بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިރޭ ސަރުކާރުން، ތިޔަބޭފުޅުންގެ ކިބައިން މިއެދުނު އެދުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަން އަދާކޮށްދެއްވުމަށް. އަޅުގަނޑު މިއެދެނީ، ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި އެކަން ކުރައްވަމުން ގެންދަވާ އުޞޫލުން ކުރިއަށް ގެންގޮސްދެއްވުމަށް. މިސަރުކާރުގެ ސިޔާސަތަކީ، މާލޭގައި މީގެކުރީގައި އަތޮޅުތަކުގެ ކަންކަން ހިންގަމުން އައި ހިންގުމަށް ހުއްޓުމެއް ގެނެސް، އެ ހިންގުން ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދިޔުން. މިރެއަކީ، އެ ސިޔާސަތު ޢަމަލީ ގޮތުން ފެށޭ ރޭ.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައި އަޅުގަނޑުމެން ވަނީ ދެ ޕްރޮވިންސަކަށް ސްޓޭޓް މިނިސްޓަރުން ޢައްޔަންކޮށްފައި. އަޅުގަނޑުމެން އޭރު ނިންމާފައި އޮތީ، އެ ދެ ޕްރޮވިންސްގެ ތަޖުރިބާގައި އެހެން ޕްރޮވިންސްތަކުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ކަމަށް. މިރޭ އަޅުގަނޑުމެންނަށް އެއުފާވެރި ވަގުތު މި ދިމާވީ، އެވަގުތު މި ޖެހުނީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އެދެނީ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދެއްވުމުގައި، އެ ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ނިންމަމުން ގެންދެވޭނެ އުޞޫލަކުން މި ރާއްޖޭގެ ވެރިކަން ކުރުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވުމަށް. އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި ޢާންމު ޤާނޫނުތައް ދެމެހެއްޓުމުގައި، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެހީތެރިވެދެއްވުމަށް.

އަޅުގަނޑު މިރޭ ހަމަ މިއާއެކު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މިރޭ މި ފާހަގަ މިކުރަނީވެސް، ދިވެހި ވެރިކަމުގެ މުޅިން އާ ބާބެއް. މުޅިން އާ ސިލްސިލާއެއް. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ގިނަ ޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބު ނިމި، މާތްރަސްކަލާނގެ އިރާދަފުޅުން އެ އިންތިޚާބު ކާމިޔާބު ކުރެވިފައިވަނީ އަޅުގަނޑުމެންނަށް. މިހާރު ސަރުކާރު ހިންގުމާ ޙަވާލުވެ މިތިއްބެވި އެމް.ޑީ.ޕީ އިއްތިހާދުގެ ބޭފުޅުން. މި ވެރިކަން ދިވެހި ރައްޔިތުންނަށް ހެޔޮގޮތުގައި ކޮށްދިނުމަށް ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ މިވަނީ ޙަވާލުކޮށްފައި. އެ ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ދަރުބާރަކީ ނުވަތަ އެ ވެރިކަން ކުރިއަށް ގެންދާއިރުގައި، އެ ވެރިކަމުގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރުމަށް ރައްޔިތުން ނިންމަވާފައި މިއޮތީ އަޅުގަނޑު.

އަޅުގަނޑު ދިރިއުޅެން އެންމެ ރަނގަޅު ތަނަކީ ކޮބައިތޯ؟ އެއީ މި ސަރުކާރުގެ ކުރިމަތީގައި އުފެދުނު ސުވާލެއް، ނުކުތާއެއް. މިބާވަތުގެ ކަންކަމުގައި އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހޭ ކަންތައްތަކެއް އެބަހުރޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ މާލީ ޙާލަތު ހިމެނޭ. މީގެކުރީގައި 1995 ވަނަ އަހަރުއްސުރެ ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅެއްގެ ގޮތުގައި ކަނޑައެޅިފައި އޮތީ، ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމެއްގެ ދަށުން މާފަންނު ތީމުގެ. މާފަންނު ތީމުގޭގައި މިވަގުތު ރައީސުލްޖުމްހޫރިއްޔާ ހުރުން އެއީ، ވަރަށް ޚަރަދުބޮޑު ކަމަކަށްވޭ. ސަރުކާރުން އަންދާޒާ ކުރި ގޮތުގައި އެތަން ހިންގުމުގެ ޢާންމު ޚަރަދު، މި ގެ ހިންގުމުގެ ޢާންމު ޚަރަދަށްވުރެ އަށާރަ ގުނަ ބޮޑު.

މިއަދު ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކާއި އަދި މުޅި ދުނިޔެއަށްވެސް ދިމާވަމުން މިއަންނަ އިޤްތިޞާދީ ހީނަރުކަމަށް ބަލައި، އަދި އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ލިބޭ އެއްޗަކުން ފުއްދުން ކަމަށްވެފައި އޮތްއިރު، އަޅުގަނޑު ތީމުގޭގައި ދިރިއުޅުން އެއީ، އަޅުގަނޑުމެންގެ ވަޢުދުތަކާއި އަޅުގަނޑުމެންގެ ސިޔާސަތުތަކާ މުޅިން އެއްގޮތް ކަމެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން. އެއްވެސް ޙާލެއްގައި އަޅުގަނޑު ތީމުގޭގައި ދިރިނޫޅެނީ ނުވަތަ ދިރިއުޅެން ނުނިންމީ، ކުރީގެ ރައީސް، ރައީސް މައުމޫން އެގޭގައި އުޅުއްވާފައިވާތީއެއް ނޫން. މިދެންނެވި މައިގަނޑު ސަބަބަށްޓަކައި.

އޭގެއިތުރުން އަޅުގަނޑުމެން ބަލައިލަން ޖެހެނީ، މި ރާއްޖޭގެ ވެރިކަމުގައި، ކޮން ގެއެއްތޯ، ކޮން ތަނެއްތޯ ވެރިކަމުގެ ތާރީޚުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއްގެ ރަސްމީ ގެއެއްގެ ގޮތުގައި ބެހެއްޓުމަށް އެންމެ އައުލާކަންބޮޑީ. އަޅުގަނޑަށް ޓީ.ވީ އިންވެސް ކުޑަކޮށް ފެނިއްޖެ. މިގެއަކީ ހުރާ މުރީދުގޭ ދޮން ޙަސަން މަނިކާއި މުލީ ބޮޑުފާތުމައާ، މި ދެމަފިރިންގެ ގެ. މުލީގޭގެ ގޮތުގައި މިގެއަށް ނަންދެވި، ހުރާ މުރީދުގޭ ދޮން ޙަސަން މަނިކުފާނު ބޮޑުފާތުމައާ އެކީގައި މިގޭގައި ދިރިއުޅުއްވަން ފެށްޓެވި. އޭރުއްސުރެ ފަށައިގެން މިގެ ވެފައި އޮތީ ހުރާ ދަރިކޮޅުގެ ބޭފުޅުންގެ ގެއަކަށް. ހުރާ ދަރިކޮޅުގެ ރަސްރަސްކަލުއްސުރެން. މުޢީނުއްދީން ބަންޑާރައިންގެ ދެބޭފުޅުން ތިއްބެވި. ދޮށްޓަށް ހުންނެވީ ބޮޑުދޮށީ މަނިއްޕުޅު. ހަގަށް ހުންނެވީ ނޫރައްދީން ބަންޑާރައިން. ބޮޑުދޮށީ މަނިއްޕުޅަށް މާންދޫގެ. ނޫރުއްދީން ބަންޑާރައިންނަށް މި މުލީގެ. އެގޮތަށް އެދުވަހު ހަމަޖެހިގެން އޭރު ދިޔައީ. ނޫރުއްދީން ބަންޑާރައިންނަށް ލިބިވަޑައިގެންނެވި މި މުލީގެ، އެ ބަންޑާރައިން ދެއްވީ، އެ ބަންޑާރައިންގެ ދޮށީ މަނިއްޕުޅު، ފަހުން މަޝްހޫރު ޝަމްސުއްދީން ރަދުންނަށް. މުލީގޭ މަނިއްޕުޅުގެ ގޮތުގައި ޝަމްސުއްދީން މި ގޭގައި އުޅުއްވަމުން ގެންދެވި. ޝަމްސުއްދީން ރަދުން، ދެވަނަފަހަރަށް ރަސްކަމުގައި ވެޑުވުނީ. މިގޭގައި އުޅުއްވާފައި ވަޑައިގެން މަތިގޭގައި ރަސްކަމުގައި އިށީނދެވަޑައިގަތީ.

އޭގެފަހުން، މިގެ ކުޑަދުވަސްކޮޅެއް ވަންދެން ހަމައެކަނި އެރަދުންގެ ދެ ދައިތާފުޅު، މެދުގޮމައާއި ދޮންގޮމާ މިގޭގައި އުޅުއްވަމުން ގެންދެވި. މާގިނަދުވަސްތަކެއްނުވެ، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، އެއީ ޝަމްސުއްދީން ރަދުންގެ ދޮށީ ފިރިހެން މަނިއްޕުޅު ކިޔަވާ ވިދާޅުވާން ސިލޯނަށް ވަޑައިގެންނެވި. އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ 1914 ނުވަތަ 1915ވަނަ އަހަރު. ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެން، ދިރިއުޅުއްވަން މިގެއަށް ވަޑައިގެންނެވީ، އެ މަނިއްޕުޅު އަތިރީގޭ އާމިނަތު އަމީނާ ކައިވެނިބައްލަވައިގަތުމަށްފަހު. ދެބޭފުޅުން ވަޑައިގެން ފުރަތަމައިނުން މިގެ މިގޮތަށް ހެއްދެވީ، އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ބެއްލެވުމުގެ ދަށުން. މި ގެ ހެދީ ސިލޯނުގެ މޭސްތިރިން.

އަޅުގަނޑު ހަމަ އެހިސާބުން ދަންނަވާލަން ބޭނުން. އަޅުގަނޑު ހަނދާންވާ ގޮތުގައި، ހަމަ މިކަހަލަ އެހެން ބައެއް ގޭގެ، އެދުވަސްވަރު ރާއްޖޭގެ އެހެން ބައެއް ހިސާބުގައިވެސް ޢިމާރާތް ކުރެވުނު. ޚާއްޞަކޮށް، އައްޑުއަތޮޅުގައި. އަޅުގަނޑުމެންގެ މިއަދުގެ ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް އެ ހުންނަވާ މުޙަންމަދު ނަޞީރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ. އައްޑުއަތޮޅުގައި މުލީއާގެ ކަހަލަ ގެއެއް، އޭރުގައި ޢިމާރާތް ކުރެވުނު.

ކޮންމެއަކަސް ޙަސަން ޢިއްޒުއްދީން މަނިއްޕުޅާއި އާމިނަތު އަމީނާ ދެބޭފުޅުން މިގޭގައި އުޅުއްވަމުން ގެންދެވީ. އެދުވަސްވަރު އެއީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް އުފެދިގެން އައި ދުވަސްވަރު. ރަސްކަމުގެ ފަރާތުން އެހާ ބޮޑަކަށް ޤާނޫނުއަސާސީ ދިރިދެމިއޮންނާކަށް ނޭދުނު. ކަމުގެ ސިޔާސީ ޙަޤީޤަތްތައްވެސް އެނބުރިގެން ދާނީ އެ މަގަށް. ކޮންމެއަކަސް، އަޅުގަނޑުމެންނަށް ދެން ފެނުނީ، ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނުތަން. އެހެންނަމަވެސް، މާގިނަ ދުވަހެއްނުވެ، އެ ޤާނޫނުއަސާސީގެ ބާރު ނިމިގެންދިޔަ. އެ ޤާނޫނުއަސާސީގެ ބާރު ކެނޑިގެން ދިޔުމާ އެކުއެކުގައިހެން، މިގޭގައި ދިރިއުޅުއްވަމުން ވަޑައިގެންނެވި ޙަސަން ޢިއްޒުއްދީން މަނިއްޕުޅު މިގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެންފި. އަދި މި ގެ ދުވަސްކޮޅަކަށް ފަޅުވެއްޖެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި އެއީ 1938 ގައި. 1942 އާ ހަމައަށް ފެންނަން އޮތީ މިގެ ފަޅުކޮށް ހުރިތަން. އެއަށްފަހު، ވަލީ ކޮމިޓީގެ ޙަސަން ޢިއްޒުއްދީނާއި، ޙަސަން ފަރީދާއި، އަދި މުޙަންމަދު ފަރީދާއި، މުޙަންމަދު އަމީނާ އެކުގައި، އަނެއްކާ އަލުން ޤާނޫނުއަސާސީއާ އެއްގޮތަށް ރާއްޖެ ހިންގަން ފެށްޓެވިއިރު މިގެ ބޭނުންކުރައްވަން ފަށްޓަވައިފި. ޙަސަން ޢިއްޒުއްދީން އަދި ޙަސަން ފަރީދު އެތައް މަޙްކަމާއެއް މިގޭގައި ހިންގެވި.

ފުރަތަމަ ޖުމްހޫރިއްޔަތެއް ރާއްޖޭގައި އިޢްލާނު ކުރެވި، އެ ޖުމްހޫރިއްޔަތުގެ ދަށުން ރާއްޖޭގައި އުފެދުނު ފުރަތަމަ ރަސްމީ ރިޔާސީ ގެއަކީ މި ގެ. މުޙަންމަދު އަމީންވަނީ އެގޮތަށް އެކަން އިޢްލާނު ކުރައްވާފައި. މުޙަންމަދު އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔަތަށްފަހު، އަނެއްކާވެސް ޙަސަން ނޫރުއްދީންގެ ރަސްކަން އުފެދި، ފާމުދޭރިކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައިވެސް މި ގެ ވަރަށް ބޮޑަށް ބޭނުންކުރެވުނު. ސަރުކާރުގެ އެކިއެކި ވުޒާރާތައް ހިންގުމުގައި. އެންމެބޮޑަށް އެދުވަސްވަރު ފާހަގަވެގެންދިޔަ އެއްކަމަކީ، ”ސަރުކާރުގެ ޚަބަރު“ގެ އިދާރާއެއްގެ ގޮތުގައި ބޭނުންކުރެއްވުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ކަނާތް ފަރާތަށް އެހުންނަ ކޮޓަރި ބޭނުންކުރައްވަމުން ގެންދެވީ. އެއީ، މި ރާއްޖޭގައި ނެރެވުނު އެންމެ ފުރަތަމަ ނޫސް.

މި ގޭގެ ބޭނުން ރިޔާސީ ގެއެއްގެ ގޮތުގައި ބޭނުން ކުރަމުން ކުރަމުން އައިސް، 1995 ވަނަ އަހަރާ ހަމައަށް ޖެހެންދެން، މި ދައުލަތުގެ ރިޔާސީ ރަސްމީ ގެއަކީ މިއީ. ތީމުގެ ރިޔާސީ ގެއެއްގެ ގޮތުގައި ބޭނުންކުރެވިފައި އޮތީ ވަރަށް ކުޑަދުވަސްކޮޅަކު. އެއީ، 1995ން 2009 އަށް. މި ރާއްޖޭގެ ދިގު ތާރީޚަށް ބަލާފައި، އަދި މި ރާއްޖޭގެ ވެރިން، ވެރިކަން ކުރައްވަމުން ވަޑައިގެންނެވި ސަރަޙައްދާއި ގޮތާއި ކަންކަމާ ރޫޙަށް ބަލާފައި، އަޅުގަނޑުގެ ނަޒަރުގައި، މި ޤައުމަށް ތެދުވެރިވެވެން އޮތީ، ދިވެހިރާއްޖޭގެ ވެރިކަން ކުރުން ނުވަތަ ރިޔާސީ ރަސްމީ ގެއެއްގެ ގޮތުގައި މިގެ އަލުން ހަމަޖައްސައިގެން.
އެހެންވީމާ، މިދެންނެވި ދެކަމަށް ސަރުކާރުން ބަލައި، ސަރުކާރުން ނިންމާފައި މިވަނީ، މިއަހަރުގެ މިދުވަހުއްސުރެ ފެށިގެން ހެންވޭރު މުލީއާގެއަކީ، އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށް. އެގޮތުގައި އަޅުގަނޑުމެންނަށް މިއަދު މިވަނީ މިކަން ނިމިފައި. ކުރީގައިވެސް މިގެ ނޫން ކަމަށް ހަމަ ނިންމި އުޞޫލުން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމެއްގެ ދަށުން، 1995 ވަނަ އަހަރު. ހަމަ ދެންނެވުމެއްގެ ދަށުން، މިއަދު މިވަނީ މި ތާރީޚީ ޙަޤީޤަތް އަލުން އަނބުރާ އޭގެ މަގާމަށް، މިގެއަށް އޭގެ މަގާމު ދެވުމުގެ ފުރްޞަތު މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑަށް ލިބިފައި. އެހެންވީމާ، އުފަލާ އެކީގައި އަޅުގަނޑު މިރޭ އެކަން ކުރަމު.

އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، އަދި އުއްތަމަ ފަނޑިޔާރު، ދެބޭފުޅުންވެސް އަޅުގަނޑުމެންނާ އެކުގައި އަދި ވަޒީރުންގެ މަޖިލީހުގެ އެންމެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން، އެންމެ ބޭފުޅުން އަޅުގަނޑުމެންނާއެކު މިރޭ މި ޙަފްލާގައި ބައިވެރިވެވަޑައިގެން އެބަ ތިއްބެވި.

މިގެ ޢިމާރާތް ކުރެވިފައި ހުރިގޮތުން، ބައެއް ބައެއް ޙަފްލާތައް ބޭއްވޭއިރުގައި، މިގޭގެ އެކިއެކި ތަންތަން އަޅުގަނޑުމެންނަށް ސަރުކާރަށް ބޭނުންކުރަން ޖެހޭނެ. އެހެން ނަމަވެސް، މިއީ ވަރަށް ރީތި ގެއެއް. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު އުޅުމަށް ވަރަށް އެކަށީގެންވާ ގެއެއް. އަޅުގަނޑު ދެކޭނީ، ދިވެހިރާއްޖޭގެ މަލްޓި ޕާޓީ، ޑިމޮކްރަސީ އަލުން އަނބުރާ ހަރުދަނާކޮށް، ބަނދަރު ކުރެވޭނެ ގެއަކީ މިއީ ކަމަށް. އެގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިގެ ބޭނުން ކުރަމުން ގެންދާނަން.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!