بســم اللّـه الرّحمـن الرّحيــم
ހަނިމާދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން:
السّـلام عليـكم
ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ. ހަމަ މިތަނުގައި، އިރުއޮއްސެމުންދިޔަ އިރެއްގައި، މީގެ ހައެއްކަ މަސް ކުރީގައި، އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރިން. އެދުވަހު އަޅުގަނޑު ތިޔަބޭފުޅުންނަށް، އަޅުގަނޑުމެންގެ ސަރުކާރެއް، އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދިއްޖެނަމަ، އެ ސަރުކާރެއްގެ ސިޔާސަތާ ގުޅޭގޮތުން ބައެއް މަޢްލޫމާތު އެރުވިން.
އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅިން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ހިނގަމުންދާނެ، ކިތަންމެ ކަމެއްގެ ބައެއް ތަފްޞީލުމެ. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވިން. އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރަށްތައް އެއީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅި ލާމެހިފައިވާ ރަށްތަކަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑުމެން، ރައްޔިތުންނަށް ވަޢުދުވިން. އަތްފޯރާފަށުގައި ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. ބޭސް ސިޓީއަށް ސަލާން ޖެހުމާއި، ޑްރަގްގެ ކަންތައްތަކުން އަޅުގަނޑުމެންނަށް މިންޖުވެވޭނޭ، އަދި ޒުވާން ޖީލު ސަލާމަތް ކުރެވޭނޭ ސިޔާސަތުތަކެއް އަޅުގަނޑުމެން ތަޢާރުފު ކުރާނަމޭ. އަޅުގަނޑުމެން، ރައްޔިތުންނަށް ވަޢުދުވީމު. އަތްފޯރާފަށުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، ތަކެތީގެ އަގު އަދި ޚިދްމަތުގެ އަގު ބަހައްޓައިދިނުމަށް، މާލީ ސިޔާސަތެއް އަޅުގަނޑުމެން އެކުލަވާލާނަމޭ.

އަޅުގަނޑުމެންގެ ކެމްޕޭން ނުވަތަ އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ކުރިއަށްދިޔައިރުގައި، މިދެންނެވި މައިގަނޑު ފަސް ވަޢުދުގެ އިތުރުން، އަދި ކިތަންމެ އެހެން ވަޢުދުތަކެއް، ކިތަންމެ އެހެން ކަންކަމެއް، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވިން.
މިރޭ އަޅުގަނޑަށް ލިބޭ އުފަލަކީ، މިކަންކަން، މި ސިޔާސަތު މިދެންނެވި ސިޔާސަތު ތަންފީޒުވެގެންދާއިރުގައި، މިރަށަށް، ތިޔަބޭފުޅުންނަށް އޮތީ ކޮންގޮތެއްތޯ؟ ވާނީ ކޮންކަމެއްތޯ؟ ހަނިމާދުއަށް އޮތީ ކޮން ގޮތެއްތޯ؟ އެ ސުވާލާ ގުޅޭގޮތުން، މިރޭ އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ބައެއް މަޢްލޫމާތު އެރުވިދާނެ. އެއީ، މިރޭ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ ވަޢުދުތައްވެ، އަދި އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ، ހިންގަމުންދާތާ މިހާރު 6 މަސްދުވަސްވެއްޖެ. އަޅުގަނޑަށްވެސް އަޑުއިވޭ. ބައެއް ބޭފުޅުން ވިދާޅުވާއަޑު. 6 މަސްދުވަސްވިއްޔޭ! މިތަނުގައި އަޅުގަނޑުމެން ބުންޏޭ، ބޭންކެއް ޤާއިމުކޮށްދޭނަމޭ. އެކަމެއް އަދި ނުވެޔޭ. 6 މަސްދުވަސްވިއްޔޭ! އަޅުގަނޑުމެން ބުންޏޭ، ފަރިދޫ މީހުންނަށް 17ގެ، ހަތިފުށީ މީހުންނަށް އަޅައިދޭ ގެއާ އެކީގައި މިތަނުގައި އަޅުގަނޑުމެން އަޅައިދޭނަމޭ. އަދި އެކަމެއްވެސް ނުވެޔޭ. އަޅުގަނޑުމެން ތަފްޞީލުކޮށް ބައެއް ވާހަކަތައް ތިޔަބޭފުޅުންނާ ތަކުރާރުކޮށް، މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައިވާނީީ ދައްކާފައި. އަޅުގަނޑުމެންގެ ސަރުކާރެއް ހިނގަމުންދާއިރުގައި، ކަންތައްތައްވާނެގޮތާ ގުޅޭގޮތުން.

އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑަށްވެސް ހަމަ ފެނެއޭ. މިއީ އިންތިޚާބުގެ ދުވަސްވަރު. އެހެންވީމާ، އިންތިޚާބަށްޓަކައި ގިނަފަހަރަށް ރާއްޖޭގެ ސިޔާސީ ވެރިން، ކަންކޮށްފައި އޮތް ގޮތަކީ، ރައްޔިތުންނަށް އިތުރު ވަޢުދުތަކެއްވުން. މާދަމާ، މިވެނި ކަމެއް ކޮށްދޭނަމޭ، ނުވަތަ މާދަން ނޫން އަނެއް ދުވަހުން މިވެނި ކަމެއް ކޮށްދޭނަމޭ ނުވަތަ އިންތިޚާބުގެ ކުރިއަށް މިރަށަށް ކޮންނަ ބޯޓު ގެނެސްދޭނަމޭ. ނޫނިއްޔާ، މިވެނި އެވެނި ކަމެއް، އިންތިޚާބުގެ ކުރިއަށް ކޮށްދޭނަމޭ ބުނެ، ރައްޔިތުންގެ ރުހުން ހޯދުމަށް މަސައްކަތް ކުރަނީ. އަދި އެބާވަތުގެ ބައެއް ކަންކަން ކުރަންވެސް ފަށަނީ. އެހެންނަމަވެސް، އެ ފަށާ ކަންކަން ކުރަން ފަށާއިރުގައި، އެކަންކަމުގައި، ކުޑަ ރޭވުމެއްވެސް ނުހުރޭ. ފަހަތަށް ވިސްނިފައެއް ނޯވޭ. ކުރީގައި ދެން، ކުރިއަށްވާނެ ގޮތެއް ބަލާލެވިފައެއް ނުހުރޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ގިނަފަހަރު ދިމާވެފައި މިއޮންނަ ގޮތަކީ، ކަންކަން ފަށައިގަނެ، އެކަންކަން ގެންގޮސް ރީތި ނިމުމަކަށް ނުގެންދެވޭ.

މިދަތުރުތައް އަޅުގަނޑުމެން ކުރަމުންދާއިރުގައި، އަދި މީގެކުރީގައިވެސް މިބާވަތުގެ ކިތަންމެ ކަމެއް ފެނިފައި އެބަހުރި. ހަތިފުށީ މީހުން މިރަށަށް ގެނެވުނީވެސް، އެމީހުންނަށް ހިޔާވަހިކަމެއް ހަމަ ސީދާ ވަގުތުން ވަގުތަށް ހޯދައިދޭނެ ކަމަށް ބުނަމުން. އަދި އެއަށްފަހު، މިހާރު ފަރިދޫ މީހުންވެސް އެކި ތަންތަނަށް ބަދަލުކުރެވިފައި އެވަނީ، މިދަންނަވާ ބާވަތުގެ ރޭވުމެއްނެތި، އެކަމަށް ގިނަގުނަ ވަޢުދުތަކެއްވެ، ރައްޔިތުން، އެ މައްޗަށް ޢަމަލުކުރަން ފަށައި، އެ ޢަމަލު ކުރަން ފެށުމަށްފަހު، އޭގައި ކޮޅެއް މެދެއް ނެތުނީމާ. އަޅުގަނޑުމެން ކުރާ ކަންތައް، އަޅުގަނޑުމެން ކުރަން ބޭނުންވަނީ، ރަނގަޅަށް، އެކަމާ ގުޅޭގޮތުން ވިސްނަންހުރި ހުރިހާ މަގަކަށް ވިސްނާފައި. އަޅަންހުރި ހުރިހާ ފިޔަވަޅެއް އަޅައި، ވެދާނެ ހުރިހާ ގޮތަކަށް ބަލައި، ދެން އެކުރާ ކަމެއް ކުރުން. އަޅުގަނޑުމެން އަބަދުވެސް ބުނެ އުޅެން. އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނާ ބައެކޭ. އެނޫން ގޮތަކަށް ވިސްނާފައި، ކަންކުރީމާ، އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައި މިއޮންނަނީ، އަރާނެ ގެ ހުސްވާތަން.

ހަތިފުށީ މީހުންނަށް ދިމާވެފައި މިހާރު އެހުރީ، ހަމަ އަރާނެ ގެ ހުސްވީ، ސައިވީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިރަށުގައި، ހަނިމާދޫގައި، ހަތިފުށީ ރައްޔިތުންގެ ގެވެސް އަޅައިދޭނެ. އަދި އޭގެއިތުރުން، މިދަންނަވާހެން ފަރިދޫ ރައްޔިތުންނަށް މިބޭނުންވާ ގެދޮރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިތަނުގައި އަޅައިދޭނެ. އިރާދަކުރެއްވިއްޔާ، އެމަސައްކަތް މިއަހަރު އަޅުގަނޑުމެން ފަށާނެ.
މި ސަރުކާރުގެ ވަރަށްބޮޑު އަދި ވަރަށް މުހިންމު ސިޔާސަތެއް އެއީ. އަޅުގަނޑުމެން ދެކޭގޮތުގައި، ޤައުމެއް ކޮޅަށް ހުންނަން ނުވަތަ ޤައުމެއް ތަރައްޤީވެދިޔުމަށް ކޮންމެހެން ބޭނުންވާ، ވަކި ޚާއްޞަ ކަންތައްތަކެއް ހުރޭ. އޭގެތެރޭގައި، ރަށްރަށުގެ ފެނާއި، ނަރުދަމާގެ ހޮޅިތަކާއި، ކަރަންޓް ނަރުތަކަކީ، ޙަޤީޤަތުގައި މިޤައުމުގެ މައިބަދައަށްވާން ޖެހޭނެ. މިކަން މިހެންނުވެ، އަޅުގަނޑުމެންނަކަށް ތަރައްޤީވެއެއް ނުދެވޭނެ. ކަރަންޓަކީ އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވޭ، ނުހަނު ބޭނުންތެރި ވަސީލަތެއް. ތަރައްޤީގެ އެންމެހާ ކަންކަމާ އެހާމެ ބޮޑަށް ގުޅިފައިވާ ވަސީލަތެއް. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް މިހާރު ދެމުންދާގޮތް، ވަރަށް އިތުބާރު ކުޑަ ގޮތެއްގައި އެކަން ހިނގަމުންދަނީ. ގިނަ ރަށްރަށުގައި މިއޮންނަނީ، މާދަމާވެސް ދެން ޖަނަރޭޓަރު ހުންނާނެ ކަމުގެ ޔަޤީންކަމެއް ނެތިފައި. ދެން ހުރި ކުޑަ ޖަނަރޭޓަރު ނުވަތަ ބޮޑު ޖަނަރޭޓަރު މިވަނީ އޯވަރހޯލް ކުރަން ޖެހިފައި. އަދި ނަރުތައްވެސް މިހުންނަނީ ގިނަފަހަރަށް ބަދަލުކުރަން ޖެހިފައި. ޕެނަލް ބޯޑް އޮންނަނީ އޯޑަރު ކުރަން ޖެހިފައި. ތެޔޮތާނގީ ހުންނަނީ ހަދަންޖެހިފައި. ރަށްރަށުގެ އިންޖީނުގެތައް ހިނގަމުންދަނީކީއެއް، ރައްޔިތުންނަށް އިތުބާރާއެކީގައި އަދި އެކަށީގެންވާ އަގެއްގައި ކަރަންޓް ލިބޭ އުޞޫލަކުންނެއް ނޫން.

ނަރުދަމާއެއް އެޅިފައި އޮތީ ވަރަށް މަދު ރަށެއްގައި. ފެން އަދި އަމުދުން ދެވިފައެއް ނެތް. މި ޚިދްމަތްތައް ރާއްޖެއަށް ހަމަ މިހާރުން މިހާރަށް ބޭނުންވޭ. މިމަސައްކަތްތައް ރާއްޖޭގެ ރަށްތަކުގައި ހަމަ މިހާރުވެސް ކުރަން މިއޮތީ ޖެހިފައި. ވަކި ހަނިމާދުއެއް ނޫން. އެވެނި މިވެނި ރަށެއް މިއަކު ނެތް. އަޅުގަނޑުމެންގެ ރަށްތަކުގައި، މިހާރު މީހުން ދިރިއުޅެމުން މިދަނީ، ޙަޤީޤަތުގައި މިރަށްރަށުގައި މީހުން އުޅެން، އުޅެވޭނެ، ޤުދްރަތީ ގޮތުން އުޅެވެން އަދި ވަސީލަތްތައް ބޭނުންކޮށްގެން، ސީދާގޮތުގައި އުޅެވެން އޮތް ޢަދަދަށްވުރެން މާގިނައިން. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަޖެހޭ، މިރަށްރަށުގެ ފެނާއި، ނަރުދަމާގެ ކަންކަން ރައްޔިތުންނަށް، އިންސާނުންނަށް އުޅެވޭ މިންވަރަކަށް އަދި ބޭނުންކުރެވޭ ގޮތަކަށް، އެކަންކަން ރާވައި އިންތިޒާމު ކުރަން. ސަރުކާރުން ނިންމާފައިވަނީ، ރާއްޖޭގެ ރަށްތަކަށް ފެނާއި، ނަރުދަމާއާއި، ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި، ކޮންމެ ޕްރޮވިންސެއްގައިވެސް، މަތި އުތުރު ޕްރޮވިންސް، ހަނިމާދޫ ހިމެނޭ ޕްރޮވިންސްގައިވެސް ޔުޓިލިޓީ ކުންފުންޏެއް އުފައްދަން. އެއީ، ފެނާއި، ނަރުދަމާއާއި، ކަރަންޓްގެ ޚިދްމަތް ދިނުމަށް އުފައްދާ ކުންފުންޏެއް.

ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް، ފަހަރުގައި މީގެ ދެތިން ދުވަސް ކުރިން އަޑުއިވިފައި އޮވެދާނެ ޚަބަރުން. މި ކުންފުންޏަށް މީގެކުރީގައި މާލޭ ބޮޑު އިންޖީނުގެއިން ހިންގަމުން ގެންދިޔަ އިންޖީނުގެތައް، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި، އެ އިންޖީނުތައް، ސްޓެލްކޯގެ އިންޖީނުގެތަކުގައި ގޮތުގައި ހިންގަމުން ގެންގޮސްފައިވޭ. އެ އިންޖީނުގެތައް މިހާރުވާނީ، މިދަންނަވާ ޔުޓިލިޓީ ކުންފުނިތަކަށް ބަދަލުކުރެވިފައި. ސަރުކާރުން ދެން ގަސްދުކުރަނީ، އެ އިންޖީނުގެތަކުގެ އިތުރުން، ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައިވެސް އިންޖީނުގެތައް، މިދެންނެވި 7 ކުންފުންޏަށް ބަދަލުކުރަން. އެކަން ކުރެވޭނީ، ރައްޔިތުންނާ ވާހަކަ ދައްކައިގެން. ރައްޔިތުން، އެކަމަށް ރުހުން ދިނީމާ. ބައެއްފަހަރަށް، އެ އިންޖީނުގެއަށް ޖެހިދާނެ، ރަށްރަށުގެ އިންޖީނުގޭގައި ހުރި ތަކެތި، ރަށްރަށުގެ ރައްޔިތުންގެ އަތުން ގަންނަންވެސް. އަނެއްބައިފަހަރަށް ރައްޔިތުން ބޭނުންވެދާނެ، އެ އިންޖީނުގެތައް އެއީ، އެ ރައްޔިތުން، އެކުންފުނީގައިވާ ޙިއްޞާގެ ގޮތުގައި ހިމަނައިގެން، އެކުންފުނީގައި ރައްޔިތުން ޙިއްޞާވެގެން ކުރިއަށް ގެންދަންވެސް. އިރާދަކުރެއްވިއްޔާ، އެފުރްޞަތުވެސް އަޅުގަނޑުމެން ރަށްރަށަށް ހުޅުވާލާނަން.

ރަށްރަށުގެ އިންޖީނުގެތައް، މިދަންނަވާ ކުންފުންޏަށް ބަދަލުވާއިރު، ސަރުކާރުން ގެންދަނީ، މި ސަރަޙައްދުގައި، މި ޕްރޮވިންސްގައި ހުރި ރިޒޯޓްތަކުގެ ވެރިންނާވެސް ވާހަކަ ދައްކަމުން. ސަރުކާރުން ބޭނުންވަނީ، ރިޒޯޓްތަކުގެ ފެނާއި، ނަރުދަމާއާއި، ކަރަންޓްގެ ޚިދްމަތްވެސް މިދަންނަވާ ކުންފުނިން ހިންގާ ގޮތަކަށް އިންތިޒާމު ކުރަން. އޭގެ ބޭނުމަކީ، ފެނާއި ނަރުދަމާގެ ބޮޑު އެއް ކުންފުނި އުފެއްދުން. އަދި އެކުންފުނި އެއީ ވިޔަފާރީގެ ގޮތުން ހިންގޭނެ ކުންފުންޏެއް ކަމަށް، ބޭރުގެ އިންވެސްޓަރުންނަށް ފެންނަންފަށާހިނދު، އެމީހުން އެ ކުންފުނީގައި ޙިއްޞާވުމަށް ޝައުޤުވެރިވާނެ. ސަރުކާރުން ޝައުޤުވެރިވާ އެފަދަ ކުންފުނިތައް ހޯދުމަށް އިޢްލާނުކުރީ މީގެ ދެމަހެއްހާ ދުވަސް ކުރިން. މިހާރު އެކަމުގެ އެ އިޢްލާނަށް ޝައުޤުވެރިވެ، އަޅުގަނޑު ހަނދާންވާ ގޮތުގައި، ބައިނަލްއަޤްވާމީ 14 ފަރާތަކުންވަނީ، ސަރުކާރަށް ހުށަހަޅާފައި. ސަރުކާރުން އޮތީ މި 14 ކުންފުނީގެ ތެރެއިން، މިކަމަށް އެންމެ އެކަށީގެންވާ ކުންފުންޏެއް ހޯދައި، އެބަޔަކާ މަސައްކަތް ޙަވާލުކުރަންވެފައި. އިރާދަކުރެއްވިއްޔާ، މިދަންނަވާ އުޞޫލުން މިރާއްޖެއަށް މިވަގުތުން ވަގުތަށް ބޭނުންވާ ފެނާއި، ނަރުދަމާއާއި، ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދެވޭނެ. ހަމަ އަޅުގަނޑަށް، އެހެންވީމާ އުފަލާއެކީގައި ދަންނަވަން ކެރިދާނެ. ހަނިމާދޫގެ އިންޖީނުގެއާއި، މި ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، މަތި އުތުރު ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނިން ޙަވާލުވާނެ. އަދި އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ، ހަނިމާދުއަށް ފެނާއި ނަރުދަމާގެ ޚިދްމަތްވެސް ޤާއިމުކޮށްދޭނެ.
މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، ހަނިމާދޫ އެއަރޕޯޓް، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހަދައި އަދި ހަނިމާދޫގައި ފުޅާކޮށް ވިޔަފާރިކުރުން އެއީ، ވަރަށް އިސްކަމެއްދީގެން ސަރުކާރުން ހިންގަން ބޭނުންވާ ސިޔާސަތެއް. އެކަން ކުރުމަށްޓަކައި ސަރުކާރުންވަނީ ހަނިމާދޫ އެއަރޕޯޓް އެއީ، ކޯޕަރޭޝަނެއްގެ ގޮތުގައި އުފައްދާފައި. އެ ކޯޕަރޭޝަނަކީ މި އެއަރޕޯޓްގެ ހިންގާ ކުންފުނި. އަދި އެއަރޕޯޓް އެއީ، އެކުންފުނީގެ ތަނެއް. ސަރުކާރުން މިހާރު އިޢްލާނު ކޮށްފައިވަނީ، އެކުންފުންޏާ ޙިއްޞާވާނެ، ބޭރުގެ ކުންފުންޏެއް ހޯދުމަށް. އޭގެ ބޭނުމަކީ، އެ ބޭރުގެ ކުންފުނިން މެދުވެރިވެގެން، މި އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކުރުމާއި، އަދި މި އެއަރޕޯޓްގައި ހިންގަންޖެހޭ އެހެނިހެން މަޝްރޫޢުތައް ހިންގުމަށް ފައިސާއާއި އަދި އެކަމުގެ ހުނަރު މިރާއްޖެއަށް ގެނައުން. ސަރުކާރުން ކުރި އިޢްލާނަށް މިހާރުވަނީ، ހަތަރު ފަރާތަކުން ސަރުކާރަށް އިޖާބަދީފައި. އޭގެތެރެއިން ގިނަފަރާތްތަކުން އެދޭ، މިތަނުގައި ބޮޑު ޑިއުޓީ ފްރީ ކޮމްޕްލެކްސްއެއް ހިންގުމަށް. މިތަނުގައި ބޮޑުކޮށް ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމެއް، ވަރަށްބޮޑު އިތުބާރެއް އެބައޮތް. އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތް ހަނިމާދޫގައި ފެށިގެންދާނެ. ހަމަ އެކަމާ ގުޅިގެން، ހަނިމާދޫގައި ހަނިމާދޫގެ މަގުތައް ހެދުމާއި، އަދި ހަނިމާދޫގައި ގެދޮރު ޢިމާރާތް ކުރުމާއި، މިއެންމެހާ މަޝްރޫޢުތައްވެސް ހަނިމާދޫގައި ހިނގަން ފަށާނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިފެންނަ ހަނިމާދޫ މުޅިން އެހެން ހަނިމާދުއަކަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒެއް އެއީ، އަޅުގަނޑުމެންގެ މަޤްޞަދެއް އެއީ.

މި ސަރުކާރު ދެމިއޮންނަނީ، ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ހަނިމާދޫ ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ހިމަނާފައި އޮތް ކަމެއް. އަދި އަބަދުމެ، ހަމަކަށަވަރުންވެސް އެމް.ޑީ.ޕީ.ގެ ގޮފީގެ މެންބަރުންނާއެކުގައި އަޅުގަނޑުމެން މަޝްވަރާ ކުރަމުން އައިސްފައިވާ ކަމެއް. މިއަދު އަޅުގަނޑުމެންނަށް، އެ މަޝްރޫޢުތައް ޙަޤީޤަތަކަށް ހަދައި، ހިންގަން ފެށެން އެބައޮތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިބުނާ ބަދަލުތައް، އަޅުގަނޑުމެން މިބުނާ މަޝްރޫޢުތައް އަޅުގަނޑުމެން ހިންގަން ފަށާނެ.
އަޅުގަނޑަށް ބައެއްފަހަރަށް އަޑުއިވެމުންދޭ، ބައެއް ބޭފުޅުން ވިދާޅުވާތީ، މިތަނުގެ އެއަރޕޯޓް، ކޮންމެވެސް މީހަކު ބުންޏޭ މިތަން ޕްރައިވަޓައިޒް ކުރީމާ ނުވަތަ ބޭރުބަޔަކަށް ދިނީމާ، ދިވެހިންގެ ވަޒީފާއޭ ގެއްލޭނީ. ދެން އަޅުގަނޑު ހިތަށްއަރާ، މީހުން ހަމަ އަޑުއަހާފާނެބާވައޭ، މިތަނުން ކޮންމެވެސް މީހަކު ބުނީމާ، މާދަމާ އިރުއަރަނީ ހުޅަނގުންނޭ ބުނީމާ، އެވާހަކަވެސް. މިތަނަށް އިތުރު އިންވެސްޓްމަންޓް އައިމާ، ނުވަތަ ބޭރުގެ ވިޔަފާރި މިތަނަށް ގެނެވުނީމާ، އޭގެ ސަބަބުން މިތަނުގެ މުވައްޒަފުންނަށް ގެއްލުންވާނޭ ހަމަ ބުއްދިއަށް ވިސްނޭ އެއްވެސް މަގެއް ނެތް. އަދި މިތަނުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ބަޔަކު އެޅީމާ، އެއިން ދިވެހިރާއްޖެއަށް ގެއްލޭ އެއްވެސް އެއްޗެއް ހަމަ ބުއްދިއަކަށް ނުވިސްނޭ. އެބަޔަކުދާއިރުގައި އެއަރޕޯޓް އޮޅާލައިގެން ހިފައިގެނެއް ނުދެވޭނެ. ހަމަ އެތަން އޮންނާނީ ހަނިމާދޫގައި. ސަރުކާރުން މި ގަސްދުކުރަނީ، ކުންފުންޏެއް އުފައްދަން. އެއަރޕޯޓް ކުންފުނި. އެ ކުންފުންޏާ ޙިއްޞާވާނެ، ބޭރުގެ ފަރާތެއް ސަރުކާރުން ހޯދަނީ. ދެން މިކުންފުނިން އެ ބޭރުގެ ފަރާތާއެކީގައި މިރަށުގެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަނީ. ސަރުކާރުން އެކުންފުނި ބޭރުގެ ފަރާތަކަށް، އެ ޙިއްޞާދޭއިރުގައި، ޝަރުޠު ކުރަނީ، އެވެނި ކަމެއް މިވެނި ތާރީޚެއްގައި، މިވެނި ކަމެއް އެވެނި ތާރީޚެއްގައި ވާންޖެހޭނެއޭ. އެ ޝަރުޠުތަކަށް ގަބޫލުވެ، އަދި ރާއްޖޭގެ އެންމެހާ ޤާނޫނުތަކަށް އެކުންފުނި ނުފެތޭނޭ ހަމަ އެއްވެސް ހަމައެއް، އެއްވެސް ގޮތެއް ނެތް. އެކުންފުނި ހިނގަނީކީއެއް ރާއްޖޭގެ ސަރަޙައްދުން ބޭރުގައެއް ނޫން. މިހާރުވެސް މިރާއްޖޭގައި ބޭރުގެ ކުންފުނިތައް މަސައްކަތްކުރޭ. އެކުންފުނިތައްވެސް މަސައްކަތް ކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ހަނިމާދޫގައި ހަދާ ކުންފުނި، މިނޫން ގޮތެއްވާންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުގެ ނަސޭހަތަކީ، ބަޔަކު މީހުން ދައްކާހާ ވާހަކައަކަށް ނުހެއްލޭށޭ! އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއެދޭ ބަދަލުތައް ގެނައުމަށް، އަޅުގަނޑުމެން މި އުންމީދުކުރާ މަޝްރޫޢުތައް ހިންގުމަށް އެބައޮތް ރޭވުންތަކެއް ރޭވިފައި. އެބައޮތް ޕްލޭންތަކެއް ކުރެވިފައި. އެކަންކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވުނީމާ، އަޅުގަނޑުމެން މި އެދޭ ބަދަލު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނީެ.
މި ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުން، ހަނިމާދުއަށް ވަރަށް މުހިންމު. ޚާއްޞަކޮށް، ހަނިމާދުއަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ވެގެންދާއިރުގައި، ހަނިމާދުއާ މި ހިސާބު، އެހެން ހުރިހާ ރަށަކަށް އަބަދުއަބަދުމެ ދަތުރުފަތުރުކޮށް އުޅެވޭ ގޮތަކަށް ގުޅާލެވިފައި އޮތުން ކޮންމެހެން ބޭނުން. ސަރުކާރުން ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި، ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްވާނީ އިޢްލާނުކޮށްފައި. މިކަމުގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، ވިސްނުމަކީ، މި މަސައްކަތް ކުރާ ބަޔަކަށް، ގެސްޓްހައުސް ހިންގުމުގެ ފުރްޞަތު، މި ޕްރޮވިންސްގެ ރަށްރަށުން އެކުންފުންޏަށް ދެވޭނެ. އެކަމުގެ ބޭނުމުގައި މިމަސައްކަތް ކުރުމަށް ތަފާތު އެކި ބައިނަލްއަޤްވާމީ 20 ކުންފުނިންވަނީ މިހާރު މިއަދާ ހަމައަށް ޝައުޤުވެރިކަން ހާމަކޮށްފައި. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން އެންމެ ރަނގަޅު ބައެއް ހޯދައި، އެބަޔަކާ މަސައްކަތް ޙަވާލުކުރުން. އިރާދަކުރެއްވިއްޔާ، އެމަސައްކަތް އޯގަސްޓް މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަކިބަޔަކާ ޙަވާލުކުރެވޭނެ. އެމަސައްކަތް އެހެން ހިނގީމާ، ކޮންމެ ދުވަހަކުވެސް އިރާދަކުރެއްވިއްޔާ ހަނިމާދޫން ފުރައިގެން ނޮޅިވަރަމަށްވެސް، ނޮޅިވަރަންފަރަށްވެސް، ނޮޅިވަރަމަށްވެސް، ކުޅުދުއްފުށްޓަށްވެސް، ކުމުންދުއަށްވެސް، ނޭކުރެންދުއަށްވެސް، ވައިކަރަދުއަށްވެސް، އަދި އަނެއްކޮޅުން ބާރަށަށްވެސް، ކެލައަށްވެސް، ފިއްލަދޫ ދައްޕަރަށްވެސް އަދި އެހެން ނޫނިއްޔާ، މިއަތޮޅުގެ ހުރިހާ ރަށަކަށްވެސް، އަދި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފަސޭހަކަމާއެކީގައި އެކަށީގެންވާ އަގެއްގައި ދަތުރުފަތުރުކޮށް އުޅެވޭނެ. އަދި މިރަށުގެ އެތެރޭގެ ދަތުރު، އެއްގަމުގެ ދަތުރުވެސް މިދަންނަވާ ނިޒާމުގެ ތެރެއިން ހަމަޖެހިގެންދާނެ.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ޤައުމެއް ތަރައްޤީ ކުރުމަށް ކޮންމެހެން ބޭނުންވާ ކަމަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމު. ވިޔަފާރިއެއް ތަރައްޤީއެއް ނުވާނެ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުނުވެއެއް. އެކަން ވެވޭނީ، އިތުބާރު ހުރި ގޮތުގައި، ގަޑިން ގަޑިއަށް ދަތުރުކުރާ، ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރެވިގެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ހަމަ މިއަހަރުގެ ތެރޭގައި އެ މަސައްކަތްވެސް ފަށައިގަނެ، އެ ނިޒާމުވެސް މިރާއްޖޭގައި ޤާއިމު ކުރެވޭނެ.

އަޅުގަނޑުމެންގެ ވަރަށް މުހިންމު މަޝްރޫޢެއް، އެއީ، ތަޢްލީމީ ނިޒާމު ހަރުދަނާ ކުރުން. އަޅުގަނޑުމެން ބޭނުންވަނީ، މަދަރުސާއިން ނިމޭ ކޮންމެ ދިހަ ކުއްޖެއްގެ ތެރެއިން ހަކުއްޖަކީ، އެންމެ މަދުވެގެން، އެންމެ ދަށްވެގެން "ސީ" ފާހުން ފާސްވެފައި ތިބޭ ކުދިންނަށްވާން. އެކަން އެހެން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެބަޖެހޭ ރަނގަޅު މަދަރުސާތަކެއްވެސް އުފައްދަން. އަދި ރަނގަޅު ޓީޗަރުންތަކެއްވެސް އުފައްދަން. ރަނގަޅު މަދަރުސާތައް އުފެއްދުމަށްޓަކައި، އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާތަކެއް، ވަށާ ޖެހިފައިވާ ތަޢްލީމެއްދޭ މަދަރުސާތަކެއް ރާއްޖޭގައި އުފެއްދުމަކީ، ހިންގަން ފެށުމަކީ މުހިންމު ކަމެއް. މިގޮތަށް މަދަރުސާތައް ބަދަލުކުރުމަށްޓަކައި، ސަރުކާރުންދަނީ ކްލާސްރޫމް އިތުރުކުރަންޖެހޭ މަދަރުސާތަކުގައި ކްލާސްރޫމްތައް އިތުރުކުރުމުގެ މަޝްރޫޢުތައް ހިންގަމުން.

އަޅުގަނޑުމެންނާއެކު މިރޭ ޑޮކްޓަރ ލުޠުފީ އެބަ އިންނެވި. އަޅުގަނޑަށް ވަރަށް ޔަޤީން. ޑޮކްޓަރ ލުޠުފީގެ މޭސްތިރިކަމުގައި، އަޅުގަނޑުމެން މި އުންމީދުކުރާ ނަތީޖާ، އެއީ، ފަސްދޮޅަސް ޕަސެންޓް ކުދިން "ސީ" ފާހަށްވުރެ މަތިން ފާސްވުން. އެ ނަތީޖާ އެއީ ޙަޤީޤަތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ހެދޭނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އެމަގަށް. އަޅުގަނޑުމެންނެއް އެކަމުގައިވެސް މަސައްކަތެއް ލުޔެއް ނުކުރާނަން. އަދި ފަރުވާކުޑައެއްވެސް ނުކުރާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވެސް، އަޅުގަނޑުމެންގެ ހިތްވަރަކަށްވެސް އިރާދަކުރެއްވިއްޔާ ގޮތެއް ނުވާނެ. އަޅުގަނޑުމެން، އެ ލަނޑުދަނޑި ޙާޞިލުކޮށް، ރާއްޖޭގެ ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް، އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންދޭނެ.

އަޅުގަނޑުމެން ހިންގަން ބޭނުންވާ، އަދި ހިންގުމަށް ކަނޑައަޅާފައި މިވާ، އެތައް ކަމެއް ހިންގުމަށްޓަކައި ކޮންމެހެން ބޭނުންވާ އެހެން ކިތަންމެ ކަމެއްވެސް އެބަހުރި. ޚާއްޞަކޮށް، ލާ މަރްކަޒީ އުޞޫލުން ދިވެހި ވެރިކަމުގެ ކަންކަން ހިންގުން. އެމަސައްކަތް ހިންގުމަށްޓަކައި މިހާރު އެކަމާގުޅޭ ވަރަށްގިނަ އިންތިޒާމުތައްވަނީ ރޭވި ނިމިފައި. އަދި ތަންފީޒު ކުރަން ފެށިފައި. އެނގިވަޑައިގަންނަވާނެ، ކުޅުދުއްފުށީގައި މަތި އުތުރު ޕްރޮވިންސްގެ އިދާރާ މިހާރު ބާރަށް ހިނގަމުންދޭ. މީގެކުރީގައި މާލެއިން ދެމުންގެންދާ ކިތަންމެ ޚިދްމަތެއް، މިހާރުދަނީ އެ އޮފީހުން ދެމުން. ކުންފުނިތަކުގެ ރަޖިސްޓްރީ ހެއްދުމާއި، ތަކެއްޗަށް ފީ ދެއްކުމާއި، އަދި އިރާދަކުރެއްވިއްޔާ ޕާސްޕޯޓް ހެއްދުމާއި، އައި.ޑީ. ކާޑު ހެއްދުންވެސް ދާދި އަވަހަށް އެތަނުން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިބޭނުންވަނީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ކަންކަން ހިންގުން. އެކަން ހިންގުމަށްޓަކައިވެސް އަދި އޭގެއިތުރުން، މިބޭނުންވާ އެހެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްވެސް.

ހަމަ އޭގެއިތުރުން، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްވެސް، މިހާރުން މިހާރަށް އެބަ ބޭނުންވޭ 64 ޤާނޫނެއް. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ނޫނިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލުތަކެއް، އަޅުގަނޑުމެން މިބޭނުންވާ ކަންކަމެއް ފުރިހަމަވެގެނެއް ނުދާނެ. އެހެންވީމާ، އެ ޤާނޫނުތައް ހެދުމުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަންޖެހޭ. އަޅުގަނޑަށް މިއަދު ވަރަށް ދަތި ގަބޫލުކުރަން، މިދިޔަ ދިގު 30 އަހަރު، އެ ޤާނޫނުތައް ހެދުމަށް ހުރަސް އެޅި ބޭފުޅުން، މިއަދު ކުއްލިއަކަށް އަޅުގަނޑުމެންނާ އެކީގައި، ރައްޔިތުންގެ މަޖިލީހުގައި، އިޞްލާޙީ ޤާނޫނު ހެދުމުގައި، އަވަދިނެތި އުޅެން ފަށައިދާނެ ކަމަށް. އެއްގޮތަކަށްވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.

ދާދި މިދާކަށް ދުވަހަކު، އަޅުގަނޑުމެން ލާމަރްކަޒީ އުޞޫލުން ހިންގުމާ ގުޅޭގޮތުން ބޭނުންވާ ޤާނޫނު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިން. ހުށަހެޅީމާ، އެ ޤާނޫނު ބަލައިގަތުމަށް، އެ ބިލް ބަލައިގަތުމަށް ނެގުނު ވޯޓުގައި، އެއީ މަޖިލީހަށް، ބަޙުޘަށް ބިލް ބަލައިގަތުމަށް ނެގުނު ވޯޓުގައި، ޑީ.އާރު.ޕީ.ގެ އަދި ޕީ.އޭ.ގެ އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ. ހަމައެކަނި އަޅުގަނޑުމެން އެމް.ޑީ.ޕީ އިއްތިހާދުގެ މެންބަރުންކޮޅު ވޯޓު ދެއްވީ. އަޅުގަނޑުމެންނަށް އެ ބިލް އެތެރެކުރެވުނީ، އެންމެ ވޯޓެއްގެ ފަރަޤުން. އަޅުގަނޑެއް ހަމަ ކުޑަކޮށްވެސް ނުދެކޭނަން، އަޅުގަނޑުމެންނާ އެކުގައި އިޞްލާޙީ ޤާނޫނުތަކެއް ހަދަން، މިއޮއްހާ ދުވަހު އެކަންކަމަށް ހުރަސް އަޅަން އުޅުއްވި ބޭފުޅުން ދެން އުޅެދާނެ ކަމަކަށް. ޙަޤީޤަތުގައި މާޒީ ފޮރުވަން އުޅޭ އެއްވެސް ބަޔަކަށް، މުސްތަޤްބަލަކަށް މިޞްރާބެއް ނުޖެހޭނެ. މުސްތަޤްބަލާ ދިމާއަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިމަތި. އަޅުގަނޑުމެންގެ ބޭނުމަކީ، ކުރިއަށް ދިއުން. އަޅުގަނޑުމެންނެއް ނެތް މާޒީއަށް ބަލާކަށް. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންގެ ޖީބަށް މިއަދު ވަންނަ ޢަދަދަށްވުރެ އިތުރު އެއްޗެއް، މާދަމާ ވަދޭތޯ ބެލުން. އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ބިނާވެފައި އޮންނާނީ، އެކަން އެގޮތަށްވުމަށް. އެކަން އެގޮތަށް ކުރުމަށް.

އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނެގިފައިވާ އެއް ޙަޤީޤަތަކީ، މި ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއަކީވެސް، ހަމަ ތިޔަބޭފުޅުންގެ ފައިސާއޭ. ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެފައިސާ ބެލެހެއްޓުން މިވަނީ އަމާނާތެއްގެ ގޮތުގައި ޙަވާލުކޮށްފައި. އަޅުގަނޑުމެންނަކަށެއް ނެތް، އެފައިސާއަށް ޚިޔާނާތްތެރިވެވޭކަށެއް. އަޅުގަނޑުމެންނަށް އޮތީ ހަމައެކަނި ހަމަހަމަ ގޮތުގައި ރައްޔިތުންގެ ތަރައްޤީއަށްޓަކައި އަދި އަންނާން އޮތް ޖީލުތަކަށްޓަކައި، އެފައިސާ ހަރުދަނާ ގޮތުގައި ޚަރަދު ކުރަމުން ގެންދިޔުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ، ޒައްރެއްގެ މިންވަރުގެ ކަމެއްވެސް ހިނގައިފިނަމަ، އެކަމެއް ތަޙުޤީޤުވެސް ކުރެވޭނެ. އެކަމެއް ޝަރީޢަތްވެސް ކުރެވޭނެ. އަދި ޙައްޤު އަދަބު، އެބަޔަކަށް ދެވޭނެ. އެއްވެސް ޙާލެއްގައި މި ސަރުކާރަކުން އިރާދަކުރެއްވިއްޔާ، ކޮރަޕްޝަނަށް ކުޑަމަގެއްވެސް ފަހިވެފައެއް ނޯންނާނެ.

އަޅުގަނޑުމެން މި މަސައްކަތުގައި ކުރިއަށްދާއިރުގައި، އަޅުގަނޑުމެން އަބަދުވެސް ހަމަގައިމުވެސް އަޅުގަނޑު އަބަދުވެސް ހަނދާންކޮށް ހުންނަ ކިތަންމެ ޙަޤީޤަތްތަކެއް ހުރޭ. މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުން މިދަނީ، އިޞްލާޙު ކުރެވިފައި އޮތް ޤާނޫނުއަސާސީއަށް. މިއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތަޢާރުފު ކުރާ ޤާނޫނުއަސާސީ. މި ޤާނޫނުއަސާސީގެ ފުރަތަމަ ފަހަރަށް ބޭއްވުނު ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަކީ އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް، ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑުގެ ވާޖިބެއް އެއީ، މި ނިޒާމު ކުރިއެރުވުން. އަޅުގަނޑުގެ ވާޖިބެއް އެއީ، ސިޔާސީ ޕާޓީ ބިނާކުރުމަށް މަސައްކަތް ކުރުން. މި މަސައްކަތުގައި އަޅުގަނޑަށް، އަޅުގަނޑުގެ ޕާޓީ ބިނާކުރަން މަސައްކަތް ކުރުން ކޮންމެހެން މުހިންމު. އަޅުގަނޑަކީ، އެމް.ޑީ.ޕީ.ގެ މެންބަރެއް. އެމް.ޑީ.ޕީ އެއީ ނަމޫނާ ސިޔާސީ ޕާޓީއަކަށް ހަދަން އެބަޖެހޭ. އަދި އަޅުގަނޑު އުންމީދު ކުރަން. އެހެން ސިޔާސީ ޕާޓީތައްވެސް އުފެދިގެން ވަރުގަދަވެގެން އަންނާނެ ކަމަށް.
މިވަގުތު އަޅުގަނޑުމެންނަށް މިފެންނަނީ، ޑީ.އާރު.ޕީ ވަރަށް ބޮޑަށް ރޫޅިފައި ވަނިކޮށް. އެހެންނަމަވެސް، މި އިލެކްޝަން، މި އިންތިޚާބު ނިމި، ނިމޭއިރުގައި ފަހަރުގައި އެބޭފުޅުންނަށްވެސް ހައެއްކަ ގޮނޑި ލިބިދާނެ. އެހެންނަމަވެސް، މި އިލެކްޝަން، މި އިންތިޚާބު ނިމި، އެބޭފުޅުންގެ ޕާޓީ ރަނގަޅަށް ބިނާކުރުން އެއީ، މި ޑިމޮކްރަސީއަށް ނުވަތަ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު ތަކުރާރުކޮށް އަޅުގަނޑަށް ލާޒިމް މިވާހަކަ ދައްކަން. އަޅުގަނޑު ތަކުރާރުކޮށް، ޑީ.އާރު.ޕީ.ގެ ޒަޢީމުގެ ކިބައިން އެދެން، މަނިކުފާނު، އެ ޕާޓީގެ ޒަޢާމަތުން ވަކިވެވަޑައިގަތުމަށް. އެ ޕާޓީގެ ޒުވާނުންނަށް، އެޕާޓީއާއިގެން ނުނުކުމެވި، ދިވެހިރާއްޖޭގައި ރަނގަޅު ވާދަވެރި ސިޔާސީ ޕާޓީއެއް ނުއުފެދި މިދަނީ ހަމަ މިސަބަބަށްޓަކައި. މިފަހަރުވެސް އަޅުގަނޑުމެންނަށް މިފެންނަނީ، ޑީ.އާރު.ޕީ ވަރަށްބޮޑުތަނުން ބަލިވެގެންދާނެ ތަން. މިކަން މިހެން މިވަނީ، ޒަމާނުއްސުރެން ފަށައިގެން، މި ނަގައިގަތް ވެރިކަމުގައި ތިއްބެވި ބޭފުޅުން، އެ ޕާޓީ، އެބޭފުޅުންގެ މުއްދަތުގައި، އެބޭފުޅުންގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް ހައްދަވާކަމުން. އެ ޕާޓީގެ މެންބަރުންނަށް، އެޕާޓީއާއިގެން ޙަރަކާތްތެރިނުވެވޭކަމުން. އަޅުގަނޑު އުންމީދު ކުރަނީ، މިފަހަރު މި އިންތިޚާބު ނިމުނީމާ، ކިތަންމެ ކުޑަ ކާމިޔާބެއް އެޕާޓީއަށް ލިބުނު ނަމަވެސް، އެ ޕާޓީވެސް އަލުން އަނބުރާ އަދި ރާއްޖޭގައި ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުކުންނާނެ ކަމަށް.

އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީ ބިނާކުރުމުގެ މަސައްކަތް، މިދިޔަ ހަތަރު އަހަރު ދުވަހު ވަރަށް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވިއްޖެ. އެހެންވީމާ، އެމް.ޑީ.ޕީ.އަށް އޭގެ ފޮނި ކާމިޔާބު، މިއަންނަ ހޮނިހިރު ދުވަހުވެސް ފެންނާނެ. ހަމަ ޔަޤީން. އަޅުގަނޑަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. ފުރިހަމަ އަޣްލަބިއްޔަތެއް އެމް.ޑީ.ޕީ ހޯދާނެ. ދެން އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި، އެމް.ޑީ.ޕީ.ގެ ކަމަރު ސާދާ އަޣްލަބިއްޔަތެއް، އެ މަޖިލީހުގައި އޮންނާނެކަން އަޅުގަނޑަށް މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށަށް، އަޅުގަނޑު ކުރި ދަތުރުތަކުން ވަރަށް ބޮޑަށް ސާފުވެއްޖެ. ހަމަ އެހެންމެ، އަޅުގަނޑަށް އެހާ ބޮޑަށް ސާފުވެގެންދިޔައީ، މިދަންނަވާހެން ޑީ.އާރު.ޕީ.ގެ ސަޕޯޓް، ޑީ.އާރު.ޕީ.އަށް ރަނގަޅަށް އުފެދިގަނެ، ރަނގަޅަށް ހިންގައިނުގަނެވޭކަން. އެއީ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް ފައިދާހުރި ކަމެއް ނޫން. އެހެންނަމަވެސް، ޑިމޮކްރަސީއެއް ބިނާކުރަމުންދާއިރުގައި، މިބާވަތުގެ ހިތާމަވެރި ކަންކަންވެސް ދިމާވާނެ.

އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން. މިރާއްޖެއަށް ތަރައްޤީއަށްޓަކައި ބޭނުންވާ އެންމެ މުހިންމު އަނެއް ވަސީލަތަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އަޅުގަނޑުގެ މައްސަލައެއް ނެތް. ތިޔަބޭފުޅުން، އަޅުގަނޑާ ނިސްބަތްކޮށް އެއްޗެތިކިޔާ، ފާޑުކިޔައި، މަލާމާތްކޮށް، ބައެއްފަހަރަށް ހަޖޫޖަހާ އަދި ކޮންމެފަދަ ގޮތަކަށް ވާހަކަ ދެއްކެވިޔަސް. އަޅުގަނޑުމެންނަށް، އެކަންކަން ހަޖަމު ކުރެވޭނެ. އަޅުގަނޑުމެން މި މަސައްކަތާ ޙަވާލުވެ މިތިބީ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެތީވެ. އަޅުގަނޑަށްވެސް އަޑުއިވޭ. ބައެއް ބޭފުޅުން، އެހެން ދާއިރުގައި ބުނެލާނެ. ކޮބާ، ތިޔަދަނީ ފްލެޓް އަޅާލަންދޯ! ދެން އެހެން ބުނުއްވާ ބޭފުޅެއްގެ ހިތްހަމަޖެހޭނެ. އަޅުގަނޑު އެބޭފުޅުން ފަހާ ދުވުން، އެއީކީއެއް އަޅުގަނޑު ނުދެކެން ބުއްދިވެރި ކަމެއް ކަމަކަށް. އަޅުގަނޑުމެންނަށްވެސް އިނގޭތޯ، ހަމަކުރީގައި އެހިންގި ހުރިހާ ކަމެއް ހިންގޭނެ. އަޅުގަނޑަށްވެސް އަޅުގަނޑުގެ ދެޅިޔަނަކާއި އެއްބަފާ ދެބޭބެއިން އަތަށް ރުފިޔާކޮޅެއްދީ، މި ހަނިމާދޫގައި ކުޑަކޮށް ބަހާލައި، ރައްޔިތުންނަށް ދަޅަ ދައްކާލަން ބުނެލެވިދާނެ. އަޅުގަނޑަށްވެސް މިތަނަށް އައިސް ދެތިން ތަނެއްގެ ބިންގާ އަޅާލައި ހަދާލެވިދާނެ. އަޅުގަނޑަށްވެސް ރައްޔިތުންނަށް ބިރުދައްކާވެސް ހެދިދާނެ. ހައްޔަރުކޮށްވެސް ހެދިދާނެ. އެހެންނަމަވެސް، މިކަންކަން އެގޮތަށް ކޮށްގެން އަޅުގަނޑުމެން މިއެދޭ، ގިނަ ޕާޓީ އެކުލެވޭ، ސިޔާސީ ނިޒާމެއް، އަޅުގަނޑުމެން މިއެދޭ ޑިމޮކްރަސީއެއް އަޅުގަނޑުމެންނަކަށް ޤާއިމެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ތިޔަބޭފުޅުންގެ ފާޑުކިޔުން އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެ. އެކަން އެހެން ކުރެވެނީ، އަޅުގަނޑުމެން މިތިބީ ވަރަށްބޮޑު ޔަޤީންކަމެއްގައި އިނގޭތޯ. މި ވެރިކަން މިއީ ޤާނޫނީގޮތުން އުފެދިފައި އޮތް ވެރިކަމެއް. މި ވެރިކަމަށް ލޮޅުންއެރުވޭނޭ ހަމަ އެއްގޮތެއްވެސް އިރާދަކުރެއްވިއްޔާ ދެނެއް ނޯންނާނެ، މި ފަސް އަހަރު ދުވަހުގެ ތެރޭގައި. އަޅުގަނޑުމެން ތިބޭނީ، މި ވެރިކަމުގައި. މި ފަސް އަހަރުގެ މުއްދަތު އަޅުގަނޑުމެން އޮމާންކަމާއެކީގައި ގެންގޮސް ނިންމާނަން. އެއީ، ރާއްޖޭގެ ޑިމޮކްރަސީއަށް ވަރަށް ބޭނުންތެރިކަމެއް. މި ފަސް އަހަރު މި ރައްޔިތުންގެ މަޖިލީހުގައި، އަޅުގަނޑުމެންނަށް ފުރިހަމަ އަޣްލަބިއްޔަތެއް އޮތުންވެސް އަދި މިވެރިކަމުގެ އާރާއި ބާރު، އޭގެ ގޮތުގައި ހުރުންވެސް.
ވެރިކަމެއްގެ ބާރު ފެންނަނީ، އަނިޔާވެރިވީމަކާއެއް ނޫން. ރައްޔިތުން ހައްޔަރު ކުރީމަކާއެއް ނޫން. ވެރިކަމެއްގެ ޙަޤީޤީ ބާރު ފެންނަނީ، ރައްޔިތުން، އެ ވެރިކަމަކާ ރުހުނީމާ. ރައްޔިތުންގެ ވޯޓް، ރައްޔިތުންގެ އެއްބާރުލުން، ރައްޔިތުންގެ ރުހުން، އެ ވެރިކަމަކަށް ލިބުނީމާ. އެއީ، ވެރިކަމެއްގެ ޙަޤީޤީ ބާރަކީ. އަޅުގަނޑުމެން ބޭނުމީ އެ ބާރު. އަޅުގަނޑުމެން މި ވެރިކަމާ ޙަވާލުވެ މިތިބީވެސް ބަޔަކަށް ބިރު ދައްކައިގެނެއް، ބަޔަކަށް ފައިސާދީގެނެއް، ނާޖާއިޒު ގޮތުގައި އެއްވެސް ކަމެއް ކޮށްގެނެއް ނޫން. ރާއްޖޭގެ ރައްޔިތުން ހިތުން ރުހުމުން، އަޅުގަނޑުމެންނަށް ވޯޓް ދިނީތީވެ، އެކަން އަޅުގަނޑުމެން ގަބޫލުކޮށް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެ، އެރައްޔިތުންނަށްޓަކައި، އެ ވެރިކަން ކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ.

އަޅުގަނޑަށް ހަމަ ޔަޤީން. ތިޔަބޭފުޅުންވެސް މި އެންމެހާ ކަންކަމާ ވިސްނަވާނެކަން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދޭފަދަ ދިވެހިރާއްޖެއެއް ހޯދޭނެ. މިކަންކަން ކުރުމަށް އަޅުގަނޑު، ހަނިމާދޫ ރައްޔިތުންގެ ކިބައިން ބޭނުންވަނީ، ހަމަ އެންމެ ކަމެއް. އަޅުގަނޑުމެންނާއެކީގައި ތިޔަބޭފުޅުންވެސް އުންމީދު ކުރައްވާށޭ. އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ ދަތިކަން. އަޅުގަނޑަށްވެސް އެނގޭ ގޭތެރެވެސް އުނދަގޫކަން. އަތްމަތިވެސް ދަތިކަން. ފައިސާކޮޅުވެސް މަދުކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިއެދެނީ، އަޅުގަނޑު މިއެދެނީ، އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑުމެންނާއެކީގައި އުންމީދު ކުރައްވާށޭ. އިރާދަކުރެއްވިއްޔާ، މި އުންމީދުތައް، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޙަޤީޤަތަކަށް ހަދައިދޭނަމޭ.

އަޅުގަނޑުމެންގެ ކިބައިގައި، އެކަން ކުރުމުގެ ވިސްނުންވެސް، ޙިކްމަތްވެސް، ހިތްވަރުވެސް އެބަހުރި. އަޅުގަނޑުމެން މިދަނީ، އެ މަސައްކަތްތައް ކުރަމުން. އަޅުގަނޑުމެން، މި ހަނިމާދޫ، އިރާދަކުރެއްވިއްޔާ ބަދަލުކޮށްލަދޭނަން. މިތަނުގައި ވަޒީފާގެ ފުރްޞަތުތައް އިތުރުކޮށްދޭނަން. މިތަނުގައި ގެދޮރު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅައިދޭނަން. މިތަނުގެ ފެނާއި ނަރުދަމާގެ ކަންތައް ހަމަޖައްސައިދޭނަން. އިތުބާރު ހުރި ގޮތުގައި ކަރަންޓްގެ ޚިދްމަތްދޭނެ. މިތަނުގެ މަގުތައް ހެދޭނެ. މިތަނުގެ އެއްގަމުގެ ދަތުރުފަތުރާއި، ކަނޑުގެދަތުރުފަތުރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. މިތަނުގެ މަދަރުސާތައް، އެއީ ރަނގަޅު މަދަރުސާތަކަކަށް އަޅުގަނޑުމެން ހަދައިދޭނަން. މިތަނުގެ ޞިއްޙީ ޚިދްމަތް އެއީ، ފެންވަރު ހުރި ޞިއްޙީ ޚިދްމަތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން.

އަޅުގަނޑުމެންގެ ހަމައެކަނި އެދުމަކީ، ތިޔަބޭފުޅުންގެ އުންމީދު ނަގާނުލައްވާށޭ! އަޅުގަނޑަށް ހަމަ ވަރަށް ޔަޤީން. ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި ތިއްބެވިކަން. އަޅުގަނޑު ވަރަށް އުފާވޭ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަދެއްވާ ތަރުޙީބަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް، ހަނިމާދޫ އެންމެ ރައްޔިތުންނަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ ހަނިމާދުއަށް މިއަދަށްވުރެ އަދިވެސް އުފާވެރި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والسـّلام عليـكم. واَلحَمْـدُ لِلّـهِ.