بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެންގެ ރާއްޖޭގެ ހިންގުމަށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިވަނީ ވަރަށްބޮޑު ބަދަލެއް ގެނެސްފައި. އެބަދަލު ސާބިތުވަނީ ހަމައެކަނި ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަކުންނެއްނޫން. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުލަވާލާފައިވާ ޤާނޫނުއަސާސީވެސް އެއީ، އަޅުގަނޑު މިދަންނަވާ ބަދަލުގެ ވަރަށްބޮޑު ރަމްޒެއް. ވަރަށްދިގު ޒަމާންތަކެއް ވަންދެން، ދިވެހިރާއްޖޭގެ ވެރިކަން ވަކިގޮތަކަށް ކުރެވެމުންއައިސް، ރާއްޖޭގެ ރައްޔިތުން ވަރަށްބޮޑު ބަދަލެއް ގެންނަން މި ނިންމި ސަބަބާގުޅޭގޮތުން، އަޅުގަނޑު ހިތުން މިކަހަލަ ރެއެއްގައި އަޅުގަނޑުމެން ވިސްނާލުން މުހިންމު.

އަޅުގަނޑުމެން މިކުރާ ސުވާލަކީ، 2004 ވަނައަހަރާއި 2008 ވަނައަހަރާ ދެމެދުގައި އެދިޔަ 4 އަހަރެއްހާ ދުވަހު ދިވެހިރާއްޖޭގައި ކީއްވެގެންތޯއޭ ސިޔާސީ ޕާޓީތައް އުފެދި، އަދި ބަދަލެއްގެ ރޫޙަށް މުޅިޤައުމު އަނބުރާލުމަށް އަޅުގަނޑުމެންނަށް ނަމަވެސް އަދި ބަޔަކަށް ފުރްޞަތު ފަހިވެގެން ދިޔައީ. ޒަމާންތަކެއްވަންދެން، ދިވެހިން ވެރިކަން ކުރަމުން އައި ގޮތް ދޫކޮށްލައި، މުޅިން އެހެން ބާވަތަކަށް އެނބުރުމަށް ބަޔަކު ވަކާލާތު ކުރަން ފެށުމުން އަދި އެ އުފުލި އަޑުގައި މުޅިޤައުމު ބައިވެރިވެ، އެ ޖޯޝުގައިގޮސް މިރާއްޖޭގެ ވެރިކަން ބަދަލުވީ ކީއްވެގެންތޯއޭ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އޭގެ ބަދަލުގައި، އޭގެ ސަބަބުގައި ކިތަންމެ ސިއްރުތަކެއް ހުރެދާނެ. އެހެންނަމަވެސް، ޙަޤީޤަތުގައި އެންމެބޮޑު އެއްސަބަބަކީ، ރާއްޖޭގެ ރައްޔިތުންނަށް ލިބެން ބޭނުންވާ، ވަރަށްގިނަ އަސާސީ ޚިދްމަތްތައް އެދުވަހާ ހަމައަށް އައިއިރުގައި ލިބިފައި ނެތުން. 2004 ވަނައަހަރާ ޖެހުނުއިރު ރާއްޖޭގެ ރަށްތަކުގެ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ބަނދަރާއި، މަދަރުސާއާއި، ހޮސްޕިޓަލާއި، މަގާއި، މިބާވަތުގެ ހުރިހާ ކަމަކަށް ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށްބޮޑަށް އެދިއެދި. އޭގެކުރީގައި ސަރުކާރުގެ ވިސްނުމެއްގެ ގޮތުގައި ގެންގުޅެމުން އައީ، ސަރުކާރުން އަހަރަކު އެއްފަހަރު އަހަރަކު ބަނދަރެއް، ދެ ބަނދަރު ހަދާދެވިދާނެއޭ. އަޅުގަނޑުމެން އޭރުގައި ބުނަމުން އައީ، އެހެންވީމާ، 200 އަހަރުފަހުން ކޮން ބަނދަރެއްބާއޭ ހައްދަވަން އެއުޅުއްވަނީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް މި ލަސްމިން، ނުވަތަ ކަންކަން އެ ބަދަލުވަމުންދާގޮތް، އަޅުގަނޑުދަންނަވާނީ، އެއީ ރަނގަޅުގޮތް ނޫންކަމަށް ދައްކައިދޭން، އަޅުގަނޑުމެންނަށް ނުވަތަ އެމް.ޑީ.ޕީ އަށާއި އަދި އިޞްލާޙަށް މަސައްކަތްކުރި އެތައް ބަޔަކަށް ވަރަށް ފަސޭހަވިއޭ. މުޅިރާއްޖޭގެ ކަންކަން އެހެންގޮތަކަށް އެނބުރިގެންނޫނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިއެދޭ ކަންކަން ފުރިހަމަ ނުވާނެކަން އަޅުގަނޑުމެން އެންމެންނަށް ވަރަށް ސާފުކޮށް މިދިޔަ ހަތަރު އަހަރު ދުވަހުގެތެރޭގައި އެނގިގެންދިޔަ.

ޤާނޫނުއަސާސީ އިޞްލާޙު ކުރެވެމުން ދިޔައިރު މިދެންނެވި ބަޙުޡްތައް، މިދެންނެވި އިޙްސާސްތައް، މިދެންނެވިރޫޙު، މިރާއްޖޭގައި ވަރަށްބޮޑަށް އަށަގެންފައިވަނިކޮށް، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ހިންގުން، ނުވަތަ އަތޮޅުތައް ހިންގުން އެމައުޟޫޢު ފުޅާވެގެންދިޔައީ، މިދަންނަވާ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވެންއޮތް ހަމައެކަނި މަގަކީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ކަންކަން ހިންގީމާކަމަށް، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ގަބޫލުކުރެވުނީމާ.

ނަރުދަމާއެއް، ބަނދަރެއް، ހޮސްޕިޓަލެއް، މަދަރުސާއެއް، މިއިން އެއްވެސްކަމެއް ކިރިޔާވެސް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކޮށްދޭންވެއްޖެނަމަ، އެކަންތައްތައް ކޮށްދެވޭނީ، މާލޭގައިތިބެގެން، މާލެއަށް ހުރިހާ ބާރެއް އެއްކޮށްގެން، މާލެއިން ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށްގެންނޫންކަން، އަޅުގަނޑުމެން އެންމެންނަށް އެދުވަހު ވަރަށްސާފުކޮށް އެނގިގެން ހިނގައްޖެ. ލާމަރުކަޒީ ނިޒާމު، އުޞޫލު، ޤާނޫނުއަސާސީއަށް އެހާފަސޭހައިން ވެއްދުނީ މިދެންނެވި ރޫޙު ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ބިންވަޅުނެގިފައިއޮތް މިންވަރުވެސް ބޮޑުކަމުން. ރައްޔިތުން އެ ބަދަލުތަކަށް އެދިތިބި މިންވަރުވެސް ބޮޑުކަމުން.
މިދަންނަވާ ލާމަރުކަޒީ އުޞޫލުން ކަންކަން ބަދަލުކުރުމަށް ނުވަތަ ހިންގުމަށް ޤާނޫނު އަސާސީ އެކުލަވާލެވިގެންއައި ދުވަސްވަރު، މިހާރު ދެންމެ، ސުޢޫދު އެވިދާޅުވެދެއްވި އޮނިގަނޑާމެދުްވެސް އަޅުގަނޑުމެންގެ ތެރޭގައި އައީ ފިކުރުކުރެވެމުން. ޚާއްޞަކޮށް، ޤާނޫނުއަސާސީގެ 8 ވަނަބާބުގެ މާއްދާތައް ޑްރާފްޓު ކުރެވިގެންދިޔައިރު، ނުވަތަ އެމާއްދާތަކާ ގުޅޭގޮތުން ބަޙުޡް ކުރެވެމުން އައިއިރުގައި މިތަފްޞީލުތަކާއި، އެފަދަ ނިޒާމެއް ހިންގާނީ ކޮންގޮތަކަށްތޯއާ، އެވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި އޭރުއައީ ދެކެވެމުން. ހަމަ ޔަޤީން، ސުޢޫދު ހަނދުމަފުޅު ހުންނާނެ. އަޅުގަނޑާ ސުޢޫދާ މިވާހަކަ ދެކެވިފައި ހުރިލެއް މަދެއްނުވާނެ. އަދި މިތާ މިރޭ މިބައްދަލުވުމުގައި ތިއްބެވި އެތައް ބޭފުޅުންނަކާ އެކުގައި މިވާހަކަތައް ވަރަށްގިނަދުވަހު އެކިގޮތްގޮތަށް، އަޅުގަނޑުމެންނަށްވަނީ ދެކެވިފައި.
ޚާއްޞަކޮށް، މިވާހަކަތަކަށް ސިފަ އަންނަން ފެށީ، އަޅުގަނޑު ދަންނަވާނީ، މުޙަންމަދު ވަޙީދުއްދީން އޭރުގެ އެޓޮލްސް އެޑްމިނިސްޓްރޭޝަނާ ޙަވާލުވެވަޑައިގެން، އެބޭފުޅާ މިކަން ތަންކޮޅެއްބާރަށް ކުރައްވާނެކަމަށް، އަޅުގަނޑުމެންނަށްވެސް ވިސްނަންފެށި އިރެއްގައޭ.

2006 ވަނަ އަހަރު، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، އަޅުގަނޑާއި އަދި ޝާޒްލީ ޝަފީޤާ ދިޔައިން، އޭރުގެ އިނގިރޭސިވިލާތުގެ ލޯކަލް ގަވަރންމަންޓް އިންތިޚާބެއް އޮބްޒާރވް ކުރަން، ބަލަން. އެ އިންތިޚާބު ބެލުމުގެ ތެރޭގައި، އަޅުގަނޑުމެން ވަރަށްބޮޑަށް ބަލަމުން ގެންދިޔައިން، އިނގިރޭސިވިލާތުގައި ލޯކަލް ގަވަރންމަންޓް ހިންގަމުން އަންނަ ގޮތް. ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް ފެންނަމުންދިޔަ ވާދަވެރި ސިޔާސީ މީހުންގެ ގޮތުގައި ރާއްޖޭގެ ރަށްރަށަށްގޮސް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ތިޔަބޭފުޅުންގެ ކަތީބު އެއީ އިންތިޚާބުވާނެ މީހެކޭ، އެހެންބުނީމާ ރައްޔިތުން ތަރުޙީބުދޭ މިންވަރު. އަޅުގަނޑުމެން އެވާހަކަ، މައިކުން ރަށެއްގެ ރައްޔިތުންނަށް އަލަށް ކިޔައިދިން ދުވަހު، އެމީހުން އެކަމަށް ޝައުޤުވެރިކަން ބެހެއްޓި މިންވަރު އެއީ، ޙަޤީޤަތުގައި މިއަދު މިބަދަލަށް އަޅުގަނޑުމެން ދާން މިޖެހޭ އެންމެބޮޑު އެއްސަބަބަކީ.

އަޅުގަނޑުމެންގެ ވާޖިބެއް، މިރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ މިގޮތަށް ބަދަލުކުރާން. މާލޭގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރުމުގެ ނިޔަތުގައި، ބޭނުމުގައެއްނޫން. ހަމައެކަނި މި ރާއްޖޭގެ އެންމެހާ ރައްޔިތުން، ޒަމާންވީ 30 އަހަރުގެ ދިގު ވެރިކަމެއް، މިދިޔަ އިންތިޚާބުގައި ބަދަލުކުރީ. އަޅުގަނޑު މިދަންނަވަނީ، ހަމަ އެންމެބޮޑު އެއްސަބަބަކީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ރައްޔިތުން ބޭނުންވިލެއް ބޮޑުކަމުން، އެކަމަށް އެދިތިބި މިންވަރޭ.

އަޅުގަނޑުމެންގެ މިމަސައްކަތް މިގޮތަށް، މިމަގަށް ހިނގަމުންދާއިރުގައި، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޤާނޫނުއަސާސީއާ ޚިލާފު މަސައްކަތެއްކަމަށް ބައެއްބޭފުޅުން އެބަ ވަކާލާތު ކުރައްވާ. އަޅުގަނޑަށް ވަރަށްސާފުކޮށް އެއަށް ދެންނެވޭނެ. އަޅުގަނޑު މިދަންނަވާ ވާހަކަ މިރޭ ސުޢޫދުގެ ޕްރެޒެންޓޭޝަނުން އެކަން އަދި ބޮޑަށް ސާފުވެގެން ހިނގައްޖެއޭ. އަދީ ޑޮކްޓަރ ވަޙީދު ވަރަށް ސާފުކޮށް އެވާހަކަ ވިދާޅުވެދެއްވައިފި.
މިހާރު އަޅުގަނޑުމެން މި ހިންގާ މަސައްކަތަކީ، ޒަމާނުއްސުރެ ފެށިގެން މާލޭގައި ހިންގަމުންއައި، މިނިސްޓްރީއޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް، 7 ބަޔަކަށް ބަހާލައި، ރާއްޖޭގެ 7 ސަރަޙައްދެއްގައި ކުރުން. ހަމަ އެކަން އެހެން ކުރަމުންދާއިރުގައި، އެއިން ކޮންމެ ސަރަޙައްދެއްގައި، ކޮންމެ މިނިސްޓްރީއަކުން ޑެސްކެއް ބަހައްޓައިގެން، ނުވަތަ މޭޒެއް ބަހައްޓައިގެން، އެ މިނިސްޓްރީއެއްގެ މަސައްކަތްވެސް އެ ސަރަޙައްދުގައި އެތަނުގައި ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުން. އެއީ، މިހާރު އަޅުގަނޑުމެން މިކުރާ ކަމަކީ.

އަޅުގަނޑު ހަމަ އަޖައިބުވޭ، އެމަސައްކަތަކީ ޤާނޫނުއަސާސީއާ ޚިލާފު މަސައްކަތެއް ކަމަށް ވަކާލާތު ކުރައްވާތީ. ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތް، ރައްޔިތުންނާ ގާތުން ދިނުން އެއީ، ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއް ކަމަކަށް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭ. ޒަމާނުއްސުރެން ފަށައިގެން އެވެރިކަން މާލޭގައި ހިފަހައްޓައިގެން ތިއްބެވި ބޭފުޅުންގެ ކިބައިން، އެބާރު ބީވެގެންދާހިނދު އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ހިތް ނުތަނަވަސްވެގެންދާނެ. ޚާއްޞަކޮށް އަޅުގަނޑު، ހަމަ މާލޭމީހެއް. މިތަނުގައި މާލޭގައިހުރެ، މިވާހަކަ ބުނާއިރު އަޅުގަނޑަށްވެސް އިޙްސާސްކުރެވޭ އެބޭފުޅުންނާ ދިމާވެގެން އެއުޅޭ މައްސަލަ. ޖުމްލަކޮށްހުރިބާރު އަނެއްކާވެސް އަދި އަލުން އަނބުރާ ލިބިވަޑައިގަތްނަމަވެސް އަދި ހޯއްދަވަން އުޅުއްވާއިރުވެސް ބޭނުންވެވަޑައިގަންނަވާނީ ޖުމްލަބާރާ އެކުގައިކަން. މާލޭގައި ބަހާލެވިފައި މިއޮތް ކުޑަބާރު ޙަޤީޤަތުގައި ހޯއްދަވަން އުޅުއްވުމުގެ ބޭނުންފުޅުވެސް ނެތުނީކަމަށްވެދާނެ. އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް އެބަ ވިސްނޭ، ބައެއް ބޭފުޅުން މިމަސައްކަތާ އިދިކޮޅަށް ވަކާލާތު ކުރައްވަމުން އެ ގެންދަވާ ސަބަބު. އަޅުގަނޑު ނުދެކެން، ޙަޤީޤަތުގައި އެއީ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނީގޮތުން އޭގައި ދެއުޅިއެއްވާ ވާހަކައެއް އޮވެގެން ދެކެވޭ ވާހަކައެއްކަމަކަށް.

ދެވަނަ ސުވާލަކަށް، ނުވަތަ ދެވަނަ ނުކުތާއަކަށް ނުކުންނަނީ، އަޅުގަނޑުމެން ޢައްޔަންކުރާ ކައުންސިލަރުގެ ވާހަކަ. އަޅުގަނޑުމެން ކައުންސިލަރުން ޢައްޔަންކުރަނީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން. ކައުންސިލަރުން އިންތިޚާބުކުރަނީ، ލާމަރުކަޒީ އުޞޫލުން، 8 ވަނަ ބާބުގައި އެވާ 230 ވަނަ މާއްދާގެދަށުން. އަޅުގަނޑަކީ ޤާނޫނީ ވަކީލެއް ނޫން އަދި އަޅުގަނޑު މީގެކުރީގައި ބަންޑާރަނައިބުކަމެއްވެސް ނުކުރަން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމެއްވެސް އަޅުގަނޑު ނުކުރަން. އެހެންނަމަވެސް، ހަމަ ވަރަށް ސާފުކޮށް އަޅުގަނޑަށްވެސް އެނގޭ މިންވަރަކީ، އެއްކަމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކުރާކަމެއް. އަނެއްކަމަކީ ހަމަ ޤާނޫނެއް އުފައްދައިގެން، ޤާނޫނެއް ހަދައިގެން، އިންތިޚާބެއް ބާއްވައިގެން، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެދަށުން ކުރަންޖެހޭކަމެއް. މިއީ ހާސްބައި ތަފާތު ދެކަމެއް.
ސުޢޫދު އިތުރަށް ތަފްޞީލުކޮށް ދެއްވައިފި، ސަރުކާރުގެ ބޭނުމަކީ، 231 ވަނަ މާއްދާގެ ދަށުން އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުން އިންތިޚާބު ވަންދެންވެސް އަތޮޅުތައް ހިންގަންޖެހޭނެތީވެ، ރަށްތައް ހިންގަންޖެހޭނެތީވެ، 115 ވަނަމާއްދާގެ ދަށުން ކައުންސިލަރެއް ޢައްޔަންކޮށްފައި ބެހެއްޓުން.

އެކަންސިލަރުގެ މަސައްކަތްވެސް އެކައުންސިލަރުގެ ބޭނުންވެސް 231 ވަނަ މާއްދާގެ ދަށުން ކައުންސިލަރަކު އިންތިޚާބު ކުރީމާ ނިމޭނެ. އެހެންނަމަވެސް، ޤާނުނުއަސާސީ އޮތްގޮތުން ހަމަ އަލުން އަނބުރާ 115 ވަނަ މާއްދާގެ ދަށުންވެސް ކައުންސިލަރު ބެހެއްޓިދާނެ. ސަރުކާރުގެ ބޭނުމަކީ، 115 ވަނަ މާއްދާގެ ދަށުން ކޮންމެ ޕްރޮވިންސެއްގައި ސްޓޭޓް މިނިސްޓަރަކު ހުރުން.

އަޅުގަނޑު އުންމީދުކުރަން، 115 ވަނަ މާއްދާ ހަނިކުރައްވާނެކަމަށް. އެހެންނަމަވެސް، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ އެއޮތީ ވަރަށް ޒުވާންކޮށް. މިޤާނޫނު ބަޔާންކުރާ ކައުންސިލަރަކު އިންތިޚާބުވީމާވެސް ދެން އަންނަ ރައީސުލްޖުމްހޫރިއްޔާއަކަށް މިޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އިންތިޚާބުވި ކައުންސިލަރުގެ މައްޗަށް، ނުވަތަ އިންތިޚާބުވި ކައުންސިލަރު ހުންނަވަނިކޮށް، ކައުންސިލަރެއް ޢައްޔަންކުރެއްވިދާނެ. އަޅުގަނޑު އުންމީދު ކުރަން، އެއީ މިރާއްޖޭގައި ކުރިއަށް އަންނަންއޮތް ރައީސުން ގެންގުޅޭނޭ، ބަދުއަޚްލާޤީ ސިފައެއްނޫންކަމަށް. އަޅުގަނޑެއް ހަމަގައިމުވެސް އެކަމެއް އެގޮތަކަށް ނުކުރާނަން. 231 ވަނަ މާއްދާގެ ދަށުން ކައުންސިލަރެއް އިންތިޚާބުވީމާ، 115 ވަނަ މާއްދާގެ ދަށުން އިންތިޚާބު ވެފައިވި ކައުންސިލަރެއްގެ ބޭނުމާއި މަގާމާއި މުއްދަތު ހަމަވެ ނިމިދިޔައީ.

މިސަރުކާރުގެ ބޭނުމަކީ، މިހާރު ދެވަނަ މަރްޙަލާއަކަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ދާނީ، މިހާރު އަތޮޅުތައް ހިންގުމާ ގުޅޭގޮތުން އޮތް ނިޒާމެއް، ކުރީގައި މިނިސްޓްރީއޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ގޮތުގައި ހިންގަމުން އައި މިނިސްޓްރީ އުވާލަން. އަޅުގަނޑުމެންނަށް 7 ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރުން ޢައްޔަން ކުރެވުނީމާ، މާލޭގައި އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ގޮތުގައި ތަނެއް ހިންގުމުގެ ބޭނުމެއްނެތް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް 1 މަސް ދުވަހުގެ ތެރޭގައި މިހާރު އެހުރި ފާށަނާ ބިލްޑިންގ ބަންދުކުރެވޭނެ. އެބިލްޑިންގް ހުރިތަން، އެ ޢިމާރާތްހުރި ބިން އެއަށްވުރެ ހެޔޮގޮތުގައި ބޭނުންކުރެވި، އަޅުގަނޑުމެންނަށް މާލޭގައި ތިބެގެން އަތޮޅުތަކުގެ ކަންތައްތައް ހިންގުން ހުއްޓާލެވޭނެ. އަޅުގަނޑަށް އެނގޭ، މިމަސައްކަތާ އެތައްބޭފުޅުންނެއް، ހަމަމުޅިން ހިތްހަމަޖެހިވަޑައިނުގަންނަވާ ތިއްބަވާނެކަން. ޚާއްޞަކޮށް، ވަރަށް ގިނަދުވަސްވަންދެން ފާށަނާ ބިލްޑިންގްގައި ތިއްބަވާފައި ތިއްބެވި ބޭފުޅުން. އަދި އެބިލްޑިންގއާ އެކިގޮތްގޮތުން ގުޅިވަޑައިގެންފައިވާ ބޭފުޅުން.

އެހެންނަމަވެސް، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު މިދަންނަވަނީ، މި ސަރުކާރުގެ އަމާޒަކީ، އެންމެލަސްވެގެން މޭމަހަށް، ފާށަނާ ބިލްޑިންގް ބަންދުކުރުން. ފާށަނާ ބިލްޑިންގގައި އެއީ މިއަހަރަށް ބަޖެޓުކޮށްފައިއޮތް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މާލޭ އިދާރީ ބަޖެޓްގައި އޮތް 47 މިލިޔަން ރުފިޔާގެ ކޮންމެވެސް މިންވަރެއް، 10 ޕަރސެންޓް ނަމަވެސް، ހޯމްއެފެއާރޒްގައި ބަހައްޓައި، އަދި މިހާރު އެ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި އެތިއްބެވި ބޭފުޅުންގެތެރެއިން ފަސް ހަ ބޭފުޅެއް ހޯމްއެފެއާރޒްގައި ވަޒީފާއަދާކުރައްވާގޮތަށް ނިންމުން. ދެން ތިއްބެވި ހުރިހާބޭފުޅުންގެ ވަޒީފާތައް އޮންނާނީ، އެބޭފުޅުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ، ޕްރޮވިންސްތަކަށް، އަތޮޅުތަކަށް. އަޅުގަނޑުމެންނެއް އެއްވެސް ބޭފުޅަކު ވަޒީފާއަކުން ވަކިކުރާކަށެއް ނޫޅެން. އަޅުގަނޑުމެން ހަމައެކަނި ކުރަންވެގެން މިއުޅޭކަމަކީ، މާލޭގައި ހުރި ވަޒީފާތައް އުވާލާފައި، ހަމަ އެވަޒީފާތައް އަތޮޅުތަކުގައި އުފެއްދުން. އަޅުގަނޑުމެން މިލަފާކުރަނީ، މިމަސައްކަތް އަޅުގަނޑުމެންނަށް ނިންމުނީމާ، އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެތިއްބެވި ހުރިހާބޭފުޅުން އަތޮޅުތަކުގެ އެކިއެކި ޕްރޮވިންސްތަކުގައި ވަޒީފާއަދާކުރައްވަން ފަށްޓަވާނެކަމަށް. އިރާދަކުރެއްވިއްޔާ، މިދަންނަވާހެން މޭ މަހުގެ ނިޔަލަށް އަޅުގަނޑުމެން އެ ޢިމާރާތުގެ ބޭނުންކުރުން ހުއްޓާލާނަން.
އަޅުގަނޑުމެން މިދެކެނީ، އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް، ނޫނީ، އަތޮޅުތައް ހިންގުމަށް ގެންނަ މިދަންނަވާ ބަދަލު އަޅުގަނޑުމެންނަށް ގެނެވުނީމާ، ކޮންމެ ޕްރޮވިންސެއްގައި މަދުވެގެން ފަންސާހާ އަށްޑިހައާ ދެމެދުގެ އަދަދަކަށް ވަޒީފާ އެބަ އުފެދޭ. އުފެދުނީމާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ އޭގެސަބަބުން އެއްފަހަރާވެސް މާލެއިން ވަރަށްގިނަ އަދަދެއްގެ ވަޒީފާ އަތޮޅުތަކަށް ފަހިވެގެންދާނޭކަމަށް. އަޅުގަނޑުމެންގެ ބޭނުމަކި، ހުރިހާ ވަޒީފާ މާލޭގައި ތޮއްޖައްސާފައި ނުބެހެއްޓުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަތޮޅުތައް ތަރައްޤީ ކުރުން، އަޅުގަނޑުމެން އެމަސައްކަތް މިކުރަނީ. މިރާއްޖޭގެ ރައްޔިތުން، މިރާއްޖޭގެ ވެރިކަމަށް ގެނައި ބަދަލު ތަންފީޒުކުރުމަށްޓަކައި. ރައްޔިތުންގެ އެދުން، ރައްޔިތުންގެ ނިންމުން ވަރަށް ސާފު.

އެމް.ޑީ.ޕީ އިން ހުށަހެޅީމު، މެނިފެސްޓޯއެއް. އެ މެނިފެސްޓޯގައި ވަރަށްސާފުކޮށް ބަޔާން ކޮށްފައިއޮތް، އިދާރީ ދާއިރާތައް ހިންގާނެގޮތް. އެ މެނިފެސްޓޯގައި ވަރަށް ތަފްޞީލުކޮށް، ކަންކަން ހިނގަމުންދާނެގޮތް ކިޔައިދީފައިއޮތް. އެމައްޗަށް ރާއްޖޭގެ ރައްޔިތުން ވޯޓުދިނީ. އެއީ، ސަރުކާރުގެ ސިޔާސަތަކަށްވުމަށް ރާއްޖޭގެ ރައްޔިތުން އެދުނީ. ރައްޔިތުން އެހެން އެދުނީމާ، ދެން އަޅުގަނޑުމެންނަކަށެއްނެތް، މިދަންނަވާ ލާމަރުކަޒީ އުޞޫލުންކަންކަން ނުކޮށް، ފަހަށްޖެހެވެނޭ ހަމައެންމެ ފިޔަވަޅެއްވެސް. އަޅުގަނޑުމެންނަކަށެއް، ސަރުކާރަކަށެއް މިއަދަކު ފަހަތަށް ޖެހެވޭނެ އެއްވެސް ފިޔަވަޅެއް، ޖާގައެއް ނެތް.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ ދެނުކުތާއެއް. ފުރަތަމަ ނުކުތާއަކީ، މިއީ އަޅުގަނޑުމެންގެ އިންތިޚާބުގެ އެންމެބޮޑު ވަޢުދޭ. މިވަޢުދު އަޅުގަނޑުމެން ފުއްދަންޖެހެއޭ. އެކަންކުރުމަށޭ، އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ. ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން ފިޔަވައި އެނޫން އެހެން އެއްވެސް ސަބަބެއްނެތް، ސަރުކާރު ދެމިއޮންނަންވީ. އެހެންވީމާ، އަޅުގަނޑުމެން މިކަމާ ކުރިޔަށް ދާންޖެހޭނެއޭ. ދެވަނައަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން މިއެދެނީ، 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ޢައްޔަންކުރާ ކައުންސިލަރު، "ކައުންސިލަރު" އެބަސް އެއީ އާންމު ނަމެއް. ޚާއްޞަނަމެއްނޫން. ޤާނޫނުއަސާސީގައިވެސް އަދި އާންމު އިލެކްޝަނުގައިވެސް. އަޅުގަނޑުމެން ބަލައިފިއްޔާ، ކައުންސިލަރަކު ހުރެދާނެ، ބޭރު ޤައުމެއްގައި ޑިޕްލޮމެޓިކްގޮތުންވެސް. ޤާނޫނަކުންނޫން އެކައުންސިލަރު އެތަނަށް އިންތިޚާބުކުރަނީކީ. އެއީ މުޅިން އެހެން ހަމައެއްގައި ޢައްޔަންކުރެވޭ ކައުންސިލަރެއް. އަޅުގަނޑު ހަމަ ސާފުކޮށްދެވޭތޯ މިބަލަނީ، މި 115 ވަނަމާއްދާއާއި 231 ވަނަ މާއްދާ. 231 ވަނަ މާއްދާގެ ދަށުން އަޅުގަނޑުމެން އިންތިޚާބު ކުރަން ޖެހެނީ، ކައުންސިލަރުން. އެ ކައުންސިލަރުން އަޅުގަނޑުމެން އިންތިޚާބެއް ނުކުރަން. އަޅުގަނޑުމެންނަކަށް ނުވެސްކުރެވޭނެ އެކަމުގެ ޤާނޫނެއްނެތިސް. މިރޭ އަޅުގަނޑުމެން މިހުށަހެޅީ އެކަމަށްޓަކައި އަޅުގަނޑުމެން އުފެއްދި ޤާނޫނެއް.

އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ވަރަށްބޮޑުތަން ދިގުވެއްޖެހެން. އަޅުގަނޑު މާ އިތުރުވާހަކައެއް ދައްކާކަށެއްނޫން އޮތީކީއެއް. ވެބްސައިޓް ހުޅުވުމަށްފަހު، އަޅުގަނޑު ދެތިންއެއްޗެއް ބުނެލުމަށް އެދިފައި އޮތީތީވެ، އަޅުގަނޑު ދެތިންއެއްޗެއް ސާފުކޮށްދެވޭތޯ މަސައްކަތްކުރީ. އަޅުގަނޑު ސާފުކޮށްދޭން ބޭނުންވަނީ ހަމަ މިދެނުކުތާ.
1- އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ މިސަރުކާރު ދެމިއޮންނަންޖެހޭނީ މިމަސައްކަތްކުރުމުގައި އެކަނި. އެހެންވީމާ، އަޅުގަނޑުމެން ލާމަރުކަޒީ މަސައްކަތް ބާރަށް ހިނގަމުން ގެންދާނެ.
2- އަޅުގަނޑުމެން މިކުރަނީކީއެއް ޤާނޫނުއަސާސިއާ ޚިލާފު ކަމެއްނޫން. މި ސަރުކާރަކުންނެއް ޤާނޫނުއަސާސީ އެއްވެސް ޢަމަލެއް އިރާދަކުރެއްވިއްޔާ ނުކުރާނެ.

اَلحَمْـدُ لِلّـهِ .ވަރަށްބޮޑަށް ޝުކުރިއްޔާ!