بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން އުޅެމުން އަންނައިރު، ބައެއްފަހަރަށް ބައެއް ދުވަހު ހިތަށްއަރާ، މިވެނި ކަމެއް، އެވެނި ކަމެއް އެހެން ނުކުރެވުނުނަމައޭ. ނުވަތަ އެވެނި ކަމެއް، މިވެނި ކަމެއް، މިވެނި ގޮތަކަށް ކުރެވުނުނަމައޭ. ބޯޅަ މެޗެއް ކުޅެފައި، ނިމުނީމާވެސް ހިތަށް އަރާނެ، އެވެނި ބޯޅައަކަށް، އެވެނި ގޮތެއް ހެދުނުނަމައޭ. އެކަމެއް ހިނގާ ނިމުނީމާ، އޭގެ ފަހުން މިހިތަށް އަރަނީ، އެކަން އެހެން ގޮތަކަށް ކުރެވުނުނަމައޭ. އަޅުގަނޑުމެންގެ މި ދިރިއުޅުން އުޅެމުން އަންނައިރުގައި، ބައެއްފަހަރަށް ހިތަށްއަރާނެ، މިވެނި ކަމެއް، އެވެނި ކަމެއް މިކުރަނީ ކީއްކުރަންހޭ؟ އޭގެ ބޭނުމަކީ ކޮބައިހޭ؟ މިއީ ދެން ކޮންކަމެއްހޭ؟ ސްކައުޓްގެ ޙަރަކާތަކީވެސް ކީއްކުރަން ކުރާ ކަމެއް ހެއްޔޭ؟ އަޅުގަނޑުމެންގެ ހިތަށްއަރާނެ، ވަކިކަމެއް ވަކިގޮތަކަށް މިކުރަނީ ކިހިނެއްވެގެންބާވައޭ؟ ވަރަށްގިނަފަހަރަށް މިވާގޮތަކީ، އެކަން ކޮށް ނިމުމަށްފަހުގައި، މި ހިތަށްއަރަނީ އެކަން އެގޮތަށް ކުރެވުނުނަމައޭ. ނުވަތަ އެކަން އެހެން ގޮތަކަށް ކުރެވުނުނަމައޭ.

އަޅުގަނޑުމެންގެ ޙަޔާތް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުސްތަޤްބަލް، ފަހުން އަޅުގަނޑުމެންވާނެ މީހާ، އެމީހާއަށް އަޅުގަނޑުމެންވާއިރު، އަޅުގަނޑުމެންވެ ހުންނަން ބޭނުންވަނީ ކޮންކަހަލަ މީހަކަށްހޭ؟ އެ ސުވާލު ބައެއްފަހަރަށް ހިތަށް އަރާ. ނުވަތަ ބޮޑުވެގެންވާނީ ކާކަށްހޭ؟ ފަހުން ކުރާނީ ކޮންކަމެއްހޭ؟ އެ ސުވާލު އަޅުގަނޑުމެންނަށް ހިތަށްއަރާނެ. ހިތަށްއަރާއިރުގައި، ރަނގަޅު މީހަކަށްވާން ކުރާނީ ކޮންކަމެއްހޭ؟ ނުވަތަ އަޅުގަނޑުމެން މި ހިތަށްއަރާ ބާވަތުގެ މީހަކަށްވާން މިހާރު ކުރާނީ ކޮންކަމެއްހޭ؟

ސްކައުޓް ހަރަކާތް ޙަޤީޤަތުގައި، އެތައް ގޮތަކުން ދެކޭއިރުގައި އަމާޒު ކުރަނީ، މިދެންނެވި ބޭނުމަށް. ފަހުން ތިމަންނާ ރަނގަޅު މީހަކަށްވުމަށް، މިހާރު ހިންގާ ޙަރަކާތްތަކެއް ހިންގުން. އޭގެތެރޭގައި މިހުންނަނީ، ހަމަ މިހާރުން މިހާރަށްވެސް ކުރާހިތްވާގޮތަށް ހުންނަ ކަންތައްތަކެއް. އަދި އެކަންކަން އެހެން ކުރީމާ، ފަހުން އަހަރުމެންނަށް ކިތަންމެ ގޮތަކުން ރަނގަޅުވެގެންދާ ކަހަލަ ޙަރަކާތް.

އަޅުގަނޑު މާގިނަ ވާހަކައެއް މިރޭ ދައްކާކަށް ނެތީމު. ހަމައެކަނި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިހާރު ކުރާ ކަންތަކުގެ ސަބަބުންނޭ، މާދަމާ އަހަރުމެންނަށް ވާގޮތެއްވަނީ. ރަނގަޅު މީހަކަށްވިޔަސް، ގޯސް މީހަކަށްވިޔަސް، ބޭނުންތެރި މީހަކަށްވިޔަސް، ބޭނުން ނުހިފޭ މީހަކަށްވިޔަސް. އެކަން އެހެން ފަހުންވަނީ މިއަދު ކަންތައް ކުރާ ގޮތުގެ ސަބަބުންނޭ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން، ސްކައުޓްގެ ޙަރަކާތަކީ، މިދަންނަވާހެން އަޅުގަނޑުމެންގެ މުސްތަޤްބަލަށް، އަޅުގަނޑުމެން ފަހުންވާނެ މީހާ އެއީ، ރަނގަޅު މީހަކަށް ހަރުދަނާ މީހަކަށް އަޅުގަނޑުމެން ވުމަށްޓަކައި ކޮންމެހެން ހިންގަންޖެހޭ ޙަރަކާތެއް. ދުނިޔޭގައި ވަރަށްމަދު މިގޮތަށް ދަރިވަރުންނަށް، އެކިއެކި ހުނަރާއި، އެކިއެކި ވިސްނުން އުގަންނައިދީގެން ދަސްކޮށްދީގެން، އެކިއެކި ބާވަތުގެ ކަންކަމަށް އަހުލުވެރި ކުރުވައިގެން، މާފަހުން އޮންނާނެ މުސްތަޤްބަލަކަށް އަމާޒު ކުރުން. މި ޙަރަކާތަކީ، ދެންމެ ޢާރިފްވެސް އިޝާރާތް ކުރައްވައިފި، މީގެ ސަބަބުން ރަނގަޅު ނަތީޖާ ނުކުންނަ ޙަރަކާތެއްކަން ހަމަ ޔަޤީން.

އެހެންވީމާ، މިރޭ އަޅުގަނޑު ހުރިހާ ސްކައުޓުންނަށް ވަރަށް އުފަލާ އެކީގައި މަރްޙަބާ ދަންނަވަން. ތިޔަކުދިން ތިޔަގެންދަނީ، މި ރާއްޖޭގެ މުސްތަޤްބަލް ބިނާކުރަމުން. ސްކައުޓްގެ ޙަރަކާތުގެ ތެރެއިން ރަނގަޅު ރައްޔިތުން އުފެދިގެން އަންނަނީ. ރަނގަޅު ބޭނުންތެރި ބޭނުންހިފޭ، އެންމެންނަށްވެސް އެމީހާގެ ސަބަބުން ފައިދާ ލިބޭ މީހުން އުފެދިގެން އަންނަނީ ސްކައުޓްގެ ޙަރަކާތުގެ ތެރެއިން. އަޅުގަނޑަށް ޔަޤީން ތިޔަ ކުދިން މިއަދު، މިރޭ، މިތާ ތިހެން ތިއްބަވާއިރުގައި، މާބޮޑަކަށް މިދަންނަވާ ވިސްނުމުގައެއް ނޫން ސްކައުޓްގެ ޙަރަކާތްތައް ހިންގަމުން ގެންދާނީކީ. އެއީ، އަޅުގަނޑު މިދަންނަވާހެން ފަހުން ހިތަށްއަރާނެއޭ އިރާދަކުރެއްވިއްޔާ ނަޞީބެއްތާއޭ ސްކައުޓްގައި އުޅެވުނުކަން. ސްކައުޓްގައި ނޫޅެވުނު ކުދިން ހިތަށްއަރާނެ، އަޅެ ސްކައުޓްގައި އުޅެވުނުނަމައޭ. ސްކައުޓްގައި އުޅެވުނު ކުދިން، ފަހުން ބޮޑެތިވެގެން ވެފައި ތިބެނީ ސްކައުޓްގައި ނޫޅޭ ކުދިންނާ ތަފާތު ބަޔަކަށް.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. ރާއްޖޭގެ ހުރިހާ ކުދިންވެސް ސްކައުޓިންގއަށް އަހަންމިއްޔަތުކަންދީގެން، ހުރިހާ މަދަރުސާތަކެއްގައިވެސް ސްކައުޓްގެ ޙަރަކާތް ހިންގެން އޮތް އެންމެ ފުޅާ ދާއިރާގައި ހިންގާނެ ކަމަށް.

އަޅުގަނޑު މާގިނައިރުތަކެއް ނުނަގާނަން. އަޅުގަނޑަށް އެބަ ފެނޭ، މިހާރު ވަރަށް ލަސްވަމުން މިދަނީ. އަނެއްކާވެސް ހަމަ ނިންމާލަމުން، ހުރިހާ ސްކައުޓުންނަށް، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައަކަށް އެދެމުން، އަޅުގަނޑު ވަކިވެލާނަން.

اَلحَمْـدُ لِلّـهِ. والسّـلام عليـكم