بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އޯގާތެރިކަމާއި އަޅާލުމަކީ، ސަރުކާރެއްގެ ސިޔާސަތު ބިނާކުރުމުގައި އަސާސެއް ކަމުގައި ނުވެއްޖެނަމަ، އެ ސަރުކާރަކުން ދެން ހިންގާ ސިޔާސަތު އެއީ، ހަމަކަށަވަރުންވެސް ތަރައްޤީއަށް ހުރަސް އަޅާނެ ސިޔާސަތެއްކަން، އިންސާނީ ތަޖުރިބާ މިއަދު މިވަނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީންކޮށްދީފައި. ޚާއްޞަކޮށް، ދެވަނަ ބޮޑު ހަނގުރާމައަށްފަހުގައި، ޔޫރަޕްގެ ޤައުމުތަކުގެ ސިޔާސަތުތައް ބިނާވެގެން އައީ، "ވެލްފެއަރ ސްޓޭޓް" ނުވަތަ "އޯގާތެރި ދައުލަތް" އޮތީ މިދަންނަވާ ފަލްސަފާއާއި، ވިސްނުމުގެ އޮނިގަނޑުގެ ތެރޭގައި. މިއީ، އޭރުވެސް އަދި މިހާރުވެސް ހިނގަމުންދާ ބަޙްޘެއް. މީހަކަށް ކަމެއް ކުރަން ދަސްކޮށްދިނީމާ، މުޅި ޢުމުރަށް ދިރިއުޅެވޭނެ ގޮތެއް، މަގެއް އެމީހާއަށް ހޯދައިދެވޭނެއޭ. މީހަކަށް މަސް ބާނަން ދަސްކޮށްދިނީމާ، އޭނާއަށް މުޅި ޢުމުރުގައި ކައިބޮއި އުޅެވޭނެ ގޮތެކޭ އެ ހޯދައިދެވުނީ. އެހެން ނަމަވެސް، މިއަދު މީހަކަށް މަހެއް ދީފިއްޔާ، އެ ހަމަޖައްސައިދެވުނީ އެރޭގެ ލައިގެންކެއުމޭ.

ތެދުފުޅެއް. އެހެން ނަމަވެސް، ދައުލަތެއްގެ، ސަރުކާރެއްގެ ސިޔާސަތު ބިނާކުރުމުގައި، ސަރުކާރަކުން މިދަންނަވާ ފަދައިން، ޚާއްޞަ އެހީއަށް ބޭނުންވާ ބަޔަކު އެބަތިބޭ ކަމަށް ދެކި، އެބަޔަކާ ގުޅޭގޮތުން އެ ސަރުކާރެއްގެ އުޞޫލުތައް ގެންގުޅޭނެ ވަކި ހަމަތަކެއް ނުނިންމައިފިނަމަ، އަޅުގަނޑުމެންނަށް މި އެނގެނީ، އެ މުޖްތަމަޢެއްގެ ތެރޭގައި ކަންކަން ހިނގަމުން އަންނަނީ އެންމެ ހަމަޖެހޭ، އެދެވޭ ގޮތަށް ނޫންކަން. ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޔޫރަޕް އަލުން އަނބުރާ ބޮޑު ހަނގުރާމައަކަށް އަދި ރުޖޫޢައެއް ނުވޭ.

އަޅުގަނޑު މިދަންނަވަނީ، ނުކުޅެދޭ، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންނުވާ، ނުވަތަ ނިކަމެތި ފަޤީރުންނާ އަޅާލެވުނީތީވެ، އެޤައުމުތަކުގައި ޢާންމު މަޞްލަޙަތު، އޭގެ ކުރީގައި ބެލެހެއްޓިފައި ހުރި މިންވަރަށްވުރެ މާރަނގަޅަށް ބެލެހެއްޓެމުން އާދެއޭ. އެޤައުމުތައް ތަރައްޤީއަށް މާބޮޑަށް ފަހިވެގެންދިޔަ. ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން މިއަދު މިދެކޭ އިހުނާ އަޅާބަލާއިރު މިއޮތް ހަމަޖެހުން، ޔޫރަޕްގެ ޤައުމުތަކަށް މިއަދު މިވަނީ ލިބިފައި. ސިޔާސަތެއް ބިނާކުރާއިރުގައި، ސަރުކާރަކުން އަބަދުވެސް ކުރާނެ ސުވާލެއް ކާކާތޯ އަޅާލާނީ؟ އޯގާތެރިވާނީ ކޮން ފަރާތަކާ ގުޅޭގޮތުންތޯ؟ އެހީތެރިކަން ފޯރުކޮށްދޭނީ ކޮންބަޔަކަށްތޯ؟
އަޅުގަނޑުމެންގެ މާލީ ޙާލަތު، އަޅުގަނޑުމެންގެ އިޤްތިޞާދު އަޅުގަނޑުމެންނަށް ޖާގަދޭ މިންވަރު، މިބާވަތުގެ އެތައް ކަމެއް މި ބަޔާންކުރަނީ، ކޮބައިކަން ސަރުކާރަކުން އަޅާލެވޭނެ ފަރުދުންނަކީ. ނުވަތަ ވަކިބަޔަކީ. ޚާއްޞަ އެހީއަށް ބޭނުންވަނީ ކޮން ބައެއްތޯ؟ އެ ސުވާލުގެ ޖަވާބު ހޯދުމުގައި އެކިދުވަހު އަޅުގަނޑުމެންނަށް އެކިގޮތަށް އަޑުއިވޭ. ހަމަގައިމުވެސް އަޅުގަނޑުމެން، ރާއްޖޭގެ ވަރަށްގިނަ ރައްޔިތެއްގެ ހިތްތަކުގައި އާމިނަތު ޙުސައިން، "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ބަޔާންކޮށްދެއްވަމުން ވިދާޅުވެފައިވަނީ، "ދަތްދޮޅިން އަތްނެއްޓިދާފަދަ ހިތް އެކަނިވެރި މީހަކަސް، ރަތްވިލާ ދައްކާ އެ ކުލަތައް ސިފަ މަށަށް ކޮށްދޭނުހޭ" މިހެން. އަޅުގަނޑަށް ޔަޤީން، ދަތްދޮޅިން އަތް ނެއްޓިދާފަދަ ހިތް އެކަނިވެރި މީހަކަށް ޚާއްޞަ އެހީއަށް ބޭނުންވޭ. އަޅުގަނޑުމެންނަށް އެކަން ފާހަގަވޭ. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވެ، ލޯފަން ރައްޔިތުންނަށް ފަނަރަސަތޭކަ ރުފިޔާ ފޯރުކޮށްދިނުމަށް، އަޅުގަނޑުމެން ނިންމައިފީމު.

ހަމަ އެހިނދު، އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދެނީ، އަޑު އިވުމުން މަޙްރޫމްވެފައިވާ އެތައް ރައްޔިތެއް، ހިނގުމުން، އުޅުމުން މިހެންގޮސް އެތައް އެތައް ކަމަކުން، ސަބަބަކުން، ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ރައްޔިތުން، އަޅުގަނޑުމެންގެ ރާއްޖޭގައި އުޅޭކަން. އަދި އެ ރައްޔިތުންގެ ހަނދާން. އަޅުގަނޑުމެންގެ ހިތްތައް ހަލާކު ކުރުމަށްޓަކައި އަޅުގަނޑުމެން ބުނަނީ، ބަޔަކަށް ކަމެއް ދަސްކޮށްދިނުން މާ މުހިންމޭ، ހިލޭ އެއްޗެއް ދިނުމަށްވުރެ.

އަޅުގަނޑުމެން އެދެނީ، ހުރިހާ ރައްޔިތުންނަކީވެސް އެމީހުންގެ ޙަލާލު މަސައްކަތުން އެމީހުންގެ ދެފައިމައްޗަށް ތެދުވެ ތިބެ، ތިމަންނާއަކީވެސް ޤަދަރާއި ޢިއްޒަތް ލިބިގެންވާ ރައްޔިތެކޭ، ތިމަންނާ ދިރިއުޅެމުން މިދަނީ ތިމަންނާގެ ޙަލާލު މަސައްކަތުގެ ފައިދާގައޭ، ފައިސާގައޭ، އެހެން ބުނެވޭނެ ރައްޔިތެއް އުފެއްދުން. އެ ރައްޔިތު އުފެއްދުމަށްޓަކައި، އޯގާތެރި ދައުލަތެއް ނަގާލާކަށެއް ނުޖެހޭ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެކިއެކި ކަންކަން ފޯރުކޮށްނުދީ، އަޅުގަނޑުމެން ތިބޭކަށްވެސް ނުޖެހޭ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން، ޢާފިޔާ ސާފުކޮށް ވިދާޅުވެދެއްވައިފި. މީގައި އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ، ހަމައެކަނި ނުކުޅެދުމެއް ނޫން، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީވެސް، ޚާއްޞަ އެހީއަށް ބޭނުންވުމުގައި ހަމަ މުހިންމު ކަންކަން ކަމުގައި.

އަޅުގަނޑެއް ނުދެކެން، ތަޞައްރަފު ފުދިފައިވާ ދެޖިންސުގެ ދެމީހަކު ހިންގާ ޖަޒްބާތީ ގުޅުމަކާއި، ކުޑަކުއްޖެއްގެ ޢިއްފަތްތެރިކަން ގެއްލިދާނެ އަނިޔާއަކާ، މިދެކަމުގެ ތެރޭގައި އޮތް ތަފާތު، ފަނޑިޔާރަކަށް، ޤާޒީއަކަށް އޮޅެންވީ އެއްވެސް ސަބަބެއް. ހެއްކާބެހޭ ޤާނޫނުގެ ވާހަކަތަކެއް މިދޭތެރެއަށް ވަންނަންޖެހޭ ކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑުމެން އެންމެންނަކީވެސް ހަމަ ބުއްދި ހުރި މީހުން. ފަނޑިޔާރަކަށްވެހުރެ އެ ގޮނޑީގައި އިށީނދެ އިންނައިރު، ހަމަ ތަޞައްރުފު ފުދިފައިވާ ދެމީހެއްގެ ދެމެދުގައި ހިނގާ ޖަޒްބާތީ ގުޅުން، އެ ގުޅުމުން އުފެދޭ ޖިންސީ ގުޅުން، އެ ގުޅުމާއި ކުޑަކުއްޖެއްގެ ޢިއްފަތްތެރިކަން ގެއްލިދާ ޖިންސީ ގޯނާއާ، މިދެކަންތަކުގެ ތަފާތު ހަމަ އޮޅެންވީ އެއްވެސް ސަބަބެއް ނެތް. ޤާނޫނީ ހަމައެއް، ޝަރުޢީ ވަކި އުޞޫލެއް އޭގެތެރެއަށް ވަދެ، އަޅުގަނޑުމެންނަށް އޮޅެންވީ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑު އުންމީދު ކުރަން، ހެއްކާބެހޭ ޤާނޫނުންވެސް އަދި ހަމަ މިހާރުން މިހާރަށް ރާއްޖޭގައި މިހުރި ޝަރީޢަތް ކުރުމާބެހޭ ހަމަތަކުންވެސް މިކަންކަން ފާހަގަވާކަން. އަޅުގަނޑަށް އެނގޭ، އެތަފާތު ގެނެވިދާނެކަން. އެއީކީއެއް ޝަރީޢަތާގުޅޭ ކަމެއްގެ ގޮތަކުން ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ފަނޑިޔާރުންގެ ކިބައިން އެދެން، މި ތަފާތު އިތުރު ޙުއްޖަތަކާނުލައި އެބޭފުޅުން ބަލައިގެންނެވުން. މިއަކަށް އިތުރު ޤާނޫނެއް، އިތުރު ތަޖުރިބާއެއް، ނުވަތަ ޢިލްމެއް ބޭނުމެއްނުވޭ. އަޅުގަނޑުމެންގެ ސީދާ ދެލޮލަށް ފެންނަ ކަންކަން އެހެރީ ވަރަށް ސާފުކޮށް ފެންނަން. އެއިން އެއްކިބާވުމަށް ފޮރުވުމަށް ނުވަތަ އެކަހެރިވުމަށް ނޫޅުމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ފަނޑިޔާރުންނަށް ގޮވާލަން.

އަޅުގަނޑުމެންގެ ސިޔާސަތުތައް އަޅުގަނޑުމެން ބިނާކުރަމުން އައިސްފައި މިވަނީ، މިދަންނަވާހެން އޯގާތެރި ދައުލަތެއް ބިނާކުރުމުގެ ނިޔަތުގައި. އަޅުގަނޑުމެންގެ މެނިފެސްޓޯ، އެމް.ޑީ.ޕީ.ގެ މުޅި މެނިފެސްޓޯ ބިނާވެފައި އޮންނާނީ، އޯގާތެރި ދައުލަތެއްގެ ތަރަޙައެއްގެ މަތީގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ބިނާކުރުމުގައި. އެގޮތުން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ވަރަށް ގިނަގުނަ ދަތުރުތަކުގައި، ޚާއްޞަކޮށް މިދިޔަ ހަތަރު އަހަރު، ރާއްޖޭގެ އެކިކަންކޮޅުތަކަށް އަޅުގަނޑުމެންދާއިރު، އަބަދުމެ ވަރަށް ގިނައިން ފެންނަ އެއް މަންޒަރަކީ، ދޮށީ ޢުމުރުގެ މީހުން، ކުރާނެ ކަމެއްނެތި ވަރަށް ނިކަމެތި ޙާލުގައި، ވަރަށް ބަލި ޙާލުގައި ހޮޅުއަށިތަކުގައި ދުވަސްތައް ހޭދަކުރަމުންދާތަން. މިއަދު ހޮޅުއަށިތަކުގައި މާޔޫސްވެފައި އެތިބި ރައްޔިތުންނަކީ، ދޮށީ ޢުމުރުގެ ބޭފުޅުންނަކީ، މި ރާއްޖެ މިއަދު މިދެކޭ ތަރައްޤީއާއި މި ރާއްޖެ މިއަދު މިދެކޭ ހުރިހާ ކަމެއް ޙަޤީޤަތުގައި މިހިސާބަށް ގެނައުމުގައި އެންމެބޮޑު އެއް ޙިއްޞާއެއް، އެއް މަސްއޫލިއްޔަތެއް އުފުލާފައިވާ މީހުން. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، މިއަދު ރާއްޖޭގެ ތަރައްޤީ މިހިސާބަށް ގޮސްފައިވާއިރު، އެ ތަރައްޤީ ހޯދައިދިން ބަޔަކަށް ޕެންޝަނެއް ދިނުމަށް ވިސްނާއިރުގައި އެނގޭ، އެ ޕެންޝަން ޙައްޤީ ހަމައެކަނި މޭޒުތައް ދޮށުގައި ފައިސާއާ ޙަވާލުވާން ތިއްބެވި ބޭފުޅުންނަށް އެކަންޏެއް ނޫން. މަހަށްދިޔަ މީހުންނަށް، ރުކަށް އެރި މީހުންނަށް، ފަރަށްދިޔަ މީހުންނަށް، ބޮނބިތެޅި މީހުންނަށް، ރޯނުވެށި މީހުންނަށް، ދަރިން ބެލި މީހުންނަށް، މި ރާއްޖެ މިހިސާބަށް ގެނެސްދިން މިއަދުގެ ދޮށީ ޢުމުރުގެ ހަމަ ހުރިހާ އެންމެންނަށް އެ ޕެންޝަން ހަމަ ޙައްޤު. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، އުމުރުން 65 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް، ދެހާސް ރުފިޔާ ނުލިބޭ ކޮންމެ ރައްޔިތަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ޙައްޤުވާންޖެހޭކަން. އިރާދަކުރެއްވިއްޔާ، މިއަންނަ މަހުން ފެށިގެން އަޅުގަނޑުމެން ރައްޔިތުންނަށް އެ ޕެންޝަން އަރުވާނަން.

ހަމައެއާއެކީގައި، މިއަހަރުގެ ތެރޭގައި އެއްލައްކަ ދިވެހިންނަށް ހެލްތް އިންޝުއަރެންސްގެ ނިޒާމުން ބޭސްފަރުވާ ކުރެވޭނެގޮތެއް ހަމަޖެއްސުމަށް އަޅުގަނޑުމެން އެބަ އަމާޒު ކުރަން. އަދި މިދެންނެވި ޕެންޝަނަށް ސަރުކާރުގެ ބަޖެޓުން މިއަހަރުގެ ތެރޭގައި މަދުވެގެން ހަތްސަތޭކަ މިލިޔަން ރުފިޔާ ޚަރަދުވާނެ. އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުމަކީ، މިފައިސާ އަޅުގަނޑުމެން ހޯދަނީ ކިހިނެއްތޯ؟ ކޮންތާކުންތޯ؟ އަޅުގަނޑުމެން އެދޭ މިންވަރަކަށް އެއްވެސް ކަމެއް ނުވޭ. ކެއަރ ސޮސައިޓީއަށް ނުވަތަ އެހެން ޖަމްޢިއްޔާތައް އެދޭ މިންވަރަކަށްވެސް އަޅުގަނޑުމެންނަކަށް އެއްވެސް ކަމެއް ނުވޭ. އެހެން ނަމަވެސް، އަޅުގަނޑުމެން އަހަން މިޖެހޭ ސުވާލަކީ، މިފައިސާ އިތުރުވަންޏާ، މިފައިސާ އިތުރަށް ހޯދަން އަޅުގަނޑުމެން ހަދާނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނެއް ނުޖެހޭ، އަލުން އަނބުރާ ފުރޮޅު އީޖާދު ކުރާކަށް. އެކަން އޮތީ ކޮށްފައި.
"އޯގާތެރި ދައުލަތެއް" ބިނާކުރާ މަގު، 1947 ން ފެށިގެން މިދުނިޔޭގެ ޤައުމުތަކުން އަޅުގަނޑުމެންނަށް މިއައީ ފެންނަމުން. ރަނގަޅު ޓެކްސްގެ ނިޒާމަކުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްހުން އަދި އާމްދަނީ ގިނަ މީސްމީހުންގެ އަމިއްލަ އާމްދަނީން ނެގޭ ޓެކްހުން، ނިކަމެތިންނަށް ހޭދަކުރުން އެއީ ސަރުކާރެއްގެ ވާޖިބަކީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިހާރުވާނީ ވިޔަފާރީގެ ފައިދާއިން ޓެކްހެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ވިޔަފާރީގެ ފައިދާއިން އަޅުގަނޑުމެންނަށް ޓެކްސް ނެގޭނެ. އަޅުގަނޑުމެންގެ މާލީ ސިޔާސަތު، އެމް.ޑީ.ޕީ.ގެ މާލީ ސިޔާސަތު ރަނގަޅަށް ހިންގުނީމާ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ހަމަ އެކަށީގެންވާ އަދަދެއްގެ ރުފިޔާ، އޯގާތެރި ދައުލަތެއް ހިންގުމަށް އަޅުގަނޑުމެންނަށް ބާކީ ކުރެވިދާނެ، ނުވަތަ އެއްކައިރި ކުރެވިދާނެ. ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ފުއްދޭނެ. ސަރުކާރަށް ޓެކްސްގެ ގޮތުގައި މިހާރު މިލިބޭ ހަތް ބިލިޔަން ރުފިޔާ ނުވަތަ އަށް ބިލިޔަން ރުފިޔާގެ ތެރެއިން، މިދަންނަވާހެން މިއަދު އަޅުގަނޑުމެންނަށް އެއްކައިރި ކުރެވިފައި މިވަނީ، ހަތްސަތޭކަ މިލިޔަން ރުފިޔާ. އެ އަދަދު އެއަށްވުރެ މައްޗަށް ގެންދިޔުމަށް ސަރުކާރުން އެދޭ. އެހެން ނަމަވެސް، މައްޗަށް ގެންދިޔުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ އިތުރު ކަންތައްތަކެއް އެބަހުރި.
މިއަދު އަޅުގަނޑުމެންގެ މާލީ ޙާލަތަށް، އިޤްތިޞާދަށް ބަލާއިރު، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެ ކޮންމެ މަހަކު ދުއިސައްތަ މިލިޔަން ރުފިޔާ، އަޅުގަނޑުމެން އެބަ އިތުރަށް ޚަރަދު ކުރަމު. އެ ޚަރަދު ނުކޮށް، ސަރުކާރަށް ވާން އޮތް ކަމަށް އަޅުގަނޑުމެން ދެކެނީ. އެއީ، މި ގިނަގުނަ ޚަރަދަކީ، ސަރުކާރުގެ ތެރޭގައިވާ ވިޔަފާރީގެ ބައެއް ކަންކަން ހިންގުމަށްޓަކައި ކުރެވޭ ޚަރަދު. އަޅުގަނޑުމެން ދެކެނީ، ވިޔަފާރީގެ އުޞޫލުން އެކަންކަން ހިންގިއްޖެނަމަ، ސަރުކާރުގެ ބަޖެޓަށް ލުއިވާނެ ކަމަށް. އެވާ ލުއި، "އޯގާތެރި ދައުލަތް" ހިންގުމަށް ބޭނުންކުރެވޭނެ.

އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. މިއަދު ސަރުކާރުން ދަނީ ސްޓެލްކޯއަށް ސްޓޭޓް އިލެކްޓްރިކް އިންޖީނުގެއަށް ވަރަށްގިނަ އަދަދެއްގެ ފައިސާ ދެމުން. ޙަޤީޤަތުގައި ކަރަންޓު ޔުނިޓެއްގެ މާލޭ އަގަކީ ފަސްރުފިޔާ. ސަރުކާރުން ނަގަމުން ދަނީ ދެރުފިޔާބައި. އަނެއް ދެރުފިޔާބައި ސަރުކާރުން މިދެނީ ސީދާ ކުންފުންޏަށް. ކުންފުންޏަށް ދިނީމާ، ފަސްރުފިޔާއަށް ކަރަންޓް ޔުނިޓެއް ގަނެވޭ މީހާގެ ކަރަންޓު ބިލްވެސް ސަރުކާރުން ސަބްސިޑައިޒް ކުރަނީ. އޭގެ ބަދަލުގައި އެ ކުންފުނި އެއީ ސަރުކާރުގެ ކުންފުންޏެއް ނޫނޭ، ހަމަ ވިޔަފާރީގެ އުޞޫލުން ހިންގާ އަމިއްލަ ވިޔަފާރިއެކޭ، ވިޔަފާރީގެ އުޞޫލުން އެކުންފުނިން ކަރަންޓަށް އަގެއް ކިޔާށޭ. އަގުކީމާ، ބިލް ނުދެއްކޭ ނިކަމެތިންނަށް ސީދާ ރައްޔިތު މީހާއަށް ސަރުކާރުން ހިލޭ އެހީ ދޫކުރާނެއޭ. އެހެން ހެދުނީމާ، ކޮންމެ މަހަކު އިތުރަށް މިޚަރަދުވާ ދުއިސައްތަ މިލިޔަން ރުފިޔާ ޚަރަދުވުން ހުއްޓޭނެ. ހަމައެކަނި އިންޖީނުގެއަށް އެހެން ހަދައިގެނެއް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. ސަރުކާރުގެ ތެރޭގައި ހިނގާ މައިގަނޑު ވިޔަފާރީގެ ކަންތައްތަކެއް، ސަރުކާރުން ބޭރަށް ޕްރައިވަޓައިޒްކޮށް، ސަރުކާރުން ބޭރަށް އެކަންކަން ނެރެވިއްޖެނަމަ، މިދަންނަވާ، "އޯގާތެރި ދައުލަތް" ހިންގުމަށް އަޅުގަނޑުމެންނަށް ރުފިޔާ ބާކީ ކުރެވިދާނެއޭ. ނުވަތަ ރަނގަޅު ސަރުކާރެއް ގާއިމު ކުރުމަށް ރުފިޔާ ބާކީ ކުރެވިދާނެއޭ.

އަޅުގަނޑު މިރޭ މާގިނަ ވާހަކަ ދައްކާކަށެއް ނޫން މިއައީކީ. ހަމަ ދަންނަވަން އޮތް ވާހަކައަކީ، އެބައޮތޭ އަޅުގަނޑުމެންނަށް އެހީތެރިވެވެން. އެހީތެރިވުމަށްޓަކައި ހަމަ އެންމެ ބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެން، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ ސިޔާސަތަށް އަނެއްކާވެސް ބައްލަވާލެއްވުން. އަޅުގަނޑުމެން ވަރަށް ސާފުބަހުން މިވާހަކަތައް ދައްކަމުން އައީ. އަދި މިއަދުވެސް އަޅުގަނޑުމެން މިދައްކަނީ އޮޅުމަކާނުލައި. ހަމަ މި އުޞޫލުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތަޢާރުފު ކުރެވޭނެ. ހިންގޭނެ. އެހެންވީމާ، މިރޭ އުފަލާ އެކީގައި ޢާފިޔާ އަރިހުގަޔާއި އަދި ކެއަރ ސޮސައިޓީގައި އަޅުގަނޑަށް ދެންނެވެން އޮތީ، އިރާދަކުރެއްވިއްޔާ ކެއަރ ސޮސައިޓީއަށް މަސައްކަތް ކުރާނެ ތަނެއް، ޢިމާރާތެއް ސަރުކާރުން ދޭނެއޭ. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެން ކެއަރ ސޮސައިޓީއަށް އެކަން ކޮށްދޭނަން.
އަޅުގަނޑަށް ޔަޤީން، ޢާފިޔާ ތިޔަ އެދިވަޑައިގަންނަވާ މާޙައުލު އަޅުގަނޑުމެން އުފައްދައިދެވޭނެ. އެއީ މަދަނީ ޖަމްޢިއްޔާތަކަށް ދައުރެއް އޮންނާނެ މާޙައުލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުފައްދައިދޭނަން. އަޅުގަނޑުމެން މިދަނީ އެމަސައްކަތުގައި. އަޅުގަނޑުމެން މިތިބީ އެ މަގަށް އެނބުރި. ޚިޔާލު ފާޅުކޮށްގެންނެއް މިސަރުކާރަކުން މީހަކު ގެނެސް ހިފާ ހައްޔަރެއް ނުކުރާނެ. އެއްވެ އުޅެގެނެއް މި ސަރުކާރަކުންނެއް މީހަކު ގެންގޮސް ހިފާ ހައްޔަރެއް ނުކުރާނެ. މަދަނީ ޖަމާޢަތްތަކަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި، ރައްޔިތުންގެ ޙައްޤުތަކަށް މި ސަރުކާރުން އިޙްތިރާމް ކުރާނެ. އިރާދަކުރެއްވިއްޔާ، އެކަމާ ހަމަ އެންމެ ރައްޔިތެއްވެސް ކަންބޮޑުވާކަށެއް ނުޖެހޭނެ. އަދި މިއާއެކީގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު، މިހާރަށްވުރެ އެތައް ތަނަކުން ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ބޮޑުވެގެންދާނެކަން އަޅުގަނޑަށް ހަމަ ޔަޤީން.

އަޅުގަނޑު ވަރަށް އުފާވޭ، މިރޭ އަޅުގަނޑަށް މިތަނަށް އާދެވުނީތީވެ. އަޑު ނީވޭ ކުދިންނަށް، އަޅުގަނޑުގެ ތަޤްރީރު އޮޅުންފިލުއްވައި ދެއްވަން މިރޭ އެހުންނެވި ބޭފުޅަކީ، އަޅުގަނޑުމެންގެ ކެމްޕޭންގައި ވަރަށް ބޮޑަށް ބައިވެރިވެ އުޅުއްވި ބޭފުޅެއް. އަޅުގަނޑު އުންމީދު ކުރަން، މިވާހަކަ އަޅުގަނޑަށް ދެއްކުމުގެ ހުއްދަ އެބައޮތް ކަމަށް. އަޑުނީވޭ ކުދިންގެ ތެރެއިން ވަރަށްގިނަ ބަޔަކު އަޅުގަނޑުމެންގެ ކެމްޕޭނުގައި ބައިވެރިވެ އުޅުނު. އަދި އެވިދާޅުވި، ކެއަރ ސޮސައިޓީގެ އެ ހަނިހަނި ކުޑަ ޢިމާރާތަށް އަޅުގަނޑު ދެފަހަރެއްގެ މަތިން ދިޔައީމު. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ތިޔަ އުޅުއްވާ ދަތިކަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ މަސައްކަތުން ގެނެވޭނޭ ބަދަލު. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގެ ތެރޭގައި ތިޔަބޭފުޅުންނަށް ޢިމާރާތެއްގެ ކަންތައް ސަރުކާރުން ހަމަޖައްސައިދޭނަން.

އަނެއްކާވެސް ހަމަ ދަންނަވަން އޮތީ، މިއަދަށްވުރެ މާ ފާގަތި މާދަމައަކަށް އެދެމުން، އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނާ މިރޭ މިވަކިވެލަނީ، ވަރަށް އުފަލާ އެކުގައޭ. ވޭތުވެދިޔަ ދިހަ އަހަރަށްވުރެ އަދި މާ ފަހި ދިހަ އަހަރެއް ކެއަރ ސޮސައިޓީއަށް ލިބިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކީގައި މިތަނުން ވަކިވެލަން.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!