بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، މިދަތުރުގައި އިންޑިޔާގެ ސަރުކާރުގެ ވެރިންނާއި އަދި އޭގެއިތުރުން، އިންޑިޔާގެ ވިޔަފާރިވެރިންގެ ތެރެއިން، އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންނާ އަޅުގަނޑުމެން ބައްދަލުކުރިން. މިދަތުރުގައި އަޅުގަނޑުމެންނަށް ހޯދުނު ކާމިޔާބު ވަރަށްވެސް ބޮޑު. އިންޑިޔާ ސަރުކާރުން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ އެހީއެއް ދެއްވުމުގެ އެގްރީމެންޓްގައި އަޅުގަނޑުމެންނަށް މިފަހަރު ސޮއިކުރެވުނު.

އޭގެއިތުރުން، އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނާ އެއްބަސްވެ އަދި އާނބަސް ވިދާޅުވެފައި އޮތީ، އިތުރު ދެކަމަކަށް. އޭގެތެރޭގައި، ފުރަތަމައަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ލެންޑިންގ ސީލިންގ މިހާރު މިއޮތް ޢަދަދަށްވުރެ 300 މިލިޔަން ޑޮލަރު އިތުރުކޮށްދިނުން. އެކަމަށް ޕްލޭނިންގ މިނިސްޓަރ އަޅުގަނޑު ގާތުގައި އާއެކޭ ވިދާޅުވި. އޭގެފަހުން، ފޮރިން މިނިސްޓަރުވެސް އާއެކޭ ވިދާޅުވި. އަދި ރޭގައި އޮތް އޮފިޝަލް ބެންކުއެޓްގައި ސްޓޭޓް ބޭންކުގެ އެންމެ އިސް ޗެއަރމަން އަޅުގަނޑުމެންނާ ބައްދަލުކުރި. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މިހާރު އެކަން ދެން ހަމަޖެއްސުމަކީ ފޯމަލިޓީއަކަށް ވެގެންދާނެ ކަމަށް.

އޭގެއިތުރުން، އަޅުގަނޑުމެން އިންޑިޔާގެ އެގްޒިންގ ބޭންކުން ދިވެހިރާއްޖެއަށް އިންޑިޔާއިން އެކްސްޕޯޓްކުރާ ވިޔަފާރިވެރިންނަށް ފެސިލިޓީ ހަމަޖައްސައިދިނުމަށް ކަންތައްތައް ރާވައި ދިނުމަށް އެދުނިން. އެކަންވެސް އިންޑިޔާ ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ދެއްވި. އެހެންވީމާ، ރުފިޔާ ނުވަތަ ޑޮލަރުގެ ގޮތުން ބައްލަވާ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް ސީދާގޮތުގައި މިދަތުރުން 600، 700 މިލިޔަން ޑޮލަރުވަރު، ރާއްޖޭގެ އިޤްތިޞާދަށް ވަގުތުން ވަގުތަށް ގެނެވޭގޮތް ހަމަޖެހިއްޖެ.

އޭގެއިތުރުން، ރަށްރަށުގެ ނަރުދަމާއާއި، ރަށްރަށުގެ ފެނާއި، ރަށްރަށުގެ ބަނދަރުތަކާއި އަދި ހޮސްޕިޓަލްތަކާއި މަދަރުސާތައް ކުރިއެރުވުމަށްޓަކައި އިންޑިޔާގެ އެކިއެކި ކުންފުނިތަކާ އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ކުންފުނިތަކުގެ ފަރާތުންނާއި އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ފަރާތުން ވާހަކަ ދެއްކި. ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަން އެ ކުންފުނިތައް ވަރަށް ބޮޑަށް ތައްޔާރަށް ތިބިކަން އަޅުގަނޑުމެންނަށް ފާހަގަވި. އެކަންކަމަށް އެބޭފުޅުން ޝައުޤުވެރިވެވަޑައިގަންނަވާ. އަޅުގަނޑުމެންވާނީ އިންޑިޔަން އިންޑަސްޓްރީޒާއި އަދި ދިވެހިންގެ ތެރެއިން ބަޔަކާ އެކީގައި ގުޅުވާލެވޭ ޖޮއިންޓް ޓްރޭޑް ގްރޫޕެއް އުފެއްދުމުގެ ހުރިހާ ކަމެއް ނިންމާފައި. އެއީ، އިންޑިޔާގެ ޗެމްބަރ އޮފް ކޮމާސް ހިމެނޭގޮތަށް އަޅުގަނޑުމެންގެވެސް ޗެމްބަރ އޮފް ކޮމާސް އާއި ޕަޓީއާއި އަދި ސީ ފުޑް ޖަމާޢަތާ މަސީއާއެކު މައިގަނޑު ހަތަރު ޖަމްޢިއްޔާއާ އެކީގައި އަޅުގަނޑުމެން ދަތުރުކުރީ. އެހެންވީމާ، ވިޔަފާރިވެރިން ވަރަށް ފުންކޮށް، އެބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދެވީ.

އިންޑިޔާގައި ދިވެހި ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ސްކޮލަރޝިޕްތައް ހޯދައިދިނުމަށް އަޅުގަނޑުމެން ވާހަކަ ދެއްކީމު. އެކަންވެސް އިންޑިޔާ ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވަނީ. އަޅުގަނޑުމެން މިދެކެނީ އަޅުގަނޑުމެންގެ އެޑިޔުކޭޝަން މިނިސްޓަރާއި އަދި ސަރުކާރުގެ ކަމާބެހޭ އެހެން ފަރާތްތައް މެދުވެރިކޮށް މިކަންވެސް ވީހާ އަވަހަކަށް ހިނގައިގަންނާނެ ގޮތެއް ހޯދޭނެ ކަމަށް.

ޕަންޖާބު ނޭޝަނަލް ބޭންކުގެ އެންމެ އިސްވެރިންނާ އަޅުގަނޑުމެންނާ ބައްދަލުވި. ރާއްޖޭގައި އިތުރު ބޭންކެއް ހިންގުމުގެ ޝައުޤުވެރިކަން އޮތްކަން އެބޭފުޅުން ހާމަކުރެއްވި. ރާއްޖޭގައި ބޭންކިންގ ކަންތައް ކުރިއަށް ގެންދަން އަޅުގަނޑުމެން އެބޭފުޅުންނަށްވެސް ދަޢުވަތު އެރުވިން.
މީގެއިތުރުން، އިންޑިޔާއާއި ދިވެހިރާއްޖެއާ ޒަމާނުއްސުރެ ފަށައިގެން އޮންނަ ގުޅުން، ސަރުކާރާއި ސަރުކާރާ އެކަނި އޮންނަ ގުޅުމެއްގެ ބަދަލުގައި، ރައްޔިތުންނާއި ރައްޔިތުންނާ އޮންނަ ގުޅުމަކަށާއި، އިންޑިޔާގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ދެމެދުގައި އޮންނަ ގުޅުމަކަށް އަޅުގަނޑުމެން ބަދަލުކުރުމަށް ވާހަކަތައް ދައްކައި، އެކަންކަން ކުރިއަށް ގެންދިޔައިމު.

ސަލާމަތީ ކަންކަމާއި، ޑިފެންސާ ގުޅޭ ވާހަކަތަކެއް، މިފަހަރުގެ ދަތުރުގައި އަޅުގަނޑުމެން އެހާ ބޮޑަކަށެއް ނުދައްކަން. އަޅުގަނޑުމެންގެ މިދަތުރުގެ މައިގަނޑު ބޭނުމަކަށްވެފައި އޮތީ، ވިޔަފާރީގެ ކަންކަމާއި އިޤްތިޞާދީ ކަންކަމާއި އަދި މާލީ ކަންކަން، ތަޢްލީމާ ގުޅޭ ކަންކަން ފުރިހަމަ ކުރުމުގައި ވާހަކަ ދެއްކުން. ބެންގަލޫރުގެ ޑްރަގް ރީހެބިލިޓޭޝަނަކުން ޖާގަ ލިބޭނެ ކަމަށްވެސް އަޅުގަނޑުމެންނަށް އިންޑިޔާ ސަރުކާރުން ޔަޤީންކަން ދެއްވި. އަދި އެ ރީހެބިލިޓޭޝަން ސެންޓަރުގެ އިސްބޭފުޅުންނާ އަޅުގަނޑުމެންނާ ބައްދަލުވި. ޖުމްލަ ގޮތެއްގައި ދަންނަވަނީނަމަ، އަޅުގަނޑުމެންނަށް މިކުރެވުނީ، އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ދަތުރެއް. އިރާދަކުރެއްވިއްޔާ ބޭންކުތަކަށްވެސް މިހާރު ދާދި އަވަހަށް ފައިސާ ލިބިގެންދާނެ. އަދި ޢާންމު ރައްޔިތުންގެ އަތަށްވެސް އެ ފައިސާ އަރަން ޖެހޭނެ. އެހެންވީމާ، އަޅުގަނޑު ދެކެނީ މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް.

އަޅުގަނޑު ތިޔަބޭފުޅުންގެ ދެތިން ސުވާލެއް ނަގާފައި ޖަވާބު އެރުވޭތޯ ބަލާނަން. އޭގެކުރީގައި ދަންނަވާލަން. އިންޑިޔާގެ ބޮމްބޭއާއި މާލެއާ ދެމެދުގައި މަތިންދާބޯޓުގެ ލިންކެއް، ދަތުރުފަތުރު ކުރުމުގެ ލިންކެއް ޤާއިމު ކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން ވާހަކަ ދެއްކީމު. އަދި ޓްރިވެންޑްރަމުން ފުރައިގެން އެހެން ޤައުމުތަކަށް ދިވެހި ބޯޓުފަހަރަށް ދެވޭނެ ހުއްދައާއި އެކަމާގުޅޭ ކަންކަމާވެސް އަޅުގަނޑުމެން ވާހަކަ ދެއްކީމު. އެކަންކަންވެސް އެބޭފުޅުން ފުރިހަމަކޮށްދެއްވާ ގޮތަށް ތިއްބެވީ.

އިންޑިޔާ ސަރުކާރު ވަރަށް ބޮޑަށް މަރްޙަބާކީ. ޚާއްޞަކޮށް، ދިވެހިރާއްޖޭގައި އެންމެ ފުރަތަމައިނުން އުފެދުނު ޑިމޮކްރެޓިކް ވެރިކަން، އެބޭފުޅުން ވަރަށް ރަނގަޅަށް ގަބޫލުފުޅު ކުރެއްވި. އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާހަގަވި، މީގެކުރީގައި ދިވެހި ސަރުކާރާއި އެބޭފުޅުންނާ ދެމެދު ގުޅުންތަކެއް އޮންނައިރުގައިވެސް، ޑިމޮކްރެޓިކް ވެރިކަމެއްގެ ތެރެއިން ނުވަތަ ނިޒާމެއްގެ ތެރެއިން އުފެދޭ ސަރުކާރަކާއި، އިންޑިޔާގައި އޮންނަ ސަރުކާރަކާ އޮންނާނެ ގާތްކަން މާބޮޑުވާނެކަން. އެއީ، އަޅުގަނޑުމެންނަށް މިހާރު މިތިބެވެނީ، އެއްފިކުރަކަށް އާދެވިފައި ކަމަށްވާތީ. އެހެންވީމާ، އެ ސަބަބަށްޓަކައިވެސް އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވުނު. ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވިޔަފާރިވެރިންނަށް، ނޫސްވެރިންނަށް، ފޮޓޮގްރާފަރުންނަށް. އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނަށް، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ! ތިޔަބޭފުޅުންގެ ދެސުވާލެއް އަޅުގަނޑު ނަގާނަން.

ސުވާލު 1: ޙާމިދު ހުޒާމް - ޓީ.ވީ މޯލްޑިވްސް:

އަޅުގަނޑު ދަންނަވަން ބޭނުންވާ ސުވާލަކީ، މިދަތުރުފުޅުގެ ސަބަބުން ދިވެހި ރައްޔިތުންނަށް، ވަކި މާލެއެއް ނޫން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކަކީ ކޮބައިތޯއޭ؟ ރަށްރަށުގައި ސްކޫލްތައް އެޅުމާއި، ހޮސްޕިޓަލްތައް އެޅުމާއި، ނަރުދަމާގެ ނިޒާމާއި، ރައްޔިތުންނަށް ބޭނުންވެފައި ހުރި މިފަދަ ޟަރޫރީ ބޭނުންތަކެއްގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ. އެހެންވީމާ، އެކަންކަމާމެދު އިންޑިޔާ ސަރުކާރުން މިހާރު ދެއްވާފައިވާ ޖަވާބަކީ ކޮބައިތޯ؟ ރައްޔިތުންނަށް ކުރެވޭނެ އުންމީދަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ނަރުދަމާއާއި ފެނާއި، މިބާވަތުގެ އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑުމެން ގަސްދުކުރަނީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކެއް މެދުވެރިކޮށްގެން. އެ ކުންފުނިތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންނެވި. އެބޭފުޅުން އިންޑިޔާގެ ކަމާބެހޭ އެކިއެކި އިންޑަސްޓްރީޒްތަކާ ވާހަކަ ދެއްކެވި. އެބޭފުޅުން ޝައުޤުވެރިވެވަޑައިގަންނަވާ، އަޅުގަނޑުމެންގެ ކުންފުނިތަކުގައި ޙިއްޞާވާ ބައިވެރިންނަށްވުމަށް. އެހެންވީމާ، އެބޭފުޅުންގެ ބައިވެރިވުމާއެކީގައި ވަރަށްގިނަ ރަށްރަށުގެ ނަރުދަމާއާއި ފެނާއި މަގާއި އަދި ބަނދަރާ، މިބާވަތުގެ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. އެހެންވީމާ، ރައްޔިތުންނަށް އޭގެ އެތައް ލުޔެއް ލިބިގެންދާނެ. އެންމެ ބޮޑުކޮށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، މިވަގުތުން ވަގުތަށްވެސް ބޭންކުތަކަށް ދިމާވެފައި ހުރި ފައިސާގެ ދަތިކަން ޙައްލުވެގެންދާނެ ކަމަށް. އެހެންވީމާ، އެއީ އަޅުގަނޑުމެން މިދެކެނީ، ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް. ވަރަށްބޮޑު ފައިދާއެއް ކަމަށް.

ސުވާލު 2: ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

މަނިކުފާނު ވަޑައިގެންނެވި މަޤްޞަދު އޭރު ރަނގަޅަށް ވިދާޅުވެދެއްވައިފި. އެއިން ޙާޞިލުވާނެ ކާމިޔާބީތަކެއްވެސް ވިދާޅުވެދެއްވައިފި. ދެން ފައިސާގެ މައްސަލަ ޤައުމަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު އިތުރަށް އަންނާނެ ކަމަށް އުންމީދު ކުރެއްވޭ ޕަންޖާބު ބޭންކް ރާއްޖެ އައުމުގެ ކަންތައް ކިހާ ހިސާބެއްގައި ގާތްގަނޑަކަށް ފެށިގެން އޭގެ ފައިދާ އަޅުގަނޑުމެންނަށް ކުރާނެ ކަމަށް ފެނިވަޑައިގަންނަވާތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑުމެން މިދެކެނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ފުރަތަމަ ކަމަކަށް 100 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިޔަން ޑޮލަރު އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. އަޅުގަނޑު ގާތުގައި ޢަލީ ހާޝިމް ވިދާޅުވެފައި އޮތީ، އެ ފައިސާ ލިބުނީމާ، އެއިން އެންމެ ބޮޑަށް ކުރުމަށް ރަނގަޅު ކަމަކީ، އަދި އަޅުގަނޑު ދެކޭގޮތުގައިވެސް އެކަމަކީ، މިހާރު އެމް.އެމް.އޭ.އަށް ސަރުކާރުން ދަރާފައި އޮތް ދަރަނީގެ ވީހާވެސް ބޮޑުބައެއް ދެއްކޭތޯ ބެލުން. އެއީ، އެމް.އެމް.އޭ. ގައި ފައިސާ ބެހެއްޓޭތޯ ބެލުމަށް. އެހެންވީމާ، އެފައިސާ އެމް.އެމް.އޭ.އަށް ވަދެގެންދާނެ. ދެން އަޅުގަނޑު މިދެކެނީ، ސްޓޭޓް ބޭންކުގެ ލެންޑިންގ ސީލިންގ މައްޗަށް ޖެއްސީމާ، އޭރުންވެސް ޑޮލަރުގެ ދަތިކަން ފިލައިގެންދާނެ ކަމަށް. އަދި އެގްޒިންގ ބޭންކް އާދެ، އިންޑިޔާ އިމްޕޯޓް އެކްސްޕޯޓް ބޭންކުން ވިޔަފާރިވެރިންނަށް އެ ފެސިލިޓީ ހަމަޖައްސައިދޭން ފެށީމާ، ވިޔަފާރިވެރިންނަށްވެސް އެތައް ތަނެއް ލުއިވެގެންދާނެ. އާދެ! ޕަންޖާބު ބޭންކު އައުމަށް އަޅުގަނޑަށް ހީވަނީ އަދި ދެތިން މަހެއް ނަގާފާނެހެން. އެހެންކަމުން، މިދެންނެވި ކަންކަން ފުރިހަމަވެގެންދާކަށް އެހާ ދުވަހެއް ވެގެނެއް ނުދާނެ.

ސުވާލު 3: ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަދި އެންމެ ސުވާލެއް. އެއީ ކުރީގައިވެސް އެތައް ދަތުރުފުޅެއް މަނިކުފާނުވަނީ އިންޑިޔާއަށް ކުރައްވާފައި. ދެން މިފަހަރު ތިޔަ ކުރެއްވީ ރަސްމީ ދަތުރުފުޅެއް. ރައީސެއްގެ ޙައިޘިއްޔަތުން. ދެން މިދަތުރުފުޅަށްފަހުގައި އިންޑިޔާ ސަރުކާރު ހިނގަމުންދާގޮތާއި، އަޅުގަނޑުމެން އުޅެމުން މިއައި ހާލާއި ދެން ކުރިއަށް އޮތް ތާނގައި ރާއްވަވާފައި އޮތް ގޮތަށް ބަލާއިރުގައި، ކޮންކަހަލަ ފައިދާތަކެއް މަނިކުފާނުގެ ސަރުކާރަށް ލިބިވަޑައިގެންނެވި ކަމަށް ގަބޫލުފުޅު ކުރައްވަމުތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އެބޭފުޅުން ތިއްބެވީ، ޑިމޮކްރެޓިކް ދިވެހިރާއްޖެއަކާ ވަރަށް ބޮޑަށް އެންގޭޖްވުމަށް ތައްޔާރަށް. އެހެންވީމާ، އޭގެ ސަބަބުން ދިވެހިންނަށް ފައިދާ ލިބިގެންދާނެ. އަދި އަޅުގަނޑު ދަންނަވާނީ، އޭގެ ސަބަބުން އިންޑިޔާ ސަރުކާރަށްވެސް ވަރަށްބޮޑު ފައިދާ ލިބިގެންދާނެއޭ. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސްވެސް، މިކަމުގައި އިންޑިޔާއަށްވެސް އެބައޮތް، ދިވެހިރާއްޖޭގެ ކިބައިން އެތައް ފިލާވަޅެއް ހޯދެން. އެހެންވީމާ، އަޅުގަނޑުމެން ދެބައިމީހުންނަށްވެސް މީގެ ތެރެއިން ކިތަންމެ ފައިދާއެއް ވެގެންދާނެ. ތެދުފުޅެއް. މިދިޔަ އެތައް ޒަމާނެއްގައި އަޅުގަނޑުމެން އިންޑިޔާއަށް އެތައް ދަތުރެއްވަނީ ކޮށްފައި. އެހެންވީމާ، އެދަތުރުތަކުގެ ތެރެއިން އިންޑިޔާ ސަރުކާރުގެ އެކިއެކި ބޭފުޅުންނާވެސް ކުރީގައިވެސް އަޅުގަނޑުމެންނަށްވަނީ ބައްދަލުވެފައި. މިފަހަރު އަޅުގަނޑުމެންނަށް ރަސްމީކޮށް، ރަސްމީ ސިފައެއްގައި އެބޭފުޅުންނާ ބައްދަލުވީތީވެ، އެބޭފުޅުންވެސް ވަރަށް އުފާކުރައްވައި އަޅުގަނޑުމެންނާ ވާހަކަ ދައްކަވައި ހެއްދެވި.

ދެން އަޅުގަނޑު ނާއިބު ރައީސް ޑޮކްޓަރ ވަޙީދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑު ރަށުގައި ނެތްއިރުގައި، ސަރުކާރުގެ އެންމެހާ ކަންތައްތައް އެންމެ ފުރިހަމައަށް ބަލަހައްޓަވައިދެއްވި. މިއީ، ތަންފީޒު ކުރަން މިފެށުނު، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރަށުގައި ނެތިސް، ރައީސުލްޖުމްހޫރިއްޔާގެ އެންމެހާ މަސައްކަތްތައް، ނާއިބު ރައީސް އަދާކުރެއްވި ފުރަތަމަފަހަރު. އެކަމަށްޓަކައި ވަޙީދަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!