بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ ނައިބު ރައީސް މުޙަންމަދު ވަޙީދު ޙަސަން މަނިކާއި އަދި ފިނޭންސް މިނިސްޓަރ ޢަލީ ހާޝިމާއެކުގައި. އަޅުގަނޑުމެން މިއަދު މިބައްދަލުކޮށްލަނީ ބައެއް އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން މިހާރު ލިބެންޖެހޭ މަޢްލޫމާތު ކަމަށް އަޅުގަނޑުމެންނަށް ފެންނަ ބައެއް މަޢްލޫމާތު އެރުވުމަށްޓަކައި. އޭގެތެރެއިން އަޅުގަނޑު ޚާއްޞަކޮށް ފާހަގަކުރަން ބޭނުން މިމަހު، މުދަލާއި ޚިދްމަތުގެ އަގު މިވަނީ ވަރަށްބޮޑުތަން ދަށަށް ގޮސްފައި. މިދިޔަ އަހަރުގެ މިދުވަސްވަރު އަގުތައް ހުރި މިންވަރާ އަޅާބަލާއިރުގައި އިންފްލޭޝަން މިއޮތީ 12.06 ޕަސެންޓުން 10.38 ޕަސެންޓަށް ދަށްވެފައި. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ސަރުކާރުގެ މާލީ ސިޔާސަތުގެ އެންމެބޮޑު އެއް އަމާޒަކީ، މިޞްރާބަކީ، މުދަލާއި ޚިދްމަތުގެ އަގު ދަށްކުރުން. އަޅުގަނޑުމެންނަށް އެހެންވީމާ މިކަން އެބަ ކާމިޔާބު ކުރެވޭ. އަޅުގަނޑުމެން މިދެކެނީ އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި މިހާރު މިހުރި އަގުތައް މިހާރު އިންފްލޭޝަން މިހުރި މިންވަރު، ދެބައިކުޅަ އެއްބަޔަށް ދަށްވެގެން ދާނެކަމަށް.

މުދަލާއި ޚިދްމަތުގެ އަގު ދަށަށް ދިއުމުގެ އިތުރުން، މަސްވެރިކަމާ ގުޅޭ ސިޔާސަތަކަށް އަންނަ ބަދަލާއެކު ބައެއް ވާހަކަ މިއަދު އަޅުގަނޑުމެން ހާމަކުރަން ބޭނުން. އޭގެ ތެރޭގައި ޚާއްޞަކޮށް އެނގިވަޑައިގަންނަވާނެ 2005 ވަނަ އަހަރުވަނީ މަސް ގަންނަ ފަރާތްތަކުން މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމުގެ އިންތިޒާމެއް ހަމަޖެހިފައި. އެ އިންތިޒާމުގެ ދަށުން އޭރު ކަނޑައެޅިފައި އޮތް އަގަކީ ތިންރުފިޔާ ބައި ނުވަތަ ތިންރުފިޔާ ލާރިކޮޅެއް. އޭރުގައި ހަމަޖެހިފައި އޮތީ ކޮންމެ ހަމަހަކުން އެއަގު ބަދަލު ކުރަމުން ގެންދިޔުމަށް. މިހާރު ސަރުކާރުން މިނިންމަނީ ފްލޯ ޕްރައިޒް ކޮންމެ ހަފްތާއަކު އެއްފަހަރު އަލުން އަނބުރާ ކަނޑައަޅައި އެޤާއިމު ކުރަމުން ގެންދިޔުމަށް. އަދި މިހަފްތާގައި އަޅުގަނޑުމެންނަށް ޑޮކްޓަރ ޑީ.ޑީ ފިޝަރީޒް މިނިސްޓްރީން އޭގެ ތަފްސީލު ދެއްވާނެ މިހަފްތާގެ ފްލޯ ޕްރައިޒްގެ އަގާ ގުޅޭގޮތުން. އަޅުގަނޑު މިއުންމީދު ކުރަނީ އެއަގު އިރާދަކުރެއްވިއްޔާ މިހަފްތާގައި ހަރުފިޔާއަށް އަޅުގަނޑުމެންނަށް ބެހެއްޓޭނެކަމަށް.

މަސްވެރިންނަށް ލިބޭ އަގު ދަށްވުމުގައި ދިމާވެފައިވާ އެންމެބޮޑު އެއް ސަބަބަކީ، މިރާއްޖޭގެ މަސްވެރިންގެ އަތުން މަސް ގަތުމުގައި ވިޔަފާރީގެ ފުރިހަމަ ވާދަވެރިކަން އެ ޞިނާޢަތުގެ ތެރެއަށް ގެނެވިފައި ނުވާކަން. އެކަން މިހެން މިއޮންނަނީ އެނގިވަޑައިގަންނަވާނެ މިހާރު މަސްގަނެ ބޭރު ކުރުމުގެ ލައިސަންސް ލިބިދީފައިމިވަނީ 4 ޒޯނެއް ކަނޑައެޅުމަށްފަހުގައި، އެ 4 ޒޯނުގެ ވިޔަފާރި ހިންގާ ފަރާތްތަކަށް. އެހެންވީމާ، އެ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައި މަހުގެ އަގަށް ބަދަލެއް ގެނެވޭތަނެއް ނާދޭ. ސަރުކާރުން ގަސްދުކުރަނީ، މިދެންނެވި އެކްސްކްލޫސިވް ނުވަތަ ހަމައެކަނި އެންމެ ފަރާތަކަށް މަސް ގަނެ ބޭރުކުރުމުގެ ޙައްޤު ދީފައި އޮތް އޮތުމަށް ބަދަލެއް ގެނައުމަށް އެފަރާތްތަކާވެސް ވާހަކަދެއްކުމަށް. އަދި އެފަރާތްތަކާ އެކުގައި ސަރުކާރުން ކުރެވިފައިހުރި ކޮންޓްރެކްޓްތަކުގެ އަލީގައި އަދި އެކޮންޓްރެކްޓްތަކަށް އެފަރާތްތަކުން އިޙްތިރާމްކުރާ މިންވަރާ މިކަންކަމަށް ބަލައި އިތުރު ފަރާތްތައް މަސް ގަތުމުގެ ވިޔަފާރިއަށް ގެނެވޭނޭ މަގެއް ހޯދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމަގު ދާދި ގާތުން ފަހިވެގެންދާނެ. މިހެން ދިޔައީމާ އަޅުގަނޑުމެން ލަފާ މިކުރަނީ، އަޅުގަނޑުމެން އުންމީދު ކުރަނީ ބައިނަލްއަޤްވާމީ މާރުކޭޓުގައި މަހުގެ އަގު ހުރި މިންވަރާ ގާތް އަގަކަށް ރާއްޖޭގައިވެސް މަސްވެރިންނަށް މަހުގެ އަގު ލިބިގެންދާނެ ކަމަށް.

ހަމައެއާއެކުގައި މަސްވެރިކަމުގެ އިތުރުން އަޅުގަނޑުމެން ދަންނަވާލަން ބޭނުން، ޓޫރިޒަމްއަށް މިހާރު އަންނަމުން އަންނަ ބައެއް ބަދަލު. ދުނިޔޭގެ އިޤްތިޞާދަށް މިއައި ހީނަރުކަމާއެކުގައިވެސް ރާއްޖޭގެ ޓޫރިޒަމް ޚާއްޞަކޮށް އަޕްމާކެޓް ރިޒޯޓުތަކުގައި އޮކިއުޕަންސީއަށް ޓުއަރިސްޓުން އަންނަ އަދަދަށް އިރާދަކުރައްވައިގެން މާބޮޑު ބަދަލެއް އައިސްފައެއްނުވޭ. އެހެންނަމަވެސް، މެދު މާކެޓް ރިޒޯޓުތަކަށް އޮކިއުޕަންސީއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައި އެބަވޭ. އެބަދަލަކީވެސް އެހާ ބޮޑުތަނުން ފަރަޤުވެގެންދިޔަ ބަދަލަކަށްނުވޭ. އެއީ އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެން އުފާކުރާ ކަމެއް.
ހަމައެއާއެކީގައި, އިޤްތިޞާދަށް ބޭނުންވާ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން، ކޮރަޕްޝަނުން ކަންކަން ސަލާމަތްވާނެ ގޮތަކަށް ނުވަތަ ކޮރަޕްޝަންގެ ޢަމަލުތަކަށް މަގުފަހިނުވާނެ ގޮތަކަށް ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުވެގެން ދިޔުން. އެކަމަށްޓަކައި ސަރުކާރުން އުފައްދާފައި މިހާރުވާނެ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް އެއީ، އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދަންޖެހޭ ވަގުތީ ކޮމިޝަންތައް އުފެއްދުން. 115ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ސަރުކާރުންވާނީ ކޮމިޝަނެއް އުފައްދާފައި. މިދަންނަވާހެން އެކޮމިޝަންގެ ބޭނުމަކީ، މުސްތަޤްބަލްގައިވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ބާރުއެޅުމާއި، އަދި މާޒީގައި އެފަދަ ކަންކަން ހިނގާފައިވާ ގޮތް ބަލައި ހޯދައި އެކަންކަމުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުން.

އެނގިވަޑައިގަންނަވާނެ މުސްތަޤިއްލު މުއައްސަސާތައް މިހާރުގެ ޤާނޫނުއަސާސީގެ ދަށުން މިވަނީ އުފެދިފައި. އޭގެތެރެއިން، އޮޑިޓަރ ޖެނެރަލްގެ މުއައްސަސާ މިހާރު ހިނގަމުން އަންނަތާ ދުވަސްތަކެއްވެއްޖެ. އެދުވަސްތަކުގެ ތެރޭގައި އެ މުއައްސަސާއިންވަނީ ޖުމްލަ ސައްބީހަކަށް ރިޕޯޓް އެކިގޮތްގޮތަށް ނެރުއްވާފައި. ސަރުކާރަށް ނުވަތަ އެހެން މުއައްސަސާތަކަށްވެސް އެރިޕޯޓްތަކާ އަޅާނުލެވެނީކަމަށްވަނީވިއްޔާ އޮޑިޓަރ ޖެނެރަލް އޮފީހުގެ، އެބޭފުޅާގެ މަސައްކަތް ހީނަރުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑުމެންގެ ކޮމިޝަނަކީ، ސަރުކާރުން މިއެކުލަވާލި ކޮމިޝަންގެ އެންމެބޮޑު އެއް ބޭނުމަކީ، އިޤްތިޞާދީ ހީނަރުކަމެއް ރާއްޖެއަށް އަޔަނުދީ ތަރައްޤީގެ ފިޔަވަޅުތައް ބާރަށް ކުރިއަށް ގެންދިޔުން. އަދި އަޅުގަނޑު މިހާރު މިދެކެނީ މަސްވެރިކަމާއި ޓޫރިޒަމާ އަދި އިންފްލޭޝަނާ މިކަންކަމަށް އަޅުގަނޑުމެންގެ ނަޒަރު ހުއްޓާފައި ބެހެއްޓުން، ސަރުކާރުގެ އެންމެބޮޑު އަމާޒަކީ. މިއަދުވެސް ރައްޔިތުންގެ ޖީބަށް ވަންނަ އަދަދު އިތުރުކޮށްދެވޭތޯ މަސައްކަތް ކުރުން. ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ވަގުތުކޮޅެއް އަރުވާނަން. މުޅި ޖުމްލަ ތިޔަބޭފުޅުންނަށް ޖަވާބު ދިނުމުގައި އަޅުގަނޑުމެން ބައިގަޑިއިރު ހޭދަކުރާނަން.

އިބްރާހީމް ވަޙީދު – ހާމަނޫސް:

މަނިކުފާނު ވިދާޅުވެއްޖެ، ޤާނޫނުއަސާސީގެ ލިބިދޭ ބާރުގެ ދަށުން ވަގުތީ ރިޔާސީ ކޮމިޝަނެއް މިހާރުވަނީ އުފައްދަވާފައި. އެހެންނަމަވެސް، އިދިކޮޅު ޑީ.އާރު.ޕީ. އަދި ޕީ.އޭ ކޯލިޝަނުން އެބަބުނޭ މިއީ، ސިޔާސީ ގޮތުން ވަކި ބަޔަކާ ދިމާކޮށްލާ ޖައްސާލުމުގެ ގޮތުން ވަކިބައެއްގެ ބާރު، ވަސްކަނޑުވާލުމުގެ ގޮތުން ތިޔަބޭފުޅުން ކުރައްވާ ކަމެއް ކަމަށް. ދެން މިނިވަން މުއައްސަސާތައް ހުއްޓާ އެކޮމިޝަންތައް ބައިޕާސް ކުރެއްވުމަށްފަހު މަނިކުފާނު ތިޔަފަދަ ކޮމިޝަނެއް އުފެއްދެވުމުގެ ބޭނުމަކީ ކޮބައިތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން އެއްވެސް ޙާލެއްގައި އޭގެން އެއްވެސް ކޮމިޝަނެއް ބައިޕާސް ކުރުމުގެ ނުވަތަ އޭގެ ކޮމިޝަނެއްގެ ބާރު ކުޑަކުރުމުގެ ބޭނުމެއްގައެއްނޫން މިކޮމިޝަން އުފައްދާފައިމިވަނީ. ދެންމެވެސް އަޅުގަނޑު ފާހަގަކޮށްފިން. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް އެއީ، އެކޮމިޝަންތަކުގެ ބާރު އިތުރުކުރުމާއި އެކޮމިޝަންތަކުގެ ހިންގުމަށް މަގުފަހިކޮށްދިނުން. އެގޮތުން އެކޮމިޝަންތަކަށް އެހީތެރިވެދިނުން އަޅުގަނޑުމެންގެ ބޭނުމަކީ. އެއްވެސް ޙާލެއްގައި މިކޮމިޝަނަކުން ދަޢުވާއެއް ހުށަހެއްނާޅާނެ. މިކޮމިޝަނަށް ފެންނަ ފެނުން ހޯދޭ ހޯދުންތައް ފުލުސް އޮފީހަށާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިގެންދާނެ.

އަޙްމަދު ސަޢީދު - ހަވީރު ނޫސް:

ކޮރަޕްޝަންގެ ކަންތައްތަކުގެ ވާހަކަ މަނިކުފާނު ފާހަގަކުރައްވައިފި. މިހާރު ވަރަށްގިނަ ކަންތައްތަކެއް ގިނަމަސައްކަތްތަކެއް އެބަދޭ އިންވެސްޓް މޯލްޑިވްސުންވެސް ކުރިއަށް. ދެން މިކަހަލަ ކަންތައްތަކެއްދާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ ބިޑްކުރުމުގެ ކްރައިޓީރިއާތަކެއް ކުރިން އިޢުލާނު ކުރެވި، މާ ހާމަކަން ބޮޑު ގޮތަކަށް ހިނގަމުންދާތަނެއް. ދެން ދާދިފަހުންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ތ. އަތޮޅުގައި އެއަރޕޯޓެއް ހެދުމުގެ މަޝްރޫޢެއްގައިވެސް ސޮއިކުރެވިގެން ދިޔަތަން. އެހެންނަމަވެސް، މީގެ ޓްރާންސްޕޭރަންސީއާ ދޭތެރޭގައި ވަރަށްބޮޑަށް ސުވާލު އުފެދޭ ކަހަލަ ގޮތަކަށްކަންނޭނގެ އަޅުގަނޑަށް ހީވަނީ މިކަންތައްތައް މިދަނީ. ކިހިނެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ. ވަރަށް ދެރަ ހަވީރު ނޫހަށް. އިންވެސްޓް މޯލްޑިވްސްގެ ވެބްސައިޓްގައި ތަކުރާރުކޮށް އަޅުގަނޑުމެން ޝާއިޢު ކުރަމުން މިއަންނަނީ ހުރިހާ ކްރައިޓީރިއާއެއް. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އެއީ، ފުރަތަމަ މިގޮވަނީ ކަމެއްގެ ޝައުޤުވެރިކަން ހާމަކުރުމަށް. އެ ޝައުޤުވެރިކަން ހާމަކުރީމާ ޝައުޤުވެރިކަން ހާމަކުރާ ފަރާތްތަކުގައި ދެން މިއެދެނީ ޕްރޮޕޯސަލެއް ހުށަހެޅުމަށް. އެ ޕްރޮޕޯސަލްތައް އަޅުގަނޑުމެންނަށް ލިބުނީމާ އެ ޕްރޮޕޯސަލްތައް ދިރާސާކޮށްފައި އޭގެން ކަމަށް އެންމެ އެކަށީގެންވާ ބަޔަކަށް މަސައްކަތް ހަވާލުކުރުން މިއޮންނަނީ. މިއީ، ބައިނަލްއަޤްވާމީ ޓެންޑަރުގެ އެންމެހާ އުޞޫލުތައް. ދެން އެ އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެން އިންވެސްޓް މޯލްޑިވްސްގައި ޝާއިޢުކުރަމުން މިދަނީ. އަޅުގަނޑު ހަމަ ވަރަށްބޮޑަށް ހަވީރު ނޫހުގައި އެދެން، އިންވެސްޓް މޯލްޑިވްސްގެ ވެބްސައިޓާ އަދިއޭގައި ޝާއިޢު ކޮށްފައިވާ އެންމެހާ މަޢްލޫމާތުތައް އަލުން އަނބުރާ ބައްލަވާލެއްވުމަށް.
ދެން ވިދާޅުވީ ތިމަރަފުށީގެ އެއަރޕޯޓް. ތިމަރަފުށީގެ އެއަރޕޯޓަކީ މި ސަރުކާރު ހަވާލުވުމުގެ ކުރީގައި އެނގިވަޑައިގަންނަވާނެ 5 އެއަރޕޯޓެއް، ރީޖަނަލް އެއަރޕޯޓެއް އެއިމްސް ކުންފުންޏާ ވަނީ ހަވާލުކޮށްފައި. އެއިމްސް ކުންފުންޏާ އެކިއެކި ފަރާތްތަކާއެކުގައި ބާވަތްބާވަތުގެ އެގްރިމެންޓްތައް ކުރެވިފައިހުރި. އެ އެގްރިމެންޓްތަކުގެ ތެރެއިން ސަލާމަތް ކުރެވެން މި ސަރުކާރަށް އޮތް އެގްރިމެންޓެއްވެއްޖިއްޔާ އަޅުގަނޑުމެން މިދަނީ ސަލާމަތް ކުރަމުން. އެގޮތުން ތިމަރަފުށްޓާއި، ކުޑަހުވަދޫއާއި، ފޮނަދޫއާ އެތިން ތަނުގެ އެއަރޕޯޓާ ގުޅޭގޮތުން އަޅުގަނޑުމެން މިހާރު މިދަނީ މަސައްކަތް ކުރަމުން. އެއީ، އެއްވެސް ޙާލެއްގައި މި ސަރުކާރުން އަލަށް ފަށައިގަނެވުނު ކޮންޓްރެކްޓެއްވެސްނޫން. އެގްރިމެންޓެއްވެސް ނޫން. އެކަން ކުރުމަށް އެގޮތަށްވަނީ ނިންމިފައި. އެ އެގްރިމެންޓް އޮތީ ބަޔަކާ ޙަވާލުކުރެވިފައި. ތިމަރަފުށީގައި އެއަރޕޯޓެއް އެޅުމުގެ ކޮންޓްރެކްޓެއް އޮތީ ބަޔަކާއެކުގައި އެއިމްސް ކުންފުނިން ކުރެވިފައި. އެކުންފުނިން ގެރެންޓީއެއްގެ ގޮތުގައި ޕްރޮފޯމަންސް ބޮންޑެއްގެ ގޮތުގައި ބޭންކުގައި އޮތީ ޕްރޮފޯމަންސް ބޮންޑެއް ބޭއްވިފައި. އެއާ ވިދިގެން އެއިމްސް ކުންފުންޏަށް އޮތީ ކޮންމެވެސް މިންވަރަކަށް އެޑްވާންސް ފައިސާ ދޫކުރެވިފައި. އެކުންފުނިން އެއާ އެއްގޮތަށް ޢަމަލުކުރަމުން ނުދާތީވެ، ސަރުކާރުން އެބޭންކް ގެރެންޓީ އަނބުރާ ހޯދުމަށް އެބޭންކުގައި އެދުނީމާ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި މީގައި މިއޮތީ ޞައްޙަ ބޭންކް ގެރެންޓީއެއް ނޫން ކަމަށްވަނީ ފާހަގަވެފައި. އަދި ހަމަ އެކަމާ ގުޅިގެން އެކޮންޓްރެކްޓް ހިންގޭގޮތް ނުވެފައި އޮތީ. އެހެންނަމަވެސް، މިދަންނަވާހެން އޮތީ މިރަށްރަށުގައި އެއަރޕޯޓު އެޅުމަށާއި އަދި އެއަރޕޯޓާ ގުޅިގެން ސިޓީ ހޮޓަލެއް އެޅުމަށާއި އަދި އެއާ ގުޅިގެން ރަށެއް ދިނުމަށް، އެއިމްސް ކުންފުންޏަށް އޮތީ އެކަން ހަވާލުކުރެވިފައި. ދެން އެކުންފުނީގެ މުޢާމަލާތްތަކެއް އެކުންފުނިން ހިންގަވަމުން ގެންދަވަނީ.

ޢަލީ ރިޟްވާން - ޓީވީ މޯލްޑިވްސް:

ވެދާނެ ކަނޑައެޅިގެން މިއަދުގެ މައުޟޫޢާ ގުޅުންނެތް ސުވާލެއް ކަމަށްވެސް. އެހެންނަމަވެސް، އިޤްތިޞާދާ ޤައުމުގެ ތަރައްޤީއާބެހޭ ވާހަކަ ދެކޭވޭއިރު، އެންމެފަހުން ރައީސުލްޖުމްހޫރިއްޔާއާ އަޅުގަނޑުމެން ބައްދަލުވީ މި ފްލޯއިން. ޕްރައިވަޓައިޒޭޝަންގެ ކަންތައްތަކުގެ މަޢުލޫމާތު ދެއްވި. ވަރަށްގިނަ އަތޮޅުތަކެއްގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތްތައް ދިނުމަށްޓަކައި ރާވާފައިހުރި މަޝްރޫޢުތަކުގެ މަޢްލޫމާތު އެދުވަހު ދެއްވި. އެދުވަހު ވިދާޅުވި، މީގެތެރެއިން ގިނަ އަތޮޅުތަކެއް ފާހަގަކުރައްވާފައި ކުރިއަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި މިމަޝްރޫޢުތަކުގައި ސޮއިކުރެއްވޭނެ ވާހަކަ. ކިހިނެއްތޯ މިހާރު އެމަޝްރޫޢުތަކުގައި ސޮއިކުރެއްވުމުގެ ކަންތައް؟

ރައީސް މުޙަންމަދު ނަޝީދު:

ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، ކުރިއަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ހަރަށުގެ ފެނާއި ނަރުދަމައާއި ބަނދަރާ މިބާވަތުގެ އަޅުގަނޑު ހަނދާންވަނީ ހަތަރު ފަސް ނަރުދަމައަކާ އެތަކެތީގައިވަނީ ސޮއިކުރެވިފައި. ދެން އެމަސައްކަތް ފަށައިގަތުމަށް އެކޮންޓްރެކްޓާ އެއްގޮތަށް އެމަސައްކަތް ކުރިއަށްދާނެ. އަޅުގަނޑުމެން މިހާރު މިއަމާޒު މިކުރަނީ ދަރަވަންދޫގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތުގައި ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި ވީހާވެސް އަވަހަކަށް އިތުރު އެގްރީމެންޓެއްގައި ބަޔަކާ އެކީގައި އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ ގޮތް ހޯދޭނެ. އަޅުގަނޑު ދެންނެވި ހުރިހާ ކޮންޓްރެކްޓެއްގައިވެސް މިހާރުވަނީ ސޮއިކުރެވިފައި. އަދި އެމަސައްކަތްތައް، އެކޮންޓްރެކްޓްތަކާ އެއްގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

އަޅުގަނޑު ކުރި ސުވާލާ ގުޅޭ ސުވާލެއް. ކްރައިޓީރިއާތަކުގެ ވާހަކަ އަޅުގަނޑު މެންޝަންކުރީ އަޅުގަނޑަށް އެނގޭ ފުރުސަތުތައް ހުޅުވާލާފައި ހުރީ، މިވެނި ވަރެއްގެ ސްކޫލް، މިވެނި ވަރެއްގެ އިންޖީނުގެ ޕްރައިވަޓައިޒް ކުރަން ބޭނުމޭ އިނގޭތޯ މިކަހަލަ މިގޮތަކަށް. ދެން މަސްވެރިކަމާބެހޭ ބައެއް ޑީޓޭލްސްތައްވެސް އެބަހުރި. މިފްކޯ ޕްރައިވަޓައިޒް ކުރާއިރުގައިވެސް އެ ޑީޓޭލްސްތައްވެސް އެބަހުރި. އެހެންނަމަވެސް، ކުންފުނި ހޮވުމުގައި ކޮންގޮތަކަށްތޯ ކިހާޤާބިލު ކުންފުންޏެއްތޯ ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކެއް ފާހަގއެއް ނުކުރެވެއޭ. ދެން އަނެއް ކަމަކީ އިއްޔެގައި ތަޢްލީމީ ދާއިރާގެ ބިޑަށް ޝައުޤުވެރިކަން ހާމަކުރުމުގެ ފުރުސަތެއްވެސް ގޮއްސި. އެހެންނަމަވެސް، އޭގެތެރެއިންވެސް އެއީ ކޮންކުންފުނިތަކެއްކަން މީޑިއާއާ ހަމައަކަށް ނާދެއޭ، އިނގޭތޯ.

ރައީސް މުޙަންމަދު ނަޝީދު:

ޝައުޤުވެރިކަން ހާމަކުރި ކުންފުނިތައް ބޭނުންވަނީ ދޮގެއްތޯ. ނަންތައް ބޭނުންވަނީ.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

ކުންފުނީގެ ޤާބިލުކަން އިނގޭތޯ. ބެލޭނެ މިންގަނޑުތަކަކީ ކްރައިޓީރިއާއަކީ ކޮބައިތޯ؟ އެއެއްޗިއްސެއްވެސް ނެތޭ.

ރައީސް މުޙަންމަދު ނަޝީދު:

ޓެންޑަރުގެ އުޞޫލުގައި މިއޮންނަނީ ފުރަތަމަ ޝައުޤުވެރިކަން ހާމަކުރުމަށް އަޅުގަނޑުމެން ގޮވާލަނީ. އެއަށްފަހު، ދެން މިދެނީ ރިކުއެސްޓް ފޮރ ޕްރޮޕޯސަލްއެއް. އެއީ، ޕްރޮޕޯސަލްއެއް ދިނުމަށް. ދެން އެޕްރޮޕޯސަލް މިނާނީ ކޮން ނާޅިއަކުންތޯ، އެއީ ތިޔަ ވިދާޅުވާ ވާހަކައަކީ. އެހެންވީމާ، އަޅުގަނޑުމެންގެ ތާރީޚުތައް ބައްލަވައިފިއްޔާ މިހާރު މިވަނީ ޕްރޮޕޯސަލްތަކަށް ގޮވާފައި. ތިޔަ ވިދާޅުވާހެން ޕްރޮޕޯސަލްތައް އަޅުގަނޑުމެން މިނަންދާއިރުގައި އަޅުގަނޑުމެން އޭގެ ނާޅި ކިޔާދޭން ޖެހޭނެ. އިރާދަކުރެއްވިއްޔާ އެކަން ހަމަ ސާފުކޮށް ދާނެ. އޭގެ ވަގުތު އަޅުގަނޑު ނުދެކެން އަދި އައިސް ޖެހުނު ކަމަކަށް. ޕްރޮޕޯސަލްއެއް އަޅުގަނޑުމެންނަށް ލިބުނީމާ، އޭތި ކެނޑުމުގެ ކުރީގައި އަޅުގަނޑުމެން ޖެހޭނެ، އޭގެން މޮޅުވާނީ، މޮޅުވާ ބަޔަކަށް މާކްސްދޭނެ އުޞޫލުތަކާ މިކަންކަން ހާމަކުރަން. އެކަން އަޅުގަނޑުމެން ހާމަކުރާނެ އޭގެ ވަގުތުގައި.

ފާޠިމަތު ސާމީ - ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ، ބަޖެޓް ހުށަހެޅުއްވިއިރު، އަޅުގަނޑުމެން ގެ ފިނޭންސް މިނިސްޓަރ ހާޝިމް ވިދާޅުވީ މިހާރު ރާއްޖޭގެ އިޤްތިޞާދު މިވަނީ 1.3 އިންސައްތައިގެ މަޑުޖެހުމަކާ ކުރިމަތިވެފައޭ. ދެން އަޅުގަނޑު ހިތަށްއަރަނީ ކިހާހިސާބަކުތޯއޭ މި އިޤްތިޞާދަށް ދިރުންލިބޭނެ ކަމަށް ސަރުކާރަށް ލަފާކުރެއްވެނީ. ދެން އަނެއް ސުވާލަކީ ކުރިއަށްއޮތްތާނގައި މި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އެއްވެސް ވަރަކަށް ބޭރުގެ މާލީ ވުޒާރާތަކުން، އިދާރާތަކުން، ލޯނު އެހީ ހޯދުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާތޯ ސަރުކާރުން؟

ޢަލީ ހާޝިމް – މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ:

އާދެ! އަޅުގަނޑު ބަޖެޓް ހުށަހެޅިއިރު އެގޮތަށް މަޖިލީހުގައި ދަންނަވާފައިވާނެ، 1.3 ޕަސެންޓް ދަށްވާނެ ކަމަށް. އަޅުގަނޑުމެން ބެލީ ފުރަތަމަ ދެމަސް ދުވަހު ޓޫރިޒަމް ދާއިރާއަށް އެ އަންނަ ހީނަރުކަން ދެމިގެންދިޔަނަމަ އެހެންނޭ، އެގޮތަށޭ އިޤްތިޞާދު ބައްޓަންވާނީ. ދެން ހުރިހާ ދާއިރާއަކަށްވެސް އޭގެ އަސަރު ކުރުމުން އިޤްތިޞާދަށް އަންނަ ހީނަރުކަމަކީ އެއީ، ނެގެޓިވް 1.3 ޕަސެންޓް. ނަމަވެސް، މިހާރު ރައީސް އެވިދާޅުވިހެން ޓޫރިޒަމް ދާއިރާއަށް އެކަހަލަ ހީނަރުކަމެއް ނައިސް އޯފްސީޒަން ރަނގަޅަށް ދިޔުމުން ނުވަތަ އޯފްސީޒަންގައި ފަތުރުވެރިންގެ އަދަދުތައް މަދުނުވާކަމަށްވަންޏާ މިދިޔަ ސީޒަންއާ އަޅާބަލާއިރު އިޤްތިޞާދު ރަނގަޅުވާނެ ކަމަށް މިފެންނަނީ ތިންވަނަ ކުއާޓަރ ނުވަތަ އެންމެފަހު ކުއާޓަރުންނޭ އެކަން ފާހަގަވެގެންދާނީ. ދެން އަޅުގަނޑުމެން އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި މަލްޓިލެޓަރަލް އެޖޭންސީ މިސާލަކަށް އޭ.ޑީ.ބީ ނުވަތަ އައި.އެމް.އެފް، ވާރލްޑް ބޭންކްފަދަ ޖަމާޢަތްތަކާ އަޅުގަނޑުމެން އެދެފިން އަޅުގަނޑުމެން ކުރީގައި ސަރުކާރުން އެ ނަގާފައިހުރި ކޮމާޝަލް ލޯންސްގޮތަށް މިވަގުތު ގެންގުޅުމަކީ އިޤްތިޞާދަށް ވަރަށް ގެއްލުން ކަމެކޭ. އެލޯންސްތައް އެހެން ގޮތަކަށް ރިޕްލޭސް ކޮށްފިއްޔާ ދިގުމުއްދަތަކަށް ލޯންސް ހޯދާ އެ ރިޕްލޭސް ކޮށްފިއްޔާ އެއަށް އަޅުގަނޑުމެންނަށް ލިބޭނެއޭ ފައިދާއެއް. އެއީ، މިވަގުތު ޑެބްޓް ސަރވިސްގެ އިޝޫއަށްވެސް ބަދަލު އަންނާނެ. ދެން މިކުރާ ކަމަކީ ރާއްޖެ އެލް.ޑީ.ސީ ސްޓޭޓަސްއިން ގްރެޖުއޭޓްވާނެ ކަމަށް އަޅުގަނޑުމެން އެބަ އަންދާޒާކުރަން 2011ގައި. އެލް.ޑީ.ސީ ސްޓޭޓަސް ގްރެޖުއޭޓް ވެއްޖިއްޔާ ރާއްޖެއަށް ލިބޭ ލޯނުފަދަ މިހާރު މި ލިބޭ ލޯނުތަކެއް ނުއެއް ލިބޭނެ. ލިބޭނީ އަނެއްކާވެސް އެހެން ރޭޓްތަކުން ކޮމާޝަލްއަކަށްނުވާނެ. އެހެންނަމަވެސް، މިވަގުތު ސަރުކާރަށް ބޭނުންވާ ހުރިހާ އެހީއެއް ފްރަންޓް ލޯޑް ކޮށްފިއްޔާ އެއީ ގްރެޖުއޭޓްވާއިރު އަދި މުއްދަތެއް ލިބޭނެ ޤައުމަށް އެޖަސްޓްވުމުގައި ގާތްގަނޑަކަށް ފަސްއަހަރަކަށް ނުވަތަ އަށްއަހަރު އެޖަސްޓު ކުރާނެ ވަގުތު ލިބޭނެ ކަމަށް އަޅުގަނޑު ފާހަގަކުރަން.

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރު ކޮށްލާނަން އިނގޭތޯ. މަސްވެރިކަމުގައި މަސްވެރިންނަށް މިސާލަކަށް ހުވަދުއަތޮޅު މަސްވެރިންނަށް މަސްގަންނަމުންދާ އަގަކީ ފަސްރުފިޔާއަށް ކިލޯއެއް. ފްލޯ ޕްރައިސްއަކީ ނުވަތަ އެންމެ ދަށް އަގަކީ، ކުރީގައި 2005ވަނަ އަހަރު ކަނޑައެޅިފައި އޮތް އަގަކީ ތިންރުފިޔާ ލާރިކޮޅެއް. އަޅުގަނޑުމެން މިދެކެނީ މިހަފްތާގައި އަޅުގަނޑުމެންނަށް ފްލޯ ޕްރައިސް ހަރުފިޔާއަށް ގެންގުޅެވިދާނެއޭ. އެއީ، ބައިނަލްއަޤްވާމީ މާރުކޭޓުގައި މަހުގެ އަގު ހުރި މިންވަރާ މިކަންކަމަށް ބަލާފައި. އެހެންވީމާ، އަޅުގަނޑުމެންގެ މައިގަނޑު ވަޢުދުތައް ފުއްދުމަށްޓަކައި ބޭނުންވާ އިޤްތިޞާދީ ސިޔާސަތުތައް ވަރަށް ބޮޑަށް ކާމިޔާބުވަމުން އަންނަތަން މިއަދު އަޅުގަނޑުމެންނަށް ފެންނާތީވެ އެވާހަކަ އަޅުގަނޑުމެން ރައްޔިތުންނާއެކީގައި ހިއްސާކޮށްލަން ހަމަ ބޭނުން.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

އަޅުގަނޑު ދެ ސުވާލަކަށް ބަހާލާފައި. ފުރަތަމަ އަޅުގަނޑު މަސްވެރިކަމާބެހޭގޮތުން ސުވާލެއް ކޮށްލާނަން. އެއީ، މަސްވެރިކަން ހުޅުވާލުމުގެ ވާހަކަ ދެކެވިގެން ފުރަތަމަ އައިއިރުގައިވެސް، މިފްކޯއާ އަދި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިއޮތް ހޮރައިޒަން ފިޝަރީޒުންވެސް، އެމީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެމީހުންގެ އިންވެސްޓްމަންޓަށް ދެންވާނެގޮތަކާ ދޭތެރޭގައި. މިސާލަކަށް ރާއްޖެއަށް އަންނަނީ މަސްވެރިކަމުގެ ވަރަށް ކުޑަ މޫސުމަކަށްވެފައި، އެމޫސުމުގައި ބޭރުން ބަޔަކު ބޯޓެއް ހިފައިގެން އައިސް މަސްކޮޅު ގަނެލައިގެން ދިޔައިމާ، މަސްވެރިކަން ހީނަރު ދުވަސްވަރު އެމީހުންނަށް ލިބޭ މަސްކޮޅުން އެމީހުންގެ ޚަރަދުތައް ފޫ ނުބެއްދޭނެ ކަމަށް މިފްކޯއިންވެސް ވަރަށް ގަދައަށް އޭރުގައި ބަޔާންތައް ނެރެ ހަދާފައިވޭ. އެމީހުންގެ އިންވެސްޓްމަންޓްތައް ވަރަށްގިނަ އަދަދެއްގެ މިލިއަންސްތައް ހުރިވާހަކަ. އެހެންވީމާ، މިހާރު ތިޔަގޮތަށް ހުޅުވާލެވިގެންދާއިރުގައި މިކުންފުނިތަކުން މިހާރު ކޮށްފައިހ ުރި އިންވެސްޓްމަންޓާ ދޭތެރޭގައި ކޮންގޮތަކަށްތޯ ސަރުކާރުން ދެކެވަޑައިގަންނަވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ އިނގޭތޯ. ސަރުކާރުން ޙިމާޔަތް ކޮށްދޭން މިޖެހެނީ ހުރިހާ ބޭފުޅުން. ހަމަ ބޮޑެތި ކުންފުނިތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ނިސްބަތުން އެމީހެއްގެ އާމްދަނީއާ އަޅާބަލާއިރު ބޮޑުކޮށް ރަށްރަށުގެ ރައްޔިތުން މަސްވެރިކަމަށް އިންވެސްޓްކޮށްފައި އެބަހުރި. ބޮޑެތި ދޯނިފަހަރުގަނެ އަދި އެހެނިހެން އިންވެސްޓްމަންޓްތައް ހިންގާފައި އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ އެބޭފުޅުންނަށް ވިޔަފާރީގެ ފައިދާއެއް ހޯދޭނޭ އުޞޫލުތަކެއްވެސް. އެހެންވީމާ، މިހުރިހާ ކަމަކަށް ބަލާފައި ސަރުކާރަށް މި ނިންމެނީ އެންމެ ރަނގަޅު އަގެއް މަސްވެރިޔާއަށް ލިބުން އެއީ، މުހިންމު ކަމެކޭ. ދެން އޭގެއިތުރުން، އިންވެސްޓަރަށް ނުވަތަ މަސްގަނެ ބޭރުކުރާ ފަރާތްތަކަށް މަހުގެ އަގު ސަރުކާރުން ކޮންޓްރޯލް ކޮށްގެން އެފަރާތްތަކަށް ފައިދާއެއް ހޯދައިދިނުން އެއީ، ސަރުކާރުން ނުދެކޭ ބުއްދިވެރި ކަމެއް ކަމަކަށްވެސް. އަދި އަޅުގަނޑުމެންގެ މާލީ ސިޔާސަތާ ގުޅޭގޮތެއްވެސްނޫން އެއީކީ. އެހެންނަމަވެސް، މިހާރުން މިހާރަށްވެސް އެބަހުރި އެގްރީމެންޓްތަކެއް. އެ އެގްރީމެންޓްތަކަކާ ސަރުކާރަކަށް ޚިލާފެއް ނުވެވޭނެ. އެބޭފުޅުންނަށް އެކްސްކްލޫސިވް ރައިޓްސް ނުވަތަ ހަމައެކަނި އެބޭފުޅުންނަށް މަސްގަނެ ވިއްކޭ ގޮތަށް އެ އެގްރީމެންޓްތައް ހަމަޖައްސާފައި އޮތީ. އަޅުގަނޑުމެންނަށް ބަދަލެއް ގެނެވޭނީ ޝަރީޢަތް މެދުވެރިކޮށް.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

އަޅުގަނޑުގެ ދެވަނަ ސުވާލު އިނގޭތޯ. ތިޔަ ގެންނެވި ބަދަލަކީ، ކުރިންވެސް މަނިކުފާނު ގެންނަވާނެ ކަމަށް ވިދާޅުވެފައި އޮތް ބަދަލަކަށްވެފައި، މަސްވެރިންނަށް ތިޔަކަމުން ފައިދާތަކެއްކުރާނެ ކަމަށްވާނަމަ އެއީ، އަޅުގަނޑުމެން ވަރަށް މަރްޙަބާ ކިޔާ ކަމެއް. ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ބްރައިބަރީ ކޮމިޝަނެއްގެ ވާހަކަ އަޅުގަނޑުމެންނަށް އިއްޔެ ދެކެވުނު އިނގޭތޯ، އެމެރިކަން ކޯނަރގައި. މިސްޓަރ ބްލޭކްވެސް ވިދާޅުވި، މިމައްސަލަތައް އޯޕަން ކޮމިޝަނަކުން ބެލުން އެއީ، ރަނގަޅު ކަމެކޭ މިނިވަން މުއައްސަސާއަކުން. ދެން އަޅުގަނޑުމެން ސާފުކޮށްދިނިން، ބްލޭކަށް ވަރަށް ސާފުކޮށް، މިތާނގައި ހުންނަ ބްރައިބަރީ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުނީމާ، ހައަހަރު ހަތްއަހަރު ވާއިރުވެސް އެއަކަށް ޖަވާބު ނުލިބޭ މައްސަލަވެސް އެބަހުރޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް އުނދަގުލޭ ތިޔަވިދާޅުވާ އެއްޗެއް ގަބޫލުކުރަން. ދެނަ އަޅުގަނޑުމެން އެއްކަލަ ޖަނަރޭޓަރުގެ ދަވާދު ބަދަލުކޮށްލާފައި، ޕްލޭޓް ބަދަލުކުރުންކަހަލަ ޢާންމުކޮށް ރައްޔިތުންނަށް ފެންނަން ހުރި ބައެއް ކަންތައްތަކުގެ ވާހަކަ ދެންނެވީމާ، ބްލޭކް ވިދާޅުވީ ތިޔަ މައްސަލަތައް ހިނގަމުންދާއިރުގައި ތިޔަ މައްސަލަތައް ހިނގަމުންދާ ގޮތުގެ ތަފްޞީލުތައް ހާމަނުކުރެވުނު ނަމަވެސް، މައްސަލަތައް ކުރިއަށްދާ މިންވަރު އަންގާދެވެންޖެހޭނެއޭ. އެހެންވީމާ، ދެން އަޅުގަނޑުމެންނަށް މިހާރު މަނިކުފާނު ތިޔައުފެއްދެވި ކޮމިޝަން އުފެއްދެވުމާ ގުޅިގެން މިގޮތަށް ނިދާފައި، އަޅުގަނޑުމެންނަށް ޚަބަރެއްނުވެ މިހުންނަ މައްސަލަތައް ކޮމިޝަނުން އިތުރަށް ބަލާނެތޯ ނޫނީ ހަމަ އެމައްސަލަތައް އަޅުގަނޑުމެންނަށް މިސާލަކަށް ހުށަހަޅާފައިހުރި ފަރާތްތަކަށް އަލުން އަނބުރާ ތިޔަ އުފެއްދެވި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެތޯ، ނޫނީ މި މައްސަލަތައް ހުށަހެޅިފައިހުރި ތަނުގައި ނިދަން އޮންނާނީތޯ؟ އޭގެ އެއްވެސް މަޢްލޫމާތެއް ނުލިބޭ އަޅުގަނޑުމެންނަށް މިހާރު ވާގޮތަކީ، މީގެ އެއްވެސް ކަމަކާ ބެހޭގޮތުން ސުވާލެއް ކޮށްފިއްޔާ ވިދާޅުވަނީ، ހުށަހެޅިފައި ހުންނަ މައްސަލައަކާ ބެހޭގޮތުން މަޢްލޫމާތެއް ނުލިބޭނެއޭ. އެހެންވީމާ، އެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބޭނޭ އެއްވެސް ގޮތެއްނެތް. އެހެންވީމާ، މިކަން ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު އުފެއްދި ކޮމިޝަންގެ އެންމެބޮޑު ބޭނުމަކީ، އެނގިވަޑައިގަންނަވާނެ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގައި އެބަ ވަރަށް ޞަރީޙަ ޢިބާރާތުން އެބަ ބުނޭ، މިޤާނޫނުއަސާސީއާއި ޤާނޫނު ކަނޑައެޅިފައިވާ ކަންތައް ވަރަށް އިޚްލާޞްތެރިކަމާއެކު ތަންފީޒުކޮށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލު ކުރުމަށް ބާރު އެޅުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް ކަމަށް. އަޅުގަނޑު މިކުރާ މަސައްކަތަކީ، ހަމަ މިމާއްދާގެ 115ވަނަ މާއްދާގެ (ގ) ން އެމަސައްކަތަށް ބާރު ހޯދައިދިނުން. އެބޭފުޅުންގެ ކެޕޭސިޓީވެސް އިތުރުކޮށްދިނުން. އަދި އެބޭފުޅުންނަށް މި މައްސަލަތައް ބެލޭނޭ ގޮތްތަކެއް ހޯދުން. ދެން އަޅުގަނޑުމެން ފަށައިގެންއިރުގައި އެއްނޫސްވެރިޔަކު ވިދާޅުވެއްޖެ ބަޔަކު ބިރުދައްކަން ނުވަތަ ދެން އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް އެތަނެއް ނުފެނޭ. ދެން ބަޔަކު ބިރުގަންނަންވީ ސަބަބެއްވެސް މިއަކު ނެތް. އަޅުގަނޑެއް ނުދެކެން. އަޅުގަނޑެއް ބިރެއް ނުގަނޭ. އަޅުގަނޑެއް ނުދެކެން ތިޔައިން ބޭފުޅަކުވެސް ބިރުގަންނާނެ ކަމަކަށް. އަދި އަޅުގަނޑުގެ ގާތް ރައްޓެއްސަކުވެސް، ގާތްތިމާގެ މީހަކުވެސް އަދި ދުރުތާ މީހަކުވެސް، ބިރަކުން އުޅޭތަނެއް އަޅުގަނޑު ނުދެކެން. ދެން ފަހަރުގައި ކަން ދިމާވެފައި އޮތް ގޮތުން މިބާވަތުގެ ކަމެއްގައި ހިޔަނި އެޅިފައި ހުރި ބޭފުޅަކަށް ޝައްކެއް އުފެދިދާނެ. އެހެންނަމަވެސް، އެފަދަ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަން، ދެން މިއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ޤާނޫނުއަސާސީ ތަންފީޒު ކުރުމަށާއިމ މިތަނުގައި ޤާނޫނީ ދައުލަތެއް ހިންގުމަށާއި އަދި އިޤްތިޞާދަށް ހުރަސްނާޅައި ކަންކަން ތަރައްޤީވެ ކުރިއަށް ދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، އަޅުގަނޑުގެ މައްޗަށް އޮތް ވާޖިބެއް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރަމުން ގެންދާނަން.

ޖަޢުފަރު ރަޝީދު - މިއަދު ނޫސް:

ޕްރެސް ކޮންފަރެންސް ފެށުމުގެ ކުރިން ޕްރެސް ސެކްރެޓަރީ ވިދާޅުވެފައި އެބައޮތް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއޭ. އެފުރުސަތު ހުޅުވާލެވިއްޖެ ކަމަށް އަޅުގަނޑަށް އިޝާރާތުން ލިބިއްޖެ. އެންމެ ރަނގަޅުތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ!

ޖަޢުފަރު ރަޝީދު - މިއަދު ނޫސް:

އަޅުގަނޑުގެ ދެ ސުވާލެއް އެބައުޅޭ. އެއް ސުވާލަކީ މަސްތުވާތަކެތީގެ ބޮޑު ހަމީހެއްގެ ވާހަކަ މަނިކުފާނު ވިދާޅުވެފައިވަނީ. ދެން އޭގެ ތެރެއިން އެކަކު ހައްޔަރުވެސް ކޮށްފައި މިވަނީ. އަޅުގަނޑަށް ޔަޤީންކަން ދެއްވަފާނަންތޯ މި ހަބޭފުޅުންގެ ތެރޭގައި ނުވަތަ ހަމީހުންގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ނޫނިއްޔާ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅަކު ހިމެނޭތޯ ނުވަތަ ނޫންތޯ؟

ދެން އަނެއް ސުވާލަކީ، ބަންޑާރަނައިބު ކުއްލި ގޮތަކަށް މިއޮތީ ވަކިކުރައްވާފައި. ކޮންމެ ގޮތެއްގައިވިޔަސް ކެބިނެޓުން ބޭފުޅަކު ވަކިކުރައްވާނީ ރައީސް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ނުވަތަ އިތުބާރު ގެއްލޭފަދަ ކަންތައްތަކެއް ދިމާވެގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންނަމަވެސް، ބަންޑާރަނައިބު އެބަވިދާޅުވޭ، ރައީސަށް ބައެއް ކަންކަމުގައި، ޤާނޫނާ އެއްގޮތަށް ކުރަންޖެހޭ ކަންކަމުގައި ހަޖަމު ނުކުރެއްވެނީ ކަމަށް. މިދެ ސުވާލަށް ޖަވާބެއް ދެއްވަފާނަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ޑްރަގްސްގެ ކަންތަކުގައި އަޅުގަނޑުމެން ފާހަގަކުރަމުން މިއަންނަނީ، މިކަމުގައި ޑްރަގްސް ބޭނުންކުރާ ކުދިންތައް ވަރަށްގިނަ އަދަދަކަށް އެބަ ހައްޔަރުކުރެވޭ. ޖަލުތައް ފުރިފައި އޮތީ އެކުދިންނާއެކު. ދެން އަޅުގަނޑުމެން މިބަލަނީ އެކުދިން އަތަށް އެތަކެތި އަރަނީ ކިހިނެއްތޯ. މިއަރަނީ އެކަމުގެ ވިޔަފާރި ބޮޑުކޮށް ހިންގާ ފަރާތްތަކުން އެކަން ކުރައްވަމުން ގެންދަވާތީވެ. ދެން އެފަރާތްތަކަކީ ކޮބައިކަން އަޅުގަނޑަކަށް ހާމަކޮށްދެވޭކަށެއް ނެތް. އެއީއަކީއެއް އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅާވެސް ހަމަ ވަރަށް ރަނގަޅަށް ގަބޫލުފުޅު ކުރައްވާނެ، ތަޙްޤީޤެއް ހިނގަމުންދާއިރުގައި އެ ތަޙްޤީޤަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑު މިތާހުރެ ވާހަކަ ދެއްކުން އެއީ، ފުލުހުންގެ ވެރިޔާއަށް އަޅުގަނޑު ހުރެ އަޅުގަނޑު ކުރުން ބުއްދިވެރި ކަމަކަށެއް ނުވާނެ. އަޅުގަނޑު މިގެންދަނީ މިތަޙްޤީޤުތައް ވަރަށް ގާތުން ބަލަމުން. ވަރށްބޮޑަށް ބަލަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަމުގައި އިސްވެ ޙަރަކާތްތެރިވާ ބޭފުޅުން ނުވަތަ އިސްވެ ޙަރަކާތްތެރިވެ އެކަމުގެ ތެރޭގައި އެ އުޅުއްވާ ހުރިހާ ބޭފުޅުން ޝަރީޢަތުގެ ކުރިމައްޗަށް ގެނެވޭތޯ އަޅުގަނޑުމެންނަށް ވީހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ދާނަން.

ދެން ހަމަ އޭގެތެރޭގައި، މިވަގުތު އަޅުގަނޑުމެންނަށް ނިންމަން ޖެހިފައި އޮތް ވަރަށް މުހިންމު ކަމެއްވެސް އެބައޮތް. އެއީ، ތިލަފުށީގައި އެބަވޭ 7 ބަނދަރެއް. މިބަނދަރުތަކަކީ އަމިއްލަ ފަރާތްތަކުގެ ބަނދަރުތަކެއް. އަޅުގަނޑުމެން އެބަޖެހޭ އެބަނދަރުތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބެލުމުގެ ދަށަށް ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށަށް އެބަނދަރުތައް ގެންނަން. އެހެންވީމާ، އެއީ، މިކަމުގައި ހިނގައިދާނެ ކަމެއް.

ދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިކަމުގައި ސިޔާސީ ކުލަވަރު ނުޖެއްސެވުން. އަޅުގަނޑު އެއްވެސް އިރެއްގައި މިވާހަކައެއްގައި ސިޔާސީ ކުލަވަރެއް ނުޖައްސަން. ދެން މިކަމުގައި ސިޔާސީ ޕާޓީއެއްގެ ވާހަކައެއް އައުމާ މިއީކީއެއް އަޅުގަނޑަކަށް ހަމަ ނުފެނޭ އަޅުގަނޑުމެން މިކަމުގައި ވިސްނަންވީ ގޮތްކަމަކަށް. އެއަށްވުރެ މާ މުހިންމު ޤައުމީ މައްސަލައެއް މިމައްސަލައަކީ. އެހެންވީމާ، އަޅުގަނޑު އެންމެހާ ބޭފުޅުންގެ އަރިހުން އަދި ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެން، ޤައުމީ މައްސަލައެއްގެ ގޮތުގައި މިކަން ބައްލަވާށޭ. އަޅުގަނޑަށް ވީ މިންވަރަކުން، މި ސަރުކާރަށް ވީ މިންވަރަކުން އަޅުގަނޑުމެން މިދަނީ ހަމަ މިކަމުގައި މަސައްކަތް ކުރަމުންނޭ. އެންމެ ގާ ކޮޅެއްވެސް އަޅުގަނޑުމެން ނުބާއްވާނަމޭ ނުފުރޮޅާ. މިކަމަށްޓަކައި މިކަމުގެ ޙައްލު ހޯދުމަށްޓަކައި. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެންނަށް މިކަމުގެ ޙައްލު ފެންނާނެ. އަޅުގަނޑުމެން މިތިބީ އެމަގަށް މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް އޭގެ ކާމިޔާބު ލިބޭނެ.

އަޅުގަނޑު އެދެނީ، ދިޔާނާ ސަޢީދަށް ބާއްޖަވެރިކަމާއި ފަހި މުސްތަޤްބަލެއް. އަޅުގަނޑުގެ ހިތުގައި އެބޭފުޅާއާ ދޭތެރޭގައި ކުޑަވެސް ކިލަނބުކަމެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން، ދިޔާނާއަށް މުސްތަޤްބަލްގައި ބާއްޖަވެރިކަމާ އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑަށް އެނގޭ ދިޔާނާ. ދައުލަތުގެ ނުވަތަ ރައްޔިތުންގެ ނުވަތަ ސަރުކާރުގެވެސް ކަމެއްގައި އެހީތެރިވެދިނުމަށް އެބޭފުޅާ ހުންނަވާނީ އަބަދުވެސް ތައްޔާރަށް. އަޅުގަނޑު ދިޔާނާ ދަންނަނީކީ މިއަދު އެކަންޏެއްނޫން. އަޅުގަނޑުމެންގެ މަސައްކަތުގެ އެކިމަރުޙަލާގައި އަޅުގަނޑު ވަރަށް ރަނގަޅަށް ދިޔާނާ ދަންނަން. އަދި އަޅުގަނޑަށް ދިޔާނާއަކީ، ވަރަށް ޤާބިލު ބޭފުޅެއް. އަދި ވަރަށް ސާބިތުކަމާއެކީގައި މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު ހަމަ ދިޔާނާއަށް އެދެނީ އުފަލާއި ބާއްޖަވެރިކަން.

ޖަޢުފަރު ރަޝީދު - މިއަދު ނޫސް:

ދިޔާނާ ވަކިކުރެއްވީ ކީއްވެގެންކަން ސާފުކޮށްދެވިދާނެތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާ ދޮގެއްތޯ ޤާނޫނުއަސާސީ އޮންނަގޮތް. މިހާރު އަޅުގަނޑުމެން މީގައި ފުރަތަމަ ރައްޔިތުންގެ ވޯޓާ އެކުގައި ވެރިކަން ސަރުކާރު ހިންގުމާ ހަވާލުވެގެން އައިއިރުގައި އެދުވަހު އަޅުގަނޑުމެން ބެލިން ފުރަތަމަ ބުރުގައި އޮތް ސިޔާސީ މަސްރަޙު ނުވަތަ ރައްޔިތުންގެ އިޙްސާސާއި ރައްޔިތުންގެ އެދުންތައް ހުރިގޮތް. ހަމަ އަޅުގަނޑާ އެއްވަރަށް ތިޔަބޭފުޅާއަށްވެސް ޢަދަދުތައް އެނގިވަޑައިގަންނަވާނެ. ދެން އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއަންނަނީ އިންތިޚާބުތަކަކީ ސިޔާސީ މަސްރަޙް ދެނެގަތުމަށް ސިޔާސީ ވެރިން ބޭނުންކުރަންޖެހޭނެ ވަސީލަތްތަކެކޭ. ދެން އެއަށްފަހު އަޅުގަނޑު އަދި ކިތަންމެ އެދުނެއް ކަމަކު މި ސިޔާސީ މަސްރަޙު އެތުރިގެން ދިޔަގޮތް، މި އިންތިޚާބަށްފަހު އެކިއެކި ޕާޓީތަކަށް އަޣްލަބިއްޔަތު ލިބިގެން އައިގޮތް، ހަމަ ތިޔަބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑު ހަމަ އަނެއްކާވެސް ދަންނަވާނީ، އަޅުގަނޑު ދިޔާނާއަށް އެދެނީ އުފާވެރިކަމާއި ބާއްޖަވެރިކަމާއި ކުރިއެރުމޭ.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

އަޅުގަނޑުގެ ސުވާލުން ޖަވާބު ނުލިބިއޮތްބައި އަޅުގަނޑު އިނގޭތޯ. އެއީ، މިހާރު އަޅުގަނޑުމެންނަށް މައުލޫމާތެއް އެއްގޮކަށްވެސް ގޮތަކަށް ނުލިބި އެންޓި ކޮރަޕްޝަން ބޯޑުގައި ނުވަތަ ބްރައިބަރީ ކޮމިޝަނުގައި އެހުރި މައްސަލަތަކުގެ މަޢުލޫމާތު އަޅުގަނޑުމެނަށް ލިބޭނެ އެއްވެސް ގޮތެއް ހަމައެއް ނުޖެހޭނެތޯ. ދެން އެތަނުގައި މިދެންނެވިހެން ގިނަ ދުވަސްވެ އަހަރު ތަކެއް ވެފައި ހުރި މައްސަލަތައް އަލުން އަނބުރާ މިހާރު ތިޔަ އުފެއްދެވި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އެ ހުށަހެޅި ފަރާތްތަކަށް އެބައޮތްތޯ؟ މިދެކަން ސާފުކޮށްލަދެއްވައިފިއްޔާ ވަރަށް ބޮޑަށް ޝުކުރިއްޔާ.

ރައީސް މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ އެ ކޮމިޝަންތަކަކީ މުސްތަގިއްލު ކޮމިޝަންތަކެއް. އަޅުގަނޑަށް ޤާނޫނީ ގޮތުން އޮތް ވާޖިބަކީ، އެ ކޮމިޝަންތައް ތަރައްޤީ ކުރުމަށް ނުވަތަ އެ ކޮމިޝަންތައް ކުރިއަރައިދިޔުމަށް ސަރުކާރަށް ކޮށްދެވެން ހުރި ކަމެއް ކޮށްދިނުން. އަޅުގަނޑުގެ ކިބައަކު ނުވަތަ މި ސަރުކާރުގެ ފަރާތަކު ނެތް ކޮމިޝަނަށް ލިބިފައިހުރި މަޢުލޫމާތެއް އޮޅުންފިލުވައި، އެ ވަކިން ހާމަކޮށް އެ ބާވަތުގެ އެއްވެސް މަސައްކަތެއް ކުރުމެއް. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތްތައް ކުރަމުން މިދަނީ އެ ކޮމިޝަންތަކަށް އެހީތެރިވެދިނުމަށްޓަކައި. އެއްވެސް ހާލެއްގައި އެއިން ކޮމިޝަނެއް ފަހަނަޅައި ނުވަތަ ހަވާސާއަށް ލާ، އެއްކައިރިކޮށް އަޅުގަނޑުމެން ދާކަށެއް ނެތިން. ސަރުކާރުގެ ބޭނުމަކީ، ފުލުސް އޮފީހަށްވެސް އަދި އެންޓި ކޮރަޕްޝަން ބޯޑަށްވެސް، އޮޑިޓަރ ޖެނެރަލަށްވެސް، ޕްރެސެކިއުޓަރ ޖެނެރަލަށްްވެސް އެހީތެރިވެދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވީ މިންވަރަކުން އަޅުގަނޑުމެން އެކަން ކުރަމުން ގެންދާނަން.

މިއުސަމް ޢައްބާސް – ޖަޒީރާ:

އެމްޑީޕީ.އިން ރިޔާސީ އިންތިޚާބަށް ކެންޕެއިން ކުރަމުން ދިޔަ ދުވަސްވަރު އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ، އިޤްތިޞާދެއް ވަރުގަދަ ކުރެވޭނީ، ކުދި ވިޔަފާރިވެރިންތަކެއް އުފެދިގެންނޭ. އެހެންނަމަވެސް، މި ވެރިކަން ލިބި އަދި ފަސް ވަރަކަށް މަސް މިދިޔައީ. ދިޔައިރުގައި އަޅުގަނޑުމެންނަކަށް ނުފެނޭ ކުދިވިޔަފާރިވެރިންތަކެއް އުފެއްދުމަށް މާބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ދިޔަތަނެއް. ދެން ކުދި ވިޔަފާރިވެރިންތަކެއް އުފެދިގެން މިއަންނަނީ ސަރުކާރަކުން އެ ކުދި ވިޔަފާރިވެރިންނަށް ދެވޭ ފައިނޭންސްގެ މިންވަރަކުންކަންނޭނގެ. އެހެންވީމާ، މިހާތަނަށް އައިރުގައި ތިޔަބޭފުޅުން ކުދި ވިޔަފާރިވެރިންނަށް ހުޅުވާލަން އޮތް ދޮރުތަކާ، މީގެ ކުޑަ ޑީޓެއިލްއެއް ދެވިދާނެތޯ؟

ދެން އަނެއް ސުވާލަކީ، އަޅުގަނޑުމެންނަށް ފެނިއްޖެ ވަރަށް ގިނަ ރިޕޯޓުތަކެއް، އޮޑިޓަރ ޖެނެރަލްގެ ފަރާތުން. ދެން އެއިން ކޮންމެ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ ހަމަ ޕޮލިސްއަށް ފޮނުވާ. އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސުން އެ ރިޕޯޓުތަކާ ދޭތެރޭގައި ޢަމަލުކުރައްވާ ގޮތެއް، މިހާތަނަށް އަދި އޭގެ ސްޓޭޓަސްއެއް ލިބިފައެއް ނެތް. ދެން ފުލުހުންގެ އެންމެ އިސްވެރިއަކަށް ރައީސް ހުންނަވާތީއާއެއްކޮށް އަޅުގަނޑު ސުވާލުކޮށްލާ ހިތްވޭ، މި ރިޕޯޓުތައް ކިހާ ހިސާބެއްގައި މި ޢަމަލީގޮތުން ފުލުހުން މި ތަޙުޤީޤުކޮށް މީގެ ރިޒަލްޓެއް ކިހާ ހިސާބެއްގައި ލިބޭނޭތޯއޭ އަޅުގަނޑުމެންނާ ހިސާބަށް؟

ރައީސް މުޙަންމަދު ނަޝީދު:

ފުރަތަމަ ކުދި ވިޔަފާރިވެރިންނަށް އިނގޭތޯ. އެނގިވަޑައިގަންނަވާނެ، މިހާރު ސަރުކާރުން ވާނީ ހަތް މިލިއަން ޑޮލަރުގެ ލޯނެއް ކުދި ވިޔަފާރި ތަރައްޤީ ކުރުމަށް ހުޅުވާލާފައި. އެއީ، ކުދި ވިޔަފާރިވެރިންނަށް ލިބޭ ގޮތަށް އޮތް 7 މިލިއަންގެ ލޯނެއް. ނުވަތަ ފެސިލިޓީއެއް، ފަންޑެއް. ދެން ހަމައެއާއެކީގައި ސަރުކާރުން ދިހަ މިލިއަން ރުފިޔާގެ ފަންޑެއް އެކުލަވާލުމުގެ މަސައްކަތް ނިމެމުން މިދަނީ. އަންހެން، ކުދި ވިޔަފާރިވެރިންނަށް، މެދުފަންތީގެ އަންހެން ބޭފުޅުންގެ ގޮތުގައި ވިޔަފާރިކުރައްވާ ބޭފުޅުންނަށް. އެހެންވީމާ، އެއީ، އަޅުގަނޑުމެންގެ ކުދި ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ތެރެއިން ހިނގާ އެއްކަމެއް. ދެން ދެންމެ އަޅުގަނޑު ހަމަ މިދެންނެވީ ހަ ރުފިޔާ އަށް މަސް ކިލޯއެއް ބަދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޑަ ވިޔަފާރިވެރިޔާ އެއީ އޮޑިވެރިޔާ. އެ އޮޑިވެރިޔާ އެއީ، ރާއްޖޭގައި އެންމެ ގިނަ ކުޑަ ވިޔަފާރިވެރިޔަކީ. އެ ކުޑަ ވިޔަފާރިވެރިޔާއަށް، ކުދި ވިޔަފާރިވެރިންނަށް އެހީތެރިވެދިނުމަށްޓަކައި އެ ލޯނު އުފެދިފައި މިވަނީ.

ދެން އަޅުގަނޑު ހަމަ ތަކުރާރު ކޮށްލަން ޖެހޭނީ އަނެއްކާ، އިނގޭތޯ. ފުލުހުންގެ މުއައްސަސާއަށް އެހީތެރިވެދިނުމަށްޓަކައި އަދި އެހެންވެސް ހުރި މުސްތަޤިއްލު މުއައްސަސާތަކަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަނޑަށް ލާޒިމުވާތީވެ، ވާޖިބުވާތީވެ އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެ ހަމަ މި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން މި ކޮމިޝަން މި އޮތީ އެކުލަވާލާފައި.

އިބްރާހީމް ވަޙީދު – ހާމަ:

މަނިކުފާނު ވިދާޅުވެއްޖެ ސިޔާސީ މަސްރަޙުު، އިންތިޚާބުތައް އެތުރި ދާ ގޮތުންނޭ އެނގިވަޑައިގަންނަވަނީ ކުރިޔަށް ބައްޓަން ކުރައްވަން. ދެން ރައީސް ނަޝީދު އިންތިޚާބު ތެރޭ ވިދާޅުވި ސާފު 50 ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެއޭ. އެހެންވީމާ، މި އިންތިޚާބުގައި އެމް.ޑީ.ޕީ.އަށް ފަންސަވީހަކަށް ގޮޑި ލިބުން މަނިކުފާނު ސިފަކުރައްވަނީ ކިހިނެއްތޯ އަދި މަނިކުފާނު އިންތިޚާބުގައި މިވަރަށް ގޮނޑިތައް ދަށްވުމުގެ ތިޔަބޭފުޅުންގެ މައިގަނޑު ސަބަބަކީ ކޮބައިތޯ، ކެމްޕެއިނުގެ ކޮން ކަންތައްތަކެއް ނުކުރެއްވިގެންތޯ މިވަރަށް ގޮނޑި ދަށްވެގެން ދިޔުމުގެ ނަތީޖާއަކީ؟

ރައީސް މުޙަންމަދު ނަޝީދު:

ފުރަތަމަ ކަމަކަށް އެމް.ޑީ.ޕީ.ގެ ޕްލެޓްފޯމެއްގައި ތިޔަ ސުވާލުގެ ޖަވާބު އެންމެ މުނާސަބުވާނީ. އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ހަމަގައިމުވެސް އިނގޭތޯ އަޅުގަނޑުމެން މަސައްކަތްކުރީ 50 ގޮނޑި ހޯދުމަށް. އަޅުގަނޑުމެނަށް ލިބުނީ 26 ގޮނޑި. އެއީ، އެދޭތެރޭގައި ހިނގާ ދިޔަ ފަރަގު އެބައޮތް. އޭގެ 26 ގޮނޑީގެ އިތުރުން އެނގިވަޑައިގަންނަވާނެ 7 ގޮނޑިއެއް އެބައޮތް ވިއްސަކަށް ވޯޓުގެ ފަރަގުން އަޅުގަނޑުމެނަށް ގެއްލިފައި. ދެން އެއީ ހަމަ ވަރަށް ދެރަކޮށް، އަޅުގަނޑުމެން ބަލިވީ އެކަމަކުވެސް އިނގޭތޯ. ބަލި ގަބޫލުކުރުން އެއީ ވަރަށް މުހިންމު ކަމެއް. ނާކާމިޔާބުގައި ހިތްވަރުގަދަ ކުރަން ޖެހޭނެ. އެއީ މިކަމުގައި، އަޅުގަނޑުމެން ހަމަގައިމުވެސް އަމިއްލައަށް އަޅުގަނޑު ބަލާއިރުގައި މިއީ، އަޅުގަނޑުގެ ފުރަތަމަ ބައްޔެއް ނޫން، އިރުއިރުކޮޅާ ބަލިވޭ، ހަމަ އެއާއެކީގައި ދެން އަންނަ ދުވަހު ގަދަވެސްވޭ. އެއީ، ހިތްވަރުގަދަ ކުރީމާ. އަޅުގަނޑު ހަމަ ބަލިވި ހުރިހާ ކެންޑިޑޭޓުންނަށް، އަޅުގަނޑު ކުރީގައިވެސް ދަންނަވާފައި އޮންނާނެ، ހިތްވަރާއެކުގައި ނުކުންނަވާށޭ. އިރާދަކުރެއްވިއްޔާ އެހެން ދެން މާޔޫސްވެގެން ބާވަތްބާވަތުގެ ޝަކުވާ އުފުލުމުން އެހެން ދިޔުމެއް މިއަކު ނެތޭ. އަދި ޚާއްޞަކޮށް ޒުވާން ޅަ ބޭފުޅުން. އެ ބޭފުޅުންނަށް މުސްތަޤްބަލް އެއޮތީ ހަމަ ސަރާސަރުކޮށް. އަޅުގަނޑުމެންނަށް ދެވޭނެ. އެބޭފުޅުންނަށް ކާމިޔާބު ކުރެއްވޭނެ އިނގޭތޯ. އެއްގޮތަކަށްވެސް އެހެން ހައްދަވާކަށް އަޅުގަނޑަކަށް ނުފެނޭ. ހަމަ މާދަމާއަކީ ގަދަވާ ދުވަހަކަށް އިރާދަކުރެއްވިއްޔާވާނެ މިއަދު ބަލިވީމަ.

ދެން ކިހިނެއްތޯ އިންތިޚާބުގެ ކަންކަން ހިނގާ ދިޔައީ ނުވަތަ އަޅުގަނޑުމެން ދުށީ ކިހިނެއްތޯ. މީގެ ދެމަހެއް ކުރީގައި އިނގޭތޯ، އެމް.ޑީ.ޕީ.އަށް އޮތް ފުރުސަތެއް އެލަޔަންސެއްގެ ތެރެއިން ގޮނޑިތަކަށް ކޮންޓެސްޓު ކުރުމުގައި ވާދަކުރުމުގައި ގޮނޑިތައް ބަހާލުމަށް، އެލަޔަންސެއްގެ ތެރެއިން ބަހާލުމަށް. އެހެން ބަހާލީމާ، ބަހާލައިގެން އަޅުގަނޑުމެން ވާދަ ކުރިނަމަ، ދެން މީގައި ހަމަ ދަންނަވާނީ ނަމައޭ. އަޅުގަނޑުމެނަށް ޖުމްލަ ކާމިޔާބު ބޮޑުވީސްކަންނޭނގެ އިނގޭތޯ. އެހެންނަމަވެސް، އެމް.ޑީ.ޕީ.ގެ އަޅުގަނޑަށް އެނގޭގޮތުގައި އެމް.ޑީ.ޕީ.ގައި އެބައޮވޭ އެހެން ސިޔާސީ މަޤްޞަދެއް. އެއީ، ސިޔާސީ ޕާޓީ ބިނާކުރުން. ޕާޓީގެ ނިޒާމު ރާއްޖޭގައި އަށަގެންނެވުން. އެހެންވީމާ، މި ޕާޓީއިން އަޅުގަނޑަށް ހީވަނީ ވިސްނާފައި އެއޮތީ، އެއީ ދެން އެ ވިސްނުމުގެ މައްޗަށް އަމަލު ކުރީތީވޭ، 77 ގޮނޑިއަށް ވާދަކުރީމާ އޭގެ މާނައަކަށް ވެގެން އެދިޔައީ އެބޭފުޅުން ބޭނުމެއް ނުވިއޭ، އެއްކަލަ ގޮޑިތައް ބަހައިގެން ކުރިޔަށް ގެންދާކަށް. ބަހައިގެން ކުރިޔަށް ގެންދިޔަނަމަ އަނެއްކާވެސް ނަމަ، މިއީ ވަރަށް ގިނައިން ގެންނަންޖެހޭނެ އެއްޗެއް މިވަގުތު އިނގޭތޯ. މިސާލަކަށް ވެފައި އޮވެދާނެއޭ އެމްޑީޕީއަށް 18 ގޮނޑި، ޖުމްހޫރީއަށް 14 ގޮނޑި، ގައުމީ ޕާޓީއަށް 16 ގޮނޑި، ޤައުމީ އިއްތިޙާދަށް 12 ގޮނޑި، ޢަދާލަތު ޕާޓިއަށް 8 ގޮނޑި، ލިބަރަލް ޕާޓިއަށް މިތައް ގޮނޑި، މިކަހަލަ އަދަދަކުން ބެހިފައި އޮވެދާނެއޭ. ކޯއްޗެއްހެއްޔޭ އެހެންވީމާ އެ ފެނުނީ. ރާއްޖޭގެ ސިޔާސީ މަސްރަޙުތޯއޭ އެފެނުނީ ނުވަތަ އެމް.ޑީ.ޕީ ދޫކުރީމާ ދެން އޮންނާނެ މަންޒަރުތޯއޭ. އެއީ، އަޅުގަނޑު ދަންނަވާހެން ޕާޓީގެ ޕްލެޓް ފޯމުގައި ދެއްކުން މާ ބުއްދިވެރި ވާހަކައެއް. އަޅުގަނޑު އެމް.ޑީ.ޕީގެ ރިޔާސަތަށްވެސް، އަދި އެމް.ޑީ.ޕީގެ ހުރިހާ މެންބަރުންނަށްވެސް މަރުޙަބާ ދަންނަވަން. އަދި އެހެން ހުރިހާ ޕާޓިގެ ހުރިހާ ބޭފުޅުންނަށްވެސް މަރުހަބާ ދަންނަވަން. އަދި ޚާއްޞަކޮށް ސިޔާސީ ޕާޓީ ބިނާކުރުވުމުގައި އެ މިފަހަރު އެ ނެންގެވި ރިސްކަށް އެ އެޅުއްވި ހަރުދަނާ ފިޔަވަޅު. މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ ސިޔާސީ މަސްރަޙު އޮތީ ކިހިނެއްކަން.

ފާޠިމަތު ސާމީ – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ ދަށުން ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް، ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކެއް މިހިރީ ރޭވިފައި. ދެން ބޮޑެތި އިންވެސްޓްމަންޓް ތަކެއްވެސް ގެންނަން ރޭވިފައި އެބަހުރި. ދެން މި އިންވެސްޓްމެންޓްތައް އަންނައިރު ރާއްޖޭގައި މިހާރު މިހުރީ ހަމައެކަނި ކޮމާޝަލް ބޭންކުތައް. ދެން ޑިވެލޮޕްމަންޓް ބޭންކޭއް ގެންނަވަން މިހާރު ސަރުކާރުގެ ކޮބައިތޯ މިކަމުގެ އަޕްޑޭޓަކީ. ދެން އެންމެފަހުން ޗައިނާއިން ވަޑައިގަތް ވަފްދުވެސް އެންމެ ބޮޑަށް ކޮންސަރންވީ ރާއްޖޭގެ އިންވެސްޓްމެންޓް ޕޮލިސީ އެހާ ހަރުދަނާނުވުން. އެހެންވީމާ، މިކަމުގެ އަޕްޑޭޓޭއް އަޅުގަނޑަށް ދެއްވަފާނަންތޯއޭ؟
ރައީސް މުޙަންމަދު ނަޝީދު:

ތެދުފުޅެއް. އެމް.އެމް.އޭ.އިން ބޭންކު ރަޖިސްޓްރީ ކޮށްދެނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވަރަށް ގިނަ ބޭންކުތައް އެމް.އެމް.އޭ.ގައި ރަޖިސްޓްރީވުމަށްވަނީ އެދިފައި. ދެން އެބޭފުޅުން އެކަން ކުރިއަށް ގެންދަވާ ގޮތް އެއީ. ވަރަށް ދެރަ. އިޤްތިޞާދަށް ވަރަށް ބޮޑެތި ހުރަސް މިއެޅެނީ. އަދި ތަރައްޤީއަށްވެސް ވަރަށް ބޮޑެތި ހުރަސް މި އެޅެނީ. އިތުރަކަށެއް މިކަމުގައި އަޅުގަނޑުމެންނަށް ދެންނެވޭނެ ވާހަކައެއް ނެތް. އެމް.އެމް.އޭ.އިން މާލީ ސިޔާސަތުގެ ތެރޭގައި މި ހިމެނޭ ބޭންކުތައް ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ. އެއީ، މުސްތަޤިއްލު މުއައްސަސާއެއް.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

އޭޕްރިލްމަހުގެ އެމް.އެމް.އޭ.ގެ އިކޮނޮމިކް ރިވިޔުގައި އަޅުގަނޑަށް ފާހަގަކުރެވުނު، މި ސަރުކާރުގެ ހިންގުމުގެ ޚަރަދު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ވުރެ 5 ޕަސެންޓް ބޮޑުކޮށް އޮތްކަން. އިނގޭތޯ. ހަމައެއާއެކު މި ލިބުނު އާމްދަނީއާ އަޅާ ބަލާއިރުގައި ޚަރަދުވި ފަރަގުވެސް މިދިޔަ އަހަރާ އަޅާބަލާއިރުގައި ވަރަށް ބޮޑުތަން ބޮޑުވެގެން ދިޔަކަމާ އަދި 38 ޕަސެންޓް އާމްދަނީ ދަށްވިކަން އިނގޭތޯ. ދެން މަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ޚަރަދުތައް ކުޑަކުރެއްވުމަކީ. ދެން އެއާއެކު އޮޑިޓަރ ޖެނެރަލް އެންމެ ފަހުން ނެރުއްވި ދެ ރިޕޯޓުގައި އެބައޮތް އެއްފަސް ކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައި އިނގޭތޯ. ކޮބައިތޯ މިކަމާ ދޭތެރޭގައި ޚަރަދު ބޮޑުވެގެންގޮސް އޮތުމާއި ދެން ޚަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކާ އެއާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތަކީ.

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނަށް ނޮވެމްބަރުމަހު، 2008 ވަނަ އަހަރު އެމް.އެމް.އޭ.އިން 204 މިލިއަން ރުފިޔާ ނަގަންޖެހުނު. ޑިސެމްބަރުމަހު 208 މިލިއަން ރުފިޔާ ނަގަންޖެހުނު. އެއަށްފަހު ދެން މި ވީ ގޮތަކީ ވަރަށް ބޮޑު ތަން ދަށަށް ދިޔައީ 176 މިލިއަން ރުފިޔާ، ދެން އައި މަހު 156 މިލިއަން ރުފިޔާ، ދެން އައި މަހު އެއްވެސް އެއްޗެއް ނަގަން ނުޖެހުނީ. ދެން އޭޕްރިލް މަހުގެ ހިސާބު މިހާރު ދައްކަނީ ޑެފިސިޓެއްގައި. އެއީ މާޗްމަހުގެ ތެރެއަށް ބަހާލަންވެސް އެބަ އޭޕްރިލްމަހުގެ ފައިސާ އެބަޖެހޭ. އަޅުގަނޑަށް މިފެންނަނީ ހަމަ އެމް.އެމް.އޭ.އިން އަޅުގަނޑުމެން މި ނަގަމުން އަންނަ މިންވަރު ކުޑަވަމުން އަންނަ ތަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ހަވާލުވިއިރުގައި، ޑެފިސިޓް ހުރީ ޖީ.ޑީ.ޕީ.ގެ 60 ޕަސެންޓާ ހަމައިގައި. ދެން އަޅުގަނޑުމެން އެ ބަދަލު ކުރެވޭތޯ މިއުޅެނީ، އަޅުގަނޑުމެންނަށް އަތްފޯރާ ފަށުގައި ކަންކަން ކުރިއަށް ގެންދެވޭނެ ހިސާބަކަށް. ދެން ޚަރަދު ކުޑަކުރުން އެހާ ފަސޭހަކަމަކަށްވެސް ނުވޭ. އަޅުގަނޑު ވަރަށް މަސައްކަތް ކުރަމުން މިދަނީ. މިސާލަކަށް ރިޔާސީ ޚަރަދު ކުޑަ ކުރެވިދާނެ. އެއީ، އަޅުގަނޑަށް ވަރަށް ފަސޭހަ ކަމެއް. އަދި މިނިސްޓްރީތަކުންވެސް އެބޭފުޅުންގެ ޚަރަދުވެސް ކުޑަ ކުރެވިދާނެ. ދެން އެހެންނަމަވެސް އަދި އެބަހުރޭ މުސްތަޤިއްލު މުއައްސަސާތައްވެސް. ދެން އޭގެއިތުރުން، އަނެއްހެން ކުޑަ ނުކުރެވޭނެ ޚަރަދުވެސް އެބަހުރޭ. މިސާލަކަށް ފަށާފައި ހުރި ބަނދަރުތަކެއް، ނުވަތަ ފަށާފައި ހުރި ޢިމާރާތްތަކެއް ހުއްޓުވާލުން، އެއީކީއެއް ބުއްދިވެރިގޮތުގައި ކުރާ ކަމެއްގެ ގޮތުގައި ނުބެލޭނެ. ދެން އެހެންނަމަވެސް ޚަރަދު ކުޑަކުރުން އަޅުގަނޑުމެންގެ އަމާޒަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދެކެނީ އަހަރު ނިމޭއިރުގައި އަޅުގަނޑުމެންނަށް ޑެފިސިޓު އޮންނާނެ މިއަހަރު ނިމޭއިރުގައިވެސް. ސަޕްލިމެންޓަރީ ބަޖެޓުގައިވެސް ޑެފިސިޓު އެބައޮތް. ކުރީގައި އަޅުގަނޑުމެން އެ އަންދާޒާ ކުރި ޑެފިސިޓެއް އިރާދަކުރެއްވިއްޔަކާއެއް ނޯންނާނެ.

ޢަލީ ރިޟްވާން – ޓީ.ވީ.މޯލްޑިވްސް:

ހޯމް މިނިސްޓަރުގެ މަގާމު ހުސްވެފައި ހުންނަތާ ދުވަސްގަނޑެއް ފަހުން އަނެއްކާވެސް މިފެނިގެން ދިޔައީ ބަންޑާރަ ނައިބުގެ މަގާމުވެސް ހުސްވެގެން ދިޔަތަން. ދެން އަޅުގަނޑުމެންނަށް އެބަ އަޑުއިވިގެންދޭ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް، ބަންޑާރަ ނައިބުގެ ފަރާތުން ވަކާލާތު ކުރައްވާނެ ފަރާތެއް ނެތިގެން ބައެއް މައްސަލަތައް ހުއްޓިގެން ދާކަމަށް. ދެން ހަމަ އެ ވާހަކަތައް އަޑު އިވިފައި ހުއްޓާ އަނެއްކާ މިއަދު މީޑިޔާއަށް އަޑު އިވިގެން ހިނގައްޖެ ބަންޑާރަ ނައިބުގެ އޮފީސް އުވާލުމަށް ސަރުކާރުގެ ވެރިން ލަފާދެއްވާފައިވާކަމަށް ޕްރެސް ސެކްރެޓަރީއާ ޙަވާލާދެއްވާ. ކޮބައިތޯ މީގެ ޙަޤީޤަތަކީ؟

ރައީސް މުޙަންމަދު ނަޝީދު:

ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އިނގޭތޯ. ދެން އަޅުގަނޑެއް މިއީކީއެއް މި ގާނޫނުއަސާސީގެ މާހިރެއް ނޫން. އެހެންނަމަވެސް، ޤާނޫނީ މާހިރުން މީގައި އެބަ ވާހަކަ ދައްކަވާ. ބަންޑާރަ ނައިބެއް އެބަ ބޭނުންވޭ. އެޓަރނީ ޖެނެރަލެއް. އެއީ، އެޓަރނީ ޖެނެރަލެއްގެ ލަފާ، އަޅުގަނޑު ބޭނުންވީމާ ނުވަތަ އަޅުގަނޑަށް އަރުވަން އެޓަރނީ ޖެނެރަލަކު އަޅުގަނޑުމެން ބޭނުންވޭ. ދެން އެހެންނަމަވެސް ޤާނޫނުއަސާސީގައި ނާދޭ އެޓަރނީ ޖެނެރަލެއްގެ އޮފީހެއްގެ ވާހަކައެއް. ދެން މީގެކުރީގައި އެޓަރނީ ޖެނެރަލެއްގެ އޮފީހަކީ ދަޢުވާވެސް ކުރާ ފަރާތް. އަދި ޤާނޫނުވެސް ޑްރާފްޓް ކުރައްވަނީ އެބޭފުޅުން. ދެން މިހުރިހާ ކަމެއް މިހާރު ނެތް. އެޓަރނީ ޖެނެރަލް މިހާރު ކުރައްވަން މިއޮންނަކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން. ޤާނޫނީ ލަފާ އެރުވުން. ދެން އެކަން ކުރުމަށް އަޅުގަނޑުމެން ބޭނުންވަނީ ކޮންކަހަލަ ވަސީލަތްތަކެއްތޯ. އެއީ، މި އަހާ ސުވާލަކީ. އަޅުގަނޑަށް، ސަރުކާރަށް ލަފާ އެރުވުމަށްޓަކައި، އަދި ސަރުކާރުގެ ދިފާޢުގައި ވަކާލާތު ކުރުމަށްޓަކައި ބޭނުންވަނީ ކޮންކަހަލަ މުއައްސަސާއެއްތޯ. ކޮންކަހަލަ ވަސީލަތްތަކެއްތޯ. އެއެއް އަޅުގަނޑުމެން މި ބަލަނީ. ދެން އަދި ހަމައެއާއެކީގައި ސަރުކާރުގެ އޮނިގަނޑުގެ އެހެން ކަންކަމަށްވެސް އަޅުގަނޑުމެން މި ދަނީ ބަލަމުން.
އިބްރާހީމް ވަޙީދު - ހާމަ

އަދިވެސް ހަމަ މި ސިޔާސީ މަސްރަޙު އެތުރިފައި އޮތް ގޮތުން އެކަމަށް އަޅުގަނޑު ސުވާލު އަމާޒު ކޮށްލާނީ. މި ޖުމްހޫރީ ގުޅުމަށް 33 ޕަސެންޓް 30 ޕަސެންޓް އެގްރީމެންޓެއްގެ ވާހަކަ ތަންކޮޅެއް ކުރިން އަޑު އިވިގެން ދިޔަ. ދެން މިހާރު ސިޔާސީ މަސްރަޙު އެތުރި ދިޔަ ގޮތުން ތިޔަބޭފުޅުން އެގްރިމެންޓާމެދު ކިހިނެއްތޯ ޢަމަލު ކުރައްވާނީ. މި ހުސްވި ދެ މަގާމަށް އަންނާނީ އެ ޕާޓީގެ ބޭފުޅުންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑުމެން ޕްރެސް މިއަދު ބައްދަލުކުރި މައުޟޫޢާ ވަރަށް ދުރުން ތިޔަ ދުރުވަނީ އިނގޭތޯ. ދެން އެހެންނަމަވެސް، ދަންނަވާނަން. އެއްބަސްވުމެއްގައި ހިފެހެއްޓޭނީ ހުރިހާ ފަރާތަކުން ހިފެހެއްޓީމާ. ދެން އެނޫން ގޮތަކަށް އަޅުގަނޑުމެންނާ ޑޮކްޓަރ ވަޙީދާ، މިސާލަކަށް، ޤައުމީ އިއްތިހާދާ އެއްބަސްވުމެއް އޮވޭ. އެ ހިފެހެއްޓިން. އަޅުގަނޑުމެންނަށް އެއްބަސްވުމެއް މި ހިފެހެއްޓެނީ އޭގައި އެއްފަރާތުން ހިފެހެއްޓީމަކާއެއް ނޫން. ދެން އެނގިވަޑައިގަންނަވާނެ ހަމަ ވަރަށް ރަނގަޅަށް. (1) އެމް.ޑީ.ޕީ.ގެ ސިޔާސަތަށް، އެއީ، ޚާއްޞަކޮށް ޕްރައިވަޓައިޒޭޝަން، އެއަށް ތާއީދުކުރުމަށް އެންމެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ނިންމަވައިގެން އިއްތިޙާދުގައި ބައިވެރިވީ. އަޅުގަނޑުމެންނަކަށް މުހިންމީކީއެއް މަގާމުތަކެއް ނޫން. އަޅުގަނޑުމެންނަށް މުހިންމީ އަޅުގަނޑުމެން ކުރަން މި އުޅޭ ކަންތައް. އެ ސިޔާސަތު ހިފެހެއްޓުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ސިޔާސަތު ހިފަހައްޓާނަން. ދެން އެހެންވީމާ، ތިޔަބޭފުޅާ ތިޔަކުރެއްވި ސުވާލުގެ ޖަވާބަކީ، އެއްބަސްވުމަކީ ދެފަރާތަކުން ހިފެހެއްޓީމާ، ހިފެހެއްޓޭ ކަމެކޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ނިންމާލުމުގެ ކުރިން ޑރ. ވަޙީދު އަރިހުން ޚާއްޞަކޮށް، ވަޙީދު ބަލަހައްޓަވަމުން ގެންދަވަނީ، މަސްތުވާތަކެތީގެ ޑިމާންޑާ އަދި ސަޕްލައި އާ ވެސް، ދެފަރާތާވެސް ގުޅޭ ކަންތައްތައް އެންމެ ގާތުން ބައްލަވާ އެއްބޭފުޅަކީ ވަޙީދު. އެހެންވީމާ، ކުޑަކުޑަ ބްރީފަކާއެކީގައި، ވަޙީދުގެ ކުޑަ ބްރީފަކާއެކީގައި އަޅުގަނޑުމެން މިއަދު ނިންމާލާނަން.

ނައިބު ރައީސް : ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު:

އައްސަލާމް ޢަލައިކުމް. އިޤްތިޞާދާވެސް ވަރަށް ބޮޑަށް ގުޅިފައި ހުރި ކަމެއް މަސްތުވާތަކެތީގެ ވިޔަފާރިއަކީ. ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަމުން އެބަގެންދޭ. އަޅުގަނޑުމެން އަންދާޒާ ކުރާ ގޮތުގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް، އެންމެ މަދުވެގެންވެސް 15 ވަރަކަށް ކިލޯގެ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަޅުގަނޑުމެންނަށް އަންދާޒާކުރެވޭ. އެހެންވީމާ، ވަރަށް ބޮޑު އެއްޗެއް އެއީ. ވަރަށް ގިނަ އަދަދެއްގެ ފައިސާ އޭގައި އެކުލެވޭ ކަންތައްތައްވެސް މެ. ޢާންމު ގޮތެއްގައި، މި ވިޔަފާރީގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނަކީ، އަދި އަޅުގަނޑުމެންނަށް ކުރިންވެސް ތިޔަ ވާހަކަފުޅުދެއްކެވި ގޮތަށް އޭގެ ގިނަ ބަޔަކު އަޅުގަނޑުމެނަށް އަތުލައި ނުގަނެވި ތިބި މީހުން. އޭގެތެރެއިން ދާދިފަހުން، އަޅުގަނޑު ދަންނަވާނީ އޭގެ ވަރަށް ވަރުގަދަ މީހަކުވަނީ އަތުލައިގަނެވިފައޭ. ދެން އޭނާގެ ތަޙްޤީޤުގެ ކަންތައްތައް މިހާރު ކުރަމުން އެގެންދަނީ.

ދެން ސަރުކާރުން ސީދާ ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑުގެ ބެލުމުގެ ދަށުން، މިހާރު ކުރިއަށްވުރެ މާ ރަނގަޅަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކަންތައްތަކާ އެކަމާ ބެހޭގޮތުން ޤާނޫނު ތަންފީޒުކުރުމާ، މިކަމާ ގުޅޭގޮތުން އަޅުގަނޑުމެން މަސައްކަތްކުރަމުން މިހާރު މިގެންދަނީ. އެނގިވަޑައިގަންނަވާނެފަދައިން ރައީސުލްޖުމްހޫރިއްޔާވަނީ ނާކޮޓިސް ކޮންޓްރޯލް ކައުންސިލެއް އުފައްދަވާފައި. އެ ކައުންސިލްގެ ބެލުމުގެ ދަށުން މިހާރު އަނެއްކާވެސް ޤާނޫނު ބުނާގޮތުގައި މި އޮންނަ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ މަސައްކަތް ކުރިޔަށްވުރެ ހަރުދަނާކޮށް ހިންގުމަށްޓަކައި އެ މަސައްކަތް މިހާރު ދަނީ ރޭވެމުން. އަދި އޭގެއިތުރުން، ދެންމެ ރައީސް އެ ވިދާޅުވި ފަދައިން، އެތެރެވާ މަސްތުވާތަކެތި މަދުކުރުމަށްޓަކައި، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ޕޯޓުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި މިހާރުދަނީ މަސައްކަތްތަކެއް ކުރެވެމުން. އެގޮތުން ޕޯޓްސް ކުންފުންޏާއި، ކަސްޓަމްސްއާ އަދިވެސް ލޯ އެންފޯސްމަންޓް އެހެން އޭޖެންސީތަކާ ގުޅިގެން، އަޅުގަނޑުމެން އެޅެން ހުރި ފިޔަވަޅުތައް ފާހަގަކޮށް އެކަމައިގެން މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ އެއްކަމެއް ދެންމެ ރައީސް އެވިދާޅުވީ. އެއްކަމަކީ، އެއީ ތިލަފުށިގައި ހުރި ތަފާތު ބަނދަރުތައް، މިހާރަށްވުރެ ބޮޑަށް ކޮންޓްރޯލްކުރެވި، އެތަނުން މަސްތުވާތަކެތި ވަންނަކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވޭ. އެހެންވީމާ، އެހެންކަމަށްވާނަމަ އެކަން ކޮންޓްރޯލްކުރުމަށްޓަކައި އަޅަން ހުރި ފިޔަވަޅުތައް އެޅުން. އަދި ހަމަ އެހެން މަސްތުވާތަކެއްޗަކީ ރާއްޖެތެރޭގައިވެސް، އެއްރަށުން އަނެއް ރަށަށް ގެންދާ އެއްޗެހި. އެހެންވީމާ، އެ ދަތުރުފަތުރުގެ ކަންތައްވެސް މިހާރަށްވުރެ ބޮޑަށް، ސެކިއުރިޓީގެ ފަރާތުން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަ ގެންދަން.

މީގައި ދެން އެންމެ ބޮޑަށް އަސަރު ކުރާ ބަޔަކީ މި ބޭނުންކުރާ ކުދިން. ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް އަޅުގަނޑުމެން އެބަޖެހޭ ފަރުވާ ދޭން. ދެން ރަށުގެ ތެރޭގައި މަސްތުވާތަކެތި މަދުވަމުން އައުމުގެ ސަބަބުން އޭގެ ވަރަށް އެހެންކަހަލަ އަސަރުތަކެއް ކުރަމުންދާނެ. ރަށުގެ ތެރޭގައި ކުށް ގިނަވުންވެސް އެކަށީގެންވޭ، މަސްތުވާތަކެތި މަދުވާންފެށީމާ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ކުއްލިއަކަށް ކުރަންޖެހޭ ބައެއް ކަހަލަ މަސައްކަތްތައްވެސް އެބަހުރި. އެގޮތުން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ވިލިނގިލީގައި ޤާއިމުކުރެވޭތޯ. އެމަސައްކަތް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިހާރުވަނީ ފަށްޓަވާފައި. ދެން ކުރު ގޮތަކަށް ދަންނަވަނީނަމަ އަޅުގަނޑު މިދަންނަވަނީ މިހާރު ކުރިއަށްވުރެ ރަނގަޅަށް ރޭވިގެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކީ ކުރިއަށް އެބަދެއޭ. އެވާހަކަ ދަންނަވާލީ.

ރައީސް މުޙަންމަދު ނަޝީދު:

ވަރަށް ބޮޑަށް ޝުކުރިއްޔާ.