، އޭގައިވެސްވާނީ ކީރިތި ރަސޫލާގެ ސިޔަރަތާއި އަދި ދީނީ ބައެއް ހެޔޮލަފާ ނަޞޭޙަތް. އިސްދޫ ލޯމާފާނު ފަށާއިރުގައިވެސްވާނީ، ދީނީ ހެޔޮލަފާ ނަޞޭޙަތާއި، ކީރިތި ރަސޫލާގެ ސިޔަރަތު. ރާއްޖޭގެ ރައްޔިތުންނަށް، ރާއްޖޭގެ ވެރިންނާއި ދީނީ ދަންނަ ބޭކަލުން އިސްލާމްދީމާ ގުޅޭގޮތުން އަބަދުވެސް އައީ މަޢްލޫމާތު ފޯރުވައިދެމުން. އަޅުގަނޑުމެންނަށް މިއަދު އެ ސިލްސިލާއަށް ހަމަ ކުޑަބޮޅެއް ކުޑަ ބަދަލެއް އިރާދަކުރެއްވިއްޔާ މިގެނެވެނީ.

މީގެކުރީގައި އަޅުގަނޑު ދެންމެ ދެންނެވި ހިސާބުން އަޅުގަނޑުމެން އަންނަންޏާ، ޙަސަން ތާޖުއްދީންގެ ހެޔޮވެރިކަން ކުރާނެ ގޮތުގެ ފޮތް، ތާޖުއްދީންގެ ތާރީޚު ލިޔުއްވާފައި އޮތް ސަތާރަސަތޭކައިގައި. ޙަސަން ތާޖުއްދީންގެ ދިވެހި ތާރީޚު ފޮތް، ޙަސަން ތާޖުއްދީން ފަށްޓަވާއިރުގައި، ބާބެއް އެކީގައި ވަރަށް ރަނގަޅަށް ލިޔުއްވާފައި އޮވޭ، ރަސްރަސްކަލުންނަށް ވެރިންނަށް އޮންނަ ނަޞޭޙަތެއް. ހެޔޮވެރިކަން ކުރާނެ ގޮތް. އަޅުގަނޑު ހަނދާންވަނީ ޓޯކިޔޯ ޔުނިވަރސިޓީން ޕްރޮފެސަރ ޔަޖިމާ، ޙަސަން ތާޖުއްދީންގެ ތާރީޚުގެ މުޠާލިޢާއެއް އަލުން އަނބުރާ ލިޔުއްވާފައ ިއޮވެއޭ. އެހެން ނަމަވެސް، އެބައިވެސް އަނެއްކާވެސް ޢަރަބި ބަހުން ލިޔުއްވާފައި އޮތީ. ޙަސަން ތާޖުއްދީންގެ ތާރީޚުގެ މިދަންނަވާ ބާބު ދިވެހި ބަހަށް ތަރުޖަމާވެފައެއް ނުވޭ. އެހެންނަމަވެސް، އަޅުގަނޑަށް އެނަޞީބު ލިބުނީ ގާމާދޫ ޖަލުގައި، ޖަވާހިރުވާދީ އިލްޔާސް، އަޅުގަނޑަށް އެ ބާބު އެކީގައި އަޅުގަނޑަށް ތަރުޖަމާ ކޮށްދެއްވީތީވެ. އަޅުގަނޑަށް އެ ކިޔާލަން ފަސޭހަވީ.

ޙަސަން ތާޖުއްދީންގެ ހެޔޮވެރިކަމުގެ ފަހުން އަޅުގަނޑުމެންނަށް ދެން ފެންނަން ފެށީ، ނައިބުތުއްތުގެ ބޮޑު ތަރުތީބު. ނައިބު ތުއްތުގެ ބޮޑުތަރުތީބަކީވެސް މިދަންނަވާހެން ހަމަ ދީނީ އެކިއެކި ރުކުންތަކާއި، ދީނީ އެކިއެކި މަޢްލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އޭރުގައި އެކުލަވާލެވުނު ފޮތެއް. ދެން އަޅުގަނޑުމެންނަށް ފުރްޞަތު ދިނީ ބާޑީގޭ ޢަލިދީދީ އާއި، ޙުސައިން ޞަލާޙުއްދީނާ ދެބޭފުޅުން އެކުލަވާލެއްވި ކީރިތި ރަސޫލާގެ ސިޔަރަތަށް. އެއީ ރަންނަ ބަނޑޭރިކިލެގެފާނަށް އަރިސް ކުރައްވަންވެގެން ލިޔުއްވި ސިޔަރަތު. އަޅުގަނޑުމެން މިއަދާ ހަމައަށްވެސް އަޑުއަހަމުން މިއަންނަނީ އެ ސިޔަރަތު.
އަޅުގަނޑު ހަމައެކަނި ފާހަގަކޮށްލަން، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ދިގު ޘަޤާފަތެއް، ވަރަށް ދިގު ތާރީޚެއް ލިބިފައި އޮތް ވަރަށް ވަރުގަދަ އިސްލާމީ ޝަޚްޞިއްޔަތެއް ބިނާވެފައިވާ ޤައުމެކޭ. ޙަޤީޤަތުގައި މާބޮޑު ކަމެއް އަޅުގަނޑުމެންނަށް ކުރެވޭކަށެއް ނެތޭ. އަޅުގަނޑުމެންނަށްވީ މިންވަރަކުން މިއަދު އަޅުގަނޑުމެންނަށް ކުރެވެންހުރި ރަނގަޅެއް އަޅުގަނޑުމެން ކުރީމާ، އިރާދަކުރެއްވިއްޔާ އެރަނގަޅު މާދަމާ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން ޙިއްޞާ ކުރާނެއޭ.

އަޅުގަނޑުގެ އުންމީދަކީ، ފިޤްހް އެކަޑަމީގެ ދިރާސާތަކާއި ޢިލްމީ ބަޙުޘްތައް ކުރިއަށް ދިޔުން. އަޅުގަނޑުގެ އުންމީދަކީ، މިސްކިތްތަކަށް ބޭނުންވާ ފައިސާ، އެ ފަންޑު ވީހާވެސް އަވަހަކަށް ފުޅާވެގެން ދިޔުން. އަދި އަޅުގަނޑުމެން މިބޭނުންވާ މިންވަރަށް، އެފައިސާ އެފަންޑަށް ވަދެގެން ދިޔުން. އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ، އެކަން އެހެން ހިނގައި ދާނެ. އަޅުގަނޑު އުންމީދު ކުރަން، ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާއި، ރާއްޖޭގެ ވިޔަފާރިވެރިން އެމަސައްކަތް، އެކަން، މި ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް.

އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނޫން. އެހެން ނަމަވެސް، މިދުވަހާ ގުޅޭގޮތުން އަޅުގަނޑަށް ފާހަގަވާ ދެނުކުތާއެއް އަޅުގަނޑު ފާހަގަކޮށްލީ. އަޅުގަނޑު ނިންމާލާއިރުގައި، ޑޮކްޓަރ ބާރީއަށާއި ޝަހީމަށް ފަށްފަށުން ޝުކުރު ދަންނަވަން. މި މިނިސްޓްރީ ބިނާކުރައްވަމުން އެބޭފުޅުން އެގެންދަވާ ފުރިހަމަކަމާއި، ދީނީ ޚިލާފު އުފެދޭ އެކިއެކި ކަންކަމުގައި، އެބޭފުޅުން ފަރާތްތަކާ ވާހަކަ ދައްކަވަމުން އެގެންދަވާ ކެތްތެރިކަމާއި، މަޑުމައިތިރިކަމަށްޓަކައި، އަޅުގަނޑު އެބޭފުޅުންނަށް ތަޢުރީފު ކުރަން. އެބޭފުޅުންނެއް ބޭނުންފުޅެއްނުވޭ، އެއްވެސް ބަޔަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅެއް އަޅުއްވާކަށް. އެއީކީއެއް މި ސަރުކާރު ބޭނުންވާ ގޮތެއް ނޫން. އަދި ހަމަ އެހެންނަމަވެސް، ޑޮކްޓަރ ބާރީވެސް ޝަހީމްވެސް އަބަދުވެސް އިޝާރާތް ކުރައްވާ، ހަމައިން ނެއްޓިގެނެއް ނުދެވޭނެއޭ. ދިވެހިރާއްޖެއަކީ އަބަދުވެސް ދިވެހިންގެ ހަމަތަކެއް، އިންތަކެއް ގެންގުޅުނު ރާއްޖެއެކޭ. ގެންގުޅޭ ރާއްޖެއެކޭ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި އަދި ރާއްޖޭގެ އެންމެހާ ދީނީ ދަންނަ ބޭކަލުންގެ އެހީގައި އަޅުގަނޑުމެންނަށް، އެ އިންތައް، އެ ހަމަތައް އަބަދުވެސް ހިފެހެއްޓޭނެ. އަބަދުވެސް ހޯދޭނެ. އަޅުގަނޑު އަނެއްކާވެސް ހަމަ އެންމެ ބޭފުޅުންނަށް، ޤައުމީ ދުވަހުގެ އެންމެހާ ހެޔޮ ދުޢާއާއި ތަހުނިޔާތައް ރައްދު ކުރަމުން، ތިޔަބޭފުޅުންނާ ވަކިވެލާނަން.

اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ.